بســم اللّـه الرّحمـن الرّحيــم

ގދ. ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް. ސްކޫލުގެ ކެޕްޓަން، ހުރިހާ ދަރިވަރުން. ޓީޗަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ މެހްމާނުން.

السّـلام عليـكم ورحمـة اللّـه.

އަޅުގަނޑަށް ޔަޤީން އަޅުގަނޑަށްވުރެ ބޮޑަށް މިރަށުގެ ތަޢުލީމީ ތާރީޚް އެނގިވަޑައިގަންނަވާ ބޭފުޅުން މިރޭ މިތަނުގައިވެސް ތިއްބަވާނެ. ތިނަދޫ ހަވަރު ތިނަދޫއަށް، ތިނަދޫގައި، ހަވަރު ތިނަދޫގައި މަދަރުސާއަކަށް 25 އަހަރު ފުރިގެން މުނާސަބަތެއް ފާހަގަކުރާތީވެ އަޅުގަނޑުވެސް ހަމަ ހައިރާންވި. އެނގިވަޑައިގަންނަވާނެ، ރަންނަބަނޑޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައި މާލޭގައި މަޖީދިއްޔާ ސްކޫލް އެޅުމަށްފަހު ދެން މިރަށުގައި، ހަވަރު ތިނަދޫގައި، އަޅުގަނޑު އަޑު އަހާފައި އޮތް ގޮތުގައި ދެކުނުގޭ ދޮންދީދީ ފޮނުވައިގެން ދެކުނުގޭ ދޮންމަނިކު ފޮނުވައިގެން، ދޮންމަނިކުގެ ކޮއްކޮ ދޮންދީދީ އަކީ، މިތަނުގައި ޒަމާނީ ތަޢުލީމު ފުރަތަމަ ދެވެން ފެށުނު. އެއީ މީގެ ގާތްގަނޑަށް 60 ހަކަށް އަހަރު ކުރީގައި. ތިނަދޫގައި އޭރު އުފެދުނު މަދަރުސާ އެއީ މާލޭގައި އުފެއްދި މަޖީދިއްޔާ ސްކޫލާ އަދި ނައިފަރުގައި އުފެދުނު އިފްތިތާޙާ، މިތިން މަދަރުސާއަކީ ޙަޤީޤަތުގައި އެދުވަސްވަރު ރާއްޖޭގައި އަލަށް ތަޢުލީމީ އާ ހަޔާތެއްގެ ގޮތުގައި ފަށައިގަނެވުނު 3 މަދަރުސާ. އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި ފާމުދޭރި ކިލޭގެފާނުގެ ބޮޑުވަޒީރު ކަމުގައި، މި މަދަރުސާގެ ނަން ޢަބްދުﷲ ކަތީބުގެ ނާޒިރުކަމުގައި މަދަރުސާގެ ނަން ބަދަލުކުރީ އަމީރު އިބްރާހީމަށް، އިބްރާހީމް ފާމުލަދޭރި ކިލޭގެފާނުގެ ނަންފުޅުގެ މައްޗަށް. އެ ނަމުގައި މަދަރުސާ ހިންގަނިކޮށް ހަވަރު ތިނަދޫ ފަޅުކުރީ. އެއަށްފަހު އަނެއްކާ އަލުން އަނބުރާ މިރަށަށް މީހުން އައިސް މަސައްކަތްކޮށް އަލުން ތަޢުލީމީ ޙަޔާތެއް މިރަށުގައި ބިނާކުރުމަށް މިރަށު ރައްޔިތުން ނުހަނު މަސައްކަތްކުރަމުން ގެންދިޔަ.

އިރާދަކުރައްވައިގެން 1979 ވަނަ އަހަރު އޭގެ ކުރީގައި އޮތް ވަރަށް ދިގު ސަރުކާރެއް ވަރަށް ދިގު ދުވަސްވަރެއް ވަންދެން ދެމި އޮތް ސަރުކާރު ބަދަލުވެ، އިބްރާހީމް ނާޞިރު ސަރުކާރު ބަދަލުވެ، 1979 ވަނަ އަހަރު ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމުގެ ސަރުކާރު ފަށައިގަނެވުނު. 79 އަކުން 84 އަކަށް އައިއިރުގައި ފަސް އަހަރު ވީއިރުވެސް، ހަވަރުތިނަދޫ ރައްޔިތުން ހަމަ ތިބީ އުންމީދުގައި. އެހެންނަމަވެސް، އިރާދަކުރައްވައިގެން 1984 ވަނަ އަހަރު، ފަސް އަހަރު ފަހުން މިތަނުގައި ގްރޭޑް 7 ކާ ހަމައަށް ކިޔެވުމުގެ މަދަރުސާއެއްގެ ބިންގާ އެޅުނު. އެޅިގެން އެ މަދަރުސާއަށް މިރޭ 25 އަހަރު ވާކަމުގެ އުފާ އަޅުގަނޑުމެން މި ފާހަގަކުރަނީ.

މިއަދަކީ، މިރެއަކީ ހަމަ ކަށަވަރުންވެސް އުފާވެރި ރެއެއް. ރަށެއްގެ ޙަޔާތުގައި، ބައެއްގެ ޙަޔާތުގައި މިއަށްވުރެ ވަކި މުހިންމު ކަމެއް އުފާވެރި ރެއެއް ނާންނާނެ. އެބައެއްގެ ދަރިވަރުންނަށް، އެބައެއްގެ ތެރޭގައި ޢިލްމު ފެތުރުމަށް ހުރި މުއައްސަސާއަށް އަހަރު ތަކެއްވެގެން ދާކަން ފާހަގަކުރާ ރޭ. އަޅުގަނޑަށް މިރޭ މިތަނަށް އައުމުގެ ދަޢުވަތު ސްކޫލުގެ ފަރާތުން ދެއްވީތީ އަޅުގަނޑު ސްކޫލަށް ނިހާޔަތަށް ޝުކުރުވެރިވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

ތިނަދޫގެ، ހަވަރު ތިނަދޫގެ ޙަޔާތުގައި މިރަށުގެ ތަޢުލީމީ މާޒީއަށް ބަލާފައި، މިހާރު މިއޮތް އެމް.ޑީ.ޕީ. އިއްތިހާދުގެ ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލަން ފެށުނުއިރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަވި މިރަށަކީ ތަޢުލީމީ މަރުކަޒެއްގެ ގޮތުގައި ރާއްޖޭގައި ތަރައްޤީ ކުރެވިދާނެ ރަށެއްކަން. މާލެއެކޭ އެއްފަދައިން، އަދި ނައިފަރެކޭ، މިރަށެކޭ، އަޅުގަނޑުމެން ދުށީ ޠަބީޢީ ގޮތުންވެސް ހަވަރުތިނަދޫ މީހުންނަކީ އަދި މިރަށު ރައްޔިތުންނަކީ، ތަޢުލީމަށް ލޯބިކުރާ އަދި ކުރިއެރުމަށް ނުހަނު އެދޭ ބައެއްކަމަށްވާތީވެ މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައި، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކާ ރަށެއްގެ ރައްޔިތުންގެ ފައިދާއަށްޓަކައި، މިރަށުގައި ޚާއްޞަ މަސައްކަތްތަކެއް ކުރުމަކީ ސަރުކާރުގެ ސިޔާސަތަކަށް ހެދުން މުހިންމޭ. މި ސަރުކާރުން އެހެންވީމާ، މި މަދަރުސާއާއި، މިރަށުގެ ތައުލީމީ ކަންކަން ދެކޭނީ، އަޅުގަނޑުމެންގެ ލާމަރުކަޒީ އުސޫލުން ހިންގާ ކަންކަމުގައި ޚާއްޞަކަމެއް ބަހައްޓައިގެން އިސްކަމެއްދީގެން ބާރަށް ތަރައްޤީކުރަން ބޭނުންވާ އެއް ރަށް. އެހެންވީމާ، މިރަށުގެ ތަޢުލީމީ ޙާލަތު، ތަޢުލީމީ ފެންވަރު ބާރަށް ބަދަލުވެގެން ނޫނިއްޔާ އަޅުގަނޑުމެންގެ ތައުލީމީ ސިޔާސަތު، މި ސަރުކާރުގެ ތައުލީމީ ސިޔާސަތު ކާމިޔާބެއް ނުވާނެ.

ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ މައިގަނޑު އެންމެ މުހިންމު އަމާޒަކީ އިމްތިޙާނުތަކުގައި ބައިވެރިވާ ކުދިންގެ 60 ޕަސެންޓު ކުދިންނަށް "ސީ" ފާހަށް ވުރެ މަތިން ލިބުން. ދެންމެ އަޅުގަނޑު މިތަނުން އިނާމު ދިން ދެކުއްޖަކާ އަޅުގަނޑު ހަދާންވަނީ މާލެއިން އަޅުގަނޑާ ބައްދަލުވި. އެއީ މާލޭގައި އެންމެ މަތީ ފާސް ހޯދި އެންމެ ރަނގަޅަށް ފާސްވި ކުދިންނަށް އިނާމު ދިނުމުގެ ޖަލްސާގައި. އެރޭވެސް އަޅުގަނޑު ފާހަގަ ކުރިން، މުހިންމީ ހަމައެކަނި މަދު ކުދިކޮޅަކަށް ވަރަށް މޮޅު ނަތީޖާތަކެއް ލިބުމެއް އެކަންޏެއް ނޫނޭ. ހަމަ އެހާމެ މުހިންމޭ ގިނަ ބައިވަރު، ހުރިހާ ކުދިންނަށް އާދައިގެ ވަރަކަށް ކިޔެވި ފާސްވުންވެސް. މޮޅު ކުދިން ތިބެންޖެހޭ. މޮޅު ކުދިން އަބަދުވެސް ތިބެނޭވެސްމެ. ބައެއްފަހަރަށް މޮޅު ކުދިން ދަށްވެސްވާނެ. އަދި ދަށް ކުދިން މޮޅުވެސްވާނެ. މޮޅުވުމަކީވެސް މުހިންމުކަމެއް. މޮޅުވާން، އަދި ކާމިޔާބު ހޯދަން އެބަޖެހޭ.

އަޅުގަނޑަށް ފެންނަ ފެނުމުގައި، ދާދި އިހަކަށް ދުވަހު މަޖީދިއްޔާއަށް އަހަރު ފުރިގެން އަޅުގަނޑު ދިޔައިން. އެދުވަހު މަޖީދިއްޔާ ދަރިވަރުން ގާތުގައިވެސް އަޅުގަނޑަށް މިވާހަކަ ދެކެވުނު. އަޅުގަނޑަށް ފެންނަ ފެނުމުގައި ކާމިޔާބު ހޯދުމަށް ބޭނުންވާ އެންމެ މުހިންމު އެންމެ ބޮޑު އެއްސިއްރަކީ، ކުރާ ކޮންމެ ކަމެއްވެސް އެއީ ކޮންމެކަމަކަށް އެކަން ވިޔަސްވެސް، ގަވާއިދުން ތަރުތީބަކުން އަބަދުއަބަދު އެކަން ކޮށްކޮށް ހުރުން. އަޅުގަނޑަށް އެއްވެސް ކަމެއްގައި ކާމިޔާބެއް ލިބިފައިވާނަމަ، އެ ކާމިޔާބެއް އަޅުގަނޑަށް ލިބިފައި ހުރީ އަމާޒު ގެއްލުވާ ނުލައި، އެހެން ބަސްތަކަކުން ދަންނަވާނަމަ، ފޯކަސް ނަގާނުލައި، އެކުރާ ކަމެއް ތަރުތީބުން ގަވާއިދުން ކޮށްކޮށް ކޮންމެ ދުވަހަކު، ކޮންމެ ދުވަހަކު ކުރީމާ. ބައެއްފަހަރު ބަލިވާނެ، އަނެއް ފަހަރު ގަދަވާނެ. ބައެއްފަހަރު ބަލި މީހުން އަތުން ބަލިވާނެ. އޭގެ ހިތާމަ ވަރަށް ބޮޑުވާނެ. އަނެއްބައި ފަހަރު ގަދަ މީހުންގެ އަތުން ބަލިވީމާ އެ ހިތްހަމަ ޖައްސާލައިގެން ތިބެނީ. ގަދަ މީހުން އަތުން މޮޅުވީމާ އެލިބޭ ހިތްހަމަޖެހުން އަޅުގަނޑަށް ޔަޤީން މިރޭ މިތަނުން އަޅުގަނޑުމެންނާ ދިމާވި އެތައް ދަރިވަރުންނަކަށް އެތައް ކުދިންނަކަށް އިޙްސާސް ކުރެވިފައިވާނެ.

ކާމިޔާބުގެ ފޮނިކަން އަޅުގަނޑު އަބަދުވެސް، އެހެންނަމަވެސް ހަނދާން ކޮށްދޭން ބޭނުން. ކާމިޔާބުގައި ހިތްތިރި ކުރުމަކީ ވަރަށް މުހިންމު ކަމެއް. ނާކާމިޔާބުގައި ހިތްވަރު ކުރުންވެސް ހަމަ އެހާ މުހިންމު. ކާމިޔާބުގައި ހިތްތިރި ކުރުމަކީ އަދި އެހާމެ މުހިންމު ކަމެއް. އަޅުގަނޑުމެން މި ބޭނުންވާ ނަތީޖާ 60 ޕަސެންޓު ކުދިންނަށް ކާމިޔާބުވުން، ފާސްވުމަށް ސަރުކާރަށް ފާހަގަވެފައި މިވަނީ މުހިއްމު ދެކަމެއް ކުރަންއެބަޖެހޭ. އެއްކަމަކީ މަދަރުސާތައް އެއް ދަންފަޅިއަށް ހެދުން. ސަރުކާރުން ދެކެނީ ރަނގަޅަށް ހިންގާ މަދަރުސާއެއް، ރަނގަޅަށް ތަޢުލީމު ދޭ ތަނެއްގައި ދަރިވަރުންގެ އަދަދު ހާހަކަށްވުރެ ގިނަވެގެން ނުވާނެއޭ. ދަރިވަރުން ހެނދުނު މަދަރުސާއަށް އައިސް، މެންދުރާ ހަމައަށް ކިޔަވާފައި، މެންދުރުފަހު މަދަރުސާގައި ކުޅެފައި، ރޭގަނޑު ގޭގައި ނިދިއައިސްގެން ނިދުން ނޫން ކަމެއް ނުވާ ގޮތަށް، ނުވާ ބައްޓަމަށް، ހިންގޭ މަދަރުސާ އެއީ، ރަނގަޅަށް ހިންގޭ މަދަރުސާއެއް. ހޯމްވޯކް ހެދީމާ ނިމުނީ. އިތުރަށް ޓިއުޝަން ނަގަން ޖެހިގެނެއް ނުވާނެ. މަދަރުސާގެ ބޭރުން އިތުރު ހަޔާތެއް، އިތުރު ދިރިއުޅުމެއް، ޙަޤީޤަތުގައި ރަނގަޅަށް ހިނގާ މަދަރުސާއެއް ހިނގާއިރުގައި އޮވެގެނެއް ނުވާނެ. ހުރިހާ ވަގުތެއްގައި، ގިނަ ވަގުތުގައި، ގެއިން ބޭރު ވެއްޖިއްޔާ ދެން ތިބެންޖެހޭނީ މަދަރުސާގައި. އެތަނުގައި ގިނަ ކަންތައްތައްވާން ހުންނަންޖެހޭނެ. މިބާވަތުގެ މަދަރުސާ އުފެއްދުން އެއީ، ސަރުކާރުގެ ތަޢުލީމީ އަމާޒު ނުވަތަ އަޅުގަނޑުމެން މި ހޯދަން މިއުޅޭ ނަތީޖާ ހޯދުމަށްޓަކައި، މިދަންނަވާ ބާވަތުގެ މަދަރުސާ ތަރައްޤީ ކުރުން އެއީ، މި ސަރުކާރުގެ ސިޔާސަތެއް. އަޅުގަނޑުމެން ނަމޫނާ މަދަރުސާގެ ގޮތުގައި ފާހަގަޖަހާ އެއްމަދަރުސާ މިއީ. ގދ. އަތޮޅު ތަޢުލީމީ މަރުކަޒު. ސަރުކާރުން މި އުންމީދު މިކުރަނީ މިއަންނަ އަހަރުގައި މި މަދަރުސާ އެއް ދަންފަޅިއަކަށް ހެދޭނެކަމަށް. އެއީ، ކްލާސްރޫމް އިތުރުކޮށްގެންކަމަށް ވަނީވިއްޔާ ކްލާސްރޫމް އިތުރުކޮށްގެންވެސް މި މަދަރުސާ އިރާދަކުރެއްވިއްޔާ ސަރުކާރުން އެއް ދަންފަޅިއަކަށް ހަދާނަން.

މަދަރުސާއަކީ، މަދަރުސާއާއި މަދަރުސާގެ ސާމާނު. އަޅުގަނޑަށް ހަމަ ވަރަށް ސާފުކޮށް އެނގޭ 11، 12 އިގެ ދަރިވަރުންނަށް ލެބޯރެޓަރީއަށް ބޭނުންވާ ސާމާނު މަދަރުސާގައި ނެތް. އަދި ރަނގަޅު ލެބޯރެޓަރީ ޚިދްމަތްވެސް ހުންނަންވާ ފެންވަރަކަށް މި މަދަރުސާއަކު ނެތް. އަޅުގަނޑުމެން ބޭނުން އެކަން ތަރައްޤީ ކުރަން. އިރާދަކުރެއްވިއްޔާ ސަރުކާރުން މިކަންކަމަކަށް ފަރުވާކުޑައެއް ނުކުރާނެ. އަޅުގަނޑުމެން މިކަން ހިންގަމުން މިގެންދާ ތަރުތީބުން ހިންގާ މިކަން ހަމަ އަޅުގަނޑު ދަންނަވާނީ 79 އަކުން 84 އަށް، އެ ދިޔަހާ ދުވަހެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރަކުން ކަމެއް ނުވެ ނުދާނެއޭ. ހައެއްކަ މަސް، އަޅުގަނޑަށްވެސް ޔަޤީން، އަޅުގަނޑުވެސް ގަބޫލުކުރަން އެއީ ވަރަށް ދިގު ދުވަސް، ހަ މަސް ދުވަހަކީ. ވަރަށް ދިގު ފަސް އަހަރު. އެހެންނަމަވެސް، ހަމަސް ދުވަސްވެސް އެއީ، އަޅުގަނޑުމެންގެ ނަޒަރުގައި، އަޅުގަނޑުމެން ބަލައިގަންނަން ކަމަކަށް އެކަށީގެންވާ މިންވަރަށްވުރެ މާ ގިނަ ދުވަހެއް. އެދުވަސް މިހެން ދިޔަ ސަބަބު، އަޅުގަނޑު މިކަމުގައި ހުއްޖަތުގެ ގޮތުގައި ދައްކާކަށެއް ނޫން، އެހެންނަމަވެސް، ސަރުކާރު ބަދަލުވުމާއެކުގައި، މި ސަރުކާރު ރަނގަޅަށް، މި ސަރުކާރާ ޙަވާލުވުމަށް ފުރިހަމަ ގޮތުގައި އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ހިނގާ ސަރުކާރަކަށް ހެދުމަށް ސަރުކާރަށް ނެގި، އަދި އަޅުގަނޑަށްވެސް އަދި ވަޒީރު ބޭފުޅުންނަށްވެސް ދުވަސްކޮޅެއް ނެގި. އަޅުގަނޑު ދަންނަވާނީ މިހާރު، އަޅުގަނޑުމެން މިގެންދަނީ ވަރަށް އިތުބާރާއެކީގައި، އަޅުގަނޑުމެންގެ ސިޔާސަތުތައް ހިންގަމުންނޭ. ދެން އަޅުގަނޑުމެންނަށް މިކަންކަން ލަސްވާންވީ ސަބަބެއް ނެތް.

ފައިސާގެ ދަތިކަމުގެ ވާހަކަ ސަރުކާރުން އަބަދުވެސް އެބަ ދައްކަން. އެހެންނަމަވެސް، ސަރުކާރެއް ނުދެކޭ ތަޢުލީމާއި ޞިއްޙަތަށް ކޮންމެހެން ބޭނުންވާ ފައިސާ އެއީ، އެހެން އެއްވެސް ގޮތެއް ނެތީމާ ނޫނީ މަދުކުރަންވީ ދާއިރާއެއް ނޫން. އުނި ކުރިންވީ ދިމާއެއް ނޫން. އިގްތިޞާދުކުރަންނަމަ، އިޤްތިޞާދުކުރަން މުހިންމީ މުޅިން އެހެނިހެން ދިމަދިމާއިން. ތަޢުލީމާއި ޞިއްޙަތަކީ ޙަޤީޤަތުގައި އިޤްތިޞާދުކުރާކަށް ރަނގަޅު ދާއިރާ ތަކެއް ނޫން. މި ސަރުކާރުން އިރާދަކުރެއްވިއްޔާ ރަނގަޅު ތަޢުލީމެއް ދިނުމަށް އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށް ބޭނުންވާ މިންވަރަށް އެއީ، 60 ޕަސެންޓް ކުދިން ފާސްކުރުމަށް ބޭނުންވާ މިންވަރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަދަރުސާތައް ތަރައްޤީ ކޮށްދޭނަން.

މަދަރުސާ ރަނގަޅަށް ހިންގުމަށްޓަކައި، އަޅުގަނޑުމެން މި ބޭނުންވާ ނަތީޖާ މަދަރުސާއިން ނެރުމަށްޓަކައި، ހަމައެކަނި، ޢިމާރާތާއި ސާމާނާއި ތަކެއްޗެއް ނޫން ބޭނުންވަނީ. ވަރަށް ރަނގަޅު ޓީޗަރުންވެސް ބޭނުން. ގިނަ އަދަދަކަށް ރަނގަޅު ޓީޗަރުން ބޭނުން. އަޅުގަނޑުމެންގެ ތެރޭގައި މިހާރު ރަނގަޅު ތަމްރީނާއެކީގައި ވަޒީފާ އަދާކުރަމުންދާ، މަސައްކަތްކުރަމުންދާ ޓީޗަރުން ވަރަށް މަދު. މި ސަރުކާރު ދެކޭ ގޮތުގައި ޓީޗަރެއްގެ އަތުގައި ފުރަތަމަ ޑިގްރީއެއް އޮންނަންޖެހޭނެ. ނެތި، ކުދިންނަށް ކިޔަވައިދޭން ޙަޤީޤަތުގައި ދަތިވާނެ. އެހެންވީމާ، އަޅުގަނޑުމެން ކުރަން ހުރި މަސައްކަތް ވަރަށް ބޮޑު. މި ސަރުކާރަކުން ނުދެކޭ މިބުނާގޮތަށް، ޑިގްރީއަށް ކުދިން، ފުރަތަމަ ޑިގްރީ ހޯދައިދިނުމަށް، ސްކޮލަރޝިޕްގައި ކުދިން ފޮނުވައިގެން ވާނެކަމެއް ނޫން އެއީ.

އަޅުގަނޑުމެންނަށް، އަޅުގަނޑަށް މިރޭ އުފަލާއެކީގައި ދެންނެވެން އެބައޮތް، އިންޑިޔާ ސަރުކާރުން ރާއްޖެއަށް 65 ސްކޮލަރޝިޕްގެ ފުރުޞަތު، އަޅުގަނޑު މިތަނަށް އައުމުގެ 2 ދުވަސް ކުރީގައި އަޅުގަނޑުމެނަށް ހުޅުވާލެވޭކަމުގެ ޚަބަރު އިންޑިޔާ ސަރުކާރުން އަޅުގަނޑުމެންނަށްވަނީ ކޮށްފައި. އަޅުގަނޑު ބޭނުމީ އެ ސްކޮލަރޝިޕްތައް، އެއަތޮޅުތަކުގެ ތަޢުލީމީ މަދަރުސާގެ ކުދިންނަށް ލިބޭ ގޮތަށް ހަމަޖައްސަން. އިރާދަކުރެއްވިއްޔާ އެކަން ރޭވިގެންދާއިރުގައި އެކަން ހަމަޖެހިގެންދާނީ އެގޮތަށް.

ރަނގަޅު ޓީޗަރުން ނުވަތަ ޑިގްރީއަށް ކިޔަވައިދޭ ކުދިން ގިނަ އަދަދަކަށް އުފެއްދުމަށްޓަކައި ސްކޮލަރޝިޕަށް ފޮނުވައިގެން އެކަނި އެކަމެއް ނުވާނެ. އެކަން ކުރުމަށްޓަކައި ސަރުކާރުން އެބަޖެހޭ ރާއްޖޭގައި ޑިގްރީއަށް ގިނަ އަދަދަކަށް ކުދިންނަށް ކިޔެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަން. އެނގިވަޑައިގަންނަވާނެ ދާދި އިހަކަށް ދުވަހު އަޅުގަނޑުމެންނަށް ފ.އަތޮޅު މަގޫދޫގައި، މިލާންގެ، އިޓަލީގެ މިލާންގެ ބިކޯކާ ޔުނިވަރސިޓީއާ ގުޅިގެން ދިހަ ފަނަރަ ކުދިންނަށް ޑިގްރީއަށް ކިޔެވޭ ގޮތަށް އެރަށުގައި ތަޢުލީމީ މަރުކަޒެއް، ޚާއްޞަކޮށް ފަރުތަކާ ފަޅުފަޅާ ގުޅޭގޮތުން ތައުލީމު، އެ މާއްދާތައް ކިޔެވުމަށް، އެތަނުގައި ސަރުކާރުން މިދަނީ މަދަރުސާއެއް، ޔުނިވަރސިޓީއެއް ޤާއިމްކުރުމުގެ ފުރުސަތު ސަރުކާރަށް ލިބި އެ ޔުނިވަރސިޓީއާ އެކީގައި މަގޫދޫގައި މިހާރުވާނީ ޔުނިވަރސިޓިއެއް ޤާއިމުކުރެވިފައި.

އަޅުގަނޑުމެން މި މަސައްކަތް މިކުރަނީ ހަމަ މި ރަށުގައި އެހެން ޔުނިވަރސިޓީއަކާ ގުޅިގެން ދުނިޔޭގެ އެހެން ޔުނިވަރސިޓީއަކާ ގުޅިގެން، އަޅުގަނޑު އެމީހުން ހަމަޖެހުނީމާ ނޫނީ ނަން ގެނައުން ރަނގަޅެއް ނުވާނެ. އޭރުން އަޅުގަނޑު ދޮގުހަދާ ކަމަށްވެސް ވެދާނެ، ފަހުން އެކަން ހަމަނުޖެހި އޮތީމާ. އެހެންވީމާ، އަޅުގަނޑުމެން އެހެންނަމަވެސް މިދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ، މިއަހަރުގެ ތެރޭގައި ނުވަތަ އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި މިރަށުގައި ޑިގްރީއަށް ކިޔެވެނޭ ގޮތެއް ހަމަޖެއްސުން، އޭގެ އިންތިޒާމެއް މިރަށުގައި ހަމަޖެއްސުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން މިރަށަށް ކޮށްދެވޭނެ.

މިރަށުގައި އެކަން ނުކުރާންވީ ހަމަ އެއްވެސް ސަބަބެއް ނެތް. 11، 12 ނިންމާ ދަރިވަރުންގެ އަދަދު މިހާރު މަދެއް ނޫން އަދި ޚާއްޞަކޮށް ގްރޭޑް ދިހައެއް ނިންމާ ދަރިވަރުންގެ އަދަދު ވަރަށް ގިނަ. އެއްފަހަރާ ބައިވަރު ކުދިންތަކަކަށް ޑިގްރީއަށް ކިޔަވައި ނުދެވުނުކަމުގައި ވިޔަސްވެސް، ރަނގަޅު މަތީ ތަޢުލީމެއް މިރަށުން ދެވޭނެ ގޮތެއް، ދެވޭނެ އިންތިޒާމެއް ސަރުކާރަށް ހަމަޖެއްސިދާނެކަމަށް އަޅުގަނޑުމެންނަށް މިހާރު ވަރަށް އުންމީދު ބޮޑު. އެހެންވީމާ އެމަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަމުން ގެންދާނަން.

ޓީޗަރުން އުފެއްދުމަށްޓަކައި އަދި ޑިޕްލޮމާ ފެންވަރަށް ޓީޗަރުން އުފެއްދުމަށްޓަކައި އެކަމަށްވެސް ބޭނުންވާ މަތީ ތަޢުލީމުގެ ފުރުޞަތު މިރަށްރަށުގައި އެބަ ޢާންމުވާންޖެހޭ. ޚާއްޞަކޮށް ހަވަރުތިނަދޫގައި އެކަން ޢާންމުވާން އެބަޖެހޭ. އެކަން ޢާންމު ކުރުމަށްޓަކައި ސަރުކާރުން އެބަ ގެންގުޅޭ އެބާވަތުގެ މަދަރުސާއެއް މިތާ މިރަށުގައި ހުޅުވުމުގެ ވިސްނުމެއް. އަދި ހުޅުވާއިރުގައި އެ މަދަރުސާއަކީ މިހާރު ސަރުކާރުން ހިންގާ ބާވަތުގެ މަދަރުސާއަކަށް ވެގެނެއް އެކަމެއް ސަރުކާރަކުން ނުދެކޭ ދެކޮޅުޖެހި ފަރުޖެހިދާނެކަމަކަށް. ބޭރު ފަރާތްތަކާ ގުޅިގެން ހިއްސާވެގެން، ސަރުކާރާ އެހެން ކޮންމެވެސް މަދަރުސާއަކާ ހިއްސާވެގެން މިތަނުގައި 11، 12 އާ އަދި އިތުރަށް ދެއަހަރު ނުވަތަ އަހަރެއް ކިޔަވައިދީ ޑިޕްލޮމާ ފެންވަރަށް ކިޔަވައިދޭ މަދަރުސާއެއް ހެދުމުގެ، އުފެއްދުމުގެ މަސައްކަތް ސަރުކާރުން މިހާރު މިގެންދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް މިރަށުގައި އެމަދަރުސާވެސް ހުޅުވޭނެ.

މިދެންނެވި މަދަރުސާގައި ކިޔަވާ ދަރިވަރުން އެމަދަރުސާއަށް ފީ ދައްކަންޖެހޭނެ. އެ ފީ ދެއްކުމަށްޓަކައި ސަރުކާރުން ކޮންމެ ދަރިވަރަކަށްވެސް ހިލޭ އެހީއެއް ދޭނެ. މީގެ ބޭނުމަކީ، އެ މަދަރުސާ އެއީ ދެކޮޅުޖެހޭ މަދަރުސާއަކަށްވުން. މަދަރުސާއަށް ސަރުކާރުން ފައިސާ ދިނުމުގެ ބަދަލުގައި ދަރިވަރަށް ސަރުކާރުން ފައިސާ ދިނުން. މިހާރު މިސާލަކަށް ގއ. ތަޢުލީމީ މަރުކަޒަށް ސަރުކާރުން ފައިސާ ދެމުން އަންނަނީ ކޮންމެ ބޮލަކަށް މަހަކަށް 1225 ރުފިޔާ ޖެހޭ މިންވަރަށް. މިހާރު ޖެހެނީ 1225 ރުފިޔާ. އެ އަދަދަކީ ވަރަށް ބޮޑު އަދަދެއް. ބައެއްފަހަރަށް ބައެއް މީހުން އެބަ ބުނޭ މެލޭޝިޔާގެ ރަނގަޅު މަދަރުސާއަކަށް މި އަދަދަށް ފައިސާ ދީގެން ކިޔެވޭ ގޮތަށް ހަމަޖެހިފައިހުރެއޭ، ފައިސާ ދީގެން ކިޔަވާ މަދަރުސާތައް. އަމިއްލަ ފަރާތްތަކުން ކަންކަން ހިންގީމާ، ސަރުކާރުން ހިންގާ ހިންގުމަށްވުރެ ބައެއް ބާވަތުގެ ކަންކަމުގައި އެކަން ރަނގަޅަށް ހިންގިފައިހުރޭ. ބައެއް ބާވަތުގެ ކަންކަމުގައި. އަޅުގަނޑެއްވެސް މިތާގައި ދަންނަވަނީކީއެއް ނޫން، ސަރުކާރުން ރަނގަޅު ސްކޫލްތައް ހިންގޭނެ، ހަމަ، ހިންގަމުންވެސް އާދޭ. މިއީ، އޭގެ ލާމަސީލު މިސާލެއް. އަދި މި ސްކޫލު ތަރައްޤީވަމުން މިއަންނަނީވެސް މި ސްކޫލްގެ އެންމެ ފާހަގަވާ އެއް ސިފައަކީ، ސްކޫލުން ހޯދާ ނަތީޖާ ކޮންމެ އަހަރަކުވެސް އެ މިންގަނޑުގައި ހިފަހައްޓާކަން. ބައެއްފަހަރަށް ބައެއް ސްކޫލު ހުރޭ ދެއަހަރަކު، އެއް އަހަރަކު ވަރަށް މަތީ ނަތީޖާ، އެއީ ވަރަށް ރަނގަޅު ކުދިންކޮޅެއް އުޅުނީ. ހޯދާފައި ދެން އަންނަ އަހަރުގެ ނަތީޖާ ވަރަށް ބޮޑުތަނުން ކުރީ އަހަރާ ތަފާތު ވެގެން ދާ މަދަރުސާ. މި މަދަރުސާ އެބަ ހިފަހައްޓާ އެއް މިންގަނޑެއްގައި. ނަތީޖާ. އެއީ، ރަނގަޅު މަދަރުސާއަކަށްވާތީ. މި މަދަރުސާ އަދި މިއަށްވުރެ މަތީ ތަޢުލީމެއް ދޭ މަދަރުސާއެއް ހިންގާއިރުގައި، ސަރުކާރު ހިއްސާވާ ނުވަތަ ސަރުކާރާ ބޭރު ބަޔަކާ ހިއްސާވެގެން އެބާވަތުގެ މަދަރުސާތައް އުފައްދާ ހިންގުމުގެ ފުރުސަތު، ޖާގަ، މިރަށުގައިވެސް ހުޅުވާލާނެ. އަދި ރާއްޖޭގެ ތިން ހަތަރު ފަސް ރަށެއްގައިރަށެއްގައި ހުޅުވާލުމަށް ސަރުކަރުންވަނީ ގަސްދުކޮށްފައި. އެހެންވީމާ، އޭގެތެރެއިން އެއް މަދަރުސާ އިރާދަކުރެއްވިއްޔާ ހަވަރު ތިނަދޫގައި ހުޅުވޭނެ.

އަޅުގަނޑު މިރޭ އަޅުގަނޑުމެންގެ ތަޢުލީމީ ސިޔާސަތުގެ ވާހަކަތައް، ސިޔާސީ ނަޒަރަކުން ދައްކާކަށެއް ނޫން އައީކީއެއް. އަޅުގަނޑު ބޭނުންވަނީ މި މަދަރުސާގެ ދަރިވަރުންނާ އަދި ދަރިވަރުންގެ މައިންބަފައިންނާ މިވާހަކަ ހިއްސާ ކުރެވޭތޯ ބެލުން. ސަރުކާރުގެ އަމާޒެއް އެބައޮތް. އެ އަމާޒަކީ، ތިޔައިން ކޮންމެ ބޭފުޅެއްގެވެސް ދަރިފުޅަށް "ސީ" ފާސް ހުރިހާ މާއްދާއަކުން ހޯދައިދިނުން. އެންމެ މަދުވެގެން "ސީ" ފާސް ހުރިހާ މާއްދާއަކުން ހޯދައިދިނުން. އެކަންކުރުމަށް ބޭނުންވަނީ ޓިއުޝަން ދިނުމެއް ނޫން. އެކަން ކުރުމަށް ބޭނުންވަނީ ސަރުކާރުން ރަނގަޅު މަދަރުސާއެއް ހިންގުން. ސަރުކާރުން ބަލާނެ މިދަންނަވާ މިންގަނޑު. މިދަންނަވާ އަމާޒަށް ވާޞިލުވުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަޤްޞަދަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ކުރިޔަށް މިއޮތް ފަސް އަހަރުގެ ތެރޭގައި މި 60 ޕަސެންޓު ކުދިންނަށް "ސީ" ފާސް ލިބޭނޭ މިންވަރަށް މަދަރުސާތައް ތަރައްޤީ ކުރުން. އެމަސައްކަތުގައި ސަރުކާރުގެ ސިޔާސަތު ބިނާވެގެން މިދަނީ. އެ ސިޔާސަތު ތަންފީޒުވާއިރުގައި މި މަދަރުސާއަށް އެތައް ބަދަލުތަކެއް، ނުވަތަ ހަވަރުތިނަދޫ މަދަރުސާތަކަށް، ހަވަރު ތިނަދޫގެ ތައުލީމީ ނިޒާމަށް ކިތަންމެ ބަދަލުތަކެއް އަންނާނެ. އެ ބަދަލުތައް ގެނައުމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އަދި ބެލެނިވެރިންނާއި ޓީޗަރުންނާ އެކުގައި މިރަށުގައި މަޝްވަރާކުރުން އެއީ، މުހިންމު ކަމެއް. އަޅުގަނޑު މަޑުކޮށްގެން މި ހުންނަނީ މި އިންތިޚާބު ނިމުނީމާ ޖާގައެއް ލިބޭނެކަމަށް. ތަންކޮޅެއް ހުސްވަގުތުކޮޅެއް ހުރިހާ ބޭފުޅުންނަށްވެސް ވާނެކަމަށް. ވީމާ، އިށީނދެ އިނދެގެން ސިޔާސީ ވިސްނުން އެއްކައިރިކޮށް މިރަށުގެ ތަރައްޤީއަށް ވިސްނައިގެން އަޅުގަނޑުމެންނަށް ރަނގަޅު ގޮތްތަކެއް އެކުލަވާލެވިދާނެ. މިއަދު އަޅުގަނޑަށް ފެންނަ ފެނުމުގައި މިއަދު މިރޭ އިށީނދެއްޖިއްޔާ ނުވަތަ މީގެ ހަފްތާއެއް ކުރީގައި އިށީނދެ ނަމަވެސް، އެ ދެކެވޭ ވާހަކަތަކުގެ ތެރެއަށް އެތައްއެތައް ސިޔާސީ ކުލަވަރެއް ވަދެ، ޙަޤީޤީ ތަރައްޤީގެ މަޝްވަރާ އަޅުގަނޑުމެންނަށް ކުރުން ދަތި ވެދާނެތީ އަޅުގަނޑު ލަސްކޮށްގެން މިހުންނަނީ. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ އިންޚާބަށްފަހު ލަސްތަކެއްނުވެ، އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލުންނާ އެކީގައި މިރަށުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ބޭއްވޭނެ. މީގެ އެންމެ ބޮޑު ބޭނުމަކީ، އެމް.ޑީ.ޕީ. ސަރުކާރުގެ ތައުލީމީ ސިޔާސަތު ތަންފީޒުވެގެން ދާއިރުގައި މިރަށަށް ނުވަތަ އެހެން ބަސްތަކަކުން ދަންނަވަނީނަމަ އަޅުގަނޑުގެ ދަރިފުޅަށްވަނީ ކިހިނެއްހެއްޔޭ؟ އޭނާއަށް އޮތީ ކޮން ގޮތެއް ހެއްޔޭ؟ އޭނާއަށްވާނީ ކޮންކަމެއްހެއްޔޭ؟ އެސުވާލުގެ ޖަވާބު އަޅުގަނޑުމެން އެބަ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ. ޖަވާބު ވަރަށް ސާދާ އިނގޭތޯ. ވާނީ ރަނގަޅު އިރާދަކުރެއްވިއްޔާ.

އެހެންނަމަވެސް ހައްތަހާވެސް ރަނގަޅުވުމަށްޓަކައި، ހަމައެކަނި އަޅުގަނޑުމެން މަސައްކަތް ކޮށްގެނެއް އެ ރަނގަޅެއް ވެވޭކަށެއްނެތް. އެ ރަނގަޅުވުމަށްޓަކައި ތިޔަބޭފުޅުން ހިތުގެ އަޑިން ގަބޫލުކުރައްވަން އެބަޖެހޭ ރަނގަޅުވާނެކަން. އަޅުގަނޑަށްވެސް އެނގޭ މިދިޔަ ދިގު 30 އަހަރު އަދި ރާއްޖޭގެ ސިޔާސީ ހަޔާތުގައި މިދިޔަހާ ދުވަހު، ވެރިން ވަނީ ވަރަށް ގިނަ ފަހަރު ރައްޔިތުންނަށް އޮޅުވާލާފައި. ކޮންމެ ފަހަރަކުމެ އިންތިޚާބެއް ގާތްވީމާ ގޮނޑީގެ ބޭނުމުގައި ނުވަތަ އެ އިންތިޚާބު ކާމިޔާބުކުރުމުގެ ބޭނުމުގައި ރައްޔިތުންގެ ލޮލުގައި ކިތަންމެ އަދުނެއްވަނީ އަޅުވާފައި. އިންތިޚާބު ނިމުނީމާ މިކަންކަން ޙަޤީޤަތަކަށްވެފައި އޮންނަނީ ވަރަށް ކުޑަ މިންވަރަކަށް. އަޅުގަނޑުވެސް ހަމަ އެކަން ގަބޫލުކުރަން. އަދި ހަމަ އަޅުގަނޑަށް ގަބޫލުކުރެވޭ މިއަދު އަޅުގަނޑުމެންގެ ސިޔާސަތަކީ މިއީއޭ. އަޅުގަނޑުމެންގެ އަމާޒަކީ މިވެނިމިވެނި ލަނޑުދަޑިތަކެއް ޙާޞިލު ކުރުމޭ. އިރާދަކުރެއްވިއްޔާ އެކަންކަންވާނެއޭ އަޅުގަނޑު މިއަދު ބުނީމާ ހަމަ އެކަށީގެންވޭ، އަޅުގަނޑަށް ގަބޫލުކުރެވޭ ކިތަންމެ ބެލެނިވެރިއްގެ ހިތުގައި އެއީ، އަދި ކުރާން އުޅޭ ކަމެއް ނޫނޭ، އިންތިޚާބަށް ދައްކާލާ ވާހަކައެކޭ ހިތަށް އަރާނެ. އިންތިޚާބުގެފަހުން ނަމަވެސް މިކަން ރަނގަޅުކުރާން އަޅުގަނޑުމެން ބޭނުމިއްޔާ ބެލެނިވެރިންގެ ހިތުގެ އަޑިން ބެލެނިވެރިން އެބަ ގަބޫލުކުރަންޖެހޭ ރަނގަޅުވާނެކަން. އެއަށްފަހު ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަން ހޯދައިގެން، ސަރުކާރުން ކުރަން ހުރި ކަންކަން، ސަރުކާރުން ކުރުން، ބެލެނިވެރިން ކުރަންހުރި ކަންކަން ބެލެނިވެރިން ކުރުން. އަޅުގަނޑު އަބަދުވެސް ދެކެނީ މީގައި ބޮޑު މަސައްކަތެއް ކުރާން އޮތީ ސަރުކާރުންކަމަށް. މި ސަރުކާރަކުންނެއް ނޫޅޭނެ ބެލެނިވެރިން ކުށްވެރިކޮށް ވާހަކަ ދައްކާކަށް. ދަރިވަރުންގެ ނަތީޖާ ގޯސްވީމާ އެއީ، ހަމަ ސީދާ ސަރުކާރުގެ މައްސަލައެއް. އެ މައްސަލަ އެއީ، ސަރުކާރުން ބަލަންޖެހޭނެ މައްސަލައެއް، އެއަށް ޙައްލެއް ހޯދައިދޭންޖެހޭނެ މައްސަލައެއް.

އަޅުގަނޑު މިރޭ ގިނައިރު ތަކެއް ނަގާކަށެއް ނޫން. މި ސްކޫލުގެ ހުރިހާ ދަރިވަރުންނަށް، ހަމަ ނިންމާލުމުގެ ކުރިން ދަންނަވާލަން އޮތް އިތުރު ވާހަކައެއް އެބައޮތް. މަދަރަސީ ދައުރުގެ ގުޅުމަކީ ވަރަށް މުހިންމު ގުޅުމެކޭ. ވަރަށް ބޭނުންތެރި ގުޅުމެކޭ. މަދަރުސީ ދައުރުގައި އެކެއް އަނެކެއް ދެކެ އަންނަ ރުޅިވެސް އެއީ ހަމަ އެހާ ބޭނުންތެރި ރުޅިއެކޭ. އެ ރުޅި ހަސަދަވެރިކަމަށް ބަދަލުވެގެނެއް ނުދާނެ، ފިލާދާނެ. މާ ގިނަ ދުވަހަކު ދެމިއެއް ނޯންނާނެ. އެ ބޭއްވުން އެއީ، ބުއްދިވެރިކަމެއް ނޫން. އެ ގުޅުންތައް އެއީ ޙަޤީޤަތުގައި ތިމާ މިއީ، ކާކުކަން ފަހުން ތިމާ ވެގެންދާ މީހާ ނިމެނީ، މި ދެންނެވި ގުޅުންތައް ގުޅިފައި އޮތް ގޮތަށް ބިނާވެފައި. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން ސްކޫލު ދައުރުގެ ރަޙްމަތްތެރިން، ގާތް ކުދިން އެއީ ކޮން ބައެއްކަން އެނގިގެން އެ ރަޙްމަތްތެރިކަން ހުރިހާ ކުދިންވެސް އާލާކުރުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒާ އަދި ހަވަރުތިނަދޫގެ ތަޢުލީމީ ހާލަތު ވަރަށް ބޮޑު ތަނުން ބަދަލުވުން. އަޅުގަނޑުމެން ހީނުކުރާހާ ބޮޑުތަން ބަދަލުވުން. އިރާދަކުރެއްވިއްޔާ މާދަމާވެގެންދާނީ މިއަދަށްވުރެ އަދި މާ ފާގަތި އުފާވެރި ދުވަހަކަށް.

والحمد للّـه. السّـلام عليـكم. ވަރަށް ބޮޑަށް ޝުކުރިއްޔާ.