بســم اللّـه الرّحمـن الرّحيــم

މަހިބަދޫގެ ލޮބުވެތި ރައްޔިތުން!

السّـلام عليـكم

އަޅުގަނޑުމެން ދަންނަވާލި ދަންނަވާލުމަށް މިރޭ އެންމެ ބޭފުޅުން މިތަނަށް ވަޑައިގެންނެވި ކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނަށް ނިހާޔަތަށް ޝުކުރުވެރިވާއިރު، ތިޔަބޭފުޅުންގެ ކިބައިން މަޢާފަށް އެދެން ޖެހެނީ، އަޅުގަނޑުމެން މިރަށަށް އައުމުގައި ލަސްތަކެއްވެފައިވާތީ. އަޅުގަނޑުމެންނަށް ދަތުރު ރޭވިފައި އޮތްގޮތުން، ބައެއް ރަށްރަށުގައި މަޑުކުރަންޖެހި، މިރަށަށް އައުމަށް ފިކުރުކޮށްފައި އޮތް ގަޑިއަށް އަޅުގަނޑުމެންނަށް ނާދެވުނީ. އެކަމަށްޓަކައި ތިޔަބޭފުޅުންގެ އަރިހުން އަޅުގަނޑު މަޢާފަށް އެދެން. އަދި ތިޔަބޭފުޅުން ކެތްތެރިކަމާއެކީގައި އިންތިޒާރުގައި މަޑުކުރެއްވީތީ، ތިޔަބޭފުޅުންނަށް ނިހާޔަތަށް ޝުކުރުވެރިވަން.

އަޅުގަނޑުމެންގެ މި ސަރުކާރު ދެމިއޮންނަނީ ހަމައެކަނި އެންމެ ސަބަބަކަށް. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. އަދި އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޚިދްމަތް ކޮށްދިނުމަށްޓަކައި. އަޅުގަނޑުމެންގެ ހިތުން އެންމެ ހިނދުކޮޅަކަށްވެސް ކެހިގެން ގޮސްގެން ނުވާނެ، މި ސަރުކާރަށް ލިބޭ ހުރިހާ ފައިސާއަކީވެސް އަދި މި ދައުލަތުގެ އެންމެހާ މުއްސަނދިކަމަކީވެސް ޙަޤީޤަތުގައި ތިޔަބޭފުޅުންގެ ފައިސާ. ތިޔަބޭފުޅުންގެ މުއްސަނދިކަން. އަޅުގަނޑުމެންގެ ވާޖިބަކީ އެފައިސާ، އެ މުއްސަނދިކަން ތިޔަބޭފުޅުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފައިދާހުރި ގޮތުގައި މަންފާ ކުރާނެ ގޮތެއްގައި ޚަރަދު ކުރެވޭނެ އުޞޫލުތަކާއި އަދި އިތުރު ފައިސާއާއި ފައިދާ، މިދައުލަތަށާއި މި ސަރުކާރަށް ހޯދޭނެ ގޮތްތަކަށް ސިޔާސަތުތައް ހިންގައި ކަންކަން ތަންފީޒު ކުރަމުން ގެންދިޔުން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުން، މިދެންނެވި ކަންކަމުގައި މި ރާއްޖޭގެ ސަރުކާރު ހިންގުމުގައި، ޚާއްޞަކޮށް ފައިސާ ބެލެހެއްޓުމުގައި އަޅުގަނޑުމެންނެއް ކުޑަ މިންވަރަކަށްވެސް އިރާދަކުރެއްވިއްޔާ ޚިޔާނާތްތެރިއެއް ނުވާނެ. އަޅުގަނޑުމެންނެއް އިރާދަކުރެއްވިއްޔާ ފައިސާއަކު ނުޖެހޭނެ. އަޅުގަނޑުމެންނެއް އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އަނިޔާވެރިއެއް ނުވާނެ. އަޅުގަނޑުމެންނެއް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ގެއްލިދާ ބިމެއްގައި ތިބެގެން، ދުރުމިނެއްގައި ތިބެގެން މި ވެރިކަން ކުރުމަކަށެއް ނުނިންމާނަން. އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުވެ ފާހަގަކުރަން ބޭނުންވާ ކިތަންމެ ނުކުތާއެއް އެބަހުރި.

މިރޭ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން މިތިބީ މީގެ ހަމަ ހަފްތާތަކެއްގެ ކުރީގައި އަޅުގަނޑުމެން ތިބި ޔަޤީންކަމަށްވުރެ އަދި މާބޮޑު ޔަޤީންކަމެއްގައޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށްވީ ވަޢުދުތައް އަދި ވަމުން މިގެންދާ ވަޢުދުތައް އަޅުގަނޑުމެން އެ ކަނޑައަޅާފައި އެހުރި މުއްދަތުތަކުގައި ތިޔަބޭފުޅުންނަށް ފުއްދައިދޭނަން. ތިޔަބޭފުޅުން ބައްލަވައިފިނަމަ، ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މި އިންތިޚާބުގައި ބައިވެރިވިއިރު ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް ކަނޑައަޅާފައިވާނެ. އަޅުގަނޑުމެންގެ ސިޔާސަތު، އަޅުގަނޑުމެންގެ މެނިފެސްޓޯ ވާނީ ރައްޔިތުންގެ މެދުގައި ޙިއްޞާކޮށްފައި. އަޅުގަނޑުމެން ކުރަން ނިންމާފައި ހުރި ކަންކަން، ކުރަން ފިކުރުކުރާ ކަންކަން، ކުރުމަށް މަސައްކަތްކުރާ ކަންކަން އޭގައި ވަރަށް ސާފުބަހުން ވާނީ ކަނޑައެޅިފައި. އިރާދަކުރެއްވިއްޔާ އޭގައި އެވާ ކަންކަން އަކުރުން އަކުރަށް ކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަން. އަޅުގަނޑުމެންގެ ވަޢުދުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ފުއްދައިދޭނަން.

އަޅުގަނޑުމެން ނިންމާފައިވާ އެއް ނިންމުމަކީ، ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވާތާ 100 ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކުރުމަށް ކަނޑައަޅާފައިވާ ބައެއް ކަންކަންކުރުން. އޭގެތެރޭގައި، ޚާއްޞަކޮށް ޢުމުރުން ދޮށީ ރައްޔިތުންނަށް ޕެންޝަނެއް އެރުވުން އެއީ، އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ކަމެއް. ޢުމުރުން 65 އަހަރުގެ ކޮންމެ ރައްޔިތަކަށް، އަންހެނަކަސް ފިރިހެނަކަސް، މަހެއްގެ މައްޗަށް ދެހާސް ރުފިޔާ ނުލިބެނީނަމަ، އެ ޢަދަދު ހަމަކޮށްދޭނެ ކަމަށް އަޅުގަނޑުމެން ވަޢުދުވީމު. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު އުފަލާއެކީގައި ދަންނަވަން އޮތް ވާހަކައަކީ، މިމަހު އަޅުގަނޑުމެންނަށްވަނީ އެކަން ކޮށްދެވިފައޭ. ތެދުފުޅެއް. ބައެއް ކަހަލަ ސާފުކުރުންތައް ހުރެގެން ނުވަތަ ބައެއް ބާވަތުގެ މަޢްލޫމާތު މުޅިން ފުރިހަމަނުވާތީ، ޙައްޤުވާ ފައިސާ ބައެއް ބޭފުޅުންނަށް ލިބިވަޑައިގެންފައި ނުވެދާނެ. އެހެންވާ ފަހަރުފަހަރު އަޅުގަނޑުމެން މަޢްލޫމާތު އަރުވަމުން މިދަނީ، މިއަންނަ މަހު ފައިސާ ލިބިވަޑައިގަންނަވާއިރުގައި އިރާދަކުރެއްވިއްޔާ މިމަހުގެ ފައިސާއާއި ވޭތުވެދިޔަ މަހުގެ ފައިސާއާ އެކީގައި ތިޔަބޭފުޅުންނަށް، އެ ޙައްޤުވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެއޭ.

އަޅުގަނޑުމެން މިމަސައްކަތް މިކޮށްދެނީ ނުވަތަ މިދަންނަވާ ޕެންޝަން މި އަރުވަނީ ޢިނާޔަތެއްގެ ގޮތުގައި. އެއީ، އެބޭފުޅުންނަށް ޙައްޤުވާ އެއްޗެއް. މި ރާއްޖެއަށް ލިބިފައިމިވާ ތަނަވަސްކަމެއް، އަދި މި ރާއްޖެއަށް ލިބިފައިމިވާ ތަރައްޤީއަކާއި ކުރިއެރުމެއް ޙަޤީޤަތުގައި ލިބިފައި މިވަނީ މިދަންނަވާ ބޭފުޅުން ވަރަށްދިގު ޒަމާނެއްގައި، ވަރަށްބުރަ މަސައްކަތް ކުރެއްވީމަ. އެބޭފުޅުންގެ ޙަޔާތުގެ ގިނަދުވަސްތައް ބުރަ މަސައްކަތުގައި ހޭދަކުރެއްވި. އަޅުގަނޑުމެންގެ ނަޒަރުގައި ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ އަޅުގަނޑުމެން ދެކޭއިރުގައި، ބަލާއިރުގައި އެ ޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ އޮފީސްތަކުގައި ރައްޔިތުންގެ ފައިސާ ބަލައިގަންނަން ތިއްބެވި ބޭފުޅުންނަށް އެކަންޏެއް ނޫން. އެ ފައިސާ ހޯދުމުގައި ހީވާގިކަމާއެކީގައި މަސައްކަތްކުރި ރައްޔިތުންނަށްވެސް އެ ޕެންޝަން ވަރަށްބޮޑު ދަރަޖައަކަށް ޙައްޤު. އެހެންވީމާ، އަޅުގަނޑުމެން ދުށީ، އެ ފައިސާ އެބޭފުޅުންނަށް ވީހާވެސް އަވަސް ގޮތެއްގައި ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެކޭ. އިރާދަކުރައްވައިގެން މިއަދު އަޅުގަނޑުމެންނަށް މިވަނީ އެކަން އެގޮތަށް ކޮށްދެވިފައި.

ހަމައެހެންމެ، އަޅުގަނޑުމެންގެ ވަޢުދެއް، އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ކަމެއް އެއީ، ބޭސްފަރުވާއަށް ސަލާންޖަހަން ނުޖެހި، ރައްޔިތުންނަށް ބޭސް ކުރެވޭނެ ގޮތެއް ހޯދައިދިނުން. އެކަން އެހެން ކުރުމަށްޓަކައި ސަރުކާރުން ދެކަމެއް ހޯދިން. އެއްކަމަކީ ކޮންމެ ރައްޔިތަކަށްވެސް ހެލްތް އިންޝުއަރެންސްގެ އުޞޫލުގެ ދަށުން ޞިއްޙީ ފަރުވާ ލިބޭނޭ އިންތިޒާމެއް ރޭވުން. އަޅުގަނޑުމެންނަކަށް އަދި ސަރުކާރަކަށް ހުރިހާ ރައްޔިތުންނަށް އެ އިންޝުއަރެންސް އަދި ދޫކުރެވިފައެއްނުވޭ. އެހެންނަމަވެސް، އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ސާޅީހަކަށްހާސް ރައްޔިތުންނަށްވަނީ ހެލްތް އިންޝުއަރެންސް ދޫކުރެވިފައި. ހެލްތް އިންޝުއަރެންސް ލިބިވަޑައިގެންފައިވާ ބޭފުޅަކު ޞިއްޙީ ފަރުވާ ހޯއްދަވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ، ހޮސްޕިޓަލަށް ވަޑައިގަތުމުން، އެ ރައްޔިތެއްގެ އަތުން ސަރުކާރަކުން ފައިސާއެއް ނުނަންގަވާނެ. ބޭސްކުރުމަކަށްވެސް، ބޭސް ގަތުމަކަށްވެސް، އިންޖެކްޝަން ޖެހުމަކަށްވެސް، ޑޮކްޓަރުން ބެލުމަކަށްވެސް. އެކަމަކީ އިންޝުއަރެންސްގެ އުޞޫލުން ސަރުކާރުން ހިންގަމުން ގެންދާ ކަމެއް.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އިންޝުއަރެންސްގެ އުޞޫލު އަޅުގަނޑުމެން ގެންދާނީ ކޮންމެ ދުވަހަކުވެސް ފުޅާކުރަމުން. ވީހާވެސް ގިނަ ބަޔަކަށް އެ އިންޝުއަރެންސް ފޯރުކޮށްދެމުން. އަޅުގަނޑުމެންގެ އަމާޒަކީ، މިއަހަރު ނިމޭއިރު މަދުވެގެން އެއްލައްކަ ރައްޔިތުންނަށް މިދަންނަވާ އިންޝުއަރެންސް ފޯރުކޮށްދިނުން. ރާއްޖޭގައި ބޭސްފަރުވާއަށް ސަލާންޖަހަން ޖެހުން މިއީ، އަޅުގަނޑުމެން އެންމެންވެސް އެކަމާ ކަންބޮޑުވާ އާދައެއް، ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އެކަމުން ރައްޔިތުން އެއްކިބާކޮށް، ކޮންމެ ރައްޔިތަކީވެސް ތިމާއަކީ ޙައްޤުތަކެއް ލިބިގެންވާ މީހެކޭ، ތިމަންނާގެ ދިރިއުޅުމަކީ ތިމަންނާގެ އަމިއްލަ ދިރިއުޅުމޭ، ތިމަންނާއަކީ ތިމަންނާގެ ޙަލާލު މަސައްކަތުން ތިމަންނަގެ ދެފައިމައްޗަށް ތެދުވެ ހުންނަ ޝަޚްޞެކޭ، ރައްޔިތެކޭ ބުނެވޭނެގޮތް ރައްޔިތުންނަށް ހަދައިދެވޭތޯ މަސައްކަތް ކުރުން.

އަޅުގަނޑުމެންގެ ބޭނުމަކީ މިދެންނެވީ. ރައްޔިތުންނަކީ ޙައްޤުތަކެއް ލިބިގެންވާ ބައެއްކަން އަދި އެ ރައްޔިތު އެދޭ ގޮތްގޮތަށް ނޫން ގޮތަކަށް ސަރުކާރާއި ވެރިކަން ނުހިނގާނެ އުޞޫލެއް ކަނޑައެޅުން. އަދި މިއުޞޫލުގައި ސަރުކާރު ހިންގުން. ޑިމޮކްރަސީއަކީ މިދަންނަވާ އުޞޫލު. ރައްޔިތުންގެ ފަރާތުން ވެރިކަން ފެށިގެން އައުން. ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ވެރިކަމެއް ކުރުން. އެ ވެރިކަން އެގޮތަށް ކުރުމަށްޓަކައި ތިޔަބޭފުޅުންނާ ވީހާވެސް ގާތުން ވެރިކަމުގެ ކަންކަން ހިންގަމުން ގެންދިޔުމަކީ މުހިންމު ކަމެއް. ޑިމޮކްރަސީއެއް ކާމިޔާބެއް ނުކުރެވޭނެ އަޅުގަނޑުމެން މާލޭގައި ތިބެގެން އަޅުގަނޑުމެން ބޭނުންހާ ގޮތަކަށް ތިޔަބޭފުޅުންނަށް ގުޅޭ ކަންކަން ނިންމަމުން ގެންދިޔައީމާ. އެއީ ހެޔޮގޮތުގައި ވެރިކަން ކުރެވެނީ ކަމަކަށް ހަމަކަށަވަރުންވެސް މި ސަރުކާރެއް ނުދެކެން، އެމް.ޑީ.ޕީ.އެއް ނުދެކެން. އަދި ޢަމުދުން އަޅުގަނޑެއް ނުދެކެން.

އެ ސަބަބަށްޓަކައި އިދާރީ ހިންގުން މިހާރު މިވަނީ ލާމަރްކަޒީ އުޞޫލުން ހިންގުމަށް ފެށިފައި. އެނގިވަޑައިގަންނަވާނެ އެގޮތުން ސަރުކާރުން މިހާރުވަނީ މި ޕްރޮވިންސަށް ސްޓޭޓް މިނިސްޓަރެއް ޢައްޔަން ކުރައްވާފައި. މުޙަންމަދު ނަޢީމް. ނަޢީމަކީ ޤާނޫނުއަސާސީ އެކުލަވާލުމުގަޔާއި އަދި ރާއްޖޭގައި ވިޔަފާރީގެ ދާއިރާގަޔާއި މަސައްކަތްތެރިކަމުގެ ދާއިރާގައި ވަރަށްގިނަ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް. ނަޢީމްގެ ބެލުމުގެ ދަށުގައި، ނަޢީމްގެ މޭސްތިރިކަމުގައި، ތިޔަބޭފުޅުންގެ ޕްރޮވިންސް އަދި ތިޔަބޭފުޅުންގެ އަތޮޅުތަކުގެ ތަރައްޤީގެ އެންމެހާ މަސައްކަތްތައް ފަރުވާތެރިކަމާއި ކާމިޔާބާއެކުގައި ހިންގޭނެ ކަމުގެ އިތުބާރު އަޅުގަނޑަށް އެބައޮތް. އަޅުގަނޑުމެން ދެކި މިތިބެނީ އަޅުގަނޑުމެންގެ ސިޔާސަތުތައް މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަމުން ގެންދާ މިންވަރުން ރައްޔިތުންނަށް ލިބޭ ފައިދާއާއި، ރައްޔިތުންނަށް ލިބޭ ލުއި ދުވަހެއް ދުވަހަކަށް އިތުރުވަމުންދާނެ ކަމަށް.

މިރޭ އަޅުގަނޑަށް ވަރަށް އުފަލާއެކީގައި ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާލެވެން އެބައޮތް އަޅުގަނޑުމެންގެ ސަރުކާރުން، ތިޔަބޭފުޅުންގެ ސަރުކާރުން މިރަށަށް، މިހާރުން މިހާރަށް ނުވަތަ މިއަހަރުގެ ތެރޭގައި ކޮށްދެވެން ހުރި ކަންތައްތަކުގެ ތެރެއިން މިހާރު އަޅުގަނޑުމެންނަށް ކޮށްދެވެން ހުރި ބައެއް ކަންތައްތަކުގެ ވާހަކަ. އަޅުގަނޑުމެންގެ ބޭނުމަކީ، ވީހާވެސް ގިނަ ކަންތައް ރައްޔިތުންނަށް ކޮށްދެވޭތޯ ބެލުން.

ބައެއް ބޭފުޅުންނަށް ބައެއްފަހަރަށް އެބަ ހީފުޅުވެވަޑައިގަންނަވާ، އަޅުގަނޑުމެން ހާދަ ގިނަ ކަމެއް ކޮށްދޭނެއޭ މިބުނަނީ. އެހުރިހާ ކަމެއް އަޅުގަނޑުމެންނަށްވާނެބާވައޭ. ދަންނަވަންތޯ އަޅުގަނޑުމެން މިކަމާ ޙަވާލުވެ މިތިބީ، އިއްޔެއަކު މިއަދަކު މިކަމަށް ތައްޔާރުވެގެން އައިހެނެއް ނޫން. ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމާއި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ހިންގައިދިނުމާއި އަދި ޕާޓީތަކުގެ މެދުގައި މިނިވަން އިންތިޚާބެއް ބޭއްވުމާއި، ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތް ޤާނޫނުއަސާސީ މުޅިން ބަދަލުކުރުމާއި، މިދެންނެވި މަސައްކަތްތައް އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބޭފުޅުންގެ ވަރަށްބުރަ މަސައްކަތާއެކު ހިނގަމުން އަންނަތާ މިފަހުންވެސް މިވީ 4 އަހަރު. އަޅުގަނޑުމެން މިތިބީ، ސަރުކާރެއް އުފެއްދުމަށް އަބަދުވެސް ވަރަށް ތައްޔާރަށް. އެހެންވީމާ، ސަރުކާރު އުފެދުނީމާ، ދެން ހަދާނެ ގޮތް އަޅުގަނޑުމެންނަކަށް ހުސްވާކަށް ނުޖެހޭ. އަޅުގަނޑު ވަރަށް އުފަލާއެކީގައި ދަންނަވަން އަޅުގަނޑުމެންގެ ޕާޓީ އޮތީ ކޮންމެ ކަމެއް ބަލަން. މިވެނި ރަށަކަށް އެވެނި ރަށަކަށް ކޮށްދެވެން އޮތީ ކޮންކަމެއްތޯ ބަލައި، އެކަންކަމުގެ އަގާއި، އެކަންކަމުގެ މަސައްކަތުގެ ބާވަތާއި އަދި ކަންކަމާގުޅޭ އެންމެހާ ކަންކަން ފާހަގަކޮށްފައި. އެހެންވީމާ، އަޅުގަނޑު ހަމަ އުފަލާއެކީގައި ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަން އޮތީ، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިރަށުގައި 100 ފްލެޓް އެޅުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ފެށޭނެއޭ.

ރާއްޖޭގައި ގޯތިދޫކުރާނެ ބިން ވަރަށްމަދު. އަޅުގަނޑަށްވެސް އެނގޭ، ބައެއް ބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވަނީ ހަމަ ގޯތިތެރެއަކާއި އަނބުގަހަކާއި ދެތިންރުކާއި އުނދޯލިގެއަކާއި، މަސްކައްކާ ބަދިގެއަކާއި، މިހެންގޮސް އަޅުގަނޑުމެން އުޅެން ފަރިތަވެފައި ހުރި ގެއެއް، އެ ގޯއްޗެއްގައި ދިރިއުޅުއްވަން. އަޅުގަނޑުވެސް އެދެނީ އޭގެ ގެއަކަށް. އެކަމަކު އަޅުގަނޑުމެންނަކަށް މާލެއަކުވެސް އޭގެ ގެއެއްގައެއް ނޫޅެވޭނެ. މިހެން ދަންނަވާލިއިރު އަޅުގަނޑު ދާދި އިހަކަށްދުވަހަކު އެހެން ގެއަކަށް ބަދަލުވެއްޖައިން.

އެހެން ނަމަވެސް، އަޅުގަނޑުމެންގެ ހިތަކުން އަދި އަޅުގަނޑުމެންގެ ހަނދާނަކުން ރާއްޖޭގެ ރައްޔިތުން ގެދޮރުގައި ދިރިއުޅުމަށް ކުރަމުން މިއަންނަ މަސައްކަތާއި އުފުލާ ބުރަ ކެހިގެނެއް ނުދޭ. އަޅުގަނޑުމެންނަށް އެނގޭ، ގެވަޅެއް ލިބުނީމާވެސް ގެއެއް ޢިމާރާތް ކުރުމުގައި އެންމެ ބާރަށް މަސައްކަތް ހިނގާ ގެއެއްގައިވެސް ރަނގަޅު 15، 16 އަހަރު އެބަ ހިނގާ. އެ މުއްދަތު އެބަ ހޭދަވޭ. ރިޒޯޓެއްގައި ނުވަތަ ކޮންސްޓްރަކްޝަން ކުންފުންޏެއްގައި ނުވަތަ ބޮޑު ކަންނެލި ދޯންޏެއްގައި މަސައްކަތް ކުރާތާ ދެތިން ހަތަރުވެފައި އަލަތު ކައިވެންޏާ އެކީގައި ލިބޭ ގެވަޅުގައި އެއްއަހަރަކު ފައުންޑޭޝަން އަޅާލެވިދާނެ. ދެން އަންނަ އަހަރު ގާކޮޅެއް އެޅިދާނެ. އަނެއް އަހަރު ހަތަރު ފާރު ފަހަރެއްގައި ރޭނިދާނެ. ދެން އަންނަ ރޯދައަށް ގެ ހިޔާކޮށްލެވިދާނެ. އަނެއް ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. ދެ ރޯދައެއް ދޫކޮށްފައި ފާޚާނާ ތަށްޓެއް ބެހެއްޓިދާނެ. ގެއެއް އަޅައި ނިމޭއިރުގައި، އަޅުގަނޑަށްވުރެ ބޮޑަށް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިކުރެވޭހާ މަސައްކަތާއި ހޭދަވެފައިވާ ވަގުތު. ގެއެއް އަޅައި ނިމޭއިރުގައި އެ ގެއަށް ގޮސްފައި ހުންނަ ޚަރަދު ވަރަށްބޮޑު. 8 ލައްކަ 9 ލައްކަ ރުފިޔާގެ މިކޮޅަކުންނެއް ތިންކޮޓަރީގެ އާދައިގެ ގެއެއް ޙަޤީޤަތުގައި އެއްވެސް ބޭފުޅަކަށް އެޅިފައެއް ނުހުންނާނެ.

އެހެންނަމަވެސް، ބާރަށް ކޮންޓްރެކްޓްގެ އުޞޫލުން ގިނަ ގެތަކެއް އެއްފަހަރާ އެޅީމާ، ސަރުކާރުން އެގެތައް އެޅޭ އާދައިގެ އަގެއްގައި، އެކަށީގެންވާ އަގެއްގައި. އެހެންވީމާ، އެ ސަލާމަތްކުރެވޭ ނުވަތަ ފޮރުވޭ ފައިސާއާއި އެ ލިބޭ ޚަރަދު ކުޑަކުރެވޭ މިންވަރު ސަރުކާރަށް އެބައޮވޭ ރައްޔިތުންނަށް ފޯރުކޮށްދެވެން. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވަޢުދުވަނީ އެއްވެސް ބޭފުޅެއްގެ އާމްދަނީގެ ވިހިޕަސެންޓް، ކޮންމެ ރުފިޔާއަކުން ވިހިލާރިއަށްވުރެ އިތުރަށް، ބޯހިޔާވަހިކަމަށް ގެދޮރަށް އެއްވެސް ބޭފުޅަކަށް ޚަރަދު ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެއޭ. އޭގެއިތުރަށް ހިނގާ ޚަރަދެއް ވެއްޖިއްޔާ، އެޚަރަދު ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ތިޔަބޭފުޅުންނަށް އަރުވާނަން.

މިރަށުގައި އަޅާ ފްލެޓް ނުވަތަ އަޅާ ގެދޮރު އަޅާނެ ތަން ހޯދުމަށް ފުރަތަމަ ބަލައިލާއިރުގައި އަޅުގަނޑުމެންނަށް ދަތިވޭ. މިރަށުގައި ޖާގަ މިއޮތީ ވަރަށް ކުޑަވެފައި. މިރަށް ބޮޑުކުރަންވެސް އަދި ހިއްކަން އަޅުގަނޑުމެން ބެލި ކަމުގައިވިޔަސް، ހިއްކެންވެސް އިތުރަށް ޖާގަ ބޮޑުކޮށްލެވެންވެސް މިއޮތީ ވަރަށް ކުޑަކުޑަ ތަންކޮޅަކުން. އެހެންވީމާ، އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް ރަށުގެ މުއްސަނދިކަމާއި ރަށުގެ ބިމާއި މިރަށުގެ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭކަށެއް ނެތް.

އަޅުގަނޑުމެން މިއަދު ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއެކީގައި މިބާވަތުގެ ކަންކަން ނުކޮށްފިނަމަ، އަޅުގަނޑުމެންގެ ދަރިންނަށް ޖެހޭނީ މިއަދު އަޅުގަނޑުމެންނަށް އަދި ޖެހިފައި ހުރި ޙާލެއް ނޫން. އަޅުގަނޑުމެން އަމިއްލައަށް ވިސްނާލީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ، އަޅުގަނޑުމެންގެ މައިންބަފައިން އަޅުގަނޑުމެންނަށް ދިން އެއްޗެއްގެ ބައިކުޅަ ބައެއްވެސް އަޅުގަނޑުމެންނަކަށް ނެތް އަޅުގަނޑުމެންގެ ދަރިންނަށް ދެވޭކަށް. އެއަށްވުރެ އަޅުގަނޑުމެންގެ ޙާލު ދެރަ. އަޅުގަނޑުމެންގެ މައިންބަފައިންނަށް އަޅުގަނޑުމެންނަށް މާރަނގަޅަށް އެއްޗެތި ލިބޭނެ. ބިންވެސް އޮތް. އަދި އެހެން ކަންކަންވެސް ކުރެވޭގޮތަށް ކަންކަން ފުރިހަމައަށް ކުރެވިދާނެ. ދުވަހެއް ދުވަހަކަށް އަޅުގަނޑުމެން ރައްޔިތުން މިދަނީ ނިކަމެތިވަމުން. މި މަގުގައި އަޅުގަނޑުމެންނަކަށް ކުރިއަށް ދެވޭކަށެއް ނެތް. އަޅުގަނޑުމެންގެ ވިސްނުންވެސް، އަޅުގަނޑުމެންގެ އުޅުންވެސް، އަޅުގަނޑުމެން އެބަޖެހޭ ބަދަލުކުރަން. ތިޔަބޭފުޅުން މިއަދު ތިޔަ ތިއްބެވީ އެ ބަދަލު ގެންނަވައިގެން. ޒަމާނުއްސުރެ ރާއްޖޭގައި ވެރިކަން ހިނގަމުން އައިގޮތާއި، ފާޑާއި، އަދި މިދިޔަ ދިގު 30 އަހަރު އެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ތިޔަބޭފުޅުން ތިޔަ ތިއްބެވީ ބަދަލުކުރައްވައިގެން. ތިޔަބޭފުޅުންގެ އުންމީދުތަކާ އެއްގޮތަށް އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަން އެބަޖެހޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް އެމަސައްކަތް ކުރެވޭނެއޭ. ތިޔަބޭފުޅުންގެ ކަންކަން އަޅުގަނޑުމެންނަށް ފުރިހަމަކޮށްދެވޭނެއޭ.

މިރަށަށް އަޅުގަނޑުމެން ބަލައިލާއިރުގައި އަބަދުވެސް އަޅުގަނޑުމެންނަށް ފާހަގަވެފައި އޮތް ވަރަށް ބޭނުންތެރިއޭ ނަރުދަމާގެ ނިޒާމު. މިރަށުގެ ފެންވެސް ހަމަ މާލޭ ފެނެކޭ އެއްފަދައިން ތަޣައްޔަރުވެދާނެ. އަދި ބައިބޯވީވަރަކަށް މިބާވަތުގެ ކަންކަން ހިންގުން އުނދަގޫވެގެންދާނެ. ޒަމާނީ ޓެކްނޯލޮޖީއާއި ޒަމާނީ ގޮތްތައް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ތެރެއަށް ގެންނަން އަޅުގަނޑުމެންނަށް މަޖުބޫރު. މީގެ ވިއްސަކަށް އަހަރު ކުރީގައި ރަށްރަށަށް އާދައިގެ މަދަރުސާއެއް ބޭނުންވާ ވާހަކަ ރައްޔިތުން ފާހަގަކުރި ފަދައިން، ނަރުދަމާގެ ނިޒާމް ރައްޔިތުން މިއަދު ބޭނުންވޭ. ސަރުކާރުން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިރަށުގައި ނަރުދަމާއެއް އެޅުމުގެ މަސައްކަތް ކުރިއަށް ފެށޭނެ. އެކަމުގެ ފައިސާ ލިބުނީމާ އަޅުގަނޑު މިރަށަށް މިއައީ. ތިޔަބޭފުޅުންގެ އަރިހުގައި އެވާހަކަ ދެއްކޭގޮތަށް އޮތީމާ އަޅުގަނޑު ތިޔަބޭފުޅުންނާ މިވާހަކަ މިދައްކަނީ. އޭގެ ކުރެހުންތައް ކުރެހުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިހާރު މިދަނީ ނިމުމަކަށް. އެމަސައްކަތް ހިންގާނެ ބަޔަކު ހޯދުމަށޤ ދާދި އަވަހަށް އިޢްލާނު ކުރެވޭނެ. އެމަސައްކަތް ހިންގަން ފެށޭނެ.

މީގެކުރީގައި މިބާވަތުގެ މަސައްކަތަށް އިޢްލާނު ކުރުމާއި، މަސައްކަތް ޙަވާލުކުރުމާއި، މަސައްކަތް ބެލެހެއްޓުން، މިކަންކަން ހިންގަމުން އައީ މާލޭގައި. މާލޭގެ އިދާރާތަކުން. އެކަންކަން މާލޭގައި ތިއްބަވާ ބޭފުޅުން އެގޮތަށް ކުރައްވަމުން ގެންދެވީމާ، ރައްޔިތުން އެދޭގޮތަކަށް ކަންކަން ނިންމިފައެއް ނުހުރޭ. ރައްޔިތުންގެ ވަރަށްބޮޑު ބޭނުމަކަށް، ވަރަށްބޮޑު އެދުމަކަށް ސަރުކާރުން ކޮށްދޭ ގިނަ ކަންތައްތައް އެންމެފަހުން އައިސް ވެފައި އޮންނަނީ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް. ރައްޔިތުންނަށް އެކަންކަން ހިންގުމުގައިވެސް އަދި އެކަންކަން ކުރާނެގޮތް ކަނޑައެޅުމުގައި ބައިވެރިނުވެވޭތީވެ، ކަންކަން ހިނގަމުންދަނީ އެންމެ އެދެވޭގޮތަކަށް ނޫން. މިދަންނަވާ މަސައްކަތް ބެލެހެއްޓުންވެސް، މަސައްކަތް ޙަވާލުކުރުންވެސް އަދި އެމަސައްކަތުގެ ކޮންޓްރެކްޓާ ގުޅޭ އެންމެހާ ކަންކަން މިރަށުން ތިޔަބޭފުޅުންގެ ކައުންސިލަރަށް ނުވަތަ އަތޮޅު ކައުންސިލަރަށް ނުވަތަ އެންމެ ދުރިއްޔާ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަށްވުރެ ދުރަކަށް އިރާދަކުރެއްވިއްޔަކާއެއް އެކަންކަމެއް ނުދާނެ. ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަކަށް ތިޔަބޭފުޅުންގެ ކަންކަން އިރާދަކުރެއްވިއްޔާ ކުރެވޭނެ.

އަޅުގަނޑުމެން ބޭނުން މިރަށަށް ފެނުގެ ޚިދްމަތްވެސް ފޯރުކޮށްދޭން. އަޅުގަނޑުމެން ބޭނުން މިރަށަށް ގޭހުގެ ޚިދްމަތްވެސް ފޯރުކޮށްދޭން. މިހާރު ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި މޫސުމް ގޯސްވީމާ ނުކެއްކި ތިބެނީ ލައިގެންކާނެ އެއްޗެއް ނެތިގެނެއް ނޫން. އަންދާނެ ދަރު ނެތީމާ. އަންދާނެ ދަރު ރަށްރަށުގައެއް ނެތް. ނުކެއްކި ތިބެނީ ގޭސް ނެތިގެން. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އިސާހިތަކު މިކަން ވަރަށްބޮޑުވެގެންދާނެ. ރައްޔިތުންނަށް ވަރަށްބޮޑު އުނދަގުލަކަށް މިކަން ވެގެންދާނެ. އަދި މިހާރު ތިޔަބޭފުޅުންގެ ގޭސް ތިޔަ ބޭނުންކުރައްވާ ގޮތަށް ކުރެއްވީމާ، އޭގެ ޚަރަދުވެސް ވަރަށްބޮޑުތަނުން ބޮޑު. މުޅި ރާއްޖެއަށް އޭގެ ޚަރަދު ބޮޑުވެގެންދޭ. ހުރިހާ ގޭހަކީވެސް ބޭރުފައިސާ ދީފައި އިމްޕޯޓްކުރާ އެއްޗެއް. ރަނގަޅު ގޮތުގައި އެ ބޭނުންކުރެވޭނަމަ، އަޅުގަނޑުމެން ޚަރަދުކުރަންޖެހޭ ބޭރުފައިސާ މަދުވާނެ. އަދި ތިޔަބޭފުޅުންގެ ޖީބަށްވެސް ލުއިވާނެ. ތިޔަބޭފުޅުންގެ ޖީބަށް ލުއިވަންޏާ އޭގެ މާނައަކީ، ސަރުކާރަށް ލުއިވަނީއޭ. އޭގެ މާނައަކީ، އިޤްތިޞާދު ރަނގަޅަށް ހިނގަނީއޭ.

އެހެންވީމާ، އަޅުގަނޑުމެންގެ ނަޒަރުގައި އަސާސީ ޚިދްމަތްތަކުގެ ތެރޭގައި، މިކަންކަން ފުރިހަމަކޮށްދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް. އިރާދަކުރެއްވިއްޔާ ނަރުދަމާގެ ތެރެއަށް ފެންހޮޅިއާއި ގޭސްހޮޅި ލެވޭތޯ އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރާނަން. އެހެންނަމަވެސް، ކަނޑައެޅިގެން އެކަން ކޮށްދޭނަމެކޭ މިއަހަރު ކޮށްދޭނަމެކޭ މިވަގުތު އަޅުގަނޑަކަށް ދެންނެވޭކަށެއް ނެތް. އެހެންނަމަވެސް، ވަރަށްބޮޑު ހިތާމައަކަށްވާނީ، ނަރުދަމާއަށް ކޮންނަ ވަގުތު އެ ކާނަށް ފެން ނުލެވިއްޖިއްޔާ. ނަރުދަމާގެ ކާނު މިއޮތީ ކޮންނަ ގޮތަށް. އެއަށް ފެން ލެވޭގޮތަކަށެއް އަދިއެއް ނެތް. އެހެންނަމަވެސް، އަޅުގަނޑު ވަރަށް މަސައްކަތް ކުރާނަން، އިތުރު ފައިސާ ހޯދައިގެން ތިޔަބޭފުޅުންގެ ކާނުގެ ތެރެއަށް ފެންހޮޅިއެއް ލެވޭތޯ. ފަސްލުމުގެ ކުރީގައި އެ ކާނަށް ފެންހޮޅިއެއް ލެވޭތޯ.

އަޅުގަނޑުމެން ބޭނުން މިރަށުގެ މަދަރުސާ ތަރައްޤީ ކުރަން. އަޅުގަނޑުމެން ބޭނުން މިތަނުގެ ޞިއްޙީ ޚިދްމަތް ރަނގަޅު ކުރަން. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހަމަ ޔަޤީންކަން އަރުވަނީ، އަޅުގަނޑުމެންގެ ސަރުކާރު ދެމި މިއޮންނަނީ، މިދަންނަވާ ކަންކަން ތިޔަބޭފުޅުންނަށް ކޮށްދިނުމަށޭ.

އަޅުގަނޑުމެންނަށް ފާހަގަވޭ ތިޔަބޭފުޅުންނަށް ބޭނުންފުޅުވާ ޚާއްޞަ ކަންތައްތަކެއް ހުންނަކަން. އޭގެތެރޭގައި، ފަސޭހައިން އެއްތަނުން އަނެއްތަނަށް، ޚާއްޞަކޮށް މާލެއަށް ގޮސް އައިސް އުޅުވޭނެ ގޮތެއް އޮތުން އެއީ ތިޔަބޭފުޅުންނަށް ބޭނުންތެރި ކަމެއް. އެހެންވީމާ، އަޅުގަނޑުމެން ނިންމީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް، އަތޮޅުތައް ގުޅާލުމަށް. އެމަސައްކަތް މިހާރުދަނީ ކުރިއަށް. އެމަސައްކަތް ހިންގާނެ ބައެއް ހޯދުމަށްޓަކައި ސަރުކާރުން މިހާރުވަނީ އިޢްލާނުކޮށްފައި. އަޅުގަނޑުމެން މި ލަފާކުރަނީ، އެ އިޢްލާނަށް އިޖާބަދިން ފަރާތްތަކުގެ މެދުގައި އެންމެ އެކަށީގެންވާ ބަޔެއް ހޯދުމުގެ މަސައްކަތް ޖުލައިމަހުގެ ތެރޭގައި ސަރުކާރަށް ފެށޭނެއޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ލަސްވެގެން އަހަރު ނިމޭއިރުގައި، އަޅުގަނޑުމެންނަށް މިމަސައްކަތް ފަށައިގަނެވޭނެ.

ކުރަންހުރި ކަންކަން ވަރަށްގިނަކަން އަޅުގަނޑަށްވެސް އެނގޭ. މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންގެ މާލިއްޔަތާއި އިޤްތިޞާދު ބެލެހެއްޓިފައި ހުރީކީއެއް އެންމެ ރަނގަޅަކަށެއް ނޫން. ފައިސާ އިސްރާފު ކުރުމާއި، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި، މިބާވަތުގެ ކަންކަން ހިނގާފައި ހުރީ އަޅުގަނޑުމެން އެންމެން ފިތްކަނޑައިގެންދާ މިންވަރަށް. ކުރިން މިދިޔަ ވެރިކަން ބަދަލުވެ، އަޅުގަނޑުމެންގެ މި ވެރިކަން އުފެދުމުގެ އެންމެބޮޑު އެއްސަބަބަކީވެސް ޙަޤީޤަތުގައި ހަމަ މިދެންނެވީ. ހަމައެކަނި ކޮންމެހެނެއް ތިޔަބޭފުޅުން އަޅުގަނޑާ މާ ގަބޫލުވެގެން އަޅުގަނޑުވީތީވެ ކުރެއްވި ކަމެއް ނޫންކަން އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު ނުދެކެން. އަޅުގަނޑަށްވެސް އެނގޭ، ވެރިކަން ބަދަލުކުރަންވެއްޖެކަން. ތިޔަ އެންމެ ބޭފުޅުންނަށް ހަމަ ހިތުގެ އަޑިން ގަބޫލު ކުރެއްވުނީތީވެ، މުޅި ދުނިޔެއަށް މިސާލު ދައްކަމުން، އޮމާންކަމާއި ޞުލްޙަވެރިކަމާއި ރިވެތި ގޮތުގައި ރާއްޖޭގައި ބޭއްވުނު ފުރަތަމަ ގިނަ ޕާޓީ ވާދަކުރާ އިންތިޚާބު ނިމި، ވެރިކަން ބަދަލުވެގެން މިދިޔައީ. އެއީ، މުޅި ދުނިޔޭގެ އެކުވެރި ހުރިހާ ދައުލަތްތަކުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވެ ދިވެހި ރައްޔިތުންނާ ގުޅޭގޮތުން ފާހަގަކުރެވުނުކަމެއް. އެހާ ދިގު މުއްދަތުގައި ވެރިކަމެއް އަދި އެންމެ ޕާޓީއަކުން ނުވަތަ އެންމެ ބޭފުޅަކު ކުރެއްވި ވެރިކަމެއް އެހާ ދިގު މުއްދަތެއްގައި ކުރައްވައި، އެ ވެރިކަން އޮމާންކަމާއެކީގައި ބަދަލުވެގެންދިޔުން އެއީ، ވަރަށްމަދު ފަހަރަކު ނޫނީ ދުނިޔެއިން ނުފެންނަ ކަމެއް. ވަރަށް މަދުވާނެ އެކަހަލަ ޤައުމެއް. ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ދިރާސާ ކުރައްވާފައި ވިދާޅުވާނެ އަދި ލިޔުއްވަން ފަށްޓަވާނެ، ކިހިނެއްވެގެންތޯ އެކަންތައް ވެގެންދިޔައީ. އަޅުގަނޑަށް ޔަޤީން އެހެން ވެގެންދިޔައީ، މި ރާއްޖޭގެ ރައްޔިތުންގެ ކުޅަދާނަކަމާއި ދުރުވިސްނުމާއި ޙިކްމަތްތެރިކަމުން. އަޅުގަނޑު މަހިބަދޫ ރައްޔިތުންނަށްވެސް ހަމަ މިކަމަށްޓަކައި ނިހާޔަތަށް ޝުކުރު ދަންނަވަން.

އަޅުގަނޑުމެން ފަށައިގެން މިއުޅޭ ދަތުރު ރިވެތިގޮތުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިންމާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން. އަޅުގަނޑުމެންގެ ވެރިކަން، މި ސަރުކާރު އިރާދަކުރެއްވިއްޔާ މި ފަސްއަހަރު ވަންދެން ދެމިއޮންނާނެ. މިއަކަށް ހުއްޓުމެއް ނާންނާނެ. އަޅުގަނޑުމެންނަކީ ކޮންބައެއްކަން ރާއްޖޭގެ ސިޔާސީ ގިނަ ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންނާ ގާތެއް ނުވާނެ، އަޅުގަނޑުމެންގެ ނުބައި ފަރާތަކަށެއް ހިއެއްނުވޭ ސިޔާސީ ބޭފުޅުން އަޅުއްވާނެހެނެއް. އެޅުއްވީމާ، ވާގޮތް އެބޭފުޅުންނަށް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ. އެހެންވީމާ، އަޅުގަނޑުމެން ފަސޭހަކަމާ އެކީގައި ތިޔަބޭފުޅުން ރުހިވަޑައިގަންނަވާނަމަ، މިކަން ކުރަން ތިއްބައި، ރައްޔިތުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް އަޅުގަނޑުމެންގެ މަޝްރޫޢުތަކަށް، އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ހުރަހެއް ނޭޅޭނެ.

އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންދާނީ، ހަމަ އަޅުގަނޑުމެން މިއުންމީދުކުރާ އަނެއް ދިވެހިރާއްޖެ ތިޔަބޭފުޅުންނަށް ދައްކަމުންނޭ. މި ރާއްޖޭގެ މަލަމަތީގައި އަޅުގަނޑުމެން އުޅޭ އުޅުންވެސް އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން. ރައްޔިތުންނަކީ ހާސްކަންމަތީގައި ޚަރަދުބަރަދު ނުބެލެހެއްޓި، ފޯނު ބިލް، ކަރަންޓް ބިލް، ގޭގެކުލި، ލައިގެންކާ އެއްޗެއް ނުލިބި، ދަރިންގެ ޔުނިފޯމާއި ފޮތްތަކާއި، ބޭސްފަރުވާއާއި މިބާވަތުގެ ކަންކަން ނުކުރެވިގެން ހާސްވެގެން އުޅޭ ބަޔަކަށް އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައެއް ނުވާނެ. އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް އަޅާލެވޭނެ. މި ސަރުކާރަށް ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އިރާދަކުރެއްވިއްޔާ ބެލެހެއްޓޭނެ. މި ސަރުކާރަކީ، އެއްވެސް ޙާލެއްގައި ހަމައެކަނި ވަކި ޕާޓީއެއްގެ ބަޔަކަށް ހިންގާ ސަރުކާރެއް ނޫން. އެއީއެއް ނޫން ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ މާނައަކީ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ މާނައަކީ، ރާއްޖޭގެ ރައްޔިތުންގެ އަޣްލަބިއްޔަތު، ރައްޔިތުން އެބަ އެދެއޭ އެމް.ޑީ.ޕީ އެ ރައްޔިތުންގެ މައްޗަށް ވެރިކަމެއް ކޮށްދިނުމަށް. އެހެންވީމާ، އެ ވެރިކަން ކޮށްދިނުމަށް އެމް.ޑީ.ޕީ، އާދެ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އެ ޕާޓީގެ މެންބަރުން ނެރުއްވީ އަޅުގަނޑު. އެހެންވީމާ، އަޅުގަނޑު މިތާނގައި މިހުރީ އެ ޕާޓީގެ ފަރާތުން ތިޔަބޭފުޅުންނަށް ހެޔޮގޮތުގައި ވެރިކަން ކޮށްދިނުމަށް.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، އެ ޕާޓީގެ އުޞޫލުތަކާއި، އެޕާޓީގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ވެރިކަން ކުރުމުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެމިހުންނާނަމޭ. އަޅުގަނޑުމެންނެއް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކަށެއް ހުރަހެއް ނާޅާނަން. އަޅުގަނޑުމެންނެއް ރައްޔިތުން ހިފާ ހައްޔަރުކޮށް ބަންދުކޮށް އަނިޔާކޮށެއް ނުހަދާނަން. އަޅުގަނޑުމެންނެއް އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ފައިސާއަކު ނުޖެހޭނެ. އިރާދަކުރެއްވިއްޔަކާ އަޅުގަނޑުމެންނެއް ތިޔަބޭފުޅުންނަށް ޚިޔާނާތްތެރިއެއް ނުވާނަން. އަޅުގަނޑުމެންނެއް ބޮޑާކަންމައްޗަކު އިރާދަކުރެއްވިއްޔަކާއެއް ނޫޅޭނަން. އަޅުގަނޑުމެންގެ ވެރިކަން އިރާދަކުރެއްވިއްޔާ ކުރަމުން ގެންދާނީ، ތިޔަބޭފުޅުންނަށް އަތްފޯރާފަށުގައި، ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ ކަންކަން ތިޔަބޭފުޅުންނަށް ފުރިހަމަވާ ގޮތަށް.

އަޅުގަނޑު މިހެން ދަންނަވާއިރުގައިވެސް އަޅުގަނޑަށްވެސް އެނގޭ، މިފަހަކަށްއައިސް އަޅުގަނޑާ ބައްދަލުވުން ކުރިއާ އަޅާބަލާއިރުގައި ތަންފުކެއް އުނދަގޫވެފައި އޮވެދާނެ. ޚާއްޞަކޮށް، ފޯނުން ބައްދަލުވުން. އެހެންނަމަވެސް، އެއީ ކަމުގެ ޙަޤީޤަތް އޮތްގޮތް. އަޅުގަނޑަށް އެބަޖެހޭ ސަރުކާރު ހިންގަން. އަޅުގަނޑަށް އެބަޖެހޭ ދުވަހުގެ ވަރަށްގިނައިރު ސަރުކާރުގެ އެކިއެކި މަސައްކަތްތަކުގައި އުޅެން. އެހެން އުޅޭއުޅުމުގައި އަޅުގަނޑަށް ތިޔަބޭފުޅުންގެ ފޯނަށްވެސް ޖަވާބު ނުދެވި ހިނގައިދާނެ. އަދި ތިޔަބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ބައްދަލުވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ވަގުތުތަކުގައި ބައްދަލުނުވެވެސް ހިނގައިދާނެ.

އެހެންނަމަވެސް، އޭގެ މާނައަކީ، ތިޔަބޭފުޅުންގެ ބޭނުންތައް، ތިޔަބޭފުޅުންގެ ޝަކުވާތައް، ތިޔަބޭފުޅުންގެ އިޙްސާސްތައް އަޅުގަނޑުމެންނަށް ނޭނގޭނެ ގޮތަކަށް ހޮރަކަށްވަދެ އަޅުގަނޑުމެން ތަޅުލެވި ތިބެނީއަކީއެއް ނޫނޭ. އަޅުގަނޑުމެންގެ ހުރިހާ ބޭފުޅުންނާވެސް، ޕާޓީގެ އެންމެހާ މެންބަރުންނާވެސް އަދި ސަރުކާރުގެ އިސް ހުރިހާ ބޭފުޅުންނާވެސް، ތިޔަބޭފުޅުންނަށް ހަމަ ގަވާއިދުން ގުޅުއްވޭނެ. ޚާއްޞަކޮށް، ވަރަށް އަވަހަށް ފޯނު ނަންގަވާ ބޭފުޅުންވެސް ތިޔަބޭފުޅުންނަށް ފާހަގަވެފައި ހުންނާނެ. އެބޭފުޅުންނާ ގިނަގިނައިން ގުޅުއްވަންވީ. ދެން ފޯނު ނުނަންގަވާ ބޭފުޅުންނާ ގުޅޭގޮތުން ފޯނު ނަންގަވާ ބޭފުޅުންގެ ގާތުގައި ޝަކުވާ ކުރައްވާ. އަދި ފޯނު ނަންގަވަންދެން އެ ޝަކުވާ އުފުއްލަވަމުން ގެންދަވަންވީ. އަޅުގަނޑާ ދިމާވާ ފަހަރު ފަހަރުވެސް އެ ޝަކުވާތައް އަޅުގަނޑު ގާތުގައިވެސް އުފުއްލަވާ. އަޅުގަނޑުމެންނަށް ވެރިކަމެއް ނުކުރެވޭނެ ތިޔަބޭފުޅުންނާ ހަމަ ދުރުވާހާ ހިނދަކު. އަޅުގަނޑުމެންނަކަށް ހެޔޮގޮތުގައި ވެރިކަމެއް ނުހިންގޭނެ، ތިޔަބޭފުޅުންގެ އިޙްސާސްތަކާއި އެދުންތަކާއި، ތިޔަބޭފުޅުންގެ ބޭނުންތައް އަޅުގަނޑުމެންނަށް ނޭނގޭކަމަށްވަންޏާ. އަދިއެއް އަޅުގަނޑަކަށެއް ނޯޅޭނެ. މިއަދާ ޖެހެންދެންވެސް އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ތިޔަބޭފުޅުންގެ ތެރޭގައި. އެހެންވީމާ، ދުވަސްކޮޅެއް ނަގާނެ. އަޅުގަނޑު މިއަދު ގޮސް ކޮޓަރިއަކަށް ވަދެ ތަޅުލިޔަސްވެސް، ދެތިން އަހަރެއްވާފަހުން އަޅުގަނޑަށްވެސް އޮޅޭގޮތްވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ އޮޅުމުގެ ކުރީގައި އަޅުގަނޑުވެސް މަދުމަދުން ނަމަވެސް، ތިޔަބޭފުޅުންނާ ބައްދަލުވެވޭތޯ ބަލާނަން. ރާއްޖޭގައި 200 ރަށް އޮންނާތީވެ، އެބަޖެހޭ 200 ރަށަށްވެސް އަޅުގަނޑު ދާން. އަޅުގަނޑު މިދަނީ ކޮންމެ ހަފްތާއަކުވެސް މަދުވެގެން ދެދުވަހު އަތޮޅުތަކުގައި އުޅުމަށް މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ އަދި އެކަން އެގޮތަށް އެބަ ކުރެވޭ. އަޅުގަނޑުގެ އަމާޒަކީ، އަޅުގަނޑުގެ މަޤްޞަދަކީ އަޅުގަނޑުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާކުރުމުގައި ހުރިހާ ދުވަހަކު އަބަދުވެސް މިކަން މިގޮތަށް ކުރަމުން ގެންދިޔުން. އަޅުގަނޑު ވަރަށް އުފާވެސްވޭ މިކަންކުރަން. އަޅުގަނޑު ބޭނުންވެސްވޭ ތިޔަބޭފުޅުންނާ ބައްދަލުކުރަން.

އެހެންވީމާ، ހަމަ ވަކިވުމުގެ ކުރިން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާނީ، އަޅުގަނޑަކީ ތިޔަބޭފުޅުންގެ ތެރެއިން މީހެކޭ. އަޅުގަނޑަކަށް ތިޔަބޭފުޅުންނަކާ ދުރެއް ނުވެވޭނެއޭ. އިރާދަކުރެއްވިއްޔާ، މާދަމާ މަހިބަދުއަށް ވެގެންދާނީ އަދި މިއަދަށްވުރެ މާ ފާގަތި ދުވަހަކަށޭ. އަޅުގަނޑު ހަމަ ދަންނަވާނީ، އަޅުގަނޑުމެން މިއެދޭ ގުލްޒާރުގައި ނަޔާމަގޭ ނޫރާނީމާ ފޮޅޭނެޔޭ، ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެޔޭ. އެ ގުލްޒާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ގެނެސްދޭނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަނެއް ދިވެހިރާއްޖެ ތިޔަބޭފުޅުންނަށް ހޯދައިދޭނަން.

ވަރަށްބޮޑަށް ޝުކުރިއްޔާ! والحمد للّـه.