بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ތަކުރާރުނުކުރި ނަމަވެސް، ހޮޅުދުއަކީ ރާއްޖޭގައި ރަށްވެހިކަމުގައި އަރާ އޮތް ރަށެއްކަން މިފަހަކަށްއައިސް ދިވެހި ތާރީޚް ދަންނަ ކޮންމެ މީހަކަށްވެސް ވަރަށް ރަނގަޅަށް ސާފުވާނެ. އަޅުގަނޑު އެކަން ހަމަ އަނެއްކާވެސް ތަކުރާރުކުރަން. އަދި ހޮޅުދޫ ރައްޔިތުންނަށްވެސް ފާހަގަވެފައިވާނެ އަޅުގަނޑަކީ ވީހާވެސް ސާފުބަހުން ވާހަކަ ދެއްކޭތޯ ބަލާ މީހެއް. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކުރަމުން އައި މަސައްކަތްތަކެއް މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކޮށްފީމު. އެކުރިއިރުގައި އަޅުގަނޑުމެންނަށް ހޮޅުދުއަށް އެހާގިނައިން އާދެވިފައި އޮތް ކަމަކަށް ދެންނެވޭކަށެއް ނެތް. އަދި އަޅުގަނޑާއި އަޅުގަނޑުމެންނާއި ތިޔަބޭފުޅުންނާ ދެމެދު އެއިރުގައި ގުޅުންތައް އެހާ ވަރުގަދަ ކަމަށްވެސް އަޅުގަނޑަކަށް ދެންނެވޭކަށެއް ނެތް.

އެހެންނަމަވެސް، އަޅުގަނޑު މިއަދު ހަމަ ވަރަށް އުފަލާއެކީގައި ތިޔަބޭފުޅުން އަރިހުގައި ދަންނަވަން އޮތް ވާހަކައަކީ، ރާއްޖޭގައި މިހާރު މިއޮތް ސަރުކާރަކީ، މިހާރު މިއޮތް ވެރިކަމަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެރިކަން ކޮށްދިނުމަށް، އެ ރައްޔިތުންގެ ކަންކަން ފުއްދައިދިނުމަށް ރާއްޖޭގެ ރައްޔިތުންގެ އަޣްލަބިއްޔަތުން ރައްޔިތުން ކަނޑައަޅައި އިންތިޚާބު ކޮށްފައި އޮތް ސަރުކާރެކޭ. އަޅުގަނޑުމެންގެ މަސައްކަތުގައި ހޮޅުދުއަކަށް އެންމެ ތަންފުކެއްވެސް އެހެން ރަށަކާ އަޅުވައި، ކަންކަން ކޮށްދިނުމުގައި އުންޏެއް ނުކުރާނަން. އެއީ އަކީއެއް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަލްސަފާއެއް ނޫން. ބަދަލުހިފުން އެއީ އަޅުގަނޑުމެންގެ އުޞޫލެއް ނޫން. އަޅުގަނޑުމެންގެ ގޮތެއް ނޫން. އަޅުގަނޑުމެން މިމަސައްކަތުގައި ނުކުމެ ކުރިއަށްދާއިރު، އެންމެންގެ ކިބައިން އެންމެ ބޭފުޅުންގެ ކިބައިން އަބަދުވެސް އެދެމުން މިދަނީ އަދި އޭރުގައިވެސް އަޅުގަނޑުމެން ބުނަމުން އައީ ޖެހިޔަސް ނުޖަހައްޗޭ. އަޅުގަނޑުމެންގެ މޮޓޯއަކީ އެއީ.

އަޅުގަނޑުމެންނަކީ ބަދަލު ހިފުމުގެ ރޫޙުގައި ވެރިކަމުގެ ދަހިވެތި ކަމުގައި މިކަމަށް ނުކުމެ އުޅޭ ބައެއް ނޫން. މި ވެރިކަން މި ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ސަބަބަށްޓަކައި. އެންމެ ބޭނުމަކަށްޓަކައި. އެއީ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ތިޔަބޭފުޅުންނަށް ފުއްދައިދިނުމަށްޓަކައި. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށްޓަކައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މީގެކުރީގައި ދިވެހިރާއްޖޭގައި ދުވަހަކުވެސް ސަރުކާރަކުން ރައްޔިތުންގެ މައްޗަށް އަޅާލާފައިނުވާ މިންވަރަށް މި ސަރުކާރުން މި ރައްޔިތުންގެ މައްޗަށް އަޅާލަމުން ގެންދާނަން.

މީގެކުރީގައި، މިރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ހިނގާފައި އޮތްކަމަށް ދަންނަވަން އަޅުގަނޑަށް ދަތި. އަޅުގަނޑު ހިތުން ހެޔޮ ވިސްނުމުގައި ހަމަ ބުއްދީގައި ޙަޤީޤަތުގެ މައްޗަށް ބުރަވާ އެއްވެސް ބޭފުޅަކަށް މިރާއްޖޭގައި ވޭތުވެދިޔަ ދުވަސްވަރު ހިނގާދިޔައީ ރައްޔިތުންގެ ވެރިކަމެކޭ ދެންނެވޭކަށް ނޯންނާނެ. އަޅުގަނޑުމެންނެއް މީހުން ހިފާ ހައްޔަރެއް ނުކުރާނަން. އަޅުގަނޑުމެންނެއް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކަށް ހުރަހެއް ނާޅާނަން. އަޅުގަނޑުމެންނެއް ޙަސަދަވެރިއެއް ނުވާނަން. އަޅުގަނޑުމެންނެއް ބަދަލު ހިފުމުގެ ކުޑަވެސް ރޫޙެއް އިރާދަކުރެއްވިއްޔާ ނުގެންގުޅޭނަން. އަޅުގަނޑުމެން ބޭނުންވަނީ، ހޮޅުދޫގެ ރަށްވެހިކަމުގެ ތަޖުރިބާ ބޭނުންކޮށްގެން މި ރާއްޖެ ތަރައްޤީ ކުރަން. އަޅުގަނޑުމެން، ހޮޅުދޫ ވެރިންނާއި ހޮޅުދޫގެ ރައްޔިތުންނާ ކުރިއަށް ތިއްބެވި ބޭފުޅުންގެ ކިބައިން އެދެނީ، ތިޔަބޭފުޅުންގެ ރަށްވެހިކަމުގެ ތަޖުރިބާ މި ސަރުކާރާ އެކީގައި ޙިއްޞާ ކޮށްދެއްވާށޭ. އެކަމުގައި ތިޔަބޭފުޅުންނަށްވެސް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ކުރިއެރުމާއި މަންފާއާއި ފައިދާ އެބައޮތޭ. އަޅުގަނޑުމެންނެއް މި ސަރުކާރުން ވަކި ޢާއިލާއެއްގެ ބައެއް، ވަކި ރަށެއްގެ ބައެއް، ވަކި ޤަބީލާއެއްގެ ބައެއް ބާކީކުރާކަށް ބޭނުމެއްނޫން. އަޅުގަނޑުމެން މި ސަރުކާރާއި މިވެރިކަން ހިންގަމުން ގެންދަނީ، ގެންދަން ބޭނުމީ ހުރިހާ ބޭފުޅުންނާވެސް އެކީގައި.

ހަމަ މިނޭވާގައި އަޅުގަނޑު ދަންނަވާލަން ބޭނުން މިއަދު ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބި އަޅުގަނޑުމެންނޭ. އެކަމާ އެއްވެސް ބަޔަކު ޝައްކު ކުރައްވާނެ ކަމެއްނެތޭ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މިއަދު އަޅުގަނޑު މިތާ ހުއްޓި ހުންނައިރުގައި މިދިޔަ ރޯދަމަހު އަޅުގަނޑު މިރަށަށް އައިސް މިރަށު ރައްޔިތުން އަރިހުގައި ދަންނަވާފައިވާނެ ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑު މިރަށަށް އަންނާނީ، ދިވެހި ސަރުކާރާ އެކުގައޭ. މާތްރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑުމެންނަށް މިއޮތީ އެކަން ފުރިހަމަވެފައި.

އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން، ހޮޅުދޫ ރައްޔިތުންނާ ކުރިއަށް ތިއްބެވި ބޭފުޅުންނާއި ރަށުގެ ވެރިންގެ ކިބައިން އެދެނީ، ފުރިހަމައަށް ޤަބޫލުފުޅު ކުރައްވާށޭ މިހާރު މިއޮތީ ކުރީ ސަރުކާރު ބަދަލުވެފައޭ. މި ހިނގަނީ އެމް.ޑީ.ޕީ.ގެ ފަރާތުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮށްދޭ ވެރިކަމެކޭ. މިވެރިކަން ފުރިހަމައަށް ހިންގުމަށްޓަކައި މިވެރިކަމުން ތިޔަބޭފުޅުންނަށް ފޯރުކޮށްދޭންޖެހޭ ޚިދްމަތްތަކާއި ބޭނުންތައް ފޯރުކޮށްދިނުމަށްޓަކައި ހަމަތިބި ބަޔަކީ އަޅުގަނޑުމެން. މިކަން ކުރުމަށް ނުކުމެ މިތިބީ އަޅުގަނޑުމެން. މިކަން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރާއެކީގައި. ތިޔަބޭފުޅުންގެ ކަންކަން މީގެކުރީގައި ދުވަހަކުވެސް ފުރިހަމަވެފައި ހަމަޖެހިފައި ނުވާ ދަރަޖައަށް ފުރިހަމަ ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އަޅުގަނޑަށް ދެންނެވެން އެބައޮތް އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދު ޖެހުމުގެ ކުރީގައި މިރަށުގައި ފްލެޓް އެޅުމުގެ ޢަމަލީ މަސައްކަތް ހިނގާނެ. އަޅުގަނޑުމެން މިރަށުގައި ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން ގެދޮރު، ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދޭނަން.

އަޅުގަނޑަށް އެނގޭ މިރަށް ގިރުމުގެ މައްސަލައަކީ މިރަށަށް ވަރަށް ބޮޑުވެފައިވާ މައްސަލައެއްކަން. އަޅުގަނޑު އަދި މިފަހަރު އެތަން ނުދެކުނު ކަމުގައިވިޔަސްވެސް ގިރަމުން އަންނަ މިންވަރު، މިރަށަށް އަންނަ ކޮންމެ ފަހަރަކު އަޅުގަނޑުގެ ލޮލުން އަޅުގަނޑު ދެކެން. މަޑުއްވަރީއާ އެއްހަމަ ނުވިނަމަވެސް މިއީ އެގޮތަށް ފާހަގަކުރެވޭ ރަށެއް. ފުވައްމުލަކާއި މިރަށް. އެބަޖެހޭ އެކަމަށް ޙައްލެއް ހޯދަން.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިއިރުގައި މިރަށު ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އޮތީ ނުކުރެވި. އަދި ނުވެސް ފެށި. އަދި އަޅާވެސް ނުލެވި. ހަމައެކަނި ހުރީ އެކަމާ ގުޅޭ ބައެއް ލިޔުންތަކުގައި އެއްކައިރީގައި ފަންސުރުން ލިޔެވިފައިހުރި ބައެއްބައެއް ވާހަކަ. އަޅުގަނޑު މިއަދު އެވާހަކަތައް ދަންނަވާކަށް ނެތިން. އެކަންވަނީ އެވާހަކަތަކުގައި އިނގޭތޯ. މިދިޔަ ސަރުކާރު ހިނގި ގޮތުގެ އަސަރު. ކިހިނެއްވީމާތޯ ރަށެއްގެ ބަނދަރެއް މިހެދެނީ. ކޮންގޮތަކުންތޯ ރަށަކަށް ޚިދްމަތެއް ލިބެނީ. އެމަގު، އެގޮތްތައް ތިޔަބޭފުޅުން ރައްޔިތުން ގަބޫލުފުޅު ކުރައްވައިގެން ތިއްބަވާ، ނާޖާއިޒު ގޮތުގައިތޯ ހޮޅުދޫ ބަނދަރު ހަދަން އެދިލައްވަނީ. ނޫން. ހަމަ ސަރުކާރުގެ އުޞޫލުން ސަރުކާރުގެ ސިޔާސަތުގެ ދަށުން ހޮޅުދޫ ބަނދަރު ހެދޭނެ. ތިޔަބޭފުޅުން ހުރިހާ ބޭފުޅުން އަޅުގަނޑުމެން ދެކެ ކޯފާވިކަމުގައިވިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ކޮށްދެންހުރި ކަމެއް ޒައްރެއްގެ މިންވަރުވެސް އަޅުގަނޑުމެން މަދެއް ނުކުރާނަން.

އަޅުގަނޑަކީ އަޅުގަނޑުގެ ގާތް ރަޙްމަތްތެރި ހޮޅުދޫ ރައްޔިތުން ވަރަށްގިނަ މީހެއް. ޙަޤީޤަތުގައި ވަރަށްގިނަ. އަދި ކޮންމެ ގޮތަކަށް މާޒީ އޮތް ކަމުގައިވިޔަސް އަޅުގަނޑުގެ ގާތް ރަޙްމަތްތެރިން ހޮޅުދޫ ރައްޔިތުން ވަރަށްގިނަވާނެ. މަދަރުސީ ދައުރުން ފަށައިގެން، ކުޑައިރުއްސުރެ އަދި ޢާއިލީ ރަޙްމަތްތެރިންވެސް ވަރަށްގިނަވާނެ. ކޮންމެ ޙާލަތެއްގައިވެސް ތިޔަބޭފުޅުންނަށް ދެރަގޮތެއް ހަދާކަށް އަޅުގަނޑުމެންނެއް ނުނުކުންނާނަން. އަޅުގަނޑުމެން މިކަންކުރަން ނުކުމެ މިތިބީ އެއްވެސް ހާލެއްގައި ހަމަ ތަކުރާރުކޮށް ދަންނަވާނަން، އެއްވެސް ބޭފުޅަކަށް ބަދަލު ހިފުމުގެ ނުވަތަ ދެރަގޮތެއް ހެދުމުގެ ނިޔަތެއްގައެއް ނޫނޭ. އަޅުގަނޑުމެން އެންމެންގެ ބޭނުމަކީ މިރާއްޖޭގެ ތަރައްޤީއޭ.

މިރަށުގެ ބަނދަރު މިހާރުވަނީ މަރާމާތު ކުރުމަށް ބަޔަކު ހޯދުމަށް ބޭނުންވާ ޓެންޑަރ ކުރެވިފައި. އަދި މިހާރުވަނީ ބަޔަކުވެސް އެކަމަށް ލިބިފައި. އެހެންނަމަވެސް، އެކަމާ ގުޅޭ އަޅުގަނޑުމެންގެ މިނިސްޓަރުން، ސިޔާސީ ބޭފުޅުން އެބަވިދާޅުވޭ، ތިޔަލިބިފައިވާ މީހުންނަކީ މީގެކުރީގައި މިބާވަތުގެ ކަންކަން ކުރަން އުޅެގެން އަބަދުވެސް ނުކުރެވިފައި ދަތިވެފައިވާފަދަ ބަޔެކޭ. އެމީހުންނަށް އެކަން ރަނގަޅަށް ކުރެވޭނެތޯ ފުރިހަމައަށް އަދި އެބަޖެހޭ ދެވަނަ ވިސްނުމަކަށް ދާން. ޙަޤީޤަތުގައި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަންވާނީ ހޮޅުދޫގައި ހޮޅުދޫ ރައްޔިތުން. ޓެންޑަރ އިވެލުއޭޓް ކުރަންވީ މިރަށުގައި. ޓެންޑަރ ކުރަންވީވެސް މިރަށުން. އަޅުގަނޑުމެން މިއެދޭ ލާމަރުކަޒީ އުޞޫލުން ހިންގުން އެއީ މިދަންނަވާ ވާހަކައަކީ. މިރަށްރަށުގެ ހިންގުމުގެ ބާރު ދޫކޮށްލުން. މިރަށްރަށުން މިރަށްރަށާ ގުޅޭ ކަންކަން ނިންމައި ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ އާމްދަނީ ތިޔަބޭފުޅުންނަށް ޚަރަދުކުރެއްވޭނެ ގޮތްގޮތް ހޯދުން. އަޅުގަނޑުމެން މާލޭގައި ތިބެގެން ހޮޅުދޫގައި ކުރަންހުރި ކަންކަން ނިންމަމުން ގެންދިޔައިމާ، ދެން އޮތް 30 އަހަރު ފަހުންވެސް ހޮޅުދޫ އޮންނާނީ މިހެން.

އެހެންނަމަވެސް މިއީއަކީއެއް މީގެކުރީގައި ރާއްޖޭގެ ރަށްތައް މާލެއާ އަޅާބަލާއިރުގައި، ހޮޅުދުއާ މާލެއާ މީގެ 100 އަހަރު ކުރިއަށް ފަހަތަށް އަޅުގަނޑުމެން ގޮސްފިނަމަ ހަމަގައިމުވެސް ހޮޅުދުއާ މާލެއާ ރަށްވެހި ކަމުގައިވެސް، ތަނަވަސްކަމުގައިވެސް، ތިޔާގިކަމުގައިވެސް ތަފާތެއް ނުހުންނާނެ. މިދިޔަ އަހަރުތަކުގައި ވެރިކަމުގެ ބާރު މާލެއަށް ފުރޮޅެމުން އެއައި އައުން އެއީ، މާލޭގެ ބާރު ގަދަވީ މިންވަރު. މިއަދު އަޅުގަނޑުމެން ލާމަރުކަޒީ އުޞޫލުން ހިންގަން މަސައްކަތް ކުރަންފެށީމާ ސިޔާސީ ވާދަވެރިން ނުކުންނަވާ އެއީ، ޤާނޫނުއަސާސީއާ ޚިލާފު ކަމެކޭ ބުނާތީ އަޅުގަނޑު ކަންބޮޑެއްނުވޭ. އެބޭފުޅުންގެ އަތުގައި އޮތް ބާރު އެބޭފުޅުންގެ އަތުން ވީއްލި ތިޔަބޭފުޅުންނަށް ލިބިވަޑައިގަތުން އެއީ، ޤާނޫނާ ޚިލާފް ކަމެއް ނޫން. ތިޔަބޭފުޅުންނަށް ފަސޭހަކަމާއެކީގައި ސަރުކާރުގެ ޚިދްމަތްތައް ފޯރުކޮށްދިނުން އެއީކީއެއް ޤާނޫނުއަސާސީއާ ޚިލާފް ކަމެއް ނޫން. ތިޔަބޭފުޅުންގެ ތެރެއިން އުމުރުން ދޮށީ މީހުންނަށް ޕެންޝަނެއް އެރުވުން އެއީކީއެއް ޤާނޫނުއަސާސީއާ ޚިލާފް ކަމެއްނޫން.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިގެންދަނީ މިރާއްޖެ ބަދަލުކުރަމުން. އަޅުގަނޑުމެން މިއެދޭ ބަދަލުތައް މިރާއްޖެއަށް ގެނެވޭނެ. އެބަދަލުތައް ވެގެންދާނީ، ހަމަ ތިޔަބޭފުޅުންނަށް ފަހިވާ، ފާގަތިކަން ގެނެސްދޭ ބަދަލުތަކަކަށް. ހޮޅުދުއަށް ކޮށްދެވެން ހުރި ކަންކަން މިއަދު އުފަލާއެކީ އަޅުގަނޑަށް ދެންނެވެން އެބައޮތް. އެގޮތުން އިރާދަކުރެއްވިއްޔާ ބޭންކުގެ ޚިދްމަތް މިރަށުގައި އަޅުގަނޑުމެން ތަޢާރަފް ކޮށްދޭނަން. މިދެންނެވިހެން މިރަށުގައި 50 ފްލެޓް އަޅާދިނުމުގެ މަޝްރޫޢެއް އަޅުގަނޑުމެންނަށް ފެށްޓޭނެ. އަޅުގަނޑުމެންނަށް މިރަށުގެ ނަރުދަމާގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ކުރަން ފެށޭނެ. ތިޔަބޭފުޅުންގެ ގިރާ ސަރަޙައްދުގައި ރިވެޓްމަންޓެއް ހަދައިގެން ނުވަތަ ބޭރުގައި ތޮށްޓެއްލައިގެން ނަމަވެސް އެ ގިރާ ސަރަޙައްދު ފުރިހަމައަށް ރައްކާތެރިކޮށްދިނުން އެއީ، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ކޮށްދޭނެކަމެއް.

މިހުރިހާ ކަމަކަށްވުރެ އަޅުގަނޑު ގައިމުވެސް ހޮޅުދުއަށް ކޮންދޭން ބޭނުންކަމެއް އެބައޮތް. އަޅުގަނޑު ބޭނުންހާ ކަމެއް ނުކޮށްދެވޭނެ. ސިޔާސަތުގެ ތެރެއިން އަންނަ ކަންކަން ކޮށްދެވޭނީ. އެހެންނަމަވެސް، އަޅުގަނޑު މަސައްކަތް ކުރާނަން ހޮޅުދޫގައި މަތީ ތަޢްލީމު ދެވޭނެ ގޮތެއް ހަމަޖެހޭތޯ. ހޮޅުދުއަކީ އެންމެ ރަނގަޅަށް ގްރޭޑް 12އަށް ކިޔަވާ މަދަރުސާތަކުގެ ތެރެއިން މަދަރުސާއެއް ހުރި ރަށެއް. ދެން ހޮޅުދޫ މޭނާ ސްކޫލްގެ ވާހަކަ، ނައިފަރު އިފްތިތާޙްގެ ވާހަކަވެސް، އޭދަފުށީ ބަހިއްޔާގެ ވާހަކައެއްވެސް، އިތުރަކަށް އަޅުގަނޑު ދައްކާކަށެއް ނުޖެހޭނެ. ނ.ރ.ބ.ޅ. މިހަތަރު އަތޮޅަކީ، މިރާއްޖޭގައި ވަރަށް ވަރުގަދަ ޝަޚްސިއްޔަތުތަކެއް އަދި ރަށްވެހިކަމެއް ހިންގަމުން ގެންދިޔަ އަތޮޅުތަކެއް، ހިންގަމުން ގެންދިޔަ ރަށްތަކެއް. އަޅުގަނޑުމެން ފެށުނީއްސުރެ ފަށައިގެންވެސް މަސައްކަތް ކުރަމުން މިއައީ އެރަށްވެހިކަން އެ ރާއްޖެ އަލުން އަނބުރާ އެ ރައްޔިތުންނަށް ރައްދުކޮށްދިނުމަށް. ބައެއް ބޭފުޅުން ފަހަރެއްގައި އެހެން ރަށަކުން ވިދާޅުވެދާނެ އެ ރާއްޖެ ކުރީގައި އޮތީ ހޮޅުދޫ މަދުމީސްކޮޅެއްގެވެސް އަތުގައޭ. އެހެންވީމާ، އަލުން އަނބުރާ އަތުލާފައި އަނެއްކާ އެހަމަ މަދު ރައްޔިތުންކޮޅަށް ހެއްޔޭ ތިޔަރައްދުކޮށްދެނީ. ތެދުފުޅެއް، ހަމަ އެބޭފުޅުންނަށްވެސް މި ރައްދުކޮށްދެނީ.

އަޅުގަނޑުމެން ހިންގާ ތަރައްޤީގެ މަޝްރޫޢެއްގެ ސަބަބުން ނުވަތަ އަޅުގަނޑުމެން ހިންގާ ސިޔާސަތެއްގެ ސަބަބުން ފައިދާވަނީ މިވެނި ވަކިފަރުދަކަށްކަމަށް ވާތީވެ އެމަޝްރޫޢު ހިންގުން އަޅުގަނޑުމެން ހުއްޓައެއްނުލާނަން. އެކަން ބަދަލެއްވެސް ނުކުރާނަން. ފައިދާވާންވީ ބަޔަކަށްވާންވީ. ރައްޔިތުންނަށް ފައިދާވާ މިންވަރު އަޅުގަނޑުމެންނަށް މުހިންމީ. އަޅުގަނޑުމެން ނެރެން ބޭނުންވާ ނަތީޖާ އަޅުގަނޑުމެންނަށް ވަޒަންކުރެވި، އެނަތީޖާ ނުކުންނާނެކަން އަޅުގަނޑުމެންނަށް ކަށަވަރުވީމާ ދެން އަޅުގަނޑުމެން އެމަސައްކަތެއް ކުރަން ފަށާނީ. އޭގައި ދެންގޮސް ފައިދާވަނީ އަޅުގަނޑުމެންނާ ރުހޭ މީހަކަށްތޯ ނުރުހޭ މީހަށްތޯ އެއީކީއެއް މި ސަރުކާރުން އަޅުގަނޑު ހަމަގައިމުވެސް ބަލާނެކަންކަމެއްނޫން.

އަޅުގަނޑުމެން ބޭނުމީ ތިޔަބޭފުޅުންނަށް ޚިދްމަތެއްދޭން. އަޅުގަނޑުމެން ބޭނުމީ ތިޔަބޭފުޅުންގެ ދިރިއުޅުން ދުވަހެއް ދުވަހަކަށް ތަރައްޤީވަމުން ދާތަން ދެކެން. އަޅުގަނޑުމެން ބޭނުންވަނީ އިރާދަކުރެއްވިއްޔާ މިރަށުގައި މިއަހަރު ބޭނުންވަނީ ނަރުދަމާއާއި ފެނާ ކަރަންޓާ ގޭހުގެ ޚިދްމަތްތައް ހޮޅުދުއަށް ފުރިހަމައަށް ދޭން. މިއަންނަ އަހަރު އަޅުގަނޑުމެން ބޭނުން ހޮޅުދޫގެ މަގުތައް ހަދަން. ރަނގަޅު ރީތި ރަނގަޅު ރަށަކަށް މިރަށް ހަދާލުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ. އެއީ އަޅުގަނޑުމެން ހިފާނެ ބަދަލަކީ. މިދެންނެވީ އަޅުގަނޑު ހިފާނެ ބަދަލަކީ. އެބަދަލު އިރާދަކުރެއްވިއްޔާ ހިފަން ނުކުމެ އަޅުގަނޑު މިހިރީ. މިރަށް އެއީ މިދިޔަ ހުރިހާ ދުވަހަކު މިރަށަށް ނުލިބޭހާ ތަރައްޤީ އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް 5 އަހަރުގައި ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ.
އަޅުގަނޑު މިތަނުގެ ހޫނުކަމާއި އިރު މެދުޖެހިފައި ހުރި މިންވަރާ ވަގުތާ ބަލާފައި މިވާހަކަ އިތުރު ކުރުމަކުން ނުދާނަން. އަޅުގަނޑުމެން، ސިޔާސީ މީހުންނަކީ މައިކެއް ފެނުނީމާ އެއިން ދުރަށްނުޖެހެވޭވެސް ބައެއް.

އަޅުގަނޑު ވަރަށް އުފާވެއްޖެ ތިޔަބޭފުޅުންގެ ތަރުޙީބާއި ތިޔަބޭފުޅުންގެ ރުހުމާއި އަދި އަޅުގަނޑު އުންމީދު ކުރަން އަޅުގަނޑު ޔަޤީން ކުރަން ތިޔަބޭފުޅުން މި ސަރުކާރާއެކީގައިވެސް ހަމަ ކުރީ ސަރުކާރާއެކީގައި އެތިއްބެވި ގޮތަށް ތިއްބަވާނެ ކަމަށް. އެހެންނަމަވެސް، އަޅުގަނޑު މިދެކެނީ ތިޔަބޭފުޅުންނާއެކީގައި ހުރިހާ ރައްޔިތުންނާއެކީގައި މި ސަރުކާރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެކަމަށް. މި ރާއްޖޭގެ ތަރައްޤީއަށް ހޮޅުދޫ ބޭނުންވިޔަސް ހޮޅުދޫގެ ތަރައްޤީއަށް ހޮޅުދޫ ރައްޔިތުން މި ސަރުކާރު ބޭނުންވާނެ. އެހެންވީމާ، އަޅުގަނޑެއް ހޮޅުދޫގެ ރަށްވެހިކަމުގެ ތަޖުރިބާއެއް ދުލެއް ނުކޮށްލާނަން. އަޅުގަނޑެއް ހޮޅުދޫގެ ޒުވާން ރައްޔިތުން، ތަޢްލީމީ ޒުވާން ދުލެއް ނުކޮށްލާނަން. އިރާދަކުރެއްވިއްޔާ މިރަށް މިއީ، މިރާއްޖޭގެ ނަމޫނާ ރަށަކަށް ވަންދެން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން. އަޅުގަނޑު އެދެނީ މާދަމާއަކީ އަދި މިއަށްވުރެ މާފަހި ފާގަތި ދުވަހަކަށްވެގެންދާނެ ކަމަށް.

الحمد للّـه. والسّـلام عليـكم.