بســم اللّـه الرّحمـن الرّحيــم

ދިއްދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނާއި އަދި މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެހާ ބޭފުޅުންނަށް ޤައުމީ ދުވަހުގެ އެންމެހާ މުބާރަކްބާދީއާއި ތަހުނިޔާ، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް އަރިސް ކުރަން.

މިރޭ މި މަގާމުގައި އަޅުގަނޑު ހުއްޓި ހުންނައިރު، އަޅުގަނޑަށް ހަމަ ޔަޤީން، ދިއްދޫ އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައެއް ނުވާނެ، މިއީ، އަޅުގަނޑުމެން ވަރަށް އުފާވާނެ ރެއެއްކަން. ދިއްދޫގައި މިގޮތަށް މިރޭ ފާހަގަކުރުމުގެ ފުރްޞަތުތައް އަޅުގަނޑުމެންނަށް ފަހިވެގެން އައި ކަމަށްޓަކައި، ދިއްދޫ އެންމެހާ ރައްޔިތުންވެސް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް، އަދި އަޅުގަނޑުމެން އެންމެންމެ، اللّـه سبحـانـه وتعـالى އަށް ޝުކުރު ދަންނަވަންޖެހޭ.

އަޅުގަނޑު ތިޔަބޭފުޅުންނާ މިރޭ ދިގު ވާހަކަތަކެއް ދައްކަން ޤަޞްދުކޮށްފައި ނެތް ނަމަވެސް، މިރެއާ ގުޅޭ ބައެއް ނުކުތާ ފާހަގަކޮށްލުމަކީ، މުނާސިބު ކަމެއް ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑުގެ މިކުޑަވާހަކަކޮޅަށްފަހުގައި، އަދި މިރޭގެ ކުޅިވަރާއި އުފާ ދެމިގެންދާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި ޒަމާންތަކެއް ވަންދެން ބަޑިބޭހުގެ ކުޅިވަރު ނުފެނުމަށްފަހު، ރޭގައިވަނީ މާލެއިން އަނެއްކާވެސް އެ އުފާވެރި މަންޒަރު ޖައްވުން ވިދައިގެން ގޮސްފައި. އިރާދަކުރެއްވިއްޔާ، މިރޭ އަޅުގަނޑުމެންނަށް އެ ކުލަތައް، ތިލަދުންމަތީގެ ޖައްވުން ހަމަ ފެނިގެންދާނެ.

މި ޖަލްސާ މިރޭ މިތަނުގައި ބޭއްވެވުމަށް ދިއްދޫގެ ރައްޔިތުން ކޮށްދެއްވާފައިވާ ނުހަނު ގިނަ މަސައްކަތްތައް ވަރަށް ސާފުކޮށް ފެންނަން އެބަހުރި. ދިއްދުއަކީ، ރާއްޖޭގެ އެހެން ރަށްރަށެކޭވެސް އެއްފަދައިން ގުޅިގެން ބާރަށް މަސައްކަތްކޮށް، ތަރައްޤީގެ ފިޔަވަޅުތަކުގައި ކުރިއަށްދާނެ ރަށެއްކަމާމެދު އަޅުގަނޑުމެން ކުޑަކޮށްވެސް ޝައްކެއްނުކުރަން.

މިއަދަކީ، އަޅުގަނޑުމެންގެ ޤައުމީ ދުވަސް. އިންސާނުންތަކެއް ދިރިއުޅޭ ވަކި ސަރަޙައްދެއް އެއީ، ވަކި ޤައުމެއްގެ ގޮތުގައި ކަނޑައެޅި، އެ ޤައުމު ޤައުމެއްގެ ސިފައިގައި ދެމި މި އޮންނަނީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކި ޚާއްޞަ ހިނދުކޮޅުތަކެއްގައި، ދަނޑިވަޅުތަކެއްގައި، ވަކި ގޮތަކަށް ކުރެވުނީމާކަން ކަށަވަރު. ޤައުމެއް ފެތުރިފައި މިއޮންނަނީ ސަރަޙައްދަކަށް. އެ ސަރަޙައްދުގައި ދިރި މިއުޅެނީ އިންސާނުންތަކެއް. އަޅުގަނޑުމެން މިކުރާ ސުވާލަކީ، އެ އެންމެހާ އިންސާނުން، ތިމަންނާމެން އެންމެންނަކީ، ވަކިޤައުމެއްގެ ބަޔެކޭ ބުނެ، ޤައުމިއްޔަތެއް އުފުލައި، ޤައުމިއްޔަތެއް ބިނާކޮށް، ޤައުމެއް ދަމަހައްޓަނީ، ކީއްވެގެންހޭ؟
އަޅުގަނޑު ހިތުން މިރޭ އަޅުގަނޑުމެން ކުރުން އެންމެ އެކަށީގެންވާ އެއްސުވާލަކީ މިދެންނެވީ. ޤައުމެއް ބިނާވަނީ ނުވަތަ ޤައުމިއްޔަތެއް އުފެދެނީ، ކޮން މަގަކުންތޯ؟ އަޅުގަނޑުމެން ކިޔާ މި އުޅެނީ އައްޑޫން ކެލައަށް ނުވަތަ އުލިގަމުން ކެލައަށް، އައްޑޫން ކެލައަށް. މި ސަރަޙައްދުގައި މި ހިމެނޭ ޖަޒީރާތައް އެއީ، ވަކި ޤައުމެއްގެ ގޮތުގައި ފާހަގަވޭ. އެތައް ޒަމާނެއް ވަންދެން، އެއްވެރިކަމެއްގެ ދަށުގައި މި ސަރަޙައްދު އޮވެ، މިއަދާ ހަމައަށް މިޤައުމު އަޅުގަނޑުމެންނާ ހަމައަށް އަޅުގަނޑުމެންގެ ކާބަފައިން ރައްދުކޮށްދެވިފައި މިވަނީ، ކޮން ސިއްރުތަކެއް އޭގައި އެކުލެވިގެންތޯ؟ އަޅުގަނޑު މިދަންނަވަނީ، އެއީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކި ޚާއްޞަ އިރެއްގައި ވަކިގޮތަކަށް ކުރެވުނީމާވާ ކަމެކޭ. އެކަން ކުރުމަށް އެއްގޮތް ކަންތައްތަކެއް އެބަ ބޭނުންވޭ.

އަޅުގަނޑުމެން އެންމެން އެބަދެކެމު، އަޅުގަނޑުމެން އެންމެން، މިޤައުމުގެ އެންމެން ޙިއްޞާވާ ބަހެއް އެބަވޭ. ދިވެހިބަސް. އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެއް ބިންގަލަކީ މިދެންނެވީ. އަޅުގަނޑުމެން އެންމެން ޙިއްޞާވާ އެއް ދީން އެބަވޭ. މާތްވެގެންވާ އިސްލާމްދީން. އެއީ، އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އަނެއް ބިނާ. އަޅުގަނޑުމެން އެންމެން އެއްގޮތަކަށް އެއްމަގަކަށް އެއްބައްޓަމަކަށް ކުރާ ކަންތައްތަކެއް އެބަހުރޭ. އަޅުގަނޑުމެންގެ ޘަޤާފަތޭ، އަޅުގަނޑުމެން ބުނާ ބާވަތުގެ ކަންތައްތައް. މިއީ، އަޅުގަނޑުމެންގެ ޤައުމިއްޔަތު ބިނާކުރުމުގައި، އަޅުގަނޑުމެންނަށް ލިބިފައިވާ އަނެއް ތަރަޙަ. އަޅުގަނޑުމެންގެ ޘަޤާފަތް.
އަޅުގަނޑުގެ ނަޒަރުގައި މިކަންކަން މިހެންވާއިރުގައިވެސް، ޤައުމެއް ބިނާވެ، ޤައުމެއް ދެމި މިއޮންނަނީ، ވާހަކައެއް އޮވެގެން. އެ ޤައުމުގެ ވާހަކަ އޮންނާތީ. ދިވެހިރާއްޖޭގެ ވާހަކަ. އައްޑޫގައި ހުންނަ މީހަކާއި ތިލަދުންމަތީގައި ހުންނަ މީހެއް، ތިމަންނާމެން ދެބައިމީހުންނަކީ، އެއްޤައުމެއްގެ ބައެކޭ މިބުނަނީ، އެދެބައިމީހުންވެސް އެއްވާހަކައެއް ޙިއްޞާކުރާތީ. މި ދިވެހި ޤައުމުގެ ވާހަކަ. އަޅުގަނޑުމެންނާ ހަމައަށް އެވާހަކަ މިއަދާ ހަމައަށް ފޯރާފައި މިވަނީ، ބުރާރު ވާހަކައިގެ ގޮތުގައި. ކޮއިމަލާ އިރުއްސުރެ އަޅުގަނޑުމެން ކިޔާ ވާހަކަ.

ދުނިޔޭގައި ޤައުމިއްޔަތާ ގުޅޭގޮތުން ފިކުރު ހިންގައި ވިސްނައި، އޭގެ ފަލްސަފާވެރިން ދެކޭގޮތަކީ، ޤައުމިއްޔަތު ނުވަތަ ޤައުމުތައް ޚާއްޞަ ގޮތެއްގައި ބިނާވެގެންއައީ، ވާހަކައާ ގުޅިގެންނޭ. އަދަބިއްޔާތާ ގުޅިގެންނޭ. އެއްދީނެއްގެ މައްޗަށް އަދި އެންމެން ގަބޫލުކޮށް ތިބިނަމަވެސް، އެ އެންމެންނަކީ އެއްޤައުމެއްގެ ބަޔަކަށްނުވޭ. އެއްބަހަކުންވެސް ވާހަކަ ދައްކާފާނެ. އެހެންނަމަވެސް، އެ އެންމެންނަކީވެސް އެއްޤައުމެއްގެ ބަޔަކަށް އަބަދު ވެފައެއްނުވޭ. އެއް ޘަޤާފަތެއްވެސް އެތައް ބަޔަކު އެބަ ގެންގުޅޭ. އެހެންނަމަވެސް، އެހުރިހާ އެންމެންނަކީ، އެއްޤައުމެއްގެ ބަޔަކަށް ނުވެދާނެ.

އެއާ ޚިލާފަށް އެއްޤައުމެއްގެ ގޮތުގައި އެއްވާހަކައެއް ގެންގުޅެވޭ ބައެއް އެއީ އެއްޤައުމެއްގެ ބައެއްގެ ގޮތުގައި ވަރަށް ބޮޑަށް ފާހަގަވެދާ ބައެއް. އަޅުގަނޑުމެންގެ ޤައުމު މިއަދާ ހަމައަށް، އަޅުގަނޑުމެންގެ ކާބަފައިންގެ މަސައްކަތް އަޅުގަނޑުމެންނާ ހަމައަށް މިތަނަށް ރައްދުވެފައި މިވަނީ، އަޅުގަނޑުގެ ނަޒަރުގައި ބުރާރު ވާހަކައިން. ބުރާރާ ކިޔަމުން އައި ބުރާރު ވާހަކައަކީ، އޭގެކުރީގައި އަޅުގަނޑު އަޑުއަހާފައި އޮތް ގޮތުގައި، ރައިވަރުގެ ގޮތުގައި ކިޔަމުން އައި ވާހަކައެއް. އަދި ބުރާރާގެ ކުރީގައިވެސް މިވާހަކަ އަނދުން ދެލިން ލިޔެފައި އޮއްވައި އަޅުގަނޑުވެސް ދުށީމު. ބުރާރަ ކިޔުއްވުމުގެ ނުވަތަ ބުރާރަ ކިޔުއްވާ ގޮތާ ކުޑަކުޑަ ފަރަޤެއް އޮތް ނަމަވެސް. ބުރާރަށްފަހު އަޅުގަނޑުމެންނަށް އެވާހަކަ ލިބުނީ، ޙަޤީޤަތުގައި އަޅުގަނޑުމެންނާ ހަމައަށް، މަދަރުސާތަކާ ހަމައަށް މިވާހަކަ ތިލަވެގެން މިއައީ، ޙުސައިން ޞަލާޙުއްދީންގެ ބޮޑުތަކުރުފާނު ވާހަކައިގެ ގޮތުގައި.

އެހެންވީމާ، ރާއްޖޭގެ ޤައުމިއްޔަތު ބިނާކުރުމުގައި، ޤައުމީ ދުވަހާ ގުޅިގެން، އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި ބޮޑުތަކުރުފާނު ފާހަގަކުރަމުން މިއަދާ ހަމައަށްވެސް މިއަންނަނީ، އަޅުގަނޑުމެން މި ކިޔާ ބުރާރަ ވާހަކައިގެ ބަޠަލަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި ބޮޑުތަކުރުފާނުގެ ގޮތުގައި އެވާހަކަވެސް ފާހަގަކުރާތީ. ކޮއިމަލާ ކަލޯއްސުރެ ފަށައިގެން މިވާހަކަ އަޅުގަނޑުމެން ކިޔަމުން އަންނައިރުގައި، އަޅުގަނޑުމެންގެ ޤައުމީ ދުވަހުގައި، މިވާހަކައިގެ ބައެއް ތަންތަނަށް، ބައެއް ޞަފްޙާތަކަށް ވިސްނާނުލައި، ނުވަތަ ނަޒަރު ހިންގާނުލައި ދިޔުން އަޅުގަނޑަށް ހީވަނީ ރަނގަޅު ކަމަކަށް ނުވާނެހެން.

9 ވަނަ ޙަސަން ރަސްގެފާނު، ބުރާރަ ކިޔުއްވާ ގޮތުގައި، ރާއްޖެ ދޫކޮށް ވަޑައިގެންނެވީ ގޯވާއަށް. ގޯވާގައި އެ ރަސްގެފާނު ކްރިސްޓިއަން ދީނަށް ބަދަލުވެ، ގޯވާ ނުވަތަ ޕޯޗްގީޒް ޝާހީ ޢާއިލާއެއްގެ ބޭފުޅަކާ ކައިވަނިބައްލަވައިގެންނެވި. އެއަށްފަހު، ޙަސަން ރަސްގެފާނު އެދިވަޑައިގަތީ، ރާއްޖެ އަލުން އަނބުރާ އެރަސްގެފާނުގެ ރަސްކަމުގެ ދަށަށް ގެނައުމަށް. މިދަންނަވާ 9 ވަނަ ޙަސަން ރަސްގެފާނަކީ، ހިލާލީ ދަރިކޮޅުގެ އެންމެފަހު ރަދުން. ޙަސަން ރަސްގެފާނު ގޯވާގައި ހުންނަވައިގެން، ރާއްޖެ އަލުން އަނބުރާ އެ ރަދުންގެ ބާރުގެ ދަށަށް ގެންނެވުމަށް މަސައްކަތް ކުރެއްވި.

ޙަސަން ރަސްގެފާނު ގޯވާއަށް ވަޑައިގެންނެވިތާ ދާދި ގާތުގައި، އެ ރަސްގެފާނުގެ ކޮއްކޯފުޅު ހާންޒީ ކަމަނާއޭ ބުރާރު ކިޔުއްވަނީ. ހާންޒީ ކަމަނާ ދަތުރު ކުރައްވަނިކޮށް، އުރިގެން އައްޑުއަތޮޅަށް ގޮސް އައްޑުއަތޮޅުގައި ލައްވެއްޖެ. އޭރުގައި، މިދަންނަވާ ހާންޒީ ކަމަނާ އިންނެވީ އާލާސްކަންފުޅާ. ހާންޒީ ކަމަނާގެ ނަވާ ތޮޅެން މާލެއިން ކަޅު އިބްރާހީމް ކިޔާ މީހަކު، ފަހުން ފާށަނާ ކަމަށް މިދަންނަވާ އިބްރާހީމަށް ކޮލިލެވުނު ކަމަށްވޭ. ކަޅު އިބްރާހީމް ގޮސް، އެ ޕޯޗްގީޒް އޮޑި ބަލިކޮށްފި. ބަލިކުރިއިރުގައި، ބަލިވެއިން އަންހެނަކު އެ އޮޑީގައި އިން. އެ އަންހެންމީހާ ވިހޭ ދަރިއަކަށް ކިޔަނީ، ކަޅު މުޙަންމަދު. ބުރާރާ ކިޔުއްވާ ގޮތުގައި ފަހުން އެ ދަރިފުޅު އެއީ، އަނދިރި އަނދިރިން.

ބުރާރާ ކިޔުއްވާ ވާހަކައާ ދެން ގުޅުންހުރި އެހެން ވާހަކަތައް، އެހެން ތާރީޚީ ހެކިތައް ބައެއް ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ހޯއްދަވާފައި އެބަހުރި. އަޅުގަނޑުމެންނަށް އެނގޭ، ގޯވާއިން މަތީ ނުވަތަ ޝާހީ ޚާންދާނުގެ އަންހެން ބޭފުޅަކު ފުރާވަޑައިގަންނަވައިގެން ވަޑައިގަންނަވަނިކޮށް، ރާއްޖޭގެ ފަރަކަށް އުރުނުކަން. ދެން އެއަށްފަހު އަޅުގަނޑުމެންނަށް އެނގެނީ، ބުރާރާ ވިދާޅުވަނީ އެއީ ހާންޒީ ކަމަނާއޭ، އަނދިރި އަނދިރިންގެ މަންމައޭ. މިދެންނެވި އަނދިރި އަނދިރިން، އެބޭފުޅާގެ ބޮޑުބޭބެ، 9 ވަނަ ޙަސަން ރަސްގެފާނާ އެކުގައި ގޯވާގައި އުޅުއްވި.

އެދުވަސްވަރު އެބަ ކުޑަކޮށް ސިފަވާންޖެހޭ. ޙަސަން ރަސްގެފާނު ކްރިސްޓިއަން ދީނަށް ބަދަލުވުމާއި، އެ ބަދަލުކުރެއްވި ކަމަށް ކްރިސްޓިއަން ފޮތްތަކުގައި ނުވަތަ ޔޫރަޕްގެ ކަމާގުޅޭ ފޮތްތަކުގައި ލިޔެފައި ހުންނަނީ، ސެންޓް ފްރާންސިސް ޒާވިޔާގެ އަތްމައްޗަށް 9 ވަނަ ޙަސަން ރަސްގެފާނު ކްރިސްޓިއަން ދީނަށް ބަދަލުވިކަމަށް. ހަމަ މިދަންނަވާ ފާދިރީގެ އަތްމައްޗަށް ޓްރިންކޮމަލީގެ ރަދުންނަކާއި އަދި ފަހުން ޖަޕާނުގެ ރަސްކަލަކުވެސް ކްރިސްޓިއަން ދީނަށް ބަދަލުވެފައިވާ ކަމަށްވޭ.

ޙަސަން ރަސްގެފާނު ބޭނުންފުޅުވީ، އެބޭފުޅާއަށް ގެއްލުނު ދިވެހި ރަސްކަން އަލުން އަނބުރާ ހޯއްދަވަން. އެ ރަސްކަން ހޯއްދެވުމުގައި، ވާގިވެރިވާނޭ ކޮންމެ ބައެއްވެސް ލިބެން އޮތިއްޔާ، އެބައެއްގެ އެހީތެރިކަން ހޯއްދެވުމަށް ޙަސަން ރަސްގެފާނު ފިކުރު ކުރެއްވި. އެވަގުތަކީ، ދިވެހިރާއްޖޭގެ މުއްސަނދިކަން ޕޯޗްގީޒް ރަދުންނަށް، ރަސްރަސްކަލުންނަށް އަދި ޚާއްޞަކޮށް، ޕޯޗްގީޒް ވިޔަފާރިވެރިންނަށް ސާފުވަމުން އައި ދުވަސްވަރެއް. ޕޯޗްގީޒް ލިޔުންތެރިޔަކު، ރެޑްރިކް ބާބަރޯސާ އެދުވަސްވަރު ލިޔުއްވާފައިވޭ. ރާއްޖެއަކީ ވަރަށް ރަނގަޅަށް ރޯނު އުފައްދާ ޤައުމެކޭ. ޕޯޗްގީޒް މި ޤައުމަކީ އޮޑި ބަންނަ ބައެއް. ނާފަހަރު ބަންނަ ބައެއް. އެ ޤައުމަށް އެންމެ ބޭނުންވާ އެކައްޗަކީ ރޯނު. މުޅި ޕޯޗްގީޒުގެ އިސްތިޢުމާރީ ބާރު ޙަޤީޤަތުގައި ބިނާވެފައި އޮތީ އޮޑިފަހަރަށް. އެ އޮޑިފަހަރު ބަނދެވެން އަންނަނީ ރޯނުން.
އެހެންވީމާ، ޙަސަން ރަސްގެފާނަށް ޕޯޗްގީޒް ވެރިންގެ އެހީތެރިކަން ހޯއްދެވެން އޮތް. ކޮންމެއަކަސް، ދެފަހަރެއްގެ މަތިން ޙަސަން ރަސްގެފާނު އަލުން އަނބުރާ ވެރިކަން ހޯއްދަވަން މަސައްކަތް ކުރެއްވި. ކާމިޔާބުނުވީ. ކާމިޔާބުނުވެ ވަނިކޮށް، ހާންޒީ ކަމަނާގެ ކަޅު މުޙަންމަދު، ފަހުން އަޅުގަނޑުމެން މިދަންނަ އަނދިރި އަނދިރިން، އަނދިރި އަނދިރިންނާ ޙަވާލުކޮށް، ރާއްޖެއަށް އަނެއްކާވެސް ޙަމަލާއަކަށް ފޮނުވީ. ތިންވަނަ ޙަމަލާގައި، ޢަލިރަސްގެފާނު ޝަހީދުވެދިޔައީ. އަނދިރި އަނދިރިންގެ މަރްކަޒެއް ނުވަތަ ޙަސަން ރަސްގެފާނުގެ މަރްކަޒެއް ނުވަތަ ޕޯޗްގީޒް ގަވަރނަރެއްގެ މަރްކަޒެއް، މާލޭގައި ޤާއިމު ކުރެވުނީ.
އަނދިރި އަނދިރިން، ޙަސަން ރަސްގެފާނުގެ ނަމުގައި މާލޭގައި ފަނަރަ ވަރަކަށް އަހަރު، އަށާރަވަރަކަށް އަހަރު ވެރިކަން ހިންގި. ހިންގިއިރުގައި، ވަރުގަދަ އެއް ޝަޚްޞިއްޔަތެއް، އެ ރަސްކަމުގެ ތެރެއިން އަނެއްކާ ފާހަގަވާން ފަށައިފި. އަޅުގަނޑުމެން އެންމެންނަށް މަޝްހޫރު ވިޔަޒޯރު. އަނދިރި އަނދިރިން މާލޭގައި ރަސްކަން ކުރައްވާއިރުގައި، ކުރީގެ ރަދުންގެ އަނބިކަނބަލުން ކަނބާއައިސާ އިންނެވީ ބާރަށުގައި. ހަނދުމަފުޅުކޮށް ބަހައްޓަވާތި، މިއީ ކަޅު މުޙަންމަދާއި ބުރަކި ރަނިންނާ ދެބޭފުޅުންގެ އަންހެން ދަރި. ވިޔަޒޯރު ކައިވެނިބައްލަވައިގަތީ ކަނބާއައިސައާ.

ތިލަދުންމަތީގައި ވިޔަޒޯރު ހުންނަވާއިރުގައި، މިއަތޮޅުން އުފަންވެއްޖެ، މާ ވަރުގަދަ ޝަޚްޞިއްޔަތެއް. ވަރަށް ކެރޭ ޒުވާނެއް. އެބޭފުޅުންނަށް ގޮއެއްގެ ގޮތުގައި، މިތާ ކައިރީ ރަށެއް ދެއްވާފައި އޮވޭ، އުތީމު. މިބޭފުޅުން މިދެންނެވި މުޙަންމަދު ތަކުރަކީ، އިހަވަންދޫ އަންހެނަކަށް، އައިމިނާދިޔޯ ކިޔާ އަންހެނަކަށް ލިބިވަޑައިގެންނެވި ބޭފުޅެއް. މިބޭފުޅާ، މުޙަންމަދު ބޮޑުތަކުރުފާނަކީ ފަހުން މަޝްހޫރު ބޮޑުތަކުރުފާނުގެ ގޮތުގައި ބަލައިގަނެ، ފާހަގަކުރަމުންމިދާ ޝަޚްޞިއްޔަތު.

ބޮޑުތަކުރުފާނުގެ ވިޔަފާރިއާއި ބޮޑުތަކުރުފާނުގެ ހައިބަތު ތިލަދުންމަތީގައި ބޮޑުވަމުންދިޔަދިޔަހެން އަނދިރި އަނދިރިން ދިޔައީ ކަންބޮޑުވަމުން. ހަމައެއާއެކު، ވިޔަޒޯރުވެސް މިކަމާ ކަންބޮޑުވަމުންދިޔަ. އަނދިރި އަނދިރިންގެ އެންގުމަކަށް، އަމުރަކަށް، ބޮޑުތަކުރުފާނު ހިފައި ހައްޔަރުކޮށް، އެތަކުރުފާނުގެ ބޯ ކަނޑައި، އެ ބޯ މާލެ ގެންދިޔުމަށް އަނދިރި އަނދިރިން އެދިއްޖެ. އެހިނދު ބޮޑުތަކުރުފާނު ވިދާޅުވިކަމަށް އަޅުގަނޑުމެން މި އަޑުއަހަނީ، ކަނޑުއްވާނެއޭ އާދެއޭ އެބަ ދުވަސް، ކަނޑުން ކާށިދޫ ކުރެވިދާއިރު ހުރަސް. އެއީ ވެދުންކޮށް ހެދޭއިރު މި އަޅުގަނޑުގެ ބޯ. ބޮޑުތަކުރުފާނު ވިދާޅުވި. ހުރުން ބޭނުމޭ އޭގެ ޝަޚްޞިއްޔަތެއް. ބޮޑުތަކުރުފާނު ވިދާޅުވީ، މިހާރު ތިބޯ ކަނޑުއްވައިގެން ގެންދެވީމާ، ރަދުން އަރިހަށް، އަނދިރި އަނދިރިން އަރިހަށް ބޯގެންދާއިރުގައި، އެބޮލުން ޝަޚްޞިއްޔަތެއް ފެންނަން ނެތިދާނެއޭ. އެހެންވީމާ، ކަނޑުން ކާށިދޫ ކުރެވިދާއިރު ހުރަސް، އެވަގުތުއޭ ބޯ ކަނޑުއްވާނީ.

ކޮންމެއަކަސް ކެނޑުނީ ވިޔަޒޯރުގެ ބޯ. ބޮޑުތަކުރުފާނު ފުރާވަޑައިގަތީ، ކަޅުއޮށްފުންމިއާގެން. ދެން އެ ފެށްޓެވީ އެ ތަކުރުފާނުގެ ޖިހާދު. ނުވަތަ އެ ތަކުރުފާނުގެ ހަނގުރާމަ. ގެރިއްލާ ހަނގުރާމައެއް ހިންގެވި. ހަތަރު އަހަރެއްހާ ދުވަސް ވަންދެން. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ދަތުރު ކުރައްވަމުން، އެކިއެކި ރަށްރަށް އެ ތަކުރުފާނުގެ ކޮޅަށް އަނބުރުއްވަމުން، މަސައްކަތް ކުރައްވަމުން ގެންދެވި. ވަރަށްގިނަ ރަށްރަށަށް ވަޑައިގެންނެވި. އޭރުގެ ދަތުރުފަތުރުގެ ދަތިކަމަށް ބަލައި، އަޅުގަނޑުމެންގެ އަރުމާޒެއް، ހަމަ އެއްވެސް އެއްޗަކަށްނުވާވަރަށް ދަތުރުކުރެއްވި. މި ދިއްދުއަށް އަޅުގަނޑުމެން އައި ޢަދަދަކަށް ނޫން ބަދަލަކަށް އެދި ތަކުރުފާނު ދިއްދުއަށް ވަޑައިގެންފައި ހުންނާނީ. އަޅުގަޑުމެންނަށް އެނގޭ ނާގޯށްޓާއި ކަނަމަނަ އާއި ދެ ކޮމަންޑޫ ދޭތެރެއާއި މުޅި މި ސަރަޙައްދު މިވަނީ، އަޅުގަނޑު ހަމަ މިދެންނެވި ބުރާރަ ވާހަކައިގެ ފަތްފުށުން އަޅުގަނޑުމެން އެންމެންނަށް ހިތުން އެނގޭވަރުވެފައި.

ކޮންމެއަކަސް، އެންމެފަހުން ދެބޭރަނިން ޒިޔާރަތަށް ނުވަތަ ފެންތަށިގެ މިހާރު އެ ހުރިތަން، އެމެޓީ މިހާރު އެހުރި ގެއަށް ތަކުރުފާނު ވަންނަވާފައި، އެގޭގައި އިން އަންހެނަކު ކާން ނުލިބިގެން އުޅެން ފެށީމާ، ކާއެތިކޮޅު ލިބޭނެއޭ، ދެން ކަންބޮޑުވެނުލައްވާށޭ، އެހެން ވިދާޅުވެފައި އޮންނާނީ، އަޅުގަނޑު މިދެކެނީ، ރަބީޢުލްއައްވަލް މަހުގެ އެކެއްގައޭ. އެހެން ވިދާޅުވެފައި، ހަމަ އެމަގުން ގަނޑުވަރާ ދިމާއަށް ވަޑައިގެން، އަނދިރި އަނދިރިން މަރާލެވުނީ. އެއީ، އަޅުގަނޑުމެން އަލުން އަނބުރާ މި ރާއްޖެ އިސްލާމްދީނަށް ބަދަލުކުރެވުނު ރޭގެ ގޮތުގައި މި ފާހަގަކުރަނީ. އެއީ އަޅުގަނޑުމެން މި ފާހަގަކުރާ ޤައުމީ ދުވަހަކީ.
ރައްޔިތުންގެ ޚާއްބަ މަޖިލީސް، ޤާނޫނު އަސާސީ އިޞްލާޙު ކުރަމުން އައިހިނދު، ރަބީޢުލްއައްވަލް މަހުން 1 ވަނަ ދުވަހަކީ، އަޅުގަނޑުމެންގެ ޤައުމީ ދުވަހުގެ ގޮތުގައި މިހާރު މިވަނީ ކަނޑައެޅިފައި. އެދުވަހާ ގުޅޭގޮތުން، ތާރީޚު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ޚިޔާލު ތަފާތު ވެދާނެ. ބަޙުޘް އުފައްދަވާފާނެ. އަޅުގަނޑުގެ ނަޒަރުގައި، ޚާއްޞަ މަޖިލީހަށް މުހިންމީ ވަކި ދުވަހެއް ނޫން. ކޮންމެވެސް ދުވަހެއްގެ ފާހަގަކުރުމެއް އަންނަން އެބަޖެހޭ. މުހިންމީ މުޅިން މިކަންތައް، މުޅި މި ޤައުމިއްޔަތު، މި ޤައުމު ބިނާވެގެން އައިގޮތް. މި ޤައުމުގެ ދުވަހުގެ ގޮތުގައި، ޤައުމީ ދުވަހެއް ފާހަގަކުރުން. އަޅުގަނޑުމެން މިރޭ އުފަލާ އެކީގައި މި ފާހަގަކުރަނީ މިދަންނަވާ ޤައުމީ ދުވަސް.

ތަކުރުފާނުގެ ރަސްކަން އެއީ، އެ ތަކުރުފާނު ރަސްކަން ހޯއްދެވުމަށް ކުރެއްވި މަސައްކަތްހާ ބުރަ މަސައްކަތް ހިނގާދިޔަ ރަސްކަމެއް. ރާއްޖޭގައި ފުރަތަމަފަހަރަށް މިލީޝިއާއިން ނުވަތަ ހެވީން، ޢަސްކަރީންނާއި ހަނގު ބޭކަލުން ހިމަނައިގެން ދިފާޢީ ކަންކަން ތަރުތީބު ކުރެއްވީ އެ ތަކުރުފާނު. ބޮޑުތަކުރުފާނު. އެތަކުރުފާނު ރަސްކަން ކުރައްވަމުން ގެންދެވީ، މާލޭގައި ގަނޑުވަރުގައި. ގަނޑުވަރުގައި އަނެއްކާވެސް ކަނބާއައިސާ އިންނަވައިގެން، ރަސްކަން ކުރައްވަމުން ގެންދެވި ކަމަށް ތާރީޚު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވަނީ. އަޅުގަނޑަށްވެސް އެނގޭ، ބާރަށުގައިވެސް ކަނބާއައިސަގެ ޒިޔާރަތްވާކަން. މާލޭގައިވެސް ކަނބާއައިސަގެ ޒިޔާރަތްވާކަން.

ރާއްޖޭގެ ރަސްކަން ކުރެވެމުން މިއަންނަނީ، އަންހެންފުށުގެ ބާރުން. ޒަމާނުއްސުރެ ފަށައިގެން، އިހުޒަމާނުގައި، އެވޭލާ ޒަމާނުގައި ރާއްޖޭގައި ރަސްކަން ޙައްޤުވަނީ ދައިތާފުޅުގެ ދޮށީ ފިރިހެން ދަރިއަށް. ރަދުންގެ ދޮށީ ފިރިހެން ދަރިއަކަށެއް ނޫން. އޭރުގައި ރަސްކަމުގައި ހުންނަވާ ދައިތާފުޅެއްގެ ދޮށީ ފިރިހެން ދަރިއަކަށް. ކަނބާއައިސަ އެއީ، ދިވެހި ރަސްކަން ހަލާކު ކުރުމަށްޓަކައި ގަނޑުވަރުތެރޭގައި ކޮންމެހެން އިންނަވަންޖެހޭ ބޭފުޅެއް. ބޮޑުތަކުރުފާނު ރަސްކަން ކުރައްވަމުން ގެންދެވީ.

ބޮޑުތަކުރުފާނަށްފަހު ކަލާފާނު. އޭރު ތަކުރުފާނު އަވަހާރަވިތާ އަދި ސާޅީހަކަށް އަހަރެއް ނުވާނެ. ކަލާފާނުގެ ރަސްކަމުގައި ފަރަންސޭސި ނަވެއްގައި ބެހުނު މީހަކު ރާއްޖެ އައި. ގޮއިދުއަށް ބެހުނީ. ފްރަންސިސް ޕިރާޑް ކިޔާ މީހަކު، ފާދިރީއަކު. އޭނާ ހަތް އަހަރު ވަންދެން އެތެރެކޮއިލުގައި އުޅުނު. އެއަށްފަހު، އޭނާ އަނބުރާ ފަރަންސޭސިވިލާތަށް ގޮސް، ހަމަ މިހާރުވެސް އަޅުގަނޑުމެންގެ މީހުން ދަތުރު ގޮސްފައި އައިސް ވާހަކަ ދައްކާ އުޞޫލުން ރަދުންގެ އަރިހުގައި، ރަސްގެފާނުގެ އަރިހުގައި ދިވެހިރާއްޖޭގެ ވާހަކަތައް ކިޔައިދިން. ޕިރާޑްގެ ޤަލަމުން ދިވެހިރާއްޖެ އަޅުގަނޑުމެން މިދަންނަނީ، އެ ވާހަކަތަކަށް.

ޕިރާޑްގެ ލިޔުއްވުންތަކުގައި، ބޮޑުތަކުރުފާނު ކައިވެނިބައްލަވައިގެން އުޅުއްވީ ސިއްތިމާވާއަކާއެއް ނޫން. ކަނބާއައިސައާ. ޙަސަން ތަކުރުފާނު ކައިވެނިބައްލަވައިގެން އުޅުއްވީ ސިއްތިމާވާއާ. ހަނދުމަފުޅު ހުންނާނެ، މީދޫ ކިލެގެއަކީ ހަމަ ޢަލިރަސްގެފާނުގެ ބޭފުޅެއް. މީދޫ ކިލެގެ، ވެލާ އޮތް ޒާތަށް އެކިލެގެ ފޮރުވާފައި ވަނިކޮށް، އަވަހާރަކޮށްލުމާ ގުޅިގެން، ޕިރާޑް ފާހަގަކުރަނީ، އޭރު އޮތް ދިވެހި ވެރިކަމުގެ ވަޙުދަތު އަނެއްކާވެސް ގެއްލިދާން ފަށައިފި ކަމަށް. ޙަސަން ތަކުރުފާނާއި ބޮޑުތަކުރުފާނާ ދެތަކުރު ދެމެދު ޚިލާފުވެސް އުފެދެން ފެށި ކަމެއް. ކޮންމެއަކަސް ކަލާފާނުގެ ނިމުންވެސް ދިޔައީ ހިތާމަވެރި ގޮތުގައި.

އެހެންނަމަވެސް، ބޮޑުތަކުރުފާނުގެ ރަސްކަމަށްފަހު، ރާއްޖެ ޤައުމެއްގެ ގޮތުގައި އަނެއްކާވެސް އަލުން އަނބުރާ ޙަޤީޤަތުގައި ސިފަވާން ފަށައިފި. ބޮޑުތަކުރުފާނުގެ ރަސްކަމުގައި ކުރެއްވުނު އެންމެ ފާހަގަކުރެވޭ އެއްކަމަކީ، އަޅުގަނޑަށް ހަމަ ޔަޤީން. ވާދޫ ދަންނަ ކަލޭގެފާނު ހަދަރުމަތުގައި ހުންނަވަނިކޮށް، މާލެ ގެންނަވައި ދީނީ ކަންކަން ހަވާލުކުރެއްވި. އަދި އޭގެކުރީގައި ތިލަދުންމަތިން އަބޫބަކުރު ފަނޑިޔާރު މަނިކުފާނު ގެންނަވައި ދީނީ ކަންކަން ތަރުތީބު ކުރުމުގައި، އިރުޝާދު ދިނުމުގައި، އެ ދެއުސްތާޛުންނާއި ދަންނަ ބޭކަލުންނާ އެކަންކަން ޙަވާލުވެ، ރާއްޖޭގެ ޢިލްމީ އެތައް ކަމެއް ފަހިވެގެންދިޔަ.

އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ، ރާއްޖެ ޤައުމެއްގެ ގޮތުގައި މިއޮންނަނީ، އަޅުގަނޑުމެން މިވާހަކަ ކިޔާހާ ހިނދަކުއޭ. އަޅުގަނޑުމެން އެންމެންމެ ގަބޫލުކުރާ، އަޅުގަނޑުމެން އެންމެންމެ ޙިއްޞާވާ ވާހަކައެއް އޮވެ، އެ ވާހަކަ ކިޔަމުންދާތީވެ، އަޅުގަނޑުމެންގެ ޤައުމިއްޔަތެއް އުފެދިފައި މިއޮތީ. އަދަބިއްޔާތު އަދި ލިޔުންތެރިކަމާއި ޚިޔާލުފާޅުކުރުމުގެ މުހިންމުކަން.

އަޅުގަނޑު ދަންނަވާނީ، މިހާރުގެ ޤާނޫނުއަސާސީ ޙަޤީޤަތުގައި އެ ފަހިކޮށްދެނީ، ކުރިއަށްވުރެ މާ ފުރިހަމަ ޤައުމިއްޔަތެއް ބިނާވުމަށޭ. އަޅުގަނޑު މިދެންނެވި ބުރާރު ވާހަކަ އެތައް ގޮތަކަށް ކިއިދާނެ. އަދި އެތައް ގޮތަކަށް މުޠާލިޢާ ކުރެވިދާނެ. ދިރާސާ ކުރެވިދާނެ. މިއަދުގެ މި ރާއްޖޭގެ މާޙައުލު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޖަމާޢަތް ހެދުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން އޮތީމާ، އެއީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމިއްޔަތު ބިނާކުރަން ބޭނުންވާ ވަސީލަތްތަކަކީ. ދިރާސާ، ހޯދުން، ބެލުން.

އަޅުގަނޑަށް ޔަޤީން. މިރޭ އަޅުގަނޑުމެން މި އެއްވި ކުޑަކުޑަ އެއްވުމުން ކުރިއަށް އޮތް ތަނުގައި މިދަންނަވާ ދިރާސާތައް އިތުރަށް ކުރަމުންދާނެ. އަޅުގަނޑުގެ އުންމީދަކީ، އެކަންކަން ފުރިހަމަވެގެންދިޔުން. އަޅުގަނޑުމެންގެ ޤައުމިއްޔަތު ވަރުގަދަކުރުމަށްޓަކައި އަޅުގަނޑުމެންނަށް މި ރާއްޖޭގެ ތާރީޚީ ކަންކަން ފުރިހަމައަށް ފިލައި ސާފުވާން އެބަޖެހޭ. ބުރާރު ވާހަކައިގެ މައްޗަށް ނުވަތަ ބޮޑުތަކުރުފާނު ވާހަކައިގެ މައްޗަށް ބިނާވެ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ޤައުމިއްޔަތު ފޯރުކޮށްދޭން ދަތިވާނެ. ދިރާސާ ކުރެވި، ޢިލްމީ ނަޒަރަކުން ސައިންޓިފިކް ތަޙުލީލުގައި، އަންނަން އޮތް ޖީލުތަކަށް މިވާހަކަ ފޯރުކޮށްދެވިގެން ނޫނީ، އަޅުގަނޑު ނުދެކޭނަން އަޅުގަނޑުމެންނަށް މި ޤައުމިއްޔަތު ހިފެހެއްޓޭނެއެކޭ. އަޅުގަނޑުގެ ދުޢާއަކީ، އެ ދިރާސާ އަދި މިދެންނެވި ތަޙުލީލުތައް އަޅުގަނޑުމެންގެ ޒުވާނުން ކުރިއަށްވުރެ ޖޯޝްގައި ހިންގަމުން ގެންދިޔުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ރާއްޖެއަށް މިއަދަށްވުރެ ފާގަތި މުސްތަޤްބަލެއް ލިބުން.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، އަދިވެސް އެއްފަހަރު މިޖަލްސާ މިގޮތަށް ރޭވުމުގައި ދިއްދޫ ރައްޔިތުން ކުރެއްވި ބުރަ މަސައްކަތާއި، އަދި އެއްބައިވި މިންވަރު އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފާހަގަކުރަން ބޭނުން. ދިއްދޫ ރައްޔިތުންނަކީ، ޙަޤީޤަތުގައި މި ރާއްޖެ މިދުށް ބަދަލު ވަރަށް ގާތުން ދެކެމުން އައި ރައްޔިތެއް. އަޅުގަނޑުމެންނަށް މި ބަދަލު ހޯދުމުގައި އެންމެ ބޮޑަށް އެހީތެރިވެދިން އެއްރަށަކީ ހަމަ މި ދިއްދޫ. ދިއްދޫގައި މިރޭ މި ޖަލްސާ މިހެން ބޭއްވޭކަމީ، އަޅުގަނޑުމެން އެންމެންނަށްވެސް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި ޚާއްޞަކޮށް މިރޭ އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މި ޖަލްސާއަކީ، ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއެއްގެ ބަޔަކު އެބަޔަކަށް ބާއްވާ ޖަލްސާއެއް ނޫނޭ. މި ޖަލްސާއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން މިދުވަސް ފާހަގަކުރުމުގައި ބާއްވާ ޖަލްސާއެކޭ. އަޅުގަނޑު ވަރަށް އުފާވޭ ދިއްދޫގެ ހުރިހާ ރައްޔިތުން ޖޯޝްގައި މިކަމުގައި ބައިވެރިވާކަމުން. އެބޭފުޅުން، އެބޭފުޅުން ވޯޓުލީ ދުވަސް ދޫކޮށް އެތައް ތަނެއް ދަތުރުކޮށްފި. އެ އަޖަލުގައި ޖެހި، ވޯޓުލީ ދުވަހު ބައިވެފައި އޮތް ބައިގެ އަޖަލުގައި ޖެހި، އެގޮތުގައި ތިބޭކަށެއް ނޫން ދިއްދޫ ރައްޔިތުން ތައްޔާރަށް މިތިބީ. ދިއްދޫ ރައްޔިތުން ތައްޔާރަށް މިތިބީ، ހަމަ އަޅުގަނޑުމެން އެންމެން މިއެދޭ އުންމީދު، އަނެއް ދިވެހިރާއްޖެ ހޯދުމަށް. އަޅުގަނޑަށް ހަމަ ޔަޤީން. އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ.

އަޅުގަނޑެއް ޝައްކެއް ނުކުރަން. ދިއްދޫގެ ބިން ހިއްކުމާ ދޭތެރެއަކު އެއީ ނުވާނެ ކަމެއްގެ ގޮތުގައެއް. އަޅުގަނޑަށް ޔަޤީން އެކަންވެސްވާނެ. އަޅުގަނޑަށް ޔަޤީން. ދިއްދޫގެ ފެންހޮޅިވެސް އެޅޭނެ. އަޅުގަނޑަށް ޔަޤީން. ދިއްދޫގައި މަގުވެސް ހެދޭނެ. އަޅުގަނޑުމެންގެ ވެރިކަން މި ރާއްޖޭގައި މި ހިނގަނީ އެންމެ ބޭނުމަކަށް. ރާއްޖޭގެ ރައްޔިތުންގެ އެދުންތައް، ބޭނުންތައް ފުއްދައިދިނުމަށް. މި ސަރުކާރުގެ ހަމައެކަނި ބޭނުމަކީ ވަޢުދު ފުއްދައިދިނުން. މި ސަރުކާރު ދެމިއޮތީ ހަމަ އެންމެ ސަބަބަކަށް. މި ސަރުކާރު އުފެއްދުމަށް އަޅުގަނޑުމެންވީ ވަޢުދުތައް ފުއްދައިދިނުމަށް. އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ބިންވަޅު ނަގާފައި ބަހައްޓަންވީ ޙަޤީޤަތަކީ، މި ރާއްޖޭގައި ލިބޭ ކޮންމެ ރުފިޔާ ފޮއްޗަކީ، ކޮންމެ ލާރިއަކީ ރައްޔިތުންގެ ފައިސާއޭ. އެއީ ތިޔަބޭފުޅުންގެ އެއްޗެކޭ. އެ ފައިސާ އަޅުގަނޑުމެން ޚަރަދު ކުރަން ޖެހޭނީ އަމާނާތްތެރިކަމާއެކު. ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއެކު.

އަޅުގަނޑުމެންވެސް ބޭނުން. ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ވަރަށްބޮޑު މުސާރަދޭން. އަޅުގަނޑުމެން ވިސްނާލަން މިޖެހެނީ، މި ރާއްޖެއަށް ލިބެނީ ހަތް ބިލިއަން ރުފިޔާއޭ. މިހާރުވެސް މުސާރައިގެ ގޮތުގައި އަޅުގަނޑުމެން ސަރުކާރުން ނުވަތަ ތިޔަބޭފުޅުން ހަތަރު ބިލިއަން ރުފިޔާ އެބަ ސަރުކާރުގެ މުވައްޒަފުންނަށް ޚަރަދުކުރޭ. އިދާރީ ހިންގުމަށާއި، ކަރަންޓަށާއި، ފެނަށާއި އަދި އެހެންވެސް ކަންކަމަށް، ލިބޭ އެއްޗަކާ އަޅާބަލާއިރުގައި އަޅުގަނޑުމެންގެ އަތުގައި މިއޮތީ ދެބިލިއަން ރުފިޔާ. އަޅުގަނޑު ހިތަށްއަރާ، ކޮބައިބާވައޭ އިންޞާފަކީ. ސަރުކާރުގައި މިއުޅެނީ، ގިނަވެގެން ތިރީހަކަށްހާސް މީހުން. މި ރާއްޖޭގައި އެބައުޅޭ ތިންލައްކަ މީހުން. ސަރުކާރު ހިންގުމަށް އިސްކޮށް ތިއްބަވާ ބޭފުޅުން، އެކުރައްވާ މަސައްކަތް ނުހަނު ބުރަ. ވަރަށް ބޮޑަށް އަޅުގަނޑު ގަބޫލު ކުރަން. އަދި ޑޮކްޓަރުންނާއި، ނަރުހުންނާއި، ފުލުހުންނާއި، ސިފައިންނާއި، ޓީޗަރުން ކުރައްވަމުން ގެންދަވާ މަސައްކަތްވެސް އެހާމެ މުހިންމު. އެކަން އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން.

އެހެންނަމަވެސް، އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަންޖެހޭނެ. އަޅުގަނޑުމެންނަށް ދެވެން އޮތް އެއްޗެއް، އަޅުގަނޑުމެންނަށް ވަޒީފާ އަދާކުރާ ބޭފުޅުންނަށްވެސް އަދި އެހެން ބަޔަކަށްވެސް ދެވޭނެ. މުވައްޒަފުންވެސް ގަބޫލުފުޅު ކުރައްވާ. ރައްޔިތުން ވަރަށްބުރަ މަސައްކަތް ކޮށްގެން ހޯއްދަވާ ފައިސާ އެއީ. މަހަށް ގޮސްގެން، ރިޒޯޓުތަކުގައި ރެޔާދުވާލު މަސައްކަތް ކޮށްގެން، ރުކަށް އަރައިގެން، ގާނަގައިގެން، ވެލި ނަގައިގެން، އޮޑިދޯނިފަހަރު ބަނދެގެން، ވަޑާންކޮށްގެން، ރާނައިގެން، ދަތުރުކޮށްގެން، ރާއްޖޭގެ ރައްޔިތުން ނުހަނު އުނދަގުލުން ހޯދާ ފައިސާ. އެ ފައިސާ އެބޭފުޅުންނަށް ވަކިބަޔަކަށް ދެވޭނީ، ދެވެން އޮތް މިންވަރަކުން. އަޅުގަނޑުގެ އެންމެ ފައިސާއެއްވެސް، އެންމެ ފައިސާ ފޮއްޗެއްވެސް ނެތް. ހަމަ ހުރިހާ ފައިސާއަކީވެސް ދިއްދޫ ރައްޔިތުންނާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ފައިސާ. އަޅުގަނޑު މި ސަރުކާރުގެ އެހެން ބަޔަކަށް އެފައިސާ ދޭނީ، ތިޔަބޭފުޅުން ރުހިވަޑައިގަންނަވާ ގޮތަކަށް. ތިޔަބޭފުޅުން، މިރޭވެސް މިއަދުވެސް ވިދާޅުވާންވީ، ހުރިހާ ފައިސާއެއް ދޭން ބޭނުންވަނީ މިވެނި ކަމަކަށް އެކަންޏޭ. ތިޔަބޭފުޅުންގެ ވަކީލުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އެ ތިއްބަވަނީ. އެބޭފުޅުންގެ ލަފައާއި އިރުޝާދާއި، އެބޭފުޅުން ފާސްކުރައްވާ ބަޖެޓާ އެއްގޮތަށް، އަޅުގަނޑުމެން ކަންކަން ކުރަމުން މިގެންދަނީ. އަޅުގަނޑުމެން މި ސަރުކާރުން މިކަމުގައި ކުރާނެ ހަމަ އެއްކަމެއްވެސް ޙަޤީޤަތުގައި ނެތް. އަޅުގަނޑުމެންނަށް ދެވެން އޮތް އެންމެ ބޮޑު މިނަކަށް، ސަރުކާރު މުވައްޒަފުންނަށް އިތުރު އެއްބިލިއަން ރުފިޔާ އަޅުގަނޑުމެން ދީފިން. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން އެކަމާ ނުރުހުންވެވަޑައިނުގަންނަވާނެ ކަމަށް.

އަޅުގަނޑު މިދެކެނީ، އެފައިސާއާއެކު އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ކުރިއެރުމުގައި، ތިޔަބޭފުޅުންގެ މަސައްކަތްތައް ކޮށްދެއްވުމުގައި، އެބޭފުޅުން މިހާރަށްވުރެ ހީވާގިކަމުގައި އުޅުއްވާނެ ކަމަށް. އަދި ރާއްޖޭގެ ތަރައްޤީއަށް އެބޭފުޅުން ކުރިއަށްވުރެ ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް. އަޅުގަނޑުމެންގެ ޤައުމު ބިނާކުރުމުގައި، އަޅުގަނޑުމެންނާ ދިމާވާ ކަންކަމާ ގުޅޭގޮތުން މިފަދަ ދުވަސް ދުވަހުގައި ފިކުރު ހިންގައި ހެދުމަކީ، އަޅުގަނޑު ހިތުން މުނާސިބު ކަމެއް.

އަޅުގަނޑުގެ ވާހަކަ ދިގުކުރާކަށް ނެތިން. އެހެންނަމަވެސް، އަޅުގަނޑު މި ސްޓޭޖަށް އަރަމުން ޝަފީޤު އަރިހުގައި ދެންނެވީމޭ އިނގޭތޯ، ވިހި މިނެޓްވީމާ އަންގަވާލައްވައްޗޭ. ކޮންމެއަކަސް ދެން އަޅުގަނޑަށްފަހު އަދި އޮތީ މިރޭގެ ކުޅިވަރުތައް. ބަޑިބޭހުގެ ކުޅިވަރު. އަދި އޭގެއިތުރުން، އަޅުގަނޑު އުންމީދު ކުރަން، ދިއްދޫ ޒުވާނުންނާއި އަދި ދުވަސްވީ މީހުންގެ ފަރި މަންޒަރުތައްވެސް އަޅުގަނޑުމެންނަށް މިރޭގެ މި ފޮނި ޙަފްލާއިން ފެނިގެންދާނެ ކަމަށް.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތުން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އިސްބޭފުޅުންނަށް ޝުކުރު ދަންނަވަން ބޭނުން. އަދި އަޅުގަނޑު ފާހަގަކޮށްލަންވެސް ބޭނުން، އަޅުގަނޑަށް ނުރަސްމީކޮށް ނަމަވެސް މިއަތޮޅާގުޅޭ ގޮތުން ހިނގަމުން އަންނަ ބައެއް މަޢްލޫމާތު. ތިޔަބޭފުޅުންނަށް ހީފުޅުވެވަޑައިގެންފައި އޮވެދާނެ، މިތާ ކައިރީގައި ހުރި ރިޒޯޓުތައް ހެދުން ދަތިވެފައި، ނުހެދި ހިނގައިދާނެ ކަމަށް. ތިޔަބޭފުޅުންނާއެކު މިރޭ މި އިންޑަސްޓްރީގެ އެންމެ އިސްވެރިން، އެއީ ސީދާ ކަންކަމުގައި ފައިސާ ގެންގުޅުއްވާ ބޭފުޅުން އެތިއްބެވީ. އެބޭފުޅުންނަށް ތިޔަބޭފުޅުންގެ އިޙްސާސްތައް މިރޭ ސާފުވެވަޑައިގަންނަވާނެ. އަޅުގަނޑަށް ޔަޤީން، އެބޭފުޅުންވެސް ތިޔަބޭފުޅުންގެ ދިރިއުޅުއްވުން ފަހިކޮށްދެއްވުމަށްޓަކައި ތިޔަބޭފުޅުންނަށް އެ ބޭނުންވާ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، ސަރުކާރުން ދެވިފައިވާ ރަށްތައް ތަރައްޤީ ކުރުމުގައި، މިހާރަށްވުރެ ބޮޑު ބާރު އެބޭފުޅުންވެސް ލައްވާނެ.

އަޅުގަނޑެއް ދެނެއް އިތުރަކަށް ދިގެއް ނުކުރާނަން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ރާއްޖެއަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ދައްކައިދޭނެ ރާއްޖެއަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެއޭ.

اَلحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ!