بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން މިއަދު އެންމެ ފުރަތަމައިނުންވެސް ބައިނަލްއަޤްވާމީ ރެޑްކްރޮސް އަދި ރެޑްކްރެސެންޓް ޖަމާޢަތަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން ބޭނުން.

Today in the name of all the people of Dhuvaafaru and people of this country, we would like to express our heartfelt gratitude for all the work that Red Crescent Societies, Red Cross Societies have done in the Maldives all throughout the last 4 years, It has been simply amazing. And I am certain that the people of Maldives can never be thankful enough for all the support that you have given us. And therefore thank you very much.

އަޅުގަނޑުމެންނަށް މީގެ ހަތަރު އަހަރު ކުރީގައި ދިމާވީ ވަރަށް ހިތާމަވެރި، ވަރަށް ނުރައްކާތެރި ޙާދިސާއެއް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މިތަނުގައި ހުރެ ޙަޤީޤަތުގައި މިވާހަކަތައް ތިޔަބޭފުޅުންނާ ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތް. ތިޔަބޭފުޅުން އެދުވަސް ދެކެވަޑައިގަތީ. ތިޔަބޭފުޅުން ދެކެވަޑައިގަތީ، ތިޔަބޭފުޅުންގެ ކަނދޮޅުދޫ ނެތިދިޔަ ތަން. އަދި އެއަށްފަހު، ހަތަރު އަހަރު ވަންދެން، ދިގު ހަތަރު ވަންދެން، ކަނދޮޅުދޫ ރައްޔިތުން، ރ. އަތޮޅުގައާއި ރާއްޖޭގެ އެތަން މިތަނުގައި، އެކިބާވަތްބާވަތުގެ ޖިފުޓީގައި ދިރިއުޅުއްވަމުން ގެންދެވީ. އެ ދިރިއުޅުއްވުމުގެ ތެރޭގައި، މުޅިން އާ ޢާއިލާތައްވެސް އުފެދިއްޖެ. އާކުދިންވެސް ލިބިއްޖެ. މިހާރު ތިޔަބޭފުޅުންގެ ތެރޭގައި އެބަތިބި. ކޭމްޕްތަކުގައި ތިބެ، ވަގުތީހިޔާގައި ތިބެ، އުފެދޭ މުޅިން އާ ޖީލެއްވެސް. ހުރިހާ ބޭފުޅުންނަށް އެކުގައި މިއަދު އަނެއްކާވެސް ދުވާފަރުގައި ދިރިއުޅުން އާރާސްތު ކުރަން މިފެށެނީ.

މިކަން މިހެން ހިންގުމުގައި، މިކަން މިހެންވުމުގައި، އަޅުގަނޑު ދެންމެވެސް ދެންނެވިފަދައިން، ރެޑްކްރޮސް އެންޑް ރެޑްކްރެސެންޓް ޖަމާޢަތުގެ އެހީތެރިކަން ވަރަށްބޮޑު. އެބޭފުޅުން އެންމެ ފުރަތަމަ ދުވަހުއްސުރެ ފެށިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި، ނުހަނު ބުރަ މަސައްކަތާއެކީގައި އަޅުގަނޑުމެންނަށް ކަންކަން ކޮށްދެއްވަމުން ގެންދެވި. ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިވެދެއްވަމުން ގެންދެވި. އެބޭފުޅުން އެހީތެރިވެ އެދެއްވަނީ، ހަނދުމަފުޅުކޮށް ބަހައްޓަވާތި، އެބޭފުޅުންގެ ރަށްރަށުގެ ރައްޔިތުންގެ ފައިސާއިން. އެބޭފުޅުންގެ ރަށްރަށުގެ ރައްޔިތުން އެދުނީ، ތިޔަބޭފުޅުންނަށް، ދުވާފަރު ރައްޔިތުންނަށް އަދި ރާއްޖޭގެ ރައްޔިތުން ޙާލުގައި ޖެހުނު ދުވަހު، އެ ރައްޔިތުންނަށް އެބޭފުޅުންނަށް އަޅާލެވޭނެ ގޮތްތަކެއް ހޯދައި، އެމަގުން އަޅާލުމުގެ ކަންކަން ކުރިއަށް ގެންދަން. އެގޮތުން، އެބޭފުޅުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، މި ރާއްޖޭގައި މި މަސައްކަތް މިއޮތީ ފެށިފައި.

އަޅުގަނޑު މިއަދު ވަރަށް ބޮޑަށް ތިޔަބޭފުޅުންނަށް ތަރުޙީބު ދަންނަވަން، ޚާއްޞަކޮށް، ކަނދޮޅުދޫ ރައްޔިތުންނަށް. ތިޔަ ބެހެއްޓެވި ކެތްތެރިކަމާއި، ތިޔަ ކުރެއްވި ހިތްވަރާއި، ތިޔަބޭފުޅުންގެ ދިގު އިންތިޒާރާއި، އަދި ތިޔަބޭފުޅުންގެ ބުރަ ޙާލު، އަޅުގަނޑުމެން މިއަދަކު ނޫން މިދުށީކީއެއް. އެނގިވަޑައިގަންނަވާނެ، އުނގޫފާރުގައިވެސް. މީދޫގައިވެސް. މަޑުއްވަރީގައިވެސް. އަލިފުށީގައިވެސް. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި، ކަނދޮޅުދޫ ރައްޔިތުން މިދިޔަ ހަތަރު އަހަރު ދިރިއުޅެމުން އައިގޮތް އަޅުގަނޑުމެން ވަރަށް ގާތުން ދުށީމު. މި ސަރުކާރުގެ އަބަދުވެސް އެއް އަމާޒަކަށްވެފައި އޮތީ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަމަ ޙަވާލުވުމާއެކުގައި، މިރަށަށް، ދުވާފަރަށް ރައްޔިތުން ބަދަލުކުރުމުގައި ހުރި ދަތިތަކެއް ހުރީކަމަށްވަނީވިއްޔާ، އެ ދަތިތައް ޙައްލުކޮށް، ވީހާވެސް އަވަހަކަށް ތިޔަބޭފުޅުންނަށް މިރަށަށް ބަދަލުވެވަޑައިގެންނެވޭނެ މަގު ފަހިކޮށްދިނުން. މާތްރަސްކަލާނގެ އިރާދަފުޅުން، އަޅުގަނޑުމެންނަށް މިއަދު މިވަނީ ކޮންމެވެސް މިންވަރަކަށް ނަމަވެސް، އެކަން ކުރެވިފައި.

އަޅުގަނޑަށްވެސް އެނގޭ. މިއަދު އަޅުގަނޑުމެން މިރަށުގައި ތިބޭއިރުގައި، އަދި އިތުރަށް ބޭނުންވާ ކިތަންމެ ކަމެއް އެބަހުރި. މިރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރުގައި، ތިޔަބޭފުޅުން އެބަ އެދިވަޑައިގަންނަވާ، ބަނދަރުގައި ބޯސާ ހަރުކުރުމާއި، ހުސެންދަރި ހަރުކުރުން. އަދި ބަނދަރު ބޮޑުކޮށްދިނުމަށް. އަޅުގަނޑުމެން މިދަނީ ތިޔަބޭފުޅުންނަށް މިމަސައްކަތް ކޮށްދެވޭނެ މަގުތައް ހޯދަމުން. އިރާދަކުރެއްވިއްޔާ، ބޯސާ ލުމާއި، ހުސެންދަރި ހަރުކުރުން މިދެކަންތައް އަޅުގަނޑުމެންނަށް ކޮށްދެވޭނެ. އަދި ބަނދަރު ބޮޑުކުރުން އެއީ، ސަރުކާރުން މިހާރު ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާ ކަމެއް. އަޅުގަނޑުމެން ބެލި ބެލުމުގައި، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް ބަނދަރު ބޮޑުކުރުމަށް އަދި އިތުރު ތިންލައްކަ ފަންސާސް ހާސް ޑޮލަރު އެބަ ބޭނުންވޭ. ސަރުކާރުން މިހާރު މިދަނީ އެމަސައްކަތް ކުރަމުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މި ސަރުކާރުން ހަމަގައިމުވެސް އަޅުގަނޑުމެންނެއް މަސައްކަތެއް ހުއްޓައެއްނުލާނަމޭ. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް އެފައިސާ ހޯދައިދޭނަމޭ. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ ބަނދަރު ތިޔަބޭފުޅުންނަށް ބޮޑުކޮށްދޭނަމޭ.

ބަނދަރު އެކަންޏެއް ނޫން އިނގޭތޯ. އަޅުގަނޑުމެންނަށް ހަމަ ފެނޭ، މިހާރު މިއޮތީ މިރަށުގެ ނަރުދަމާއެއް ޤާއިމު ކުރެވިފައި. އަދި ކަރަންޓްވެސް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ޤާއިމު ކުރެވިފައި. މިދެނިޒާމު ބަލަހައްޓަމުން އެބަ ގެންދަންޖެހޭ. މިދެނިޒާމު އެބަ ހަރުދަނާ ކުރަންޖެހޭ. ރެޑްކްރޮސް ޖަމާޢަތުގެ އެންމެބޮޑު އެއްއަމާޒަކީ، އެބޭފުޅުން ކޮށްދެއްވާ ކަންކަން، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ އިންތިޒާމުތަކެއް، ނިޒާމުތަކެއް ހަމަޖެއްސުން.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން އެކަންކަން ހަމަޖެއްސުމުގެ އިންތިޒާމުތަކާއި، މަޝްރޫޢުތައް ރާއްވަވަމުން ގެންދަވާނެ ކަމަށް. އަދި ސަރުކާރުން މިހާރު މިގެންދަނީ، ސަރުކާރުގެ ކޮންމެ ޕްރޮޖެކްޓެއްގައި، އެ ޕްރޮވިންސެއްގެ ޔުޓިލިޓީޒް ނުވަތަ އަސާސީ ޚިދްމަތްތައް ފޯރުކޮށްދޭ އެންމެހާ މަސައްކަތްތައް ބަލަހައްޓާނެ ސަރުކާރު ޙިއްޞާވާ ކުންފުނިތަކެއް އުފައްދަމުން. އެނގިވަޑައިގަންނަވާނެ، ދުވާފަރު ހިމެނޭ ސަރަޙައްދުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވަނީ ތިލްމީޒާ. އެބޭފުޅާ ތިޔަބޭފުޅުންނަށް މަސައްކަތް ކޮށްދެއްވާނެ. ތިޔަބޭފުޅުންގެ އެކިއެކި ކަންކަން ފުއްދުމަށްޓަކައި ބޭނުންވާ މަޝްރޫޢުތައް އެކުލަވާލައްވައި، އަދި އެ މަޝްރޫޢުތަކަށް ފައިސާ ހޯދައި، އެމަޝްރޫޢުތައް ހިންގައިދިނުމަށް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ތިޔަބޭފުޅުން ތިލްމީޒާއާ އެކުގައި އަދި ޑޮކްޓަރ ރާޒީއާވެސް އެކުގައި އަދި މިއަތޮޅުގެ ކައުންސިލަރާއި، އަދި މިރަށުގެ ކައުންސިލަރާވެސް އެކުގައި މިހުރިހާ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމުގެ ކަންކަން ތިޔަބޭފުޅުން ކުރިއަށް ގެންދަވާނެ ކަމަށް.

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިރަށުގައި ފެންހޮޅި ވަޅުލުން. އަޅުގަނޑުމެންގެ އަމާޒަކީ، މިރަށުގެ މަގުތައް ރީތިކޮށް ތާރުއަޅައި ހެދުން. އަޅުގަނޑުމެން ދެކޭ ދުވާފަރަކީ އެއީ. އަޅުގަނޑުމެން އުންމީދު މިކުރާ އަނެއް ދިވެހިރާއްޖޭގެ ކަނދޮޅުދޫ ރައްޔިތުން ދުވާފަރުގައި ތިބޭއިރުގައި، ތިބޭނީ މިދަންނަވާ ރަށުގައި. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން، ތިޔަބޭފުޅުން ހަނަފަސް ސަހަރާއަކަށް އުކާލާފައި، މިއީ ރާއްޖޭގެ ރައްޔިތުންނޭ ބުނެ، އަތް އުރާލައިގެން ތިބޭކަށެއް.

އަޅުގަނޑު ތިޔަބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ތިޔަބޭފުޅުންގެ ކެތްތެރިކަމާއި އަދި ތިޔަބޭފުޅުންގެ ކަނދޮޅުދޫ ރައްޔިތުންގެ މިހުރި ހިތްވަރަށްޓަކައި. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، ރާއްޖޭގެ އާބާދީގެ އެންމެ ތަނަވަސް އެއް އާބާދީއަކީ، އެއްބަޔަކީ، އެންމެ ހީވާގި، އެންމެ މަސައްކަތްތެރި، އެންމެ މަސްވެރި އެއްބަޔަކީ ކަނދޮޅުދޫ ރައްޔިތުން. ތިޔަރައްޔިތުންނަށް، ތިޔަބޭފުޅުންނަށް މިތަނުގައި ރަނގަޅު ރަށެއް ބިނާކޮށް، މިތަނުގައި ރަނގަޅު ދިރިއުޅުމެއް ބިނާ ނުކުރެވެންވީ ހަމަ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެން، މި ސަރުކާރު މިތިބީ، ތިޔަބޭފުޅުންނާއެކީގައި އެމަސައްކަތް ކުރުމަށް.

އަޅުގަނޑު މިއަދު މިރަށަށް އައިއިރުގައި، ވަރަށްގިނަ ޢަދަދެއްގެ މާދަމާގެ ވެރިން، މިއަދުގެ ކުޑަކުދިން ދިމާވެއްޖެ. އަޅުގަނޑު ކޮންމެ ކުއްޖެއް، ކޮންމެ ކުއްޖެއްގެ ގާތުގައި ބުނަން އޮތް ވާހަކައެއް އެބައޮތް. ވަރަށް ފަރުވާތެރިކަމާއެކު އަޑުއަހާތި. އަދި މިކަން އަޅުގަނޑަށް ކޮށްދޭތި. ކޮންމެ ކުއްޖަކުވެސް ގޭދޮށުގައި ގަހެއް ޖަހައި، އެ ގަސް ބަލަހައްޓައި، ފެންދީ ހެއްދޭތޯ ބަލައިދިނުމަށް އަޅުގަނޑު ހުރިހާ ކުދިންގެ ކިބައިން އެދެން. މިކަން ތިޔަކުދިންނަށްވާނެ. ތިޔަކުދިންނަށް ގޭދޮށުގައި ގަހެއް ޖެހޭނެ. ތިޔަކުދިންނަށް ގަހެއް ހޯދޭނެ. އަދި ތިޔަކުދިން ބޮޑެތިވާއިރަށް، ތިޔަކުދިންނާ އެކީގައި އެގަސް ބޮޑުވާގޮތަށް އެގަސް ބަލަމުން ގެންދާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން. އަދި އަޅުގަނޑު އެދެން ހުރިހާ ކުޑަކުދިންވެސް މިކަމަށް އާއެކޭ ބުނާނެ ކަމަށް.

އާދެ! އަޅުގަނޑު މާގިނައިރު ވާހަކަ ދައްކާކަށް ނެތިން. މިއަދު މިތަނުގެ ހޫނު މިދަނީ ހަމަ ކޮންމެ މިނެޓެއްދާއިރުގައި ގަދަވަމުން. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ އަދި ޢަޞުރު ނަމާދަށްފަހު، ތިޔަބޭފުޅުންނާ އަޅުގަނޑާ ވަކިވަކިން ނަމަވެސް، ކޮންމެވެސް ގޮތަކަށް ބައްދަލުވާނެ. އަޅުގަނޑުމެން ބޭނުންވަނީ، ތިޔަބޭފުޅުންނާ މަޝްވަރާ ކޮށްގެން ކަންކަން ކުރިއަށް ގެންދަން. އެއްގޮތަކަށްވެސް ހީފުޅު ނުކުރައްވާތި، އަޅުގަނޑުމެންނާ ވާހަކަ ނުދެއްކޭނެ ކަމަކަށް. މި ސަރުކާރާ ބައްދަލުނުވާނެ ކަމަށް. އަދި މި ސަރުކާރުން ކަންކަން ކުރަމަކުންނެއް ނުގެންދާނެ، ތިޔަބޭފުޅުންގެ އަޑުނާހައެއް. އަޅުގަނޑުމެންނަށް އެންމެ މުހިންމީ ތިޔަބޭފުޅުން. މި ސަރުކާރު ދެމިއެއް ނޯވޭ އެހެން އެއްވެސް ސަބަބަށްޓަކައި. މި ސަރުކާރު ދެމިއޮންނަނީ ހަމައެކަނި ތިޔަބޭފުޅުންގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށް. އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކީ، މަޤްޞަދަކީ، ބޭނުމަކީ، އޮންނަ ސަބަބަކީ މިދެންނެވީ. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަންކަން ކޮށްދޭނަން. އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާ އެކީގައި މިކަން ކޮށް ނިންމޭނެ.

އަޅުގަނޑު ނިންމާލުމުގެ ކުރިން ދަންނަވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ހަމަ މިފަދަ އުފާވެރި މަންޒަރެއް އަޅުގަނޑުމެންނަށް ތ. އަތޮޅު ވިލުފުށިން ފެނިގެންދާނެއޭ. ތ.އަތޮޅު ވިލުފުށީ ރައްޔިތުންނަށް ވިލުފުށްޓަށް ބަދަލުވެވުނީމާ، ދެން އަޅުގަނޑުމެންނަށް އޮތީ ހަމައެކަނި މ.އަތޮޅު ކޮޅުފުށި. ކޮޅުފުށީ ރައްޔިތުން އަދިވެސް ތިބީ ހިޔާވަހިކަމެއް ނުލިބި. އެއީކީ އެއްވެސް ޙާލެއްގައި އެހީދޭ ޤައުމުތަކުން އެހީދޭން ތައްޔާރަށް ނެތީމަކާއެއް ނޫން އިނގޭތޯ. އަޅުގަނޑުމެންނަށް އެ އެހީ ބޭނުން ނުކުރެވުނީމާ. އެބޭފުޅުން ތިއްބެވީ ގެދޮރު އަޅައިދިނުމަށް. އެނގިވަޑައިގަންނަވާނެ، އެއްހާސް ދުއިސައްތަ އެތައް ގެއެއް، ރެޑްކްރޮސް ޖަމާޢަތުން މި ރާއްޖޭގައި އަޅައިދިން. އަދި އެ ޖަމާޢަތުން ތިއްބެވީ އިތުރު ގެވެސް އަޅުގަނޑުމެންނަށް އަޅައިދޭން. އެހެންނަމަވެސް، ވަގުތާއި މުނާސިބު ގެއްލިދިޔައީ. ކަންކަން ދިގުލައި ދިޔުމުގެ ސަބަބުން، އެންމެފަހުން އަޅުގަނޑުމެންނަށް މި ފުރިހަމަ ފުރްޞަތު ބޭނުންކޮށްގެން ކޮޅުފުށީގައި ގެދޮރު އެޅޭގޮތްނުވީ. އެހެންނަމަވެސް، ސަރުކާރުން ކޮޅުފުށީ ރައްޔިތުންނަށް ގެދޮރު ހޯދައިދިނުމުގެ މަސައްކަތް ހުއްޓައެއް ނުލާނަން. އަޅުގަނޑު ކޮޅުފުށީ ރައްޔިތުންނަށްވެސް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ އެބޭފުޅުންގެ ގެދޮރުވެސް އަޅުގަނޑުމެން އަޅައިދޭނަމޭ.

ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޢަލީ ވަޙީދު އެބަ ހުންނެވި. އަޅުގަނޑު ޢަލީ ވަޙީދަށް ނުހަނު ޝުކުރު ދަންނަވަން ބޭނުން. ދުވާފަރު ބިނާކުރުމުގައާއި އެޅުމުގައި ޢަލީ ވަޙީދުގެ އެހީތެރިކަން ވަރަށްބޮޑު. އަދި މިހާރު ޢަލީ ވަޙީދުގެ ބޭނުންތެރިކަން އަޅުގަނޑުމެން އިތުރަށް އަދި މާބޮޑުވެގެން މިހާރު މިއުޅެނީ. ރެޑްކްރޮސް ޖަމާޢަތުގެ ބިލް، ޤާނޫނަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރުވަނީ ހުށަހަޅާފައި. ޢަލީ ވަޙީދުމެންގެ އެއްބާރުލެއްވުމާއި މަސައްކަތާއެކުގައި އެކަން އެވަނީ އެގޮތަށް ކުރެވިފައި. ތިޔަބޭފުޅުން ބައްލަވައިދެއްވަންވީ، އެބިލް އަވަހަށް ޤާނޫނަކަށް ހަދައިދެވޭތޯ. އެހެން ނޫނިއްޔާ، އަޅުގަނޑުމެންނަށް މި ރާއްޖޭގައި މިބޭފުޅުން ދާއިމީ ގޮތެއްގައި ތިއްބަވާނެ ގޮތެއް ނެތް. އެހެންވީމާ، އެކަމާ ގުޅޭ ޤާނޫނު އަޅުގަނޑުމެން އެބަ ނިންމަންޖެހޭ. އަޅުގަނޑު އުންމީދު ކުރަން، ދުވާފަރު ހުރިހާ ރައްޔިތުންވެސް، ތިޔަބޭފުޅުންގެ ދެމެންބަރުންނާވެސް ވާހަކަ ދައްކަވައިގެން، ތިޔަބޭފުޅުންނަށް އެބިލް ވީހާވެސް އަވަސް ފުރްޞަތެއްގައި، މަޖިލީހުގެ ތަޅުމަށް ގެނެސް، އެއަށް ވޯޓަށް އަހާ، އެ ޤާނޫނަކަށް ހަދައި ނިންމަވައިދެއްވާނެ ކަމަށް.

I would like to assure Red Cross and Red Crescent Societies that we will try our best to get the passage of the Bill through the House and I have asked the people of Dhuvaafaru to assist or in fact to keep reminding again that this Bill has to go through the Parliament and we have to get it done. And again before I conclude I wouldn’t want you to be standing around here in the heat of the day, I would again like to thank the Red Cross and Red Crescent Societies and also all the Governments and all the people of the countries that you come from. They have been amazing and they have been extremely helpful in this country coming back to its own feet. And we would like to assure you that we will maintain these buildings and that we will be using the water, and we will be making good use of the facilities that you have created on this island. And at the same time we would always want to see your continuous engagement in these Islands. Again Jerry, thank you very much for all the work.

ވަރަށް ބޮޑަށް ޝުކުރިއްޔާ! الحمد للّـه.

އިރާދަކުރެއްވިއްޔާ، މާދަމާ ވެގެންދާނީ، މިއަދަށްވުރެ އަދި މާފަހި ފާގަތި ދުވަހަކަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ، އަޅުގަނޑުމެންނަށް ދާދި އަވަހަށް ހަމަ ސީދާ ފެނިގެންދާނެ.

الحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!