بســم اللّـه الرّحمـن الرّحيــم

މާމިގިލީގެ އެކުވެރި ލޮބުވެތި ރައްޔިތުން!

السّـلام عليـكم

އަޅުގަނޑު އެންމެފަހުން މިރަށުގައި ވާހަކަ ދެއްކީވެސް އަޅުގަނޑު ހަނދާންވަނީ ހަމަ މިތަނުގައޭ. އަޅުގަނޑުމެންގެ ސަރުކާރެއް އުފެދި، އެ ސަރުކާރެއް ހިނގާނެ ގޮތުގެ ކުޑަކުޑަ ޚުލާޞާއެއް އަޅުގަނޑުމެން އެދުވަހު ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވީމު. ފަހަރުގައި އޭރު ތިޔަބޭފުޅުން އަޅުގަނޑުމެންގެ އެޚުލާޞާއަށް މާބޮޑު ޝައުޤުވެރިކަމެއް، އަހަންމިއްޔަތުކަމެއް ބަހައްޓަވާފައި ނެތިދާނެ. އެހެން ނަމަވެސް، އަދި ހަމައެއާއެކީގައި އަޅުގަނޑު ދެންނެވިން. 11 ނޮވެމްބަރ 2008 ވާ އަންގާރަ ދުވަހު ދެން މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިރާދަކުރެއްވިއްޔާ ހުވާކުރާނީ އަޅުގަނޑޭ. ތިޔަބޭފުޅުންގެ އެހީތެރިކަމާއި، މާތްރަސްކަލާނގެ ރުއްސެވުމާއެކީގައި އަޅުގަނޑުމެންނަށް މިއަދު މިވަނީ ރާއްޖޭގައި ޒަމާނުއްސުރެ ފަށައިގެން ހިނގަމުން އައި ވެރިކަން ހިނގަމުން އައި ގޮތާއި، އަދި މިދިޔަ ދިގު ތިރީސް އަހަރު އެ ވެރިކަމުގައި ތިއްބެވި ބޭފުޅުން، ތިޔަބޭފުޅުން މިވަނީ ބަދަލުކުރައްވާފައި. ތިޔަބޭފުޅުން އެދިވަޑައިގަތީ، ތިޔަބޭފުޅުންނަށް ރާއްޖޭގެ ރައްޔިތުންގެ އަޣްލަބިއްޔަތަށް ފެންނަނީ، ވެރިކަން ހިންގުމުގެ ގޮތް ޑިމޮކްރަސީގެ އުޞޫލުން ކުރިއަށް ގެންދާށޭ. ތިޔަބޭފުޅުން، ރާއްޖޭގެ ރައްޔިތުން މިވަނީ މިމަސައްކަތް ކުރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓް އާދެ، އަޅުގަނޑާ ޙަވާލުކޮށްފައި. އަޅުގަނޑުމެން، އަޅުގަނޑުމެންނަށްވީ އެންމެ އިޚްލާޞްތެރިކަމާއި، އަމާނާތްތެރިކަމާއި، ވިސްނުންތެރިކަމާއި، ކެތްތެރިކަމާއި، ޙިކްމަތާއެކީގައި މިކަން، މި ވެރިކަން ފުރިހަމައަށް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން ބޭނުން.

އަޅުގަނޑުމެން އެދުވަހު ހުށަހެޅި ތަޞައްވުރުގެ ތަފްޞީލަށް މިއަދު އަޅުގަނޑުމެން ދާއިރުގައި، މިރަށުގައި އަޅުގަނޑުމެންނަށް ކުރެވެން އޮތީ ނުވަތަ އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒު ކުރަމުންދާއިރުގައި، އެކަމާ ގުޅިގެން، މާމިގިއްޔަށް ލިބެންހުރީ ނުވަތަ ލިބެން ނެތީ ނުވަތަ އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒު ކުރުމާ މާމިގިއްޔާ ހުރި ގުޅުމަކީ ކޮބައިތޯ ބަޔާންކޮށްލަދިނުން އަޅުގަނޑު ހިތުން އެއީ، މިއަދު އަޅުގަނޑުމެން ހަމަ ކުރަންޖެހޭ ކަމެއް. މިއަދަށް ވަރަށް މުނާސިބުވެސް ކަމެއް.

އަޅުގަނޑުމެންގެ ސިޔާސަތު ހިންގާއިރުގައި، އަޅުގަނޑުމެންނަށް އޭރުވެސް، މިހާރުވެސް ފެންނަނީ، މިރަށަކީ މި ސަރަޙައްދުގެ ވިޔަފާރީގެ ބަނދަރެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ތަރައްޤީ ކުރެވެން އޮތް ބަނދަރެކޭ. އެހެންވީމާ، އަޅުގަނޑުމެން ގަސްދުކުރަނީ ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ދަރިއެއް ހިތްވަރާ އެކީގައި ހައްދަވައިދެއްވުމުގައި އެހީތެރިވެވަޑައިގެން ދެއްވާފައި އެ އޮތް މާމިގިލީ ބަނދަރު އެއީ، ބައިނަލްއަޤްވާމީ ބަނދަރެއްގެ ގޮތުގައި ތަރައްޤީ ކުރެވޭނެ ބަނދަރެއް. އަޅުގަނޑުމެންނަށްވެސް ހަމަ އެކަން ވަރަށް ސާފުކޮށް އަދި ކޮންމެ ބަޔަކަށްވެސް އެކަން އެބަ ފެނޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާދި އަވަހަށް ބައިނަލްއަޤްވާމީ ބަނދަރެއްގެ ގޮތުގައި މި ބަނދަރު ބޭނުންކުރަން ފަށާނަން.

އަޅުގަނޑަށްވެސް އެނގޭ، އެކަމަށް ބޭނުންވާ އަދި ކިތަންމެ ކަމެއް އެބަހުރި. އެހެންނަމަވެސް، އެކަންކަމާއެކީގައި ވިޔަފާރީގެ އުޞޫލުން އެކަން ކުރުން އެއީ، ދާދި އަވަހަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. އުޞޫލެއްގެ ގޮތުން އޭގެ ވިސްނުމަށް ގޮސް، އެކަން ކުރުން އަޅުގަނޑުމެންނަށް މިހާރު މިވަނީ ފަށައިގަނެވިފައި. އަޅުގަނޑުމެން އެބަޖެހޭ ބަނދަރު ހިންގާނެ ބަޔަކާއި، އަދި ބަނދަރަށް ބޭނުންވާނެ އުފުލާ ސާމާނާއި ތަފާތު މެޝިނަރީއާއި އަދި ބަނދަރު ބޭނުންކުރަމުންދާއިރުގައި ބޭނުންކުރާނެ ގުދަން ޖާގައާއި، މި އެންމެހާ ކަންކަން ފުރިހަމަކުރުމަކީ، ބަނދަރެއް އުފެއްދުމުގައި ކޮންމެހެން ބޭނުންތެރިކަމެއް.

އެހެންވީމާ، މި މާމިގިލީގެ ބަނދަރު ވީހާވެސް އަވަހަކަށް އަޅުގަނޑުމެން ބޭނުންކުރަން ފަށާއިރު، އެކަން ކުރުމަށް ހިންގާނެ ދެތިން މަރްޙަލާއެއް ނުވަތަ އެކަން ކުރުމުގައި އަޅުގަނޑުމެން ޢަމަލުކުރާނެ ތަރުތީބެއް އެބައޮތް. ފުރަތަމަ އަޅުގަނޑުމެން ޖެހޭނީ ވިޔަފާރީގެ އުޞޫލުން ބަނދަރު ހިންގައިދޭނެ ބަޔަކު ހޯދަން އިޢްލާނު ކުރަން. އިޢްލާނުކޮށް އެ ބަޔަކާ ސަރުކާރާ ވެވޭ އެއްބަސްވުންތަކެއްގެ ދަށުން އެބަޔަކާ ބަނދަރު ހިންގުން ޙަވާލުކުރުން. އަޅުގަނޑުމެން ބޭނުންވަނީ، ބަނދަރު ހިންގުމުގައި ތަޖުރިބާ ހުރި އަދި މި ބަނދަރު ރަނގަޅު ގޮތުގައި ބޭނުންކުރެވޭނެ ބަޔަކާ ބަނދަރު ހިންގުން ޙަވާލުކޮށްގެން ރަނގަޅަށް ބަނދަރު ހިންގުން. އަދި މާމިގިއްޔަކީ މިސަރަޙައްދުގައި އޮތް ރަނގަޅު ވިޔަފާރި ބަނދަރެއްގެ ގޮތުގައި ތަރައްޤީ ކުރާއިރު، މާމިގިލީގެ ބަނދަރާ އެކީގައި ވިޔަފާރީގެ ސަރަޙައްދެއްގެ ގޮތުގައިވެސް މިރަށާއި މިރަށް ހިމެނޭ ސަރަޙައްދު އެބަ ވެގެންދޭ. އަޅުގަނޑުމެން މި ސަރަޙައްދަށް އެކި ބާވަތްބާވަތުގެ ވިޔަފާރި ގެނައުމަށް، މާމިގިއްޔަށް ވިޔަފާރި ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާނެ. މިތަނުގައި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދެވޭނެގޮތް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ފަހިކޮށްދޭނަން.

މިކަންކަން އެހެން ހިނގާއިރުގައި ތިޔަބޭފުޅުންގެ އަސާސީ ޚިދްމަތްތައް އެއީ، ނަރުދަމާއާއި، ފެނާއި، ކަރަންޓާ، މިކަންކަން ފުރިހަމަވާނޭ މަޝްރޫޢުތައް ސަރުކާރުން ހިންގަން އެބަޖެހޭ. އިންތިޒާމްތައް ހަމަޖައްސަން އެބަޖެހޭ. ރައްޔިތުންނަށް އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުން އެއީ، ސަރުކާރުގެ ވާޖިބެއް. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަކަށެއް ނުފެނެއޭ، ކުރިއަށް މިއޮތް އަހަރު ދުވަހުގެ ތެރޭގައި، ތިޔަބޭފުޅުންނަށް ނަރުދަމާއެއް ލާނުދެވޭނެ ކަމަކަށް. ނަރުދަމާއެއް ހަދައިނުދެވޭނެ ކަމަކަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާމިގިލީގައި މިއަހަރުގެ ތެރޭގައި ނަރުދަމާގެ މަސައްކަތް އަޅުގަނޑުމެން ފަށައިދޭނަން.

އަޅުގަނޑަށްވެސް އެނގޭ މާމިގިލީގެ ބިން މިހާރު އެބަ ބޮޑުވޭ. އެހެންނަމަވެސް، އަޅުގަނޑުމެން އެއްގޮތަކަށްވެސް ވިސްނައިގެން ނުވާނެ، ބިމަކީ ހުސްނުވާނެ އެއްޗެއް ކަމަކަށް. އަޅުގަނޑުމެންގެ އެންމެބޮޑު އެއް ވާޖިބަކީ، އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް މި ރާއްޖޭގެ މުއްސަނދިކަމާއި މި ރާއްޖޭގެ ތަރިކަ ފޯރުކޮށްދިނުން، ރައްދުކޮށްދިނުން. އެކަން ކުރުމުގައި އަޅުގަނޑުމެން އަމާނާތްތެރިކަމާއެކީގައި މިއަދު ކަންކަން ނުހިންގައިފިނަމަ، އަޅުގަނޑުމެންގެ ދަރިންނަކަށް މިދަންނަވާ ކަންކަން ފޯރުކޮށެއް ނުދެވޭނެ. ސަރުކާރުން ގަސްދުކުރަނީ، މާމިގިލީގައި ފްލެޓް އަޅާފައި، މާމިގިލީ ރައްޔިތުންނަށް ފްލެޓް ދެވޭނެ ގޮތެއް ހޯދަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިއަހަރުގެ ތެރޭގައި އެމަސައްކަތްވެސް ފަށައިގަނެވޭނެ.

މާމިގިލީ ރައްޔިތުންނަށް އަޅުގަނޑު ހަމަގައިމުވެސް ނިހާޔަތަށް ޝުކުރުވެރިވަން. މި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުގެނައުމަށްޓަކައި ތިޔަބޭފުޅުންގެ ހީވާގި މަސައްކަތް އަޅުގަނޑެއް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. އަދި އެމަސައްކަތުގައި ތިޔަބޭފުޅުންގެ ރަށުން އުފަން، ތިޔަބޭފުޅުންގެ ވަރަށް ވަރުގަދަ ޝަޚްޞިއްޔަތެއް، އާދެ، ޤާސިމް އިބްރާހީމްގެ މަސައްކަތްވެސް ދުވަހަކުވެސް އަޅުގަނޑުގެ ހިތުން ފިލައިގެނެއް ނުދާނެ. ޤާސިމް އިބްރާހީމަށާއި ތިޔަ އެންމެ ބޭފުޅުންނަށް އެކަމަށްޓަކައި އަޅުގަނޑު ޝުކުރުވެރިވަން.

އިރާދަކުރެއްވިއްޔާ މިރާއްޖެ އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެއަށް ބަދަލުކުރުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ. އަޅުގަނޑުމެންނަށް ފެނޭ، މި ރާއްޖޭގެ މުއްސަނދިކަން. އަޅުގަނޑުމެންނަށް އެނގޭ، މި ރާއްޖޭގެ މުއްސަނދިކަމުގެ ބޭނުންކޮށްގެން، ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުންނަށް ފައިދާހުރި ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ހެދެން އޮތްކަން. އެމަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާއިރުގައި، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގި، ހަނދާނުން ކައްސާލިޔަނުދީ ބަހައްޓަންހުރި ކަންކަން އެބަހުރި. ނުކުތާތައް އެބަހުރި. ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން އަބަދުވެސް ސަރުކާރުން ދެކެން ޖެހޭނެ، މި ރާއްޖޭގެ ތަނަވަސްކަމާއި މި ރާއްޖޭގެ މުއްސަނދިކަމަކީ، އަޅުގަނޑުގެ އެއްޗެއް ނޫން، އެހެން މީހެއްގެ އެއްޗެއް ނޫން، ތިޔަބޭފުޅުންގެ އެއްޗެއްކަން. މި ސަރުކާރުގެ ހުރިހާ ފައިސާއަކީވެސް ހަމަ ތިޔަބޭފުޅުންގެ ފައިސާ. އެ ފައިސާ ސަރުކާރަށް ލިބެނީވެސް ތިޔަބޭފުޅުންގެ އަތްޕުޅުން ސަރުކާރުން އެފައިސާ ނަގައިގެން. އެފައިސާ ޚަރަދު ކުރުމުގަޔާއި، އެ ފައިސާ ބެލެހެއްޓުމުގައި އަމާނާތްތެރިކަމާއެކީގައި އެކަން އަޅުގަނޑުމެން ކުރުމަކީ ވަރަށް މުހިންމު ކަމެއް. މި ސަރުކާރުގެ އެންމެބޮޑު ޢަޒުމް. އެންމެބޮޑު މަޤްޞަދު.

އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑެއް ހަމަ އެންމެ ފައިސާ ފޮއްޗެއްގައިވެސް ނުޖެހޭނަން. އަޅުގަނޑު އުންމީދު ކުރަން އަދި އަޅުގަނޑު ޔަޤީން ކުރަން. އަޅުގަނޑުމެންގެ ސަރުކާރުގެ އެއްވެސް ވެރިއަކަށް ނާޖާއިޒު ގޮތެއްގައި ތިޔަބޭފުޅުންގެ މުއްސަނދިކަން ބޭނުންކުރުމުގެ ފުރްޞަތެއް ނޯންނާނެ. ހުރިހާ ބޭފުޅުންނަށްވެސް ފުރްޞަތު ހަމަހަމަވާނެ. ހަމަހަމަގޮތުގައި އެންމެންނަށްވެސް ވިޔަފާރި ކުރެވެންޖެހޭނެ. އެންމެންނަށްވެސް ވިޔަފާރީގެ ތަނަވަސްކަމާއި ވިޔަފާރީގެ ފުރްޞަތުތައް ހުޅުވާލެވޭނެ. އަޅުގަނޑާ ވަކިބޭފުޅަކު ގާތްވެގެން، ވަކިބޭފުޅަކު ކުޑައިރުއްސުރެ ފަށައިގެން އަޅުގަނޑާ އެކީގައި އުޅުއްވީތީވެ، މިކަންކަމުގެ މައްޗަށް ބިނާކޮށެއް ނޫން، ވިޔަފާރީގެ ފުރްޞަތު ނުވަތަ ތަނަވަސްވުމުގެ ތަރައްޤީވުމުގެ ފުރްޞަތު އެއްވެސް ޙާލެއްގައި އޮންނަން ޖެހޭނީކީއެއް. އެއީ، ހުރިހާ ރައްޔިތުންނަށްވެސް އޮންނަންވާނެ ފުރްޞަތެއް.

ސަރުކާރުން ކަންކަން ހިންގާއިރުގައި އަޅުގަނޑުމެންނަށް، ސަރުކާރަށް، ފައިސާ ލިބޭނެ މަގުތައް އެބަ ތަނަވަސްކުރަންޖެހޭ. އެމަގުތަކަކީ ހަމަ ދުނިޔޭގައި އެހެން ޤައުމުތަކުގައިވެސް ސަރުކާރުތަކަށް ފައިސާ ހޯދާ އުޞޫލުން ކުރާ ކަމެއްގެ ގޮތުގައިވެސް ވާން އެބަޖެހޭ. މިއަދާ ހަމައަށްވެސް އަޅުގަނޑުމެންގެ ތެރޭގައި، ސަރުކާރަށް އާމްދަނީ ލިބުމަށް މިއޮންނަނީ އިމްޕޯޓް ޑިއުޓީ ނެގުން. އިމްޕޯޓް ޑިއުޓީ ނެގީމާ، އަދި ދެން އޭގެއިތުރުން، ޓޫރިޒަމުން ލިބޭ ބައެއް ބާވަތުގެ ޓެކްސްއިން ސަރުކާރަށް އާމްދަނީ ހޯދީ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ އެންމެބޮޑު އާމްދަނީއެއް ސަރުކާރަށް ލިބެނީ އިމްޕޯޓް ޑިއުޓީން. އިމްޕޯޓް ޑިއުޓީން ސަރުކާރަށް އާމްދަނީ ހޯދީމާ، އެންމެ ނިކަމެތި މީހާގެ ދަތް އުނގުޅާ ބޭސްފުޅިން ސަރުކާރަށް ނަގާ މިންވަރު އެއްވަރު، އެންމެބޮޑު މަހުޖަނު އަތުން ސަރުކާރަށް ނަގާ މިންވަރާ. އެހެންވީމާ، ގިނައިން ފައިސާ ލިބޭ މީހުންގެ އަތުން ސަރުކާރަށް ނިސްބަތުން ޓެކްސްގެ ގޮތުގައި ނެނގޭ މިންވަރު ވަރަށްކުޑަ. ތިޔައިން ބޭފުޅެއްގެ ޖީބުން ސަރުކާރަށް އެބަ ނެނގޭ މިހާރު ލިބޭ އެއްޗެއްގެ ހަމަގައިމު ރަނގަޅު ސާޅީސް ޕަސެންޓަށްވުރެ ގިނަ ރުފިޔާ.

އަޅުގަނޑުމެން ބޭނުމެއް ނޫން މި އުޞޫލުން މި ރާއްޖޭގެ އިޤްތިޞާދު ހިނގާކަށް. އަދި މި ރާއްޖެ ތަރައްޤީއެއްވެސް ނުކުރެވޭނެ މި ދަންނަވާ އުޞޫލުން މިކަން ހިނގައިގެނެއް. ސަރުކާރުގެ އަމާޒަކީ، އާމްދަނީ ގިނައިން ލިބޭ މީސްމީހުންގެ އަތުން، އާމްދަނީން ނަގާ ޓެކްސެއް ސަރުކާރަށް ނެގުން. އަދި ވިޔަފާރީގެ ފައިދާ ރަނގަޅަށް ލިބޭ ކުންފުނިތަކުން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސެއްވެސް ނެގުން. އޭރުން ވިޔަފާރިވެސް ފަސޭހޭ ގޮތުގައި، ފަހިގޮތުގައި ކުރިއަށްދާނީ. މިހާރު އަޅުގަނޑުމެން ޓެކްސް މިނަގަނީ، ވިޔަފާރީގެ ފައިދާއަކުންނެއް ނޫން. އަޅުގަނޑުމެން މިހާރު މިނަގަނީ ވިޔަފާރި ނުކުރަނީސް، ވިޔަފާރި ކުރުމަށް ގަތް ހުރިހާ މުދަލަކުން ޓެކްސް. އެއީ، އަޅުގަނޑުމެންނެއް ނުދެކެން، ޤައުމެއް ތަރައްޤީވެގެން ހިނގައިދާނެ ގޮތެއް ކަމަކަށް. މިކަންކަން ބަދަލުކޮށްގެން ނޫނިއްޔަކާއެއް އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެން މިއެދޭ ރިވެތި ގޮތުގައި ތަރައްޤީވެގެން ދިޔުމަށް ހުރަސްތަކެއް ހުންނާނެ. ދަތިތަކެއް ހުންނާނެ.

އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ރާއްޖެއަށް އަދި ރާއްޖޭގެ އިޤްތިޞާދަށްވެސް، މާލިއްޔަތަށްވެސް، އަޅުގަނޑުމެން ކަންކަން ކުރާ ގޮތަށްވެސް ވަރަށްގިނަ ބަދަލު އަންނާނެއޭ. އެބަދަލުތައް އަޅުގަނޑުމެންނަށް ގެނެވެން އޮތީ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށްގެންނޭ. ރައްޔިތުންގެ މަޖިލީހަކީ، ސީދާ ރައްޔިތުން ތަމްސީލުކުރާ ތަނަކަށްވާންޖެހޭ. ރައްޔިތުންނަށް އެތަނުގައި ބަހެއް ބުނެވޭނީ، ހަރުދަނާ ރަނގަޅު ސިޔާސީ ޕާޓީތައް ހިނގައިގެނޭ. އެ ޕާޓީތަކުގެ ތެރެއިން އެޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކޮށްގެން، އެ ޕާޓީތަކުގެ ތެރެއިން ނުކުމެވަޑައިގަންނަވާ ބޭފުޅުން، ނުކުމެވަޑައިގަންނަވާ ކެންޑިޑޭޓުން މަޖިލިހަށް ވާދަކުރައްވައި، އެ ވާދަވެރިކަމުގައި ރައްޔިތުންނަށް ރަނގަޅު މެންބަރަކު، ވަކީލަކު ކަނޑައެޅުނީމައޭ.

އަޅުގަނޑުމެން މިކަމުގައި ވަރަށް ވިސްނަންޖެހޭ. އަޅުގަނޑުމެން މި އެދޭ ބަދަލުތައް ނުވަތަ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ރައްދުކޮށްދޭން މިބޭނުންވާ ކަންކަން ތިޔަބޭފުޅުންނަށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނީ، މިދަންނަވާ އިތުރު އިންތިޒާމުތައްވެސް ރަނގަޅަށް ހަމަޖެހުނީމަ. އަޅުގަނޑުމެން ބޭނުން ތިޔަބޭފުޅުންނަށް ނަރުދަމާ ހަދައިދޭން. އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުން ތިޔަބޭފުޅުންނަށް މިރަށުގެ މަގުތައްވެސް ހަދައިދެން. އިރާދަކުރެއްވިއްޔާ އެއީ، އަޅުގަނޑުމެން ކުރާނެ ކަމެއް. ހަމަގައިމުވެސް އަޅުގަނޑު ދަންނަވާނީ، އެއީ، އަޅުގަނޑުމެންގެ އަމާޒެކޭ އަޅުގަނޑުމެންގެ ފަސްއަހަރު ދުވަހުގެ ތެރޭގައި، މާމިގިލީ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި ތާރުއެޅުން. އެއީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒެއް، އަޅުގަނޑުމެންގެ މަޤްޞަދެއް. އެކަން ކުރުމުގައި ކެނޑިނޭޅި އަޅުގަނޑުމެން މަސައްކަތް ކުރާނަން. މިތަން އެއީ ރަނގަޅު ބަނދަރަކަށް އަޅުގަނޑުމެންނަށް ހެދޭނެ. އަދި ވިޔަފާރީގެ ބޮޑު މަރްކަޒަކަށްވެސް އަޅުގަނޑުމެންނަށް ހެދޭނެ.

އެ މަސައްކަތް ކޮށްދިނުމަށް، އެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިހާރު މިވަނީ ރާއްޖެ ހަތް ސަރަޙައްދަކަށް ބަހާލައި، ހަތް ޕްރޮވިންސެއް އުފައްދާފައި. އެނގިވަޑައިގަންނަވާނެ، މިޕްރޮވިންސްގެ، މާމިގިލީ ހިމެނޭ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކަށް އަޅުގަނޑުމެން ކަނޑައަޅާފައި އެވަނީ މުޙަންމަދު ނަޢީމް. މުޙަންމަދު ނަޢީމަކީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ޤާނޫނުއަސާސީ އިޞްލާޙުވަމުން އައިއިރުގަޔާއި އަދި މި އިޞްލާޙީ މަސައްކަތްތަކުގައި ވަރަށް ފާހަގަކުރެވޭ ގޮތެއްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް. އަދި ނަޢީމަކީ ވިޔަފާރިއާއި މަސައްކަތްތެރިކަމުގެ ދާއިރާގައި ވަރަށްގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް. މުޙަންމަދު ނަޢީމަކީ، އަޅުގަނޑު ވަރަށް އިތުބާރާ އެކީގައި މިމަސައްކަތް ކުރުމަށް އަޅުގަނޑުމެން ޙަވާލުކޮށްފައިވާ ބޭފުޅާ. އަޅުގަނޑަށް ޔަޤީން، އެބޭފުޅާގެ އެހީތެރިކަމާއެކީގައި ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ރަށުގެއާއި އަތޮޅުގެ ތަރައްޤީ ކުރިއަށް ގެންދެވޭނެ. އަޅުގަނޑުމެން ބޭނުންވަނީ، މިރަށުގައި މިހާރު އެ ހެދެމުންދާ އެއަރޕޯޓް ވީހާވެސް އަވަހަކަށް ހަދައި ނިމި، އެތަނަށް ބޯޓުފަހަރު ޖެއްސޭނެގޮތެއް އަވަހަށްވުން.

އަޅުގަނޑަށްވެސް އެނގޭ، މިދުވަސްވަރަކީ އިޤްތިޞާދީ ހީނަރުކަމެއް އައިސްގެން އުޅޭ ދުވަސްވަރެއްކަން. އެހެންނަމަވެސް، އެކަމާ ގުޅިގެންވެސް ދަންނަވަން އޮތް ވާހަކައެއް އެބައޮތް. ދުނިޔެއަށް ދިމާވާ މިބާވަތުގެ އިޤްތިޞާދީ ހީނަރުކަމަކީ، އޭގެ ސަބަބުން، ތަރައްޤީއަށް ބޭނުންވާ ޚަރަދު ކުޑަކުރާ ކަމެއް ނޫން. އަދި ކުޑަވާ ކަމެއްވެސް ނޫން. އިޤްތިޞާދެއްގެ ތެރޭގައި ހިނގަނީ ދެބާވަތެއްގެ ޚަރަދު. އެއްބާވަތަކީ ލައިގެންކާނެ އެއްޗެހި ގަންނަން، އަންނައުނު ގަންނަން ދުވަހުން ދުވަހަށް އަޅުގަނޑުމެން މިކުރަމުންގެންދާ ޚަރަދު ކުރުން. އަނެއްބާވަތުގެ ޚަރަދަކީ، އެރަށެއްގެ އެތަނެއްގެ މައިގަނޑުތައް ބިނާކުރުމަށް މަގާއި، ކަރަންޓާއި، އެކިބާވަތް ބާވަތުގެ ބަނދަރާއި، އެއަރޕޯޓާއި، މަދަރުސާއާއި، ހޮސްޕިޓަލާ، މިބާވަތްބާވަތުގެ ބިނާތައްކުރުމަށް ހިނގާ ޚަރަދު. އިޤްތިޞާދީ ހީނަރުކަމެއް އައިމާ، ސަރުކާރުތަކުން އަވަސްވެގަންނަނީ، ވީހާވެސް ގިނަ ޚަރަދު ކޮށްގެން، ބާވަތް ބާވަތުގެ ބިނާ ހެދޭނެ ގޮތެއް ހޯދަން.

އެހެންވީމާ، އިޤްތިޞާދީ ހީނަރުކަމެއް އައީމާ، މިދަންނަވާލި ބާވަތުގެ ޚަރަދު ކުޑަވި ކަމުގައިވިޔަސްވެސް، އެހެން ބާވަތްތަކުގެ ޚަރަދު ބޮޑުވެގެންދޭ. އެ ބޮޑުވާ ވަގުތު، އެ ބޮޑުވާ ދަނޑިވަޅު ދެނެގަނެ، އެއިން އަޅުގަނޑުމެންނަށް ފައިދާ ހޯދެން ޖެހޭނެ. އެއިން އަޅުގަނޑުމެންނަށް ނަފާ ނެނގެން ޖެހޭނެ. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ ހިތް މަރުވެގެނެއް ނޫން. އުންމީދެއް ނެތިއެއް ނޫން. އިޤްތިޞާދީ ހީނަރުކަން އައިކަމުގައިވިޔަސްވެސް އަޅުގަނޑުމެން މި އުންމީދުކުރަނީ، މިތަނުގައި ހަދާ އެއަރޕޯޓްވެސް ދާދި އަވަހަށް ހެދޭނެ އިންތިޒާމުތަކެއް ސަރުކާރަށްވެސް އެ އަމިއްލަ ފަރާތްތަކަށް އެހީތެރިވެދީގެންވެސް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުން.

މިދިޔަ ސަރުކާރުން އަމިއްލަ ފަރާތްތަކަށް ރިޒޯޓުގެ ގޮތުގައި ތަރައްޤީ ކުރުމަށް ދޫކޮށްފައިވާ 60 ރަށުގެ ތެރެއިން ހަދާ ނިމިފައިވަނީ 6 ރަށް. 54 ރަށް މިއޮތީ ހަމަ އަތްވެސް ނުލެވި. އެ 54 ރަށުން އަޅުގަނޑުމެން ރާއްޖެއަށް ލިބެންވާ އާމްދަނީއެއް ނުލިބޭ. އެހެންނަމަވެސް، ސަރުކާރުގެ ބަޖެޓު މިދިޔަ އަހަރުވެސް އެކުލަވާލާފައި އޮތީ، މިދެންނެވި 54 ރަށުގެ އާމްދަނީ ސަރުކާރަށް ލިބޭނެ ކަމަށް ބަލައިގެން. އަޅުގަނޑުމެންނަކަށް އެ އާމްދަނީއެއް ނުލިބޭ. އެހެންވީމާ، ސަރުކާރުން އެބަޖެހޭ މިރަށްތައްވެސް އަވަހަށް ހެދޭނެގޮތެއް ހޯދަން. މިހާރު ފުރަތަމަ ކަމެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުންވަނީ ނިންމާފައި، އެރަށްތައް ދޫކުރެވިފައި ހުރި ފަރާތްތަކަށް އަދި މުއްދަތު އިތުރުކޮށްދިނުމަށް. އެއްއަހަރު ދުވަހުގެ މުއްދަތު އެފަރާތްތަކަށް މިހާރުވަނީ އިތުރުކޮށްދެވިފައި. އެ އެއްއަހަރު ދުވަހުގެ ތެރޭގައި އެރަށްތައް ހެދޭނެ ކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދު ކުރަން.

އެ ރަށްތައް ހެދޭނެ ކަމަށް އަތް އުރާލައިގެނެއް، ބަލަހައްޓައިގެނެއް މި ސަރުކާރަކުން ނުތިބޭނެ. އަޅުގަނޑުމެން ބަލަމުންދާނަން އެ ހެދެމުންދާ މިންވަރުވެސް. އަދި އަމިއްލަ ވިޔަފާރިވެރިންނަށްވާ ދައްޗަކީ ކޮބައިތޯ ބަލައި، ހޯދައި، އޮޅުންފިލުވައި އެ ދައްޗަކުން އެ ވިޔަފާރިވެރިއަކު ސަލާމަތް ކޮށްދިނުމަކީވެސް، މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. ވަރަށްބޮޑު މަޤްޞަދެއް. އަޅުގަނޑުމެންގެ ބޭނުމަކީ ވިޔަފާރި ކުރިއެރުވުން.

ތިޔަބޭފުޅުން އަޑުއައްސަވާފައި އޮންނާނީ، ރާއްޖޭގެ މާލީ ޙާލަތު، ދައުލަތުގެ ޚަޒާނާ މިހާރު ހީނަރުވެފައި އޮތް މިންވަރު. އަދި މިދަނޑިވަޅުގައި އަޅުގަނޑުމެންނަށް ދިމާވި އެންމެބޮޑު ހިތާމަވެރި ކަމަކީ، ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސުން ވަރަށްގިނަ ޢަދަދަކަށް، ކުއްލިއަކަށް މިދިޔަ އަހަރު ބޮޑެތި ލޯނުތަކެއް ދޫކޮށްފައިވުން. އެހެންވީމާ، އޭގެ ސަބަބުން، ކުދި ވިޔަފާރިވެރިންނަށް ބޭންކް އޮފް މޯލްޑިވްސުން ދޫކުރަން ކަނޑައެޅިފައި ހުރި ލޯނުތައް ހުރީ ހިފެހެއްޓިފައި، ނުދެވިފައި. މަދުމީސްކޮޅަކަށް ވަރަށްގިނަ ފައިސާ ދެވުނީމާ، ދެން ފައިސާ މަދުވީމާ، ޢާންމު އާދައިގެ ވިޔަފާރިވެރިންނަށް މިއޮތީ ވަރަށް ބޮޑަށް ދަތިވެފައި. ޚާއްޞަކޮށް، ލޯނުތައް ނެންގެވި ފަރާތްތަކުން އެފައިސާ ދައްކަންޖެހޭ ވަގުތުތަކަށް އަނބުރާ ނުދައްކަވާކަމުން، ބޭންކަށް މިއޮތީ ވަރަށްބޮޑު ދައްޗަކާ ދިމާވެފައި.

ސަރުކާރަށް މިއަދު މިވަނީ އެ ބޭންކުވެސް އަލުން އަނބުރާ ނަގަހައްޓަން ޖެހިފައި. އެބޭންކަށްވެސް ފައިސާ ހޯދައިދީ، އެބޭންކުވެސް ހިންގޭނެގޮތެއް ހޯދައިދިނުން. އަޅުގަނޑަށްވެސް އެނގޭ، ބޭންކް ޙާލުގައި ޖެހިފައިވަނީ ގިނަވެގެން ހައެއްކަ މީހުންނަށް ދެވިފައިހުރި އާދަޔާ ޚިލާފު ބޮޑެތި ޢަދަދުތަކުގެ ފައިސާގެ ސަބަބުން. އެހެންނަމަވެސް، ބޭންކް ބަނގުރޫޓުވިޔަނުދީ، ސަރުކާރުން އެބަޖެހޭ ހިފަހައްޓަން. އެހެންވީމާ، ސަރުކާރު މިހާރު މިވަނީ އެ ބޭންކަށްވެސް ފައިސާ ދޫކުރަން ނިންމާފައި. އަދި އެ ފައިސާ ބޭންކަށް ލިބުނީމާ، އިރާދަކުރެއްވިއްޔާ ކުދި ވިޔަފާރިވެރިންނަށް ބޭންކުން ކަނޑައަޅާފައިވާ ލޯނުތަކާއި، ދޭން ނިންމާފައިވާ އެކިއެކި ފެސިލިޓީޒް އަލުން އަނބުރާ ދޫކުރާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން.

އަޅުގަނޑުމެން މިރަށް މިދެކެނީ، މިދަންނަވާ ބާވަތުގެ ތަނެއްގެ ގޮތުގައި، ވިޔަފާރީގެ މައި މަރްކަޒެއްގެ ގޮތުގައި. މިތަނަކީ އަޅުގަނޑުމެން އުންމީދު މި ކުރަނީ، ބޭންކިންގވެސް އަދި އެހެން ބާވަތް ބާވަތުގެ ވިޔަފާރިވެސް ބާރަށް ހިނގައިގަންނާނެ ގޮތަކަށް އަޅުގަނޑުމެންނަށް ބައްޓަން ކުރެވޭނެ ތަނެކޭ. މާތްރަސްކަލާނގެ އިރާދަފުޅުން ތިޔަބޭފުޅުންނަށް މިވަނީ ރަނގަޅު ތަނެއްގައި ރަނގަޅު ރަށެއް ލިބިފައި. އެހެންވީމާ، މިރަށުގެ ބޭނުން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހިފެން އޮތްކަން އަޅުގަނޑުމެންނަށް ޔަޤީން. އަދި ތިޔަބޭފުޅުންނާއެކީގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ކުރިއަރައި ދެވޭނެކަމާމެދު އަޅުގަނޑުމެން ޝައްކެއް ނުކުރަން. އަޅުގަނޑު ދަންނަވާނީ، ހަމަ އަނެއްކާވެސް އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ، އަޅުގަނޑުމެންނަށް ހޯދޭނެއޭ. އަޅުގަނޑުމެންގެ ރައްޔިތުންނަށް އުފާފާގަތިކަމުގައި ދިރިއުޅެވޭނެ ގޮތްތައް އަޅުގަނޑުމެންނަށް ފަހިކޮށްދެވޭނެއޭ. ހާސްކަމެއްނެތި ތިޔަބޭފުޅުންގެ ދަރިންގެ ކަންތައްތައް ނުނިންމެވިގެން، މަދަރުސާގެ ޔުނިފޯމް ނުފެއްސެވިގެން، ބޭސް ބައްލަވައިނުގަނެވިގެން ނުވަތަ މާލެ ވަޑައިނުގެންނެވިގެން، އެވެނި ކަމެއް މިވެނި ކަމެއް ނުވެގެން، ތިޔަބޭފުޅުން އުޅުއްވާކަށް އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި އެއްގޮތަކަށްވެސް ޖެހިވަޑައެއްނުގަންނަވާނެއޭ.

އަޅުގަނޑުމެންގެ ސިޔާސަތުގެ އެއް ނާރެސް އެއީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން މި ރާއްޖޭގެ ރަށްތައް ގުޅާލުން. އެހެންވީމާ، އަޅުގަނޑަށް ހަމަ އުފަލ ެކީގައި ދެންނެވެން އެބައޮތް. އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރީގައި، މާމިގިލިން ޓިކެޓް ކަނޑައިގެން ތިޔަބޭފުޅުންނަށް މަދުވެގެން ދުވާލަކު ދެފަހަރު މާލެ ވަޑައިގެންނެވޭނެއޭ. އެކަންތައް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަން. އަޅުގަނޑުމެން މި އުންމީދުކުރާފަދަ ރަށަކަށް، ތިޔަބޭފުޅުންގެ މާމިގިލި އިރާދަކުރެއްވިއްޔާ ހަދައިދޭނަން.

އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑު ހަމަ ދަންނަވާނީ އަނެއްކާވެސް ގުލްޒާރުގައި ނަޔާމަގޭ ނޫރާނީމާ ފޮޅޭނެޔޭ، ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެއޭ. އަޅުގަނޑުމެން މި އެދޭ ދިވެހިރާއްޖެ، އަޅުގަނޑުމެން މި އެދޭ އަނެއް ދިވެހިރާއްޖެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހޯދައިދޭނަމޭ.
والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ!