بســم اللّـه الرّحمـن الرّحيــم

ދަނގެތީގެ އެކުވެރި ލޮބުވެތި ރައްޔިތުން،

السّـلام عليـكم

ޢައްސަލާމް ޢަލައިކުމް.

އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެން، މި ހިނގާ މިދިޔަ ރިޔާސީ އިންތިޚާބުގައި ބައިވެރިވިއިރު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ން ވަނީ، ރައްޔިތުންނަށް އެ ޕާޓީގެ ވެރިކަމެއް ހިންގާނެ ގޮތުގެ ފުޅާ ތަޞައްވުރެއް ހުށަހަޅާފައި. ޙަޤީޤަތުގައި، އަޅުގަނޑުމެންނާ ޙަވާލުވެފައި މިވަނީ، އެމަސައްކަތް ކުރުމަށް. މި ސަރުކާރު ދެމިއޮންނަން މި ޖެހެނީ، މިދަންނަވާ މެނިފެސްޓޯގައި ނުވަތަ މިދަންނަވާ އިންތިޚާބުގައި، އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. މި ސަރުކާރު ދެމިއޮންނަނީ އެންމެ ސަބަބަކަށްޓަކައި، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢްދުތައް ފުއްދައިދިނުމަށްޓަކައި. އަޅުގަނޑުމެން މި ސަރުކާރު ހިންގަމުން މިގެންދާ ބޭނުމަކީ، މިދެންނެވީ. އޭގެ ބޭނުމަކީ، ތިޔަބޭފުޅުންނަށް، ރައްޔިތުންނަށް އަޅުގަނޑުމެން ޚިދްމަތްކުރުން.

މި ސަރުކާރު ހިނގަމުންދާއިރުގައި، އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދުވެސް ބިންވަޅުނެގިފައި އޮންނަންޖެހޭ ކަންތައްތަކެއް އެބަހުރޭ. ޚާއްޞަ ގޮތެއްގައި، މި ދައުލަތުގެ މި ސަރުކާރުގެ ހުރިހާ ފައިސާއަކީވެސް، ތިޔަބޭފުޅުންގެ ފައިސާއޭ. މި ދައުލަތުގެ މުއްސަނދިކަމަކީ، ރާއްޖޭގެ ރައްޔިތުންގެ މުއްސަނދިކަމެކޭ. އަޅުގަނޑުމެންނާ ހަވާލުވެފައި މިވަނީ، އެ މުއްސަނދިކަމާ އެ ތަނަވަސްކަން، އަމާނާތްތެރިކަމާއެކީގައި ބެލެހެއްޓުމާ އަދި ތަރައްޤީކޮށް، އަންނަންއޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ދަރީންނާ ދަރީންގެ ދަރީންނަށް ރައްދުކޮށްދިނުމަށް. އެމް.ޑީ.ޕީ.އިން ގެންގުޅޭ ސިޔާސަތު ނުވަތަ އެމް.ޑީ.ޕީ.އިން ރައްޔިތުންނަށް ހުށަހެޅި ސިޔާސަތު، އެ ސިޔާސަތު އެކުލަވާލާފައި އެވަނީ، މިދެންނެވި ދެކަން އަޅުގަނޑުމެންނަށް ކުރެވޭނެ ގޮތަކަށް. ރައްޔިތުން އެ ސިޔާސަތު ގަބޫލުކޮށް، ރައްޔިތުންވަނީ، އެ ސިޔާސަތު ހިންގައި ދިނުމަށް އެދިފައި.

މިއަދު އަޅުގަނޑުގެ ވާޖިބަކީ، އެކަން ކުރުމުގައި އަޅުގަނޑަށް ވީހާވެސް ބޮޑަކަށް މަސައްކަތްކޮށް، ތިޔަބޭފުޅުންނަށް، ރާއްޖޭގެ ރައްޔިތުންނަށް މި ވަޢުދުތައް ފުއްދައިދިނުން. އަޅުގަނޑަށް ލިބިފައިވާ ނަސީބަކީ، މާތްރަސްކަލާނގެ އިރާދަފުޅުން، މި ވަޢުދުތައް ފުއްދައިދިނުމަށްޓަކައި އެމް.ޑީ.ޕީ.އިންވަނީ، ވަރަށް އެކަށީގެންވާ ސަރުކާރެއް އުފައްދާފައި. އެ ސަރުކާރުގެ ވަޒީރުންނަކީވެސް، ހަމަ އެހާމެ އެކަށީގެންވާ ބައެއް. ޤާބިލު ބައެއް. ކަންކަން ކުރެވޭ ބައެއް. އަދި މި ސަރުކާރުގެ ކައުންސެލަރުންގެ ގޮތުގައި އަތޮޅުތަކުގައި ތިއްބަވާ ބޭފުޅުންނާއި، ރަށްރަށުގައި ތިއްބަވާ ބޭފުޅުންނާ އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ޕްރޮވިންސްތަކުގައި، ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން، މި އެންމެ ބޭފުޅުންނާއެކުގައި އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުކޮށް ފުރިހަމަ ގޮތުގައި މި ސަރުކާރު ހިންގޭނެކަމާމެދު އަޅުގަނޑު އެއްވެސްހާލެއްގައި ޝައްކެއް ނުކުރަން. އަޅުގަނޑު، ދަނގެތީ ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވަޢުދުތައް އަޅުގަނޑުމެން ފުއްދައިދޭނަމޭ.

ސުވާލަކީ، އަޅުގަނޑުމެންގެ ވަޢުދުތަކުގެ ތެރޭގައި، ސީދާ ދަނގެއްޗާ ގުޅޭގޮތުން ވެވިފައިވަނީ، ކޮންކޮން ވަޢުދެއްހޭ؟ އަޅުގަނޑުމެންގެ ސިޔާސަތުގައި ސީދާ ދަނގެއްޗާ ގުޅޭގޮތުން ރޭވިފައިހުރީ، ކޮންކޮން ކަންތައްތަކެއްތޯ؟ އޭގެ ޖަވާބަށް އަދި ތިޔަބޭފުޅުންނަށް ޖަވާބެއް ހުށަހަޅާއިރުގައި، އަޅުގަނޑު ފާހަގަ ކުރަން އިތުރަށް ބޭނުންވޭ، ސީދާ ދަނގެތިކިޔާ ތަނެއް އޮތުމަށްވުރެ، ސީދާ ދިވެހިރާއްޖެކިޔާ ތަނެއް އޮތުން ވަރަށް މުހިންމޭ. ދަނގެތީގެ ތަރައްޤީ ވަރަށް އުނދަގުލޭ ހަމަގައިމުވެސް އަޅުގަނޑަށް ސިފަކުރަން، ދިގުރަށާ ނުލައި. ދަނގެތީގެ ތަރައްޤީ އަޅުގަނޑަށް ހަމަގައިމުވެސް އުނދަގުލޭ ސިފަކުރަން، މި އަތޮޅުގެ އެހެން ރަށްރަށާ އަދި މިރާއްޖެއާ މި ރާއްޖޭގެ އެހެން އަތޮޅުތަކާނުލާ.

އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ، ލާމެހިފައިވާ ދުނިޔެއެއްގައި. އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން ބޭރަށް، އަޅުގަނޑުމެންގެ އަތޮޅު ދުނިން ބޭރަށް އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އެބަ ގެންދަންޖެހޭ. ދަނގެއްޗަށް ބަލާލީމާ އެ ވިސްނުންހުރީ، އެ މަގަށްކަން ވަރަށް ސާފު. ތިޔަބޭފުޅުންގެ އިޤްތިޞާދު، ތިޔަބޭފުޅުން ރާއްވަވާފައިވާ ރޭވުމުގައި އެންމެ ބޮޑަށް ހިމަނުއްވާފައި މިވަނީ، ފަތުރުވެރިކަމަށް. އަދި މަސްވެރިކަމުގެ ބައެއް ކަންކަމަށް. އަޅުގަނޑުމެން ދަނގެތީގެ ތަރައްޤީއަށް ވިސްނާއިރުގައި، މިހާތަނަށް ތިޔަބޭފުޅުން ކުރައްވާފައިހުރި މަސައްކަތްތަކަށް ނުވިސްނައި އަޅުގަނޑުމެންނަކަށެއް ނެތް، ހެޔޮގޮތުގައި މިރަށް ތަރައްޤީ ކުރުމުގެ ކަމެއް ވިސްނޭކަށެއް.

