بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑަށް މިއަދު ހަމަކަށަވަރުންވެސް މި ނިންމަން މި ލިބުނީ ނުވަތަ އަޅުގަނޑަށް މި ލިބުނީ ވަރަށްބޮޑު ފަޚުރެއް. ތިޔަބޭފުޅުންގެ ޞިއްޙީ މަރުކަޒު މިތަނުގައި ހުޅުވައިދިނުމުގެ ފަޚުރު އަޅުގަނޑަށް ލިބުނީތީވެ، އަޅުގަނޑު އެކަމާ އުފާކުރަން. އަދި އަޅުގަނޑު އުންމީދުކުރަން، މި މަރުކަޒު މެދުވެރިކޮށް، މި މަރުކަޒު ބޭނުންކޮށް މިރަށުގެ ރައްޔިތުންނަށް ބޭނުންވާ، ޚާއްޞަކޮށް ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ ޚިދްމަތް، ޞިއްޙީ އެހީތެރިކަން ފޯރަމުންދާނެ ކަމަށް.

ހަމައެއާއެކީގައި އަޅުގަނޑު ދަންނަވާލަން ބޭނުން، އަޅުގަނޑުމެން މިރަށާގުޅޭ ތަޞައްވުރެއް ގެންގުޅެމޭ. ސައުކާރުގެ އެބައޮތޭ ވިސްނުމެއް، ރިނބުދޫއާގުޅޭ ވިސްނުމެއް. އެވިސްނުމަކީ އެއްވެސް ޙާލެއްގައި ރިނބުދޫއިން މީހުން ބޭލުމެއްނޫނޭ، ނުވަތަ ރިނބުދޫ ނިކަމެތިވާ އެއްވެސްގޮތެއް ހެދުމެއްނޫނޭ. އަޅުގަނޑުމެން ބޭނުންވަނީ، ރިނބުދޫ ތަރައްޤީވެ ކުރިއަރައި ދިޔުމޭ. އެގޮތުން އަޅުގަނޑުމެންނަށް އެބަފާހަގަވޭ، ތިޔަބޭފުޅުން ބޭނުންފުޅުވަނީ، ސަރުކާރުން އިންތިޒާމުކޮށްފައިއޮތީ ނުވަތަ ރާވާފައިވަނީ، މިތަނުގެ ބަނދަރު ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދަން. އޭގެތެރޭގައި މިހާރު އޮތީ، އެތެރެކޮނެފައި ފަހުން ބޮޑުގާ ޖައްސާގޮތަށް. އެހެންވީމާ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، ތިޔަބޭފުޅުން ތިޔަ ވިދާޅުވާ ވާހަކަ. އެއީ، ގާ ނުޖައްސާ ކޮނެފިނަމަ ނުވަތަ ކޮނެފައި ހަމަ ވަގުތުން ގާނުޖައްސަނީނަމަ، އެ ކޮނުނުތަނަށް ވެލިއެޅި، އަދި އެ ކޮނުމުގެ ބޭނުންނެތި ހިނގައިދާނެކަމަށް އަޅުގަނޑުމެންނަށްވެސް ފެނޭ.

ދެން އަޅުގަނޑުމެންނާއެކުގައި އެކަމާގުޅޭ ބޭފުޅުން އެތަން ބައްލަވަމުންވެސް އެބަގެންދަވާ. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުން، އިރާދަކުރެއްވިއްޔާ ސަރުކާރުން މިކަންތައް ކޮށްދޭއިރުގައި ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތައް އެކަންކުރެވޭތޯ އަޅުގަނޑުމެން ނިހާޔަތަށް މަސައްކަތްކުރާނަމޭ. އަޅުގަނޑުމެންނެއް ބޭނުމެއްނޫން ތިޔަބޭފުޅުން ނުރުހޭކަމެއް، ނަމަކަށް ކަމެއްކޮށްފައި މިތަނުން ދާކަށް. ސަރުކާރު އެދޭގޮތެއްނޫން އެއީކީއެއް. ސަރުކާރުން ބޭނުންވަނީ ރައްޔިތުންނާ ވާހަކަދައްކައިގެން، ރައްޔިތުން ރުހޭގޮތަށް އެކަންކުރަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ބަނދަރު ނިމިގެންދާއިރުގައި ބޮޑުގާޖެއްސުމާއި، ވާޓަރުހެދުމާއި އަދި ފުންކުރުމާއެކީގައި ނިމިގެންދާނެ.

އަޅުގަނޑުމެންގެ ވިސްނުމެއް އަބަދުވެސް ގެންގުޅެމުން އައީ، މިރަށުގައި ފަޅުވެފައިހުރި ގެތަކާގުޅޭގޮތުން ޢަމަލުކުރެވޭނެގޮތެއް. އަޅުގަނޑު ހަނދާންވޭ، މީގެކުރީގައި އަޅުގަނޑުމެން މިތަނަށް އައިރޭވެސް ތިޔަބޭފުޅުންނާ އަޅުގަނޑުމެން އެވާހަކަދެއްކީމު. އެއީ، އެގެތައް އިތުރަށް މަރާމާތުކޮށްގެން، ޓޫރިޒަމްގެ ކޮންމެވެސް ބޭނުމެއް ހިފޭނެގޮތެއް ހޯދުން. އަޅުގަނޑު މިފަހަރު މާލެގޮސް އަދި ވަކިން ބޮޑަށް މުޅިރަށުގެ ޗާޓާއި، ހުރިގޭގެ އާ މަރާމާތާ މިކަން ކުރިއަށް ގެންދެވޭނެގޮތާ، މިކަންކަމާގުޅޭ ރަނގަޅު ތަޞައްވުރެއް، ރަނގަޅު ޕްރޮޖެކްޓެއް ޕްލޭނެއް ކުރެވޭނެ. ކުރެވިފައި އެޕްލޭނުގެ ދަށުން އިރާދަކުރެއްވިއްޔާ މިރަށުގެ ބިމާއި، މިރަށުގެ މުދަލާއި، މިރަށުގެ ގެދޮރު ބޭނުންކުރަން ފެށޭނެ.

އަޅުގަނޑު ހަމަ އަބަދުވެސް އުންމީދުކުރަނީ، ރިނބުދޫއަކީ ކުރީގައިވެސް ރާއްޖޭގައިއޮތް އެއް މަޝްހޫރު ހުނަރުވެރިރަށަށް ރިނބުދޫ ވެގެންދާނެކަމަށް. ރިނބުދޫ އެއްވެސް ޙާލެއްގައި ފަޅުވެ، ނެތި ނުދާނެކަމަށް. ރިނބުދޫ ރާއްޖޭގައި ވަރުގަދަ ރަށެއްގެގޮތުގައި އޮންނަތާ ރަނގަޅު ތިންހާސް އަހަރުވެއްޖެ. ރިނބުދޫއަކީ ލިޔެވިފައިއޮތް ދިގުތާރީޚެއްއޮތް ރަށެއް. ރިނބުދޫއަކީ އެއްވެސް ޙާލެއްގައި އެރަށް ފަޅުކުރުމަށް މިރަށު ރައްޔިތުންވެސް އަދި ދިވެހި ސަރުކާރުވެސް އެދޭނެ ރަށެއްނޫން. އެހެންވީމާ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް އަނެއްކާވެސް ޔަޤީންކަން އަރުވަން ބޭނުން، އިރާދަކުރެއްވިއްޔާ މި ސަރުކާރުގައި ރިނބުދޫ ފަޅުވެ، ނެތި ގޮސް، ބިކަވެ ހާލުގައި ޖެހޭނެގޮތެއް ވެގެނެއް ނުދާނެ. ވަރަށްބޮޑަށް ޝުކުރިއްޔާ!

އަޅުގަނޑު ތިޔަބޭފުޅުންގެ ވަގުތު އިތުރަށް ނަގާލާކަށް ނެތިން. ބަންގިގޮވުމާވެސް ގާތްވަމުން މިދަނީ. އަނެއްކާވެސް ހަމަ ދަންނަވަންއޮތް ވާހަކައަކީ މަރުޙަބާއޭ! ތިޔަބޭފުޅުންނޭ މިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވާފައި. ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް އިންތިޚާބު ކުރެވިފައިއޮތް ރައްޔިތުންގެ ވެރިކަމެއް ޤާއިމުކުރެއްވީ ސީދާ ތިޔަބޭފުޅުން ނުކުމެވަޑައިގަންނަވައި، ތިޔަބޭފުޅުންނޭ. އެކަމަށް މުޅިދުނިޔޭގެ ހުރިހާ އެންމެންވެސް ދިވެހިރައްޔިތުންނަށް އަބަދުވެސް މަރުޙަބާއާއި މުބާރިކްބާދީ ރައްދުކުރަމުންދަނީ. އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް މަރުޙަބާ ދަންނަވަން. ވަރަށްބޮޑަށް ޝުކުރިއްޔާ!

اَلحَمْـدُ لِلّـهِ.