بســم اللّـه الرّحمـن الرّحيــم


މަކުނުދޫގެ އެކުވެރި ލޮބުވެތި ރައްޔިތުން:


السّـلام عليـكم

މީގެ ދުވަސްކޮޅެއް ކުރީގައި އަޅުގަނޑުމެން މިރަށަށް އައިން. ތިޔަބޭފުޅުންނާ އެފަހަރު ބައްދަލުވެ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހުށަހެޅީމު، އެމް.ޑީ.ޕީ.ގެ ސަރުކާރެއް ހިނގަމުންދާއިރުގައި، އެސަރުކާރުގެ ސިޔާސަތުތައް އޮންނާނެގޮތުގެ ތަޞައްވުރެއް. ކުރެހުމެއް. އަޅުގަނޑުމެންގެ މަންޒަރެއް. އަޅުގަނޑުމެންގެ މެނިފެސްޓޯ. އަޅުގަނޑުމެން ރައްޔިތުންނަށް ވަކި ޚާއްޞަ ފަސްކަމަކަށް ވަޢުދުވިން. ވަޢުދުވަން. އަޅުގަނޑުމެން ދެންނެވިން. ޤައުމެއް ތަރައްޤީވެދާނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި ވަކިގޮތަކަށް ކުރެވިގެންނޭ. އަޅުގަނޑުމެން، ރައްޔިތުންނަށް ވަޢުދުވިން, ދަތުރުފަތުރުކުރުމުގެ ނިޒާމަކުން މި ސަރުކާރުގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރަށްތައް ގުޅާލަދޭނެއޭ. އަތްފޯރާފަށުގައި ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދޭނަމޭ. ބޭސްފަރުވާގެ ކަންތައް ރިވެތި ގޮތުގައި ކުރެވޭނެ ގޮތަކަށް ކަންކަން ހަމަޖެހިގެންދާނެއޭ. ބޯހިޔާވަހިކަން ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކީގައި ލިބޭނެ ގޮތެއް އަޅުގަނޑުމެން ހަދައިދޭނެއޭ. އަދި ޑްރަގަށް ހުޅުވިފައި ހުރި ދޮރުތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބަންދުކޮށްދޭނަމޭ. ތަކެތީގެ އަގު، ޚިދްމަތުގެ އަގު އަތްފޯރާފަށުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަހައްޓައިދޭނަމޭ. އޭގެފަހުން، އަޅުގަނޑަށްވެސް އެނގޭ މިހާރު ދުވަސްތަކެއްވެއްޖެ. ބައެއް ބޭފުޅުން ވިދާޅުވެދާނެ، ހަމަ ވީ އެއްކަމެއްވެސް ނެތޭ. ހެލްތް ސެންޓަރަކަށްވެސް ކަމެއްނުވެއޭ. މިރަށުން ފުރައިގެން ގޮސް އެހެން ރަށަކަށް ފަސޭހައިން ދެވެނީކީވެސް ނޫނޭ. މަދަރުސާއަށްވެސް އައި ބަދަލެއް ނެތޭ. ބޯހިޔާވަހިކަމަށް ވަކި އިތުރު ގޮތެއްވީއަކީއެއް ނޫނޭ. ޑްރަގް ވިއްކާވަރުން ވިއްކަނީއޭ. މާރާމާރީއަށް ބަދަލެއްނައޭ.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް އަޅުގަނޑުމެންނަށް ދެންނެވެން އެބައޮތް. އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި، ސީދާ މަކުނުދުއަށް އޮތީ ކޮންގޮތެއްހޭ؟ ތިމަންނާއަށްވާނީ ކިހިނެއްހޭ؟ ތިމަންނާގެ ޢާއިލާއަށްވާނީ ކިހިނެއްހޭ؟ ތިމަންނާގެ ރަށަށްވާނީ ކިހިނެއްހޭ؟ އަޅުގަނޑު އޭގެ ތަފްޞީލަށް ދިޔުމުގެ ކުރީގައި ހަމަ ދަންނަވާލަން ބޭނުން. އަޅުގަނޑުމެންނަށްވެސް އިންތިޚާބާ ގާތްވީމާ، މިތަނުގައި ދެތިން ބިންގާއެއް އަޅާލެވިދާނެ. ރައްޔިތުންނަށް ދަޅައެއް ދައްކައި، ރައްޔިތުންގެ ލޮލުގައި އަނދުނެއް އެޅުވިދާނެ. އަދި އަޅުގަނޑުގެ އެއްބަފާ ދެބޭބެއަކާއި ޅިޔަނަކާއި ގާތްތިމާގެ މީހެއްގެ ކައިރީގައި ބުނެ، މިތަނުގެ ރައްޔިތުންނަށް ފައިސާ ބަހައި، މިބާވަތުގެ ކަންތައްވެސް ކުރެވިދާނެ. އަދި ހަމަ ރައްޔިތުންނަށް ބިރުދައްކައި، މިބާވަތުގެ ކަންކަންވެސް ކުރެވިދާނެ. އެހެންނަމަވެސް، މިއިން އެއްވެސް ކަމަކުން އަޅުގަނޑުމެން މިއެދޭ ޙަޤީޤީ ތަރައްޤީ، ދެމެހެއްޓެނިވި ގޮތުގައި މިރާއްޖެއަކަށެއް ނުލިބޭނެ. އަޅުގަނޑުމެންނަށް މިއަދާ ހަމައަށްވެސް ކަންކަންވޭވޭ އަބަދު ހުންނަ ގޮތަކަށް، ކަމެއް އިންތިޒާމުކޮށް ނުރޭވި މިދަނީ، ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގެ ވެރިން ރައްޔިތުންނަށް އޮޅުވާލުމާއި، ދޮގުހެދުމާ މިބާވަތުގެ ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން އަންނާތީ. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، ދެމިހުރި ނިންމާނެ ގޮތުގައި ކަންކަން ކުރެވޭނޭ ފުރިހަމަ ގޮތެއް ހޯދުން. އަޅުގަނޑުމެން ހުށަހަޅާ ހުށަހެޅުމަކީ، އޭގެ ދެކޮޅު، އޭގެ ހުރިހާ ކޮޅެއް އަޅުގަނޑުމެން ރަނގަޅަށް ބަލައި، ކިރައި، މިނައި، ވިސްނާފައި އަޅުގަނޑުމެން ހުށަހަޅާ ހުށަހެޅުން.

މީގެ ދުވަސްކޮޅެއް ކުރީގައި އަޅުގަނޑު ދެންނެވިން. 11 ނޮވެމްބަރ 2008 ވާ އަންގާރަ ދުވަހު އިރާދަކުރެއްވިއްޔާ ދެން މި ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރާނީ އަޅުގަނޑޭ. އަޅުގަނޑު އެދުވަހު ދެއްކީ، އެދިޔަ ހަތަރު އަހަރު ދުވަހު ކަންހިނގާދިޔަގޮތަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާފައި، ދެން ޢާންމު އިންތިޚާބެއް އައީމާ، މިނިވަންކަމާއެކީގައި އެ އިންތިޚާބުގައި ބައިވެރިވެވޭނަމަ، އަޅުގަނޑުމެންނަށް މިކާމިޔާބު ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް އޮތީމަ. ދެންވެސް އަޅުގަނޑުމެން ދަންނަވާ ވާހަކައެއް ދަންނަވާނީ ހަމަވިސްނާފައި. އެދުވަހު އަޅުގަނޑުމެން އެވާހަކަ ބުނީމާ، ބައެއް ބޭފުޅުން ވަރަށް އަޑުހަރުކޮށް، އަނެއް ބައި ބޭފުޅުން ނަޞޭޙަތުގެ ރާގުގައިވެސް، އަނެއްބައި ބޭފުޅުން ނުރުހުމުގައިވެސް އަޅުގަނޑުމެން ގާތުގައި ބުނި ތިޔަކަމެއް ނުވާނެއޭ. ތިއީކީ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫނޭ. އެއޮއް ބޮޑު ވެރިކަމޭ. އެހުރިހާ ފައިސާއޭ. އެހަރަ އާރާއި ބާރޭ. މިއަދު އެބޭފުޅުން އަޅުގަނޑާ ދިމާވީމާ، އެބޭފުޅުން ތިބެނީ ކުޑަކޮށް ލަދުން. އަޅުގަނޑު ދަންނަވަން މިއުޅެނީ، އަޅުގަނޑުމެންނަށް ނަރުދަމައެއް ނޭޅޭނެއޭ، ފްލެޓެއް ނޭޅޭނެއޭ ވިދާޅުނުވައްޗޭ. މާދަމާ އޭރުން އަޅުގަނޑާ ދިމާވީމާ ތިޔަބޭފުޅުން ތިއްބަވާނީ ލަދުންނޭ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިބުނާ ކަންކަން ކުރެވޭނެ. އަޅުގަނޑުމެންގެ ކިބައިގައި އެ ހިތްވަރު އެބަހުރި. އެ ވިސްނުން އެބަހުރި. އެ ޙިކްމަތް އެބަހުރި. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދޭނެ. މި ސަރުކާރު ދެމި މިއޮންނަނީ އެންމެ ބޭނުމަކަށްޓަކައި. އެއީ އަޅުގަނޑުމެން، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް. ރައްޔިތުންނަށް ޚިދްމަތް ކުރުމަށް. އެނޫން އެހެން އެއްވެސް ބޭނުމެއް މި ސަރުކާރު ދެމިއޮތުމުގައެއް ނެތް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ހަމަގައިމުވެސް އަޅުގަނޑު އެންމެ ދުވަހެއްވެސް ދުލެއް ނުކޮށްލާނަން، ދިހަ ބާރަ ގަޑިއިރު މިކަމުގައި މަސައްކަތް ނުކޮށެއް. އަޅުގަނޑު މިއަދު މިހުރީ އިއްޔެއަށްވުރެ އަދި މާބޮޑު އުންމީދެއްގައި. އަޅުގަނޑުމެންނަށް ޔަޤީން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިހުށަހަޅާ ކަންކަން އަޅުގަނޑުމެންނަށް ކޮށްދެވޭނެ.

އަޅުގަނޑުމެން ސީދާ މިރަށަށް ވިސްނާއިރު، މި ސަރުކާރު ދެކޭގޮތުގައި، އެ ޤައުމެއް ތަރައްޤީކޮށް ބިނާކުރުމަށް ކޮންމެހެން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، އެޤައުމެއްގެ މައިބަދައިގެ ގޮތުގައި ބަލަންޖެހޭ ކަމެއް އެބައޮވޭ. އެއީ ނަރުދަމާ އާއި ފެނުގެ ހޮޅިތަކާއި ކަރަންޓް ނަރު. ކަރަންޓާއި އަދި އަސާސީ ޚިދްމަތްތައް، ފެނާއި ނަރުދަމާއާ އިތުބާރު ހުރި ގޮތުގައި ރައްޔިތުންނަށް ނުލިބޭހާ ހިނދަކު މިރާއްޖެ ތަރައްޤީއެއް ނުވާނެ. ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު އެއް ވަސީލަތަކީ ކަރަންޓް. ހެޔޮގޮތުގައި ހެޔޮއަގުގައި އެ ކަރަންޓް ލިބުން. މިކަން ކުރުމަށްޓަކައި މި ސަރުކާރުން އެކުލަވާލާފާނެ 7 ކުންފުނި. އެއީ، ޔުޓިލިޓީ ކުންފުނި. މި މަތި އުތުރު ޕްރޮވިންސަށް ކުންފުންޏެއް އެކުލަވާލާފާނެ. ތިޔަބޭފުޅުން ފަހަރުގައި ޓީ.ވީ.އިން، ރޭޑިއޯއިން، ޚަބަރުން އަޑުއައްސަވާފައި އޮވެދާނެ ދާދި މިދާކަށްދުވަހު، ސްޓެލްކޯގެ އިންޖީނުތައް، މާލޭ ބޮޑު އިންޖީނުގޭ ހިންގަމުން އައި، ރަށްރަށުގައި ހިންގަމުން އައި ބައެއް އިންޖީނުގެތައް މިދެންނެވި ކުންފުންޏަށް ބަދަލުކުރުމަށް. ސަރުކާރުން ދެން މަސައްކަތް ކުރާނީ، މި ސަރަޙައްދުގައި، މި ޕްރޮވިންސްގައި ހިމެނޭ އެހެން ރަށްރަށުގެވެސް އިންޖީނުގެތައް ސަރުކާރުގެ މިދަންނަވާ ކުންފުންޏަށް ބަދަލުކުރުމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ތިޔަބޭފުޅުންގެ ކަރަންޓްގެ ޚިދްމަތް އިތުބާރާ އެކީގައި ދާދި އަވަހަށް ދެވެން ފަށާނެ. ސަރުކާރުން ތިޔަބޭފުޅުންނާ ވާހަކަ ދައްކައިގެން، ތިޔަބޭފުޅުންގެ ރުހުމާ އެކީގައި މިރަށުގެ އިންޖީނުގެއާވެސް އިރާދަކުރެއްވިއްޔާ ޙަވާލުވާނެ. ތިޔަބޭފުޅުންނަށް އިތުބާރުހުރި ގޮތުގައި، ހެޔޮ އަގުގައި ކަރަންޓްގެ ޚިދްމަތް އަޅުގަނޑުމެން ފޯރުކޮށްދޭނަން.

