بســم اللّـه الرّحمـن الرّحيــم


ހޯރަފުށީގެ އެކުވެރި ލޮބުވެތި ރައްޔިތުން:

السّـلام عليـكم

އެނގިވަޑައިގަންނަވާނެ، މީގެ ހައެއްކަ މަސްދުވަސް ކުރީގައި އަޅުގަނޑުމެން މިރަށަށް އައިން. އެދުވަހު އަޅުގަނޑުމެން މިރަށުގައި ރައްޔިތުންނަށް ހުށަހެޅީމު އެމް.ޑީ.ޕީ ހިމެނޭ ސަރުކާރެއްގައި ތަންފީޒު ކުރެވޭނޭ ސިޔާސަތުތަކުގެ މަންޒަރެއް. ކުރެހުމެއް. އެސިޔާސަތުތައް އޮންނާނެ ގޮތުގެ ތަޞައްވުރެއް. އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި ރައްޔިތުންނަށް ފަސްކަމެއް ވަޢުދުވަމުން ގެންދިޔައިން. އަދި އޭގެއިތުރުންވެސް އިތުރު 27 ކަމެއް މި ސަރުކާރުން ކޮށްދޭނެ ކަމަށް އަޅުގަނޑުމެން ރައްޔިތުންނަށް ހަނދާންކޮށްދެމުން ގެންދިޔައިން. އަޅުގަނޑުމެން ބުނިން، ރާއްޖޭގެ ރަށްތަކަކީ ލާމެހިފައިވާ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލެވިފައިވާ ރަށްތަކަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަމޭ. ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ. ބޭސް ސިޓީއަށް ސަލާންޖަހަން ނުޖެހޭނެ އުޞޫލަކުން ބޭސްފަރުވާ ކުރެވޭނެގޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަމޭ. އަޅުގަނޑުމެން ހުށަހަޅަމުން ގެންދިޔައިން. ޑްރަގްގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް ޝިފާއެއް ހޯދައިދިނުމަށް އަޅުގަނޑުމެން ގޮތްތަކެއް ރާވައިދޭނަމޭ. ރާއްޖެއަށް ޑްރަގަށް ހުޅުވިފައިވާ ދޮރުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަންދުކުރާނަމޭ.

އަޅުގަނޑުމެންނަށް އަބަދުވެސް ވިސްނޭ، އަދި އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ އަޅުގަނޑުމެން މި ފާހަގަކުރާ ކަންކަން ވަކި ތަރުތީބަކުން ނުކުރިނަމަ، ދެންވެސް އަޅުގަނޑުމެންނަށް ޖެހޭނީ ހަމަ މިދިޔަ ދިގު 30 އަހަރު ޖެހުނު ދަތުރުކަން. އަޅުގަނޑަށްވެސް އިންތިޚާބު ގާތްވީމާ، އަޅުގަނޑުގެ އެއްބަފާ ދެމީހަކާއި ދެޅިޔަނެއް އަތަށް ފައިސާކޮޅެއް ދީފައި ހޯރަފުށްޓަށް ފޮނުވައި، ހޯރަފުށީ ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވާލެވިދާނެ. އަޅުގަނޑަށްވެސް ދެތިން ދަޅައެއް ދައްކާލެވިދާނެ. އަދި އަޅުގަނޑަށްވެސް ފުލުހުން މެދުވެރިކޮށް، ރައްޔިތުންނަށް ބިރު ދައްކާވެސް ހެދިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން މިރާއްޖޭގައި ޤާއިމު ކުރަން މިއުޅޭ ހެޔޮވެރިކަމުގެ ނިޒާމު، މިއިން އެއްވެސް ކަމެއް އަޅުގަނޑުމެން ކޮށްފިނަމަ، މުޅި ޢުމުރަށް އަނެއްކާވެސް ގެއްލިދާނީ. އަޅުގަނޑުމެންނަށް އަދި އަޅުގަނޑުމެން އެންމެންނަށްވެސް އެނގެންވީ ޙަޤީޤަތަކީ، ކަމެއް މި ކުރެވެނީ އެކަމާ ގުޅޭ ކިތަންމެ ކަމެއް ފުރިހަމައަށް ނިންމީމައޭ.

އަޅުގަނޑަށް މިއަދު އުފަލާއެކީގައި ތިޔަބޭފުޅުންނަށް ދެންނެވެން އެބައޮތް. އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި، ހޯރަފުށްޓަށް ވާނީ ކިހިނެއްހެއްޔޭ؟ ތިޔަބޭފުޅުންގެ ރަށަށް އޮތީ ކޮންގޮތެއްހެއްޔޭ؟ އަޅުގަނޑު ހަމަ ކުޑަކުޑަ މިސާލެއް ދައްކާލަން. އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވާނަން، ކަންކަން ތަރުތީބުން ނުކުރީމާ ދެން ފަހުން އަޅުގަނޑުމެންނަށް ލިބޭ ބޮޑު ގެއްލުން. ބެރިންމަދޫ މީހުން ފުރަތަމައިނުން ބަދަލުކުރަން ނިންމުނީ މޮޅަދުއަށް. އަޅުގަނޑު ދެންމެ މިއައީ އެރަށުން. އެރަށު ރައްޔިތުން ކައިރީގައި އަޅުގަނޑު އަހާލިން. އެއީ އޭރުގައި އޮތް ރިޔާސީ އިންތިޚާބެއްގައި މޮޅަދޫ މީހުންގެ ވޯޓް ހޯދުމަށްޓަކައި ސަރުކާރުން އޭރު ވަޢުދުވަމުން ގެންދިޔައީ، ބެރިންމަދޫ މީހުން އެރަށަށް ބަދަލުކުރަން. ކުއްލިއަކަށް ބެރިންމަދޫ މީހުން ހޯރަފުށްޓަށް ބަދަލުކުރަން ނިންމީ. ހޯރަފުށްޓަށް ބެރިންމަދޫ މީހުން ބަދަލުކުރިއިރު، އެމީހުންނަށް ބޭނުންވާނެ ނަރުދަމައެއް ނެތް. އެމީހުންނަށް ބޭނުންވާނެ މިސްކިތެއް ނެތް. އެމީހުންނާ އެއްވަރަށް ބަލިމީހުން ބަލާކަށެއް ނޫން މިތާހުރި ހެލްތް ސެންޓަރު ރާވާފައި ހުރީކީއެއް. އެމީހުންގެ ދަރިންނަށް ކިޔަވައިދެވޭ ގޮތަކަށެއް ނޫން މިތާ ހުރި މަދަރުސާ އިންތިޒާމުކޮށްފައި ހުރީކީއެއް. އެހެންވީމާ، އާޚިރަތުގައި އެންމެފަހުން އައިސް މިތާނގެ ދަރިންނަށްވެސް އަދި ބެރިންމަދޫން އައި މީހުންނަށް މީގައިވީ ގެއްލުން. ފައިދާއެއް ނޫން. އަޅުގަނޑުމެންނަށް މިއަދު އަނެއްކާ އަލުން އަނބުރާ މިޖެހެނީ، ހޯރަފުށީ މީހުންނާއި ބެރިންމަދޫ މީހުންނާ ދެބައިމީހުންނަށްވާ ގޮތަށް ބެރިންމަދޫ މީހުންގެ ކަންތައްވެސް މިރަށުގައި އިންތިޒާމުކޮށްދެން. މި ރޯދަމަސް އަންނައިރުގައި އެމީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް އެތާކު ނެތް.

އަޅުގަނޑު ހަމައެކަނި މިސާލެއްގެ ގޮތުގައި މިދެންނެވީ، ދުރަށް ވިސްނައި، އަޅުގަނޑުމެން އަބަދުވެސް އެބަ ބުނަން. އަޅުގަނޑުމެންނަކީ ހަކުޅި ކުރިއަށް ވިސްނާ ބައެކޭ. މިކުޅޭ ގޮތަށް އަޅުގަނޑުމެން ކުޅެފިއްޔާ އަބަދުވެސް އަރާނެ ގެ ހުސްވާނެއޭ. ސައިވާނެއޭ. އަޅުގަނޑު ދަންނަވާނީ، ބެރިންމަދޫ މީހުން މިރަށުގައި މިހާރު އެތިބީ ސައިވެފައޭ. އަޅުގަނޑުމެން، މިކަން ނުވިސްނައި، ނުބަލައި މިކަންކަން ކުރަން އުޅެއްޖެނަމަ، އަޅުގަނޑުމެންނަށްވެސް ހަމަ ޖެހޭނީ ކުރީގައިވެސް ޖެހުނު ދަތުރު. އަޅުގަނޑުމެންގެ އޮތީ، ހަމަ މި ސަރުކާރުގެ އޮތީ އެންމެ ބޭނުމެއް. މި ސަރުކާރު ދެމި މިއޮންނަނީވެސް އެންމެ ސަބަބަކަށްޓަކައި. އެއީ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޚިދްމަތް ކުރުމަށްޓަކައި. އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ބިންވަޅު ނެގިފައި އޮންނަ ޙަޤީޤަތަކީ، މި ދައުލަތަށް، މި ރާއްޖެއަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ، މި ސަރުކާރަށް ލިބޭ ހުރިހާ މުއްސަނދި ކަމަކީވެސް، ޙަޤީޤަތުގައި ތިޔަބޭފުޅުންގެ ފައިސާއޭ. އަޅުގަނޑުމެންނާ މިވަނީ އެފައިސާއަށް ޚިޔާނާތްތެރިނުވެ އަމާނާތެއްގެ ގޮތުގައި ބެލެހެއްޓުމާ ތިޔަބޭފުޅުން ޙަވާލުކޮށްފައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މި ސަރުކާރުގައި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް، ނާޖާއިޒު ފައިދާއެއް ނެގުން ކިރިޔާވެސް ހިނގައިފިނަމަ، އެކަމެއް ތަޙުޤީޤު ކުރެވޭނެ. އެކަމެއް ބެލެވޭނެ. ޝަރީޢަތް ކުރެވޭނެ. އެކަން ކުރީ ވަޒީރަކަށްވިޔަސް އަދި އަޅުގަނޑު ކަމުގައިވިޔަސް، އެކަމަށްވާ ޙައްޤު އަދަބު އެބަޔަކަށް ލިބޭނެ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އެ ޔަޤީންކަން ފުރިހަމައަށް އަރުވަން.

އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި ހޯރަފުށްޓަށްވާނީ ކިހިނެއްހެއްޔޭ؟ ކުރުގޮތަކަށް ދަންނަވަންޏާ، ހޯރަފުށި އަނެއް ދިވެހިރާއްޖެއަށް ބަދަލުވާނެ. އަޅުގަނޑުމެންގެ ވިސްނުމެއް އެބައޮތް. ފިކުރެއް އެބައޮތް. އަޅުގަނޑުމެން ދުށީ، ޤައުމެއް ކޮޅަށް ބަހައްޓައި ނަގަހައްޓަން ކޮންމެހެން ބޭނުންވާ މައި ބަދައަކީ، ފެނާއި ނަރުދަމާގެ ހޮޅިތަކާއި ކަރަންޓް ނަރުތަކޭ. ކޮންމެ ރަށެއްގައިވެސް މިކަން ހަމަޖެހިފައި ނެތިސް، އެރަށެއް ތަރައްޤީވެއެއް ނުދާނެ. އަދި ކަންކަން ފުރިހަމަވެއެއްވެސް ނުދާނެ. ކަރަންޓަކީ ވަރަށް މުހިންމު އެއްޗެއް. ހެޔޮއަގުގައި ކަރަންޓް ލިބޭނެ އެއްޗެއް. އިތުބާރާ އެކީގައި ކަރަންޓްގެ ޚިދްމަތް ދެވޭނެ ގޮތެއް އަޅުގަނޑުމެން ޖެހޭނެ އިންތިޒާމު ކުރަން. އެކަމަށްޓަކައި ސަރުކާރުން އުފައްދާފައިވާނެ، ފެނާއި ނަރުދަމާ އާއި ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދޭ 7 ކުންފުނި. އެއީ، 7 ޕްރޮވިންސަށް އުފެއްދި ކުންފުނި. ތިޔަބޭފުޅުން ދާދި އިހަކަށް ދުވަހަކު ފަހަރުގައި އަޑުއައްސަވާފައި އޮވެދާނެ، ސްޓެލްކޯގެ އިންޖީނުގެތައް މިހާރުވަނީ އެ ކުންފުންޏާ ޙަވާލުކޮށްފައި. އޭގެ މާނައަކީ މިރަށުގެ އިންޖީނުގެވެސް މިހާރުވާނީ އެކުންފުންޏާ ޙަވާލުވެފައޭ. އަދި އޭގެއިތުރުން، ސަރުކާރުން މި ގަސްދުކުރަނީ އަމިއްލަ އެހެން ހުރިހާ އިންޖީނުގެއެއްވެސް، ކުދިކުދި ރަށްރަށުގެ އިންޖީނުގެތައްވެސް މި ކުންފުންޏާ ޙަވާލުކުރަން. އަދި އޭގެއިތުރުން، ސަރުކާރުން ވާހަކަ ދައްކަމުން މިގެންދަނީ، މިސަރަޙައްދުގައިވާ ހުރިހާ ރިޒޯޓެއްގެ ފެނާއި ނަރުދަމާގެ ޚިދްމަތް ދިނުންވެސް އެކުންފުންޏާ ޙަވާލުވާގޮތަށް، އެރިޒޯޓުތަކާ ވާހަކަ ދައްކަން. މިގޮތަށް މިކަން ކުރީމާ، ސަރުކާރަށް މިއުފެއްދެނީ ބޮޑު އެއްކުންފުނި. ފެނާއި ނަރުދަމާގެ ޚިދްމަތް ދިނުމަށް. ދެން އެކުންފުންޏާ ބައިވެރިވާނެ، ޙިއްޞާވާނެ ބޭރުގެ ބޮޑު ކުންފުންޏެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަނީ. މިކަން ކުރުމަށްޓަކައި ސަރުކާރުން މީގެ ދެމަސްކުރީގައި މިވަނީ އިޢްލާނުކޮށްފައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ޝައުޤުވެރިކަން ދިވެހި ސަރުކާރަށް ހާމަކޮށްދިނުމަށް. އެ އިޢްލާނަށް އިޖާބަދީ، އަޅުގަނޑު ހަނދާންވަނީ 12، 14 ފަރާތެއް އެ ޚިދްމަތް ފޯރުކޮށްދޭން އެދިފައި އެބައޮތް. ސަރުކާރަށް މިހާރު އޮތީ އޭގެތެރެއިން އެންމެ އެކަށީގެންވާ ބަޔަކު ހޯދައި، އެބަޔަކާ އެމަސައްކަތް ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތްގޮތުގައި، މެއި މަހުގެ 1 ވަނަ ދުވަހުއްސުރެ ފެށިގެން ޝައުޤުވެރިކަން ހާމަކޮށްފައިވާ ފަރާތްތަކުން ރަށްރަށަށް އައިސް، ބައެއް ބޮޑެތި ރަށްރަށާ އަދި މެދު މިންވަރުގެ ރަށްރަށާއި ކުދި ރަށްރަށް ބަލައި، އެކުންފުނިތަކުން އެދަނީ، ޝައުޤުވެރިކަން ހާމަކޮށްފައި ތިބި ފަރާތްތަކުން އެދަނީ، އެމަޢްލޫމާތު އެއްކުރަމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިދެކެނީ، އޯގަސްޓް މަހުގައި ސަރުކާރަށް، ބައިނަލްއަޤްވާމީ ކުންފުންޏަކާއެކުގައި ޙިއްޞާވާ ގޮތަށް މިދަންނަވާ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތްދޭ ކުންފުނި ގުޅާލެވޭނެއޭ. އޭރުން އަޅުގަނޑުމެންނަށް މިއަތޮޅުގެ ހުރިހާ ރަށަކަށްވެސް ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް، އިތުބާރު ހުރި ގޮތުގައި ތިޔަބޭފުޅުންނަށް ދެމުން ގެންދެވޭނެ. އަދި ކަރަންޓްގެ އަގު އެތައް ތަނަކުން ހެޔޮވެގެންދާނެ. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެނުގެ ޚިދްމަތް އަދި ނަރުދަމާގެ ޚިދްމަތް މި ސަރުކާރުން ފޯރުކޮށްދޭނަން.

އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަވެފައި އޮތް އެއް ޙަޤީޤަތަކީ، ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު އެއް ދަތިކަމަކީ ބޯހިޔާވަހިކަމުގެ އުނދަގުލޭ. އަޅުގަނޑު އަބަދުވެސް ފާހަގަކޮށް އުޅެން، މި ހޯރަފުށީގައިވެސް ގެއެއް އަޅަން ދެމަފިރިއަކު އުޅޭ ޙާލު. ރިޒޯޓެއްގައި، ކަންނެލި އޮޑިއެއްގައި ނުވަތަ ފާނަ ބޯޓެއްގައި ދެއަހަރަކު އުޅެފައި، އެއް އަހަރަކު އައިސް ގާކޮޅެއް އަޅާލެވިދާނެ. އަނެއް އަހަރު ފައުންޑޭޝަން ދަމާލެވިދާނެ. އަނެއް އަހަރު ހަތަރުފާރު ރޭނިދާނެ. ދެން އަންނަ ރޯދައަށް ފަހަރުގައި މަތިވަޑާންގަނޑު އަޅާލައި، ޓިނު އަތުރާލެވިދާނެ. އަނެއް ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. ދެން އަންނަ ރޯދައަށް ފާޚާނާއެއް ބެހެއްޓިދާނެ. ގެއެއް އަޅައި ނިމޭއިރުގައި، އަޅުގަނޑުމެންގެ އާދައިގެ މީހެއްގެ ޢުމުރު މިހުންނަނީ ދެބައިވެފައި. އަދި ހަމައެކަނި އެވަރުން އެކަން ނިމެނީއަކީ ނޫން. އެއިން ގެއެއް ޙަޤީޤަތުގައި އަޅަންދާ ޚަރަދަކީ ހައެއްކަ ލައްކަ ރުފިޔާ. ގެ އެޅުމުގައި ދިހަ ބާރަ އަހަރު ހޭދަވީމާ، ދެން އެގޭގެ އަގު މައްޗަށް ދަނީ މިލިއަނުން ދޮޅު މިލިއަނުން ރުފިޔާއިން. އެ ގެއްލޭ ހުރިހާ ފައިސާއަކީވެސް ހަމަ މި ރާއްޖޭގެ އިޤްތިޞާދުން ގެއްލިގެންދާ ފައިސާ. އަދި ގެ އެޅުމުގެ ދަތިކަމުގައި އޭގެ ޒުވާބުގައި ދެން ރޫޅެނީ ކައިވެނި. އަޅުގަނޑުމެންނަށް ހަމަ ވަރަށް ސާފުކޮށް އެބަ އެނގޭ، ރާއްޖޭގައި އަދި މުޅި ދުނިޔޭގައިވެސް އެއްވެސް ދެމަފިރިއަކީ ކޮންސްޓްރަކްޝަން ކުންފުންޏެއް ނޫންކަން. ދުނިޔޭގެ ޤައުމުތަކުގައި ޢާއިލާތަކުން ކުރާ ކަމެއް ނޫން އެއީކީއެއް ގެދޮރު އެޅުން. މީގެ ތިން ހަތަރު ސަތޭކަ އަހަރު ކުރީގައި ބައެއް ޤައުމުތަކުގައި އެކަން އެގޮތަށް ކޮށް އުޅުނު. އޭރުގައި އެޤައުމުތަކުގެ ގެދޮރުވެސް ހުންނަނީ ޖިފުޓިތަކެއްހެން. އެއްހަމައެއްގައި އެއްފެންވަރެއްގައި ރަނގަޅަށް މޮޅަށް ގެދޮރު ޢިމާރާތް ކުރަނީނަމަ، ސަރުކާރުން އެކަން ކޮށްދޭން ޖެހޭނީ.

މި ސަރުކާރުން ނިންމީ، މިކަން ޙައްލު ކުރުމަށްޓަކައި ދިހަހާސް ގެ އެޅުމަށް. އެކަން ކުރުމުގެ ފައިސާ ހޯދުމަށްޓަކައި، ސަރުކާރުން ނިންމީ، ކޮންމެ ދިހަ ގެއެއް އަޅައިދޭ ފަރާތަކަށް ތިރީސްހާސް އަކަފޫޓްގެ ބިން ދިގު މުއްދަތަށް ރާއްޖެއިން ބޭރު ޓޫރިސްޓުންނަށް، އެމީހުންގެ ގެއެއް އަޅައިގެން، ދިގު މުއްދަތުގައި އެމީހުންނަށް ދިރިއުޅެވޭ ގޮތަށް މި ބިން އަޅުގަނޑުމެންނަށް ދޫކުރާނަމޭ. މިސާލަކަށް، މި އިހަވަންދިއްޕޮޅުގައި މިދަންނަވާ ބާވަތުގެ ބިން ބައިވަރު. މިގޮތަށް ޝަރުޠުކޮށް ގެ އަޅައިދޭން ބުނީމާ، ސަރުކާރުން އިޢްލާނު ކުރީމާ، އެކަމަށް ޝައުޤުވެރިވެ 17 ފަރާތުން ދިވެހި ސަރުކާރަށް ޝައުޤުވެރިކަން ހާމަކޮށްފައިއެބައޮތް. މިހާރު މިކަމުގައިވެސް ސަރުކާރަށް މިވަނީ، ކަމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޯދައި، އެބަޔަކާ މަސައްކަތް ޙަވާލުކުރަންވެފައި. އިރާދަކުރެއްވިއްޔާ، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން އެއީ މަހެއްގެ މައްޗަށް، އަޅުގަނޑުމެންގެ އަމާޒަކީ، އެއްވެސް ގެއަކަށް ވަންނަ ކޮންމެ ސަތޭކަ ރުފިޔާއަކުން ވިހި ރުފިޔާއަށްވުރެ ބޮޑު އެއްޗެއް ޚަރަދުވެގެނެއް ނުވާނެއޭ ގެދޮރުގެ ޢިމާރާތް ކުރުމަކަށް. ނުވަތަ ބޯހިޔާވަހިކަން ހޯދުމަށް. ސަރުކާރުން ނިންމާފައި މިވަނީ، އެއްހާސް ރުފިޔާއަށްވުރެ ބޮޑު ނޫން އަގެއްގައި ކޮންމެ މަހަކު މިފައިސާ ދައްކައި ޚަލާޞްކޮށް، އެ ގެ މިލްކުވާ ގޮތަށް މިރަށުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަހަރު ސަތޭކަ ގެ އަޅައިދޭން.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުވެސް މި ތަޞައްވުރު، ނުވަތަ މި ޕްލޭން އަޅުގަނޑުމެން އައީ ކުރަމުން. އަޅުގަނޑަށް މި އިންތިޚާބާ ގާތްކޮށް މިތަނުގައި ސަތޭކަ ގެ އެޅުމުގެ ބިންގާ އެޅުނީސް. ހަމަ ވަރަށް އިތުބާރާ އެކީގައި އެޅުނީސް. އެހެން ނަމަވެސް، އެއީ އިންތިޚާބަށް ދައްކާ ދަޅައަކަށްވާނީ. އަޅުގަނޑުމެންނަށް މިހުރިހާ ކަމެއް ފުރިހަމަ ނުކުރެވި އަދި ހުރިހާ ކަމެއް އޭގައި އޮންނަންވީ ތަރުތީބަށް ނުރާވައި، މިތަނުގައި ބިންގާ އެޅިނަމަ، ބެރިންމަދޫ މީހުން ބަދަލުކުރުމުގައި ޖެހުނު ޙާލަށްވުރެ ވަކި ރަނގަޅު ތަނަކު ޖެހިދާނެ ކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ. އަޅުގަނޑުމެންގެ ބޭނުމަކީ، ހަމައެކަނި ވާން އޮތް ކަންކަމުގެ ވާހަކަ ރައްޔިތުންނަށް ހުށަހެޅުން. އަދި އެކަންކަން ވާން އޮތްގޮތް އަޅުގަނޑުމެން ރައްޔިތުންނަށް ކިޔައިދިނުން. އަޅުގަނޑު އެދެން ތިޔަބޭފުޅުން އަޅުގަނޑުގެ ކިބައިން، އަޅުގަނޑުމެންގެ ކިބައިން ސާފުކުރުމަށް ކިހިނެއްތޯ އަޅުގަނޑުމެން މިކަން ކުރަނީ. އަޅުގަނޑަށް އެނގޭ، ނަގައިގަތް ސަރުކާރުން އަދި ޑީ.އާރު.ޕީ. އިން އަޑު އުފުއްލަވާކަން އަޅުގަނޑުމެން ކިހިނެއްހެއްޔޭ، ބަޖެޓުގައި ހިމަނާފައެއް ނެތޭ މިރަށުގެ ނަރުދަމައެއް. މިރަށުގެ ފެނެއް. މިރަށުގައި ގެ އަޅާކަށެއް. ބަޖެޓުގައި ހިމަނާފައެއް ނެތޭ. މިއީ އެހެން ސަރުކާރެއް. އަޅުގަނޑުމެން އެކަން ކުރަން މިއުޅެނީ އެހެން ގޮތަކަށް. ކުރީގެ ސަރުކާރުން އެކަން ކުރަމުން އައީ ބަޖެޓުގައި ހިމަނައިގެން.

އަޅުގަނޑުމެންނަށް ފާހަގަވާ ގޮތުގައި މިހާރުން މިހާރަށް މި ރާއްޖޭގައި އެބަޖެހޭ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތަށް މަދުވެގެން ފައްސަތޭކަ މިލިއަން ޑޮލަރު ނުވަތަ ހަހާސް މިލިއަން ރުފިޔާ ޚަރަދު ކުރަން. އެއީ، ދިވެހި ސަރުކާރުގެ ޖީބުގެ ފުންމިނެއް ނޫން. އެހެންނަމަވެސް، އެކަން ކުރުން ވަރަށް މުހިންމު. އެހެންވީމާ، އަޅުގަނޑުމެން މިރޭވީ، ޕަބްލިކް، ޕްރައިވެޓް، ޕާޓްނަރޝިޕް. އެއީ، ސަރުކާރާއި ބައިނަލްއަޤްވާމީ ވިޔަފާރިވެރިންނާ ގުޅިގެން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން މިކަންކަން މިގޮތަށް ގެންގޮސް ފުރިހަމަކުރުން. ދުނިޔޭގެ އެހެން ތަންތަނުގައިވެސް މިބާވަތުގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކީގައި ކުރިއަށް އެބަދޭ. އަޅުގަނޑުމެން ރާއްޖޭގައި އެކަން ރަނގަޅަށް ކުރެވޭނެކަމާމެދު ކުޑަވެސް ޝައްކެއް އަޅުގަނޑުގެ ހިތަކު ނުހިނގާ.

އަޅުގަނޑުމެން ތިޔަބޭފުޅުންނަށްވާ ވަޢުދު އަޅުގަނޑުމެން އަންނަނީ ފުއްދަމުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ހުށަހެޅިން އެންމެފަހުން އައި ދުވަހު. އިރާދަކުރެއްވިއްޔާ، 11 ނޮވެމްބަރ 2008ވާ އަންގާރަ ދުވަހު ދެން މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުވާކުރާނީ އަޅުގަނޑޭ. އެ ވަޢުދު އިރާދަކުރައްވައިގެން އަޅުގަނޑުމެން މިވަނީ ފުއްދާފައި. އޭރު ރާއްޖޭގެ ރައްޔިތުން އެންމެ ބޭނުންވެފައި ތިބި އެއްކަމަކީ އެއީ. އަޅުގަނޑު އެހެން ބުނީ، އެދިޔަ ހަތަރު އަހަރު ހިނގާދިޔަ ހުރިހާ ކަމެއްގެ މައްޗަށް އަޅުގަނޑު ވިސްނާފައި، ގަނޑެއްގައި ލިޔެފައި. އަޅުގަނޑުމެންނަށް ފެނުނު، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ރާއްޖޭގައި ހިނގަން ފެށީމާ، ނުވަތަ ކޮންމެވެސް މިންވަރަކަށް ސިޔާސީ ޕާޓީތައް ހިންގުމުގެ ޖާގަ ލިބި، ނޫސްވެރިކަމަށްވެސް ކޮންމެވެސް މިންވަރެއްގެ ޖާގައެއް ލިބި، ޤާނޫނުއަސާސީ އިޞްލާޙުވެ، އިލެކްޝަންސް ކޮމިޝަނަކީ މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅި، އަދި ކޮންމެވެސް ވަރެއްގެ މިނިވަން އިންތިޚާބެއް ބޭއްވޭ ކަމަށްވަނީވިއްޔާ، އަޅުގަނޑުމެންނަށް ކާމިޔާބުވާނެއޭ. ބައެއް ބޭފުޅުން އެދުވަހު އެކަމާ އިންކާރު ކުރެއްވި. އަދި ނުވާނޭ ވަރަށް އަޑުހަރުކޮށް، ވަރަށް އަޑުހަރުކޮށް ނުވާނެއޭ ތިޔަކަމެއް، ތިޔަކަމެއް ނުވާނެއޭ، ވަރަށް ބާރަށް ބުނުއްވަމުން ގެންދެވި. މިއަދު އެބޭފުޅުންނާ އަޅުގަނޑު ދިމާވީމާ، އެބޭފުޅުން ތިއްބަވަނީ ކުޑަކޮށް ލަދުން. އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންނަށް ނަރުދަމައެއް ނޭޅޭނެއޭ، ފްލެޓެއް ނޭޅޭނެއޭ ނުބުނުއްވައްޗޭ. އޭރުން މާދަމާ ތިއްބަވާނީ ލަދުންނޭ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެކަންވާނެ. އަޅުގަނޑުމެންގެ ޢަޒުމް ވަރުގަދަ. އަޅުގަނޑުމެންގެ އަމާޒެއް އެބަހުރި. އަޅުގަނޑުމެން މިމަސައްކަތުގައި ހޭދަކުރާ ވަގުތު އިރާދަކުރެއްވިއްޔާ ކުޑައެއް ނުވާނެ. އަޅުގަނޑުމެންނެއް އަތް އުރާލައިގެނެއް ނުތިބޭނެ. މި ސަރުކާރަކީ ވަރުގަދަ ސަރުކާރެއް.

އަދި ހަމަ އަޅުގަނޑުމެންގެ އަނެއް މުހިންމު މަޝްރޫޢަކީ، ދަތުރުފަތުރު ކުރުމުގެ ނިޒާމު. އެކަން ކޮށްދިނުމަށް އެދި ސަރުކާރުން މި ހުށަހަޅަނީ، ދަތުރުފަތުރުކުރުމުގެ ނިޒާމު ކޮށްދިނުމަށް އެއްބަސްވާ ބަޔަކަށް ސަރުކާރުން ގެސްޓްހައުސް ހެދުމަށް ބިމުގެ ފުރްޞަތު ޖާގަދޭނަމޭ. އެގޮތަށް އިޢްލާނު ކުރީމާ، އެކަމަށް ޝައުޤުވެރިވާ މީހުން ހާމަވުމަށް ސަރުކާރުން އިޢްލާނު ކުރުމުން، ބައިނަލްއަޤްވާމީ 20 ކުންފުނިން ދިވެހި ސަރުކާރުގައި އެބައޮތް އެމީހުންގެ ޝައުޤުވެރިކަން ހާމަކޮށްފައި. މިއަދު ސަރުކާރަށް އޮތީ އޭގެތެރެއިން ކަމަށް އެންމެ އެކަށީގެންވާ ބައެއް ހޯދައި، އެބަޔަކާ އެމަސައްކަތް ޙަވާލުކުރުން. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު ތިޔަބޭފުޅުން، ހަމަ އަޅުގަނޑު ދަންނަވާނީ، ހަވީރު ކޮފީއަކަށް ދިއްދުއަށް ގޮސް، އަދި ރޭގަނޑު ނިދަން ހަމަ މިކޮޅަށް އާދެވޭނެއޭ. ތިޔަބޭފުޅުންނަށް ރަށު ބަންދުން ފިލޭނެއޭ. ރަނގަޅަށް ވިޔަފާރި ކުރަން ތިޔަބޭފުޅުންނަށް ފެށްޓެވޭނެއޭ.

އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަން. ތަރައްޤީއަށް ޤައުމެއް ތަރައްޤީވެދަނީ ވަކި ޚާއްޞަ ކަންތައްތަކެއް ވަކިއިރެއްގައި ވަކިގޮތަކަށް ހިންގީމައޭ. އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިއައީ، ފެނާއި ނަރުދަމާއާއި ކަރަންޓްގެ މައިބަދަ މުޅި ޤައުމުގައި ނޭޅެނީހެއް، ޙަޤީޤީ ތަރައްޤީއެއް މި ޤައުމަކަށް ނުލިބޭނެއޭ. ރަށު ބަންދުން ރައްޔިތުން ނުފިލާހާ ހިނދަކު ވިޔަފާރިއެއް ކުރިއެއްނާރާނެއޭ. ވިޔަފާރިއަކީ މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުކުރުމޭ. ދަތުރުފަތުރު ނުކުރެވޭހާ ހިނދަކު އެކަމެއް ނުވާނެއޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިހުށަހަޅާ އަނެއް ދިވެހިރާއްޖެ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހޯދައިދޭނަން. އެއީ އަޅުގަނޑުމެންގެ ތަޞައްވުރުގައި، އަޅުގަނޑުމެންގެ ޕްލޭންގައި، މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ބޭނުން ރާއްޖޭގައި މަދުވެގެން 75 ކިލޯ މީޓަރު މަގުއަޅަން. ތާރު އަޅަން. އަޅުގަނޑު ދޫކޮށްލާނެތޯ، ހޯރަފުށީ ވަށާ މަގު ތާރުނާޅާ. ނުވާނެ އެހެނެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ހޯރަފުށި ބަދަލުކޮށްދޭނަން ތިޔަބޭފުޅުން ތިޔަ އުންމީދު ކުރައްވާ ހޯރަފުށްޓަށް. އަޅުގަނޑުގެ ވިސްނުމެއް އެބަހުރި. އަޅުގަނޑު ދެކެން ބޭނުންވާ ހޯރަފުށްޓެއް އަޅުގަނޑަށް ފެނޭ އަބަދުވެސް. އަޅުގަނޑު އުންމީދު ކުރަން، އެ މަންޒަރު، އެ ހުވަފެން އެއީ، ހަމަ ތިޔަބޭފުޅުންގެވެސް ހުވަފެން ކަމަށް. މިކަމުގައި އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދެނީ، ހަމަ އެންމެ ކަމަކަށް. އުންމީދު ނަންގަވާނުލައްވާށޭ. އަޅުގަނޑާ އެކީގައި ތިޔަބޭފުޅުން ހަމަ މިއަދާ ހަމައަށްވެސް އުންމީދު ކުރައްވަމުން ތިއައި ގޮތުގައި، ތިޔަ ތިއްބެވި ގޮތުގައި ތިއްބަވާށޭ. އަޅުގަނޑުމެން މިއެދޭ ކަންކަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފުރިހަމަވެގެންދާނެއޭ.

އަޅުގަނޑަށްވެސް ހަމަ އެނގޭ، އަޅުގަނޑުމެން މި ޑިމޮކްރަސީއަށް ނުވަތަ އަޅުގަނޑުމެން މި ޤާއިމުކުރަން މިއުޅޭ ހެޔޮވެރިކަމަށް އަޅުގަނޑުމެން ދީލާލާއިރުގައި، ދަތްފަޅާއިރުގައި ތަދުވާ އުޞޫލުން ތަދުވާ ކިތަންމެ ކަމެއް ހުންނާނެ. އަޅުގަނޑުގެ މައްސަލައެއް ނެތް. ހަމަ ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ފުރައްސާރަވެސް ކުރަންވީ. މަލާމާތްވެސް ކުރަންވީ. ފާޑުވެސް ކިޔުއްވަންވީ. އިސްތިޢުފާއޭވެސް ކިޔާ ގޮވާލަންވީ. އެކަމަކު އަޅުގަނޑު އިސްތިޢުފާއެއް ނުދޭނަން. އިސްތިޢުފާއޭވެސް ކިޔާ ގޮވަންވީ. އަދި ދަންނަވަންތޯ، މި ސަރުކާރު ވައްޓައެއްވެސް ނުލެވޭނެ. އަޅުގަނޑުމެން އަތުން، އަޅުގަނޑުމެން އަތުން ކާކުތޯ، ތިޔަބޭފުޅުން ހަމަ ގަބޫލު ކުރެއްވީތޯ. އަޅުގަނޑުމެންގެ އަތުން މި ވެރިކަން، ޤާނޫނީގޮތުން އަޅުގަނޑުމެން ވެރިކަމަށް އައިސް މިތިބީ. އަޅުގަނޑުމެންގެ ގާނޫނީ ދައުރެއް އެބައޮތް. މިވެރިކަން އަޅުގަނޑުމެންގެ އަތުން ފިރުކާލެވޭނެވަރު ބައެއް މިރާއްޖެއަކު ނެތް. ނެތް. ދަންނަވަންތޯ، އަޅުގަނޑުމެންނާ ފަތިގަނޑުވެސް ދެން އެތިބި ބޭފުޅުންނަށް ފިރުކާނުލެވޭނެ. މިކަމުގައި ގާތެއް ނުވެވޭނެ. މިހާރު އަޅުގަނޑުމެން ނުކުމެ މިތިބީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ހޯދަން. އަދި މިކަމުގައި އަޅުގަނޑު ސާފު ވާހަކައެއް ދަންނަވާނަން.

މިއީ އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ. މި ޤާނޫނުއަސާސީގެ ދަށުން އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ބައިވެރިވެ، އެ އިންތިޚާބު ކާމިޔާބުވީތީވެ، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ވޯޓު ދެއްވީތީވެ އިންތިޚާބުވެފައި ހުރި މީހެއް. އަޅުގަނޑުގެ ޤާނޫނީ ވާޖިބެއް އެއީ މި ސިޔާސީ ޕާޓީ ބިނާކުރުން. އަޅުގަނޑު އެދެން، އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ތިޔަބޭފުޅުން ވޯޓު ދެއްވުމަށް. މި ވާހަކައަކީ، ބައެއްފަހަރަށް، ކުރީގައި މީގެކުރީގައި ރަށްރަށުގެ ކަތީބުންނާއި މުދިމުންނާއި ޤާޟީން ކޮޓަރި ކޮޓަރިއަށްލާ ތަޅުލާފައި އެޓޮލްސްއިން ވަޑައިގަންނަވާ މިނިސްޓަރަކު ވަގަށް ދައްކަވާ ވާހަކައަކަށް ވެދާނެ. މިހާރު މިއީ ވަރަށް ސާފުކޮށް ދައްކާ ވާހަކައެއް. އަޅުގަނޑެއް ނުބާއްވާނަން އެއްވެސް ކަމެއް ފޮރުވާފައެއް. އަޅުގަނޑުމެންގެ މެންބަރު އިންތިޚާބު ކުރުމަށް ބޭނުންވާ ވަރަށް މުހިންމު ސަބަބެއް އެބައޮތް. މި ޤާނޫނުއަސާސީ ތަންފީޒު ކުރުމަށާއި އަދި އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށްޓަކައި 64 ޤާނޫނު ރައްޔިތުންގެ މަޖިލީހުން އެބަ ފާސްކުރަންޖެހޭ. އަޅުގަނޑުމެން ދެން ގަބޫލުކުރަންވީތޯ، މިދިޔަ ދިގު 30 އަހަރު ކޮންމެ ޤާނޫނަކަށް ހުރަސްއެޅި ބޭފުޅުން، މިއަދު އަރުވާޖަހާ ތިއްބަވާނެ ކަމަށް އަޅުގަނޑުމެންނާ އެކީގައި ޤާނޫނު ހަދަން. ނުތިއްބަވާނެ. ނުވެސްވާނެ.

ދާދި އިހަކަށްދުވަހަކު، އަޅުގަނޑުމެން ފެށުނީއްސުރެ ފަށައިގެން އަޑުއަހަމުން މިއައީ. ހަމަގައިމުވެސް އަޅުގަނޑު ފުރާވަރަށްއެރީއްސުރެ ފަށައިގެން އަޅުގަނޑު އަޑުއަހަނީ، ރާއްޖޭގެ ރަށްތައް ހެޔޮގޮތުގައި ވެރިކަން ހިންގުމަށް އެންމެ ބޭނުންތެރި ނިޒާމަކީ، ލާމަރްކަޒީ އުޞޫލުން އެކަން ކުރުމޭ. ވިހިވިހީގެ ތަޞައްވުރުގައިވެސް އޮތީ އެވާހަކަ އަޅާފައި. ޤާނޫނުއަސާސީގެ ބާބެއް ފުރާވެސް ލިޔެފައި އޮތީ ހަމަ އެވާހަކަ. އަޅުގަނޑުމެން އެކަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވީމާ، ޑީ.އާރު.ޕީ އެންމެ ބޭފުޅެއްވެސް އެއަކަށް ވޯޓެއް ނުދެއްވި. އަޅުގަނޑުމެންނަށް އެ ބިލް އެތެރެކުރެވުނީ އެންމެ ވޯޓަކުން. އެއީވެސް، އަޅުގަނޑުމެން ފޯނުގައި ތިބެ ބޭފުޅުންނަށް ގުޅައި ރޮއި އާދޭސްކޮށްގެން. ދެން ކިހިނެއްތޯ، އަޅުގަނޑުމެން ގަބޫލުކުރާނީ، މާދަމާ، މާދަމާ ދަތުރުފަތުރު ކުރުމުގެ ނިޒާމަށްވެސް، ފްލެޓް އެޅުމަށްވެސް، ނަރުދަމާ އެޅުމަށްވެސް އަޅުގަނޑުމެން ބޭނުމޭ ރައްޔިތުންގެ މަޖިލީހުގެ އިރުޝާދާއި، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ. އެކަން ކުރުމަށް އަޅުގަނޑުމެންދާއިރުގައި އެތަނުގައި އަޅުގަނޑުމެންގެ އަޣްލަބިއްޔަތެއް ނެތިއްޖިއްޔާ، އަޅުގަނޑުގެ މުސާރައަކުން ހަތަރުއަނާއެއްވެސް އުންޏެއް ނުވޭ. އެކަމަކު އަޅުގަނޑުމެން ކުރަން މިއުޅޭ މަސައްކަތް ކުރުމަށް ވަރަށްބޮޑު ހުރަހެއް އެޅޭ. އަޅުގަނޑުމެން މި ބޭނުންވާ މަސައްކަތްތައް ހިންގެން އަންނަނީ މަޖިލިސް މެދުވެރިކޮށްގެން. އަޅުގަނޑުގެ ހަމަ، އަޅުގަނޑަށް ތިޔަބޭފުޅުންގެ ކިބައިން ހޯރަފުށީ ރައްޔިތުންގެ ކިބައިން އެދޭނަން. ޤާނޫނީ ޙިއްޞާ މި ސަރުކާރާ އެކީގައި ވެލައްވާށޭ. ތިޔަބޭފުޅުންގެ ރުހުން އަޅުގަނޑުމެން ބޭނުމޭ. އެރުހުން ތަމްސީލުކުރާ ނިޝާނަކީ، ރަމްޒަކީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް. އެ ގޮނޑިތަކުގައި ހަރުދަނާ ގޮތުގައި ތިޔަބޭފުޅުންގެ ބޭފުޅުން ތިއްބެވުން ވަރަށް މުހިންމު. ނަގައިގަތް ސަރުކާރުގެ ބޭފުޅުން ބޭނުންވެލައްވާނެ އިނގޭތޯ މަޖިލީހަށް ކުރިމަތިލާން. އެއީ މަޖިލީހުގެ މެންބަރުން އެއޮއް ވިދާޅުވަނީ، ތިމަންނާމެން ބޭނުމޭ ތަޙުޤީޤު ކުރަން. ސަރުކާރުން ބުނަނީ ނޫން ނޫން އެހެން ނުހަދާށޭ. މަޖިލީހުން އެބަ ބޭނުންވޭ މިކަންކަން ބަލަން. ދެން އެހެންވީމާ، މާޒީ ފޮރުވަން ބޭނުންވެލައްވާ ބޭފުޅުން ޖެހޭނީ މަޖިލީހަށް ވެދެލައްވަން މަސައްކަތް ކުރައްވަން. އެހެން ނޫނިއްޔާ، އެބޭފުޅުންނަށް ޖެހިދާނެ ދަތުރަކަށް އެބޭފުޅުން ކަންބޮޑުވެވަޑައިގަންނަވާ. އަޅުގަނޑުމެން ބޭނުންވަނީ، މުސްތަޤްބަލަށް ބަލަން. އަޅުގަނޑެއް ހަމަގައިމުވެސް މާޒީ ފަހާ ދުވާކަށް ބޭނުމެއް ނޫން.

އަޅުގަނޑަށް އެބައޮތް އެހެން މަންޒަރެއް. އެހެން ތަނެއް. އަނެއް ދިވެހިރާއްޖެ. އަޅުގަނޑުމެންގެ އެބައޮތް އުންމީދެއް. އެ އުންމީދު ފަނޑުވާކަށް އަޅުގަނޑުމެންނެއް ބޭނުމެއް ނޫން. އަޅުގަނޑަށް ޔަޤީން. ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ރަށް ތަމްސީލު ކުރުމަށް އެކަށީގެންވާ ބޭފުޅަކު މަޖިލީހަށް ފޮނުއްވައިދެއްވާނެ. އަދި އެ ފޮނުވާ ބޭފުޅަކީ، މިދިޔަ ހަތަރު އަހަރު ދުވަހު މި ސިޔާސީ ޕާޓީ ބިނާކުރުމުގައާއި، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގައާއި، އަދި މި ރާއްޖެއަށް މިގެންނަ ބަދަލުތައް ގެނައުމުގައި ޢަމަލީ ގޮތުންނާއި، ފިކުރީ ގޮތުން ބައިވެރިވެވަޑައިގެން ތިއްބެވި ބޭފުޅުން ޚިޔާރު ކުރެއްވުމަށް އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދެން. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން މިކަންކަމަށް ބައްލަވާނެކަން. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނުއުފެދޭ.

އަޅުގަނޑަށް އެނގޭ، ހޯރަފުށީ ރައްޔިތުން ބޭނުންވެލައްވާ ކަންތައްތައް. އަޅުގަނޑުމެން އެކަންތައްތައް ބަލަމުން މިއަންނަނީ. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންގެ އެކްސްރޭ މެޝިން ހުރީ ހަލާކުވެފައިކަން. އަޅުގަނޑު ވާނީ އެ އެކްސްރޭ މެޝިން ހޯދުމަށް ސާމާނަށް އޯޑަރު ކޮށްފައި. އަދި އަޅުގަނޑު މިތަނަށް އައިއިރުގައި އެ ސާމާނު އަޅުގަނޑަށް އަޑު އިވިފައި އޮތް ގޮތުގައި، ހިތަދޫ މެޝިން، ހުރިހާ މެޝިނެއް ހުރީ ހަލާކުވެފައި. އެކްސްރޭ މެޝިނެއް އެކަންޏެއް ނޫން. އެހެންވީމާ، މިއިން ކޮންމެ މެޝިނަކީވެސް ގަވާއިދުން ތަރުތީބަކުން ބަލަހައްޓަމުން ގެންދިޔައީމާ ނޫނިއްޔާ، އެ ރަނގަޅަށް ހުންނަ އެއްޗެއް ނޫން. އެހެންވީމާ، ހުރިހާ އެއްޗެއްވެސް އޮތީ ހަލާކުވެފައި. ދެން މިވީގޮތަކީ ކޮބައިތޯ؟ އަޅުގަނޑުމެން މިހާރުގެ ސިވިލް ސަރވިސް މެދުވެރިކޮށް، ސާމާނު ގެނައީ. އަޅުގަނޑުމެން ގެނައީ ހަތްދިހަހާސް ޑޮލަރުގެ ސާމާނު. އަޅުގަނޑު ހޯރަފުށީގައި މިވާހަކަ ދައްކާލަން ބޭނުން. އަޅުގަނޑަށް ޝައްކުކުރެވޭ، އޭގެތެރެއިން ތިރީސް ހާސް ޑޮލަރަށް ޚިޔާނާތްތެރިވެއްޖެ ކަމަށް. އެހެންވީމާ، އަޅުގަނޑު ބުނެފިން އެހެންވީމާ، މަޑުކުރާށޭ އިހަށް ހިނގާށޭ ތިޔަކަން ބަލަން. ހޯރަފުށްޓާއި އަދި މީގެ ހަތަރު ރަށަށް ބޭނުންވާ ވަރަށް ޚިޔާނާތްތެރިވެއްޖެ. އެންމެ ހަތްލައްކަ އަށްލައްކަ ރުފިޔާގެ ސާމާނު ގަންނަން އުޅެނިކޮށް. އެހެންނެއް މިކަމެއް ނުދާނެ. އަޅުގަނޑަށް އެނގޭނެ. އަޅުގަނޑު ބަލާނަން. އަޅުގަނޑު އަތުން އިރާދަކުރެއްވިއްޔާ ކައްސައެއްނުލާނެ. މި ރާއްޖޭގެ ސަރުކާރު އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ކައިރިން ބަލަމުން ހިންގޭނެ. އަދި އަޅުގަނޑުމެންގެ ވަޒީރުންނަށްވެސް އެކަންވާނެ.

ހޯރަފުށީގެ އިންޖީނުގެވެސް އަދި ހޯރަފުށީގެ ހޮސްޕިޓަލްވެސް، ހޯރަފުށީ މަދަރުސާވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތަރައްޤީކޮށްދޭނަން. އަޅުގަނޑުމެން އެބަ ގެންނަން ތަންކޮޅެއް ރަނގަޅު ޓީޗަރުންކޮޅެއް. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންގެ އަމާޒަކީ، މަދަރުސާއިން ނިމޭ ކުދިންގެ ކޮންމެ ސަތޭކަ ކުއްޖަކުން ފަސްދޮޅަސް ކުދިން "ސީ" ފާހުން މަތިން ފާސްވާންޖެހޭނެއޭ. އެކަން ކުރުމަށް އަޅުގަނޑުމެންނަށް ފެނުނީ ރަނގަޅު މަދަރުސާއެއްވެސް ހަދަން ޖެހޭނެއޭ. ރަނގަޅު ޓީޗަރުންވެސް އުފައްދަން ޖެހޭނެއޭ. ރަނގަޅު މަދަރުސާއެއް ހެދުމަށްޓަކައި މަދަރުސާތައް އެއްދަންފަޅިއަށް ބަދަލުކުރަންޖެހޭނެ. އިރާދަކުރެއްވިއްޔާ އެކަން ކުރުމަށް ބޭނުންވާ ކްލާސްރޫމް އިތުރު ކުރުމުގެ ފުރްޞަތު މިއަހަރު ހުޅުވިގެން މިވަނީ ގޮސްފައި. މިރަށުގައިވެސް އަޅުގަނޑުމެން އިތުރު ކްލާސްރޫމް އަޅައިދީ، މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ މިރަށު މަދަރުސާ އަޅުގަނޑުމެން އެއްދަންފަޅިއަށް ބަދަލުކޮށްދޭނަމޭ. އަދި ހޯރަފުށީގައި މަތީ ތަޢްލީމެއް ދެވޭގޮތްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑުމެން މިދަނީ ހޯރަފުށްޓަށް ގެންނާނެ މަތީ ތަޢްލީމުގެ ސްކޫލެއް ހޯދުމުގެ މަސައްކަތް ކުރަމުން. އެކަން ކުރުމަށް ސަރުކާރުން ރާވާފައި އޮތް ގޮތަކީ، ސަރުކާރުން ދޭނީ ދަރިވަރުންނަށް ހިލޭ އެހީއެއް. އަދި ސަރުކާރުން ހަމަޖައްސައިދޭނެ ދަރިވަރުންނަށް ލޯނު އެހީއެއް. މަދަރުސާ ހިންގުމަށް އަޅުގަނޑުމެން ބޭނުމީ މޮޅު، ބޭރު ބައެއް މިތަނުގައި އައިސް މަދަރުސާއެއް ހިންގުން. އެއީ ހަމަ އެހެން ތަނަކަށް ތިޔަބޭފުޅުންގެ ކުދިން މެލޭޝިޔާއަށް ފޮނުވީމާވެސް، ސިލޯނަށް ފޮނުވީމާވެސް ހުންނަ ބާވަތުގެ ހަމަ އެ ބްރޭންޑްގެ މަދަރުސާއެއް މިތާ ހުރުމަށް އަޅުގަނޑުމެން އެދެނީ. އެ މަދަރުސާ ހުންނާނެ، ފީ ދައްކާނެ ކުދިން ތިބިއްޔާ. އަޅުގަނޑުވެސް ގަބޫލުކުރަން، ގިނަ ބެލެނިވެރިންނަކަށް މަހެއްގެ މައްޗަށް ތިންހާހެއްހާ ރުފިޔާގެ ފީއެއް ނުދެއްކޭނެ. އެހެން ނަމަވެސް، ސަރުކާރުން ގަސްދުކުރަނީ، އެ ކުދިންނަށް އެހީތެރިވެދިނުމަށް. އޭރުން އެކުދިން މަދަރުސާއަށް ފީ ދައްކާނެ. ދެއްކީމާ، މަދަރުސާ އިރާދަކުރެއްވިއްޔާ ރަނގަޅަށް ހިނގާނެ. އަޅުގަނޑުމެން އުންމީދުކޮށްގެން މިތިބީ، މިއަންނަ އަހަރު މަތީ ތަޢްލީމުދޭ އެ މަދަރުސާ މިތަނުގައި ފަށައިގަނެވޭނެ ކަމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިރަށުގައި ރަނގަޅު މަތީ ތަޢްލީމު ދެމުން ގެންދާނަން.

އަޅުގަނޑުމެން ހޯރަފުށްޓަށް، އަޅުގަނޑުމެންނަށް ހަމަ މިސަރުކާރަށްވީ މިންވަރަކަށް ހުރިހާ ކަމެއް ކޮށްދޭނަން. އަޅުގަނޑެއް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ، އަޅުގަނޑުމެންގެ ވެރިކަން އުފެދުނީ ކިހިނެއްތޯވެސް. ހޯރަފުށީ މީހުން އުފެއްދީ. މިރަށުގެ ވަރަށްގިނަ ބަޔަކު ވަރަށްބުރަ މަސައްކަތާއި ވަރަށް ވަރުގަދަ ކެރުންތެރިކަމަކާއި، އަދި ހިތްވަރެއްލައިގެން މި ރާއްޖޭގެ ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް މިއޮތީ ފެށިފައި. ރާއްޖޭގެ މުޅި ރައްޔިތުން، ހޯރަފުށީ ރައްޔިތުންނަށް ޝުކުރުވެރިވާނެ. މިއަދު އަޅުގަނޑުމެން ވަގުތުގެ އަޖަލުގައި ޖެހި ތިބޭއިރުގައި، އަޅުގަނޑުމެންނަށް ހިތަށް ނާރައިދާނެ، ކިހިނެއްކަމެއް ރާއްޖެއަށް ވަމުންމިދަނީ. ތާރީޚް މިނާނީ ތިޔަބޭފުޅުން ތިޔައީ ކޮންބައެއްކަން. އެ މިނާއިރުގައި، އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންގެ ނަންތައް ރަން އަކުރުން ފެވިގެންދާނެކަން. އަޅުގަނޑު ޝައްކެއް ނުކުރަން އެކަމަކާ. މިއަދަކު އަޅުގަނޑުމެންނަކަށެއް އެކަމެއް ނުވިސްނޭ. އަދި ހިތަކަށްވެސްނާރާ. އަޅުގަނޑު ތިޔަބޭފުޅުންނާ އެކީގައި މިދިޔަހާ ދުވަސް، މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ތިޔަބޭފުޅުން އަޅުގަނޑަށް ކުރެއްވި އިތުބާރާއި އަދި އަޅުގަނޑަށް ހަމްދަރުދީވީ މިންވަރާއި، އިޙްތިރާމްކުރި ދަރަޖައާ، އެކަންކަމަށް އަޅުގަނޑު ނިހާޔަތަށް ޝުކުރުވެރިވަން.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަކީ، މާދަމައަކީ އަދި މިއަދަށްވުރެ މާ އުޖާލާ މާ އުފާވެރި ދުވަހަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ!