بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއީ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް މި އިންތިޚާބުގައި ލިބުނު ކާމިޔާބީއަށްފަހު ތިޔަބޭފުޅުންނާ ބައްދަލުވާ ފުރަތަމަ އަހަރު. އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ ތިބޭފުޅުންނަށް ޚިދުމަތް ކުރަން އެކަނި. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި ވީ މިންވަރަކުން މަސައްކަތް ކުރަމުން ގެންދިޔުން. ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިފަހުން މިވީ ދެމަހެއްހާ ދުވަސްފަހުން ބަލާލެވޭއިރުގައި އަދި ފެންނަ ފެނުމުގައި، އަޅުގަނޑުމެން ވީ ވަޢުދުތައް ފުއްދައިދެވޭނެކަމުގެ ކުރިޔަށް ވުރެ މާ ބޮޑު ޔަޤީންކަމެއް އަޅުގަނޑަށް އެބައޮތް. ދާދި އަވަހަށް އިރާދަކުރެއްވިއްޔާ މި އަތޮޅުގައި، ހައްދުންމައްޗާއި ކޮޅުމަޑުލާ ދެ އަތޮޅު ހިމެނޭ ގޮތަށް ޕްރޮވިންސެއް އުފެދި އެ ޕްރޮވިންސްގެ އިދާރީ ހިންގުމުގެ މަސައްކަތް ހިނގައިގަންނާނެ. އޭރުން ތިޔަބޭފުޅުންގެ އަރިހުގައި ސްޓޭޓް މިނިސްޓަރަކު ހުންނަވާނެ. އަދި ސަރުކާރުގެ ހުރިހާ އޮފީސްތަކެއްގެ ޚިދްމަތް އެއްފުރާޅެއްގެ ދަށުން ތިޔަބޭފުޅުންނާ ގާތުން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަމުންދާނެ.

ޑިމޮކްރަސީއަކީ އަޅުގަނޑުމެން ދެކޭގޮތުގައި، އަދި އޭގެ އަސާސްތައްވެސް ވަރަށް ސާފުކޮށް ބުނާ ގޮތުގައި، ޑިމޮކްރަސީގެ އެންމެ ބޮޑު އެއް އަސާސަކީ، ރައްޔިތު މީހާޔާ ގާތުން އެމީހާގެ ކަންކަން ނިންމަމުން ގެންދެވޭނެ އުޞޫލެއް، އިންތިޒާމެއް ރޭވުން. އަޅުގަނޑުމެން މި ތަޢާރަފްކުރާ، ލާމަރުކަޒީ ނިޒާމު، އޭގެ ހަމަތަކަކީ މި ދެންނެވީ. ތިޔަބޭފުޅުންނާ ގާތުގައި ތިޔަބޭފުޅުންގެ ކަންކަން ނިމިގެންދާނެ.

ހަމަ މި އިދާރާ އަޅުގަނޑުމެން ގާއިމުކުރާއިރުގައި، އެއާއެކީގައި އަޅުގަނޑުމެން އެބަ އުފައްދަން މިދެއަތޮޅަށް އަސާސީ ޚިދްމަތްތައް ފޯރުކޮށްދޭނެ ކުންފުންޏެއް ނުވަތަ މުއައްސަސާއެއް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އެއަށް މިކިޔަނީ ޔުޓިލިޓީޒް ކުންފުންޏެކޭ. މި ކުންފުނީގެ ބޭނުމަކީ، މި ސަރައްޙައްދުގެ ފެނާއި، ނަރުދަމާއާއި، ކަރަންޓާ، މި ޚިދްމަތްތައް ސަރުކާރު ޙިއްޞާވާ ކުންފުންޏަކުން ދެމުން ގެންދިޔުން. ތިޔަބޭފުޅުންގެ އިންޖީނުގެތައް ތިޔަބޭފުޅުން ބޭނުންފުޅުވަންޏާ، އެބޭފުޅުންނަށް ވިއްކަވަންވީ. ނޫނިއްޔާ ތިޔަބޭފުޅުންވެސް އޭގެ ކޮންމެވެސް މިންވަރެއްގައި ޙިއްޞާވެވަޑައިގެން އެކުންފުންޏަށް އެ އިންޖީނުގެތަކުގެ ހަރު މުދާ ބަދަލުކޮށްދެއްވަންވީ. އޭރުން އިރާދަކުރެއްވިއްޔާ ހަމަގައިމުވެސް އެއް އިންޖީނުގެއިން މިސަރަހައްދަށް ވަރަށް ފަސޭހައިން ކަރަންޓު ދެވެން އެބައޮތް. އެކަމަށް އެތައް ބައެއްގެ ޝައުގުވެރިކަންވެސް ވަރަށް ބޮޑު މިންވަރަކަށް އެބަހުރި.

