بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން ދޭން ބޭނުންވާ ފުރަތަމަ ޔަޤީންކަމަކީ، އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ ހަމައެކަނި އެންމެ ބޭނުމަކަށްޓަކައިކަން. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. ތިޔަބޭފުޅުންގެ، ރައްޔިތުންގެ ކަންކަން ފުރިހަމަކޮށްދިނުމަށްޓަކައި. މި ސަރުކާރުގެ ހަމައެކަނި މަގުޞަދަކީ، ބޭނުމަކީ ރައްޔިތުންގެ އެދުންތަކާ ރައްޔިތުންގެ އިޙްސާސްތަކާ ރައްޔިތުންގެ ކެކުޅުންތަކަށް އަޅުގަނޑުމެންނަށް، ސަރުކާރަށް ޖަވާބުދެވެން އޮތް މިންވަރަކަށް ޖަވާބުދިނުން.

މިރަށާގުޅޭގޮތުން އަޅުގަނޑުމެންނަށް އެކިގޮތްގޮތަށް ކިތަންމެ މަޢްލޫމާތެއް ލިބިފައި އެބަހުރި. އެނގިވަޑައިގަންނަވާނެ، މިއީކީއެއް އަޅުގަނޑު މިރަށަށް އަންނަ ފުރަތަމަ ފަހަރެއް ނޫން. މިރަށަކީވެސް އަޅުގަނޑުމެންގެ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ކިތަންމެ ފަހަރަކު އަޅުގަނޑުމެންނަށް އާދެވި، ތިޔަބޭފުޅުންގެ ބަސް، ތިޔަބޭފުޅުންގެ އަޑު، ތިޔަބޭފުންގެ ޝަކުވާތައް އަޅުގަނޑުމެންވަނީ ކިތަންމެ ފަހަރަކު އަޑު އަހާފައި.

އަޅުގަނޑުމެން ޕާޓީގެ ސިޔާސަތު ނުވަތަ މެނިފެސްޓޯ އެކުލަވާލުމުގެ ތެރޭގައި ތިޔަބޭފުޅުންގެ އިޙްސާސްތައް ޙަޤީޤަތުގައި އަޅުގަނޑުމެން ނަގަމުން ބަލަމުން ދިޔައިމު. އަޅުގަނޑުމެންގެ ސިޔާސަތު އެކުލެވިފައި މިވަނީ ވަރަށްބޮޑު ދަރަޖައަކަށް ހަމަ ސީދާ ތިޔަބޭފުންގެ ކަންކަން ފުރިހަމަކޮށްދެވެން މިވަގުތު އޮތް އެންމެރަނގަޅު ގޮތްތައް ބެލުމުގެ މައްޗަށް. އަޅުގަނޑުމެންނަށް ފާހަގަވޭ، މިރަށުގެ ނަރުދަމާގެ ނިޒާމު ގާއިމުކުރުން، މިރަށުގެ ކަރަންޓުގެ ކަންތައް ފުރިހަމަކޮށްދިނުން، މިކަންކަމަކީ ތިޔަބޭފުޅުން ބޭނުންފުޅުވާކަންކަން. ތިޔަބޭފުޅުން އެކަންޏެއްނޫން، ރާއްޖޭގެ ކިތަންމެ ރަށެއްގައި، ކިތަންމެ ބަޔަކު އަބަދުވެސް މިކަންކަން މިހާރު މިއޮތް މިންވަރަށްވުރެ މުޅިން އެހެން ރަނގަޅު މިނެއްގައި ކުރިޔަށް ގެންދެވޭނޭ އުޞޫލެއް ހޯދަން ބޭނުންވޭ.

ގޯތިގެދޮރުގެ ދަތިކަން ފޯރާފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަން ފޯރާފައިވާ ރަށްތަކުގެ ތެރެއިން މިރަށަކީ އަޅުގަނޑުމެންނަށް ފާހަގަވާ ރަށެއް. އަޅުގަނޑުމެންގެ ސިޔާސަތުތައް ބިނާކުރަމުން އައީ މިކަންކަން ޙައްލުކުރުމަށް ހުރި މަގުތައް ހޯދުމުގެ ތެރޭގައި. ސަރުކާރުން ނިންމާފައި މިވަނީ، ލ.އަތޮޅާއި ތ.އަތޮޅު އެއީ، ޕްރޮވިންސެއްގެ ގޮތުގައި، ސަރަހައްދެއްގެ ގޮތުގައި ވަކިން އިދާރީ ހިންގުން ހިންގޭނެ އުޞޫލަކުން ރޭވުން. އަޅުގަނޑުމެންގެ އަމާޒަކީ އެއީ. އެގޮތުން ރާވާއިރުގައި އަޅުގަނޑުމެން އެބަ އުފައްދަމު، މިއިން ކޮންމެ ޕްރޮވިންސަކަށް އަސާސީ ޚިދްމަތްތައް ފޯރުކޮށްދޭ، ޔުޓިލިޓީޒް ކުންފުންޏެއް.

އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށުގެ އިންޖީނުގެ އެކުންފުނީގެ ދަށުން ހިންގޭނެ އުޞޫލެއް ހޯދުން. މިހާރު މިހުރި އިންޖީނުގެ އެއީ ތިޔަބޭފުޅުންގެ ހިއްސާވާ އިންޖީނުގެއެއް. އިންޖީނުގެ އެއްގޮތަކީ ސަރުކާރު ހިއްސާވާ މި ކުންފުންޏަށް ތިޔަބޭފުޅުން އިންޖީނުގެ ވިއްކެވުން ނުވަތަ އެކުންފުނީގައި ތިޔަބޭފުޅުން ހިއްސާވުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިދެގޮތުންކުރެ ދެގޮތްވެސް ތިޔަބޭފުޅުންނަށް ހުށަހަޅައިގެން ކުރިޔަށް ގެންދެވޭނެ މަގެއް ހޯދާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުންވަނީ، މިތަނުގެ ކަރަންޓާ، މިތަނުގެ ނަރުދަމާގެ ޢަމަލީ މަސައްކަތް ލަސްވެގެން މިއަހަރުގެ މެދެއްހާތަނުގައި ފެށޭނެ ގޮތްތަކެއް ހޯދުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން އެގޮތަށް ކުރާނަން.

އަޅުގަނޑަށް މިއަދު ތިޔަބޭފުންނަށް އިތުރަށް ދެންނެވެން އެބައޮތް. އެނގިވަޑައިގަންނަވާނެ، ސަރުކާރުން ދަނީ ދިހަހާސްގެ، ދިހަހާސް ބޯހިޔާވަހިކަން ރާއްޖޭގެ އެކި އެކިސަރަހައްދުތަކުގައި އަޅުގަނޑުމެން މިހާރު މިދަނީ ޢިމާރާތް ކުރުމުގެ މަޝްރޫޢެއް ހިންގަން ފެށުމަށް މަސައްކަތްކުރަމުން. އެ މަޝްރޫޢުގެ ތެރެއިން އަޅުގަނޑު އުންމީދުކުރަން، މިރަށުގައިވެސް ފުރަތަމަ ފިޔަވަހީގައި މަދުވެގެން ފަންސާސްގެ، ނުވަތަ ފަންސާސް ފްލެޓް ބިނާކުރެވޭނެކަމަށް. އަޅުގަނޑަށްވެސް އެނގޭ، އެއީ ތިޔަބޭފުޅުން ބޭނުންފުޅުވާ ފުރިހަމަ މިނެއްނޫން. މިރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި މިއަށްވުރެ ގިނައިން ބޯހިޔާވަހިކަން ބޭނުންވޭ. އެހެންނަމަވެސް، މި ފުރަތަމަ ފިޔަވަހީގައި ސަރުކާރުން ހިންގެންހުރި، ހިންގަން ކަނޑައެޅިފައި މިހާރު އޮތް މިންވަރު. އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދެއްހާތަނުގައި އޭގެވެސް ޢަމަލީ މަސައްކަތް ފެށިގެން އަހަރު ނިމުމުގެ ކުރީގައި ބޯހިޔާވަހިކަން ރައްދުކޮށްދެވޭނެގޮތެއް ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ހަދައިދޭނަން.

އަޅުގަނޑުމެން އަބަދުވެސް ދައްކަމުން އައި އެއްވާހަކައަކީ، އަޅުގަނޑުމެންގެ އަމާޒަކީ ތިޔަބޭފުޅުންގެ ޖީބަށް މިއަދު ވަންނަ އެއްޗެއް އިތުރުކޮށްދެވޭތޯ މަސައްކަތްކޮށްދިނުމޭ. މިރަށަކީ މަސްވެރިކަމުގެ ރަށެއް. ޚާއްޞަކޮށް މަސްކައްކައި ހިއްކައިގެން އެމަސް ބޭރުކޮށްގެން އާމްދަނީ ހޯދާ ރަށެއް. އިންތިޚާބުގެތެރޭގައިވެސް އަޅުގަނޑުމެން ވަޢްދުވަމުން އައިމު، މިރަށްރަށުގައި ތިބެގެން މަހުގެ މަސައްކަތްކޮށް އެމަހަށް އިތުރު ފައިދާއެއް، ނުވަތަ އިތުރު ރަނގަޅު އަގެއް ލިބޭނެ އިންތިޒާމެއް، ނިޒާމެއް އަޅުގަނޑުމެން ހަމަޖައްސައިދޭނެކަމަށް.

އަޅުގަނޑަށް މިއަދު ދެންނެވެން އެބައޮތް، އަޅުގަނޑުމެންގެ މަޝްރޫޢެކޭ އެއީ މާވަށުގައި ލޮއިންސް ފެކްޓްރީއެއް ބިނާކުރުން، އެޅުން. އަޅުގަނޑަކީ މިކަމުގެ މާހިރެއްނޫން. އެހެންނަމަވެސް، ޢާދިލް އެބަހުންނެވި. ޢާދިލު އަޅުގަނޑަށް ކިޔައިދިން ގޮތަށް އަޅުގަނޑު ކިޔައިދެވޭތޯ ބަލާނަން. މިއީ، މިކަން ހިންގުމަށް އަޅުގަނޑުމެން މަސައްކަތްކުރާ ގޮތަކީ. ކުރުކޮށްލީމާ ވަރަށްފަސޭހަ. ގަރުދިޔަ މަސް ކައްކައި، އެ ދިލަ ނުޖައްސާ އެ މަސް ފިނިކޮށްގެން ބޭރުކުރުން. އެމަސް ޙަޤީޤަތުގައި ދަޅަށްވެސް މިއެޅެނީ. އެހެންވީމާ، އަޅުގަނޑުމެން ކުރުކޮށް ތިޔަބޭފުންނަށް ދަންނަވަންޏާ، ގަރުދިޔަ މަސް ކައްކާ ޕްލާންޓެއް، ފެކްޓްރީއެއް މިރަށުގައި ގާއިމުކުރެވި އެ މަސް އެއީ ފިނިކޮށްގެން ދަޅަށްއަޅައި، ފެކްޓްރީތަކަށް އެކްސްޕޯޓްކުރެވޭނެ ނުވަތަ ވިއްކޭ މަހަކަށް ހެދުން. އެބާވަތުގެ ފެކްޓްރީއެއް ހަދަން އަޅުގަނޑުމެން ކަނޑައަޅާފައިވާ ހަރަށެއް އެބަވޭ. އޭގެތެރޭގައި އިރާދަކުރެއްވިއްޔާ މާވަށް އެއީ، އަޅުގަނޑުމެން ކަނޑައަޅާ ރަށެއް. އެހެންވީމާ، އެ މަސައްކަތް މިތަނުގައި އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ. މިހާރު ހިކިކަނޑުމަހަށް ލިބޭ އެއްޗެއްގެ އަގަށްވުރެ މާ ރަނގަޅު އެއްޗެއް ތިޔަބޭފުޅުންނަށް މިމަހުން އިރާދަކުރެއްވިއްޔާ ލިބޭނެ. މިކަމުގެ މަސައްކަތްތައް ދާދި އަވަހަށް މިތަނުގައި ފަށައިގަނެވޭނެ. އިރާދަކުރެއްވިއްޔާ، މާޗްމަހުގެ ތެރޭގައި މިކަމުގެ ޢަމަލީ މަންޒަރުތައް، ސިފަތައް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.

އަޅުގަނޑުގެ ވާހަކަ މާ ދިގުކުރާކަށެއް ނެތިން. ގިނަބޭފުޅުން ތިޔަ ތިއްބެވީ ހިޔަލަކުވެސް ނޫން. ހަމަ ތިޔަބޭފުޅުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރު ތިޔަބޭފުޅުންނަށް ވެފައިވާ ވަޢްދުތައް ފުއްދައިދިނުމުގައި މަދުވެގެން ދުވާލަކު ސާދަ ފަނަގަޑިއިރު މަސައްކަތް ކުރާނަމޭ. އަޅުގަނޑުމެން ހުއްޓިއެއް ނުތިބޭނަމޭ. އަޅުގަނޑުމެން ކުރާ އެއްވެސް މަސައްކަތަކީ، އަޅުގަނޑުމެންގެ އަމިއްލަ ފައިދާއަށްކުރާ މަސައްކަތަކަށް ވިޔަކަ ނުދޭނަމޭ. ސަރުކާރުގެ ހުރިހާ ވަޒީރުން ކުރައްވާ މަސައްކަތްވެސް އަދި ވުޒާރާތަކުގައި ހިނގާ ހުރިހާ މަސައްކަތެއްވެސް އެމަގުން ކުރިޔަށް ގެންދިއުމަށް އަޅުގަނޑު ބަލަމުންދާނަމޭ. އެންޓި-ކޮރަޕްޝަން ބޯޑުވެސް އަދި އެހެން މުސްތަޤިއްލު މުއައްސަސާތައް މެދުވެރިކޮށް، ސާފުކަންމަތީގައި އިރާދަކުރެއްވިއްޔާ ސަރުކާރު ބާއްވައިދޭނަމޭ.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދާދިފަހުން މާލޭގައި އޮޑިޓަރ ޖެނެރަލް އިޢްލާން ކުރައްވައިފި. އެބޭފުޅުން އޯޑިޓްކުރެއްވީ އަޅުގަނޑުމެންގެ ޤައުމީ ބޭންކް. އޯޑިޓް ކުރެއްވިއިރު އެބޭންކުގައިހުރި ހުރިހާ ފައިސާއެއްހެން މިއޮތީ ހައެއްކަ ބޭފުޅުންނަކަށް ބަހައި ހުސްކުރެވިފައި. މާލޭގައި، ރާއްޖޭގައި ޑޮލަރުގެ ތާށިކަން އެހާ ބޮޑު. ބޮޑުވެގެން މިދާ އެންމެބޮޑު އެއްސަބަބަކީ، އެބޭފުޅުން ބޭންކުތަކަށް އަނބުރާ ދައްކަވަންޖެހޭ ޑޮލަރު ނުދައްކަވާތީވެ ބޭންކުގައި ޑޮލަރު ނުހުންނަނީ. އަޅުގަނޑުމެންނަށް ސަރުކާރަށް އެބަޖެހޭ ވީހާވެސް އަވަސްގޮތެއްގައި މިފައިސާތައް އަނބުރާ ސަރުކާރަށް ހޯދަން، އަނބުރާ ބޭންކަށް ހޯދަން. ހޯދިގެން އަޅުގަނޑުމެންގެ މާލީ ހާލަތު ނުވަތަ މާލީ ދަތިކަން، ޑޮލަރުގެ ދަތިކަން ފިލައިގެންދާނީ.

ބާޒާރުން ޑޮލަރު މަދުވާ ކޮންމެ ވަގުތަކު ސަރުކާރުގައި ފަހަށް ރައްކާކޮށްފައި ހުރި ރިޒާވުގައި ހުރި ޑޮލަރު އެ ބާޒާރަށް ނެރެގެން ވިއްކާ ހުސްކޮށް ހެދީމާ އެއީ ތިޔަބޭފުޅުންނަށް ފަހުން މާބޮޑު ގެއްލުމެއް މެދުވެރިވެދާނެ ކަމެއް. އެހެންވީމާ އޮތް ސުވާލަކީ، ޑޮލަރު ނެންގެވި ބޭފުޅުންގެ އަތުން ޑޮލަރު އަޅުގަނޑުމެން ހޯދާނީތޯ ނުވަތަ ތިޔަބޭފުޅުން ރައްކާކުރައްވާފައިހުރި ޑޮލަރު ހުސްކުރާނީތޯ! ދައުލަތުގެ ރިޒާވުގައި ހުންނަނީ އެހެންބައެއްގެ އެއްޗެއް ނޫން. އެއީ ތިޔަބޭފުޅުންގެ ފައިސާ. ސުވާލަކީ އެ ފައިސާ މާރުކޭޓަށް ނެރެގެން ހުސްކުރާނީތޯ ނުވަތަ ޑޮލަރު ނެންގެވި ބޭފުޅުން އަތުން ޑޮލަރު ލިބޭތޯ އަޅުގަނޑުމެން ބަލާނީތޯ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޝަރީޢަތް މެދުވެރިކޮށްގެން އެ މަސައްކަތްތައް ހިންގާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ، އެ ބޭންކު އަޅުގަނޑުމެން ނަގަހައްޓާނަމޭ. އެ ބޭންކު އަޅުގަނޑުމެން ދަމަހައްޓާނަމޭ. ދަމަހައްޓަން ކުރަންޖެހޭ އެންމެހާ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާނަމޭ.

ހަމަ އޭގެއިތުރުން، އަޅުގަނޑުމެންނަށް މިރަށުގައި އިރާދަކުރެއްވިއްޔާ ބޭންކުގެ ޚިދްމަތް ދެވޭނެ. އެކަންކުރުމަށް އަޅުގަނޑުމެން މިހާރު ނިންމާފައި މިވަނީ، އިތުރު ޕޯސްޓް އޮފީސް ބޭންކެއް މެދުވެރިކޮށް ރާއްޖޭގެ ވީހާވެސް ގިނަ ރަށްރަށަކަށް ބޭންކުގެ ޚިދްމަތް ފޯރުކޮށްދިނުމަށް. މިރަށަކީ ރަނގަޅު އިޤްތިޞާދެއް ހިނގާ، މަސްވެރިކަމުގެ ބޮޑު މަސައްކަތެއް ހިނގާ ރަށެއް. މިރަށު މީހުންނަށް ފަސޭހަކަމާއެކީގައި އެއްއަތުން އަނެއް އަތަށް ފައިސާ ބަދަލުކުރެވޭގޮތަކަށް އޮތުމަކީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަހަރުދުވަހުގެ ތެރޭގައި އެކަންވެސް ކުރިއަށް ގެންދާނަން.
އަޅުގަނޑަށް އެނގޭ، މިހާ ދިގު ޒަމާނެއްވެފައި ބަދަލެއް އަންނައިރުގައި ތިޔަބޭފުޅުންގެ އުންމީދުތައް އަދި ބޭނުންތައްވެސް މާބޮޑަށް ފާހަގަވެފައި ހުންނާނެ. މީގެ ނަސީބަކީ، މިހާދިގު ޒަމާނެއްވެފައި އަޅުގަނޑުމެން އަލަށް ވެރިކަމަށް އައިމާ އަޅުގަނޑުމެންގެވެސް އެބަހުރި ހަމަ އެހާ ގިނަ ކަންތައްތައް ކުރަން އުޅުމުގެ މަގުޞަދެއްވެސް. އެހެންވީމާ، ތިބޭފުޅުންގެ އުންމީދާ އަޅުގަނޑުމެންގެ އުންމީދާ ސަރުކާރުގެ އުންމީދާއެކުވެގެން، އަޅުގަނޑު މިއުންމީދުކުރަނީ މިއަދަށްވުރެ އަދި މާފަހި މާދަމައެއް އަޅުގަނޑުމެން އެންމެންނަށް ލިބިގެންދާނެއޭ.

والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ!