بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ބައްދަލުކޮށް، ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ވަރަށް ޞަރީޙަ ޢިބާރާތުން އަޅުގަނޑުމެންނަށް، ސަރުކާރަށް އަދި ރައްޔިތުންނަށްވެސް ލާޒިމު ކުރަނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ޖެހޭނީ ލާމަރުކަޒީ އުޞޫލުންކަން. ލާމަރްކަޒީ އުޞޫލުން ހިންގުމަށްޓަކައި އެކަމަށް ބޭނުންވާ ޤާނޫނުތައް ހަދައި، ޖުލައިމަހުގެ ކުރިއަށް ނިންމުމަށް އިންތިޤާލީ ބާބު އެބަ ލާޒިމުކުރޭ. އިންތިޤާލީ ބާބުގައި އެބުނާ މުއްދަތުގެ ތެރޭގައި މިކަން ކުރުމަށްޓަކައި މިސަރުކާރުގެ ވާޖިބެއް އެއީ، މިކަމަށް ރައްޔިތުންނާ އަދި ސަރުކާރު ތައްޔާރުކޮށްދިނުން. އަދި ހަމައެހެންމެ، މިއޮތް މުއްދަތުގެ ތެރޭގައި ލާމަރުކަޒީ އުސޫލުން ހިންގުމުގެ އެންމެހާ ރޭވުންތަކާއި އިންތިޒާމުތައް ރާވައި، އަދި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް ނިންމުން. އެއީ އަޅުގަނޑުމެން ސަރުކާރުގެ މައްޗަށް އޮތް ވާޖިބެއް.

އަޅުގަނޑު މިއަދު މިޢައްޔަން ކުރަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް، އަލްފާޟިލް މުޙަންމަދު ޙުނައިފް، މަހާ ހދ. ކުޅުދުއްފުށި. މުޙަންމަދު ޙުނައިފް ހުންނަވާނީ، ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި، ހދ. ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް އޮފީހުގައި. އެއޮފީހުގައި އެބޭފުޅާގެ މަސައްކަތް، އަޅުގަނޑުމެން މިއެދެނީ ލާމަރުކަޒީ އުސޫލުން ހިންގުމަށް އެންމެހާ ރޭވުންތައް ރާވައި، އެއުޞޫލުގެ ދަށުން ކަންތައްތައް ކުރިއަށް ގެންގޮސްދެއްވުމަށް. ޤާނޫނުއަސާސީއާއި ޤާނޫނުގެ އިމުގެ ތެރޭގައި އެކަންކަން އަޅުގަނޑުމެންނަށް ކޮށްދެއްވުމަށް. ސަރުކާރަށް އެކަންކަން ކޮށްދެއްވުމަށް. އަދި، އެއަތޮޅުގެ ތަރައްޤީއާއި އަތޮޅުގެ އެންމެހާ ކަންކަން ފުރިހަމަ ގޮތުގައި ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ އިރުޝާދާއި މަޝްވަރާއާ އެކީގައި ކުރެވޭނޭ އިންތިޒާމުތަކެއް ސަރުކާރަށް ހަމަޖައްސަވައިދެއްވުމަށް.

މުޙަންމަދު ޙުނައިފްގެ އިތުރުން، ޙުނައިފް އަޅުގަނޑުމެން މި ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ޢައްޔަންކުރާއިރުގައި އަދި އޭގެއިތުރުން އަޅުގަނޑު މިއަދު އެބަ ޢައްޔަން ކުރަން ސްޓޭޓް މިނިސްޓަރުގެ 3 ނާއިބުން. އޭގެތެރެއިން، އަލްފާޟިލް އަޙްމަދު ޒަކީ، ޝަރުމީލާ މަންޒިލް ށ. ފޯކައިދޫ، އަޅުގަނޑު މިޢައްޔަން ކުރަނީ، ސްޓޭޓް މިނިސްޓަރެއްގެ ނައިބެއްގެ ގޮތުގައި. ޙުނައިފްގެ ނާއިބެއްގެ ގޮތުގައި. އޭގެއިތުރުން، ސްޓޭޓް މިނިސްޓަރެއްގެ 2 ނާއިބުން މިއަދު އަޅުގަނޑު އެބަ ޢައްޔަން ކުރަން. އެއީ އަލްފާޟިލް ފުއާދު ޤާސިމް، ހއ. ކެލާ ކޯއްޓޭގެ. އަދި އަލްފާޟިލް އާދަމް ނަޞީރު، ޖަރީމާގެ ހއ. ދިއްދޫ. މި ތިން ބޭފުޅުންގެ ތެރެއިން އަޅުގަނޑުމެންގެ މިރަސްމިއްޔާތަށް ޙާޒިރުވެވެން ހުރީ އެންމެ ބޭފުޅެއް. އެއީ ޒަކީ. އެއީ އަނެއް ދެބޭފުޅުން މިވަގުތު ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީވެ، އަޅުގަނޑުމެންގެ މިރަސްމިއްޔާތަށް އެބޭފުޅުންނަށް ވަޑައިނުގެންނެވުނީ. އެހެންނަމަވެސް، އެބޭފުޅުންނާ އަޅުގަނޑު އޮންނާނީ މިވާހަކަ ދައްކާފައި. އަދި އެ ތިން ބޭފުޅުންގެ އަރިހުން އަޅުގަނޑު އެދެނީ، ޙުނައިފާ އެކީގައި މިމަސައްކަތް ބާރަށް ކޮށްދެއްވުމަށް. އަތޮޅުތަކުގެ ތަރައްޤީގެ މަޝްރޫޢުތައް މިއަދަށްވުރެ މިހާރަށްވުރެ، މާބާރަށް ހިންގައި، ރައްޔިތުންގެ ބޭނުންތައް ރައްޔިތުންނަށް ވީހާވެސް ފުރިހަމަ ގޮތުގައި ހިންގައި ދެއްވުމަށް.

އަޅުގަނޑުމެނެއް މިސަރުކާރަކުންނެއް އަތޮޅުވެރިންނެއް ޢައްޔަނެއް ނުކުރާނަށް. އެހެންވީމާ، އަތޮޅުތަކުގެ ކަންތައްތައް މިއޮފީސް މެދުވެރިކޮށް ގެންގޮސްދެއްވުމަކީ މިސަރުކާރުގެ ވަރަށްބޮޑު އެދުމެއް. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން އެގޮތުގެ މަތިން މިކަން ކުރިއަށް ގެންދަވާނެ ކަމަށް. އެހެންވީމާ، އެސަބަބަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނާ މިއަދު މިމަގާމުތައް ހަވާލުކުރަނީ. އަލްފާޟިލް މުޙަންމަދު ޙުނައިފް، ހދ. ކުޅުދުއްފުށީ މާހާ، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް. އެއީ ޕްރޮވިންޝަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް. މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރުގެ ނާއިބުގެ މަގާމަށް އަލްފާޟިލް އަޙްމަދު ޒަކީ، ޝަރުމީލާ މަންޒިލް ށ. ފޯކައިދޫ. މިޙަފްލާގައި ދިއްދޫގައި ބައިވެރިވެދެއްވި ކަމަށްޓަކައި ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، މިފަދަ ރަސްމިއްޔާތުތަކަކީ މިރާއްޖޭގައި މީގެ ކުރީގައި ހަމައެކަނި މާލޭގައި ބޭއްވޭ ރަސްމިއްޔާތެއް. އަޅުގަނޑުމެން މިރަސްމިއްޔާތު ހއ. ދިއްދޫގައި ކޮންމެހެން ބާއްވަން ބޭނުންވީ މިއީ ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ކަންކަން ހިންގަމުންދާއިރުގައި، ރާއްޖޭގެ އެންމެ އުތުރުގައިމިވާ އަތޮޅުވެރިކަން މިހާތަނަށްވެސް ކުރަމުން އައި ރަށް، ހއ. ދިއްދޫ. ދިއްދޫގައި މިކަން ކުރުމުގެ ފުރުސަތާ، މިކަން ކުރުމުގެ އެންމެހާ ކަންކަން އަޅުގަނޑުމެނަށް ފަހިވެގެންދިޔަކަމީ، މިސަރުކާރަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އަޅުގަނޑު އުންމީދު ކުރަން، ތިލަދުންމަތީ އެންމެހާ ރައްޔިތުން މިރަސްމިއްޔާތާ އަދި މަގާމަށް އިންތިޚާބުވި، މިއައްޔަންކުރި ބޭފުޅުންނާ އަދި އަޅުގަނޑުމެން މި ތަޢާރުފް ކުރަން މިއުޅޭ އުޞޫލުތައް ބަލައިގަނެދޭނެ ކަމަށް. އަޅުގަނޑު މިއަދު ދިއްދުއާ ހަމައަށް މިއައިއިރުގައި މިއައީ ށ. އަތޮޅާއި، ހދ. އަތޮޅުގެ ބައެއް ރަށްރަށާއި އަދި ހއ. ގެ ބައެއް ރަށްރަށަށްވެސް ޒިޔާރަތް ކޮށްފައި. އަޅުގަނޑަށް އެރަށްރަށުގެ ރައްޔިތުންގެ ފަރާތުން ފެނުނީ ވަރަށްވެސް ބޮޑު ތަރުހީބާއި ބައިވެރިވުން، އެބޭފުޅުން މިއުޞޫލަށް ކަންކަން ގެންދިއުމަށް ދެއްވާނެ ކަމަށް. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނާ އެކީގައި މި 3 އަތޮޅުގެ ތަރައްޤީގެ ކަންކަން މިއަދަށްވުރެ މާބާރަށް، މާދަމާ ކުރިއަށްދާނެ ކަމަށް. އަޅުގަނޑު އެދެނީ، މި 3 އަތޮޅަށާއި ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް މިއަދަށްވުރެ ފަހި މާދަމައެއް.

ވަރަށްބޮޑަށް ޝުކުރިއްޔާ!

اَلحَمْـدُ لِلّـهِ.