بســم اللّـه الرّحمـن الرّحيــم

ފުވައްމުލަކުގެ ޢިއްޒަތްތެރި ލޮބުވެތި ރައްޔިތުން، އަދި ރާއްޖޭގެ އެންމެހާ ރައްޔިތުން، މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން،
السّـلام عليـكم

އެނގިވަޑައިގަންނަވާނެ، ޒަމާނުއްސުރެ ފެށިގެން މިރާއްޖޭގައި ވެރިކަން ކުރަމުން އަންނަނީ މަދު މީސްކޮޅެއްގެ އަތްމައްޗަށް. އަދި ހަމައެހެންމެ ގިނަ ބާރުތަކެއް އެއްތަނަކަށް ޖަމާކޮށްގެން، އެ މަދުމީސްކޮޅު، އެ ބާރުތަކުގެ ބޭނުންކޮށްގެން. އެންމެބޮޑު މަޤްޞަދަކީ ވީހާވެސް ގިނަދުވަހު ގިނަ ޒަމާން ވަންދެން، އެ ބަޔަކަށް ވެރިކަމުގައި ތިބެވޭނެ ގޮތަށް ކުރަމުން އަންނަ ވެރިކަމަކަށްވާކަން. ކަން ދިމާކޮށްފައި އޮތްގޮތުން، މިދިޔަ ހަތްސަތޭކައެއްހާ އަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މިދެންނެވި ބާރުތައް މާލެއަށް ޖަމާވެފައި އޮތްތަން. އެހެންވީމާ، އެ ބާރުތަކުގެ ބާރުވެރި ފަރާތަކީ މާލޭގައި އުޅޭ ބަޔަކަށްވޭ. ބައެއްފަހަރު ދެއްވަދޫން، އަނެއްބައިފަހަރު ތ.އަތޮޅުން، ނުވަތަ ހއ. އަތޮޅުން ނުވަތަ އެހެންވެސް ކޮންމެވެސް އަތޮޅަކުން. ބައެއްފަހަރު މާލެއަތޮޅުން. ބައެއް ބޭފުޅުން ވަޑައިގެން މާލޭގައި ތިއްބަވައިގެން، ހަމަ މާލެއިން ކުރާ ވެރިކަމެއްގެ ގޮތުގައި އެ ވެރިކަން މިދިޔަ ދިގު ޒަމާނުގައި މި ރާއްޖޭގައި ކޮށްފައި މިވަނީ.

އަޅުގަނޑުމެންގެ ތާރީޚުން ފުރަތަމަ ވެރިކަން ކުރެއްވި ކަމަށް އަޅުގަނޑުމެންނަށް އެނގެން މިއޮތީ، ކޮއިމަލާ ކަލޯ. އެ ކަލޯ މާލެ ވަޑައިގެންނެވީ ރަސްގެތީމުން ކަމަށް، އުތުރުގެ މީހުން ބުނޭ. އިސްދޫން ކަމަށް، ދެކުނުގެ މީހުން ބުނޭ. ކޮންމެއަކަސް ރަށަކުން މާލެ ވަޑައިގެންނެވި ބޭފުޅަކު މާލެ ވަޑައިގެން ހުންނަވައި، އެ ވެރިކަން ކުރެއްވީ. އުތީމު ދަރިކޮޅު ފުރޮޅިގެން ދިޔައީ، ހިލާލީ ދަރިކޮޅަށް. އެ ދިގު ވެރިކަން، ހިލާލީ ދަރިކޮޅުގެ ދިގު ރަސްކަން ނިމިގޮސް ޢަލިރަސްގެފާނު ޝަހީދުވުމަށްފަހުގައި އަނެއްކާވެސް އުތީމަށް އައްޑުއަތޮޅުން ފޮނުވާލެވުނު ޢާއިލާއެއްގެ ދެބޭފުޅަކު، އުތީމު ދެތަކުރުން މާލެ ވަޑައިގެން، މާލޭގައި ވެރިކަން ކުރައްވައިފި. އެއަށްފަހުވެސް ތ. އަތޮޅުންނާއި އަދި މުލީގޭ ދޮން ޙަސަން މަނިކު، އަޅުގަނޑުމެން އެންމެން ދަންނަ މަޝްހޫރު ދޮން ބަންޑާރައިން، މާލޭގައި ވެރިކަން ކުރައްވައިފި.
އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިދިޔަ 700 އަހަރުވެސް މިވެރިކަން ކުރެވެމުން މިއައީ މާލޭގައޭ. އެ ވެރިކަން މާލެއިން ލާމަރްކަޒީ ކުރުން، ނުވަތަ މާލެއިން ބޭރަށް އެ ވެރިކަމުގެ ބައެއް ބާރުތައް ފަހާލުން، އެއީ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށްވާކަން، އިންސާނީ ތަޖުރިބާ މިއޮތީ ދައްކާފައޭ. ޑިމޮކްރަސީއަކީ ރައްޔިތުންގެ ގާތުން ރައްޔިތުންގެ ކަންކަން ނިންމަމުން ގެންދިޔުމޭ. އެކަން އެހެން ކުރުމަށްޓަކައި މަރްކަޒީވެގެން ހިންގާ ވެރިކަމެއް ރަނގަޅަކަށް ހިނގައެއް ނުދާނޭ.

އަޅުގަނޑުމެން ސިޔާސަތެއް އެކުލަވާލިއިރު، އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ޚާއްޞަކޮށް، އިންތިޚާބަށް ނުކުމެ ތިޔަބޭފުޅުންނަށް އަޅުގަނޑުމެންގެ ސިޔާސަތުގެ ގޮތުގައި ސިޔާސަތެއް ހުށަހެޅުމަށް ނިންމައި، އެ ސިޔާސަތު ހުށަހެޅިއިރުގައި، މި ޙަޤީޤަތް އަޅުގަނޑުމެން ދެނެގަތީމު. ރާއްޖޭގެ ވެރިކަން ޚަރާބުވެ މިދަނީ ކޮން ސަބަބަކާހުރެތޯ. މީގެ ތަންކޮޅެއް ކުރިއަށް އަޅުގަނޑުމެންގެ ނަޒަރު، އަޅުގަނޑުމެންގެ ވިސްނުން ގެންގޮސްފިނަމަ، މިއަދު މާލޭގައި ވެރިކަން މަރްކަޒީވެފައި މިއޮތް ދަރަޖައަކަށް ނޫން މީގެކުރީގައި އެކަން ހިނގާފައި އޮތީކީ.
"ކަންގަތި" ކޮލީގައި، ރާއްޖޭގެ އަތޮޅުތަކުގައި "ކާންނާ" ކަމުގައިވިޔަސް، "މޭނާ" ކަމުގައިވިޔަސް، "ހިރިހަމާދި" ކަމުގައިވިޔަސް، އެކިއެކި ކަންކަމުގައި ކުރީގައި ތިއްބަވާ ބޭފުޅުން މާލޭގެ ފަރާތުން ވެރިކަން ކުރައްވަމުން ގެންދެވިއިރުގައި، އޭރުގައި ދަތުރުފަތުރުގެ ކަންތައް އޮތްގޮތުންވެސް ވަރަށް ބޮޑަށް ކަންކަން ނިންމެމުން އައީ އަތޮޅުތަކުގައި. އަޅުގަނޑުމެންނަށް ތާރީޚުން ފެންނާން އެބަހުރި. 4 އަތޮޅުގެ ނާއިބުން، ނުވަތަ 2 އަތޮޅުގެ ނާއިބުން، ބާރުވެރި އަތޮޅުވެރިން، އެ ރަށްރަށުގައި ވެރިކަން ކުރަމުން އައިސްފައި މިވަނީ.

މި ނިޒާމުގައި އަޅުގަނޑުމެން އުޅެ، މި ނިޒާމު ގެނެސްދިނީ މިއަދަށް. އަޅުގަނޑު ތަކުރާރު ކުރާނަން، މިއަދަކީ އިއްޔެގެ ބަނޑުން ވިހޭ ދަރިއެއް. މިއަދު އަޅުގަނޑުމެން ހުއްޓި މިތިބި ހަތަރު އަނގޮޅިން، ދެން އަޅުގަނޑުމެން ދާނީ ކޮން މަގަކުންތޯ، އެ ސުވާލުގެ ޖަވާބު އަޅުގަނޑުމެން މި ހޯދަނީ. މާޒީގެ ތަޖުރިބާއިން، ތާރީޚުގެ އަލީގައި.
އަޅުގަނޑުމެން ސިޔާސަތެއް އެކުލަވާލީ، މިދަންނަވާ ވިސްނުމުގައި ކުރިއެރުމަށްޓަކައި. އަޅުގަނޑުމެންގެ ބޭނުމަކީ ކޮންމެ ރައްޔިތެއްގެވެސް ޖީބަށް މިއަދު ވަންނަ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މާދަމާ ވަނުން. ހާސްކަމެއްނެތި، އުފާފާގަތިކަމާއެކު ދިރިއުޅެވޭނެ ގޮތްވުން. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަކީ، ރައްޔިތުންގެ ކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ފުދިފައި ތިބި ބަޔަކަށްވުން. އަޅުގަނޑުމެން މިދެކެނީ، މި ރާއްޖެއަކީ، އެ ތަނަވަސްކަން ލިބިފައިވާ ރާއްޖެއެއް ކަމަށް. މި ރާއްޖޭގައި އަޅުގަނޑުމެންނަށް ހެޔޮގޮތުގައި ވެރިކަން ކުރެވިދާނެ. އަޅުގަނޑުމެންގެ ޝިޢާރު އެއީ، "ދިވެހި ވެރިކަން އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ރައްދުކޮށްދޭނަމޭ." އެކަން ކޮށްދެވެން މިއަންނަނީ، ލާމަރްކަޒީ ކޮށްގެން. މަރްކަޒީ އުޞޫލަކުން މިކަމެއް ނުހިންގޭނެ.

އަޅުގަނޑަށް މި ރާއްޖޭގެ ހުރިހާ ރަށަކަށްމެ އިރާދަކުރައްވައިގެން ދެވިއްޖެ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދެއްވާއިރުގައިވެސް، ގިނަ ރަށްރަށުގައި އެކަންކަން ކުރެވިފައި މިހުންނަނީ މުޅިން ރައްޔިތުން ހިތްހަމަޖެހޭގޮތަކަށް ނޫން. ރައްޔިތުން ބަނދަރެއް ބޭނުންވެދާނެ. ބޭނުންވީމާ، އެ ބަނދަރު އެޅޭނީ، ރަށުގެ ނުބައި ދިމާގައި. ރައްޔިތުން މަގެއް ބޭނުންވެދާނެ، ހުރަހަށް. ބޭނުންވީމާ، މަގު ހެދެނީ ދިގަށް. ނަރުދަމާއެއް ބޭނުންވީމާ، ޖެހިގެން އޮތް ރަށުގައި ނަރުދަމާއެއް އެޅިދާނެ. އެއްވެސް އިރެއްގައި މިނިޒާމު، އަމާޒުވާ ގޮތެއް ނުވޭ. ހިތްހަމަޖެހޭގޮތެއް ނުވޭ. އަޅުގަނޑަށް ފެނުނީ، މިކަން މިހެން މިވަނީ ރައްޔިތުންގެ އަޑު އަހާނެ، އަޑު އެހޭނެ ނިޒާމެއް، އިންތިޒާމެއް، ސަރުކާރުން ހަމަޖައްސާފައި ނޯންނާތީއޭ.
އަޅުގަނޑުވެސް އަތޮޅުވެރިއެއް، ކަތީބެއްގެ އަރިހުގައި ކޮބާ ތިޔަ ރަށުގައި ކިހިނެއްހޭ ވެރިކަމެއް ބާއްވަންވީ، އެހެން ބުނެ، އެބޭފުޅަކު ވިދާޅުވި ގޮތަކަށް ކުރަން ފަށައިފިނަމަ، އަޅުގަނޑު ދަންނަވާނީ މިކަން ދާނީ ގޯހުން ގޯހަށޭ. ރައްޔިތުންގެ އަޑު ސާފުކޮށް، ޖުމްލަކޮށް އެހޭނެ އުޞޫލެއް، އެހޭނެ ގޮތެއް އަޅުގަނޑުމެން އެބަޖެހޭ އުފައްދަން. އަޅުގަނޑުމެންގެ ލާމަރްކަޒީ އުޞޫލު އެއީ، އެ އުޞޫލު ކަމަށް އަޅުގަނޑުމެން މިދެކެނީ.

މި އުޞޫލުން މި ރާއްޖޭގައި ވެރިކަން، މިފަހަކުން އައިސް ނުހިންގިފައި މިވަނީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ވަރަށްބޮޑު ދެސަބަބަކާހުރެ. ފުރަތަމައަށް އެންމެހާ ބާރުތައް އެއްކޮށް މަރްކަޒީކޮށް، އެ ބާރުތަކުގެ މައްޗަށް ވެރިވެ ތިއްބެވި ބޭފުޅުން ޙަޤީޤަތުގައި ބޭނުންވެވަޑައެއްނުގަންނަވާ، އެ ބާރުތައް ދޫކޮށްލައްވާކަށް. އެހެންވީމާ، ފަސޭހަ ކަމަކަށް މިކަމެއް ނުވޭ. އެކަން އެހެން އޮތްއިރުގައި، އެބޭފުޅުންނަށް އަދި ލިބެނީ މާރަނގަޅު ފުރްޞަތެއް އިނގޭތޯ! އެއީ ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަން، ކޮބާ، ތިޔަރަށަކަށް ނެތޭ އެއްވެސް ކަމެއް. ހުރިހާ ކަމެއް އޮތީ މަރްކަޒީ ކުރާ، އަނެއް ރަށުގައޭ. އެހެންވީމާ، މިއީ ކަމުދާ ކަމަކަށް ނުވާނެއޭ. މިހާރު ބަލާށޭ، އައްޑުއަތޮޅު ހިތަދުއަށޭ ފުވައްމުލަކު އެކީ އެ ދަނީ. އެހެންވީމާ، ލާމަރްކަޒީ ކުރީމަކާ ކަމަކުނުދާނެޔޭ.
ޙަޤީޤަތުގައި އެއީ މިވަގުތު އަޅުގަނޑު ދައްކަންވީ ބާވަތުގެ ވާހަކައެއް. މިވާހަކަ ދެކެވުނީމާ، ލާމަރްކަޒީ ކުރުމަށް އަޅުގަނޑުމެންވެސް ފަހަތަށް ޖެހެން ޖެހޭނެ. ރައްޔިތުން ނޭދޭ ކަމެއް އަޅުގަނޑުމެން ކުރަން އުޅެންވީ ކީއްކުރަންތޯ! އަދި ކުރެވޭކަށްވެސް ނޯންނާނެ. ރައްޔިތުންނަށް މި ހީވީ، މާލޭގެ ދަށުގައި އޮންނަ އޮތުމުގެ ބަދަލުގައި ކޮންމެވެސް އެހެން ރަށެއްގެ ދަށަށް މި ރަށް، ނުވަތަ މި އަތޮޅު ދަނީއޭ. ވާން މިއުޅެނީ އެހެނަކުންނޫން.

އަޅުގަނޑު ދަންނަވާނަން ވާހަކައެއް. އަޅުގަނޑު މިހުރީ ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް އަދި އައްޑުއަތޮޅު ރައްޔިތުންނާއި ފުވައްމުލަކު ރައްޔިތުންނާ، އަދި އެހެންވެސް އަތޮޅުތަކުގެ ރައްޔިތުން ދައްކަވާ ވާހަކަ އަޑުއަހަން، އުޞޫލެއްގެ މަތިން މިކަން ކުރަން އަޅުގަނޑު މިހުރީ ތައްޔާރަށް. އެއީ އަތޮޅުތައް ވަކިވަކިން ހަމަހަމައަށް ތަންފީޒުވާ ގޮތަށް އެކަން ކުރި ނަމަވެސް، އެއަކު ނެތް މައްސަލައެއް. އެހެންވީމާވެސް އަޅުގަނޑު ތިޔަބޭފުޅުންގެ ކައިރީގައި ހަމަ ވަރަށް ޔަޤީންކަމާ އެކުގައި ދަންނަވާނަން، މިސާލަކަށް، އަޅުގަނޑުމެން ލާމަރްކަޒީ އުޞޫލުން މި ހެދީ، 8 މެންބަރުންގެ ކައުންސިލެއް. އެކައުންސިލަށް، އަޅުގަނޑުމެން މި ހޮވީ އައްޑުއަތޮޅުން 4 މެންބަރުން، ފުވައްމުލަކުން 4 މެންބަރުން. ކިހިނެއްވެގެންތޯ! ތިހީފުޅުކުރައްވަނީ، ފުވައްމުލަކު 4 މެންބަރުން އަބަދުވެސް ވޯޓު ދެއްވާނީ، ވަޠަނީ ފިކުރުގައި ކަމަށް. އިރާދަކުރެއްވިއްޔާ، އެމް.ޑީ.ޕީ މެންބަރުން ވޯޓު ދެއްވާނީ، އެމް.ޑީ.ޕީ ފިކުރުގައި. ޑީ.އާރު.ޕީ މެންބަރުން ހަމަގައިމުވެސް ވޯޓު ދެއްވާނީ އެފިކުރުގައި. ފުވައްމުލަކުން ވަޑައިގަންނަވާ 4 ބޭފުޅުންގެ ތެރެއިން، އަޅުގަނޑު ދެކޭނީ، އެންމެ މަދުވެގެންވެސް 3 ބޭފުޅުން ތިއްބަވާނީ، އަޅުގަނޑުވެސް ނިސްބަތްވާ ޕާޓީގައޭ. މިސާލަކަށް އައްޑުއަތޮޅުން ވަޑައިގަންނަވާ ބޭފުޅުން މި ތިއްބެވީ، ކޮންމެވެސް ޕާޓީއަކަށް ނިސްބަތްވެ. ޕާޓީތަކުގެ ނަންތައް ލައިގެންކީމާ، އަޅުގަނޑު ދައްކާ ވާހަކަ ތިޔަބޭފުޅުންނަށް ސާފުވާނެތީވެ، އަޅުގަނޑު ސާފުބަހުން މިވާހަކަ ދެއްކޭތޯ މިބަލަނީ. މިސާލަކަށް، އެމް.ޑީ.ޕީ.އަށް ނިސްބަތްވާ، ފުވައްމުލަކުގެ 3 މެންބަރުން. އެރޮނގުން ވިސްނާ ވިސްނުމެއް ކަމަށްވަންޏާ، މުލަކަށް ރަނގަޅުގޮތް، އައްޑުއަތޮޅަށް ދެރަގޮތް، އައްޑޫ މީހުންވެސް ނިންމާފާނެ. ކައުންސިލްގައި ފުވައްމުލަކުންވެސް ތަމްސީލު ކުރާނީ ކޮންމެވެސް ޕާޓީއެއްގެ މެންބަރުން. ކައުންސިލްގައި އައްޑުއަތޮޅުންވެސް ތަމްސީލު ކުރާނީ ކޮންމެވެސް ޕާޓީއެއްގެ މެންބަރުން.

އެއްފިކުރަކަށް މި އާދެވެނީ، އެއްފަސްގަނޑަކަށް ވިހެއީތީކީ އެކަންޏެއް ނޫން. އަޅުގަނޑު މިއީ މިރަށު މީހެއް ނޫން. އަޅުގަނޑާ އެއްފިކުރުގައި މިރަށު އެތައް ބަޔަކު އެބަތިބިކަން އަޅުގަނޑަށް ޔަޤީން. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގައި، އެއް ފިކުރަކަށް މިއަންނަނީ އެއް ޢާއިލާއެއް، އެއް ޤަބީލާއެއް، އެއްރަށެއް، އެއްއަތޮޅެއް ވެގެނެއް ނޫނޭ. އެއް ފަލްސަފާއެއް ގަބޫލު ކުރެވޭތީ. އެއް އުންމީދުތަކެއް އޮންނާތީ. އެ އުންމީދުތަކޭ، އަޅުގަނޑުމެންގެ ކައުންސިލްތަކުގައި ވޯޓުލަމުންދާނީ. އަޅުގަނޑު ހަމަ މިދެކެނީ، ރާއްޖޭގެ ތަރައްޤީ ފަހިކުރުމަށްޓަކައި، ބޯދާ ވިސްނުމުން އަޅުގަނޑުމެން އެއްކިބާވާންޖެހޭނެއޭ. އަޅުގަނޑުމެން ޖެހޭނެއޭ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ފުރިހަމަ ވިސްނުމަށްދާން. ތިޔަބޭފުޅުންގެ ބޭނުން ފުއްދުމަށްޓަކައި، އައްޑުއަތޮޅު ރައްޔިތެއްގެ ވިސްނުން އެ މަގަށް ނުގެނެވޭންވީ ސަބަބެއް ނެތޭ. މާލޭގެ ރައްޔިތެއްގެ ވިސްނުން އެމަގަށް ނުގެނެވޭންވީ ސަބަބެއް ނެތޭ. އަޅުގަނޑަކީވެސް މާލޭ ރައްޔިތެއް. އަޅުގަނޑު މިހުރީ ތިޔަބޭފުޅުންގެ ވިސްނުމަށް އައިސް. އެހެން ފަސްގަނޑަކަށް އުފަން މީހަކު، ތިޔަބޭފުޅުންގެ ވިސްނުމަށް ނުގެނެވެންވީ ހަމަ އެއްވެސް ސަބަބެއް ނެތޭ. ވަޠަނީ ރޮނގުގައި، އަޅުގަނޑު ނުދަންނަވަން، ޒުވާން ޖީލު ކަންކަން ނިންމަން އުޅޭ ކަމަކަށް. ވޯޓެއް ނުދޭނެ. އިންތިޚާބުގައި އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔަ އެއް ޙަޤީޤަތަކީ މިދެންނެވީ. މި ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ، އަޅުގަނޑުމެންގެ ޒުވާން ޖީލު. އެބޭފުޅުން ވޯޓު ދެއްވާނީ، ޑިމޮކްރަސީގެ ރޫޙުގައި. ޑިމޮކްރަސީގެ މިސާލުގައި، އެއްފިކުރަކަށް އާދޭ. އެ ފިކުރު އެއީ، އަޅުގަނޑު އަނެއްކާވެސް ހަމަ ތަކުރާރު ކުރާނަން. ކޮންމެހެން ޤަބީލާއަކަށް ނިސްބަތްވީތީ، ޢާއިލާއަކަށް ނިސްބަތްވީތީ، ރަށަކަށް ނިސްބަތްވީތީވެ، އެއްގޮތް ކުރެވޭ ފިކުރެއް ނޫނޭ.

ރާއްޖޭގައި މީގެކުރީގައިވެސް އޮތީ ސިޔާސީ ޕާޓީގެ ނިޒާމު. އޭރުގައި ޕާޓީތައް ފާހަގަވެފައި ހުރީ ލޭގެ މަގުން. ކަކާގޭ ޢާއިލާ، އަތިރީގޭ ބޭފުޅުން، ހެންވޭރުގޭ ބޭފުޅުން، އެއްގަމުގޭ ބޭފުޅުން، އެ ވިސްނުމުން، ހަމަ ކުޑަކުޑަ ބަދަލެއް އަޅުގަނޑުމެން މިގެންނަނީ. އެ ޕާޓީއަށް ވަދެވިދާނޭ ޅިޔަން ފަހަރި ކަމުގެ ގުޅުމުން. އެ ޢާއިލާއަކާ ނުގުޅުނަސްވެސް ނުވަތަ ލޭގެ ގުޅުމުން ނުގުޅުނަސްވެސް. އެއްފިކުރަކަށް އާދެވުނީމާ. އެ ޕާޓީއަކަށް ވަދެވިދާނޭ އަޅުގަނޑު ނުޖެހެޔޭ މުލަކު މީހުންނަށް އިޙްތިރާމް ކުރުމަށް ނުވަތަ ތިޔަބޭފުޅުން އެދޭ ކަންތައް ކުރުމަށް، މި ފަސްގަނޑު އުފަން މީހަކަށްވާކަށް. އޭގެ މައްޗަށް އަޅުގަނޑުމެންނަށް އެރެން ޖެހޭނެއޭ. އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ، އެންމެންނަށްވެސް މި ވިސްނުން ގެންގުޅެވިގެން. އަޅުގަނޑު މިތަނަށް އައިސް މިހުރީ، އަޅުގަނޑަށް ހަމަ އެ ވިސްނުމަށް ހިތް ހަލާލު ކުރެވޭތީ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ގިނަ މީހުންނަށް، މި ވިސްނުމަށް ހިތް ހަލާލު ކުރެވޭނެޔޭ.

ލާމަރްކަޒީ އުޞޫލުން ހިންގުމަށް، އިދާރީ ދާއިރާގެ ގޮތުގައި ޙަޤީޤަތުގައި ބަލަން. އަތޮޅެއް އެއީ މާ ކުޑަ ޔުނިޓެއް. އެއީ އެންމެބޮޑު އަތޮޅު ކަމުގައިވިޔަސް، ރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު، އެންމެ މީހުން ގިނަ އަތޮޅު ކަމުގައި ބެއްލެވި ކަމުގައިވިޔަސްވެސް، ރަނގަޅު އިދާރީ ސަރުކާރުގެ، ނުވަތަ ހިންގުމުގެ މަރްކަޒެއް ގާއިމު ކުރަން، ރާއްޖޭގެ އަތޮޅަކީ ވަރަށް ކުޑަކުޑަ އެއްޗެއް. 40 ހާސް، 30 ހަކަށްހާސް މީހުން ޝާމިލުނުވާހާ ހިނދަކު، ރަނގަޅު އިދާރީ ހިންގުމުގެ ނިޒާމެއް ނުނެރެވޭނެ. އެހެންވީމާ، ތިންހަތަރު އަތޮޅެއް ބައެއްފަހަރަށް، އަނެއްބައިފަހަރަށް ދެއަތޮޅެއް އެއްކުރެވޭ ޕްރޮވިންޝަނަލް ނުވަތަ ސަރަޙައްދީ އިންތިޒާމެއް އޮތުން އެއީ ތަރައްޤީއަށް ބޭނުންތެރި ކަމެއް. އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި ބަޔާންކުރާ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތައް އިންތިޚާބުވެ ނިމެންދެން، އަޅުގަނޑުމެން އެކަން އެގޮތަށް ކުރާންޖެހޭނެ. އެ އިންތިޚާބުތަކަށް އަޅުގަނޑުމެން އެބަޖެހޭ މަގުފަހިކޮށްދޭން. ގަބޫލު ކުރައްވާނެ، މި ސަރުކާރަކީ އިންތިޤާލީ މަރްޙަލާ. ރައްޔިތުންގެ މަޖިލިސް އިންތިޚާބުވަންދެނާއި، އަދި ރަށު ކައުންސިލާއި، އަތޮޅު ކައުންސިލް އިންތިޚާބު ވަންދެން، އެ އިންތިޤާލީ މަރްޙަލާ ބަލަހައްޓައިދޭން ޖެހޭނީ ސަރުކާރުން. އަޅުގަނޑުމެން ބޭނުން، ލާމަރްކަޒީ އުޞޫލުން ރައްޔިތުންގެ ސަރުކާރެއް، ރައްޔިތުންގެ ރުހުމާ އެކީގައި ހިންގޭނެ ގޮތަށް، ވެރިކަން ބައްޓަން ކުރުމަށްޓަކައި އެކުލަވާލެވޭ ރަށު ދަރަޖައިގައާއި، އަތޮޅު ފެންވަރުގެ ކައުންސިލްތައް، ޑިމޮކްރަސީގެ އުޞޫލުން ގާއިމުކުރަން. އެގާއިމު ކުރުމަށްޓަކައި މިހާރު ހިންގަންޖެހޭ ކަންތައްތަކެއް އަޅުގަނޑުމެން އެބަ ހިންގަންޖެހޭ. ލާމަރްކަޒީ އުޞޫލު ތަޢާރުފުނުކޮށް، އަޅުގަނޑުމެން މި އުންމީދު ކުރާ ތަރައްޤީގެ މަޝްރޫޢުތައް އަދި އަޅުގަނޑުމެންނަކަށް ހިންގޭކަށެއް ނެތް.

އަޅުގަނޑު ދަންނަން، މިރަށަށްވެސް އައްޑުއަތޮޅަށްވެސް ކިތަންމެ ބައިވަރު ޚަރަދެއް ކުރަން ތައްޔާރަށް ތިބި ކުންފުނިތަކާއި އެކިއެކި ވިޔަފާރިވެރިން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބިކަން. އެއިން އެއްވެސް ކަމެއް އަޅުގަނޑުމެން މި އެދޭ ބާރުމިނެއްގައި އަޅުގަނޑުމެންނަކަށެއް ނުހިންގޭނެ، މިހާރު މިއޮތް އިދާރީ ހިންގުމުގެ ތެރެއަކުން. އަޅުގަނޑު އައިސް މިދަނީ، އަޅުގަނޑާ ބައްދަލުވާނެ އަތޮޅުވެރިން. އަޅުގަނޑާ ބައްދަލުވާނެ އިރާދަކުރެއްވިއްޔާ، އަތޮޅު ހިންގާ ބޭފުޅުން، ރަށު ކަތީބުން، އެބޭފުޅުންނާ އަޅުގަނޑު ވާހަކައެއް މިދައްކަނީ. އަތޮޅު ތަރައްޤީ ކުރުމާގުޅޭ ހަމަ ވަރަށް ރަނގަޅު ޚިޔާލު އެބޭފުޅުން އެބަހުރި. އަޅުގަނޑުވެސް އެކަން ކުރަން ބޭނުން. ދެން އެބޭފުޅުން އަޅުގަނޑު މާލެ ދިޔައިމާ ކޮންމެވެސް އޮފީހަކަށް ސިޓީއެއް ލިޔުއްވާނެ، ރައީސުލްޖުމްހޫރިއްޔާއާ މި ވާހަކަ ވަނީ މަޝްވަރާ ކުރެވިފައޭ. އެ ސިޓީއެއް ލިޔުއްވާތާ ތިން ހަތަރު ހަފްތާއެއް ފަހުން، ފަހަރެއްގައި އޭގެ ކޮންމެވެސް ކޮޕީއެއް ލިބޭ މިނިސްޓްރީއެއްގެ ފަރާތުން މަޢްލޫމާތަށްޓަކައި ރައީސް އޮފީހަށް ލިބިދާނެ. އޭގެ އެތައް މަހެއްވީމާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަޔާއި އަދި ސަރުކާރުގެ ކިތަންމެ ވުޒާރާއެއްގައި އެކަމާ ގުޅޭ އެތައް މަޝްވަރާއެއް ކުރުމަށްފަހު، ސަރުކާރުގެ ކަމާބެހޭ ވުޒާރާގައި ދެން އެދޭނީ، އެކަމެއް ކުރުމަށް ބޭނުންވާ މަޝްރޫޢު، ޕްރޮޖެކްޓް އެކުލަވާލަ ދެއްވާށޭ! އެއީ، ރަނގަޅު 1 އަހަރު. އެކަން އެހެން ކުރުމަށްފަހުގައި، އެކަމަށް ފައިސާ ހޯދުމަށްޓަކައި، ޚާރިޖީ ވަޒީރަށް، ފޮރިން މިނިސްޓަރ އަރިހަށް ސަރުކާރުން ފޮނުވަނީ. ފައިސާ ހޯދުމަށްޓަކައި އެބޭފުޅާ މި ނަންގަވަނީ ހަމަ ރަނގަޅު އަނެއް އަހަރު. އެފައިސާ ލިބުނީމާ، އެ ފައިސާ ބަޖެޓުގައި ހިމަނަނީ، ބަޖެޓުގައި ހިމަނާފައި އެ މަސައްކަތް ޓެންޑަރަށްލައި، ބިޑްކޮށް، ޓެންޑަރު ލިބި، މިހުރިހާ ކަމެއްވެ، މިކަން ފެށެނީ. އެއީ އަނެއްކާ އަނެއް އަހަރު. ކުރާން ނިޔަތްގަނެ ކުރާން ބޭނުންވެފައިވާ ކަމެއްވެސް، މި އިދާރީ ހިންގުމުގެ ތެރެއިން ކުރުމަށް އަޅުގަނޑަށް ފެނުނު ތަނުގައި އެބަ ނަގާ ހަމަ ރަނގަޅު ރިޔާސީ ދައުރެއްގެ ދެބައިކުޅަ އެއްބައި.

އަޅުގަނޑުމެންނަށް ވެރިކަމުގައި 30 އަހަރު ތިބެވޭކަށެއް ނެތް. އެހެންވީމާ، ދެތިންކަމެއް ކޮށްލާފައި ދެވޭކަށެއްވެސް ނެތް. ވަރަށްގިނަ ކަންތައް ކުރަން އަޅުގަނޑު ބޭނުން. އެކަންކަން ކުރެވޭނީ، މި ޕްރޮޖެކްޓް އެކުލަވާލައި، އެއަށް ފައިސާ ހޯދައި އަދި އޭތި ބިޑަށްލައި، އެއަށް ޓެންޑަރު ހޯދައި، އެކަން ރާވައި ހިންގުން އެއީ ސީދާ މިރަށުން، މިއަތޮޅުން، މި ސަރަޙައްދުން ހިނގާ ކަންކަމަށްވެގެން. ލާމަރްކަޒީ އުޞޫލުން އެކަން ކުރެވުނީމާ. އައްޑުއަތޮޅުގައި އެބައޮތް ބޮޑު އެއަރޕޯޓެއް. އެ އެއަރޕޯޓު ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހެދުމަށް، މި ސަރަޙައްދުގައި ދިރިއުޅޭ ނުވަތަ މި ސަރަޙައްދުގައި އެކުލަވާލެވޭ ސަރަޙައްދީ އިދާރީ ހިންގުމުގެ ފަރާތުން އިދާރީ ސަރުކާރުގެ ފަރާތުން އެކަންކުރެވޭނެ. ބޭރު މީހުންނާވެސް ވާހަކަ ދެއްކެވޭނެ. މުޢާމަލާތުވެސް ހިންގޭނެ. އެންމެ ރަނގަޅު އަގު ސަރުކާރަށް ހޯދައިދީ، އެ މަސައްކަތް ކުރިއަށް ގެންދެވޭނެ. މިސާލަކަށް، މިތަނުގައި، ފުވައްމުލަކުގައި ކަންނެލި ބަންދުކުރާ ތަނެއް ހަދަން ބޭނުންވީ. އެކަން މިތަނުން މިތަނަށް ނުކުރެވޭނެ ހަމަ އެއްވެސް ސަބަބެއް ނެތް. ކުރަންޖެހޭހާވެސް ކަމަކީ ބިޑް ކުރުން. ޓެންޑަރަށް ދިނުން. ފައިސާ ހޯދައިދިނުން. ސަރުކާރުން ކަންކަން ކުރާކަށް ނޫން. ވިޔަފާރީގެ އުޞޫލުން އެކަންކަން ކުރުން. އެހެންވީމާ، މި ނިޒާމު އަޅުގަނޑުމެންގެ ތެރެއަށް ނުގެނެވި، އަޅުގަނޑުމެން މި އެދޭ ބަދަލެއް، އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އަޅުގަނޑަށް ޔަޤީން، އެނގޭ ތިޔަބޭފުޅުން މިނިޒާމަށް ބޭނުންވެލައްވާ މިންވަރު.

އަޅުގަނޑު މިރޭ މިތާ ހުންނައިރުގައިވެސް ތިޔައިން ގިނަ ބޭފުޅުން މޫނުން ދަންނަން. ޑިމޮކްރަސީގެ ބޭނުމަކީ އެއީ. ވެރިކަމަށް އާދެވެން ޖެހޭނީ ރައްޔިތުން އެނގިގެން. އަދި ހަމަ އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުން ހިތްހަމަނުޖެހުނީމާ ތިޔަބޭފުޅުންވެސް ކޮންމެހެން އަޅުގަނޑާ ދޭތެރޭ ހިތްހަމަޖެހޭކަށް ނުޖެހޭނެކަން. އަޅުގަނޑު ބަލާނަން، އިޚްލާޞްތެރިކަމާ އެކީގައި މި ވެރިކަން ކުރުމަށް. އަޅުގަނޑަށް މިވަގުތު ފެންނަނީ އުފަލާ އެކީގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްކަން. އަޅުގަނޑު ކަންބޮޑެއްނުވޭ، މޫސާ މަނިކު ކުޑަކޮށް އިޝާރާތް ކުރައްވައިފި، އަޅުގަނޑު ކަންބޮޑުވާންޖެހޭކަހަލަ ކަމަކަށް. ލާމަރްކަޒީ ވާހަކަ އަޅުގަނޑު ބާއްވާފައި ނަމަވެސް، އެވާހަކައެއް ބޭއްވޭކަށް ނެތް. ޙަޤީޤަތުގައި މިއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެހެންވީމާ، އެ ޖަލްސާގައި އަޅުގަނޑުމެން މިތިބީ. އެހެން ނަމަވެސް، އަޅުގަނޑަށް ހީވަނީ، މާލިއްޔަތާ ގުޅޭ ބައެއް ވާހަކަ، ކޮންމެވެސް ވަރަކަށް ފާހަގަކޮށްލުން އެއީ މިރޭ މާބޮޑަށް ދަން ނުވަނީސްވެސް ކުޑަކުޑަކޮށް ނަމަވެސް އަޅުގަނޑު ކޮށްލަން ރަނގަޅު ކަމެއްހެން.

އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުގައި، ސަރުކާރުގައި ލިބޭ އާމްދަނީއަށްވުރެ 1.5 ބިލިޔަން ރުފިޔާ މިއަހަރު ނިމޭއިރުގައި މަދުވާނެ. މިހާރުގެ ޤާނޫނެއް އެއީ އެމް.އެމް.އޭ.ގައި ސަރުކާރުގެ އިދާރީ ބޭންކުން ސަރުކާރަށް ނަގާ ލޯނު ނުވަތަ ދަރަނިވެރިވާ މިންވަރު ހިފަހައްޓަން ޖެހޭނީ ވަކި މިންގަނޑެއްގައޭ. އެއީ ޤާނޫނީ ވާޖިބެއް. އަޅުގަނޑަކަށް ނޭނގެ އެއްވެސް ވެރިޔަކު މި ޤާނޫނު ކުރީގައި ބައްލަވާފައި އޮތް ކަމެއް. ޤާނޫނެއް އެބައޮވޭ، އިނގޭތޯ. 1.5 ބިލިޔަން ރުފިޔާއަށްވުރެ، ވޭސް އެންޑްލީން އެކައުންޓް، ނުވަތަ އެމް.އެމް.އޭގައި މިއޮންނަ ސަރުކާރުން ޚަރަދުކުރަންޖެހޭ އެކައުންޓް އޯވަރ ޑްރާފްޓް ވެގެން ނުވާނެއޭ. އަޅުގަނޑުމެން ޙަވާލުވިއިރުގައި 273 މިލިޔަން ރުފިޔާއިން އެ އެކައުންޓް އޮތީ އޯވަރ ޑްރާފްޓްވެފައި. ދެން ހައްދަވަން ޖެހޭ ގޮތަކީ ރުފިޔާ ޗާޕުޖަހަނީ. މިއީ، އިތުރު ފައިސާ އަނެއްކާ ހޯދުމަށް. އަޅުގަނޑަށް އެނގޭ ރުފިޔާ ޗާޕުޖެހީމާ، ތަކެތީގެ އަގު ބޮޑުވާކަން.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިފަހުން ތެލުގެ އަގު ހެޔޮވެފައި އެހެރީ ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ހެޔޮވީމަކާއެއް ނޫން. މިހާރުވެސް ރާއްޖޭގެ ތެލުގެ އަގު ސިލޯނަށްވުރެ ހެޔޮވާނެ. އިންޑިޔާއަށްވުރެ ހެޔޮވާނެ. އަޅުގަނޑުމެން ޑިއުޓީ، 500 މިލިޔަން ރުފިޔާ، މިކަނޑަނީ ކުކުޅުމަހުގެ އަގު ދަށްކުރުމަށް. ކަނޑުމަހުގެ އަގުވެސް ދަށްކުރުމަށް. އަދި ހަމަ ލައިގެންކާނެ އެއްޗެހިވެސް ދަށްކުރުމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފެއަރއިންލަވްލީ އާއި، ލޯޝަނާ، ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނުވެސް ހަމަ އަގު ދަށްކޮށްދޭނަން.

އެހެންވީމާ، އަޅުގަނޑެއް ބޭނުމެއް ނޫން، ތަކެތީގެ އަގުބޮޑުވާ ގޮތަށް މާލީ ނިޒާމު ރާވާކަށް. ޢަލީ ހާޝިމާ އެކުގައި، އަސްޢަދާ އެކުގައި ވަރަށް ރަނގަޅަށް މިކަން ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑަށް އެބައޮތް. އެއީ އަޅުގަނޑު ދަންނަ ކަމެއް. އަޅުގަނޑުމެނެއް ބޭނުމެއް ނޫން، ތަކެތީގެ އަގު ބޮޑުވާކަށެއް. އެހެންވީމާ، އަޅުގަނޑުމެނެއް ބޭނުމެއް ނޫން އެއްކަލަ 273 މިލިޔަން ރުފިޔާ އިތުރަށް ޗާޕުޖަހާކަށެއްވެސް. އެހެންވީމާ، އަޅުގަނޑު އެބަޖެހޭ އެ ރުފިޔާ ހޯދަން. އިއްޔެ ނޫން އިހަށްދުވަހު، ތިޔަބޭފުޅުންނަށް ލިބިދާނެ ރައީސް އޮފީހުގެ ދެންނެވުމެއް، ސަރުކާރުގެ ހުރިހާ ވުޒާރާތަކުން ނެރެދޭ ފައިސާގެ، ޗެކް ދޫކުރާނީ އެމް.އެމް.އޭ އިންނޭ. އަޅުގަނޑަށް ހީވަނީ އެއީ، މާލިއްޔަތާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާހެން. އެއީ، އެ މާއްދާގައި އޮތްގޮތް. މީގެކުރީގައި އެކަން ކުރަންވެސް ޖެހޭނެގޮތް. އެހެން ނަމަވެސް، ކުރަމުން އައި ގޮތެއް ނޫން.

އަޅުގަނޑުގެ ބޭނުމަކީ އަޅުގަނޑު ބަލާބެލުމުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، ދުވާލަކަށް 17 މިލިޔަން ރުފިޔާ ސަރުކާރުން އެކިއެކި ފަރާތްތަކަށް ދޫކުރަމުން ގެންދަވާ. އަޅުގަނޑު ޢަލީ ހާޝިމަށް ދަންނަވާފައި އޮންނާނީ، ހުރިހާ ޗެކެއް ޢަލީ ހާޝިމް ބައްލަވާފައި އެހެން ދޫކުރައްވާށޭ! އަޅުގަނޑުމެންނަށް މިވަމުންދާގޮތެއް ރަނގަޅަށް އިނގެން ހިނގާށޭ! އަޅުގަނޑަށް ޔަޤީން، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް މުސާރަ އަރުވާނަން. ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ޕެންޝަންވެސް އަރުވާނަން. އެއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެނގޭ ކޮންތަނެއްގައިތޯ ރުފިޔާ ހިފެހެއްޓޭނީ. ކޮން ތަނެއްގައިތޯ ދޫކުރެވޭނީ. ކާކަށްތޯ މިވަގުތު ދޭން މަޖުބޫރީ. މިބަދަލުތައް ގެނެސް، އަދި ފަހަރެއްގައި އަޅުގަނޑުމެންނަށް ޖެހިދާނެ 10 މިލިޔަން ޑޮލަރު ބޭންކަކުން ނަގަން. އަޅުގަނޑުމެން މިހާރު އޮންނާނީ އެފައިސާ އަޅުގަނޑުމެން ބޭނުންވެއްޖިއްޔާ ނެގޭ ގޮތަށް ހަމަޖައްސާފައި. އަޅުގަނޑުމެން ބޭނުމެއް ނޫން ނަގާކަށް. އަޅުގަނޑު ބޭނުމީ ކޮންމެވެސް އެހެން ގޮތަކުން، މި ދެކޮޅުޖެހޭނެ ގޮތެއް ހޯދަން. އަޅުގަނޑުމެން ދަންނަގޮތަކީ، އެއަރ ކޮންޑިޝަނެއް ވިއްކާލައިގެން، ނުވަތަ ގޮނޑިއެއް ވިއްކާލައިގެންނަމަވެސް، އެމަހެއް އެހެން ހަމަޖެއްސޭތޯ ބެލުން.

މިދިޔަ ދިގު 30 އަހަރު އަޅުގަނޑުމެން އުފައްދާފައި އެބަހުރި އެކި ބާވަތް ބާވަތުގެ ބޮޑެތި ބޮޑެތި ތަންތަން. އަޅުގަނޑުމެންނަށް އެތަންތަން އެކިގޮތްގޮތަށް ޕާރުސަލްކޮށްފައި ސަރުކާރުން ޙިއްޞާވާ ކުންފުނިތަކުގެ ގޮތުގައި ވިޔަފާރި ފުޅާކޮށް ދޫކުރެވިދާނެ. ދޫކުރީމާ އަޅުގަނޑުމެންނަށް އެ ރުފިޔާ ލިބޭނެ. ދެން އަދި ދަންނަވަންތޯ އަޅުގަނޑު އެއްގޮތަކަށްވެސް ކަންބޮޑެއް ނުވެޔޭ، މި ރިޒޯޓުތައް 50 އަހަރަށް ދިނީމާ، އެއީ ރިޒޯޓުތަކުގެ އޯނަރުންނަށް ރަނގަޅަށް އަޅުގަނޑުމެން ކުރާ ކަމަކަށް. އަޅުގަނޑުމެން އެމަގަށް ކުރަންވެގެން އުޅެއޭ އަދި ބުނުއްވިއެއްކަމަކު އެއީ އެމަގަށް ކުރާ ކަމެއް ނޫން. އަޅުގަނޑުމެންގެ ސިޔާސަތުގައި މާކުރިއްސުރެ ފަށައިގެން އެވާހަކަ ވަރަށް ސާފުކޮށް ލިޔެފައި އޮންނާނެ. އަޅުގަނޑުމެން ބޭނުން އެބޭފުޅުންގެ އަތުން ފައިސާ، ސަރުކާރަށް. އެހެންވީމާ، މުއްދަތު އިތުރުކުރެވޭނީ ފައިސާ ދެއްވީމާ. އަޅުގަނޑުމެން މުއްދަތު ވިއްކަނީ. އެ މުއްދަތު، އެ 100 ރިޒޯޓަށް ނުވަތަ އެ 100 ރަށަށް ވިއްކައިގެން، މިރާއްޖެއަށް ލިބޭ ގެއްލުމެއް އަޅުގަނޑަށް ހަމަ ވިސްނައި ވިސްނައި ނުފެނުނު.

ފަޅުރަށް މަދީކީއެއް ނޫން. އެހެންވީމާ، އެހެން ބަޔަކު ރިޒޯޓު ހައްދަވަން ބޭނުންވެލައްވަންޏާ އަވަހަށް ހައްދަވަންވީ. އެންމެފަހުންވެސް ސަރުކާރުން 60 ރަށް ރިޒޯޓު ހަދަން ދޫކުރުމުން، ހެދުނީ 4 ތަން. އެހެންވީމާ، އިތުރަށް މިކަން ކުރަން ކިހާ ބަޔެއް ތިބިތޯ، ނެތްތޯ އެއީވެސް އުފެދޭ ސުވާލެއް. އަދި އަޅުގަނޑު މިދަންނަވަނީ، ތިއްބެވި ކަމަށްވަނީވިއްޔާ، އަދި މިއިން ކޮންމެ ރަށެއްގައި ގެސްޓްހައުސްވެސް އަޅުއްވަންވިއްޔޭ. މިކަމަކަށް ހުރަހެއްނެތޭ. އެހެންވީމާ، ރިޒޯޓުގެ މުއްދަތު އިތުރުކޮށްގެން ރުފިޔާ ލިބެން އޮއްވައި، ހަމަގައިމު އަޅުގަނޑު ހިލާ އެ ފުރްޞަތު ނަގައެއްނުލާނަން. އަޅުގަނޑު ބޭނުން، އެއްކަލަ ނަރުދަމާ ނިޒާމު ހަދަން. އަޅުގަނޑު ބޭނުން ރަށްރަށް ތަރައްޤީ ކުރަން. އަޅުގަނޑު ބޭނުން، މިމަސައްކަތް ހިންގަން. އަޅުގަނޑު ބޭނުމެއްނޫން، ދަރަންޏަށް ފައިސާ ނަގާކަށް. އެހެންވީމާ، މިކަން ކުރެވޭނީ މިގޮތަށް. އަދި މީގެއިތުރަށް އަޅުގަނޑުމެން އެބަ ހުށަހަޅަން، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސެއް. އަޅުގަނޑުމެން މިދެކެނީ 30 އަހަރަށް 50 އަހަރަށް ދިގުމުއްދަތަށް ކުއްޔަށްދީފައި ހުރި ބިން ދޫކުރީމާ ކުންފުނީގެ ފައިދާ ބޮޑުވާނެ ކަމަށް. އެހެންވީމާ، ވިޔަފާރީގެ ފައިދާއިން ޓެކްސެއް ނެގުން އެއީ އަޅުގަނޑުމެންނަށް ފައިދާވާނެ ކަމެއް. އިރާދަކުރެއްވިއްޔާ އެބިލްވެސް ދާދި އަވަހަށް އަޅުގަނޑުމެން މަޖިލިހަށް ހުށަހަޅާނަން.

އެހެންވީމާ، އަޅުގަނޑު މިފަހަރު ބަޖެޓާ އެކީގައި މިހުށަހަޅާ ރިޒޯޓު ނުވަތަ ސަރުކާރުން ދިގުމުއްދަތަށް ކުށްޔަށްދީފައިހުރި ބިންބިމުގެ މުއްދަތު އިތުރުކުރުމާ، ބައެއް ބާވަތުން ޑިއުޓީ ކަނޑާލުމާ. ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާ މިތިން ކަންތަކަށް، އެއީ އަޅުގަނޑުމެން އާމްދަނީ ހޯދުމަށް ހުށަހަޅާ ދެކަންތަކާ، ރައްޔިތުންނަށް އެއްޗެއް ދިނުމަށް، ޑިއުޓީ ކަނޑާލުން ހުށަހަޅާ ބިލަކާ، އާމްދަނީގެ ބިލްތަކެއް، މިފަހަރު ބަޖެޓާ އެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުށަހަޅާނަން. ހުށަހެޅިގެން ކުރިއަށް އެދަނީ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ކުރިމަތީގައި މިއޮތީ، އަޅުގަނޑުމެން އެންމެންނަށްވެސް ހަމަ ވަރަށް ފާގަތި ދުވަސްތަކެކޭ. މިރޭވެސް ވަރަށް ދަންވެއްޖެ. އަޅުގަނޑު އިތުރަކަށް ތިޔަބޭފުޅުން ނުހިފަހައްޓާނަން. ތިޔަބޭފުޅުން ތިޔަ އެދިލައްވާ އުޞޫލުން އިރާދަކުރެއްވިއްޔާ ލާމަރުކަޒީ ނިޒާމު ގާއިމުކުރެވިގެންދާނެ. އަދި ތިޔަބޭފުޅުންނާ އެކީގައި އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އަބަދުވެސް އޮވޭ.

ޚާއްޞަކޮށް ފުވައްމުލަކު ރައްޔިތުންވެސް، އައްޑުއަތޮޅު ރައްޔިތުންވެސް، ތިޔަބޭފުޅުންނާއެކީގައި އަޅުގަނޑަށް މިކަން ކުރެވޭނެ ކަމުގެ މާބޮޑު ޔަޤީންކަމެއް އަޅުގަނޑަށް އަންނަނީ. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންނާ މިވާހަކަ އަޅުގަނޑާ ހަމަ ދެއްކޭނެކަން. އޭގައި އަޅުގަނޑަށް ބިރުކަނޑާލާފައިވެސް ދައްކަންވީކަން. އަޅުގަނޑު ކުށްވެސްކުރޭ، ގޯސްވެސްހަދާ. ތިޔަބޭފުޅުން އެކަންކަން ރަނގަޅު ކޮށްދެއްވާނެކަން. އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިއުންމީދުކުރާ ހެޔޮ ވެރިކަން، މާތްރަސްކަލާނގެ އިރާދަކުރެއްވިއްޔާ މިންވަރު ކުރައްވާނެ. އަޅުގަނޑު ތިޔައެންމެ ބޭފުޅުންނަށް އެދެނީ، ވަރަށް ބާއްޖަވެރި މުސްތަޤްބަލެއް. اَلحَمْـدُ لِلّـهِ.

ވަރަށްބޮޑަށް ޝުކުރިއްޔާ!