بســم اللّـه الرّحمـن الرّحيــم


އިހަވަންދޫގެ އެކުވެރި ލޮބުވެތި ރައްޔިތުން.

السّـلام عليـكم

މިފަހަކަށް އައިސް ބައެއް ބޭފުޅުން އަޅުގަނޑާ ދިމާވީމާ ކުޑަކޮށް ލަދުން ތިއްބަވަނީ. މިވާގޮތަކީ، ބައެއް ބޭފުޅުންނަށް، ޚާއްޞަކޮށް ހަމަ އަޅުގަނޑުގެ ރަށްޓެހި ބައެއް ބޭފުޅުން އަދި އެކުގައި އުޅުނު ބައެއް ރަޙްމަތްތެރިން. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ބައެއްފަހަރަށް އަޅުގަނޑު ގާތުގައި މިބުނަނީ، ދެން އަންނިއޭ ދެން ތިޔަކަމުގައި ދެން ނޫޅޭންވީ ނޫންހެއްޔޭ. ދެން ތިޔަކަމެއް ނުވާނެ ނޫންހެއްޔޭ. ދެން އެއޮތް ބޮޑު ވެރިކަމޭ. ދެން އެހެރަ އާރޭ، އެހެރަ ބާރޭ، އެހެރަ ރުފިޔާއޭ. ދެން ތިޔަކަމެއް ނުވާނެ ނޫންހެއްޔޭ. ދެން އަޅުގަނޑު ދަންނަވަނީ ނޫން ނޫން ނޫން. އަޅުގަނޑުމެންގެ ޢަޒުމަކަށް، އަޅުގަނޑުމެންގެ މަޤްޞަދަކަށް، އަޅުގަނޑުމެންގެ އަމާޒަކަށް ގުޑުމެއް ނާންނާނެއޭ. ގަދައަޅައި މަސައްކަތްކުރާ އަޅަކަށް ލިބޭނީ ކާމިޔާބޭ. އަޅުގަނޑުމެންނާ އެކީގައި ކަލޭވެސް ހުންނާށޭ. ދެން މީގެތެރެއިން ބައެއް ބޭފުޅުން، ދެން އޭގެތެރޭގައި އަޅުގަނޑު ދަންނަވާނަން މިރަށު އަޅުގަނޑުގެ ބައެއް އެކުވެރިންވެސް، ދުވަސްކޮޅެއްވީމާ، މިވީގޮތަކީ ހިތަށްއެރީ އެހެން މީހަކާ އެކީގައި އުޅެލައިގެން، އެހެން ގޮތެއް ހަދާލީމާ، ތަންކޮޅެއް ރަނގަޅު ގޮތެއް ވެދާނެއޭ. ދެން މިހާރު އަޅުގަނޑު ފެނުނީމާ، އެބޭފުޅުން ތިއްބަވަނީ ލަދުން. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އަޅުގަނޑުމެންނަށް ނަރުދަމާ ނޭޅޭނެއޭ ނުބުނައްޗޭ. އޭރުން އެޅީމާ ފަހުން ތިބޭނީ ލަދުންނޭ. އަޅުގަނޑުމެން އެ ނަރުދަމާ މިރަށުގައި އަޅާނަމޭ. މިވެރިކަން ދެމިއޮންނަނީ އެންމެ ބޭނުމަކަށް. ހަމަ އެންމެ ބޭނުމަކަށް. އެއީ، އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ވެރިކަން ދޫކޮށެއް ނުލާނެ. މިރަށުގައި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، މަގާއި، ބަނދަރާއި، މަތީ ތަޢްލީމާއި، ޞިއްޙީ މަރްކަޒާއި، މަދަރުސާއާ ޤާއިމުނުކޮށެއް.

އަޅުގަނޑު ދެންނެވިން މައްޗަންގޮޅީ ކިނބިގަސްދޮށުގޭ މައުމޫން ޢަބްދުލްޤައްޔޫމް، މި ރާއްޖޭގެ ވެރިކަމުން އަޅުގަނޑުމެން ވައްޓާލާނަމޭ. އެހެން ބުނީމާ، އެބޭފުޅުން އަޅުގަނޑު ގާތުގައި މިވާހަކަ މިގޮތަށް ދައްކަން ފެށީ. ދެން ފަހުން އަދި އަޅުގަނޑު ހަމަ ބުނިން. އިރާދަކުރެއްވިއްޔާ، 11 ނޮވެމްބަރ 2008ވާ އަންގާރަ ދުވަހު، ދެން މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ އިރާދަކުރެއްވިއްޔާ ކުރާނީ އަޅުގަނޑޭ. ހަމަ އެހެން ބުނީމާވެސް އެބޭފުޅުން އަޅުގަނޑު ގާތުގައި، ތިޔަހެން ތިޔަވާހަކަ ނުދައްކާށޭ، ތިޔަކަމެއް ނުވާނޭ އެހެން ބުނި. މިއަދު ތިބެނީ ކުޑަކޮށް ލަދުންނޭ. މިއަދު ހަމަ އަޅުގަނޑު މިރަށު ކުދިން ކައިރީގައި، މިރަށު މީހުންގެ ތެރެއިން، ދަރިންގެ ތެރެއިން، އަޅުގަނޑުމެން މިރަށުގައި ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތާއި، ބަނދަރު ބޮޑުކުރުމާއި، މިރަށުގައި މަތީ ތަޢްލީމެއް ދިނުމާއި، މިރަށުގެ މަދަރުސާ ރަނގަޅު ކުރުމާއި، މިރަށުގެ ހެލްތް ސެންޓަރު ރަނގަޅު ކުރުން އަދި ހަމަ އަޅުގަނޑުމެން ތަކުރާރުކޮށް ބުނަމުން މިއަންނަ ފަދައިން، މިރަށުގައި މަހުގެ މަސައްކަތް، މަސްވެރިކަމުގެ މަހަށް، ކޮންމެވެސް ގޮތަކަށް މަސް ޕްރޮސެސް ކުރެވޭނެ، ސާފުކުރެވޭނެ، މަސް ބަންދު ކުރެވޭނެ މަސައްކަތެއް ނުކޮށެއް، އަޅުގަނޑުމެންގެ ވެރިކަން އަޅުގަނޑުމެން ހުއްޓައެއްނުލާނަން. ހަމަގައިމުވެސް އަޅުގަނޑު ދެފައި އެއްތާކު ނުޖަހާނަން އެކަން ނުވަނީހެއް.

އަޅުގަނޑު ހަމަ އެބޭފުޅުންނަށާއި އަދި އެހެން ބޭފުޅުންނަށް ދަންނަވާލަން ބޭނުން. ބައެއްފަހަރަށް ސާފުކޮށް ދިނީމާ ތަންކޮޅެއް ބޮޑަށް ފިލާފާނެ. އަޅުގަނޑުމެން މި ނަރުދަމާ އަޅަން މިއުޅޭގޮތް. އޭގެކުރީގައި ފުރަތަމަ ދަންނަވާލާނަން ބަނދަރު. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި ބަނދަރު އޮތީ ވަރަށް ކުޑަކޮށް. މިރަށުގެ ބަނދަރާ އެކަށީގެންވާ ވަރަށްވުރެ ކުޑަކޮށް އަދި ހަނިކޮށް. ދެން ޙަޤީޤަތުގައި އެ ބަނދަރު ހަދާނެ ރުފިޔާއެއްވެސް އޭރަކު ނެތް. ދެން އަޅުގަނޑުމެން ބަނދަރު ހެދުމުގެ ފައިސާ ހޯދަން، މިއަދު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކެރަފާ ނަސީމް މިތާ އެބަ އިންނެވި. ނަސީމް ގާތުގައި އަޅުގަނޑު އެދުނިން، ވަރަށްބޮޑު ކަމެއް އެބައޮތޭ އަޅުގަނޑަށް ކޮށްދޭން. އެއީ، އިހަވަންދޫގެ ކަންތައްތައް، ހޯރަފުށީގެ ކަންތައްތައް، ދިއްދޫގެ ކަންތައްތައް އަޅުގަނޑުމެންނަށް ނިންމޭވަރަށް ރުފިޔާ އެބަ ކޮންމެ ގޮތެއްވިޔަސްވެސް ހޯދަންޖެހެއޭ. ދެން އަޅުގަނޑަށް ހެވޭ އޭގައި ނަސީމް ގެދޮރު ވިއްކިޔަސްވެސް. އެބައި އަޅުގަނޑަށް ހޯދައިގެން ގެނެސްދެއްވާށޭ. ދެން ބައިނަލްއަޤްވާމީ ދުނިޔެ ތިބީ އަޅުގަނޑުމެންނާ ވަރަށް ރަށްޓެހިކޮށް. އަދި ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތައް ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހިފަހައްޓާށާއި، ހަރުދަނާ ކުރަން ބޭނުންވޭ. އެކަން ކުރުމަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދޭންޖެހޭކަން އެޤައުމުތަކުގެ ވެރިންނަށް ވަރަށް ސާފު.

އެހެންވުމާއެކުގައި، އަދި ޒަމާނުއްސުރެ ފަށައިގެން، ޑިމޮކްރެޓިކް ސަރުކާރެއް ޚުދު މުޚްތާރު ނޫން ގޮތަކަށް ވެރިކަން ހިންގާނަމަ، ސަރުކާރުތަކަށް އެހީވެދޭން ތައްޔާރަށް ތިއްބެވި ހެޔޮއެދޭ ސަރުކާރުތަކުން މި ސަރުކާރަށްވާ އެހީތެރިކަން ވަރަށްބޮޑު. އެހެންވީމާ، އިންޑިއާގެ އެގްޒިންގ ބޭންކުން އެއީ، އިންޑިއާގައި އޮންނަ ތަރައްޤީއަށް މަގުފަހިކޮށްދޭ އަދި ތަރައްޤީގެ ކަންކަމަށް ލޯނުދީ ހަދާ އުޅޭ ބޭންކެއް. އެ ބޭންކުން އަޅުގަނޑުމެންނަށް ތިންސަތޭކަ މިލިއަން ޑޮލަރުގެ ލޯނެއް، ދިގުމުއްދަތުގައި ދޭން ސަރުކާރަށް ހަމަޖެއްސި. ދެން އެހެން ބޭފުޅަކު ދެން ތިޔަބޭފުޅުން ކައިރީގައި ވިދާޅުވާނެ ވާހަކައަކީ، ބަޖެޓުގައި ޖަހާފައެއް ނެތޭ ނަރުދަމާގެ ވާހަކައެއްވެސް. އެކަމަކު ބަޖެޓުގައި އަޅުގަނޑު ޖަހާފައި އޮންނާނެ މަދަރުސާގެ ވާހަކަ. އެއީ ބަޖެޓުން މަދަރުސާގެ ކްލާސްރޫމް އިތުރުކުރުމުގެ އެއް ފިޔަވަހި އެ ހިނގަނީ. އެހެންވީމާ، މިފަހަރު މަދަރުސާގެ ވާހަކަ ބަޖެޓުގައި ޖަހާފައި އޮންނާނެ. އެހެން ނަމަވެސް، މި ސަރުކާރުން އެބަ ޢާންމު ޚިދްމަތްތަކެއް ފޯރުކޮށްދޭ ބަޖެޓް މެދުވެރިނުކޮށް. އަޅުގަނޑުމެން ކަންކުރާ އުޞޫލު ކިޔާދޭނަން. އަދި މި ޝައްކު އުފެދޭ އެހެން ބޭފުޅުންނަށް، ތިޔަބޭފުޅުން މިވާހަކަ ކިޔައިދިނުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

އަޅުގަނޑުމެންނަށް އަބަދުވެސް ވިސްނޭ އެއް ޙަޤީޤަތަކީ، ޤައުމެއް ކޮޅަށް ޖަހަން މިބޭނުންވޭކަން ޤައުމެއްގެ މައި ބަދައަކީ ނަރުދަމާ ހޮޅިއާއި، ފެން ހޮޅިއާއި، ކަރަންޓް ކަމަށް. މިއީ ޙަޤީޤަތުގައި ޤައުމެއް ގަތާލެވޭ އެންމެބޮޑު އެއްބާރަކީ. އެ ނަރުތަކުން، އެ ހޮޅިތަކުން ޤައުމެއް މިހިނގަ ހިނގާ މިހުންނަނީ. އެކަން ނުކުރާހާ ހިނދަކު އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެންގެ ރާއްޖެ، އަޅުގަނޑުމެން މިބޭނުންވާ، މިރާއްޖެއަށް މިބޭނުންވާ ބަދަލެއް އަޅުގަނޑުމެންނަކަށް ނުގެނެވޭނެކަން. ސަރުކާރުން ބެލި ބެލުމުގައި، އަދި އަޅުގަނޑުމެން ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޙަރަކާތްތެރިވަމުން އައިއިރުގައި، އަޅުގަނޑުމެން ބެލި ބެލުމުގައި ރާއްޖެއަށް އާމްދަނީގެ ގޮތުގައި، ދެން މިހާރު އަޅުގަނޑަށް ޔަޤީން، މިލިބެނީ ހަތްހާސް މިލިއަން ރުފިޔާ އަހަރެއްގެ މައްޗަށް. ހަތް ބިލިއަން ރުފިޔާ. އޭގެތެރެއިން ސަރުކާރު މުވައްޒަފުންގެ މުސާރައަށް އެކަނި ތިން ބިލިއަން ރުފިޔާ އެބަ ޚަރަދުކުރޭ. އެއީ، ތިންހާސް މިލިއަން. ދެން ހިފާ ގެންގުޅޭ ތަކެއްޗާއި ރިކަރެންޓް ޚަރަދު ކެނޑީމާ، ތަރައްޤީއަކަށް ނޯވޭ ފައިސާއެއް. އަޅުގަނޑުމެންނަކަށެއް މިއަދަކު ނެތް ދަރަންޏަށް މި ދިގު ކޮމާޝަލް ވިޔަފާރި ދަރަންޏަށް ފައިސާ ނެގޭކަށް. ނެތެނީ އެއީ ރާއްޖޭގެ ދަރަނި ބޮޑުވެފައި ހުރި މިންވަރަކީ، އަޅުގަނޑުމެންގެ އުފެއްދުންތެރި ކަމުގެ މުޅި ޖުމްލަ ޢަދަދާއި، ނަގާފައި ހުރި ދަރަންޏާ އަޅާބަލާއިރުގައި، އެދޭތެރޭގައި ހުންނަންޖެހޭ މިންގަނޑު ބައިނަލްއަޤްވާމީ ހަމަތަކުން މިހާރު މިދަނީ ނައްޓަން. އެހެންވީމާ، ދަރަންޏަށް ފައިސާ ނެގުން އެއީކީއެއް ފަސޭހަ ކަމަކަށްނުވޭ. އަދި ބުއްދިވެރި ކަމަކަށްވެސްނުވޭ. މިހެން އޮތް ޙާލަތެއްގައި، ކިހިނެއްތޯ ސަރުކާރަކުން ކަންކަން ހިންގާނީ.

މިހާރު މިޒަމާނުގައި އަޅުގަނޑުމެން ވިސްނި ވިސްނުމަކީ، ޢާންމު ޚިދްމަތްތައް ފޯރުކޮށްދިނުމަށް އެބަ އުފެއްދެއޭ، ޕްރައިވެޓް، ޕަބްލިކް، ޕާޓްނަރޝިޕް ކިޔާ އެއްޗެއް. އެއީ، ޕީ.ޕީ.ޕީ އޭ މިކިޔަނީ. ޕްރައިވެޓަކީ ބައިނަލްއަޤްވާމީ ކުންފުނިތައް. ޕަބްލިކަކީ ސަރުކާރު. ޕާޓްނަރޝިޕަކީ ގުޅިގެން. މިބާވަތުގެ ގުޅުންތަކުގެ ތެރެއިން ވިޔަފާރީގެ އުޞޫލަށްދާ ގޮތަށް ބަނދަރުވެސް ހެދެން އެބައޮތޭ. ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތްވެސް ދެވެން އެބައޮތޭ. އަޅުގަނޑުމެން އެއްކަލަ އުފެއްދި ތިންސަތޭކަ މިލިއަން ޑޮލަރުގެ ބޭންކް ލޯނު ނުވަތަ އެއަށް މިކިޔަނީ ބޭންކް ފެސިލިޓީއޭ. އެއީ، ހަމަ ނަގާ ލޯނެއް. އެ ލޯނު ނަގާނީކީ ސަރުކާރަކުންނެއް ނޫން. އަޅުގަނޑުމެން އެ ލޯނު ނަގަން މިބުނަނީ، މަސައްކަތްކުރާ ކުންފުނި ކައިރީގައި. އެކުންފުންޏަކީ އިންޑިއާ ކުންފުންޏެއް. މި ލޯނު ލިބޭނީ އިންޑިއާ ކުންފުންޏަކަށް. އެކުންފުނިން އަޅުގަނޑުމެންނަށް ބިލްކުރަން ޖެހޭނީ، އަހަރަކު މިވެނި ވަރަކަށޭ. އަޅުގަނޑުމެން ބުނެގެން މިއުޅެނީ، އެކުންފުނިން ބިލް ކުރަން ޖެހޭނީ، އަހަރަކު ފަސް މިލިއަން ރުފިޔާއަށްވުރެ ބޮޑުނުވާ ޢަދަދަކަށޭ. މިރަށުގެ ބަނދަރަށް އެބަދޭ ފަސްދޮޅަސް މިލިއަން ރުފިޔާ. އެހެންވީމާ، އެމުއްދަތުގެ ތެރޭގައި ދައްކާ ޚަލާޞްކުރާ އުޞޫލުން އެ ކުންފުނި ރުހެޔޭ. އެކުންފުންޏަށް އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ، ސަރުކާރު ޙިއްޞާވާ އެހެން ކުންފުންޏަކާއި އެ ކުންފުންޏާ ދެކުންފުނި ގުޅިފައި އޮންނަ ޙިއްޞާވާ ކުންފުންޏެއް އުފައްދަންޖެހޭނެ. މިއުޞޫލުން އަޅުގަނޑުމެންނަށް ހަމަ ބަރާބަރަށް ރަނގަޅަށް މިހާރުން މިހާރަށް. އެނގިވަޑައިގަންނަވާނެ މިދިޔަ އިހަކަށްދުވަހަކު އަޅުގަނޑުމެން މިދިޔަ ދެމަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން 14 ބަނދަރު ހެދުމަށް ސޮއިކޮށްފިން. އެކިއެކި ތަންތަނުގެ 14 ބަނދަރު. އަޅުގަނޑު މިވާހަކަތައް ނުދައްކަނީ އިންތިޚާބު ގާތްވެފައި އޮތީމާ. ހައްތާވެސް އިންތިޚާބާ ދިމާކޮށް. އެހެން ނަމަވެސް، ދެން މިކަންކަން ވަމުންވަމުން ވަމުން އައިސް ވީމާ، ސޮއިއަޅާނެ. އެއީކީއެއް އިތުރު ކަމެއް ކޮށްގެން ވާކަމެއް ނޫން. ހަމަ އަޅުގަނޑުމެން ވަމުން ވަމުން އައިސް ވީމާ ސޮއިއަޅަނީ.އެކަމަކު މި އިންތިޚާބާ ދިމާކޮށް ހުރިހާ ސޮޔެއް އިޝްތިހާރު ކޮށްފިއްޔާ، އަޅުގަނޑު ކުޑަކޮށް ލަދުގަނޭ. ހިތަށްއަރަނީ ހަމަ އެއީ އިންތިޚާބާ ދިމާކޮށް މިކަންކަން ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވާލަން، ދަޅައެއް ދައްކާލަން ކުރާ ކަމެކޭ. އޭގައި ޙަޤީޤަތެއް، އޭގައި ފަހަތެއް، އޭގައި އަޞްލެއް ނެތޭ.

އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް، އަޅުގަނޑުމެން މިކުރަނީ ހަމަ ޒަމާނުއްސުރެ ފެށިގެން، ހަމަ ފެށުނީއްސުރެ ފެށިގެން އަޅުގަނޑުމެން ބުނަމުން އައިން ހަކުޅިއަށް ވިސްނާފައި. ހަކުޅި ކުރިއަށް ވިސްނާފައި. އަޅުގަނޑުމެންނަށް އެނގޭ، އެހެން ނޫނީ ސައިވާނެކަން. އެހެންވީމާ، އަޅުގަނޑުމެން މި އިހަވަންދޫ ބަނދަރު. މީގެ އަޅުގަނޑު ހަނދާންވަނީ ދޮޅުމަހެއްހާ ދުވަސް ކުރީގައި، ޕަބްލިކް ވަރކްސް މިނިސްޓްރީން މިރަށުގެ ބަނދަރު ކޮމިޓީއަށް އެދިފައި އޮންނާނެ. އެމީހުން ބަނދަރު ބަހައްޓަން ބޭނުންވާ ގޮތް، ޕަބްލިކް ވާރކްސް މިނިސްޓްރީއާ މަޝްވަރާ ކުރަން ބޭނުމޭ. ދެން މިތަނުން އަޅުގަނޑަށް ހީވަނީ ފޮނުވާފައި އޮތީ ލިޔުމެއްހެން. އޭގައި މިބުނަނީ، އަޅުގަނޑަށް ހީވަނީ ބަނދަރުގެ މިން އެކަނި ޖަހާފައި މިއޮންނަނީ. ދެން މި ބަނދަރު މިހާރުދަނީ ކުރަހަމުން. ކޮންމެވެސް މިންވަރަކަށް ކުރެހުނީމާ، އަޅުގަނޑު މިދެކެނީ ކުރިއަށް މިއޮތް ދެހަފްތާއެއްގެ ތެރޭގައި ކުރަހައި ނިމޭނެ. ދެތިން ހަފްތާއެއްގެ ތެރޭގައި. އެ ނިމުނީމާ އަދި އަޅުގަނޑު ބޭނުން، ތިޔަބޭފުޅުންނާ އެކީގައި، އެ ކުރެހި މީހުންނާއެކީގައި މިކަމުގައި މަޝްވަރާ ކުރަން. މިއީ ތަފާތު ބަނދަރަކަށްވާންޖެހޭނެ. ތިޔަބޭފުޅުން ބަނދަރު ބޭނުންވެފައި އޮތީ ފުޅާކޮށްލަން. އެއީ ވަދެ ނުކުމެވާން ފަސޭހަ ކުރަން. ފުޅާވެސް ކުރެވިދާނެ. އެކަމަކު އަޅުގަނޑުމެން އެބަ ބޮޑަށް ބޭނުންވޭ ދެ ނެރު ވަދެ ނިކުމެވާން ފަސޭހަވާން. ދެން ދެ ނެރު ކެނޑީމާ، ދެން ބަނދަރުގެ ބާންޏަށްވާނީ ކިހިނެއްތޯ، އެތެރެއަށް ވާނީ ކިހިނެއްތޯ، ފައިކަށްޓަށް ހަދާނީ ކިހިނެއްތޯ، ދެން މިހުރިހާ ކަމެއް އަޅުގަނޑު ބޭނުން ހަމަ ތިޔަބޭފުޅުންނާ އެކީގައި، ބަޔަކާ އެކީގައި އިނދެގެން، އެތަން ހުންނަންވާނީ މިހެންނޭ، ތިޔަބޭފުޅުން ބޭނުންވެލައްވަނީ އިންޓޮލޮކީ ގަލޭ ތިޔަބޭފުޅުން ބުނާނީ. ޓެޓްރޮޕޮޑޭ. އަޅުގަނޑު ގާތުގައި އަސްލަމް ބުނަނީ ރައީސޭ އެ ގާ އަޞްލު ދެރަވާނޭ ހިލައަށްވުރެ. އެއީ ކޮންކްރީޓް ބައެއްފަހަރަށް ނުގެށިވެސް ހުރެދާނެއޭ. ދަގަނޑުވެސް ރަނގަޅަށް ނުލެނބި ހުރެދާނެއޭ. އަޅުގަނޑުގެ ވާހަކައަކީ، އަޅުގަނޑުމެން އަޅާ ބަނދަރު ހުންނަންޖެހޭނެ ސަތޭކަ އަހަރު ވަންދެން. ހުންނަންޖެހޭނެ ސަތޭކަ އަހަރު ވަންދެން. ކޮންކްރީޓަކީ ސަތޭކަ އަހަރުން ކިރިޔާ ހަރުވާ އެއްޗެއް. އެހެންވީމާ، ކޮންމެހެންނެއް އަޅުގަނޑުމެން ބޭނުމެއް ނޫން. މިތަނަށް ކޮންކްރީޓް އަޅައަޅާފައި އަނެއް ދުވަހު ނަގަނަގާފައި، ބަތް ކައްކާ ކުޅޭކަށް ނޫން މިއުޅެނީ. މިއުޅެނީ ދެމެހެއްޓެނިވި ގޮތުގައި ކަންކަން ރަނގަޅު ކޮށްގެން ކުރިއަށް ގެންދެވޭތޯ ބަލަން. އެހެންވީމާ، މިބަނދަރު އަޅުގަނޑުމެން ހެދުމުގެ ކުރީގައި، ބަޔަކާ އެކީގައި ބަނދަރު ކޮންޓްރެކްޓް ކުރުމުގެ ކުރީގައި، އަޅުގަނޑު ބޭނުން، މިރަށު މީހުން ބުނަން އެންމެފަހުން އާ ތިހެންނޭ އެ ބަނދަރު އޮންނަން ބޭނުމީ. ދެން ކޮންޓްރެކްޓް ދިނީމާ ބަނދަރު ބަދަލުކުރަން ވަރަށް އުނދަގޫވާނެ. އޭރަށް އޮންނާނީ އެމީހުންނާ އެކީގައި އެގޮތަށް ބުނެވިފައި. އޭރަށް ހުންނާނީ ފައިސާގެ ޢަދަދުތައް އެގޮތްގޮތަށް ކަނޑައެޅިފައި. އޭރުން އެހެންވީމާ ވަރަށް އުނދަގޫވާނެ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް، އަސްލަމް އެބުނާ ބަނދަރު ކޮމިޓީ، ނުވަތަ މިރަށުން ބަނދަރާ ގުޅޭގޮތުން މަޝްވަރާ ކުރަން ތިން ހަތަރު މީހެއްގެ ވަފްދެއް މާލެ ދިއުން. އެހެން ނޫނިއްޔާ އަސްލަމް މިތަނަށް އައުން އެބަ އެދެން. އަސްލަމް ބުނުއްވަނީ، މި ރަށްރަށަށް ގޮސްގެން އެ މަޝްވަރާއެއް ނުހިންގެއޭ. މުޅި ރަށާ އެކީގައި ކިހިނެއް ހެއްޔޭ މަޝްވަރާއެއް ހިނގާނީ. ހަމަ ރަށުގައި ނޫޅޭނެއޭ ހަމަ ކޮންމެ ގެއެއްގައި އިންނަ ކޮންމެ މީހަކުވެސް، ކޮންމެ އަންހެނަކުވެސް، ކޮންމެ ފިރިހެނަކުވެސް އޮންނާނެ ބަނދަރަށް ކިޔާނެ އިތުރު ގޮތެއް. އޭނައަށް އެނގޭނެ ފައިކަށްޓަށް ހަދާލަންވީ ގޮތް. އަނެކަކަށް އެނގޭނެ ކަންކަށްޓަށް ހަދާލަންވީގޮތް. މި އެއްގޮތަކަށްވެސް ކަނޑައެޅިގެން ވަކި އެއްގޮތެއް ކިޔާފައި އެކީ އެކައްޗަކަށް ކަމެއް ނިންމާލަން މިދަނީ ހަމަ ދަތިވެގެން.

އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ސީދާ ބަނދަރު އޮންނާނެ ގޮތް އެކީ އެކައްޗަކަށް އަޅުގަނޑުމެން ކުރިއަށް މިއޮތް ދެތިން ހަފްތާއެއްގެ ތެރޭގައި އެކަން ނިންމަން. ފައިނަލް ކުރަން. ކޮށްފައި އިރާދަކުރެއްވިއްޔާ އެ އެގްރީމެންޓަށް ދާނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ތިޔަބޭފުޅުންގެ ބަނދަރު، މޮޅު ބަނދަރެއް، ރަނގަޅު ބަނދަރެއް މިރަށުގައި ހަދައިދޭނަން.
ސަރުކާރުގެ ސީދާ ބަޖެޓުން ދެން ކުރާ ކަމަކީ، މިރަށުގެ މަދަރުސާއާއި ކްލާސްރޫމް އިތުރުކުރުން. އެއީ ބަޖެޓުގައި ހިމަނައިގެން، އަޅުގަނޑުމެން އައިއިރުގައި ބަޖެޓުގައި އޮތް މައްސަލައެއް ނޫން. އޮތް ކަމެއް ނޫން އެއީ. އަޅުގަނޑު މިތަނުގައި ކުރީ ދުވަހު އައިއިރުގައި އެކަން އަޅުގަނޑުމެން ކޮށްދޭނެ ކަމަށް ބުނެ، ބަޖެޓުގައި ހިމަނާފައި.

ނޫން އަޅުގަނޑު އެވާހަކައެއް ނުބުނާނެ. އިބްރާހީމް މިބުނަނީ، ހޯރަފުށި އިނގޭތޯ އޭނަ. އެވަރަށްވެސް ބަލަންޖެހޭނެ. ޢަލީ ފާއިޒު، އަޅުގަނޑު ޢަލީ ފާއިޒަށް ދެންނެވިން. އިނގިރޭސިވިލާތުން ބަލައިދީބަލާށޭ މިތަނުގައި ޕައުޗް ޕްލާންޓެއް މި ދަޅު ބަންދުކުރާ، އަޅުގަނޑުމެން ބުނިން، އަޅުގަނޑު ބުނަން ފަސްޓަނު ބަންދުކުރެވޭ ޕްލާންޓެއް މިތާނގައި ހަދައިދޭނަމޭ. ދެން ޢަލީ ފާއިޒު އިނގިރޭސިވިލާތަށް ފޮނުވައިގެން އަޅުގަނޑު މިއުޅެނީ. އެކަމުގައި ބައެއް ހޯދަން. ދެން މިހާރު ދެންމެ އިއްބެ، ޢަލީ ފާއިޒާ ގުޅުއްވައިގެން އުޅުއްވާފައި އެބުނަނީ، އެމީހުން އެތަނުން ކުންފުންޏެއް އެބަ އެއްބަސްވެޔޯ އިހަވަންދުއަށް އައިސް މިކަން ބަލާފައި، އިހަވަންދޫގައި އޭގެ ޕްލާންޓެއް ހަދަން. ދެން އަޅުގަނޑުގެ ވާހަކައަކީ، އެހެންނެއް އަޅުގަނޑަކަށް ވާހަކައެއް ނުބުނެވޭނެއޭ. އެކަން ސީދާ ކަނޑައެޅިގެން ޔަޤީންވެ، އޭގެ ފަހަތުގައި ހުރި ހުރިހާ ކުރު އަލިފަކަށް ދަންދެން އަޅުގަނޑަށް އެނގުނީމާ، އަޅުގަނޑަށް ތިޔަބޭފުޅުން ކައިރީގައި މިވެނި ކަމެކޭ ކިޔާފައި ވާހަކައެއް ބުނެވޭނީ. އަޅުގަނޑު ބުނެގެން މިއުޅޭ ވާހަކަތައް، އެއީ ނަރުދަމާގެ ވާހަކައާއި، ފެނުގެ ވާހަކައާއި، ކަރަންޓްގެ ވާހަކައާއި، މަދަރުސާގެ ވާހަކައާއި، ބަނދަރުގެ ވާހަކައަކީ އަޅުގަނޑުމެން އެމަސައްކަތްކޮށް، އެކަން ތިޔަބޭފުޅުންނަށް ކޮށްދެވޭނެކަން އަޅުގަނޑުމެންނަށް އެނގިގެން، އަޅުގަނޑުމެން ދައްކާ ވާހަކައެއް.

މި މަސް ޕްލާންޓްގެ ވާހަކައަކީ، ދަޅު ބަންދުކުރާ ޕްލާންޓްގެ ވާހަކައަކީ، އެކަން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާ ކަމެއް. އަޅުގަނޑު ޢަލީ ފާއިޒު ލައްވައި މިފްކޯ ލައްވައި އެކަމާ ގުޅޭ ޕްރޮޖެކްޓެއް އޮންނާނީ ހައްދާފައި. އެ ޕްރޮޖެކްޓާ އެކީގައި އަޅުގަނޑު ޢަލީ ފާއިޒު އަރިހުގައި ދެންނެވިން، ޢަލީ ފާއިޒު އިނގިރޭސިވިލާތަށް ދުރުވާށޭ. އެއީ އަޅުގަނޑުމެން ކުރީގައި އިނގިރޭސިވިލާތަށް ކުރި ދަތުރުގައި، ބަޔަކާ އެކަމުގެ ޝައުޤުވެރިކަން، އަޅުގަނޑުދިޔަ ދަތުރުގައި މީހަކު ބުނި އެކަމަށް އަޅުގަނޑަށް މަސައްކަތް ކޮށްދޭނަމޭ. ދެން މިހާރު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް ހިނގާ. ދެން އެއީ އަޅުގަނޑުމެންނަށް ފަހުން ހިންގޭނެ މަސައްކަތެއް. ހަމަ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު ހުއްޓައެއްނުލާނަމޭ މިރަށުގައި ތިބެގެން، މިރަށުގެ މަސްވެރިންނަށް އަޅުގަނޑުމެން މިއެދޭ ރަނގަޅު މަސް. މިހާރު ފެލިވަރަށް މަސްކިރީމާ ދިހަރުފިޔާ ބައި. މިތަނަށް ކިރީމާ ތިޔަބޭފުޅުންނަށް ހަރުފިޔާ ބައި. މިތަނުގައި ބަންދުކުރަންޏާ، މިތަނަށް ކިރީމާ މިތަނުގައިވެސް ދިހަރުފިޔާ ބައި ލިބޭނެ. އެހެންވީމާ، އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުގެ އަމާޒަކީ މިތަނުގައި ބަންދު ކުރަން ފެށުން. އެހެންވީމާ، އެ ބަންދުކުރަން ފަށަންވެގެން އަޅުގަނޑު މިހޯދަނީ، ސަރުކާރުން އެ ފެކްޓްރީ މިތަނުގައި އަޅާކަށެއް ނޫން. އަޅުގަނޑުމެން މިހޯދަނީ ބޭރު ބަޔަކާ ސަރުކާރާ ޙިއްޞާވެގެން މިތަނުގައި ފަސްޓަނު ބަންދުކުރެވޭވަރުގެ ފެކްޓްރީއެއް ހަދަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަ އެމަސައްކަތް ކޮށްދޭނަން. އަޅުގަނޑު އެމަސައްކަތް ކުރަން މިއުޅެނީ. އަޅުގަނޑުމެންނަށް އެކަން އިރާދަކުރެއްވިއްޔވާނެ. މީގެކުރިއަށްވުރެ އަޅުގަނޑު މިހުރީ އަދި މާ ޔަޤީންކަމާ އެކީގައި. މާ އިތުބާރާ އެކީގައި. އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް އެކަން ކޮށްދެވޭނެ.

އަޅުގަނޑުމެން މަދަރުސާއާ ގުޅިގެން، އަޅުގަނޑުމެން ބޭނުންވަނީ، މިހާރު ބަޖެޓުގައި ހިމަނާފައި އޮތް 6 ކްލާސްރޫމްގެ އިތުރުން، އޭރުންވެސް އެއްދަންފަޅިއަކަށް މިމަދަރުސާއެއް ބަދަލެއްނުވޭ. ބޮޑު މަދަރުސާއެއް އިހަވަންދޫގައި ހުންނަނީ. ކުދިންވެސް ގިނަ. އަޅުގަނޑު އެހެން ތަންތަނަށް ގޮސްވެސް ބުނަން އެބަ. އެހެން ތިއްބާ އިހަވަންދޫގައި 60 ކުދިން އެބަ އޭ ލެވެލް ހަދައޭ. ހަމަ އަޅުގަނޑު ދާހާ ރަށެއްގައި އެބަ ބުނަން. އެނގޭހެއްޔޭ، އިހަވަންދޫގައި އިހަވަންދޫ މަދަރުސާގައި 60 ކުދިން އޭ ލެވެލް ހަދައޭ. މީހަކު ފިއްކަނޑައިގެންދާވަރު ކަމެއް އެއީ އިނގޭތޯ. 2700 މީހުންގެ ރަށެއްގައި. އަޅުގަނޑުމެން ބޭނުން މި މަދަރުސާ އެއްދަންފަޅިއަށް ހަދަން. އެހެންވީމާ، އެ އެއްދަންފަޅިއަށް ހެދުމަށް ކުރައްވަންޖެހޭ ކަމަކީ، އަޞްލު ޑޮކްޓަރ ލުޠުފީއާ އެކީގައި އަޅުގަނޑު މިދަތުރު ފެށީ. ދެން ލުޠުފީ އެކަމަކު އެހެންނަމަވެސް އަޅުގަނޑު މިއައީ ކުޅުދުއްފުށީގައި ލުޠުފީ ބަހައްޓާފައި. ލުޠުފީ ވިދާޅުވަނީ، އެއްދަންފަޅިއަށް ހެދުމަށް ބޭނުންވާ ކްލާސްރޫމްގެ ޢަދަދު އެނގޭގޮތަށް އެޑިޔުކޭޝަނަށް ތިޔަބޭފުޅުން ލިޔުއްވީމާ، އެއްދަންފަޅިއަށް ހެދުމަށް އެޑިޔުކޭޝަނުން އެފައިސާ ދޫކުރާނެއޭ. މިތަނުގައި އެ ޢަދަދަށް ކްލާސްރޫމް ހެދޭނެއޭ. އެހެންވީމާ، އެއީ މިހާރު ބަޖެޓުގައި ހިމަނާފައި އޮތް 6 ކްލާސްރޫމްގެ އިތުރުން އެއްދަންފަޅިއަށް ހަދަން ބޭނުންވާ ކްލާސްރޫމް އިނގޭތޯ. އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ، މިހުރިހާ މަސައްކަތް އެއްފަހަރާ މިރަށުގައި ފަށައިފިއްޔަކާއެއް އަދި މާބާރަކަށް މިކަންކަން، ކޮންމެވެސް ދިމާއަކުން ހުއްޓުން އަރާނެ އޭރަށް. ދެން އެހެން ނަމަވެސް، ރަނގަޅަށް ރޭވިއްޖިއްޔާ، ކަންކަން ރަނގަޅަށް ރޭވިގެން ވިސްނުންތެރިކަމާ އެކީގައި ކަންކަން ކުރެވިއްޖިއްޔާ އެކަންވާނެ.

އެހެންވީމާ، އަޅުގަނޑުގެ ގިނަ ވަގުތު ތިޔަބޭފުޅުން އަދި މުޅިން ހިތްހަމަޖެހިނުވެސްލައްވަފާނެ މިހާ ގިނައިރު އަޅުގަނޑު ކަންކަމުގައި ކުރާތީވެ. އެކަމަކު އަޅުގަނޑު ކުރާނަން މިވަގުތު. ނަގައިގެން އަޅުގަނޑު ރާވާނަން. އަޅުގަނޑު ކޮންމެހެންނެއް ނުޖެހޭ މިވަގުތު މީހަކަށް ދަޅައެއް ދައްކާކަށް. ޚާއްޞަކޮށް، އިހަވަންދޫ މީހުންނަށް، ރައްޔިތުންނަށް ދައްކާނެ ދަޅައެއް ނެތް. އެއީ، އަޅުގަނޑު ނުޖެހޭ ތިޔަބޭފުޅުންނަށް ދަޅައެއް ދައްކާކަށް. އެއަށްވުރެ އަޅުގަނޑުމެން މިތިބީ މާ ގާތުގައި. އެހެން ވެއްޖިއްޔާ އަޅުގަނޑުޖެހޭ، ދެން އަންހެނުންނޭ ބުނަން މިއުޅުނީ. ދެން އޭނައަށް ދައްކަންޖެހޭނެތާ. އަޅުގަނޑެއް ނުޖެހޭ، ތިޔަބޭފުޅުންނަށް ހަމަގައިމުވެސް ދަޅަ ދައްކާކަށް. ތިޔަބޭފުޅުންނަށް އެބަ އެނގޭ. އަޅުގަނޑުމެންނާ އެކީގައި ތިޔަބޭފުޅުން ތިޔަ ތިއްބެވީ. އަޅުގަނޑުމެން އެކުގައި މިމަސައްކަތް ކުރަމުން މިގެންދަނީ.

މަދަރުސާ އެއްދަންފަޅިއަށް ހެދުމުގެ އިތުރުން، އަޅުގަނޑުމެން އެބަ ބޭނުން މަތީ ތަޢްލީމެއް ދެވޭ މަދަރުސާއެއް މިތަނުގައި ހުންނަން. އެހެންވީމާ، އެކަމަށް ސަރުކާރުން ވިސްނާފައި އޮތްގޮތަކީ، އަޅުގަނޑުމެން ގެންނަން ބޭނުންވަނީ ހަމަ ބޭރުން މަދަރުސާއެއް. ގެނައީމާ، އެ މަދަރުސާ އޭގައި ދަރިވަރުން އަތުން ނަގާނެ މަހަކު ތިންހާހެއްހާ ރުފިޔާގެ ފީއެއް ނަގާނެ. މަތީ ތަޢްލީމަށްދާން. ދެން ސަރުކާރުން ދޭނީ ދަރިވަރުންނަށް އެހީއެއް. ހިލޭ އެހީއެއް ދޭނީ ސީދާ ދަރިވަރުންގެ އަތަށް. ދެން އޭގެއިތުރުން، ދަރިވަރުންނަށް ފަހިކޮށްދޭނަން ލޯނު އެހީ ލިބޭގޮތަށް. އެކަން އެހެންވީމާ، އެ މަދަރުސާއަށް އެއްކަލަ ފީ ދެއްކޭނެ. މަދަރުސާއަށް ލާރި ދިނުމުގެ ބަދަލުގައި، އަޅުގަނޑުމެން ބޭނުމީ ދަރިވަރުންނަށް ފައިސާ ދޭން. ދިނީމާ އެ ދަރިވަރުން އެ މަދަރުސާއަށް ދެއްކީމާ، އޭރުން އެ މަދަރުސާއިން އިހަވަންދޫ ދަރިވަރުންގެ އިތުރުން ހޯދާނެ އިނގޭތޯ، އެހެން ރަށްރަށުގެ ދަރިވަރުންވެސް. މާނައަކީ، އަޅުގަނޑުމެން މެލޭޝިޔާއަށް ގޮސް މިތިބެނީ ނޫންތޯ، އިހަވަންދޫ މީހުން. ދަރިންނަށް ކިޔަވައިދެނީ ނޫންތޯ. އިންޑިއާގައި ކިޔަވައިދޭ. ސިލޯނުގައި ކިޔަވައިދޭ. ހަމަ އިހަވަންދޫ މީހުން ކިޔަވައިދޭ މިހުރިހާ ތަނެއްގައިވެސް. އެހެންވީމާ، ހަމަ ސިލޯނު މީހަކަށްވެސް އިހަވަންދޫގައި ރަނގަޅު މަދަރުސާއެއް ހުރެއްޖެއްޔާ އަތުވެދާނެ. އަޅުގަނޑުމެން މިބަލަނީ، އެ ބްރޭންޑް ގެންނަން. މަދަރުސާއަކީވެސް ހަމަ ބްރޭންޑެއް. މީގައި މަޝްހޫރު މަދަރުސާތައް، މޮޅު މަދަރުސާތަކަކީވެސް ހަމަ ބްރޭންޑެއް. އެހެންވީމާ، އެ ބްރޭންޑްގެ މަދަރުސާއެއް މިތަނަށް އައީމާ، އެ މަދަރުސާ އިރާދަކުރެއްވިއްޔާ ރަނގަޅަށް ހިނގާނެ. އަޅުގަނޑުމެންނަށް މިތަނުގައި މަތީ ތަޢްލީމެއް ދެވޭނެ. އެއީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިހަވަންދޫގައި ކުރާނެ ކަމެއް.

އަޅުގަނޑުމެންގެ ނަރުދަމާ ޤާއިމު ކުރުމުގެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން ރާވާފައި އޮތް ގޮތް އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށްވެސް އެބަ އެނގެންޖެހޭ. އަޅުގަނޑުމެން ވިސްނީ، މިސާލަކަށް، މި ބޮޑު ތިލަދުންމަތި އެއީ، އަޅުގަނޑުމެން މިކިޔާ މަތި އުތުރު ޕްރޮވިންސް. އެ ބޮޑު ތިލަދުންމައްޗޭ ނުކިޔާންވެގެން އެހެން މިކިޔަނީ. މަތި އުތުރު ޕްރޮވިންސް. އެތަނުގައި އެބަވޭ ގާތްގަނޑަކަށް 12 ރިޒޯޓް. ސްޓެލްކޯގެ ދިހަ ބާރަ އިންޖީނުގެ. އަދި އޭގެއިތުރަށް 41 ރަށުގެ އިންޖީނުގެ. ދެން މިހާރު ބައެއް ރަށްރަށުގައި ކޮންމެވެސް ވަރަކަށް ނަރުދަމާގެ ނަރު ހޮޅިތައް އެޅިފައި އެބަހުރި. މާބޮޑު ކަމެއްވެފައި ހުރީކީއެއް ނޫން. ސަރުކާރުން ފުރަތަމަ މި ކުންފުނި ހަދާފައި، އަޅުގަނޑުމެން މިއުފެއްދީ، މަތި އުތުރު ޔުޓިލިޓީ ކުންފުނި. އަޕަރ ނޯތް ޔުޓިލިޓީ ކޮމްޕެނީ ކިޔާ ކުންފުންޏެއް ކިޔާ ކުންފުންޏެއް ސަރުކާރުން އުފައްދާނީ. އެއީ، ސަތޭކަ ޕަސެންޓް ސަރުކާރު ޙިއްޞާވާ ކުންފުންޏެއް. ފުރަތަމަ އެކުންފުންޏަށް މިބަދަލުކުރީ ސްޓެލްކޯގެ ހުރިހާ ޖަނަރޭޓަރެއް، އިންޖީނުގެއެއް. ތިޔަބޭފުޅުން ފަހަރުގައި މީގެ ދެތިން ރެއެއް ކުރީގައި އަޑުއައްސަވާފައި އޮވެދާނެ، މިދެންނެވި ސްޓެލްކޯގެ އިންޖީނުގެތައް ބަދަލުކުރި ވާހަކަ. ދެން އަޅުގަނޑުމެން މިހާރު މި ވާހަކަ ދައްކަނީ، ރިޒޯޓްތަކުގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުންވެސް މިކުންފުންޏަށް ބަދަލުކުރަން. ބަދަލުކޮށްފައި ދެން އެކުންފުނި މިހޯދަނީ، ބޭރުގެ ބޮޑު ކުންފުންޏެއް، އެކުންފުންޏާ އެކީގައި ޙިއްޞާވާނެ ކުންފުންޏެއް. ޝައުޤުވެރިވާ. އެއީ މިހާރު 41 ރަށް، 50 ރަށުގެ ހުރިހާ މަސައްކަތެއް އެއް ކުންފުންޏަށް ލިބުނީމާ، އެ ކުންފުންޏަށް ވިޔަފާރީގެ ގޮތުންވެސް ހަމަ މާލޭގެ އަގުގައި ކަރަންޓް ދެމުން، މާލެއަށްވުރެ ހެޔޮކޮށް ފެންދެމުން، އެމީހުންނަށް ފައިދާވޭ. މިހުރިހާ ކުންފުނި އެކުގައި ލިބުނީމާ، ހުރިހާ ރަށެއް އެކުގައި އެމީހުންނަށް ލިބުނީމާ. ދެން އަޅުގަނޑުމެން ސަރުކާރުން އިޢްލާނުކުރީ، މި ކުންފުންޏާ ޙިއްޞާވެގެން މިމަސައްކަތް ކުރާނެ ބޭރުގެ ކުންފުނިތައް، ޝައުޤުވެރިވާ ކުންފުނިތަކުގެ ޝައުޤުވެރިކަން ދިވެހި ސަރުކާރަށް ހާމަކުރާށޭ. މިހެން އަޅުގަނޑުމެން އިޢްލާނު ކުރީމާ، ބައިނަލްއަޤްވާމީ ބޮޑެތި 14 ކުންފުނި އެބައޮތް ސަރުކާރަށް ޝައުޤުވެރިކަން ހާމަކޮށްފައި. އަޅުގަނޑުމެން ބުނީ، 1 މެއި އިން ފެށިގެން މިކުންފުނިތައް ރާއްޖެ އައިސް، ކަންހުރި ނެތްގޮތް ބަލަމުން ގެންދާށޭ. އަޅުގަނޑު އަޑުއެހިން އިއްޔެގައި އޭގެތެރެއިން ބައެއް ކުންފުނި މި ސަރަޙައްދުގައި، މި ތިލަދުންމަތީގައި އެބަ ބަލަމުން ގެންދޭ. އެކުންފުނިތައް އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް މިދަންނަވާ އިންޑިއާގެ ބޮޑު ކުންފުންޏާ، ނުވަތަ އިނގިރޭސިވިލާތުގެ އަޅުގަނޑުމެން މި 14 ކުންފުނީގެ ތެރެއިން ކޮންމެވެސް އެއް ކުންފުންޏެއް ނެގެނީ. އެ ބޮޑު ކުންފުންޏާ އެކީގައި މި މަތިއުތުރު މި ތިލަދުންމަތީގެ ފެނާއި ނަރުދަމާ އާއި ކަރަންޓްގެ ޚިދްމަތްދޭ ކުންފުންޏާ އެކުވެ، މިއަތޮޅުގެ ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތުގެ މަސައްކަތް އަޅުގަނޑުމެންނަށް މިއަހަރުގެ ތެރޭގައި ފަށައިގަނެވޭނެ. އެއީކީ ބޮޑުކަމެއް ނޫން އެފަދަ ބޮޑު ކުންފުންޏަކަށް.

ދަންނަވަންތޯ އިންޑިއާގެ މިދައްކަނީ ކޮން ވާހަކައެއްތޯ؟ 42 ރަށަށް ފެނާއި ނަރުދަމާއާއި ކަރަންޓް ދިނުމަކީ، އިންޑިއާގެ އެ ކުޑަކުޑަ ރަށްފުށުގައި އޮންނަ ވިލެޖަކަށް ކަރަންޓް ދިނުން ކަހަލަ ކަމެއް. މާބޮޑު ކަމެއްގެ ވާހަކައެއް ނޫން އެމީހުންނަށް މިދެކެވެނީކީއެއް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އިޤްތިޞާދާއި، އަޅުގަނޑުމެންގެ ކަންކަން މިއަދާ ހަމައަށްވެސް ހުރި މިންވަރުން އަޅުގަނޑުމެންނަށް މިވާ އެއްޗަކީ، އަޅުގަނޑު ކުރީގައި ކެމްޕޭންގައި އުޅުނުއިރު ދެންނެވީމެއް ނޫންތޯ. އަޅުގަނޑު އަޑުއަހަމޭ، ސަރުކާރަށް އަހަރަކު ރަށެއްގެ ފަޅޭ ފުންކޮށްދެވޭނީ. ދެން އަޅުގަނޑު ހިތަށްއަރައޭ ދުއިސައްތަ އަހަރު ފަހުން ކޮންރަށެއްބާވައޭ ކޮށްދެއްވާނީ. މިހާރު ނަރުދަމާގައި އަޅުގަނޑުމެންނަކަށް އެހެނެއް ނުތިބެވޭނެ. ހަމަ މިހާރު އެބަޖެހޭ ގިނަ ޢަދަދެއްގެ ރަށްތަކެއްގައި.

އަޅުގަނޑުމެން މި އަމާޒު މިކުރަނީ، މިއަހަރުގެ ތެރޭގައި މަދުވެގެން 30 ރަށުގެ ފެނާއި ނަރުދަމާ އާއި ކަރަންޓްގެ ކަންތައް އިތުބާރު ހުރި ގޮތެއްގައި ކުރުމަށާއި، މި 30 ރަށުގެ ބަނދަރުތައް ހެދުމަށާއި، އަދި އަޅުގަނޑުމެން އެބަ 75 ރަށުގެ، 75 ކިލޯ މީޓަރުގެ މަގު ތާރުއަޅާފައި ހަދަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިރަށުގެ މަގު، ވަށާ މަގާއި، އަދި އެއް މަގުގައި، މަދުވެގެން ކުޑަވެގެން މެރިން ޑްރައިވް ވަށާ މަގު، އަޅުގަނޑުމެން މިރަށުގައި ތާރުއަޅައި ހަދައިދޭނަން. މި ރަށް އަޅުގަނޑުމެންނެއް ދުލެއް ނުކުރާނަން. އަޅުގަނޑުމެންނެއް މިރަށް ހަމަ ކުޑަކޮށްވެސް ދުލެއް ނުކުރާނަން. ދެން އަޅުގަނޑަކަށް މިރަށް އޮޅިފައެއް ނޯންނާނެ. ތިޔަބޭފުޅުންނަކަށް އަޅުގަނޑުވެސް އޮޅިފައެއް ނޯންނާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިރަށުގައި މިމަސައްކަތްތައް ކޮށްދެވޭނެ.

ދެން އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި ކަނޑައަޅާފައި އޮތް ޕްރޮގްރާމަކީ، ނިންމާފައި އޮތް ނިންމުމަކީ، މިރަށުގައި 100 ގެ ޢިމާރާތް ކުރުން. އަޅުގަނޑުމެން ނިންމީ، ރާއްޖޭގައި އެބަ ދިހަހާސް ގެ މިހާރުން މިހާރަށް ޢިމާރާތް ކުރަންޖެހެއޭ. ދެން އަޅުގަނޑު ދައްކަމެއް ނޫންތޯ ދިގު ވާހަކައެއް. އެއްކަލަ އިރުމަތީ ބިތުގައި ސިމެންތިޖަހާ ވާހަކަ. ގެއެއް އަޅައި މިނިމެނީ މިހާ ދުވަހުންނޭ ބުނެ، އަޅުގަނޑު ދައްކާ ވާހަކައެއް. ގެއެއް އަޅާ ނިމެނީ އެހާ ދުވަހުން. އެއްވެސް ޤައުމެއްގައި ކޮންމެ ދެމަފިރިއަކީ ކޮންސްޓްރަކްޝަން ކުންފުންޏެއް ނޫން. އަދި ދެމަފިރިން ވެގެން ގެއެއް އަޅައިގެން، ގެއަށް ވަދެގެނެއް، އެގެއެއް ނޯންނާނެ. އެހެންނެއް އެކަމެއް ނުކުރެވޭނެ. މީގެ ހަތަރު ފައްސަތޭކަ އަހަރު ކުރީގައި ބައެއް ޤައުމުތަކުގައި އެކަން އެހެން ކުރަމުންދިޔައީ. އޭރުގައި އެޤައުމުތައްވެސް ހަމަ އޮތީ ޖިފުޓިތަކެއްހެން. އެއް އުޞޫލަކުން، އެއް ކުންފުންޏަކުން ބާރަށް ގެންގޮސް ހުރިހާ ކަމެއް ކުރީމާ، މިހުންނަނީ އަޅުގަނޑުމެން މިބުނާ ތާހިރުކޮށް. ތާހިރު ދިރިއުޅުމެއް އުޅެވޭގޮތަށް.

ސަރުކާރުން އިޢްލާނު ކުރީ، ކޮންމެ ދިހަ ގެއެއް އަޅައިދޭ، ދިހަ ގެއަކަށް ތިރީސްހާސް އަކަފޫޓްގެ ބިން ރާއްޖޭގެ ގޮނޑުދޮށްތަކުން ރީތި ބިން ދިގު މުއްދަތަށް ދޭނަމޭ. ޔޫރަޕްގެ މީހުން އައިސް، އެމީހުންގެ ދެވަނަ ގެ އަޅައިގެން، އެމީހުން އައިސް ތިބޭނެ. އަހަރަކު ދެމަސް ދުވަސް، ތިންމަސް ދުވަހު ތިބެފައި ދާނެ. އެބާވަތުގެ ގެ، ތިރީސްހާސް އަކަފޫޓްގެ ބިން އަޅުގަނޑުމެން ދޭނަމޭ، އަޅާ ކޮންމެ ދިހަ ގެއަކަށް. ދިހަހާސް ގެ އަޅަން ބޭނުމޭ، އެހެން ބުނީމާ އެކަމަށް ޝައުޤުވެރިވެ ދުނިޔޭގެ 17 ބޮޑެތި ކުންފުނި އެބައޮތް ސަރުކާރަށް ހުށަހަޅާފައި. މިހާރު އަޅުގަނޑުމެންނަށް އޮތީ އޭގެތެރެއިން އެންމެ ރަނގަޅީ ކޮން ކުންފުންޏެއްތޯ ބަލާފައި، އެބަޔަކަށް އެމަސައްކަތް ޙަވާލުކުރުމުގެ ކަންތައް. އަޅުގަނޑު މިސާލަކަށް މިއައީ މޮޅަދޫން. މޮޅަދޫން ކާކުތޯ ތިރީސް ހާސް އަކަފޫޓްގެ، އިނގިރޭސިވިލާތުގައި އަޅުގަނޑު ނުދަންނަން މިސާލަކަށް މީހަކު، މޮޅަދޫން ތިރީސްހާސް އަކަފޫޓްގެ ބިން އޭނައަށް ދިގު މުއްދަތަށް ފަސްލައްކަ ޑޮލަރަށް ލިބޭ ކަމަށްވަނީވިއްޔާ، އޭނާ އުފަލުން ގަންނާނެ. އެ ފަސްލައްކަ ޑޮލަރުން ދިހަ ގެ އެޅޭނެ. އަޅުގަނޑުމެން އެހެންވީމާ މި ނިންމަނީ، މިރަށުގައި ސަތޭކަ ގެ، އަޅުގަނޑުމެން ފަށައިގަންނަން އަޅާނަމޭ. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން އެމަސައްކަތް ފަށާނަން. ދިގު މުއްދަތުގައި ތިޔަބޭފުޅުންނަށް ފައިސާ ދައްކައި ޚަލާޞްކުރާ ގޮތަށް އެގެތައް ލިބޭނެ. އެއީ އަޅުގަނޑުމެން ހަމަ އަޅުގަނޑުމެންގެ ދަތުރުފަތުރު ކުރުމުގެ ނިޒާމުވެސް، ހުރިހާ ކަމެއްވެސް އަޅުގަނޑުމެން މިއަންނަނީ އަޅުގަނޑުމެން ހުށަހަޅާފައި އޮތް ތަރުތީބުން އެކަން ކުރަމުން. ދެން ތިޔަބޭފުޅުން މިއަދުވެސް އަޅުގަނޑުމެންގެ މެނިފެސްޓޯ ބައްލަވާލައްވައިފިއްޔާ އެނގިލައްވާނެ، އޭގައި ލިޔެފައި އޮތްކަން އެވާހަކަ. އޭގައި ލިޔެފައި އޮންނާނެ، މިވެނި ކަމެއް ކުރާނީ މިވެނި މުއްދަތެއްގައޭ. ހަމަ ކަނޑައެޅިގެން ލިޔެފައި އޮންނާނެ. އަޅުގަނޑުމެންނަކަށް އެމުއްދަތުތައް ފަހަނަޅައެއްނުދޭ. ޙަޤީޤަތުގައި މާ ބާރު އަޅުގަނޑުމެންނަށް ދެވޭލެއް. އަޅުގަނޑުމެން މިތިބީ ވަރަށް ހިތްހަމަޖެހިގެން. އަޅުގަނޑުމެންނަށް މިކަންކަން ކުރެވިދާނެކަން ވަރަށް ބޮޑަށް ޔަޤީން.

އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދޭނީ ހަމަ އެންމެ ކަމަކަށް. އުންމީދު ނަގާނުލައްވައްޗޭ. އަޅުގަނޑާ އެކީގައި ތިޔަބޭފުޅުން ހަމަ މިހާރުވެސް ތިޔަ އުންމީދު ކުރައްވަމުން ގެންދަވާށޭ. އުންމީދޭ ހުރިހާވެސް އެއްޗަކީ. އަޅުގަނޑުމެންނަށް ކަމެއް ޙަޤީޤަތަކަށް މިވަނީ، ހަމަ ތިޔަބޭފުޅުންނާއެކީގައި އަޅުގަނޑުމެން ދުށް ހުވަފެނެއް އެއީ، މި ރާއްޖޭގެ ވެރިކަން ބަދަލުވާތަން. އެނގިލައްވާ ނޫންތޯ އެންމެ ފުރަތަމަ ގޮތްޕެއް ހެދީ އިހަވަންދޫ މީހުންކަން، އެމް.ޑީ.ޕީ ގޮތްޕެއް. ތިޔަބޭފުޅުންނާއެކީގައި އަޅުގަނޑުމެން މިކަން ކުރަމުން މިދަނީ. ހަމަ އެންމެ ފުރަތަމަ ބުރުގައި އިހަވަންދޫ، ތަކަންދޫ، މާފަރު، ފޭދޫ، ދެން މާލެ. އެއީ، މާލެއިން މާކަރީ ލައިޓްދޮށް. ޖަންބުމަގުން. މިއީ އެންމެ ފުރަތަމަ އަޅުގަނޑުމެންގެ އިޞްލާޙީ މަސައްކަތުގައި، މި ރާއްޖެ ބަދަލުކުރުމުގައި ފުރަތަމަ އިސްނަގައި ބައިވެރިވި މީސްމީހުންގެ ތެރެއިން އެއްރަށް މިއީ. ދެން އަޅުގަނޑުމެން މިއަދު ވަގުތުގެ އަޖަލުގައި ޖެހި މިހެން ތިބޭއިރުގައި، ހިތަކަށްވެސް ނާރާނެ، ދިވެހި ޤައުމު، ދިވެހިރާއްޖެ، އިހަވަންދޫ ރައްޔިތުންނަށް ޝުކުރުވެރިވާނެވަރު. މިއަދަކު ނޭނގޭނެ އެ މިނާކަށް. ތާރީޚު އޭގެ އިމްތިޙާނަކަށްވާނެ. އެ ދިވެހި ތާރީޚު ބުނާނީ، މީގެ މާ ދުވަސްތަކެއްފަހުން އިހަވަންދޫ މީހުންގެ ވާހަކަ މީހުން ބުނާނީ. އެއީ ކިހިނެއްވީ ކަމެއްތޯ މީހުން ބަލާނީ. ބެލިއިރުގައި އެމީހުންނަށް ފެންނަން އޮންނާނީ. އޭރުން އެމީހުންނަށް އެނގޭނީ. މިއީ ކިހިނެއްވީ ކަމެއްތޯ. އެއީ އިހަވަންދޫ މީހުން ކުރި ކަމެއްކަން އެމީހުންނަށް އެނގޭނެ. އެމީހުންނަށް އެހެންވީމާ އެނގޭނެ، ކީއްވެގެންކަން އެވެނި ރަށަކަށް ނުގޮސް، އަނެއްކާވެސް ދެވަނަފަހަރަށް، ތިންވަނަ ފަހަރަށް އަޅުގަނޑު އިހަވަންދުއަށް އަންނަނީ. އެމީހުންނަށް އެނގޭނެ.

އަޅުގަނޑެއް ތިޔަބޭފުޅުންނަކާ ދުރެއް ނުވާނަން. އަޅުގަނޑުގެ މައްސަލައެއް ނެތް، ކުޑަކޮށް އަދި ކުޑަކޮށް ނޫން ބޮޑުކޮށް އަޅުގަނޑާ ދިމާއަށް ފާޑުކިޔަސް. މަލާމާތް ކުރިޔަސް. އެއްޗެހިކިޔަސް. އަޅުގަނޑަށް ހަމަ ތިޔަބޭފުޅުންގެ ތެރެއިން ބޭފުޅުންކޮޅެއް އަދި ހުރިހާ ބޭފުޅުން އެކަން ކުރެއްވިޔަސް އަޅުގަނޑު ކަންބޮޑެއް ނުވާނަން. އަޅުގަނޑަށް އެކަން ހަޖަމު ކުރެވޭނެ. ތިޔަބޭފުޅުން އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ބަހައްޓާފައި މިހުންނަނީ، އަޅުގަނޑަށް އެނގޭ ކުޅިވަރު ކުޅެން ނޫންކަން. ތިޔަބޭފުޅުންނަށް ވިސްނޭ، މިވަގުތު ހުންނަންވީ އަޅުގަނޑުކަން. ތިޔަބޭފުޅުންނަށް ވިސްނޭ، މިވަގުތު އަލަށް ދަތްފަޅާއިރު ތަދުވާނެ. އެހެންވީމާ، ޑިމޮކްރަސީއަށް އަޅުގަނޑުމެން ތަޢާރުފުވެގެންދާއިރުގައި، އަޅުގަނޑުމެން ބައެއްފަހަރަށް ޗާޓުން ބޭރަށް ނައްޓާލާނެ. ދިޔައީމާ އެމީހުން ފަހާ ދުވުނީމާ، ދެން ދުވަހަކު އެމީހުންނަކަށް ނާދެވޭނެ ޗާޓުގެ އެތެރެއަކަށް. އަޅުގަނޑުމެންގެ ހަން ބޯވާންޖެހޭނެ. އަޅުގަނޑުމެންނަށް ހަޖަމު ކުރެވެން ޖެހޭނެ. އަޅުގަނޑަށް ހަޖަމު ކުރެވޭނެ. އަޅުގަނޑު ރުޅިއެއް ނާންނާނަން. އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް ވިސްނޭ، އަޅުގަނޑަށް ޔަޤީން، ހަމަ ހިތާ ހިތުގެ ގުޅުމުން އަޅުގަނޑާ އިހަވަންދޫ ރައްޔިތުންނާ ގުޅިފައި އޮންނަކަން. އަޅުގަނޑަކަށް އެކަމެއް ނޯޅޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ނިހާޔަތަށް ޝުކުރުވެރިވަން. އަޅުގަނޑު ވަރަށް ވަރަށް އުފާވޭ. އަޅުގަނޑު ބައެއްފަހަރަށް ހަމަ ހިތަށްވެސްއަރާ. ހާދަ ހާދަ ހަމްދަރުދީއެކޭ، ހާދަ ތަރުޙީބެކޭ ތިޔަބޭފުޅުން ތިޔަދެއްވަނީ. އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މިރަށު ހުރިހާ އަންހެން ބޭފުޅުންނަށާއި، ފިރިހެން ބޭފުޅުންނަށާއި، ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުންވޭ.

ދެން އަޅުގަނޑު ކަންބޮޑުނުވާ ސަބަބު ދަންނަވާފާނަން. މިވެރިކަން ގުޑުވާލެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. ހަމަ ކުޑަގޮތެއްވެސް ނޯންނާނެ. އަޅުގަނޑުމެން މިތިބީ، ޤާނޫނީގޮތުން މިވެރިކަމަށް އައިސް. ޤާނޫނީ ދައުރުގައި މި ވެރިކަމާ ހަމަ ބެހެވޭނެ އެކަކުވެސް ނުހުންނާނެ. އަޅުގަނޑުމެންގެ ސިޔާސީ ޙިކްމަތްވެސް މާ ވަރުގަދަވާނެ. އަޅުގަނޑުމެންނާ ފަތިގަނޑު ފިރުކާލެވޭވަރު ބައެއްވެސް ސިޔާސީ ގޮތުން، ތިޔަ ޑީ.އާރު.ޕީ ތެރެއަކުވެސް އަދި އެހެން ތަނެއްގައިވެސް ނޫޅޭނެ. ނާންނާނެ. އެކަމެއް ނުވާނެ. އަޅުގަނޑުމެން ނުޖެހޭ، އެކަމަކަށް ނުލަފާވާކަށް. އަޅުގަނޑު ޙަޤީޤަތުގައި ކުރީދުވަހު ބޭނުން ކުރަންވީ ބަހަކީ ސިޔާސަ. އަޅުގަނޑު މާ ސިޔާސަވާނެ. އަޅުގަނޑުމެންނަކާއެއް ގާތެއް ނުކުރެވޭނެ. އެއީ ހަމަ މުޅިން ފްލޯކު ވާހަކައެއް. އެއްގޮތަކަށްވެސް ކުޑަކޮށްވެސް ކަންބޮޑުވެލައްވާނެ ކަމެއް ނެތް. އަޅުގަނޑު ނުވެސްޖެހޭނެ މީހުންތަކެއް ހައްޔަރު ކުރާކަށްވެސް. ތިޔަބޭފުޅުންނަށް އެނގިލައްވާނެ. ނަގައިގަތް ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި، 180 އަނދަގޮނޑި އެބޭފުޅުން ޖެއްސެވި. 432 މީހުން ގެންގޮސް ހިފާ ހައްޔަރުކުރި. އޭގެތެރެއިން ގިނަ މީހުންނަށް ނުހަނު އަނިޔާކުރި. ނުޖެހޭނެ. އަޅުގަނޑުމެން މިދަނީ އިންތިޚާބެއް ކާމިޔާބު ކުރަން. އަދި އިރާދަކުރެއްވިއްޔާ، އެ އިންތިޚާބުގެ އަޣްލަބިއްޔަތުވެސް އަޅުގަނޑުމެންނަށް ލިބޭނެ.

މިދިޔަ ސަރުކާރުގައި އިންތިޚާބަކާ ދިމާއަށްދާ ކޮންމެ ފަހަރަކު މީހުން ހައްޔަރު ކުރާނެ. އެއީ ރައްޔިތުން ބިރުގަންނަވަން. އަޅުގަނޑުމެން ބޭނުމެއް ނޫން ރައްޔިތުން ބިރުން ތިބޭކަށް. ރައްޔިތުން ވިސްނައިގެން، ހުޅުވިފައި ހުރި ސިކުނޑިއެއްގައި ގޮސް، އެމީހުން އަމިއްލައަށް އަޅުގަނޑުމެންނަށް ހިތުން ރުހުމުން ލޯބިންދޭ ވޯޓު އެމީހުން ދޭނެ. އަޅުގަނޑު އިހަވަންދޫ ރައްޔިތުންނަށް ހަމަ ބުނެދޭކަށެއް ނުޖެހޭ. ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށްގެން ނޫނިއްޔާ، އަޅުގަނޑުމެން މިގެންނަ އިޞްލާޙުތައް ގެނެވޭކަށެއް ނެތް. އާ ޤާނޫނުއަސާސީ، އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަންފީޛު ކުރުމަށާއި، އަދި އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށް 64 ޤާނޫނު އެބަ ބޭނުންވޭ. ދެން މިއަދު އަޅުގަނޑު ގަބޫލުކުރަންވީތޯ، މިދިޔަ ދިގު 30 އަހަރު އަޅުގަނޑުމެން ހަދަން އުޅުނު ކޮންމެ ޤާނޫނަކަށް ހުރަސްއެޅުއްވި ބޭފުޅުން، އަޅުގަނޑުމެންނާ އެކީގައި ނުކުމެ އިޞްލާޙީ ޤާނޫނު ހައްދަވަން ތިއްބަވާނެ ކަމަށް. ނުތިއްބަވާނޭ. އެއީކީ ވާނެ ކަމެއް ނޫން. އެހެން ނަމަވެސް، މި އިންނެވި އަޙްމަދު އަޅުގަނޑަށް ޔަޤީން އިންނަވާނެކަން. އަޅުގަނޑަށް އޭނާ ފެނުނީކީ މިއަދަކު ނޫން. އޭނާއަކީ އެންމެ ފުރަތަމަ ދުވަހުއްސުރެ ފެށިގެން އަޅުގަނޑު މި އިޞްލާޙީ މަސައްކަތް ކުރަންފެށި އެންމެ ފުރަތަމަ ދުވަހުއްސުރެ ފަށައިގެން ސާބިތުކަންމަތީ، ދެގޮތެއްނުވާ ނުގުޑި، އަޅުގަނޑަށް ޔަޤީން އެތައް ބައެއް އޭނައަށް އެތައް އެއްޗެއް ދޭން ބުނެފައި އޮންނާނެ. އެނގިލައްވާތޯ އަޅުގަނޑު ހަމަސްދުވަސް މިވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި. އަޙްމަދާ ގުޅޭނެ އަޅުގަނޑާ ކޮންމެ ގަޑިއެއްގައިވެސް. ދުވަހަކުވެސް އަޅުގަނޑު ކައިރީ ކަމަކު ނުބުނޭ، އިހަވަންދުއަށް އަންނަން ނޫނިއްޔާ. އިހަވަންދޫގެ ބަނދަރު ވާހަކަ ނޫނިއްޔަކާއެއް. އިހަވަންދޫގެ މަދަރުސާގެ ވާހަކަ ނޫނިއްޔަކާއެއް. ދެން އަޅުގަނޑުވެސް ހިތަށްއަރާ، އަޙްމަދާ ކީއްހޭ ކުރަން ތިއުޅެނީ އިހަވަންދުއަށް. އެނޫން ވާހަކައެއް އޭނާ ނުދައްކާނެ. އަޅުގަނޑު އޭނާ ބުނީމަކާ އަޅުގަނޑު ކަންބޮޑުވާކަށެއް ނުޖެހޭ، އެއިން ބޭންކް އެކައުންޓަށް ދާނީ ކިހާވަރެއްތޯ. ދެން މިތަނަށް ކުރިމަތިލައިފި.

ދަންނަވަންތޯ! އަޅުގަނޑަކީ މި ރާއްޖޭގައި ފުރަތަމަ ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމުގައި ވާދަކޮށްގެން، އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ތިޔަބޭފުޅުން ވޯޓު ދެއްވީމާ އިންތިޚާބުވެފައި ހުރި މީހެއް. މި ޤާނޫނުއަސާސީ ތަންފީޒު ކުރުމުގައި، ސިޔާސީ ޕާޓީތައް ބިނާކުރުން އެއީ އަޅުގަނޑުގެ މައްޗަށް ލާޒިމް ކަމެއް. އަޅުގަނޑު އެބަ ބުނެދޭންޖެހޭ ތިޔަބޭފުޅުންނަށް. މިއީއޭ ވާން މިއުޅޭ ކަމަކީ. އެހެން ނޫނިއްޔާ، އަޅުގަނޑުގެ ޤާނޫނީ ވާޖިބު އަޅުގަނޑަކަށް އަދައެއްނުކޮށްދެވޭނެ. އަޅުގަނޑު އެބަ މި ޤާނޫނުއަސާސީ ތަންފީޒުވަމުންދާއިރުގައި، އަޅުގަނޑުގެ ނަޒަރުގައި ވަމުންދާ ގޮތްތައް އެބަ ތިޔަބޭފުޅުންނަށް ކިޔައިދޭންޖެހޭ. އަޅުގަނޑު ހަމަ މި ދާއިރާއަށް، އިހަވަންދުއަށް ދާއިރާއަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނަށް އަޅުގަނޑަށް ބަލައިލެވިދާނެ. އޭގެތެރެއިން ގިނަ ބޭފުޅުންނަކީ، އަޅުގަނޑު މަޖިލީހުގައި އިންއިރުގައި، އަޅުގަނޑާ އެކީގައި، އެއްބޭފުޅަކީ އަޅުގަނޑު އަތުން ބަލިވި ބޭފުޅެއް. އަނެއް ބޭފުޅާ އެއީ، އަޅުގަނޑު މަޖިލީހުގައި އިންއިރުގައި، ހއ. އަތޮޅު މެންބަރެއްގެ ގޮތުގައި އިންނެވި ބޭފުޅެއް. އަޅުގަނޑު އާދޭސްކޮށްކޮށް އޭރު މަޖިލީހަށް، ސިޔާސީ ޕާޓީ ހެދުމަށް ހުށަހެޅުމަށް، އަޅުގަނޑާއި ޅ. އަތޮޅު ޢިއްޒަތްތެރި މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙާއި، ތ. އަތޮޅު ޢިއްޒަތްތެރި މެންބަރު ޙަސަން ޢަފީފާއި، ފ. އަތޮޅު ޢިއްޒަތްތެރި މެންބަރު އަބޫބަކުރު މުޙަންމަދާ. ދެން ހަތިފުށީ ޝާކިރާ. މިއީ، މީގައި ސޮއިކުރި މީހުންނަކީ. އަޅުގަނޑު ހަމަ އާދޭސްކުރިން. އޭރު ހއ.ގެ މެންބަރެއްގެ ގޮތުގައި އިންނެވީ، ހަމަ އަޅުގަނޑު މަދަރުސާގައި އަޅުގަނޑާ އެކީގައި ފެށުނީއްސުރެ ފަށައިގެން ކިޔަވަން އުޅުނު ކުއްޖެއް. ނުކުރި. ނުކުރެއްވި. ދެން އަޅުގަނޑު މިއަދު ދެކެންވީތޯ އެބޭފުޅާ، ތިޔަބޭފުޅުންގެ ފަރާތުން ވަކާލާތު ކުރަން އައީމާ ރަނގަޅުވާނެ ކަމަށް. ނުވާނެ އޭރަކަށް ރަނގަޅެއް. ހަމަ ރަނގަޅުވާނީ އަޙްމަދު އައީމަ. އެނޫން ގޮތެއް އެނޫން ހަމަ ފަރުޖެހޭ އެއްގޮތްވެސް އަޅުގަނޑަކަށް ނެތް.

އަޅުގަނޑުމެންނަށް ކިތަންމެ ތަނެއް ފެނިއްޖެ. އަޅުގަނޑުމެންނަށް ކިތަންމެ ވާހަކައެއް ދެކެވިއްޖެ. ދެނެއް އަޅުގަނޑުމެން މަގު އޮޅޭނެ ކަމެއް ނެތް. ދެން ހަމަ ކިޔާ އެއްޗެއް ކިއިދާނެ. އަނެއްހެން ދުލުގައި ހުރީ ކަށިފަޅާފައެއް ނޫންވިއްޔަ. އެހެންވީމާ، ދޫ ހިނގާނެ. އަޑު ނުކުންނާނެ. ވާހަކަތައް ދައްކަމުން ގެންދެވޭނެ. އެހެން ނަމަވެސް، ޙަޤީޤަތަށް އަޅުގަނޑުމެން އަބަދުވެސް ވިސްނާލަން ޖެހޭނެ. ބަލައިލަން ޖެހޭނެ. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން އެ ޙަޤީޤަތްތައް އަބަދުވެސް ބައްލަވަމުން ގެންދަވާކަން. އަޅުގަނޑުގެ ހަމަ ކުޑަވެސް ޝައްކެއްނެތް. އަޅުގަނޑު ހަމަ މިދަންނަވަނީ، ވަރަށް އިޚްލާޞްތެރިކަމާއެކީގައި، އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން ހަމަ އެއްވާނުގައި، އަޅުގަނޑު ކޮންމެހެން މިރަށުގެ އެމް.ޑީ.ޕީ މީހުންނާ އެކަންޏެއް ނޫން މިވާހަކަ ދައްކަނީ. މުޅި މި އިހަވަންދޫ ރައްޔިތުންނާ. ހަމަ އަޅުގަނޑު ބޭނުން އިހަވަންދޫ ހުރިހާ އެންމެންނާ މިވާހަކަ އަޅުގަނޑު ޙިއްޞާ ކުރަން.

އަޅުގަނޑު ހަމަ އާދޭހާއެކީގައި، އިހަވަންދޫ ރައްޔިތުންގެ ކިބައިން މިއެދެނީ، ވިސްނަވާށޭ. ދެން މިއީކީއެއް ބައިވެފައި، މި ފިކުރުގައި ބައިވެފައި އޮންނަންވީ ރަށެއް ނޫން. އަޅުގަނޑުމެންނަށް އެބައޮތް. މި ސަރުކާރަށް އެބައޮތް. މި ސަރުކާރު ވަރަށް ބޮޑަށް ދަރަނިވެރިވޭ އިހަވަންދުއަށް. އެހެންވީމާ، މި ސަރުކާރުގެ ޙިއްޞާ ވަރަށްބޮޑު އިހަވަންދޫގައި. ކޮންމެހެންނެއް އެހެން ގޮތެއް ހަދާކަށް ނުޖެހޭނެ. އަދި އެބޭފުޅުން ވިދާޅުވިޔަސް. މިހާރު ތިޔަބޭފުޅުންނަށްވެސް، ޑީ.އާރު.ޕީ ބޭފުޅުންނަށްވެސް އެނގިލައްވާނެ. މިވާ އެއްޗަކީ، އަޅުގަނޑު ތޮއްޑުއަށް ގޮސް އެއްދުވަހު ބުނިން. ތިންމަސް ދުވަހުގެ ތެރޭގައި މި ސަރުކާރު ވައްޓާލާނަމޭ. ދެން އެހެން ބުނީމާ، ނުލާހިކު ބޮޑަށް އެބޭފުޅުން ޖެހިލުންވި. ދެން މިހާރު މިވާގޮތަކީ، އެބޭފުޅުން މިވިދާޅުވަނީ، އަޅުގަނޑުމެންގެ ސަރުކާރު ވައްޓާލާނަމޭ. އެބޭފުޅުން ހިތަށްއަރަނީ، އެބޭފުޅުން އޭރުގައި ޖެހިލުންވި ފަދައިން، އަޅުގަނޑު ޖެހިލުންވާނެއޭ. ނުވާނެ ނޫންތޯ އެހެނެއް. އަޅުގަނޑަށް އެނގޭނެތާ ނުވާނެކަން. ނުވެސް ވެއްޓޭނެކަން. ގާތްވެސް ނުކުރެވޭނެކަން. އަޅުގަނޑުމެންނާ ގާތްވެސް ނުވެވޭނެ. ހަމަ ވަރަށް ރަނގަޅަށް ގަބޫލު ކުރައްވާ. ފަސް އަހަރު ދުވަސް ވަންދެން މިކަމުގައި އަޅުގަނޑު ހުންނާނަން. ދެން ފަސް އަހަރު ފަހުން، ފަސް އަހަރު ފަހުން ތިޔަބޭފުޅުން އެހެން ގޮތެއް، ރަނގަޅު ގޮތެއް ހޯއްދަވަންވީ. އަޅުގަނޑު އެ ފަސްއަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށާއި، އަޅުގަނޑަށް މިފެންނަ ގޮތުގައި، އެއީ ފުރަތަމަ ކަމަކަށް 1. ހުރިހާ ކަމެއް ހުއްޓާލާފައި، ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމުކުރުން. އޭރުން ނަރުދަމާވެސް ލިބެނީ. އޭރުން ފެން ޕްލާންޓްވެސް ބެހެއްޓެނީ. އޭރުން ބަނދަރުވެސް ހެދެނީ. އެހެންވީމާ، އެކަން ޙަޤީޤަތަކަށް ހެދުމަށް އަޅުގަނޑަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް މި ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑު ކުރާނަން. އަދި ހަމަ ދަންނަވާނީ، އިރާދަކުރެއްވިއްޔާ މިއަންނަ މަހުވެސް މިރަށަށް އަންނާނަމޭ. އަދި ދެން މިހާރު މާގިނަ ދަތުރު މިކުރެވެނީ. ތަންކޮޅެއް އަރާމުގައި މިރަށުގައި މޫދަށް އެރިލައި ހަދަން އަންނަންވެސް ހަމަ ބޭނުން އިނގޭތޯ. އެހެންވީމާ، އަޅުގަނޑު އިރާދަކުރެއްވިއްޔާ މިރަށަށް އަންނާނަން. ދެން އަޅުގަނޑު ވަރަށް އުފާވޭ އިނގޭތޯ. ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން.

އަޅުގަނޑުގެ ދުޢާއަކީ، މާދަމައަކީ އަދި މިއަށްވުރެ އުފާވެރި ދުވަހަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ!