بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ވަރަށްބޮޑަށް މަޢާފު ކުރައްވާތީ. މާފަރަށް އައުން މިއޮތީ މާބޮޑުތަން ލަސްވެފައި. އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަކު ދަންނަވާކަށް ނުޖެހޭނެ، މިރާއްޖޭގައި ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް އުފެއްދުމުގައި މާފަރު ރައްޔިތުންގެ ދައުރަކީ، ވަރަށް ފުޅާ ދައުރެއް. އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާންވޭ، އަޅުގަނޑުމެންގެ ތެރޭގައި އެންމެ ފުރަތަމަ ގޮފިތައް ހަދަން ފެށުމުން، ގޮތްޕެއް ހެދުމަށް ޢަދްނާނާއި ޒަކަރިއްޔާ، އަޅުގަނޑުމެން އޭރުގައި ސޯސަންމަގުގައި ހިނގަމުންދިޔަ ޕާޓީގެ އޮފީހަށް ދުރުވެ، މިރަށުގެ ރައްޔިތުންގެ ފަރާތުން އެ ނިޒާމު އެބޭފުޅުން ގަބޫލުފުޅު ކުރައްވާ ކަމާއި، މިރަށުގެ ރައްޔިތުން އެމަގަށް އެނބުރެން ބޭނުންވާ ކަމަށް އަޅުގަނޑުމެންނަށް އެނގުނު.

އެއާވިދިގެން ދާދިއަވަހަށް އަޅުގަނޑު މިރަށަށް އައިމު. އަޅުގަނޑަށް އެނގުނު މިރަށު ރައްޔިތުން މިތިބީ ވަރަށްބޮޑު ބަދަލަކަށް އެދިއެދިކަން. މިރަށު ރައްޔިތުންގެ ހާލު އޭރުގައި އޮތީ، ވަރަށް ދަށުދަރަޖައެއްގައި. ރައްޔިތުން ބޭނުންވެފައިތިބީ، އެތިބި ގޮތްނޫން އެހެން ގޮތަކަށް ބަދަލުވުމަށް. ވެރިކަން މިއޮތީ ބަދަލުވެފައި، މާފަރު ރައްޔިތުންގެ ވަރަށްބޮޑު ޙިއްޞާއާ އެކީގައި. ސަރުކާރު ހިންގުމުގައި އަޅުގަނޑުމެން މިހާރު މިތިބީ. އަޅުގަނޑުމެންނާއެކީގައި މިކަން ކުރުމުގައި ތިއްބެވީ ތިޔަބޭފުޅުން.

އަޅުގަނޑަށް ހަމަ ވަރަށް އުފަލާއެކީގައި މިއަދު ދަންނަވާލެވިދާނެ، މާފަރުގެ ބަނދަރާއި، މާފަރުގެ ނަރުދަމާއާއި، މާފަރުގެ ދަތުރުފަތުރުކުރުމުގެ ކަންތަކާ އަދި މާފަރުގައި ފަންސާސް ފްލެޓް އެޅުމުގެ މަސައްކަތާ، މާފަރު އެއަރޕޯޓްގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފަށައިގެން ގެންގޮސް މިއަހަރު ތެރޭގައި ނިންމޭނެ. އަޅުގަނޑު މާފަރަށް އައުން ކުޑަތަންފުކެއް ލަސްވީ. މިދެންނެވި ކަންކަން ނިންމެން އޮތް ވަރަކާ، މިކަމާ ގުޅޭގޮތުން ސަރުކާރުން ހޯދަންޖެހޭ ބައެއް މަޢްލޫމާތު ހޯދުމަށްޓަކައި އަޅުގަނޑު މަޑުކޮށްލީ. އެގޮތުން އެއަރޕޯޓްހަދާ ކުންފުންޏާ އަޅުގަނޑު ވާހަކަ ދެއްކިން. އަޅުގަނޑު އުންމީދު ކޮށްގެން ހުރީ، އެބޭފުޅުން ޢަމަލީގޮތުން އެމަސައްކަތް މިއަދު ފަށްޓަވާނެ ކަމަށް. ދެން އަޅުގަނޑަށް ލަފާކުރެވެނީ، މިހާރު ޢަމަލީ މަސައްކަތް އެބޭފުޅުން ފަށްޓަވައިގެން ކުރިއަށްގެންދަވާކަމަށް.

ހަމަ އެމަސައްކަތާ އެކުއެކީގައި ބައެއް ކުދިކުދި ބަދަލު، އެބޭފުޅުން ބޭނުންފުޅުވާ ބަދަލު އެބޭފުޅުންނަށް ގެނެސްދިނުމަށް އަޅުގަނޑުމެން ސަރުކާރުން ވިސްނާނެ. އަދި އެބޭފުޅުންނާ ވާހަކަ ދައްކާނެ. އެއީ، މިސާލަކަށް، އިތުރަށް ބޭނުންވާ ހުރައެއް ނުވަތަ އިތުރަށް ބޭނުންވާ ޖާގައެއް ނުވަތަ އިތުރަށް ބޭނުންވާ އެހެން ކަމެއް އެބޭފުޅުންގެ އޮތިއްޔާ އެބޭފުޅުން ފާހަގަކުރެއްވީމާ އަޅުގަނޑުމެން އެބޭފުޅުންނާ ވާހަކަ ދައްކާނަން. އަޅުގަނޑުމެންގެ ބޭނުމަކީ، ނަރުދަމާއާއި ފެނާއި މަގާއި ކަރަންޓާ އަދިވެސް އެހެނިހެން އަސާސީ ޚިދްމަތްތައް ސާފުކޮށް ހުއްޓުމެއްނެތް ގޮތުގައި މިރަށަށް ދެމުން ގެންދިއުން. އަޅުގަނޑުމެންނަށް އެނގޭ. މިރަށުގައި ފެން ޕްލާންޓް މިހާރު ހުރީ ބެހެއްޓިފައި، މިރަށަށް ހުރީ ގެނެވިފައި. އެހެންނަމަވެސް، އެ ޕްލާންޓްގެ ގޭގެ މަސައްކަތް ކުޑަތަންކޮޅެއް މަޑުޖެހިލާފައި މިވަނީ. އިރާދަކުރެއްވިއްޔާ އެމަސައްކަތް ކުރާ ފަރާތާ އެވާހަކަތައް ދައްކައިގެން އެބޭފުޅުންގެ ދަތިކަމަކީ ކޮބައިތޯ އޮޅުންފިލުވައިގެން އެމަސައްކަތްވެސް މިފަހަރު ބާރަށް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދައިދޭނަން.

އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ތިޔަބޭފުޅުންގެ އިންޖީނު ތަންކޮޅެއް ބޮޑީ. އެހެން ރަށްރަށުގައި ކުޑަވެގެން ޝަކުވާ ކުރަނީ، އަނެއްބައި ރަށްރަށުގައި ބޮޑުވެގެން. އެހެންވީމާ، ބޮޑުވީމާ ތެޔޮ ޚަރަދު ބޮޑުވެގެންދަނީ ތިޔަބޭފުޅުން ބޭނުންކުރައްވާ ވަރަށްވުރެ ބޮޑުކޮށް. މިހާރު އެނގިވަޑައިގަންނަވާނެ، އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ސަރުކާރުން މިވަނީ ކުންފުނިތަކެއް އުފައްދާފައި. ސަރުކާރުގެ އަމާޒަކީ، މަޤްޞަދަކީ، ވިސްނުމަކީ އިންޖީނުގެތައް ހިންގުން އެކުންފުނިތަކަށް ބަދަލުކުރުން. އެހެންވީމާ، އެކަންކަމާ ގުޅޭގޮތުން ރަށްކުރިއަރުވާ ކޮމިޓީއާ މިރަށު ރައްޔިތުންނާ ވާހަކަދައްކައިގެން ކުންފުންޏަށް އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން. އަދި އެއިންޖީނުތައް އެކަށީގެންވާ އަގެއްގައި އަބަދުވެސް ރައްޔިތުންނަށް ކަރަންޓު ދެވިދެވި ނުހުއްޓި ދެވިދެވި ހުންނާނެ އިންތިޒާމެއްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޤާއިމުކޮށްދޭނަން.

އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދައި ދިނުމާއި އަދި ތިޔަބޭފުޅުންގެ މަސައްކަތް އަޅުގަނޑުމެން ކޮށްދިނުމަށް. މި ސަރުކާރު ހިނގާނީ ތިޔަބޭފުޅުން އެދޭ ގޮތަށް އެކަނި. އެނޫން ގޮތަކަށެއް މި ސަރުކާރެއް އިރާދަކުރެއްވިއްޔަކާ ނުހިނގާނެ. ތިޔަބޭފުޅުންގެ ފައިސާއިން އަޅުގަނޑުމެން މި ސަރުކާރު ހިންގާނީ. ތިޔަބޭފުޅުންގެ ފައިސާއިން އަޅުގަނޑުމެންގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެނީ. އަދި އެހެން ކަންކަންވެސް ކުރަނީ ރައްޔިތުންގެ އަތުން ޓެކްސްގެ ގޮތުގައި ނެގޭ ފައިސާއާއި ޓުއަރިޒަމް ޓެކްސްގެ ގޮތުގައި ނެގޭ ފައިސާއިން. އެހެންވީމާ، އަޅުގަނޑުމެންނެއް އެއްވެސް ހާލެއްގައި މިކަން އަޅުގަނޑުމެންގެ ހަނދާނުން ކައްސާލިޔަކަ ނުދޭނަން. އަޅުގަނޑުމެން ނުހުއްޓި މަސައްކަތް ކުރަމުންގެންދާނީ ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ރަށުގައި ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި.

އަޅުގަނޑަށް ހަމަ ވަރަށްބޮޑަށް އެނގޭ މިރަށުގެ ވަރަށްގިނަ ކަންތައްތަކުގެ ވާހަކަ. މީހަކު ލިސްޓެއްގައި ދޭކަށްނުވެސް ޖެހޭ. އަޅުގަނޑު އަމިއްލައަށް ދަންނަން. އަޅުގަނޑަށް އެނގޭ މިތަނުގެ ފާލަމާއި ބަނދަރާއި މިކަންކަމުގެ ވާހަކަތަކާ މަސައްކަތް ކިހާ ދުވަހަކުން ކުރިއަށްގެންދެވިފައި އޮތްކަންވެސް. އަދި، ނަރުދަމާގެ ބޭނުންތެރިކަމާ މިހުރިހާ މައްސަލަތަކަކީ، އަޅުގަނޑަށް މިއަދަކު ކުއްލިއަކަށް އެނގޭ މައްސަލަތަކެއް ނޫން. އަޅުގަނޑުމެންގެ ސަރުކާރުގެ މުޅި ސިޔާސަތު ބިނާވެފައި އޮންނާނީ، ތިޔަބޭފުޅުންގެ މައްސަލަތަކަކީ ކޮބައިތޯ ބަލައި، އެމައްސަލަތަކަށް ޖަވާބު ދިނުމުގެ ގޮތުގައި. ދެން ހަމަ އަޅުގަނޑުމެންނަށް ހަމަ ރަށުގެ ރައްޔިތުން ދެއްވާ ލިސްޓުތައް މިހާރުވެސް ވަރަށް މުހިންމު. އެ ލިސްޓު ލިބުނީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަމުންދާއިރު މުހިންމުކަން ދެވެންހުރި ކަންކަމަކީ ކޮބައިތޯ އަދި ދޭންޖެހެނީ ކޮންކޮން ކަންތައްތަކަކަށްތޯ އޮޅުންފިލުވާފައި އަޅުގަނޑުމެންނަށް މަސައްކަތްތައް ކުރިއަށްގެންދެވޭނެ.

އަޅުގަނޑުމެންގެ ސަރުކާރު ނުވަތަ ތިޔަބޭފުޅުންގެ ސަރުކާރު ހިނގަމުން އަންނަތާ މިހާރު ތިންމަހެއްހާ ދުވަސްވެއްޖެ. މިއަދު މާތްރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑުމެން މިތިބީ ކައްސައިގެން ނުދާ މިންވަރަށް ސަރުކާރުގައި ހިފެހެއްޓިފައި. ދެނެއް އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް 5 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ އަތުން ދޫދީގެނެއް މި ސަރުކާރެއް، ވެރިކަމެއް ނުދާނެ. އެއަށްވުރެ އަޅުގަނޑަށް ޔަޤީން މާފަރު ރައްޔިތުންނަކީ މާ ސާފުކޮށް އެނގިވަޑައިގަންނަވާނެ އެބާވަތު ކަމެއް ކުރަންވެސް އަޅުގަނޑުމެންނާ ދޭތެރޭގައި އުޅުން ބުއްދިވެރި ނޫންކަން. އަޅުގަނޑުމެންނަކީ އަބަދުވެސް ހަކުރި ކުރިއަށް ވިސްނައިގެން މިކަމުގައި އުޅޭބައެއް. އެހެންވީމާ، އަޅުގަނޑުމެންނެއް އަރާނެ ގެ ހުހެއްނުވާނެ. އަޅުގަނޑުމެން ސައެއް ނުވާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ސާފު ގޮތުގައި މިކަން ކުރެވޭނެ. އަޅުގަނޑުމެން ހަމަ ޚިޔާނާތްތެރި ނުވެ ނާޖާއިޒު ފައިދާ ނުނަގާ މީހުންނަށް އަނިޔާނުކޮށް މީހުންނަށް ގެއްލުންނުދީ ރައްޔިތުންނަށް އަޅާލައިގެން ސަރުކާރެއް ހިނގަމުންދަންޏާ ދެން އެކަމަށް ބަޔަކު މީހުން އަޅާނެ ހުރަހެއްވެސް ޙަޤީޤަތުގައި ނޯންނާނެ.

އަޅުގަނޑަށް އެބައަޑުއިވޭ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މިސާލަކަށް ވިދާޅުވާ ވާހަކަ. ރައްޔިތުންނަށް ޚިދްމަތް ދިނުމަކީ، ޤާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށް. އެއީ، ލާމަރުކަޒީ އުޞޫލުން ހިންގުމޭ އަޅުގަނޑުމެން މިދައްކާ ވާހަކައަކީ. ކޮންމެ މިނިސްޓްރީއަކުންވެސް ކުރާ މަސައްކަތް ރާއްޖޭގެ 7 ސަރަޙައްދެއްގައި މޭޒެއް ބަހައްޓައިގެން ކުރަންޖެހޭނެއޭޭ. މިހާރު އެއީ ޤާނޫނުއަސާސީއާ ޚިލާފު ކަމަކަށް ވާންވީ އެއްވެސް ގޮތެއް ނެތް. ރައްޔިތުންނަށް ރައްޔިތުންނާ ކައިރިން ޚިދްމަތް ދެވޭނެ ގޮތެއް ހޯދުން އެއީ ޤާނޫނުއަސާސީއާ ޚިލާފް ކަމެއް ނޫން. އަދި އަތޮޅުތައް ހިންގުންވެސް ނުވަތަ ކުރީގެ އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ހިންގާ މަސައްކަތްތައްވެސް އަތޮޅުތަކުގައި ހިންގަން ފެށުން އެއީ ރައްޔިތުންނާ ކައިރިން ރައްޔިތުންނަށް ފަސޭހަވާ ގޮތަކަށް އެކަން ކުރުން އެއީކީއެއް ޤާނޫނުއަސާސީއާ ޚިލާފް ކަމެއް ނޫން. ޤާނޫނުއަސާސީއާ ޚިލާފް ކަމެއް އަޅުގަނޑުމެންނެއް ނުކުރާނަން. ހަމައެހެންމެ، ރައްޔިތުންނަށް ޚިދްމަތް ދިނުންވެސް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. އަދި ކޮންމެ ވާހަކައެއް ކޮންމެ ބަޔަކު ދައްކަމުން ދިޔަކަމުގައިވިޔަސް އަޅުގަނޑުމެން މި ދޭން ބޭނުންވާ ޚިދްމަތް އަޅުގަނޑުމެން މިދޭން ބޭނުންވާ ގޮތަށް ދިނުމުގެ އިންތިޒާމުތައް އަޅުގަނޑުމެން މިހާރު ހަމަޖައްސަމުން މިދަނީ. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން.

އަޅުގަނޑު އަޑުއެހީމޭ 65 އަަހަރުންމަތީގެ ބޭފުޅުންނަށް ރައްޔިތުންނަށް ޕެންޝަން ދިނުމަކީވެސް، ޤާނޫނުއަސާސީއާ ޚީލާފް ކަމެކޭ ވިދާޅުވަމުން އަންނަ އަޑު. ރައްޔިތުންގެ މަޖިލީހުން ހަމަ އަޑުއިވެމުން މިއަންނަނީ. މިއިން އެއްވެސް ކަމެއް ކުރުން އެއީ، ޤާނޫނުއަސާސީއާ ޚިލާފްކަމެއް ކަމަށްވަނީ. މިކަން ކުރަން މިޖެހޭ ގޮތަކީ ދައުލަތުގެ ހުރިހާ ފައިސާއެއް އަޅުގަނޑު އަތުގައި ބަހައްޓައިގެން އަޅުގަނޑު ބޭނުންވީމާ، އަޅުގަނޑު ބޭނުން މީހަކަށް އަޅުގަނޑު ބޭނުން ގޮތަކަށް އަޅުގަނޑު ޅިޔަން ފަހަރިން ލައްވާ ދިނުން. އަޅުގަނޑަށް ބައެއް ބޭފުޅުން ވާހަކަދައްކަވާ ގޮތުގައި އެއީ މިޤާނޫނުއަސާސީގައި މިކަން އޮންނަންވީ ގޮތަކީ.

އެއާޚިލާފަށް އަޅުގަނޑު އެކަމާ ނުބެހި މިމުއައްސަސާތަކުން މިކަން ކުރަމުންގެންދާތީވެ މިކަން ރައްޔިތުންނަށް ވިސްނުނީމާ މިއީއޭ ވެރިކަން ހިންގަންވީ ގޮތަކީ. އެކަން އެނގުނީމާ އެބޭފުޅުންގެ ވެރިކަމާ ދޭތެރޭގައި އަދި ކުރާ ނަފްރަތު ބޮޑުވެ އަދި އެބޭފުޅުންނަށް ކުރިއަށްއޮތް ތަނުގައިވެސް ތާއީދެއް ނުލިބޭނެކަން އެނގެން ފެށީމާ ދެން މިވިދާޅުވަނީ ސަރުކާރެއް ހިންގުން އެއީ ޤާނޫނުއަސާސީއާ ޚިލާފު ކަމެކޭ. ބޮޑުބަނޑޭރިގޭގެ ތަޅުދަނޑި ތިމަންނާގެ ބާލީސް ބިއްދޮށުގައި ބާއްވައިގެން ދެން ތިމަންނާ ބޭނުންހާ މީހަކަށް ބޭނުން އިރެއްގައި ފައިސާ ބަހަމުން ދިޔައިމާ، އެއީ ރައީސް އޮފީހުން ތީމުގެއިން ދެކޮޅު ޓިކެޓާ ދުއިސައްތަ ޑޮލަރާ ނުވަތަ އެނޫންވެސް އެހެން އެއްޗެހިތަކާ މިބާވަތު ސާމާނު މިބާވަތުގެ ކަންކަން ސީދާ ރައީސުލްޖުމްހޫރިއްޔާގެ ދީލަތިކަމުން އޯގާތެރިކަމުން ސީދާ ރައީސުލްޖުމްހޫރިއްޔާ ކޮށްދޭ ކަންކަމުގެ ގޮތުގައި ކުރަމުންގެންދިޔުމޭ ރަނގަޅުގޮތަކީ.

އަޅުގަނޑުމެންނަކަށް ނުފެނޭ އެއީ އިންސާފުވެރި ގޮތެއް ކަމަކަށް. ހުރިހާ އެންމެންނަށްވެސް ޙައްޤު އެއްޗެއް ހުރިހާ އެންމެންނަށްވެސް ހަމަހަމައަށް ލިބެންޖެހޭނެ. ހަމައެކަނި އަޅުގަނޑުގެ ޅިޔަންފަހަރިންނަށް ދައުލަތުގެ ޚަޒާނާ އޮއްސާލީމަކާއެއް އަޅުގަނޑެއް ނުދެކެން އެއީ، ޤާނޫނުއަސާސީއާ ސީދާ އެއްގޮތަށް އެކަން ކުރެވޭ ގޮތެއް ކަމަކަށް. އަޅުގަނޑުމެން މިކަން ގެންދާނީ އިރާދަކުރެއްވިއްޔާ ރަނގަޅަށް. ތިޔަބޭފުޅުން ބައްލަވަން ތިއްބަވާ. ކަނުލާ ރަނގަޅަށް އަޑުއައްސަވާ. ކުރާ ކަންކަން ސީދާ ސާފުކޮށް އެނގިވަޑައިގަންނަވާނެ. މާފަރު ރައްޔިތުންނަކީ ތަނެއްދޮރެއް ނުފިލާ ތިބި ބައެއްނޫން. ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، މީހަކު ދައްކާ ވާހަކައެއް ގަބޫލުކުރައްވާކަށް ނުޖެހޭނެ. އަޅުގަނޑެއް ހަމަގައިމުވެސް ވައްކަމެއް ނުކުރާނަން. ޚިޔާނާތްތެރިއެއް ނުވާނަން. އިރާދަކުރެއްވިއްޔާއެއް އަނިޔާވެރިއެއް ނުވާނަން. ތިޔަބޭފުޅުންނަށް އިޚްލާޞްތެރިކަމާ އެކީގައި މަސައްކަތް ކޮށްދިނުމުގައި އަޅުގަނޑު މިފަސްއަހަރު ދެމިހުންނާނަން. އަދި ދާދިއަވަހަށް ތިޔަބޭފުޅުންނާ އަޅުގަނޑުމެންނަށް އިތުރަށް ބައްދަލުވާނެ ކަމުގެ އުންމީދުގައި މިއަދު ވަކިވެލަން.

ވަރަށްބޮޑަށް ޝުކުރިއްޔާ! الحمد للّـه.