بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން މި ސަރުކާރު ދެމިއޮންނަނީ، ހަމަ އެންމެ ބޭނުމަކަށްޓަކައޭ. އެއީ، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. ތިޔަބޭފުޅުންނަށް ޚިދްމަތްކޮށްދިނުމަށްޓަކައި.

އަޅުގަނޑުމެންގެ ވެރިކަން ހިންގެނީވެސް އަދި ވެރިކަން ދެމިއޮންނަންވީ ހަމައެކަނި ސަބަބަކީވެސް އެއީ. މިދެންނެވި ކަންކަން ކުރުމުގައި ނޫންކަމެއްގައި މި ރާއްޖޭގައި އެއްވެސް ވެރިކަމެއް ދެމިއޮންނާކަށް އެއްވެސް ސަރުކާރެއް ދެމިއޮންނާކަށް އެއްވެސް ސަބަބެއްނެތް. މި ރާއްޖޭގެ ވެރިކަން ބަދަލުވެގެން ޑިމޮކްރަސީގެ އުޞޫލުން ރައްޔިތުން އެދޭގޮތަށް ވެރިކަން ހިންގަން މިފެށުނީވެސް ރައްޔިތުން އެގޮތަށް ބޭނުންވެގެން، ރައްޔިތުން އެގޮތަށް އަޑުއުފުލަމުން ގެންދިޔައީތީވެ. އެ އަޑު މި ރާއްޖެގައި އެންމެބޮޑަށް އެންމެ ބާރަށް ގުގުމަމުން އައި ރަށްތަކުގެ ތެރޭގައި ހަމަ މިލަދޫ އަޅުގަނޑަށް ވަރަށް ރަނގަޅަށް ފާހަގަވޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މި ރާއްޖޭގައި ހެޔޮވެރިކަމެއް ގާއިމުކުރެއްވުމަށްޓަކައި ތިޔަބޭފުޅުން ކުރެއްވި މަސައްކަތް، ވެވަޑައިގެންނެވި ޤުރުބާނީ. އަޅުގަނޑު ހިތުން މިއަދު އޭގެ އުޖޫރައެއް ނުވަތަ އޭގެ އިނާމު ތިޔަބޭފުޅުންނަށް ލިބިވަޑައިނުގަންނަވާނަމަ، ޙަޤީޤަތުގައި އިންޞާފެއް ނެތް.

މިދިޔަ ދުވަސްތަކުގެ ތެރޭގައި އަޅުގަނޑު މިރަށުގައި ދެފަހަރަކު މަޑުކުރިން. އެއްފަހަރަކު ހުކުރު ކުރުމަށް މިރަށުގައި މަޑުކުރިން. އަޅުގަނޑަށް ފެނުނު ފެނުމުގައި، މިރަށު ރައްޔިތުންނަށް އަދި ސަރުކާރަށް މިރަށު ރައްޔިތުންނަށް އެންމެބޮޑަށް ބޭނުންވާ އެއްކަމަކީ، ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިރަށުގައި އެ މަސައްކަތް ފެށޭނެ. ތިޔަބޭފުޅުންނަށް ނަރުދަމާއެއް ސަރުކާރުން ދޭނެ. އެނގިވަޑައިގަންނަވާނެ، ރަށުގެ ފެންވަނީ ވަރަށްބޮޑަށް ތަޣައްޔަރުވެފައި. ރަށުގެ ރައްޔިތުންނަށް ސާފު ފެން، ސާފު ބޯފެން ލިބޭނެގޮތެއް އެބަހޯދަންޖެހޭ. ނަރުދަމާގެ ނިޒާމު ޤާއިމުކުރެވުނީމާ، ފެން ތަޣައްޔަރުވުން ކުޑަވެގެން ހިނގައިދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަންޖެހޭ. އެހެންވީމާ، ފެނާ ގުޅޭގޮތުން ދެން ހެދެން ހުރި ގޮތަކީ ކޮބައިތޯ ބަލައި، މިރަށު ރައްޔިތުންނަށް ސާފު ފެން ލިބޭނެ ގޮތެއް ހޯދައިދިނުމަކީވެސް، މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ސާފު ބޯފެނާއި އަދި ކެއްކުމަށާއި ތަކެތި ދޮވެ ފެންވަރާ ހަދަންވެސް ސާފުފެން ލިބޭނެގޮތް ސަރުކާރުން އިންތިޒާމު ކޮށްދޭނަން.

އަޅުގަނޑަށްވެސް އެނގޭ ބަނދަރު ހަދަން ފަށާފައި އެ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާ ގެންދިޔުމަށް ތިޔަބޭފުޅުންނަށް އެއްބަސްވެވަޑައިނުގެންނެވުނީމާ އެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު އެ ހުރީ ހުއްޓިފައިކަން. އަޅުގަނޑުމެން މިދަނީ، ދެން އަލުން އަނބުރާ މަސައްކަތް ފެށްޓުމަށް ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައި އެމަސައްކަތް ފެށުމަށް އިތުރު މަސައްކަތްތަކެއް ކުރަމުން. އަޅުގަނޑަށް މިހާރު ލަފާކުރެވެނީ، ކުރިއަށް މިއޮތް ދެތިން މަހެއްގެ ތެރޭގައި، މިރަށުގެ ބަނދަރުގެ މަސައްކަތް އަލުން އަނބުރާ ފަށައިގަނެވިދާނެ ކަމަށް. ސީދާ ތާރީޚެއް ދޭން އަޅުގަނޑަށް އަދި ނޭނގެނީ، ސީދާކޮށް މިކަން އަޅުގަނޑުމެންނަށް ސާފުކުރެވިފައި ނެތުނީމަ. އަޅުގަނޑު މިދަނީ އެކަންކަން ކުރަމުން. އެހެންނަމަވެސް، ސަރުކާރު ކަމާބެހޭ ފަރާތްތަކުން އަޅުގަނޑަށް މިހާރު ލަފާދެއްވަނީ، އަޅުގަނޑަށް މަޢްލޫމާތު ދެއްވަނީ، މިއަހަރު ތެރޭގައި މިމަސައްކަތް ފަށައިގެން ގެންގޮސް ތިޔަބޭފުޅުން ތިޔަބޭނުންފުޅުވާ ގޮތަށް މި މަސައްކަތް ނިންމެން އެބައޮތްކަމަށް.

ޙަޤީޤަތުގައި މިރަށުގެ އެންމެބޮޑު ދައްޗަކީ، ސަރުކާރަށް ލަފާކުރެވޭ ގޮތުގައި ގޯތިގެދޮރުގެ ދަތި. ބޯހިޔާވަހިކަމެއް ހޯދޭނެގޮތެއް ނެތުން އަދި ގެވަޅެއް ލިބޭނެގޮތެއްވެސް ނެތުން. ސަރުކާރުން ނިންމާފައިވަނީ، މިރަށުގައި ފްލެޓް ޢިމާރާތް ކުރުމަށް. އެހެންނަމަވެސް، އަޅުގަނޑުމެން މިރަށުން މިހާރު ހޯދަމުން މިދަނީ އެފްލެޓް ޢިމާރާތްކުރާނެ ތަނެއް. އެހެންވީމާ، ސަރުކާރުން މި ނިންމަނީ، މިފްލެޓްގެ ތެރެއިން ބައެއް ފްލެޓް އެއީ އެ ފްލެޓަށް ބަދަލުވާން އެއްބަސްވާ ރައްޔިތުންނަށް، މިހާރުވެސް ގެއެއްހުރި މީހުންނަށް، ގެއެއް ހަތަރުބަޔަށް ބަހަންޖެހޭ މީހުންނަށް، ހަތަރު ފްލެޓް ލިބިއްޖެނަމަ އެ ބިންކޮޅު ސަރުކާރަށް އަލުން އަނބުރާ ނަގައި އެ ބިމުގައި ޢިމާރާތް ކުރުމުގެ ފުރުސަތު ލިބޭނެ ގޮތަކަށް މި މަޝްރޫޢު ރޭވުމަށް. އަޅުގަނޑުމެން މިދެކެނީ، މިރަށަކީ ބިމުގެ ދަތިކަން ވަރަށްބޮޑަށް ދިމާވެފައިއޮތް ރަށެއް ކަމަށް. މިރަށުގައި އެބަޖެހެއޭ ހަމަ މާލޭގައިވެސް މިކަމުގެ ޙައްލު ހޯދާ އުޞޫލުން އެކަން ކުރަން ފެށުމަށް. އަޅުގަނޑުމެން މި ދައްކަނީ ކޮންމެހެން މިރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރާ ވާހަކައެއްނޫން. އަޅުގަނޑަށްވެސް އެނގޭ އިތުރަށް ރަށްބޮޑުކުރަން ދަތިކަން. އެހެންވީމާ މިހާރު ހުރި ބިން އެކި ގޮތްގޮތަށް ބަދަލުކޮށްގެން، އެކިގޮތްގޮތަށް ޖާގަހަދައިގެން އަލުން އަނބުރާ މިރަށުގެ ބިން ބޭނުންކުރުމުގެ ތަޞައްވުރެއް މަންޒަރެއް ކުރެހިގެން، އެ މަންޒަރާ އެއްގޮތަށް މިރަށުގައި ގެދޮރު ޢިމާރާތް ކުރަން ފަށަން އެބަޖެހެޔޭ. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން މިރަށުގައި ފްލެޓް ޢިމާރާތް ކުރުމުގެ މަސައްކަތް ފަށައިގަންނާނަން.

ހަމަ މިރަށް އެކަންޏެއްނޫން. ރާއްޖޭގެ ކިތަންމެ ރަށެއްގައިވެސް ކޮންމެ ރަށެއްގައިވެސް ދިމާވެފައިހުރި ދަތިތަކާއި ކުރަންހުރި ކަންކަން މަދެއްނޫން. އަޅުގަނޑު މިދާ ކޮންމެ ރަށެއްގައިވެސް އެބަދިމާވޭ ކިތަންމެ ކަމަކާ. ހަމަ މިރަށުގައިވެސް އެބަހުރި އެބާވަތުގެ ކިތަންމެ ކަމެއް. މިކަންކަން ސަރުކާރަށް ޙައްލުކުރެވޭނީ، އޭގެ ޖުމްލަ ގޮތުގައި ޙައްލެއް ހޯދަން މަސައްކަތް ކުރީމާ. ހަމައެކަނި އެވެނި ރަށަކަށް މިވެނި ރަށަކަށް މަސައްކަތް ކޮށްގެނެއް ޖުމްލަ ޙައްލެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ވަރަށްގިނަ ރަށްރަށުގައި އެބަހުރި އެއްބާވަތުގެ މައްސަލަތައް. ކުނި އެއީ މިރަށުގައިވެސް މައްސަލައެއް. ކުނި ނައްތާލާނެ ގޮތަކާއި ކުނި އެއްކުރާނެ ގޮތަކާއި ކުނި އުކާލެވޭނެ ގޮތަކާ މި ހުރިހާ ކަމަކަށްވެސް މިރަށުގައިވެސް އެބަ އިންތިޒާމުތަކެއް ބޭނުންވޭ. ސަރުކާރުން މިގެންދަނީ މިކަންކަމަށް ބަލަމުން. އަޅުގަނޑުމެން މިމަސައްކަތްތައް، ދާދިއަވަހަށް ފެށުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ނުވަތަ ކަރުދާހުގައި ކުރަންޖެހޭ ކަންކަމާއި ހިންގަންޖެހޭ ރޭވުންތައް މިހާރު މިއަންނަނީ ނިމެމުން. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް މަހެއް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެކަންކަން ކަރުދާހުން ޢަމަލީ މަސައްކަތަށް ބަދަލުވެގެންދާނެ.

ޚާއްޞަކޮށް، ކުނީގެ މަސައްކަތް މިރާއްޖޭގައި އަޅުގަނޑުމެން އިފްތިތާޙް ކުރަން ފަށައިގަތުން މިއޮތީވެސް މިއަތޮޅުގައި. މިއަތޮޅުގައި ކުނި އެންމެގިނަ އެއްރަށުގައި. އެ ކުނި އަޅުގަނޑުމެން ނައްތާލުމާއި ކުނި އެއްކުރުމާ އެ މަސައްކަތް މުޅި ރާއްޖޭގައި ފަށައިގަތުމަށް މިދެކެނީ ނ. އަތޮޅަކީ، މިކަމަށް އެކަށީގެންވާ އަތޮޅެއް ކަމަށް. ރާއްޖޭގައި ކުރިއަށްއޮތްތަނުގައި ދިމާވަމުން އަންނާނެ އެންމެބޮޑު މައްސަލައަކީވެސް އެއީ. މިހާރު އަޅުގަނޑުމެންނަށް ވަރަށްގިނަ ބަލިމަޑުކަމާ ރޯގާވެސް ދިމާވަމުން މިދަނީ، ރާއްޖޭގައި އާދަޔާ ޚިލާފަށް ކުނި އިތުރުވަމުން އަންނާތީވެ. އަދި އެކުނި ނައްތާލެވޭނެ ގޮތްތައްވެސް ނެތުނީމަ. އާބާދީ ބޮޑުވުން އެކަންޏެއްނޫން. ޢާންމު ރައްޔިތުން މިހާރު ބޭނުންކުރާ ތަކެތީގެ އަދަދުވެސް އެތައް ގުނައަކުން ބޮޑުވެގެން މިދިޔައީ. ދިޔައިމާ އުފެދޭ ކުނިވެސް އެތައް ގުނަޔަކުން ބޮޑުވެގެން މިދިޔައީ. ކުރުކޮށް ދަންނަވަނީނަމަ، މީހުން ތޮއްޖެހިފައި ބިންކޮޅު މަދުވެފައި އޮންނަ ކޮންމެ އާބާދީއެއްގައިވެސް ހުރި ހުރިހާ މައްސަލައެއް މިރަށުގައިވެސް އެބަހުރި. އަޅުގަނޑުމެންގެ އަމާޒަކީ މި މައްސަލަތައް ޙައްލުކުރުން. އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، މިކަންކަމަށް އަވަސް ޝިފާޢެއް، އަވަސް ފަރުވާއެއް ތިޔަބޭފުޅުންނަށް ހޯދައިދެވޭތޯ.

އެނގިވަޑައިގަންނަވާނެ، އުމުރުން ފަސްދޮޅަސް ފަސްއަހަރުންމަތީގެ ރައްޔިތުންނަށް ސަރުކާރުން ދޭ ޕެންޝަން ދިނުން އޮތީ، ސަރުކާރު ހިންގުމާ ހަވާލުވާތާ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި. އިރާދަކުރެއްވިއްޔާ އެ ސަތޭކަ ދުވަސް އަދި ހަމައެއްނުވޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މިހާރު އެ ޕެންޝަން ދޭން ފެށިއްޖެ.

ކޮންއިރަކުންތޯ މިވެނިކަމެއް މިވެނިތަނަކަށްވާނީ. ތާރީޚެއް ދޭށޭ. ބައެއް ބޭފުޅުން އެހެން އައްސަވާ. އަޅުގަނޑުމެން ޙަޤީޤަތުގައި ކެމްޕޭނަށް ނުކުތީވެސް ތާރީޚުތައް ދީފައި. އަޅުގަނޑުމެންގެ އޮންނާނެ މެނިފެސްޓޯއެއް، ސިޔާސަތެއް. އެ ސިޔާސަތުގައި ލިޔެފައި ހުންނާނެ ވަގުތުން ވަގުތަށް ކުރާ ކަންތަކާއި، މެދު މުއްދަތުގައި ކުރާ ކަންތަކާއި ދިގުމުއްދަތުގައި ކުރާ ކަންތައް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެ ގިއުގަނޑުގެ ތެރޭގައި. އެއިން ބޭރުވާން އެއްވެސް ބޭފުޅަކު އެދިވަޑައިނުގަތުމަށް އަޅުގަނޑު ވަރަށްބޮޑަށް އެދެން. އެއިން އެއްތަނަކުން ބޭރުވެއްޖެނަމަ އަޅުގަނޑުމެންގެ މުޅި ތަޞައްވުރާއި މަންޒަރު، ޕްލޭން ހަލާކުވެގެން ހިނގައިދާނެ.

އަޅުގަނޑުމެންނަށް މި ޕްލޭން ރޭވިފައިވާއިރުގައި މިލަދޫ ރައްޔިތުންނަށް ނަސީބު ދިމާކޮށްފައިހުރީ، ތިޔަބޭފުޅުންނާގުޅޭ ގިނަ ކަންކަން ވަރަށް އަވަހަށް ކުރާ ގޮތަށް. އެއީ، އަޅުގަނޑުމެންނަށްވެސް މުހިންމުކަން ދެވިގެން އަދި މިރަށުގެ ހާލަތު ހުރީވެސް އެގޮތަށް ކަމަށް އަޅުގަނޑުމެންނަށް ފެންނާތީވެ. އެހެންވީމާ، އަޅުގަނޑު މިދެންނެވިކަންކަން، އިރާދަކުރެއްވިއްޔާ މިއަހަރުދުވަހުގެ ތެރޭގައި މިރަށުގައި ހިނގަންފަށާނެ. އަދި މިރަށުގެ ޖަނަރޭޓަރާއި މިރަށުގެ ފެންޕްލާންޓްތައް ބެހެއްޓުމާއި ނުވަތަ ނަރުދަމާ ހެދުމާ މިބާވަތުގެ ކަންކަން ހިންގުމަށް ސަރުކާރުން މިހާރުވަނީ ކުންފުންޏެއް އުފައްދާފައި. އެއީ، ޔުޓިލިޓީޒް ކުންފުންޏެއް. އެ ކުންފުނީގެ ބެލުމުގެ ދަށުން މިކަންކަން ހިނގަމުންދާނެ. އެކުންފުނިން މިހާރު މަސައްކަތް ކުރަމުން އެދަނީ، އެ ކުންފުންޏާ އެކީގައި މިކަމުގެ ތަޖުރިބާހުރި ބޭރުގެ ހިއްސާދާރެއް ބައިވެރިއެއްގެ ގޮތުގައި ހޯދުމަށް. ތިޔަބޭފުޅުން ފަހަރުގައި ޓީ.ވީއިން ބައްލަވާފައި އޮވެދާނެ މިދިޔަ ހަފްތާގެ ތެރޭގައި، އަދި މިހަފްތާގެ ތެރޭގައި.

ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން އަޅުގަނޑުމެންގެ މަޝްރޫޢުތަކަށް ޝައުޤުވެރިވާ އެކިއެކި ކުންފުނިތައް އެބައެދޭ، ރާއްޖެއަށް އައިސް، އަޅުގަނޑުމެން މީސްމީހުންނާ ވާހަކަދައްކައި އެކަންކަން ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާތައް ހިންގަމުން އެބަގެންދޭ. މި މަޝްވަރާތަކުގައި އަދި ދޮޅުމަހެއްހާ ދުވަސް ހިނގައިދާނެ. އެ ކަރުދާސްތައް ތަރުތީބުކޮށް ފުރިހަމަ ހަމަޔަކަށް ކަން ގެނައުމަށް. އެހެންނަމަވެސް، އޭގެފަހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ބާރަށް މަސައްކަތް ހިންގައިގަނެވޭނެ. މިއީކީއެއް އެއްވެސް ހާލެއްގައި ޝައްކެއްހުރި ކަމެއްނޫން. އިރާދަކުރެއްވިއްޔާ މިކަންކަން އަޅުގަނޑުމެންނަށް ކުރެވޭނެ. ދިހަހާސްގޭގެ ތެރެއިން މިލަދޫގައި އަޅާ ގެތައް އަޅުގަނޑުމެން އަޅާނަން. އަދި މިލަދޫގައި ހިންގާ ނަރުދަމާގެ މަޝްރޫޢާއި ފެނުގެ މަޝްރޫޢާ ބަނދަރުގެ މަޝްރޫޢުވެސް ރީތިކޮށް ރަނގަޅަށް ހިނގަމުންދާނެ.

ތިޔަބޭފުޅުން ވިދާޅުވެއްޖެ މިސްކިތުގެ ވާހަކަ. މިސްކިތާ ގުޅޭގޮތުން ޑޮކްޓަރ ބާރީ އާއި އިސްލާމިކް އެފެއާޒާ އަޅުގަނޑު މަޝްވަރާ ކުރާނަން. މިތާ ހުރެފައި ކުއްލިއަކަށް މިސްކިތާ ގުޅޭގޮތުން އެވެނިގޮތަކަށް އެކަން ކުރިއަށް ގެންދާނެ ކަމަށް ދަންނަވަން އަޅުގަނޑަށް ދަތި. އެކަމާގުޅޭ މަޢްލޫމާތު އަޅުގަނޑަށް ފުރިހަމައަށް ލިބިފައިނުވާތީ. އަޅުގަނޑު ތިޔަބޭފުޅުންނަށް މިދަންނަވަނީ، އަޅުގަނޑުމެންނަށް މިހާރު ކަންހުރިގޮތުން ކޮށްދޭން، ކުރަން ނިންމާފައިވާ ކަންތައްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ކޮށްދޭނަމޭ.

އަޅުގަނޑުވެސް މާގިނައިރުތަކެއް ނަގާކަށެއްނޫން. ހަމަ ތިޔަބޭފުޅުންނާއެކީގައި މިވަގުތުކޮޅު އަޅުގަނޑަށް ލިބުނީތީވެ ތިޔަބޭފުޅުންނަށް ނިހާޔަތަށް އަޅުގަނޑު ޝުކުރުވެރިވަން. އަދި މިދިޔަ އިންތިޚާބުގަޔާއި މިރާއްޖޭގެ ކަންކަމާ ގުޅޭގޮތުން ތިޔަބޭފުޅުން ތިޔަ ގެންގުޅުއްވި، ތިޔަ ދެއްވި ވިސްނުން، އެއީ، އަޅުގަނޑު ހިތުން ރާއްޖޭގެ ހުރިހާ ރަށްރަށެއްގެ ރައްޔިތުންވެސް ނަމޫނާއެއްގެ ގޮތުގައި ބައްލަވައި، މިފަދަ ފުޅާ ވިސްނުމެއްގައި އުޅުއްވައިފިނަމަ އަޅުގަނޑު ދަންނަވާނީ، މިލަދޫއަށް ހަމަ ހައްތަހާވެސް މެދުވެރިވާން ހުރީ ރަނގަޅޭ، މިއަދަށްވުރެ މާދަމާ ވެގެންދާނީ އަދި މާފާގަތި ދުވަހަކަށޭ.

الحمد للّـه. والسّـلام عليـكم. ވަރަށްބޮޑަށް ޝުކުރިއްޔާ!