11 ޖުމާދަލްއޫލާ 1430 (ބުދަވިލޭރޭ) – 5 މެއި 2009 (އަންގާރަ ދުވަހުގެރޭ)
ހއ. އަތޮޅު ތަޢްލީމީ މަރްކަޒު – ހއ. ދިއްދޫ ގަޑި: އިރުއޮއްސި 6.30




بســم اللّـه الرّحمـن الرّحيــم


ދިއްދޫގެ ލޮބުވެތި ރައްޔިތުން:
السّـلام عليـكم

އަޅުގަނޑު ދިއްދުއަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުވުމަށް ލިބޭ ކޮންމެ ފުރްޞަތަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެންގެ އިޞްލާޙީ މަސައްކަތުގައި ދިއްދޫގެ ރައްޔިތުންނާއި، އަދި މި ތިލަދުންމަތީ އުތުރުބުރީ ގިނަ ރަށްރަށުގެ ބައިވަރު ރައްޔިތުން، ޚާއްޞަކޮށް ދިއްދޫ ރައްޔިތުން، ނުހަނު ސާބިތުކަމާއެކީގައި ބުރަ މަސައްކަތްތަކެއް ކޮށްފައިވޭ. މި ރާއްޖޭގެ ވެރިކަން ހެޔޮގޮތުގައި ކުރުމަށް ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް އެދި ތިބިކަން އެންމެ ފުރަތަމައިނުން ވަހުމްވާންފެށި، ނުވަތަ އިޙްސާސްވާން ފެށި ރައްޔިތުންގެ ތެރޭގައި ދިއްދޫ ރައްޔިތުން ހަމަ ތިބިކަން އަޅުގަނޑަށް ޔަޤީން. އެކަން ސާބިތުވެގެންދިޔައީ، އަޅުގަނޑުމެންގެ ޕާޓީ ބިނާކުރުމުގައާއި އަދި އިޞްލާޙީ މަސައްކަތްތަކުގައި މިރަށު ރައްޔިތުން ނުހަނު ބުރަ މަސައްކަތްތަކެއް ކޮށްފައިވާތީވެ. އަޅުގަނޑު މިރަށު ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

މި ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، މަދަރުސާއިން ގްރޭޑް 10 ނިމޭ ކޮންމެ ސަތޭކަ ކުއްޖަކުން މަދުވެގެން ފަސްދޮޅަސް ކުދިން "ސީ" ފާހާ އެކީގައި ނުކުމެވޭނެ ގޮތަކަށް ތަޢްލީމީ ނިޒާމު ބައްޓަން ކުރުން. އެކަން ކުރުމަށް އަޅުގަނޑުމެންނަށް ފެނުނީ، މައިގަނޑު ދެކަމެއް އެބަ ހިންގަންޖެހެއޭ. އޭގެތެރޭގައި އެއްކަމަކީ އެއްދަންފަޅިއަށް މަދަރުސާތައް ހެދުން ނުވަތަ ރަނގަޅު މަދަރުސާއެއް ބިނާކުރުން. ރަނގަޅު މަދަރުސާއެއް އުފެއްދުން. ހަމައެއާއެކީގައި ރަނގަޅު ޓީޗަރުން އުފެއްދުމަކީވެސް ވަރަށް މުހިންމު ކަމެއް. މިދެކަންތައް އެކުވެގެން ނޫނިއްޔާ، އަޅުގަނޑުމެން މި އެދޭ ނަތީޖާ ނުނުކުންނާނެ. އަދި މިދެކަންތައް ހަމައެކަނި އެކުވިޔަސް، މައިންބަފައިންގެ އެއްބާރުލުން އެއީ، މިހާރުވެސް ހަމަ ލިބެމުންދާ ކަމެއް. އެހެންވެގެން އަޅުގަނޑު އެކަމަށް މުހިންމުކޮށް އިޝާރާތް ނުކުރީ. ރާއްޖޭގެ ގިނަ ރައްޔިތުންނަކީ، އެމީހުންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ލިބުމަށް އެދޭ ބައެއް. ދިއްދޫ ރައްޔިތުންނަކީ އަދި ޚާއްޞަކޮށް އެކަމަށް ފެންބޮވާފައި ތިބި ބައެއް. އެހެންވީމާ، އަޅުގަނޑުމެންނަށް އަބަދުވެސް ފަސޭހަ، ދިއްދޫ ރައްޔިތުންނާއެކީގައި މިކަންކަން ކުރުމަށް. އެމަސައްކަތްތައް ހިންގުމަށް.
ތަޢްލީމީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މިދިޔަ ދެތިން މަހެއްގެ ތެރޭގައި މި ސަރުކާރުން ބައިނަލްއަޤްވާމީ ވަރަށްގިނަ ފަރާތްތަކާ ވާހަކަ ދައްކާ ހަދައިފިން. އިރާދަކުރައްވައިގެން އަޅުގަނޑުމެންގެ ނަޞީބުން އަޅުގަނޑުމެންނަށް އެހީތެރިވެދޭނެ ވަރަށްގިނަ ޤައުމުތައް އެބަތިބި. އަޅުގަނޑަށް މިރަށުގެ ސްކޫލް އެއްދަންފަޅިއަށް ބަދަލުކޮށް އަދި ތިޔަބޭފުޅުން ތިޔަ އެދިލައްވާ ސަރއާ އެކީގައި އެމަސައްކަތްތައް ކޮށްދިނުމަށް ސީދާ ތާރީޚެއް މިހާރު ދަންނަވަން ނޭނގެނީ، އަޅުގަނޑަށް އެކަމުގެ ސީދާ ހިސާބު އަޅުގަނޑު ޖަހަމުން މިއަންނަ މިންވަރަށް ޖަހާ ނުނިމޭތީ. އެހެންނަމަވެސް، އަޅުގަނޑާއެކުގައި މިދަތުރުގައި ވަޑައިގަންނަވަން، އަޅުގަނޑު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަރިހުގައި އެދުނިން. އަޅުގަނޑު އެޑިޔުކޭޝަން މިނިސްޓަރާ އެކުގައި މިދަތުރު ފެށީ. މިނިސްޓަރ ހުންނެވީ ކުޅުދުއްފުށީގައި. މިނިސްޓަރ ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް މިކަމުގައި މަރްޙަބާ ވިދާޅުވޭ. އަދި މިނިސްޓަރ ވިދާޅުވި، އަޅުގަނޑު ގާތުގައި އެންމެ ރަނގަޅޭ މިތަނުގެ މަދަރުސާގެ ކްލާސްރޫމް އިތުރުކުރެވޭ ވާހަކައިގެ ޚަބަރު އަޅުގަނޑު ތިޔަބޭފުޅުންނަށް ދިނަސް. މިނިސްޓަރ އެކަމުގައި ފޮރިން އެފެއާޒާ އެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާނަމޭ. އަދި އަޅުގަނޑަށް ފޮރިން އެފެއާޒުން ޚަބަރުދެނީ، އަޅުގަނޑުމެންނަށް މިކަންކުރާ މިންވަރަށް ފައިސާ މިހާރު ޖަމާކުރެވިއްޖެއޭ. އެހެންވީމާ، މިމަސައްކަތްތަކައިގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެއޭ. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު އަޅުގަނޑުމެން ތިޔަބޭފުޅުންގެ ހޯލު ބޮޑުކޮށްދިނުމުގެ މަސައްކަތް ފަށާނަން.

އަޅުގަނޑުމެން މި ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. އެނޫން ބޭނުމެއް، މި ސަރުކާރު ދެމިއޮންނާކަށް ނެތް. އެހެންވީމާ، އަޅުގަނޑުމެންގެ ހުރިހާވެސް މަސައްކަތެއް ބިނާވެފައި ހުންނާނީ، މިދަންނަވާ ކަންކަން ކުރުމަށް. އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އަނެއް ނުކުތާއަކީ، މި ދައުލަތަށް، މި ރާއްޖެއަށް، މި ސަރުކާރަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީވެސް، މުއްސަނދިކަމަކީވެސް، ތަނަވަސްކަމަކީވެސް ޙަޤީޤަތުގައި ތިޔަބޭފުޅުން، ރައްޔިތުންގެ އެއްޗެކޭ. އަޅުގަނޑުމެންނާ އެ ފައިސާ ޙަވާލުވެފައި އެވަނީ، އަމާނާތްތެރިކަމާއެކީ އެފައިސާއަށް ޚިޔާނާތްތެރިނުވެ ފައިސާ ބެލެހެއްޓުމަށް. ތިޔަބޭފުޅުންގެ ރައްޔިތުންގެ ތަރައްޤީއަށް އެފައިސާ ޚަރަދު ކުރުމަށޭ. އަންނަން އޮތް ޖީލުތަކަށް މި ރާއްޖެ ސަލާމަތްކަންމަތީގައި ރައްދުކޮށްދިނުމަށް އަޅުގަނޑުމެންނަށް އެމަސައްކަތް ކުރުމަށް އެފައިސާ ޚަރަދު ކުރުމަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެންގެ ސަރުކާރުގައި އެއްވެސް މީހަކަށް، އަޅުގަނޑަށްވިޔަސް އަދި ވަޒީރަކަށްވިޔަސް އަދި އެހެން ބޭފުޅަކަށްވިޔަސް ޚިޔާނާތްތެރިއެއް ނުވެވޭނޭ. ނާޖާއިޒު ފައިދާއެއް ނުނެގޭނޭ. އެބާވަތުގެ އެއްވެސް ކަމެއް ހިންގައިފިނަމަ، އަޅުގަނޑުމެން ތަޙުޤީޤުވެސް ކުރާނަން. ޝަރީޢަތްވެސް ކުރާނަން. ޙައްޤު އަދަބުވެސް ދޭނަން. އަޅުގަނޑުމެންނެއް ތިޔަބޭފުޅުންގެ ފައިސާއަކަށް ޚިޔާނާތްތެރިއެއް އިރާދަކުރެއްވިއްޔާ ނުވާނަން.
އަޅުގަނޑުމެން މި ސްކޫލަށް ޚަރަދު ކުރަން ސަރުކާރުން ވަނީ ނިންމާފައި.
އެ ޚަރަދުތަކުގެ އަދި ޚަރަދު ކުރެވޭ ކަންކަމުގެ ތަފްޞީލު، އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ފޮނުވާނަން. އެ ތަފްޞީލުގައި އަޅުގަނޑު އުންމީދު ކުރަން، މަދަރުސާ އެއްދަންފަޅިއަށް ހެދުމުގެ ހުރިހާ ޚަރަދެއް ހިމެނިގެންދާނެ ކަމަށް. އަޅުގަނޑު މިހެން މިދެންނެވީ، އަޅުގަނޑުމެންނަށް އެކަމަށް ބޭނުންވާ ފައިސާ މިހާރު ޖަމާވެ އެއްކުރެވެމުންދާތީވެ، އެކަމުގެ ޔަޤީންކަން އަޅުގަނޑަށް އޮތީތީވެ.

މިރޭ އަޅުގަނޑަށް ދިއްދުއާ ގުޅޭގޮތުން އަދި އެހެން ޚަބަރެއްވެސް ދެވެން އެބައޮތް. މިމަހުގެ 3 ވަނަ ދުވަހު ޑެންމާކްގެ ބޮސްކާރިސް ކުންފުންޏާއެކުގައި ސަރުކާރުން ސޮއިކޮށްފީމު ދިއްދޫ ހިއްކަން. ދިއްދޫގެ ބިން ބޮޑުކުރަން. އަޅުގަނޑުމެން މިދެކެނީ، އަޅުގަނޑުމެން އަމާޒު މިކުރަނީ، ހަމަ މިހާރު ދިއްދޫ ބިމުގެ ގޮތުން އަދި ބޮޑުކުރެވެން އެބައޮތް. އެހެންވީމާ، ދިއްދޫ ބިން ބޮޑުކުރުމުގެ އެ މަސައްކަތް، އެއޮތީ އެކަން ނިމިފައި. އޭގެ ކޮންޓްރެކްޓްގައި ސަރުކާރުން މިހާރުވަނީ ސޮއިކޮށްފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ހަނދާންވަނީ، އެމީހުންނަށް އޮތީ 40 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހިފައި. އަޅުގަނޑު ހަނދާންވަނީ. އަޅުގަނޑު މުޅި ކޮންޓްރެކްޓެއް ނުކިޔަން. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެ ކޮންޓްރެކްޓްގައި ސޮއިކުރީ. އަޅުގަނޑު ދެންނެވިން މިތަނަށް އޭގެ ކޮޕީއެއް ފޮނުވަން. އަޅުގަނޑު މިދެކެނީ، އޭގެ ކޮޕީވެސް ދާދި އަވަހަށް މިތަނަށް، ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ކަމަށް. މިތަނުގެ ރަށު އޮފީހަށާއި އަތޮޅު ކައުންސިލް އޮފީހަށާއި، އަދި ސްޓޭޓް މިނިސްޓަރަށާއި، އެބޭފުޅުންގެ ނައިބުންނަށް އޭގެ ކޮޕީ ލިބިވަޑައިގަންނަވާނެ. އަދި އެމަސައްކަތް އެބޭފުޅުންނަށް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެ.

އަޅުގަނޑުމެން ދިއްދުއަށް އަމާޒުކޮށް ނުވަތަ އަޅުގަނޑު ޚާއްޞަކޮށް ދަންނަވަން ބޭނުންވަނީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، ވަޢުދުތަކެއް ވަމުން ދިޔައިން. މައިގަނޑު ގޮތެއްގައި ފަސް ވަޢުދު އަޅުގަނޑުމެން މިއަންނަނީ ވަމުން. އަޅުގަނޑުމެންގެ އަމާޒަކީ، އަދި އަޅުގަނޑުމެން ދެކޭގޮތުގައި ޤައުމެއް ތަރައްޤީވެދަނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި ވަކިގޮތަކަށް ކުރެވުނީމާ. އަޅުގަނޑު ފާހަގަކޮށްފައިމިވާ ފަސް ވަޢުދަކީ އެކަމާ ގުޅޭ އެއްޗެއް. އަޅުގަނޑުމެން މިދެކެނީ، ޤައުމެއް ނެގެހެއްޓޭނީ، އެޤައުމުގެ މައިބަދައަކީ ފެނާއި ނަރުދަމާގެ ހޮޅިތަކާއި އަދި ކަރަންޓް ނަރުތަކޭ. އެ މައިބަދަ ނޭޅެނީސް ޤައުމެއް ވަރަށް އުނދަގޫވާނެ ތެދުވަން. ޤައުމަށް ވަރަށް އުނދަގޫވާނެ ތަރައްޤީގެ ހަލުވި ފިޔަވަޅުތައް އަޅައި ކުރިއަށްދާން. ކަރަންޓަކީ އަޅުގަނޑުމެން ހުރިހާ ކަމަކަށްވެސް ބޭނުންކުރާ އެއްޗެއް. ދެން މި ރަށްތައް ޙަޤީޤަތުގައި ޤުދްރަތީ ގޮތުން އުފެދިފައި މިހުރީ، މިހާ މީހުން ދިރިއުޅޭކަށެއް ނޫން. އެހެންވީމާ، މިހާރު ފެންވެސް ތަޣައްޔަރުވެސްވާނެ. ބިންވެސް މަދުވާނެ.

އެހެންވީމާ، ދެން އަޅުގަނޑުމެންނަށް ލިބިފައިވާ ހުނަރަކާއި، ޢިލްމަކާއި، ކެރި ކުޅަދާނަ ކަމަކުން އަޅުގަނޑުމެން މިބަލަންވަނީ، މިރަށްތަކުގައި ރިވެތި ގޮތުގައި ގިނަ މީހުންނަށް އުޅެވެން އޮތީ ކިހިނެއްތޯ. އެކަން އެހެން ވިސްނާއިރުގައި އަޅުގަނޑުމެންނަށް ފެނުނީ، މި ޚާއްޞަ ފަސް ކަމެއް ކުރީމާ ނޫނީ އެކަމެއް ކުރިއަކަށް ނުދާނެ. އޭގެތެރޭގައި، އެންމެ މުހިންމުކޮށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މި ނަރުދަމާގެ މަސައްކަތް ވަރަށް މަދު. އަދި މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް މިތަނަށް ފެނުގެ މަސައްކަތް ފެށޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ފެން ދެވޭނެ ގޮތެއް، ފެނާއި ނަރުދަމާއާއި ދެމަޝްރޫޢު އެކީގައި އަޅުގަނޑުމެން ނިންމައިދޭނަން.

އެނގިވަޑައިގަންނަވާނެ، މިކަން ހިންގުމަށްޓަކައި ސަރުކާރުންވާނީ ކުންފުނިތަކެއް އުފައްދާފައި. 7 ކުންފުނި. އެއީ މިތަނުގައި ހުންނާނެ އޭގެތެރެއިން އެއް ކުންފުނި. އެއީ، މި ޕްރޮވިންސަށް. މަތިއުތުރު ޕްރޮވިންސްގެ ޔުޓިލިޓީ ކުންފުނި. ނުވަތަ ފެނާއި ނަރުދަމާގެ ޚިދްމަތްދޭ ކުންފުނި. މެއި މަހުގެ 1 ވަނަ ދުވަހުއްސުރެ ފެށިގެން ސްޓެލްކޯގެ އިންޖީނުގެތައް އެކުންފުންޏަށްވަނީ ބަދަލުކޮށްފައި. ދެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މިހާރު މި ސަރަޙައްދުގައި ހުރި ހުރިހާ ރިޒޯޓެއްގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތްވެސް އެ ކުންފުންޏަށް ބަދަލުކުރަން. އަދި މި ޕްރޮވިންސްގެ 41 ރަށުގެ އިންޖީނުގެވެސް. މިހާރު މިތަނުގައި ހުރީ ސްޓެލްކޯގެ އިންޖީނުގެއެއް. އެހެންނަމަވެސް، މާރަންދޫގައި ހުރީކީ ސްޓެލްކޯ އިންޖީނުގެއެއް ނޫން. މިހުރިހާ އިންޖީނުގެއެއް އެ ކުންފުންޏަށް ބަދަލުކުރަން. މިހުރިހާ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް، މި ކުންފުންޏަށް ލިބޭގޮތަށް ހަމަޖެހިފައި އޮތީމާ، ދެން އެކުންފުންޏަކީ ވިޔަފާރީގެ ގޮތުން ފައިދާވާ ކުންފުންޏަކަށްވޭ. އެހެންވީމާ، އަޅުގަނޑުމެން މި އުންމީދު ކުރަނީ، މިހާރު މާލޭގައި ކަރަންޓްގެ އަގު ހުރި މިންވަރަށްވުރެ ކުޑަކޮށް، އިރާދަކުރެއްވިއްޔާ ދިއްދޫގައި ކަރަންޓްގެ ޚިދްމަތް ދެވޭނެއޭ. އެކަން ކުރުމަށްޓަކައި ސަރުކާރުން އިޢްލާނު ކުރީ، މިދެންނެވި މަތި އުތުރު ޕްރޮވިންސްގެ މި ކުންފުންޏާ ޙިއްޞާވާނޭ ބޭރުގެ ކުންފުންޏެއް، ބޮޑު ޔުޓިލިޓީ ކުންފުންޏެއް، މިބާވަތުގެ ކުންފުންޏެއް، ބޭރުގެ ކުންފުންޏެއް ހޯދުމަށް. އޭގެ ބޭނުމަކީ، މިމަސައްކަތަށް ބޭނުންވާ ފައިސާ އެކަންޏެއް ނޫން. ފައިސާއާއި އަދި އޭގެ ހުނަރާއި އަދި އެކަމުގެ ޤާބިލްކަމާއި މިކަންކަން މި ރާއްޖޭގެ ކުންފުންޏަށް ގެނައުން.

ބައްލަވާ މިސާލަކަށް ދިރާގު. އެއީ، ކޭބަލް އެންޑް ވަޔަރލެސް ކިޔާ އިނގިރޭސި ކުންފުންޏަކާއި ދިވެހި ސަރުކާރާ އެކީގައި އުފެއްދުނު ކުންފުންޏެއް. އެ ކުންފުނި އުފެދުނުއިރުގައި، އެންމެ ފުރަތަމައިނުން އެކުންފުނީގެ އަޞްލަކީ ބޮމްބޭ މާލޭ ލިންކް ކިޔާ ރޭޑިއޯ ޓެލެގްރާފް، މީގެތެރެއިން ދިއްދޫގެ ވަރަށްގިނަ ބޭފުޅުން ހަނދުމައިގައި ހުންނާނެ. މި މަސައްކަތް ކުރުމަށް މި ފަށައިގަނެވުނީ. ދެން އެންމެފަހުން އައިސް ފޯނު ކުންފުނި އެކީގައި، މި ކޭބަލް އެންޑް ވަޔަރލެސްއާ އެކީ ކުންފުންޏެއް ހަދައި، ދިރާގު ކިޔާ ކުންފުންޏެއް ހެދުނީ. މިއަދު އެ ދިރާގުގައި ހުރިހާ މަސައްކަތެއް ކުރާން އެތިބީ ހަމަ ސީދާ އެކަމަށް ތަޖުރިބާ ހުރި އެއަށް ތަމްރީނު ދެވިފައި ތިބި ދިވެހިން. މިދިޔަ 10 އަހަރުގެ ތެރޭގައި، އިނގިރޭސި ކުންފުނިން އެތަނަށް ދިވެހިން ތަމްރީނުކޮށް، އެކުންފުނި އެދަނީ ހަމަ ބަރާބަރަށް ހުސް ދިވެހިން ލައިގެން ހިންގަމުން. އެ ކުންފުނީގެ ޙިއްޞާ އަދިވެސް އޭގެ އެއްބައި އޮވޭ ކޭބަލް އެންޑް ވަޔަރލެސް އަތުގައި. މި ސަރުކާރަކުން ނޭދޭ ކޭބަލް އެންޑް ވަޔަރލެސް އަތުން އޭގެ ޙިއްޞާ ހޯދާކަށް އަނބުރާ. ޙަޤީޤަތުގައި އަޅުގަނޑުމެން އެދެނީ، އަދިވެސް އެ އިނގިރޭސި ކުންފުންޏަށް، ކޭބަލް އެންޑް ވަޔަރލެސް ކުންފުންޏަށް ޙިއްޞާ އިތުރުކޮށްދިނުން. އެ އިތުރުކޮށްދޭއިރުގައި އިތުރު ކަންކަން އެބަ ޝަރުޠުކުރޭ. އަޅުގަނޑުމެން ބޭނުން މިތަނަށް ބްރޯޑް ބޭންޑްކޮށް އިންޓަރނެޓްގެ ޚިދްމަތް ލިބެން. ރާއްޖޭގެ އަޅުގަނޑުމެން ބޭނުން ހުރިހާ ރަށަކަށްވެސް އެޚިދްމަތް ދޭން. އެހެންވީމާ، އެކަހަލަ އެތައް ބައިވަރު މަސައްކަތެއް ކޭބަލް އެންޑް ވަޔަރލެސް މެދުވެރިކޮށް އެބަ ކުރެވޭ. އަދި އަޅުގަނޑުމެން އެބަ ވިސްނަން، މި ޔުޓިލިޓީ ކުންފުނިތައް އެއް ގްރިޑަކުން ނުވަތަ އެއް އިންޖީނުގެއަކުން ތިން ހަތަރު ފަސް ރަށެއް ގުޅާލެވޭނެ ގޮތެއް ހޯދަން. މިއީ ޙަޤީޤަތުގައި ވައިކަރަދޫއްސުރެ ފެށިގެން އަޅުގަނޑު ދެން ރަށްތަކުގެ ނަންތައްވެސް ކިޔައިދީފާނަން. ލާވަށާލާފައި ކެލާ ބާރަށް އެހެން އަންނަމުން އަންނަމުން އައިސް ދިއްދުއާ ހަމައަށް އެއްނަރު އެޅިދާނެ ކަމަށް ތަޖުރިބާކާރުން ބުނަނީ.

ދެން އަޅުގަނޑު ކޭބަލް އެންޑް ވަޔަރލެސް ކުންފުނި މިނެގީ މިސާލަކަށް. އެމީހުންނަކީ ދުނިޔޭގައި އެންމެ ފުރަތަމަ ކަނޑުގައި ކޭބަލް އަޅަންފެށި މީހުން. އެމީހުން އެބައޮތް ރާއްޖެއަށްވެސް ފޯނު ނަރެއް އަޅާފައި ހަމަ ކަނޑުން އިންޑިޔާއިން އަޅާފައި. އަޅުގަނޑުމެން ހީކުރަނީ ކިހިނެއްބާއޭ ސެޓަލައިޓުންބާއޭ މިކަން ކުރަނީ. އެމީހުންނަކީ، ވަރަށް ކުރީ ޒަމާނުގައި އިނގިރޭސިވިލާތުން އޮސްޓްރޭލިއާއަށް ކޭބަލެއް އެޅި ބައެއް. އެމީހުންގެ އަތުގައި އެ ސާމާނުވެސް ހުރޭ. މިފަހަރު އަޅުގަނޑު އެމީހުންނާ، ވަރަށް ދިގުކޮށް މިވާހަކަތައް ޢަލީ ހާޝިމާ އަޅުގަނޑު ދެއްކިން. މިކަމުގައި އެބޭފުޅުން ތިބީ ޙިއްޞާވާން ތައްޔާރަށް. ޙަޤީޤަތުގައި ސަރުކާރުން އިޢްލާނުކުރީ، މިދެންނެވި ބޮޑު ކުންފުންޏާ ޙިއްޞާވާން ބޭނުންވާ ބޭރުގެ ކުންފުނިތައް ހޯދަން. އިޢްލާނު ކުރީމާ ތަފާތު ބޮޑެތި ބޭރުގެ 7 ކުންފުނި ޝައުގުވެރިކަން ހާމަކޮށްފައިވޭ. މެއި 1 ން ފެށިގެން އެކުންފުނިތައް މިހިސާބުގައި ބަލަމުން އެބަގެންދޭ. ދިއްދޫ ކުއްޖެއް، ދިއްދޫ އުފަން ދަރިއެއް މި މަތި އުތުރުގެ މިދަންނަވާ ކުންފުނީގެ ޗެއަރމަނަކަށް ހުންނަވަނީ. އެބޭފުޅާއާއެކީގައި މި ޝައުޤުވެރިކަން ހާމަކޮށްފައި ހުރި ކުންފުނިތަކުން އެބަ ކުޅުދުއްފުށީގެ އިންޖީނުގެވެސް އަދި އެހެން އިންޖީނުގެތައްވެސް ބަލަމުންދޭ. އިރާދަކުރެއްވިއްޔާ، ސަރުކާރަށް އޮތީ ހަމައެކަނި މި 7 ކުންފުނިން އެންމެ ރަނގަޅީ ކޮން ކުންފުންޏެއްތޯ ބަލާފައި، އެ ކުންފުންޏަކާ އެކީގައި އަޅުގަނޑުމެން އޮތީ މިދަންނަވާ ގޮތަށް ގުޅެން. ގުޅިގެން އައިސް އަޅުގަނޑުމެންނަށް މިރަށްރަށުގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ހަމަ ފުރިހަމަކޮށް ބަރާބަރަށް އިރާދަކުރެއްވިއްޔާ ދެވޭނެ. މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެމަސައްކަތް ފަށައިގަނެވޭނެ.

ދިއްދޫގެ ބިން ބޮޑުކުރުމާއެކީގައި، އަޅުގަނޑުމެން ބޭނުން ހަމަ ދިއްދޫ ވަށައިގެން ހަދަން. ބިން ބޮޑުކޮށްފައި އެކަނި އެހެން ހުއްޓާލާކަށެއް ނޫން އަޅުގަނޑުމެން ފިކުރުކޮށްގެން މިއުޅެނީ. މެރިންޑްރައިވަކާއެކީގައި، މާލޭގައި އެއޮންނަ ގޮތަށް، ޢާންމުކޮށް ރަށެއްގައި މިހުންނަ ކަހަލަ ގޮތަކަށް ދިއްދޫ ބަދަލުކުރުން އަޅުގަނޑުމެންގެ ވިސްނުމަކީ. އެގޮތަށް އަޅުގަނޑުމެން ދިއްދޫ ބަދަލުކުރާނީ، ދިއްދޫ ރައްޔިތުންނާ މަޝްވަރާ ކޮށްފައި. އަދި މިއަތޮޅު އެހެން ރައްޔިތުންނާވެސް މަޝްވަރާ ކޮށްފައި. ދިއްދޫ އޮންނަ ގޮތް މުހިންމު މާލެއަށްވެސް. ދިއްދޫ އޮންނަ ގޮތް މުހިންމު ތަކަން މާރަންދުއަށްވެސް. ދިއްދުއަކީ މިތަނުގައި އުތުރުގައި އޮތް ބޮޑު ރަށެއް. އެހެންވީމާ، އަޅުގަނޑުމެން ދިއްދުއާ ގުޅޭގޮތުން ހިންގާ މަޝްރޫޢުތައް، މެދުކެނޑުމެއްނެތި ބާރަށް އެބަ ހިންގަމު. އޭގެ ނަތީޖާވެސް އަޅުގަނޑުމެންނަށްދަނީ ފެންނަމުން. ދިއްދޫ ހިއްކުން އެއީ، އަޅުގަނޑަށް ލިބުނު ހަމަ ބިން ބޮޑުކުރަން ލިބުން ދިއްދުއާއި ވެލިދުއާ އެދެރަށް. ތުޅާދުއާއި ހިންނަވަރާ މި ހަތަރު ރަށް އަޅުގަނޑުމެން މިހާރު މި ބޮޑުކުރަނީ. ވަރަށް ބޮޑުކުރަންވެގެން މިއުޅެނީ. ދެން ވެލިދޫ އަޅުގަނޑުމެންނަކަށެއް ނެތް އެހާ ބޮޑުކުރެވޭކަށް. އެކަމަކު އަނެއް ތިން ރަށް އަޅުގަނޑުމެން މިއުޅެނީ ވަރަށް ބޮޑުކުރަން ވެގެން. އޭގެ ބޭނުމަކީ، މިރަށުގައި އަޅުގަނޑުމެން ދިއްދޫ އަމާޒުކުރަން ބޭނުންވަނީ، ފަނަރަހާހާއި ވިހިހާހާ ޢަދަދެއްގެ މީހުންނަށް. މި ލާ މަރްކަޒީއޭ މިކިޔާ ކަމުގެ ވާހަކައަކީ އެއީ. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، މާލޭގައި އެތިބަ އެއްލައްކަ ފަންސާސްހާސް މީހުން ތިން ހަތަރު ތަނަކަށް ބަހާލެވޭތޯ. އެހެންވީމާ، މާލޭގައި އެތިބަހާ މީހުން މިތަންތަނަށް އަންނަން ފަށާނީ، ކޮންމެހެންނެއް އަޅުގަނޑުމެން އެތަނުގައި ތިބެފައި އެމީހުން އެތަނުން ނެރުނީމަކާއެއް ނޫން. މާލެއަށް އެއްލައްކަ ފަންސާސް ހާސް މީހުން ދިޔައީކީވެސް މީހަކު ބުނެގެނެއް ނޫން. އެތަނުގައި ޚިދްމަތްތައް ލިބެން ހުރީމާ. ދިއްދުއަށްވެސް އަންނާނީކީ މީހަކު ބުނެގެނެއް ނޫން. އެގޮތަށް އަޅުގަނޑުމެން މިކަންކަން ފަހިކުރީމާ، ވިޔަފާރީގެ ފުރްޞަތުތައް މިތަނުގައި ދިނީމާ، މިތަނުގެ މަގުތައްވެސް ހެދީމާ، މިރަށުގައި އެހެން ކަންކަންވެސް ވާން އޮތީމާ. އެހެންވީމާ، އަޅުގަނޑުމެން ގަސްދުކޮށްގެން މިތިބީ، މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހަމަ ދިއްދޫގައި ސަތޭކަ ގެ ޢިމާރާތް ކުރަން. އަދި ތިޔަބޭފުޅުންނަށް އެ ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން އެ ގެދޮރު އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ލިބިލައްވާނެ.

އަޅުގަނޑު އިތުބާރާ އެކީގައި މިވާހަކަ ދައްކަނީ، އަޅުގަނޑުމެން ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޙަރަކާތްތެރިވަމުންދިޔައިރުގައި ދެން ބައެއް ބޭފުޅުން އަޅުގަނޑުމެންނާ ދިމާއަށް ބުނެއުޅޭ، ތިއީ މަގުމައްޗަށް ނުކުމެ ހަޅޭއްލަވާ ބައެކޭ. ދެން އަޅުގަނޑު އަޅައެއްނުލަން. އޭގެތެރެއިން ގިނަ ބޭފުޅުންނަށް ހަމަ ވަރަށް ރަނގަޅަށް އެނގިލައްވާނެ މިސާލަކަށް އަޅުގަނޑުވެސް. އަދި އަޅުގަނޑުމެންގެ ތެރޭގައި ދެން މިއުޅުނު އެހެން ހުރިހާ އެންމެންވެސް. ދެން އެބޭފުޅުންނަށް ހަމަ ވަރަށް ސާފުކޮށް އަޅުގަނޑު އެނގޭނެ. ޚާއްޞަކޮށް، ޑީ.އާރު.ޕީ.އަށް. ދެން އެހެންނަމަވެސް، އަދި އަޅުގަނޑު ވިސްނާނެ ވިސްނުމާއި، އެކަންކަން ކުރަން އުޅޭނެގޮތާއި، އޭގެތެރޭގައި އެތިބީ އަޅުގަނޑާ އެކީގައި މަދަރުސާގައިވެސް އަދި ފަހުން އިނގިރޭސިވިލާތުގައިވެސް ކިޔަވަންވެސް އުޅުނު ބައެއް ބޭފުޅުން. އެހެންވީމާ، އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެން ދިޔައީ ރާވަމުން. އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ހަމަ ދަންނަވަމުން ގެންދިޔައިން. 12 ނޮވެމްބަރު ވަނަ ދުވަހުގެ 7.30 ވާއިރުގައި އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވާނަމޭ. ފުރިހަމައަށް ސަރުކާރާ ޙަވާލުވާނަމޭ.

މިއަދު އަޅުގަނޑު ވަރަށް އިތުބާރާއެކީގައި މިދަންނަވަނީ، މި ފަސް އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރު އަޅުގަނޑުމެން އަތުން ފިރުކާލެވޭނެ ހަމަ އެއްގޮތެއްވެސް އިރާދަކުރެއްވިއްޔާ ނޯންނާނެ. އަޅުގަނޑުމެންނާ ސިޔާސީ ގޮތުން ފައިހަމަ ކުރެވޭނެ ބައެއް، ވާދަވެރި ސިޔާސީ ލީޑަރުންގެ ތެރެއަކު ނެތް. އަޅުގަނޑު ހަމަ ދަންނަވާނީ އަޅުގަނޑުމެން ގާތުގައި ފަތިގަނޑުވެސް އެބޭފުޅުންނަށް ނުފިރުކޭނޭ. އަޅުގަނޑުމެންނަށް މިކަން ކުރެވޭނެއޭ. އަޅުގަނޑުމެންގެ ވެރިކަމަކަށް ލޮޅުމެއް އަރުވައެއްނުލެވޭނެއޭ. އަޅުގަނޑުމެން، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބޭނުން. އަދި އަޅުގަނޑު ދެކޭގޮތުގައި، މިހާރު މި އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަންފީޒުވަމުން އަންނައިރުގައި، އެ ޤާނޫނުއަސާސީ ރައްޔިތުންނާ، އޭގެ ރޫޙާއެކީގައި ތަންފީޒު ކުރުމަކީ، ހަމަ ސީދާ އަޅުގަނޑުގެ ވާޖިބެއް. އަޅުގަނޑު ތިޔަބޭފުޅުންނަށް އެބަ ކިޔައިދޭންޖެހޭ، އިންތިޚާބުގެ ވާހަކަ. އަދި ހަނދުމަފުޅުކޮށް ބަހައްޓަވާތި. އަޅުގަނޑަކީ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ފުރަތަމަފަހަރަށް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި، އިންތިޚާބުގައި ބައިވެރިވެގެން، ވާދަކޮށްގެން، ތިޔަބޭފުޅުން ރުހުނީތީވެ، ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ނުކުމެ ހުރި މީހެއް. އަޅުގަނޑުގެ މައްޗަށް ވާޖިބީ، އެމް.ޑީ.ޕީ.ގެ ސިޔާސަތުތައް ހަމަހަމަގޮތުގައި ވަކި ޕާޓީއެއްގެ މެންބަރަކަށް ނުބަލައި، ރަނގަޅަށް ތަންފީޒު ކުރަމުން ގެންދިއުން. އަޅުގަނޑު އެކަން ކުރާނަން.

ހަމަ ކުރަމުންދާއިރުގައި އަޅުގަނޑު ހަމަ ކަނޑައެޅިގެން ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަން އެބަޖެހޭ. މިޤާނޫނުއަސާސީ ތަންފީޒު ކުރުމަށާއި، އަދި އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށް 64 ޤާނޫނު އަޅުގަނޑުމެން އެބަ ބޭނުންވޭ. އަޅުގަނޑަށް ވަރަށް އުނދަގޫ ގަބޫލުކުރަން. މިދިޔަ ދިގު 30 އަހަރު އަޅުގަނޑުމެންނާ އަދި މިއިން އެއްވެސް އިޞްލާޙަކާ އިދިކޮޅަށް ވާހަކަ ދެއްކެވި ބޭފުޅުން މިއަދު ކުއްލިއަކަށް ނުކުންނަވައި، އަޅުގަނޑުމެންނާއެކީގައި އަރުވާޖަހާފައި ޤާނޫނު ހަދަން އުޅުއްވާނެ ކަމަކަށް ނުފެނޭ. އެކަމެއް އެހެނެއް ނުވާނެ. އަޅުގަނޑުމެންގެ ފިކުރުގައި ތިއްބެވި ބޭފުޅުންނަށް އެކަން ވާނީ. މި ދިއްދޫގެ ޙިއްޞާ އަޅުގަނޑުމެން ކޮންމެހެންވެސް ބޭނުން. ކޮންމެހެންވެސް ބޭނުން. އެއީ ސިޔާސީ ވެރިން، ޚާއްޞަކޮށް އަޅުގަނޑު އަބަދުވެސް ތިޔަބޭފުޅުންގެ ރުހުން ބޭނުން. އެ ރުހުން ރަމްޒުކޮށްދެނީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުން. އެހެންވީމާ، އަޅުގަނޑު ގޮނޑިތައް ބޭނުން. ވެރިކަން ކުރާކަށް އަޅުގަނޑެއް ކުޑަކޮށްވެސް ނޭދެން، މަޖިލީހުގެ މަޝްވަރާއާނުލާ. މިއީ، މަޖިލީހުގެ ދުވަސްވަރު. އެހެންވީމާ، އަޅުގަނޑުމެން އެމަސައްކަތް ނުކުރާނެ ކަމަށް ދެންނެވުން އެއީ، ބުއްދިވެރި ވާހަކައެއްނޫން. ތެދު ވާހަކައަކަށްވެސް ނުވާނެ. އެކަން ކުރާނަން. އަދި އެކަން ކުރުމަށް އަޅުގަނޑުމެންނަށް ޤާނޫނީ ޖާގަ ވަރަށް ރަނގަޅަށް އެބައޮތް. އެހެން ނަމަވެސް، އަޅުގަނޑުމެންނެއް އެއްވެސް މީހަކަށް ބިރެއް ދައްކައިގެން ނުވާނެ. ސަރުކާރުގެ މުވައްޒަފުންނަށް ނުވެސްޖެހޭ އަޅުގަނޑުމެން ދައްކާކަށް. އަޅުގަނޑުމެން މިއަދާ ހަމައަށްވެސް އައީކީއެއް މީހަކަށް ބިރު ދައްކައިގެންނެއް ނޫން އަޅުގަނޑުމެންނަށް ރައްޔިތުން ތާއީދު ކުރީކީއެއް. ހިތުން ރުހުމުން ލޯބިން އެބޭފުޅުން ދެއްވަން ބޭނުންވި އެއްޗެއް އަޅުގަނޑުމެންނަށް ދިނީ. އަޅުގަނޑުމެން ހިތުން ރުހުމުން ގަބޫލުކޮށްގެން ތިބީ. މިއަދު އެކަންޏެއް ނޫން އަޅުގަނޑު ރައްޔިތުންނަށް ކައިރިއަށް ނުކުންނަނީކީއެއް. ވަރަށް ދުވަސްވެއްޖެ އަޅުގަނޑު ރައްޔިތުން ކައިރިއަށް ނުކުންނަތާ. ގަލޮޅު އަވަށް ކުރިއަރުވާ ކޮމިޓީގެ ޚަޒާންދާރު އެއީ ހިންގާ ސެކްރެޓަރީއަކަށް އަޅުގަނޑު އެންމެ ފުރަތަމައަށް ޢާންމު އިންތިޚާބަކަށް ކުރިމަތިލީ. އެއަށްފަހު، އިންތިޚާބެއް މާލޭގައި ނުދާނެ އަޅުގަނޑު ކުރިމަތިނުލާ. އަޅުގަނޑަށް ކާމިޔާބުވެސްވޭ.

މިއަދު އަޅުގަނޑު ހަމަ ބޭނުން 76 ގޮނޑީގެ އަޣްލަބިއްޔަތު. އަޅުގަނޑު ބޭނުން. ވަރަށް ބޮޑަށް ބޭނުން ދިއްދޫ ގޮނޑި. އަޅުގަނޑުމެން މިމަސައްކަތް ކުރާއިރުގައި، އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑު ކައިރިއަށް ދިއްދޫގެ ވާހަކަ ދައްކަން އަންނަ މީހާ އެއީ ކާކުތޯ ބަލަން އުޅޭކަށް. އޭނާގެ ބޭންކް އެކައުންޓް އޮތީ ކިހިނެއްތޯ އޮޅުންފިލުވާކަށް. އަޅުގަނޑު ބޭނުމެއް ނޫން. އަދި ހަމަ މިކުރިމަތިލައްވާފައި ތިއްބެވި ގިނަ ބޭފުޅުންނަކީ ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަ ބައެއް. އަޅުގަނޑަށް ހަމަ ވަރަށް ކެރިގެން އަޅުގަނޑަށް ދަންނަވަން ކެރިދާނެ. ސަމީރު ވަރެއް އަޅުގަނޑަށް ނުފެނިގެންނޭ މިއުޅެނީ.

އަޅުގަނޑު ވަރަށް ކުޑަކުޑަ މިސާލެއް ދަންނަވާފާނަން. އަޅުގަނޑު ކުޑަކުޑަ މިސާލެއް ދަންނަވާނަން. ފެށުނީއްސުރެ ފަށައިގެން ހަމަގައިމުވެސް އަޅުގަނޑު ފުރާވަރަށް އެރީއްސުރެ ފަށައިގެން އަޅުގަނޑުމެންނަށް އަޑުއިވެމުން އައީ ލާމަރްކަޒީ އުޞޫލުން ހިންގުމޭ އެއީ އެންމެ ރައްޔިތުންނަށް ފައިދާހުރި ގޮތަކީ. އަދި ހެޔޮވެރިކަމަށް މަގުފަހިވާ ގޮތަކީވެސް. ވިހިވިހީގެ ތަޞައްވުރުގައިވެސް ލިޔުނީ އެވާހަކަ. އަދި ޤާނޫނުއަސާސީގެ ބާބެއް ފުރާވެސް ލިޔުނީ އެވާހަކަ. އިހަކަށްދުވަހަކު އަޅުގަނޑުމެން އެ ޤާނޫނު ހުށަހެޅީ މަޖިލީހަށް. މިކަން ކުރުމަށް. ހުށަހެޅީމާ ކިހިނެއްތޯވީ. ޑީ.އާރު.ޕީ.ގެ އެންމެ ބޭފުޅެއްވެސް ވޯޓެއް ނުދެއްވި. އަޅުގަނޑުމެންނަށް ކިރިޔާ އެއްވޯޓުން އެބިލް އެތެރެކުރެވުނީ. ދެން ކިހިނެއްތޯ މިއަދު އަޅުގަނޑު ގަބޫލުކުރާނީ، އެބޭފުޅުން ނުކުންނަވައި އަޅުގަނޑުމެންނާ އެކީގައި އަރުވާޖަހާފައި މިކަން ކުރައްވަން އުޅުއްވާނެއޭ. އެބޭފުޅުން އެއުޅުއްވާނީ މާޒީ ފޮރުވޭތޯ މަޖިލީހުގައި ތިއްބަވައިގެން. ގަނެފައި ހުރިހާ ހުރި ގަނޑެއް. އަޅުގަނޑުމެން ބޭނުމީ މުސްތަޤްބަލަށް މިޞްރާބު ޖަހައިގެން. އަޅުގަނޑުމެންނެއް ނޫޅޭން މާޒީ ފަހާ ދުވާކަށް. އެހެންވީމާ، އަޅުގަނޑުމެންނަށް މި މުސްތަޤްބަލަށް، އަޅުގަނޑު ދިއްދޫ ރައްޔިތުންގެ ކިބައިން މިކަން ކުރުމަށް އަޅުގަނޑުމެން މިއެދެނީ ހަމަ އެންމެ ކަމެއް. އެވާހަކަ ބުނުމުގެ ކުރީގައި އަޅުގަނޑު ދަންނަވާނަން އަޅުގަނޑުމެން މި ފްލެޓް އަޅަން މިއުޅޭ ގޮތް. ގެ އަޅަން މިއުޅޭ ގޮތް.

އަޅުގަނޑުމެން ބުނީ، ރާއްޖޭގެ ރީތި ގޮނޑުދޮށްތައް ހިމެނޭ ކޮންމެ ތިރީސް ހާސް އަކަފޫޓް ބިމަކަށް، ބިމެއް ދޭނަމޭ ދިހަ ގެ އަޅައިދެންޏާ. ދިހަހާސް ގެ، އެއްހާސް ބިން ދޭނަމޭ. އެއީ ލަގްޒަރީވިލާ ނުވަތަ ޔޫރަޕުން އަންނަ މީހުންނަށް ދިގު މުއްދަތަށް ގެއެއް އަޅައިގެން، އެމީހުން އެގޭގައި ތިބެން. އެއީ އެމީހުން ތިބެދާނެ، އަހަރެއްގެ ތެރޭގައި ދެމަހު ތިންމަހު. އެހެން އަޅުގަނޑުމެން އިޢްލާނު ކުރީމާ، ދިހަހާސް ގެ އަޅަން 17 ފަރާތުން ކުރިމަތިލާފައި އެބަވޭ. އަޅުގަނޑު އަބަދުވެސް ދަންނަވަމެއް ނޫންތޯ. މި ރާއްޖޭގެ ގޮނޑުދޮށްތަކަކީ ވައްލަ ބިސް އަޅަން އެކަނި ރަނގަޅު ގޮނޑުދޮށްތަކެއް ނޫނޭ. އެއީ، ރަންބިސް އެޅޭނެ އެއްޗެކޭ. އަޅުގަނޑުމެންނަށް އެނގޭ މި ބިމުގެ މުހިންމުކަމާއި، މި ބިމުގެ އަގު. އެހެންވީމާ، އަޅުގަނޑުމެންނަށް މިހާރު ވަރަށް ފަސޭހައިން މިކަން މިއޮތީ ނިމިފައި. ހަމަ އޮތީ އެ 17 ފަރާތުގެ ތެރެއިން ކޮންބަޔަކާތޯ ޙަވާލުކުރާނީ. ދިއްދޫގައި މިސާލަކަށް އަޅުގަނޑުމެން އަޅާ 100 ގެ. އެއާ ގުޅޭނެ 10 މިދަންނަވާ ކަހަލަ ބޮޑެތި ގޯއްޗާ. އެ އަޅުގަނޑުމެންނަށް ދެވިދާނެ މޮޅަދޫންވެސް. މިއަތޮޅުގައި އެބައޮތް ބައިވަރު އެކަން ކުރެވޭނެ އެކިއެކި ދިމަދިމާ. ފިއްލަދޫ ދައްޕަރުންވެސް ދެވިދާނެ. ކެލައިންވެސް ބާރަށުންވެސް އަދި ހަމަ ގައްލަންދޫ ފަޅުތެރޭގައި އެއޮތީ ބައިވަރު. އަޅުގަނޑުމެންނަށް މިކަން ފަސޭހައިން ކުރެވެން އެބައޮތް. އެހެންވީމާ، ބޭފުޅަކު އަޅުގަނޑު ގާތުގައި ނަރުދަމައެއް ނޭޅޭނެއޭ، ފެނެއް ނުދެވޭނެއޭ، ފްލެޓެއް ނޭޅޭނެއޭ، އެހެން ބުނަންޏާ އިނގޭތޯ މިވާގޮތަކީ، މީގެ ދުވަސްކޮޅެއް ކުރީގައި ބޭފުޅުން އަޅުގަނޑު ގާތުގައި ބުނެއުޅުނު. ދެން ނަޝީދުއޭ ތިޔަކަމެއް ނުވާނެއޭ، މައުމޫނެއް ވެރިކަމަކުން ދުރެއް ނުކުރެވޭނެއޭ، މިރާއްޖޭގެ ވެރިކަމެއް ބަދަލެއް ނުކުރެވޭނެއޭ، އެކަމެއް ނުވާނެއޭ. މިހާރު އެބޭފުޅުން ތިބެނީ އަޅުގަނޑު ފެނުނީމާ ކުޑަކޮށް ލަދުން. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިއަދު ނަރުދަމާ ނޭޅޭނެއޭ، މިރަށުގައި ފްލެޓެއް ނޭޅޭނެއޭ އަޅުގަނޑާ ދިމާއަށް ބުނަން ފަށައިފިނަމަ، ދެން މާދަން އަޅުގަނޑު އައީމަ ތިބޭނީ ލަދުން. ކޮންމެހެން އެދަތުރުގައި ޖެހޭނެ ކަމެއް ނެތް.

އަޅުގަނޑުމެންގެ ޢަޒުމަކަށް ގޮތެއް ނުވާނެ. އަޅުގަނޑުމެން މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ ދުވާލަކު 12، 14 ގަޑިއިރު އަޅުގަނޑު މިކަމުގައި މަސައްކަތް ކުރާނަން. އަޅުގަނޑެއް ދުލެއް ނުކުރާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަންވާނެ. އަޅުގަނޑު ފަސްއަހަރު ވަންދެން މިކަމުގައި ހުންނާނަން. އެ ފަސްއަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ވަޢުދު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފުއްދާނަން. އެކަން ކުރުމަށް އަޅުގަނޑު ދިއްދޫ ރައްޔިތުންގެ ކިބައިން ވަރަށްބޮޑު ކަމަކަށް އެދެން. އަޅުގަނޑާއެކީގައި އުންމީދު ކުރައްވާށޭ. އުންމީދު ނަގާނުލައްވާށޭ. އަޅުގަނޑަށްވެސް އެނގޭ ދަތިކަން. އަޅުގަނޑަށްވެސް އެނގޭ މަސްވެރިކަންވެސް ދަށްކަން. ލިބޭ އެތިކޮޅުވެސް މަދުކަން. އަޅުގަނޑަށްވެސް އެނގޭ ގޭތެރޭގެވެސް ތާށިކަން. އަޅުގަނޑަށް ހަމަ އެނގޭ. އަޅުގަނޑަށް ވިސްނޭ ގޭތެރޭގެވެސް ތާށިކަން. އަޅުގަނޑު ހަމަ މިއެދެނީ، އެ ތާށިކަމުގައިވެސް އުންމީދު ނަގާނުލައްވާށޭ. އަޅުގަނޑުމެންނަށް އެހެން ގޮތެއް ހޯދޭނެއޭ. އެގޮތޭ އަޅުގަނޑުމެން ހޯދަންވެގެން މިއުޅެނީ. އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެއަކީ އެ އަނެއްގޮތޭ. އެހެން ގޮތަކަށް ކަންކަން ކުރެވިދާނެއޭ.

ބަޖެޓުގެ ތެރެއިންނެއް ނޫން އަޅުގަނޑުމެން ނަރުދަމާ ހަދަން މިއުޅެނީކީއެއް. ބަޖެޓުގެ ތެރެއިންނެއް ނޫން އަޅުގަނޑުމެން މިރަށަށް ފެން ދޭން މިއުޅެނީކީއެއް. މިރަށުގެ މަގު ހަދަން މިއުޅެނީކީވެސް. އަދި ކީއްކުރަންތޯ؟ ބަޖެޓުގެ ތެރެއިންނެއް ނޫން އަޅުގަނޑުމެން މިރަށް ހިއްކަން ވެގެން މި ސޮއިކުރީކީވެސް. އެ ހިއްކައިދޭ މީހުން އަޅުގަނޑުމެންނަށް ސަރުކާރަށް ބިލް ކުރަންޖެހެނީ ކޮންމެ މަހަކު. މިރަށް ހިއްކަންދާނެ ވަރަށް ބޮޑު ޢަދަދެއް. ވަރަށްބޮޑު ޢަދަދެއް. ރުފިޔާ. އަޅުގަނޑުމެންނަށް އެހެންނަމަވެސް އެމީހުން ބިލް ކުރަންވާނީ ކޮންމެ އަހަރަކު ވަކިވަރެއް. އެގޮތަށް އަޅުގަނޑުމެން އެއްބަސްވެގެން އެ ކުންފުންޏާއެކީގައި، ބޮސްކާރިސް ކުންފުންޏާއެކީގައި މި ސޮއިކުރީ. އެއީ ޔޫރަޕްގެ ވަރަށްބޮޑު ކުންފުންޏެއް. އެމީހުންނަށް ނުތިބޭނެ ބޮލްޓެއް ނެއްޓިފައި އޮތް ހައިމާކެއް ގޮވައިގެން އައިހެއް. އެމީހުން އެކަން ކުރަންވީމާ، އެގާރަ ދުވަހުގެ ތެރޭގައި، ދިހަ ދުވަހުގެ ތެރޭގައި ކޮށް ނިންމާލާފައި ދާނީ. އޭރުން ކަމެއްގެ ފައިދާވެސް މިލިބެނީ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، މާދަމާ އެއީ ދިއްދުއަށް މިއަދަށްވުރެ، އަޅުގަނޑު އަދި ނުދަންނަވަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދިއްދޫ ވަށާ މަގު ތާރުއަޅައި ހަދައިދޭނަމޭ. މި ހިއްކާފައި. ދެން އެދާ ބޮނޑީގައި އަޅުގަނޑަށް ހީވަނީ މެދު މަގަކާއި ހުރަސް މަގަކާވެސް ހަދަން ޖެހޭނެހެން. އެކަމަކު އަޅުގަނޑުމެން މިހާރު ކަނޑައަޅައިގެން މިއުޅެނީ، މުޅި ޖުމްލަ 75 ކިލޯ މީޓަރުގެ މަގު ރާއްޖޭގައި އަޅަން. އެހެން ތަންތަނުގައި. އެހެންދާއިރުގައި ދިއްދޫގައާއި ކުޅުދުއްފުށީގައާއި އަދި ހޯރަފުށީގައާއި އިހަވަންދޫގައިވެސް. ދެން އަޅުގަނޑުމެންނަށް ބާރަށް ކެލާ އޮތީ. އަޅުގަނޑުމެންނަށް މިމަސައްކަތްތައް އިރާދަކުރެއްވިއްޔާ ހިނގޭނެ. ހިންގާނެ ވިސްނުން، ހިންގާނެ ޙިކްމަތް، ހިންގާނެ ހިތްވަރު އަޅުގަނޑުމެންގެ ކިބައިގައި އެބަހުރި. އަޅުގަނޑުމެންގެ ރާއްޖެއަކީ ތަނަވަސް ރާއްޖެއެއް. ޤުދްރަތީ ވަސީލަތްތައް ގިނަ ރާއްޖެއެއް. އެ ވަސީލަތްތައް ބޭނުންކޮށްގެން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރާއްޖެ އަނބުރާލެވިދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، މާދަމާ އެއީ، މިއަދަށްވުރެ އަދި ފާގަތި ދުވަހަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والســّلام عليــكم. ވަރަށް ބޮޑަށް ޝުކުރިއްޔާ!