އަޅުގަނޑުމެން ނަރުދަމާއާއި ފެނުގެ ޚިދްމަތްވެސް ފޯރުކޮށްދޭން ބޭނުންވަނީ އަދި ގަސްދުކޮށްފައި އޮތީ، މިދެންނެވި ކުންފުނި މެދުވެރިކޮށް. މިއަތޮޅުގައި، މި ޕްރޮވިންސްގައި ހިމެނޭ، މީހުން ދިރިއުޅޭ ރަށްރަށުގެ އިންޖީނުގެތައް އެ ކުންފުންޏަށް ބަދަލުކުރުމަށްފަހުގައި. އަދި ހަމައެއާއެކުގައި، ސަރުކާރުން މިދަނީ މިސަރަޙައްދުގައި ހިމެނޭ ރިޒޯޓުތަކާ ވާހަކަ ދައްކަމުން. ސަރުކާރުން ބޭނުންވަނީ ރިޒޯޓުތަކުގެވެސް ފެނާއި ނަރުދަމާ އާއި ކަރަންޓްގެ ޚިދްމަތް، އެކުންފުނި މެދުވެރިކޮށް އެކުންފުނިން ދޭން. އޭގެ ބޭނުމަކީ މިމަސައްކަތްކުރާ އެއް ބޮޑު ކުންފުނި އުފެއްދުން. އެ ކުންފުނި އުފެއްދުމަށްފަހުގައި، އެކުންފުނީގެ ޙިއްޞާ ނުވަތަ އެކުންފުންޏާ ބައިވެރިވެގެން މިމަސައްކަތް ފުޅާކޮށް، ކުރިއަށް ގެންދާނެ ބޭރުގެ ތަޖުރިބާކާރު ކަމާބެހޭ ކުންފުންޏެއް ޙިއްޞާވުމަށް ހޯދުން. މިގޮތުން އެކަމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ސަރުކާރުން ކުރި އިޢްލާނަށް އަޅުގަނޑު ހަނދާންވާ ގޮތުގައި، 14 ފަރާތަކުން ޝައުޤުވެރިކަން ހާމަކޮށްފައިވޭ. މިހާރު ސަރުކާރަށް އޮތީ އޭގެތެރެއިން އެކަމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޯދައި، އެފަރާތަކާ މަސައްކަތް ޙަވާލުކުރުމުގެ މައްސަލަ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއެދެނީ އޯގަސްޓް މަހުގެ ތެރޭގައި އެމަސައްކަތް އެފަރާތާ ޙަވާލުކުރުމަށް. އޭރުން އަޅުގަނޑުމެން މިއުންމީދު ކުރަނީ، މިރަށުގެ ފެނާއި ނަރުދަމާއާ، މިއަހަރުގެ ތެރޭގައި އެމަސައްކަތް އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިރަށަށް އެކަން ކޮށްދޭނަން.

ސަރުކާރުން ދެކޭގޮތުގައި ރާއްޖޭގައި ދިމާވެފައިވާ އަނެއް ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން. ހަމައެކަނި ބިން މަދު، ބިން ކުޑަ ރަށްރަށުގައެއް ނޫން. ބިން ކުޑަ ރަށްރަށުގައި އެއްގޮތަކަށްވެސް ބިމެއް ނެތީ. ބޯހިޔާވަހިކަމެއް ލިބުން ދަތީ. މަކުނުދޫ ފަދަ ބޮޑެތި ރަށްރަށުގައި ދިމާވަނީ އެހެން މައްސަލައެއް. އަޅުގަނޑު ފާހަގަކޮށް އުޅެނީ، ކަންނެލި އޮޑިއެއްގައި، ފާނަ ދޯންޏެއްގައި ނުވަތަ ރިޒޯޓެއްގައި ދެތިން އަހަރު މަސައްކަތްކޮށް، އަލަތު ކައިވެންޏާއެކީގައި ގެވަޅެއް ނަގައި ގާކޮޅެއް އަޅާލެވިދާނެ އެއް އަހަރަކު. ދެން އަންނަ އަހަރަކު ފައުންޑޭޝަން ދަމާލެވިދާނެ. އަނެއް އަހަރު ހަތަރު ފާރު ރާނާލެވިދާނެ. ދެން އަންނަ ރޯދައަށް މަތިވަޑާންގަނޑު އަޅައި ޓިނު އަތުރާލެވިދާނެ. އަނެއް ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. ދެން އަންނަ ރޯދައަށް ފާޚާނާއެއް ބެހެއްޓިދާނެ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑަށްވުރެ ބޮޑަށް ތިޔަބޭފުޅުންނަށް، ގެއެއް އަޅައި ނިމޭއިރުގައި، އަޅުގަނޑުމެން އާދައިގެ މީހެއްގެ ޢުމުރު މިހުންނަނީ ދެބައިވެފައި. އަދި އެއަށްވުރެ ބޮޑަށް ހައެއްކަ ލައްކަ ރުފިޔާއަށް އެޅެން އޮތް ގޭގެ އަގު ދިހަބާރަ އަހަރުން މިމަސައްކަތް ކުރާތީވެ، މިއޮތީ އެއްމިލިއަން ދޮޅުމިލިއަން ރުފިޔާއަށް ބޮޑުވެފައި. މިއީ ހަމަ މި އިޤްތިޞާދުން ގެއްލޭ، މި ދައުލަތުން ގެއްލޭ ފައިސާ. ދުނިޔޭގެ އެއްވެސް ތަނެއްގައި ކޮންމެ ދެމަފިރިއަކީ ކޮންސްޓްރަކްޝަން ކުންފުންޏެއް ނޫން. ޢާއިލާއަކުން ގެއެއް އަޅައިގެން، ރިވެތި ގޮތުގައި އެގެއަށް ވަދެ އުޅެވޭކަށެއް ނޯންނާނެ. ޤައުމުތަކުގައި އެގޮތަށް އެކަން ކުރަމުން ގެންދިޔައީ، މީގެ ތިން ހަތަރުސަތޭކަ އަހަރު ކުރީގައި. އޭރު އެޤައުމުތަކުގެ ގެދޮރުވެސް ހުންނަނީ ހަމަ ވަރަށް ބޮޑަށް ދަތި ޙާލުގައި. އަޅުގަނޑުމެން ގަސްދުކުރަނީ، ސަރުކާރުން ގަސްދުކުރީ، ދިހަހާސްގެ މިއަހަރުގެ ތެރޭގައި ބިނާކުރުމުގެ މަސައްކަތް ފެށުމަށް. އެކަން ކުރުމަށް ފައިސާ ހޯދުމަށްޓަކައި ސަރުކާރުން މި ބޭނުންކުރަނީ، ރާއްޖޭގެ އަގުބޮޑު ބިން. އެއީ، މި މަޝްރޫޢަށް މަކުނުދޫ ވަންނަ އެއްގޮތް. އަޅުގަނޑުމެން މިހުށަހަޅަނީ، މިހުށަހެޅީ، ތިރީސް ހާސް އަކަފޫޓްގެ ބިން ރާއްޖެއިން ބޭރު ފަރާތްތަކަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާނީ އެމީހުން ޓުއަރިސްޓުންގެ ގޮތުގައި ގެއެއް އަޅާފައި، އެގޭގައި ދިރިއުޅުމުގެ ފުރްޞަތު ދިނުމަށް. އޭރުން އެމީހުން ދެމަސް ތިންމަސް ވަންދެން ދިރިއުޅޭނެ ކޮންމެ އަހަރަކުވެސް. އެބާވަތުގެ ކޮންމެ ގޯއްޗަކާ ތިރީސްހާސް އަކަފޫޓާ އަޅުގަނޑުމެން ގުޅުވީ ދިހަ ގެއާ. އެހެންވީމާ، އެއްހާސް ގޯތި މިދޫކުރާ ބިން އަޅުގަނޑުމެން ދޫކުރަނީ ޝަރުޠުކޮށްފައި، ދިހަހާސް ގެ އަޅައިދިނުމަށް.

މިކަމުގެ ޝައުޤުވެރިކަން ހާމަކުރުމަށް ސަރުކާރުން އިޢްލާނު ކުރުމުން، ދުނިޔެއިން އަނެއްކާވެސް 17 ކުންފުނި، 18 ކުންފުންޏޭ އަޅުގަނޑު ހަނދާންވަނީ އެބައޮތް މިކަން ކުރަން ބޭނުންވާ ކަމަށް ބުނެފައި. ދިވެހި ސަރުކާރަށް ޝައުޤުވެރިކަން ހާމަކޮށްފައި. ސަރުކާރުން މިހާރު އޮތީ އޭގެތެރެއިން ކަމަށް އެންމެ އެކަށީގެންވާ ބަޔަކާ މިމަސައްކަތް ޙަވާލުކޮށް، އެކަން ކުރަން ފެށުން. އަދި ހަމަ އޭގެއިތުރުން، މިދަންނަވާ އަނެއް ގޯތިތައް، ބޮޑެތި ގޯތިތައް ދޭނެ ތަންތަން ނަގަނީ. އެ ކަނޑައެޅުމުގައި އަޅުގަނޑުމެން ބޭނުން މަކުނުދޫ ރައްޔިތުންނާ މަޝްވަރާ ކުރަން ސަރުކާރުން. މަޝްވަރާކޮށް މަކުނުދޫގެ ފަޅުތެރެއިން އެތަންތަން ދޫކުރެވޭނެ ގޮތެއް ހޯދުން. އެއީ ތިޔަބޭފުޅުން ތިޔަބޭނުންވެލައްވާ ޓޫރިޒަމް މިސަރަޙައްދަށް ތަޢާރުފު ކުރެވޭނެ. އަދި ވަޒީފާގެ ފުރްޞަތުތައްވެސް އިތުރުވެގެންދާނެ. ހަމަ އޭގެއިތުރުން، މިރަށުގައި ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން އަޅުގަނޑުމެންނަށް ގެދޮރު އަޅައިދީ، ތިޔަބޭފުޅުންނަށް ހެދޭނެ. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި އެމަސައްކަތް ފެށޭނެ. އަޅުގަނޑު އުންމީދު ކުރަނީ، މިއަންނަ އަހަރު ތިޔަބޭފުޅުންނަށް އެގެތައް ބޭނުންކުރެވޭނެ ކަމަށް. އަދި އެއިން ގެއެއްގެ އަގު ނުވަތަ ދައްކަންޖެހޭ އެއްޗެއް އެއީ، ޢާއިލާއަށް ނުވަތަ ގެއަށް ލިބޭ އާމްދަނީގެ ކޮންމެ ސަތޭކައަކުން ވިހިރުފިޔާއަށް، ވިހި އިންސައްތައަށްވުރެ ބޮޑުވެގެންނުވާނެ. އަޅުގަނޑުމެން އަންދާޒާ ކުރަނީ، މަހެއްގެ މައްޗަށް އެއްހާސް ރުފިޔާ ދައްކައި، އެ ގެދޮރު އަމިއްލަ ކުރެވޭނެ ކަމަށް. މިލްކު ކުރެވޭނެ ކަމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އެ ވަޢުދު ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ފުއްދައިދޭނަން.

ސަރުކާރުން ދެކޭ އަނެއް ވަރަށް މުހިންމު މަޝްރޫޢަކީ، ދަތުރުފަތުރުކުރުމުގެ ނިޒާމު. ދަތުރުފަތުރުކުރުމުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުން އެއީ، ވިޔަފާރިއަށާއި އަދި އެހެންވެސް އިޖްތިމާޢީ ކަންކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް. އެކަން ކުރުމަށްޓަކައިވެސް ސަރުކާރުން މި ފުރްޞަތުދެނީ، އެކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖޭގެ އަގުބޮޑު ބިން ގެސްޓް ހައުސް ހެދުމަށްޓަކައި. އެ ބިން ބޭނުންކޮށްގެން ގެސްޓްހައުސް ހަދާފައި، އެ ނިޒާމު ރާއްޖޭގައި ޤާއިމު ކުރުމަށް އެދި 20 ފަރާތުން ދިވެހި ސަރުކާރަށް ހުށަހަޅާފައި އެބައޮތް. އެކަމުގައިވެސް ސަރުކާރަށް އޮތީ ކަމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޯދައި، އެފަރާތަކާ އެމަސައްކަތް ޙަވާލުކުރުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިއަހަރުގެ ތެރޭގައި މިދެންނެވި މަސައްކަތްވެސް ފަށައިގަނެވޭނެ.

އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެއީ، ރަނގަޅު ރައްޔިތެއް އުފެއްދުން. ތަޢްލީމީ ރައްޔިތެއް އުފެއްދުން. ސަރުކާރުގެ އަމާޒަކީ، މަދަރުސާ ނިންމާ ކޮންމެ ސަތޭކަ ކުއްޖަކުން ފަސްދޮޅަސް ކުދިންނަކީ، އޯ ލެވެލްއިން "ސީ" ފާސް ހޯދާފައި ތިބޭ ކުދިންނަށް ހެދުން. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން ފުރަތަމަވެސް އެއްކަމަކީ ރަނގަޅު މަދަރުސާއެއް އުފެއްދުން. އެއީ އެއް ދަންފަޅިއަށް ކިޔަވައިދޭ. ވަށާޖެހޭ ތަޢްލީމެއް ދެވޭ މަދަރުސާއެއް ހެދުން. އެކަން ކުރުމަށްޓަކައި ޖާގަ އިތުރުކުރަންޖެހޭ މަދަރުސާތަކަށް ޖާގަ އިތުރުކުރުމަށް ބޭނުންވާ ކްލާސްރޫމް، މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަޅަން ފެށޭނެ. އަދި އަޅުގަނޑުމެން މި އުންމީދުކުރަނީ މަކުނުދޫ މަދަރުސާ މިއަންނަ އަހަރުގެ ތެރޭގައި، އެފަދަ މަދަރުސާއަކަށް ހެދޭނެ ކަމަށް.

މިރަށް އޮންނަނީ ރާއްޖޭގެ އެހެން އަތޮޅުތަކާ ވަރަށް އެކަހެރިގޮތަކަށް. އަޅުގަނޑުމެންނަށް އެކަން ވަރަށް ބޮޑަށް ފާހަގަވޭ. އެހެންނަމަވެސް، އެއްވެސް ޙާލެއްގައި އެއީ، މި ސަރުކާރުން މިރަށާ ގުޅޭގޮތުން ނުވިސްނާނެ ކަންތަކެއް ނޫން. މިރަށަކީ މިރާއްޖޭގެ ގިނަ ރަށްރަށަށްވުރެ ޤުދްރަތީ ވަސީލަތްތައް ގިނަ ރަށެއް. މިރަށުގެ މަކުނުދޫ ފަޅުތެރެއަކީ ގޮސް ދަމުން ދަމުން ގޮސް ރ. އަތޮޅާ ހަމައަށް ގާތްގަނޑަކަށް ފެތުރިފައި އޮންނަ ފަޅެއް. މިފަޅުގައި ކުރެވެން ހުރި މަސައްކަތްތަކަކީ މިހާރު ތިޔަބޭފުޅުން ތިޔަވިސްނާ ޓޫރިޒަމް ޢާންމުކޮށް މިގެންގުޅޭ ޓޫރިޒަމް އެއަށްވުރެ މާ ފައިދާހުރި ގޮތުގައި، ދާދިފަހުން މިނިސްޓަރ އޮފް ޓޫރިޒަމް، އަޅުގަނޑު ހިތުން ވަނީ މިތަންތަން ބައްލަވާފައި. އެބޭފުޅާ އެބަ ވިދާޅުވޭ، ތިމާވެށްޓާ ރަށްޓެހި އަދި ތިމާވެށްޓަށް ލޯބިކުރާ ޓޫރިސްޓުން މިސަރަޙައްދަށް ގެނައުމަކީ ވަރަށް ފަސޭހައިން އަދި ވަރަށްގިނަ ބަޔަކު ޝައުޤުވެރިވާ ކަމެކޭ. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެން މަޖިލީހުން މިތަނުން ބޭފުޅަކު މިރަށުގައި ޓޫރިޒަމް ތަޢާރުފު ކުރަން ނިންމާފައި އޮތީ ސިޓީއެއް ލިޔުނީމާ، އަޅުގަނޑުމެން އޮފީހުން ޖަވާބުދީފައިވާނެއޭ، މިނިސްޓްރީ އޮފް ޓޫރިޒަމުން ވިދާޅުވިއޭ، އެކަން އަދި އޮތީ ހަމަޖެހިފައެއް ނޫނޭ. އެއީ، އަޅުގަނޑުމެން ދޮގުހަދަން ބޭނުންނުވާތީ. އެކަން އޮތީކީ ހަމަޖެހިފައެއް ނޫން. އަޅުގަނޑުމެން ޖެހޭނީ އެކަން ހަމަޖައްސަން. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން. އަޅުގަނޑުމެން ނުނިންމާ ކަމެއް، ނުކުރެވޭ ކަމެއް، ކުރާން އުޅޭ ކަމެއް، ވާން ނެތް ކަމެއް ވާނެ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލާކަށް. އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ ރައްޔިތުން އެއަށްވުރެ މާ ހޭލުންތެރި. މާ ކުޅަދާނަ. އެމީހުންނަށް އޮޅުވައެއްނުލެވޭނެ. އެއީކީއެއް ދެނެއް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުޑައިމީސް ކުރެވޭނެ ގޮތެއް ނޫން. ރާއްޖޭގެ ރައްޔިތުން މިހާރު މިތިބީ ހޭލާ. އަޅުގަނޑުމެން ބޭނުން ތިޔަބޭފުޅުންގެ ރުހުން. އަޅުގަނޑުމެން ބޭނުން ތިޔަބޭފުޅުންގެ އެއްބާރުލުން. ކޮންމެ ސިޔާސީ ވެރިއަކުވެސް ބޭނުންވާނެ ރައްޔިތުންގެ ރުހުން. އެހެންނަމަވެސް، އެ ރުހުން އަޅުގަނޑުމެން ހޯދާނީކީއެއް އަދި ހޯދަން މަސައްކަތް ކުރާނީކީވެސް ނާޖާއިޒު ގޮތެއްގައެއް ނޫން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އެންމެ މުހިންމު އެއް ޙަޤީޤަތަކީ، މި ރާއްޖޭގެ ހުރިހާ މުއްސަނދިކަމަކީ، މިރާއްޖެއަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީވެސް އަދި މިދައުލަތަށް ލިބޭ ކޮންމެ ރުފިޔާއަކީވެސް ޙަޤީޤަތުގައި ތިޔަބޭފުޅުންގެ ފައިސާއޭ. ތިޔަބޭފުޅުންގެ މުއްސަނދިކަން. ރައްޔިތުންގެ މުއްސަނދިކަމޭ. އަޅުގަނޑުމެންނާ ރައްޔިތުން މިވަނީ މިފައިސާ ބެލެހެއްޓުމާ ޙަވާލުކޮށްފައި. އަމާނާތްތެރިކަމާއެކީގައި ޚިޔާނާތްތެރިނުވެ އެފައިސާ ބެލެހެއްޓުމާ ޙަވާލުކޮށްފައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، މި ސަރުކާރުގައި ކޮރަޕްޝަނަކަށް ކުޑަވެސް ޖާގައެއް، ޒައްރެއްގެ މިންވަރަށްވެސް އިރާދަކުރެއްވިއްޔާ ޖާގައެއް ނޯންނާނެ. ނާޖާއިޒު ފައިދާއެއްވެސް ނުނެނގޭނެ. ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމެއް ބެލޭނެ. ތަޙުޤީޤު ކުރެވޭނެ. ޝަރީޢަތް ކުރެވޭނެ. ޙައްޤު އަދަބު ދެވޭނެ. ތިޔަބޭފުޅުންގެ ފައިސާ އަޅުގަނޑުމެންގެ އަތުގައި އަމާނާތްތެރިކަމާއެކީގައި ބެލެހެއްޓޭނެ. އަޅުގަނޑުމެންނަށް އޮތީ އެފައިސާ ބޭނުންކޮށްގެން ރާއްޖެ ތަރައްޤީ ކުރުމުގެ، ހަމައެކަނި އެމަސައްކަތް ކުރުމުގެ އިޚްތިޔާރު. އެނޫން ބޭނުމެއް އެފައިސާއަކަށް ކުރެވޭކަށެއް ނެތް. އެފައިސާ އެއީ، އަޅުގަނޑުގެ ގާތް ތިމާގެ ރަށްޓެހިންނަށް އަޅުގަނޑު ބޭނުންވާއިރެއްގައި ބޭނުންވާ ގޮތަކަށް ބަހާލެވެން ހެދެން ހުރި ފައިސާއެއްގެ ގޮތުގައި ހަމަ ކުޑަކޮށްވެސް އަޅުގަނޑުމެންނަށް ދެކެވޭކަށް ނޯންނާނެ. މި ސަރުކާރަކުން އެމަގަކުން ނުވިސްނާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނެއް އެބާވަތުގެ ކަމެއްވިޔަކަ ނުދޭނަން.

އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށްޓަކައި އަދި ޚާއްޞަކޮށް އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަންފީޒު ކުރުމަށްޓަކައި މިހާރުން މިހާރަށް 64 ޤާނޫނު އެބަ ބޭނުންވޭ. އަޅުގަނޑަށް ވަރަށްދަތި ގަބޫލުކުރަން. މިދިޔަ ދިގު 30 އަހަރު މިއިން އެއްވެސް ޤާނޫނެއް އަޔަނުދީ، މިބާވަތުގެ އެއްވެސް ކަމެއްވިޔަނުދީ ތިއްބެވި ބޭފުޅުން މާދަމާ އަޅުގަނޑުމެންނާ އެކީގައި އަރުވާޖަހައި މި އިޞްލާޙީ ޤާނޫނުތައް ހަދައި، މި ތަރައްޤީގެ ޚިޔާލުތަކުގައި އަޅުގަނޑުމެންނާ އެކީގައި ކުރަން އުޅޭނެކަމަށް ދެކެން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ. އެއީކީވާނެ ކަމެއް ނޫން. އެކަމެއް ނުވާނެ. މާޒީ ފޮރުވުމަށް މަސައްކަތް ކުރަން ފެށީމާ، ދެން މުސްތަޤްބަލަށް ބަލަން ވަރަށް އުނދަގޫ. މަޖިލީހާ ބައިވެރިވުމުގެ ބޭނުމަކީ، މާޒީ ފޮރުވަން ކަމަށްވަނީވިއްޔާ، އަޅުގަނޑުމެން މުސްތަޤްބަލަށް މިކުރާ ދަތުރަކު އެބޭފުޅުންނަކަށް ބައިވެރިއެއްނުވެވޭނެ. އެއީ، އަޅުގަނޑު ބުނެދޭކަށް ނުޖެހޭނެ. އިންސާނީ ތަޖުރިބާ. ފިޠުރަތުގެ ގޮތް. އެގޮތަކާ އެމީހުންވެސް ޚިލާފެއް ނުވާނެ. އަޅުގަނޑުމެން ނުކުމެ މިތިބީ މުސްތަޤްބަލަށްޓަކައި. މާދަމައަށްޓަކައި. އަޅުގަނޑުމެންނެއް ނޫޅެން ފުރަގަސް ބަލާކަށް. މާޒީއަށް ބަލާކަށް. އަޅުގަނޑުމެން ބޭނުންވަނީ، އަނެއް ދިވެހިރާއްޖެ. އެހެން ގޮތެއް. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންނަށް މިއަށްވުރެ އުފާފާގަތި ކަމުގައި އުޅެވުން. އަޅުގަނޑުމެންނަށް ތަނަވަސްކަން ލިބުން. އަޅުގަނޑުމެން ބޭނުންވަނީ ތިޔަބޭފުޅުންގެ މަހުގެ އަގު ރަނގަޅު ކުރުމަށް. އަޅުގަނޑުމެން ބޭނުންވަނީ ތިޔަބޭފުޅުންނަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރްޞަތުތައް ހޯދައިދޭން. އަޅުގަނޑުމެން ބޭނުންވަނީ މިރަށުގެ ތަރައްޤީ. އަޅުގަނޑުމެން ބޭނުންވަނީ ތިޔަބޭފުޅުންގެ ޖީބަށް މިއަދު ވަންނަވަރަށްވުރެ އިތުރު އެއްޗެއް ވަނުން.

އަޅުގަނޑަކީ އެނގިވަޑައިގަންނަވާނެ، އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި، ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގައި ބައިވެރިވެގެން ތިޔަބޭފުޅުންގެ ރުހުން ދެއްވީތީވެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުރި މީހެއް. އަޅުގަނޑުގެ މައްޗަށް ލާޒިމް، މިޤާނޫނުއަސާސީ ތަޞްދީޤުވަމުންދާއިރުގައި، ސިޔާސީ ޕާޓީ އެއީ، މިޤާނޫނުއަސާސީގެ އެންމެ މުހިންމު އެއްސިފަ. ސިޔާސީ ޕާޓީތައް ބިނާކުރުމަށްޓަކައި ދައްކަންޖެހޭ ވާހަކަ ދެއްކުން އެއީ، އަޅުގަނޑަށް ލާޒިމްކަމެއް. މިވަގުތަކީ ވޯޓްގެ ވަގުތު. އަޅުގަނޑު އޮޅުވާލާކަށް ނުހަދާނަން. އަޅުގަނޑު މިތަނަށް ފޭބިއިރުގައި އެއް ކެންޑިޑޭޓަކު ވިދާޅުވި. އެބޭފުޅާއަށް ވޯޓެއް ދިނުމަށް އަޅުގަނޑު ކައިރީގައި އެވާހަކަ ދައްކާލަދިނުމަށް. އެބޭފުޅާއަށް ދެންނެވިން، އަޅުގަނޑަކީ އެހެން ޕާޓީއެއްގެ މީހެކޭ. ސިޔާސީ ޕާޓީގެ ޙަޤީޤަތްތައް އަޅުގަނޑުމެންނަށް އެނގެން ޖެހޭނެ. އަޅުގަނޑުގެ ކެންޑިޑޭޓެއް އެބަހުރި. އެއީ، އަޅުގަނޑުމެންގެ ޕާޓީގެ ކެންޑިޑޭޓް. އަޅުގަނޑު ދަންނަވައިފިން، އަޅުގަނޑަށް ވަރަށް އުނދަގުލޭ ޔަޤީން ކުރަން، އެހެން ޕާޓީތަކުން މިކަމުގައި އަޅުގަނޑުމެންނާ ބައިވެރިވެގެން މިމަސައްކަތް ކުރިއަށް ގެންދާނެ ކަމަށް. އަޅުގަނޑަށް އިތުބާރު ކުރެވޭ އަޅުގަނޑުމެންގެ ޕާޓީގެ ކެންޑިޑޭޓަށް. އެބޭފުޅާއަކީ، އަޅުގަނޑުމެންގެ މި އިޞްލާޙީ މަސައްކަތް ފެށުނީއްސުރެ ފަށައިގެން ސާބިތުކަންމަތީގައި މިކަމުގައި ދެމިހުންނެވި ބޭފުޅެއް.

އަޅުގަނޑު ދާދިފަހުން ދިމާވި ޙާދިސާއަކުން އަދި ވަރަށް ބޮޑަށް އަޅުގަނޑަށް ސާފު. އަޅުގަނޑުމެން ފުރާވަރަށް އެރީއްސުރެ ފަށައިގެން އަޑުއަހަމުން އަންނަނީ، ރާއްޖެ ތަރައްޤީ ކުރަން އެންމެ ފަސޭހަ އެންމެ ރަނގަޅު ގޮތަކީ ލާމަރްކަޒީ އުޞޫލުން އެކަން ކުރުމޭ. ވިހިވިހީގެ ތަޞައްވުރުގައިވެސް އޮތީ އެވާހަކަ. ޤާނޫނުއަސާސީގެ ބާބެއް އެކުގައިވެސް އޮތީ ހަމަ އެވާހަކަ ލިޔެފައި. އެހެން ނަމަވެސް، ދާދި އިހަކަށް ދުވަހަކު ރައްޔިތުންގެ މަޖިލީހަށް އެކަމާ ގުޅޭގޮތުން ޤާނޫނެއް ހެދުމަށް ސަރުކާރުން ހުށަހެޅީމާ، ވާދަވެރި އެއްވެސް ޕާޓީއަކުން، ޕީ.އޭ. އަކުންވެސް، ޑީ.އާރު.ޕީ. އަކުންވެސް އެބިލަކަށް ވޯޓެއް ނުދެއްވި. އަޅުގަނޑުމެންނަށް އެންމެ ވޯޓެއް، އެންމެ ވޯޓަކުން ކިރިޔާ އެ ބިލް އެތެރެވީ. އަޅުގަނޑުމެން ބޭނުމީ ރައްޔިތުންގެ މަޖްލިސް މެދުވެރިކޮށްގެން އަދި މިހާރުގެ ޤާނޫނުއަސާސީގެ ރޫޙަކީވެސް އެއީ. ކަންކަން ކުރުން. އެކަން ކުރާއިރުގައި ވާދަވެރި ޕާޓީތަކަށް އަޣްލަބިއްޔަތެއް އޮވެއްޖެނަމަ، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދަން ވަރަށް ދަތިވާނެ. މިމަސައްކަތްތައް ކުރުމަށް އަޅުގަނޑުމެންނަށް ވަރަށް ދަތިވާނެ. އަޅުގަނޑުގެ މުސާރައަކުން ހަމަ ހަތަރުއަނާއެއްވެސް މަދެއް ނުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން މިކުރަން މިނުކުތް މަސައްކަތް ކުރަން ވަރަށް ދަތިވާނެ. އަޅުގަނޑު ދަންނަވަން، ހަމަ ޔަޤީންކަމާއެކީގައި، އަޅުގަނޑުމެންގެ ވެރިކަމަކަށް ކުޑަ ލޮޅުމެއްވެސް ނާރާނެ. އަދި އަޅުގަނޑުމެން ޤާނޫނީ ގޮތުން މި ވެރިކަމާ ޙަވާލުވެ މިތިބީ، މި ޤާނޫނީ ފަސްއަހަރަށް. އެކަމުގައި އަޅުގަނޑުމެން ތިއްބައި، އަޅުގަނޑުމެންގެ އަތުން މިވެރިކަން ނެގޭނެ، ފިރުކާލެވޭނެ ސިޔާސީ ވެރިންނެއް މިރާއްޖެއަކު ނެތް. އަޅުގަނޑުމެންނަކަށް ހަމަ އަޅުގަނޑު ފަޚްރުވެރިކަމާއެކީގައި ދަންނަވަން، އަޅުގަނޑުމެންނާ ފަތިގަނޑު ފިރުކާލެވޭވަރު ބަޔަކުވެސް މިތަނުގައެއް ރާއްޖެއަކު ނޫޅޭނެ. އެހެނެއްނޫން. ހައްޔަރުކޮށްގެން، ބިރު ދައްކައިގެން، މިބާވަތުގެ ބަދު އަޚްލާޤީ ނޭދެވޭ ޢަމަލުތަކުގައި އެހެން ބަޔަކު ކުރި ނުހޯދާނެއެކޭއެއް އަޅުގަނޑު ނުދަންނަވާނަން. މިހާރު އަޅުގަނޑުމެން މި ހީކުރާ ގޮތުގައި، އަޅުގަނޑުމެންނާ ގާތްކުރެވޭނެ ބަޔަކުވެސް ނޯންނާނެ. އަދި އަޅުގަނޑުމެންނާ މިވެރިކަން ގެއްލާލަން، ގާތްކުރެވޭނެ އެއްވެސް ގޮތެއްވެސް އިރާދަކުރެއްވިއްޔަކާއެއް މެދުވެރިވާނެ ގޮތެއް ނޯންނާނެ. އަޅުގަނޑުމެން މިތިބީ މިކަމުގައި ތިބެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިބޭނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ވަޢުދުވެސް ފުއްދާނަން.

އަޅުގަނޑުމެން އަބަދުވެސް ގަބޫލުކޮށް ތިބެން ޖެހޭނީ، ތަރައްޤީއަށް ބޭނުންވާ އަނެއް މުހިންމު ވަސީލަތަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. އަޅުގަނޑުގެ ކުޑަވެސް މައްސަލައެއް ނެތް. ތިޔަބޭފުޅުން އަޅުގަނޑަށް މަލާމާތްވެސް ކުރައްވަންވީ. ފާޑުވެސް ކިޔުއްވަންވީ. ފުރައްސާރަވެސް ކުރައްވަންވީ. އެއްޗެހިވެސް ކިޔަންވީ. އަޅުގަނޑު ރުޅިއެއް ނާންނާނެ. އަޅުގަނޑުމެންނަށް ހަޖަމު ކުރެވޭނެ. އަޅުގަނޑުމެން އެހެންވެގެން މިވެރިކަމުގައި މިގޮތަށް މިތިބީ. އަޅުގަނޑުމެންނަށް މިކަންކަން ހަޖަމު ކުރެވޭނެ. އަޅުގަނޑުމެންނަކަށެއް ނުޖެހޭނެ އެއްވެސް ބައެއް ފަހާ ދުވާކަށް. ބަޔަކަށް އަނިޔާ ކުރާކަށް. މިތަނުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން، ތަންކޮޅެއް ހަރު ބޭފުޅުން ހަނދުމަފުޅު ހުންނާނެ. ޚާއްޞަކޮށް، މަކުނުދޫ މީހުން. މި ނަގައިގެން ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި، 180 އަނދަގޮނޑި ޖެހި. 432 މީހުން ހިފާ ހައްޔަރު ކުރި. އަޅުގަނޑުމެން އެންމެ މީހަކުވެސް ސިޔާސީ މަޤްޞަދެއްގައި، ސިޔާސީ ބޭނުމަކަށް ހައްޔަރެއް ނުކުރަން. އިރާދަކުރެއްވިއްޔާ ނުވެސް ކުރާނަން. އަޅުގަނޑުމެންގެ ބޭނުމަކީ، ޑިމޮކްރަސީއެއް މި ރާއްޖޭގައި ޤާއިމު ކުރުން. ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމު ކުރުން. އަޅުގަނޑުމެންނަށް ނުވާނެ ކަންތަކުގެ ވާހަކަ ދައްކައި، ރައްޔިތުންނަކަށް ދޮގެއް ނަހަދާނަން. އެއަށްވުރެ ރާއްޖޭގެ ރައްޔިތުން މާ ތަޞައްރުފު ފުދިފައި މިތިބީ. ބަޔަކަށް ހީވަނީ ދޮގު ހެދީމާ، ފައިސާ ދިނީމާ ގޮތްގޮތްވާނެއޭ، އެކަން ނުވާނެ ކަމުގެ އެންމެބޮޑު ދަލީލަކީ، ޙަޤީޤަތުގައި މިވެރިކަން. މިވެރިކަން އުފެދިފައި މިއޮތީ، ރާއްޖޭގެ ރައްޔިތުން ހިތުން ރުހުމުން އަޅުގަނޑުމެންނާއެކީގައި ތިބީތީވެ. އަޅުގަނޑުމެންނަށް ވޯޓް ދިނީތީވެ.

އަޅުގަނޑަށް ޔަޤީނޭ، މިއަދުވެސް ހަމަ މިއަދުވެސް މަކުނުދޫ، އަޣްލަބިއްޔަތު ރައްޔިތުން އަޅުގަނޑުމެންނާއެކީގައި ތިބިކަން. ކުޑަކޮށްވެސް ޝައްކެއް އަޅުގަނޑެއް ނުކުރަން. ހަމަ ކުޑަކުޑަކޮށްވެސް އަޅުގަނޑުގެ ޝައްކެއްނެތް. އަޅުގަނޑުމެންނެއް އަޅުގަނޑުމެންނާ ދިމާއަށް އެއްޗެއް ބުނާހާ މީހަކާ ދިމާއަށް ނުކުމެ ވައްވައްޖަހައެއް ނުހަދާނަން. ހިޔަންޏަކަށް އަޅުގަނޑުމެންނެއް މުޑިއެއް ނުނަގާނަން. އަޅުގަނޑުމެންނަށް އެނގޭ، މިއީ ޑިމޮކްރަސީގެ އާކޮޅުކަން. ބައެއް ބޭފުޅުން ކުޑަކޮށް ޗާޓުން ބޭރަށް ބައެއްފަހަރު އެއަށްވުރެ ބޭރަށްވެސް ޖެހިދާނެ. އެ ޖެހިލާ ކޮންމެ ވަގުތެއްގައި އެމީހުން ފަހާ އަޅުގަނޑުމެން ދުވުން އެއީ، ބުއްދިވެރި ކަމެއް ނޫން. ބައެއް ބޭފުޅުން އަޅުގަނޑު ދަނިކޮށް، ކޮބާ ތިޔަދަނީ ފްލެޓް އަޅާލަންދޯ، އެހެން ކިޔާވެސް ހަދާނެ. އެބަޔަކަށް ލިބޭނެ ހިތްހަމަޖެހުން. އެއީ މީގެކުރިއަކުން ހަމަގައިމުވެސް މިތަނަށް ވެރިން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަންނައިރުގައި ނުކުމެ، ކުރިމައްޗަށް ހުއްޓިފައި އެއްޗެއް ބުނާކަށް ނުކެރޭނެ. އެއީ އެނގޭނެ ނޫންތޯ އެތަނުން ނުކުމެގެން މި ދާންޖެހެނީ ކުޑަގޮޅިއަށްކަން. މިއަދު އެ ޔަޤީންކަން ހުރިހާ ކެންޑިޑޭޓުންނަށްވެސް އަދި ކެންޑިޑޭޓުންގެ ކެމްޕެއިން ޓީމުތަކަށްވެސް އަދި ޢާންމު ރައްޔިތުންނަށްވެސް ފުރިހަމައަށް އޮންނާނެ. ބޭނުން ވާހަކައެއް ދައްކަންވީ. ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ. ކަން ހިނގާ މަގު ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއެދޭ ބަދަލުތައް އަޅުގަނޑުމެންނަށް ގެނެވޭނެ. އަޅުގަނޑުމެން ރައްޔިތުންނަށް މިވާ ވަޢުދުތައް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފުއްދާދޭނަން.

އަޅުގަނޑު، މި މަކުނުދޫ ރައްޔިތުންގެ ކިބައިން އެދެނީ ހަމަ އެންމެ ކަމަކަށް. އުންމީދު ނަގާނުލައްވާށޭ. އަޅުގަނޑުމެންނާއެކީގައި އުންމީދު ކުރައްވާށޭ. މިކަންކަންްވާނެއޭ. އަޅުގަނޑަށްވެސް އެނގޭ ދަތިކަން. އަތްމަތިވެސް ތާށިކަން. ގޭތެރެވެސް އުނދަގޫކަން. އަޅުގަނޑަށްވެސް އެނގޭ. އަޅުގަނޑަކީ ތިޔަބޭފުޅުން ނުދަންނަ މީހެއް ނޫން. އަޅުގަނޑާ އެއްވަރަށް ހަމަ މަދުވާނެ އިނގޭތޯ، އަޅުގަނޑު ކެރިގެން މިދަންނަވަނީ. ރައްޔިތުންނާއެކީގައި އުޅޭ މީހަކު މަދުވާނެ. މިދިޔަ ހައެއްކަ މަސް ދުވަހު، ކުޑަތަންކޮޅެއް ދުރުވެފައި އޮތަސް، އަޅުގަނޑަށް ތިލަދުންމަތި ނޭނގެންޏާ އަޅުގަނޑު ނިދާފައި އަދި 5 އަހަރު އޮންނަންޖެހޭނެ. މިރާއްޖެ އަޅުގަނޑުމެންނަށް ބަދަލުކުރެވޭނެ. އެހެން ރާއްޖެއަކަށް މިރާއްޖެ އަޅުގަނޑުމެންނަށް ހެދޭނެ. މިރާއްޖެ އަނބުރާލަން އެކަމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ މަކުނުދޫ އަނބުރާލަން. މަކުނުދޫގެ އިޤްތިޞާދު ރަނގަޅު ކުރަން. މަކުނުދޫ ތަރައްޤީ ކުރަން. އެމަސައްކަތް އަޅުގަނޑުމެން މިކުރަނީ.

އަޅުގަނޑު މިއަދު ހަމަ މިއައީ މި ވާހަކަ ތިޔަބޭފުޅުންނާ ދައްކަން. އަޅުގަނޑަށް އެނގޭ މިވަގުތަކީ، ހުރިހާ ބޭފުޅުންގެވެސް ސިކުނޑި ވަރަށް ހުޅުވިފައި ހުންނާނެ ވަގުތެއް. ޑިމޮކްރަސީއެއްގައި ކެމްޕެއިންގެ ވަގުތު ބޭނުންކުރަންޖެހޭނީ މިގޮތަށް. އަޅުގަނޑުގެ ވާޖިބެއް އެއީ. އަޅުގަނޑަށް މިކަމާ ގުޅޭގޮތުން ވިސްނޭ އެއްޗެއް ރައްޔިތުންނަށް ކިޔާދިނުން. ބައެއް ބޭފުޅުން ބުނެފާނެ ރައީސް ތިޔަކުރައްވަނީ ކެމްޕޭނޭ. އަޅުގަނޑު ދަންނަވާނަން. އާދޭހޭ. އެމެރިކާ ރައީސް ކައިރީގައި ނުވަތަ އިނގިރޭސި ބޮޑުވަޒީރު ކައިރީގައި ނުވަތަ އިންޑިއާ ބޮޑުވަޒީރު ކައިރީގައި އަރިހުގައި، ނޫސްވެރިއަކު ތިޔަކުރަނީ ކެމްޕޭނޭ ބުނެފިއްޔާ އެމީހާ ހިނި އަންނާނެ. ސިޔާސީ ވެރިން ކުރާ ކަމަކީ އެއީ. ރައްޔިތުންގެ ރުހުން ހޯދުން. ރައްޔިތުންގެ ރުހުން ރަމްޒުކޮށްދެނީ މަޖިލީހުގެ ގޮނޑިތައް. އެ ގޮނޑިތައް އަޅުގަނޑުމެން ބޭނުންވާނެ އަބަދުވެސް. އަދި އެކަމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނެ. އަޅުގަނޑުމެން ކަމެއް ރަނގަޅަށް ކުރެވޭތޯ ނުވަތަ ނުކުރެވޭތޯ، އަޅުގަނޑުމެންގެ ސިޔާސަތުތައް ތިޔަބޭފުޅުންނަށް ހުރީ އޮޅުންފިލާފައިތޯ ނުވަތަ ނޫންތޯ، އެއީ ތިޔަބޭފުޅުން ބޭނުން ކަންތައްތައްތޯ ނުވަތަ ނޫންތޯ އަނެއްކާވެސް އިމްތިޙާން ކުރެވެނީ. މި އިމްތިޙާނަށް އަޅުގަނޑުވެސް މަސައްކަތް ކުރަންޖެހޭނެ. އެހެން ނަމަވެސް، ދޮގު ހަދައިގެން އެކަން ކުރާކަށް އަޅުގަނޑެއް ނޫޅެން. އަޅުގަނޑެއް ނޫޅެން، އަޅުގަނޑުމެން ނުކުރާ ކަމެއްގެ ވާހަކަ ދައްކާކަށެއް. އަޅުގަނޑު ހަމައެކަނި ތިޔަބޭފުޅުންނަށް މިދަންނަވަނީ، އަޅުގަނޑުމެން ރާވާފައި ހުރި ކަންތައްތަކުގެ ވާހަކަ. މަކުނުދޫގައި ނަރުދަމާ އަޅަން އަޅުގަނޑުމެން އޮތީ ރާވާފައި. މަކުނުދޫއަށް ސާފު ބޯފެން ދޭން އަޅުގަނޑުމެން އޮތީ ރާވާފައި. މަކުނުދުއަށް ޓުއަރިޒަމް ތަޢާރުފު ކުރަން، އެއީ، ލަގްޒަރީވިލާ އަޅުގަނޑުމެން އޮތީ ރާވާފައި. މަކުނުދޫ ފަޅުތެރޭގައި މަސްވެރިކަން އާލާކުރަން، ފަޅުތެރޭ މަސްވެރިކަން އާލާކުރާ ބާވަތުގެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން ދަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެމަސައްކަތްތައް ކުރާނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކަންކަން ކާމިޔާބު ކުރާނަން.

އަޅުގަނޑުގެ އުންމީދަކީ، މާދަމައަކީ މަކުނުދުއަށް މިއަދަށްވުރެ އުފާވެރި ދުވަހަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

واَلحَمْـدُ لِلّـهِ. والســّلام عليــكم. ވަރަށްބޮޑަށް ޝުކުރިއްޔާ!