ޓޫރިސްޓުން މިރަށަށް ގެނައުމަށް، އެކްސްކަރޝަނަށް އައުމަށް، މިރަށަށް ބާޒާރުކުރަން އައުމަށް، މިރަށަށް މުނިފޫހި ފިލުވާލަން އައުމަށް، މިރަށުގައި، ދިވެހިރާއްޖެއާގުޅޭ އެކި ކަންކަން ބަލާލަން އައުމަށް، މި ކައިރި ރަށްތަކުން ޓޫރިސްޓުން ގެނައުމަށް ތިޔަބޭފުޅުން، ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައި އެބަހުރި. އެ މަސައްކަތްތަކަށް އެޅިފައިހުރި ހުރަސްތައްވެސް ވަރަށްގިނަ. އޭގެތެރޭގައި، އަޅުގަނޑުމެންނަށް ހަމަ ޝައްކެއްނެތްގޮތުގައި ފާހަގަކުރެވޭ، ބަނދަރު. ބަނދަރެއް ރަނގަޅު އޮވެގެންނޫނީ، ރަނގަޅަށް މިތަން ތަރައްޤީކުރަން ދަތިކަން އަޅުގަނޑުމެން، ހިތުގެއަޑިން ގަބޫލުކުރަން. މިތަނުގެ ބަނދަރު އަޅުގަނޑުމެންނަކަށެއް ނެތް، މިއަންނަ އަހަރު އަންނަންދެން މަޑުކުރެވޭކަށް. އެއީ، އަޅުގަނޑުމެންގެ ރިޔާސީ ދައުރުގެ ފަސްބައިކޮށްފައި އެއްބައި، އެއްއަހަރު ގޮސްފިއްޔާ. އަޅުގަނޑު މިހުންނަނީ، ތިންމަސްވީމާ ކަންބޮޑުވެގެން. ފަސް އަހަރަކީ، ވަރަށް ގިނަދުވަސް. އަދި މަޝްހޫރު އިނގިރޭސި ސިޔާސީ މުފައްކިރަކު ބުނެފައި އޮންނާނެ، ހަފްތާއަކީވެސް، ޑިމޮކްރަސީއެއްގައި ވަރަށް ގިނަ ދުވަހޭ. އަޅުގަނޑުމެންނަކަށެއް ނެތް ވަގުތު ނަގާލެވޭކަށް. މިދިޔަ ތިރީސް އަހަރުވެސް އަދި މިދިޔަ ތިންހާސް އަހަރުވެސް، ޙަޤީގަތުގައި މިރާއްޖޭގެ މުއްސަނދިކަން އަޅުގަނޑުމެން ރައްޔިތުންގެ އުންމީދުތަކާ އެއްވަރަކަށް ބޭނުންކުރެވިފައެއް ނެތް. އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، އެކަން ހަލުއިކުރުން. އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރީގައި، މިރަށުގައި އަޅުގަނޑުމެން ބަނދަރެއް ހަދައިދޭނަން. ކުރިއަށް މިއޮތް ދެމަހެއްހާދުވަހުގެ ތެރޭގައި މިތަނުގައި ޔޮޓް މެރީނާއެއް ހިމެނޭގޮތަށް އެކަން ކުރުމަށް. ތިޔަބޭފުޅުންނާ އަޅުގަނޑުމެން އަދި އެބަ އިތުރު މަޝްވަރާއަކަށް މިކަމުގައި ދާންޖެހޭ. ތިޔަބޭފުޅުންގެ ރުހުމާ އެކީގައި ނޫނީ އަޅުގަނޑުމެން މިކަން ކުރާކަށް ބޭނުމެއްނޫން. ޔޮޓް މެރީނާއެއް ހެދުމަށް ބަޔަކު ހޯދުމަށް އަޅުގަނޑުމެން އެބަ ޓެންޑަރ ކުރުމަށް ނިންމަން. އެހެންވީމާ، ކުރިޔަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ފިކުރަކީ، މިތަނަށް ސަފާރީ އޮޑިފަހަރު އެ އަންނަ އުސޫލުން އެ އޮޑިފަހަރު އައިމާ، އެ އޮޑިފަހަރަށް ނުވަތަ އެ ޔޮޓްތަކަށް ފުޅާގޮތުގައި ޚިދްމަތް ދެވޭނޭ ސެންޓަރެއްގެ ގޮތުގައި، ދަނގެތި ތަރައްޤީ ކުރުން.

އެހެންވީމާ، އަޅުގަނޑަކަށެއް ނޭނގެ، ބަނދަރު އޮންނަނީ ކިހިނެއްކަމެއްކަމެއް. ބަނދަރު އަޅަންޖެހެނީ ކޮންތާކުކަމެއް. ބަނދަރުގެ ފާޑާ ބައްޓަމާ އަޅުގަނޑުމެން މި ރަށްރަށުގައި އަޅަމުންމިދަނީ ބޮޑެތި ބަނދަރާއި، ބޮޑުހިލަޖެހި ބަނދަރާއި، ވާޓަރުހެދި ބަނދަރާއި، އެކްސެސް ބަނދަރު. އަޅުގަނޑުމެންނަކަށެއް އަދި ނޭނގެ ދަނގެތީގެ ބަނދަރު އޮންނަންވީ ކިހިނެއްކަމެއް. މެރީނާއެއް ތަރައްޤީކުރާ ފަރާތްތަކާ މަޝްވަރާ ކޮށްގެން، އެކަމުގެ މާހިރުންނާ އެކީގައި، އަދި ރަށުގެ ރައްޔިތުންގެ ޚިޔާލާއި ފިކުރާއެކީގައި އެމަސައްކަތް އަޅުގަނޑުމެން ޖެހޭނީ ތަރައްޤީ ކުރަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ، މިހިނގާ މަހުގެ ތެރޭގައި މިކަމުގެ މަސައްކަތްތައް، އަޅުގަނޑުމެން ފަށާނަން. މާ ލަސްތަކެއްނުވެ، އަޅުގަނޑުމެން ޓެންޑަރަށް ގޮވާނަން، މި މަސައްކަތް ހިންގަން ބޭނުންވާ ބަޔަކު ހޯދުމަށް. އެއީ، އެހެންނޫނިއްޔަކާއެއް، ދެފުށް ފެންނަ ގޮތަކަށް މިއިން ކަމެއް ނުހިނގާނެ.

އަޅުގަނޑު ބޭނުމެއްނޫން، އަޅުގަނޑުމެންގެތެރޭގެ އެއްވެސް މީހަކު، އޭނާ އެކަނި، އޭނާ ދަންނަ މީހަކަށް މިވެނި ވިޔަފާރިއެއް ދީގެން، އަނެއްމީހަކު ދަންނަ މީހަކަށް އަނެއް ވިޔަފާރިއެއް ދީގެން އެގޮތަކަށް އެ އުސޫލުން އެހަމައިގައި ކަންތައްތައް ހިނގާކަށް ކުޑަކޮށްވެސް މިސަރުކާރަކުން ނޭދޭ. އެހެންވީމާ، އަޅުގަނޑުމެން މިކަން ކުރަމުން ގެންދާނީ، އިރާދަކުރެއްވިއްޔާ ދެފުށް ފެންނަ ގޮތަށް. އާޚިރަތުގައި ކޮންމެ ގޮތެއް ވިޔަސްވެސް، އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރީގައި މިރަށުގެ ބަނދަރު ހެދޭނެ، އަދި ު ލަފާ ފުރުމާ އަދި ރަނގަޅު ގޮތުގައި މިރަށަށް އެކަންކަން ބޭނުން ކުރެވޭނެ އިންތިޒާމެއް އަޅުގަނޑުމެން ހަމަޖައްސައިދޭނަން.

އަޅުގަނޑަށް ފެނޭ، ސަގާފީ ސެންޓަރު. އަޅުގަނޑަށްވެސް އެނގޭ، އިބްރާހީމް ޙުސައިން ޒަކީގެ ވަޒީރުކަމުގެ ދުވަސްވަރުގައި މިސެންޓަރެއް އުފެދިފައި މިއޮތީ. އަޅުގަނޑުމެން ބޭނުން، މި ސެންޓަރު މިއަށްވުރެ މާ ބޮޑަށް ތަރައްޤީ ކުރަން. އަދި އެމަސައްކަތް ކުރުމަށް ބައެއް ޕްލޭން މިހާރުވަނީ، އެކުލަވާލެވިފައި. އަޅުގަނޑުމެންގެ ޓޫރިޒަމް މިނިސްޓްރީއާއި ކަލްޗަރަލް މިނިސްޓްރީ، އެއީ މިހާރު ސަގާފަތާއި ޓޫރިޒަމް އެއީ، އެއްމިނިސްޓްރީއެއްގެ ގޮތުގައި މި ސަރުކާރުގައި މި ހިންގަނީ. އެ މިނިސްޓްރީގައި، ޠައްޔިބު ހުންނަވާނެ، ސަގާފަތާ ގުޅޭ ކަންކަމަށް. އަޅުގަނޑު މާލެ ހަމަ ދިޔުމާއެކީގައި، ޠައްޔިބާއެކީ އަދި ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުންނާއެކީގައި އިށީނދެ އަޅުގަނޑުމެން މިކަމުގެ މަޝްވަރާތައް ފަށާނަން. މިކަން ކުރިޔަށް ގެންދެވޭނޭ ގޮތެއް ތިޔަބޭފުޅުންނަށް ސާފުވާނެ މަގެއް، އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެނގިގެންދާނެ.

އަޅުގަނޑުމެން ލާމަރުކަޒީ އުސޫލުން ހިންގާއިރުގައި، މި ސަރަޙައްދުގެ، މިޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވާނީ، މުޙަންމަދު ނަޢީމް. މުޙންްމަދު ނަޢީމަކީ، އެނގިވަޑައިގަންނަވާނެ، ޤާނޫނު އަސާސީ އިޞްލާޙު ކުރެވެމުން އައި ދުވަސްތަކުގައި ވަރަށް ހަރުދަނާ ގޮތުގައި ރަނގަޅު މަގެއްގައި އެއަސާސް އިޞްލާޙު ކުރެއްވުމަށް ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް. އަދި ވިޔަފާރީގެ ގޮތުންވެސް އެތައް ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް. އެހެންވީމާ، ނަޢީމާއެކީގައި، އަޅުގަނޑުމެންނަށާއި ތިޔަބޭފުޅުންނަށް މިމަސައްކަތް ކުރެވޭނެ. އަޅުގަނޑަށް އެކަމުގެ އިތުބާރު އެބައޮތް. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ، މުޅިން އެހެން ތަޞައްވުރެއް އަޅުގަނޑުމެން ދަނގެތިން ނެރެވޭނެ. އަޅުގަނޑު ވަރަށް އުފާވޭ. ތިޔަބޭފުޅުން، އެކަމަށް އެމަގަށް މަސައްކަތް ކުރައްވާ.

ތިޔަބޭފުޅުންގެ ރަށުގައި ތިޔަބޭފުޅުންގެ ކިބައިގައި، އެކަމުގެ ޝައުޤުވެރިކަމާއި ޖޯޝާ ރޫޙު އެބަހުރި. އަދި ވައްޓަފާޅިއާއި ފާޑު އެބަހުރި. މަސައްކަތްތެރިކަމާއި ހުނަރު އެބަހުރި. ޤުދްރަތީ މުއްސަނދިކަން އެބައޮތް. މިކަން ނުވާންވީ ހަމަ އެއްވެސް ސަބަބެއްނެތް. ކަމެއް ކުރުމަށް ބޭނުންވާ އެންމެހާ ވަސީލަތްތަކާ ކަންކަން ފުރިހަމަވެފައި އޮންނައިރުގައި ދެން އެކަން ރަނގަޅަށް ނުކުރެވެނީ، ޙަޤީޤަތުގައި، ޑިމޮކްރެސީ ނެތުނީމަ. އެހެންވީމާ، މިހާރު މިރާއްޖޭގައި މިކަން ނުހިނގަންވީ ހަމަ އެއްވެސް ސަބަބެއްނެތް، ހަމަގައިމުވެސް އަޅުގަނޑުގެ ހިތުގައި ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް އެކަން އަޅުގަނޑުމެންނަށް ކުރެވޭނެކަމަށް. އެކަން ކުރެވިގެންދާއިރުގައި، ފުރިހަމަ ގޮތުގައި އެކަން ކުރާއިރުގައި މިރަށުގައި ނަރުދަމާ ނުހަދާ ކަމަކު ނުދާނެ. މިރަށުގެ މަގުތައް ނުހަދާ ފަރަކު ނުޖެހޭނެ. މިރަށު ރައްޔިތުންނަށް ރިވެތި ގޮތުގައި ދިރިނޫޅެވި ހަމަހިލާ ކަމަކު ނުދާނެ.

އެހެންވީމާ، އަޅުގަނޑުމެންނަށް މުޅި ޖުމްލަ ގޮތެއްގައި ދަނގެތި އެބަ ތަޞައްވުރު ކުރަންޖެހޭ. މުޅި ބޮޑު މަންޒަރެއް އަޅުގަނޑުމެންނަށް އެބަ ސިފަވާންޖެހޭ. އަޅުގަނޑުމެން އެބަޖެހޭ ޒަމާނުއްސުރެ ފަށައިގެން އަޅުގަނޑުމެން ދަންނަމުންއައި ޝަކުވާތައް، އެމަންޒަރުން ނެއްޓި، އެހެން ޝަކުވާތަކެއް ދަންނަން ފަށަން. ނުވަތަ އެހެން ވިސްނުންތަކެއް ވިސްނަން ފަށަން. ކުރީގައި މިދަންނަވާހެން ބޮޑުހިލަޖެހި ބަނދަރު. ދެން މިހާރު ހަމަ ބަނދަރެކޭ ބުނާއިރަށް އަޅުގަނޑުމެންނަށް މި ފެންނަނީ، މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި 67 ބަނދަރު، ސަރުކާރުން އެއްތައްގަނޑަކަށް ހަދާ ނިންމާލިތަން. ބައެއް ތަންތަނުގައި އެބަނދަރުތައް ރަނގަޅު، އަނެއްބައި ތަންތަނުގައި އެއްގޮތަކަށްވެސް ކަމަކުނުދޭ.

އެހެންވީމާ، އެތަނަކަށް އެކަށީގެންވާ މަސައްކަތެއް، އެތަނުގެ ރައްޔިތުންނާ ގުޅިގެން، އެބަޔަކު ހިތްއެދޭ ގޮތަކަށް، އެބަޔަކު ރުހޭގޮތަކަށް ނުކުރެވުނިއްޔާ އެއީއަކީ އެކަމަކުން ތަރައްޤީއެއް ލިބޭނެ ކަމެއްނޫން. އިރާދަކުރެއްވިއްޔާ މިތަނުގެ ބަނދަރު ހެދުމާއި މިމަސައްކަތްތަކާ ގުޅިގެން މިރަށުގެ ނަރުދަމާގެ މަސައްކަތްވެސް، މިއަހަރުތެރޭގައި އަޅުގަނޑުމެންނަށް ފެށޭތޯ އަޅުގަނޑުމެން މިދަނީ ބަލަމުން. އެހެންނަމަވެސް އެކަމަށް އަޅުގަނޑަށް މިއަހަރަށްވުރެ ބޮޑަށް ތިޔަބޭފުޅުންނަށް ޔަޤީންކަން ދެވެންއޮތީ، މިއަންނަ އަހަރަށް. އަޅުގަނޑަށްވެސް އެނގޭ، އެއީ ވަރަށް ލަސްކަން. އެހެންނަމަވެސް، ކުރިއަށް މިއޮތް ދެއަހަރު ތެރޭގައި މިރަށުގެ ނަރުދަމާ ހަދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އަޅުގަނޑުމެން ޖެހޭނެ މިރަށުގެ މަދަރުސާވެސް ރަނގަޅުކުރަން. އަޅުގަނޑުމެންނަށް މަޖުބޫރު، މިރަށުގެ ޞިއްޙީ ޚިދްމަތްތައްވެސް ފުރިހަމަކުރަން. ސަރުކާރުން އެކަންކަން ކުރިޔަށް ގެންދެވޭނެ. އިރާދަކުރެއްވިއްޔާ މިރަށަށް އާމްދަނީ އިތުރުވާން ފަށާނެ. މިރަށް ތަރައްގީވާނެ. އަދި މިރަށާ ދެން ކައިރީގައި މިހުރި އެހެން ރަށްރަށާ ގުޅި ނުވަތަ ގާތްކަމެއް އުފެދި ހިނގަމުން އަންނާނެ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރީގައި، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ދަނގެއްޗާ އަދި މުޅި މި އަތޮޅާ މާލެއާވެސް ގުޅޭނެ. އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން، ކޮންމެ ދުވާލަކު ދެފަހަރު މާލެއަށް ދެވޭނެ ދަތުރުފަތުރު ކުރުމުގެ އިންތިޒާމެއް މިރަށުގައި ހަމަޖެހިގެންދާނެ. އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ، އެހެންނޫނިއްޔަކާއެއް މިރަށުގެ ތަރައްޤީއަށް އަޅުގަނޑުމެން މި އުންމީދުކުރާ އުންމީދުތަކެއް ޙަޤީޤަތަކަށް ވެގެނެއް ނުދާނެ. ރާއްޖޭގެ އެހެން ރަށްރަށާ މިރަށާވެސް، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލުމަކީ، ކޮންމެހެން މުހިންމު ކަމެއް. މިކަމާ ގުޅޭގޮތުން މިހާރު، ކަންހިނގާފައިހުރި މިންވަރު، އެމަސައްކަތް ކުރިޔަށް ގޮސްފައިއޮތް މިންވަރު، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ ވެބްސައިޓުންވެސް އަދި ޓްރޭޑް މިނިސްޓްރީގެ ވެބްސައިޓުންވެސް، އެ މަސައްކަތްތައް މިހާރު ގޮސްފައިހުރި މިންވަރު ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. މިހާރުވަނީ، އެމަސައްކަތް ހިންގާނެ ބަޔަކު ހޯދުމަށް ޓެންޑަރަށް ގޮވިފައި. އެހެންވީމާ އެމަސައްކަތް އަޅުގަނޑުމެން މި ބޭނުންވާ ތާވަލުގެ ތެރޭގައި ހިނގަމުން އެބަދޭ.

އަޅުގަނޑު ހަމަ ނިންމާލަމުންވެސް ތިޔަބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން. އަދި ބިލެތްދަފިނެގި ހުރިހާ އަންހެން ބޭފުޅުންނަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ރައްދުކުރަން. ސަގާފީ ކުޅިވަރާ ސަގާފީ ލަވަޔާ މިޔުޒިކާ ނެށުމަކީ، ދިވެހިންގެ ތެރޭގައި ވަރަށް މަޤުބޫލުކަން ލިބޭ، ދިވެހިން ވަރަށް ރުހޭ ދިވެހިން ވަރަށް ބަލަން ބޭނުންވާ ކަންކަން. ދިވެހިވަންތަކަން ޙަޤީޤަތުގައި ގުޅިފައިހުރި އެންމެބޮޑު އެއް އަސާސަކީ، މިދެންނެވި ދިވެހިންގެ ޚިޔާލު، ދިވެހިންގެ ޝުޢޫރު ދިވެހިން ފާޅުކުރަނީ މި މަގުން، ސަގާފީ މަގުން ކަމަށްވުން. އަޅުގަނޑުމެންނަކަށެއްނެތް، އެކަންކަން ދޫކޮށްލެވޭކަށް. އަޅުގަނޑު ވަރަށް އުފާވޭ، ދަނގެތީގައި އެކަންކަން ތަރައްޤީވަމުން އަންނާތީވެ. އަޅުގަނޑުމެން އަދި އިތުރަށް މަސައްކަތް ކުރަމުން ގެންދާނީ، ތިޔަބޭފުޅުންގެ މި ސަގާފީ ރަށެއްގެ ގޮތުގައި، ކަލްޗަރަލް ޓޫރިސްޓުން ނުވަތަ ކަލްޗަރަލް ސެންޓަރެއްގެ ގޮތުގައި މިތަން ތަރައްޤީކުރުމުގެ މަސައްކަތުގައި އަޅުގަނޑުމެން މި ސަރުކާރުން ދެވެންއޮތް ހުރިހާ އެހީތެރިކަމެއް ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން. ވަރަށްބޮޑަށް ޝުކުރިއްޔާ. އައްސަލާމް ޢަލައިކުމް.

والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ!