بســم اللّـه الرّحمـن الرّحيــم


ކުޅުދުއްފުށީގެ އެކުވެރި ލޮބުވެތި ރައްޔިތުން:


السّـلام عليـكم

އަޅުގަނޑުވެސް ވީހާ ކުރެއް ކުރެވޭތޯ ބަލާނަން. އަޅުގަނޑުމެން މީގެ ދުވަސްކޮޅެއް ކުރީގައި ތިޔަބޭފުޅުންނަށް ހުށަހެޅިން، އަޅުގަނޑުމެންގެ ސަރުކާރެއްގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ހިމެނޭ ސަރުކާރެއްގެ ސިޔާސަތު އޮންނާނެ ގޮތުގެ ތަޞައްވުރެއް. އަޅުގަނޑުމެން ފާހަގަކުރިން، އަޅުގަނޑުމެންނެއް ބޭނުމެއްނުވެއޭ ރާއްޖޭގެ ރައްޔިތުންނަކީ ބިކަހާލުގައި އުޅޭ ބަޔަކަށްވާކަށް. އަޅުގަނޑުމެންނެއް ނުދެކެމޭ، މިރާއްޖޭގެ ރައްޔިތުންނަށް ޙައްޤީ މިއަދު މިއޮތް މިންވަރު ކަމަކަށް. މި ރާއްޖެއަކީ ތަނަވަސް ޤައުމެކޭ. މިރާއްޖޭގައި ޤުދްރަތީ މުއްސަނދިކަމާއި ޤުދްރަތީ ވަސީލަތްތައް ގިނައޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މިރާއްޖެ އަނބުރާލެވިދާނެ. އަޅުގަނޑުމެންނަށް މި ރާއްޖޭގައި އެހެން ގޮތްތަކެއް ހޯދިދާނޭ. އެހެން ދިވެހިރާއްޖެއެއްހެން އަޅުގަނޑުމެންނަށް އަނެއް ދިވެހިރާއްޖެ ސިފަކުރެވިދާނެ. މިކަން ކުރުމަށްޓަކައި އަޅުގަނޑުމެން ރައްޔިތުންގެ އަޑު މިވޭތުވެދިޔަ ހަތަރު އަހަރު އަހަމުން ގެންދިޔައިން. ކުޅުދުއްފުށީގައި އަޅުގަނޑުމެންނަށް މިއަޑު އެހުމަށް ނުވަތަ ކުޅުދުއްފުށީގައި އަޅުގަނޑުމެންނަށް އިޞްލާޙީ މަސައްކަތްތައް ކުރުމަށް އެންމެ ބޮޑަށް އެހީތެރިވެދެއްވީ ދެފަރާތް. އެއީ މިއަދު އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ކެންޑިޑޭޓުންގެ ގޮތުގައި މަޖިލީހަށް ކުރިމަތިލައްވާ ދެބޭފުޅުން. އާދަމް ވަޙީދާއި، ޢާދިލް. އަޅުގަނޑު މިދެބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން.

އަޅުގަނޑަކަށެއް ނޭނގެ، ތިޔަބޭފުޅުން މިކަންކަން ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށް ކަމެއް. އަޅުގަނޑަށް އެނގޭ އެއްޗަކީ، ވަގުތުގެ އަޖަލުގައި އަޅުގަނޑުމެން މިހެން ޖެހި ތިބޭއިރު، ފަހަރުގައި މިއަދު މިވާ ކަންކަން އަޅުގަނޑުމެންގެ ހިތްތަކުގައި އެ ދަރަޖައަށް ބިންވަޅު ނުނެގިދާނެ. އަޅުގަނޑުމެންނަށް އެކަމުގެ މުހިންމުކަން، ވަމުންދާ ކަންތަކުގެ ޞަރީޙަކަން މުޅިން ސާފުނުވެދާނެ. އަޅުގަނޑަށް އެނގޭ އެއްޗަކީ މިއަދު އަޅުގަނޑުމެންނަށް އެކަންކަން ސާފުނުވިޔަސްވެ، މިއަދު މިހިނގާ ކަންކަން އަދި މިދިޔަ ހަތަރު އަހަރު ދުވަހު ހިނގި ކަންކަން ދިވެހި ތާޜީޚު ވަރަށް ރަނގަޅަށް ހެކިދޭނޭ. އާދަމް ވަޙީދު ހުންނެވީ މިރަށުގައި. ޢާދިލް ހުންނެވީ ހދ. ގެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރެއްގެ ގޮތުގައި މާލޭގައި. އަޅުގަނޑުމެންނަށް މިރަށުގައި އަޅުގަނޑުމެން ކުރަން މިއުޅޭ ކަމުގެ މަޢްލޫމާތު ހަމަ އެއްގޮތަކަށްވެސް ނުދެވި ވަނިކޮށް، ނުހަނު ހިތްވަރާ އެކީގައި ގާތްގަނޑަކަށް އެކަނިމާއެކަނިހެން އާދަމް ވަޙީދު އަޅުގަނޑުމެންގެ އިޞްލާޙީ މަސައްކަތް މިރަށުގައި ފަށައިގެންފި. އެދުވަހުއްސުރެ ފެށިގެން އަޅުގަނޑު ދަންނަވާނީ، ކުޅުދުއްފުށި އައީ އެއްވާނެއްގައި، އެއްބާރުމިނެއްގައި، މަޑުމަޑުން މަޑުމަޑުން އެހެންނަމަވެސް، ހަމަގައިމުވެސް އިޞްލާޙަށް އެ ދިމާއަށް އެ މިޞްރާބަށް އެނބުރެމުންނޭ، އެ މިޞްރާބަށް ދަތުރުކުރަމުންނޭ. އަޅުގަނޑުމެން އެންމެ ފުރަތަމަ ދުވަހު މިރަށަށް އައިސް، އަޅުގަނޑުމެންގެ މަޤްޞަދު، އަދި ކުރަން މިއުޅޭ ކަންތަކުގެ ވާހަކަ މިރަށު ރައްޔިތުންނާ ދެއްކި ދުވަހާއި، ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުން ވޯޓުދެއްވި ގޮތާ، އެ އިންތިޚާބުގެ ނަތީޖާއާ ހާސްބައި ތަފާތު. މިހުރިހާ މަސައްކަތެއްގެ މުގުލުގައި އަޅުގަނޑަށްވެސް އެނގޭ މިރަށު ވަރަށްގިނަ ބޭފުޅުން ތިއްބެވިކަން. އެހެން ނަމަވެސް، މިދަންނަވާ ދެބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މިރޭ ޝުކުރު ދަންނަވަން ބޭނުން. އެ ޝުކުރުގައި ކުޅުދުއްފުށީގެ ޒުވާން ހީވާގި އަދި ހަރު އެތައް ބައެއް ބައިވެރިވިކަމީ، އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމެއް. އަޅުގަނޑަކަށެއް ނޭނގެ، މިރޭ އަޅުގަނޑު މިތަނުގައި ނަން ކިޔަން ފަށައިފިނަމަ، ދެން ވަކި އެލިސްޓްގެވެސް ހުއްޓޭނެ ހިސާބެއް.

ކުޅުދުއްފުށީ ރައްޔިތުން މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ޚާއްޞަ ގޮތެއްގައި ވެފައި މިވަނީ އަޅުގަނޑުމެންގެ ހިތްތައް ދަމައިގެން ބަޔަކަށް. ހަމަގައިމުވެސް، އަޅުގަނޑުގެ ހިތް ކުޅުދުއްފުށީ ރައްޔިތުން ގެންދިޔަ. ގެންގޮސްފި. އަޅުގަނޑަށް ކުޅުދުއްފުށި ދޫކޮށް، ކުޅުދުއްފުށްޓާ ނުލައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މި ރާއްޖޭގެ ތަރައްޤީ މިނާކަށް ދެނެއް ނޭނގޭނެ. ކުޅުދުއްފުށި އެއީ މައިގަނޑު ބޮޑު މަރްކަޒެއްގެ ގޮތުގައި ބަލައިގެން ނޫނިއްޔާ، މުޅި ރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އެސަބަބަށްޓަކައި އަދި ކުޅުދުއްފުށްޓަކައި އަޅުގަނޑުމެންނަށް މި ސަރުކާރުގައިވީ މަސައްކަތެއް އަޅުގަނޑުމެން ކުޅުދުއްފުށްޓަށް ކޮށްދޭނަން.

މިރަށުގެ ރައްޔިތުން ބޭނުންވަނީ ކޮންކޮން ކަންތައްތަކެއްތޯ އަޅުގަނޑު ބަލައިލާއިރުގައި، އާދަމް ވަޙީދު އަބަދުވެސް އަޅުގަނޑަށް ގުޅާފައި، ޢާދިލްވެސް އަޅުގަނޑު ގާތުގައި އަދި އެހެންވެސް ކުޅުދުއްފުށީ މީހުންވެސް އަދި އަޅުގަނޑު މިރަށަށް އަންނައިރުވެސް ބުނާނެ ބާވަތް ބާވަތުގެ ވާހަކަ. ބައެއްފަހަރަށް ޗަކަބިމަށް ވެލިއެޅުން. ނުވަތަ ގެއެއްގެ ކަން ވަށްކޮށްދިނުން ނުވަތަ ރުކެއްގެ ހަތަރު ފަން ކަނޑާލުން. މިކަންކަން އަޅުގަނޑުމެންނަށް ކޮށްދެވޭނެ. މިސާލަކަށް މިތަނުގެ ޗަކަބިމަށް ވެލިއެޅުން. އެއީ، ހަމަ އަޅުގަނޑުމެންނަށް ދެތިން ލޮރީއެއް މާދަމާ ފޮނުވައިގެންވެސް ކޮށް ނިންމާލެވިދާނެ ކަމެއް. ސަރުކާރަކަށް އެއްވެސް ހާލެއްގައި ނުކުރެވޭނެވަރުގެ ކަމެއް ނޫން. އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުން. އެއީ އަޅުގަނޑުމެން ކޮށްދޭނެ ކަމެކޭ.

އަޅުގަނޑު އެއަށްވުރެ ބޮޑަށް ފާހަގަކުރަން ބޭނުންވަނީ، ތިޔަބޭފުޅުންގެ އަރިހުގައި އާދޭހާއެކު ދަންނަވަން ބޭނުންވަނީ، ކަމެއް ކުރާންވީމާ، ސީދާ އެކަން ކުރާން އުޅެގަތީމާ، އެކުރާ ކަންތައް ދެމެހެއްޓެނިވި ގޮތެއްގައެއް ނުހުރެއޭ. އަޅުގަނޑަށް ވަރަށް ރަނގަޅު މިސާލެއް މިއަދު މޮޅަދޫން ފެނިއްޖެ. މޮޅަދޫ ރައްޔިތުން އަޅުގަނޑު ގާތުގައި ބުނީ، އެމީހުން އެންމެ ބޮޑަށް އެދެނީ، އެމީހުންގެ މަދަރުސާގެ ފެންވަރު ރަނގަޅު ކުރުމަށޭ. އެހެން ބުނިއިރު އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ، މޮޅަދޫ މަދަރުސާއަށް ހަމަ ސަރުކާރުން އެބާވަތުގެ އެހެން މަދަރުސާއަކަށް ޚަރަދުކުރާ މިންވަރަށް އަދި އެހެން ބަސްތަކަކުން ދަންނަވަނީނަމަ، ކޮންމެ ކުއްޖަކަށް ކޮންމެ މަހެއްގެ މައްޗަށް އެއްހާސް ދުއިސައްތަ ފަންސާސް ރުފިޔާ މޮޅަދޫގައިވެސް ސަރުކާރުން ޚަރަދު ކުރޭ. އެކަމަކު މޮޅަދޫގެ މަދަރުސާ ވަރަށްދެރަ. އެއްގޮތަކަށްވެސް އެމަދަރުސާ ރަނގަޅުވާ ގޮތެއްނުވޭ. އަޅުގަނޑަށް އެނގޭ ވާގޮތް. ވާގޮތަކީ މޮޅަދޫ ރައްޔިތުން އެބޭފުޅުންގެ އިންޖީނުގެ ރަނގަޅު ކުރުމަށްޓަކައި ނުވަތަ އިންޖީނުގެއިން ރަނގަޅު ފައިދާއެއް ހޯދައި، ރަނގަޅަށް އިންޖީނުގެ ހިންގުމަށްޓަކައި މަދަރުސާއަށް ޗާޖް އެބަކުރޭ ޔުނިޓަކަށް -/35 ރުފިޔާ. ދެން މުޅި މަދަރުސާގެ ބަޖެޓު މިދަނީ ކަރަންޓް ބިލަށް. އަޅުގަނޑަށް މިބާވަތުގެ އެހެން ރަށަކާވެސް ދިމާވި. ތޮއްޑޫ. ތޮއްޑޫގައިވެސް މުޅި މަދަރުސާގެ ބަޖެޓް މި ޚަރަދުވަނީ ކަރަންޓް ބިލަށް. ދެން އެހެންވީމާ، އަޅުގަނޑުމެން މޮޅަދޫގެ މަދަރުސާ ރަނގަޅު ކުރާން އުޅުނަކަސް އަދި އެކަމެއް ނުވާނެ. މޮޅަދޫގެ މަދަރުސާ ރަނގަޅުވާނީ، މޮޅަދޫގެ ކަރަންޓް ރަނގަޅު ކުރެވިގެން. އެހެންވީމާ، މޮޅަދުއަށް ކަމެއް ކުރަންޏާ، ސަރުކާރުން ކޮށްދޭންވީ ކަމަކީ، ތަޢްލީމު ރަނގަޅު ކުރުމަށްޓަކައި ކަރަންޓްގެ ޚިދްމަތް ރަނގަޅުކުރަންވީ.

ގިނަ ކަންކަން ހުންނަނީ އެއްކަމާ އަނެއްކަމާ ވަރަށް ބޮޑަށް ގުޅިފައި. އެއްވެސް ކަމެއް ކުރަންވެގެން އަޅުގަނޑުމެން އުޅެގަންނައިރުގައި، ސީދާ ލޮލަށް ފެންނާން ހުންނަ ކަންތައް ކޮށްގެނެއް، އެކަން އެއީ، ދެމެހެއްޓެނިވި ގޮތުގައިވާ ކަމަކަށެއްނުވޭ. ކަމެއް ރަނގަޅަށް މިކުރެވެނީ، އެކުރާން ބޭނުންވާ ކަންތައް ފުރިހަމަވާނެ އަނެއް ކަންތައް ކުރަމުން ކުރަމުން ގޮސް، ކުރާން ބޭނުންވާ ކަންތައްވީމާ، ދެން އެކަންތައް ހުންނާނީ އަބަދަށްވޭވޭ. އެއަށް އަޅުގަނޑުމެން މިކިޔަނީ، ދެމެހެއްޓެނިވި ގޮތުގައި ކަންކަން ކުރުމޭ. އަޅުގަނޑަށްވެސް ތިޔަބޭފުޅުންނަށް އެކި ބާވަތް ބާވަތުގެ ވާހަކަތަކާއި، އެކި ބާވަތްބާވަތުގެ ދަޅަތައް ދެއްކުމުގައި ގިނައިރުތަކެއް ވެވިދާނެ. ތިޔަބޭފުޅުން މިވަގުތު ބޭފުޅަކު މިވަގުތު އެންމެ ބޭނުން އެއްޗަކީ ދޮންކެޔޮވަކެއް ކަމަށްވެސް ވެދާނެ. އެހެންނަމަވެސް، ވެރިއެއްގެ ގޮތުގައި އަޅުގަނޑު ތިޔަބޭފުޅުންނަށް ރަނގަޅަށް ކަމެއް ކޮށްދޭން ބެލިޔަސް، މިވަގުތު ތިޔަބޭފުޅުންނަށް ދޮންކެޔޮވަކެއް ދީފިއްޔާ، އެ ވާނީ އަޅުގަނޑު ގޯސްކޮށް ކަމެއް ކުރި ކަމަށް. އެއާ ޚިލާފަށް ދޮންކެޔޮ ނިރެއް ޖަހައި، ދޮންކެޔޮ ގަނޑެއް ހެއްދޭނެ ގޮތް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހަދައިދެވިއްޖިއްޔާ، އޭރުން އަބަދަށް ކެޔޮ ކައިކައި ތިބެވޭނެ.

އަޅުގަނޑުމެން ކަންކަމާ ގުޅޭގޮތުން ފުންކޮށް ވިސްނަން އެބަޖެހޭ. އަޅުގަނޑުމެންގެ ސިޔާސީ ކާމިޔާބުގެ އެންމެބޮޑު ސިއްރަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން އަދި ފަޚްރުވެރިކަމާއެކު މިވާހަކަ ޢާންމުކޮށް ދައްކައި އުޅެން. ހަކުޅި ކުރިއަށް އަޅުގަނޑުމެން ވިސްނާތީ. އަޅުގަނޑުމެން އެއަށްވުރެ ކުރުކޮށް ކަމަކާ ގުޅޭގޮތުން ވިސްނައިގެން، ކަމެއް ކުރަން އުޅެންޏާ އަބަދުވެސް ހުންނާނީ އަރާނެ ގެ ހުސްވެފައި. ސައިވެފައި. ބެރިންމަދޫ މީހުން ހޯރަފުށްޓަށް ބަދަލުކުރީ. ހަމަ އަޅުގަނޑު އިހަކަށް ދުވަހަކު ގެމަނަފުށްޓަށް ދިޔައިރުގައި، ގެމަނަފުށްޓަށް އެބަ ބަދަލުކުރޭ އެތާ ކައިރީގައި އޮތް އެހެން ރަށެއްގެ މީހުން. ބެރިންމަދޫ މީހުން ހޯރަފުށްޓަށް ބަދަލުކުރިއިރުގައި، އެޅީ ހަމައެކަނި ގެ. ހޯރަފުށީ މަދަރުސާއަކު ނެތް ބެރިންމަދޫ ކުދިންނަށް ތަނެއް. ހޯރަފުށީ ހެލްތް ސެންޓަރެއްގައެއް ނެތް ބެރިންމަދުއަށް ބޭނުންވާނެ ބޭހެއް. ހޯރަފުށީ ނަރުދަމާއެއް ނެތް ބެރިންމަދޫ ސަރަޙައްދަކާ ގުޅިފައެއް. ހޯރަފުށީ މިސްކިތެއްގައެއް ނެތް ބެރިންމަދޫ މީހުން އަރާނެ ތަނެއް. ދެން ބެރިންމަދޫ މީހުން ގެނެސް ހޯރަފުށީގައި ގެތަކެއް އަޅާފައި ބޭތިއްބިއެއްކަމަކު، އޭގެން ބެރިންމަދޫ މީހުންނަކަށްވެސް އަދި ހޯރަފުށީ މީހުންނަކަށްވެސް ރަނގަޅެއްނުވޭ. ކަމެއް ރަނގަޅަށް ކުރަންޏާ، އެކަމެއް ދުރަށް ވިސްނާފައި ކުރަންޖެހޭނީ.

އަޅުގަނޑުމެން ކުޅުދުއްފުށީގެ ޗާޓާއި އަދި މިސަރަޙައްދުގެ ޗާޓް އަތުރައިގެން ތިބޭތާ އަޅުގަނޑު ހިތުން ކުޅުދުއްފުށީގެ ބައެއް ބޭފުޅުންނަށް މިކަން ހަމަ ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. ދުވަސްތަކެއްވެއްޖެ. އަޅުގަނޑުމެންނަށް އެބަވިސްނޭ. އަޅުގަނޑުމެންގެ އުންމީދެއް އެބައޮތް ކުޅުދުއްފުށްޓާ ގުޅޭ. މިހާރު އެ ކުރިއަށް އެދާ ބަނދަރު ހެދުމުގެ ފޭސް 1 ހަމަ ނިމުމާއެކީގައި، އެ ނުނިމެނީސްވެސް، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ 2 އާއި 3 އާ ހަމައެކީގައި ގެންގޮސް ނިންމަން. އިރާދަކުރެއްވިއްޔާ، އެބައި ހިއްކުމާއި، އެ ބަނދަރު ކުރިއަށް ހެދުމާއި، މިހުރިހާ މަސައްކަތެއް އެކީގައި އަޅުގަނޑުމެން ކުރިއަށް ގެންދެވޭތޯ ބަލާނަން. އަދި އޭގެއިތުރުން، މި މަގުތައް ހެދުމާއި، ދެން އަދި އެކިޔުނު ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވޭނެ. އެކަންކަން ކުރުމަށް ހަމައެކަނި މި ސަރުކާރު ދެމިއޮންނަނީ އެންމެ ސަބަބަކަށްޓަކައި. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދު ފުއްދުމަށްޓަކައި.

އެކަން ކުރުމަށް ހަމައެކަނި ބޭނުންވަނީ ހަކުޅި ކުރިއަށް އަޅުގަނޑުމެން ވިސްނުމެއް ނޫން. އަދި ހަމައެކަނި ބޭނުންވަނީ ފައިސާ ލިބޭނެ މަގުތަކާއި ގޮތްތައް އަޅުގަނޑުމެން ފަހިކުރުމެއް ނޫން. ހަމައެއާއެކީގައި، މި އާ ޤާނޫނުއަސާސީ ތަންފީޒު ކުރުން ވަރަށް މުހިންމު. އެ ޤާނޫނުއަސާސީ ތަންފީޒު ކުރުމަށްޓަކައި އަދި އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށްޓަކައި 64 ޤާނޫނު އެބަ ބޭނުންވޭ. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން، އެއްވެސް ކަމެއް ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ނޫނިއްޔާ ހިންގާކަށް. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން. ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި، ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލައި ހަމަ އެއްކަމެއްވެސް ހިންގާކަށް. އަޅުގަނޑަށް ވަރަށް އުނދަގޫ ގަބޫލު ކުރަން، މި 64 ޤާނޫނު ހެދުމުގައި، މިދިޔަ ދިގު 30 އަހަރު، ހަމަ އެއްކަމެއްވިޔަނުދީ، އެއްވެސް ޤާނޫނެއް ހެދުމަށް، ހުރިހާ ޤާނޫނެއް ހެދުމަށްވެސް ހުރަސް އަޅުއްވަމުން ގެންދެވި ބޭފުޅުން، މިއަދު އަރުވާޖަހައި އަޅުގަނޑުމެންނާއެކީގައި މި 64 ޤާނޫނު ހައްދަވަން އުޅުއްވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރަން ވަރަށްދަތި. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ.

އަޅުގަނޑަށް މިކަން އެންމެ ސާފުކޮށް ފެނުނީ، ލާމަރްކަޒީ އުޞޫލުން ކަންކަން ހިންގުމޭ އެންމެ ރަނގަޅީ، މި ވާހަކައެއް އަޅުގަނޑުމެން އަޑުއަހަނީ، އަޅުގަނޑުމެން ފުރާވަރަށް އެރީއްސުރެ. މި ލާމަރްކަޒީ ނަންވެސް އަޅުގަނޑު ފުރަތަމަ އަޑުއެހީ، ހަނދާންވާ ގޮތުގައި 1986 ވަނަ އަހަރުގެ ޖުލައި 26 އެއްގައި، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވި، ލާމަރްކަޒީ އުޞޫލުން ހިންގުމަށްޓަކައި މާފިލާފުށްޓާއި ހަނިމާދުއާއި އަދި ލ. އަތޮޅު ރަށަކާ ކަނޑައަޅައި، އެރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަވާ ވާހަކަ. އޭރުއްސުރެ އަޅުގަނޑުމެން އެ ލާ މަރްކަޒުވާ ވާހަކަ އަޑުއަހަމުން މިއަންނަނީ. ވިހިވިހީގެ ތަޞައްވުރުގައިވެސް އޮތީ އެވާހަކަ. އަދި ޤާނޫނުއަސާސީގެ ބާބެއް އެކުގައިވެސް ހަމަ އޮތީ މިވާހަކަ. އަޅުގަނޑުމެންގެ ސިޔާސަތުގައި، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ބޮޑު އަކުރުން އަޅުގަނޑުމެން އެންމެ މަތީގައި ލިޔުނީވެސް އެވާހަކަ. ދެން މިކަމާ ގުޅޭ ޤާނޫނު ހެދުމަށް، ބިލެއް އެކުލަވާލައި މަޖިލީހަށް އެ ބިލް ފޮނުވީމާ ވީގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ޑީ.އާރު.ޕީ.ގެ އެއްވެސް ބޭފުޅެއް ވޯޓެއް ނުދެއްވި. އެންމެ ވޯޓަކުން ކިރިޔާ، އެންމެ ވޯޓަކުން އަޅުގަނޑުމެންނަށް އެބިލް އެތެރެކުރެވުނީ. އަޅުގަނޑަށް ހަމަ ވަރަށްދަތި ގަބޫލުކުރަން. އަޅުގަނޑުމެން މިވިސްނާ ވިސްނުން، އެހެން ބޭފުޅުން ނުވެސް ވިސްނަވާނެ. އެބޭފުޅުންގެ ވިސްނުން ހުއްޓިފައި އެހުރީ މާޒީ ފޮރުވުމަށް. އަޅުގަނޑުމެންގެ އުންމީދަކީ، ބޭނުމަކީ މުސްތަޤްބަލް ހޯދުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީވެސް މިއަދަށްވުރެ ފާގަތި ފޮނި މާދަމައެއް އަޅުގަނޑުމެން ހޯދުމަށް.

މިކަންކަން ކުރުމަށް ކުޅުދުއްފުށީ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ ހަމަ އެންމެ ކަމަކަށް. ހަމަ އެންމެ ކަމަކަށް. އަޅުގަނޑުމެންނާއެކީގައި ތިޔަބޭފުޅުންވެސް މި އުންމީދު ކުރެއްވުން ހުއްޓަވާނުލައްވާށޭ. މާޔޫސްވެނުލައްވާށޭ. އަޅުގަނޑަށްވެސް އެނގޭ، ދަތިކަން. އަޅުގަނޑަށްވެސް އެނގޭ ގޭތެރެވެސް ދަތިކަން. އާމްދަނީވެސް ދަތިކަން. އަދި ކުރަންހުރި ބައިވަރު މަސައްކަތްވެސް އެބަހުރިކަން. ދަރިންނަށް ކިޔަވައިވެސް އެބަދޭންޖެހޭކަން. މަންމަ އޮތީ ބަލިވެކަން. އަޅުގަނޑަށްވެސް އެނގޭ ހުރި އެތައް އެތައް ތާށްޓެއް. އެހެންނަމަވެސް، ނާއުންމީދު ނުވާށޭ. އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މިއެދޭ ބަދަލު ތިޔަބޭފުޅުންނާ އެކީގައި ގެނެވޭނެއޭ.

މިއަދު އެއްވެސް ހާލެއްގައި ކުޅުދުއްފުށީ ރައްޔިތުންނަކަށް ނުބުނެވޭނެ. އަޅުގަނޑު ހިތުން އިންޞާފަށް ބުނުއްވަންޏަކާއެއް، މި ސަރުކާރުން ކުޅުދުއްފުށްޓަށް އެއްކަމެއްވެސް ނުކުރެއެކޭ. އަޅުގަނޑު މިތަނުގައި ކުރާ އެންމެ މުހިންމު ކަންތައް އެއީ، ލާމަރްކަޒީ އުޞޫލުން ހިންގުން. އެކަން ކުރުމުގެ މައި މަރްކަޒަކަށް ކަނޑައަޅާފައި މިއޮތީ ކުޅުދުއްފުށި. ކުޅުދުއްފުށްޓަށް އޭގެ ސަބަބުން ވަޒީފާ އިތުރުވެގެންދޭ. ކުޅުދުއްފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތް ސަރުކާރުން މިހާރު މިގެންދަނީ ހިންގަމުން. ކުޅުދުއްފުށީގެ މަގުތަކުގެ މަސައްކަތް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިފަށަނީ. ކުޅުދުއްފުށީގެ ބަނދަރާއި، ކުޅުދުއްފުށީގެ ގެދޮރުގެ ކަންތައް އަޅުގަނޑުމެން މި ކުރިއަށް ގެންދަނީ. ކުޅުދުއްފުށީގައި ޑްރަގްގެ ކަންތައް ހައްދުންނެއްޓިޔަ ނުދިނުމަށް ޚާއްޞަ ގޮތެއްގައި ބަލައިދިނުމަށް އަޅުގަނޑު ފުލުސް އޮފީހުގައި އެދިފައި އޮންނާނެ. އަދި އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، ފުލުސް އޮފީހުންދަނީ އެކަންވެސް ބަލަމުން. މިރަށަށް މަސްތުވާތަކެތި އަރުވާ މިންވަރާއި، އެތަކެތި ހިފަހައްޓާ ހިފެހެއްޓުމާ، އެކަންވެސް އަޅުގަނޑުމެން މިދަނީ ކުރަމުން. ދެން އަޅުގަނޑުމެން އޭގެއިތުރަށް ކުރަން ބޭނުންވަނީ، އެ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި ތިބި ކުދިންނަށް ގޮތެއް ހޯދައިދިނުން. އެމީހުންނަށް ފަރުވާއެއް ދިނުން. އަދި އެމީހުންނަށް ވަޒީފާއެއްވެސް ހޯދައިދިނުން. ރަށު އޮފީހުގައި މިހާރު އޮންނާނެ، ވޮކޭޝަނަލް ޓްރޭނިންގ، އެއީ އޭގެ ޕްރޮގްރާމެއް ޓިވެޓް ޕްރޮގްރާމެއް ހިންގުމަށް ޖަމްޢިއްޔާތަކުގައި އެދިފައި. ޖަމްޢިއްޔާތަކުގައި އަޅުގަނޑުމެންނަށް ކޮށްދެއްވަންވީ ކަމަކީ، ސަރުކާރާ ގުޅިގެން، ވަޒީފާ ނެތް ކުދިންނަށް ތަމްރީނެއްދީ، އަދި އެކުދިން ވަޒީފާއަކަށް ނެރެދޭންވީ. ހައެއްކަ މަސްދުވަހުގެ ތަމްރީނަކަށްފަހު، އަޅުގަނޑުމެން މިބަލަނީ ގިނަ ކުދިންނަށް ކޮންމެވެސް ވަޒީފާއަކަށް ނުކުމެވޭނެ ކަމަށް.

އަޅުގަނޑުމެން ކުޅުދުއްފުށީގައި މެރިޓައިމް ޓްރޭނިންގ ސެންޓަރެއް ނުވަތަ ބޯޓްދަތުރު ކުރުމުގެ ތަމްރީނުދޭ ސެންޓަރެއް ޤާއިމު ކުރުމުގެ ވިސްނުން އަބަދުވެސް ގެންގުޅެން. އަޅުގަނޑު މި ވިސްނަނީކީއެއް އޭބީ އަކަށް ވުމަކަށެއް ނޫން ތިޔަބޭފުޅުން. އަދި ޑެކް ކްރޫއަކަށް ވުމަކަށެއްވެސް ނޫން. އަޅުގަނޑުމެން މިއެދެނީ، އޮފިސަރުންނަށްވުމަށް. އަޅުގަނޑުމެން ބޭނުމީވެސް ކުޅުދުއްފުށީ ދަރިވަރުންނަށް، އޮފިސަރ ޓްރޭނިންގ މިރަށުގައި ދެވޭގޮތްވުން. 50 އޮފިސަރުން ބޯޓްފަހަރުގައި މަސައްކަތް ކުރުން އެއީ، 4 ރިޒޯޓަށްވުރެ ރާއްޖެއަށް ބޭރުފައިސާ ގިނައިން ވަންނަ ކަމެއް. ކުޅުދުއްފުށީ 50 އޮފިސަރުން އަޅުގަނޑުމެންނަށް އުފެއްދިއްޖިއްޔާ، ކުޅުދުއްފުށްޓަށް 4 ރިޒޯޓުން ފައިސާ ވަންނަވަރަށް، އިރާދަކުރެއްވިއްޔާ ކުޅުދުއްފުށްޓަށް ފައިސާ ވަންނާނެ. އަޅުގަނޑުމެން އެމަސައްކަތް ކުރުން ހުއްޓައެއްނުލާނަން. އިރާދަކުރެއްވިއްޔާ، އެކަންވެސް އަޅުގަނޑު ވޭތޯ ބަލައި އަޅުގަނޑުމެންނަށްވާނެ. އަޅުގަނޑުމެންގެ ޢަޒުމަކަށް، އަމާޒަކަށް، ހިތްވަރަކަށް ގުޑުމެއް ނާންނާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިތިބި މަގުގައި އަޅުގަނޑުމެން ތިބޭނަން.

މި އެންމެ ކަންކަން ކުރުމަށް އަޅުގަނޑުގެ ނަޒަރުގައި އަދި މާ މުހިންމު ކަމެއް ބޭނުންވޭ. އެއީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން. ތިޔަބޭފުޅުން، ޚާއްޞަކޮށް ކުޅުދުއްފުށީ ރައްޔިތުން އަޅުގަނޑަށް ފާޑުވެސް ކިޔުއްވަންވީ. މަލާމާތްވެސް ކުރައްވަންވީ. ހަޖޫވެސް ޖައްސަވަންވީ. އަޅުގަނޑު ރުޅިއެއް ނާންނާނެ. އަޅުގަނޑަށް ވިސްނޭނެ. އަޅުގަނޑަށް އެނގޭ، ދަތްފަޅާއިރު ތަދުވާނެކަން. ޑިމޮކްރަސީ މިއަންނަނީ އަޅުގަނޑުމެންނަށް އަލަށް. އަންނައިރުގައި ބައެއްފަހަރަށް ޗާޓުން ބޭރަށް ބައެއް ބޭފުޅުން ނުކުންނަވާނެ. އަޅުގަނޑުމެން، އެމީހުން ފަހާ ދުވެގެނެއް އަޅުގަނޑުމެންނަކަށް މި ޑިމޮކްރަސީއެއް، މި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް މިރާއްޖެއަކު އަށައެއްނުގެންނެވޭނެ. އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ، އަޅުގަނޑުމެންނާ ދިމާއަށް އަޅުގަނޑުމެންނާ ނިސްބަތްކޮށް ދައްކާ ވާހަކަތައް އަޅުގަނޑުމެންނަށް ހަޖަމު ކުރެވިގެން. ދެން ކޮންމެ ދެދުވަހުން އެއްދުވަހަކު އަޅުގަނޑު މީހުންގެ މައްޗަށް އަބުރުގެ ދަޢުވާކޮށް، އަނެއް ދަޢުވާއެއްކޮށްމ މިބާވަތުގެ ކަންކަން ކުރަމުން ދިޔައީމަކާ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށް މި ރާއްޖެއަކަށް ނުގެނެވޭނެ.

އަޅުގަނޑު ހަމަ ވަރަށް އުފަލާ އެކީގައި ކުޅުދުއްފުށީ ރައްޔިތުންގެ ކިބައިން އަނެއްކާވެސް ހަމަ ތަކުރާރުކޮށް އެދެނީ، އަޅުގަނޑުމެންނާ އެކީގައި މިދަތުރުގައި ބައިވެރިވެލައްވާށޭ. ބާކީވެނުލައްވާށޭ. އެއްކައިރިވެނުލައްވާށޭ. ހަވާސާގައި ނުތިއްބަވާށޭ. މިކަން އަޅުގަނޑުމެންނަށް އެންމެން އެކީގައި ވާން އެބައޮތޭ. ކުޅުދުއްފުށީ މީހުންނާއެކީގައި މި ރާއްޖޭގައި ނުކުރެވޭނެ ކަންތައް ވަރަށްމަދުވާނެ. ކެރޭ ބައެއް. ހިތްވަރުހުރި ބައެއް. ކަން ވާނެ ބައެއް. އެހެންވީމާ، އެމީހުންނާ އެކީގައި ކުރަންވެގެން އެމީހުން ގާތުގައި އަޅުގަނޑު ކޮންމެ ދުވަހަކުވެސް މިއެދެނީ. މިހާތަނަށް ކުޅުދުއްފުށީ ރައްޔިތުން އަޅުގަނޑުމެން ބުނިއްޔާ ބުނިހާ ކަމެއް، އަޅުގަނޑުމެން ބުނިގޮތަށް ކޮށްދެމުން އައިސްފައި ހުރީ. ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑަށް ހަމަ ޔަޤީން، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިއެދޭ ކަންކަން ކުރުމުގައި އަޅުގަނޑުމެންނާއެކީގައި ބައިވެރިވެލައްވާނެ ކަމަށް.

އަޅުގަނޑުގެ އުންމީދަކީ، މާދަމައަކީ އަދި މިއަށްވުރެ އުފާވެރި ފާގަތި ދުވަހަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

اَلحَمْـدُ لِلّـهِ. والســّلام عليــكم. ވަރަށްބޮޑަށް ޝުކުރިއްޔާ!