بســم اللّـه الرّحمـن الرّحيــم

އުލިގަމުގެ ލޮބުވެތި ރައްޔިތުން:

السّـلام عليـكم

އަޅުގަނޑުމެން މީގެ ދުވަސްކޮޅެއް ކުރީގައި، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ދަތުރުކޮށް، ހަތަރު އަހަރު ދުވަސް ވަންދެން ރައްޔިތުންގެ ތަފާތު އިޙްސާސްތަކުގެ ވާހަކަތައް އަޑުއަހަމުން ގެންދިޔައީމު. ދެން މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރީގައި އަޅުގަނޑުމެން އިށީނީ، އެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް، މި ރާއްޖޭގެ ޙާލަތު ބަދަލުކުރަން ސަރުކާރަކުން ގެންގުޅެވޭނެ އެންމެ ރަނގަޅު، ރާއްޖެއާ އެންމެ ގުޅޭ އަދި ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާނެ ސިޔާސަތުތަކަކީ ކޮބައިތޯ ކަނޑައެޅުމުގެ މަސައްކަތް. އެމަސައްކަތް އަޅުގަނޑުމެން ކުރަމުން އައިސް، އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގައި ބައިވެރިވުމަށް އަޅުގަނޑުމެން ނުކުތްއިރުގައި، އެމް.ޑީ.ޕީ.ގެ ފަރާތުން ހުށަހެޅިން ފިކުރެއް. ވިސްނުމެއް. މަންޒަރެއް. ތަޞައްވުރެއް. އަޅުގަނޑުމެންގެ ސިޔާސަތެއް، އަޅުގަނޑުމެން އަޅުގަނޑުމެންގެ މެނިފެސްޓޯގެ ގޮތުގައި މިފާހަގަކުރާ މިއަދު. އޭގައި ބަޔާންކޮށްފައި އޮންނާނީ، އެމް.ޑީ.ޕީ.ގެ ސަރުކާރެއް އުފެދުނީމާ، އެ ސަރުކާރުގެ ސިޔާސަތު ހިނގަމުންދާނެގޮތް ނުވަތަ އެ ސިޔާސަތަކީ ކޮބައިކަން. މިއަދު އަޅުގަނޑުމެންނަށް ލިބޭ އުފަލަކީ، އެ ސިޔާސަތު ތަންފީޒުވަމުން ދިޔައީމާ މިރަށަށް ވާނީ ކިހިނެއްތޯ؟ އޮތީ ކޮންކަމެއްތޯ؟ އެކަމާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް މިއަދު މަޢްލޫމާތު ދެވިދާނެ. އަދި އެކަންކަން މިހާރު ގޮސްފައިހުރި ހިސާބު ތިޔަބޭފުޅުންނަށް ސަރުކާރުން ސާފުކޮށްދެވިދާނެ.

އަޅުގަނޑަށްވެސް ހަމަ ވަރަށް ބޮޑަށް އެނގޭ، ތިޔަބޭފުޅުން މިހާރުން މިހާރަށް ބޭނުންވާ ބައެއްކަހަލަ ކަންކަން. އަޅުގަނޑުމެން އައި އައުމުގެ ކުރީގައިވެސް މިރަށުގެ މިސްކިތުގެ މައްސަލަ ވަރަށްބޮޑަށް ފާހަގަވެފައި އޮތްކަން އަޅުގަނޑުމެންނަށްވެސް ފާހަގަވޭ. މިސްކިތުގެ ކަންތައް، އަޅުގަނޑު މިތަނަށް އައުމުގެ ކުރީގައި އަޅުގަނޑު ބަލައިލިން. މިނިސްޓްރީ އޮފް އިސްލަމިކް އެފެއާޒުން މިއަހަރުގެ ތެރޭގައި އެބަ ހިންގާ ނުވަތަ ހިންގުމަށް ނުވަދިހަ ހަތަރު މިލިއަން ރުފިޔާ ވަކިކޮށްފައި ކަނޑައަޅާފައި އެބައޮތް މިސްކިތްތައް ހެދުމަށް. އޭގެތެރޭގައި މިރަށުގެ މިސްކިތް ޢިމާރާތް ކުރުން ހިމެނޭ. މިރަށުގެ މިސްކިތް ޢިމާރާތް ކުރުމަށް ސަރުކާރުން އޮތީ ބަޔަކާ ކޮންޓްރެކްޓެއް ކޮށް، އެ ކޮންޓްރެކްޓް ޙަވާލުކޮށްފައި. އެގްރީމެންޓެއް ޙަވާލުކޮށްފައި. މިހާރު ދިމާވެގެން މިއުޅޭ މައްސަލައަކީ، އެމީހުންނަށް އެ އެގްރީމެންޓާ އެއްގޮތަށް މަސައްކަތް ނުކުރެވޭތީ. ދެން ސަރުކާރަށް އޮތީ ދެގޮތެއް. އެއްގޮތަކީ، އެމީހުން އަތުން ކޮންޓްރެކްޓް ވަކިކޮށްފައި އެހެން ބަޔަކަށް އެ ކޮންޓްރެކްޓް ދިނުން. އަނެއްގޮތަކީ، އަދިވެސް އެމީހުން ލައްވާ އެ މަސައްކަތް ކުރުވޭތޯ ބަލައި، އެމީހުންނަށް ކިހިނެއްތޯ އެކަން ހެދެން އޮތީ ބަލައި އޮޅުންފިލުވައި ހެދުން.

މަސައްކަތް ހުއްޓިފައި ހުރީ ވަރަށްގިނަ ކޮންޓްރެކްޓްތަކުގެ. ހަމައެކަނި އަޅުގަނޑު މިދަންނަވަނީ ކޮންމެހެން މިރަށުގެ މިސްކިތުގެ ވާހަކައެއް ނޫން. ވަރަށްގިނަފަހަރަށް ވެފައި ހުރި ގޮތަކީ މިސާލަކަށް އަޅުގަނޑު ބަލައިފިން، މިހާރު ރާއްޖޭގައި ހިނގަމުންދާ ހުރިހާ ކޮންޓްރެކްޓެއް، ޕްރޮޖެކްޓެއް. ވަކިވަކިން އަޅުގަނޑުގެ އޮފީހަށް ގެނެސް، އެކަމަށްވަނީ ކިހިނެއްތޯ މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑު އޮޅުންފިލުވައިފިން. ކޮންމެ ހަފްތާއަކު ތިންދުވަހު، ކޮންމެ ދުވަހަކު ތިންގަޑިއިރު އެ މިނިސްޓްރީއެއްގެ ބަޔަކު ގެނެސްގެން އަޅުގަނޑު އޮޅުންފިލުވައިފިން ކިހިނެއްތޯ ވެފައި ހުރީ. ބައެއްފަހަރަށް ވެފައި ހުންނަ ގޮތް ވަރަށް ޢަޖައިބު. ހަތަރު ކްލާސްރޫމްގެ ބްލޮކެއް އެޅުމަށް ބަޔަކާއެކީގައި ކޮންޓްރެކްޓް ކޮށްފައި އޮވެދާނެ ނުވަ މިލިއަން ރުފިޔާއަށް. އެކަމަކު ދެން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ މިއީ، ފަސްލައްކަ ރުފިޔާއަށް ގިނަވެގެން ހަތްލައްކަ އަށްލައްކަ ރުފިޔާއަށް މިވަރު މަސައްކަތެއް ކުރެވޭކަން. ދެން އެހެން ނަމަވެސް، އެ ޢަދަދެއް ކަނޑައަޅައިގެން ކޮންޓްރެކްޓްކޮށް، ކޮންޓްރެކްޓަރަށް އޭގެ އެޑްވާންސް ފައިސާ ދީފައި އޮންނައިރުވެސް ކޮންޓްރެކްޓަރަށް މިވާ އެއްޗަކީ މިމަސައްކަތެއް ކުރިއަކަށް ނުގެންދެވޭ. ދެން އަޅުގަނޑު އެއާ ދޭތެރޭ ވިސްނަނީ ކިހިނެއްބާއޭ މިވަނީ. މިހާބޮޑު ޢަދަދު ޖަހާފައި އަދި އޭގެ އެޑްވާންސް ފައިސާ ލިބުނީމާވެސް ދެން މަސައްކަތް ކުރިއަށް ނުގެންދެވޭންވީ ސަބަބެއް އަޅުގަނޑަކަށެއް ނުވިސްނޭ. އަޅުގަނޑަކީވެސް ހަމަ މަސައްކަތްކުރާ ކުންފުންޏެއްގައި ޒަމާންތަކެއް ވަންދެން އުޅުނުވެސް މީހެއް. އަޅުގަނޑަކަށް ނުވިސްނޭ ކިހިނެއް ކަމެއް މިވަނީ. ދެން އަޅުގަނޑު ބަލައިލައިފިން ކުޑަކޮށް ބޭރުތެރެއިން. ދެން މާލެތެރޭގައި އުޅެނީ ގިނައިން ދަންނަ މީހުން ކަމަށްވާތީވެ. އަޅުގަނޑަށް މި ވިސްނުނު ގޮތަކީ އެފައިސާ އެމީހުން އަތަކު ނެތް. އެފައިސާ އެމީހުން އަތަށްދީފައި ހަމަ އަނެއް އަތުން އެފައިސާ އޮތީ ކޮންމެވެސް މީހަކު އަތުލާފައި. އެހެންވީމާ، އެމީހުންގެ އަތަކު ފައިސާއެއް ނެތް. އެމީހުންގެ އަތުގައި އޮތީ ކޮންޓްރެކްޓެއްގެ ޒިންމާ. ދެން އަޅުގަނޑުމެންނަށް އެމީހުން ގޮވައިގެން ޝަރީޢަތަށް ދެވިދާނެ. އެހެންނަމަވެސް، އެމީހުންގެ އަތުގައި ފައިސާއެއް ނެތް. އެމީހުން އެބަޖެހޭ ކޮންޓްރެކްޓްގެ ޒިންމާ އަދާކުރަން.

އެހެންވީމާ، ސަރުކާރުން މިއޮތީ 1.4 ބިލިއަން ރުފިޔާގެ މަސައްކަތް ހުއްޓިފައި. މިމަސައްކަތް ހުއްޓިފައި މިއޮތީ، އެމަސައްކަތް ހަމަ ޙަވާލުކޮށްފައި، އެމަސައްކަތަށްވާ އެޑްވާންސް ފައިސާ ދިނުމާ އެކީގައި އެފައިސާ އޮތީ އަނެއްކާ ގެއްލިފައި. މިހާރު އަޅުގަނޑު މިދަންނަވާ އެއްޗެއް އަޅުގަނޑަށް ހީވަނީ ތިޔަބޭފުޅުންނަށް ސާފުވެވަޑައިގަންނަވާނެހެން. ސަރުކާރުން މިދެނީ މީހަކަށް ފައިސާ މަސައްކަތެއް ކުރާށޭ ކިޔާފައި. އޭނާ މިބުނަނީ އެމަސައްކަތް ކުރުމަށްދެއޭ މިތައް މިތައް ހާސްރުފިޔާ. ޙަޤީޤަތުގައި ދަނީ އެހާ ޢަދަދެއް ނޫން. ދެން މިފައިސާ ސަރުކާރުން އޭނާއަށް ދިނީ. ދިނީމާ އޭނާ އަތުގައި އެފައިސާ ހުރެއްޖިއްޔާ މިމަސައްކަތް ކުރެވެން ޖެހޭނެ. އެކަމަކު މިހާރު ވެގެން އުޅޭ ގޮތަކީ، އޭނާ އަތަކު އެފައިސާއެއް ނެތް. ކޮންމެވެސް އެހެން މީހަކު އޭނާ އަތުން އެފައިސާ އަތުލައިފި ނުވަތަ އޭނާ އެހެން މީހަކަށް އެފައިސާ ދީފި. މި އޮޅުންގަނޑެއްގެ ތެރޭގައި މިރަށުގެ މިސްކިތް ހުއްޓިފައި ހުރީ. އަޅުގަނޑު ޙުނައިފާ ކުޑަކޮށް ވާހަކަ ދައްކާލިން. ތިޔަބޭފުޅުންނަށް މިހާރު މިއޮތީ ޙުނައިފާ އެކީގައި އެކަމާ މަޝްވަރާކޮށް އަދި އިސްލަމިކް އެފެއާޒް މިނިސްޓްރީގެ ބޭފުޅުންނާއެކީގައި މަޝްވަރާކޮށް ތިޔަބޭފުޅުންނަށް ނިންމިދާނެ ކޮންމެވެސް އެއްގޮތެއް. މިއަހަރު މިއޮތް ކޮންޓްރެކްޓް ބާޠިލްކޮށްފައި، އެމީހުން ވަކިކޮށްފައި، އެހެން ބަޔަކަށް އެމަސައްކަތްދީގެން ބާރަށް ހިންގުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެމިސްކިތުގެ ޙައްލެއް (ހޯދޭނެ.) ދެން ތިޔަބޭފުޅުން އޭގައ ޙައްލެއް ގެންނަވަން މަސައްކަތް ކުރައްވަންޖެހޭނެ. ސަރުކާރުން ބޭނުން ޙައްލެއް ގެންނަން. ކުރިއަށް މިއޮތް މަހެއް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި، ރޯދަ އަންނަންވާއިރަށް މިއަށް ކޮންމެވެސް ގޮތެއްވުން ވަރަށް މުހިންމު. ދެން ރޯދައާ ދޭތެރޭގައި މިހާރު މިއޮތީ ތިންމަސް ބައި. އެހެންވީމާ، ކުރިއަށް މިއޮތް ދެހަފްތާއެއް ތިންހަފްތާއެއްގެ ތެރޭގައި ތިޔަބޭފުޅުން ނިންމަވަންޖެހޭނެ މި ކޮންޓްރެކްޓް ބާޠިލުތޯ ކުރާނީ. އަޅުގަނޑަކަށް ނޭނގެ، ފަހަރެއްގައި ވެދާނެ މިރަށު ބައެއް ކޮންޓްރެކްޓް ނަގައިގެން އުޅެނީ ކަމަށްވެސް. ދެން އެހެން ނޫނިއްޔާ، މާލޭގެ އެހެން ކޮންމެވެސް ބައެއް ކޮންޓްރެކްޓް ނަގައިގެން އުޅެނީ ކަމަށްވެސް. ދެން ތިޔަބޭފުޅުން އެ ވަކިގޮތަކަށް ނިންމަވައިފިއްޔާ، ސަރުކާރަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ.

އަޅުގަނޑުމެންގެ ސިޔާސަތަކީ، އަޅުގަނޑުމެން ދެކޭގޮތަކީ، ފެނާއި ނަރުދަމާއާއި ކަރަންޓާ، ފެނާއި ނަރުދަމާގެ ހޮޅިތަކާއި ކަރަންޓްގެ ނަރުތައް އެއީ، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ޤައުމެއްގެ މައިބަދަ. އެ ނަރުތަކާއި އެ ހޮޅިން ޤައުމެއް ހިފެހެއްޓުން. އެ މައިބަދަ ނެތީސް ވަރަށް އުނދަގޫވާނެ ކޮޅަށް ތެދުވަން. އަމިއްލަ ފައި މައްޗަށް ތެދުވެ ހުންނަ ޤައުމަކަށްވާން. ކަރަންޓަކީ ވަރަށް މުހިންމު ވަސީލަތެއް. ތަރައްޤީގެ އެއްވެސް މަސައްކަތެއް އަދި އިޖްތިމާޢީ އެއްވެސް މަސައްކަތެއްވެސް އަދި މުނިފޫހިފިލުވުމާއި އަރާމާއި ފަސޭހަކަމުގެ އެއްވެސް ކަމެއްވެސް ކަރަންޓާނުލައި ނުލިބޭކަން އަޅުގަނޑުމެން އެންމެންނަށް ވަރަށް ބޮޑަށް ސާފު. އަދި ހަމައެހެންމެ، އަޅުގަނޑުމެން އެންމެންނަށް އެހާމެ އެނގޭ، މި ރާއްޖޭގެ ރަށްތަކަކީ މިހާރު އެރަށްތަކުގައި މި މީހުން ދިރިއުޅޭ ޢަދަދަށް އެތިބި މީހުން ދިރިއުޅޭން އުފެދިފައި ހުރި ރަށްތަކެއް ނޫންކަން.

އެހެންވީމާ، މިރަށްތަކުގެ ފެން މިދަނީ ދުވަހެއް ދުވަހަކަށް ތަޣައްޔަރުވަމުން. މާލޭގައި މިކަން ހިނގަން ފަށައިފި މީގެ 50 އަހަރު ކުރީގައި. އެހެން ހުރިހާ ރަށެއްގައި ކުރިއަށް އޮތް ދިހަ ފަނަރަ އަހަރު ދުވަހުގެ ތެރޭގައި އެކަން ހިނގާ ނިމޭނެ. ނިމޭއިރުގައި އަޅުގަނޑުމެންނަށް އެބަޖެހޭ ވިސްނުމެއް ވިސްނަން، ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ އާއި ކަރަންޓްގެ ކަންތައް އެއްހަމައަކަށް ގެންނަން. އެކަން ކުރުމަށްޓަކައި ސަރުކާރުން ނިންމީ، އަޅުގަނޑުމެންގެ ސިޔާސަތަކީ 7 ކުންފުނި މިއުފެއްދީ 7 ޕްރޮވިންސަށް. މި ސަރަޙައްދަށްވެސް އޮންނާނީ ޔުޓިލިޓީ ކުންފުންޏެއްގެ ނަމުގައި ކުންފުންޏެއް އުފައްދާފައި. އެއީ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުމަށް. މިރަށުގައި ވަރަށް ފަސޭހަ. އެއީ މިރަށުގައި އެބަ އުފެދޭ ސިޓީ ހޮޓަލަކާއި މެރީނާއަކާ. އެމް.ޓީ.ޑީ.ސީ، ސަރުކާރު ޙިއްޞާވާ ކުންފުންޏަކުން މިކަން މިރަށުގައި ކުރަނީ. އެހެންވީމާ، ސަރުކާރަށް ފަސޭހަ އެމީހުން ކައިރީގައި ބުނަން ކަލޭމެން ރިޒޯޓުގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުން، އެ ރިޒޯޓަކުންނެއް ނޫނޭ ކުރާނީ. މިދަންނަވާ ކުންފުނިންނޭ. އަދި މިރަށުގެ ފެނާއި ނަރުދަމާއާއި ކަރަންޓްވެސް ހިންގާނީ ހަމަ އެކުންފުނިންނޭ. އެއީ، މިގޮތަށް ރިޒޯޓްތަކާއި އަދި ރަށްތަކާ މި ސަރަޙައްދުގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ހިންގުމުގެ ފުރްޞަތު އެއްބަޔަކަށް ލިބުނީމާ، އެމީހުންނަށް އޭގައި ހަމަ އާދައިގެ އަގުގައި އެ ޚިދްމަތްދީގެން، މާލޭގައި މިދޭ އަގުގައި އެ ޚިދްމަތްދީގެން އެބަ އެ ޚިދްމަތް ދިނުމުގައި ދެކޮޅުޖެއްސޭ. އެހެންވީމާ، ދެން އަޅުގަނޑުމެން މިބުނަނީ، ބައިނަލްއަޤްވާމީ ކުންފުނިތައް ކައިރީގައި މިމަސައްކަތުގައި ދިވެހި ސަރުކާރުގެ ޙިއްޞާވާ ކުންފުންޏާއެކީގައި ބައިވެރިވެގެން، ޙިއްޞާވެގެން، އެމަސައްކަތް ކުރިއަށް ގެންދާށޭ. ބައިނަލްއަޤްވާމީ ކުންފުންޏެއް ހުރިނަމަ، ޝައުޤުވެރިކަން ހާމަކުރާށޭ.

ސަރުކާރުން މީގެ ދެމަސް ކުރީގައި އެގޮތަށް އިޢްލާނު ކުރީމާ، 17 ކުންފުނިން އެބައޮތް ޝައުޤުވެރިކަން ހާމަކޮށްފައި. އޭގެތެރެއިން މިހާރު އަޅުގަނޑުމެން އޮތީ މެއި މަހުގެ 1 ވަނަ ދުވަހުއްސުރެ ފެށިގެން އެ ޝައުޤުވެރިކަން ހާމަކުރުމުގެ މުއްދަތު ހަމަވީ ކަމަށް ކަނޑައަޅާފައި. ދެން ޝައުޤުވެރިކަން ހާމަކުރި ފަރާތްތައް ރާއްޖެ އައިސް، މިކަން އޮތް ނެތް ގޮތް، ރަށްރަށަށް ގޮސް އޮޅުންފިލުވުން. މިހާރު އެ ވަފްދުތައް އުޅެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި. ކުޅުދުއްފުށީގައި އެބައުޅޭ ބައެއް. އެއީ، މިސަރަޙައްދުގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުމަށް، އެކުންފުންޏާ ގުޅެން ބޭނުންވެގެން އުޅޭ ބައެއް. އިރާދަކުރެއްވިއްޔާ، މިދާގޮތަށް މިކަން އަޅުގަނޑުމެންނަށް ގެންދެވެންޏާ މިއަހަރުގެ ތެރޭގައި ގިނަ ރަށްރަށުގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ކަންތަކުގެ ޢަމަލީ މަސައްކަތް ފަށައިގަނެވޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިރަށުގައި ނަރުދަމާގެ ޚިދްމަތް މިއަންނަ އަހަރު ދޭން ފަށާނަން.

ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، ތަޢްލީމީ ފެންވަރު މަތިކުރުން. އަޅުގަނޑުމެން ބޭނުންވަނީ، މިރަށުގެވެސް މަދަރުސާއިން ނުކުންނަ ކޮންމެ ދިހަކުއްޖަކުން ހަކުއްޖެއް، މަދުވެގެން ހަކުއްޖެއް ނުކުންނަން ޖެހެނީ "ސީ" ފާހުގެ މަތިން. މިހާރު ނުކުންނަނީ ކޮންމެ ދިހަ ކުދިންގެ ތެރެއިން ގާތްގަނޑަކަށް ދެކުދިން. "ސީ" ފާހުގެ މަތިން. "ސީ" ފާހަކީ ކިރިޔާވެސް ފާސްވުން. ދެން އެތަނަށް މަދަރުސާއަށް ވަދެ ނުކުމެ އުޅެންޏާ ކޮންމެވެސް އެއްޗެއް ލިބޭނެ. އެކަމަކު "ސީ" ފާހަކީ ކޮންމެވެސް ވަރަކަށް ފާސްވުން. އެކަން ކުރުމަށް އަޅުގަނޑުމެން އެބަ ކުރަންޖެހޭ ދެކަމެއް. އެއްކަމަކީ ރަނގަޅު މަދަރުސާއެއް އުފެއްދުން. އަނެއް ކަމަކީ ރަނގަޅު ޓީޗަރުން އުފެއްދުން. ދެން އެދެކަންތައްވީމާ، އަޅުގަނޑުމެން މިދެކެނީ ރަނގަޅު ދަރިވަރުން ނުކުންނާނެ ކަމަށް.

ރަނގަޅު މަދަރުސާއެއް އުފެއްދުމަށް ސަރުކާރުގެ ވިސްނުމަކީ، އެއްދަންފަޅިއަށް މަދަރުސާތައް ހުންނަން ޖެހޭނީ. އެމަދަރުސާގެ ތެރޭގައި ދަރިވަރުންނަށް އަބަދު އުޅެވެން ޖެހޭނެ. ހެނދުނުދާ ގޮތަށް ގޮސް އިރުއޮއްސެންދެން. އެހެންވީމާ، އަޅުގަނޑުމެން މަދަރުސާތައް އެއްދަންފަޅިއަށް ބަދަލުކުރަން މިނިންމީ. އެކަން ކުރުމަށް ކޮންމެ މަދަރުސާއެއްގައިވެސް ގިނަ މަދަރުސާތަކުގައި ހަތަރު ކްލާސްރޫމް، ފަސް ކްލާސްރޫމް ބިނާކުރަންޖެހޭ. އަޅުގަނޑު އުންމީދު ކުރަން، މިރަށުންވެސް އެކަން ކުރުމަށް މަދަރުސާގެ ކްލާސްރޫމަށް އިތުރުކުރަންޖެހޭ މިންވަރު ބަޔާންކޮށް، އެ ކްލާސްރޫމަށް އެދި އެޑިޔުކޭޝަން މިނިސްޓްރީއަށް މިރަށު މަދަރުސާއިން ސިޓީ ފޮނުވާފައި އޮތް ކަމަށް. އަދި އެ ފޮނުވާފައި އޮތް ސިޓީއަށް އަޅުގަނޑު ހިތުން އޮންނާނީ ޖަވާބެއް ލިބިފައި. އެއީ، ހަތަރު ކްލާސްރޫމް ބޭނުންވާ ކަމަށްވަނީވިއްޔާ، ސަރުކާރުން ތިން ކްލާސްރޫމް އަޅައިދޭނަމޭ. އެއް ކްލާސްރޫމް ރަށު ރަށު ރައްޔިތުންނަށް ހެދޭނެ ގޮތެއް އެބައޮތްހެއްޔޭ؟ އެބާވަތުގެ ގަވާއިދެއް ނަމަވެސް މިކަން ވާނެކަމަށް ބުނެ އެޑިޔުކޭޝަން މިނިސްޓްރީއަށް އަޅުގަނޑު ހިތުން މިހާރު އޮންނާނީ ޖަވާބެއް ދެއްވާފައި. ދެން އެހެން އެކަން ހިނގާފައި ނެތްނަމަ، ރަށު މަދަރުސާއިންވެސް އަދި އޭގެއިތުރުންވެސް، އެ ހުރިހާ ބޭފުޅުންވެސް ލިޔުއްވައިގެން އެކަން ކުރިއަށް ގެންދެވުމަކީ، އަޅުގަނޑުމެން އެދޭނެ ކަމެއް. އެއީ ބުއްދިވެރި ކަމެއް.

ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް އެބަކުރޭ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް ފަހިކޮށްދިނުމަށް. އަދި ޚާއްޞަކޮށް، ޢާއިލާއާ އެކީގައި ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުމަށް. ޢާއިލާއާ އެކީގައި ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އިންތިޒާމުކޮށް ކުރިއަށް ގެންދަން ގަސްދު ކުރަނީ ދަތުރުފަތުރުކުރުމުގެ ނިޒާމު. ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލަދޭނެ ކަމަށް އަޅުގަނޑުމެން އޮންނާނީ ވަޢުދުވެފައި. އެ ވަޢުދު ފުއްދުމަށްޓަކައި ސަރުކާރުން މިކަން ކުރާ ގޮތަކީ، މިބުނަނީ ދަތުރުފަތުރުކުރުމުގެ ނިޒާމެއް އުފައްދައި ހިންގާ ބަޔަކަށް، އެ ނިޒާމުގައި ހިމެނޭ ރަށްރަށުން ނުވަތަ އެމީހުން ބޭނުން އެހެން ތަންތަނުން ގެސްޓްހައުސް ހެދުމުގެ ފުރްޞަތު ހުޅުވާލާނަމޭ. ޖާގަދޭނެއޭ. އެހެން ބުނީމާ އެކަމަށް ޝައުޤުވެރިވާތީއާއެކު، 20 ފަރާތުން އެބައޮތް ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމުކޮށްދިނުމަށް އެދި ހުށަހަޅާފައި. މީގައިވެސް ސަރުކާރަށް އޮތީ އޭގެތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޯދައި، އެބަޔަކަށް މަސައްކަތް ޙަވާލުކުރުމުގެ ކަންތައް. އަޅުގަނޑުމެން މިދެކެނީ، ޖޫން، ޖުލައި، އޯގަސްޓް، އެހިސާބުގައި އެމަސައްކަތް ޙަވާލުކުރެވޭނެއޭ. އެމަސައްކަތުގެ ތެރޭގައި އަނެއްކާ ހުރިހާ ރަށެއްގެ ބަނދަރު ބަދަލުކުރަންޖެހެނީ. ކޮންމެވެސް ގޮތެއް ހަދަންޖެހެނީ. އެ އަންނަ ބަޔަކު ބޭނުންވާ ގޮތަށް އެމީހުންގެ ބަނދަރުތައް ބަދަލުކުރަން ނުވަތަ ހަދަން ޖެހެނީ. އެއީ އައިސް ފަސޭހައިން ގޮސް އުޅެވޭނެ ގޮތަކާއި، މުދަލާއި ފަސިންޖަރުން ބޭލޭނެ ގޮތަކާއި، މިގޮތްގޮތަށް ބަނދަރު ހެދުމަށް އެމީހުން އެދޭނެ. ދެން އަޅުގަނޑުމެން މިބުނަނީ އެއީ އެ މަސައްކަތް ނަގާ ބައެއްގެ ކަމެކޭ. އެގޮތަކަށް މިރަށު ރައްޔިތުންނާ މަޝްވަރާ ކޮށްގެން ބަނދަރުތައް ބަދަލުކުރުން ބޭނުންވަނީ. ރައްޔިތުން ބޭނުންވަނީ ބަނދަރުތައް ބޮޑުކުރަން. އެމީހުންވެސް ބޭނުންވާނީ ބޮޑުކުރަން. އެހެންވީމާ، ސަރުކާރުންވެސް ބޭނުންވާނީ ބޮޑުކުރަން. އެމީހުންގެ މިމަސައްކަތުގެ ތެރޭގައި އެ ބަނދަރުތައް ބޮޑުކުރަން އަޅުގަނޑުމެން އުންމީދުކޮށްގެން މިތިބީ. އަދި އަޅުގަނޑުމެން ކަނޑައަޅަމުން މިދަނީވެސް އެމަސައްކަތުގެ ތެރޭގައި ބަނދަރުތައް ބޮޑުވާންޖެހޭނެއޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިރަށުގެ ބަނދަރުވެސް ބޮޑުވެގެންދާނެ.

ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫޢެއް ސަރުކާރުން ހިންގާ. ސަރުކާރުގެ އަމާޒަކީ ދިހަހާސް ގެ މިއަހަރުގެ ތެރޭގައި ޢިމާރާތް ކުރަން ފެށުން. އެކަން ކުރުމަށްޓަކައި ސަރުކާރުން އިޢްލާނު ކުރީ، ކޮންމެ ދިހަ ގެއެއް ޢިމާރާތް ކުރީމާ، ތިރީސް ހާސް އަކަފޫޓްގެ، ރާއްޖޭގެ ގޮނޑުދޮށުން ބިން ދިގު މުއްދަތަށް ބޭރު މީހުންނަށް ދޫކުރާނަމޭ. އެމީހުން ގެއެއް އަޅައިގެން، އަހަރެއްގެ ދެމަސް ދުވަސް، ތިންމަސް ދުވަސް އައިސް ދިގު މުއްދަތުގައި އެމީހުންނަށް އުޅެވޭގޮތަށް. އަޅުގަނޑުމެން ތިޔަބޭފުޅުންނާ މަޝްވަރާކޮށް، ތިޔަބޭފުޅުން ރުހިވަޑައިގަންނަވާ ކަމަށްވަނީނަމަ، ބޭނުން އުލިގަމުން މިބާވަތުގެ ގެ ބޭރު މީހުންނަށް ދޫކުރަން އެއީ، ހަމަ ޓޫރިސްޓުން. ވީމާ، ރަށުގައި މި ސިޓީ ހޮޓަލުގެ އިތުރުން ބޮޑެތި ގެ އަޅައިގެން ތިބޭނެ ބައެއް ތިބޭނެ. ހަމައެއާއެކީގައި އޭގެ ބަދަލުގައި އަޅުގަނޑުމެން ބޭނުން މިރަށުގައި އެމީހުން ތިޔަބޭފުޅުންނަށް ގެދޮރު އަޅާފައި، ސަރުކާރަށް ގެދޮރު އަޅާފައި ދޭން. އެއީ، ދިގު މުއްދަތުގައި ތިޔަބޭފުޅުން ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން އެ ގެ މިލްކުވާ ގޮތަށް. މަހެއްގެ މައްޗަށް ސަރުކާރަކުން ނާންނާނެ އެއްހާސް ރުފިޔާއަށްވުރެ ގިނައެއްކޮށެއް. ރަނގަޅު ރީތި ގެއެއް އިރާދަކުރެއްވިއްޔާ 9 މަސްދުވަހުގެ ތެރޭގައި ވަރުގަދަ ގެއެއް އަޅައިދޭނަން.

އަޅުގަނޑުމެން ބެލި ބެލުމުގައި އާދައިގެ ދެމަފިރިއަކު އިނގޭތޯ އަލަތު ކައިވެންޏާ އެކީގައި، ކަންނެލި އޮޑިއެއްގައި، ރިޒޯޓެއްގައި، ފާނަ ދޯންޏެއްގައި އުޅެފައި އައިސް އެއްއަހަރަކު އަޅާފާނެ ގާ. ދެން ޖެހިގެން އަންނަ އަހަރު ފައުންޑޭޝަން ދަމާލަފާނެ. އަނެއް އަހަރު ފާރުތައް ރާނާލެވިދާނެ. އަނެއް ރޯދައަށް މަތިވަޑާންގަނޑު އަޅައި، ފަހަރެއްގައި ހިޔާކޮށްލެވިދާނެ. ދެން އަންނަ ރޯދައަކަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. އަނެއް ރޯދައަށް ފާޚާނާ ތަށްޓެއް ބެހެއްޓިދާނެ. ގެއެއް އަޅައި ނިމޭއިރުގައި އަޅުގަނޑުމެން އާދައިގެ މީހެއްގެ ޢުމުރު މިހުންނަނީ ދެބައިވެފައި. ދުނިޔޭގެ އެއްވެސް ތަނެއްގައި، އެއްވެސް ދެމަފިރިއަކީ ކޮންސްޓްރަކްޝަން ކުންފުންޏެއް ނޫން. ގެދޮރަކީ ތިމާ އަމިއްލައަށް އަޅައިގެން އެއަށް ވަދެވޭ ތަނެއް ނޫން. އެހެން ނޫންއިރުގައި އެއީ، މީގެ ގާތްގަނޑަކަށް ތިންސަތޭކަ އަހަރު ކުރީގައި، ދުނިޔޭގެ ޤައުމުތަކުގައި ގެއެއް ނުހުރޭ މީހުންނަކަށް. ހަމަ ޖިފުޓިތަކެއް އޭރު އެހެން ތަންތަނުގައިވެސް ހުންނަނީ. ގެދޮރު މިއެޅެނީ އެމީހުންނާ އެއްކޮށް އެއްބަޔަކު ނުކުމެ އެޅީމާ. ތިޔަބޭފުޅުން މިހާރު ރާއްޖޭގެ ރަށްރަށުގައި ހަމަ ބުރަ މަސައްކަތުން ހޯދާ ފައިސާއިން ގެއެއް އަޅައި މިނިމެނީ ދިހަ ބާރަ އަހަރުން. ނިމޭއިރުގައި ފަސްލައްކަ ރުފިޔާއަށް ވާން އޮތްކަމެއް، މިކުރެވެނީ ދޮޅު މިލިއަން ރުފިޔާއިން. ހަމަ މި ދައުލަތަށް ނޫންތޯ އެ އެއްމިލިއަން ރުފިޔާ ގެއްލި އެދިޔައީ. ވަރަށްބޮޑު ގެއްލުމެއް އެއީ. ސަރުކާރުން ނިންމީ މަހަކު އެއްހާސް ރުފިޔާއަށްވުރެ ބޮޑުވެގެނެއް ނުވާނެ. އަޅުގަނޑުމެން މިބަލަނީ ގެއެއްގެ އާމްދަނީގެ ކޮންމެ ސަތޭކަ ރުފިޔާއަކުން ވިހި ރުފިޔާއަށްވުރެ ބޮޑުވެގެނެއް ނުވާނެއޭ ގެއަށް ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު. އެހެން އެކަން ރާވާފައި ބޭއްވުނީމާ، މީހުން އަތުގައި ފައިސާކޮޅުވެސް ހުންނާނީ.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިކަން ވަރަށް އުންމީދީކޮށް ފެނޭ. ދިވެހިރާއްޖޭގެ ބިމުގެ އަގު ވަރަށްބޮޑު. އޭގެ ބޭނުމުގައި އޭގެ ވިޔަފާރީގެ ފައިދާގައި ރާއްޖޭގައި މީހުން މަސައްކަތް ކުރަން ބޭނުންވޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޔަޤީން. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް މިރަށުގައި އެ ގެދޮރު އަޅާފައި ތިޔަބޭފުޅުންނަށް ދެވޭނެ އަޅުގަނޑުމެންނަށް. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ތިޔަބޭފުޅުންނަށް އޭގެ ގެއެއް ހުޅުވާލަން އަޅުގަނޑަށް ލިބޭތޯ އަޅުގަނޑު ބަލާނަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ އެމަސައްކަތް ކޮށްދޭނަން.

އެމް.ޓީ.ޑީ.ސީ.ގެ ވަރަށްގިނަ މަސައްކަތްތައް މިތާނގައި އެބަ ހިންގާ. އެމް.ޓީ.ޑީ.ސީ.އަކީ ސަރުކާރުގެ ކުންފުންޏެއް. ދެން މިހާރު އެމް.ޓީ.ޑީ.ސީ އާ ޙަވާލުވެ ހުންނަވަނީ ބަންދު ސަލީމް. އެއީ އެއަރމޯލްޑިވްސްގައި ނުވަތަ މޯލްޑިވިއަންގައި އެ އުޅުއްވާ ބަންދެއް ނޫން. އޭގެ ހަގު ބަންދެއް އެއީ އިނގޭތޯ. އެބޭފުޅާ އަރިހުގައި އަޅުގަނޑު ދަންނަވައިފިން، މިތަނަށް ވަޑައިގެންބައްލަވާށޭ ތިޔަބޭފުޅުންނާ ބައްދަލުކުރައްވަން. އަޅުގަނޑަށް ހީވަނީ އެބޭފުޅާ ދެތިންފަހަރަކު މިތަނަށް ވަޑައިގަންނަވައިފިހެން. އެކަމަކު ފަރިތަކޮށް ތިޔަބޭފުޅުންނާ އަދި އެބޭފުޅާ ބައްދަލުވާންޖެހޭ. އެއީ ބޮޑުސިންހާގާ މަސައްކަތެއް މިތާ ހިނގާ. ހިނގާއިރުގައި މިރަށު ރައްޔިތުން އޭގެ ކިބައިން އޭގެ ފަރާތުން ބޭނުންވާ ކަންކަން ފުއްދޭނެ ގޮތްތަކެއް ހޯދަންޖެހޭނެ.

މިހާރު މިސާލަކަށް ތިޔަބޭފުޅުން ތިޔަ އުޅުއްވަނީ މިތަނުގެ ކުރިމަތީގައި ޖުމްހޫރީ މައިދާން ހައްދަވަންވެގެން. އެހެން ބުރު ހައްދަވާފައި. ދެން އެއީތޯ މިތަނުގެ މަލަމައްޗަށް އޮތް އެންމެ ރަނގަޅު ގޮތަކީ. މާލޭގައި ހަދާފައި އޮތް އެއްޗެއް އަނެއްކާ މިތަނުގައި ހެދުންތޯ. ނުވަތަ އެހެންގޮތެއްތޯ ހެދެން އޮތީ. އަދި އެ ސިޓީ ހޮޓާ އަޅާ މީހުންނާއި، މިރަށަށް އަރާ ފައިބާ އުޅޭ މީހުންނާ، މި މީސްމީހުންނަށް މިރަށުގެ މަލަމަތި ނުވަތަ އަރާ މޫނުމަތި ބޭނުންކުރެވޭގޮތާ މިކަންކަމާ ގުޅޭގޮތުން އެބަ އަޅުގަނޑަށް ހީވަނީ ތިޔަބޭފުޅުންވެސް އިތުރު މަޝްވަރާއަށް ގޮސް، ތިޔަބޭފުޅުން އަޅުގަނޑުމެން އެދެނީ މި ފޮށްޓަށް ލާރި ލަހަރޭ. ދެން އަޅުގަނޑު ފައިސާ ލާނަން. އެހެންނަމަވެސް، ތިޔަކުރެވެނީ ރަނގަޅު ކަމެއްތޯ ބައްލަވާލައްވަން ވަރަށް ބޮޑަށް އަޅުގަނޑުމެން އެދެން.

އެންމެ ފުރަތަމަ ހައްދަވަންވީ އެއްޗަކީ، ރަށުގެ ބިން ބޭނުމުގެ ކުރުމުގެ ޕްލޭނެއް. ކޮން ބިމެއް ކިހިނެއްތޯ ބޭނުންކުރާނީ. އެ ހެދުނީމާ ތިޔަބޭފުޅުންނަށް އަޅުގަނޑުމެންނަށް އެނގޭނީ، މިރަށުގެ ބިން ކިހިނެއް ކިހިނެއް ބޭނުންކުރީމަތޯ ރަނގަޅުވާނީ. މިއަދު އޭނަ ބޭނުންވީމަ މިވެނި ތަނެއްގައި މިވެނި ގޮތެއް ހަދާލާފައި، އަނެއް މީހަކު ބޭނުންވީމާ އެވެނި ތަނެއްގައި އަނެއް ގޮތެއް ހަދާލީމާ ހައްތަހާ މިވަނީ ގޯސް. މިހެންނަކުން އަޅުގަނޑުމެންނަކަށް މިކަން ހިނގާ ގޮތެއް ނުހެދޭނެ. ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ ކަންތައް މިހެން ކުރެވޭނެ. އެހެން ނަމަވެސް، އަޅުގަނޑުގެ ލަފައަކީ ވިސްނާށޭ އެކަންކަން ކުރުމުގައި. އަޅުގަނޑުމެން އަބަދުވެސް މިދެކެނީ، އަޅުގަނޑުމެން ބުނީމު، ބުނިއިރުވެސް އަޅުގަނޑުމެންނަކީ ހަކުޅި ކުރިއަށް ވިސްނައިގެން ކުޅޭ ބައެކޭ. އެހެން ނޫނީ ހައްތަހާވެސް ސައިވާނެއޭ. ހަމަ އެހެން ނޫނީ ހައްތަހާވެސް އަރާނެ ގެ ހުސްވާނެ. އަޅުގަނޑުމެންނަށް މިހާރު ނޫނީ މިސާލަކަށް މިސްކިތް. އެހެރީ އަރާނެ ގެ ހުސްވެފައި. އެކަން ރާވައިގެން ގެންދިޔަނަމަ، އެހެނެއް ނުވީސް. ދެން އަޅުގަނޑު އުންމީދު ކުރަން، މިބަނދަރުވެސް އެ ބިންވެސް ދާ ބާރުގައި ދާނީ ޙުނައިފް ބުނުއްވަނީ ބަނދަރުގެ ކަންތައް މިއޮތީ ރަނގަޅަށޭ. الحمْـدُ لِلّـهِ. ރަނގަޅަށް އޮވެއްޖިއްޔާ.

އެކަމަކު މިހާރު ތިޔަ ގެންދާ އެއްވެސް ކޮންސްޓްރަކްޝަން ކޮންޓްރެކްޓެއްގައި ރަނގަޅެއް އޮތް ކަމަކަށް މިހާރު އަޅުގަނޑެއް ނުދެކެން. އެއިން ކަމެއްގައި ރަނގަޅެއް އޮތް ކަމަކަށް އަޅުގަނޑެއް ނުދެކެން. އެހެންވީމާ، ދެން ބޭފުޅުން ވިދާޅުވާނެ، އެހެންވީމާ ކިހާ ގޯސްވީ ބަޔަކު ތިބެދާނެ. އެމީހުން ގެންގޮސް ހިފާ ހައްޔަރުކޮށް ދަޢުވާކޮށް ހަދަނީ. އޭރަކުންވެސް ވަކި ރަނގަޅެއް ނުނުކުމޭ. އޭރަކުންވެސް ހަމަ ވަކި ނުކުންނަ ރަނގަޅެއް ނޯވޭ. މިދިޔަ ނަގައިގެން ސަރުކާރު ފަށައިގެންއިރުގައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި 180 އަނދަގޮނޑި އެބޭފުޅުން ޖެއްސެވި. 400 ކޮންމެވެސް ވަރަކަށް މީހުން ހިފާ ހައްޔަރު ކުރި. އަޅުގަނޑުމެން ނުކުރަން އެންމެ މީހަކުވެސް ސިޔާސީ ކަމެއްގައި ހައްޔަރެއް. އަދި އަޅުގަނޑުމެން ކުރާކަށް ބޭނުމެއްވެސް ނޫން. އަޅުގަނޑުމެންނަށް އެނގޭ، އަދި އަޅުގަނޑުމެންނަށް އެއްވެސް މައްސަލައެއް ނެތް ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ފާޑުކިޔައި، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް މަލާމާތްކޮށް، ހަޖޫ ޖަހައި، އެއްޗެތި ކިޔާ ހެއްދެވިޔަސްވެސް އަޅުގަނޑުމެންނަށް ތަޙައްމަލް ކުރެވޭނެ. ހަޖަމު ކުރެވޭނެ. އަޅުގަނޑަށް އެނގޭ، ދަތްފަޅާއިރު ތަދުވާނެކަން. އަޅުގަނޑަށް އެނގޭ، ޑިމޮކްރަސީއަށް އަޅުގަނޑުމެން އަލަށް ތަޢާރުފުވެގެންދާއިރުގައި ބައެއް ބޭފުޅުން ބައެއް ގަޑިގަޑީގައި މެޕުން ބޭރަށް، ޗާޓުން ބޭރަށް ކުޑަކޮށް ނުކުންނަވާނެކަން. އެހެންނަމަވެސް، އެނބުރި ވެދެވަޑައިގަންނަވާނެ. އަޅުގަނޑު އެކަމާ ރުޅިއަރައިގަނެގެން ތިޔަބޭފުޅުން ފަހާ ދުވަން ފަށައިފިއްޔާ، ދުވަހަކުވެސް ޗާޓަކަށް އަނބުރާ ނާދެވޭނެ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިކަންވާނެ. އަޅުގަނޑުމެން މިތިބީ ވަރަށް ރަނގަޅު ގަދަ ޓީމަކާ އެކީގައި. މިކަން ކުރުމަށް ހަމަ ދަންނަވަންޖެހެނީ އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަޞްދީޤު ކުރުމަށާއި އަދި އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށްޓަކައި 64 ޤާނޫނު އެބަ ބޭނުންވޭ. އެއީ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މިކަންކަން ކުރަން އަޅުގަނޑުމެން ބޭނުންވާތީ.

އަޅުގަނޑަށް ވަރަށް ދަތި މިއަދު ގަބޫލުކުރަން، މިދިޔަ ދިގު 30 އަހަރު އަޅުގަނޑުމެންނާ މީގެން ކޮންމެ ކަމަކާ އިދިކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅުން މިއަދު އަރުވާ ޖަހާފައި ތިއްބަވާނެ ކަމަށް އަޅުގަނޑުމެންނާ އެކީގައި މި ޤާނޫނުތައް ހައްދަވަން. ނުތިއްބަވާނެ. އެހެނެއް އެކަމެއް ނުވާނެ. އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކޮށްގެން، ރާއްޖޭގެ ފުރަތަމަ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގައި ތިޔަބޭފުޅުން އަޅުގަނޑަށް ތާއީދު ދެއްވީތީވެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުރި މީހެއް. އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުގެ ވަރަށްބޮޑު ވާޖިބެއް އެއީ، އެމް.ޑީ.ޕީ ތަރައްޤީ ކުރުން. ސިޔާސީ ޕާޓީތައް ތަރައްޤީ ކުރުން. އެހެންވީމާ، އަޅުގަނޑު އަބަދުވެސް ދައްކާނެ އެޕާޓީގެ ކެންޑިޑޭޓްގެ ވާހަކަވެސް. އަޅުގަނޑު ބޭނުންވާނެ އެ ކެންޑިޑޭޓަށް ވޯޓްވެސް. ފަހަރެއްގައި ވެދާނެ، މީގެކުރީގައި ކަތީބުންނާއި މުދިމުންނާއި ޤާޟީން ކޮޓަރިއަކަށް ވައްދާފައި އެޓޮލްސް މިނިސްޓަރ ސިއްރިޔާތުގައި ދައްކާ ވާހަކައަކަށްވެސް. ގޮނޑި ހޯދައިދޭށޭ ބުނާ ބުނުން. އަޅުގަނޑު ބޭނުން ގޮނޑިތައް. ހަމަ ވަރަށް ފާޅުގައި އަޅުގަނޑު މިދަންނަވަނީ. އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެން ކުރަން މިއުޅޭ ކަންކަން ކުރެވޭކަށެއް ނެތް އެކަމަކާ ނުލައެއް. ދާދި އިހަކަށްދުވަހަކު އަޅުގަނޑުމެން މަޖިލީހަށް ހުށަހެޅީ ލާމަރްކަޒީ ބިލް. އަޅުގަނޑުމެން ފުރާވަރަށް އަރައިގަތީއްސުރެ ފަށައިގެން އެފަދަ މޮޅު ކަމެއް ނެތް ވާހަކަ އަޅުގަނޑު މި އަޑުއަހަނީ. ލާމަރްކަޒީ އުޞޫލުންނޭ ރާއްޖެ ހިންގޭނީ. ވިހިވިހީގެ ތަޞައްވުރުގައިވެސް ލިޔުނީ އެވާހަކަ. އަދި ޤާނޫނުއަސާސީގެ ބާބެއް ފުރާ އޮތީވެސް އެވާހަކަ. އެކަމަކު އަޅުގަނޑުމެން ބިލް ގެންގޮސް މަޖިލީހަށްލީމާ، ޑީ.އާރު.ޕީ.ގެ އެއްވެސް ބޭފުޅަކު އެއަކަށް ވޯޓެއް ނުދެއްވި. އަޅުގަނޑުމެންނަށް އެ ބިލް އެތެރެކުރެވުނީ ކިރިޔާ އެއް ވޯޓުން.

އަޅުގަނޑުމެން ހިންގަން މިއުޅޭ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުން އަޅުގަނޑުމެން ހިންގަން މިއުޅެނީ އަޅުގަނޑުމެން މިބުނާ ޕީ.ޕީ.ޕީ ކިޔާ ކަމެއްގެ ތެރެއިން. އެއީ، ޕްރައިވެޓް، ޕްރައިވެޓަކީ ބައިނަލްއަޤްވާމީ ވިޔަފާރިވެރިން. ދެން ޕަބްލިކް، ޕަބްލިކަކީ ސަރުކާރު. ދެން ޕާޓްނަރޝިޕް، އެއީ ގުޅިގެން. ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައި އޮތީ. އެ ރަނގަޅު. ރައްޔިތުންގެ މަޖިލީހަށް އެނގެން ބޭނުންވޭ. ހުރިހާ ކަމެއް އެނގެން ބޭނުންވޭ. އެހެން ނަމަވެސް، ވ.އަތޮޅުގެ ޢިއްޒަތްތެރި މެންބަރާއި، މ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރު އެކަން ހުށަހަޅުއްވާފައި އޮތީ، އެބޭފުޅުންނަށް އެނގޭ އަޅުގަނޑުމެންނަށް ފަސް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ހަމަ 198 ރަށުގައި ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދޭން ފެށިދާނެކަން. މި މޮޑެލްގައި، މިގޮތަށް މިކަން މިހެންގޮސް ކުރެވިދާނެކަން. އެއީ އެބޭފުޅުންގެ ހިތަށް ކެތްވާވަރުގެ ކަމަކަށެއް ނުވާނެ. އެހެންވީމާ، އެކަންކަމަށް ހުރަސް އެޅުމަށްޓަކައި މަޖިލީހުގެ ތެރޭގައި އެބޭފުޅުން އެ އުޅުއްވަނީ ގޮތްގޮތަށް ގޮތްގޮތަށް އަޅުގަނޑުމެންނަށް އުނދުޅި ބާނައިގެން ދަތިކުރަން. އަޅުގަނޑަށް ހަމަ އެނގޭ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިހުރިހާ ކަމެއް އެބޭފުޅުންނަކަށް އަޅުގަނޑުމެންނަކަށް ނުކުރެވޭނެކަން. އަޅުގަނޑުމެންނަށް ލަފާކުރެވެނީ ހއ. އަތޮޅުގެ ފަސް ގޮނޑިވެސް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް. ދެން އަޅުގަނޑު ތިޔަބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންވެސް ހަމަ އެގޮތަށް އެކަން ދެކޭނެ. މި އިޞްލާޙަށް އާދަޔާ ޚިލާފަށް ތިބި ބައެއް މިއީ ތިލަދުންމަތީ އުތުރުބުރި ހއ. އަތޮޅު ރައްޔިތުންނަކީ. ހަމަ އައްޑުއަތޮޅު ރައްޔިތުންނެކޭ، މާލޭ މީހުންނެކޭ އެއްގޮތަށް. ކަށި ހިތްވަރާ އެކީގައި ތިބި ބައެއް. އެހެންވީމާ އަޅުގަނޑެއް ހަމަ ނުދެކެން އަދި މިއަދަކު މާދަމައަކު ތިޔަބޭފުޅުންގެ ޚިޔާލު ބަދަލުވެގެން މިބައި ގެއްލިދާނެ ކަމަކަށް. އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލު ކުރަން ތިޔަބޭފުޅުންނަކީ ވަރަށް ޚިޔާލު ތަނަވަސް، ވިސްނުންތެރި، ހޭލުންތެރި، ތަންދޮރު ދަންނަ، މޮޅު ބައެއް ކަމަށް. ދެން އަޅުގަނޑު އެއްގޮތަކަށްވެސް ދެކޭ ގޮތެއް ނޫން އެއީކީއެއް، ތިޔަބޭފުޅުންނަކަށް ތަނެއްދޮރެއް ނޭނގެއޭ، ބައެއް ބޭފުޅުން މާލޭގައި ތިބެގެން ކިޔާނެ ދެން އެމީހުންނަކަށް ނޭނގެއޭ ވާއެއްނުވާއެއް. އެމީހުންނަށްވުރެ ބޮޑަށް ވާއެއްނުވާ އެނގޭ ބައެއް ނެތް. އަޅުގަނޑުމެންނަށް އެކަން މިފެނުނީ ޚާއްޞަކޮށް މިދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި. އަދި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި.

އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދެނީ އެންމެ ކަމެއް. ހަމަ އެންމެ ކަމެއް. އުންމީދު ނަންގަވާނުލައްވައްޗޭ. މިކަންކަން އަޅުގަނޑުމެންނަށްވާނެއޭ. އަޅުގަނޑުމެންނާ އެކީގައި މި އުންމީދު ނަންގަވާނުލައްވައްޗޭ. ނަރުދަމާވެސް އެޅޭނެ. ފެންވެސް ލިބޭނެ. ކަރަންޓްގެ ޚިދްމަތްވެސް ހަމަ އިތުބާރާއެކީގައި ލިބޭނެ. މަދަރުސާވެސް ރަނގަޅުވާނެ. ޞިއްޙީ މަރްކަޒުވެސް ރަނގަޅުވާނެ. ރަށުގައި ހުރެގެން ވަޒީފާވެސް ލިބޭނެ. މި ރަށުގެ މަގުތައްވެސް ހެދޭނެ. ރަށް ޒީނަތްތެރިވެސް ކުރެވޭނެ. މުނިފޫހިވެސްފިލުވޭނެ. އައިސްކްރީމް ބޯންވެސް ދެވޭނެ. ހާސްކަމެއްނެތި ދިރިވެސް އުޅެވޭނެ. އަޅުގަނޑުމެން މިއެދޭ ހަމަ އަޅުގަނޑުމެން މި ސިފަކުރާ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންގެ ފަސްއަހަރު ދުވަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިރަށު ރައްޔިތުންނަށްވެސް ފޯރުކޮށްދެވޭނެ. އަޅުގަނޑުމެން މިވާހަކަތައް ދައްކަމުން އައީ، އަޅުގަނޑުމެންނަށް އޭގެ ހުރިހާ އަކައެއް އެނގޭތީވެ. އެކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތަކެއް އަޅުގަނޑުމެންނަށް ހޯދިފައި އޮތީތީވެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ މާދަމާ ވެގެންދާނީ މިއަދަށްވުރެ އަދި މާ އުފާވެރި ދުވަހަކަށޭ. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!