بســم اللّـه الرّحمـن الرّحيــم

ފުލިދޫގެ އެކުވެރި ލޮބުވެތި ރައްޔިތުން،

السّـلام عليـكم

މީގެ ހައެއްކަ މަސް ކުރީގައި، އަޅުގަނޑު ރޯދަމަހު، މިދިޔަ ރޯދަމަހު އިރުއޮއްސުމަށް ދަނިކޮށް މިރަށަށް އައިމު. އަޅުގަނޑުގެ ޙަޔާތުގައި މިރަށަށް އާދެވުނު ޢަދަދު، ޙަޤީޤަތުގައި އަޅުގަނޑު ހަނދާނެއް ނެތް. އެއަށްވުރެ، މާގިނައިން އަޅުގަނޑަށް އޮތީ މިރަށުގައި އުޅެވިފައި. އެހެންނަމަވެސް، މިދެންނެވި ދަތުރު އަޅުގަނޑު މިރަށަށް އައިސް ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވިން. އަޅުގަނޑުމެން އެ އިންތިޚާބުގައި އެއިރުގައި ވާދަކުރަމުންދިޔަ އިންތިޚާބުގައި، އެމް.ޑީ.ޕީ.ގެ ސަރުކާރެއް އުފެދިއްޖެނަމަ، އެ ސަރުކާރުގެ ސިޔާސަތު ހިނގަމުންދާނެ ގޮތުގެ ތަޞައްވުރެއް އަޅުގަނޑުމެން ހުށަހެޅިން. އަޅުގަނޑުމެން ދެންނެވިން. އަޅުގަނޑުމެންނެއް ބޭނުމެއް ނުވެއޭ، ދިވެހި ރައްޔިތުންނަކީ، ހާސްކަންމަތީގައި ދިރިއުޅޭ ބަޔަކަށްވާކަށް. ބޯހިޔާވަހިކަމެއްނެތި، އަދާކުރާނެ ވަޒީފާއެއްނެތި، ނުވަތަ ދަރިންނަށް ކިޔަވައިދޭނެ ގޮތެއްނެތި، ބޭސްފަރުވާއަށް ސަލާންޖަހަން ޖެހުން. މިކަންކަމުގައި ހައްޔަރުވެ، ހާސްކަންމަތީގައި ދިރިއުޅޭ ބަޔަކަށް ދިވެހި ރައްޔިތުންވާކަށް، އަޅުގަނޑުމެންނެއް ނޭދެވޭ. އަޅުގަނޑުމެންގެ ނަޒަރުގައި، މި ރާއްޖޭގެ ރައްޔިތުންނަކީ، މިހާރު ރައްޔިތުންނަށް، މި ލިބޭ މިންވަރަށްވުރެ މާ ޙައްޤު މިންވަރެއް ލިބެންވާ ބައެކޭ. އަޅުގަނޑުމެންނަށް އެގޮތް ބަދަލުކުރެވިދާނެއޭ. ބަދަލަށް އަޅުގަނޑުމެން ހުށަހެޅީމު. މަންޒަރެއް، ތަޞައްވުރެއް، ގޮތެއް އަޅުގަނޑުމެންގެ ނަޒަރުގައި، މި ރާއްޖޭގެ ރައްޔިތުންނަށް، ތާހިރު ގޮތުގައި ދިރިއުޅެވޭނެ، ތަނަވަސް ދިރިއުޅުމެއް ހޯދޭނޭ ސިޔާސަތެއް އަޅުގަނޑުމެން ތަޢާރުފުކޮށްދޭނަމޭ. އެ ސިޔާސަތު ތަންފީޒުވާން ފެށީމާ، ތަންފީޒު ކުރެވުނީމާ، ދެން އަޅުގަނޑުމެން އެންމެންނަށްވެސް، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ އުފާވެރި ދިރިއުޅުން، އަޅުގަނޑުމެން މިއެދޭ، އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ފެންނާނެ.

ތެދުފުޅެއް. އޭގެފަހުން ވަރަށްގިނަ ދުވަސްވެއްޖެ. 6 މަސްދުވަސް ވެއްޖެ. މިރަށުގެ ނަރުދަމާވެސް ހެދުނީއަކީއެއް ނޫން. މިސްކިތްވެސް ހަމަ ހުރިގޮތަށް ހުރީ. ބަނދަރަށްވެސް ވީކަމެއް އޮތީކީއެއް ނޫން. މަދަރުސާއަށްވެސް ވީކަމެއް އޮތީކީއެއް ނޫން. މިރަށުން ފުރައިގެން އެހެން ރަށަކަށް ފަސޭހައެއްކޮށް ދެވެން އޮތީކީއެއްވެސް ނޫން. ރަށު ކައިރީގައި ވަޒީފާ އަދާކުރާ މީހުންނަށް، އިރުއޮއްސުނީމާ ރަށަށް އާދެވެނީކީއެއްވެސް ނޫން. އެއްވެސް ކަމެއްނުވޭ.

އިންތިޚާބެއް އަންނަން ފެށީމާ، ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވާލަން އައިސް، އެވެނިކަމެއް ކޮށްދޭނަމޭ، މިވެނިކަމެއް ކޮށްދޭނަމޭ ކިޔާ، ކިތަންމެ ވާހަކައެއް އަޅުގަނޑުމެންނަށްވެސް ދެއްކިދާނެ. އަދި އަޅުގަނޑުގެ ދެޅިޔަނަކަށާއި، އަޅުގަނޑުގެ އެއްބަފާ ދެމީހެއްގެ ޖީބަށް ދައުލަތުގެ ޚަޒާނާއިން ފައިސާކޮޅެއް ނަގާފައި، ލާފައި އައިސް ފުލިދޫ ރައްޔިތުންނަށް ބަހާލާށޭ ބުނެ، ތިޔަބޭފުޅުންނަށް އެ ދަޅަވެސް އަޅުގަނޑުމެންނަށް ދައްކާލެވިދާނެ. އެހެންނަމަވެސް، މިދަންނަވާ ކަންކަމުން އަޅުގަނޑުމެން މިބުނާ، އަޅުގަނޑުމެން މިއެދޭ، އަޅުގަނޑުމެން މި އުންމީދުކުރާ، ދެމެހެއްޓެނިވި ތަރައްޤީއެއް ނުނެރެވޭނެ. އިންތިޚާބު ނިމުނީމާ ނިމުނީ. އިންތިޚާބުގެ ތެރޭގައި ކުރަން ފެށުނު ކަމެއް އެއީ. ކުރާން ފެށުނު ކަމަކީ، އަދި ކުރެވޭނެ މިންވަރަކީވެސް. ގޮނޑި ލިބުނީމާ ދެން ދާންވީ. އަނެއްކާވެސް ފަސްއަހަރު ކޮށްފައި ގޮނޑި ހޯދާ ދުވަސްވަރު އައިމާ ދެންހުރި ވާހަކަތައް ދައްކާނީ.

އަޅުގަނޑުމެނެއް ނުދެކެން. މިހާރު ރާއްޖޭގެ ރައްޔިތުންނަކީ، ހޭލުންތެރި ނޫން ބައެއް ކަމަކަށް. ވަރަށް ސާފުކޮށް، އަޅުގަނޑަށް ޔަޤީން. މިރަށު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ. ވަގުތީ ދަޅަޔަކަށް، ވަގުތީ ހެއްލުމަކަށް ރައްޔިތުން ހެއްލިއެއް ނުދާނެކަމާއި، އެފަދަ ދަޅައެއް، އެފަދަ ހެއްލުމެއް، އަޅުގަނޑުމެން އެފަދަ އަނދުނެއް އެޅުވުމަށް އަޅުގަނޑުމެން އުޅެއްޖެނަމަ، އެކަމުން އެދެވޭ ނަތީޖާއެއްވެސް ނުނިކުންނާނެކަން. އަޅުގަނޑުމެންގެ މިއަދުގެ ވާޖިބަކީ، އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި މިރަށަށްވަނީ ކިހިނެއްތޯ؟ ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވުން. ކޮބައިާހެއްޔޭ؟ ތިމަންނާއަށް، ތިމަންނާގެ ޢާއިލާއަށް، ތިމަންނާ ރަށަށް އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި އޮތް ކަމަކީ. އޮތްގޮތަކީ. އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި، މިރަށަށްވާނީ ކިހިނެއްހޭ! އަޅުގަނޑު ހަމަ ވަރަށް އުފަލާއެކު، ޔަޤީންކަމާއެކު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މިއަތޮޅުގެ ހުރިހާ ރަށެއްގައި ވަކި ރަށެއް ނޫން. ހުރިހާ ރަށެއްގައި ފެނާއި، ނަރުދަމާ އާއި، ކަރަންޓްގެ މަސައްކަތް މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން އެމަސައްކަތް މިއަހަރު ކޮށްދޭނަން.

ދެން، އަޅުގަނޑު ހަމަ އެދެން. ތިޔަބޭފުޅުން އަޅުގަނޑު ގާތުގައި އެއްސެވުމަށް. ކިހިނެއްހޭ އޭގެ ފައިސާ ހޯދަނީ؟ ކޮންގޮތަކަށްހެއްޔޭ އެކަން ކުރާން ތިޔައުޅެނީ؟ އަޅުގަނޑުމެން ދައްކަމުން އައިމު، ޕްރައިވެޓް ޕަބްލިކް ޕާޓްނަރޝިޕެއްގެ ވާހަކަ އިނގޭތޯ. އޭގެ މާނައަކީ، އަމިއްލަ ކުންފުނިތަކާ އެއީ ޕްރައިވެޓް. ޕަބްލިކް، ސަރުކާރު. ޕާޓްނަރޝިޕް، ގުޅިގެން އުފެއްދޭ ކުންފުނިތަކެއް މެދުވެރިކޮށްގެން މިކަންކަން ކުރުމަކީ، ދާދި ފަސޭހައިން ވާން އޮތް ކަމެކޭ. ވެވިދާނެ ކަމެކޭ. މިތާނގައި ހުރެގެން އަޅުގަނޑު މިވާހަކަ ދަންނަވާއިރުގައި، އަޅުގަނޑަށް މީގެ މިސާލު ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް ފިލާވަރަށް ދެންނެވެން އެބައޮތް. ޚާއްޞަކޮށް، މިރަށުގައި ތިޔަބޭފުޅުންނަށް އޮޅިވަޑައިގެންފައެއް ނުވާނެ. މިސާލަކަށް، އަލިމަތާ އާއި، ދިއްގިރިއާ އެތަން ހިންގަވަނީ މާރިއޯ. އަޅުގަނޑުމެންނަށް އެބައޮތް އަޅުގަނޑު ހަމަ މިތަނުގައި ހަމަ މިސާލެއް ދައްކަނީ އިނގޭތޯ.

އަޅުގަނޑުމެން މިއަންނަނީ، އެފަދަ ބޭފުޅުންނާ ވާހަކަ ދައްކަމުން. އަޅުގަނޑުމެންގެ ވާހަކައަކީ، ތިޔަ ދެރަށުގައި ދިގިއްގިރީގައާއި އަލިމަތާގައާ، ފެނާއި ނަރުދަމާއާއި ކަރަންޓް އެހެން ކުންފުންޏަކަށް ދެހެރޭ. އަދި އެކުންފުނިން ބަލަހައްޓަން ހިނގަހަރޭ ފުލިދުއާއި، ފެލިދުއާއި، ކެޔޮދުއާއި، ރަކީދުއާއި، ތިނަދުއާ، މިހުރިހާ ރަށެއްގެ ނަރުދަމާވެސް އަޅުގަނޑުމެން މިއުފައްދާ ޔުޓިލިޓީ ކުންފުނިން. މިމަސައްކަތްތައް ފަށާ، ނަރުދަމާ ޤާއިމުކޮށް އަދި ނަރުދަމާ ހިންގުމުގެ މަސައްކަތް. މާރިޔޯއަށްވެސް ފައިދާ. އެއީ ފައިދާވަނީ، މިކަމުގެ ތެރޭގައި އެއްކަލަ ޔުޓިލިޓީ ކުންފުންޏަށް ސަރުކާރުން އެބަދޭ އިތުރު ރިޒޯޓް ތަރައްޤީ ކުރުމުގެ ފުރްޞަތެއް. ލައިސަންސެއް. އެހެންވީމާ، އެކަމުގެ ޝައުޤުވެރިކަން އަދި އެކަމުން ލިބޭ ފައިދާ ހުރިހާ އެންމެންނަށްވެސް ވަރަށް ސާފު. އެފައިދާގެ އަލީގައި މިތަނުގެ ނަރުދަމާއާއި ފެނާއި ކަރަންޓް އުފެއްދުމަކީ މާބޮޑު ކަމަކަށެއް ނުވޭ. ސަރުކާރުން ނަރުދަމާއެއް ހެދީމާ، މިބުނަނީ ވަރަށް އަގުބޮޑޭ. އެތައްއެތައް މިލިއަން ރުފިޔާއަކަށް އަރައިގެންދޭ. ސަރުކާރުން މިރަށުގައި ނަރުދަމާއެއް ހަދައިފިއްޔާ، އޭގެ އަގު، ރަނގަޅު ތިރީސް މިލިއަން ރުފިޔާއަށް ނާރައެއް ނުހުރޭ. އަޅުގަނޑުމެން ބަލައިފިން. އެއާ ޚިލާފަށް އަޅުގަނޑުމެންނަށް އެބައޮތް މިދަންނަވާ އަމިއްލަ ފަރާތްތަކާއި ސަރުކާރާ ޙިއްޞާވެގެން ހިންގާ ވިޔަފާރިއެއްގެ ގޮތުގައި މިކަން ކުރެވެން.

ސަރުކާރުން މިހާރު މިދަނީ، އަމިއްލަ ފަރާތްތަކާ މިކަމުގެ މަޝްވަރާތައް ކުރަމުން. ސަރުކާރުން މިކަމަށް ޝައުޤުވެރިވާ ފަރާތްތައް ޝައުޤުވެރިކަން ހާމަކުރުމަށް އިޢްލާނުކުރީ، މީގެ ދެމަހެއްހާ ދުވަހުގެ ތެރޭގައި. އެއިޢްލާނަށް އިޖާބަދީފައި، އެ އިޢްލާނަށް ޝައުޤުވެރިކަން ހާމަކޮށްފައި އެބަވޭ 14 ފަރާތަކުން. އަޅުގަނޑުމެން ބޭނުންވަނީ، އެއްފަރާތް. ނުވަތަ ގިނަވެގެން 7 ފަރާތް. 14 ފަރާތް ޝައުޤުވެރިކަން ހާމަކޮށްފައިވޭ. ސަރުކާރަށް އޮތީ، މިހާރު އެ 14 ފަރާތުގެ ތެރެއިން އެންމެ ރަނގަޅީ ކޮންބައެއްތޯ ހޯދުމުގެ މަސައްކަތް. އެމަސައްކަތް ކުރުމަށް، ސަރުކާރުން އެފަރާތްތަކުގައި މިއެދެނީ، އެމަސައްކަތް ކުރާނެ ގޮތުގެ ތަޞައްވުރެއް ސަރުކާރަށް ހުށަހަޅާށޭ. އެހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން މިގޮތެއް މި ނިންމަންޖެހެނީ. މިއީ، އަޅުގަނޑަށް ޔަޤީން. އަޅުގަނޑު މީގެ ހަމަސްދުވަހުގެ ކުރީގައި އަދި ނުވަތަ މީގެ އަހަރެއްހާ ދުވަހު ކުރީގައި އަޅުގަނޑުމެން މި މޮޑެލް ނުވަތަ މިގޮތް އެކުލަވާލެވެމުން އައިއިރުގައި އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ބަޙުޘް ވަރަށް ގިނަވި. މިގޮތަށް މިމަސައްކަތް ކުރެވިދާނެ ކަމަށް. އެހެންނަމަވެސް އަޅުގަނޑު، ހަމަ އަޅުގަނޑަށް ވަރަށް ބޮޑަށް ޔަޤީން. އަޅުގަނޑު މިސާލަކަށް މާރިޔޯ އަރިހުގައި، މިކަން މިއީ މިގޮތަށް ކުރެވެން އޮތް ކަމެއްތޯ؟ ހަމަ ވަގުތުން އެބަ ބުނުއްވާ އާއެކޭ، ތިޔަކަމުގެ ވިސްނުންވެސް، ގޮތްވެސް، އެމީހުން ރަށުގައި އެކަން ކޮށްފައި ހުންނަނީ އެގޮތަށް.

ރިޒޯޓަކީ ޤައުމެއް ނޫން. ޢާންމު ޚިދްމަތްތަކަކީ ވަކި ކުންފުންޏަކުންދޭ އެއްޗެއް. އެއީ ހޮޓާ ހިންގާ މީހުން ކުރާ ކަމެއް ނޫން. މިހާރު މިރާއްޖޭގައި މި ހޮޓާ ހިންގާ އުޞޫލުން، ގޮތުން، ހޮޓާ ހިންގުމުގެ ބޮޑު ބަޔަކަށް ވެފައި މިއޮންނަނީ، ފެނާއި، ނަރުދަމާއާއި، ކަރަންޓް ހިންގުން. އަދި ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމެއްވެސް ހިންގުން. އެހެންވީމާ، އެމީހުންނަށްވެސް މިއީކީއެއް ފަސޭހަ ގޮތެއް ނޫން، ޙަޤީޤަތުގައި، މިކަން ކުރާކަށެއް. އެހެންވީމާ، އަޅުގަނޑުމެން، އެމީހުންނަށް ބީރައްޓެހި ނޫން ގޮތެއް ހުށަހެޅީމާ، އެމީހުންނަށް ވަރަށް ފަސޭހަ، އެގޮތް ބަލައިގަންނަން. އަޅުގަނޑަށް ހަމަ ވަރަށް އިތުބާރާއެކީގައި، ޔަޤީންކަމާއެކީގައި، ތިޔަބޭފުޅުންނަށް ދެންނެވެން އެބައޮތް، އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ތިޔަބޭފުޅުންގެ ފެނާއި، ނަރުދަމާ އާއި، ކަރަންޓްގެ މަސައްކަތް މިރަށުގައި ފެށޭނެއޭ. އެމަސައްކަތް ފެށުނީމާ، މިރަށުގެ އިންޖީނުގެ، ތިޔަބޭފުޅުންގެ 24 ގަޑިއިރުގެ ކަރަންޓާއި އަދި އިންޖީނުގެއާ ގުޅޭ އެތައްއެތައް މައްސަލައެއް ތިޔަބޭފުޅުން އެބަ ފާހަގަކުރައްވާ. ތިޔަބޭފުޅުންނަށް އެބަ ފެނިވަޑައިގަންނަވާ. މިހާރު އިންޖީނުގޭގެ މައްސަލަ ތިޔަބޭފުޅުންނަށް ވަރަށްބޮޑުވެފައި ތިޔައޮތީ. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެމައްސަލައާ މި ކުންފުންޏާ ޙަވާލުވާނެ. މިރަށު ރައްޔިތުން ސްވިޗް ދިއްލީމާ، ސްވިޗް ޖެއްސީމާ، ބޮކި ދިއްލޭގޮތަށް، ފަންކާ ރެގިއުލޭޓަރ އަނބުރާލީމާ، ފަންކާ އެނބުރޭގޮތަށް، ދޮންނަ މެޝިން ޖެއްސީމާ، ދޮންނަ މެޝިންޖެހޭގޮތަށް. އިސްތިރި ޖެއްސީމާ، އިސްތިރިޖެހޭ ގޮތަށް. އައިސް އަލަމާރި ޖެއްސީމާ، އައިސް އަލަމާރިޖެހޭގޮތަށް، މިރަށު މީހުންނަށް ހުރީމާ، އަޅުގަނޑަށް ހީވަނީ އޭގެ ދުރަށް ރަށުމީހުން މި ކަރަންޓްގެ ކަންތަކުގައި އުޅޭނެ ކަމެއް ނެތް.

އަޅުގަނޑުމެން 1980 އިން ސުރެންފަށައިގެން ވިޔަފާރިވެރިން، ރިޒޯޓް ހިންގާ މީހުން، ތަންކޮޅެއް އަތްމަތި ތަނަވަސް މީހުން، ރަށްރަށަށް 50 ކިލޯއިން 20 ކިލޯއިން 200 ކިލޯއިން ޖަނަރޭޓަރ ދެމުން ގެންދިޔައީ. އެއިން އެއްވެސް ޖަނަރޭޓަރެއް، އެއިން އެއްވެސް ކަމެއް ދެމެހެއްޓެނިވި ގޮތުގައި، ފައިދާއެއް ހިނގަހިނގާ، ތަރައްޤީވެގެނެއް މިއަދާ ހަމައަށް އައިސްފައެއް ނެތް. މިކަން މިހެން ނުވަނީ، ކޮންމެ ފަހަރަކުވެސް ވަރަށް ބޮޑަށް ސިޔާސީ ބޭނުމަކަށްޓަކައި އިންތިޚާބު ގާތްވީމާ، މީހަކު އައިސް ޖަނަރޭޓަރެއް ދީފައި، ދެން އެއިން ސަލާމަތް ނުވެވިގެން ޙަޤީޤަތުގައި ރަށު ރައްޔިތުން އުޅެންޖެހެނީ އަނެއް ފަސް އަހަރު. އެދުވަހު ތިބޭނީ ވަރަށް އުފަލުން، މި ޖަނަރޭޓަރު ލިބުނީމާ. އެކަމަކު އެއަށްވުރެ ބޮޑު ދަންތުރައެއް، އެންމެފަހުން އައިސް ދޮޅު އަހަރެއްވަރުވާއިރުގައި ރައްޔިތުން ޖެހިފައެއް ނޯވޭ. އެއަކުން އެއްގޮތަކަށްވެސް ނެއްޓެވޭގޮތެއް ނޯވޭ. ދެން އެއަށް ލައްވާ ބެއަރރިންގާއި، އެއަށް އަޅާ ތެލާއި، އޭގެ ގެއާ، އެއަށް ބިލު ހަދާގޮތާއި، އެކަންކަމުގައި ރަށުތެރޭގައި ޒުވާބު ކުރަމުން ދުވަންވީ. މި އުނދަގުލުގައި ރާއްޖޭގެ ގިނަ ރަށްރަށުގެ، ޚާއްޞަކޮށް ކުދި ރަށްރަށުގެ ރައްޔިތުން މިއުޅެނީ.

މި ސަރުކާރަށް ކުދި ރަށްރަށަކީ، ވަރަށް މުހިންމު އެއްޗެއް. އަޅުގަނޑުމެންގެ ތަޞައްވުރުގައި، އަޅުގަނޑުމެންގެ ސިޔާސަތުގައި ވަރަށް ބޮޑަށް އެކަން ސާފުވާނެ. އަޅުގަނޑުމެން ވަކާލާތު ކުރަމުން އައިން، ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ޤައުމެކޭ. ދިވެހިރާއްޖޭގެ އެންމެބޮޑު އެއް ސިފައަކީ، ކުދި އާބާދީތަކުގެ މައްޗަށް އެކުލެވޭ ބައިވަރު ރަށްތަކެއް އޮވެ، އެ ޠަބީޢަތުގައި، އެ ފިޠުރަތީ ގޮތުގައި ހިނގާ ތަނެކޭ މިއީ. އަޅުގަނޑުމެން ވަރަށް ކުރީގައި އެކަން ދެނެގެންފިން. އަޅުގަނޑުމެން އެންމެ އަޅާލާނީ ކުދި ރަށްރަށަށް. އެއީ، އަޅުގަނޑުމެންގެ ސިޔާސަތު ބިނާވެފައި އޮތީ، މި ކުޑަ ޔުނިޓް، ކުޑަރަށް، އެއީ މަސައްކަތްކުރާ ރަށަކަށް، ދެކޮޅުޖެހޭ ރަށަކަށް ހެދުނީމާ، ޙަޤީޤަތުގައި ދިވެހިރާއްޖެ މަސައްކަތް ކުރާނީ. ރާއްޖޭގެ ގިނަ ރަށްރަށަކީ، ކުދި ރަށްރަށް. ރާއްޖޭގައި ގިނައީ، 700 މީހުންނަށްވުރެ މަދުން މީހުން އުޅޭ ރަށްރަށް. ދެން، އެރަށްރަށް ގެންގޮސް އެއްފަސްކުރަންވެގެން ބަލައިފިއްޔާ، އެއީ ދަންނަވަންތޯ؟ ކޮންމެ ގެއަކީ ފަސްލައްކަ ރުފިޔާ. އެންމެ މަދުވެގެން ގެ އެކަނި. އެ ގެއާ ގުޅޭ، ފެނާއި، ނަރުދަމާ އާއި، ކަރަންޓާ، މަގާ. ވީމާ އެއީއަކީއެއް ޙަޤީޤަތުގައި ސަރުކާރަކަށް ކުރެވޭނެވަރުގެ ކަމެއް ނޫން. ގެންގޮސް ހުރިހާ އެންމެން އެއްތަނަކަށްލުން.

އަޅުގަނޑުމެން މިބުނަނީ، އެހެން ގޮތަކަށް. އަޅުގަނޑުމެން މިބުނަނީ، 1. އަޅުގަނޑުމެންގެ ދެވަނަ އަމާޒަކީ އެންމެ މުހިންމު، މި ޚާއްޞަކޮށް މިއަތޮޅަށް އަޅުގަނޑުމެންގެ އެންމެ މުހިންމު އަމާޒަކީ، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން މިއަތޮޅުގެ ހުރިހާ ރަށްރަށެއް ގުޅާލުން އަދި މާލެއާވެސް، މާލެއަތޮޅު ދެކުނުބުރިއާވެސް. އަދި މ.އަތޮޅާވެސް. ފ. އަތޮޅާވެސް. މިރަށްތައް ގުޅާލުން. އަޅުގަނޑުމެން އެކަމަށް އެމަސައްކަތް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކެއް ހޯދުމަށް، މީގެ ހަމަ ދޮޅުމަހެއް، ދެމަހެއްހާ ދުވަހުގެ ކުރިން އަޅުގަނޑުމެން އިޢްލާނު ކުރިން. ސަރުކާރުން އިޢްލާނު ކުރީމާ، އެކަމަށް ޝައުޤުވެރިވާންވެސް އެބަތިބޭ 12 ފަރާތް. އެހެންވީމާ، މިކަންވެސް ހަމަ ރަނގަޅަށް، ވަރަށް ރަނގަޅަށް ހިނގާނެ.

ދިވެހިރާއްޖޭގައި އެބައޮތް ވަރަށް އަގުހުރި ރައުސްމާލެއް. ވަރަށް އަގުހުރި މުދަލެއް. އެއީ، ރާއްޖެ. ރާއްޖޭގެ ގޮނޑުދޮށްތައް. ރާއްޖޭގެ ބިން. ރާއްޖޭގެ ބިމަކީ އަޅުގަނޑުމެން ހީކުރާވަރަށްވުރެ މާ (ރަނގަޅު ބިމެއް.) އަޅުގަނޑުމެން ހީކުރީ އެއީ، ވައްލަ ބިސް އަޅާން ހަމައެކަނި ރަނގަޅު ތުނޑިތަކެއް ކަމަށް. އެކަމަކު މިހާރު އަޅުގަނޑުމެންނަށް އެނގެނީ، މިއީ، ހަމަ ރަންބިސް އަޅާ ކުކުޅުކަން. މިބިމުން ތަންކޮޅެއް މީހަކަށް ދުވަސްކޮޅަކަށް ކުއްޔަށް ދިނީމާ، ދެން އެމީހަކު އެއްބަސްވެއޭ، އެހުންނަނީ އިނގޭތޯ، ރަން އިލޮށިން ކަދުރު ކާންދޭންވެސް. އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ ޤުދްރަތީ ވަސީލަތްތައް އެހާމެ ގިނަ މުއްސަނދި ޤައުމެކޭ. އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނަގައިދީފައި މި ހުންނަނީ، އަޅުގަނޑުމެންނަކީ ތަނަވަސް ބައެއް ނޫނޭ، ފަޤީރުބައެކޭ. އެހެންވީމާ ހެދޭނީ، ކުރެވޭނީ، ވަރަށް ކުޑަކުޑަ މަސައްކަތެކޭ. އޭގެ އަނެއް ވިސްނުމަށް އަޅުގަނޑުމެން ދިޔައިމާ، އަޅުގަނޑުމެންނަށް މި އެނގެނީ، އެއީ އެހެން އޮތް ކަމެއް ނޫންކަން.

އެހެންވީމާ، އަޅުގަނޑުމެން މިބުނަނީ، ރާއްޖޭގެ ދިހަހާސް ގެ އެޅުމަށް އަޅުގަނޑުމެންގެ މަޝްރޫޢެއް އެބައޮތޭ. އޭގައިވެސް ހަމަ އަޅުގަނޑު އެދެން، ތިޔަބޭފުޅުން އެ ސުވާލު ކުރައްވަން. ކޮބައިތޯ ފައިސާ ހޯދާ ގޮތަކީ. ވަރަށް ފަސޭހަ، ހަމަ އެކަމުގައިވެސް. އަޅުގަނޑުމެން މިބުނަނީ ކޮންމެ އެއްހާސް ގެއަކާ ގުޅިފައި އެބައޮތޭ ސަތޭކަ ޓުއަރިސްޓުންގެ މުއްސަނދިންގެ ގެއާ. އެމީހުން މިސާލަކަށް، ބޮޑުމޮހޮރާގައި ނަމަވެސް، އެ ވިލާ، ނުވަތަ އެ ދެން ޢާންމު ޓުއަރިޒަމްގެ ރިޒޯޓާ ކުޑަތަންކޮޅެއް ތަފާތުކޮށް ހިނގާ މަސައްކަތެއް. އެހެން ނަމަވެސް، ދެން ފަސޭހަކޮށްލަން ކިޔުއްވާ، ހަމަ ޓުއަރިޒަމޭ. އެއާ، އަޅުގަނޑުމެން މި އަޅާ ގެދޮރާ ގުޅުވީމާ. އަނެއްކާ ގެދޮރުވެސް ހަމަ އެހާ ފަސޭހައިން އެޅެން އެބަހުރި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިއަތޮޅުގައި ތިރީސް ގެ، ތިންސަތޭކަ ގެ، މާފުކުރައްވާ! އެއީ ތިރީސް ލަގްޒަރީވިލާއާ ގުޅިގެން، ތިންސަތޭކަ ފްލެޓް، މިއަތޮޅުގައި އެޅޭނެ. އެގޮތުން، މިރަށުގައި އަޅުގަނޑުމެން ލަފާ މިކުރަނީ، ގާތްގަނޑަކަށް ފަންސާހަކަށް ފްލެޓް މިވަގުތު އިހަށް އަޅަންވެއްޖެއޭ. ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ތިޔަބޭފުޅުންނަށް އެތަންތަން މިލްކުވާގޮތަށް.

އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާކަށް ނުޖެހޭނެ. މިހާރު ތިޔަބޭފުޅުން، ގެ އަޅުއްވާ ގޮތް. ކަންނެލި އޮޑިއެއްގައި، ނުވަތަ ރިޒޯޓެއްގައި ދެތިން އަހަރު މަސައްކަތް ކޮށްލީމާ، އަލަތު ކައިވެންޏާ އެކީގައި، ފަހަރެއްގައި، އެއްއަހަރު އައިސް ގާކޮޅެއް އަޅާލަފާނެ. އަނެއް އަހަރު ފައުންޑޭޝަން ދަމާލަފާނެ. އަނެއް އަހަރު ފާރުކޮޅު ރާނާލަފާނެ. ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލަފާނެ. އަނެއް ރޯދައަށް ފަހަރެއްގައި ހިޔާކޮށްލެވިދާނެ. ކައިވެނި ރޫޅޭއިރުގައި، ގެ ކިރިޔާ ނިމެނީ. އަނެއްކާ އަލުން އަނބުރާ ފަށަންވީ. އަނެއް ކައިވެންޏާ އެކީ. ދުވަހަކު މިއިން ތަނަކަށް ވަދެވުނު ގޮތެއްވެސް ނޫން. ވަދެވުނު މީހުންނަށް 12، 13 އަހަރުގެ މިކޮޅުން، ވަދެވުނު ބޭފުޅަކު މިތަނުގައި ހަމަ އިންނެވިއްޔާ، އަޅުގަނޑު ބަލާލަންވެސް ބޭނުން. އަޅުގަނޑަށް އެނގޭ ނެތްކަން. ދެން އެންމެފަހުން އައިސް ގެ އަޅާ ނިމޭއިރުގައި، އެއިން ގެއަކަށް ދޮޅުމިލިއަން ރުފިޔާ ޚަރަދުވޭ. ވީއިރު މިއިން ގެއެއް އެޅޭ ފަސްލައްކަ ރުފިޔާއިން. މިހާބޮޑު ގެއްލުން ދައުލަތަށްވެސް ވަމުން މިދަނީ. ރާއްޖެއަށްވެސް. މި ފަސްލައްކަ ރުފިޔާއާއި، ދޮޅުމިލިއަން ރުފިޔާއާ، އޭގެތެރޭގައި އެއް މިލިއަން ރުފިޔާގެ ގެއްލުން، ކޮންމެ ގެއަކުން މުޅި އިޤްތިޞާދަށް އެބަވޭ. އެހެންވީމާ، މީގެ ބުއްދިވެރި ގޮތަކީ، އަޅުގަނޑުމެން އަޅާފައި، ތިޔަބޭފުޅުންނަށް ދިރިއުޅެން ދިނުން. މަހެއްގެ މައްޗަށް ހާހެއްހާ ރުފިޔާއަށްވުރެން ގިނައިން ދައްކަން ޖެހިގެން ނުވާނެ. ދިގު މުއްދަތުގައި ގެންގޮސް ދައްކައި، އެ ޚަލާޞް ކުރެވެން ޖެހޭނެ. އެ ހިސާބު ދިމާވެއޭ. އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ. އަޅުގަނޑުމެން މިތިބީ، އެކަން ކުރަން.

މިއަދު އަޅުގަނޑު ދަންނަވާކަށެއް ނެތިން. އެއީ ހަމަ އިންތިޚާބަށްޓަކައި. އަޅުގަނޑުމެން ގޮނޑި ބޭނުން. ތިޔަބޭފުޅުންނަށް އެކަންވެސް އޮޅުވާލާކަށް އަޅުގަނޑު ނެތިން. ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެއް އަޅުގަނޑުމެންނަށް ލިބިގެން، އަޅުގަނޑުމެންނަށް ރީތިކޮށް މިކަން ކުރެވޭނީ. ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެއް ނެތިގެނެއް، އަޅުގަނޑުގެ މުސާރައަކުން އެންމެ ހަތަރުއަނާއެއްވެސް މަދުވަނީކީއެއްވެސް ނޫން. އެހެން ނަމަވެސް، މި ސަރުކާރު މި ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށް. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް، ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށް. އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދުވެސް ބިންވަޅު ނެގިފައި އޮންނާނެ. މި ދައުލަތަށް، މި ރާއްޖެއަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ، ޙަޤީޤަތުގައި ތިޔަބޭފުޅުންގެ ފައިސާއޭ. ތިޔަބޭފުޅުން، އަޅުގަނޑުމެންނާ ޙަވާލުކޮށްފައި މިވަނީ، އަމާނާތްތެރިކަމާއެކީގައި، އެއަށް ޚިޔާނާތްތެރިނުވެ، ހަމަހަމަގޮތުގައި އެފައިސާ ބޭނުންކުރަން. އަޅުގަނޑުމެންގެ ވާޖިބަކީ ވަކި ޕާޓީއަކަށް، ވަކި ވިސްނުމަކަށް، ވަކި ފިކުރަކަށް، ވަކި މަގާމަކަށް، ވަކި ފެންވަރަކަށް، ވަކި ޢާއިލާއަކަށް، ވަކި ރަށަކަށް ނުބަލައި، ދައުލަތުގެ ޚަޒާނާ، ހަމަހަމަގޮތުގައި ތިޔަބޭފުޅުންނަށް އެ ބޭނުންކުރެއްވުން. އަދި އަންނަން އޮތް ޖީލުތަކަށް، މި ރާއްޖެ ސަލާމަތްކަންމަތީގައި ރައްދުކުރެވޭނެ ގޮތަކަށް ރާއްޖޭގެ އިޤްތިޞާދު ރާވާފައި ބެހެއްޓުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން.

ދެން ތިޔަބޭފުޅުން އަޅުގަނޑު ކައިރީގައި، ކޮންކަމަކާހެއްޔޭ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކާ މިކަމާ ކޮން ގުޅުމެއްހޭ އޮތީ އައްސަވައިފިނަމަ، ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، ޤާނޫނުއަސާސީ މުޅިން އިޞްލާޙުވެ ނިމިއްޖެ. އެ ޤާނޫނުއަސާސީ އިޞްލާޙުކޮށް، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ނޫންގޮތަކަށް މިބަދަލުތައް ގެނެވޭކަށެއް ނެތް. ގެނައުން ބުއްދިވެރިއެއްވެސް ނޫން. 64 ޤާނޫނު މިހާރުން މިހާރަށްވެސް އެބަ ބޭނުންވޭ، މި ޤާނޫނުއަސާސީ ތަންފީޒު ކުރުމަށްޓަކައި. މިއަދާ ހަމައަށްވެސް. ދެން މިދިޔަ 30 އަހަރު މިއިން އެންމެ ޤާނޫނެއް ނުހަދާތިބި ބަޔަކު، އަނެއްކާ، އަޅުގަނޑުމެންނަށް އެކަން ކޮށްދޭނެ ކަމަށް. އަޅުގަނޑަށް ޔަޤީން. ތިޔަބޭފުޅުންވެސް ކޮންމެހެން އެހެން ގަބޫލެއް ނުކުރައްވާނެކަން. މިއޮއްހާ ދުވަހު، މިހުރިހާ ޤާނޫނެއް ހެދުމަށް ހުރަސްއެޅުއްވި ބޭފުޅުން، އަނެއްކާ ހަމަ ނުކުންނަވާފައި ވިދާޅުވަނީ، ނޫން، ނޫން، ނޫން ތިމަންނާމެންނޭ އެންމެ ރަނގަޅީ މިކަން ކުރަން. އަޅުގަނޑަކަށް ހިއެއްނުވޭ، އޭގައި ދެކޮޅުޖެހޭ ވާހަކައެއްގެ ގޮތުގައި ތިޔަބޭފުޅުންވެސް ޙަޤީޤަތުގައި. އަޅުގަނޑު މީހަކަށް ބަދު ބަހެއް ބުނަން އުޅެނީއަކީއެއް ނޫން.

އަޅުގަނޑުމެން ހަމަ މިހުރިހާ ކަމެއްގެ އިތުރުން، އެންމެބޮޑަށް ފާހަގަކުރާ އެއްކަމަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެކޭ. ތަރައްޤީއަށް އެޅޭ އެންމެބޮޑު ހުރަހަކީ، ކޮރަޕްޝަން. މިސާލަކަށް، އަޅުގަނޑަށް އެބައޮތް މިއަދު ހަމަ. ހަމަ އަނެއްކާވެސް އަޅުގަނޑު ހަމަ މިސާލަށްދާނީ. މާރިއޯ ކައިރީގައި ބުނަން، ތިމަންނާއަށް، މަށަށް، އަޅުގަނޑަށް ދެހެރޭ އަޅުގަނޑުގެ ގެ ދިހަބުރިއަށް ނަގާހާ ޑޮލަރު. މިހިރަ ތަނުން ކޮންޓްރެކްޓެއްދޭނަމޭ. އެހެރަތަނުން އަނެއް ކަމެއް ކޮށްދޭނަމޭ. އަޅުގަނޑަށް ހަމަ ޔަޤީން. އެކަން ހަމަ މިއަދުން މިއަދަށް ކުރެވެން އެބައޮތްކަން. އަދި އަޅުގަނޑު ނަންތައް ނުބުންޏަސް ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. އެހެން ދިހަބުރިއަށް މާލޭގައި ނަގާފައި ހުރި ގެ. އޭގެ ބަދަލުގައި އަޅުގަނޑުމެން މިބުނަނީ، އޭނާ ކައިރީގައި، ގެ އަޅަން ނުހަދާށޭ ދެން މިހާރު. ހިނގާށޭ މިތާ ފެނާއި، ނަރުދަމާއާއި، ކަރަންޓާ އަޅަން. އޭނާއަކަށް މައްސަލައެއް ނެތް. ހަމަ ލާރި އޭނާ އަތުން ދަނީ. ހަމަ ކުރީގައިވެސް މި ޕްރައިވެޓް، ޕަބްލިކ،ް ޕާޓްނަރޝިޕޭ އަޅުގަނޑުމެން މިކިޔަނީ. މިބާވަތުގެ ކަމަކަށް. ކުރީގައި ވެގެން މިދިޔަ ގޮތަކީ ޕަބްލިކް، ސަރުކާރު. އެއީ ތިމަންނާ ކަމަށް ބަޔަކު މީހުން ދުށީ. ސަރުކާރަކީ މަށޭ. ނޫން. ނޫން. ސަރުކާރަކީ ތިޔަބޭފުޅުން. އަޅުގަނޑުމެންނަކީ ހަމައެކަނި ތިޔަބޭފުޅުންނަށް ޚިދްމަތް ކޮށްދިނުމަށް، މަސައްކަތް ކޮށްދިނުމަށް މިތަނުގައި ކުޑަކުޑަ އިރުކޮޅަކު ތިބޭ ބައެއް. ތިޔަބޭފުޅުން ފޫހިވީމާ، ކަމުނުދިޔައީމާ، ދުރަށް ޖެހެން ތިބޭ ބައެއް.

އަޅުގަނޑުމެންނަށް ވަރަށް މުހިންމު. ތިޔަބޭފުޅުންނަށް އަޅުގަނޑުމެންނަށް ޚާއްޞަކޮށް، މިވަގުތު އަޅުގަނޑަށް އެނގޭ. މި ޑިމޮކްރަސީ އަޅުގަނޑުމެންގެ ތެރޭގައި އަށަގަންނައިރުގައި، އާލާވާއިރުގައި، ދަތް ފަޅާއިރު ތަދުވާނެ ކުޑަކުދިންނަށްވެސް. މީގައި އިމުން ބޭރަށް ނެއްޓިގެންދާނެ. އެކަމަކާ އަޅުގަނޑު ކަންބޮޑެއްނުވޭ. އަޅުގަނޑާ ދިމާއަށް މަލާމާތްވެސް ކުރައްވަންވީ. ފުރައްސާރަވެސް ކުރައްވަންވީ. ހަޖޫވެސް ޖަހަންވީ. ފާޑުވެސް ކިޔުއްވާ! އަޅުގަނޑު ރުޅިއެއް ނާންނާނެ. އަޅުގަނޑަށް އެކަންކަން ހަޖަމު ކުރެވޭނެ. ކޮންމެފަދަ އެއްޗެކޭވެސް ތިޔަބޭފުޅުން ކިޔުއްވަންވީ. އަޅުގަނޑަށް އެނގޭ. ޚާއްޞަކޮށް، މިވަގުތު.

އެނގިވަޑައިގަންނަވާތޯ؟ މިދިޔަ ނަގައިގަތް ސަރުކާރު، އެ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި، 432 މީހުން ހިފާ ހައްޔަރު ކުރި. ދެން ކިހިނެއްތޯ؟ ކެރޭނީ މީހަކަށް ކަމެއް ދަމެއްގެ ވާހަކަ ދައްކާލަންވެސް. އެދިޔަ 30 އަހަރު އެދިޔައީ އެ ބިރުގައި. އަޅުގަނޑު ބޭނުމެއް ނޫން، މިއަދު، އެބިރު، ހަމަ އެއްވެސް މީހަކަށް ދައްކާކަށް. އަދި އެއްވެސް މީހަކަށް، އެ ބިރުގަންނަ ގޮތެއްވާކަށްވެސް. އަޅުގަނޑަށް އެނގޭ، ސިވިލް ސަރވިސްގެ ތެރެއިން ވަރަށްގިނަ ބޭފުޅުންނަށް، ހަމަ އެއްގޮތަކަށްވެސް ހަޖަމު ނުކުރެވޭކަން، އަޅުގަނޑުމެންގެ ވެރިކަން. އެއީ، އަޅުގަނޑަށް އެނގޭ. ސިވިލް ސަރވިސް އުފެދުނީ ކިހިނެއްކަންވެސް. ހަމަ، ގޭ އުނދޯލީގައި ތިބެފައި، އޭނައާއި، އޭނަ ކޮއްކޮއާއި، އޭނަ ބޭބެއާއި، ދެން އޭނަ ކޮއްކޮގެ އަންހެނުންގެ ދައްތަގެ ކޮއްކޮއާ، އެއީ ސަރުކާރު މުވައްޒަފުންނޭ ބުނީމާ، ސަރުކާރު މުވައްޒަފުންނަށްވީ.

އަޅުގަނޑުމެން މިދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ބުނީ، ނޫން، ނޫން، އެހެން އަދި މުޅިއަކުން ފަރަކު ނުޖެހޭނެއޭ. ހިނގާށޭ، ސިވިލް ސަރވިސްއޭ ކިޔާ އޮނިގަނޑެއް ހަދަން. ޤާނޫނެއް. އެކަމާ އެހާ އިދިކޮޅު ހެއްދެވި. އަޅުގަނޑުމެން ހެދި ސިވިލް ސަރވިސްއެއް. އަޅުގަނޑުމެން ބޭނުމެއް ނޫން، އެ ސަރވިސް ރޫޅާކަށް. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން، އަޅުގަނޑެއް ބޭނުމެއް ނޫން، އެއިން އެއްވެސް ބޭފުޅަކަށް ހަމަ އެ ސަތޭކައިން ސަތޭކަ ޔަޤީން. ކޮރަޕްޝަން. ރިޝްވަތު ނުހިފާ، ޚިޔާނާތްތެރިނުވެ، ރައްޔިތުންނަށް އަނިޔާވެރިނުވެ، ސަރުކާރުގެ ވަޒީފާގެ އެ އޮނިގަނޑުގައި ހިފަހައްޓަވަންޏާ، އަޅުގަނޑުމެންނެއް ބޭނުމެއް ނޫން، އިތުރު ވާހަކައެއް ދައްކާކަށް. އިތުރު ކަމެއް ކުރާކަށް. އެކަންވާނެ.

އަޅުގަނޑުމެން މި އުންމީދުކުރާ އުންމީދު، އިރާދަކުރެއްވިއްޔާ، ޙަޤީޤަތްތަކަކަށް ހަމަ ބަދަލުވަމުން މިދަނީ. އެ ކޮންއިރަކު ހެއްޔޭ ސީދާ ކޮންކްރީޓް ފެންނާނީ. އެއީ ސުވާލަކީ. ކޮންއިރަކުތޯއޭ މިސްކިތް އަޅަން ބިންގާ އެޅޭނީ. ދެން އެސުވާލުގެ ޖަވާބުގައި ވޯޓު ހޯދަންވެގެން އަޅުގަނޑު މިއައީ. ހައެއްކަހާސް ރުފިޔާ، އަޅުގަނޑުގެ ޅިޔަނު ދޭލިޔާއަށް ދީފައި،އޭނާ ކައިރީގައި އައިސް މިބުނީ، މިތަނުގައި ކޮބާ، ވޯޓު އެބައާދެއޭ. ބިންގާ އަޅާލަންވީ ނޫންހޭ؟ ތިޔަބޭފުޅުން ގަބޫލުވެސް ކުރާނެ. ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގޭނެ. އަޅުގަނޑާއި އަޅުގަނޑުގެ ޅިޔަނާ ދެމީހުންވެގެން މިތަނުގައި ބިންގާ އަޅާލެވިދާނެކަން. އަދި މިސްކިތެއްވެސް އަޅާލެވިދާނެކަން. އެކަމަކު، އެމިސްކިތެއް އެއީ ދެމިހުންނާނެ މިސްކިތެއްވެސް ނޫން. އަދި އެޅިދާނެ މިސްކިތެއްވެސް ނޫން. އެއީއެއް ނޫން، އަޅުގަނޑުމެން މިއެދޭ ދެމެހެއްޓެނިވި ތަރައްޤީއަކީ.

ދެމެހެއްޓެނިވި ތަރައްޤީއަކީ، ކަމެއް ކުރަން އަޅުގަނޑުމެން ބޭނުންވީ. ބޭނުންވީމާ، ކުރަން ފަށަން މިޖެހެނީ އެހެން ކަމެއް. އެ، އަނެއް ކަންތައް ކުރަމުން ކުރަމުން ކުރަމުން އައިސް، އަޅުގަނޑުމެން ބޭނުން ކަންތައްވީމާ، ވާނެ. ދިގެއްވެސް ނުވާނެ. ވީމާ، ދެން އެވާއިރު، އެކަން ހުންނާނީ އަބަދަށް ދެމި. އަޅުގަނޑު ހަމަ އާދޭހާއެކު މިދަންނަވަނީ، ކުރީގައި ވިސްނި ވިސްނުން ދޫކޮށްލައްވާށޭ. ހަމައެކީގައި ދޫކޮށްލައްވާށޭ. ދޫކޮށްލައްވާފައި، އަޅުގަނޑުމެންނަށް މި ދެމެހެއްޓެނިވި ގޮތުގައި، އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ ދަރިންނަށްޓަކައި، މި އަޅުގަނޑުމެން މި ގޮނޑި ބޭނުންވެގެން އަންނަ މީހުން ތިޔަބޭފުޅުންނާ އެއްކަކު ނުތިބޭނެ އިނގޭތޯ. އެމީހުން ނުތިބޭނެ އެއްވެސްއިރެއްގައި. ސަރުކާރު އޮންނާނެ އަބަދުވެސް. އަބަދުވެސް ސަރުކާރު އޮންނާނެ. އެ ސަރުކާރު އަބަދުވެސް ތިޔަބޭފުޅުންނާ ގުޅޭނެ. އެއީ މި ސަރުކާރަށްވިޔަސް، އިއްޔެގެ ސަރުކާރަށްވިޔަސް. މިއަދު ތަންފުކެއް ރަނގަޅު މިވަނީ. މި ސަރުކާރު އަޅުގަނޑުމެން މިއުޅެނީ، ތިޔަބޭފުޅުންނާ ވާހަކަ ދައްކައިގެން މިކަން ކުރަން.

އަޅުގަނޑަށް އެނގޭ، މިރަށުގެ ކަންތައްތައް. ތިޔަބޭފުޅުން ބޭނުންފުޅުވެގެން އުޅޭ ބޭނުންތައް. އެއްވެސް ތަނެއްގައި އަޅުގަނޑަކަށެއް ނޯޅޭނެ. އަޅުގަނޑުގެ ޢުމުރުން 12 އަހަރުއްސުރެން ފެށިގެން ދަންނަން މިރަށުގެ ކަންތައްތައް. އަޅުގަނޑަށް، އިރާދަކުރެއްވިއްޔާ މިރަށަށް ކަންތައް ކުރެވޭނެ. އަދި ކުރަންވެސް އަޅުގަނޑު ބޭނުން. އަދި ކުރާނެވެސްމެ.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިތަނުގައި ބޭނުން ޔޮޓްމެރީނާއެއް ހަދަން. މިތަނަށް ވަޒީފާއާއި އަދި މިތަނަށް ޚިދްމަތްތައް ފޯރުކޮށްދެވޭނެ ގޮތެއް ހޯދަން. ސަރުކާރުން އެކަމަށް އިޢްލާނު ކުރާނީ، ތިޔަބޭފުޅުންނާ މަޝްވަރާ ކޮށްފައި. އިޢްލާނުކުރާ ގޮތަށް އޮތީ. އެހެންނަމަވެސް، އަޅުގަނޑު ބުނެފިން. ނޫން، ނޫން، މަޑުކުރާށޭ. އެމީހުން ބޭނުމީ ކޮންކަމެއްތޯ ބަލަން ހިނގާބަލާށޭ. ކޮންމެފަހަރަކު ރަށްރަށަށް އައިސް، ބަނދަރާއި އަނެއް އެއްޗަކާއި، އަނެއް އެއްޗަކާ ސަރުކާރުން ހަދަނީ. ހަދާއިރުގައި، ނޭނގެ. ބިންގާ އަޅާއިރުގައި އެންމެން ތިބެނީ ހަމަ ޤައުމީ ދިދަ ނަގައިގެން، ފޮތި ދަމައިގެން އަތް ޖަހަޖަހާ. ވަކި ހިސާބަކަށް ދިޔައީމާ، މި އެނގެނީ. މި ބަނދަރު ބޭނުމެއްވެސް ނުކުރެވޭކަން. ފައިކަށިވެސް ހުރީ ގޯސްކޮށްކަން. ރިވެޓްމަންޓްވެސް ހުރީ ގޯސްކޮށްކަން. ފައި. ދެން އަނެއްކާ ހަމަ އަންނަ ތަނުން ބުނާނެ އިނގޭތޯ. މިއަތަށް ފައިކަށި ދަމާލަން އެބަ ބޭނުންވެއޭ. ފައިކަށި 20 ފޫޓަށް ދިގުކޮށްލަން އެބަ ބޭނުންވެއޭ. މި ފައިކައްޓާއި ކަންކަށްޓާ، އެދޭތީގެ މައްސަލައިގައި، ބަނދަރެއްވެސް ރަނގަޅަށް ހެދިގެން މީހުންނަށް ބޭނުންކުރެވޭގޮތެއް ނުވޭ. 70، 64 ބަނދަރު މިހާރު އެބައޮތް ހަދަން ފަށާފައި ހަމަ މިދަންނަވާ ގޮތަށް. އެއްތައްގަނޑަކަށް. ގިނަ ބަނދަރު ހީވަނީ މަޑިވަޅެއްހެން. އަޅުގަނޑުމެން މިއެދޭގޮތަށް މިކަންކަން ބަދަލުކުރަން ބޭނުމިއްޔާ، ހަމަ ކިތަންމެ ކަމެއް އެބަ އަޅުގަނޑުމެން ބަދަލުކުރަންވޭ. ފުރަތަމަ ކަމަކަށް، އަޅުގަނޑުމެންގެ ވިސްނުން އެބަ ބަދަލުކުރަންޖެހޭ. އަޅުގަނޑުމެން މިތިބީ، މި ސަރުކާރު މިއޮތީ ތިޔަބޭފުޅުންނާ އެކީގައި މިކަންކަން ކުރުމަށް ތައްޔާރަށް. އަޅުގަނޑުމެން މިކަންކަން ތިޔަބޭފުޅުންނާ ގާތުން ނިންމުމަށްޓަކައި ލާމަރްކަޒީ އުޞޫލުން ކަންކަން ކުރަމުން މިގެންދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް ރަށު ކައުންސިލްގެ އިންތިޚާބާއި، އަތޮޅު ކައުންސިލްގެ އިންތިޚާބު އަންނާނެ. އަދި ޕްރޮވިންސް އޮފީސް އެހުރީ. ސީދާ އެބޭފުޅާއާ ތިޔަބޭފުޅުންނާ ގުޅޭނެ. ނަޢީމުއާ.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، މާދަމައަކީ، އަދި މިއަދަށްވުރެން މާ ފާގަތި ދުވަހަކަށްވުން. އަޅުގަނޑުމެންގެ ހަމަ މަންޒަރަކީ، އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑު އަނެއްކާވެސް ހަމަ ދަންނަވާނީ، ގުލްޒާރުގައި ނަޔާމަގޭ، ނޫރާނީމާ ފޮޅޭނެއޭ. ބުލްބުލްތަކާ ކޮކާތަކާ، ފަރިވާއިރުން އުޅޭނެއޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން، މިއުންމީދުކުރާ އަނެއް ދިވެހިރާއްޖެއަށް އަޅުގަނޑުމެންނަށް ދެވޭނެއޭ.

والحمد للّـه، ވަރަށް ބޮޑަށް ޝުކުރިއްޔާ.