بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން މިއަންނަނީ މާވަށުން. އިއްޔެ އަޅުގަނޑުމެންތިބީ ފޮނަދޫގައި. މިހާރު ސަރުކާރުން ހިންގާ، އަދި ސަރުކާރުގެ ނަޒަރުގައި އެންމެ މުހިންމު އެއް މަޝްރޫޢަކީ، ވެރިކަމުގެ ކަންކަން ވީހާވެސް ރައްޔިތުންނާ ގާތުން ކުރެވޭނެ ގޮތަކަށް އިންތިޒާމު ކުރުމުގެ މަސައްކަތް. އަޅުގަނޑުމެން އެއަށް މިކިޔަނީ ލާމަރުކަޒީ އުޞޫލޭ. އޭގެ ބޭނުމަކީ، ތިޔަބޭފުޅުންނާ ގާތުގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކެއް ބަހައްޓައިގެން، އެމިނިސްޓްރީތަކުގެ ޚިދްމަތް ވީހާވެސް ގާތުން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ގޮތްތަކެއް އަޅުގަނޑުމެން އިންތިޒާމު ކުރުން.

އެގޮތުން ހައްދުންމައްޗާއި ކޮޅުމަޑުލާ ދެއަތޮޅު އެކުވެ، ނުވަތަ ދެއަތޮޅު ގުޅިގެން ޕްރޮވިންސެއް އުފެއްދޭނެ. އެޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރެއް، އެޕްރޮވިންސްގައި ހުންނަވާނެ. އަދި މިދެންނެވިހެން، ސަރުކާރުގެ ހުރިހާ މިނިސްޓްރީއެއްގެ މަސައްކަތްވެސް، މިކަން ފުރިހަމައަށް ހިނގަމުން ދިޔައިމާ، އެއްފުރާޅެއްގެ ދަށުން، ތިޔަބޭފުޅުންނާ ގާތުން ތިޔަބޭފުޅުންނަށް ޚިދްމަތް ލިބިވަޑައިގަންނަވާނެ. އެއީ، އަޅުގަނޑުމެން މި ހިންގާ އެންމެ މުހިންމު އެއްކަމަކީ. މިކަން މިހެން ހިންގާއިރުގައި، ހަމަ އެއާއެކީގައި މިޕްރޮވިންސްގައި އަޅުގަނޑުމެން އެބަ އެކުލަވާލަން އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭނެ އިތުރު އިންތިޒާމެއް. އެއީ، ކުންފުންޏެއް މެދުވެރިކޮށް. މިދެއަތޮޅު ހިމެނޭ ގޮތަށް ޔުޓިލިޓީޒް ކުންފުންޏެއް އަޅުގަނޑުމެން އުފައްދާނަން. އަޅުގަނޑުމެން ސަރުކާރުގެ އަމާޒަކީ، ފުރަތަމަ ކަމަކަށް، މިދެއަތޮޅުގެ ހުރިހާ އިންޖީނުގެއެއް، އެއްކުންފުންޏެއްގެ ދަށުން ހިންގޭނެ ގޮތެއް ހޯދުން. އަޅުގަނޑުމެން އެދޭނަން، އިސްދޫ ރައްޔިތުންގެ ކިބައިންވެސް، ކަލައިދޫ ރައްޔިތުންގެ ކިބައިންވެސް، ތިޔަބޭފުޅުންގެ އިންޖީނުގެ ހިންގުމުގެ އެންމެހާ ކަންކަން މިކުންފުންޏާ ހަވާލުކޮށްދެއްވުމަށް. ތިޔަބޭފުޅުންގެ އެއިންޖީނުގެ އެކުންފުންޏަށް ބަދަލުކުރުމުގައި، ތިޔަބޭފުޅުން ޙިއްޞާވެގެން އެ އަލަށް އުފެދޭ ކުންފުނި ހިންގަން އެދެނީނަމަ، އެކަމުގެ ފުރުޞަތު ތިޔަބޭފުޅުންނަށް އެރުވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން.

އަޅުގަނޑުމެންގެ ބޭނުމަކީ، އެއްއިންޖީނުގެއަކުން މުޅި މިއަތޮޅުގެ ހުރިހާ ރަށަކަށް ކަރަންޓުގެ ޚިދްމަތް ދެވޭތޯ ބެލުން. އެގޮތަށް ކަރަންޓުގެ އެންމެހާ ކަންކަން ތަރައްޤީކުރުން، ކަރަންޓު ނަރު އެގޮތަށް އެޅުން. އަޅުގަނޑުމެންނަށް މިހާރު އެނގެމުން އަންނަނީ، ވަރަށްގިނަ ފަރާތްތަކުން އެކަން އެގޮތަށް ކުރުމަށް ޝައުޤުވެރިވާކަން. އެގޮތަށް ކުރާ ކަމެއްގައި، އިންޖީނުގޭގެ ފައިދާ އިތުރުވެގެންދޭ. އެހެންވީމާ، ކަރަންޓުގެ ޔުނިޓަކަށް ނަގާ އަގު އެތައް ތަނަކުން ކުޑަވެގެންދޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އިންޖީނުގެތައް ދެރަޔަކާ ނުލައި، އުނދަގުލަކާ ނުލައި ހިންގޭނެ އިންތިޒާމެއް މިކަމުގެ ތެރެއިންގޮސް ހަމަޖެހިގެންދާނެ. އަޅުގަނޑު ދަންނަވާނީ، ލަސްވެގެން މިއަހަރުގެ މެދެއްހާ ތަނުގައި މީގެ ޢަމަލީ މަސައްކަތް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއޭ. އަޅުގަނޑަށް އެނގޭ، އިންޖީނުގޭގެ މައްސަލައަކީ ތިޔަބޭފުޅުން އެކަމާ ފިކުރު ބޮޑުވެފައިތިބޭ. މައްސަލައެއްކަން. ކަރަންޓަކީ އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޭނުންކުރާ އެއްޗެއް. އެހެންވީމާ، އޭގެ އަގު އިންތިހާއަށް އަރައިގެން ދިޔުން، ނުވަތަ އެކަން ހިންގުން ދަތިވެގެން ދިޔުން، އެއީ އަޅުގަނޑުމެން މިދެކެނީ ރައްޔިތުންނަށާ އިޤްތިޞާދަށް ލިބޭނެ ގެއްލުމެއްކަމަށް.

އެނގިވަޑައިގަންނަވާނެ، ސަރުކާރުން މިހާރުވަނީ ނިންމާފައި، އުމުރުން 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް، އަންހެނަކަސް ފިރިހެނަކަސް، 2000 ރުފިޔާ ނުލިބޭ ކޮންމެ ރައްޔިތަކަށް 2000 ރުފިޔާގެ ޕެންޝަނެއް ދޭން. އެ ޕެންޝަން ދިނުމުގެ ކަންކަން އޭގެ އެންމެފަހު މަރްޙަލާ މިހާރު މިދަނީ ނިމެމުން. އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާގެ ތެރޭގައި، އެއީ މިމަސް ނިމޭއިރުގައި އެއުމުރުގެ ބޭފުޅުންނަށް، ލިބިވަޑައިގަންނަވަންޖެހޭ ޕެންޝަން އެބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އަޅުގަނޑުމެން މިދެކެނީ، ދަނބިދޫ، އިސްދޫ، ކަލައިދޫ މިސަރަޙައްދަށް މީގެ ސަބަބުން ގާތްގަނޑަކަށް ހަލައްކަ ރުފިޔާ އިތުރަށް ވަދެގެންދާނެ ކަމަށް. އެއީ މިދަންނަވާހެން، އެބޭފުޅުންނަށް ޕެންޝަން އެރުވީމާ އެފައިސާ، އެބޭފުޅުން ރަށުގެ އިޤްތިޞާދުގެ ތެރޭގައި ދައުރުކުރަން ފަށާނެ. އަޅުގަނޑުމެން މިއުންމީދު ކުރަނީ، ކަންމަތީ ފިހާރަތަކަށާއި އިސްޓޯރުތަކަށް މިކަމުގެ ސަބަބުން ހީނަރުކަމެއް ނައިސް، އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް. އަޅުގަނޑަށް އެނގޭ، އެފިހާރަތަކުގެ ލޭންދޭނުގެ ގޮތުގައި ދެލައްކަ ތިންލައްކަ ރުފިޔާ މިހާރުވެސް އޮންނާނެކަން. އަޅުގަނޑުމެންނަށް ސާފުވެފައިވަނީ، ތިޔަބޭފުޅުންގެ ޢާންމު ޚިދްމަތްތައް ލިބެމުން އެދަނީ، މިދަންނަވާ ވިކުރާ ނުވަތަ މިދަންނަވާ ލޭންދޭން އެ އިސްޓޯރުތަކުން ހިފަހައްޓައިދިނީމާކަން. އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ މިކަން ބާރަށް ހިންގޭނެ ރަނގަޅު ގޮތަކީ ކޮބައިތޯ. އެފިހާރަތައް ބަނގުރޫޓުވެ ދިޔުމަކީ، މިއަތޮޅުތަކުގެ ނުވަތަ މިސަރަޙައްދުތަކުގެ އިޤްތިޞާދަށް ރަނގަޅު އަސަރެއް ކުރާނެ ކަމެއްނޫން.

އަޅުގަނޑުމެން މިއުންމީދުކުރަނީ، އިތުރަށް މިފަހަރު މިދެވޭ ޕެންޝަންގެ ފައިސާ ރަށުތެރޭގައި ދައުރުވާން ފެށީމާ، ރަށުގެ އިޤްތިޞާދު ފުޅާވެގެންދާނެ ކަމަށް. ޙަޤީޤަތުގައި 2000 ރުފިޔާއަކުން ވަރަށްގިނަ ރުފިޔާ އުފެދޭ. 2000 ރުފިޔާ މީހަކަށް އިތުރަށް ލިބުނީމާ، އޭނާ ފިހާރަޔަކަށްގޮސް ތެޔޮފުޅިއެއްގަތީމާ، އެފިހާރައިގެ ވިކުރާ ބޮޑުވީމާ، އެފިހާރައިން އެހެން ތަނަކުން އެއްޗެއް އެތެރެކުރާނެ. އެތެރެކުރީމާ، އެއާ އެކީގައި އެދޯނީގެ، ބޯޓުގެ ނާލެއްވެސް ލިބުނީ. އެހެންވީމާ އެވިޔަފާރިވެސް ކުރިއަށްދިޔައީ. އަޅުގަނޑުމެންގެ އިޤްތިޞާދީ މާހިރުން މިބުނާ މަލްޓިޕްލަޔަރ އިފެކްޓެއް، ނުވަތަ އިތުރުވަމުންދާ، އޭގެ އިޙްސާސެއް ވެގެން އަންނާނެ. އެހެންވީމާ، އަޅުގަނޑު މިދެކެނީ، މީގެ ކާމިޔާބު ތިޔަބޭފުޅުންނަށް ދާދި އަވަހަށް ފެނިވަޑައިގަންނަވާނެކަމަށް.

ހަމައެހެންމެ، ކަރަންޓު ޔުނިޓުގެ އަގު ހެޔޮކުރެވުނީމާ، އޭގެ ސަބަބުން ތިޔަބޭފުޅުންގެ އުފެއްދުންތެރިކަން ކިތަންމެ ތަނެއް ކުރިއަރައިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަމު. ޚާއްޞަކޮށް ދަނޑުވެރިކަމާ ގުޅޭގޮތުން ބޭނުންކުރަންޖެހޭހާ ތެޔޮ، ޕަންޕު، ނުވަތަ އެބާވަތުގެ ކަންކަމަށް ކަރަންޓު ބޭނުންކުރެވޭނެ ގޮތެއް ހަމަޖައްސައި ދެވިއްޖިއްޔާ، އަޅުގަނޑުމެން މިދެކެނީ ދަނޑުވެރިކަމުގެ ޚަރަދުވެސް އެތައް ތަނަކުން ކުޑަވެގެންދާނެކަމަށް. އަޅުގަނޑު ވަރަށް އުފާވޭ މިއަދު ތިޔަބޭފުޅުންގެ އަރިހުގައި މިވާހަކަ ދެކެވެން އެބައޮތް. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މީގެ ކޮޅުމަގު ފެންނަން އެބައޮތް. އަޅުގަނޑުމެން މިދަނީ މި މަސައްކަތް ކުރަމުން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުން، އަޅުގަނޑުމެންގެ ސިޔާސީ ހުރިހާ މުވައްޒަފުންވެސް އަޅުގަނޑާ އެކުގައި މަދުވެގެން ރެޔަކާ ދުވާލުގެ ތެރޭގައި ސާދަ ފަނަރަ ގަޑިއިރު މަސައްކަތް ކުރާނެ. އަޅުގަނޑު ދެކޭނީ މިތަނުގައި ހުންނަވާ އަޅުގަނޑުމެންގެ ކައުންސިލަރުވެސް ހަމަ ގިނަ ވަގުތުގައި މަސައްކަތް ކުރައްވާނެކަމަށް. އަދި އެބޭފުޅުން އަރާމުވެސް ކުރައްވަން ޖެހޭނެ. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެންނަށް މިއޮތީ ވަރަށް ބައިވަރު ގިނަ މަސައްކަތްތަކެއް ކުއްލިއަކަށް ކުރަންޖެހިފައި. އަޅުގަނޑުމެންނަކަށެއް ނެތް، މިވަގުތު އަތް އުރާލައިގެން ތިބެވޭކަށް. އަޅުގަނޑުމެން ނުވެސް ތިބޭނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނުކުމެ މިމަސައްކަތްތައް ކުރާނަން. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން މިއުންމީދުކުރާ އަދި ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ބޭނުންތައް ދާދި އަވަހަށް ފުދިގެންދާނެ.

އަޅުގަނޑު އިތުރަށް ފާހަގަކޮށްލަން ބޭނުންވަނީ، މިދެރަށުގެ ނަރުދަމާ މިހާރުމިވަނީ ގާއިމުކުރެވިފައި. އެހެންނަމަވެސް، މިހާރު ނަރުދަމާގެ ބައެއް މައްސަލަތައް އެބަމެދުވެރިވޭ، އެބަދިމާވޭ. އެމައްސަލަތައް ނުކުންނަމުންދާ އެންމެބޮޑު އެއްސަބަބަކީ، އަޅުގަނޑުމެންނަށް ފާހަގަވެފައި އޮތް ގޮތުގައި، މަރާމާތުކޮށް ބަލަހައްޓާނޭ ވަކިފަރާތެއްނެތުން. އެހެންވީމާ، އަޅުގަނޑުމެން މިއުފައްދާ، ޔުޓިލިޓީޒް ކުންފުނި އިރާދަކުރެއްވިއްޔާ މިނަރުދަމާޔާވެސް ހަވާލުވާނެ. ޔުޓިލިޓީޒޭ މިކިޔަނީ އަސާސީ ޚިދްމަތްތަކަށް. އޭގެތެރޭގައި ފެނާ، ނަރުދަމާއާ، ކަރަންޓާ ގޭސް ހިމެނޭ. މިރަށުގައި ގޭސް އެއީ އެހާ މުހިންމު އެއްޗެއްގެ ގޮތުގައި ފާހަގަނުވެދާނެ. އެއީ އަދި ވަލުތެރެ އޮތީމާ. އެކަމަކު ބައެއް ރަށްރަށުގައި މިހާރު ކަނޑުގަދަވީމާ ނުކައްކާ ތިބެނީ ހަނޑޫ، ހަކުރު ފުށާ ލައިގެން ކާނެ އެއްޗެހި ނެތިގެނެއްނޫން، ގޭސްނެތިގެން. އެއީ ދަރުކޮށުމާ، ވަލުތެރެ ހުސްވުމާ، މީހުން ގިނަވުމާ މިކަންކަމާ ގުޅިގެން. މިހާރު ކަންތައްތައް ހުރީ މި މިނުގައި. އެހެންވީމާ މިރަށުގެ ނަރުދާމާ މިކުންފުންޏާ ހަވާލުކުރެވޭނެ. އިރާދަކުރެއްވިއްޔާ ނަރުދަމާގެ ކަންތައްވެސް ރަނގަޅަށް ބަލަމުން ގެންދެވޭނެ. އޭގެ މަރާމާތު ކުރަމުން ދެވޭނެ.
ތަންކޮޅެއް ކުރިން، މީގެ މަހެއްހާ ދުވަސްކުރިން އަޅުގަނޑަށް އެނގިފައި އޮތީ މިތަނުގެ ދެނަރުދަމާ ބެލެހެއްޓުމަށް އޭރު އަށެއްކަ މީހުން، ހައެއްކަމީހުން އުޅޭ ކަމަށް. އަޅުގަނޑަށް ހީވަނީ، އެއީ ނަރުދަމާ ހަދާދިން ފަރާތުގެ ވޮރެންޓީ ދުވަސްވަރުގައި ތިބެންޖެހޭ މީހުންހެން. ފަހަރެއްގައި މިހާރު އެމީހުން ނެތުނީ ކަމަށްވެދާނެ. ނެތުނީމާ ތިޔަބޭފުޅުންނަށް ނަރުދަމާގެ އެތައް އުނދަގޫތަކެއް، ނުވަތަ ދަތިތަކެއް މިހާރު ފޯރަމުން ތިޔަދަނީ. ޚާއްޞަ ގޮތެއްގައި އަޅުގަނޑަށް ފާހަގަކުރެވެނީ، އޭގެ ސަބަބުން މަދިރިއާ، މިބާވަތުގެ ކަންކަން އުފެދޭ އުފެދުން. އެހެންވީމާ، އަޅުގަނޑު މިއުންމީދުކުރަނީ، އަޅުގަނޑުމެންގެ ޔުޓިލިޓީޒް ކުންފުނި އުފެދުމުން އެކަންކަން ޙައްލުވެގެންދާނެ ކަމަށް.

ތިޔަބޭފުޅުންގެ ދަނޑުތައް ތަރައްޤީކޮށް ކުރިއެރުވުމަކީ، އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް. މިސަރުކާރުގެ ނަޒަރުގައި ރައްޔިތުންނަށް ޚިދްމަތެއް ކޮށްދިނުމަށް އެންމެބޮޑަށް ބަލަންވީ ވަކިފަރުދަކު އެމީހާގެ ޖީބަށް ވަންނަނީ ކިހާވަރެއްތޯ ބަލައި ހޯދާފައި އެ އިތުރު ކުރެވެންއޮތީ ކިހިނެއްތޯ ބަލައި އެ އިތުރުކުރުން. އަޅުގަނޑަށް ވަރަށް އުނދަގޫ ގަބޫލުކުރަން ރައްޔިތުންގެ އިންޖީނުގެ، ރައްޔިތުންގެ ފަހާތަން، ރައްޔިތުންގެ މިވެނިތަން، އެވެނިތަން އެއީ މަސައްކަތް ކުރާ ތަނެއްކަން. މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ތިރީހަކަށް އަހަރުގެ ތެރޭގައި ރައްޔިތުންގެ އެއްވެސް އިންޖީނުގެއެއް ނެތް ދެކޮޅުޖެހޭ. ފެހިހާ ހުރިހާ ފަހާފޮށްޓެއްވެސް ހަމަވީތަނެއްވެސް ނުވެސް އެނގޭ. އެއީ ރައްޔިތުންގެ މަސައްކަތް ވިޔަފާރީގެ އުޞޫލުން ކުރެވުނު މަސައްކަތެއް. އެއާޚިލާފަށް އޮޑިވެރިޔަކު ދުއްވާ ދޯނި، ދުވަހުން ދުވަހަށް ހަމަ ބޮޑުވަމުންދޭ. އެއީ ހަމަ ސީދާ އޭނާގެ އަމިއްލަ އެއްޗެއް. އޭނާ އެއިން ވިޔަފާރީގެ ފައިދާ ހޯދަންޖެހޭ. އެފައިދާ ހޯދާއިރުގައި ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަމުންދާ ޢާންމު ޚިދްމަތްތަކާ ފައިދާތަކެއް އެބަހުރި. އެހެންވީމާ، އަޅުގަނޑުމެންގެ މައިގަނޑު ވިސްނުމަކަށްވާނީ ދަނޑުވެރިކަމުގައިވެސް، ސީދާ ވަކި ދަނޑުތައް ނުވަތަ ވަކިވަކި ބޭފުޅުންނަށް މާލީ އެހީތެރިކަމާ، އަދި މާކެޓް ކުރުމުގައިވެސް އަދި ތަކެތި ވިއްކުމުގައިވެސް އެހީތެރިވެދިނުން.

މިއަތޮޅުގައި 400 ކޮޓަރި ތަރައްޤީ ކުރުމުގެ ޚިޔާލު، ނުވަތަ މަސައްކަތް 2005ވަނަ އަހަރު ފެށި ހަތަރު ރަށެއް އޮތީ ހަތަރު ފަރާތަކަށް ދެވިފައި. އޭގެ އެއްވެސް ތަނެއް ނުހެދޭ. އަދި މިއިން ދުވަހަކު ހެދޭކަށްވެސް އޮއްވައެއްނުފެނޭ. އެއްރަށް އެބައޮތް، ފަހަރެއްގައި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ނިންމިދާނެ ކަމަށް މިހާރު ލަފާކުރެވޭ. މިކަންކަން މިހެން އޮތީމާ ސަރުކާރުން ނިންމީ، އެމީހުންނަށް އެރަށްތައް ހެދުމަށް އަދި އެއް އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް. ފަހަރެއްގައި ތިޔަބޭފުޅުންނަށް މިކަމުގެ ޚަބަރުލި ބިވަޑައިގެންފައި އޮވެދާނެ. އެހެން ދިނީމާ، ޙަޤީޤަތުގައި ސަރުކާރުން މިދެނީ 500 މިލިޔަން ރުފިޔާ. 50 މިލިޔަން ޑޮލަރުގެ އާމްދަނީ ދޫކޮށްލާނަމޭ މިބުނެވެނީ. އޭގެ ބޭނުމަކީ އެރަށްރަށް ހެދުން. އެރަށްރަށް ނުހަދާ މިވަގުތު، މިކަން އަޅުގަނޑުމެން ނުކޮށް، އެރަށްރަށް ހަވާލުވެ ތިއްބެވި ބޭފުޅުންގެ އަތުން ޖޫރިމަނާ ނަގަންވެގެން އަޅުގަނޑުމެން އުޅެގެންފިނަމަ، އެބޭފުޅުންނަށް ޖޫރިމަނާއެއްވެސް ނުދެއްކެވޭނެ. އެރަށްރަށެއްވެސް ނުހެއްދެވޭނެ. އަދި ތިޔަބޭފުޅުންނަށްވެސް، ސަރުކާރަށްވެސް ގެއްލުން. އަޅުގަނޑުމެން ބޭނުން 400 ކޮޓަރި ތަރައްޤީ ކުރަން. އަޅުގަނޑަށް ހީވަނީ 800 އެނދުހެން. އެހެންވީމާ، އެގޮތުން ރިޒޯޓުތައް ތަރައްޤީ ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދެވެންއޮތް އެހީތެރިކަމެއް ސަރުކާރަށް ފޯރުކޮށްދޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ، މިއަހަރު ނިމޭއިރުގައި މި 400 ކޮޓަރި މިއަތޮޅުގައި ހިނގައިގަންނާނެ ގޮތެއް ހޯދުން. އަޅުގަނޑުމެންނަށް މިކަންވެސް ކުރެއްވުމުގެ މަގުމަތީގައި މިދަނީ. މިހާރު އެއޮތީ، އެފަރާތަށް މިހާރު އެންމެބޮޑަށް ބޭނުންވާ ކަންތައް ކޮށްދީފައި. ދެންއޮތީ އެބޭފުޅުންނަށް ފައިސާ ލިބޭތޯ ބެލުން. އެބޭފުޅުންނަށް ލާރިހޯދައިދެވޭތޯ ބެލުން. ސަރުކާރުން މިދަނީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ ވާހަކަދައްކައިގެން ކުޑަ އިންޓަރެސްޓުގައި އެފައިސާ އެރިޒޯޓުތަކަށް ހޯދައިދެވޭނެގޮތް، މަގުތައް ފަހިކުރަމުން. ހަނދުމަފުޅު ބަހައްޓަވާތި! އެއްވެސް ހާލެއްގައި ރިޒޯޓުގެ އޯނަރުންނަކަށެއްނޫން. މިކަންކަން އަޅުގަނޑުމެން ކުރަމުން މިގެންދަނީ ތިޔަބޭފުޅުންނަށް. އަޅުގަނޑުގެ ނަޒަރުގައި ރިޒޯޓަކުން އެންމެބޮޑު ފައިދާ ލިބެނީ ހަމަ ސީދާ ތިޔަބޭފުޅުންނަށް. އެއީ މިތަނުގައި ހައްދާ ތަކެތި، ތަރުކާރީ، އަދި މޭވާއާ މިބާވަތުގެ ސާމާނު ރިޒޯޓުތަކަށް ވިއްކޭނެ ގޮތެއް އެބަޖެހޭ އަޅުގަނޑުމެން ހޯދަން. އެހެންވީމާ، ކައިރީގައި އަތްފޯރާ ހިސާބުގައި ރިޒޯޓެއް އޮތީމާ އެތައް ތަނަކުން ފަސޭހަވެގެންދޭ.

އިތުރަށް އަޅުގަނޑު ދަންނަވަން އޮތީ، އެނގިވަޑައިގަންނަވާނެ، ދިހަހާސްގޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތެއް ސަރުކާރުން އެބަހިންގާ. އެމަސައްކަތުގެ ތެރޭގައި މިދެރަށަށްވެސް ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން، ގެދޮރުއަޅައި ނިމި ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އެހެންވީމާ، އަޅުގަނޑު މިއުންމީދުކުރަނީ ހަމަ އަޅުގަނޑުމެންގެ ހުރިހާ ވަޢުދެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފުއްދޭނެކަމަށް. ފުއްދޭތޯ ބަލާނަން. އެހެންނަމަވެސް، އަޅުގަނޑު ފާހަގަކުރަން އެބަޖެހޭ، މިކަން އަޅުގަނޑުމެންނަށް ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެއް އަޅުގަނޑުމެންނަށް ލިބިގެން. އަޅުގަނޑުމެން ކުރާ މަސައްކަތް އަޅުގަނޑުމެންގެ ޕްރޮގްރާމު ކުރިޔަށް ގެންދިއުމަށް. މަޖިލީހުން ހުރަސް އަޅުއްވަމުން ގެންދަވަންޏާ، އެއީ އިދިކޮޅު ޕާޓީތަކުން އަޅާލަންވެސްޖެހޭނެ. އަދި އިދިކޮޅު އަޑުވެސް އުފުލަންވެސްޖެހޭނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އަޣްލަބިއްޔަތެއްވާވަރުވާނެ. އަޅުގަނޑަށް ޔަޤީން އެމް.ޑީ.ޕީ.އަށް އަޣްލަބިއްޔަތު ލިބޭނެކަން. އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާލީ. މިއީ މުހިންމު ކަމެކޭ. އަޅުގަނޑުމެންގެ ޕްރޮގްރާމު ގަބޫލުކުރައްވާ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވުން. އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ޙަސަން ޢަފީފް ވަޑައިގެން އެބައިންނެވި. ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މޫސާ މަނިކު މިވަގުތު ވަޑައިގެންވީ، ސަރުކާރު ދަތުރުފުޅެއްގައި ޖަޕާނުގައި. އަޅުގަނޑުމެން މޫސަ އަރިހުގައި ދެންނެވީ، ޑޮކްޓަރ ޝަހީދު އަރިހުގައި ވަޑައިގަންނަވާށޭ، ވަޑައިގެން، ޖަޕާނު ސަރުކާރާ ވާހަކަފުޅު ދައްކައިގެން، ލިބެންއޮތް އެހީއަކާ، ވިޔަފާރީގެ ގުޅުންތައް ފަހިވާނެ ގޮތްތައް ހައްދަވައިދެއްވާށޭ. މޫސަ ވަރަށް ކާމިޔާބު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ޖަޕާނު ސަރުކާރުގެ އެހީ ކުރިއަށްވުރެ މާބޮޑަށް ލިބިގެންދާނެ. އެކަންކަމަށް މިހާރު މިވަނީ މަގުތައް ފަހިވެފައި.

އެހެންވީމާ، އަޅުގަނޑު މިތަނަށް އައިސް މިހިރީ އުފަލުން ވަރަށްބޮޑު އުންމީދަކާ އެކީގައި. އަޅުގަނޑަށް އެނގޭ ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އަދިވެސް ހަމަ ތިއްބަވާނީ ޝައްކާ ވަހުމުގައިކަން. އެއީ އަޅުގަނޑު މިއަދު މިވާހަކަ މިދައްކަނީ ސަރުކާރޭ ބުނެ، ސަރުކާރެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު މިދިޔަ ދިގު ދުވަސްތަކުގައި މިއޮތީ ރައްޔިތުންގެ ހިތްތަކުން ވަރަށްބޮޑަށް ފޮހެވިފައި.

މާގިނައިރު އަވީގައި ތިބެވެނީއޭ އިނގޭތޯ. އަޅުގަނޑުގެ ވާހަކަ މާދިގެއްނުކުރާނަން. އަޅުގަނޑުގެ މައިގަނޑު ނުކުތާތަކަކީ މިއީ. މިދެރަށަށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވެންހުރި ކަންކަމަކީ މިއިއްޔޭ. އިރާދަކުރެއްވިއްޔާ ކަރަންޓުގެ ކަންތައް އަޅުގަނޑުމެން ޙައްލުކޮށްދޭނަމޭ. އިރާދަކުރެއްވިއްޔާ ނަރުދަމާގެ ކަންތައް އަޅުގަނޑުމެން ޙައްލުކޮށްދޭނަމޭ. އިރާދަކުރެއްވިއްޔާ ބޯހިޔާވަހި ކަންތައް އަޅުގަނޑުމެން ޙައްލުކޮށްދޭނަމޭ. އިރާދަކުރެއްވިއްޔާ މިއަތޮޅުގައި ރިޒޯޓުތައް ތަރައްޤީވުމަށް އަޅުގަނޑުމެން މަގުފަހިކޮށްދޭނަމޭ. އަދި ހަމަ އަޅުގަނޑު އުންމީދުކުރަނީ، އަޅުގަނޑު ޔަޤީންކުރަނީ މިއަދަށްވުރެ މާފަހި މާދަމައެއް އަޅުގަނޑުމެން އެންމެންނަށް ލިބިގެންދާނެކަމަށް.

الحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ!