بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ވެލިދޫގެ އެންމެހާ ރައްޔިތުންނަށް ނިހާޔަތަށް ޝުކުރުވެރިވަން. މެންދުރުގެ މި ހޫނުގައި ތިޔަބޭފުޅުން އަޅުގަނޑުމެންގެ އިންތިޒާރުގައި ތިއްބެވީތީ. އަޅުގަނޑަށް ޔަޤީން، މި ރާއްޖޭގައި މިހިނގާދިޔަ ހަތަރު އަހަރު، ކަންކަން ހިނގަމުންދިޔަގޮތް ވެލިދޫ ރައްޔިތުންނަށް ވަރަށް ސާފުކޮށް ފިލާފާނެ. މިރާއްޖެއަށް ބަދަލަކަށް އެދި ތިޔަ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު އަޑު އުފުލި. ވަކާލާތު ކުރި. މިރާއްޖެއަށް މި އައި ބަދަލުގައި ތިޔަ ރައްޔިތުންގެ، ވެލިދޫ ރައްޔިތުންގެ ޙިއްޞާއަކީ ކުޑަ ޙިއްޞާއެއް ނޫން. ވީމާ، އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ހުރިހާ ރައްޔިތުން، މިރަށުގެ މި ސާބިތުކަންމަތީގައި ތިއްބެވި ބޭފުޅުންނަށް ނިހާޔަތަށް ޝުކުރުވެރިވާނެއޭ. ހަމަގައިމުވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ޝުކުރުވެރިވަން.

އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް. އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ ތިޔަބޭފުޅުންނަށް ޚިދްމަތް ކޮށްދިނުމަށްޓަކައި. އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ ޙަޤީޤަތަކީ، އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދުމެ ބިންވަޅު ނަގައި ބާއްވަންޖެހޭ ޙަޤީޤަތަކީ، މި ދައުލަތުގެ މި ސަރުކާރުގެ ކޮންމެ ފައިސާ ފޮއްޗަކީވެސް ތިޔަބޭފުޅުންގެ ފައިސާކަން. މި ދައުލަތުގެ މި ރާއްޖޭގެ މުއްސަނދިކަމަކީ، ދިވެހި ރައްޔިތުންގެ މުއްސަނދިކަމޭ. ސަރުކާރަކުން ކުރަންވީ ކަމަކީ، އެ މުއްސަނދިކަން ދިވެހި ރައްޔިތުންނަށް ރައްދުކޮށްދެވޭނެ އެންމެ ފުރިހަމަ އިންތިޒާމެއް، ނިޒާމެއް ހޯދައި، އެ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރަމުން ގެންދިޔުން.

އިންސާނީ ޙަޤީޤަތް ދައްކާފައި ހުރި ފިލާވަޅުތަކެއް އެބަހުރި. ޙަޤީޤަތްތަކެއް އެބަވޭ. އެންމެ ހެޔޮގޮތުގައި ވެރިކަމެއް ކުރުމަށް އޮތް އެންމެ ރަނގަޅު ނިޒާމަކީ، ގިނަ ޕާޓީ އެކުލެވޭ ނިޒާމު. އަޅުގަނޑުމެން ވެރިކަމާ ޙަވާލުވެ މިތިބީ މި ދެންނެވި ނިޒާމުގެ ތެރެއިން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވެރިކަން ކުރަމުން ގެންދާނީވެސް ޑިމޮކްރަސީގެ މަތިވެރި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އަޅުގަނޑެއް ނޫން މުހިންމީކީއެއް. މުހިންމީ ތިޔަބޭފުޅުންގެ ވިސްނުން. މުހިންމީ އަޅުގަނޑުމެން ތަންފީޒު ކުރުމަށް މިއުޅޭ ސިޔާސަތު. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް.

އަޅުގަނޑުމެންގެ ސިޔާސަތު އެކުލަވާލިއިރު، އަޅުގަނޑުމެންގެ ޕާޓީގެ މެނިފެސްޓޯއާއިގެން ނުކުތްއިރު، މި ވެލިދޫ ރައްޔިތުންނާ އަޅުގަނޑުމެން މަޝްވަރާކޮށް ހެދީމު. ރައްޔިތުންގެ ބޭނުންތަކަކީ ކޮބައިތޯ އަޅުގަނޑުމެން އޮޅުންފިލުވީމު. އެހެންވީމާ، މި ސަރުކާރުގެ ސިޔާސަތު ބިނާވެފައި އޮންނާނީ، ރައްޔިތުންގެ ބޭނުންތަކުގެ މައްޗަށް. އަޅުގަނޑުމެން ސިޔާސަތުތައް ތަންފީޒު ކުރަމުންދާއިރުގައި އަދި އިތުރަށް ރައްޔިތުންނާ މަޝްވަރާ ކުރަމުން ގެންދާނަން. އެ މަޝްވަރާތަކުގެ އަލީގައި، މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންގެ ސީދާ މަޝްރޫޢުތައް ހިނގަމުން އަންނާނީ.

އަޅުގަނޑަށް މިއަދު އުފަލާ އެކީގައި ދަންނަވާލެވެން އެބައޮތް، ވެލިދުއަށް އަމާޒުކޮށް ސަރުކާރުން ހިންގަން ހުރި މަޝްރޫޢުތަކަކީ، ކަންކަމަކީ ކޮބައިކަން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ވެލިދޫގައި 100 ފްލެޓް އެޅުމުގެ މަސައްކަތް ހިނގާނެ. އަޅުގަނޑުމެންގެ ޕާޓީގެ ސިޔާސަތެއް އެއީ، ބޯހިޔާވަހިކަން އަތްފޯރާފަށުގައި ހޯދައިދިނުން. ގިނަ ދުވަހުން، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ރައްޔިތުންނަށް ގެދޮރު ހޯދައިދިނުން. އެކަން ކުރުމަށްޓަކައި، އެ ވަޢުދު ފުއްދުމަށްޓަކައި މިރަށުގައި ހިންގާނެ ޙަރަކާތަކީ، މިދަންނަވާ ފަދައިން، 100 ފްލެޓް މިރަށުގައި އެޅުން.
އަޅުގަނޑަކަށް، ސަރުކާރަކަށް ލަފައެއް ނުކުރެވޭ، ސަރުކާރަކުން ނުދެކޭ މިރަށުގައި މިހާރު ދެން އިތުރަށް ގޯތި ދޭނެ ޖާގައެއް އޮތް ކަމަކަށް. އެއީ ތިޔަ އެންމެ ބޭފުޅުންވެސް ހަމަ ހިތުގެ އަޑިން ގަބޫލު ކުރައްވަންޖެހޭ ކަމެއް. މިއަދު އަޅުގަނޑުމެން މިރަށުގެ ހޭޅިފަށް ނަގައި އެތަނުން ދެން ގޯތި ދީފިނަމަ، އެއަށްވުރެ ބޮޑު ބޭއިންޞާފެއް އަންނަން އޮތް ޖީލުތަކަކަށް އަޅުގަނޑުމެންނަކަށެއް ނުވެވޭނެ. އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެންގެ ދަރިންގެ ދަރިންވެސް ހަމަ އުޅެން އޮތީ މި ތަންތަން. އަޅުގަނޑުމެން މުސްތަޤްބަލަށް ވިސްނަންޖެހޭނެ. އަޅުގަނޑުމެން މިއަދު ކުރާ ކަމެއްގެ ސަބަބުން، މާދަމާ އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ ދަރިންނަށް މާބޮޑު ތަކުލީފެއް މެދުވެރިވީމާ، އެއީ ޒިންމާދާރު ސިޔާސީ ވެރިންގެ ގޮތުގައި ކަންކަން ނިންމެނީކީއެއް ނޫން.

ސަރުކާރުން ގަސްދުކުރަނީ ބޯހިޔާވަހިކަމަށް އެދޭ ހުރިހާ އެންމެންނަށްވެސް އެކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް. އެގޮތުން އަޅުގަނޑުމެން މިގެންދަނީ މިތަނުގައި ފްލެޓް އަޅައި، ރައްޔިތުންނަށް ފްލެޓް ދޫކުރުމަށް ހަމަޖައްސަމުން. މި ވެލިދުއަކީ ޓައުނަކަށްވެގެންދާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. ވެލިދުއަކީ ބޮޑެތި ހަމަ އެހެން ޤައުމުތަކުގައިވެސް އެ ހުންނަފަދަ ކުދިކުދި ޓައުންތަކުގެ ތެރެއިން ޓައުނެއްގެ ގޮތުގައި އަޅުގަނޑުމެންގެ ވިސްނުން މިގެންގުޅެނީ. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި، މިތަނުގެ ނަރުދަމާއާއި ފެނާއި އަދި މަގުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އެކަންކަން ހިންގުން އަޅުގަނޑުމެންގެ ބޭނުމަކީ. މި ވެރިކަން ދެމިއޮންނަނީ، މި ވެރިކަމުގައި އަޅުގަނޑުމެން މިތިބީ، ހަމަ ތިޔަބޭފުޅުންގެ ނަޒަރުން ތިޔަބޭފުޅުން ދެކެވަޑައިގަންނަވާނަމަ، ވެލިދޫގެ ނަރުދަމާ ހެދުމަށް. ވެލިދޫގެ މަގުތައް އެޅުމަށް. އަޅުގަނޑުމެން ބޭނުންވަނީ، ވެލިދޫއަށް ތަރައްޤީއާއި ކުރިއެރުން. އަދި އޭގެ ސަބަބުން ވެލިދޫ ރައްޔިތުންނަށާއި މުޅި ރާއްޖެއަށް އެއިން ފައިދާ ކުރާނެ ގޮތަކަށް މިކަންކަން ރާވައިގެން ކުރިއަށް ގެންދިޔުން. ވެލިދޫގެ ތަރައްޤީއަކީ މުޅި ރާއްޖޭގެވެސް ތަރައްޤީ.

އެހެންވީމާ، އަޅުގަނޑުމެންގެ ވެލިދޫ މަޝްރޫޢުތައް ގިނަވާނެ. އަޅުގަނޑަށްވުރެ ބޮޑަށް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިރަށުގައި މިދިޔަ އަހަރުތަކުގެ ތެރޭގައި، އެންމެ ފާހަގަވެ، ހިނގަމުން އައި އެއް މަސައްކަތަކީ ބޯޓުފަހަރު، ސަފާރީ އޮޑިފަހަރު ބަނުން. ސަރުކާރުން ބަލާނެ، އެމައްޗަށް މިހާރު ކުރެވިފައި ހުރި މަސައްކަތް ފުޅާކޮށް، އެކަން ފުރިހަމައަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް. އޭގެތެރޭގައި، ސްލިޕްވޭއެއް ހެދުމާއި، ނުވަތަ ޑޮކެއް ހެދުމާއި، ރަނގަޅު ބޯޓުޔާޑެއްގެ ޚިދްމަތް ދެވޭނެގޮތް. މިހާރުވެސް އެމަސައްކަތްތައް ކުރަމުން ގެންދާ ފަރާތްތަކަށް ފަހިކޮށްދީ، އަދި އިތުރު ފަރާތްތަކަށްވެސް އެ ވިޔަފާރީގައި ބައިވެރިވެވޭނެ އުޞޫލުތައް އިރާދަކުރެއްވިއްޔާ ސަރުކާރުން ވެލިދުއަށް ފަހިކޮށްދޭނަން.

ސަރުކާރުގެ ބޭނުމަކީ، މިތަނުގައި ވަޒީފާތައް އުފެދުން. ސަރުކާރުގެ ބޭނުމަކީ ވެލިދޫގެ އުފެއްދުންތެރިކަން ކުރިއަށް ގެންދިޔުން. އެކަންކަން ކުރުމަށްޓަކައި ސަރުކާރުން މިހާރުވަނީ ވެލިދޫގައި ސްލިޕްވޭއެއް އެޅުމާއި، ބޯޓުޔާޑެއް ހެދުމުގެ ކުރެހުންތަކާބެހޭގޮތުން މޭޒުދޮށުގައި ތިބެގެން ކުރާ ކަންކަން ކުރަން ފަށާފައި. އިރާދަކުރެއްވިއްޔާ މި ސަރުކާރަކީ ލަހުން ހިނގާނެ ސަރުކާރެއް ނޫން. އެހެންޏާވިއްޔާ ދެތިން އަހަރުން ކުރާ ކަންތައް، އަޅުގަނޑުމެންގެ އަމާޒަކީ އެއްމަސް ދުވަހުން ކުރުން. އަޅުގަނޑަށް މިފެންނަނީ، އެއީ އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަމެއް ނޫންކަމަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުން،ހަމަގައިމުވެސް އަޅުގަނޑު ދުވާލެއްގެ މައްޗަށް 14 ގަޑިއިރު މަސައްކަތް ނުކުރާ އެންމެ ދުވަހެއްވެސް ނުދާކަން. އެހެންވީމާ، އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެންނަށް އެ މަޝްރޫޢުތައް ރީތިކޮށް، ރިވެތިކޮށް ކުރިއަށް ގެންދެވޭނެ ކަމަށް.

ވެލިދުއަކީ ވިޔަފާރި ކުރިއަރާ ރަށަކަށް ވެގެންދާއިރުގައި، އެކަމަށް ބޭނުންވާ ވަސީލަތްތައް މިރަށުގައި ގާއިމު ކުރެވެންޖެހޭނެ. ޚާއްޞަ ގޮތެއްގައި، ވެލިދޫގައި ބޭންކެއްގެ ޚިދްމަތް މިއަހަރުގެ ތެރޭގައި ފަށައިގަނެވޭނެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިންމަހެއްގެ ތެރޭގައި އަޅުގަނޑުމެން މިރަށަށް ބޭންކުގެ ޚިދްމަތް ތަޢާރުފުކޮށްދޭނަން.
އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ވެލިދޫ ޕްރޮގްރާމް ވަރަށްބޮޑު. މިއަދު އަޅުގަނޑު ނޯޓަކާނުލައި ހުރެ، މިތާ މިހެން ބުނަމުންދާއިރުގައި، އަޅުގަނޑު އަތުން ފަހަރެއްގައި ކަމެއް ކައްސާލާފައިވެސް އޮވެދާނެ.

އެހެންނަމަވެސް، އަޅުގަނޑުމެންގެ ވެލިދޫ ޕްރޮގްރާމުގެ މުޅި މައިގަނޑު އަމާޒަކީ، މިހާރު ވެލިދޫ ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް، ކުރިއަށް މިއޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ފަންސަވީސް ޕަސެންޓުން އިތުރުވޭތޯ ބެލުން. އަޅުގަނޑުމެން މަސައްކަތެއް ކުރާނީކީއެއް ނަމަކަށެއް ނޫން. އަޅުގަނޑުމެން ކޮންމެ ކަމެއްވެސް، ފަޅެއް ކޮނުނަސްވެސް، މަގެއް ހެދިޔަސްވެސް، ގަހެއް ކެނޑިޔަސްވެސް، މި ސަރުކާރުން ކުރާނީ، އެކަން ކޮށްގެން ދެންވާނީ ކިހިނެއްތޯ، އެއަށްފަހު ވާނީ ކިހިނެއްތޯ، އެހިސާބު ޖަހާފައި، އެކަމަކީ ސީދާ ތިޔަބޭފުޅުންނަށް ފައިދާ ހުރި ކަމަކަށްވާނަމަ، އެފަދަ ކަންކަން އަޅުގަނޑުމެން ކުރަމުން ގެންދާނީ. އިރާދަކުރެއްވިއްޔާ މި ސަރުކާރަކުން ކަމަކަށް ކަމެއް ނުކުރާނެ. އަޅުގަނޑުމެން ކުރާނީ، ދިގު މުއްދަތުގައިވެސް ރައްޔިތުންނަށް ފައިދާހުރި ކަންކަން.

އަޅުގަނޑު ވެލިދޫގައި ހުރެ އިތުރު ވާހަކައެއް ދަންނަވާލަން ބޭނުން. ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި، ޚާއްޞަކޮށް ޒުވާނުންވެސް އަދި މެދު ޢުމުރުގެ ބޭފުޅުންވެސް އަދި ދުވަސްވީ ރައްޔިތުންވެސް އެބަ ބޭނުންވޭ ޗުއްޓީ. އެބަ ބޭނުންވޭ ހުކުރު ދުވަހު މޫދަށް އެރެން. އެބަ ބޭނުންވޭ ދަތުރުދާން. ސަރުކާރުން ނިންމާފައި މިއޮތީ، މިހާރު މިއަތޮޅަށް މިއޮންނަ ދިގުރަށް، އެއީ މިރަށުގެ ރައްޔިތުންނާއި އަދި މިއަތޮޅުގެ އެހެން ރައްޔިތުންވެސް ދަތުރުދާ ރަށެއްގެ ގޮތުގައި، ޚާއްޞަކޮށް އެކަމަށް މަގުފަހިވާނެ ގޮތްތަކެއް ހަދައިދިނުން. އެކަން ރަނގަޅަށް އަޅުގަނޑުމެންނަށް ކުރެވޭނަމަ، ކުރެވޭއިރު އެތަނަށް ދަތުރުކުރެވޭނެ ގޮތެއްވެސް ހަމަޖައްސައިދޭން ޖެހޭނެ. ހަމަ އެއީކީ ރަށެކޭ ބުންޏަކަސް އެއީ އަދި އަޅުގަނޑުމެންނަކަށް ޚިދްމަތެއް ދެވުނީކީއެއް ނޫން. ހުކުރު ދުވަސް ދުވަހު، ޗުއްޓީ ދުވަސް ދުވަހު މޫދަށް އެރިލައި، ޢާއިލާއާ އެކުގައި އުފާކޮށްލައި އަރާމު ކޮށްލުމަކީ، މި ސަރުކާރު ދެކޭގޮތުގައި ތަރައްޤީއަށް ވަރަށް ބޭނުންތެރި ކަމެއް. ދިރިއުޅުމަށްވެސް އެހާ ބޭނުންތެރި ކަމެއް. ޞިއްޙަތަށްވެސް އެހާ ބޭނުންތެރި ކަމެއް. އެހެންވީމާ، އެކަންކަން ފަހިކޮށްދިނުމަށްޓަކައި، އަޅުގަނޑު އަތޮޅު ކައުންސިލަރ އަރިހުން އެދޭނަން، މާދަމާ އެއީ ހުކުރެއް. މާދަމާ ތިޔަބޭފުޅުންނަށް އެ ރަށް ބޭނުން ނުކުރެއްވުނު ކަމުގައިވިޔަސްވެ، ލަސްތަކެއްނުކޮށް، މިރަށު ރައްޔިތުންނާއި އަދި އެހެން ރަށްރަށުގެވެސް ރައްޔިތުންނަށް އެރަށަށް ޕިކްނިކް ގޮސް، ދަތުރުގޮސް އުޅެވޭނެ އުފާވެރި މާޙައުލެއް އެރަށުގައި އުފައްދައިދެވޭތޯ އަޅުގަނޑު ބަލައިދޭނަން.

އަޅުގަނޑުމެންނަށް ވެލިދުއާ ގުޅޭ މިބާވަތުގެ ކިތަންމެ ކަމެއް ފެންނަމުންދޭ. ވެލިދޫ އެކަންޏެއް ނޫން. އަޅުގަނޑުމެންނަށް މުޅި ރާއްޖެއިން ފެންނަ އެއްކަމެއް މިހާރު އެބައޮތް. އެއީ ކުނީގެ މައްސަލަ. ކުނި ނައްތާލުމާއި، ކުނި ޖަމާކުރުމާއި، ކުނި އެއްކުރުމާއި، ކުނި ނެގުމާއި، ކުނި އެއްތަނުން އަނެއްތަނަށް ގެންދިޔުމާ، މިހުރީ މިހާރު މި ރާއްޖޭގައި ވަރަށްބޮޑުވެފައި ހުރި ކަންކަން. އެގޮތުން، މިއަދު އިރާދަކުރައްވައިގެން އަޅުގަނޑަށް އެބައޮތް ދެންނެވެން، މި ރާއްޖޭގައި އަލަށް އަޅުގަނޑުމެން މިފަށައިގަންނަ ކުނި ނައްތާލުމުގެ މަޝްރޫޢު މި ފަށައިގަންނަނީ މި ވެލިދޫންނޭ. އަޅުގަނޑު މިދެކެނީ، އެ މަސައްކަތް ހިނގަމުންދާތަން އަޅުގަނޑަށް ބަލައިލާން މިއަދު މެންދުރުފަހު ދެވިދާނެ ކަމަށް. މިހާރު މިރަށުގައި އެމަސައްކަތް ހިންގަން ފަށާފައިވާނެ ކަމަށް ދެކެން. މިރަށުން ކުނި އެއްފަހަރުން ދެދުވަހެއްގެ ތެރޭގައި ނެގޭނެ. މިހާރު ހުރި ކުނި ސާފުކުރެވިދާނެ.

ދެން ސުވާލަކީ، މާދަމާ ކިހިނެއްތޯއޭ އެކަން ކުރާނީ. އިތުރަށް އެކަން ކުރަމުން ގެންދާނީ ކޮން އިންތިޒާމެއްގެ ދަށުންތޯއޭ. އެކަން ހަމަޖައްސާނީ ކޮން ނިޒާމެއްގެ ދަށުންތޯއޭ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފައްދާފައި ސަރުކާރުންވާނެ. ސަރުކާރުން ގަސްދު ކުރަނީ ރާއްޖޭގެ ހުރިހާ ކުނި އެ ކުންފުންޏާ ޙަވާލުކުރަން. އެ ކުންފުނިން ވިޔަފާރީގެ އުޞޫލުން އެ ކުންޏަށް ހެދޭނެ ގޮތްތަކެއް ހޯދެން އެބައޮތް. ދުނިޔޭގައި ކުންފުނިތައް އެބަހުރި. އަޅުގަނޑުމެންގެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ޙިއްޞާވެގެން، ބައިވެރިވެގެން، އެ ކުންޏަށް އިތުރު ގޮތްގޮތް ހަދައި، ކުނިން ހިފެން ހުރި ބޭނުމެއް ހިފައި، ނައްތާލަން ހުންނަ ކުނި ނައްތާލައި، މީގައި ދާއިމީ ޙައްލެއް ގެނެވޭނެ އުޞޫލެއް ހޯދޭނެ.

މިހާރު މިރަށުގައި މިހުރި ދެކުނިކޮށި އިރާދަކުރެއްވިއްޔާ މިފަހަރު ސާފުކުރެވޭނެ. ސާފުކުރުމަށްފަހުގައި، ކުނި ކޮށްޓަށް ނޫން ތަނަކަށް ކުނި އަޅައިގެން ނުވާނެ. ގަވާއިދުގެ ތެރެއިންވެސް އަދި ޤާނޫނުގެ ތެރެއިންވެސް އެކަން ހިފަހައްޓަން ޖެހޭނެ. އެއީ، އަޅުގަނޑުމެން ހަރުކަށިވާނެ ބާވަތުގެ ކަންކަން. އެކި ތަންތަނަށް ކުނި އަޅައިގެނެއް ނުވާނެ. ފަސޭހަ ގޮތުގައި އެ ކުނި އުކާލެވޭނެ، ނައްތާލެވޭނެ ގޮތެއް ސަރުކާރުން ހަމަޖައްސައިދޭނެ. އެހެންވީމާ، އެގޮތް ހަމަޖައްސައިދިނުމަށްފަހުގައި، އަޅުގަނޑުމެން ބޭނުމެއް ނުވާނެ މިރަށް އިތުރަކަށް ހަޑިކުރާކަށް. އަޅުގަނޑުމެންގެ އަމާޒަކީ، މިރަށުގެ މަގުތައްވެސް ހެދުން. ތާރު އަޅައި މިރަށުގެ މަގުތައް ހެދުން. އަޅުގަނޑުމެންގެ އަމާޒަކީ، މި ރަށް ރީތި ރަށަކަށް ހެދުން. ރައްޔިތުން އުފަލުގައި އުޅެވޭނެ ރަށަކަށް ވެލިދޫ ހެދުން.
އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެންގެ ފަސް އަހަރު ނިމޭއިރު، އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރާ ފަސްއަހަރު ނިމޭއިރު، އިރާދަކުރެއްވިއްޔާ ވެލިދުއަކީ ހަމަ މިރާއްޖޭގެ އަދި މި ސަރަޙައްދުގައިވެސް ރަނގަޅު އިޤްތިޞާދެއް ހިނގައި، ހެޔޮ ބައިބޮޑު އާބާދީއެއް އޮންނަ، ރަނގަޅު ރަށެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިރަށް ތަރައްޤީ ކުރެވޭނެއޭ. މިރަށުގެ ބޭނުން އެގޮތަށް އަޅުގަނޑުމެންނަށް ހިފޭނެއޭ.

އަޅުގަނޑު މިއަދު ވާހަކަ އިތުރަކަށް ދިގުކުރާކަށް ނުހަދާނަން. އެހެން ނަމަވެސް، ހަމަ ދަންނަވާލަން ބޭނުން، މި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވިއިރު، ސަރުކާރުގެ މާލީ ޙާލަތު އޮތީ ވަރަށް ނިކަމެތިކޮށް. ސަރުކާރަކަށް ނެތް ބޭރު ޤައުމުތަކުން ބޭރު ބޭންކްތަކުން ދަރަންޏަށް ލޯނަށް ފައިސާ ނެގޭކަށްވެސް. އެއީ ނަގާފައި ހުރި ދަރަނީގެ ބޮޑުކަމުން. ރާއްޖޭގެ އުފެއްދުންތެރިކަމާ އަޅާބަލާއިރުގައި، އިތުރަށް ދަރަންޏަށް ފައިސާ ނަގައިފިނަމަ، ދެން ރާއްޖެއަށް ލިބިދާނެ ގެއްލުންތައް ވަރަށްބޮޑު. ހަމައެހެންމެ، އަޅުގަނޑުމެންނަކަށެއް ނެތް، ރާއްޖޭގެ އެތެރެއިންވެސް އިތުރަށް ދަރަނިވެވޭކަށެއް. ސަރުކާރަށް ހެދެންއޮތް ހަމައެކަނި ގޮތަކީ ލިބޭ މިންވަރުން ފުއްދުން.

ސަރުކާރުން މި ނިންމި ގޮތަކީ، ރައީސުލްޖުމްހޫރިއްޔާގެ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރުން. މިހާރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހަތަރުސަތޭކަ މިލިޔަން ރުފިޔާ، އަހަރެއްގެ މައްޗަށް ޚަރަދުވޭ. މިހާރު ޚަރަދުވަނީ ސާޅީސް މިލިޔަން ރުފިޔާ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުން، ތީމުގެއަށް ކުރީގައި ހަމަ އެ ޢަދަދަށް ރުފިޔާ ޚަރަދުވޭ. މިހާރު ޚަރަދުވާނީ ތިރީސް މިލިޔަން ރުފިޔާ. އަޅުގަނޑުމެން މި ބެލީ، ދެން އެ ބާކީވާ ފައިސާ އަޅުގަނޑުމެންނަށް އެއްކައިރި ކުރެވިދާނެކަމަށް. އެ ފައިސާއިން ތަރައްޤީއަށް މަސައްކަތް ކުރެވިދާނެކަމަށް.

އެންމެ ބޮޑަށް އަޅުގަނޑުމެން ދުށީ، މި ރާއްޖޭގައި ކޮންމެހެން އަޅާލަންޖެހޭ ބަޔަކު، ވަރަށް ބިކަ ޙާލުގައި ދިރިއުޅެމުން އެބަގެންދެއޭ. މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑު ގިނަ ރަށްރަށަށް ދިޔައިރުގައި ވަރަށްގިނައިން ފެނޭ، ޢުމުރުން ދޮށީ މީހުން، ރަށްރަށުގެ ހޮޅުއަށިތަކުގައި، އެރައްޔިތުން ބިކަ ޙާލުގައި ވަރަށް ނިކަމެތި ގޮތެއްގައި ތިބޭތަން. އަޅުގަނޑުމެން ދުށީ، މި ރާއްޖޭގައި ޕެންޝަނެއް ބަޔަކަށް ޙައްޤުވާނަމަ، ޙައްޤުވަނީ ހަމައެކަނި މޭޒުތައްދޮށުގައި ރައްޔިތުންގެ ފައިސާ ބަލައިގަންނަން ތިއްބެވި ސަރުކާރުގެ މުވައްޒަފުންނަކަށް ނޫނޭ. އެ ޙައްޤުވަނީ، މި ރާއްޖެ މިހިސާބަށް ގެނައުމުގައި، މަހަށްގޮސް، ރުކަށް އަރައި، ދަނޑުވެރިކަންކޮށް، އޮޑިދޯނިފަހަރު ބަނދެ، ގާ ނަގައި، ވެލިނަގައި، ވިޔަފާރިކޮށް، ދަތުރުކޮށް، މިހެދި މިއަދުގެ ދޮށީ ޢުމުރުގެ މީހުންނަށޭ. އެމީހުންނަށް އެ ޕެންޝަން ޙައްޤު. އެހެންވީމާ، އިރާދަކުރައްވައިގެން، މިމަހުއްސުރެ ފެށިގެން އެ ޕެންޝަން އަޅުގަނޑުމެންނަށް ދެމުން އެބަގެންދެވޭ. ދެން ފަހަރެއްގައި މަޢްލޫމާތު ސާފުނުވާތީވެ، ނުވަތަ އޮޅިފައިވާތީވެ، މުޅިން ސާފުނުވާ ބައެއް ކަންކަން ހުރެދާނެ. އެހެން ނަމަވެސް، އަޅުގަނޑު ދެކޭނީ، ކުރިއަށް މިއޮތް ތަނުގައި އެހެންހުރި ސާފުނުވާ ކަންކަން ސާފުކޮށްގެންވެސް، މި ޕެންޝަން ފުރިހަމައަށް ހިނގަމުންދާނެ ކަމަށް. މި މަހު ޕެންޝަން ލިބިވަޑައިނުގަންނަވާ ބޭފުޅެއް، ޕެންޝަން ޙައްޤު ބޭފުޅަކަށް މިމަހުވެސް ލިބިވަޑައިނުގަންނަވާ ބޭފުޅަކަށްވިއްޔާ، މިމަހުގެ ޕެންޝަނާ އެކުގައި މިއަންނަ މަހު ލިބިވަޑައިގަންނަވާނެ. އެހެންވީމާ، އެފައިސާ ޙައްޤުއެއްވެސް ބޭފުޅަކަށް އެފައިސާ މަޙްރޫމްވެގެނެއް ނުދާނެ.

އަޅުގަނޑު ގިނަ ވާހަކަތައް ދައްކަން މިތާ ހުންނާކަށް މިވަގުތު ތިޔަބޭފުޅުންނެއް ޙަޤީޤަތުގައި އެދިވަޑައެއްނުގަންނަވާނެ. ކުނި ނަގާ ތަނާއި އެ ކަންކަން ހިނގަމުންދާގޮތް ބަލައިލަން ދާން އަޅުގަނޑުވެސް އެބަ ބޭނުންވޭ. އަޅުގަނޑު ނިންމާލުމުގެ ކުރިންވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ، މި މަސައްކަތުގައި އަޅުގަނޑުމެން ތިބޭނަމޭ. މި ސަރުކާރަކީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާ، ރައްޔިތުންނަށް އަނިޔާވެރި، ރައްޔިތުންނަށް ދަތިކުރާ ސަރުކާރަކަށެއް ވެގެނެއް އިރާދަކުރެއްވިއްޔާ ނުދާނެއޭ. މި ސަރުކާރު ހިނގަމުން މިއަންނަނީ ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ވެރިކަން އަނބުރާ ރައްދުކޮށްދިނުމުގެ ނިޔަތުގައޭ. ތިޔަބޭފުޅުންނަށްޓަކައޭ.

ވަރަށްބޮޑަށް ޝުކުރިއްޔާ! الحمد للّـه. والسّـلام عليـكم