އަޅުގަނޑު އުންމީދުކުރަނީ މިއަހަރުގެ މެދެއްހާ ތަނުގައި މިދަންނަވާ މަސައްކަތް ފަށައިގަނެވޭނެކަމަށް. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ކަރަންޓުގެ މައްސަލަތައް ދާދި އަވަހަށް ޙައްލުވެގެންދާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އަޅުގަނޑަށް އެބައޮތް. ކަރަންޓުގެ ޚަރަދު ކުޑަވާން އެބަޖެހޭ. ފަސޭހައިން ކަރަންޓު ބޭނުންކުރެވޭނެގޮތް ހަމަޖައްސަން އެބަޖެހޭ. އަދި ބޭނުން މިންވަރަކަށް ބޭނުންކުރަން ކަރަންޓު ލިބެންވެސް އެބަޖެހޭ. ކަރަންޓު ލިބެންޖެހެނީ ހަމައެކަނި ގޯތި ގެދޮރަކަށެއް ނޫން. އެހެނިހެން މަސައްކަތްކުރާ ތަންތަނަށްވެސް ކަރަންޓު ލިބެންއެބަޖެހޭ. ޚާއްޞަ ގޮތެއްގައި ދަނޑުވެރިކަން ކުރާ ހިސާބުތަކަށްވެސް. ދަނޑުވެރިކަމަށް ބޭނުންވާ ފެންވެސް ހުރީ ކަރަންޓާ ގުޅިފައި. އެހެންވީމާ، އަޅުގަނޑުމެންގެ ސީދާ އަމާޒަކީ، އަޅުގަނޑުމެންގެ މައިގަނޑު މަޤްޞަދަކީ، ތިޔަބޭފުޅުންގެ ޖީބަށް ވަންނަ އެއްޗެއް އިތުރުކުރެވޭތޯ ބެލުން. މިއަދު ވަންނަނީ ކިހާވަރެއްތޯ ހޯދައި، އެ ފައިސާ އަޅުގަނޑުމެންނަށް އިތުރު ކޮށްދެވެން އޮތީ ކޮން މަގަކުންތޯ ހޯދުން.

އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި މިއީ ވަރަށް މުއްސަނދި އަތޮޅެއް. ޚާއްޞަކޮށް ބިމުގެ ގޮތުން މުއްސަނދި އަތޮޅެއް. އެހެންވީމާ، މިއަތޮޅުގެ މުއްސަނދިކަން ބޭނުންކޮށްގެން މުޅި ރާއްޖޭގެ ތަރައްޤީ ހޯދުމަކީ ކުރެވިދާނެކަމެއް. އަޅުގަނޑުމެންގެ ވިސްނުމުގައި އަދި އަޅުގަނޑުމެންގެ ސިޔާސަތުތަކުގެ ތެރޭގައި މިވަނީ އެވިސްނުމަށް ބާރުއެޅުން. ތިޔަބޭފުޅުންވެސް ގަބޫލުފުޅުކުރައްވާނެ، ރައްޔިތުންގެ އިންޖީނުގެތައް އަދި ރައްޔިތުންގެ ނަމުގައި އުފައްދާފައިވާ އެތައް އެތައް ކަމެއް އެބަހުރި. އެކަންއެކަން އެދެވޭ ގޮތުގައި ކުރިއަރައިގެން ގޮސް، އެއިން އަޅުގަނޑުމެން ބޭނުންވި ފައިދާ ތަކެއްނޫން، ނުކުތީކީ. އެންމެ ފަހުން އައިސް ގިނަ އިންޖީނުގެތައް ހުއްޓުނީ. އެހާ ބޮޑު އަގުގައި ކަރަންޓުގެ ޚިދްމަތް ދޭން މިޖެހެނީ، އެއިން ފައިދާއެއް ނުމެ ނިކުމޭ. އެކަމުން ސަރުކާރަކަށްވެސް، ރައްޔިތުންނަކަށްވެސް ލިބުނު މާބޮޑު ރަނގަޅެއް ނެތް.
އިންޖީނުގެތައް އެބަހުރި، އޭގެ އޮނިގަނޑެއް އެއޮތީ ރާވާލެވިފައި، އެއީ ވަރަށް ބޮޑު ރަނގަޅެއް. އެ އޮނިގަނޑު ބޭނުންކޮށްގެން އިތުރު އިންވެސްޓްމެންޓް ހޯދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް މަގުފަހިވެގެންދޭ. އެހެންވީމާ، އެ ބިންގަލުގެ މަތީގައި އަޅުގަނޑުމެންނަށްވެސް މަސައްކަތްކުރެވޭނެ. ތިޔަބޭފުޅުންގެ، ރައްޔިތުންގެ އިންޖީނުގެތަކުގެ ބިންގަލުގެ މަތީގައި.

އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ އެއީ ޙަޤީޤަތުގައި ރައްޔިތުން ކުރާންފެށިކަމެއްކަން. 1980 ގެ ވަރަށްކުރީކޮޅުގައި، މަޑުމަޑުން މަޑުމަޑުން ރަށްރަށުގައި ޖަނަރޭޓަރެއް ބަހައްޓައިގެން ހިންގަމުން ހިންގަމުން އައިސް މިހާރު މިއޮތީ މިހިސާބަށް އައިސްފައި. މިހާރަކު ނެތް ރައްޔިތުން އެހެން ކުޑަކުޑަކޮށް ކޮށްލާ ކަމެއްގެ ގޮތުގައި އެކަން ބާއްވައިގެނެއް ރައްޔިތުންނަކަށްވެސް ފައިދާއެއް ވާކަށް، އަދި ސަރުކާރަށްވެސް ފައިދާއެއް ވާކަށް. އަޅުގަނޑުމެން ބޭނުންވަނީ އެއްއަގެއްގައި މުޅި އަތޮޅަށް ކަރަންޓް ދެވޭނެ ނިޒާމެއް ހަމަޖައްސަން. އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތޭ، އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަޅުގަނޑުމެންނަށް އެކަން ފަހިވެގެންދާނެއޭ.

އެހެންނަމަވެސް، މިދަންނަވަނީ ވަރަށް ބޮޑު އިންވެސްޓްމަންޓްތަކެއްގެ ވާހަކަ. އަޅުގަނޑު މިދަންނަވަނީ ފޮނަދޫއްސުރެ މިހިސާބަށް ނަރެއް އަޅާވާހަކަ. އެކަމާ ގުޅޭ މާހިރުން އަޅުގަނޑަށް އެބަ ދައްކާ، އެ އަޅާ ގޮތާ އޭގެ ކުރެހުމާ، އޭގެ އަގާ، އެއިންވާނެ ފައިދާތަކާ މިއެންމެހާ ކަންކަން. އަޅުގަނޑު ވަރަށް އުފާވޭ، އަޅުގަނޑުގެ އުންމީދަކީ އެ މަޝްރޫތައް، އެ މަސައްކަތްތައް ޙަޤީޤަތަކަށްވެގެންގޮސް، ތިޔަބޭފުޅުންނަށް އޭގެ ފައިދާ ލިބިވަޑައިގަންނަވަމުން ދިޔުން. ނަރުދަމާގެ ނިޒާމުތައް ބެލެހެއްޓުންވެސް އަޅުގަނޑުމެން ބަދަލުކުރާނީ ހަމަ އެކުންފުންޏަށް. ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައި ދޫކޮށްލީމަކާއެއް ނޯންނާނެ ވާކަށް. އެ ބަލަހައްޓަން އެބަޖެހޭ. އެ ބެލެހެއްޓުމަށްޓަކައިވެސް އިންތިޒާމުތަކެއް އެބަ އުފައްދަން އެބަޖެހޭ. އަޅުގަނޑުމެން މި ޔޫޓިލިޓީޒް ކުންފުނި ނުވަތަ އަސާސީ ޚިދްމަތްތައް ދިނުމަށް އެކުލަވާލާ ކުންފުނި މެދުވެރިކޮށް، މިދަންނަވާ ނަރުދަމާތައް އިރާދަކުރެއްވިއްޔާ އެ ކުންފުނީގެ ދަށަށް ބަދަލުވެގެން، ބެލެހެއްޓިގެން، ތިޔަބޭފުޅުންނަށް އޭގެ ފަސޭހަކަން ރީތިކޮށް ފޯރައިގެންދާނެ.

އެނގިވަޑައިގަންނަވާނެ، ދަތުރު ފަތުރު ކުރުމަކީ އަޅުގަނޑުމެންގެ ވަޢުދެއް. ފަސޭހަކަމާއެކީ، އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިދޭނެކަމަށް އަޅުގަނޑުމެން އަޑު އުފުލަމުން މިއައީ. ރަށު ބަންދުގެ ޙާލަތުން ރައްޔިތުން މިންޖުކޮށްދޭނެކަމަށް އަޅުގަނޑުމެން ވަޢުދު ވަމުން މިއައީ. އަޅުގަނޑުމެންގެ އެ ވަޢުދު ފުއްދުމަށްޓަކައި އެއްގަމު މަގު މިސަރައްޙަދުގައި ވަރަށް މުހިންމު. އިރާދަކުރެއްވިއްޔާ ތާރު އަޅާ ރަނގަޅު ފެންވަރަށް އެ މަގު ހެދުމުގެ މަސައްކަތްވެސް އަޅުގަނޑުމެން މިބަލަނީ މިއަހަރުގެ ތެރޭގައި ހިނގައިގަންނާނެކަމަށް.

ދެން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ކުރީގައި ފެނިފައި އޮތީ، ގެވަޅެއް ލިބުނީމާ ވަށާފާރު ރާނައި، ރިޒޯޓެއްގައި މަސައްކަތްކުރާތާ ތިންއަހަރު ހަތަރު އަހަރުވީމާ، ފަހަރެއްގައި ލިބޭ ލާރިކޮޅު އެއްކޮށްލައިގެން އެއްއަހަރު ދުވަހުގެ ތެރޭގައި ފައުންޑޭޝަން އަޅާލެވިދާނެކަމަށް. ދެން އަންނަ އަހަރު ހަތަރު ފާރު ރާނާ ލެވިދާނެ. އަނެއް ރޯދައަށް ހިޔާކޮށްލެވިދާނެ. ދެން އަންނަ ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. އަޅުގަނޑުމެންނަށް، ތިޔަބޭފުޅުންނަށް، އާދައިގެ މީހަކަށް މިއިން ގެއަކަށް ވަދެވޭއިރުގައި މިހުންނަނީ އުމުރު ދެބައިވެފައި. ދެވަނަ ކައިވެންޏާ ހަމައަށް ގޮސްފައި.

އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ އެއީ، ތިޔަބޭފުޅުން އުޅުއްވަންވީ ގޮތްކަމަކަށް. މިރާއްޖޭގައި ތަނަވަސްކަމުގައި ރިވެތި ގޮތުގައި އުފަލާއެކީގައި ގިނަ ރައްޔިތުންނަށް ނޫޅެވެންވީ ސަބަބެއް ނެތް. ޙަޤީޤަތުގައި އެއިން ގެއަކަށް ތިޔައިން ބޭފުޅަކު ފަނަރަ ވިހި އަހަރު ދުވަހުގެ ތެރޭގައި އެބަ ޚަރަދު ކުރައްވާ މިލިއަނެއްހާ ރުފިޔާ. އެއީކީއެއްނޫން އެއިން ގެއެއްގެ އަގަކީވެސް. އަޅުގަނޑުމެންނަށް އެބައޮތޭ ތިޔަބޭފުޅުންނަށް އަޅާ ނިންމާފައިހުރި ގެދޮރު ދެވެން.

އެނގިވަޑައިގަންނަވާނެ، ދިހަހާސް ގެ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރު މިހާރު މިދަނީ ފަށައިގެން ކުރަމުން. އޭގެ ޢަމަލީ މަސައްކަތްތައް މިއަހަރު ދުވަހުގެ ތެރޭގައި ފެށޭނެ. އަޅުގަނޑު މި ބަސްތައް ބޭނުންކުރާ ގޮތް، އަޅުގަނޑުމެންގެ ފަންނީ ބޭފުޅުން ވަރަށް ބޮޑަށް ބައްލަވާ. އެބޭފުޅުން އަބަދުވެސް ވިދާޅުވޭ، މިއަހަރު ދުވަހުގެ ތެރޭގައި އެގެތަކަށް ވަދެވޭނެކަމަށް ވިދާޅުނުވައްޗޭ. ދެންމެވެސް އަޅުގަނޑު ލޯންޗަށް އެރިތަނާވެސް އެވާހަކަ ދައްކަވައިފި. އެގެތަކަށް ވަދެވޭނެއޭ ވިދާޅުނުވައްޗޭ. އެހެންނަމަވެސް، އެގެތައް ހަދަން ފެށޭނެއޭ. އިރާދަކުރެއްވިއްޔާ ދެން ހަދަން ފެށުނީމާ އަޅުގަނޑަށް ފެންނަފެނުމުގައި އެކަމަކަށް ނަގައިގެން ނުވާނެ އަށް މަސް ނުވަތަ ނުވަ މަހަށްވުރެ ގިނަދުވަސް.

އެހެންވީމާ، މި މަސައްކަތްތައް އަޅުގަނޑުމެން މިފަށައިގަންނަނީ. މިހާރު އަޅުގަނޑުމެން ހިންގަމުން މިގެންދަނީ އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިއިރުގައި އަޅުގަނޑުމެންގެ ތަޞައްވުރެއް، ވިސްނުމެއް، މަންޒަރެއް، ފިކުރެއް އަޅުގަނޑުމެން އޮތީ އެކުލަވާލާފައި. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހުށަހެޅީ، އެއީ އަޅުގަނޑުމެންގެ މެނިފެސްޓޯ. އަޅުގަނޑުމެންގެ ސިޔާސަތު. އޭގެ ތަފްޞީލަށް ޙަޤީޤަތުގައި މިހާރު އަޅުގަނޑުމެން މިދަނީ. އެހެންވީމާ، މީގެ ވަރަށް ގިނަ މަސައްކަތްތަކަކީ މާ ކުރިއްސުރެ ފަށައިގެން އަޅުގަނޑުމެންގެ ސިކުނޑީގައި ހުރި، އަޅުގަނޑުމެން ހުރިހާ މުޒާހަރާއެއް ކުރަމުން އައިއިރުގައިވެސް އަޅުގަނޑުމެން ވިސްނަމުން ދިޔަ ވިސްނުން، އަޅުގަނޑުމެންގެ އަމާޒު. އެހެންވީމާ، މިއަދު މާތްރަސްކަލާނގެ ރަޙްމަތްފުޅާއި އިރާދަފުޅުން، އަޅުގަނޑުމެންނަށް މިއޮތީ މި ނަސީބު ނުވަތަ މި ހެޔޮކަން ލިބިފައި. އަޅުގަނޑުމެންގެ މިހާރުގެ އަމާޒަކަށް ވާންޖެހޭނީ، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދައިދިނުމުގައި ހަމަ ގަދައަޅައި، ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދިޔުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވާނަން، އަޅުގަނޑު ހަމަގައިމުވެސް ރެއަކާއި ދުވާލެއްގެ މައްޗަށް 15 ގަޑިއިރު މަސައްކަތްނުކޮށް ދުލެއް ނުކުރާނަން. އަޅުގަނޑަށް ވަގުތުވެސް ހެދޭ. އިރާދަކުރެއްވިއްޔާ މިމަސައްކަތްތައް އަޅުގަނޑަށް ކުރެވޭނެ.

ބައެއް ބޭފުޅުން ފަހަރެއްގައި މިހާރު ކުޑަކޮށް ޝަކުވާ ބަނދެދާނެ އަޅުގަނޑާ އިހުގައި ދިމާވާވަރަށް ދިމާ ނުވާތީ. އެއީ، އަޅުގަނޑު މިކަމުގައި ޤުރުބާން ކުރަންޖެހޭ ކަމެއް. އަޅުގަނޑު ބޭނުން ހޮޓާ ހޮޓަލަށް ގޮސް ސައިބޯންވެސް އިންނަން. އެކަމު އަޅުގަނޑަކަށެއް މިހާރު އެކަމެއް ނުވޭ. އަޅުގަނޑު ބޭނުން މިރަށަށް އައިސްވެސް ގިނައިރު ގަސްދޮށުގައި އިންނަން. އެކަމަކު، އެއީ އަޅުގަނޑު ވާންޖެހޭ ޤުރުބާނީއެއް. މަސައްކަތުގައި ގިނަވަގުތު ވަކިން އެބަ އިންނަން ޖެހޭ. އެހެންނަމަވެސް، ތިޔަބޭފުޅުންނާ އަޅުގަނޑާ ދެމެދު އޮންނަ ގުޅުމެއް އިރާދަކުރެއްވިއްޔާ ނުކެނޑޭނެ. އަޅުގަނޑު ހަމަޔަކަށް އެޅުނީމާ އަޅުގަނޑަށް ވަގުތުވާނެ. މިހާރު މިކަންކަން މިވަގުތު ބާރަށް ގެންގޮސް މިދުވަސްވަރު އެބަޖެހޭ މިކަންކަން ހިނގައިގަންނާނެ ގޮތްތަކެއް ހޯދަން ފަށަން.

އެހެންވީމާ، އެމަސައްކަތް އެބަދޭ، އަޅުގަނޑު މިހުރީ ވަރަށް ހިތްހަމަޖެހިފައި. މިދެންނެވިހެން މީގެ ތިންހަތަރު މަސްކުރިން އަޅުގަނޑު އަމިއްލައަށްވެސް ރާއްޖޭގައި ދިހަހާސްގެ އެއްފަހަރާ އެޅިދާނެއޭ އެހެން ހިތަށްއަރުވަން ބިރުގަނޭ. އަޅުގަނޑުމެން ހިތަށްއެރީ ގެތައް ނާޅައި އެހުންނަނީ ނޭޅޭތީއޭ. އެހެންވީމާ، އެގެތައް އެޅުމަށް ވިސްނަން ފެށުން އެއީ، ވަރަށް ބޮޑުކަމަކަށް ވިސްނުމޭ. އެކަމަކު އެހެނެއްނޫންވީކީ. އަޅުގަނޑުމެން ބުނިން ނޫނެކޭ އެކަން ބޮޑުކަމަށް ވިސްނާނީއޭ. މިއިން ގޮތެއް އަޅުގަނޑުމެންނަށް ފެންނާނެއޭ. އެކަމުގެ ދިރާސާތައް އަޅުގަނޑުމެން ކުރަމުން އަންނަތާ ހައެއްކަމަސް ވެއްޖެ. އިންތިޚާބަށް އަޅުގަނޑުމެންގެ މެނިފެސްޓޯ އެކުލަވާލުމުގައި އެމަސައްކަތް އަޅުގަނޑުމެން އެންމެ ބާރަށް ހިންގިން.

މިއަދު އަޅުގަނޑުމެން ބަލާލާއިރުގައި ޙަޤީޤަތުގައި މާބޮޑުކަމަކަށެއް މިކަމެއް ނުވޭ. އެއީ ހަމަ ދާދި ފަސޭހައިން ވާންއޮތްކަމެއް. ސަރުކާރެއްގެ ސިޔާސީ އަމާޒު އެދިމާއަށް ހުރިއްޔާ، އަޅުގަނޑު ގާތުގައި އާދޭސްކޮށްގެން ގެވަޅެއް ލިބޭގޮތް އޮތީމާ އަޅުގަނޑަށް ވަރަށް ރަނގަޅު. އަޅުގަނޑަކީ ވަރަށް ހެޔޮ މީހެއްގެ ގޮތުގައި ގެވަޅެއް ލިބޭ މީހަކު ވަރަށް ދެކޭ. އެކަމަކު އެއީ ތިޔަބޭފުޅުންގެ އެއްޗެއް. އަޅުގަނޑު ކައިރީގައި އާދޭސްކޮށްގެން ހޯދާ އެއްޗެއް ނޫން އެއީ. އެހެންވީމާ، ދިހަހާސްގެ އެއްފަހަރާ އެޅީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑު އޭގެތެރެއިން ނެއްޓުނީ. ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަމާއި ގޯތިގެދޮރު ލިބުނީ. އަޅުގަނޑުގެ ނަޒަރުގައި ތިޔަބޭފުޅުން ހިތް އަޅުގަނޑާ ދޭތެރޭގައި އޮންނާނެ ގޮތް ބިނާވެފައިވާނީ މަދުމަދުން ސަރުކާރުން އަޅުގަނޑު ދޭ އެއްޗެހީގެ މައްޗަކަށެއް ނޫން.

އަޅުގަނޑު ދެކޭގޮތުގައި ތިޔަބޭފުޅުންގެ ވިސްނުން ފުޅާ، ތަނަވަސް. ތިޔަބޭފުޅުންނަށްވެސް ހަމަ އެނގިވަޑައިގަންނަވާ ކުރީގައި ވެލްފެއަރ ޑިޕާޓްމަންޓުގައި އޮތް، ކުރީގައި ރައީސްއޮފީހުގައި އޮތް ގިނަ ބޮޑު ވެލްފެއަރ ބަޖެޓް އެއީ، ރައީސުލްޖުމްހޫރިއްޔާގެ އެއްޗެއް ނޫން، އެއީ ތިޔަބޭފުޅުންގެ އެއްޗެއް. ސަރުކާރުގެ މާލިއްޔަތުގައި ހުރި އެންމެ ލޯލާރިއަކީވެސް ހަމަ ތިޔަބޭފުޅުންގެ އެއްޗެއް. އަޅުގަނޑުގެ އެއްވެސް ލާރިއެއްނެތް. ތިޔަބޭފުޅުން އަޅުގަނޑަށް މުސާރަ އެރުވީމާ، އެ މުސާރަ ހިފައިގެން މި މަސައްކަތް އަޅުގަނޑު މިކުރަނީ. އެހެންވީމާ، އެފައިސާވެސް އެހެން ފައިސާއެއްވެސް އެއީ، ހަމަ ތިޔަބޭފުޅުން ބޭނުންވާ ގޮތްގޮތަށް ތިޔަބޭފުޅުންގެ ކަންކަމަށް ޚަރަދުކުރަން ހުރި ފައިސާ. ކިހިނެއްތޯ އެންމެ ރަނގަޅަށް އެފައިސާ ޚަރަދުކުރެވޭނީ، ކޮންބަޔަކާ ވެރިކަން ޙަވާލުކޮށްގެންތޯ އެކަން ކުރެވޭނީ. ތިޔަބޭފުޅުން މިއަދު ރަނގަޅު ނިންމެވުމެއް ނިންމަވާފައި ތިޔައޮތީ. އޭގެ އެންމެ ސަލާމަތްކަން ބޮޑީ އަޅުގަނޑުމެންނާ ހަވާލުކޮށްގެން.

އަޅުގަނޑުމެންގެ ޕާޓީއަކީ، އިޤްތިޞާދީ ކަންކަމުގައި ވަރަށް ފުޅާ ވިސްނުމެއް ގެންގުޅޭ ޕާޓީއެއް. ތެދުފުޅެއް، އަޅުގަނޑުމެންނަކީ ފިޤްޙު ޢިލްމުގެ އެހާ ކުރީގައި ތިބި ބައެއް ނޫން. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއެއް ހުރޭ. އަދި ރާއްޖޭގައި ތިބި އެންމެ ބޮޑެތި ދަންނަބޭކަލުން އެވުޒާރާގައި އެބަ އުޅުއްވާ. އަދި އެބޭފުޅުން ފިޤްޙު އެކަޑެމީއެއްވެސް ހައްދަވާ. އެމަސައްކަތް އެބޭފުޅުން ކުރައްވާ. އަޅުގަނޑުމެންގެ މަސައްކަތަކީ، ޒަމާނީ އިޤްތިޞާދީ ވިސްނުމާއި ޒަމާނީ ގޮތްތައް ބޭނުންކޮށްގެން ރާއްޖެއޭ މިކިޔާ އިންޖީނު ހިންގާލެވޭނީ ކިހިނެތްތޯ ބަލައި، މިރާއްޖެ ތަރައްޤީކުރުން. މިއަދު އަޅުގަނޑުމެންނަށް އެކަންވާނެކަމުގެ ޔަޤީންކަން ހަމަ ދުވަހުން ދުވަހަށް މިދަނީ ބޮޑުވަމުން. އަޅުގަނޑު ދަންނަވާނީ، އިރާދަކުރެއްވިއްޔާ މާދަމާ ވެގެންދާނީ މިއަދަށްވުރެ މާ ފާގަތި ފަހި ދުވަހަކަށޭ. ތިޔަބޭފުޅުންގެ އުންމީދާއި އަޅުގަނޑުމެންގެ އުންމީދާ އެކުވެ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ ލިބޭނެއޭ. އަޅުގަނޑުމެން ރައްޔިތުން ހާސްކަމުން ނެއްޓި އުފާވެރިކަމުގައި ދިރިއުޅެވޭނެ ގޮތެއް އަޅުގަނޑުމެންނަށް ހޯދޭނެއޭ.

والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ!