بســم اللّـه الرّحمـن الرّحيــم

ނޭކުރެންދޫގެ ލޮބުވެތި ރައްޔިތުން،

السّـلام عليـكم

ފަހަރެއްގައި ތިޔަބޭފުޅުން ހަނދުމަފުޅު ހުރެދާނެ، މީގެ ހައެއްކަމަސްކުރީގައި އަޅުގަނޑު މިރަށަށް އައިން. ތިޔަބޭފުޅުންނާ އެދުވަހު އަޅުގަނޑުމެން ޙިއްޞާ ކުރިން، އެމް.ޑީ.ޕީ.ގެ ސަރުކާރެއް އުފެދިގެން އަންނައިރުގައި އެސަރުކާރު ގެންގުޅޭނޭ ސިޔާސަތެއްގެ ތަޞައްވަރާގުޅޭގޮތުން. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހުށައެޅިން، އަޅުގަނޑުމެންގެ މެނިފެސްޓޯ. މިއަދު ސީދާ އެސިޔާސަތު ތަންފީޒުވެގެންދާއިރުގައި، ސަރުކާރުގެ ސިޔާސަތު ތަންފީޒުވެގެން ދާއިރުގައި އަޅުގަނޑަށް ދެންނެވެންއެބައޮތް، ނޭކުރެންދޫއަށްވާނީ ކިހިނެއްހޭ؟ އެ ސުވާލުގެ ޖަވާބު، ތިމަންނާއަށް އޮތީ ކޯންޗެއްހޭ؟ ތިމަންނާގެ ޢާއިލާއަށް، ތިމަންނާގެ ރަށަށްވާނީ ކިހިނެއްހޭ؟ މިސުވާލުގެ ޖަވާބާގުޅޭގޮތުން ކޮންމެސް މިންވަރަކަށްނަމަވެސް މިއަދު އަޅުގަނޑުމެންނަށް އެބައޮތް ތިޔަބޭފުޅުންނަށް މަޢްލޫމާތު އެރުވެން.

އަޅުގަނޑުމެން މިދެކެނީ، ޤައުމެއް ތަރައްޤީކުރުމަށް ވަކި ޚާއްޞަ ކަންތައްތަކެއް ވަކިއިރެއްގައި ވަކިގޮތަކަށް އެބަކުރާންޖެހެއޭ. އަޅުގަނޑު ނޭކުރެންދުއަށް ދޭތެރެދޭތެރެއިން، އެހެން ވަރަށް އައިސްއުޅެން، ކުރިއްސުރެ. އަޅުގަނޑު ދެކެން މިރަށުގައި ޖަހާފައި އިންނަ ކަޑައެއް. އެއީ މަޝްހޫރު، ފަހުން އައިސް މަޝްހޫރުވެގެންދިޔަ 20 އަހަރުގެ ކަޑަ. އިންތިޚާބު ގާތްވީމާ ވެރިން އައިސް ރައްޔިތުންނަށް އެކިބާވަތްބާވަތުގެ ދަޅަ، އެކިބާވަތްބާވަތުގެ ވާހަކަދައްކާ. މިވެނިކަމެއް އެވެނިކަމެއް ކޮށްދޭނެކަމަށް ބުނެ، ރައްޔިތުންނަށް ވަޢުދުވަމުންދޭ. އެހެންނަމަވެސް، ވެގެންމިދާގޮތަކީ މިކަންކަމަކީ ހަމައެކަނި އެވަގުތަށް ރައްޔިތުންގެ ލޮލުގައި އަނދުނެއް އެޅުމަށް، ނުވަތަ ދަޅައެއްދެއްކުމަށް ދެކެވޭ ވާހަކައަށް ވާތީވެ، އޭގެފަހަތެއް ނުވަތަ އޭގެ ރޭވުމެއް، އިންތިޒާމެއް ހަމަޖެހިފައެއްނޯވޭ. އެހެންވީމާ، އަޅުގަނޑުމެން މިއެދޭ، ދެމެހެއްޓެނިވި ތަރައްޤީ ނުވަތަ ޙަޤީޤީ ކުރިއެރުން އެކަންކަމުގެ ސަބަބަކުންނެއް ރައްޔިތުންނަކަށް ލިބިއެއްނުދޭ.

އަޅުގަނޑަށްވެސް ހަމަ މިރަށުގައި ދެތަނެއްގައި ބިންގާ އަޅާލެވިދާނެ، މިއަދުވެސް. އަދި އަޅުގަނޑުގެ ރަށްޓެހި ދެތިންމީހެއްގެ އަތަށް ރުފިޔާކޮޅެއްދީ، މިރަށަށް ފޮނުވާ، މިރަށަށް ބަހާލާވެސް ހަދާލެވިދާނެ. އަދި ހަމަ ދެތިންކުއްޖަކަށް ފުލުހުން މެދުވެރިކޮށް ބިރުދައްކާވެސް ހަދާލެވިދާނެ. އެހެންނަމަވެސް އެއީ، އަޅުގަނޑުމެން މިއުންމީދުކުރާ، އަޅުގަނޑުމެން މިދެކޭ، ހެޔޮވެރިކަމުގެ ނިޒާމު ގާއިމުކުރުމަށް މަގުފަހިވާނޭކަމެއް ނޫން. އަޅުގަނޑުމެން މިއުންމީދުކުރާ ތަރައްޤީ، އަޅުގަނޑުމެން މިއުންމީދުކުރާ އަނެއްދިވެހިރާއްޖެ އަޅުގަނޑު މެންނަށް ހޯދެންއޮތް މަގެއްނޫން އެއީކީ. އަޅުގަނޑުމެން އެބަޖެހޭ، ދުރަށްވިސްނައިގެން ކަންކަންކުރަން. އަޅުގަނޑުމެންގެ ސިޔާސަތުތަކަކީ، އަޅުގަނޑުމެން ދުރަށް ވިސްނައި، ކަނޑައަޅާފައިހުރި ސިޔާސަތުތަކެއް. އެ ސިޔާސަތުތައް ތަންފީޒުވެގެންދާއިރުގައި، އެކަމާގުޅޭ އެހެންކަންކަން، އެހެން ސިޔާސަތުތަކުގެ ތެރެއިން ތިޔަބޭފުޅުންނަށް ފަހިވަމުން، ހާމަވަމުން، ފުރިހަމަވަމުންދާނެ.

އަޅުގަނޑުމެން މިދެކެނީ، އަޅުގަނޑުމެން ރާއްޖެ ތަރައްޤީކުރުމަށް ކޮންމެހެން ބޭނުންވާ އެއް ވަސީލަތަކީ، ފެނާއި ނަރުދަމާއާ މިކަންކަމުގެ ހޮޅިތަކާ، އަދި ކަރަންޓު ނަރުތަކާ. ޤައުމެއްގެ މައިބަދަ ބިނާވެފައި އޮންނާނީ މިދަންނަވާ ކަރަންޓު ނަރުންނާއި ފެނާއި ނަރުދަމާގެ ހޮޅިތަކުން. ޤައުމެއް ތަރައްޤީވެއެއް ނުދާނެ، އެ ތަކެތި، އެޤައުމުގެ މައިބަދަ ބިނާނުކުރެވެނީހެއް. މިކަންކުރުމަށްޓަކައި ސަރުކާރުން މިއުފެއްދީ، 7 ޔުޓިލިޓީ ކުންފުނި. އޭގެތެރޭގައި މިސަރަޙައްދަށް، މަތިއުތުރަށް ބޭނުންވާ ޔުޓިލިޓީ ކުންފުނި މިހާރުވާނީ އުފައްދާފައި. އެއީ، ފެނާއި، ނަރުދަމާއާއި، ކަރަންޓުގެ ޚިދްމަތް މިރަށްތަކަށް ދިނުމަށްޓަކައި ސަރުކާރުން އުފެއްދި ކުންފުންޏެއް. އެކުންފުނިން، ތިޔަބޭފުޅުން ފަހަރުގައި އަޑުއައްސަވާފައި އޮވެދާނެ، 1 މެއި ގައި މިވަނީ ސްޓެލްކޯގެ ޖަނަރޭޓަރުތަކާ ހަވާލުވެފައި. ދެން އެކުންފުނިން މިހާރު ދެކަމެއް އެބަ ކުރިޔަށްގެންދޭ. އަނެއްކަމަކީ، މިރަށްރަށުގެ އިންޖީނުގެތަކާ ސަރުކާރުން ހަވާލުވުން. އަޅުގަނޑުމެން ނޮޅިވަރަމު ރައްޔިތުންނާ ވާހަކަދައްކާނެ، ނޭކުރެންދޫ ރައްޔިތުންނާ ވާހަކަދައްކާނެ، ކުމުންދޫ ރައްޔިތުންނާ ވާހަކަދައްކާނެ. ވައިކަރަދޫ، މިސަރަޙައްދުގެ 42 ރަށުގެ ހުރިހާ ރައްޔިތުންނާ ވާހަކަދައްކައިގެން، ސަރުކާރުން ބޭނުންވަނީ، ސަރުކާރަކަށް ނުފެނޭ، މިހާރު މިދާ އުޞޫލުން ޖަނަރޭޓަރުގެ ކަންތައް، އިންޖީނުގޭގެ ކަންތައް ރަނގަޅަށް ކުރިޔަށްގެންދެވިދާނެ ކަމަކަށް. ސަރުކާރުން ގަސްތުކުރަނީ، ހުރިހާ އިންޖީނުގެއެއް ހިންގުމާ ސަރުކާރުން ޙަވާލުވުމަށް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިޔަށްމިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ތިޔަބޭފުޅުންގެ އިންޖީނުގެ ހިންގުމާވެސް ސަރުކާރުން ޙަވާލުވާނެ. ކަރަންޓަކީ ވަރަށްމުހިންމު އެއްޗެއް. ކަރަންޓުގެ ބޭނުންކޮށްގެންނޫނިއްޔާ އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. ސަރުކާރުން މިރަށުގައި ވަރަށްބޮޑު އަހަންމިއްޔަތުކަމެއްދޭނެ، ދަނޑުވެރިކަންކުރާ ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދޭން. އިރާދަކުރެއްވިއްޔާ އެކޭބަލްއަޅައި، އެސަރަޙައްދަށް ސަރުކާރުން ކަރަންޓް ފޯރުކޮށްދޭނެ.

އަޅުގަނޑުމެން ނުދެކެން، މިރަށުގެ ރައްޔިތުންނަށްވެސް ކީއްވެގެންތޯ ކަރަންޓުން އިސްތިރި ނުކުރެވޭންވީ؟ މިސުވާލުގެ ޖަވާބުގައި އަޅުގަނޑުމެން ބޭނުމެއްނޫން، ބުނާކަށް މިރަށުގެ ރައްޔިތުންނަށް ކަރަންޓުން އިސްތިރި ނުކުރެވޭނެ ވާހަކައެއް. އަދި ވޮޝިންގ މެޝިންވެސް ، އަދި ކީއްކުރަންތޯ އަވަނެއްވެސް އަދި ޓީވީއަކަށްވިޔަސް، ފަންކާއަކަށްވިޔަސް، ގޭތެރޭގެ އަރާމު ރިވެތި ދިރިއުޅުމަށް މިރަށު ރައްޔިތުންނަށް ބަދަލު ނުވެވޭންވީ ހަމައެއްވެސް ސަބަބެއް ޙަޤީޤަތުގައެއްނެތް. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވޭ، ވީހާވެސް ހެޔޮއަގެއްގައި މިރަށުގެ ރައްޔިތުންނަށް ކަރަންޓް ދޫކުރަން. އިރާދަކުރެއްވިއްޔާ، ސަރުކާރުން އެމަސައްކަތް ހިންގާނެ. މިރަށުގެ އިންޖީނުގެއާ ސަރުކާރުން ޙަވާލުވާނެ.

ސަރުކާރަށް އެބަ ބޭނުންވޭ، ފެނާއި ނަރުދަމާގެ ޚިދްމަތްވެސް ރާއްޖޭގެ ގިނަ ރަށްރަށަށް ފޯރުކޮށްދޭން. ފެން ތަޣައްޔަރުވެދާ ރަށެއްކަމަށް ވަނީވިއްޔާ އެމަސައްކަތް ސަރުކާރުން ކޮށްދޭނެ. މިކުންފުނީގެ ބޭނުމަކީ، ފެނާއި ނަރުދަމާގެ ޚިދްމަތް، ރަށްތަކަށް ފޯރުކޮށް ދިނުން.

މިރަށަކީ ދަނޑުވެރިރަށެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ބޭނުންވާ ރަށެއް. އެކަން ކުރުމަށްޓަކައި، ތިޔަބޭފުޅުންނާ އަޅުގަނޑުމެން މަޝްވަރާ ކުރާނަން. ފުރަތަމަކަމަކަށް ދަނޑުތަކަށް ކަރަންޓުދިނުން. އެއަށްފަހު ދަނޑުވެރިކަމަށް ބޭނުންވާ އެންމެހާ ސާމާނު ހެޔޮއަގުގައި ފަސޭހަގޮތުގައި އެސް.ޓީ.އޯ މެދުވެރިކޮށް، ނުވަތަ އެހެންވެސް ސަރުކާރު ކުންފުންޏެއް، ނުވަތަ އެހެންވެސް ބޮޑު ކުންފުންޏެއް މެދުވެރިކޮށް، މިރަށުން ލިބޭނޭ އިންތިޒާމުތައް އިރާދަކުރެއްވިއްޔާ ސަރުކާރުން ހަމަޖައްސާނެ. އަޅުގަނޑުމެން މިދަނީ އެކަމާގުޅޭ ރޭވުންތައް ރާވަމުން.

އަޅުގަނޑުމެންނަށް އެނގޭ، ތިޔަބޭފުޅުންގެ ނެރުގެ މައްސަލައެއް ހުރިކަން. ފައިކަށި ދިގު ކުރަން ބޭނުންވާކަން. އަދި އެ ނެރަށް ބަދަލުގެންނަން ބޭނުންވާކަން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިއިރު ހެދިފައިހުރި ބަނދަރުތަކުގެތެރެއިން، ގިނަ ބަނދަރުތަކުގެ ފައިކަށްޓަށް ނުވަތަ ނެރަށް ގިނަ ގޮތްގޮތް ހަދަން އެރަށްރަށުގެ ރައްޔިތުން ބޭނުންވޭ. ސަރުކާރުން މިހާރު ނިންމާފައިވަނީ، މިރަށުގެ ފައިކަށިވެސް ތިޔަބޭފުޅުން ތިޔަބޭނުންވެލައްވާ ގޮތަކަށް ހެދުމަށްޓަކައި އެކަން ތިޔަބޭފުޅުންނާ މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ކުރެވޭނެގޮތެއް ހޯދަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ތިޔަބޭފުޅުންނަށް ކޮށްދޭނަން.

އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ ބޭނުމަކީ މި ސަރުކާރު ދެމި މިއޮންނަނީ، ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދު ފުއްދުމަށްޓަކައި. މިކަންކަން ކުރުމަށް އަދި ޚާއްޞަކޮށް އިޞްލާޙު ކުރެވިފައިވާ ޤާނޫނުއަސާސި ތަންފީޒުކުރުމަށް. މިހާރުން މިހާރަށް 64 ޤާނޫނު އެބަ ބޭނުންވޭ. އަޅުގަނޑަށް ވަރަށް އުނދަގޫ ގަބޫލުކުރަން، މިދިޔަ ދިގު 30 އަހަރު މީގެއިން އެއްވެސް ޤާނުނެއް ހެދުމަށް ހުރަސްއެޅި ބޭފުޅުން މިއަދު އަރުވާޖަހާފައި އަޅުގަނޑުމެންނާ އެކީގައި ނުކުމެ، މިދަންނަވާ ކަންކަން ކުރުމުގައި ވަކި ހިއްސާއެއް ވާނެކަމަކަށް، އަޅުގަނޑު ގަބޫލެއްނުކުރަން. އަޅުގަނޑަށް މިރާއްޖޭގެ ސިޔާސީ ޙަޤީޤަތް އެނގިހުރި މިންވަރަށް ބަލައި، އަޅުގަނޑު ހަމަ މިއެދެނީ މިއާ ޤާނޫނުއަސާސީ ތަންފީޒުކުރުމަށްޓަކައި އަޅުގަނޑުގެމައްޗަށް ލާޒިމޭ، ވާޖިބޭ، ތިޔަބޭފުޅުންގެ އަރިހުގައި މިވާހަކަ ދެންނެވުން.

ރާއްޖެ ހެޔޮވެރިކަމުގެ ނިޒާމަށް ބަދަލުކުރުން ވަރަށް މުހިންމު. އަޅުގަނޑުމެން ބޭނުންވާ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ އޭރުން. އެކަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ކިތަންމެހާވެސް މުހިންމު ދައުރެއް. ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މެނުވީ ހަމައެއްކަމެއްވެސް ޙަޤީޤަތުގައި ހިންގާކަށް އަޅުގަނޑުމެންވެސް ބޭނުމެއްނޫން. ވަރަށް ރަނގަނޅު މިސާލެއް އަޅުގަނޑު ދަންނަވާނަން. ދާދި އިހަކަށް ދުވަހަކު އަޅުގަނޑުމެން ފުރާވަރަށް އެރީއްސުރެފަށައިގެން އަޅުގަނޑުމެން އަޑުއަހަމުން މިއަންނަނީ، ރާއްޖެ ތަރައްޤީކުރަން އެންމެރަނގަޅީ ލާމަރުކަޒީ އުޞޫލުން އެކަން ކޮށްގެންނޭ. 2020 ގެ ތަޞައްވުރުގައިވެސް ލިޔެފައި އޮތީ އެވާހަކަ. އަދި ޤާނޫނުއަސާސީގައި ބާބެއް އެކުގައިވެސް ލިޔެފައިއޮތީ އެވާހަކަ. އެހެންނަމަވެސް އަޅުގަނޑުމެން އެކަންކުރުމަށް މަޖިލީހަށް ޤާނޫނެއް ލީމާ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ޑީ.އާރު.ޕީ އާއި ޕީ.އޭ ގެ އެއްވެސް ބޭފުޅެއް އެއަކަށް ވޯޓެއް ނުދެއްވި. އަޅުގަނޑުމެންނަށް އެޤާނޫނު އެތެރެކުރެވުނީ އެންމެ ވޯޓެއްގެ ތަފާތުން. މާޒީ ފޮރުވަން އުޅުއްވާ ބޭފުޅުންނަކަށް މުސްތަޤްބަލަކަށް ދުރުމިއެއް ނޭޅޭނެ. ކުރިޔަކަށް ނުދެވޭނެ. ހައްތަހާވެސް މާޒީއަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަންޖެހޭނީ. މުސްތަޤްބަލަށްދާން އުނދަގޫވާނެ.

އަޅުގަނޑުމެންގެ އަމާޒަކީ މާޒީފަހާދުވުމެއްނޫން. އަޅުގަނޑުމެންގެ ބޭނުމަކީ ކުރިޔަށްދިޔުން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެން މިއުންމީދުކުރާ އުންމީދުތައް ޙަޤީޤަތަކަށްވުން. އަޅުގަނޑު ނޭކުރެންދޫ ރައްޔިތުންގެ ކިބައިން އެދެނީ ހަމަ އެންމެ ކަމަކަށް. އަޅުގަނޑުމެންނާއެކީގައި އުންމީދުކުރުން ހުއްޓާ ނުލައްވާށޭ! އުންމީދު ނަގާނުލައްވާށޭ! އަޅުގަނޑު ދަންނަވަންތޯ، މީގެ ދުވަސްކޮޅެއްކުރީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެން މިރާއްޖޭގައި 11 ނޮވެމްބަރ 2008 ވާ އަންގާރަދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެގޮތުގައި ހުވާކުރާނީ އަޅުގަނޑޭ، އަޅުގަނޑުމެން އެވާހަކަ ދަންނަވަން ފެށީމާ ތިޔަކަމެއްނުވާނެއޭ، އަދި އޭގެ ކުރީގައިވެސް އަޅުގަނޑުމެން ސިޔާސީ ޕާޓީ އުފައްދާންފެށީމާ، ތިޔައީ ވާނެކަމެއްނޫނޭ، ކާމިޔާބެއް ނުކުރެވޭނެއޭ، ތިޔަކަމެއް ނުވާނެއޭ، އެހެންބުނި ބޭފުޅުން މިއަދު ތިއްބަވަނީ އަޅުގަނޑު ދިމާވީމާ ކުޑަކޮށް ލަދުން.

އަޅުގަނޑުމެން ފުލެޓުވެސް އަޅާނެ، އަޅުގަނޑުމެން ނަރުދަމާވެސް އަޅާނެ، އަޅުގަނޑުމެން މަގުވެސް ހަދާނެ، އަޅުގަނޑުމެން ދަނޑުވެރިކަންވެސް ތަރައްޤީކުރާނެ، މަދަރުސާތައްވެސް ރަނގަޅުކުރާނެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިރާއްޖެ ބަދަލުކުރާނެ. ތިޔަބޭފުޅުން މިއަދު މަލާމާތަށްވިޔަސް، މަޖަލަށްވިޔަސް އަޅުގަނޑަށް، އަޅުގަނޑުމެންނަށް އެކަންކަން ނުވާނެއޭ ބުނުއްވައިފިއްޔާމުން މާދަމާ ތިއްބަވާނީ ލަދުން، އަޅުގަނޑުމެން ފެނުނީމާ. އަޅުގަނޑުމެން ކުރާނެ، އަޅުގަނޑުމެންގެ ޢަޒުމް އެބަހުރި. ހިތްވަރު އެބަހުރި. އަޅުގަނޑުމެންނަށް ސާފު އަޅުގަނޑުމެން ހިނގަންވީމަގު.

އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ބިންވަޅު ނަގާފައިއޮންނަ އެންމެ މުހިންމު ޙަޤީޤަތަކީ މިރާއްޖެއަށް ލިބޭ ކޮންމެ ފައިސާފޮއްޗަކީވެސް މިދައުލަތުގެ އެންމެހާ މުއްސަނދިކަމަކީވެސް މިސަރުކާރަށް ލިބޭ ކޮންމެ ހަތަރު އަނާއަކީވެސް ޙަޤީޤަތުގައި ތިޔަބޭފުޅުންގެ ފައިސާއޭ. އަޅުގަނޑުމެންނަކަށެއްނެތް، އެފައިސާއަށް ޚިޔާނާތްތެރިވެވޭކަށް. އަޅުގަނޑުމެން އަމާނާތްތެރިކަމާއެކީގައި ހަމަހަމަކަމާއެކީގައި އެފައިސާ ޚަރަދުކުރާން މިޖެހެނީ ދެކަމަކަށް. އަންނާންއޮތް ޖީލުތަކަށް މިރާއްޖެ ރައްދުކޮށްދިނުން. އަދި މިހާރު އަޅުގަނޑުމެން މިތިބި މީހުންނަށް ރިވެތި ދިރިއުޅުމެއް ފެނުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މި ސަރުކާރެއްގައި ނާޖާއިޒު ފައިދާއާއި ކޮރަޕްޝަންގެ ކިރިޔާވެސް ޒައްރެއްގެ މިންވަރުވެސް ކަމެއް ހިނގައިފިނަމަ،އެކަމެއް ތަޙްޤީޤު ކުރެވޭނެ. އެއީ އަޅުގަނޑާ ދޭތެރޭގައި ޝައްކުކުރެވޭ ކަމަކަށް ވިޔަސްވެސް އެކަމެއް ތަޙްޤީޤު ކުރެވޭނެ. ޝަރީޢަތްވެސް ކުރެވޭނެ. ޙައްޤު އަދަބުވެސް ދެވޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ތިޔަބޭފުޅުންގެ ފައިސާ އަޅުގަނޑުމެންގެ އަތުގައި ރައްކާތެރިއޭ. އަޅުގަނޑުމެންނެއް އެފައިސާއަކު ނުޖެހޭނަމޭ.

އަޅުގަނޑުމެން މިހިންގާ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ޤާނޫނީ ޙިއްޞާ ކޮންމެހެންވެސް އަޅުގަނޑު ބޭނުން. އަޅުގަނޑަކީ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކޮށްގެން، ތިޔަބޭފުޅުންގެ ތާއީދު އަޅުގަނޑަށް ދެއްވީތީވެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުރި މީހެއް. އަޅުގަނޑަށް މަޖުބޫރު، އަޅުގަނޑަށް ލާޒިމު، މިވެރިކަމުގެ ނިޒާމު ސާފުބަހުން ތިޔަބޭފުޅުންނަށް ދެންނެވުން. ފަހަރުގައި ވެދާނެ، މިއީ މީގެކުރީގައި ބައެއްފަހަރު ވެރިން ވަޑައިގެން، ކަތީބުންނާ މުދިމުން އެއްކައިރިކޮށްފައި ދައްކާ ވާހަކަކަމަށް. އެހެންނަމަވެސް، އަޅުގަނޑު ވަރަށް ސާފުކޮށް މިދަންނަވަނީ، އަޅުގަނޑުމެން ގޮނޑިތައް ބޭނުން. އެގޮނޑިތައް، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އަޅުގަނޑުމެން ބޭނުން. އަޅުގަނޑު ބޭނުން ތިޔަބޭފުޅުންގެ ރުހުން. އެރުހުން ރަމްޒުކޮށްދެނީ، މަޖިލީހުގެ ގޮނޑިތަކުން. ޤާނޫނީ ޙިއްސާއިން. ތިޔަބޭފުޅުންގެ ރަށާގުޅޭކަމެއް ނިންމެން އަންނަނީ އެންމެފަހު މަރްޙަލާގައި މަޖިލީހުން. އެކަންކުރުމަށް ތިޔަބޭފުޅުންގެ ފަރާތުން ވަކާލާތު ކުރުމަށް ހުންނަވާ ބޭފުޅަކީ ކާކުކަން ތިޔަބޭފުޅުން ވިސްނަވަންޖެހޭނެ. އަޅުގަނޑުމެން އެމީހުންނާ އެކީގައި މަސައްކަތް ކުރާނަން. އަޅުގަނޑުމެން ޕާޓީން ނުކުންނަވާ ބޭފުޅާ، އަޅުގަނޑަށް ވަރަށް އިތުބާރުކުރެވޭ އެބޭފުޅާއަށް. ފުތަމަދުވަހުއްސުރެ ފެށިގެން ސާބިތުކަންމަތީގައި މިކަންކުރުމަށް ޒަމީރު ހުންނެވީ ނުކުމެ، ހަމަގުޑުމެއްނެތި. މިއަދާހަމައަށްވެސް އޭނާ އެހެރީ ސާބިތުކަންމަތީ. އަޅުގަނޑުމެން މިކަމުގައި ސިޔާސީ ވާދަވެރިކަން ގެންގުޅެންޖެހޭނެ.

އަޅުގަނޑު ހަމަ އިތުރަށް ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ، މިރާއްޖެ ތަރައްޤީ ކުރުމަށް ދެން ބޭނުންވާ އެންމެ މުހިންމު އަނެއްކަމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމޭ. އަޅުގަނޑުމެންނެއް ތިޔަބޭފުޅުންނެއް ބިރެއްނުގަންނަވާނަން. އަޅުގަނޑުގެ ހަމަ ކުޑަވެސް މައްސަލައެއްނެތް، އަޅުގަނޑަށް މަލާމާތްކުރިޔަސް، ފާޑު ކިޔަސް، ހަޖޫ ކިޔަސް، އަޅުގަނޑަށް ފުރައްސާރަކުރިޔަސް އަޅުގަނޑުގެ ހަމަ ކުޑަވެސް މައްސަލައެއްނެތް. އަޅުގަނޑަށް ހަޖަމް ކުރެވޭނެ.

އަޅުގަނޑުމެން މިމަގާމާ ހަވާލުވެ މިތިބީ، ހަން ބޯކަމުން. އަޅުގަނޑުމެނަށް އެކަންކަން ހަޖަމު ކުރެވޭނެތީ. އަޅުގަނޑަށްވެސް އެނގޭ ޑިމޮކްރެސީ އަލަށް ފަށައިގަންނައިރުގައި އުނދަގޫތަކާ ދިމާވާނެކަން. ދަތްފަޅާއިރު ތަދުވެސްވޭ ނޫންތޯ. ބައެއްފަހަރަށް ތިޔަބޭފުޅުން ޗާޓުން ބޭރަށްވެސް ހިނގައިދާނެ. އަޅުގަނޑުމެނެއް ނޫޅެން، ތިޔަބޭފުޅުން ފަހާ ދުވާކަށް. އަޅުގަނޑުމެން ބޭނުންވަނީ އެހުދޫދުގެ ތެރެއަށް ތިޔަބޭފުޅުން ވަންނާނެ ކަމުގެ ޔަޤީންކަމުގައި ތިބެން. އަޅުގަނޑަށް އެނގޭ، އަޅުގަނޑު މިހެން ދަމުންދަމުން ދަނިކޮށް، ކޮބާ! ފްލެޓް އަޅަންދޯ ތިޔަދަނީ، ގޮވާލިޔަކަސް ދެން އަޅުގަނޑުއެކަމަކާ ތެޅިގަންނާނެކަމެއް ނެތެއްނޫންތޯ؟ ދެން އެއީކީ އަޅުގަނޑަކަށް މައްސަލައެއް ޖެހޭނެކަމެއްނޫނެއް ނޫންތޯ؟ ހަމަ ބޭފުޅެއްގެ އަނގައިން ފަހަރެއްގައި ބޭރުވާބަހެއް ދެން. އެކަމަކާ އަޅުގަނޑު އެކުއްޖާ ދަމާހަލާ ހޯދާގެނެސް، އޭނާއަށް ގެއްލުންތަކެއްދީ، އޭެނާގެ ޢާއިލާއަކީ ކޮބައިތޯބަލައި، އޭނާގެ ގާތްތިމާގެ މީހުންނަކީ ކޮބައިތޯ ބަލައި، މިއީކީއެއްނޫން، އަޅުގަނޑުމެންގެ ވެރިކަން އަޅުގަނޑުމެން ހިންގާނެގޮތަކީ. އަޅުގަނޑުމެންގެ ނަޒަރުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް މުހިންމު. މިވަގުތު އެމިނިވަންކަން ލިބުނީތީވެ، ތިޔަބޭފުޅުން، ބައެއްބޭފުޅުން އެމިނިވަންކަން ބޭނުންކުރާއިރުގައި ބައެއްފަހަރަށް ޗާޓުންބޭރަށް ގޮސްލަނީ. އެދާ ކޮންމެފަހަރަކު އެކުދިންފަހާ އަޅުގަނޑު ދުވެއްޖިއްޔާ އަޅުގަނޑަކީ ހެޔޮގޮތުގައި ވެރިކަންކުރަންއުޅޭ މީހަކަށެއްނުވާނެ. އަޅުގަނޑުމެންގެ ބޭނުމަކީ އެއީ. އަޅުގަނޑުމެންގެ މަޤްޞަދަކީ އެއީ. އަޅުގަނޑުމެންގެ ސަރުކާރު ހަމަ ދެމި މިއޮންނަނީ އެންމެ ސަބަބަކަށްޓަކައި. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައި ދިނުމަށް. އަޅުގަނޑަށް ޔަޤީން، ނެކުރެންދޫ ރައްޔިތުން ވިސްނާނެކަން. އެމީހުންނަށް އެންމެރަނގަޅުގޮތް، އެމީހުން ހޯދާނެ. ވަގުތީ ފައިދާއަށް އެމީހުން ހެއްލިއެއްނުދާނެ. ރަށާ ގުޅޭގޮތުން ވިސްނާނެ.

އަޅުގަނޑުމެންނާ ދިމާކޮށްލެވިދާނެ. އެހެންނަމަވެސް، މިރަށް އޮންނާނެ. މާދަމާ އިންތިޚާބުވެސް ނިމޭނެ. ނޭކުރެންދޫ އޮންނާނެ. އަދި ނޭކުރެންދޫ ދަނޑުވެރިކަންވެސް އޮންނާނެ. ނޭކުރެންދޫ ރައްޔިތުންވެސް ތިބޭނެ. ނޭކުރެންދޫ މަދަރުސާވެސް ހުންނާނެ. އިންޖީނުގެވެސް ހުންނާނެ. މިރަށް ހަމަ ހިނގަމުންދާނެ. އަޅުގަނޑުމެން ބޭނުމީ މިރަށު ރައްޔިތުންނާއެކީގައި މަސައްކަތްކޮށް، އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ ތިޔަބޭފުޅުންނަށް ހޯދާދޭން. އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާނީ، އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ، ތިޔަބޭފުޅުން އަޅުގަނޑުމެންނާއެކީގައި އުންމީދުކުރެއްވުން ހުއްޓަވާ ނުލައްވާށޭ. އަޅުގަނޑުގެ އުންމީދަކީ، މާދަމައަކީ ނޭކުރެންދޫއަށް އަދި މިއަދަށްވުރެ މާ ފާގަތިދުވަހަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަންލިބުން.

واَلحَمْـدُ لِلّـهِ. والســّلام عليــكم. ވަރަށްބޮޑަށް ޝުކުރިއްޔާ!