بســم اللّـه الرّحمـن الرّحيــم
ނޮޅިވަރަމްގެ ލޮބުވެތި ރައްޔިތުން:
السّـلام عليـكم

މީގެ ހައެއްކަ މަސް ކުރީގައި އަޅުގަނޑުމެން މިރަށަށް އައިސް، ތިޔަބޭފުޅުންނަށް ހުށަހަޅަމުން ގެންދިޔައިން. އެމް.ޑީ.ޕީ.ގެ ސަރުކާރެއް އުފެދުނީމާ، އެ ސަރުކާރެއްގެ ސިޔާސަތު އޮންނާނެ ގޮތުގެ ތަޞައްވުރެއް. މަންޒަރެއް. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ކިޔައިދިނިން. އަޅުގަނޑުމެންގެ ސަރުކާރު ހިނގަމުންދާއިރުގައި، އަޅުގަނޑުމެންގެ މައިގަނޑު މަޤްޞަދުތަކަކީ ކޮބައިކަން. އަޅުގަނޑުމެން ފާހަގަކުރަމުން އައިން، ރާއްޖޭގެ ރަށްތަކަކީ ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅާލެވޭނެ ރަށްތަކަކަށް، އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަމޭ. އަޅުގަނޑުމެން ފާހަގަކުރިން، ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ. އަޅުގަނޑުމެން ފާހަގަކުރިން، ޑްރަގަށް ހުޅުވިފައި ހުރި ދޮރުތައް، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ބަންދުކޮށްދޭނަމޭ. އަޅުގަނޑުމެން ފާހަގަކުރިން، ބޭސް ސިޓީއަށް ސަލާން ޖަހަން ޖެހިގެން ނުވާނެއޭ. އަދި ތަކެތީގެ އަގު ހުންނަން ޖެހޭނީ އަތްފޯރާފަށުގައޭ.

އަޅުގަނޑުމެން މައިގަނޑު ފަސް ވަޢުދެއް، އޭރުއްސުރެ ފަށައިގެން ރައްޔިތުންނަށް ވަމުން އައިން. އަދި އެ މައިގަނޑު ފަސް ވަޢުދުގެ އިތުރުން، ތިޔަބޭފުޅުން އަޅުގަނޑުމެންގެ ސިޔާސަތަށް އިތުރަށް އޭރުގައި ބެއްލެވިނަމަ، ފާހަގަވީސް 27 ކަމެއް އަޅުގަނޑުމެން ކުރަން ހުށަހަޅާފައި އޮތްކަން. މިއަދު އަޅުގަނޑަށް އުފަލާއެކީގައި ތިޔަބޭފުޅުންނަށް ހުށަހެޅެން އެބައޮތް. އަދި މަޢްލޫމާތު އެރުވެން އެބައޮތް. މިދަންނަވާ އެމް.ޑީ.ޕީ.ގެ ސިޔާސަތު ތަންފީޒުވަމުން އަންނައިރުގައި، މި ރަށަށް، އަދި ތިޔަބޭފުޅުންނަށް، އަހަންނަށް، އަހަރެންގެ ގެއަށް، އަހަރެންގެ ޢާއިލާއަށް، އަހަރެންގެ ރަށަށް އޮތީ ކޮން ކަމެއްހެއްޔޭ؟ އެމް.ޑީ.ޕީ.ގެ ނުވަތަ މި ސަރުކާރުގެ ސިޔާސަތު ތަންފީޒުވެގެންދާއިރުގައި، މިރަށަށް، ނޮޅިވަރަމަށްވާނީ ކިހިނެއްހެއްޔޭ؟ އޮތީ ކޮންކަމެއް ހެއްޔޭ؟

އަޅުގަނޑުމެން ވަރަށް ބޮޑަށް ދެކެނީ، ފެނާއި ނަރުދަމާގެ ހޮޅިތަކާއި، ކަރަންޓް ނަރުތަކަކީ ޤައުމެއްގެ މައިބަދައޭ. ޤައުމަކަށް ޤައުމެއްގެ ސިފައިގައި ތަރައްޤީ ވެވޭނީ، މިދަންނަވާ މައިގަނޑު އަސާސްތައް ރަނގަޅަށް ފުރިހަމަވީމައޭ. އެހެންވެގެން، އަޅުގަނޑުމެން ޤާނޫނުއަސާސީ އިޞްލާޙު ކުރެވުނުއިރު އަޑުއުފުލީ، ފެނާއި ނަރުދަމާއާއި ކަރަންޓަކީ އަސާސީ ޚިދްމަތެއްގެ ގޮތުގައި، އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގައި ކަނޑައެޅުމަށް. އަޅުގަނޑުމެން ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް އިތުބާރު ހުރި ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އުފެއްދީ، ސަރުކާރު 7 ކުންފުންޏެއް. ކުރީގައި އޮންނަނީ ސްޓެލްކޯ. އެއީ ކަރަންޓް ކުންފުނި. އެތަނުން ކަރަންޓް ލިބެނީ ގާތްގަނޑަކަށް 14 ވަރަކަށް ރަށުގައި. ދެން އޮންނަނީ އެމް.ޑަބްލިޔޫ.އެސް.ސީ. އެތަނުން ފެން ދެނީ އެންމެ ރަށެއްގައި. އެހެންވީމާ، މިކަން އަޅުގަނޑުމެންނަށް ފާހަގަވީއިރުގައި އޮތީ، ކިތަންމެ ތަނެއް، ކިތަންމެ ކަމެއް އެކަމުގައި ބަދަލުކުރަން ޖެހިފައި. ކަން ޙައްލުކުރުމުގެ ގޮތުން ސަރުކާރުން އުފެއްދީ 7 ޔުޓިލިޓީ ކުންފުނި. ނުވަތަ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތްދޭ ކުންފުނި. މަތި އުތުރު މި ޕްރޮވިންސަށް އޭގެ ކުންފުންޏެއްވާނީ އުފައްދާފައި. މެއި މަހުގެ 1 ވަނަ ދުވަހު ތީގެ ބައެއް ބޭފުޅުން ޓީ.ވީ އިން ޚަބަރުގައި ފަހަރެއްގައި ދެކިލައްވާފައި އޮވެދާނެ، ސްޓެލްކޯގެ އިންޖީނުގެތައް މިދެންނެވި ކުންފުންޏަށް ބަދަލުކުރިކަން. ދެން އަޅުގަނޑުމެން އެދޭނީ، މި ނޮޅިވަރަމްގެ އިންޖީނުގެވެސް އެ ކުންފުންޏަށް ބަދަލުކުރުމަށް. ސަރުކާރު ޙިއްޞާވާ ކުންފުންޏެއް އެއީ. އަޅުގަނޑުމެން މިރަށު ރައްޔިތުންނާ ވާހަކަ ދައްކާނެ، އެ އިންޖީނުގެ އެ ކުންފުންޏަށް ބަދަލުކުރުމަށް. އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، ސާބިތުކަމާއެކީގައި، އިތުބާރާއެކީގައި އިރާދަކުރެއްވިއްޔާ އެ ކުންފުނިން މިރަށުގެ ކަރަންޓްގެ ކަންތައް އަޅުގަނޑުމެން ޙައްލުކޮށްދޭނަން.

ކަރަންޓް ހެޔޮއަގުގައި ނުލިބުނީމާ، ވިލެޖް ގޮތުގައި އެ ބޭނުންކުރަން އަޅުގަނޑުމެންނަށް މަގުފަހިވެފައި ނޯންނަންޏާ، ވަރަށްގިނަ ކަންކަމަށް ހުރަސްއާދޭ. މިރަށަށް އޮތް އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒު ވަމުންދާއިރުގައި، މިރަށް އަޅުގަނޑުމެން ފާހަގަކޮށްފައިވާނީ، ދަނޑުވެރި ރަށެއްގެ ގޮތުގައި. އަދި މުޅި މި ސަރަޙައްދަށް މިރަށުގެ ދަނޑުވެރިކަމުގެ ފައިދާ ނުވަތަ ދަނޑުވެރިކަމުގެ ތަކެތި، ގޮވާން، މިއަތޮޅަށް، މިޕްރޮވިންސަށް ލިބޭނެ އިންތިޒާމެއް ހަމަޖެހުން އަޅުގަނޑުމެންގެ އަމާޒަކީ. އެކަމަށްޓަކައި ފެނާއި ނަރުދަމާއާއި ކަރަންޓް ވަރަށް މުހިންމު. ޚާއްޞަކޮށް، ދަނޑުތަކަށް ކަރަންޓްލުން ވަރަށް މުހިންމު. އެހެންވީމާ، އަޅުގަނޑުމެން އެކުންފުނީގެ ފަރާތުން، ކަރަންޓް ކުންފުނީގެ ފަރާތުން ވަރަށް އިސްކަމެއްދީގެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ދަނޑުވެރިކަން ކުރާ ދަނޑުތަކަށް ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދޭނަން. އެ ޚިދްމަތް ފޯރުކޮށްދޭއިރު، އެ އަގު ހުންނާނީ ހެޔޮކޮށް.

އަޅުގަނޑުމެންނަށް އެބަ ވިސްނޭ، މިހާރު އިންޖީނުގެއަށް ދިމާވެފައި ހުރި ދަތިތައް. އަޅުގަނޑުމެންނަށް އެބަ އެނގޭ، ވަރަށް ޒަމާންވަންދެން އުޅެގެން ނަރު އެޅޭއިރުގައި، އިންޖީނުތައް ހުންނަނީ ކުދިވެފައި. ދެން ވަރަށް ޒަމާންވަންދެން އުޅެގެން، އިންޖީނު ބޮޑުކުރެވޭއިރުގައި ނަރު އޮންނާނީ ބަދަލުވާންވެފައި. ހަމަ ދެބުޅަލުގެ އަރާރުމެކޭ މިއެކޭ އެއްގޮތަކަށްވެސް މާބޮޑު ތަފާތެއް ނުހުންނާނެ. ހަމަ އެކޮޅުން މަދުވާއިރަށް މިކޮޅުން މަދުވާނެ. އެހެން ދަމުން ދަމުން ދަމުންދާނެ.

ދުރަށް ވިސްނާފައި، ރަނގަޅަށް ބަލާފައި، ރާވައިގެން ހިންގޭ މަސައްކަތެއް ހިންގައިގެން ނޫނިއްޔަކާއެއް، އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އަޅުގަނޑަށްވެސް މިސާލަކަށް އިންތިޚާބު ދުވަސްވަރު ގާތްވީމާ، މިތަނަށް ތިޔަބޭފުޅުންނަށް ދަޅައެއް ދައްކާލަން، ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އަޅުވާލަން އައިސް ދެތަނެއްގެ ބިންގާ އަޅާލެވިދާނެ. އަދި އަޅުގަނޑުގެ ގާތް ދެމީހެއްގެ އަތަށް ފައިސާކޮޅެއް ދީފައި، މިރަށުގައި ނުކުމެ އެގޮތް މިގޮތް ހަދާލަންވެސް އަޅުގަނޑުމެންނަށްވެސް ބުނެވިދާނެ. އަދި ކީއްތޯ! ފުލުސް އޮފީހާއި، ސަލާމަތީ ބާރުތައް މެދުވެރިކޮށް މީހުންނަށް ބިރު ދައްކާވެސް އަޅުގަނޑުމެންނަށްވެސް އުޅެވިދާނެ. އެހެންނަމަވެސް، މިއިން އެއްވެސް ކަމެއްކޮށް އުޅެގެން، އަޅުގަނޑުމެން މިއެދޭ ދެމެހެއްޓެނިވި ތަރައްޤީއެއް މި ރާއްޖެއަކަށް ނުގެނެވޭނެ. އަދި އަޅުގަނޑުމެން މިއެދޭ ޑިމޮކްރަސީއެއްވެސް ރާއްޖޭގައި އާލާއެއް ނުކުރެވޭނެ. ހެޔޮގޮތުގައި ވެރިކަން ކުރުމަށް އެބަ ބޭނުންވޭ ދުރަށް ވިސްނަން. ފުންކޮށް ބަލަން. މުޅި ޖުމްލަ މަންޒަރަށް ބަލާފައި ނޫނިއްޔާ އެއްވެސް ކަމެއް ނުކުރަން.

އަޅުގަނޑަށް އެބަ ވިސްނޭ، އަޅުގަނޑަށް އެބަ އެނގޭ، ތިޔަބޭފުޅުން ބޭނުންވެލައްވާކަން ގޯތި ދޫކުރަން މިރަށުން. މިއީ ބިން ބޮޑު ރަށެއް. ކޮންމެ ބޭފުޅަކުވެސް ބުނުއްވާނެ، މިއޮއް ބޮޑު ރަށޭ، ގޯތި، ބިން ނުލިބޭގޮތަށޭ މިއޮތީ. ސަރުކާރުން އެދެން، ބިން ދޫކުރުމުގެ ކުރީގައި، މުޅި ބިން، މުޅި ރަށުގެ ބިން ބޭނުން ކުރާނެ ގޮތުގެ ތަޞައްވުރެއް، މަންޒަރެއް، ޕްލޭނެއް ތިޔަބޭފުޅުން ހައްދަވަން. ހައްދަވާފައި ތިޔަބޭފުޅުން ބުނުއްވަން، މިއީއޭ ބިން ދޫކުރާނެ ސަރަޙައްދަކީ. މިރަށުގައި މިއަދު ބޭނުންވަނީ މިތައް ގޯއްޗޭ. މާދަމާ ބޭނުންވާނީ މިތައް ގޯއްޗޭ. މީގެ 10 އަހަރު ފަހުން ބޭނުންވާނީ މިތައް ގޯއްޗޭ. މީގެ 50 އަހަރު ފަހުން ބޭނުންވާނީ މިތައް ގޯއްޗޭ. އެ ވިސްނުމަށް ވިސްނާފައި ނޫނިއްޔާ، ތިޔައިން އެއްވެސް ބޭފުޅަކުވެސް އަދި އަޅުގަނޑުވެސް މިރަށުގެ ބިމުގައި އަތްލައިފިނަމަ، އަންނާން އޮތް ޖީލުތަކަށް އަޅުގަނޑުމެންނަށް ބޭއިންޞާފުވެވުނީ. އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް، މި ރާއްޖޭގެ މުއްސަނދިކަން، ތަނަވަސްކަން އަޅުގަނޑުމެން ފޯރުކޮށްދޭންޖެހޭނެ.

ސަރުކާރުން ގޯތި ދޭން ބޭނުން އަދި ދޭނެ. އަޅުގަނޑު އެއްވެސް ޙާލެއްގައި މިދަންނަވަނީ، މި ވަގުތުން ވަގުތަށްވެސް ގޯތި ނުދޭނެ ވާހަކައެއް ނޫން. އަދި އަޅުގަނޑު ހަމަ ދެންމެ ޙުނައިފް އަރިހުގައި ދަންނަވައިފިން އަދި ކައުންސިލަރ އަރިހުގައިވެސް ދަންނަވައިފިން އެ ގޯތި ދިނުމުގެ ކަންތައް، ތިޔަބޭފުޅުން ބޭނުންވެލައްވާ ގޮތަކަށް ކުރިއަށް ގެންދަވަން. އެހެންނަމަވެސް، އަޅުގަނޑު ފާހަގަކުރަން މިއުޅެނީ، އެ ގޯތިދޭއިރުގައި އަދި އެ ގޯތި ނަގާއިރުގައިވެސް ވިސްނަވައްޗޭ. ތިމަންނާއަށް ގޯއްޗެއް ލިބިދާނެ. ދެން ތިމަންނާގެ ދަރިންނަށްވާނީ ކިހިނެއްތޯ؟ އަދި ކާފަ ދަރިންނަށް، މާމަ ދަރިންނަށްވާނީ ކިހިނެއްތޯ. ކުޅުދުއްފުށީގައި މިމައްސަލަ އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ދިމާވި. ދެން މިރަށަށްވުރެ ކުޅުދުއްފުށީގައި ބޮޑަށް ދިމާވާނެތާ. ހަމަ ހުރެފައި މީހަކު ބުނާނީ ހަމަ ދެން އެއޮތީ ބިމޭ. އަޅުގަނޑުމެން ބޭނުމީ، ކަނޑާފައި ގޯއްޗޭ. އަޅުގަނޑުމެންނަށް، ހަމަ އަޅުގަނޑުމެން ބަލަބަލާ ތިއްބާ، ރަނގަޅަށް ބޮޑު ބިޔަކޮށް އޮތް މާރަށެއް ހަލާކުވެފައި އޮތްތަން ފެނޭ. މާލެ. އެދަތުރު ރާއްޖޭގެ އެހެން ރަށްރަށަށް ޖައްސާނެ ކަމެއް ނެތް. އަޅުގަނޑުމެން ވިސްނައިގެން، ބަލައިގެން، ރާވައިގެން ކަންކަން ކޮށްފިއްޔާ، އަޅުގަނޑުމެންނަކަށް އެދަތުރެއް ނުޖެހޭނެ. އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިއަންނަނީ، އަޅުގަނޑުމެންނަކީ ހަކުޅި ކުރިއަށް ވިސްނައިގެން ކުޅޭ ބައެކޭ. އެހެންވީމާ، މި ތަރައްޤީގެ މަސައްކަތްތަކުގައިވެސް އަޅުގަނޑުމެންނަށް ހަކުޅި ކުރިއަށް ވިސްނެންޖެހޭނެ. އެހެން ނޫނިއްޔާ، ހަމަ އޮންނާނީ އަރާނެ ގޮޅި ހުސްވެފައި. ސައިވެފައި.
އަޅުގަނޑުމެންގެ ވަރަށްބޮޑު ބޭނުމެއް އެއީ، މުޅި މި ސަރަޙައްދު އެކީގައި ބަލާލާފައި، ދެން މިރަށުގެ ބިމަށްވެސް، ކުޅުދުއްފުށީ ބިމަށްވެސް، ކުމުންދޫ ބިމަށްވެސް، ނޮޅިވަރަންފަރު ބިމަށްވެސް އަދި ހަނިމާދޫ ބިމަށްވެސް، ނޭކުރެންދޫ ބިމަށްވެސް، ވައިކަރަދޫ ބިމަށްވެސް، މުޅި މި ސަރަޙައްދަށް ބަލާފައި، އެ ބިމުގެ ބޭނުން ފާހަގަކުރަން. މިރަށް އަޅުގަނޑުމެން ފާހަގަކުރަނީ، ދަނޑުވެރި ރަށެއްގެ ގޮތުގައި. މަސައްކަތްތެރި ރަށެއްގެ ގޮތުގައި. އެހެންވީމާ، މިރަށުގައި ބޮޑު ބައި އަބަދުވެސް އޮންނަންޖެހޭނީ ދަނޑުވެރި މަސައްކަތަށް. ސަރުކާރުން މިރަށުގައި ހިންގާ މަޝްރޫޢުތައްވެސް، ހިންގާ ޕްރޮގްރާމްތައްވެސް ހިންގަމުންދާނީ، ދަނޑުވެރިކަމަށް ފައިދާވާ ގޮތަށް. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ، ރަނގަޅު އިތުބާރު ހުރި ދަތުރުފަތުރު ކުރުމުގެ ނިޒާމެއް. މިރަށުން ފުރައިގެން، މިއަތޮޅު ހުރިހާ ރަށަކަށްވެސް ކޮންމެ ދުވަހަކުވެސް ގޮސްފައި އާދެވެންޖެހޭނެ. އަޅުގަނޑުމެން މިމަސައްކަތް ހިންގުމަށްޓަކައި، ސަރުކާރުން އިޢްލާނުކުރީ، ރާއްޖޭގެ ސަރަޙައްދުތަކުގައި ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމުކުރަން ބޭނުންވާ މީހުންގެ ޝައުޤުވެރިކަން ހާމަކުރުމަށް. އަދި އެނިޒާމު ޤާއިމުކުރާ ފަރާތަކަށް ރާއްޖޭގެ ރަށްރަށުގައި ގެސްޓްހައުސް އެޅުމުގެ ފުރްޞަތު ސަރުކާރުން ހުޅުވާލާނަމޭ. ބައިނަލްއަޤްވާމީ ފަރާތްތަކަށް އަޅުގަނޑުމެން ގޮވާލީ، މިކަމުގައި ޝައުޤުވެރިވާ ފަރާތްތަކުން ޝައުޤުވެރިކަން ހާމަކުރުމަށް. މިއަދު އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، ރާއްޖޭގައި ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމު ކުރުމަށް 20 ފަރާތުން ޝައުޤުވެރިކަން ހާމަކޮށްފައި އެބައޮތް. ސަރުކާރުން ދެން މިހާރު އޮތީ، މީގެތެރެއިން ބަލައި އެންމެ ރަނގަޅު ފަރާތަކާ އެމަސައްކަތް ޙަވާލުކުރުން. ސަރުކާރުން އެމީހުންނަށް އެބަ ޝަރުޠު ކުރަންޖެހޭ ކިތަންމެ ޝަރުޠެއް. އޮޑިފަހަރު ހުންނަންވީ ގޮތް. ބަނދަރު ހުންނަންވީ ގޮތް. ދަތުރުކުރަންވީ ސްޕީޑް. އޮޑިފަހަރުގެ ސަލާމަތީ ކަންކަން. މިހެންގޮސް ކަނޑައަޅަންޖެހޭ ހުރިހާ ކަމެއް ކަނޑައަޅާފައި އަދި ދަތުރުގެ ފީ، އަޅުގަނޑުމެން މިބުނަނީ ވިހި ފަނަރަ ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެއޭ. އަޅުގަނޑުމެން މި ކަނޑައަޅަނީ، މި މަޝްރޫޢު ހިނގާއިރުގައި މިކަން ސީދާ އޮންނާންވީ ގޮތް. އެކަން ކުރުމަށްފަހު، ސަރުކާރަށް ވަކި ފަރާތަކާ މިމަސައްކަތް ކުރުމަށް ޙަވާލުކުރެވޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ޔަޤީންކޮށް އަރުވަން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ އޯގަސްޓްމަހު ހާ ތަނުގައި މިމަސައްކަތް ޢަމަލީ ގޮތުން އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ. އަދި އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު ތިޔަބޭފުޅުންގެ ދަނޑުވެރި މުދާ، އަދި ދަނޑުން ކަނޑާ ގޮވާން، ތިޔަބޭފުޅުންނަށް އެތަކެތި، މުޅި އަތޮޅުގައި ފަސޭހަކަމާއެކީގައި ވިއްކާލެވޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ފުރްޞަތު ތިޔަބޭފުޅުންނަށް މިއަންނަ އަހަރު ތެރޭގައި ފަހިވާވަރުކޮށްދޭނަން.

ސަރުކާރުން ބޭނުންވޭ، އަޅުގަނޑު ހިތުން ޑޮކްޓަރ ޑީ.ޑީ މިހާރު އޮންނާނީ މިވާހަކަ ދައްކަވާފައި. ސަރުކާރުން ބޭނުންވޭ، މިރަށުގައި ދަނޑުވެރިކަމާ ގުޅޭ ކޮންމެވެސް ބާވަތެއްގެ އިންސްޓިޓިއުޝަނެއް ނުވަތަ މަދަރުސާއެއް، މުއައްސަސާއެއް ޤާއިމުކުރަން. އެކަމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މިދަނީ ކުރަމުން. މިތާ ހުރެފައި އެކަން ކުރާނެ ސީދާ ދުވަހެއް އަޅުގަނޑަށް އެހެން ދަންނަވާކަށް އަދި ނޭނގެ. އެހެންނަމަވެސް، އަޅުގަނޑަށް ހަމަ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް. މިމަސައްކަތް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ. އަޅުގަނޑުމެންނަށް މިރަށުގައި ދަނޑުވެރި މަދަރުސާއެއް އިރާދަކުރެއްވިއްޔާ ހަދާދެވޭނެ. އަދި ދަނޑުވެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށާއި، އެކި ކަންކަން ބެލެހެއްޓުމަށާއި، އަދި މިކަމާ ގުޅޭ އެންމެހާ ކަންކަން ހިންގުމަށް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިތަނުގައި ދަނޑުވެރި މަދަރުސާއެއް ޤާއިމު ކުރެވޭނެ.

ހަމައެއާއެކީގައި، އަޅުގަނޑު ބޭނުން ތިޔަބޭފުޅުންނާ މަޝްވަރާ ކުރުމަށް. ތިޔަބޭފުޅުންނަނީ ފެންނަނީ ކޮންގޮތެއްތޯ. މިތަނުގައި ދަނޑުވެރިކަމުގެ ސާމާނު ވިއްކުމަށް އެސް.ޓީ.އޯ.ގެ ފިހާރައެއް ހުރުމާ ދޭތެރޭގައި. އަޅުގަނޑަކަށް ނޭނގެ، ބައެއްފަހަރަށް ބައެއް ބޭފުޅުން ބުނުއްވާ. އެސް.ޓީ.އޯ.ގެ ފިހާރައެއް ހުރީމާ، އަމިއްލަ މީހުންގެ ވިޔަފާރިއަށް އޭގައި ގެއްލުމެއް އަތުވެދާނެއޭ. އެހެންނަމަވެސް، ވަރަށްގިނަ ބާވަތް ބާވަތުގެ ސާމާނު މިހާރުގެ ދަނޑުވެރިކަމުގެ ތެރޭގައި އެބަ ބޭނުންވޭ. އަދި ރަނގަޅު އެއްޗެއް، ރަނގަޅު ނަތީޖާއެއް ނެރެންޏާ، ޒަމާނީ ޓެކްނޯލޮޖީ ބޭނުންނުކޮށެއް ރަނގަޅު ނަތީޖާއެއްވެސް ޙަޤީޤަތުގައި ނުނެރެވޭނެ. އެހެންވީމާ، ރަނގަޅަށް ސާމާނު ހުންނާނެ އެސް.ޓީ.އޯ ފިހާރައެއް ތިޔަބޭފުޅުންނާ މަޝްވަރާ ކުރުމަށްފަހު، މިތާ ފިހާރައެއް ޤާއިމުކުރަން ފެންނަނީނަމަ، އެ ފިހާރައެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް މިތަނުގައި ޤާއިމްކޮށްދޭނަން. އަޅުގަނޑުމެން ބޭނުން، މިރަށުގެ ދަނޑުވެރިކަން ކުރިއަރުވަން.

ހަމައެހެންމެ، ސަރުކާރުން އިސްކަމެއްދީގެން ހިންގާ އަނެއް މަޝްރޫޢަކީ ބޯހިޔާވަހިކަން. މިރަށުގައި ފަހަރުގައި އެދަތިކަން ނެތިދާނެ. އެހެންނަމަވެސް، މިއަތޮޅުގެ ވަރަށްގިނަ ރަށްރަށުގައިވެސް، މާލޭގައިވެސް އެދަތިކަން އެބައޮތް. ބޯހިޔާވަހިކަމުގައި އަޅުގަނޑުމެންގެ މަޝްރޫޢު ސީދާ ހިނގާ ގޮތް މިރަށުގައި ތަފްޞީލުކޮށް ކިޔައިދެވޭކަށް ނެތް. އެހެންނަމަވެސް، އެ މަޝްރޫޢުވެސް އެބަ ހިނގާ.
އަޅުގަނޑު ދަންނަވައިފިން. އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒު ކުރަމުންދާއިރުގައި، މިރަށަށް ސީދާ ވާނީ ކޮންކަމެއްހޭ؟ އެ ސުވާލުގެ ޖަވާބު އަޅުގަނޑު ދެވޭތޯ މިއުޅެނީ. ފުރަތަމަ 1. މިރަށުގެ އިންޖީނުގެއާ އަޅުގަނޑުމެން ސަރުކާރު ކުންފުނިން ޙަވާލުވާނެ. ތިޔަބޭފުޅުން އެކަމަށް ބޭނުންވެލައްވާ ތިއްބެވިކަން އަޅުގަނޑަށް އެނގޭ. 2. އެ އިންޖީނުގެއިން އަޅުގަނޑުމެން ހެޔޮއަގުގައި ދަނޑުވެރި ސަރަޙައްދަށް، ދަނޑުވެރިކަން ކުރާ ތަންތަނަށް އިރާދަކުރެއްވިއްޔާ ކަރަންޓް ފޯރުކޮށްދޭނަން.

ގެދޮރާ ގުޅޭގޮތުން ތިޔަބޭފުޅުން ބޭނުންވެލައްވަނީ މިރަށުން ގޯތި ދޫކުރުމަށް. އަޅުގަނޑުމެން މިހުށަހަޅަނީ މިރަށުގެ ބިން ބޭނުން ކުރުމުގެ ޕްލޭން އަވަހަށް ނިންމަވާށޭ. ނިންމަވާފައި އެބިމުގެ ތެރެއިން ނަގާނެ މިންވަރެއް ކަނޑައަޅުއްވާފައި، އެ ވަރު ނަންގަވާނީއޭ. ޖުމްލަ ގޯތި ދިނުމަށް މިރަށުން ނަގާނީ ކިހާ މިންވަރެއްތޯ މިހާރު ކަނޑައަޅުއްވާށޭ. ކުރިއަށް މިއޮތް ސަތޭކަ އަހަރަށްވިޔަސް. މިއީއޭ މިރަށުން ގޯތިދޭނެ މިންވަރަކީ. ދެންހުރި ބިން ބޭނުންކުރާނީ ދަނޑުވެރިކަމަށޭ. އެހެންވީމާ، އެ ބިން ކަނޑައަޅުއްވާފައި، އެބިމުގައި ތިޔަބޭފުޅުންނަށް ދިރިއުޅުއްވޭނެ ގޮތަކަށް. ރަށުގެ އާބާދީވެސް ހަމަ ވަރަށްބޮޑުވޭ. އަޅުގަނޑު ހަމަ އަހާވެސްލައިފިން. ހާދަ ގިނަ ބޭފުޅުންނެއް ވަޑައިގެންނޭ މިތިއްބެވީ. ދެން އަޅުގަނޑަށް އެބަ އެނގޭ، ވިސްނޭ މިރަށުގެ އާބާދީވެސް ބޮޑުވާކަން. އެކަމަކު އަޅުގަނޑު ހަމަ ދެކޭހިތްއޮތީ، ސަރުކާރުން މަޢްލޫމާތުދޭތީވެ ތިޔަބޭފުޅުން އަޅުގަނޑުމެންނާ ބައްދަލުކޮށްލަން އާދަޔާ ޚިލާފު ޝައުޤުވެރިކަމެއްގައި ވަޑައިގެންނެވީއޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ތިޔަދެއްވާ ތަރުޙީބާއި އަދި އަޅުގަނޑުމެންނާ އެކީގައި ތިޔަ ތިއްބެވި މިންވަރަށްޓަކައި.

ސަރުކާރުގެ ސިޔާސަތެއް އެއީ، މި ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުން. ހަނިމާދޫ އެއަރޕޯޓް މިހާރު މިވަނީ ކޯޕަރޭޓް ކުރެވިފައި ނުވަތަ ވަކި ކުންފުންޏަކަށް ލިބިފައި. ރޭގައި ކުޅުދުއްފުށީގައި އަޅުގަނޑުމެން އެކަން އެހެން ކޮށްފިން. އެހެންވީމާ، ހަނިމާދޫ އެއަރޕޯޓް ހިންގުމަށް ބޭރު ބަޔަކާ އެކީގައި ބައިވެރިވުމަށް ސަރުކާރުން އެދޭ. ބައިވެރިވެގެން އެއަރޕޯޓް ތަރައްޤީ ކުރުމަށް. އެފަރާތްތަކުން ބޭނުންވަނީ، އެ އެއަރޕޯޓްގައި ޑިއުޓީ ފްރީ ވިޔަފާރި ކުރެވޭނެ ގޮތެއް ހޯދަން. ހަދާފައި އިންޑިއާއިން އެތަނަށް މީހުންގެނެސް، އެމަސައްކަތް، އެވިޔަފާރި ހަނިމާދޫގައި ކުރެވޭގޮތް ޤާއިމްކުރަން. އެހެންވީމާ، ހަނިމާދޫއިން އިންޑިއާއަށް ފުރޭގޮތްވީމާ، އަޅުގަނޑަށް ހީވަނީ އޭގެ ސަބަބުން ހަމަ މި ނޮޅިވަރަމް މީހުންނަށްވެސް އެތައް ތަނެއް ލުއިވެ ފަސޭހަވެގެންދާނެހެން. އަދި ހަނިމާދުއަށް ފަސޭހައިން ދަތުރުކޮށް އުޅެވޭކަމަށްވަނީވިއްޔާ، އެއީ ދެން ދުރުގައި އޮތް ތަނެއްގައެއް ޙަޤީޤަތުގައި ދުވަސްކޮޅެއްވީމަކާއެއް ނުއެއް ބެލެވޭނެ.

ގިނަގިނައިން އެއްރަށުން އަނެއް ރަށަށް ގިނަ މީހުންނަށް ގޮސް އައިސް އުޅެވެންޏާ، އަޅުގަނޑުމެންނަށް މިރަށުގެ ގޮނޑުދޮށުން ބޭރަށް އަޅުގަނޑުމެންގެ ވިސްނުން ގެންދަންޖެހޭ ޖެހުން މާބޮޑަށް އަދި ސާފުވާނެ. ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ތިބެވެނީ، މިއީ މަގޭ ރަށޭ، އެއީ ހަމަ ރަނގަޅު ކަމެއް. ވަޠަނީ ރޫޙަކީ ވަރަށް ރަނގަޅު ރޫޙެއް. އެހެންނަމަވެސް، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން ބޭރަށް، އަތޮޅު ދުނިން ބޭރަށް، އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދަން. އެއީ، އަޅުގަނޑުމެންނަށް ތަރައްޤީގެ މަގުގައި ކުރިއަށް ދެވެން އޮތް ގޮތަކީ. ބާކީވެގެން، މާޔޫސްވެގެން އަޅުގަނޑުމެންނަކަށެއް އެހެން މިކަމެއްވާކަށެއް ނެތް. އަޅުގަނޑުމެން އެބަޖެހޭ، މުޅި ދުނިޔެއާވެސް ކުޅެން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ހަނިމާދޫ އެއަރޕޯޓް މިތަނުގައި ޤާއިމު ކުރެވުނީމާ، އަދި މިރަށުގެ ދަނޑުވެރިކަމަށް އެހެން މީހުންވެސް ޝައުޤުވެރިވާނެ. ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ޝައުޤުވެރިވާނެ. މިރަށުގެ ބިންގަނޑުގައި މިރަށުގެ މުއްސަނދިކަން ބޭނުންކޮށްގެން ގެނެވޭނެ ކިތަންމެ ތަރައްޤީއެއް އެބަހުރި. އަޅުގަނޑުގެ ވިސްނުމުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންގެ މަންޒަރުގައި، މިއީ ތަރައްޤީވެފައި އޮންނާނެ ރަށެއް. މިއީ ކުރިއަރާނެ ރަށެއް. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެކަންކަން ތިޔަބޭފުޅުންނާ އެކީގައި ކުރެވޭނެ.

އަޅުގަނޑު، މި އެންމެހާ ކަންކަން ކުރުމަށް ހަމަ ތިޔަބޭފުޅުންގެ ކިބައިން އެދެނީ އެންމެ ކަމަކަށް. އެއީ، އަޅުގަނޑުމެންނާއެކީގައި އުންމީދު ކުރައްވާށޭ. އުންމީދު ނަގާނުލައްވާށޭ. އަޅުގަނޑަށްވެސް އެނގޭ ދަތިކަން. ތާށިކަން. އަތްމަތި ތާށިކަން. އަޅުގަނޑަށްވެސް އެނގޭ ގޭތެރެވެސް އުނދަގޫކަން. ފައިސާކޮޅުވެސް މަދުކަން. އަޅުގަނޑަށްވެސް ހަމަ ވިސްނޭ. އެހެން ނަމަވެސް، އަޅުގަނޑުމެން ހަމަ މިއެދެނީ، އަޅުގަނޑުމެންނާއެކީގައި އުންމީދު ކުރައްވާށޭ. އުންމީދު ނަގާނުލައްވާށޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ އިސާހިތަކު އަޅުގަނޑުމެންނަށް ފެނިދާނެއޭ. މިކަންކަން ކުރުމަށް މިތަންފީޒު ކުރެވިފައި އިޞްލާޙު ކުރެވިފައި އޮތް ޤާނޫނުއަސާސީ ފުރިހަމައަށް ތަންފީޒު ކުރުން ވަރަށް މުހިންމު. އެޤާނޫނުއަސާސީ ތަންފީޒު ކުރުމުން އަދި ކުރުމަށާއި އަދި އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށް މިހާރުން މިހާރަށް އަޅުގަނޑުމެން ބޭނުންވޭ 64 ޤާނޫނު.

އަޅުގަނޑަށް ވަރަށް އުނދަގޫ ގަބޫލުކުރަން. މިދިޔަ ދިގު 30 އަހަރު، އެ ޤާނޫނުތައް ހެދުމަށް ހުރަސްއެޅި ބޭފުޅުން މިއަދު ކުއްލިއަކަށް އަރުވާޖަހައި ނުކުންނާނެއޭ، އަޅުގަނޑުމެންނާއެކީގައި މި 64 ޤާނޫނު ހެދުމަށް. ނުވާނެ އެކަމެއް. އަޅުގަނޑަކަށް އެކަމެއް ގަބޫލެއް ނުކުރެވޭނެ. އަޅުގަނޑަކީ، އަޅުގަނޑު ދެން ބުނަން އޮތް ވާހަކަ ބުނުމުގެ ކުރީގައި ދަންނަވާލަން ބޭނުން. އަޅުގަނޑަކީ ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމުން އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށްގެން، އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓެއް، ރައީސުލްޖުމްހޫރިއްޔާ ކަމަށް އިސްވުމުގެ ގޮތުން، އަދި އެމަގުން އައިސް ތިޔަބޭފުޅުންގެ ވޯޓު ލިބުނީތީވެ، ތިޔަބޭފުޅުންގެ ރުހުން ލިބުނީތީވެ، ދެއްވީތީވެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުރި މީހެއް. އަޅުގަނޑުގެ ވާޖިބެއް އެއީ، ޤާނޫނުއަސާސީ، މި ޤާނޫނުއަސާސީގެ ބައްޓަމާއި ރޫޙާއި، އޭގެ ބަސްތަކާއި، އަދި އެ ތަންފީޒުވެގެންދާއިރުގައި، ވެގެންދާނެ ގޮތްތަކުގެ ތަޞައްވުރުތަކެއް ރައްޔިތުންނަށް ހުށަހަޅަމުން ގެންދިއުން.

އަޅުގަނޑު ދެކޭގޮތުގައި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ވަރަށް މުހިންމު. ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމެއް ނުކުރެވޭނެ، ވާދަވެރި ސިޔާސީ ޕާޓީތަކެއް ނެތީހެއް. ވާދަވެރި ސިޔާސީ ޕާޓީތަކެއް އުފެއްދުމަށްޓަކައި އަޅުގަނޑުގެ މަސައްކަތެއް ކަމަށް އަޅުގަނޑު އަބަދުވެސް ދެކެނީ، އަޅުގަނޑުގެ ޕާޓީ ބިނާކުރަމުން ގެންދިއުން. އޭރުން، އެހެން މީހުން، އެހެން މީހުންގެ ޕާޓީ ބިނާކުރާނެ. ހަމަ އަޅުގަނޑު މިވާހަކަ އަބަދަށް ފާހަގަކުރަން ބޭނުން. މިއީ، ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމެކޭ. އަޅުގަނޑުގެ މައްޗަށް ލާޒިމީ، ވާޖިބީ އެމް.ޑީ.ޕީ.ގެ ސިޔާސަތު ހަމަހަމަކަންމަތީގައި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް ތަންފީޒު ކުރާށޭ. އަޅުގަނޑަކަށް ނެތް ހަމަ އެއްބޭފުޅަކާ އަނެއް ބޭފުޅަކާ، އެއްޕާޓީގެ ބޭފުޅަކާ އަނެއް ޕާޓީގެ ބޭފުޅަކާ ތަފާތު ކުރެވޭކަށް، ސިޔާސަތު ތަންފީޒު ކުރުމަކަށެއް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން. އަދި އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ބިންވަޅު ނެގިފައި އޮންނަ އެންމެ މުހިންމު އެއް ނުކުތާއަކީ، މިރާއްޖޭގެ ހުރިހާ މުއްސަނދިކަމަކީވެސް، މި ދައުލަތަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީވެސް، މި ސަރުކާރުގެ އެންމެހާ ޓެކްސްއަކީވެސް ޙަޤީޤަތުގައި ތިޔަބޭފުޅުންގެ ފައިސާއޭ. އަޅުގަނޑުމެންނާ އެފައިސާ ޙަވާލުކުރެވިފައި މިވަނީ، އަމާނާތްތެރިކަމާއެކީގައި ދެމެހެއްޓުމަށޭ. އަޅުގަނޑުމެންނަކަށެއް ނެތް އެއަށް ޚިޔާނާތްތެރިވެވޭކަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެންގެ ސަރުކާރުގައި ވަޒީރަކަށްވިޔަސް އަދި ޚުދު އަޅުގަނޑަށްވިޔަސްވެސް ނާޖާއިޒު ފައިދާއެއް ނަގައި، ޚިޔާނާތުގެ، ކޮރަޕްޝަނަށް މަގުފަހިވާ ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގައިފިނަމަ، އެކަމެއް ތަޙުޤީޤުވެސް ކުރެވޭނެ. ޝަރީޢަތްވެސް ކުރެވޭނެ. ޙައްޤު އަދަބުވެސް ދެވޭނެ. މި ސަރުކާރު ދެމި މިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. އަދި އަމާނާތްތެރިކަމާއެކީގައި މިދައުލަތުގެ ފައިސާއާއި، މިދައުލަތުގެ މުއްސަނދިކަން، އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމަށާއި، މިހާރުގެ ދަރިންނަށް، މިހާރުގެ ރައްޔިތުންނަށް ފުރިހަމަ ތަރައްޤީއެއް ހޯދައިދިނުމަށްޓަކައި. އެއީ އަޅުގަނޑުމެންގެ ޖުމްލަ މަސައްކަތަކީ.

މި އެންމެހާ މަސައްކަތް ކުރުމަށް ވަރަށް މުހިންމު އަނެއް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް. އަޅުގަނޑު ދަންނަވައިފިން. 64 ޤާނޫނު އަޅުގަނޑުމެން އެބަ ބޭނުންވެއޭ މިހާރުން މިހާރަށް. އަޅުގަނޑަށް ހަމަ ވަރަށް އުނދަގޫ، އަޅުގަނޑަށް ޔަޤީންކަމާއެކީގައި، އަޅުގަނޑަށް ދަންނަވަން ކެރިދާނެ، ނަޝީދު އެއީ އަޅުގަނޑަށް އިތުބާރާއެކީގައި، އަޅުގަނޑަށް ކިޔަނީވެސް ނަޝީދު. ނަޝީދު އެއީ އަޅުގަނޑާ އެކީގައި އިތުބާރާ އެކީގައި މިކަން ކުރެވޭނެ މީހެކޭ. އަޅުގަނޑު އޭނައާ އެކީގައި މަސައްކަތް ކޮށްފީމޭ. ޙަޤީޤަތުގައި އޭނައަކީ ވަރަށް ކުރިއްސުރެ ފަށައިގެން އަޅުގަނޑު ދަންނަ މީހެއް. ފުރަތަމަ އަޅުގަނޑު އޭނާ ދުށީ، ވާހަކަ ދެއްކުމުގެ މުބާރާތަކުން. އެއަށްފަހު، އަޅުގަނޑު އޭނާއާ ދިމާއަށް ބަލަމުން އައީ. އޭނާގެ ކަންތައްތައްވެސް އަޅުގަނޑަށް އެނގެމުން އައީ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ މިމަސައްކަތުގައި، މިހާތަނަށްވެސް ވަރަށް ސާބިތުކަމާއެކީގައި ބައިވެރިވެސްވެފައި ހުރި ބޭފުޅެކޭ. އަދި ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންނަށް އޭނާގެ ބޭނުން ނުހަނު ރަނގަޅަށް ހިފެން ހުރި މީހެކޭ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އޭނާގެ ބޭނުން ތިޔަބޭފުޅުންވެސް ހިއްޕެވުމަށް.

މި ޤާނޫނުތައް ފާސްނުވެއްޖެނަމަ، އަޅުގަނޑުމެން މިއެދޭ އިޞްލާޙެއް، އަޅުގަނޑުމެން މިއެދޭ، އަޅުގަނޑުމެންގެ ވަޢުދުތަކެއް އަޅުގަނޑުމެންނަކަށެއް ނުފުއްދޭނެ. މިއީ ކުރީގެ ރައްޔިތުންގެ މަޖިލީހެއް ނޫން. މަޖިލިސް އެއްކައިރި ކޮށްފައި، ބޭކާރު ކޮށްފައި ހަމަ އެއްކަމެއްވެސް ނުވާނެ. މިސާލަކަށް، އަޅުގަނޑުމެން މިހާރު މިދެނީ، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް. މާދަމާވެސް މަޖިލީހުން އަޅުގަނޑުމެންނަށް އަންގަންވީއޭ އިނގޭތޯ، އެފައިސާ ނުދޭށޭ. އޭރަކުން ނުދެވޭނެ. ވާދަވެރި ސިޔާސީ ޕާޓީތަކަށް އެބަވިސްނޭ، އަޅުގަނޑުމެން ޢުމުރުން ދޮށީ މީހުންނަށް އެފައިސާ ދިނީމާ، އަޅުގަނޑުމެންގެ ސަރުކާރަށް ރައްޔިތުންގެ ރުހުން ލިބޭކަން. ވާދަވެރި ސިޔާސީ ޕާޓީތަކަށް އެބަވިސްނޭ. އަޅުގަނޑުމެން މިތަނުގެ ފެނާއި ނަރުދަމާ އާއި ކަރަންޓްގެ ޚިދްމަތް ރަނގަޅުކޮށްދިނީމާ، އަދި އަޅުގަނޑުމެން އެކަން ކުރަނީ މިދަންނަވާ އެހެން ސަރުކާރުގެ ސީދާ ބަޖެޓުގެ ތެރެއިންނެއް ނޫނޭ. އެހެން މޮޑެލްއަކުން، އެހެން ގޮތަކުންނޭ. އެހެންވީމާ، އެކަން ނުކުރެވޭގޮތް ހެދީމާ، އަޅުގަނޑުމެންނަށް މި ސަރުކާރަށް ރައްޔިތުންދޭ އިތުބާރާއި، ރައްޔިތުންގެ ރުހުން ކުޑަވެގެންދާނެ. އެހެންވީމާ، ތަރައްޤީގެ މަސައްކަތްތަކަށް ހުރަސް އަޅަން އެބަޖެހެއޭ. އަޅުގަނޑަށް ޔަޤީން. ވާދަވެރި ސިޔާސީ ޕާޓީތަކުން އެވިސްނުން ނެރޭނެކަން.
ދާދި އިހަކަށް ދުވަހަކު ވީގޮތަކީ، އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން، ހަމަގައިމުވެސް އަޅުގަނޑު ފުރާވަރަށް އެރީއްސުރެ ފަށައިގެން އަޑުއަހަމުން އަންނަ އެއް ވާހަކައަކީ، ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ވާހަކަ. އެއަށްވުރެ މޮޅު ގޮތެއް ނެތް ވާހަކަ. ވިހިވިހީގެ ތަޞައްވުރުގައިވެސް އޮތީ އެވާހަކަ. ޤާނޫނުއަސާސީގެ ބާބެއް އެކީގައިވެސް ލިޔެފައި އޮތީ ހަމަ އެވާހަކަ. މިހެން މިކަން އޮއްވާ، އަޅުގަނޑުމެން މިހުށަހެޅީ ރައްޔިތުންގެ މަޖިލީހަށް ޤާނޫނެއް، ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ތަފްޞީލުތައް ބަޔާންކުރަން. ކިހިނެއްތޯވީ. ވާދަވެރި އެއްވެސް ސިޔާސީ ޕާޓީއަކުން، ޑީ.އާރު.ޕީ.ގެ އެއްވެސް ބޭފުޅަކު އެއަކަށް ވޯޓެއް ނުދިން. އަޅުގަނޑުމެންނަށް އެ ބިލް އެތެރެކުރެވުނީ، ކިރިޔާ އެއްވޯޓުން. އަޅުގަނޑަށް ވަރަށް އުނދަގޫ ގަބޫލުކުރަން. މާޒީ ފޮރުވަން އުޅޭ ބަޔަކާ އެކީގައި މުސްތަޤްބަލެއް ހޯދަން މަސައްކަތް ކުރެވިދާނެ ކަމަކަށް. އަޅުގަނޑުމެން މިއުޅެނީ މުސްތަޤްބަލަށްޓަކައި. އަޅުގަނޑުމެންނެއް ނޫޅެން މާޒީ ފަހާ ދުވާކަށް.

އެހެންވީމާ، އަޅުގަނޑުގެ ހަމަ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، ތިޔަބޭފުޅުން މިއެންމެހާ ކަންކަމަށް މިދަނޑިވަޅުގައި ވިސްނަވާނެއޭ. އަވަށު ވާދަ، ރަށު ވާދަ، ޢާއިލީ ހަމަނުޖެހުން، މިއީ އަޅުގަނޑު ހަމަ ދަންނަގޮތުގައި ތަންކޮޅެއް ބޯދާ ކަންކަން. މިއީ މުޅިން އެހެން ޒަމާނެއް. މިއީ މުޅިން އެހެން އިރެއް. މީގައި ހަމަ މާ ބުއްދިވެރިވާނެ އިނގޭތޯ އަދިވެސް ހަމަޖެހިގެން ރަނގަޅު ގަވާއިދުތަކެއްގެ ތެރޭގައި އޮންނަ ސިޔާސީ ޕާޓީގެ ވާދަ. އަވަށު ވާދައެއް ނޯންނާނެ ގަވާއިދެއްގެ ތެރެއަކު. ދެޢާއިލާއެއްގެ ދެމެދުގައި ހިނގާ އަރާރުމެއް ނޯންނާނެ ގަވާއިދެއްގެ ތެރެއަކު. ދެ ސިޔާސީ ޕާޓީގެ ދެމެދުގައި ހިނގާ އަރާރުން، ކޯޅުން އޮންނާނީ ކަނޑައެޅިފައި އޮންނަ ޙުދޫދެއްގެ ތެރޭގައި. އެހެންވީމާ، ޚާއްޞަކޮށް އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންގެ ކިބައިން ހަމަ ވަރަށް ބޮޑަށް އަޅުގަނޑު އެދެން، ޕާޓީގެ ރޫޙުގައި ތިއްބަވާށޭ. އަވަށް ރޫޙާއި އެ ރޫޙުތައް އެއީ މިއަދަށް މިއަދުގެ ޙަޤީޤަތަށް ބަލާއިރުގައި އެންމެ އެކަށީގެންވާ ދިރިއުޅުމުގެ ގޮތެއް ނޫނޭ. އަޅުގަނޑުމެންނަކަށް އެމަގުން ގޮސްގެނެއް ތަރައްޤީއަކަށް މަގުފައްސެއްނުވެއޭ، އަވަށު ވާދަވެރިކަމުގައި ތިބީމަކާއެއް.

އަޅުގަނޑަށް ޔަޤީން. ތިޔަ އެންމެ ބޭފުޅުން އަޅުގަނޑުމެން ހަމަ މިފާހަގަކުރާ ހުރިހާ ކަންތައްތައް ތިގެންދަވަނީ ބައްލަވަމުންކަން. އަޅުގަނޑު ދަންނަވަން އޮތީ، މިފަޅުން ފުންކޮށްލަން ބޭނުންވާ އެބައުޅޭ ތަންކޮޅެއް. އެތަންކޮޅު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ފުންކޮށްދޭނަން. އެއީ ކަނޑިންމައިން ފުންކުރަންޖެހޭ ތަންކޮޅެއްހެން އަޅުގަނޑަށް ހީވަނީ. މި ފަޅުގެ ބައްތިޖަހާ ވާހަކަވެސް ތިޔަބޭފުޅުން ހަމަ ފާހަގަކުރައްވާ. ޑޮކްޓަރަކު އިތުރުކުރުމުގެ ވާހަކަވެސް ތިޔަބޭފުޅުން ފާހަގަކުރައްވާ. ވަރަށް ބޮޑަށް އަޅުގަނޑުމެން ބަލަމުން މިދަނީ، ހަމަ އާދަޔާ ޚިލާފު ގިނަ ޢަދަދަކަށް ޑޮކްޓަރުން ގެނެވޭތޯ. މިއަދު އަޅުގަނޑަށް ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވޭކަށެއް ނެތް، މާދަމާ މިތަނަށް އަޅުގަނޑު ޑޮކްޓަރެއް ފޮނުވާނަމެކޭ. އެކަމަކު އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ، ޑޮކްޓަރުން ހުރިހާ ހެލްތް ސެންޓަރުތަކަކަށްވެސް ލުމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިތަނަށް ޑޮކްޓަރުންލާނެ. އަދި ހަމަގައިމުވެސް އަޅުގަނޑުމެން ތިޔަބޭފުޅުންގެ އިންޖީނުގެއާ ޙަވާލުވާނެ. ދަނޑަށް ކަރަންޓްދޭނެ. ދެން އޮތް އަނެއް ކަމަކީ މަދަރުސާގެ ޖާގަ. މަދަރުސާގެ ޖާގަ އަޅުގަނޑުމެންނަށް އިތުރުކޮށްދެވޭނެ. މިހާރުވެސް ތިޔަބޭފުޅުންނަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް މަދަރުސާއިން ގުޅުއްވީމާ، އަދި ލިޔުއްވީމާ، މަދަރުސާއަށް އިތުރު ކްލާސްރޫމް ބްލޮކެއް ލިބޭނެ. އެއީ، އަޅުގަނޑުމެން ހަމަޖައްސާފައި، މިރަށަށް މިދަންނަވާހެން އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި، މިހާރުން މިހާރަށް މިރަށަށް ލިބެންހުރި ކަންކަން. ވާންހުރި ކަންކަން.
އަޅުގަނޑުގެ އުންމީދަކީ، މާދަމައަކީ އަދި މިއަދަށްވުރެ މާ އުފާވެރި ދުވަހަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

واَلحَمْـدُ لِلّـهِ. والســّلام عليــكم. واَلحَمْـدُ لِلّـهِ. ވަރަށްބޮޑަށް ޝުކުރިއްޔާ!