بســم اللّـه الرّحمـن الرّحيــم

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް. ކުޑަހުވަދޫގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑުމެން މި ރާއްޖޭގައި އުފެދުނު ފުރަތަމަ ގިނަ ޕާޓީ ވާދަކުރި ރިޔާސީ އިންތިޚާބުގައި ބައިވެރިވީ، އެ އިންތިޚާބު އަޅުގަނޑުމެންނަށް މާތްރަސްކަލާނގެ އިރާދަފުޅުން ކާމިޔާބުވުމުން، މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކެއްގެ ވަޢުދުތައްވަމުން. ހަނދުމަފުޅު ހުންނާނެ، އަޅުގަނޑުމެން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ދަތުރުކުރީމު. ގިނަ ރަށްރަށުގެ ރައްޔިތުންނާ އަޅުގަނޑުމެން މުޚާޠަބުކޮށް ވާހަކަ ދައްކައި ހެދީމު. ރައްޔިތުންނަށް އަޅުގަނޑުމެން އިތުބާރުދެމުން ގެންދިޔައީމު. އަޅުގަނޑުމެން ދެންނެވީމު، އަޅުގަނޑުމެންގެ ސަރުކާރެއްގައި ކަންކަން ހިނގާނެ ގޮތުގެ ކޮންމެވެސް ވަރެއްގެ ތަޞައްވުރެއް. އޭރު އަޅުގަނޑުމެން އެވާހަކަތައް ދައްކަމުންދިޔައިރުގައި، އަޅުގަނޑުމެންގެ ސިޔާސަތުތައް ހާމަކުރަމުން ގެންދިޔައިރު ފަހަރުގައި ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އެކަންކަމަށް އެހާބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާފައި ނުވެދާނެ. އެހެންނަމަވެސް، ވަރަށް ބޮޑަށް ހަމަގައިމުވެސް ހުރިހާ ބޭފުޅުންނަށްވެސް ސާފު އެއްކަމެއް އޮތް. އަޅުގަނޑުމެން އުފައްދަން ބޭނުންވީ، ބޭނުންވަނީ އަދި އަޅުގަނޑުމެން ހިންގަން ބޭނުންވަނީ، ރައްޔިތުންގެ ވެރިކަމެއް. ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ ރުހުމާ އެއްގޮތަށް ކުރެވޭ ވެރިކަމެއް.

އެ ވެރިކަން އެގޮތަށް ކުރުމަށްޓަކައި އަޅުގަނޑުމެންނަށް އަބަދުވެސް ސާފުވެފައި އޮތް ވަރަށްބޮޑު ޙަޤީޤަތެއް އެއީ، ރާއްޖޭގެ ރަށްތައް، އަތޮޅުތައް، މި ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހެޔޮގޮތުގައި ހިންގުމަށް އިންސާނީ ތަޖުރިބާ ދައްކާފައި އޮތް އެންމެ ރަނގަޅު އުޞޫލަކީ، ގޮތަކީ، ލާމަރްކަޒީ އުޞޫލުން މި ރާއްޖޭގެ ހިންގުން ކުރިއަށް ގެންދިޔުންކަން. މިދެންނެވި ވިސްނުމަކީ، ކޮންމެހެން ހަމަ އަޅުގަނޑުމެން ރިޔާސީ އިންތިޚާބަށް ނުކުތްހިނދު، އަޅުގަނޑުމެން އެކުލަވާލި ވިސްނުމެއް ނޫން. މާލޭގައި ހުރިހާ ބާރެއް ޖަމާވެ، އެކުވެ، އެ ބާރުތައް މާލޭގައި ތިއްބަވާ މަދުމީސްކޮޅެއް ބޭނުންފުޅުވެވަޑައިގަންނަވާހާ ގޮތަކަށް، ރައްޔިތުންގެ މައްޗަށް ފޯރުކުރަމުން ގެންދާ ނިޒާމެއްގައި ވެރިކަން ކުރިއަށް ގެންދިޔައީމާ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައްވެސް، އިޖްތިމާޢީ ޚިދްމަތްވެސް އަދި ތަރައްޤީއަށް ބޭނުންވާ އެނޫންވެސް އެހެން ހުރިހާ ކަމެއްވެސް ހިންގުމަށް ދަތިކަމާއި ތަރައްޤީވުމަށް ކިތަންމެ ހުރަހެއް އެޅޭކަން މިއީ އަޅުގަނޑުމެންގެ ރާއްޖޭގެ ކިތަންމެ ބައެއް، ކިތަންމެ ޒަމާނެއް ވަންދެން މަޑުމަޑުން ނަމަވެސް ދައްކަމުން އައި ވާހަކަތަކެއް.

ރައްޔިތުންގެ ހިތްތަކުގައި އަދި ރައްޔިތުންގެ ތެރެއިން ކަންކަމާ ގުޅޭގޮތުން ވިސްނަވާ އުޅުއްވާ ބައެއް ބޭފުޅުންގެ ހިތްތަކުގައި ރާއްޖޭގެ ވެރިކަން އަތުރާލަން އެންމެ ރަނގަޅު ގޮތް ތަޞައްވުރު ކުރަމުން އައިއިރުގައި، ލާމަރްކަޒީ އުޞޫލުން ވެރިކަމުގެ ކަންކަން ހިންގުން އެއީ، އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަކުރެވެމުން އައި ކަމެއް. މި އުޞޫލު އެ ފަލްސަފާގެ ވާހަކަތައް، ޚާއްޞަ ގޮތެއްގައި އުފުލިގެންދިޔައީ، ރާއްޖޭގެ ޖުމްހޫރިއްޔަތުގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރުމާ ގުޅިގެން. އެ މަޖިލީހުގެ ބަޙުޘްތައް، އެ މަޖިލީހުގެ ވަކާލާތު ކުރުން، އެ މަޖިލީހުގައި ތިޔަބޭފުޅުންގެ ފަރާތްޕުޅުން އަޑު އުފުއްލަވަމުން ގެންދެވި މެންބަރުން ތަކުރާރުކޮށް ހުއްޓުމެއްނެތި އަބަދުމެ ދައްކަވަމުން ގެންދެވި އެންމެ ފާހަގަވާ އެއް ވާހަކައަކީ، ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގުމުގެ ވާހަކަ. ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ކަންކަން ހިންގުމުގެ ވާހަކަ.

ލާމަރްކަޒީއަކީ އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށް ހަމަ އަޅުގަނޑާ އެއްވަރަކަށް، އެއްމިންވަރަކަށް މިބަސް ސާފުވާނެ. އެއީ، މަރްކަޒީ ނުވުން. ނުވަތަ އެއްތަނަކަށް ހުރިހާ ކަމެއް ޖަމާވެފައި ނެތުން. އެ ނޯންނާނެ އުޞޫލަކުން ކަންކަން ރާވައި ހިންގައި ކުރިއަށް ގެންދިޔުން. އަޅުގަނޑުމެން މި ހިންގާ ސަރުކާރު، އަޅުގަނޑުމެންގެ ވެރިކަން ހިނގަމުން އަންނާނީ، މިދެންނެވި އުޞޫލުންކަން އަޅުގަނޑު ހިތުން އަޅުގަނޑުމެން އޭރުގައި ދައްކަމުން އައި ވާހަކަތައް އަޑު އެއްސެވި ގިނަ ބޭފުޅުންނަށް ވަރަށް ސާފުވެވަޑައިގަންނަވާނެ. އަޅުގަނޑުމެން އޭރު ރާއްޖޭގެ ރަށްތަކަށް ކުރި ދަތުރުގައި ރައްޔިތުންނާ އެންމެ ބޮޑަށް ދައްކަމުންދިޔަ ވާހަކަތަކުގައި، ރައްޔިތުންގެ ފަރާތުން އެންމެބޮޑު ތާއީދެއް، ރުހުމެއް އަޅުގަނޑުމެންނަށް ލިބިގެންދިޔަ އެއްކަމަކީ، ހަމަ ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި މިރަށުގެ ކަތީބާއި، މިއަތޮޅުގެ އަތޮޅުވެރިންނަކީ އިންތިޚާބުވެފައިވާ ބަޔަކަށް އަޅުގަނޑުމެން ހަދައިދޭނަމޭ (ބުނަމުންދިޔަ ބުނުން.)

އަޅުގަނޑުމެން އެ ބުނަމުންދިޔަ ބުނުމަށް ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ނުހަނު އިޖާބަދިން. އެގޮތަށް އެކަން ކުރިއަށް ގެންދިއުމަށް ނުހަނު ބޭނުންފުޅުވެވަޑައިގެންނެވި. އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސަތެއް އެކުލަވާލެވުނުއިރު، އެސިޔާސަތުގެ މައިގަނޑު ބިންގަލަކަށް، ތަރަޙައަކަށްވެފައި އޮތީ، މިދަންނަވާ މަގުން ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ވެރިކަން ހިންގުން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ މި އުޞޫލު ރާއްޖެއަށް ތަޢާރުފު ކުރުމުގައި ފަސްޖެހޭންވީ ނުވަތަ ޖެހެވެން އޮތް އެއްވެސް ތަނެއް ނެތް. އެއްވެސް ސަބަބެއްވެސް ނެތް. އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ދެއްވި ތާއީދު، ކުރެއްވި ތާއީދު، ދެއްވި ވޯޓު، ދެއްވި ރުހުން ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ދެއްވީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވަޢުދުތަކެއްވީމާ. އެ ވަޢުދުތަކުގެ ތެރޭގައި، އެންމެ ފާހަގަވާ މިދަންނަވާ އެއް ވަޢުދަކީ، ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ރާއްޖެ އަލުން އަނބުރާ އަޅުގަނޑުމެން ރައްދުކޮށްދޭނަމޭ، އަޅުގަނޑުމެން ބުނަމުން ގެންދިޔައީމު.

މިއަދު އަޅުގަނޑުމެން ސަރުކާރާ ޙަވާލުވެ، އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތަކީ އެއީ. މާލޭގައި ޖަމާވެފައި ހުރި ވެރިކަމުގެ ބާރު، މާލެއިން ބޭރުކޮށް ރާއްޖޭގެ އެކިއެކި ސަރަޙައްދުތަކުގައި އެ ބާރު ހިންގަން ފެށުން. އިރާދަކުރެއްވިއްޔާ، މިރޭ އަޅުގަނޑުމެންނަށް މިފާހަގަކުރެވެނީ، ވަރަށް އުފާވެރި ދުވަހެއް. އެއީ، މި ބާރު، މާލޭގައި ޖަމާވެފައި ހުރި ބާރު، މާލެއިން ބޭރުވާއިރު، ޚާއްޞަ ގޮތެއްގައި ދެން އެ ބާރުތައް ޖަމާވާނެ ހަތް ތަނެއް އަޅުގަނޑުމެންނަށް ފާހަގަވެއްޖެ. އެއީ ރާއްޖޭގެ ހަތް ސަރަޙައްދެއް. އޭގެތެރެއިން އެއްތަނެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަވަމުން އަންނަ ތަނެއް ކުޑަހުވަދުއަކީ. އިރާދަކުރައްވައިގެން، އަޅުގަނޑުމެންނަށް އެބާރުތައް މި ސަރަޙައްދުގައި، ޒަމާނުއްސުރެ ފަށައިގެން އަޅުގަނޑުމެން ދެކެމުން މި އައި މެދުރާއްޖެތެރޭގައި، ދެކުނުގައި އެ ބާރުތައް ޖަމާވާން އެންމެ އެކަށީގެންވާ އެންމެ ރަނގަޅު ތަނަކީ ހަމަކަށަވަރުންވެސް މިރަށް. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނާ އެކީގައި، އަޅުގަނޑުމެންނަށް މި ރާއްޖޭގެ ތަރައްޤީގެ މަސައްކަތް ހިންގޭނެ.

ލާމަރްކަޒީ އުޞޫލުން ކަންކަން ހިންގުމާ ގުޅޭގޮތުން ޤާނޫނުއަސާސީ ލާޒިމުކުރަނީ، ޤާނޫނެއް ހެދިގެން، އެ އުޞޫލުން ކަންކަން ކުރިއަށް ގެންދިޔުމަށް. އަދި ހަމައެހެންމެ، އެޤާނޫނުއަސާސީ ވަރަށް ޞަރީޙަ ޢިބާރާތުން އެބަ ފާހަގަކުރޭ، ބަޔާންކުރޭ، ޤާނޫނެއް ނެތުމުގެ ސަބަބުން، މިޤާނޫނުއަސާސީ ރައްޔިތުންނަށް ރައްދުކޮށްދޭ ޙައްޤެއް ނިގުޅައެއްނުގަނެވޭނެއޭ. ޤާނޫނެއް ނެތުން އެއީ، ޙުއްޖަތެއްގެ ގޮތުގައި ދެކިގެނެއް ސަރުކާރަކަށް ނުތިބެވޭނެއޭ. އަޅުގަނޑުމެންނަށް އެހިނދު އޮތީ ވަރަށް އުނދަގޫ ފައްތަރެއް. އެއްއަތުން ޤާނޫނުއަސާސީގައި ރައްޔިތުންނަށް ކަނޑައެޅިގެން ފޯރުކޮށްދޭންޖެހޭ ޙައްޤެއްގެ ވާހަކަ. އެއީ، ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ވާހަކަ ބާބެއްގައި އެކީގައި ބަޔާންކޮށްފައި އެބައޮތް. ހަމައެހެންމެ، މިބާވަތުގެ ކަމެއް އެންމެ ރަނގަޅަށް ހިންގޭނީވެސް ޤާނޫނީ ޙުދޫދެއްގެ ތެރޭގައި، ޤާނޫނުގައި އެހިންގުން ބަޔާންކޮށްގެންކަން އެއީ، އަޅުގަނޑުމެން އެއްވެސް ބަޔަކަށް އޮޅިފައި އޮތް ކަމެއް ނޫން. އަޅުގަނޑުމެންނަށް އެހިނދުގައި ދެން ކަން ކުރެވެން އޮތްގޮތަށް އަޅުގަނޑުމެން ކަން ކުރަން ފެށީ. ހަމައެކަނި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ގޮތުގައި ކުރީގައި ހިންގަމުން އައި މިނިސްޓްރީގެ ބާރުތައް، އަޅުގަނޑުމެން ނިންމީ ލާމަރްކަޒީ ކުރަން. އެމިނިސްޓްރީގެ އެންމެހާ ތަންތަން އަޅުގަނޑުމެން ނިންމީ، ރާއްޖޭގެ ހަތް ސަރަޙައްދެއްގައި ސްޓޭޓް މިނިސްޓަރުން ޤާއިމުކޮށް ހިންގަން ފަށަން. މިހާރު ޙަޤީޤަތުގައި އުޞޫލެއްގެ ގޮތުން ދެކޭއިރު އަޅުގަނޑުމެންނަށް ލާމަރްކަޒީ އަދި ކުރެވިފައި މިވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މަސައްކަތް. ކުރީގައި ހިންގަމުން ގެންދިޔަ އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ މަސައްކަތް. އަޅުގަނޑުމެންގެ މަޤްޞަދަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ކުރިއަށް މިއޮތް އޭޕްރިލް މަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ، މާލޭގައި އެމަސައްކަތް ކުރީގައި ކުރަމުން އައި ޢިމާރާތް، ފާށަނާ ބިލްޑިންގ، އެ ޢިމާރާތް ބަންދު ކުރުން. އިރާދަކުރެއްވިއްޔާ، އޭޕްރިލް މަހުގެ ތެރޭގައި، އަޅުގަނޑުމެން އެކަން އެގޮތަށް ކުރާނަން.

ލާމަރްކަޒީ އުޞޫލުން ހިންގުމުގެ އިތުރުން، އަޅުގަނޑު ހަމަ ދަންނަވާލަން މިރޭ ބޭނުން. އަޅުގަނޑުމެން މި ސަރުކާރު އެކުލަވާލެވުނުހިނދު، ތިޔަބޭފުޅުންނަށް އިތުރު ވަޢުދުތަކެއްވަމުން ގެންދިޔައީމު. ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެން ފަސް ކަމެއް ފާހަގަކުރީމު. އެއީ، ބޯހިޔާވަހިކަން. ޑްރަގްގެ ޝިކާރައަކަށްވެފައިވާ ޒުވާނުން، އެކަމުން ސަލާމަތްކޮށްދިނުމުގެ މަސައްކަތް ކުރާނެކަން. ދިރިއުޅުމުގެ އަގު ތިރިކޮށްދޭނެކަން. ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލަދޭނެކަން. އަދި ބޭސް ސިޓީއަށް، ބޭސްފަރުވާއަށް ސަލާންޖަހަންޖެހޭ ބަޔަކަށް ދިވެހި ރައްޔިތުން ނުވާނެކަން. މިދެންނެވި ކަންކަމުގައި މަސައްކަތް ކޮށްދިނުމަށް އަދި އެކަންކަން ކާމިޔާބުކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެން ރައްޔިތުންނަށް އަރުވަމުން ގެންދިޔައީމު. އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑު ދެކޭގޮތުގައި، ތިޔަބޭފުޅުން އަޅުގަނޑުމެންގެ ސަރުކާރެއް އުފެއްދެވީ، މި ވަޢުދުތައް ފުއްދުމަށްޓަކައި. މި ސަރުކާރު ދެމި މިއޮންނަނީ ހަމައެކަނި އެންމެ ބޭނުމަކަށް. އެއީ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޚިދްމަތް ކުރުމަށްޓަކައި.

މިރޭ އަޅުގަނޑު ގިނައިރުތަކެއް ނަގާކަށް ނޫން. އެހެން ނަމަވެސް، ފާހަގަކޮށްލަން ބޭނުން. މިދެންނެވި ފަސް ވަޢުދުގެ ތެރެއިން މިހާރު އަޅުގަނޑުމެން ސަރުކާރު ހިންގަމުން އަންނަތާ ހަތަރުމަސްވާއިރު، ކަންކަން ގެންދެވިފައި ހުރީ ކޮން ހިސާބަކަށްތޯ. އަޅުގަނޑުމެން، އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ހިތަށްވެސް ފާހަގަކޮށްލަން ބޭނުންވާ ނުކުތާއެއް. ބޯހިޔާވަހިކަން. އަޅުގަނޑުމެން މިއަހަރު ސަރުކާރުން ދުށީ، މިއަހަރުގެ ތެރޭގައި ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ދިހަހާސް ގެ، ބޯހިޔާވަހިކަން ޢިމާރާތް ކުރަން ފެށުމޭ. އަޅުގަނޑުމެންގެ އަމާޒަކަށް މިއަހަރު އަޅުގަނޑުމެން ހަދާފައި މިވަނީ، މިދެންނެވި ދިހަހާސް ގެ ރާއްޖޭގައި ޢިމާރާތް ކުރަން ފެށުން. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތަކީ، ދިހަހާސް ގެ ޢިމާރާތް ކުރުމަށް، އެ ހަދައި ވިޔަފާރީގެ އުޞޫލުން ދޫކުރުމަށް ބޭނުންވާ ފަރާތްތައް ހޯދުމަށް ޝައުޤުވެރިވާ ފަރާތްތައް ސަރުކާރުން އިޢްލާނެއް ކުރި. އެ އިޢްލާނުގައި ސަރުކާރުން ހާމަކުރި، އެ ދިހަހާސްގެއާ އެކުގައި އެކަން ކުރަންއުޅޭ ބަޔަކަށް، އެއްހާސް އިތުރު ގެ، އެއީ ބޮޑެތި ޓޫރިސްޓުންނަށް އުޅެވޭނެ، ޓޫރިޒަމަށް މަގުފަހިވާނެފަދަ އިތުރު އެއްހާސް ގެ ޢިމާރާތް ކުރުމުގެ ފުރްޞަތު ލިބިގެންދާނެއޭ. ކޮންމެ އެއްހާސް ބޯހިޔާވަހިކަމަކަށް އަޅުގަނޑުމެން ބެލީ، ސަތޭކަ ޓޫރިސްޓުންނަށް އައިސް އުޅެވޭނެ ބާވަތުގެ ޖާގަ ބޮޑު، ގެ ޢިމާރާތް ކުރުމުގެ ނުވަތަ ހެދުމުގެ ފުރްޞަތު ހުޅުވާލަން. އެކަން އަޅުގަނޑުމެން އެގޮތަށް ކުރީ، މިދެންނެވި ދިހަހާސްގޭގެ ނުވަތަ ސަތޭކަ އެއްހާސްގޭގެ ފައިސާގެ ދެކޮޅުޖެއްސުމަށްޓަކައި، އެކަމަށް ޝައުޤުވެރިވާ ބަޔަކު ހޯދާއިރުގައި، އެބަޔަކު ޝައުޤުވެރިކުރުވުމަށްޓަކައި. އަދި އެބަ އިތުރު ވިޔަފާރިއެއް ނުވަތަ އިތުރު އެއްޗެއް، މުދަލެއް އެބަ ހިމަނަންޖެހެއޭ އެ ގެދޮރު ޢިމާރާތް ކުރުމުގެ ތެރޭގައި. މިސާލަކަށް، އަޅުގަނޑުމެން މިދެކެނީ، މިރަށުގައި ތިންސަތޭކަ ފްލެޓް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިރަށުގައި އަޅަން ފަށާނަން (ފެށޭނެކަމަށް). އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމުގެ އިތުބާރު މިރޭ، މިއަދު، ކުރިއަށްވުރެން އަދި މާބޮޑު.

ސަރުކާރުން މިދަންނަވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ކުރި އިޢްލާނު މިއަދާ ހަމައަށް އިޖާބަދީފައި އެބައޮތް، އަޅުގަނޑު ހަނދާންވާ ގޮތުގައި ހަތް ފަރާތެއް. އިއްޔެގައި މިނިސްޓަރު ހާމަކުރެއްވި އެކަން. އޭގެތެރެއިން ކޮންމެ ފަރާތަކަށްވެސް، އެ ކޮންމެ އެއްހާސް ގެއެއް ޢިމާރާތް ކުރަން ބޭނުންވާ ކޮންމެ ފަރާތަކަށް ސަރުކާރުން މިފުރްޞަތު ހުޅުވާލަނީ، ސަތޭކަ ޓޫރިސްޓް ގޭގެ ވިޔަފާރި، އެބަޔަކަށް ދިނުމަށް. ކުޑަހުވަދޫގައި ތިންސަތޭކަ ގެ އެޅުމަށް މިސާލަކަށް އޮންނައިރު، އޭގެ މާނައަކީ އެއާ ގުޅޭ ރަނގަޅު އަގުގައި ވިއްކޭނެ، ބޭރު މީހުންނަށް ވިއްކޭނެ ނުވަތަ އޭގެ ހިންގުން ބޭރު ފަރާތްތަކަށް ދޫކޮށްލެވޭނެ ޓޫރިސްޓުން ދިރިއުޅޭ ތިރީސް ގެ، އޭގެތެރޭގައި ހިމެނޭނެއޭ. އެ ގެތައް ހިމެނެނީއަކީއެއް ކޮންމެހެން ކުޑަހުވަދުއަކު ނޫން. ނުވަތަ އެ ފްލެޓްތައް ޢިމާރާތްކުރާ ރަށެއްގައެއް ނޫން. އެ ފްލެޓްތައް ޢިމާރާތް ކުރަން ނުވަތަ ބޯހިޔާވަހިކަން ޢިމާރާތް ކުރުމަށް ބޭނުންވާ، އެކަމަށް ޝައުޤުވެރިކަން ހާމަކުރާ ބަޔަކު އެ ބޭނުންވާ ތަނެއްގައި، އެކަން ކުރެވޭ ގޮތަށް ސަރުކާރުން އޭގެ އިންތިޒާމު ހަމަޖައްސާފައި މިވަނީ.

ދެވަނަ ފިޔަވަޅަކަށްވާނީ، ޝައުޤުވެރިކަން ހާމަކޮށްފައިވާ ފަރާތްތަކުގައި ސަރުކާރުން އެފަރާތްތަކަށް އިތުރު މަޢްލޫމާތު ދެން ދޭން އެބަޖެހޭ. ސަރުކާރުން އެ ބޯހިޔާވަހިކަން ބަހައްޓަން ބޭނުންވަނީ ކޮން ގޮތަކަށްތޯއާއި، އެ ބޯހިޔާވަހިކަން ނުވަތަ އެ ގެދޮރު، ގެވަޅު ހުންނާނެ މިނާއި، އޭގެ ވަރާއި، އޭގެ މިންތަކާއި، މިބާވަތުގެ އިތުރު މަޢްލޫމާތު އަޅުގަނޑުމެން އެބަ ހާމަކުރަންޖެހޭ. އަދި އެފަރާތްތަކަށް އެބަ ފޯރުކޮށްދޭންޖެހޭ. އެކަން ކުރުމުގައި އަޅުގަނޑުމެން ނަގާ ވަކި ދުވަސްތަކެއް އެބަހުރި. ޝައުޤުވެރިކަން ހާމަކުރި ފަރާތްތަކަށް އެމަޢްލޫމާތުތައް ދިނުމަށްފަހުގައި، އެފަރާތްތަކުން ދެން ސަރުކާރަށް ހުށަހަޅާނީ، އެފަރާތުން އެކަން ކުރުމަށް ޤަޞްދުކުރާ ގޮތް. އަދި ޤަޞްދުކުރާ ގޮތް. އަދި ޤަޞްދުކުރާ އެހެނިހެން އިންތިޒާމުތައް. ހުށަހަޅާ ހަތް ފަރާތުގެ ތެރެއިން ސަރުކާރަށް އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާފައި އޮތް ފަރާތަކަށް، އޭގެ ކޮންޓްރެކްޓް ސަރުކާރުން ޙަވާލުކުރާނެ.

މިދެންނެވި ތަރުތީބުގައި އަޅުގަނޑަށްވެސް އެބަ އެނގޭ ދުވަސްތަކެއް ނަގާކަން. އެހެން ނަމަވެސް، ކޮރަޕްޝަން މިކަންކަމުގެ ތެރެއަށް ނުވަދެ، ނާޖާއިޒު ފައިދާއާއި، ޚިޔާނާތާއި ވައްކަން ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއަށް ނުވަދެ، ކުރިއަށް ގެންދިޔުމަށް ހަމަ އޮންނަނީ އެންމެ ގޮތެއް، އެންމެ އުޞޫލެއް. އެއީ ދެފުށް ފެންނަ ގޮތަށް ކޮންމެ ކަމެއްވެސް އިޢްލާނު ކުރަމުން، ޢާންމުކޮށް ހުޅުވާލައިގެން ކޮންމެ ބަޔަކަށްވެސް ބައިވެރިވެވޭ ގޮތަށް އެމަސައްކަތް ކުރުން. އެކަންކަން އެހެން ކުރަމުންދާއިރުގައި، ނަގާ ވަގުތު ނަގަމުންދާނެ. ޖުލައިމަހުގެ ކުރީގައިވެސް މިމަސައްކަތް ފަށައިގަންނަން އަޅުގަނޑުވެސް ބޭނުން. އެހެންނަމަވެސް، މި ތަރުތީބުން އަޅުގަނޑުމެންނަކަށެއް ނައްޓާލެވޭކަށެއް ނެތް. އެ ނައްޓާލައިފިނަމަ، އާޚިރަތުގައި ފަހުން އަޅުގަނޑުމެންނަށް އޭގެ ހިތާމަ، އަޅުގަނޑުމެންނަށް އޭގެ ދެރަ ލިބޭނެ. އަޅުގަނޑުމެން ހިންގަން މިއުޅޭ މަސައްކަތްތައް އެއީ ކޮރަޕްޝަން ނެތްގޮތުގައި ހިންގޭ ކަންތައްތަކަށް ނުވެދާނެ. އެހެންވީމާ، އަޅުގަނޑުމެން މިބޭނުންވާ ފައިދާ، އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.

އަޅުގަނޑަށްވެސް އެނގޭ، ޖޫންގެ ކުރީގައިވެސް އަޅުގަނޑުމެން ބޯހިޔާވަހިކަން ބޭނުންކަން. އެހެންނަމަވެސް، އަޅުގަނޑެއް ނުދެކެން، ޖޫން، ޖުލައިމަހުގެ ކުރީގައި ނުވަތަ އެހިސާބަށް މިކަން އަދި ދެމިގެންދިޔައީތީ، އެއީ މި ސަރުކާރަށް ކަމެއް ނުކުރެވުނީ ކަމަކަށް ނުވަތަ ލަސްވަނީ ކަމަކަށް، އަޅުގަނޑު އެއްގޮތަކަށްވެސް ނުދެކެން. އެކަމުގެ ތަރުތީބު އޮތްގޮތުން އެކަން އެހެންދަނީ. އަދި މިރޭ އަޅުގަނޑު ހިތުން ހަމަ ފާހަގަކޮށްލަން ރަނގަޅު. މިމަސައްކަތުގައި ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އެހީތެރިވެދޭ އެއްބޭފުޅަކީ، ހަމަ މިރަށު ބޭފުޅެއް. ކުޑަހުވަދޫ ބޭފުޅެއް. އަޅުގަނޑުމެން ސަރުކާރުގައި މިމަސައްކަތް ކޮށްދެއްވާ ބޭފުޅެއް. އެހެންވީމާ، ތިޔަބޭފުޅުންނަށް އަދި އިތުރަށް މީގެ މަޢްލޫމާތު ބޭނުންފުޅުވެވަޑައިގަންނަވަންޏާ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ސާފުކުރައްވަމުން ގެންދެވޭނެ. ދެން އަޅުގަނޑު ނަމެއް ނުދަންނަވާނަން އެބޭފުޅާގެ. އެހެންނަމަވެސް، މިކަން އަޅުގަނޑުމެންނަށް ހިންގޭނެ، މިކަން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު ސަރުކާރަށް އެބައޮތް. އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް އަނެއްކާވެސް މިރޭ ހަމަ ތަކުރާރުކޮށް ދަންނަވަން ބޭނުން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި މިރަށުގައި އަޅުގަނޑުމެން މިދަންނަވާ ޢަދަދަށް ފްލެޓް އެޅުމުގެ މަސައްކަތް ފެށިގެންދާނެއޭ.

ގެދޮރުގެ ކަންތަކުގެ އިތުރުން ދެން އަޅުގަނޑުމެން ވަމުންއައި ވަޢުދަކީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން މި ރާއްޖޭގެ ރަށްތައް އަޅުގަނޑުމެން ގުޅުވާލަދޭނަމޭ. ހަމަ އެކަމަށްވެސް ސަރުކާރުން ނިންމި ގޮތަކީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ޝައުޤު ނުވަތަ އެބޭފުޅުން އެކަން ކުރައްވަން ބޭނުންވާކަން ހާމަކުރުމަށް އަޅުގަނޑުމެން އިޢްލާނު ކުރުން. އެ އިޢްލާނު މިހާރުވަނީ ކުރެވިފައި. އެ އިޢްލާނަށް އިޖާބަ ދިނުމުގައި ހަމަ މިކަމުގައިވެސް 8 ފަރާތެއް، 9 ފަރާތެއް އެބައޮތް ހުށަހަޅާފައި. މިކަން އަޅުގަނޑުމެން ގެންދަން ނިންމާފައިވާ އުޞޫލަކީ، އެމަސައްކަތް ހިންގަން ބޭނުންވާ ބަޔަކަށް، އެރަށްރަށުގައި ފެރީ ޓަރމިނަލްތައް ހަދަން ބޭނުންވާ ބަޔަކަށް، އަނެއްކާވެސް ރާއްޖޭގެ އެކިއެކި ސަރަޙައްދުން ބިމުގެ ޖާގަ އެބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ މަސައްކަތްތައް ތަރައްޤީ ކުރުމަށް، އެއީ ޓޫރިޒަމާ ގުޅޭ މަސައްކަތް ކަމުގައިވިޔަސްވެސް ކަނޑައެޅިފައިވާ އޮންނަ ޢަދަދެއްގެ ބިން، ދިގު މުއްދަތަށް ދޫކުރުން. ދޫކުރީމާ އެއީ، ރައުސްމާލެއްގެ ގޮތުގައި ދެކިގެން، ރަހުނެއްގެ ގޮތުގައި ދެކިގެން، އެ ބޭނުންކޮށްގެން ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމު ކުރުން، އުފެއްދުން.

އަޅުގަނޑު އަނެއްކާވެސް ހަމަ ވަރަށް އުފަލާއެކީގައި މިދަންނަވަނީ، އޭރުގައި އަޅުގަނޑުމެން ކަރުދާހުގައި އެކަނި ލިޔުނު ލިޔުންތަކެއް މިއަދު އަޅުގަނޑުމެން ޢަމަލީ މަސައްކަތް އެކަމުގައި ފެށީމާ، ޙަޤީޤަތަކަށްވެގެން މިދަނީ އަޅުގަނޑުމެންވެސް ސިހޭ ދަރަޖައަށް. ރާއްޖޭގައި ވިޔަފާރީގެ އުޞޫލުން ކަންކަން ހިންގާނެ ބައިވަރު ވިޔަފާރިވެރިން ދުނިޔޭގައި އެބައުޅޭ. އެބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ ރާއްޖޭގައި މިމަސައްކަތްތައް ކުރިއަށް ގެންދަވަން. އެހެންވީމާ، އަޅުގަނޑު ހަމަ މިކަމުގައިވެސް ދަންނަވާނީ، އިރާދަކުރެއްވިއްޔާ، މިއަހަރު ނިމުމުގެ ކުރީގައި، އަޅުގަނޑުމެންނަށް ދަތުރުފަތުރު ކުރުމުގެ ނިޒާމުން ދިވެހިރާއްޖެ ގުޅާލުމުގެ މަސައްކަތްވެސް ފެށިގެންދާނެއޭ.

ތަކެތީގެ އަގު އަތްފޯރާފަށަށް ގެނެސްދޭނެ ކަމަށް އަޅުގަނޑުމެން ވަޢުދުވި. އަޅުގަނޑު ހިތާމައާ އެކީގައި ދަންނަވަން ބޭނުންވަނީ، މިއަދާ ހަމައަށް އަޅުގަނޑުމެންނަކަށް އަދި އަޅުގަނޑުމެން އެދޭ މިންވަރަށް އެކަން ކުރެވިފައެއް ނެތޭ. އަޅުގަނޑުމެންނަށް ލިބުނު އިޤްތިޞާދަކީ، އަޅުގަނޑުމެންނަށް ލިބުނު މާލީ ޙާލަތަކީ، އަޅުގަނޑުމެން ހީކުރިވަރަށްވުރެ މާ ނާޒުކު ޙާލެއްގައި އޮތް މާލިއްޔަތެއް. އާމްދަނީ ލިބެންހުރި ދިމަދިމާލުން ލިބެންހުރި އާމްދަނީ އައީ މަދުވަމުން. ސަރުކާރުގެ ޚަރަދު އޮތީ އެތައް ތަނަކުން ބޮޑުވެފައި. އިސްރާފާއި ނާޖާއިޒު ފައިދާ ސަރުކާރުގެ ތެރޭގައި އޮތީ ހައްދުފަހަނަޅައިގޮސްފައި. އަދި ސަރުކާރުގައި މާނަވީ އެއްވެސް ރިޒާވެއް، ނުވަތަ ފަހަށް ފޮރުވިފައި ހުރި ފައިސާއެއް އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިއިރަކު ނެތް. ހަމައެހެންމެ، މިވަގުތު، މިދަނޑިވަޅު ވެގެން މިދިޔައީ، މުޅި ދުނިޔެއަށްވެސް އިޤްތިޞާދީ ހީނަރުކަމެއް ކޮންމެވެސް ވަރެއްގެ ނަމަވެސް އައި ދުވަސްވަރަކަށް. އެހެންވީމާ، އަޅުގަނޑުމެން މި އުންމީދުކުރާ އިޤްތިޞާދީ ޙާލަތާއި، މާލީ ހަމަޖެހުމަށް މި ރާއްޖޭގެ އިޤްތިޞާދު ގެނައުމަށް އަޅުގަނޑުމެންނަށް އަދި ދުވަސްކޮޅެއް ނަގާނެ. މިހާރު އަޅުގަނޑަށް ފެންނަ ފެނުމުގައި އެކަން ވަކިހަމައެއްގައި ހުއްޓުމަށް މިއަންނަ އަހަރުގެ މެދާ ހަމައިގައި ނޫނިއްޔާ، އަޅުގަނޑުމެންނަށް އެކަން އެހެން ކުރެވޭނެ ކަމަކަށް ދެންނެވޭކަށެއް ނެތް.
އެހެންނަމަވެސް، އަޅުގަނޑަށް ހަމަ މިކަމުގައިވެސް އިތުބާރު އެބައޮތް. އަޅުގަނޑުމެންގެ މާލީ ވަޒީރަކީ ރާއްޖޭގެ މާލިއްޔަތު ހިންގޭނެ އަދި އެކަމުގެ ޤާބިލުކަމާއި ހުނަރު ވަރަށް ފުރިހަމައަށް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް. ވިޔަފާރީގެ ހަމަ ހުރިހާ ފުށެއްމެ އެންމެ ކުޑައިރުއްސުރެ ފަށައިގެން މި ރާއްޖޭގެ އެހެން ދަރިއަކަށް އެނގޭނެ މިންވަރަށް އެނގޭ ބޭފުޅެއް. ދިއްދޫ އިބްރާހީމް ކަލޭގެފާނުގެ ޢަލީ ހާޝިމް. އަޅުގަނޑުމެންނަށް ޢަލީ ހާޝިމްގެ މާލިމީ ކަމުގައި ރާއްޖޭގެ އިޤްތިޞާދު ސަލާމަތުގެ އައްސޭރިއަށް، ހަމަޖެހޭ ބަނދަރަކަށް ގެނެސްދޭނެކަމާމެދު ކުޑަވެސް ޝައްކެއް އަޅުގަނޑުގެއެއް ނެތް. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، އިރާދަކުރެއްވިއްޔާ، އިންފްލޭޝަން، ނުވަތަ ތަކެތީގެ އަގު މައްޗަށްދާ ދިޔުން، މިއަންނަ އަހަރުގެ މެދެއްހާތަނުން މަޑުވެގެންދާނެއޭ. އިރާދަކުރެއްވިއްޔާ، ހަމަ އަޅުގަނޑުމެން މިބުނާ އަތްފޯރާފަށުގައި ދިރިއުޅުމުގެ އަގުތައް އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ތިޔަބޭފުޅުންނަށް ބަހައްޓައިދެވޭނެއޭ.

އަޅުގަނޑުމެން ދެން ފާހަގަކުރަމުން އައި އަނެއްކަމަކީ، ޑްރަގަށް ހުޅުވިފައި ހުރި ދޮރުތައް އަޅުގަނޑުމެން ބަންދުކޮށްދޭނަމޭ. އަޅުގަނޑުމެންގެ ސަރުކާރުން އެކަން ރައްޔިތުންނަށް ކޮށްދިނުމުގައި އަވަދިނެތި މަސައްކަތް ކުރާނަމޭ. ތިޔަބޭފުޅުން އަޅުގަނޑަށް ޔަޤީން، ޓީ.ވީ އާއި ރޭޑިޔޯ އަޑު އައްސަވަމުން ގެންދަވާނެ. މިހާރު ފާހަގަވާނެ، ވޭތުވެމިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި، މިސަރުކާރުން ހިފަހައްޓާފައިވާނެ، މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހިފަހައްޓާފައިނުވާ ޢަދަދަށް ޑްރަގް. އަޅުގަނޑުމެން ބަލައިގެން ފުލުހުންގެ އެހީތެރިކަމާއި، ފުލުހުންގެ އެއްބާރުލުމާއި، އަދި އެމް.އެން.ޑީ.އެފް.ގެ އެހީތެރިކަމާއި، އެތަނުގެ އެއްބާރުލުމާއި، ކަސްޓަމްސްއާއި، ޢާންމު ރައްޔިތުންނާއި، ހޮސްޕިޓަލާ މިހެންގޮސް ހުރިހާ މުއައްސަސާއެއް އެކުވެގެން އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސްގެ އިރުޝާދާއި ލަފައާވެސް އޭގައި ހިމެނިގެން އަޅުގަނޑުމެން މިދަނީ މިމަސައްކަތް ބާރަށް ކުރިއަށް ގެންދަމުން. އަޅުގަނޑެއް ނުދަންނަވާނަން އެންމެ ފަސޭހައެކޭ އެކަން ކުރާކަށް. އަދި އަޅުގަނޑުމެންނަށް މިކަން ކުރުމުގައި ދަތިތަކެއް ނެތް ކަމަކަށްވެސް އަޅުގަނޑެއް ނުދަންނަވާނަން. އަދި ފަސޭހައިން އަވަހަށް އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ ކަމަކަށްވެސް ހިތާމައާއެކު އަޅުގަނޑަކަށް ދެންނެވޭކަށް ނެތް. ރާއްޖޭގައި އެކަން އަށަގަނެފައިވަނީ، އަޅުގަނޑުމެން ސިހޭ މިންވަރަށް. އެކަމުގެ ވިޔަފާރީގެ ތެރޭގައި، ޙަރަކާތްތެރިވަމުންދަނީ ހަމައެކަނި ޑްރަގް ބޭނުންކުރާ މީހުންނެއް ނޫން. ހަމައެކަނި އެއީ ވިޔަފާރިއެއްގެ ގޮތުގައި ކުރާ މީހުންވެސް އެކަން ދަނީ ކުރަމުން. އެހެންވީމާ، އަޅުގަނޑުމެންނަކަށް ފަސޭހައެއް ނޫން ކުއްލިއަކަށް މިކަން ރަބަރަކުން ތިންމަސް ދުވަހުގެ ތެރޭގައި ނިންމާލާނަމޭ، އަޅުގަނޑުމެން މި ރާއްޖެއިން ތިންމަސްދުވަހުގެ ތެރޭގައި ޑްރަގްސް ފުހެލާނަމޭ، ނައްތާލާނަމޭ ބުނެވޭކަށް އަޅުގަނޑަކަށެއް ނެތް. އެއީ، އެކަން ރާއްޖޭގެ މުޖްތަމަޢުގެ ތެރެއަށް ފެތުރިފައި ހުރި މިންވަރުން. އެހެންނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، އަޅުގަނޑުމެންނަށް މިކަންވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. އަޅުގަނޑުމެން މިހާރު މިދަނީ އެކަމުގެ އެކިއެކި މަޝްރޫޢުތައް ރާވަމުން. އަޅުގަނޑުމެން ޑްރަގް ހިފަހައްޓާ މިންވަރު އަދި އަތުލައިގަނެވޭ މިންވަރު ދުވަހެއް ދުވަހަކަށް އިރާދަކުރެއްވިއްޔާ އިތުރުވެގެންދާނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންގެ އެ ވަޢުދާ އެއްގޮތަށް އެކަންވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ފަސްއަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ފުއްދައިދޭނަމޭ.

އަޅުގަނޑުމެންގެ ފާހަގަވި ފަސްވަނަ ވަޢުދަކީ، ބޭސް ސިޓީއަށް ދިވެހިން ސަލާންޖަހަން ނުޖެހޭނެ އިންތިޒާމެއް އަޅުގަނޑުމެން ހަމަޖައްސައިދޭނަމޭ. މިކަން ކުރުމުގައި އަޅުގަނޑުމެން ބޭނުންކުރަމުން މިއައީ، އިންޝުއަރެންސްގެ އުޞޫލު. ހުރިހާ ރައްޔިތުން، ހެލްތް އިންޝުއަރެންސެއްގެ ގޮތުގައި އިންޝުއަރ ކޮށްފައި ބޭތިއްބުން. މިހާރު މިއަދާ ހަމައަށް އަޅުގަނޑުމެންނަށް މިދަންނަވާ ޚިދްމަތް ދެވިފައިވަނީ، ފަންސާސްހާސް މީހުންނަށް. އެމީހުންގެ ޞިއްޙީ ފަރުވާގެ ކަންތައް އިރާދަކުރެއްވިއްޔާ ދައްޗަކާނުލައި އެމީހުންނަށް ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެ. އަޅުގަނޑުމެން މިދެކެނީ، މި ފަންސާސްހާސް މީހުންނަކީ މިވަގުތަށް އެކަމަށް އެންމެ ބޭނުން ފަންސާސްހާސް މީހުންނޭ. ސަރުކާރުގެ އަމާޒަކީ، ސަރުކާރުގެ ބޭނުމަކީ، މި ޢަދަދު އިތުރު ކުރަމުން ގެންދިޔުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ފަސްއަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެލްތް އިންޝުއަރެންސް އަޅުގަނޑުމެން ފޯރުކޮށްދޭނަން.

އަޅުގަނޑުމެންގެ ސަރުކާރު ހިންގުމުގައި އަދި އަޅުގަނޑުމެން މި އުންމީދުކުރާ ރައްޔިތުންގެ ވެރިކަން މި ރާއްޖޭގައި އަށަގެންނެވުމަށްޓަކައި އަޅުގަނޑުމެން އެންމެންވެސް ޑިމޮކްރަސީގެ އުޞޫލުތަކާއި އޭގެ ހަމަތަކުގައި އެބަ ފައިތިލަ ސާބިތުކުރަންޖެހޭ. އަޅުގަނޑުމެންނަށް މަޖުބޫރު، ކުރިއަށް މިއޮތް އިންތިޚާބުގައިވެސް ވިސްނުންތެރިކަމާއެކީގައި، ޙިކްމަތްތެރިކަމާއެކީގައި ޢަމަލު ކުރަމުން ގެންދިޔުން. ވިސްނާނުލައި ތިޔަބޭފުޅުންގެ ވޯޓު ދޫކޮށްލައްވައިގެން ނުވާނެ. އެއަށްވުރެ ވަކި އަގުހުރި އެއްޗެއް، ތިޔަބޭފުޅުންނަކަށް ލިބިވަޑައެއްނުގަންނަވާނެ. ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ އިރެއްގައި، މިރާއްޖޭގެ ވެރިކަން ތިޔަބޭފުޅުންނަށް ބަދަލުކުރެވޭނެ. ތިޔަބޭފުޅުންގެ ވެރިކަމެއް މިއީ. ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަތީމާ، ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަކަށް އުފައްދާ ވެރިކަމެއް. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީވެސް.

އެހެންވީމާ، ރާއްޖޭގައި ހެދޭ ޤާނޫނުތަކަކީ، ރާއްޖެ ހިނގާ މައިގަނޑު އޮނިގަނޑަކީ، އުޞޫލަކީ، ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަށް ތިޔަބޭފުޅުންގެ ވަކީލުން ބައްޓަން ކުރާ އޮނިގަނޑެއް. އެ ވަކީލުން ކަނޑައެޅުމުގައި، އެ ވަކީލުން އިންތިޚާބު ކުރުމުގައި އަޅުގަނޑު އުންމީދު ކުރަން ތިޔަބޭފުޅުން މިރާއްޖޭގެ މިދިޔަ ތިރީސް އަހަރަށްވެސް ވިސްނާވަޑައިގަންނަވާނެ ކަމަށް. އަޅުގަނޑުމެންނާ ނުރުހިދާނެ. އަދި މިހާރު ހިނގަމުންމިދާ ސަރުކާރާ ދެބަސްވެވިދާނެ. އަޅުގަނޑު އެދެނީވެސް ތިޔަބޭފުޅުންގެ ތެރެއިން ދެބަސްވެވަޑައިގަންނަވާ ބޭފުޅުން ޚިޔާލު ފާޅުކުރައްވަން. ކަނޑައެޅިގެން އިންކާރު ކުރެއްވުމަށް. ކަނޑައެޅިގެން އަޅުގަނޑުމެންނާ ދޭތެރޭގައި ފާޑުވިދާޅުވުމަށް. މި ސަރުކާރަކުން ދުވަހަކުވެސް ޚިޔާލުފާޅުކުރީތީވެ، މީހަކު ހިފާ ހައްޔަރެއް ނުކުރާނެ. މީހުންނަކަށް އަނިޔާއެއް ނުކުރާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، ތިޔަބޭފުޅުންގެ އިންކާރު ކުރުމާ އެކީގައި، އަޅުގަނޑުމެންނަށް ކަންކަން ރަނގަޅު ކުރަމުން ގެންދެވޭނެ މަގު ހޯދުން. އަނެއްކޮޅު ނުފެންނަނީނަމަ، ރަނގަޅުކޮޅުވެސް ހޯދަން އުނދަގޫވާނެ.

އެހެންވީމާ، އަޅުގަނޑުމެންނަށް އަބަދުވެސް ރަނގަޅު ކުރެވޭނެ. އަޅުގަނޑު ކޮންމެ ދުވަހަކުވެސް އެންމެ ބޮޑަށް އަޑުއަހާ، އެންމެ ބޮޑަށް ބަލާ އަދި އަބަދުވެސް ކުރަމުންދާ އެއްކަމަކީ، ރައްޔިތުންގެ މަޖިލީހުގައިވާ ގޮތް އޮޅުންފިލުވުން، ބެލުން. އަދި ރާއްޖޭގެ ނޫސްތަކުގައި ލިޔެފައި ހުންނަ އެއްޗެތި ކިޔުން. އޭގެއިތުރުން، ރައްޔިތުން ދައްކާ ވާހަކަ އަޑުއެހުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑަށްވާނަމަ ކޮންމެ ދުވަހަކު ތިންލައްކަ ރައްޔިތުންނާ ވާހަކަ ދެއްކޭތޯ އަޅުގަނޑު ބަލާނަން. އެހެން ނަމަވެސް، އަޅުގަނޑަކަށް އެވަރެއްނުވޭ. ވަރަށްގިނަ މީހުންނާ ބައްދަލުކުރެވޭތޯ އަޅުގަނޑު ބަލަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑަކަށެއް އަދި ރައްޔިތުންގެ އިޙްސާސް ނޭނގޭ ކަމަކަށް ހަމަގައިމުވެސް އަޅުގަނޑެއް ނުދެކޭނަން. އަޅުގަނޑަށް އެނގޭ، މިރަށްރަށުގެވެސް ބޭނުން. އަޅުގަނޑަށް އެނގޭ، ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކެއް އެބަހުރިކަން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތިޔަބޭފުޅުންނާ އެކީގައި މަސައްކަތްކޮށް، މި އުންމީދުތައް ޙަޤީޤަތަކަށް (ހަދައި)، ކުރިއަށް މިއޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ހަމަކަށަވަރުންވެސް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އެކަންކަން ފުއްދައިދޭނަން.

އަޅުގަނޑަށްފަހު މިރޭ ވާހަކަ ދެއްކެވުމަށް އަދި ކިތަންމެ ބޭފުޅުންނެއް އެބަތިއްބެވި. ޚާއްޞަ ގޮތެއްގައި، ސުޢޫދުވެސް އެބަ ހުންނެވި. އަދި މިއަތޮޅުގެ ޢިއްޒަތްތެރި މެންބަރު ނާޝިދުވެސް ވާހަކަ ދެއްކެވުން، ތިޔަބޭފުޅުންނާ މުޚާޠަބު ކުރެއްވުން އެބައޮތް. އެހެންވީމާ، އަޅުގަނޑު މިރޭ މިތަނުގައި މާގިނައިރެއް ނުކުރާނަން.

އަނެއްކާވެސް ހަމަ ކުޑަހުވަދޫ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، އަދި މިއަތޮޅާއި މި ޕްރޮވިންސްގެ އެންމެހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަނީ، މިރާއްޖެއަށް ތިޔަބޭފުޅުން ތިޔަގެންނެވި ބަދަލާއި، ތިޔަބޭފުޅުންގެ ހިތްވަރާއި، ތިޔަބޭފުޅުންގެ ޙިކްމަތާއި، ތިޔަބޭފުޅުންގެ ދުރުވިސްނުމަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ޝުކުރާއި މުބާރަކްބާދީ ރައްދުކުރަން.

اَلحَمْـدُ لِلّـهِ. ވަރަށްބޮޑަށް ޝުކުރިއްޔާ!