بســم اللّـه الرّحمـن الرّحيــم

ފެންފުށީގެ އެކުވެރި ލޮބުވެތި ރައްޔިތުން

السّـلام عليـكم

އަޅުގަނޑު ތިޔަބޭފުޅުންނަށް ހަނދުމަފުޅުކޮށް އަރުވަން ބޭނުންވާ ދެތިން ނުކުތާއެއް އެބައޮތް. އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ، ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް، ރާއްޖޭގެ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށްޓަކައި.

އަޅުގަނޑުމެން މި ސަރުކާރު ހިންގަމުން ގެންދާއިރު، އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދުވެސް ބިންވަޅު ނެގިފައިވާންޖެހޭ ކަންތައްތަކެއް އެބަވޭ. ޚާއްޞަ ގޮތެއްގައި ހަނދާނުން ކެހިގެންދިޔަނުދީ އަޅުގަނޑުމެން ހިފަހައްޓަންޖެހޭ ނުކުތާތަކެއް އެބަހުރި. މި ޤައުމުގެ މުއްސަނދިކަމަކީ، މި ސަރުކާރުގެ ހުރިހާ ފައިސާއަކީވެސް ތިޔަބޭފުޅުންގެ ފައިސާ. މިރާއްޖޭގެ ރައްޔިތުންގެ ފައިސާ. އަޅުގަނޑުމެންނާ ޙަވާލުވެފައި މިވަނީ، އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަމާއެކީގައި އެފައިސާ ބެލެހެއްޓުމަށާއި، އަދި ތިޔަބޭފުޅުންނަށާއި އަންނަން އޮތް ޖީލުތަކަށް، މި ރާއްޖޭގެ މުއްސަނދިކަން ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ ދަރިންނަށް، މި ރާއްޖޭގެ ތަނަވަސްކަން ރައްދުކޮށްދިނުން. އަޅުގަނޑުމެން ދެކެނީ، ދިވެހިރާއްޖެއަކީ ޤުދުރަތީ ވަސީލަތްތައް ގިނަ، މުއްސަނދި ޤައުމެއް ކަމަށް. އަޅުގަނޑުމެން ގަބޫލުކޮށްގެން މިތިބީ، އަދި ކުރިއަށްވުރެ މިހާރު އަޅުގަނޑުމެންނަށް، އެ ވިސްނުން މާ ސާބިތުކަންމަތީގައި ހާމަކުރަންކެރޭ. އަޅުގަނޑުމެން ދެކިގެން މި ތިބެނީ، މި ރާއްޖޭގެ މުއްސަނދިކަން ބޭނުންކޮށްގެން، ރާއްޖެ ތަރައްޤީ ކުރުމަކީ، މި ރާއްޖޭގެ ރައްޔިތުންނަށް އުނދަގޫ ކަމަކަށްނުވާނެއޭ.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، އަޅުގަނޑުމެންގެ ކެމްޕޭނުގައި، އަޅުގަނޑުމެން ރައްޔިތުންނަށް ހުށަހެޅީމު، އަޅުގަނޑުމެންގެ ސަރުކާރު ހިނގާނެ ގޮތުގެ ތަޞައްވުރެއް، ސިޔާސަތެއް. އަޅުގަނޑުމެން ދެންނެވީމު، އެއީ މެނިފެސްޓޯއޭ. މިގޮތަށޭ އަޅުގަނޑުމެން ވެރިކަން ހިންގުމަށް ގަސްދުކޮށްފައިވަނީ. މިއަދު އަޅުގަނޑުމެންނަށް އެބައޮތް މިދެންނެވި ސިޔާސަތު އެކިއެކި ރަށްރަށަށް އަމާޒުވާއިރުގައި، އެ ރަށްރަށުގައި ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ނުވަތަ ކޮށްދޭންޖެހޭ، އެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ އަޅުގަނޑުމެންނަށް ވަކިން ފާހަގަކުރެވެން.

އަޅުގަނޑުމެން ރަށްރަށުގައި ފާހަގަކުރަނީ މިދަންނަވާ ނުކުތާ. އެމް.ޑީ.ޕީ.ގެ ސިޔާސަތު ހިންގާއިރުގައި ރަށްރަށަށް ވަކިން އަމާޒުވަނީ ކޮންކޮން ކަންތައްތަކެއްތޯ؟ ހަނދުމަފުޅު ބަހައްޓަވާތި، ރާއްޖޭގެ ރައްޔިތުން އަޣްލަބިއްޔަތު ދެއްވާފައިވަނީ، މި ރާއްޖޭގައި އަޅުގަނޑުމެން ހުށަހެޅި ސިޔާސަތު، އެއީ އެމް.ޑީ.ޕީ އިން ހުށަހެޅި ސިޔާސަތަށް. އެ ސިޔާސަތު ހިންގުމަށް ރައްޔިތުން ރުހޭކަމަށް. ރައްޔިތުން އެއްއަޑަކުން ނުވަތަ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު، ރައްޔިތުންގެ އަޣްލަބިއްޔަތު ހާމަކޮށްފައި މިވަނީ، އެ ރައްޔިތުން އެދެނީ، ރާއްޖޭގައި އަޅުގަނޑުމެންގެ ސިޔާސަތު ނުވަތަ އެމް.ޑީ.ޕީ.ގެ ސިޔާސަތު ހިންގާށޭ.

އެ ސިޔާސަތު ހިންގާއިރުގައި ފެންފުށްޓަށްވަނީ ކިހިނެއްތޯ އެއީ އަޅުގަނޑުމެން އަހާ ސުވާލެއް. އަޅުގަނޑު ހިތުން ފެންފުށީ ރައްޔިތުން ޖަވާބު ބޭނުންވާނެ ސުވާލެއް. ހަމަ އެންމެ ފުރަތަމައަށްވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް އަދި އަޅުގަނޑުމެން އެކަކަށްވެސް ފަސޭހަ ކަމަކަށް ނުވާނެއޭ ފެންފުށީގެ ތަރައްޤީ މިނަން އުޅޭއިރުގައި ނުވަތަ ފެންފުށްޓަށް އަމާޒުވާ ކަންތައް ދެނެގަތުމަށް އުޅޭއިރުގައި އެއީ، ފެންފުށީގެ ގޮނޑާ ހިސާބުން ނިމޭ ކަމެއްގެ ގޮތުގައި ނުވަތަ މަންޒަރެއްގެ ގޮތުގައި ދެކެން. އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައި. މިރަށުގައި ހިނގާ ކަމެއްގެ ސަބަބުން، ޖެހިގެން އޮންނަ ރަށަށާއި، އަނެއް ރަށަށާއި، މުޅި އަތޮޅަށާއި އަދި މުޅި ރާއްޖެއަށް އޭގެ އަސަރު ކުރޭ. އަދި ރާއްޖޭގައި ހިނގާ ކޮންމެ ކަމެއްގެ އަސަރު ފެންފުށްޓަށްވެސް ކުރޭ.

އެހެންވީމާ، ފެންފުށްޓާ ގުޅޭގޮތުން އަޅުގަނޑުމެން ތަރައްޤީގެ ތަޞައްވުރެއް ކުރާއިރުގައި، މަންޒަރެއް ކުރަހާއިރުގައި، އަޅުގަނޑުމެން ބަލަނީ ހަމައެކަނި ފެންފުށްޓަކަށެއް ނޫން. އަޅުގަނޑުމެން މުޅި ރާއްޖެއަށް ބަލަމުން، މި މަންޒަރު ކުރަހަމުން މިއަންނަނީ. އަޅުގަނޑުމެންނަށް ފާހަގަވެފައި އޮތީ، ފެންފުށީގެ ބަނދަރުގެ މައްސަލަ. ބޭރުތޮށި، ބޮޑުގާ ތޮށްޓެއް ބޭނުންވާކަން އަޅުގަނޑުމެންނަށްވެސް ފާހަގަވޭ. ބޭރުތޮށި ވަރުގަދަކޮށް ނެތުމުން، އެތެރޭ ވާޓަރު ހަލާކުވަމުންދާކަން އެއީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ އިންތިޚާބަށް އަޅުގަނޑުމެން ސިޔާސަތު އެކުލަވާލިއިރުވެސް ފެންފުށްޓާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ސާފުވެފައި ހުރި ކަންތައްތަކުގެ ތެރެއިން ކަމެއް. އަޅުގަނޑުމެންނަށް އެމަސައްކަތް ހިންގޭނީ ކޮންއިރަކުންތޯ އެއީ، ތިޔަބޭފުޅުން އަޅުގަނޑުމެންގެ ކިބައިން ބައްލަވަން އޮޅުންފިލުއްވަން ބޭނުންފުޅުވާނެ ކަމަކީ. އަޅުގަނޑުމެން ހުށަހަޅާ ކަންކަމުގެ ތެރޭގައި، ނުވަތަ ކުރަން ނިންމާ ކަންތައްތައް ކުރަން މި ނިންމަނީ، އެކަމެއްގެ ތެރެއަށް އާމްދަނީ ލިބޭ އެހެން ކަމެއް ވައްދައި، އެ އާމްދަނީގެ ތެރެއިން އަސާސީ ޚިދްމަތްތައް ދިނުމަށް. ރަށްރަށުގެ މައިގަނޑު ކަންތައްތަކުގެ ގޮތުގައި އަޅުގަނޑުމެން މިދެކެނީ، ފެނާއި، ކަރަންޓާއި، ބަނދަރާއި ނަރުދަމާއާ. އާމްދަނީ ނުވަތަ ތަރައްޤީގެ އެހެން މަޝްރޫޢަކާ އެކީގައި، މިދަންނަވާހެން އެރަށުގެ ތަރައްޤީގެ ކަންކަން ހިންގޭނެ ގޮތެއް ހޯދުން.

ފެންފުށީގައި އެބައޮތް އާމްދަނީ އިތުރަށް ހޯދޭނެ ކިތަންމެ މަގެއް. މިތަނުގައި ހުރި އާޘާރީ ބިނާތަކާއި ޢިމާރާތްތަކަކީ، ރާއްޖޭގެ ރައްޔިތުންވެސް އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް އެ އާޘާރުތައް ބެލުމަށް ޝައުޤުވެރިވާ ތަންތަން. އަދި މިރަށުގެ ބިމުގައި އިތުރު ޓޫރިޒަމެއް ތަރައްޤީ ކުރުމަކީ، ނުވަތަ ޓޫރިޒަމް ވިޔަފާރި އެހެން ގޮތަކަށް ތަރައްޤީ ކުރުމަކީވެސް، އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް. އެހެންވީމާ، މިކަންކަމުގެ ތެރޭގައި، އަޅުގަނޑުމެންނަށް ވިސްނޭ، އަޅުގަނޑުމެންނަށް ފެނޭ، މިތަނުގެ ބަނދަރު މިއަހަރު ހެދޭކަން. އެހެންވީމާ، އަޅުގަނޑުމެންނަށް ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވިދާނެ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިތަނުގެ ބަނދަރު މިއަހަރުގެ ތެރޭގައި ހެދުމުގެ މަސައްކަތް ފަށާނަން.

ހަމައެހެންމެ، އަޅުގަނޑުމެންނަށް މިރަށުގެ ނަރުދަމާ ތިޔަބޭފުޅުންނަށް ހަދައިދެވިދާނެ ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ. އެ ނަރުދަމާގެ އަގަކީ ކޮބައިތޯ އަޅުގަނޑުމެންނަށް މިހާރު ދެނެގަނެވިއްޖެ. އަދި އެފައިސާ ހޯދުމަށް އަޅުގަނޑުމެން ރާވައި، އެއާ ގުޅޭ މަޝްރޫޢަކީ ކޮބައިކަން އަޅުގަނޑުމެންނަށް ތަޞައްވުރު ކުރެވިއްޖެ. އެހެންވީމާ، އެ ދެ ކަންތައް ހިނގާއިރުގައި، ނަރުދަމާއާއި ބަނދަރު އެކުގައި ނުހެދެންވީ ސަބަބެއް އަޅުގަނޑުމެންނަކަށެއް ނުވިސްނޭ. އެމަގަށް މަސައްކަތް ކުރުން، އަޅުގަނޑުމެންގެ ބޭނުމަކީ. އިރާދަކުރެއްވިއްޔާ، ނަރުދަމާގެ މަސައްކަތްވެސް އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި ތިޔަބޭފުޅުންނަށް ކޮށްދެވޭތޯ ބަލާނަން.

ކަމެއްވަނީ ކިހިނެއްވީމަތޯ؟ ކަމެއް ކުރެވެނީ ކިހިނެއް ވިސްނުން ބެހެއްޓީމާތޯ؟ ކަމެއް ކުރެވެނީ އެކަމެއް ކުރުމަށް ޙަޤީޤަތުގައި އަޅުގަނޑުމެން ވިސްނާ ގޮތުގެ ސަބަބުން. ބަނދަރުތައް ހެދުމާއި، ނަރުދަމާތައް އެޅުމާއި، ގެދޮރު ޢިމާރާތް ކުރުން އެއީ، ސަރުކާރުގެ ބަޖެޓުން ކުރާ ކަމެއްގެ ގޮތުގައި ދެކިގެން އަޅުގަނޑުމެން ރާވަން ފަށައިފިނަމަ، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަކަށް އެކަމެއް ނުވާނެއޭ. މި ރާއްޖެއަށް ލިބެނީ މުޅި ޖުމްލަ ހަތް ބިލިޔަން ރުފިޔާ. ދައުލަތުގެ ސަރުކާރުގެ އާމްދަނީއަކީ މުޅި ޖުމްލަ ހަތް ބިލިޔަން ރުފިޔާ. ސަރުކާރު މުވައްޒަފުންގެ މުސާރައަށް އެކަނި އަޅުގަނޑުމެން އެބަ ޚަރަދު ކުރަން ތިން ބިލިޔަނަށްވުރެ ގިނަ ރުފިޔާ. ދެން ތަރައްޤީގެ މަޝްރޫޢުތަކަކަށް މީގައި ފައިސާއެއް ނެތްކަން އެންމެންނަށްވެސް އެބަ އެނގޭ. ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ދީފައި، ދެން ޢާންމު ރައްޔިތުންގެ ތަރައްޤީއަށް ކުރެވެންހުރި މަސައްކަތް ކުރުމަށް ހުރި ފައިސާ ވަރަށްމަދު.

އެހެންވީމާ، އަޅުގަނޑުމެންނަކަށް ނެތް ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކުރެވިދާނެ ކަމެއްގެ ގޮތުގައި މިކަން ނިންމައިގެން، ވިސްނާކަށް، ރޭވޭކަށް، ތަޞައްވުރެއް ކުރެވޭކަށް. އަޅުގަނޑުމެންނަށް ޖެހޭނީ މުޅިން އެހެން ވިސްނުމަކަށްދާން. އެމް.ޑީ.ޕީ ދަނީ މިދަންނަވާ މުޅިން އެހެން އަނެއް ވިސްނުމަށް. އެމް.ޑީ.ޕީ.އިން ރައްޔިތުންނަށް އަބަދުވެސް ހުށަހަޅަމުން އައީ، އެހެން ވިސްނުމެއް، އެހެން ގޮތެއް، އަނެއް ދިވެހިރާއްޖެ. އަޅުގަނޑުމެން ވަކާލާތު ކުރަމުން އައިމު، ސަރުކާރުގެ އެތެރޭގައި ހިމެނޭ ވިޔަފާރީގެ އުޞޫލުން ހިންގާ ކަންކަން، ސަރުކާރުން ބޭރަށް ނެރެ، އެ ހަމަގޮތުގައި، ހަލާލު ގޮތުގައި، ހެޔޮގޮތުގައި އެ ވިޔަފާރި ހިންގެން ފަށައިފިނަމަ، ސަރުކާރަށްވެސް އަދި ރައްޔިތުންނަށްވެސް އޭގެ ސަބަބުން ލިބޭ ފައިދާ މާބޮޑުވާނެއޭ.

އަޅުގަނޑުމެން ވިސްނުން ބަހައްޓަނީ މިދަންނަވާ މަގަށް. އަޅުގަނޑުމެން މަސައްކަތް މިކުރަނީ، މިސާލަކަށް ފެންފުށްޓަށް ބަލައިފިނަމަ، އަޅުގަނޑުމެން ދެކޭގޮތުގައި މިތަނުގައިވެސް ކޮންމެވެސް ވަރަކަށް ލަގްޒަރީވިލާ ހެދިދާނެ. ދިގު މުއްދަތަށް ކުއްޔަށް ދީފައި ހުންނަ ބިން، އެއީ ދިރިއުޅުމަށް ބޭރުމީހުންނަށް ކުއްޔަށްދެވޭ ބިން. އެމީހުންނަށް މިތަނުގައި ގެސްޓްހައުސްގެ އުޞޫލުން ނުވަތަ ގެދޮރު ޢިމާރާތްކޮށްގެން، އަހަރުގެ ކޮންމެވެސް ދުވަސްވަރެއްގައި އެމީހުންނަށް އުޅެވޭގޮތަށް ތަރައްޤީކުރާ ގެތައް. އެބާވަތުގެ ތަންތަނުގައި ޓޫރިސްޓުންނަށް ވަގުތު، ދުވަސްތައް، މަސްތައް ހޭދަކުރެވޭ ގޮތަށް އިންތިޒާމުތައް ރޭވުނީމާ، އޭގެ ސަބަބުން ލިބޭ އާމްދަނީއެއް އޮވޭ. އެ އާމްދަނީއިން އަޅުގަނޑުމެންނަށް މި ރަށަށް ޚަރަދު ކުރެވެންވެސް އެބައޮތް. އެހެންވީމާ، މިދެންނެވި މަޝްރޫޢު، މިދެންނެވި ޕްރޮގްރާމް އަޅުގަނޑުމެންނަށް ހިންގަން ފެށުނީމާ، އަޅުގަނޑުމެންނަށް، މިރަށަށް އޭގެ ސަބަބުން ފުރަތަމައިނުންވެސް ލިބޭ ފައިސާ އެއްފަހަރާ ޚަރަދުކުރަންޖެހޭ ކަންކަމަށް ޚަރަދު ކުރުމުގެ މަގު ފަހިވެގެންދާނެ. އަޅުގަނޑުމެން މިހާރު ލަފާކުރާ ގޮތުގައި، މިއަހަރުގެ މެދެއްހާ ތަނުގައި ނުވަތަ އަހަރު ނުނިމެނީސް އަޅުގަނޑުމެންނަށް ޢަމަލީގޮތުން އޭގެ މަންޒަރުތައް ފެންނަން ފަށާނެ. މިހާރު ސަރުކާރުން ދަނީ އެކަމާގުޅޭ ޕްލޭންތައް ރާވައި، ކުރެހުންތައް ކުރަހައި، ހިސާބުތައް ޖަހައި، ޓެންޑަރަށް ގޮވައި، އެ ޓެންޑަރު އިވެލުއޭޓްކޮށް، އެ މަސައްކަތްތަކާ ޙަވާލުވާނެ މީހުން ހޯދަމުން. އެހެންވީމާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެކަން ތިޔަބޭފުޅުންނަށް ކޮށްދެވޭނެ.
ހަމައެހެންމެ، މިރަށަށް ދެން ކޮށްދެވެން އޮތީ ކޮންކަމެއްތޯ އަޅުގަނޑުމެން ބަލާއިރުގައި، ދެކޭއިރުގައި ހަމަގައިމުވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދަތުރުފަތުރުގެ ސިޔާސަތުގެ ތެރެއިން މިރަށް، ފެންފުށްޓާއި މާލެއާ، ފެންފުށްޓާއި މާމިގިއްޔާވެސް، ދަނގެއްޗާވެސް، ފެންފުށްޓާއި ދިގުރަށާވެސް އަދި ފެންފުށްޓާއި ތޮއްޑުއާވެސް، އަދި ފެންފުށްޓާއި ރާއްޖޭގެ އެހެން ހުރިހާ ރަށަކާވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅުވާލުމަކީ، މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. އަޅުގަނޑުމެންނަށް ފެންނަނީ އެއީ އަޅުގަނޑުމެންނަށް ދާދި ފަސޭހައިން ނުވަތަ މާކަބޮޑު ތަކުލީފަކާ ނުލައި، ހިންގެން އޮތް މަޝްރޫޢެކޭ. ކުރެވެން އޮތް ކަމެކޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް މާލެއަށް ކޮންމެ ދުވަހަކުވެސް ގޮސް އައިސް ވެވޭނެ އިންތިޒާމެއް ހަމަޖެހި، މިއަހަރު ނިމޭއިރުގައި ފެންނަން ފަށާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން.

ދެންމެ ތިޔަބޭފުޅުންގެ ފަރާތުން ވާހަކަ ދެއްކެވިއިރުގައި ވިދާޅުވެއްޖެ، މިރަށުގެ މިސްކިތުގެ ވާހަކަ. ފެންފުށީ ކަކާ ތަކުރުފާނު މިސްކިތުގެ ވާހަކަ. އަޅުގަނޑުމެން އެ މިސްކިތް ޙިމާޔަތްކޮށް ރައްކާތެރިކުރަން ވަރަށް ބޮޑަށް ބޭނުންވާނެ. މި ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ، އެންމެ ޚިދްމަތްތެރި، އެންމެ އިޚްލާޞްތެރި، އެންމެ އަމާނާތްތެރި އެއް ދަރިކޮޅު އުފެދުނީ ކަކާގޭ ކަޅުގޮމައާއި ފެންފުށީ ކަކާ ތަކުރުފާނާ ދެބޭފުޅުންގެ ކައިވެނިން. އަޅުގަނޑުމެންގެ ރާއްޖޭގެ މާލިއްޔަތު ވަރަށްދިގު ޒަމާންތަކެއް ވަންދެން ބަލަހައްޓައިދިނީ މިދެންނެވި ޢާއިލާއިން. އަމާނާތްތެރިކަމާ އެކީގައި ބަލަހައްޓަވައިދެއްވި. އެންމެފަހުން، މި ނިމިދިޔަ ސަރުކާރުގެ ވަޒީރު ކަމުގައި ޢާރިފް ޙިލްމީ މަސައްކަތް ކުރެއްވި ދުވަސްވަރު އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ރިޒަރވް އެބޭފުޅާގެ މާލީ ވަޒީރު ކަމުގައި ހަސަތޭކަ މިލިޔަން ޑޮލަރަށް ގެންދެވި. އަދި ތަކެތީގެ އަގުވެސް އެބޭފުޅާގެ މާލީ ވަޒީރުކަމުގައި ވަރަށްބޮޑުތަނުން ތިރިކޮށްދެއްވި. ބަޖެޓުވެސް ވަރަށް ފުރިހަމައަށް، ޚަރަދަށްވުރެ އާމްދަނީ އިތުރުކުރައްވައި ބަހައްޓަވައިގެން ތިންއަހަރު ގެންގުޅެދެއްވި. އަޅުގަނޑުމެން މިރަށުގެ މިސްކިތާ، މިހާރު މާލޭގައި ދިރިއުޅޭ ޢާއިލާއަކާ ކޮންމެހެން ގުޅުވަނީކީއެއް ނޫން. މި މިސްކިތަކީ ރާއްޖޭގައި ހުރި ވަރަށްބޮޑު ތަރިކައެއް. ވަރަށް ޒަމާންވީ ދުވަސްވީ މިސްކިތެއް. އެހެންވީމާ، އެތަން ޙިމާޔަތްކޮށްދިނުމާއި، އެ މިސްކިތް އެހެން މީހުންނަށް، ދަތުރުވެރިންނަށްވެސް، ފަތުރުވެރިންނަށްވެސް ބެލޭނޭ ގޮތްތަކެއް ހަމަޖައްސައިދިނުން އެއީ، އަޅުގަނޑުމެންގެ އަމާޒެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ތިޔަބޭފުޅުންނަށް އެގޮތަށް ކޮށްދޭނަން.

އަޅުގަނޑު ގިނަވާހަކަތަކެއް ދައްކާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެންގެ ސަރުކާރު ހިނގަމުން އަންނާނީ، އަބަދުވެސް ތިޔަބޭފުޅުންގެ މަޝްވަރާއާއެކު، ތިޔަބޭފުޅުންގެ ލަފައާ އެކީގައި. ރައްޔިތުން ނޭދޭ ކަމެއް ކުރާކަށް އަޅުގަނޑުމެންނެއް ނޭދޭނެ. އަޅުގަނޑުމެން މަސައްކަތް ކުރާނީ، ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށް. ސަރުކާރަށް ކުރަން ހުރި މަސައްކަތް ކުރުމަށް. އެކަމުގައި އަޅުގަނޑުމެންގެ ވަގުތުތައް އަޅުގަނޑުމެން ހޭދަކުރާނީ.
އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިދެކެނީ، އަޅުގަނޑުމެން މި އުންމީދުކުރާ މަންޒަރު ނުވަތަ މި އުންމީދު ކުރާ ތަރައްޤީގެ ކަންތައްތަކުގައި ތިޔަބޭފުޅުންނަށް މަގުފަހިކޮށްދެވޭނެ ކަމަށް. އަޅުގަނޑުމެންނެއް ގަބޫލެއް ނުކުރަން، މިއީ އަޅުގަނޑުމެންނަށް މި ރާއްޖޭގައި އަދި ނުކުރެވޭނެ ކަމެއް ކަމަކަށް. އަޅުގަނޑުމެންގެ ވެރިކަން ހިނގަމުން އަންނަނީ، އެނގިވަޑައިގަންނަވާނެ، ވަރަށްގިނަ ބައެއްގެ މަޝްވަރާގެ މަތިން. އަޅުގަނޑުމެންނެއް، ރައްޔިތުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކަށް ހުރަހެއް ނާޅާނަން. އަޅުގަނޑުމެންނެއް، މީހުން ގެންގޮސް ހިފާ ހައްޔަރެއް ނުކުރާނަން. އަޅުގަނޑުމެންނެއް، އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ފައިސާއަށް ޚިޔާނަތްތެރިއެއް ނުވާނަން. އަޅުގަނޑުމެންގެ ވެރިކަމެއް އަޅުގަނޑުމެން ނުހިންގާނަން، ހަމައެކަނި ވަކިބަޔަކަށް ހިންގައިދޭ ވެރިކަމެއްގެ ގޮތުގައެއް.

މިރަށުގެ އެހެން ސިޔާސީ ފިކުރުގައި ތިއްބެވި ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވާލަން ބޭނުން. މި ސަރުކާރަކީ ހުރިހާ ރައްޔިތުންނަށް އެހީތެރިވުމުގައި ހިނގާ ސަރުކާރެކޭ. ހަމައެކަނި ރައްޔިތުންގެ އަޣްލަބިއްޔަތުން ފާހަގަކޮށްފައި ނިންމާފައި އޮތް ނިންމުމަކީ، އެމް.ޑީ.ޕީ.ގެ މެނިފެސްޓޯ، ސިޔާސަތު ރައްޔިތުންގެ މައްޗަށް ހިންގައިދިނުން. އެ ހިންގާއިރުގައި ވަކިބަޔަކަށް ފައިދާވާގޮތަށް، ނުވަތަ ވަކިބަޔަކަށް އެކަނި ރަނގަޅުވާ ގޮތަކަށެއް ނޫން އެ ސިޔާސަތު ހިނގަމުންދާނީ.

އަޅުގަނޑު މިއަންނަނީ މިއަތޮޅުގެ ވަރަށްގިނަ އެހެން ރަށްރަށަށްވެސް ގޮސްފައި. އަޅުގަނޑުމެންނަށް ފެންނަމުންދަނީ، ރައްޔިތުންގެ ތެރެއިން ހަމަ ވަރަށްގިނަ ބަޔަކު ވަރަށް ބޮޑެތި އުންމީދުތަކެއްގައި ތިބިތަން. އެ އުންމީދުތައް ޙާޞިލުކޮށްދިނުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. ހަމަ މިހިނދު އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާލަން ބޭނުން. އަޅުގަނޑުމެންގެ ރާއްޖޭގެ މާލިއްޔަތު، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރު އޮތީ ވަރަށް ނިކަމެތި، ޙާލަތު ވަރަށް ނާޒުކު ފައްތަރަކަށް އައިސްފައޭ. އަޅުގަނޑުމެންނަށް މިޖެހުނީ އަލުން ބަލުން ކަންކަން ރާވައި، ހުރިގޮތް ބަލައި އޮޅުންފިލުވައި، އަދި ޚަޒާނާއަށް ފައިސާ އިތުރުކުރެވޭނެ ގޮތްތައް ހޯދައި، އެކަންކަންވެސް ސީދާސީދާ ގޮތުގައި ފަށައިގަންނާށޭ.

މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެބަ އުންމީދީ މަންޒަރު ފެނޭ. އަޅުގަނޑުމެން އެންމެ ފުރަތަމައިނުންވެސް ދެކިގެން ތިބީ، މި ވެރިކަން ހިންގުމާ އަޅުގަނޑުމެން ޙަވާލުވާއިރުގައި ކަންކަން އޮންނާނީ މިގޮތަށްކަން. އެހެންވީމާ، އަޅުގަނޑުމެންނަށް އަބަދުވެސް ރޭވުނު، އިންތިޒާމު ކުރެވުނު، ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ވެރިކަމުގައި އަޅުގަނޑުމެން ކުރާނެ ކަންތަކާއި، ކުރު މުއްދަތުގައި އަޅުގަނޑުމެން ކުރާނެ ކަންތަކާއި އަދި ދިގު މުއްދަތުގައި އަޅުގަނޑުމެން ކުރާނެ ކަންތައް.

ފުރަތަމަ ސަތޭކަ ދުވަހުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވި، ޢުމުރުން ދުވަސްވީ މީހުންނަށް ޕެންޝަން ދިނުމަށް. އަޅުގަނޑަށް އެނގޭ، މިރަށުގައި 16 ވަރަކަށް ބޭފުޅުންނަށް ޕެންޝަންގެ ކަންތައްތައް އަދި ފުރިހަމަނުވެ އެބަވޭ. އިރާދަކުރެއްވިއްޔާ، މިއަންނަ މަހު ޕެންޝަން ލިބިވަޑައިގަންނަވާއިރުގައި އެކަން ފުރިހަމަ ވެގެން އަންނާނެ. މިދިޔަ މަހުގެ ފައިސާއާ އެކީގައި އެފައިސާ ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އަޅުގަނޑުމެންނަށް ވިސްނޭ، މިރަށުގެ ހެލްތް ސެންޓަރާއި އަދި މިރަށުގެ މަދަރުސާގެ ކަންތައްތައް. ގްރޭޑް 10އާ ހަމައަށް ކިޔެވޭކަންވެސް އަޅުގަނޑުމެންނަށް އެނގިފައި، ފާހަގަވެފައި އޮތީ. އެކަން ކުރިއަށް ގެންދަން ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ މިންވަރުވެސް އަޅުގަނޑުމެން ދެނަހުރީމު. އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ޔަޤީންކަން އަރުވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ، މިއިން އެއްވެސް ކަމެއް ކުރުމުގައި، އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަމޭ. ތިޔަބޭފުޅުންނާ އެކީގައި، ތިޔަބޭފުޅުންގެ ރަށުގެ ތަރައްޤީގެ މަސައްކަތްތަކުގައި އަޅުގަނޑުމެން ދެމިތިބޭނަމުއޭ. އިރާދަކުރެއްވިއްޔާ، ފެންފުށްޓަށް މާދަމާ ވެގެންދާނީ މިއަދަށްވުރެ އަދި މާފަހި މާ ފާގަތި ދުވަހަކަށޭ.

والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ!