بســم اللّـه الرّحمـن الرّحيــم

ވައިކަރަދޫގެ ލޮބުވެތި އެކުވެރި ރައްޔިތުން:

السّـلام عليـكم

މީގެ ދުވަސްކޮޅެއް ކުރީގައި އަޅުގަނޑުމެން މިރަށަށް އައިސް އަދި މިރަށުން ވަރަށްގިނަ ބޭފުޅުންނާއެކީގައި އަޅުގަނޑުމެން އެކުލަވާލީމު އެމް.ޑީ.ޕީ. ސަރުކާރެއްގައި ދިވެހިރާއްޖޭގައި ހިންގޭނޭ ސިޔާސަތެއްގެ ތަޞައްވުރެއް. އަޅުގަނޑުމެން އެކަން ކުރީ ރަށްރަށަށް ވަރަށްގިނަ ދަތުރުކޮށް ރަށްރަށުގެ ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުންގެ އެދުންތަކާއި، ރައްޔިތުންގެ ބޭނުންތައް އަޑުއަހާފައި. އަދި އަޅުގަނޑުމެން އެކަން ކުރަމުން އައީ، އަދި ކުރީވެސް ރަށްރަށުގެ ވަރަށްގިނަ ރައްޔިތުންނާ އެކުގައި. އަޅުގަނޑުމެން އެއަށްފަހު ރިޔާސީ އިންތިޚާބަށް ނުކުތްއިރުގައި އެމް.ޑީ.ޕީ.ގެ ސިޔާސަތުގެ ގޮތުގައި، އެމް.ޑީ.ޕީ.ގެ މެނިފެސްޓޯގެ ގޮތުގައި، މިހާމަކުރީ ފާހަގަކުރީ މިދެންނެވި ގޮތަށް އެކުލަވާލެވުނު ސިޔާސަތު. އޭގައި ވަރަށް ސާފުބަހުން ވާހަކަތައް ހުންނާނެ. ޚާއްޞަ ގޮތެއްގައި އެމް.ޑީ.ޕީ. ސަރުކާރެއްގައި ރައްޔިތުންނަށް ފުއްދައިދިނުމަށް 5 ވަޢުދެއް ފާހަގަވެފައި އޮންނާނެ. އަދި އޭގެއިތުރުން، މައިގަނޑު ގޮތެއްގައި 27 ކަމެއް މި ސަރުކާރުން ފާހަގަކޮށްގެން ކުރަން މަސައްކަތް ކުރާނެ ކަމަށް އެ ސިޔާސަތު ކަރުދާހުގައި، އެ މެނިފެސްޓޯގައި ފާހަގަކޮށްފައިވާނެ.

އަޅުގަނޑުމެން ބުނަމުން އައީ، ރާއްޖޭގެ ރަށްތަކަކީ ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅާލެވިފައިވާ ރަށްތަކަކަށް އިރާދަކުރެއްވިއްޔާ މި ސަރުކާރުން ހަދާދޭނަމޭ. ރައްޔިތުންގެ އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަމޭ. ބޭސް ސިޓީއަށް ސަލާން ޖަހަން އުޅެން ޖެހުމަކީ ދިވެހި ރައްޔިތުންނަށް މިއަދު ޙައްޤު މިންވަރެއްނޫނޭ. އަތްފޯރާ ފަށުގައި މުދަލާއި ޚިދްމަތުގެ އަގު ބަހައްޓައިދޭނަމޭ. ޑްރަގަށް ހުޅުވިފައިވާ ދޮރުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަންދުކޮށްދޭނަމޭ. އެމް.ޑީ.ޕީ.ން ރައްޔިތުންނަށް ޚާއްޞަކޮށް ފަސް ވަޢުދެއް ވިން. ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް މި ސަރުކާރުން ގުޅާލަދޭނަމޭ.

މިއަދު އަޅުގަނޑަށް ލިބޭ އުފަލަކީ މިދެންނެވި ސިޔާސަތުތައް ތަންފީޒު ކުރަމުން ދާއިރުގައި، ކުރަން ފެށުނީމާ ތިމަންނާއަށް ތިޔައިން ކޮންމެ ބޭފުޅަކަށްވެސް ވާނީ ކިހިނެއްހޭ؟ ތިމަންނާގެ ޢާއިލާއަށް އޮތީ ކޮންގޮތެއްހޭ؟ ތިމަންނާގެ ރަށަށް، ވައިކަރަދޫއަށް އޮތީ ކޮންގޮތެއްހޭ؟ އެ ސުވާލުގެ ޖަވާބު ދެވޭތޯ އަޅުގަނޑު ބަލާނަން. އަޅުގަނޑަށް ވުރެ ބޮޑަށް ތިޔަބޭފުޅުންނަށް މިކަން ފާހަގަވާނެ. ވައިކަރަދޫއަކީ، ރާއްޖޭގައި މަޝްހޫރު ނަންކިޔޭ، ޒަމާނުއްސުރެ ފަށައިގެން ދެވަނަ ފަހަރަށް ފަހުން އާބާދުވީ ފަހުންވެސް ބޮޑު ރަށެއްގެ ގޮތުގައި ފާހަގަވެފައި އޮތް ރަށެއް. މިހާރުވެސް ދެހާހެއްހާ މީހުން ރަށުގެ ރައްޔިތުންގެ ގޮތުގައި ރަޖިސްޓަރީ ވެފައިވޭ. އެހެންނަމަވެސް، ވަރަށް މަދު މީސްކޮޅެއް ރަށުގައި މި ދިރިއުޅެނީ. ގިނަމީހުން މާލޭގައި އުޅެނީ. ރަށުގައި ތަރައްޤީއާއި، ވަޒީފާގެ ފުރުސަތާއި އަދި ދަރިންނަށް ކިޔަވާދިނުމާއި، ޞިއްޙީ ޚިދްމަތާ އަދިވެސް އެހެން ކަންކަން ރަށުގައި ދެވެން ނެތުނީމާ، ލިބެން ނެތުނީމާ، އެތައް ބަޔަކު ރަށުން ހިޖުރަ ކުރަނީ. ބޭރަށްދަނީ. އެއީ، ވައިކަރަދޫން ފާހަގަވާ ވަރަށް ހިތާމަވެރި ހީނަރު މަންޒަރެއް.

އޭގެއިތުރުން، މި ސަރުކާރުން މިދެކެނީ ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށް. އެހެން ހިންގާއިރުގައި ހުރިހާ އަސާސީ ޚިދްމަތެއް ސީދާ މިރަށުން ލިބޭނޭ އިންތިޒާމެއް އެބަ ހަމަޖައްސަންޖެހޭ. މާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ރަށު ރައްޔިތުންނަށް އެނބުރި ރަށަށް އާދެވޭނޭ ގޮތެއް، މަގެއް ވަސީލަތްތަކެއް ސަރުކާރުން އެބަޖެހޭ ފުރިހަމަ ކޮށްދޭން. ފަހިކޮށްދޭން. ލާމަރުކަޒީ އުޞޫލުން ހިންގުމަކީ ހިންގުމުގެ ބޭނުމަކީ އެއީ. އެންމެބޮޑު އެއް އަމާޒަކީ މިރަށްރަށުގެ ރައްޔިތުންނަށް މިރަށްރަށުގައި އުފަލާއެކީގައި ދިރިއުޅެވޭނޭ ގޮތް ހަމަޖައްސައި ދިނުން. ވައިކަރަދޫ މީހުން މާލޭގައި އުޅެނީކީއެއް ކޮންމެހެން މާލެވީމަކާއެއްނޫން. މާލެ، އެނގިވަޑައިގަންނަވާނެ އިންތިހާއަށް އަގުވެސް ބޮޑު. އިޖްތިމާޢީ މައްސަލަތައް އެހާމެ ގިނަ. އެހެންނަމަވެސް، އެތަނުގައި ނޫޅެންޏާ މިއަދާ ހަމައަށްވެސް މިއޮތީ ވަރަށް ކުޑަ ކަމެއްނޫނީ ނުވާ ގޮތަށް.

އަޅުގަނޑު އުންމީދު ކުރަން ވައިކަރަދޫގެ ރައްޔިތުންނަށް ވިސްނިވަޑައިގަންނަވާނެ ކަމަށް. މިކަންކަން މިހެން އޮއްވާ ކަމުގެ ޙަޤީޤަތް ބަދަލު ކުރުމަށް، ސަރުކާރުން ކުރާ ކަމަކީ ވަރަށް ފުންކޮށް ވިސްނާފައި ދިގުމުއްދަތަށް ޕްލޭން ކުރެވިގެން ދެމެހެއްޓެނިވި ގޮތުގައި ކުރާ ކަންތައްތަކުގެ ގޮތުގައި ކަން ކުރަން ޖެހެނީ. ސަރުކާރުން ވިސްނަނީ ކޮންގޮތަކަށްތޯ ވައިކަރަދޫގެ އިޤްތިޞާދު އަނބުރާ ލެވެން އޮތީ. މިތަނުގައި ސަރުކާރުން ހަމައެކަނި ތަޢްލީމީ ފެންވަރު އަދި ރަނގަޅު ކުރިޔަސްވެސް މިއިޤްތިޞާދު ކޮންމެހެނެއް އެނބުރިގެނެއް ނުދާނެ. އަދި މިތަނުގައި ހަމައެކަނި ޞިއްޙީ ޚިދްމަތް ރަނގަޅު ކުރިޔަސްވެސް އޭރަށް މިހާރު މި ދިރިއުޅޭ 700 މީހުންނަށް ވަރަށް ރަނގަޅުވާނެ. އެހެންނަމަވެސް، މުޅި އިޤްތިޞާދު ހަމައެކަނި އެކަމަކުންވެސް އެނބުރިގެނެއް ނުދާނެ. އަޅުގަނޑުމެންނަށް ފެންނަނީ ޤައުމެއް ތަރައްޤީވެދާން ވަކި ޚާއްޞަ ކަންތައްތަކެއް ވަކި އިރެއްގައި ވަކި ގޮތަކަށް ކުރަންޖެހޭކަން. މިރަށުގެ ތަރައްޤީއަށްވެސް ހަމަ ކަންއޮތީ އެގޮތަށް.

މިރާއްޖޭގެ މައިބަދައެއްގެ ގޮތުގައި ސަރުކާރުން އެބަ ސިފަކުރާންޖެހޭ ރަށްރަށުގައި އެޅިފައި ހުންނަ ފެނާއި ނަރުދަމާގެ ހޮޅިތަކާއި ކަރަންޓު ނަރުތައް. އެކަންތައް ފުރިހަމައަށް ނުކުރެވެނީސް އިންސާނީ ތަޖުރިބާ ދައްކާފައެއްނެތް ޤައުމެއް ތަރައްޤީވެ ގޮސްފައިވާތަނެއް. ވަރަށް މުހިންމު ކަމެއް، ފެނާއި ނަރުދަމާގެ ޚިދްމަތް ފުރިހަމަކުރުން. އެކަން ކުރުމަށްޓަކައި ސަރުކާރުންވަނީ ސަރުކާރުގެ 7 ކުންފުނި ޤާއިމުކޮށްފައި. މަތިއުތުރުގައި އެއީ މި ސަރަޙައްދަށް، މި ޕްރޮވިންސަށް ނިސްބަތްވާ ގޮތަށް ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދްމަތްދޭ ކުންފުންޏެއް މިހާރުވާނީ އެކުލަވާލެވިފައި. މެއި މަހު 1ވަނަ ދުވަހުއްސުރެ ފެށިގެން ސްޓެލްކޯގެ، ކުރީ ބޮޑު އިންޖީނުގޭގެ ފަރާތުން ހިންގަމުން ގެންދިޔަ އިންޖީނުގެތައް، މާލޭ ބޮޑު އިންޖީނުގެއިން ހިންގަމުން ގެންދިޔަ އިންޖީނުގެތައް މިހާރުވާނީ މިކުންފުންޏަށް ބަދަލުކޮށްފައި. ތިޔަބޭފުޅުންނަށް އޭގެ ބައެއް މަޢްލޫމާތު ލިބިލައްވާފައި އޮވެދާނެ. ދިއްދޫގެ އިންޖީނުގެވެސް، ކުޅުދުއްފުށީ އިންޖީނުގެވެސް އަދި ފޮނަދޫ އިންޖީނުގެވެސް މިހާރުވާނީ މިޔުޓިލިޓީ ކުންފުންޏަށް ބަދަލުކޮށްފައި. އެއަށްފަހު، ސަރުކާރުން ގަސްދުކުރަނީ މި ސަރަޙައްދުގައި ހިމެނޭ އެހެން އިންޖީނުގެތައްވެސް ހިންގުން މިކުންފުންޏަށް ބަދަލުކުރުމަށް. އެކުންފުނިން ސަރުކާރުގެ ކުންފުންޏަކުން މިތަންތަނުގެ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދްމަތް ދިނުން. އެހެންނޫނިއްޔާ މިކުންފުނި ދެކޮޅުޖެހޭގޮތެއްނުވޭ. އަދި މިމަސައްކަތްވެސް ރައްޔިތުންނަށް ދެކޮޅު ޖެއްސޭގޮތެއްނުވޭ. އިންޖީނުގެއެއް ހިންގުން އަބަދުވެސް ވެފައި އޮންނަނީ ވަރަށްބުރަ ކަމަކަށް. ވަރަށްބޮޑު ކަމަކަށް. އަދި އިންޖީނުގެއަކުން ހަމަ ފައިދާއެއްވެސް ރައްޔިތުންނަކަށް ނުވޭ. އިންޖީނުގެއިން ފައިދާ ކުރުމަށްޓަކައި ރައްޔިތުންނަށް ވިސްނާފައި ބައެއް ފަހަރަށް މަދަރުސާއަށް ތިރީސް ރުފިޔާއަށް ޔުނިޓެއް ހުރި ރަށްރަށްވެސް މި ސަރަޙައްދުގައި އެބަހުރި. އެހެންވީމާ، މަދަރުސާއަށް ދޭ ބަޖެޓް އެކީގައި ކަރަންޓަށް ގޮސް ހުސްވީ. ޓީޗަރުންނެއް ނުތިބޭނެ. ތިރީސް ރުފިޔާއަށް ޔުނިޓެއްގެ މަގުން ކަރަންޓު ދީގެން މަދަރުސާ ކަރަންޓު ބޭނުން ކޮށްގެން މަދަރުސާއެއްވެސް އަދި ޞިއްޙީ މަރުކަޒެއްވެސް ޙަޤީޤަތުގައި ނުހިންގޭނެ. އެހެންވީމާ، ސަރުކާރަށް އެބަ މަޖުބޫރުވޭ، ވަރަށް މުހިންމު ތަޢްލީމީ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކަރަންޓުގެ ޚިދްމަތް ޤާއިމުކުރަން. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ މިތަނުގެ އިންޖީނުގެއާ ސަރުކާރުން ހަވާލުވާނެ. އިތުބާރުހުރި ގޮތުގައި ތިޔަބޭފުޅުންނަށް ކަރަންޓު ލިބެން ފަށާނެ.

އެ އިންޖީނުގެތައް ބަދަލު ކުރުމަށްފަހު ސަރުކާރުން ގަސްދުކުރަނީ މި ސަރަޙައްދުގެ ރިޒޯޓުތަކުގެ ފެނާއި ނަރުދަމައާއި ކަރަންޓުވެސް އެކުންފުނިތަކުން ހިންގާނެ ގޮތަކަށް ބަދަލު ކުރުމަށް ރިޒޯޓުތަކުގެ ވެރިންނާ ވާހަކަދައްކަން. ސަރުކާރުން މިހާރު މިދަނީ އެވެރިންނާ ވާހަކަދައްކަމުން. އޭރުން މިދަންނަވާ ކުންފުނީގެ ބޮޑުމިން އަދި ވިޔަފާރީގެ ފުރުސަތުތައް އެކުންފުންނަށް ބޮޑުވާނެ. އެކުންފުންޏާ ޙިއްޞާވާނޭ ބޭރުގެ ތަޖުރިބާކާރު ޤާބިލު ކުންފުންޏެއް ހޯދަން ސަރުކާރަށް ފަސޭހަވާނެ. މިދެންނެވި ކުންފުނިތަކާ ގުޅުމަށް ޝައުޤުވެރިވާ ފަރާތްތައް ހާމަކުރުމަށް ސަރުކާރުން އިޢުލާނު ކުރީމާ، މި ޕްރޮވިންސްގެ ފެނާއި ނަރުދަމައާއި ކަރަންޓުގެ ޚިދްމަތް ގުޅުމަށް 14 ފަރާތަކުން ޝައުޤުވެރިކަން ހާމަކޮށްފައި އެބައޮތް. ސަރުކާރަށް މިހާރު އޮތީ އޭގެތެރެއިން އެންމެ ރަނގަޅީ ކޮން ފަރާތެއްތޯ ހޯދައި ބަލައި އެފަރާތަކާ މަސައްކަތް ޙަވާލުކުރުން. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ފެނާއި ނަރުދަމައާއި ކަރަންޓުގެ ޚިދްމަތް މިރަށުގައި ފުރިހަމައަށް ޤާއިމުވެގެންދާނެ. އަޅުގަނޑުމެން މިއުންމީދު ކުރަނީ މިއަހަރުގެ ތެރޭގައި މިކަންކަން ފަށައިގަނެވޭނެ ކަމަށް. މިރަށުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފެނާއި ނަރުދަމާގެ ޚިދްމަތް މިރަށު ރައްޔިތުންނަށް ފޯރުކޮށްދޭނަން. ވައިކަރަދޫ ރައްޔިތުންނަށް މަސައްކަތް ކުރުމަށް އާމްދަނީއެއް ހޯދުމަށް ކަރަންޓު ބޭނުން ކޮށްގެން ކުރަންޖެހޭ ކަންކަން ކުރެވެންޖެހޭނެ. އިރާދަކުރެއްވިއްޔާ މިދަނޑު ހައްދާ ސަރަޙައްދަށް އެކުންފުނީގެ ފަރާތުން ފެނާއި ކަރަންޓުގެ ޚިދްމަތް ފޯރުކޮށްދޭނެ. އަދި މިރަށުގެ ދަނޑުވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ހިންގާނެ.

އެނގިވަޑައިގަންނަވާނެ މުޅި ރާއްޖެއަށްހެން، މުޅި މާލެއަށްހެން، ވަރަށް ފަހާ ޖެހެންދެންވެސް 1970ގެ އަހަރުތަކާ ޖެހެންދެންވެސް ބިންބި އަދި އެހެން ބާވަތުގެ ކިތަންމެ ގޮވާމެއް ގެންދަނީ މިރަށުން. އަޅުގަނޑުމެންނަށް މިއަދު އެ މަސައްކަތްތެރިކަން ނުވަތަ އެ ތަރައްޤީގެ ވިސްނުން މިއޮތީ ގެއްލިފައި. ހުރިހާ އެންމެން ދަނޑުތައް ދޫކޮށްލާފައި މާލެ ދިޔައީ، މިތަންތަނުގައި އެކަންކަން ކުރެވެން ނެތުނީތީވެ. އަޅުގަނޑުމެންގެ އަމާޒަކީ، މިރަށަކީ މި މަސައްކަތް ވަރަށް ރަނގަޅަށް ކުރެވިދާނެ ރަށެއްކަމަށް ދެކި އެކަން ތަރައްޤީ ކުރުން. ސަރުކާރުން ދެކެނީ ވައިކަރަދޫއަކީ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގުން ވަރަށް ކުރިއަށް ގެންދެވިދާނެ ރަށެއްކަމަށް. މިރަށުގެ ވަރަށްގިނަ ޒުވާނުންނަކީ، ރައްޔިތުންނަކީ، މިދަންނަވާ އައި.ޓީ މަސައްކަތަށް ވަރަށް ހުނަރުވެރި ބައެއް. ސަރުކާރުން ބޭނުން ޚާއްޞަ ޕްރޮގްރާމްތަކެއް އެކުލަވާލަން މިތަނުގެ އިންފޮމޭޝަން ޓެކްނޯލޮޖީ ކުރިއަށްގެންދިޔުމަށްޓަކައި. އެހެންވީމާ، ސަރުކާރުން ނިންމާފައި އޮތީ މިރަށުގެ ރައްޔިތުންނާ އަދި ޚާއްޞަކޮށް މިދާއިރާގައި ޙަރަކާތްތެރިވާ ރައްޔިތުންނާ މަޝްވަރާ ކޮށްގެން އެކަން ކުރިއަށް ގެންދިޔުމަށް. ސަރުކާރުންވާނީ ދިރާގާ ވާހަކަދައްކާފައި މިތަނުގެ އިންޓަނެޓްގެ ޚިދްމަތާއި ބްރޯޑްބޭންޑް ޚިދްމަތް މިހާރަށްވުރެ ރަނގަޅު ކުރެވޭނެ ގޮތްތަކެއް ހޯދުމަށް. މި ލާމަރުކަޒީ އުޞޫލުން ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ދިރާގުން އެބަ އެއްބަސްވޭ، ކޭބަލް އެންޑް ވަޔަރލަސްއަށް ދިރާގުގެ ޙިއްޞާގެ މިހާރު މިހުރި މިންވަރަށްވުރެ ކުޑަތަންކޮޅެއް އަދި އިތުރު 10 ޕަސެންޓް ޙިއްޞާ ދިނުމަށް އެބައެދޭ. އޭގެ ބަދަލު ނުވަތަ އެއާއެކުގައި ސަރުކާރަށް އެކުންފުނީގައި ބުނެވެން އެބައޮތް، އެވެނި މިވެނި މިވެނި ކަންކަމެއް އެޙިއްޞާ ބަދަލު ކުރުމާ ގުޅެންޖެހެއޭ. އޭގެތެރޭގައި، މިރަށަށް ކޭބަލްލުން. ބްރޯޑްބޭންޑް ޚިދްމަތް މިރަށުގައި އަދި ފުރިހަމައަށް ޓެކްނޯލޮޖީގެ ކަންތައް ރަނގަޅު ކުރުން ހިމެނިދާނެ. އަޅުގަނޑުމެންނަށް އިރާދަކުރެއވިއްޔާ އެމަސައްކަތް އެގޮތަށް ކުރިއަށް ގެންދެވޭނެ. ދިރާގާ ވާހަކަދައްކަމުން ކުރިއަށްދެވޭނެ.

މިރަށުގެ ރައްޔިތުން އަޅުގަނޑަށް އަބަދުވެސް އަޑުއިވޭ، މިރަށާ ޖެހިގެން މިއޮތް ވައިކަރަ މުރައިދޫގެ ވާހަކަ ދޭތެރެ ދޭތެރެއިން ބުނުއްވާނެ. އެރަށުގައި މިރަށު ރައްޔިތުންނަށް މަސައްކަތެއް ކުރެވެން އޮތްތޯ. ސަރުކާރުން ދެކެނީ ފުރަތަމަ ކަމަކަށް ދިގު މުއްދަތަށް ރާއްޖޭގެ ފަންސާހަކަށް ރަށް ސަރުކާރުން އޮތީ އެކިއެކި ފަރާތަށް ކުއްޔަށްދީފައި. އެ އެގްރީމެންޓްތަކެއް ރޫޅައެއް ނުލެވޭނެ. އެ އެގްރީމެންޓްތައް ރޫޅާލުމަށް ވަރަށް ބޮޑު ހޭދައެއް ސަރުކާރުން ކުރަންޖެހޭ. އެހެންނަމަވެސް، ސަރުކާރުން މިއަންނަނީ އެ އެގްރީމެންޓްތައް ކުރެވިފައިހުރި ފަރާތްތަކާ ވާހަކަ ދައްކަމުން. އަޅުގަނޑުމެން މި ހުށަހަޅަނީ މި ސަރުކާރުން އެބަގެންގުޅެއޭ ސިޔާސަތެއް. ދިހަހާސްގެ މިއަހަރުގެ ތެރޭގައި އަޅަން ފެށުމަށް މަސައްކަތްކުރަން. އޭގެން ކޮންމެ 10 ގެއެއް އެހެންވީމާ ގުޅިފައި މިއޮތީ ތިރީސްހާސް އަކަފޫޓުގެ ލަގްޒަރީވިލާއެއް ނުވަތަ ޓޫރިސްޓުން އައިސް އެމީހުންނަށް ދިގުމުއްދަތަށް ތިބެވޭނެ ގޮތަށް ހެދޭ ތަންތަން ހެދުމަށް ބިން ދޫކުރުމަށް. ކޮންމެ ތިރީސްހާސް އަކަފޫޓުގެ ބިމަށް ދިހަގެ އެޅުން ޝަރުޠުކޮށްފައި. މިގޮތަށް މިކަން ސަރުކާރުން އިޢުލާން ކުރީމާ މިދަންނަވާ ދިހަހާސްގެ އެޅުމަށް އެބައޮތް 17 ފަރާތަކުން ޝައުޤުވެރިކަން ހާމަކޮށްފައި. ސަރުކާރަށް މިހާރު އޮތީ އޭގެތެރެއިން ކަމަށް އެންމެ ރަނގަޅު، އެންމެ އެކަށީގެންވާ ބައެއް ހޯދައި އެބަޔަކާ އެމަސައްކަތް ހަވާލުކުރުން. އެގެއަޅާއިރު މިސާލަކަށް ވައިކަރަދޫގައި އަޅާ ގޭގެ، ލަގްޒަރީވިލާ ނުވަތަ އެ ވިލާ، ޓޫރިސްޓުން އައިސްތިބޭ ތަން ދިނުމަށް ވައިކަރަ މުރައިދޫގެ ވެރިންނާ ސަރުކާރުން ވާހަކަ ދައްކާނެ. އެމީހުންނާއެކީގައި އެއްބަސްވުމަކަށް އާދެވޭތޯ ސަރުކާރުން ބަލާނެ. އަދި އެރަށް ނޫނަސްވެސް އެބާވަތުގެ ކިތަންމެ ރަށެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިގުމުއްދަތަށް ނަގައިގެން ފައިސާ ޚަރަދުކޮށްގެން މަސައްކަތް ކުރަމުން އެބަގެންދޭ. ސަރުކާރަކުން ބޭނުމެއްނޫން އެމީހުންގެ އިންވެސްޓްމަންޓްތައްވެސް ހަލާކުވާކަށް. އެއިރަކަށް ސަރުކާރަކަށްވެސް ވައިކަރަދޫއަކަށްވެސް ވަކި ރަނގަޅެއް ނުވާނެ. އެހެންނަމަވެސް، ސަރުކާރަކުން އަދި ހަމަ ބޭނުމެއްނޫން، އެއްވެސް ތަނެއްގެ ބިން އެންމެ އެކަށީގެންވާ ބޭނުންތެރިގޮތުގައި ނޫން ގޮތަކަށް ބޭނުން ކުރާކަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، ވައިކަރަ މުރައިދޫ މެދުވެރިކޮށް، ވައިކަރަދޫއަށް ފައިދާވާނެއޭ، އޭގެ އިންތިޒާމެއް އަޅުގަނޑުމެން ހަމަޖައްސައިދޭނެއޭ.

މި ސަރުކާރުން ހިންގާ އިތުރު މަޝްރޫޢުތަކުގެ ތެރޭގައި ވަރަށް މުހިންމު ކަމެއް ދަތުރުފަތުރުކުރުމުގެ ނިޒާމަކުން މިރާއްޖޭގެ ރަށްތައް ގުޅާލުން. އެކަން ކުރުމަށްޓަކައި ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ސަރުކާރުން އިޢުލާނު ކުރީމާ، ސަރުކާރުން އެކަމާ ގުޅުވާފައި މިއޮތީ ގެސްޓްހައުސް ހެދުމުގެ ފުރުސަތަށް. އިޢުލާނު ކުރީމާ އެކަމަށް ޝައުޤުވެރިވެ 20 ފަރާތުން ޝައުޤުވެރިކަން ހާމަކޮށްފައި އެބައޮތް. ސަރުކާރަށް މިހާރު އޮތީ އޭގެތެރެއިން ކަމަށް އެންމެ ރަނގަޅު އެކަށީގެންވާ ބައެއް ހޯދައި އެބަޔަކާ އެމަސައްކަތް ހަވާލުކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިފާހަގަކުރާ ކަންކަން އަޅުގަނޑުމެން ކުރާނެ. އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ ވިސްނުމާއި މަގާއި ގޮތް ފެންނާން އެބައޮތް. އަޅުގަނޑުމެން މިދާ މިޞްރާބުގައި މިކަން ހިންގުނީމާ، އަޅުގަނޑުމެން މިދެކެނީ ދެމެހެއްޓެނިވި ގޮތުގައި މި ރާއްޖެއަށް ތަރައްޤީ ލިބިދާނެއޭ. މިރާއްޖެ އަޅުގަނޑުމެންނަށް ބަދަލުކުރެވިދާނެއޭ. ރާއްޖޭގެ އިޤްތިޞާދު އަނބުރާލެވިދާނެއޭ. އެކަންކުރުމަށް އަޅުގަނޑުމެން އެބަޖެހޭ ވައިކަރަދޫ އިޤްތިޞާދު އަނބުރާލަން. ވައިކަރަދޫ އިޤްތިޞާދު ނޭބުރެންޏާ ރާއްޖޭގެ އިޤްތިޞާދެއްވެސް ވަކި ނޭބުރޭނެ. އެހެންވީމާ، ސަރުކާރުން ބަލާނެ ވައިކަރަދޫއަށް ކަންތައްތަކެއް ކުރުމަށް. އެމަސައްކަތްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދަނީ ކުރިއަށް ގެންދަމުން. އޭގެ ޢަމަލީ މަސައްކަތްތައް ދާދި އަވަހަށް ތިޔަބޭފުޅުންނަށް ފެނިގެންދާނެ.

މަދަރުސާ އެއްދަންފަޅިއަށް ހެދުން ނުވަތަ ސަރުކާރުން ބޭނުންވަނީ ކޮންމެ މަދަރުސާއަކުން ނުކުންނަ 100 ކުދިންގެ ތެރެއިން 60 ކުދިންނަކީ "ސީ" ފާހަށްވުރެ މަތިން ފާސްވެފައިތިބި ކުދިންނަށްވާން. އެކަން އެހެން ހެދުމަށްޓަކައި ސަރުކާރުން އެބަކުރަންޖެހޭ ދެކަމެއް. ރަނގަޅު މަދަރުސާއެއް ހެދުމާއި އަދި ރަނގަޅު ޓީޗަރުން ތައްޔާރުކުރުން. މަދަރުސާ ރަނގަޅު ކުރުމަށްޓަކައި އެއްދަންފަޅިއަށް މަދަރުސާ ބަދަލުކުރުން ބޭނުންވެގެން މިއުޅެނީ. އެކަން ކުރުމަށް ބޭނުންވާ ކްލާސްރޫމް އިތުރު ކުރަންޖެހޭނަމަ އެކަމަށް ތިޔަބޭފުޅުން އެދިލެއްވީމާ އިރާދަކުރެއްވިއްޔާ އެޑިޔުކޭޝަން މިނިސްޓްރީން އެކަން ހަމަޖައްސައިދޭނެ. ސަރުކާރުން މިއަހަރުގެ ތެރޭގައި އެމަސައްކަތްތައް ފަށައިދެވޭނެ. އަޅުގަނޑުމެން ބޭނުންވަނީ ރަނގަޅު ދަރިންތަކެއް އުފައްދަން. ކިޔަވައިގެން ތިބި ތަންދޮރު އެނގޭ ރައްޔިތެއް މިރާއްޖޭގެ ރަށްތަކުގައި ދިރިއުޅެން. އެކަންކުރުމަށް ތަޢްލީމީ ނިޒާމު ފުރިހަމަކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމަސައްކަތް މިދެންނެވި މިސްރާބުން ގެންގޮސް މިތަނުގައި މިފަސް އަހަރު ތެރޭގައި މަދަރުސާ ނިމޭ ކުދިންގެ ތެރެއިން ކޮންމެ ދިހަ ކުދިންގެ ތެރެއިން 6 ކުދިންނަކީ "ސީ" ފާހުން މަތިން ފާސްވާ ކުދިންނަށް ހެދުން އަޅުގަނޑުމެންގެ އަމާޒަކީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ކުރާނަން.

އަޅުގަނޑުމެން މިމަސައްކަތަށް ނުކުމެ، އަދި އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމުގެ އެންމެހާ ކަންކަން އަޅުގަނޑުމެން ހިންގަމުން ދާއިރުގައި އެނގިވަޑައިގަންނަވާނެ، މިހާރު ޢަމަލު ކުރަމުން މިދަނީ އިޞްލާހް ކުރެވިފައިވާ ޤާނޫނުއަސާސީއަކަށް. އެ ޤާނޫނުއަސާސީގެ އެންމެ މުހިންމު އެއްސިފައަކީ ގިނަޕާޓި އެކުލެވޭ ސިޔާސީ ޕާޓީ ނިޒާމު. އިންސާނީ ތަޖުރިބާ ދައްކާފައި އޮތް ހެޔޮވެރިކަމުގެ އެންމެ ރަނގަޅު ނިޒާމަކީ ގިނަޕާޓީ އެކުލެވޭ ގޮތަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ޖާގަދީފައި އޮންނަ ވެރިކަމުގެ ނިޒާމު. އަޅުގަނޑަކީ، އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ބައިވެރިވެ ތިޔަބޭފުޅުން އަޅުގަނޑަށް ތާއީދު ކުރެއްވީތީވެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުރި މީހެއް. އަޅުގަނޑުގެ ވާޖިބެއް އެއީ، މި އިޞްލާޙް ކުރެވުނު ޤާނޫނުއަސާސީ ތަޞްދީޤު، ތަންފީޒު ކުރެވެމުންދާއިރުގައި އޭގެން ކުރެވެން ހުރި ބޭނުންތައް ތިޔަބޭފުޅުންނަށް ހާމަކޮށްދިނުން. މިއިންތިޚާބުގެ ދުވަސްވަރު އަޅުގަނޑަކީ ސިޔާސީ ޕާޓީއެއްގެ މީހެއް. އަޅުގަނޑު އެދޭނެ އަޅުގަނޑު ޕާޓީގެ މެންބަރު ކާމިޔާބު ވުމަށް. އަޅުގަނޑުމެން މިވަޢުދުވާ ވަޢުދުތައް ފުއްދުމަށް އަދި ޤާނޫނުއަސާސީ ތަންފީޒު ކުރުމަށް ރަނގަޅު 64 ޤާނޫނު އެބަ ބޭނުންވޭ. އަޅުގަނޑަށް ވަރަށް އުނދަގޫ ގަބޫލުކުރަން އެޤާނޫނުތައް ހެދުމުގައި މިދިޔަ ދިގު 30 އަހަރު އަޅުގަނޑުމެންނާ ޖަދަލުކުރި ނުވަތަ އެއްވެސް އިޞްލާޙެއް މިރާއްޖެއަށް އައުމަށް ނޭދިތިބި ބޭފުޅުން އަރުވާޖަހާ މިއަދު އެކަންކަން ކުރައްވަން އުޅުއްވާނެކަމަށް. ނޫޅުއްވާނެ.

ދާދި އިހަކަށްދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނީ، ލާމަރުކަޒީ އުޞޫލުން ކަންކަން ކުރުމާ ގުޅޭ ބިލް. ލާމަރުކަޒީ އުޞޫލުގެ ވާހަކައަކީ 2020ގެ ތަޞައްވުރުގައިވެސް ބޮޑުއަކުރުން ލިޔެފައި އޮތް ވާހަކައެއް. ޤާނޫނުއަސާސީގައި ބޮޑު މާއްދާއެއް، ބޮޑު ބާބެއް ހަމައެކުގައި އޮތީ ލާމަރުކަޒީ އުޞޫލުން ހިންގުމާ ގުޅޭގޮތުން. އެހެންނަމަވެސް، ކިހިނެއްތޯވީ އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނީމާ، ޑީ.އާރު.ޕީ.ގެ ޕީ.އޭ.ގެ އެއްވެސް ބޭފުޅެއް އެއަކަށް ވޯޓެއް ނުދެއްވިއޭ އިނގޭތޯ. އަޅުގަނޑުމެންނަށް އެބިލް އެތެރެ ކުރެވުނީ ހަމަ އެންމެ ވޯޓަކުން. އެންމެ ވޯޓެއްގެ ފަރަގުން ހަމަކިރިޔާ. ދެންވެސް އަޅުގަނޑުމެން ކުރާންހުރި ގިނަ ކަންތައް ކުރާންހުރީ، ކުރެވެން އޮތީ މަޖިލިސް މެދުވެރިކޮށް. އެކަން އެގޮތަށް ކުރުމަށްޓަކައި އަޅުގަނޑުމެން ބޭނުން ތިޔަބޭފުޅުންގެ ޤާނޫނީ ޙިއްޞާ. އަޅުގަނޑުމެން ބޭނުން ތިޔަބޭފުޅުންގެ ރުހުން. އެރުހުން ނެތި އަޅުގަނޑުމެންނަކަށް މިމަސައްކަތެއް ނުކުރެވޭނެ. އެ ރުހުން ރަމްޒު ކޮށްދެނީ މަޖިލީހުގެ ގޮނޑިތަކުން. އެހެންވީމާ، އަޅުގަނޑު ބޭނުން ތިޔަބޭފުޅުންގެ ޒަމީރު އަޅުގަނޑުމެންނާއެކީގައި ތިޔަބޭފުޅުންގެ ފަރާތުން މި މަސައްކަތް ކުރުމަށް ބައިވެރިކޮށްދިނުމަށް. އަޅުގަނޑު އޭނާއަށް އިތުބާރުކުރަން ވަރަށް ބޮޑަށް. އަޅުގަނޑުމެން މިމަސައްކަތް ފަށައިގަތީއްސުރެ ފަށައިގެން ފުރަތަމަ ދުވަހުއްސުރެ ފަށައިގެން ވަރަށް ސާބިތުކަންމަތީގައި ނުގުޑާ ދެގޮތެއްނުވެ ހުންނެވި ބޭފުޅެއް. އަޅުގަނޑުމެންނަށް އޭނާއާ އެކީގައި އިރާދަކުރެއްވިއްޔާ މިރަށުގެ ތަރައްޤީގެ މަސައްކަތްތައް މާހަލުވިކަމާއެކީގައި ކުރެވޭނެ.

އަޅުގަނޑު ވައިކަރަދޫގެ ރައްޔިތުންގެ ކިބައިން މިކަންކަން ކުރުމަށް ހަމައެކަނި އެދެނީ އެންމެ ކަމަކަށް. އަޅުގަނޑުމެންނާއެކީގައި މިކަމުގެ އުންމީދު ކުރައްވާށޭ. އުންމީދު ނަގާ ނުލައްވާށޭ. އަޅުގަނޑަށްވެސް އެނގޭ ދަތިކަން. އަޅުގަނޑަށްވެސް އެނގޭ ތާށިކަން. އަތްމަތިވެސް އުނދަގޫކަން. އެހެންނަމަވެސް، އަޅުގަނޑުމެން މިއެދެނީ އުންމީދު ނަގާ ނުލައްވާށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަންކަން ވާނެއޭ. އަޅުގަނޑުމެން މިތިބީ އެކަންކަން ކުރާނެ ގޮތްތައް ހޯދައި ވިސްނާ ބަލައިގެން މިނެގެން ކިރައިގެންނޭ. އެކަމުގައި އަޅުގަނޑުމެން ނުކުތީމާ އަޅުގަނޑުމެންނަށް މިކަންކަން ވާނެއޭ. މީގެ ދުވަސްކޮޅެއް ކުރީގައި ބައެއް ބޭފުޅުން އަޅުގަނޑު ގާތުގައި ބުނެ އުޅުނު ނަޝީދުއޭ ތިޔަކަމެއް ނުވާނެއޭ. ރައީސް މައުމޫންގެ ވެރިކަމެއް ނުނިންމޭނެއޭ. އެހެނޭ މިހިނޭ އެހެނޭ. މިއަދު އެބޭފުޅުންނާ އަޅުގަނޑާ ދިމާވީމާ އެބޭފުޅުން ތިއްބަވަނީ ކުޑަކޮށް ލަދުން. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އަޅުގަނޑުމެންނަށް މިރަށުގައި ނަރުދަމާ ނޭޅޭނެއޭ ނުބުނުއްވައްޗޭ. އޭރުން މާދަން ދިމާވީމާ ތިއްބަވާނީ ކުޑަކޮށް ލަދުންނޭ. އޭގެ ބަދަލުގައި އަޅުގަނޑުމެންނާއެކީގައި މިކަން ކުރުމުގައި ބައިވެރިވެލައްވާށޭ. މިއީ ވާންއޮތް ކަމެކޭ. މިކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވޭނެއޭ.

އަޅުގަނޑުގެ ހިތުގައި އަބަދުވެސް ބިންވަޅު ނަގާފައި އޮންނަ އެންމެ މުހިންމު އެއްކަމަކީ، މިރާއްޖެއަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީވެސް، މިރާއްޖޭގެ ހުރިހާ މުއްސަނދިކަމަކީވެސް އަދި މި ދައުލަތުގެ އެންމެހާ ޚަޒާނާ އެއީ، ތިޔަބޭފުޅުންގެ އެއްޗެކޭ. ރައްޔިތުންގެ މަސައްކަތެކޭ. އަޅުގަނޑުމެންނަކަށެއް ނެތް އޭގެން އެންމެ ލާރިއަކަށްވެސް ޚިޔާނާތްތެރިވެވޭކަށް. އެފައިސާއަކީ، ތިޔަބޭފުޅުން އަޅުގަނޑުމެންނާ މިހާރު ޚާއްޞަކޮށް އަޅުގަނޑާ އަމާނާތެއްގެ ގޮތުގައި ބެލެހެއްޓުމަށް ހަވާލުކޮށްފައި ހުރި ފައިސާ. އޮތް މުއްސަނދިކަން. އަޅުގަނޑަކަށެއް ނެތް އެއަށް ޚިޔާނާތްތެރިވެވޭކަށް ހަމަ އެއްގޮތަކަށްވެސް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މިސަރުކާރުގެ އެއްވެސް ބޭފުޅަކަށް ވަޒީރަކަށްވިޔަސް އަދި ޚުދު އަޅުގަނޑަށްވިޔަސް ނާޖާއިޒު ފައިދާއެއް ނަގައި ޚިޔާނާތެއް ހިންގައިފިނަމަ އެކަން ތަޙުޤީޤުވެސް ކުރެވޭނެ. ޝަރީޢަތްވެސް ކުރެވޭނެ. ޙައްޤު އަދަބުވެސް ދެވޭނެ. އަޅުގަނޑުމެންގެ އަތުގައި ތިޔަބޭފުޅުންގެ ފައިސާ ރައްކާތެރިކަމަށް ހަމަ މުޅިން ގަބޫލުކުރައްވާ. އެފައިސާއަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނެއް ޚިޔާނާތްތެރިއެއް ނުވާނެ.

އަޅުގަނޑަށްވެސް ހަމަ ސާފުވޭ، އަޅުގަނޑުމެން މިއެދޭ ގޮތަށް މި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ބޭނުންވާ ކިތަންމެ އެހެން ކަންތައްތަކެއް އެބަހުރި. އަދި ވަކިން ފާހަގަވާ ކަންކަމުގެ ތެރޭގައި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކޮންމެހެން ބޭނުން. ކޮންމެހެން ބޭނުން. ތަރައްޤީއެއް ނުގެނެވޭނެ ބިރުން ތިބެގެނެއް. ރައްޔިތުން ޚިޔާލެއް ކުރަން، އެޚިޔާލު ފާޅު ކުރަން ބިރުން ތިބެ، އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އަޅުގަނޑުގެ މައްސަލައެއް ނެތް، އަޅުގަނޑަށް ތިޔަބޭފުޅުން މަލާމާތް ކުރެއްވިޔަސް، އަޅުގަނޑަށް ފާޑުކިޔަސް، ފުރައްސާރަ ކުރިޔަސް، އެއްޗެތި ކިޔަސް، އަޅުގަނޑަށް ހަޖަމުވާނެ. އަޅުގަނޑަށް އެނގޭ ކޮންމެ ކަމެއްވެސް ފަށައިގަންނައިރުގައި އުނދަގޫތަކަކާ ކުރިމަތިވާނެކަން. އެހެންނަމަވެސް، އަޅުގަނޑުމެން އެއަށްވުރެ ބޮޑަށް އެބަ ވިސްނަންޖެހޭ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ހަން އެބަ ބޯވާންޖެހޭ. ބައެއް ފަހަރަށް ރޮނގުން ބޭރަށް ބައެއް ބޭފުޅުން ދުރުވާނެ. ދެން އެހެންވާ ކޮންމެ ފަހަރަކު އަޅުގަނޑުމެން އެމީހުން ފަހާ ދިޔުން އެއީކީއެއް، އަޅުގަނޑުމެން މިއެދޭ ހެޔޮވެރިކަމުގެ ނިޒާމު ޤާއިމު ކުރެވޭނެ ގޮތެއްނޫން. އަޅުގަނޑަށް ޔަޤީން، ވައިކަރަދޫ ހުރިހާ ރައްޔިތުންވެސް މިކަންކަމާ ގުޅޭގޮތުން ވިސްނަވާނެކަން. އަޅުގަނޑަށް ޔަޤީން، އެހެން ރަށްރަށަށްވުރެ މާބޮޑަށް އަދި މިރަށުގައި މިކަންކަމާ ވިސްނަވާނެކަން. މިއީ، އަޅުގަނޑުމެންގެ ޕާޓީ އަދި ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު އުފެދިގެން އައިއިރުގައި އެންމެ ބޮޑަށް ބައިވެރިވި އެއް އާބާދީ. ތިޔަބޭފުޅުންނަށް ވަރަށް ސާފުވާނެ އަޅުގަނޑު މިދައްކާ ވާހަކަ.

އަޅުގަނޑުގެ އުންމީދަކީ މާދަމައަކީ، ވައިކަރަދޫއަށް އަދި މިއަދަށްވުރެ މާއުފާވެރި ދުވަހަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

واَلحَمْـدُ لِلّـهِ. والســّلام عليــكم. ވަރަށްބޮޑަށް ޝުކުރިއްޔާ!