بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑަށް އަނެއްކާ އަލުން އަނބުރާ ބާރަށަށް އާދެވުނީތީވެ އުފާކުރަން. އަދި ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ތިޔަދެއްވާ ތަރުޙީބާ، ތިޔަބަހައްޓަވާ މެހްމާންދާރީއަށްޓަކައި އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ނިހާޔަތަށް ޝުކުރުވެރިވަން. އަޅުގަނޑުމެން ވެރިކަމާ ހަވާލުވެ މިތިބީ ހަމައެކަނި ވެރިކަން ކުރުމުގެ ނިޔަތަކުއެއްނޫން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ރައްޔިތުންނަށް ފުއްދައިދިނުމަށް މަސައްކަތްކުރުން. ސަރުކާރެއް ހިންގަމުން އަޅުގަނޑުމެން ދާއިރުގައި، އެސަރުކާރަކުން ރައްޔިތުންނަށް ފޯރުކޮށްދޭނެ މައިގަނޑު ކަންތައްތަކެއްގެ ވާހަކަ، އިންތިޚާބުގެ ކެމްޕޭނުގެ ދުވަސްވަރުގެ ތެރޭގައި އަޅުގަނޑުމެން ދެންނެވީމު. އެވާހަކަތަކުގެ ތެރޭގައި، ދެންމެ އަޙްމަދުވެސް އިޝާރާތް ކުރެއްވިފަދައިން، އުމުރުން 65 އަހަރު ވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް، އަންހެނަކަސް، ފިރިހެނަކަސް، ދެހާހެއްހާ ރުފިޔާއެއްގެ ޕެންޝަނެއް އޮތުމަކީ މިސަރުކާރު އެދޭކަމެކޭ. އެއީ، ފުރިހަމަ ކޮށްދިނުމަށް މަސައްކަތްކުރާނެ ކަމެކޭ. މާތްރަސްކަލާނގެ އިރާދަފުޅާއެކުގައި، މިފަހަރުގެ ބަޖެޓުގައި އެފައިސާވަނީ ހިމެނިފައި. އެހެންވީމާ، އެއުމުރުގެ ކޮންމެ ބޭފުޅަކަށް، ކޮންމެ ރައްޔިތަކަށް ޕެންޝަނެއްގެ ގޮތުގައި ޖަނަވަރީމަހު އެއްވަނަ ދުވަހުއްސުރެ ފެށިގެން އިރާދަކުރެއްވިއްޔާ އެފައިސާ ލިބެން ފަށާނެ.

ހަމައެހެންމެ، އަޅުގަނޑުމެން ދައްކަމުން އަންނަ އަނެއްވާހަކައަކީ، ބޭސް ސިޓީ ހިފައިގެން ރައްޔިތުން ސަލާންޖަހަން އުޅުމަކީ މިސަރުކާރުން ބޭނުންވާނެ ކަމެއްނޫނޭ. މިފަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އަނެއްކަމަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ނިކަމެތި އެއްލައްކަ ރައްޔިތުންނަށް އިންޝުއަރެންސްގެ އުސޫލުން، އިންޝުއަރެންސް ކަވަރޭޖެއްދިނުން. ބޭސް ފަރުވާއަށް ބޭނުންވާނެ ޙާލަތުގައި އެރައްޔިތުންނަށް ބޭސްކުރެވޭނެގޮތެއް އަޅުގަނޑުމެން މިބަޖެޓުގައިވާނީ ފުރިހަމަކޮށްދީފައި. ހަމަޖައްސައިދީފައި. އެހެންވީމާ، އަނެއްކާ ދަންނަވާނީ، ޖަނަވަރީ އެއްވަނަ ދުވަހުއްސުރެ ފެށިގެން، ކޮންމެބޭފުޅަކަށްވެސް އިންޝުއަރެންސެއް ލިބިވަޑައިގަންނަވާނެއޭ. އެ އިންޝުއަރެންސް ބޭނުންކުރައްވައިގެން، ސަލާންނުޖަހައި ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު އިރާދަކުރެއްވިއްޔާ ހަމަޖެހިގެން ދާނެއޭ.

ތަކެތީގެ އަގު ހެޔޮކޮށްފައި ކޮންމެހެން ބަހައްޓާން އެބަޖެހޭ. ދިރިއުޅުމުގެ ޚަރަދު މާބޮޑުވެގެން ގޮސްފިނަމަ އެއީ އަޅުގަނޑުމެންނަށް ޒިންމާދާރު މާލީ ސިޔާސަތެއް ނުހިންގުނީ. މުދަލާ ޚިދުމަތުގެ އަގު އަތްފޯރާފަށުގައި ބެހެއްޓުން އެއީ އަޅުގަނޑުމެންގެ ވަޢުދެއް. އެއީ، އެމަގަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ރޭވުމަށްޓަކައި. މިހާރު މިބަޖެޓުގައި އަޅުގަނޑުމެން ހިމަނާފައިވާނެ، އެމަގަށް މަގުފަހިވާނެ ކިތަންމެކަމެއް. އެނގިވަޑައިގަންނަވާނެ، އޭގެކުރީގައިވެސް، ތެލުގެ އަގު، ޑީސަލްގެ އަގު މިހާރުވަނީ އެތައްތަނެއް ކުޑަކުރެވިފައި. ކުޑަކުރެވިފައި މިވަނީ ހަމައެކަނި ބައިނަލްއަޤްވާމީ މާރުކޭޓުގައި، ބާޒާރުގައި، އެ އަގު ދައްވީތީކީއެއްނޫން. ތިޔަބޭފުޅުން ބައްލަވައިފިނަމަ އެނގިވަޑައިގަންނަވާނެ. ސަރަޙައްދުގައިމިވާ އެހެން އަވަށްޓެރި ޤައުމުތަކަށްވުރެ ރާއްޖޭގައި، ޑީސަލްގެ އަގު ހެޔޮކަން. މީގެއިތުރުން، އަޅުގަނޑުމެން ޑިއުޓީ މިވަނީ ކަނޑާލާފައި. އަދި ދުޅަހެޔޮ ޞިއްޙަތަކަށް ބޭނުންވާ ކާނާއާއި، ކުޑަކުދިންނަށް ބޭނުންވާ ކާނާއާއި، ބޭހުގެ ޑިއުޓީވެސް އަޅުގަނޑުމެން މިވަނީ ކަނޑާލާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް، މިޖަނަވަރީމަހުއްސުރެ ފެށިގެން، އަޅުގަނޑު މިބަލަނީ ކުކުޅު ކިލޯއަކުން ފަސްރުފިޔާ ކަނޑާލެވޭތޯ. އަޅުގަނޑު ބޭނުން، ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނުންވެސް، ލޯޝަނުންވެސް، ސެންޓުންވެސް، އަދި އަންނައުނުންވެސް، ޓޮޕަކުންވެސް، ބެލްސަކުންވެސް، ބުރުގާއަކުންވެސް، މިހާރުހުރި އަގުން ކޮންމެވެސް އެއްޗެއް ކަނޑާލެވޭތޯ ބަލަން.

ތަކެތީގެ އަގު ހެޔޮކުރުން، އަގުހުރި ގޮތް އެއީ، އަޅުގަނޑު ކޮންމެދުވަހަކުވެސް ބަލަން ބޭނުންވާ ކަމެއް. އަޅުގަނޑުމެން ކެމްޕޭނުގައި، ނުވަތަ އަޅުގަނޑުމެންގެ މި ސަރުކާރާ އަޅުގަނޑުމެން ހަވާލުވެގެން ދިޔައިރުގައި، މާލިއްޔަތު އޮތީ ވަރަށް ހީނަރުގޮތަކަށް، ވަރަށް ހާލުގައި. ތަކެތީގެ އަގު އުފުލިގެންދިޔައީ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް އިޙުސާސްކުރަން ދަތި ބާރުމިނެއްގައި. އެހެންވީމާ، މިދިޔަ ދެހަފްތާ، އަޅުގަނޑުމެން އެންމެ ފުރަތަމައިނުންވެސް އަވަސްވެގަތީ، ތަކެތީގެ އަގު ހިފެހެއްޓޭނެ މާލީ ސިޔާސަތެއް ރޭވުމަށް. ތިންހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑު ނުދަންނަވާނަން، އަޅުގަނޑުމެންނަށް އެކަން ފުރިހަމަ ކުރެވިފައިވާ ކަމަކަށް. އެހެންނަމަވެސް، މިހާރު ބާޒާރުގައި އަގުތައް އެހުރީ ވަރަށްބޮޑަށް ހިފެހެއްޓިފައި. އެއީ އިރާދަކުރައްވައިގެން، އަޅުގަނޑުމެންގެ މާލީ ސިޔާސަތުން ފުރިހަމަކުރެވޭކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، ބަޖެޓުމެދުވެރިކޮށް ދެންކުރެވެން ހުރި ޚަރަދު ކުޑަކުރުން.

ބަޖެޓުގައި އަޅުގަނޑުމެން މިކަން ހިމަނައި، މިހެން ހެދީމާ، ސަރުކާރަށް އެބަ ގެއްލޭ ފައްސަތޭކަ މިލިއަން ރުފިޔާ. އެއީ، ތެލުގެ ޑިއުޓިންނާ، ކާބޯތަކެތީގެ ޑިއުޓީންނާ އަދި ބޭހުގެ ޑިއުޓީން، ޑިއުޓީ ކެނޑީމާ، ސަރުކާރުގެ އާމްދަނީއިން ފައްސަތޭކަ މިލިއަން ރުފިޔާ ގެއްލިގެންއެބަދޭ. އެއާމްދަނީ ހޯދުމަށް އަޅުގަނޑުމެން މިތަޢާރަފް ކުރަނީ، ފަސްލައްކަ ރުފިޔާއަށްވުރެ މަތިން ފައިދާވާ ކޮންމެ ކުންފުންޏަކުން، ވިޔަފާރީގެ ފައިދާއިން ޓެކްހެއްނެގުން. އެމަގުން އަޅުގަނޑުމެން މިދެކެނީ، މިއަހަރު މިއީ ފުރަތަމަ އަހަރުވީމާ، އަދި ފައްސަތޭކަ މިލިއަން ރުފިޔާއެއް ނުހޯދޭނެ. އެހެންނަމަވެސް، ވީމިންވަރަކުން އަޅުގަނޑުމެން މިފަހަރު އަންދާޒާ ކޮށްފައިވާނީ، އެޓެކްހުން، ވިޔަފާރިވެރިންގެ އަތުން ދުއިސައްތަ އެތައް މިލިއަން ރުފިޔާއެއް ނެގިދާނެކަމަށް.

އިމްޕޯޓް ޑިއުޓީން ފައިސާ ނެގީމާ، އެފައިސާ އެނެގެނީ އާންމު ރައްޔިތުންގެ އަތުން. ނިކަމެތިންގެ އަތުން. ތިޔައިން ކޮންމެ ބޭފުޅެއްގެވެސް ދަތްއުގުޅާ ބޭސް ފުޅިއަކުން، ފެއަރ އެން ލަވްލީ ފުޅިއަކުން، ނަގާ ޑިއުޓީ ހަމަ އެއްހަމަ، އެންމެ އާމްދަނީ ތަނަވަސް އެންމެ މުއްސަނދިމީހާ އަތުން ނަގާ ޑިއުޓީއާ. އަޅުގަނޑުމެން ނުދެކެން އެއީ އިންސާފުވެރި ގޮތެއްކަމަކަށް. އެހެންވީމާ، އަޅުގަނޑުމެން މިބަލަނީ ވިޔަފާރީގެ ފައިދާއިން ޓެކްހެއްނެގުމަށް. އެޓެކްސް އަޅުގަނޑުމެން ތަޢާރަފްކުރުމަށްޓަކައި އެކަމާގުޅޭ ބިލް މިހާރުވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި.

ހަމައެހެންމެ، ސަރުކާރުން ކުއްޔަށްދީފައިވާ، ދިގުމުއްދަތަށް ކުއްޔަށް ދީފައިވާ ރިޒޯޓުތަކުގެ މުއްދަތު އިތުރުކުރުންވެސް އަޅުގަނޑުމެންވާނީ މަޖިލީހަށް ހުށަހަޅައިފައި. އެއީ، ދެބޭނުމެއްގައި. އެއްބޭނުމަކީ، ހަމަ ސީދާސީދާ ސަރުކާރަށް އާމްދަނީއެއް ހޯދުން. ހަމަ ވަގުތުން ވަގުތަށް ހޯދަންޖެހޭ އާމްދަނީއެއް ހޯދުން. އަޅުގަނޑުމެން މިދެކެނީ އެމުއްދަތު އިތުރުކުރީމާ، މިއަންނައަހަރުގެ ތެރޭގައި 1.5 ބިލިއަން ރުފިޔާ ބަޖެޓަށް އިތުރުވެގެން ދާނެކަމަށް. ހަމައެހެންމެ، އަޅުގަނޑުމެން ބޭނުން ވިޔަފާރީގެ ފައިދާއިން ޓެކްހެއް ނަގާއިރުގައި، ވިޔަފާރީގެ ފައިދާ އިތުރުވާނެ ގޮތްގޮތް ކުންފުނިތަކަށް ހޯދައިދިނުން. އޭރުން ސަރުކާރުގެ މާލިއްޔަތަށް، ޚަޒާނާޔަށް ފައިސާ އިތުރުވެގެންދާނީ. ވިޔަފާރީގެ ފައިދާއިން އަޅުގަނޑުމެން ޓެކްހެއް ނަގާއިރުގައި، އެޓެކްސް ފުރިހަމަކުރުމަށްޓަކައި، އޭގެއިން ލިބޭ ފައިސާ އިތުރުކުރުމަށްޓަކައި، އާމްދަނީ އިތުރުކުރުމަށްޓަކައި، ވިޔަފާރިވެރިންނަށް ވިޔަފާރިކުރެވޭނެ އިތުރު ގޮތްތައް އަޅުގަނޑުމެން އެބަ ހަމަޖައްސައިދޭންޖެހޭ. އެހެންވެ، މިހާރު ފަންސަވީސް އަހަރަށް ކުއްޔަށްދީފައި ހުރި ރަށްރަށުގެ މުއްދަތު، ތިރީސް ފަސް އަހަރަށް ދީފައިހުރި ރަށްރަށުގެ މުއްދަތު ފަންސާސް އަހަރަށް އިތުރުކޮށްދިނުމުގެ ބިލެއް އަޅުގަނޑުމެންވާނީ މަޖިލީހަށް ހުށަހަޅާފައި.

އަޅުގަނޑުމެންގެ މިދަތުރަކީ، ޚާއްޞަކޮށް ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމަށްޓަކައި، ރާވަންޖެހޭ ރޭވުންތަކާ އަދި ރައްޔިތުންނަށް އޮޅުންފިލުވައިދޭންޖެހޭ މަޢްލޫމާތު އޮޅުންފިލުވައިދިނުމަށްޓަކައި ކުރާދަތުރެއް. އެނގިވަޑައިގަންނަވާނެ، މިއަދު ހަވީރު ދިއްދޫގައި އޮންނާނެ މަސައްކަތު ބައްދަލުވުމެއް. އޮންނައިރުގައި، އެބައްދަލުވުމުގައި އަޅުގަނޑުމެން މިއުންމީދުކުރަނީ، ހުރިހާ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވާނެކަމަށް. އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންގެ އިޙުސާސާ، ރައްޔިތުންގެ ރުހުމާ، ރައްޔިތުންގެ އެދުމާ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ސަރުކާރު ހިންގުން. އެކަން ކުރުމަށްޓަކައި ރައްޔިތުންނާ ގާތުން، ވެރިކަމުގެ ކަންކަން ނިންމަމުން ގެންދިއުމަކީ ކޮންމެހެން މުހިއްމުކަމެއް. އެހެންވީމާ، އަޅުގަނޑުމެން މިބަލަނީ، މިސާލަކަށް، މިސަރަޙައްދުގައި، ކުޅުދުއްފުށީގައި ވަޒީރަކު ހުންނަވައިގެން، އަދި މިއިން ކޮންމެ އަތޮޅެއްގައިވެސް ވަޒީރުންގެ ނައިބަކު ހުންނަވައިގެން ކަންކަން ރާވަމުން ބާރަށް ކުރިއަށް ގެންދިއުމަށް. މާލެއަށް މިކަންކަމާ ގުޅޭގޮތުންގޮސް، ނުވަތަ މާލޭގައި ވާހަކަތައްދައްކައި، މާލޭގައި މަޑުކޮށްގެންތިބެގެން ކަންކަން ކުރަންޖެހޭ އުޞޫލު ދޫކޮށްލުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެން އެވަޒީރު މަގާމަށް ޢައްޔަންކުރުން ދިއްދޫގައި އޮންނާނެ. އަދި ހަމައެހެންމެ، ބައެއް ނައިބުންވެސް ދިއްދޫގައި މިއަދު އަޅުގަނޑުމެން ޢައްޔަން ކުރާނަން.

އަޅުގަނޑުމެން މިކުރާ ދަތުރުތަކުގައި ތިޔަބޭފުޅުންނާ ވީހާވެސް ގާތުން، ތިޔަބޭފުޅުންގެ ރުހުމާ، ތިޔަބޭފުޅުންގެ ބޭނުންތަކާ، ތިޔަބޭފުޅުންގެ ޝަކުވާތަކާ، ތިޔަބޭފުޅުން އަޅުގަނޑުމެންނާ ގުޅޭގޮތުން ދައްކަވަން ބޭނުންވާ ހުރިހާ ވާހަކައެއް އަދި ހާމަކުރައްވަން ބޭނުންވާ ހުރިހާ ޝުޢޫރެއް ހާމަކުރެއްވުމުގެ ފުރުޞަތުދޭން އަޅުގަނޑުމެން ބޭނުން. މިރާއްޖޭގައި މިހާރު މިހިނގަނީ ޑިމޮކްރަސީއެއް. އެހެންވީމާ، އެއްވެސް ބޭފުޅަކު އެއްވެސް ޙާލެއްގައި ޚިޔާލެއް ފާޅުކުރުމަކަށް ޖެހިލުންވެ ތިއްބަވައިގެންނުވާނެ. ކަތީބުން ކުރައްވާ ކަންތައްތަކާ ގުޅޭގޮތުންވެސް، އަތޮޅުތެރޭގައި ކަންތައްތައް ކުރާ ގޮތުންވެސް، އަތޮޅުވެރިން ކަންތައްތައް ކުރާގޮތާ ގުޅޭގޮތުންވެސް، އަދި ވަޒީރުން ކުރައްވާ ކަންތައްތަކާ ގުޅޭގޮތުންވެސް، އަދި އަޅުގަނޑު ކުރާ ކަންތައްތަކާ ގުޅޭގޮތުންވެސް، ތިޔަބޭފުޅުން އެއިރެއްގައި ވިދާޅުވެލައްވަން ބޭނުންވެލައްވާ އެއްޗެއް ހަމަ އެއިރެއްގައި ވިދާޅުވަންވީ. އެއީ އަޅުގަނޑުމެން ތަރުޙީބުދޭނެކަމެއް. އަޅުގަނޑުމެން މަރުޙަބާ ކިޔާނެކަމެއް.

އިތުރަށް އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑުމެންނަށް މިވަޢުދުތައް ފުއްދޭނެކަމާމެދު މިހާރު އަޅުގަނޑުމެން ހަމަ އެއްގޮތަކަށްވެސް ޝައްކެތްނުކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަންކަންވާނެ. އަޅުގަނޑުމެންނަށް ރާއްޖޭގެ އިޤްތިޞާދުގެ ތެރެއިންވެސް ފައިސާ ހޯދޭނެ. އަދި ހިލޭ ބޭރުގެ ޤައުމުތަކުން، އެކުވެރި ދައުލަތްތަކުން، އަޅުގަނޑުމެންނަށް އެހީތެރިވުމަށްވެސް ތައްޔާރަށްތިބިކަން އަޅުގަނޑުމެންނަށް މިހާރުއަންނަނީ ވަރަށްސާފުކޮށް އެނގެމުން. އެނގިވަޑައިގަންނަވާނެ، އިނގިރޭސިވިލާތުގެ ވަލީ ޢަހުދު ޕްރިންސް އެންޑްރޫއާ އަޅުގަނޑު އިއްޔެ ބައްދަލު ކުރީމު. އެބޭފުޅާ ވިދާޅުވި، އެމަނިއްޕުޅު ވިދާޅުވި، އެމަނިއްޕުޅުގެ މަންމާފުޅު ވިދާޅުވިއޭ، އަޅުގަނޑުމެންނަށް އެހީތެރިވެދިނުމަށް. އަދި އަޅުގަނޑުމެން މިބޭނުންވާ ފައިސާއާއި އަދި އެހެންވެސް ކަންކަމުގައި، އިނގިރޭސި ދައުލަތުގެ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބޭނެކަމުގައި.

ހަމައެއާއެކީގައި އަޅުގަނޑުމެން ދަންނަވަން ބޭނުން، އޭގެ ކުރީދުވަހު އަޅުގަނޑުމެންގެ ޚާރިޖީ ވަޒީރު ވަޑައިގެންހުންނެވީ ދިއްލީގައި. އިންޑިޔާގައި. އިންޑިޔާ ސަރުކާރުން އަޅުގަނޑުމެންނަށް ހަމަ އެހާބޮޑަށް އެހީތެރިވެދެއްވާނެކަމާ، އަދި މީގެ ކުރީގައި ދުވަހަކުވެސް ނުފޯރުވާ މިންވަރަކަށް، ރުފިޔާގެ އެހީތެރިކަންވެސް، އަދި ޙަޤީޤަތުގައި ދަންނަވާނަމަ، މިދިޔަ ތިރީސްއަހަރު އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރަށް ވެދިން މާލީ އެހީ އެއްކޮށްލީމާ، ނުވާވަރަށްވުރެ މާބޮޑު އިތުރުވަރެއް އަޅުގަނޑުމެންނަށް ކޮށްދެއްވާނެކަމަށް އެބޭފުޅުން އެބަވިދާޅުވޭ. އަޅުގަނޑު މިޖެހެނީ އެކަމަށްޓަކައި ދިއްލީއަށް ދާން. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އަޅުގަނޑުމެން އެދަތުރު ކުރާނަން. އަޅުގަނޑު ދެންނެވިން، މިހާރު އަޅުގަނޑު ބާރަށަށް ދާންއެބައޮތޭ. އެހެންވީމާ، ރަށްރަށަށް ގޮސްފާނޫނީއްޔަކާ މިކަންވެސް، އަޅުގަނޑެއް ބޭނުމެއްނެތޭ، ރާއްޖެއިންބޭރަށް އެހެން ކުއްލިއަކަށް ދާކަށް. ދެން އެހެންނަމަވެސް ގަބޫލުފުޅުކުރައްވަންޖެހޭނެ، އަޅުގަނޑު އަމިއްލައަށް ގަބޫލުކުރަންޖެހޭނެ ބޭރަށްދިޔައިމާކަން ރުފިޔާވެސް ލިބެނީ. އަދި ހަމައެކަނި، ރަށްރަށަށް ދިޔައިމާ މިކަންކަން ފުރިހަމައެއްނުވާނެކަން.

އަޅުގަނޑު ބޭނުންވަނީ ތިޔަބޭފުޅުންނާ އެކީގައި މިކަން ކުރެވޭނެ ގޮތެއް ހޯދަން. އަޅުގަނޑަށް ފުރުޞަތު އޮތްނަމަ، އަޅުގަނޑު ހިތުހުރި ގޮތަކަށް މިކަން ކުރެވޭނަމަ، އަޅުގަނޑު ބޭނުމީ ބާރަށު އޮފީހުގައި އިންނަން. އަޅުގަނޑަކަށެއް އެއުފަލެއް ހޯދޭކަށެއްނެތް. އެހެންވީމާ، އަޅުގަނޑަށް ލިބެނީ މިކަހަލަ މަދު ވަގުތުކޮޅު. މިހެން ތިޔަބޭފުޅުންނާ އެކީގައި ބައްދަލުވީމާ، އަޅުގަނޑަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ. އަޅުގަނޑަށް އެނގޭނެ އޭރުން ގޯސްހެދެން ފެށީމާ. އަޅުގަނޑުމެން އެއްވެސް ހާލެއްގައި ބޭނުމެއްނޫން ގޯހެއްހަދާކަށް. އަޅުގަނޑުމެން ބޭނުންވަނީ ތިޔަބޭފުޅުންގެ ރުހުމާ އެއްގޮތަށް ކަންކަން ކުރިއަށްގެންދަން. އަޅުގަނޑުމެންނަކަށެއް ތިޔަބޭފުޅުން ބޭނުންފުޅުވާ ހުރިހާކަމެއް ނުކޮށްދެވޭނެ. އެކަންވެސް ތިޔަބޭފުޅުންވެސް އަދި އަޅުގަނޑުވެސް ގަބޫލުކުރަންޖެހޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ކޮށްދެވެންހުރި ކަންތައްތައް އަޅުގަނޑުގެ ނަޒަރުގައި ވަރަށްގިނަ. އެހެންވީމާ، އެކަންކަން ކުރުމުގައި އަޅުގަނޑުމެން އަވަސްވެގަންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން. އިރާދަކުރެއްވިއްޔާ ބާރަށާއި، އަދި ތިލަދުންމަތީ އުތުރުބުރިއަށާއި، މުޅި ތިލަދުންމައްޗަށާއި މުޅި ރާއްޖެއަށް މިއަދަށްވުރެ މާ ފަހި މާދަމާއެއް އަޅުގަނޑުމެންނަށް ހޯދޭނެ.

اَلحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ!