بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މެދު އުތުރު ޕްރޮވިންސްގެ އިފްތިތާޙީ ޖަލްސާއަށް ވަޑައިގެންނެވި އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. މިރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓިޕާޓީ އިންތިޚާބަށްފަހު، ގިނަޕާޓީ ވާދަކުރި އިންތިޚާބަށްފަހު، އަޅުގަނޑުމެން ރާއްޖޭގެ ކަންކަން، އެތުރިގެންދާނެ ގޮތަކާގުޅޭގޮތުން، އަޅުގަނޑުމެންގެ މެދުގައި ވިސްނުން ހިންގަން އެބަޖެހޭ. އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންގެ ތަޞައްވުރު މި ރާއްޖޭގައި ތަންފީޒުވެގެންދާއިރުގައި، އެކަން ހިންގުމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވެވަޑައިގަންނަވާނެ ބޭފުޅުން، ރައްޔިތުން، އެތަޞައްވުރާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، ބަޙުޘްކުރެއްވުމަށް.

މިދިޔަ އިންތިޚާބުގައި އަޅުގަނޑުމެން ރައްޔިތުންނަށް މަޢްލޫމާތު ދެމުންގެންދިޔައިރު، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ޕޯސްޓަރެއް. 7 މާ އެތުރިފައި ހުރި ޕޯސްޓަރެއް. އެއީ، އަޅުގަނޑުމެންގެ ތަޞައްވުރު. މި ރާއްޖޭގައި ހެޔޮވެރިކަންކުރުމަށް އެމް.ޑީ.ޕީ އެކުލަވާލި ވިސްނުން، މުޅި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ހުށަހެޅިން. ހުށަހެޅީމާ އެ ރައްޔިތުންގެ ތެރެއިން އަޣްލަބިއްޔަތު ގަބޫލުވީ އެ ތަޞައްވުރަށް މަސައްކަތް ކުރުމަށް. އޭގެކުރީގައި ރައްޔިތުން ގެންގުޅުނު ތަޞައްވުރު، މަންޒަރު ދޫކޮށްލުމަށް. އެއީ، މުޅިން އެހެން މަންޒަރަކަށް ބަދަލުވުމަށް، އެހެން ދިވެހިރާއްޖެއެއް ހޯދުމަށް، އަނެއް ދިވެހިރާއްޖެ ދުށުމަށް.
އަޅުގަނޑުމެން މިއަދު ހަމަ އެމަސައްކަތުގެތެރޭގައި ހިންގަމުން މިގެންދަނީ، 100 ދުވަހުގެ ތެރޭގައި ކުރަންހުރި މަސައްކަތާއި، ކުރުމުއްދަތުގެ ތެރޭގައި ކުރަންހުރި މަސައްކަތާއި، އަދި ދިގުމުއްދަތުގެ ތެރޭގައި ކުރަންހުރި މަސައްކަތް. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީ މިދެންނެވި މަންޒަރު، 7 މަލުގެ، ނުވަތަ 7 ޕްރޮވިންސް އެކުލަވާލައިގެން. ރާއްޖޭގެ އިދާރީ ހިންގުމާއި، ތަރައްޤީގެ އެންމެހާ ކަންކަން ކުރިޔަށް ގެންދާނެކަމުގެ ވިސްނުމެއް، އަޅގަޑުމެން ރާއްޖޭގެ ރައްޔިތުންނަށް ހުށަހެޅީމު. އެނގިވަޑައިގަންނަވާނެ، އެ ވިސްނުން އެ މަންޒަރު ރައްޔިތުންވަނީ ބަލައިގެންފައި.

މިއަދު އަޅުގަނޑުމެންނަށް ކުރަންޖެހިފައި މިއޮތް މަސައްކަތަކީ، އެ މަންޒަރަށް އިތުރު ތަފްޞީލު ހޯދައި، އެ ތަފްޞީލު ހިމަނައިގެން އެ މަންޒަރު ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތް. އަޅުގަނޑު އުންމީދުކުރަނީ، މި ވާރކްޝޮޕުން އަޅުގަނޑު މިދެންނެވި 7 މަލުގެތެރެއިން 1 މާ ފޮޅިގެން އަންނާނެގޮތް، އުފެދިގެން އަންނާނެގޮތް ތިޔަބޭފުޅުން ސިފަކުރައްވާނެކަމަށް. މަންޒަރު ކުރައްވާނެކަމަށް.
އަޅުގަނޑުމެން ކުރިއްސުރެ ފަށައިގެން އަޑުއަހާ ޅެންބައިތެއް އޮވޭ، ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން، ރަތްވިލާގެ އެދަޅަތައް، އެކުލަތައް ނިކަން ސިފަ މަށަށް ކޮށްދެއްވާށޭ. އަޅުގަނޑު ދެކޭހިތްވަނީ، އަޅުގަނޑު ހިތަށް އަރާ އެއްޗަކީ، އަޅުގަނޑުމެންގެ ރާއްޖެ އޮންނަންވީގޮތް އަޅުގަނޑުމެންނަށް ސިފަވެދާނެހެއްޔޭ؟ ހަމައެކަނި އަޅުގަނޑުގެ ރަށުގެ ވާހަކައެއްނޫން. އަދި އަޅުގަނޑުގެ ޢާއިލާގެ، އަޅުގަނޑުގެ ގޭގެ، އަޅުގަނޑުގެ ތިމާގެ މީހުންގެ ވާހަކައެއްނޫން. އަޅުގަނޑުގެ ރަށުގެ ވާހަކައެއްނޫން، އަޅުގަނޑުގެ އަތޮޅުގެ ވާހަކައެއްވެސް ނޫން، ހަމަ މުޅި މި ރާއްޖެ އަޅުގަނޑުމެންނަށް ސިފަވޭހޭ؟ އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެން ދެކެން ބޭނުންވަނީ ކޮންގޮތަކަށްތޯއޭ؟

އެމްޑީ.ޕީ އިން ހުށަހަޅައިފި، ވިސްނުމެއް، ގޮތެއް، 7 މަލުގެ މަންޒަރެއް. އެ މަންޒަރު އަޅުގަނޑުމެން ޙަޤީޤަތަކަށް ހަދަމުން އަންނައިރުގައި ކިހިނެއްތޯއޭ، އަޅުގަނޑުމެން އަރިއަތޮޅުވެސް ދެކެނީ، މާލެ އަތޮޅުވެސް ދެކެނީ، ބިޔާދޫ އަތޮޅުވެސް ދެކެނީ، ފުލިދުއަތޮޅުވެސް ދެކެނީ. މިއަތޮޅުގައި ކަރަންޓުގެ ޚިދްމަތް، ނުވަތަ އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭއިރުގައި އެކަން އަޅުގަނޑުމެން ކުރާނެ ގޮތަކާ ގުޅޭގޮތުން އަޅުގަނޑުމެންނަށް މަންޒަރެއް ސިފަކުރެވޭތޯއޭ؟ އަޅުގަނޑުމެންގެ ހިތަށް ހަމަ އަރަނީ، މިހާރު އެބަހުއްޓޭ ދެ އިންޖީނުގެ އެހެންނޫނިއްޔާ މިހާރު އެބަހުއްޓޭ އަޅުގަނޑުމެންގެ އިންޖީނުގެއެއް. އެ އިންޖީނުގޭގައި މިހާރުހުރީ 80 ގެ ޖަނަރޭޓަރެކޭ. އެ 120 އަށް ބަދަލުކުރަން ޖެހެއޭ. ކޭބަލް އަޅާފައި އޮތްއިރުގައި މަގުބައްތިއެއް ނެތޭ. މި މަންޒަރުތައް އަޅުގަނޑުމެންނަށް މި ސިފަވަނީ.
އެހެންނަމަވެސް، އެމް.ޑީ.ޕީއިން މި ހުށަހަޅަނީ މުޅީން އެހެން މަންޒަރެއް. މުޅިން އެހެން ކުރެހުމެއް. ވަރަށް އިޚްލާޞްތެރިކަމާއެކު ތިޔަބޭފުޅުންގެ ކިބައިން، އަޅުގަނޑު އެބަ އެދެން މިއަދު ތިޔަބޭފުޅުންވެސް އަޅުގަނޑުމެން މިދެކޭ އަނެއް ކުރެހުން، އަނެއް މަންޒަރު ސިފަކުރައްވާށޭ. އިލެކްޓްރިކް ގްރިޑެއް އަޅައިގެން މުޅިއަތޮޅުގެ ހުރިހާރަށެއް، ބޭނުމިއްޔާ އެއް އިންޖީނުގެއިން ހިންގެން އެބައޮތްހޭ؟ ދުނިޔޭގެ އެހެންތަންތަނުގައި މިބާވަތުގެ ކަންތައް މިގޮތަށް މީހުން ކުރޭހެއްޔޭ؟ މިއީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއްހެއްޔޭ؟

ބައެއް ބޭފުޅުން އަޅުގަނޑު ގާތުގައި އެބަވިދާޅުވޭ، މި ޕްރޮވިންސުން އަހަރެއްގެ މައްޗަށް މަދުވެގެން ތިރީހަކަށް މިލިއަން ޑޮލަރުގެ ކަރަންޓު އެބަ ގަނެއޭ. އަޅުގަނޑުމެން ހަމައެކަނި އަހާލަންވީ ސުވާލަކީ، އެހާ ކަރަންޓު ވިއްކާނެ މީހަކު ދުނިޔޭގައި އެބަހުރިހެއްޔޭ؟ އެ އުފައްދައިގެން މިތަނުގައި ގާއިމުކޮށްގެން އެ ވިއްކާނެ މީހަކު ދުނިޔޭގައި އެބަހުރިހޭ؟ އަޅުގަނޑުމެންނަށް ފެންނަނީ، އޭގެ ވަރަށްގިނަ މީހުން ދުނިޔޭގައި އުޅޭކަމަށް. ރާއްޖޭގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިވާކަމަށް.

އެހެންވީމާ، މިއަދު ކުޑަ ހިނދުކޮޅަކަށްނަމަވެސް އަޅުގަނޑު މިއެދެނީ، ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ މިއަދުގެ މައްސަލަތަކުން ނެއްޓެވުމަށް. ހަމަ ޚާއްޞަގޮތެއްގައި އަޅުގަނޑު މިދެކެނީ، އަޅުގަނޑަކަށްވެސް ނެތޭ އަޅުގަނޑަކީ، ހަނދުބަލާގޯތިމީހެކޭ ނުވަތަ ދަނޑިކޮށީގޭ މީހެކޭ، ނުވަތަ ގަލޮޅު މީހެކޭ، ނުވަތަ މާލޭ މީހެކޭ މިހެންކިޔައި އުޅެވޭކަށް. އަޅުގަނޑަކަށެއް ނެތޭ ތަނެއްގެ ކަނެއްގައި ފޮރުވި ނެތި ގެއްލި ދެވޭކަށެއް. އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައި. އަޅުގަނޑުމެންނަކަށް ނެތް އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން، އަތޮޅުދުނިން، އަދި މި ރާއްޖޭގެ އަސްދަޑިންވެސް ބޭރަށް ނުނެރެވާކަށް. އަޅުގަނޑުމެންގެ ވިސްނުންހުރީ ހަމައެކަނި އަޅުގަނޑުމެންގެ ރަށުގެ ފަޅާ، ފަރާ، ގޯތިގެދޮރާ، އަދި ކިތަންމެ އެހެން ބައިވަރު މައްސަލައެއް އެމައްސަލަތަކާ ހިސާބުގައި ބަހައްޓާހާ ހިނދަކު އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުލިބޭނެ. އަޅުގަނޑުމެން އެބަޖެހޭ، މުޅިން އެހެން ވިސްނުމެއް، މުޅިން އެހެން ކުރެހުމެއް ކުރަހަން. އެ ކުރެހުމުގެ ތެރޭގައި ފެނާއި ނަރުދަމާއާއި، ކަރަންޓު، މިރޮނގުތައްވެސް އަޅާފައި ހުންނާނެ. އެ ކުރެހުމުގެ ތެރޭގައި މަދަރުސާއާއި ޞިއްޙީ މަރުކަޒުގެ މަންޒަރުވެސް ފެންނަން ހުންނާނެ.

އަޅުގަނޑުގެ ވާހަކަ ދިގުކުރާކަށް ނެތިން. ކުޑަކޮށް ނުވަތަ ކުރުކޮށް، ޚުލާޞާކޮށް ދަންނަވަނީނަމަ އަޅުގަނޑު މިއެދެނީ، މި ޕްރޮވިންސް ހިނގާނެގޮތުގެ ތަޞައްވުރެއް ސިފަކުރައްވާށޭ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޢާންމު ޙާލަތު، އަޅުގަނޑުމެންގެ ދިރިއުޅުން މިހާރު މި ހުރި ފެންވަރުން، ޙާލަތުން، ދަރަޖައިން، އެހެން ދަރަޖަޔަކަށް ގެންދެވެން އެބައޮތޭ. މި ރާއްޖެއަކީ ޤުދްރަތީ ވަސީލަތްތައްގިނަ ތަނަވަސް ރާއްޖެއެކޭ. އަޅުގަނޑުމެންނަށް އެބައޮތޭ، އަޅުގަނޑުމެންގެ ޖީބަށް މިއަދު ވަންނަ އެއްޗެއް، ވަންނަ މިންވަރު، އަދަދު، އެތައް ގުނަޔަކުން އިތުރުކުރެވެން.

އަޅުގަނޑު މިއަދުގެ ޖަލްސާގައި، މިއަދުގެ މިވާރކްޝޮޕްގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންގެ ކިބައިން ވަރަށް އިޚްލާޞްތެރިކަމާއެކު މި އެދެނީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އެއްވެސް ހާލެއްގައި ވަކިބަޔަކާ ގުޅޭގޮތުން ވަކި ކަމެއް ވަކި ގޮތަކަށް ނުވަތަ ވަކި ރަށަކާ ގުޅޭގޮތުން ކަމެއް ވަކި ގޮތަކަށް ފަހިކުރަން ކުރިޔަށް ގެންދަން ކުރާ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެން މިކަން ނުދެކި، އެމް.ޑީ.ޕީ.ގެ ތަޞައްވުރު 7 މާ، އެ ތަޞައްވުރު ޙަޤީޤަތަކަށް ހަދައިދިނުމަށް ދިވެހިރާއްޖޭގެ ރައްޔިތުން ވަނީ އަޣްލަބިއްޔަތު ދެއްވާފައޭ. ރައްޔިތުންގެ އެ އަޣްލަބިއްޔަތަށް އަޅުގަނޑުމެން ބޯލަނބަން ޖެހޭނެ. އަޅުގަނޑު މިހުރީ އެއަޣްލަބިއްޔަތުގެ ގޮތް ދެމެހެއްޓުމަށްޓަކައި މާތްރަސްކަލާނގެ ގަންދީ ހުވަކޮށްގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ޔަޤީންކުރަނީ، ތިޔަ އެންމެހާ ބޭފުޅުންގެ އެހީތެރިކަން އަޅުގަނޑުމެންގެ މި މަސައްކަތުގައި އަޅުގަނޑުމެންނަށް ލިބޭނެކަމާއި، އަދި އެ މަސައްކަތުގެ މައިގަނޑު ބައިވެރިންނަކީ އަދި ޙަޤީޤަތުގައި އެ މަސައްކަތް ސިފަކުރާ މޭސްތިރިންނަކީ ތިޔަބޭފުޅުންކަމަށް ވެގެންދާނެކަމަށް.

އަޅުގަނޑު އެދެނީ، މި ބައްދަލުވުމުގެ ތެރޭގައި ތިޔަބޭފުޅުން ޚިޔާލު ފާޅުކުރެއްވުމަށް. ބަޙުޘް ކުރެއްވުމަށް. މަޝްވަރާ ކުރެއްވުމަށް. އަޅުގަނޑު އެދެނީ، ތިޔަ އެންމެ ބޭފުޅުންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމާއަކަށް. والحمد للّـه.

ވަރަށްބޮޑަށް ޝުކުރިއްޔާ!