بســم اللّـه الرّحمـن الرّحيــم

ހޯނޑެއްދޫގެ ލޮބުވެތި ރައްޔިތުން

السّـلام عليـكم

ހަނދުމަފުޅު ހުންނާނެ. މީގެ ހައެއްކަ މަސް ކުރީގައި، އަޅުގަނޑު މިރަށަށް އައިސް، ތިޔަބޭފުޅުންނާ ބައްދަލުކޮށް އެދުވަހު އަޅުގަނޑުމެން ހުށަހެޅިން، އެމް.ޑީ.ޕީ. އިއްތިޙާދުގެ ސަރުކާރެއް ހިނގަމުންދާއިރުގައި، އެ ސަރުކާރުގެ ސިޔާސަތު އޮންނާނެ ގޮތުގެ ބައެއް ޚުލާޞާ. އަޅުގަނޑުމެން ހުށަހެޅިން، އަޅުގަނޑުމެންގެ މެނިފެސްޓޯ. އަޅުގަނޑުމެން ހުށަހެޅިން، އަޅުގަނޑުމެންގެ ތަޞައްވުރެއް. މަންޒަރެއް، އަޅުގަނޑުމެންގެ އުންމީދެއް. އަޅުގަނޑުމެން ހުށަހެޅިން، ހޯނޑެއްދުއަށާއި އަދި މި އަތޮޅުގެ ހުރިހާ ރަށްރަށަށާއި އަދި މިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އެމީހުންގެ ޢާންމު ޙާލަތު ރަނގަޅު ކުރެވެންއޮތް އުސޫލުތަކެއް. ރަނގަޅު ކުރެވެންއޮތް ސިޔާސަތުތަކެއް.

އަޅުގަނޑުމެން އެދުވަހު، ތިޔަބޭފުޅުންނަށް ވަޢުދުވަމުން ގެންދިޔައިން. އެންމެބޮޑު ވަޢުދަކަށް އެދުވަހު އަޅުގަނޑުމެން ވީ، އިރާދަކުރެއްވިއްޔާ، 11 ނޮވެމްބަރ 2008 ވާ އަންގާރަދުވަހު ދެން މި ރާއްޖޭގައި އޮންނާނީ، އޭރުގައިއޮތް ވެރިކަމެއްނޫނޭ، އެދުވަހު އިރާދަކުރެއްވިއްޔާ އަޅުގަނޑު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރާނަމޭ. އަޅުގަނޑުމެން އެވާހަކަ އެގޮތަށް ބުނީ ވަރަށްބޮޑަށް ވިސްނާފައި. އަޅުގަނޑުމެންނަށް ފެނުނު ފެނުމުގައި، ގިނަ ޕާޓީތައް ރާއްޖޭގައި ޙަރަކާތްތެރިވުމުގެ ކޮންމެވެސް ވަރެއްގެ ފުރުސަތެއް ލިބި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ނޫސްވެރިކަމަށް، ކޮންމެވެސް ވަރެއްގެ ޖާގައެއްލިބި، ޤާނޫނުއަސާސީ އިޞްލާޙުވެ، އަދި މިނިވަން މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން އުފެދި، ގިނަ ޕާޓީ ވާދަކުރާ، ބޭރު ޤައުމުތަކުން ބަލަހައްޓާ އިންތިޚާބެއް ރާއްޖޭގައި ބޭއްވޭނަމަ، އަޅުގަނޑުމެން ދުށީ، އަޅުގަނޑުމެންނަށް، އެ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމަށް. އަޅުގަނޑުމެން ދުށީ، އެ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ ޙިކްމަތްވެސް، ހިތްވަރުވެސް، ވިސްނުންވެސް، އަޅުގަނޑުމެންގެ ކިބައިގައި ހުރިކަމަށް. އެހެންވީމާ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އެ ވަޢުދު ވީ. 11 ނޮވެމްބަރުގައި، ރާއްޖޭގެ ވެރިކަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަދަލުކުރާނަމޭ.

އަޅުގަނޑު ހަނދާންވާގޮތުގައި، އެއިރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދިއެދިތިބި ކަމެއް، އެކަމަކީ. މިއަދު ތިޔަބޭފުޅުން، މިސާލަކަށް، މިދިޔަ ފަސްމަސްދުވަސް މި ދިޔައީ. އަޅުގަނޑުމެން ވަޢުދުވިން. ބޯހިޔާވަހިކަން، އަތްފޯރާފަށުގައި ފޯރުކޮށްދޭން. އަޅުގަނޑުމެން ވަޢުދުވިން، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން، މުޅިރާއްޖޭގެ ރަށްތައް ގުޅާލަދޭނަމޭ. އަޅުގަނޑުމެން ވަޢުދުވިން، ޑްރަގުގެ ޝިކާރައަކަށް ވެފައިވާ ޒުވާނުން ސަލާމަތް ކުރުމަށް، އެ ޑްރަގަށް ހުޅުވިފައިހުރި ދޮރުތައް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަންދުކޮށްދޭނަމޭ. އަޅުގަނޑުމެން ވަޢުދުވިން. ބޭސް ސިޓީއަށް ސަލާންޖަހަން ނުޖެހޭ ރައްޔިތަކު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުފައްދައިދޭނަމޭ. އަޅުގަނޑުމެން ވަޢުދުވިން، ތިމަންނާއަކީ، ތިމަންނާގެ ދެފައިމައްޗަށް ތެދުވެހުރެ، ޙައްޤުތަކަކާ އެކީގައިހުރި ޝަޚްޞިއްޔަތެކޭ، ރައްޔިތެކޭ ބުނެވޭނެގޮތް، އަޅުގަނޑުމެންގެ ރައްޔިތުންނަށް އަޅުގަނޑުމެން ހަދައިދޭނަމޭ. މިހާރު އޭގެފަހުން، ހަމަސްދުވަސް. ބައެއް ބޭފުޅުން ބުނުއްވާނެ، ހަމަ އެއްކަމެއްވެސް ނުވެއޭ، ކޮންކަމެއްހެއްޔޭ ވީ. ހެލްތް ސެންޓަރުވެސް ހަމަ ހުރިގޮތަށޭ ހުރީ. ހޯނޑެއްދުއަށް ރާޅުއަރާ މައްސަލަ އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރެއޭ، އެކަންވެސް ހަމަ އޮތްގޮތަށޭ އޮތީ. އިންޖީނުގެއަށްވެސް، ޙައްލެއް އައީކީއެއްނޫނޭ. އެއްތަނުން އަނެއްތަނަށް ދެވެންއޮތީކީއެއްވެސްނޫނޭ. ހަމަ އެއްވެސް ކަމެއް ބަދަލެއް ނުވިއޭ.

އަޅުގަނޑުމެން މިދެކެނީ، ކަންކަން ދެމެހެއްޓެނިވި ގޮތުގައި ބަދަލު ކުރުމަށް އެންމެ މުހިންމު އެއްކަމަކީ، އެކަމެއްކުރާ ވަކި ޚާއްޞަ ތަރުތީބަކުން އެކަން ކުރުމޭ. އަޅުގަނޑަށްވެސް މިއަދު، ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އަޅުވާލަން، އަޅުގަނޑުގެ ރައްޓެހި ހޯނޑެއްދޫ ދެމީހެއްގެ ޖީބަށް، ދައުލަތުގެ ޚަޒާނާއިން ރުފިޔާ ލާފައި އޭނާ ކައިރީގައި ބުނެ، މިރަށަށް ދަޅައެއް ދައްކާލެވިދާނެ. އަޅުގަނޑަށްވެސް މިއަދު މިތަނުގައި، ކޮންމެވެސް ތަނެއްގެ ބިންގާ އަޅާލައި އަދި ކޮންމެވެސް އެހެން ދެތިން ކުލައެއް ދައްކާލާ، ހޯނޑެއްދޫ ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވަން މަސައްކަތް ކުރެވިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެނެއް ނުދެކެން، އެއީ، އަޅުގަނޑުމެން މި ބޭނުންވާ ދެމެހެއްޓެނިވި ތަރައްޤީ، މިރާއްޖެއަށް ގެނެވެންއޮތް ގޮތްކަމަކަށް. ޙަޤީޤަތުގައި، ރާއްޖޭގެ ޙާލަތު މިއަދު މިގޮތަށް މިއޮތީ، ކޮންމެ ފަސްއަހަރަކުން އެއްއަހަރު، ހަމައެކަނި އިންތިޚާބަށްޓަކައި، ސަރުކާރުން ރައްޔިތުންނާ މި މުޢާމަލާތް ކުރަނީ. އެ އިންތިޚާބު ނިމުނީމާ އެކަން ނިމުނީ. އެހެންވީމާ، އިންތިޚާބުގައި ވީ ވަޢުދުތައް، އެހެންނޫންނަމަ، އިންތިޚާބުގައި ކޮށްދޭން ބުނި އެއްވެސް ކަމެއް، ޙަޤީޤަތުގައި، އަނެއް އިންތިޚާބު އަންނައިރުވެސް މިހުންނަނީ ނުވެ.

އަޅުގަނޑުމެންގެ ޕްރޮގްރާމް، އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުވެގެންދާއިރުގައި، ހޯނޑެއްދުއަށްއޮތީ، ކޮންކަމެއްތޯއޭ. ތިމަންނާއަށްވަނީ، ކިހިނެއްތޯއޭ. މިއަދު އެބައޮތް އަޅުގަނޑަށް، އުފަލާއެކީގައި ތިޔަބޭފުޅުންނަށް ދަންނަވާލެވެން. ސަރުކާރުގެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި، ހޯނޑެއްދުއަށް ވާނެކަމަށް އަޅުގަނޑުމެން މި ލަފާކުރަނީ، ކޮންކޮން ކަންތައްތަކެއްހޭ. ފުރަތަމައަށް އަޅުގަނޑުމެން މިއަދު މިއައީ، މި ޕްރޮވިންސްގެ މި ބޮޑު ހުވަދުއަތޮޅުގެ ޔުޓިލިޓީ ހުޅުވުމުގެ ރަސްމިއްޔާތު ނުވަތަ ޔުޓިލިޓީ ކުންފުންޏާ ޢަމަލީގޮތުން މަސައްކަތް ޙަވާލުކުރުމުގެ ރަސްމިއްޔާތެއް ބާއްވާފައި. މީގެ މާނައަކީ، މީގެކުރީގައި، މިއަތޮޅުގައި، ސްޓެލްކޯގެ އިންޖީނުގެތަކާއި، އަދި އަމިއްލަ ފަރާތްތަކުގެ އިންޖީނުގެތައްވެސް، އެއް ކުންފުންޏެއްގެ ދަށަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ފެށުނިއްޔޭ. އަޅުގަނޑަށްވެސް އެނގޭ، ބައެއް އިންޖީނުގެތަކަކީ، ބައެއްފަހަރަށް ހަމަ ސީދާ އަމިއްލަ މީހެއްގެ އިންޖީނުގެ. އަނެއްބައިފަހަރަށް، ރައްޔިތުންގެ އިންޖީނުގެ. އަނެއްބައިފަހަރަށް، ކުންފުންޏެއްގެ އިންޖީނުގެ. ސަރުކާރުގެ ވިސްނުމަކީ، ސިޔާސަތަކީ، ހުރިހާ ރަށެއްގެވެސް އިންޖީނުގެތައް، މިއަތޮޅުގެ މި ދެއަތޮޅުގެ ހުވަދު އަތޮޅުގެ ހުރިހާ އިންޖީނުގެއެއް، އެއް ކުންފުންޏެއްގެ ދަށަށް ގެނައުން. ގެނެސް، އެ ކުންފުނީގެ ދަށުގައި އެ އިންޖީނުގެތައް ބަލަހައްޓަމުން އެ ކުންފުނިން، ވިޔަފާރީގެ ގޮތުގައި އެ އިންޖީނުގެތައް ކުރިޔަށް ގެންދިޔުން.

މިކަން ކުރުމަށްޓަކައި ސަރުކާރުން އިތުރަށް ވިސްނާ ވިސްނުމަކީ، މިހާރު މިއަތޮޅުގައި، ހަ ރެޒޯޓް ތަރައްޤީކުރުމަށް މިވަނީ ހުޅުވާލެވިފައި. ރެޒޯޓް ތަކުގައި ސަރުކާރުން ބުނަން ބޭނުންވަނީ، ބުނަމުން މިގެންދަނީ، އަދި ރެޒޯޓުގެ ވެރިންނާ ވާހަކަދައްކަމުން މިދަނީ، އެ ރެޒޯޓްތަކުގެ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދްމަތް ދިނުންވެސް، މި ކުންފުންޏާ ޙަވާލުކުރާނީއޭ. އޭރުން، އެ ކުންފުންޏަށް، ރެޒޯޓާ އަދި އަތޮޅުގެ ރަށްތަކާ، ހުވަދުއަތޮޅުގެ ރަށްތަކާ އެކުވީމާ، އެ ކުންފުންޏަށް އެބަ ފައިދާއާ އެކީގައި ދެކޮޅުޖެހޭ ގޮތަށް ހުރިހާ ރަށެއްގައިވެސް، ފެނާ ނަރުދަމާގެ އަދި ކަރަންޓުގެ ޚިދްމަތް ފުރިހަމައަށް ފޯރުކޮށްދެވޭނެ. އެހިސާބު އަޅުގަނޑުމެންނަށް މިވަނީ ޖެހިފައި. އެކަން އަޅުގަނޑުމެންނަށް މިވަނީ، ކުރެވިފައި. އެހެންވީމާ، ވަރަށް އުފަލާއެކީގައި އަޅުގަނޑަށް ދެންނެވޭނެ، ހޯނޑެއްދޫގެ އިރާދަކުރެއްވިއްޔާ އިންޖީނުގެއާ، ތިޔަބޭފުޅުން ބޭނުންވެލައްވަންޏާ، އިންޖީނުގެއާ، ޔުޓިލިޓީ ކުންފުންޏަށް ޙަވާލުވެވޭނެ، ކުރިޔަށްއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި. އަދި ހަމަ އެއާއެކީގައި، އިރާދަކުރެއްވިއްޔާ މިއަހަރު، މިރަށުގައި، ފެނާއި ނަރުދަމާގެ މަސައްކަތް، އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ.

އަޅުގަނޑު މިހެން މިދެންނެވީ، މިމަސައްކަތް މިގޮތަށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ސަރުކާރުން އިޢްލާނުކުރީމާ، ހުވަދުއަތޮޅުގައި އެކަނި ހިންގުމަށް، ބައިނަލްއަޤްވާމީ 7 ކުންފުނިން އެދިފައި އެބަވޭ. އެހެންވީމާ، ހަތް ކުންފުނީގެ ތެރެއިން، ސަރުކާރުން ވާހަކަ ދައްކައިގެން، އެންމެ ކަމަށް ރަނގަޅު، އެންމެ ކުޅަދާނަ އެންމެ އެކަށީގެންވާ ކުންފުންޏަކާ، އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން މަސައްކަތް ޙަވާލުކުރާނެ. މި ޕްރޮގްރާމަކީ، ނުވަތަ މި ސިޔާސަތަކީ، އަޅުގަނޑުމެން ފާހަގަ މިކުރާ، ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް ނުވަތަ ޕަބްލިކް އެއީ (ސަރުކާރު) ޕްރައިވެޓް އެއީ، (ބައިނަލްއަޤްވާމީ ވިޔަފާރިވެރިން)، ޕާޓްނަޝިޕް (ގުޅިގެން) ހިންގާ މަސައްކަތްތައް. އެ މަސައްކަތްތައް ހިންގުމުގައި، ސަރުކާރުން، ބޭރުގެ ކަމަށް ޤާބިލު، ކަމުގެ ހުނަރުހުރި އަދި ފައިސާއާއި އަތްމަތި ތަނަވަސް ކުންފުނިތައް، ރާއްޖޭގެ ސަރުކާރުގެ ކުންފުނިތަކާ އެކީގައި ޙިއްޞާވެގެން މިމަސައްކަތް ކުރިޔަށް ގެންދެވޭނެ. އަޅުގަނޑުމެންނަށް ޔަޤީން، އިރާދަކުރެއްވިއްޔާ މިކަން، ކާމިޔާބުކަމާއެކީގައި، މި ފަސް އަހަރުދުވަހުގެ ތެރޭގައި ނިންމާލެވޭނެކަން. އެހެންވީމާ، އަޅުގަނޑުމެން، މީގެ ހަމަސްދުވަސް ކުރީގައި ތިބި އުންމީދަށްވުރެ މިއަދު އުންމީދު މާބޮޑު. އަދި އަޅުގަނޑުމެން މީގެ ހަމަސްދުވަސް ކުރީގައި މިވާހަކަ ދައްކަމުން އައިއިރުގައި، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް އޮތް އިތުބާރަށްވުރެ، މިހާރު އަޅުގަނޑުމެންނަށް މިކަން، ސާބިތުކަމާއެކީގައި ކުރެވޭނެކަމުގެ އިތުބާރު، މާ ބޮޑުތަނުން ބޮޑު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި މަޝްރޫޢު މިރަށުގައިވެސް ކާމިޔާބު ކުރެވޭނެ.

އަޅުގަނޑުމެންގެ އަނެއް ދެވަނަ މަޝްރޫޢަކީ، ނުވަތަ ދެވަނަ މަސައްކަތަކީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން، ރާއްޖޭގެ ރަށްތައް ގުޅާލުން. އަޅުގަނޑުމެންގެ އަމާޒަކީ، ހޯނޑެއްދޫ މީހުންނަށް ހަމަ ކޮންމެ ދުވަހަކުވެސް ދެތިން ފަހަރަށް މަދުވެގެން، ތިނަދުއަށްވެސް ގޮސްފައި އާދެވެންޖެހޭނެ. ގައްދުއަށްވެސް ދެވެންޖެހޭނެ. ވިލިނގިއްޔަށްވެސް އަދި ކޮލަމާފުށްޓަށްވެސް، ދެއްވަދުއަށްވެސް ދެވެންޖެހޭނެ. ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ މަޝްރޫޢު، އަޅުގަނޑުމެންނަށް، ކުރިޔަށް މިއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ހިންގަން ފެށޭނެ. އެ މަޝްރޫޢު ނިމުނީމާ، ހޯނޑެއްދޫ ރައްޔިތުންނަށް ފަސޭހަކަމާއެކީގައި މިއަތޮޅުގެ ހުރިހާ ރަށަކަށްވެސް، ވަރަށް ޚަރަދު ކުޑަކޮށް، މިހާރު ޓްރާންސްޕޯޓް އެ މަސައްކަތް ހިންގާ ފަރާތުން ލަފާކުރެވެނީ، ފަސްރުފިޔާއާ ވިހިރުފިޔާއާ ދެމެދުގެ އަގެއްގައި، މުޅި ރަށުގައި، މުޅި އަތޮޅުގައި ދަތުރުކުރެވޭގޮތަށް އަޅުގަނޑުމެންނަށް މިމަސައްކަތް ބާރަށް ކުރެވޭނެއޭ. އެހެންވީމާ، އެމަސައްކަތްވެސް، އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދެއްހާތަނުގައި، އަޅުގަނޑުމެންނަށް، ޢަމަލީގޮތުން ފަށައިގަނެވޭނެ.

އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުންއައި ނުކުތާއަކީ، ގެދޮރު އެޅުމުގައި ރާއްޖޭގެ ޒުވާނުންނާއި، އަލަށް އާއިލާފަށާ ބޭފުޅުން އުޅުއްވާގޮތް، ހޭދަކުރައްވާ ބުރަ ހާލަތު. އެކަމުގެ ޙައްލެއްގެ ގޮތުން، އަޅުގަނޑުމެން މި ފާހަގަކުރަން މި ފެށީ، ސަރުކާރުން ގެދޮރު އަޅައިދީ، އެ ގެތައް، ދިގު މުއްދަތުގައި ދައްކާ ޚަލާޞްކުރާ އުސޫލުން، ރައްޔިތުންނަށް މިލްކުވާގޮތަށް ދޫކުރެވުމުންނޫނިއްޔާ، ރައްޔިތުންނަށް ހަމަޖެހޭގޮތުގައި، ލުއިކަމާއެކީގައި ބޯހިޔާވަހިކަމެއް ނުހޯދޭނެއޭ. އަޅުގަނޑުމެން ފާހަގަކުރާ އެއްކަމަކީ، މިހާރު ގެއެއް އެޅެމުންދާގޮތް. އަލަތު ކައިވެންޏާއެކީގައި، ރެޒޯޓެއްގައި ނުވަތަ ކަންނެލި އޮޑިއެއްގައި ދުވަސްކޮޅަކު މަސައްކަތް ކޮށްފައި އައިސް، އެއްއަހަރަކު ފަހަރެއްގައި ގާކޮޅު އަޅާލެވިދާނެ. އަނެއްއަހަރު، ފައުންޑޭޝަން ދަމާލެވިދާނެ. ދެންއަންނަ އަހަރު، ހަތަރު ފާރު ރާނާލެވިދާނެ. އަނެއް ރޯދައަށް، މަތިވަޑާންގަނޑު އަޅާލެވިދާނެ. ދެންއަންނަ ރޯދައަކަށް، އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. އަނެއްރޯދައަށް ފާޚާނާ ތައްޓެއް ބެހެއްޓިދާނެ. ގެއެއް އަޅާ ނިމޭއިރުގައި، އަޅުގަނޑުމެންގެ އާދައިގެ މީހެއްގެ އުމުރު މިހުންނަނީ، ދެބައިވެފައި. އަޅުގަނޑުމެން ފާހަގަ މިކުރަނީ، އެއީއެއްނޫނޭ ދިވެހި ރައްޔިތުންނަށް ޙައްޤު މިންވަރަކީ. ދުނިޔޭގެ އެއްވެސް ތަނެއްގައި، އެއްވެސް ދެމަފިރިއަކީ، ކޮންސްޓްރަކްޝަން ކުންފުންޏެއްނޫން. ގެއެއް އަޅަމަކުން ނުދެވޭނެ ކޮންމެ ދެމަފިރިއަކަށް. ގެދޮރަކީ، އެކަންކުރާ މީހުން އަޅާފައި އެހެންމީހުންނަށް އެކަން ލިބޭގޮތަށް، އެ އެއްޗެތި ލިބޭގޮތަށް ހަމަޖެއްސީމާ އެހެން ތަންތަނުގައިވެސް ރައްޔިތުންނަށް ލިބޭ އެއްޗެއް. އެ އުސޫލުން މިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވެން އެބައޮތް. މިއަހަރުތެރޭގައި އިރާދަކުރެއްވިއްޔާ މިރަށުގައި، 25 ގެ އެގޮތުގައި އަޅުގަނޑުމެން އަޅަން ފަށާނަން. އެ ގެތަކަށް ޝައުޤުވެރިވާ ފަރާތްތައް އަޅުގަނޑުމެންނަށް އެނގެން ފެށީމާ، އިތުރަށް ބޭނުންވާ މިންވަރަށްވެސް ސަރުކާރުން މިރަށުގައި، އިރާދަކުރެއްވިއްޔާ ގެދޮރު އަޅައިދޭނަން.

ސަރުކާރުން މި ދެކެނީ، މިހާރު އަޅުގަނޑުމެންނަށް ފާހަގަވަނީ، ތިޔައިން ބޭފުޅަކު ގެއެއް އެޅުމަށް، ދޮޅު މިލިއަނެއްހާ ރުފިޔާ އެބަ ޚަރަދުކުރޭ. އަދި އެގެ އެޅުމަށް ރަނގަޅު ބާރަ އަހަރު އެބަ ހޭދަވޭ. ޙަޤީޤަތުގައި، ގެއެއްގެ އަގަކީ، ފަސްލައްކަ ރުފިޔާ. އަވަހަށް، އަށްމަސްދުވަހުގެ ތެރޭގައި ގެއަޅައި ނިންމައިފިއްޔާ މިހާރު މިދާގޮތުން ކޮންމެ ގެއަކުން ދައުލަތަށް އެބަ ގެއްލޭ، އެއްމިލިއަން ރުފިޔާ. މިރާއްޖޭގެ އިޤްތިޞާދުން އުނިވެގެން އެބަދޭ، އެއްމިލިއަން ރުފިޔާ. ހަމައެކަނި އެފައިސާ އެކަނި ސަލާމަތްކުރެވުނީމާވެސް، ރާއްޖޭގެ ރައްޔިތުންނަށް ދެފަހަރަށް ގެއަޅާހާ ފައިސާ. މިތަނުން ފެންނަން މިހުރި ކޮންމެ ޓިނު ފުރާޅަކީ، ޙަޤީޤަތުގައި، ތިން ގެ. އެ ހަމަ އެ ފައިސާ ހިނގަނީ އެއްތަނަކުން. އަޅުގަނޑުމެންގެ އިޤްތިޞާދުގެ ތެރެއިން. އެ ބާކީކުރެވޭނެ ގޮތެއް އޮންނާނެ. އެގޮތަކީ، ކޮންމެ މަހަކު، ކުޑައެއްޗެއް. އެއްހާސް ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެ. ދައްކާ ދައްކާ ގެ އަމިއްލަ ކުރެވޭ އުސޫލުން، ގެދޮރު އަޅައިދެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖެއްސުން. އެ އިންތިޒާމު ހަމަޖެއްސުމުގެ އެންމެހާ ކަންކަންވެސް މިހާރު މިދަނީ، ކުރިއަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަމުގެ ޢަމަލީ މަސައްކަތް، އޯގަސްޓް މަހުގެ ތެރޭގައި ފަށައިގަނެވޭނެ.

އަޅުގަނޑުމެންނަށް މީގެން އެއްވެސްކަމެއް ކުރުމަށް، ގެދޮރު އިމާރާތް ކުރުމަށްވެސް އަދި އަޅުގަނޑުމެންގެ މަޝްރޫޢުތައް ހިންގުމަށް ވަރަށް މުހިންމު އެހެންކަމެއް އެބަ ބޭނުންވޭ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް. މިހާރު މި ޢަމަލުކުރަމުންދާ އާ ޤާނޫނުއަސާސީގައި، އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގައި، މަޖިލީސް މެދުވެރިކޮށްގެން މެނުވީ، ސަރުކާރަށް ކަންކަން ހިންގަން ވަރަށް ދަތިވާނެ. އަދި މަޖިލީހުގެ މެންބަރުންނަކީ، ސަރުކާރާ ގުޅިގެން މިމަސައްކަތް ކުރެވޭނެ ގޮތަކަށް، އަޣްލަބިއްޔަތެއް އޮންނަ ތަނަކަށް ވުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. ނިކަން ބައްލަވާ، މިދިޔަ ދިގު ތިރީސް އަހަރު، އަޅުގަނޑުމެން ގެންނާން މިއުޅުނު ހުރިހާ އިޞްލާޙެއް ގެނައުމުގެ ހުރިހާ މަސައްކަތަކަށް ހުރަސްއެޅި ބޭފުޅުން ނުވަތަ އެ އިޞްލާޙުތައް ނައިނަމަވެސް ވަރިހަމަކަންމަތީގައި އެދިގު ދުވަސްތަކުގައި މަޖިލީހުގައިވެސް ތިއްބެވި ބޭފުޅުން، މިއަދު އަލުން އަނބުރާ، އިޞްލާޙަށް ބޭނުންވާ ޤާނޫނުތަކެއް ހެދުމުގައި ސަރުކާރާއެކީގައި ޙިއްޞާ ވެދާނެކަމަށް ދެކެން އަޅުގަނޑަށް ވަރަށް ދަތި. ހަމަ ވަރަށް ދަތި. އަޅުގަނޑު އެއްގޮތަކަށްވެސް ގަބޫލެއް ނުކުރާނަން، އޭގެން އެއްވެސް ބޭފުޅަކަށް، މިކަން، ޙަޤީޤީ މާނައިގައި ކުރުމުގައި ތައްޔާރަށް ތިއްބެވޭކަމަކަށް. އަދި ތިއްބަވާނެ ކަމަކަށްވެސް.

ދާދި އިހަކަށްދުވަހަކު، ސަރުކާރުން ހުށަހެޅީ، ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމުގެ ޤާނޫނު. ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމުގެ ވާހަކައަކީ، މިދިޔަ ދިގު ތިރީސް އަހަރު ހަމަ ތަކުރާރުކޮށް، ކޮންމެ އަހަރަކު މަދުވެގެން އެއްފަހަރު ދައްކަމުންއައި ވާހަކައެއް. ވިހިވިހީގެ ތަޞައްވުރުގައިވެސް ލިޔެފައިއޮތް ވާހަކައެއް. އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގައިވެސް، ބޮޑުއަކުރުން ފަވާ ނަގާ، ބާބެއް އެކީގައި ލިޔެވުނު ވާހަކައެއް. އެހެންނަމަވެސް ކިހިނެއްތޯވީ. އަޅުގަނޑުމެން އޭގެ ޤާނޫނު ހަދަން، ބިލް ހަދަން މަޖިލީހަށް އެބިލު ފޮނުވީމާ، ވާދަވެރި ސިޔާސީ ޕާޓީތަކުން، ހަމަ އެއްވެސް ބޭފުޅެއް، އެބިލަކަށް ވޯޓެއް ނުދެއްވިއޭ. އަޅުގަނޑުމެންނަށް އެ ބިލު މަޖިލީހަށް އެތެރެކުރެވުނީ، ކިރިޔާ ހަމަ އެންމެ ވޯޓެއް އެންމެ ވޯޓެއްގެ ތަފާތު ލިބިގެން. އަޅުގަނޑަށް ވަރަށް ދަތި، ގަބޫލު ކުރަން. އެހެން ބަޔަކު، އަޅުގަނޑުމެން ގެންގުޅޭ ފިކުރުނޫން އެހެން ފިކުރެއްގެ ބަޔަކާއެކީގައި، އަޅުގަނޑުމެން ކުރަން މިއުޅޭ ކަންކަން ކުރެވިދާނެކަމަކަށް. ހޯނޑެއްދޫގައި، ނަރުދަމާ އަޅަންވެސް، ހޯނޑެއްދޫގައި، ދަތުރުފަތުރުކުރުމުގެ ނިޒާމު ގާއިމުކުރަންވެސް، ހޯނޑެއްދޫގައި، ގެދޮރު އަޅަންވެސް، ހަމަ ކޮންމެ ކަމަކަށްވެސް، ރައްޔިތުންގެ މަޖިލީހުގެ ރުހުން އަބަދުވެސް ބޭނުންވޭ.

ވާދަވެރި ސިޔާސީ ޕާޓީތަކުން އަބަދުވެސް ބޭނުންވާނީ، ސަރުކާރު ބަދަލުވުން. އެއީ، ވާދަވެރި ސިޔާސީ ނިޒާމެއްގެ ޠަބީޢީ ފިޠުރަތީ ގޮތް. އެކަމަކާއެއް އަޅުގަނޑު ކަންބޮޑުވަނީކީއެއްވެސްނޫން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް، މިއަތޮޅުގެ އަޣްލަބިއްޔަތެއް އޮތުން ވަރަށް މުހިންމު. މި މަސައްކަތް އަޅުގަނޑުމެންނަށް ފަށައިގަނެވުނުއިރުގައި އެންމެބޮޑަށް އަޅުގަނޑުމެންނާއެކީގައި މަސައްކަތްކުރި އެއް އަތޮޅަކީ، މިއީ. ހަމަ މި ހޯނޑެއްދޫ މިއީ، އެންމެ ބޮޑަށް މަސައްކަތްކުރި އެއްރަށް. މިއަދު އަޅުގަނޑުގެ ނަޒަރުގައި، ޙަޤީޤަތުގައި، އަޅުގަނޑުމެން ކުރަން މިއުޅޭ ކަންތައް އެންމެ ބޮޑަށް ސާފުވާނީވެސް، ހަމަ މިރަށު ރައްޔިތުންނަށް. އެހެންވީމާ، ކޮންމެ ކަމެއްވެސް އެންމެ ކުރީގައި، ހުވަދުއަތޮޅުގައި ހިނގާގޮތްވެސް އެވަނީ. ސަރުކާރުން އުފައްދާ ޔުޓިލިޓީ ކުންފުނިތައްވެސް، އެންމެ ފުރަތަމަ ބޮޑުގޮތެއްގައި ހިނގައި މިގަންނަނީ، ހުވަދުއަތޮޅުގައި. އެހެންވީމާ، މިރަށުގެ ރައްޔިތުންގެ ރުހުމާއި ތާއީދު އަޅުގަނޑު ވަރަށް ބޮޑަށް، ވަރަށް ބޮޑަށް ބޭނުން.

އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން ހިތްހަމަ ނުޖެހޭ ކިތަންމެ ކަމެއް ހުންނާނެކަން. އަދި ހަމަ އަޅުގަނޑު އެދެން، އަޅުގަނޑު ރުހޭހެން، ތިޔަބޭފުޅުން އަޅުގަނޑަށް މަލާމާތްވެސް ކުރަންވީ، ފުރައްސާރަވެސް ކުރަންވީ، ފާޑުވެސް ކިޔަންވީ. އެއީކީއެއް، އަޅުގަނޑުމެންނަށް އެއްވެސް ހާލެއްގައި، މައްސަލައެއްނޫން. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، ވަރަށް މުހިންމު މިނިވަންކަމެއް. މި ޑިމޮކްރެސީ ފަށައިގެން އަންނައިރުގައި، ޚާއްޞަކޮށް ފުރަތަމަކޮޅުގައި، ދަތްފަޅާއިރު ތަދުވާ އުސޫލުން، މިކަމުގައިވެސް ކޮންމެވެސް ވަރެއްގެ ވޭނެއް، އަޅުގަނޑުމެންނަށް އަޅާނެ. އަޅުގަނޑުމެން ޖެހޭނީ، އެ ހަޖަމުކުރަން. އަޅުގަނޑު މިހުރީ، އެ ހަޖަމު ކުރަން ތައްޔާރަށް. އަޅުގަނޑުދެކެ ތިޔަބޭފުޅުން އަދި ހިތްހަމަ ނުޖެހުނަސް، އަޅުގަނޑުވާނީ ހަމަ ލޯބި. އަޅުގަނޑެއް ރުޅިއެއް ނާންނާނެ. އަޅުގަނޑަށް އެބަ ވިސްނޭ، ތިޔަބޭފުޅުން، ރުޅިއަންނަންވީ ސަބަބުވެސް. ރުޅި ނާންނާންވީ އެއްވެސް ސަބަބެއް ނެތް. އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ އަޅުގަނޑު ޔަޤީންކޮށްއަރުވަން ބޭނުން. ރެއާ ދުވާލު އަޅުގަނޑު މަސައްކަތް ކުރަމުންދާނީ، ތިޔަބޭފުޅުންގެ މަސައްކަތް ފުރިހަމަވޭތޯ. މި ސަރުކާރު ދެމިއޮތުމުގެ އޮތީ ހަމަ އެންމެ ބޭނުމެއް. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ފުއްދާފައިވާ ވަޢުދު، އެ ވަޢުދު އަދާކުރުމަށް. ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށް. އެނޫން ބޭނުމެއް، މި ސަރުކާރު އޮތުމުގައެއްނެތް.

މި ސަރުކާރުގައި އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދުވެސް ބިންވަޅު ނަގާފައި ހުންނާނެ ދެވަނަ ނުކުތާއަކީ، މި ދައުލަތަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީވެސް، ޙަޤީޤަތުގައި، ތިޔަބޭފުޅުންގެ ފައިސާއޭ. އެއީ، ތިޔަބޭފުޅުން، ރައްޔިތުން އަޅުގަނޑުމެންގެ އަތަށް އަމާނާތެއްގެ ގޮތުގައި ހަވާލުކޮށްފައިވާ އެއްޗެއް. އެއަކަށް، އަޅުގަނޑުމެންނަކަށް ޚިޔާނާތްތެރިއެއް ނުވެވޭނެ. ސަރުކާރުން، ހަމަހަމަ ގޮތުގައި ހުރިހާ ރައްޔިތުންނަށް އެފައިސާ ރިވެތި ގޮތުގައި ޚަރަދުކުރަން ޖެހޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން. މި ސަރުކާރުގެ ވަޒީރަކަށް ވިޔަސް، އަމީރަކަށް ވިޔަސް، ކޮންމެ ބޭފުޅަކަށް ވިޔަސް، ކޮރަޕްޝަންގެ އެއްވެސް ކަމެއް ނުފޮރުވޭނެ، ޙައްޤު އަދަބު ދެވޭނެ. އަޅުގަނޑެއްވެސް ވެރިކަމެއްގައެއް، ތިޔަބޭފުޅުންގެ ފައިސާއަކަށް، އަޅުގަނޑުގެ ވަޒީރުންނަކަށްވިޔަސް އަދި އެހެން ބަޔަކަށްވިޔަސް، އެ ފައިސާއަށް އަރައިގަނެވި، ޚިޔާނާތްތެރިވެވޭނެ އެއްވެސް އުސޫލެއް، އެއްވެސް ގޮތެއް ނުބާއްވާނަން. އެކަން އެހެން ހިނގާކަމަށް ވަނީވިއްޔާ، ޝަރީޢަތުގެ ނިޒާމުން، ކޮރަޕްޝަން ކޮމިޝަން މެދުވެރިވެގެން، ތިޔަބޭފުޅުން ބޭނުންވެލައްވާ މިންވަރަށް އެކަންކަން ބަލާ ޙައްޤު އަދަބު ދެވޭނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް މާދަމާ އެއީ، މިއަދަށްވުރެ އަދި އުފާވެރި ދުވަހަކަށްވުން. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް އަދި ލަސްތަކެއްނުވެ، ހޯނޑެއްދުއަށް އަނެއްކާވެސް އާދެވޭނެ. އަޅުގަނޑުގެ އެންމެބޮޑު އަމާޒަކީ، މަދުވެގެން އަހަރަކު ތިންފަހަރު، ހުރިހާ ރަށަކަށްވެސް ދެވޭތޯ ބެލުން. ހަފްތާއަކު ދެދުވަހު ދަތުރުގައި އުޅެންޏާ އަޅުގަނޑު ހިސާބުޖަހާ ގޮތުގައި އެކަން ކުރެވިދާނެ. އެހެންވީމާ އެއީ، އަޅުގަނޑުމެންގެ އެއް އަމާޒެއް. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ، ތިޔަބޭފުޅުންނާ އަނެއްކާވެސް އަޅުގަނޑު މެންނާ ބައްދަލުވާނެ. ބައްދަލުވާއިރުގައި، އެންމެ ކުޑަމިނުން، އިންޖީނުގޭގެ ކަންތައް އަދި ރާޅުއަރާ މައްސަލަ، މި ދެތިން މައްސަލައެއް ޙައްލުކޮށްދެވޭތޯ އަޅުގަނޑު ވަރަށްބޮޑަށް މަސައްކަތް ކުރާނަން. ނަރުދަމާގެ މަސައްކަތް ފެށޭތޯ، ގެދޮރުގެ މަސައްކަތް ފެށޭތޯ އަދި ދަތުރުފަތުރުގެ ކަންތައް ފެށޭތޯ، ހެލްތް ސެންޓަރ ފުރިހަމަކޮށްދެވޭތޯ، މަދަރުސާ، އެއްދަންފަޅިއަށް ހެދުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް. މަދަރުސާ، އެއްދަންފަޅިއަށް ހެދުމަށް މިހާރުވެސް ކްލާސްރޫމް މަދުކަމަށްވަނީވިއްޔާ، އެޑިޔުކޭޝަން މިނިސްޓްރީގައި އެވާހަކަ ބުނީމާ އެ ކްލާސްރޫމްތައް އުފެއްދޭގޮތް ހުންނާނީ، ތަނަވަސް ވެފައި.

އަދި އަޅުގަނޑު ދަންނަވާލަން ބޭނުން، ނިންމާލުމުގެ ކުރީގައި. ސަރުކާރުގެ އަމާޒެއް އެއީ، މި އަހަރުދުވަހުގެ ތެރޭގައި، ފަސްހާސް ކުދިންނަށް ކޮންމެވެސް ކަހަލަ ތަމްރީނެއް ދީފައި، އެކުދިން ވަޒީފާއަކަށް ފޮނުވުން. އެގޮތުން، ޔޫތް މިނިސްޓްރީން މިހާރު އޮންނާނެ މިރަށަށްވެސް ފޮނުވާފައި، އިޢުލާނެއް. އެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ޖަމްޢިއްޔާތައް ފާހަގަކުރުމަށް ހޯދުމަށް. އަޅުގަނޑު ވަރަށްބޮޑަށް އެދެން، މިތަނުގައި އެއީ، "ޓިވެޓް" ކިޔާ ޕްރޮގްރާމެއް، މަރިޔަމް ނޫރައްދީން ހިންގަވާނީ. އެ ޕްރޮގްރާމުގެ ދަށުން މިތަނުގައިވެސް، ކޮންމެވެސް އަދަދެއްގެ ކުދިންނަށް، މަދުވެގެން، ފަންސާހަކަށް ކުދިންނަށް ތަމްރީނުދެވި، އެއީ، ވަޑާންކުރަން ކަމުގައި ވިޔަސް، ވެލްޑް ކުރަން ކަމުގައި ވިޔަސް، ޑައިވް ކުރަން ކަމުގައި ވިޔަސް، ރާޅާ އަޅަން ވިޔަސް، ކޭކު އަޅަން ވިޔަސް، މިއިން ކޮންމެ ބާވަތެއްގެ ކަމެއް ކުރަން ކަމުގައި ވިޔަސް، މި ޓިވެޓް ޕްރޮގްރާމުގެ ތެރޭގައި ވަރަށްގިނަ މަސައްކަތްތައް ދަސްކޮށްދެވޭ ޕްރޮގްރާމްތަކެއް ހިމެނޭނެ. އެ ދަސްކުރުމަށްފަހު، ކޮންމެވެސް ވަޒީފާއަކަށް ދެވޭނެ ފުރުސަތު ފަހިކޮށްދިނުން، ސަރުކާރުގެ ބޭނުމަކީ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން. މިރަށުގައިވެސް، އެ މަޝްރޫޢު ބާރަށް ހިންގަން ފެށުން.

والحمد للّـه. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ، އަނެއްކާވެސް ތިޔަބޭފުޅުންނާ ބައްދަލުވާނެ. ޝުކުރިއްޔާ.