بســم اللّـه الرّحمـن الرّحيــم

މޮޅަދޫގެ އެކުވެރި ރައްޔިތުން:

السّـلام عليـكم

އަޅުގަނޑުމެން މީގެ ދުވަސްކޮޅެއް ކުރީގައި، އެމް.ޑީ.ޕީ ރިޔާސީ އިންތިޚާބަށް ނުކުތުމުގެ ހައެއްކަ މަސް ކުރީގައި އަޅުގަނޑުމެން ޕާޓީގެ ހުރިހާ މެންބަރުން، ގިނަ މެންބަރުން އެއްތަނަކަށް އެއްވެ އިށީނދެ، އަޅުގަނޑުމެން ފިކުރު ކުރިން ކިހިނެއް، ކޮން ބާވަތެއްގެ ސިޔާސަތެއް ރާއްޖޭގައި ތަންފީޒު ކުރަން ފެށުނީމަތޯ، ރާއްޖޭގެ ރައްޔިތުންނަށް އެންމެބޮޑު ރަނގަޅެއް، ބޮޑު ބަދަލެއް އެންމެ އަވަހަށް ގެނެވޭނީ. އަޅުގަނޑުމެން އިންތިޚާބަށް ނުކުތީ މިދެންނެވި ސިޔާސަތު ރާއްޖޭގައި ތަންފީޒު ކުރުމަށް ރައްޔިތުންނަށް ވަޢުދުވަމުން. އަޅުގަނޑުމެންނަށް ފެނުނު ގޮތުގައި، މިހާރު އަޅުގަނޑުމެންގެ ކެންޑިޑޭޓުން އެ ނުކުންނަވާ ވަޢުދުތައް، އެ މައިގަނޑު ކަންކަން ހަމަޖެހުނީމާ، ރާއްޖޭގެ ވަރަށްގިނަ ކަންކަން އެކަން ވަށައިގެން ހަމަޖެހިގެންދާނެ.

އަޅުގަނޑުމެންނަށް އެނގޭ މިރަށުގެ ގިނަގުނަ މައްސަލަތަކެއް އެބަހުރިކަން. ލަފާފުރަން ދަތިކަން. އަޅުގަނޑުމެންނަށް އެނގޭ، މިސްކިތްވެސް އެއީ ވަރަށް ކުރިއްސުރެ ފަށައިގެން ޢިމާރާތް ކުރެވިފައި ހުންނަ މިސްކިތެއްކަން. ކަރަންޓްގެ ޙާލަތުވެސް އިތުބާރު ހުރި ގޮތެއްގައި ކަރަންޓް ލިބެން ނެތްކަން. އަދި ރަށުގައި ވަޒީފާ އަދާކޮށް، އަނބިދަރިންނާ އެކީގައި ރަށުގައި އުޅެވޭނެ ގޮތެއް ޢަމްދުން ނެތްކަން. ރަށުން ފަސޭހައިން އެއްތަނުން އަނެއް ތަނަށް ދެވޭނެ ގޮތެއްވެސް ނެތްކަން. މިކަންކަމުގެ މައްޗަށް ބަލާފައި އަޅުގަނޑުމެންގެ ސިޔާސަތު އަޅުގަނޑުމެން އެކުލަވާލީ. މިއަދު އަޅުގަނޑުމެންނަށް އެބައޮތް ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވެން. އެސިޔާސަތު ތަންފީޒުވެގެންދާއިރުގައި މިރަށަށް އޮތީ ކޮންކަމެއްހެއްޔޭ؟ ވާނީ ކިހިނެއްހެއްޔޭ؟ ތިޔަބޭފުޅުންނަށް، ތިޔައިން ކޮންމެ ބޭފުޅަކަށް އޮތީ ކޮން ކަމެއް ހެއްޔޭ؟ ކިހިނެއްހޭ ވާނީ؟ ތިމަންނާއަށް ލިބޭނީ ކޯއްޗެއް ހެއްޔޭ؟ ތިމަންނާގެ ގެއަށް އޮތީ ކޯއްޗެއް ހެއްޔޭ؟ ތިމަންނާގެ ރަށަށް އޮތީ ކޯއްޗެއް ހެއްޔޭ؟

އަޅުގަނޑަށްވެސް އެނގޭ މިއީ އިންތިޚާބުގެ ދުވަސްވަރުކަން. ޢާންމު ކަމަކަށްވެފައި މިއޮންނަނީ އިންތިޚާބު އައީމާ، ސިޔާސީ ވެރިން ރަށްރަށަށް އައިސް ރައްޔިތުން ކައިރީގައި ބާވަތް ބާވަތުގެ ވާހަކަ ދައްކަވާފައިދާނެ. ދެން އޭގެ ފަހަކުން ނުފެންނާނެ. އެ ދެއްކި ވާހަކަތަކެއް ހަނދާނެއް ނުހުންނާނެ. އަޅުގަނޑަށްވެސް ހަމަ މިކަންކަންވެސް ވަރަށް ސާފު. އަޅުގަނޑު ޖެހިލުންވެސްވޭ އެހެންވީމާ. އަޅުގަނޑުމެންގެ ޕްރޮގްރާމް ނުވަތަ އަޅުގަނޑުމެން ކުރަން މިއުޅޭ ކަންތައްތަކުގެ ވާހަކަ ތިޔަބޭފުޅުންނާ އެކީގައި ޙިއްޞާ ކޮށްލަން އަޅުގަނޑު މި ފިކުރު ކުރީ މިއީ ވަރަށް ރަނގަޅު ވަގުތެކޭ. އެއީ މިވަގުތަކީ ތިޔަބޭފުޅުން ވާހަކަތައް އަޑުއަހާ ވަގުތެއް. އެއީ ޚާއްޞަކޮށް އިންތިޚާބެއް ކުރިމަތިވަމުން އަންނާތީވެ، ވާހަކަތައް އަޑުއަހަމުން ވަރަށް ގިނަ ފަހަރަށް ވަރަށްގިނަ ރަށްރަށުގެ ރައްޔިތުން ވާހަކަތައް އަޑުއަހަމުން ގެންދޭ. އެހެންވީމާ، މިފުރްޞަތުގެ ބޭނުން އަޅުގަނޑު ކުރަން ބޭނުންވަނީ ތިޔަބޭފުޅުންނާ އެކީގައި މި ސަރުކާރުން ކުރިއަށް ގެންދަން މިއުޅޭ ކަންކަމުގެ މަޢްލޫމާތު ތިޔަބޭފުޅުންނަށް އަރުވަންވެގެން.

މިރަށުގެ ފެނާއި ނަރުދަމާއާއި ކަރަންޓް. ޚާއްޞަކޮށް މިރަށުގެ ކަރަންޓް. ދެން މިރަށުގެ އަދި ފެން ތަޣައްޔަރެއް އިރާދަކުރެއްވިއްޔަކާއެއް ނުވޭ. މިރަށުގެ ނަރުދަމާގެ މައްސަލައެއް އިރާދަކުރެއްވިއްޔަކާ އަދި ނެތް. އެހެން ނަމަވެސް، މިރަށުގެ ކަރަންޓް އިތުބާރު ހުރި ގޮތުގައި ރައްޔިތުންނަށް ލިބޭނެ ކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ މާދަމާރޭވެސް އެކަން އިތުބާރާ އެކީގައި ކުރެވެން އޮތް ކަމަކަށް. ސަރުކާރުން އެކަން ބަލައިގަނެ، އެކަން ދެނެގަނެ ނިންމާފައިވަނީ، 7 ޔުޓިލިޓީ ކުންފުނި ނުވަތަ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދޭނެ 7 ކުންފުނި ރާއްޖޭގައި ސަރުކާރުން ޙިއްޞާވާ 7 ކުންފުނި ޤާއިމު ކުރަން. އެގޮތުން މި ޕްރޮވިންސަށް، އެއީ ބޮޑު ތިލަދުންމައްޗާ އެކީގައި ހިމެނޭ ކުންފުނި މިހާރުވާނީ އުފެއްދިފައި. ސަރުކާރުން އެ ކުންފުންޏަށް ހުރިހާ ރަށެއްގެ ޖަނަރޭޓަރުތައް ނުވަތަ އިންޖީނުގެތައް ބަދަލުކުރުމަށް ރަށްރަށުގެ އެ އިންޖީނުގެއެއްގެ ވެރިފަރާތުގައި އެދޭނެ. ސްޓެލްކޯ އިންޖީނުގެތައް މިހާރުވަނީ މިދަންނަވާ ކުންފުންޏަށް ބަދަލުވެފައި. ތިޔަބޭފުޅުން ފަހަރުގައި ރޭގައި ނުވަތަ ރޭ ނޫން އިހަށްރޭ ޓީ.ވީ އިން އެވާހަކަ އަޑުއައްސަވާފައި އޮވެދާނެ. ސްޓެލްކޯ އިންޖީނުގެތައް ބަދަލުކުރުމަށްފަހު ދެން ސަރުކާރުން ތިޔަބޭފުޅުންނާ މި ރަށްރަށުގެ އިންޖީނުގެތަކާ ވާހަކަ ދައްކައިގެން އެ އިންޖީނުގެތައް ބަދަލުކުރުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ. އެއަށްފަހު ސަރުކާރުން މިދެކެނީ، މި ސަރަޙައްދުގައި އޮތް ހުރިހާ ރިޒޯޓެއްގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުންވެސް ހަމަ އެކުންފުންޏަށް ބަދަލުކުރުމަށް. އޭރުން މިބުނާ ކުންފުނީގައި ފުދޭވަރެއްގެ ޢަދަދެއްގެ މަސައްކަތް ހުންނާނެ. ފެނާއި ނަރުދަމާ އާއި ކަރަންޓާ ވިޔަފާރީގެ ގޮތުގައި އެކަންކޮށް، ހަމަ މާލޭގައި އެނަގާ އަގުގައި ކަރަންޓް ވިއްކައިގެން ފައިދާވާނެ ގޮތްތައް އޭރަށް އެކުންފުންޏަށް އޮންނާނެ. އެ ކުންފުނި ބޮޑު ކުންފުންޏެއްގެ ގޮތުގައި ޙަރަކާތްތެރިވާން ފެށީމާ.

މިހާރު ސަރުކާރުން ދެން ނިންމި ނިންމުމަކީ، އެކުންފުނިތައް އެގޮތަށް ހެދުމަށްފަހު، ބައިނަލްއަޤްވާމީ މާރުކޭޓަށް އެކުންފުނިތައް ހުޅުވާލުން، ސަރުކާރާ އެކީގައި ޙިއްޞާވެގެން އެ ކުންފުނި ހިންގާނެ ފަރާތްތައް ހޯދުމަށް. މީގެ ދެމަސް ކުރީގައި ސަރުކާރުން އެ އިޢްލާނުތައް ކުރީމާ، ޙިއްޞާވާނޭ 17 ފަރާތަކުން ޝައުޤުވެރިކަން ހާމަކޮށްފައި އެބަވޭ. އޭގެތެރެއިން މެއި މަހުގެ 1 ވަނަ ދުވަހު ސަރުކާރުން ކަނޑައަޅާފައި އޮތީ، 1 ވަނަ ދުވަހާ ހަމައަށް އެޝައުޤުވެރިކަން ހާމަކުރުމުގެ މުއްދަތު ހަމަވާނެއޭ. އެހާ ހިސާބަށް އެ ހާމަކޮށްފައި އޮތް 17 ކުންފުނިން ދެން އިތުރަށް ރަށްރަށަށް އައިސް މަޢްލޫމާތު އޮޅުންފިލުވައި ހޯދައިގެން، އެމީހުން އެމަސައްކަތް ހިންގާނެ ގޮތްތައް ކަނޑައަޅަންވީއޭ. މިހާރު އަޅުގަނޑަށް އިއްޔެ އަޑުއިވިފައި އޮތްގޮތުގައި، ދެތިން ކުންފުންޏަކުން ތިލަދުންމަތީގައި އެބަ މަޢްލޫމާތު ސާފުކޮށް ކަންކަން އޮޅުންފިލުވަމުންދޭ. ހޯރަފުށްޓަށް، ދިއްދުއަށް، އިހަވަންދުއަށް، ކުޅުދުއްފުށްޓަށް އެމީހުން ގޮސް ބަލައި އެބަހަދާ. އެހެންވީމާ، އަޅުގަނޑުމެންނަށް ވަރަށްބޮޑު އިތުބާރެއް އެބައޮތް. ވަރަށްބޮޑު ޔަޤީން ކަމެއްގައި ސަރުކާރުން މިތިބީ. އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި، ސަރުކާރުގެ ކުންފުންޏަށް މިތަނުގެ އިންޖީނުގެ ބަދަލުކުރެވޭނެ.

އަޅުގަނޑުމެންނެއް ނުދެކެން، ރަށްރަށުގެ ރައްޔިތުންނަކަށް އިތުބާރު ހުރި ގޮތުގައި ކަރަންޓްގެ ޚިދްމަތް ރައްޔިތުންނަށް ދެވޭނެ އިންޖީނުގެއެއް ހިންގައިގެން، އެ ދެކޮޅު ޖެއްސިދާނެ ކަމަކަށް. ކަރަންޓްގެ އަގު އެހާމެ ބޮޑު. ބައެއް ރަށްރަށުގައި އެބަހުރޭ، ދިހަރުފިޔާއަސް، ބާރަ ރުފިޔާއަށްވެސް. އަދި ޚާއްޞަކޮށް ސަރުކާރުގެ ތަންތަނަށް، އެއީ، ސްކޫލާއި ހެލްތް ސެންޓަރާ، މިތަންތަނަށް ކަރަންޓަށް އެބަހުރޭ ފަނަރަ ރުފިޔާ ނަގާފައި. ނެގީމާ އަޅުގަނޑުމެންނަށް މިވާގޮތަކީ، ސަރުކާރަށް މިވާގޮތަކީ އެތަންތަން ހިންގުމަށް ވަރަށްބޮޑު ލިބޭ ހުރިހާ ފައިސާއެއްހެން މިދަނީ ކަރަންޓަށް. އެތަންތަން އެހެންވީމާ ހިންގޭކަށްވެސް ނުވެސް އޮވޭ. އަދި ފެން ދޭންވެއްޖިއްޔާ އެއަށް އެހާ ކަރަންޓް ޚަރަދުވޭ. ހަމައެހެންމެ، އަޅުގަނޑުމެންގެ ނަޒަރުގައި ތިޔަބޭފުޅުންނަށް ކަރަންޓް އިސްތިރިވެސް، ދޮންނަ މެޝިންވެސް، އަދި ފަންކާއާއި އެހެންވެސް ބާވަތް ބާވަތުގެ ސާމާނު، ތަކެތި ކަރަންޓުން ބޭނުންކުރެވެން ޖެހޭނެ. އެކަންކަން ކުރުމަށް ހެޔޮ އަގުގައި ކަރަންޓް އެބަ ލިބެންޖެހޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި، ތިޔަބޭފުޅުންގެ އިންޖީނުގެއާ ސަރުކާރުން ޙަވާލުވެވޭނެ، ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވަންޏާ. އެ އިންޖީނުގެ ތިޔަބޭފުޅުން ދޫކޮށްލައްވަން ބޭނުންވެލައްވަންޏާ އެކަން ސަރުކާރަށް ކުރެވޭނީ. ސަރުކާރަކުން ތިޔަބޭފުޅުންގެ އިންޖީނުގެއެއް ގަދަކަމަކުންނެއް އަތެއްނުލާނެ. އަދި އެ އިންޖީނުގެ ވިއްކަން ތިޔަބޭފުޅުން ބޭނުންވެލައްވަންޏާ، އެ އިންޖީނުގެ މިބުނާ މިދަންނަވާ ކުންފުންޏަށް ވިއްކާވެސްލެވޭނެ. ނުވަތަ ތިޔަބޭފުޅުންނަށް އެ ކުންފުނީގައި މިރަށު ރައްޔިތުންނަށްވެސް ޙިއްޞާވެސްވެވޭނެ. ދެން މިއިން ކޮންމެވެސް އެއްގޮތެއް ހެދުމަށް އެ ކުންފުނިން ކުރިއަށް މިއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، އެމަސައްކަތް ކުރިއަށް ގެންދާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އިތުބާރާ އެކީގައި ރޯދައިގެ ކުރީގައި މިރަށުގައި ސަރުކާރުގެ ކަރަންޓް ތިޔަބޭފުޅުންނަށް ދެވެން ފަށާނެ.

އަޅުގަނޑުމެންނަށް ވިސްނުނު ގޮތުގައި ސަރުކާރަށް ފެންނަ ފެނުމުގައި ރާއްޖޭގައި ދިމާވެފައި އޮތް އެންމެބޮޑު އަނެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ. އަޅުގަނޑުމެންނަށް ފެނޭ، ތިޔަބޭފުޅުން ގެއެއް އަޅަން ވެގެން ތިޔައުޅޭ ޙާލު. ހޭދަކުރާހާ ވަގުތު. ގެވަޅެއް ލިބެން ހުރި ރަށްރަށުގައި، އެއީ މިސާލަކަށް، މިރަށުގައި ގެވަޅެއް ލިބުނީމާ އެނގިލައްވާނެ، ފުރަތަމަ އެއް އަހަރަކު އަޅުއްވަފާނެ ގާ. އެހެރީ އަޅުއްވާފައި. ދެން އަންނަ އަހަރު ފައުންޑޭޝަން ދަމާލެވިދާނެ. އަނެއް އަހަރު ހަތަރު ފާރު ރޭނިދާނެ. ދެން އަންނަ ރޯދައަށް ފަހަރެއްގައި ހިޔާކޮށްލެވިދާނެ. އަނެއް ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. ދެން އަންނަ ރޯދައަށް ފާޚާނާ ތަށްޓެއް ބެހެއްޓިދާނެ. ގެއަކަށް ވަދެވޭއިރު މިހުންނަނީ އަޅުގަނޑުމެން އާދައިގެ މީހެއްގެ ޢުމުރުގެ ދެބައިވެފައި. އަދި އޭގެއިތުރުން، ރަނގަޅު ރީތި ފަސް ހަލައްކަ ރުފިޔާއަށް ނިންމެން ހުރި މަސައްކަތަކަށް މިލިއަނެއް، ދޮޅު މިލިއަނެއް ރުފިޔާ އަރައިގެން ގޮސްފައި ހުންނަނީ. ދުނިޔޭގެ އެއްވެސް ތަނެއްގައި އެއްވެސް ބަޔަކު ނުދެކޭ އިނގޭތޯ، ކޮންމެ ދެމަފިރިއަކީ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަކަށް. އަދި ކޮންމެ ދެމަފިރިއަކަށް ގެއެއް ހަދައިގެން ރިވެތި ގޮތުގައި ގޮސް އެގޭގައި އުޅެވިދާނެ ކަމަކަށް. އެހެންވީމާ، ސަރުކާރުތަކުން ގެ އަޅާފައި ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ގެދޮރު ދޫކުރާގޮތަށް މިއޮންނަނީ.

ސަރުކާރުން ނިންމީ، ދިހަހާސް ގެ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢިމާރާތް ކުރުމަށް. މިހެން ޢިމާރާތް ކުރާއިރުގައި ސަރުކާރުން ނިންމީ، ކޮންމެ އަޅާ ދިހަ ގެއަކަށް، އެ އަޅާ ކުންފުންޏަކަށް ސަރުކާރުން ދޭން ތިރީސް ހާސް އަކަފޫޓްގެ ރާއްޖޭގެ ރީތި ބިން. ބޭރު މީހުންނަށް އެ ބިމުގައި ގެއެއް އަޅައިގެން އައިސް ދިގު މުއްދަތަށް އެ ކުއްޔަށް ދެނީ އެ ބިން. ގެއެއް އަޅައިގެން އައިސް އެގޭގައި ބޭރު މީހުންނަށް އުޅެވޭގޮތަށް ހަމަޖައްސައި، އޭރުން އެމީހުން އަހަރުގެ ތިންމަސް ދުވަސް، ހަތަރު މަސް ދުވަސް އެގޭގޭގައި އުޅޭނެ. އަނެއްބައިބައި ހުންނާނީ ފަޅަށް. ތިޔަބޭފުޅުންނަށް އެގެތައް ބަލަހައްޓަން ޖެހިފައި. އެ އުޞޫލުން ގެ އަޅައިދިނުމަށް ޝަރުޠުކޮށް ސަރުކާރުން އިޢްލާނު ކުރީ. އިޢްލާނު ކުރީމާ، އެގޮތަށް އެގެތައް އަޅައިދިނުމަށް އެދި 17 ފަރާތަކުން އަނެއްކާވެސް ބޮޑެތި 17 ކުންފުންޏަކުން ޝައުޤުވެރިކަން ހާމަކޮށްފައި އެބައޮތް.

ސަރުކާރުން މިހާރު އޮތީ ހަމައެކަނި އެކަން ކުރާނެ ވަކި ޚާއްޞަ ބައެއް، އެއްބަޔަކު ހޯދާފައި އެބަޔަކަށް އެމަސައްކަތް ޙަވާލުކުރުން. އެކަންކަން ކުރުމަށް އަދި ސަރުކާރުން ނަގާނެ ދެމަހެއްހާ ދުވަސް. ނަގާއިރުގައި މިރަށަށްވަނީ ކިހިނެއްހެއްޔޭ އެކަން ކުރިއަށް ގެންދިޔައީމާ. ފުރަތަމަ ކަމަކަށް 1. މިރަށުގެ ރައްޔިތުންނަށް ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން ތިޔަބޭފުޅުންނަށް ގެދޮރު މިރަށުން ލިބެން ހުންނާނެ. އެކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ކޮށްދޭނަން. ހަމަ އެއާއެކީގައި މިރަށުގެ ބިން ބޮޑުކަމާއި، މިރަށުގެ ބިމުގެ އަގު ހުރިކަމުން ކޮންމެވެސް ޢަދަދަކަށް މިދަންނަވާ ބިންތައް ޓޫރިސްޓުން އައިސް ތިބޭ ބިން، ގޭގެ އެއީ، ތިރީސް ހާސް އަކަފޫޓްގެ ބިން، އޭގެ ބިމަކީ. ކޮންމެ ގެއަކީ. އޭގެ ދިހަ ފަނަރަ ގެ އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ގަބޫލިއްޔާ، އެއްބަހިއްޔާ މިރަށުން ދެވެން އޮންނާނެ ސަރުކާރަށް. އޭރަށް މިދަންނަވާހެން އެއިން ކޮންމެ ގެއެއް ހަމަ ބަލަހައްޓަން އެމީހުން ބޭނުންވާނެ މީހުން. މިރަށުގައި ވަޒީފާ އުފެދޭނެ. އަދި ގިނަފަހަރަށް މިދަންނަވާހެން ވަރަށް މުއްސަނދިން އެ ގޭގެއަށް އަންނާނީ. އެ މުއްސަނދި މީހާއާއި އޭނަގެ އަންހެނުންނާއި ފަހަރުގައި ދެކުދިންނާއި، ބޮޑުދައިތައަކާއި، އެހެން ނޫނިއްޔާ އެހެން އަންނަ ޢާއިލާއެއް އަންނާނީ. ޙަޤީޤަތުގައި އެމީހުން ކިތަންމެ މުއްސަނދިވިޔަސް، އަދި ކިތަންމެ ދޮންވިޔަސް އަޅުގަނޑުމެންނެކޭ އެމީހުންނެކޭ އެއްވެސް ތަފާތެއްވެސް ނެތް. ހަމަ މިރަށުގެ ޢާއިލާއެކޭ އެމީހުންގެ ޢާއިލާއެކޭ ތިޔަބޭފުޅުންނަށް އިސާހިތަކު އެނގެން ފަށާނެ. އެއްވެސް ތަފާތެއް، އުޅުމުގައިވެސް އަޚްލާޤުގައިވެސް އަދި މީހުންނަށް ހެޔޮކޮށްހިތުމުގައިވެސް، ހަމަ އެއްވެސް ތަފާތެއް ނުހުންނާނެ. މިބާވަތުގެ ކަމަކަށް އަންނާނީ ވަރަށް ތަޢްލީމީ އަދި ހަރުދަނާ މީހުން. އެމީހުންގެ ގެދޮރު މިތަނުގައި އެހެންވީމާ ދިގު މުއްދަތަށް ދެވިފައި ހުންނާނެ. އަޅުގަނޑުމެން ލަފާކުރަނީ، އެ މަޝްރޫޢު އަޅުގަނޑުމެންނަށް ހިންގަން ފެށުނީމާ، މިރަށުގެ ހުރިހާ ރައްޔިތުންނަށް ރީތިކޮށް ވަޒީފާގެ ފުރްޞަތު ހަމަ މިރަށުގައި ތިބެގެން ލިބިގެންދާނެއޭ.

އެހެންވީމާ، މި ވެގެންދާނެ އަޅުގަނޑުމެންގެ އަނެއް ދިވެހިރާއްޖޭގެ ރަށަކަށް. ރީތިކޮށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިރަށް ހަދައިދޭނަން. މިރަށުގެ ބަނދަރާ އެއްޗެހިވެސް ރަނގަޅުވާންޖެހޭނެ. އަދި މިރަށުގެ ހެލްތް ސެންޓަރުވެސް ރަނގަޅުވާންޖެހޭނެ. އެމީހުން ބޭރު މީހުން އައިސް ތިބޭއިރުގައި، އެމީހުން ރޯގާ ޖެހުނީމާ ބަލާނެ ބަލިމީހުންވެސް ތިބެންޖެހޭނެ. އަދި އެމީހުންގެ ދަރިން އެހެން އައިސް ތިބޭއިރުގައި ކޮންމެވެސް ވަރަކަށް ކިޔަވަންވެސް ޖެހޭނެ. އަދި އެމީހުން އެހެން އައިސް ތިބޭއިރުގައި، އެމީހުންނަކީ ގިނަފަހަރަށް މޮޅު މީހުން. އެހީތެރިކަންވެސް އެހާބޮޑަށް ފޯރުކޮށްދޭނެ. އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ، ތިޔަބޭފުޅުން އެއްބަހިއްޔާ ހައުސިންގ މިނިސްޓްރީން ތިޔަބޭފުޅުންގެ ކިބައިން އަހާނެ، އެކަމަށް އެއްބަސްތޯ. ދެން މަޝްވަރާ ކުރުމަށްފަހު، އަޅުގަނޑުމެން ބޭނުން މިރަށުގައި އެކަން ކުރަން. ދެން ތިޔަބޭފުޅުން އެއްބަސްނުވަންޏާ އެހެން ރަށެއްގައި ކުރާނީ. ބައިވަރު މިކަހަލަ ބޮޑެތި ރަށްރަށް ހުވަދުއަތޮޅުގައިވެސް އަދި ކޮޅުމަޑުލުގައިވެސް، ލ. އަތޮޅުގައިވެސް އެބަހުރި. އެހެންނަމަވެސް، އަޅުގަނޑުމެން ވަރަށް ބޭނުން މިތަނުގައި މި މަސައްކަތް ހިންގަން. އަޅުގަނޑު އުންމީދު ކުރަން. ތިޔަބޭފުޅުން އަޅުގަނޑުމެންނާއެކީގައި އެމަސައްކަތުގައި ބައިވެރިވެލައްވާނެ ކަމަށް.

އަޅުގަނޑުމެން މިދެކެނީ މިބާވަތުގެ މައިގަނޑު ދެތިން މަސައްކަތެއް ހިންގަން ފެށީމާ، ދެން އެހެން ކަންކަން އައިސް ހަމައަކަށް އެޅިގެން ހިނގައިދނެއޭޭ. މީގައި ދިމާވެގެން މިއުޅޭ މައްސަލައަކީ، ޙަޤީޤަތުގައި ރުފިޔާ ޖީބަށްވަންނަވަރު ޢަދަދު މަދުވާވަރު މައްސަލައަކީ. ވަޒީފާ ނުލިބޭ މައްސަލަ. އެކަންކަން ބަރާބަރަށް ވާން ފެށީމާ، ދެން އެހެން ކަންކަން އެއާ ގުޅިގެން ހަމަޖެހިގެންދާނެ. ދެމެހެއްޓެނިވި ގޮތުގައި ކަމެއް ކުރަންވީމާ، އަޅުގަނޑުމެންނަށް މި ފާހަގަވަނީ ކުރަންވީކީ އެކަމެއް ނޫނޭ. އެހެން ކަމެކޭ ކުރަންވީ. ކޮށްގެން އެކަން ކުރަމުން ކުރަމުން އައިސް އަޅުގަނޑުމެން ބޭނުންވާ ކަންތައްވީމާ، ދެން އެ ބޭނުންވާ ކަންތައް ހުންނާނީ އަބަދަށްވޭވޭ. ނުޖެހޭނެ އިރުއިރުކޮޅަކާ އެއަކާ ކުޅޭކަށް. ގޮތްގޮތް ހަދާކަށް. ބަދަލުތަކެއް ގެންނާކަށް.

އަޅުގަނޑުމެން މިކުރާ މަސައްކަތް ކުރުމަށް ހަމަ ވަރަށް ބޮޑަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން އަޅުގަނޑުމެން ބޭނުންވޭ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑަކީ ގިނަޕާޓީ އެކުލެވޭ ރިޔާސީ ނިޒާމެއްގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށްގެން، ތިޔަބޭފުޅުން އަޅުގަނޑަށް ރުހުން ދެއްވީތީވެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުރި މީހެއް. މިހާރު މި ރާއްޖޭގައި ޢަމަލު ކުރަމުންދަނީ އެހެން ޤާނޫނުއަސާސީއެއް. އެ ޤާނޫނުއަސާސީއަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި އޮތް ޤާނޫނުއަސާސީއެއް. މީގެކުރީގައި ފަހަރުގައި ވެރިން މަޖިލިސް ދުވަސްވަރު، އިންތިޚާބީ ދުވަސްވަރު ރަށްރަށުގެ ބޮޑަށް ތިބޭ މީހުންނާ ކަތީބުންނާ މުދިމުންނާ ފަނޑިޔާރުން ތަންތަނަށް ގެނެސްފައި، އެމީހުން ކައިރީގައި ވޯޓްގެ ވާހަކަ ސިއްރިއްޔާތުގައި ދައްކާނެ. މިއީ އެދުވަހެއް ނޫން. އަޅުގަނޑު ވަރަށް ފާޅުގައި، ވަރަށް ފާޅުގައި އަޅުގަނޑު މިދަންނަވަނީ އަޅުގަނޑު ވަރަށް ބޮޑަށް އެދެމޭ، އަޅުގަނޑުމެންގެ މަސައްކަތް ކުރުމަށް އަޅުގަނޑުމެންގެ ކެންޑިޑޭޓް އަޙްމަދު ޢަބްދުﷲ ހޮވައިދެއްވުމަށް. އަޅުގަނޑު މިކަމަށް މިހެން މިއެދޭ ސަބަބުތައް ބައިވަރު.

މިދަންނަވާ އަޅުގަނޑުމެން މިހާރު ތަންފީޒު ކުރަމުންދާ ޤާނޫނުއަސާސީ އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަންފީޒު ކުރާށާއި، އަދި އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދަން ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލަން 64 ތަފާތު ޤާނޫނެއް ބޭނުންވޭ. އަޅުގަނޑަށް ހަމަ ވަރަށް އުނދަގޫ ގަބޫލުކުރަން. މިއޮއްހާ ދުވަހު، މިދިޔަ ދިގު 30 އަހަރު ރައްޔިތުންގެ މަޖިލީހުގައިވެސް އަދި އެހެން ތަނެއްގައިވެސް ހަދަން އުޅުނު ކޮންމެ ހެޔޮ ޤާނޫނަކަށް ހުރަސްއެޅި ބޭފުޅުން މިއަދު ދެން އަރުވާޖަހާފައި އަޅުގަނޑުމެންނާއެކީގައި އިޞްލާޙީ ޤާނޫނު ހަދަން އުޅެދާނެ ކަމަކަށް. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ.

ދާދި އިހަކަށްދުވަހަކު ވީގޮތަކީ ލާމަރްކަޒީ އުޞޫލުން ކަންކަން ނިންމުމުގެ ބިލް މަޖިލީހަށް ހުށަހެޅުނު. މި ލާމަރްކަޒީ އުޞޫލަކީ ދަންނަވަންތޯ އަޅުގަނޑުމެން ފުރާވަރަށް އެރީއްސުރެ ފަށައިގެން މިއަށްވުރެ މޮޅު ކަމެއް ނެތް ކަމަށް ވަކާލާތު ކުރެވެމުން އަންނަ ބިލެއް. އަޅުގަނޑުމެން މިބިލް އިނގޭތޯ މަޖިލީހަށް ހުށަހެޅީ ލާމަރްކަޒީ އުޞޫލުން ހިންގުމަށް. އެ ލާމަރްކަޒީ އުޞޫލުން ކަންކަން ކުރުމަށް ވަކާލާތު ކުރާތާ، އަޑު އުފުލާތާ މުޅި ޤައުމު އަޑު އުފުލާތާ ކިތަންމެ ޒަމާނެއްވެއްޖެ. ވިހިވިހީގެ ތަޞައްވުރުގައިވެސް ލިޔެފައި އޮތީ އެވާހަކަ. ޤާނޫނުއަސާސީގެ ބޮޑު ބާބެއް ފުރާވެސް ލިޔެފައި އޮތީ އެވާހަކަ. އެހެން ނަމަވެސް، ބިލް މަޖިލީހަށް ހުށަހެޅީމާ ޑީ.އާރު.ޕީ އެއްވެސް ބޭފުޅެއް އެއަކަށް ވޯޓެއް ނުދެއްވި. އަޅުގަނޑުމެންނަށް އެ ބިލް އެތެރެކުރެވުނީ ކިރިޔާ އެއްވޯޓުގެ ތަފާތަކުން. އަޅުގަނޑަށް ވަރަށްދަތި ގަބޫލުކުރަން. އެބޭފުޅުން އަޅުގަނޑުމެން މި ބޭނުންވާ އިޞްލާޙުތަކާއި، އަޅުގަނޑުމެން މިކުރާ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް އެބޭފުޅުންގެ އެއްބާރުލުމާއި ވާގި އޭގައި ލިބިދާނެ ކަމަށް. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންނަށް އަޣްލަބިއްޔަތެއްވާވަރަށް މެންބަރުން ހޯދަން. އިރާދަކުރައްވައިގެން، ހއ. އަތޮޅަކީ އަޅުގަނޑުމެންނަށް މި ސަރުކާރަށް ވަރަށް ތާއީދު ބޮޑު އަތޮޅެއް. މާލެއާއި އައްޑުއަތޮޅާއި ހއ. އަތޮޅާ މިއީ ހަމަ އެންމެ ބޮޑު، އަޅުގަނޑުމެން މި ސަރުކާރަށް އެންމެ ފެށުނީއްސުރެ ފަށައިގެން ތާއީދު ބޮޑުކޮށް އޮތް އަތޮޅު. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ތިޔަބޭފުޅުން ވިސްނަވާފައި، ތިޔަބޭފުޅުން މިކަންކަން ކުރައްވާއިރުގައި އަޅުގަނޑުމެންނާ އެކީގައި މިކަން ކުރެވޭނެ ގޮތަކަށް ތިޔަބޭފުޅުންވެސް ކަންތައްތައް ކޮށްދެއްވުން. އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ ކަމެއް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިގެންދާ ތަރުތީބުގައި އަޅުގަނޑުމެން ކުރާނަން.

އަޅުގަނޑަށްވެސް އެނގޭ، މިހާރު ހަމަސްވެއްޖެ. އަޅުގަނޑުމެން ބައިވަރު ވަޢުދުވިން. އެހެންނަމަވެސް، އަދި އެއްވެސް ކަމެއްނުވޭ. ޞިއްޙީ މަރްކަޒުވެސް ހަމަ ހުރިގޮތަށް ހުރީ. ދަތުރުފަތުރު ކުރެވޭކަށްވެސް ނެތް. ޑްރަގް ބޯ ކުދިން ހަމަ ޑްރަގް ބޮނީ. ހަކުރު ވިއްކާ މީހުން ހަކުރު ވިއްކަނީ. މާރާމާރީއަކަށް ކުޑަތަންކޮޅެއްވެސް ލުޔެއް އައި ކަމަކަށް މީހުންނެއް ނުބުނޭ. މަދަރުސާގައިވެސް ކިޔަވައިދެވެނީކީ ނޫންހޭ. މިސްކިތްވެސް ބިނާކުރެވުނީކީއެއް ނޫން. ރަށުގައި ހުރެގެން ވަޒީފާއެއްވެސް ލިބެނީކީއެއްނޫން. ހަމަސް ދުވަސްވެއްޖެ އަޅުގަނޑުމެން ވެރިކަމުގައި ތިބޭތާ. ވީކަމެއް ނެތް.

އަޅުގަނޑު ނުދެކެން އިނގޭތޯ، ޙަޤީޤަތުގައި އެކަން އޮތީ އެހެން ކަމަކަށް. ކަމެއް ކުރަނީ އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ވަކި ތަރުތީބަކުން. އަޅުގަނޑަށްވެސް އަޅުގަނޑު ރަށްޓެހި ދެތިން މީހަކު ޖީބަށް ލާރިލާފައި މިރަށަށް އައިސް ބަހާލައި އަދި މިތަނުން ދެތިން ތަނެއްގައި ފައުންޑޭޝަނެއް އަޅާލައި، ތިޔަބޭފުޅުންނަށް އެ ދަޅަ ދައްކާލެވިދާނެ. ތިޔަބޭފުޅުންގެ ލޮލުގައި އިންތިޚާބަށް އަނދުނެއް އެޅުވިދާނެ. އެހެންނަމަވެސް، މިދިޔަ ދިގު 30 އަހަރު އަޅުގަނޑުމެންގެ ތަރައްޤީގެ ދުވެލި ނުވަތަ އެއްގޮތަކަށް މިކަން ނުވެފައި މިހުރީ ހަމަ ކޮންމެ ފަހަރަކު އިންތިޚާބަށް މިބާވަތުގެ ކަންތައްތައް ކުރަމުން އަންނާތީވެ. ފަހަތުގައި ރޭވުމެއްނެތި ސާބިތުކަމެއްނެތި އަދި ހިސާބު، ވިޔަފާރީގެ ހިސާބު ރަނގަޅަށް ހަމަނުޖައްސައި، ކަންކަން ކުރާނެ ކަމަށްއައިސް، ރަށްރަށުގައި އިޢްލާނުކޮށްފައި ވެރިން ދަނީ. ދިޔައީމާ ދެން އަދި އެ ފުރަތަމަ އެކުރުމަށް ޚަރަދުކޮށްލި ލާރިކޮޅުވެސް ހުސްވީ.

އަޅުގަނޑު ހަނދާންވަނީ، މީގެ ދުވަސްކޮޅެއް ކުރީގައި އެއީ މުޙަންމަދު ލަޠީފް މިތަނަށް އަރުވާލާފައި ހުރިއިރެއްގައި. އޭނާ ދޫކޮށްލިތާ ދުވަސްކޮޅެއްގެ ތެރޭގައި، އަޅުގަނޑު މިރަށަށް އައިމޭ އެއްދުވަހަކު. އައިއިރުގައި ހަމަ އިންތިޚާބަކާ ގާތްވާތީ ހަމަ އަޑުހަރުކޮށް ބެރިންމަދޫ މީހުން މިރަށަށް ބާލަންވެގެން ތަންތަން ސާފުކޮށް ހަދަނީ. ރުއްގަސް ކަނޑައި، ބޮޑުސިންގާހާ ސަރަޙައްދެއް އެކީގައި. ބަލަ ބެރިންމަދޫ އެންމެ މީހަކުވެސް މިރަށަކަށް ނުގެނޭ. މިރަށު ހުރިހާ އެންމެންގެ ރުއްގަސް ގެއްލުނީ. އިންތިޚާބު ނިމުނީމާ އެކަން ނިމުނީ. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން، އެހެން ހަދާކަށް. ހަމަ އެއްގޮތަކަށްވެސް އެހެން ހަދާކަށް ބޭނުމެއް ނޫން. އަޅުގަނޑު ބޭނުމެއް ނޫން، ކުޑަ ދޮގެއްވެސް ތިޔަބޭފުޅުންނަށް ހަދާކަށް. އަޅުގަނޑުމެންނަށް ވާން އޮތް ކަމެއް، ވާންއޮތް މިންވަރަކަށް، ވާންއޮތް އިރެއްގައި ކޮށްދޭނެ ކަމަށް އަޅުގަނޑުމެން މިބުނަނީ. އަޅުގަނޑު އެދެނީ ތިޔަބޭފުޅުން އަޅުގަނޑު ގާތުގައި ކޮންއިރަކުންހެއްޔޭ އިންޖީނުގެ ސަރުކާރާ ޙަވާލުވާނީ، އެހެން ބުނުމުގެ ބަދަލުގައި، އެކަން ކުރުމުގައި ތިމަންނާމެންނަށް ބައިވެރިވެވޭނީ ކިހިނެއްތޯ އަޅުގަނޑުމެން ކައިރީގައި އެހިއްޔާ ވަރަށް ރަނގަޅު. އިރާދަކުރެއްވިއްޔާ އިންޖީނުގެ ބަދަލުވާނެ. އެކަމަކު އެ ބަދަލުވުމުގައި ހަމަ މިރަށު ރައްޔިތުންގެ ޙިއްޞާ ދައުރު އޭގައި ވަރަށް ފުޅާ. ވަރަށް ބޭނުންތެރި. އިރާދަކުރެއްވިއްޔާ، މިކަންކަން ހަމަ އަޅުގަނޑުމެން މި ރާވާފައި މިއޮތް ތަރުތީބުން ހިނގަމުން އެބަދޭ. ގޮސް މީގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނެ. އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރީގައިވެސް ތިޔަބޭފުޅުންގެ ދެތިން ސުވާލެއް އޮތްނަމަ، ތިޔަބޭފުޅުންނަށް ސާފުނުވާ ކަމެއް އޮތްނަމަ، އެކަމެއް އަޅުގަނޑު ސާފުކޮށްދެވޭތޯ ބަލަން ބޭނުން އިނގޭތޯ.

އަޅުގަނޑު ހަމަ އެދެން އުޅުނީ އެންމެ ކަމަކަށް. އެއީ، އަޅުގަނޑުމެންނާ އެކީގައި އުންމީދު ކުރެއްވުން ހުއްޓަވާނުލައްވައްޗޭ. އެ އުންމީދު ކުރައްވައްޗޭ. އަޅުގަނޑުމެންގެ އެބައޮތް ތަޞައްވުރެއް. އަޅުގަނޑުމެންގެ އެބައޮތް ވިސްނުމެއް. އަޅުގަނޑުމެންގެ އެބައޮތް މަންޒަރެއް. އަޅުގަނޑުމެން އެކަންކަން ކުރާނެ ގޮތްތަކެއްވެސް ހަމަ ފިކުރުކޮށްގެން މިތިބީ. ދެން ހަމަ މިރަށުގެ ބިން، މުއްސަނދި ބިން. މިރަށަކީ މުއްސަނދި ރަށެއް. މިރަށުން މިދަންނަވާ މިންވަރުގެ ބިންކޮޅެއް ކުއްޔަށް ދޫކޮށްލެވެން އެބައޮތް އިނގޭތޯ ހަމަ ފަސްލައްކަ ޑޮލަރަށް. އެއީ މިރަށް އެކީގައި ހަދާހާ ލާރި. އެހެންވީމާ، އެ ކޮންމެހެން އަޅުގަނޑުމެން ބާލީސްދަށަށްލައިގެން އެ ވައްލަ ބިސް އަޅަންވެގެން އެ ބާއްވާނެ ކަމެއް ނެތެއް ނޫންތޯ. އެ ވައްލަ ބިސްވެސް އެޅިއްޔާ ރަނގަޅު. އެހެންވީމާ، އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑު މިހުރީ މިކަންކަމުގައި ތިޔަބޭފުޅުންނާ އެކީގައި ކުރިއަށްދާން. ރާއްޖޭގައި މިއޮތީ 198 ރަށް. އެއީ، ދެން ރާއްޖޭގައި ވެރިއަކަށް ހުންނަ މީހަކަށް ޚާއްޞަ ނަޒަރަކުން ނުބެލޭންވީ ޢަދަދެއްވެސް ނޫން. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންގެ ބަޖެޓުގެ މިންވަރުވެސް. އަޅުގަނޑަށް އެނގޭ، މިތަނުގެ ސަރުކާރުގެ ކިތައް މުވައްޒަފުންތޯ ތިއްބަވަނީ. އަޅުގަނޑަށް އެނގޭ. އަޅުގަނޑު އޮޅުންފިލުވައިގެން މިހުންނަނީ. އެކަން އެނގިގެން އަޅުގަނޑު މިހުންނަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ހުށަހަޅާ ކަންކަން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ. އަޅުގަނޑަށް އަބަދުވެސް އެނގިފައި އޮންނަނީ، މޮޅަދޫ ރައްޔިތުންގެ ހީވާގިކަމާއި، އަދި ޚާއްޞަކޮށް، މި ކުދިކުދި ރަށްރަށަކީ ދިވެހިރާއްޖެ އިނގޭތޯ. ދިވެހިރާއްޖެއަކީ ވަރަށް ބައިވަރު ކުދިކުދި ރަށްތަކެއް. ދެން އަޅުގަނޑުމެން މިރަށްރަށާ އަޅާނުލަންޏާ، އެ ދިވެހިރާއްޖެއާ އަޅާނުލެވެނީ. އަޅުގަނޑު އަބަދުވެސް ވަރަށް ބޮޑަށް މި ކުދި ރަށްރަށުގެ ފިކުރު ހުރޭ. ތިޔަބޭފުޅުންނަށް ހަމަ ބޭނުންވާ ކަންކަން މިރަށުގެ ތެރޭގައި، އެ ޚިދްމަތްތައް ފޯރުކޮށްދެވޭނެ ގޮތްގޮތް ހޯދޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އުންމީދު މިކުރަނީ، މާދަމާ ވެގެންދާނީ މިއަދަށްވުރެ އަދި މާ ފާގަތި ދުވަހަކަށޭ. އަޅުގަނޑުގެ ދުޢާއަކީ، ދެދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެންނަށް ލިބުން.

والحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ! السّـلام عليـكم.