بســم اللّـه الرّحمـن الرّحيــم


ތުރާކުނުގެ އެކުވެރި ލޮބުވެތި ރައްޔިތުން:

السّـلام عليـكم

ހަނދުމަފުޅު ހުންނާނެ، މީގެ ދުވަސްކޮޅެއް ކުރީގައި އަޅުގަނޑު ހަމަ މިރަށަށް އައިން. އޭރު އަޅުގަނޑުމެން އައީ، އަޅުގަނޑުމެންގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރަމުން، ވާދަކުރަމުން ދިޔައިރުގައި. އޭރު އަޅުގަނޑުމެން އައިސް ތިޔަބޭފުޅުންނަށް ހުށަހަޅަމުން ގެންދިޔައިން، އަޅުގަނޑުމެންގެ ސަރުކާރެއް ހިނގަމުންދާއިރުގައި، ޢަމަލުކުރާނެ ސިޔާސަތުތަކެއްގެ ވާހަކަ. އޭރު އަޅުގަނޑުމެން އެއަށް ކިޔަމުން އައީ މެނިފެސްޓޯއޭ. އެއީ, އޭގެ ދެތިން އަހަރެއް ކުރިއްސުރެ އަޅުގަނޑުމެން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ރައްޔިތުންނާ ވާހަކަ ދައްކައި އަދި ދަތުރުކޮށް، އެކިގޮތްގޮތުން ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ދެނެގަނެގެން، އެކަންކަން ފުރިހަމަ ކުރުމުގެ ނިޔަތުގައި އެކުލަވާލާފައި އޮތް މެނިފެސްޓޯއެއް. ނުވަތަ ސިޔާސަތުތަކެއް. މިހާރު އަޅުގަނޑުމެންނަށް މިއުފާ މިލިބެނީ، ސުވާލު މިކުރަނީ އެ ސިޔާސަތު ރާއްޖޭގައި ތަންފީޒު ކުރަންފެށީމާ، މިސާލަކަށް، މި ތުރާކުނަށްވާނީ ކިހިނެއްހެއްޔޭ؟ އަހަރުމެންނަށް އޮތީ ކޯއްޗެއްހެއްޔޭ؟ ތިމަންނާއަށް ކިހިނެއްހޭވާނީ؟ ތިމަންނާގެ ޢާއިލާއަށް ކިހިނެއްހޭ ވާނީ؟ ތިމަންނާގެ ގެއަށް ކިހިނެއްހޭ ވާނީ؟ ތިމަންނާގެ ރަށަށް އޮތީ ކޯއްޗެއްހެއްޔޭ؟ ކިހިނެއްހޭވާނީ؟

އަޅުގަނޑުމެންގެ އެންމެބޮޑު އެއް މަޝްރޫޢަކީ، ރާއްޖޭގެ ވީހާވެސް ގިނަ ރަށެއްގައި ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުން. ސަރުކާރުން ދެކެނީ، އަދި އެ ސިޔާސަތުތައް އެކުލަވާލާފައި އޮތްއިރު، ސިޔާސަތުތައްވެސް ހާމަކޮށްފައި އޮންނާނީ، ޤައުމުގެ މައިބަދައަކީ މިބުނާ ހޮޅިތަކާއި ނަރުތަކޭ. އެއީ، ފެނާއި ނަރުދަމާއާއި ކަރަންޓުގެ ނަރުތަކާއި، ނަރުދަމާގެ ހޮޅިތަކޭ. އެއީ އެކީ އެކައްޗަކަށް، މި ތުރާކުނުން އައްޑުއަށް މިދެމެދުގައި މިއޮތް ހުރިހާ ތަނެއްގައި، ފެނާއި ނަރުދަމާއާ އެހޮޅި އަޅައި، ކަރަންޓް ނަރު އެބަ ދަމަންޖެހޭ. ކަރަންޓަކީ ނުލާހިކު ބޭނުންތެރި އެއްޗެއް. ކަރަންޓް ނެތީމާ ހުރިހާ ކަމެއް އަގުބޮޑުވެގެންދޭ. ކަރަންޓް ނެތުނީމާ، މިހާރު މިސާލަކަށް، ވަރަށްގިނަ ރަށްރަށުގައި މަދަރުސާއަށް ކަރަންޓް ޔުނިޓެއް، ރަށު އިންޖީނުގެއިން އެބަދޭ -/16 ރުފިޔާއަށްވެސް. -/7ރުފިޔާއަށް -/8 ރުފިޔާއަށްވެސް ހަމަ ޢާންމުކޮށްދޭ. ދިނީމާ ސަރުކާރުން މަދަރުސާއަށްދީފައި އޮންނަ ބަޖެޓުގެ ދެބައިކުޅަ އެއްބައި މިދަނީ ކަރަންޓަށް. ހެލްތް ސެންޓަރަށްވެސް ހަމަ ޖެހެނީ އެދަތުރު. ހެލްތް ސެންޓަރުގެ ކަރަންޓް ބިލް ދެއްކީމާ، ދެން ސެންޓަރުގައި ނުހުރޭ ބަލިމީހުން ބެލޭނޭ އެހެން ގޮތެއް ހެދޭކަށް. ޖުމްލަކޮށް ބަލާއިރުގައި ލިބޭ އެތިކޮޅު މަދީ. ދެން އެކަމަކު ލިބޭ އެތިކޮޅުންވެސް މި ކަރަންޓަށް މިހާބޮޑު ޚަރަދެއް ކުރަން ޖެހޭތީވެ، މިކަން ރަނގަޅަކަށް ނުހިނގާ. ދެން އަނެއްކާ އަޅުގަނޑުމެންނަކަށް ހަމަ ނުވެސް ވިސްނޭ، ކީއްވެގެން ކަމެއް ތުރާކުނު ގޭގޭގައި ކަރަންޓް އިސްތިރިން އަންހެނުންނަށް އިސްތިރި ނުކުރެވޭންވީ. ވޮޝިންގ މެޝިން ނުޖެއްސޭންވީ. އަދި ހަމަ އަވަންވެސް ޖައްސައިގެން ކަރަންޓުން ނުކެއްކޭންވީ ސަބަބެއްވެސް.

އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ސަރުކާރުން ގެންދިޔައީ. ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުމަށް، މި މުޅި ޕްރޮވިންސްގައި އެއީ، ބޮޑު ތިލަދުންމަތީގައި އެއް ކުންފުނި ހަދަން. ދެން އެކުންފުންޏާ ހުރިހާ ރަށެއްގެ، ކުރީގެ މި ސްޓެލްކޯ މި އޮންނަނީ މުޅި ރާއްޖެއަށް. އަޅުގަނޑުމެން މިހެދިގޮތަކީ، ސްޓެލްކޯގެ ބަދަލުގައި، ސްޓެލްކޯ މިހިންގަނީ ބައެއް ރަށްރަށުން. ސްޓެލްކޯއަކީ ހަމައެކަނި ކަރަންޓްދޭ ކުންފުންޏެއް. އޭގެ ބަދަލުގައި އަޅުގަނޑުމެން މިހެދީ ފެނާއި ނަރުދަމާއާއި ކަރަންޓާ، އާދެ! އަސާސީ ޚިދްމަތްތައްދޭ 7 ކުންފުނި. އޭގެތެރެއިން އެންމެ އުތުރަށް މިއޮންނަ ކުންފުނިން މިރަށުގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ކަންތައް މި ހަމަޖައްސަންޖެހެނީ. ދެން އެކަން ކުރުމަށް ސަރުކާރުން މި ހުޅުވާލީ، މި އުފެއްދި ސަރުކާރުގެ ކުންފުންޏާ ބޭރުގެ ބޮޑެތި ކުންފުނިތަކާ ޙިއްޞާވެގެން މިކަން ކުރަން.

ބޭރުގެ ކުންފުނިތަކަށް ވަރަށްބޮޑު ފައިދާއެއް ފެނޭ މިކަމުން. ޚާއްޞަކޮށް، އެ ކުންފުންޏަށް މިތާ ކައިރީގައި މިހުރި ރިޒޯޓުފަހަރުގެ ފެނާއި ނަރުދަމާއާއި ކަރަންޓް ދެވޭގޮތްވީމާ، މި ބޭރު ކުންފުންޏަށްވެސް ފައިދާހުރި ގޮތުގައި މިކަން ފެނޭ. އެހެންވީމާ، އަޅުގަނޑުމެން މިދަނީ ރިޒޯޓުތަކުގެ ވެރިންނާވެސް އެކުންފުންޏަށް ފެނާއި ނަރުދަމާނާއި ކަރަންޓްގެ ކަންތައް ބަދަލުކުރުމަށް އެދެމުން. ތިޔަބޭފުޅުންނަށް އަޑު އިވިވަޑައިގެންފައި އޮންނާނެކަންނޭނގެ، ރޭގައި ޚަބަރުގައި މި ސްޓެލްކޯގެ އިންޖީނުގެތައް މިދަންނަވާ ކުންފުންޏަށް ބަދަލުކުރި ވާހަކަ. އެއީ، ސްޓެލްކޯގައި ހުރި ހުރިހާ އިންޖީނުގެތަކެއް، މި ޔުޓިލިޓީ ކުންފުންޏަށް ބަދަލުކުރި ވާހަކަ. ދެން އަޅުގަނޑުމެން އެދޭނީ، މިރަށްރަށުގެ އިންޖީނުގެތައް އެ ކުންފުންޏަށް ދޫކޮށްދިނުމަށް. އެ ދޫކުރާއިރުގައި އެއްގޮތަކީ އެ އެއްޗެހި ވިއްކާފައި ފައިސާ ނެގުން. އަނެއްގޮތަކީ މި ކުންފުނީގައި ރަށުގެ ރައްޔިތުންގެ ޙިއްޞާއެއް ބޭއްވުން. އަޅުގަނޑަށް އޭގައި ބުއްދިވެރި ގޮތަކަށްވާނީ ޙިއްޞާއެއް ބޭއްވުން. އެއީ، ވަރަށްބޮޑު ކުންފުންޏެއްގައި އޮންނަ ރަނގަޅު ޙިއްޞާއަކަށްވާނެ. ކޮންމެއަކަސް މި ކުންފުނި މެދުވެރިކޮށް، އަޅުގަނޑުމެންނަށް ވަރަށްބޮޑު އިތުބާރަކާ އެކީގައި މިތިބެނީ މިރަށުގެ ނަރުދަމާ ދާދި އަވަހަށް އަޅައިދެވޭނެ ކަމަށް. އަޅުގަނޑުމެން ދެކިގެން މިތިބެނީ، މިހާރު އެކުންފުނީގެ މި ސްޓެލްކޯގެ ޖަނަރޭޓަރުތައް އެހެރީ ބަދަލުވެފައި. ދެން އަމިއްލަ ޖަނަރޭޓަރުތައްވަނީ ބަދަލުކުރަންޖެހިފައި. ދެން އެކުންފުންޏާ ގުޅެން ބޭނުންވާ ބައިނަލްއަޤްވާމީ ކުންފުނިތައް، މި އަޖުމަ ބެލުމަށް އައި، ކަންކަން ހިނގާގޮތް ނުވަތަ މި ރާއްޖޭގައި މިކަން ފުރިހަމައަށް ކުރެވެން އޮތް މަގާއި، އޮތްގޮތާއި، މިކަންކަން ބެލުމަށް އައިސް މި ސަރަޙައްދުގައި މިހާރު އެބަ ދަތުރުކޮށްހަދާ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އިއްޔެގައި އެބޭފުޅުން ތިއްބެވީ ކުޅުދުއްފުށީގައި. ދެން އެހިސާބުގެ ބައެއް ރަށްރަށްވެސް އެބަ ބައްލަވާ ހައްދަވާ. އެބޭފުޅުން ބައްލަވަން ބޭނުންވަނީ ބޮޑު ރަށަކާއި މެދު ރަށަކާއި ކުޑަ ރަށަކާ. ދެން އެބާވަތުގެ ރަށްރަށް މިހުންނަނީ. ހަމަ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިދެކެނީ، މިއަހަރުގެ ތެރޭގައި، މިތަނުގައިވެސް މި ނަރުދަމާގެ މަސައްކަތް ފަށައިގަނެވޭނެއޭ. އެއީ، އަޅުގަނޑުމެންގެ ސިޔާސަތު ހިނގަމުންދާއިރުގައި މިތަނަށްވާނެ ގޮތަކީ އިރާދަކުރެއްވިއްޔާ މިތަނަށް ލިބޭނީ ނަރުދަމާއެއް.

ދެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ބަނދަރު އެބަ ހެދޭ. އެ ބަނދަރު ހެދުމުގައި އެ އަމިއްލަ ފަރާތަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަރުކާރުން ޝުކުރުވެރިވަން. އެކަމަކު މީގައި އަޅުގަނޑުމެން ކުޑަކޮށް ވިސްނާލަން އެބަޖެހޭ. މި ބަނދަރަށް އެހެންވާނެ ވާހަކައެއް ނޫން އަޅުގަނޑު އެއްގޮތަކަށްވެސް މިދަންނަވަނީ އިނގޭތޯ. އަމިއްލަ ފަރާތްތަކުން ބަނދަރު ހަދަމުންދާއިރު، ސަރުކާރުން ބަޔަކު ލައްވައި މަސައްކަތެއް ކުރުވާއިރުގައި އެބަހޯދާ ބޭންކް ގެރެންޓީއެއް. މި ގެރެންޓީގައި އަޅާފައި އޮންނަނީ، ވަކި މުއްދަތެއްގައި އެކަން ނުކުރެވިއްޖިއްޔާ، ސަރުކާރުން އެހާ ހިސާބަށް ކޮށްފައި ހުރި ޚަރަދު އަނބުރާ ބޭންކުން ދޭންޖެހޭނެ. ބޭންކްގައި އެ ގެރެންޓީ ދީފައި އޮންނަނީ މަސައްކަތާ ޙަވާލުވާ ފަރާތް. މިހާރު މިސާލަކަށް މިރަށުގައި އިނގޭތޯ. މި ދިމާވާ މައްސަލައަކީ، މިއަހަރު މިރަށުގެ ބަނދަރު ހެދުމަކަށް ސަރުކާރަކުން އަޅައެއްނުލާނެ. އެއީ، އަމިއްލަ ފަރާތަކުން ބަނދަރު ހަދައިދޭތީވެ. އަޅުގަނޑުމެން ރާވާފައެއްވެސް ނެތް މިރަށުގެ ބަނދަރު ހަދާކަށް. އެއީ އަމިއްލަ ފަރާތަކުން ބަނދަރު ހަދައިދޭތީވެ. ދެން ކަމެއް ދަމެއް ބޮޑުވެގެން މިސާލަކަށް މިކަން ނުވީ. ދެން ނުވީމައެއް ސަރުކާރަކަށް މިއަހަރަކު އަޅައެއް ނުލެވޭނެ ނޫންތޯ. އަޅުގަނޑުމެންނަށް މިއޮތީ މިއަހަރު ކުރަން ރާވާފައި ހުރި މަސައްކަތްތައް ކަނޑައެޅި ނިމިފައި. އެހެންވީމާ، މިއަހަރުގެ ތެރޭގައި ތާށްޓެއް ވެއްޖިއްޔާ، އެއީ ހަމަ ބޮޑު ތާށްޓަކަށްވާނީ. ދެން އަޅުގަނޑު އުންމީދު މިކުރަނީ ނުވާނެ ކަމަށް. އެބޭފުޅުންނަށް ދިމާވާ މައްސަލަތައް ސަރުކާރުން ބާރުއަޅައިގެން ޙައްލުކޮށްދޭނެ. މިސާލަކަށް މިވަގުތު ގިނަ ހައިމާކާއި މި އެއްޗިއްސަކީ ގިނައިން ހަލާކުވެފައި ހުންނަ އެއްޗެހި އިނގޭތޯ. ހަމަ ސަރުކާރުގައި ހުރި އެއްޗެހިތައްވެސް ހުރީ ހަމަ އެ ހާލުގައި. ކޮންމެހެން ވަކި ބައެއްގެ އެއްޗިއްސެއް ނޫން. ދެން އަޅުގަނޑުމެން ބަލާނީ، އެ މަރާމާތުކޮށް ސަރުކާރަށްވެސް އޭގައި ވެވެންއޮތް އެހީތެރިކަމެއް ވެދީގެން މިކަން ގެންގޮސް ކޮޅެއްގައި ޖައްސައި ނިންމޭތޯ ބެލުން.

އަޅުގަނޑުމެން ބެލި ބެލުމުގައި މިރަށުގެ މަދަރުސާގެ ކްލާސް ރޫމް އެބަ އިތުރުކުރަންޖެހޭ. ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ފަސްދޮޅަސް ޕަސެންޓް، ކޮންމެ ދިހައަކުން ހަކުދިން ފާސްވުން. ފާސްވުމޭ މިކިޔަނީ "ސީ" ފާހަށްވުރެ މަތިން ފާސްވުން. އެހެންވީމާ، އެފާސްކޮށްދިނުމަށް އެކަން ކުރުމަށް ސަރުކާރުން މިދެކެނީ ދެކަމެއް ކުރަން އެބަޖެހެއޭ. އެއްކަމަކީ މަދަރުސާ، ރަނގަޅު މަދަރުސާއަކަށް ހެދުން. އެއީ، ކުދިންނަށް ހުރިހާ ވަގުތެއްގައި އެތަން ބޭނުންކުރެވޭގޮތް ހެދުން. އަނެއްކަމަކީ ރަނގަޅު ޓީޗަރުން އުފެއްދުން. އެހެންވީމާ، މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް މިދެކަމުގެވެސް މަސައްކަތް ފަށައިގަނެވޭނެ. ދެން ރަނގަޅު މަދަރުސާއެއް ނުވަތަ ފަސްބުރީގެ ކްލާސް ރޫމެއް ނަގައި ކޮޅަށްޖެއްސޭ ނުވަތަ ފަސް ބްލޮކްގެ ކްލާސް ރޫމް ބަރިއެއް. އެހެން ނަމަވެސް، ޓީޗަރުން އުފެއްދުން އެއީކީއެއް ކޮންކްރީޓް ގަށާހެން ކުރެވޭ ކަމެއް ނޫން. އުނދަގޫމެ. އެކަން ކުރުމަށް ދުވަސްކޮޅެއް ނަގާނެ. އަޅުގަނޑުމެން މިދެކެނީ ޙަޤީޤަތުގައި ޓީޗަރުންގެ ގޮތުގައި ތިބެންވެސް މިޖެހެނީ، މިކިޔާހެން ޑިގްރީއެއް ނަގާފައި ޔުނިވަރސިޓީ ނިންމާފައި ތިބޭ މީހުން. އޭގެ މައްޗަށް ޑިޕްލޯމާއެއް ނެގުނީމާ ޓީޗަރަކަށް މިވަނީ. ދެން އަޅުގަނޑުމެން ތަންކޮޅެއް ދަށްކޮށް މިއުޅެނީ. ފުރަތަމަ މި ޓީޗަރ ޓްރޭނިންގ، ކުދިންތައް ފަށައިގެންއިރު އެއީ ގްރޭޑް 7 ނިންމާފައިދާ ބައެއް. ދެން އިރާދަކުރެއްވިއްޔާ، މިހާރު ގްރޭޑް 10 ނިންމާފައިދޭ. ދެން އެހެންނަމަވެސް، ޓީޗަރުންނޭ ހަމަ ބުނެފައި ތިބެންޖެހެނީ ރަނގަޅު މީހުން. އަޅުގަނޑުމެން އެބަ ވަރަށް ބޮޑަށް މަސައްކަތް ކުރަން، ރަނގަޅު ޓީޗަރުން ބޭރުން ހޯދަންވެސް. އޭގެތެރޭގައި އަޅުގަނޑުމެން މިބަލަނީ އިނގިރޭސިވިލާތުން އަދި ކެނެޑާއިން އިނގިރޭސިބަހުން ވާހަކަ ދައްކާ އުޅޭ ރަށްރަށުން. މި މަދަރުސާތަކުގައި ކިޔަވައިދެނީ އިނގިރޭސިބަހުން. އެހެންވީމާ، އެ އިނގިރޭސިބަހުން ވާހަކަ ދައްކާ ރަށްރަށުން ޓީޗަރުން ހޯދައިދިނުމަށް. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް އެ ކްލާސްރޫމް ބްލޮކް ސަރުކާރުން މިއަހަރު އަޅައިދޭން ފަށާނެ އިނގޭތޯ. އެކަން އަޅުގަނޑުމެން ކޮށްދޭނަން.

އަޅުގަނޑުމެންގެ ހަމަ އޮންނަނީ އެންމެ ބޭނުމެއް. އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮތުމުގެ އެހެން ސަބަބެއް ނެތް. އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދުން ނޫނިއްޔަކާއެއް. އެ ވަޢުދު ފުއްދެން އަންނަނީ ވަރަށްގިނަ ކަންތައްތަކެއް، ވަކި ޚާއްޞަ ތަރުތީބަކުން ކޮށްގެން. މިހާރު އަޅުގަނޑުމެންނަށް މި ވިސްނޭ ގޮތަކީ، ކަމެއް ދެމެހެއްޓެނިވި ގޮތުގައ ކުރަންވީމާ، ސީދާ އެކަމެއް ނޫނޭ ކުރަންވީކީއެއް. އެހެން ކަމެއް ކުރަން މިޖެހެނީ. އަނެއް ކަންތައް ކުރަމުން ކުރަމުން ކުރަމުން އައިސް، ބޭނުންވާ ކަންތައްވީމާ، ދެން އެކަން މިހުންނަނީ އަބަދުވެސް ވޭވޭ. މި އިންތިޚބުތަކާ ދިމާކޮށް ތިޔަބޭފުޅުންނަށް ދަޅައެއް ދައްކާލަން، ލޮލުގައި އަނދުނެއް އަޅުލާވަން މިތަނަށް ގޮތްގޮތް ހެދީމާ، މިވާގޮތަކީ އޭގެ ފަހަތެއް ނޯވޭ. އޭގެ ފަހަތުގައި އޮންނަ ރޭވުމެއް ނޯވޭ. ވިޔަފާރި ނުވަތަ ފައިސާގެ އިންތިޒާމުތަކެއް ހަމަޖެހިފައެއް ނޯވޭ. އަޅުގަނޑު ގާތުގައި މީހުން ވަރަށް ގިނައިން މިދޭތެރެއަކުން ބުނެ އުޅުނު. މިހާރު ތިޔަ އޮތީ ފަސް ކްލާސްރޫމް މިސާލަކަށް މިރަށުގައި އަޅަން ނިންމާފައި. ދެން އެހެންވީމާ، އެކަން މިރަށުގައި ފައުންޑޭޝަން އަޅާލައި، ބިންގަލެއް އަޅާލައި ހަދަންވީ ނޫންހޭ. ދެން އަޅުގަނޑުގެ ވާހަކައަކީ ނޫނެކޭ، އެކަން ރަނގަޅަށް ރޭވިގެން ދަމުން ދަމުންގޮސް އެކަންވާނެއޭ. މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެކަންވާނެއޭ. އެނޫން ގޮތަކަށް އެކަން ކުރަން އުޅެއްޖިއްޔާ، މިކަން ފަށާއިރުގައި އެއާ ގުޅޭ އެތައް ކަމެއް ނުރާވައި ނުނިންމައި ހުންނަނީ. ދެން އެހެންވީމާ، އެކަމާ މިކަމާ ނުގުޅިގެންގޮސް މުޅި ކަންތައް ހުއްޓެނީ. އެހެންވާކަށް އެއްގޮތަކަށްވެސް އަޅުގަނޑުމެން ބޭނުމެއް ނޫން.

އަޅުގަނޑަށްވެސް އަޅުގަނޑުގެ ދެޅިޔަނަކާއި އެއްބަފާ ދެބޭބެއިން އަތަށް ރުފިޔާކޮޅެއް ދީފައި، މިރަށްރަށަށް ނެރި މީސްމީހުންނަށް ބަހައި އަދި ޙުނައިފް މި މިނިސްޓަރު ލައްވައި މިތަނުގައި ދިދަ ނަންގުވާފައި، ފައުންޑޭޝަނާ އެއްޗެހި ބިންގަލާ އެއްޗެހި އަޅައި، އަޅުގަނޑުމެންނަށްވެސް އެހެން ހެދޭނެ. އަދި މިތަނުން ދެތިން މީހަކަށް ބިރުވެސް ދައްކާލެވިދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނެއް ނުދެކެން އެއީއަކީއެއް އަޅުގަނޑުމެން ކުރަން މިއުޅޭ ކަމެއް ކަމަކަށް. އަދި މި ސަރުކާރު އުފެދިފައި މިއޮތީކީއެއް އެބޭނުމަކު ނޫން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ ހެޔޮވެރިކަން ކުރުން. އެކަން ކުރަން އުޅޭއިރުގައި އަޅުގަނޑުމެން އެބަޖެހޭ ހަޖަމު ކުރަން ތިޔަބޭފުޅުން ކުޑަކޮށް ހަމަ ކިތަންމެ ބޮޑަކަށްވެސް އަޅުގަނޑާ ދިމާއަށް އެއްޗެހިވެސް ކިޔުއްވަންވީ. ފާޑުވެސް ކިޔުއްވަންވީ. މަލާމާތްވެސް ކުރައްވަންވީ. ދެން ހަމަ އެއަކު އެއްވެސް މައްސަލައެއް ނުޖެހޭނެ. އަޅުގަނޑުމެންނަށް އެނގޭ، މި ޑިމޮކްރަސީ އަލަށް ފެށިގެން އަންނައިރުގައި ކުޑަކުޑަކޮށް އުނދަގޫވާނެކަން. އަޅުގަނޑުމެންނަށް އެކަންކަން ހަޖަމު ކުރެވުނީމާ ނިމުނީ. އަޅުގަނޑުމެންނަށް މިއިން އެއްވެސް ކަމެއް ޙަޤީޤަތުގައި ވާންއޮތީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށްގެން. މަޖިލީހުގެ އިންތިޚާބު އެބައޮތް. އަޅުގަނޑުމެން އެއްވެސް ހާލެއްގައި އަޅުގަނޑު ދަންނަވަނީކީ ނޫން އަޅުގަނޑުމެން ގޮނޑި ބޭނުންނެތެކޭއެއް. އަޅުގަނޑު ވަރަށް ގޮނޑި ބޭނުން.

އަލަށް އިޞްލާޙު މި ކުރެވުނު ޤާނޫނުއަސާސީ، އެ ޤާނޫނުއަސާސީ ތަޞްދީޤު ކުރުމަށާއި، އަދި އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށް މުޅި ޖުމްލަ އެބަ ބޭނުންވޭ 64 ޤާނޫނު. ދެން އަޅުގަނޑަށް ވަރަށް އުނދަގޫ ގަބޫލުކުރަން، މިދިޔަ ދިގު 30 އަހަރު މިއިން އެއްވެސް ޤާނޫނެއް ހެދުމަށް ހުރިހާ ހުރަހެއް އެޅުއްވި ބޭފުޅުން މިއަދު އަރުވާޖަހާފައި އަޅުގަނޑުމެންނާ އެކީގައި އެކަން ކުރަން އުޅެފާނެ ކަމަކަށް. އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވޭ މިއިން އަޙްމަދު އެކަން ކުރަން އުޅޭނެ ކަމަށް. އެއީ ފެށުނީއްސުރެ ފަށައިގެން އަޅުގަނޑުމެންނާ އެކީގައި އެކަން ކުރަން އޭނާ އުޅުނީތީވެ. އަނެއްކާ އަޅުގަނޑު ކަންބޮޑުވާކަށް ނުޖެހޭ އޭނަ އައިސް ތުރާކުނުގެ ވާހަކައެއް ދެއްކީމާ، ދެން އޭނަގެ ބޭންކް އެކައުންޓް އޮތީ ކިހިނެއްތޯ ބަލާކަށް ނުޖެހޭ.

އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެއީ، އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ބިންވަޅު ނަގާފައި ބަހައްޓަން ޖެހޭނެ. މި ރާއްޖެއަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ، މި ދައުލަތުގެ ހުރިހާ މުއްސަނދިކަމަކީ، މި ސަރުކާރަށް ލިބޭ ހުރިހާ ޓެކްސްއަކީވެސް ޙަޤީޤަތުގައި ތިޔަބޭފުޅުންގެ ފައިސާއޭ. އަޅުގަނޑުމެންނާ ތިޔަބޭފުޅުން ޙަވާލުކޮށްފައި މިއޮތީ އަމާނާތްތެރިކަމާއެކީގައި އެފައިސާ ބެލެހެއްޓުމަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެންނެއް ތިޔަބޭފުޅުންގެ ފައިސާއަކަށް ޚިޔާނާތްތެރިއެއް ނުވާނަން. އެބާވަތުގެ އެއްވެސް ކަމެއް ހިންގައިފިއްޔާ، އަޅުގަނޑުމެން ފުރިހަމައަށް ތަޙުޤީޤުކޮށް ބަލައި ހަދާނަން. އެހެންވީމާ، އެއްގޮތަކަށްވެސް ކަންބޮޑުވެލައްވާނެ ކަމެއް ނެތް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިދާ ތަރުތީބުގައި ގޮސް، ތިޔަބޭފުޅުންނާ މަޝްވަރާ ކުރަންޖެހޭ އަބަދުވެސް. އެ މަޝްވަރާ ކުރުމަށް، އެ ތިޔަބޭފުޅުންގެ އަޑު އަބަދުވެސް އަޅުގަނޑުމެންނަށް އެބަ އިވެންޖެހޭ. ހަމަ އަބަދު އިވެންޖެހޭ.

ބައްލަވާ! އަޅުގަނޑުމެން އެންމެން ހީކުރީ، ރާއްޖޭގައި ލާމަރްކަޒީ އުޞޫލުން ވެރިކަން ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ހުރިހާ ވެރިން އެދޭކަމަށް. އެހެން ނޫންތޯ ހީކުރާނީ. އަޅުގަނޑުމެން ފުރާވަރަށް އެރީއްސުރެ ފަށައިގެން އެނޫން އަޑެއް ނާހަން. ލާމަރްކަޒީ އުޞޫލުން ހިންގާ އަޑު. ދެން ވިހިވިހީގެ ތަޞައްވުރުގައި ލިޔުނީވެސް ލާމަރްކަޒީ އުޞޫލުން ހިންގާ ވާހަކަ. އަދި ޤާނޫނުއަސާސީގެ ބާބެއް ފުރާ ލިޔުނީވެސް އެވާހަކަ. އެކަމަކު އަޅުގަނޑުމެން އެ ބިލް މަޖިލީހަށް ފޮނުވީމާ، ޑީ.އާރު.ޕީ ބޭފުޅުން ވޯޓެއް ނުދެއްވި. އެންމެ ވޯޓަކުން ކިރިޔާ އަޅުގަނޑުމެންނަށް އެބިލް އެތެރެކުރެވުނީ. އެއީވެސް، މުޅި ދުވަހު އަޅުގަނޑުމެން ފޯނުގައި ތިބެގެން މަޖިލީސް މެންބަރުން ކައިރީގައި އާދޭސް ކޮށްގެން. ދެން ކިހިނެއްތޯ އަޅުގަނޑު ގަބޫލުކުރާނީ، އެހެން އެބޭފުޅުން މަޖިލީހަށް ވަޑައިގެންނެވީމާ، އަޅުގަނޑުމެން މި އުންމީދުކުރާ އުންމީދުތައް ޙަޤީޤަތަކަށްވާނެ ކަމަކަށް. ނުވާނެ. އަޅުގަނޑުމެންނަށް މިކަން ކުރެވޭނީ، އަޅުގަނޑުމެންގެ ފިކުރުގެ މީހުންނާ އެކީގައި. އެއީ ސިޔާސީ މީހުންގެ ތެރެއިން.

ރާއްޖޭގެ ގިނަ ރައްޔިތުން ހަމަ ބޭނުންވަނީ މިއަދު ލިބޭ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މާދަން ލިބުން. ހަމަ ބޭނުންވަނީ ދަރިންނަށް ކިޔަވައިދޭން. މިތަނުގެ ލެބޯރެޓަރީ ޓެސްޓެއް ނުހެދޭ. އަޅުގަނޑުމެން ބޭނުން އެކަންވެސް ކުރަން. އިރާދަކުރެއްވިއްޔާ އެކަމުގައިވެސް ހަމަ އަޅުގަނޑުމެން ބާރަށް އުޅެދޭނަން. އެކަމަކު އަޅުގަނޑުމެންނަށް މިކަންކަމުގައި އުޅެވޭނީ، އަޅުގަނޑުމެން ފިކުރުގެ މީހުން އަޅުގަނޑުމެންނާ އެކީގައި މިކަން ކުރަން އުޅުނީމަ. މަޖިލީހަކީ ވަރަށް މުހިންމު ތަނެއް. މަޖިލިސް މެދުވެރިކޮށްގެން ނޫނީ އަޅުގަނޑުމެންވެސް ހަމަ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫން.

އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންނެއް ތިޔަބޭފުޅުންގެ ޙިއްޞާ ހަނދާންނެތިއެއް ނުދާނެއޭ. މި ވެރިކަން އުފެދުނު ގޮތެއްވެސް އަޅުގަނޑުމެންގެ ހިތަކުން ކައްސައެއްނުލާނެއޭ. އަޅުގަނޑު މިތަނަށް މީގެކުރިން އައި ދެފަހަރުވެސް ހަމަ ވަރަށް އުފާވި. އަދި އަޅުގަނޑުގެ ނަޒަރުގައި މިއީ ދިވެހިރާއްޖެއަކީ. ދިވެހިރާއްޖެއަކީ ބައިވަރު ކުދިކުދި ރަށްތަކެއް. ކުދި ރަށްރަށާ އަޅާނުލައި ދިވެހިރާއްޖެއާ އަޅާލެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. ދިވެހިރާއްޖެއަކީ ކޮންމެހެން ހަމައެކަނި ބައިވަރު މީހުންތަކެއް ނޫން. ތިންލައްކަ ވިހިހާސް މީހުންނެއް ނޫން. ދިވެހިރާއްޖެއަކީ ދިވެހި ވެރިން، އަބަދުވެސް ބާރަހާސް ރަށުގެ ވެރިޔާއޭ، އެވޭލާ ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގެ ވެރިން އިޢްލާނުކޮށް ހަދާފައި މިއޮންނަނީ. ރާއްޖޭގެ ރަށްތައް، ޚާއްޞަކޮށް މިބާވަތުގެ ކުދި ރަށްރަށް ދިރުވުން އެއީ ދިވެހިރާއްޖެ ދިރުވުމަށް ކުރަންޖެހޭނެ ކަމެއް.

އަޅުގަނޑު މާދިގު ވާހަކަތަކެއް ދައްކާކަށް ނޫން. ޙަޤީޤަތުގައި އަޅުގަނޑުމެންގެ ސަރުކާރުގެ ބައެއް ސިޔާސަތު، ކަންކަން ހިނގަމުންދާގޮތް، ޚާއްޞަކޮށް މިއަދު އަޅުގަނޑު ދައްކަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، މި ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުމަށް ސަރުކާރުން މި ރާވާ ރޭވުން. މި ވިސްނާ ވިސްނުން. ދެން އަދި ހުރިހާ ތަފްޞީލެއް އަޅުގަނޑަކަށް ނުދެވޭ. އަޅުގަނޑު އުންމީދު ކުރަން، ރަށުތެރެއިން މިކަންކަން ބައްލަވައި ހައްދަވާ އުޅުއްވާ ބޭފުޅުން މިކަން ހިނގާ ގޮތް ސީދާ ސާފު ކުރައްވާނެ ކަމަށް. އަދި ރަށުގައި ނެތް މީހުންނަށްވެސް އެކަން އޮޅުންފިލުވައިދީ އަންގައިދީ ހަދާނެ ކަމަށް. ކިހިނެއްތޯ ދިހަހާސް ގެ އަޅަންވެގެންވެސް މިއުޅެނީ. ކިހިނެއްތޯ ރަށްރަށުގެ ނަރުދަމާ ހަދަންވެސް އަޅުގަނޑުމެން މިއުޅެނީ. ކިހިނެއްތޯ ދަތުރުފަތުރުކުރުމުގެ ކަންތައް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އޯގަސްޓް މަހުގެ ތެރޭގައި، މި ތުރާކުނުން ފުރައިގެން ތިޔަބޭފުޅުންނަށް ހަމަ މުޅި އަތޮޅުގައި ކޮންމެ ދުވަހަކު ދުއްވޭނެ. ހަމަ ވަރަށްބޮޑު ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް.

ސަރުކާރުން އެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ ފަރާތްތައް ހޯދުމަށް އެދުނީމާ، 20 ފަރާތުން ޝައުޤުވެރިކަން ހާމަކޮށްފައި އެބައޮތް. އަޅުގަނޑުމެންނަށް އޮތީ އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށް މަސައްކަތް ޙަވާލުކުރުން. އެމަސައްކަތް ހިންގާ ބަޔަކަށް އަޅުގަނޑުމެން މިދެނީ، ގެސްޓް ހައުސް ހެދުމުގެ ޖާގަ. ރާއްޖޭގެ ބިމަކީ ވަރަށް އަގުބޮޑު އެއްޗެއް. އެބިމުގެ ބޭނުމުގައި، އެބިމުގެ ވިޔަފާރީގެ ބޭނުމުގައި އެހެން ޚިދްމަތްތައް، ރާއްޖެއަށް ދޭން، ރާއްޖޭގެ ރައްޔިތުންނަށް ދިނުމަށް ކުންފުނިތައް ތިބީ ތައްޔާރަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަޅުގަނޑުމެން މި އުންމީދުކުރާ ގޮތަށް މިކަން ކުރެވޭނެ. އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން ހަމަ އެދެން ބޭނުންވަނީ އެންމެ ކަމަކަށް. އުންމީދު ނަންގަވާނުލައްވާށޭ. އަޅުގަނޑުމެންނާ އެކީގައި މި އުންމީދު ކުރައްވާށޭ. އަޅުގަނޑުމެންނަށް ވަރަށް ޔަޤީން. އަޅުގަނޑަށް ހަމަގައިމުވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަސްއަހަރުގެ ތެރޭގައި، އަޅުގަނޑުމެން މި މިޞްރާބުޖަހައިގެން މިހުރި ކަންކަން އަޅުގަނޑުމެންނަށް ކުރެވޭނެ. އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދެނީ، އަޅުގަނޑުމެންނާއެކީގައި އެ އުންމީދު ކުރައްވާށޭ. ގޯހެއް ނުވާނެއޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިކަންކަން ކުރެވޭނެއޭ.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، މާދަމައަކީ މިއަދަށްވުރެން އަދި މާ އުފާވެރި ދުވަހަކަށް މިރަށަށްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ! والســّلام عليــكم.