بســم اللّـه الرّحمـن الرّحيــم

މި އުފާވެރި ޤައުމީ ދުވަހުގެ އެންމެހާ ހެޔޮދުޢާއާއި ތަހުނިޔާއާއި މުބާރަކްބާދީ، އުތީމުގެ އެންމެހާ ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އަރިސް ކުރަން.
މިރަށަކީ، ރާއްޖޭގެ އެހެން އެއްވެސް ރަށެއް ގުޅިފައިނުވާހާ ފުންމިނަށް، ފުޅާމިނަށް، ދިގުމިނަށް، ވަރުގަދައަށް ދިވެހި ޤައުމިއްޔަތާ ގުޅިފައިވާ ރަށެއް. އެއީ، ދިވެހިރާއްޖޭގެ ތާރީޚީ ޙަޤީޤަތް. އެއީކީ އަޅުގަނޑުމެން އެއްވެސް ބަޔަކަށް، އަދި މިހާރު ތިބި ބަޔަކަށްވެސް، ދެން ކުރިއަށް އަންނަން އޮތް ބަޔަކަށްވެސް ބަދަލުކުރެވޭނެ ޙަޤީޤަތެއް ނޫން. ތިޔަބޭފުޅުންނަކީ، މި ފަސްގަނޑުން އުފަން ދަރިން. މިފަސްގަނޑުގައި އުޅެ ބޮޑުވި ދިވެހި ދަރިން. ދިވެހިރާއްޖެ އަލުން އަނބުރާ ދިވެހިންނަށް ރައްދުކޮށްދިނުމުގައި، އެންމެބޮޑު މަސައްކަތެއް ކޮށްދެއްވި ބޭފުޅުން. އޭގެފަހުން މިއަންނަ އާދައިގެ މީހުން، އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނީ، އަޅުގަނޑުމެންނަށްވީ މިންވަރަކުން، ތިޔަބޭފުޅުންނަށް ކަންކަން ފުރިހަމަކޮށްދެވޭތޯ. ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، މި ރަށުން ނަމޫނާއެއް ލިބި، މިރަށުން ހިތްވަރު ލިބި، މިރަށުން މީގެކުރީގައިވެސް ނުކުތް ދިވެހި ދަރިންފަދަ ދިވެހި ދަރިން މިރަށުންނާއި އަދި ރާއްޖޭގެ އެހެން ތަންތަނުންވެސް އުފެދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރުން.

އުތީމު ރަދުންގެ ވާހަކަ. އުތީމު ތަކުރުފާނު ވާހަކަ އަޅުގަނޑު މިތާ ހުރެ ތިޔަބޭފުޅުންނަށް ދަންނަވަން ފަށައިފިނަމަ، އެ ވާނީ ބަސަރާއަށް ކަދުރު ވިއްކުން ބާވަތުގެ ކަމަކަށް. ތިޔަބޭފުޅުންނަށްވުރެ ބޮޑަށް ވަކި ތިޔަބޭފުޅުންގެ ތަކުރުފާނު އެނގިވަޑައިގަންނަވާނެ ބަޔަކު އަޅުގަނޑު ހިތުން ނުތިބޭނެ. ވަރަށް ތުއްޕުޅުއިރުގައި، މިރަށުގައި މުޙަންމަދު ތަކުރުފާނު ވަރަށްގިނަ ދުވަސް ހޭދަކުރެއްވި. ތިންބެއިންވެސް މިރަށުގައި އެތައް ދުވަހަކު އުޅުއްވުމަށްފަހު، އެނގިވަޑައިގަންނަވާނެ، ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަންނަވަން ޖެހިވަޑައިގެން، އެއަށްފަހު އަނެއްކާ އަލުން އަނބުރާ ރާއްޖެ ވަޑައިގެން، ދެން އެ ޖިހާދު ފެށްޓެވީ. ފެށްޓެވުމަށްފަހު އެގެންދެވި ގޮތަށް ގެންދަވައި، ދިވެހިރާއްޖެ އަޅުގަނޑު ދަންނަވާނީ ހަމަ އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް ރައްދުކޮށްދެއްވި އެންމެ ވަރުގަދަ ބަޠަލަކީ ބޮޑުތަކުރުފާނު، މުޙަންމަދު ތަކުރުފާނޭ.

އަޅުގަނޑު ރޭގައިވެސް ދެންނެވީމު. ޤައުމެއް ދެމިއޮންނަނީ ވާހަކައެއް އޮންނާތީއޭ. ޙަޤީޤަތުގައި، އައްޑޫން ކެލައަށް ހުރިހާ ދިވެހިން، ތިމަންނާމެންނަކީ އެއްޤައުމެއްގެ ބަޔެކޭ ބުނެ މިއުޅެނީ އެހެން އެބުނާ ވާހަކަ ޒަމާނުއްސުރެ ފަށައިގެން ތުންތުންމަތިން ދެކެވެމުން އަންނާތީވެ. ތިޔަބޭފުޅުންނާއި އައްޑުއަތޮޅު ހިތަދޫ ބަޔަކާ ނުވަތަ ފޭދޫ ބަޔަކާ ގުޅުން މި ހުންނަނީ، މިދަންނަވާ ސަބަބަށްޓަކައި.
އަޅުގަނޑަށް ދެންމެ މިތަނުން ދިމާވި އެންމެ އުފާވެރި އެއްކަމަކީ، އައްޑުއަތޮޅު ފޭދޫ ކުއްޖެއް، އަމިއްލައަށް މި ޙަފްލާގައި ބައިވެރިވުމަށާއި، މި ރަށް ބަލާލުމަށް، އެކުއްޖާގެ ޝައުޤުވެރިކަން އުފެދިގެން މިރަށަށް އައިސް، މިތަނުގައި ގަނޑުވަރާއި އަދި މިއަތޮޅުގެ ތަކުރުފާނާ ގުޅޭ އެންމެހާ ކަންކަން އެކުއްޖާ ބަލަމުން ގެންދިޔަކަން. މަދަރުސާ ކުއްޖެއް. އެއީ، ދިވެހިރާއްޖެ ދެމި އޮންނަ ސަބަބަކީ. އައްޑޫންވެސް ކެލައިންވެސް ހުރިހާ ރައްޔިތުންނަށް، ހުރިހާ ދިވެހިންނަށް މިވާހަކަ ގަބޫލު ކުރެވޭތީ. މިއީ ދިވެހިރާއްޖޭގައި ކަން ހިނގާފައި އޮތް ގޮތް ކަމަށް، ހިތުގެ އަޑީގައި ބިންވަޅު ނެގިފައިވާތީވެ.

އެހެންވީމާ، ރާއްޖެ ޙަޤީޤަތުގައި ދެމިއޮތުމުގައި އުތީމުގެ ދައުރާއި، އުތީމާ ގުޅުވައި ދެކެވޭ ހުރިހާ ވާހަކަ އެއީ، ވަރަށް މުހިންމު ވާހަކައެއް. އަޅުގަނޑަށް ޔަޤީން. އަޅުގަނޑުމެން މިއަދު ކުރާ ކަމެއްގެ ސަބަބަކުން މިކަންކަމަކަށް ބަދަލެއް ނުގެނެވޭނެ. ކޮންމެގޮތެއްވިޔަސްވެސް، ހިނގާ ގޮސްފައިވާ ކަންކަން އަޅުގަނޑުމެންނަކަށް ބަދަލެއް ނުކުރެވޭނެ. އަޅުގަނޑުމެންނަށް މިއަދު ބަދަލުކުރެވޭނީ، ކުރުމަށް މަސައްކަތް ކުރެވޭނީވެސް ވާންހުރި ކަންކަން. އަދި ވަމުންދާ ކަންކަން. ވެފައިވާ ކަންކަން އެހެރީ ވެފައި. ދެން އެވެފައި ހުރިގޮތާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ޚިލާފު އުފައްދައި ބަޙުޘް ހިންގައި ހެދިދާނެ. އެހެން ނަމަވެސް، ކަން އެއޮތީ ވެފައި. ތާރީޚެއް ބަދަލެއް ނުކުރެވޭނެ. އެހެންނަމަވެސް މުސްތަޤްބަލެއް ބިނާކުރެވިދާނެ.

އަޅުގަނޑުމެން މަސައްކަތް މިކުރަނީ މުސްތަޤްބަލެއް ބިނާކުރަން. އަޅުގަނޑުމެން މިހިނދުގައި އަބަދުވެސް ހަނދާންކުރާ އެއްޙަޤީޤަތަކީ، މި ސަރުކާރު ދެމިއޮންނަނީ އެންމެ ބޭނުމަކަށޭ. އެއީ، ތިޔަބޭފުޅުންގެ ބޭނުންތައް ފުއްދައިދިނުމުގައި، އަޅުގަނޑުމެންނަށްވީ މިންވަރަކަށް އަޅުގަނޑުމެން މަސައްކަތް ކުރުމަށް. އަޅުގަނޑުމެން މި ސަރުކާރު ދެމިއޮންނަ ސަބަބަކީ މިދެންނެވީ. ވަޢުދު ފުއްދުމަށްޓަކައި. މި ސަރުކާރު އުފެދިފައި މިއޮތީ، މި ސަރުކާރުން ކޮށްދެވިދާނެ ކަމަށް ވަކާލާތު ކުރި ކަންތައްތަކެއް އެއީ، ތިޔަބޭފުޅުންނަށް ގަބޫލުކުރެއްވޭ ކަންތައްތަކެއް ކަމަށްވެގެން. ރާއްޖޭގެ ރައްޔިތުންގެ އައަޣްލަބިއްޔަތަށް، އެކަންކަން އެހެން ކުރުމަށް ގަބޫލު ކުރެވުނީތީވެ، އަޣްލަބިއްޔަތަށް ބޯލަނބައި، އަޅުގަނޑުމެން މި ސަރުކާރު އުފައްދާފައި މިވަނީ.

މި ސަރުކާރު ކުރިއަށް ގެންދާއިރުގައި، އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދުވެސް ބިންވަޅު ނަގާފައި ބާއްވަންޖެހޭނެ، މި ދައުލަތަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީވެސް، މި ދައުލަތުގެ އެންމެހާ މުއްސަނދިކަމަކީވެސް، ހަމަ ސީދާ ތިޔަ ރައްޔިތުންގެ މުއްސަނދިކަމޭ. ރައްޔިތުންގެ ފައިސާއޭ. އެފައިސާއަށް އަޅުގަނޑުމެންނަކަށް ޚިޔާނާތްތެރިއެއް ނުވެވޭނެ. އަމާނާތްތެރިކަމާއެކީގައި އަޅުގަނޑުމެން އެފައިސާ ބަލަހައްޓަން ޖެހޭނެ. އެފައިސާއިން އަޅުގަނޑުމެން ކުރާ ބޭނުމަކީ ކޮބައިތޯ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ. ތިޔަބޭފުޅުން ބައްލަވަން ޖެހޭނެ، ސަރުކާރުން ފައިސާ ޚަރަދު ކުރަމުންދަނީ ރަނގަޅަށްތޯ؟ ކަންކަމުގައި ނިންމަމުން ގެންދަނީ ރަނގަޅަށްތޯ؟ ޤައުމެއް، ސަރުކާރެއް ރަނގަޅަށް ހިނގަނީ، އެ ސަރުކާރަކަށް އެކިބާވަތް ބާވަތުގެ ފާޑު ރައްދުވީމާ. އޭރުން ސަރުކާރަކަށް ހަމަ މަގުގައި ކުރިއަށްދާން އެނގެނީ.

އަޅުގަނޑަށް މިއަދުވެސް އިރާދަކުރައްވައިގެން މިރަށުގެ ޒުވާނުންކޮޅަކާ ބައްދަލުވެއްޖެ. މިރަށުގެ ޝަކުވާތަކާއި ނުވަތަ ބޭނުންތައް އަޅުގަނޑުމެންނަށް ސާފުވި. އަޅުގަނޑުމެންނަކަށް މީގެކުރީގައިވެސް އެބޭނުންތައް އޮޅިފައެއް ނުވޭ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި، މިރަށުގެ ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ފައިސާ އޮތީ މުޅިން ހަމަނުޖެހި. އިރާދަކުރައްވައިގެން، އަޅުގަނޑަށް މިއަދު އުފަލާ އެކީގައި ދަންނަވަން ކެރޭ. އެ ނަރުދަމާގެ ފައިސާ މިހާރުވަނީ ސަރުކާރުގެ ބަޖެޓަށް ގެނެވިފައޭ. އިރާދަކުރެއްވިއްޔާ، މިއަހަރު އެ ނަރުދަމާ ހަދައިދެވޭނެއޭ.

ނަރުދަމާއާ ހަމަ އެއްހަމައިގައި ނުވަތަ އެއަށްވުރެވެސް ބޮޑުކޮށް އޮތް މައްސަލައެއް އެއީ، ބަނދަރުގެ މައްސަލަ. މިރަށުގައި ލަފާފުރުން އެއީ ވަރަށް އުނދަގޫ ކަމެއް. އެ އުނދަގޫ ފިލުވުމަށްޓަކައި އަޅުގަނޑުމެން މިރަށުގައި ހަދާ ބަނދަރެއް ނުވަތަ ހިންގާ މަސައްކަތެއްގެ ސަބަބުން، މިރަށުގެ ތިމާވެށްޓާއި މިރަށުގެ ގޮނޑުދޮށާއި މިރަށުގެ ފަޅާއި ފަރާ ހަލާކުވެ ގޮސްގެން ނުވާނެ. އެކަން އެހެން ހިނގީމާ، ދެން ކުރަންޖެހޭ ޚަރަދު އަދި މާބޮޑު. އެތައް ރަށެއްގައި މިހާރު އެވަނީ މުޅި ރަށް ވަށައިގެން ރިވެޓްމަންޓް ހަދަން ޖެހިފައި. ވާޓަރު ހަދަން ޖެހިފައި. އެއީކީއެއް އަޅުގަނޑުމެންގެ ރާއްޖެއަށް ޙަޤީޤަތުގައި ރާއްޖޭގެ ދުއިސައްތަ ރަށް ބޮޑުހިލަ ޖައްސާފައި ވާޓަރު ހަދާފައި، ރިވެޓްމަންޓް ހަދާފައި، އަޅުގަނޑުމެން މިދެކޭ މަންޒަރަށް މުޅި ރާއްޖެ ބަދަލުކޮށް، އެހެން ހެދުމަކީ ސަރުކާރަކަށް ޙަޤީޤަތުގައި ކުރަން ދަތިކަމެއް. ކޮށްދެވޭނެ ކަމެއް ނޫން.
އަޅުގަނޑުމެން އެބަ ބަލަންޖެހޭ. ރަށްރަށް ޙިމާޔަތް ކުރުމުގައި، އެންމެ ލާހިކު ގޮތަކީ ކޮބައިތޯ. އަޅުގަނޑުމެންނަށް މިއެނގެނީ، ރަށްރަށް ޙިމާޔަތް ކުރުމުގައި، އެންމެ އައުލާކަންބޮޑު ގޮތަކީ، ޤުދްރަތީ ގޮތުން، ފިޠުރަތުގެ އުޞޫލުން އެކަންކަން ކުރެވޭނެ ގޮތެއް ހޯދުންކަން. ފަރުވެސް ހަލާކުކޮށްނުލައި، ފަޅުވެސް ނަގާނުލައި އަދި ގޮނޑުދޮށްވެސް ނަގާނުލައި އަޅުގަނޑުމެންނަށް މިކަންކަން ވާންޖެހޭނެ. ދުނިޔޭގައި މިވަގުތު މިބާވަތުގެ ތަޙުލީލުތައް ނުލާހިކުމެ ގިނަ. ރާއްޖޭގައިވެސް މިކަންކަން ދަންނަ މީހުން މިއަދަކު މަދެއް ނޫން. އެހެންވީމާ، ތިޔަބޭފުޅުންގެ ބަނދަރާ ގުޅޭގޮތުން އިރާދަކުރެއްވިއްޔާ ތަޙުލީލުތަކެއް ކޮށްދެވޭތޯ އަޅުގަނޑު ވަރަށް ބޮޑަށް ބަލާނަން. މިހާތަނަށްވެސް ކުރެވިފައި ހުރި ސަރވޭތައްވެސް އަޅުގަނޑުމެން އަލުން އަނބުރާ މުޠާލިޢާކޮށް، ދެން މި މަގުގައި ކުރިއަށް ދެވެން އޮތްގޮތް، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ފަހިކޮށްދޭނަން.

އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުމެން މިތިބީ، މި ސަރުކާރު މި ދެމިއޮންނަނީ، އުތީމަށް ބަލައިފިނަމަ، އުތީމު ބަނދަރު ހެދުމަށްޓަކައި. އުތީމު ބަލައިފިނަމަ، ސަރުކާރު ދެމި މި އޮންނަނީ، އުތީމުގެ ކަންކަން އުތީމަށް ކުރުމަށްޓަކައި. އެހެންވީމާ، ތިޔަބޭފުޅުން ކޮންމެހެންނެއް އެހެން ތަންތަނެއްގެ ކަންކަމާ ގުޅޭގޮތުން ވިސްނާވަޑައިގަންނަވާނެ ކަމަކަށް އަޅުގަނޑުމެންނެއް ދެކޭނެ ކަމެއް ނެތް. ހަމަ އެއީ، ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގަންނަވަނީ، އެކަން ހިނގާނެ ގޮތް. އަޅުގަނޑުމެން ބަލަންވީ، އެކަންކަން ތިޔަބޭފުޅުންނަށް ކޮށްދެވެން އޮތް ގޮތަކީ ކޮބައިތޯ. އިރާދަކުރެއްވިއްޔާ، ހަމަގައިމުވެސް އަޅުގަނޑުމެންނެއް މަސައްކަތް ކުރުން ހުއްޓައެއް ނުލާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން. ހަމަގައިމުވެސް އަޅުގަނޑު ދުވާލެއްގެ މައްޗަށް ސާދަ، ފަނަރަ ގަޑިއިރު މަސައްކަތް ނުކޮށް، އެންމެ ދުވަހަކުވެސް ހުއްޓައެއް ނުލާނަން. ދުލެއް ނުކުރާނަން. އަދި ހަމަ ދަންނަވަން ބޭނުންވަނީ، އުންމީދު ނަގާލެވޭކަށްވެސް އަޅުގަނޑުމެންނަކަށެއް ނެތޭ. އަދި އުންމީދު ނަގާލުން އެއީ، ބޭނުންތެރި ކަމެއްވެސް ނޫން.
އަޅުގަނޑުމެންނަށް މަންޒަރެއް ނުފެންނަހާ ހިނދަކު، އަޅުގަނޑުމެންނަކަށް އެކަމެއް ޙަޤީޤަތަކަށެއް ނުހެދޭނެ. އަޅުގަނޑުމެންގެ ޚިޔާލު އެބަ ފުޅާކުރަންޖެހޭ. އަޅުގަނޑު އެބަ ބުނަން ހަމަ ތަކުރާރުކޮށް، އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ގޮނޑުދޮށުން ބޭރަށް، އަތޮޅު ދުނިން ބޭރަށް އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އެބަ ގެންދަންޖެހެއޭ. އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައި. މި ރާއްޖޭގައިވާ ކަންކަން އަދި މި ރާއްޖެއިން ބޭރުގައިވާ ކަންކަމުގެ ސަބަބުން، މި ރާއްޖެއަށް ކުރާ އަސަރު، މީގެކުރީގައި ދުވަހަކުވެސް ނުކުރާ މިންވަރަށް މިހާރު ކުރޭ.

އެނގިވަޑައިގަންނަވާނެ، މިހާރު ދުނިޔެ މިއޮތީ އިޤްތިޞާދީ ވަރަށްބޮޑު ހީނަރުކަމެއްގެ ތެރޭގައި. މިދަތިތަކުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ސަލާމަތްވެވޭނެ. އަދި އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ އެމަގަށް. މިސަރަޙައްދަށް ޓޫރިޒަމް ތަޢާރުފު ކުރެވިގެން މިހާރު މިދަނީ. ރިޒޯޓުތަކެއް ތަރައްޤީ ކުރުމަށް ރަށްތަކެއް ދޫކުރެވިފައިވިތާ ދުވަސްކޮޅެއްވެއްޖެ. އެ ރަށްތައްވެސް މިހާރު މިއަންނަނީ ހެދެމުން. އެ ރަށްތައް ހެދުމަށް، އަދި އަލުން އަނބުރާ އެ ރަށްތައް ދޫކުރެވިފައި ހުރި ފަރާތްތަކަށް އެއްއަހަރު ދުވަހުގެ މުއްދަތެއް ސަރުކާރުން މިހާރު މިވަނީ ދެވިފައި. އަދި އެރަށްތަކުގެ ކުލީގެ ޖޫރިމަނާވެސް ސަރުކާރުން މިހާރު މިވަނީ ފަސްކޮށްފައި. އަޅުގަނޑުމެންގެ ބޭނުމަކީ، މި ރަށްރަށް އަވަހަށް ހެދޭނެގޮތެއްވުން.

މީގެއިތުރުން، އެރަށްތައް ހެދުމަށް، ދުނިޔޭގެ އެކިއެކި ކުންފުނިތަކާއި އަދި ރަށްރަށަށް އިންވެސްޓްކުރާ އެކިބާވަތުގެ ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކާއި އިދާރާތަކާ އަޅުގަނޑުމެން މިދަނީ ވާހަކަ ދައްކަމުން. އެނގިވަޑައިގަންނަވާނެ، ދާދިފަހުން އަޅުގަނޑު މިއައީ އިޓަލީއަށް ގޮސްފައި. އަޅުގަނޑުމެން މިރަށްތައް އަވަހަށް ތަރައްޤީ ކުރެވޭނެ ގޮތްތަކެއް ހޯދުމަށް އެތަނުގައިވެސް ނުހަނު މަސައްކަތް ކުރިން. ތިޔަބޭފުޅުންނާއެކު އިރާދަކުރައްވައިގެން މިއަދު އެބަ އިންނެވި ޑޮކްޓަރ ސަވާދުވެސް. ރަށްތައް ހެދުމުގެ މަސައްކަތާއި އަދި ރަށްތަކުން މި ރަށްތަކަށް ރައްޔިތުން ދިރިއުޅޭ ރަށްތަކަށް ފައިދާއާއި މަންފާ ހޯދައިދިނުމުގައި ސަވާދު ވަރަށް ބުރަކޮށް މަސައްކަތް ކޮށްދެއްވާނެ. އަޅުގަނޑުމެން އެންމެންވެސް މިތިބީ އެމަގަށް އެމަސައްކަތް ކުރުމަށް.

އަޅުގަނޑުމެން ބޭނުންވަނީ، ތިޔަބޭފުޅުންގެ އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ތަރިކަ، ދުނިޔޭގެ އެންމެންނަށް ދައްކަން. ފަޚުރުވެރިކަމާ އެކީގައި ބުނަން. މިއީ ތިމަންނާމެންގެ ޤައުމޭ. މި ޤައުމު، ޤައުމުގެ ގޮތުގައި ދެމި މިއޮތީ، ތިމަންނާމެންގެ ރަށުން އުފަން، ތިމަންނާމެންގެ ރަށުގައި މިހިނގި މިހިރަ މިހިރަ ކަންކަން، އެހެރަ އެހެރަ ގޮތަށް ހިނގީތީއޭ. މި ޤައުމު، ޤައުމަކަށްވެފައި މިވަނީ، ހަމަ އަނެއްކާވެސް ދަންނަވާނީ، ތިޔަބޭފުޅުންގެ ރަށް، މި އުތީމުން ވަރަށްގިނަ ކަންކަން، ވަރަށް ޚާއްޞަ ގޮތްތަކަކަށް، ވަރަށް ޚާއްޞަ ވަގުތުތަކެއްގައި ކުރެވުނީމައޭ.

އެހެންވީމާ، އަޅުގަނޑަށް ޔަޤީން، މިއަދު މިތަނުން އަޅުގަނޑުމެން ބަލައިލާއިރުގައިވެސް ހަމަ ތިޔަ ނާރުތަކުގައިވެސް ހަމަ ދެމޭނީ އެ ލޭ. އެކަމާ ތިޔަބޭފުޅުން ފަޚުރުވެރިވެވަޑައިގަންނަވަން ޖެހޭނެ. އަދި އެއީ، ތިޔަބޭފުޅުންގެ އުންމީދު ގެއްލިނުދާންވީ އެންމެބޮޑު ސަބަބު. ތިޔަބޭފުޅުންގެ ލެއޭ، ތިޔަބޭފުޅުންގެ ނާރުތަކުގައި އެ ދެމެނީ. ހަމަގައިމުވެސް މި ރަށު ރައްޔިތުންގެ ފަރާތުން ކާބަފައިން ދަރިދަރިކޮޅަށް ދެމެމުން މިއައި ތަކުރުފާނުގެ ލެއޭ. އަޅުގަނޑުމެންނަށްވެސް އެނގޭ، ރާއްޖޭގެ އެކިއެކި ސަރަޙައްދުތަކަށް ތަކުރުފާނުގެ ޢާއިލާގެ ބޭބޭފުޅުންވަނީ ބެހިވަޑައިގެން ގޮސްފައިކަން. އެހެންނަމަވެސް، އުތީމު ހަމަ މިއޮތީ. މިތާ ހުންނައިރުގައި އަބަދުވެސް އަޅުގަނޑުމެންނަށް ތަކުރުފާނުގެ ހަނދާން އާވާނެ. އަބަދުވެސް އަޅުގަނޑުމެންނަށް އެ ތަކުރުފާނުގެ ޒިކުރާ އާކުރެވޭނެ.

ނިންމާލުމުގެ ކުރިން އަނެއްކާވެސް ހަމަ އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މި ޤައުމީ ދުވަހުގެ އެންމެހާ ތަހުނިޔާ ތިޔަބޭފުޅުންނަށް ރައްދު ކުރަން ބޭނުން. އަދި އަޅުގަނޑު ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެންނަށްވީ މިންވަރަކުން ތިޔަބޭފުޅުންގެ ކަންކަން ކޮށްދިނުމުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން. ތިޔަބޭފުޅުންގެ ކައުންސިލަރއާ ތިޔަބޭފުޅުން މަޝްވަރާ ކުރައްވަން ޖެހޭނީ. އަދި އެނގިވަޑައިގަންނަވާނެ، ލާމަރްކަޒީ އުޞޫލުން ހިންގުން މި ސަރުކާރުގެ ސިޔާސަތަކީ، އޭގެ ބޭނުމަކީ، ތިޔަބޭފުޅުންނާ ގާތުން ވެރިކަމުގެ ކަންކަން ނިންމޭނޭ ހަމަތަކެއް، ގޮތްތަކެއް ހޯދުން. އަޅުގަނޑުމެންނަށް އެމަގަށް އެބަ ގެންދެވޭ. އިރާދަކުރެއްވިއްޔާ، މާދަންވެގެންދާނީ، މިއަދަށްވުރެ އަދި މާ ފާގަތި ދުވަހަކަށް.

السّـلام عليـكم. اَلحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ!