بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އެންމެހާ ޢިއްޒަތްތެރި ރައްޔިތުން. ޚާއްޞަކޮށް، އަންހެނުން ކުރިއަރުވާ ކޮމިޓީއާއި، ރަށްކުރިއަރުވާ ކޮމިޓީތަކާއި އަދި ސިޔާސީ ޕާޓީތަކުގެ އެންމެހާ ބޭފުޅުން، السّـلام عليـكم .

ޒަމާނުއްސުރެ ރާއްޖޭގައި ވެރިކަން ހިންގަމުން އައީ މާލޭގައި. މާލޭގައި އެކުލަވާލެވިފައި އޮންނަ ސަރުކާރަކުން. އަތޮޅުތަކަށް މަންދޫބުންގެ ގޮތުގައި، މާލެއަށް ބޮޑުވާ ބަޔަކު އަތޮޅުތަކުގައި ތިބެގެން. ކަންގަތި ކޮލީގެ ބޭފުޅުން ކަމުގައިވިޔަސް، އަތޮޅުއަތޮޅު ނާއިބުން ނުވަތަ އަތޮޅުވެރިން ކަމުގައި ވިޔަސްވެސް، މާލެއިން ބޭނުންވާގޮތަކަށް ކަންކަން ކުރުން، ކޮށްނިންމުން އެއީ މިރާއްޖޭގައި ޢަމަލުކުރަމުން އައި އުޞޫލަކީ، ހިންގަމުން އައި ގޮތަކީ. ލާމަރްކަޒީ ނިޒާމުގައި އަޅުގަނޑުމެންގެ ރާއްޖެ ހިންގުމަށް ދިމާވާ އެންމެބޮޑު ހުރަހަކީ، އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން ކަންބޮޑުވެލައްވަނީ، އެބޭފުޅުންގެ ބާރު ދޫކޮށްލުމަށް. ހަމަ އެއާއެކީގައި ރަށްރަށުގެ، އަތޮޅުތަކުގެ ބައެއް ބޭފުޅުންނަށް ހީފުޅުވަނީ، އަޅުގަނޑުމެން ކޮންމެވެސް އެހެން ރަށެއްގެ، އެހެން އަތޮޅެއްގެ ދަށަށް ދާށޭ މިއުޅެނީ. މާލެ ދަށުން ނެއްޓި އަދި އެހެން ތަނަކަށް ބަދަލުވާށޭ މިއުޅެނީ. ލާމަރްކަޒީ އުޞޫލުން ހިންގުމަށް، މިދެމައްސަލަ އެކުއެކުގައި އަބަދުވެސް ހުރަސްއަޅާ. މީގެތެރެއިން ވަކި މައްސަލައެއް ނޫން، އަނެއް މައްސަލައަކަށްވުރެ ފަލައީކީ. އަޅުގަނޑަށް ފެންނަ ތަނުގައި ހަމަ މިދެކަންވެސް ހުރީ އެއް ހަމައިގައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުންވަނީ، ތިޔަބޭފުޅުންނެއްވެސް، އަދި އެހެން ބައެއްވެސް، އެހެން ރަށެއްވެސް، އެހެން އަތޮޅެއްވެސް، ލާ މަރްކަޒީ އުޞޫލުން ހިންގަން ފެށުމުން، އެހެން އަތޮޅެއްގެ ނުވަތަ އެހެން ރަށެއްގެ ނުވަތަ އެހެން ބައެއްގެ އަތްދަށަށް ދިޔައީއަކީއެއްނޫނޭ.

އަޅުގަނޑުމެން މިދެކޭ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގައި، މިރަށުގައި ތިއްބަވާނެ އެމް.ޑީ.ޕީ.ގެ މެންބަރުން. އަދި އެފިކުރު އޮންނާނެ. އަދި އައްޑުއަތޮޅުގައިވެސް ތިއްބަވާނެ އެމް.ޑީ.ޕީގެ މެންބަރުން. އަދި އެފިކުރު އޮންނާނެ. ތިލަދުންމަތީ އުތުރުބުރީގައިވެސް ތިއްބަވާނެ އެމް.ޑީ.ޕީ.ގެ މެންބަރުން. އަދި އެފިކުރު އޮންނާނެ. ދެކުނުބުރީގައިވެސް އެމް.ޑީ.ޕީ.އާއި އަދި އެހެން ސިޔާސީ ޕާޓީތަކުގެ މެންބަރުން ތިއްބަވާނެ. ރަށަކަށް ނިސްބަތްވަނީއަކީ ހަމަ އެންމެ ޕާޓީއެއް، އެންމެ ފިކުރެއް ނޫން. އަދި ހަމައެކަނި އެރަށުގެ ފިކުރެއްނޫން. ރަށެއްގެ ތެރޭގައި، ޢާއިލާއެއްގެ ތެރޭގައި، ގެއެއްގެތެރޭގައި، މިދެންނެވީ އެކިބާވަތްބާވަތުގެ ފިކުރު އެބަހުރޭ. އަޅުގަނޑުމެން މިއެދެނީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގައި، އެއް ފިކުރަކަށް އެއްބަސްވެވޭ ހުރިހާ ގެއެއްގެވެސް، އާއިލާއެއްގެވެސް، ރަށެއްގެވެސް، އަތޮޅެއްގެވެސް ހުރިހާ ބޭފުޅުން ގުޅުމަށް. ގުޅިގެން ހިންގާ ވެރިކަމެއް ހިންގުމަށް. ތާއީދު ލިބޭ ބަޔަކު ވެރިކަމުގައި އެއިރަކު ތިބޭނީ. ތާއީދާއި އަޣްލަބިއްޔަތު ނުލިބުނު ބަޔަކު ވާދަވެރި ޕާޓީގެ ގޮތުގައި ތިއްބަވާނީ. ވެރިކަން ހިންގާ ޕާޓީއަކީވެސް އަދި ވާދަވެރި ސިޔާސީ ޕާޓީއަކީވެސް އަދި ދެބައިމީހުންނަކީވެސް ވެރިކަން ކުރުމަށް ކޮންމެހެން ބޭނުންތެރި ދެފަރާތް. ދެފަރާތް އޮވެގެންނޫނިއްޔާ، އަޅުގަނޑުމެންނަކަށް ހެޔޮވެރިކަން ކުރެވިދާނެ ކަމަކަށް، އިންސާނީ ތަޖްރިބާ ދައްކާފައެއްނެތް.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކަން އަރުވަނީ، މިރަށުގައި އެއަރޕޯޓެއް އެޅޭނެއޭ، އެއަރޕޯޓް އެޅުމަށް ފެށިފައި އޮތް ޕްރޮގްރާމު ކުރިޔަށްދާނެއޭ. ބަޔަކު މީހުން އެއަރޕޯޓް އަޅަން ބޭނުންވާނަމަ، އެ ސަބަބުތަކަކީ މިރަށަށް މީހުން އައުން. އެހެންވީމާ، އެ ސަބަބުތައް އެގޮތަށް އޮވެމެ، އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ލާމެހިފައި އޮތް ދިވެހިރާއްޖެއެއް ހެދުމަށް، އަޅުގަނޑުމެން ވަކާލާތުކޮށްފީމު. އެހެން އެކަންވާއިރުގައި، ފުވައްމުލަކާ ވައިގެ ގުޅުމެއް ގާއިމުވެފައި އޮންނަފަދައިން، އެގޮތަށް ކަނޑުގެ ގުޅުމެއް ގާއިމުވެފައި އޮންނާނެ. އަޅުގަނޑުމެން ލާމަރްކަޒީ އުސޫލުން ހިންގާއިރުގައި މިދެކެނީ ކޮންމެވެސް އެއްގޮތަކަށް ރާއްޖެ ބަހާލައިގެން، ފެރީގެ ނިޒާމަކަށް އެކަންކުރަން. އެކަން އަޅުގަނޑުމެން ކުރާނަން. އަޅުގަނޑުމެން މިއެދެނީ، ޕްރޮވިންޝަލް މިނިސްޓަރެއް ހުންނަވައިގެން، އެ މިނިސްޓަރެއްގެ ދަށުގައި މާލޭގައި މިއޮތް 14 މިނިސްޓްރީ، 4 ބަޔަކަށް އެއްކޮށްލައިގެން، އެ 4 ޑިޕާޓްމަންޓް މެދުވެރިކޮށް މިސަރަޙައްދު، މި ޕްރޮވިންސް ހިންގުން.

މިހާރު ކަންހިނގާގޮތް އަޅުގަނޑަށްވުރެ ބޮޑަށް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ނުވަތަ އަޅުގަނޑާ އެއްވަރަށް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިއިން ރަށެއްގައި މަގެއް ހަދަންވީ، ނަރުދަމާއެއް ހަދަންވީ، ބަނދަރެއް ހަދަންވީ، މަދަރުސާއެއް އަޅަންވީ، އެނޫންވެސް ކަމެއް ކުރަންވީމާ، އެކަން މިހިނގާ ގޮތަކީ، މިއިން ތަނެއްގައި މިކަހަލަ ކަމެއް ކުރަންޖެހޭނެކަމަށް، ފުރަތަމަ ފެންނާން މިޖެހެނީ މާލޭގައި ތިބޭ ބަޔަކަށް. އަދި އެކަން ފެންނާނީވެސް އެބަޔަކަށް އެތަނަކަށް އާދެވިގެން، އެކަން ވިސްނިގެން. އަދި ކުރާ ދަތުރުތަކުގެ މައްޗަށްވެސް ބިނާވެގެން. އެގޮތުން ކަމެއް ކުރަން ފެނުނީމާ، ސަރުކާރުގެ ކަމާބެހޭ ވުޒާރާއެއްގައި މިބުނަނީ، އެކަމަކާބެހޭ މަޝްރޫޢެއް އެކުލަވާލުމަށް. އެއީ، މިސާލަކަށް، ނަރުދަމާއަކަށް ނުވަތަ މަގަކަށް ވަނީވިއްޔާ، އެ ޕްރޮޖެކްޓްގެ މަޝްރޫޢު އެކުލަވާލާނީ އިންފްރާސްޓްރަކްޗަރ މިނިސްޓްރީން.

އެ މަޝްރޫޢު ފޮނުވަން މިޖެހެނީ ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް ރިސޯސަސްއަށް ނުވަތަ ޚާރިޖީ ވުޒާރާއަށް، ނުވަތަ ފޮރިން މިނިސްޓްރީއަށް. އެމަޝްރޫޢަށް ލާރި ހޯއްދެވުމަށް މަސައްކަތްކުރައްވަނީ ހިލޭ، ނުވަތަ ލޯނު ލިބޭތޯ، ނުވަތަ ލިބެންހުރި ފައިސާއެއް ލިބޭތޯ މަސައްކަތް ކުރައްވަނީ އެބޭފުޅުން. އެ ފައިސާ ލިބޭގޮތް ވީމާ، ދެން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުއްވުމަށް، ދެން ހަވާލުކުރައްވަނީ ޓްރެޜަރީއާ. ކަމެއް ކުރަން ނިޔަތްގަތްނަމަވެސް، މި ހުރިހާ މަޖިލީހެއްގެ ތެރެއިން ކަމެއްކުރުމަށް ފުރިހަމަ ތިން ހަތަރު އަހަރު އެބަހިނގާ. އަޅުގަނޑުމެން މިއެދެނީ، މިހުރިހާ ކަމެއް އެއްތަނަކުން އެއްމަސްދުވަހުން ކޮށް ނިންމައިދެއްވާށޭ.

މިރަށުގައި މަގެއް ހަދަންޖެހޭކަން، މިތަނުގައި ތިބި މިރަށުގެ މީހުންނަށް، މިއަތޮޅުގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ. އިތުރު ވިސްނުމެއް އެކަމަކަށް ބޭނުމެއް ނުވޭ. އަޅުގަނޑު މިދަންނަވަނީ މިސާލެއް. ފުވައްމުލަކުގައި ވަށައިގެން ހެދިފައި އޮންނަ މަގެއް އޮންނަންޖެހޭކަން، ފުވައްމުލަކުގައި ގިރާ ސަރަހައްދެއް އެބައޮންނަކަން، ފުވައްމުލަކުގައި މަދިރި ގިނަކަން، ފުވައްމުލަކުގެ މަދަރުސާ ހުރިގޮތް، ހެލްތް ސެންޓަރު ހުރިގޮތް، ފުވައްމުލަކުގެ ބަނދަރު އޮތްގޮތް، މިއީ މިރަށުގައި ދިރިއުޅޭ ރައްޔިތުންނަކަށް ކުޑަކޮށްވެސް އޮޅިފައި އޮންނާނެ ކަންތަކެއް ނޫން. ހަމަ މިމޭރުމުން، އެހެން ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށްވެސް އަދި އެއަތޮޅެއްގައި ދިރިއުޅޭ ރައްޔިތުންނަށްވެސް އެ އަތޮޅާގުޅޭ މިކަންތައްތައް އޮންނާނީ ވަރަށް ސާފުކޮށް އެނގިފައި. އަޅުގަނޑުމެން މިއެދެނީ، ޕްރޮވިންޝަނަލް މިނިސްޓަރުގެ ޑިޕާޓްމަންޓަކުން މަޝްރޫޢު އެކުލަވާލައްވައި، އަދި އެ މިނިސްޓަރުގެ އެހެން ޑިޕާޓްމަންޓަކުން އެއަށް ފައިސާ ހޯދުމަށް މަސައްކަތްކުރައްވައި، އަދި އެފައިސާ ބަޖެޓުގައި ހިމަނުއްވައިދެއްވުމަށް. އަދި ތިޔަބޭފުޅުން އެ މަޝްރޫޢުގެ ޓެންޑަރަށް އިޢްލާނު ކުރައްވައި، ބިޑްކުރާނެ ފަރާތްތައް، އެ މަސައްކަތް ހިންގާނެ ފަރާތްތައް ހޯއްދަވައި، އެބަޔަކު ލައްވާ އެމަސައްކަތްކުރުވައި، އެ މަސައްކަތަށް ފައިސާ ދެއްވައި، އެތަނެއްގެ ބޭނުން ރައްޔިތުންނަށް ހިފޭނެގޮތް އަވަހަށް ހައްދަވާށޭ!

ރައްޔިތުންނާ ގާތުން ކަންކަން ހިނގަމުން ނާންނަހާ ހިނދަކު، ޑިމޮކްރަސީއެއް ނުހިނގާނެ. އަޅުގަނޑުމެން އެދެނީ މިކަންކަން ތިޔަބޭފުޅުން ކުރެއްވުން. އަޅުގަނޑު ޔަގީންކޮށް އަރުވަނީ، އައްޑުއަތޮޅާ ފުވައްމުލަކު، އެއް ސަރަހައްދެއްގެ ގޮތުގައި، އެއް ޕްރޮވިންސެއްގެ ގޮތުގައި އޮތުމުން، އޭގެ ސަބަބުން ވަކިބައެއްގެ އަތް އަނެއް ބައެއްގެ މައްޗަށް ގަދަވެގަނެއް ނުދެއޭ. ޙަޤީޤަތަކީ، ހުރިހާ އެންމެން ކުރިއަށްވުރެ މާބޮޑަށް ގަދަވީއޭ. ޙަޤީޤަތަކީ މާލޭގައި ހިންގަމުން އައި ކަންތައްތަކެއް މިއަތޮޅަށް ދޫކޮށްލުން. މިދެއަތޮޅުގެ ރައްޔިތުންގެ މެދުގައި މަޝްވަރާކޮށްގެން، މިދެއަތޮޅުން ކަންކަން ފުރިހަމައަށް ހިންގޭނެ ގޮތްގޮތް ހޯދާނެއޭ. އަޅުގަނޑަށް ޔަގީން ހޯދޭނެކަން. އަޅުގަނޑަށް ޔަޤީން މިއަދުގެ މި ބައްދަލުވުން ނިމޭއިރުގައި މިކަމުގެ މަޢްލޫމާތު ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެކަން. އަދި ތިޔަބޭފުޅުންގެ ހިތްހަމަނުޖެހުންތަކާއެކުގައި ނަމަވެސް، ދެން ނެރެވެންހުރި ހައްލަކީ ކޮބައިތޯ ބަލައި، އެ ހިތްހަމަނުޖެހުންތައް ފަހަނަޅައިގޮސް، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ހައްލެއްގެ ތެރެއަށް ވަޑައިގެންނެވޭނެ. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުން، އަޅުގަނޑު ދަންނަން. އެހެންވީމާ، ތިޔަބޭފުޅުންގެ އަރިހަށް އަޅުގަނޑު މިއައީ، އަޅުގަނޑަށް މިހައްލު ހޯދައިދޭށޭ ދަންނަވަން. ފަސޭހައެއްނޫން، ޤާނޫނީގޮތަކުންވެސް މިކަން ކުރާކަށް. ފަސޭހައެއްކޮށް ނެތް ކުރެވޭކަށް. ޤާނޫނުއަސާސީ ވަރަށް ސާފުކޮށް، ލާމަރްކަޒީގެ ވާހަކަ އެބަބުނޭ. އެހެންނަމަވެސް، ކަމާބެހޭ ޤާނޫނެއް އެކުލަވާލެވިފައެއް އަދި ނެތް. ރަށުކައުންސިލްތަކާއި، އަތޮޅުކައުންސިލްތަކުގެ އިންތިޚާބު އަންނާނީ ޖޫން ނުވަތަ ޖުލައިމަހު. އޭގެކުރިން މިހިނގާ މުއްދަތުގެ ތެރޭގައިވެސް އަޅުގަނޑުމެން ވަޢްދުވި ވަޢްދުތައް ފުއްދުމަށްޓަކައި، މިވަޢްދުތައް ފުއްދޭނެ ގޮތަކަށް އަތޮޅުތައް ހިންގަން އެބަޖެހޭ.

ޤާނޫނުއަސާސީގައި މިހާރު އަތޮޅުވެރިއެއްގެ ހުވައެއް ނުވެސް ނެތް. އަތޮޅުވެރިއެއް އިންތިޚާބުކުރާނެ ގޮތެއް، ނުވަތަ އަތޮޅުވެރިއެއް ޢައްޔަންކުރާ ގޮތެއްވެސް ނެތް. އެހެންވީމާ، ޙަޤީޤަތުގައި ރައީސުލްޖުމްހޫރިއްޔާއަކަށްވެސް އަތޮޅުވެރިން ޢައްޔަންކުރެވޭކަށް ނެތް. އަޅުގަނޑަކަށް ނުކެރޭނެ އަތޮޅުވެރިން ޢައްޔަންކުރާކަށް. އަޅުގަނޑު އެދެނީ ތިޔަބޭފުޅުން، އޭގެ ބަދަލުގައި އަޅުގަނޑުމެން މިކަން ކުރަން މިއުޅޭގޮތަށް، ތިޔަބޭފުޅުންނަށް ފެނިވަޑައިނުގަންނަވާ ބަދަލެއް އޮތްނަމަ އެބަދަލެއް އެއަށް ގެންނަވައިގެން ނަމަވެސް، މިކަން ކުރެވޭނެ ގޮތެއް ހައްދަވައިދެއްވުން. އަޅުގަނޑުމެންގެ ޤާނޫނުގައި މިމަގު އެހާ ސާފުކޮށް ނެތީމާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން މިއެދެނީ، މިޤާނޫނުތައް ހެދެންދެން އަޅުގަނޑުމެން މިހުށަހަޅާ އުޞޫލަށް މިހާރު ހިންގުމުގެ އިޒުނަ ދެއްވާށޭ، ރުހުން ދެއްވާށޭ. އަޅުގަނޑުމެން އެބޭފުޅުންގެ ކިބައިން މިއެދެނީ، ޕްރޮވިންޝަނަލް މިނިސްޓަރު އެއީ، ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރުންގެ މަޖިލީހަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާ ބޭފުޅަކަށް ހައްދަވައިދެއްވާށޭ! ދަތިވެގެން މިއުޅޭ ކަމެއްކަމަށް އަޅުގަނޑުމެންނަށް ފާހަގަވެފައި އޮތީ، އަދި އަޅުގަނޑުމެންގެ ޤާނޫނީ ބޭފުޅުން ވިދާޅުވަނީ، ހުރިހާ ވަޒީރުންމެ ޖަވާބުދާރީވާން މިޖެހެނީ، ރައްޔިތުންގެ މަޖިލީހަށް ކަމަށް. އެހެންވީމާ، ޞިއްޙަތާގުޅޭ ކަންކަމަކާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާޖެހޭ ވަޒީރު ބޭފުޅަކު ހުންނަވަނިކޮށް، އެހެންކަމަކާ ގުޅޭ ވަޒީރަކަށް އެކަމަކާ ޖަވާބުދާރީއެއް ނުވެވޭނެއޭ. މިކަމުން ނުކުންނަ ޤާނޫނީ މައްސަލަ އަޅުގަނޑަށްވެސް ފެނޭ. އެހެންވީމާ، އެއިން އަޅުގަނޑުމެންނަށް އަރައިގަނެވެން އޮތީ، ރައްޔިތުންގެ މަޖިލީހުން އެއްޗެއް ބުނެގެން، މިކަމުގައި ރުހުމެއް އަޅުގަނޑުމެންނަށް ދެއްވައިގެން. ތިޔަބޭފުޅުން ރުހޭ ކަންކަމަކަށް މަޖިލީހުން ހުރަހެއް ނާޅުއްވާނެ.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މަޖިލިސް މެދުވެރިނުކޮށް، އަޅުގަނޑުމެން ސަރުކާރަކުން އެއްވެސްކަމެއް ކުރާކަށެއް ނެތީމު. މަޖިލިސް މެދުވެރިކުރުމަކީ، ތިޔަބޭފުޅުން މެދުވެރިކުރުން. މަޖިލީހުގައި ތިއްބަވާނީ ތިޔަބޭފުޅުންގެ ވަކީލުން. މި އިސްލާޙުކުރެވުނު ޤާނޫނުއަސާސީގައިވާގޮތަށް، އަޅުގަނޑުމެން މި އާދަތައް ފަރިތަކުރުން މުހިންމު. މަޖިލިސް މެދުވެރިކޮށްގެން ކުރިކަމުގައިވިޔަސް، މަޖިލީހަކީ ހަމަ ކަންކަމުގައި ތައްގަނޑުޖަހާލަން ތިއްބަވާ ބަޔަކަށް ވެގެން ނުވާނެ. އެހެންވީމާ، މިހުރިހާ މައްސަލަތަކެއްގެ ނުރުހުންތަކާއި ޚިޔާލު ތަފާތުވުންތަކެއްގެ ތެރެއިންވެސް އަޅުގަނޑު އުންމީދުކުރަނީ، މީގެ ހައްލެއް ތިޔަބޭފުޅުންނަށް ހޯއްދެވޭނެ ކަމަށް. އަޅުގަނޑުމެންނަށް ލިބެން މިއޮތް ބޮޑު ފުރިހަމަކަން، ކުދިކުދި ބޯދާ ވިސްނުންތަކުގެތެރޭގައި ނަންގަވާ ނުލެއްވުމަށް، އަޅުގަނޑު އާދޭހާއެކު ދަންނަވަން. މިއަދު މިކަން ނުކުރިއްޔާ އަޅުގަނޑު ދަންނަވާނީ، ގަބޫލުފުޅުކުރައްވާށޭ، ދެން އަނެއްކާވެސް މިރާއްޖޭގައި މިކަން ކުރުމަށް ފަންސާހަކަށް އަހަރު ނަގާނެކަމަށް. ބާރު ދޫކޮށްލަންވެގެން ރިޔާސަތާ ހަވާލުވާން، ވެރިންނެއް މާގިނައެއް ނުވާނެ. އަބަދަކު އެފިކުރުގައި ތިބޭ ވެރިންގެ ޚިޔާލުވެސް ބަދަލުވާނެ. އިންސާނީ ޠަބީޢަތް މިއޮންނަނީ މިގޮތަށް. ގިނަދުވަސްވީ ވަރަކަށް އެހެން ގޮތްގޮތްތައް ވެރިކަން ހިންގުމަށް ފިކުރަށްވެސް އަންނާނެ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އާކޮޅުގައި އަޅުގަނޑުމެން އަތުން ތިޔަބޭފުޅުން އަވަހަށް މިބާރު ނަންގަވާށޭ! މިއަދު ތިޔަބޭފުޅުން ނުނެންގެވިއްޔާ، ގިނަދުވަސްވުމުން އަޅުގަނޑުމެންގެ މުށް ތަންކޮޅެއް ބާރުވެދާނެއޭ. ހަމަ އިންސާނުންނޭ އަޅުގަނޑުމެންނަކީވެސް. އަދި އަޅުގަނޑުމެންވެސް ވެރިކަމެކޭ ހިންގާފައި މިއޮތީ. އެވެރިކަމުގެ އާރާއި ބާރު އެކިގޮތްގޮތަށް އަރަމުން ދާނެއޭ. އެވަގުތަކީ މިއީ. މި ދަނޑިވަޅު ގެއްލިއްޖިއްޔާ އަޅުގަނޑުގެ ހިތް ބުނަނީ މި ރަނގަޅު ފުރުޞަތު ތިޔަބޭފުޅުންނަށް ފަހުން ގެއްލި ހިނގައިދާނެއޭ.

އެހެންވީމާ، އަޅުގަނޑު ދެން ވާހަކަ އިތުރުކުރާކަށް ނެތިން. އަޅުގަނޑުމެނަށް މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައިދެއްވުމަށް، ފުވައްމުލަކުގެ ވަރަށް ޒަމާންވީ ޢިއްޒަތްތެރި މެންބަރަކު ވަޑައިގެން އެބައިންނެވި. މުޙަންމަދު އިބްރާހީމް ދީދީ. އޭނާ، އަޅުގަނޑުމެންނަށް ރިޔާސަތު ބަލަހައްޓަވައި ދެއްވާނެ. އެހެންވީމާ، ތިޔަބޭފުޅުންގެ މަޝްވަރާއާ ތިޔަބޭފުޅުން ނިންމެވި ގޮތަކާ އެކީގައި އަޅުގަނޑުމެންނަށް މިކަން ކުރިޔަށް ގެންދެވޭނެ. ޤާނޫނީގޮތުން ތިޔަބޭފުޅުން އެއްޗެއް ބައްލަވަން ބޭނުންވަންޏާ، އަޅުގަނޑުމެންގެ އޮފީހުގެ ފަރާތުން ހިޝާން އެ އިންނެވީ. ޙުނައިފުވެސް އެތާ އެބައިންނެވި. އެއީ ރައީސްއޮފީހުގެ ބޭފުޅެއް. ޝުޢައިބުވެސް ރައީސް އޮފީހުން އެހުންނެވީ. އެހެންވީމާ، ތިޔަބޭފުޅުން މިތަނުގައި ހިންގަވާ މަޝްވަރާއެއް ވެއްޖިއްޔާ، ހޫނުކަންމަތީގައި އަޅުގަނޑަށް އެކަން އެނގޭނެ، މަޢްލޫމާތު ލިބޭނެ. ޙަޤީޤަތުގައި އަޅުގަނޑު މިއިންނަނީވެސް މިތަނުގައި ބައިވެރިނުވެވޭތީ ދެރަވެފައި. އަޅުގަނޑު ބޭނުންވާނެ ތިޔަބޭފުޅުންނާ ޒުވާބުކުރަން. މިއަދު އަޅުގަނޑަށް އެކަން ކުރެވެން ނެތީ. އަޅުގަނޑު އެއްކައިރިއަކަށް ޖެހިލާނަން. އަޅުގަނޑު ދަންނަވާނީ ތިޔަބޭފުޅުން މަޝްވަރާތައް ކުރައްވާފައި، ގޮތެއް ނިންމަވާފައި އެގޮތަކަށް އަވަހަށް ބާރަށް ކުރިޔަށް ވަޑައިގަންނަވަމާ ހިންގަވާށޭ! މާދަމާ މަސައްކަތް ފަށްޓަވަމާ ހިންގަވާށޭ!

އަޅުގަނޑުމެންނަށް ކުރެވެންހުރި ކަންތައްތައް ވަރަށްގިނަ. މިތަނުގެ ހޮސްޕިޓަލެއްވެސް، މިތަނުގެ މަދަރުސާއެއްވެސް، މިތަނުގެ ޢުމްރާނީ އެހެން ތަރައްޤީއަށްވެސް، މިކަހަލަ ކިތަންމެ ކަމެއް ކުރެވެން އެބަހުރި. އަޅުގަނޑަށްވެސް އެނގޭ، ދުނިޔެ މިއޮތީ އިޤްތިޞާދީ ހީނަރުކަމެއްގައިކަން. އެހެންނަމަވެސް، އޭގެތެރެއިން ލާފައިވެސް އަޅުގަނޑުމެންނަށް ކުރެވެންހުރި ކަންކަން ބައިވަރު އެބަހުރި. ތަކެތީގެ އަގުވެސް އަޅުގަނޑުމެންނަށް ހެޔޮކުރެވޭނެ. ބޯހިޔާވަހިކަންވެސް އަތްފޯރާފަށުގައި ފޯރުކޮށްދެވޭނެ. ދަތުރުފަތުރު ކުރުމުގެ ނިޒާމުވެސް ގާއިމުކޮށްދެވޭނެ. އަޅުގަނޑު ޔަޤީންކުރަން، ތިޔަބޭފުޅުން މިވަގުކޮޅު ހެޔޮގޮތުގައި ބޭނުންކުރައްވާނެކަމަށް. އަޅުގަނޑުމެންނަށް މީގައި ހައްލެއް ހޯއްދަވައިދެއްވާނެކަމަށް. ވަރަށްބޮޑަށް ޝުކުރިއްޔާ!