بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، މިރަށުގައި ޒަމާނީ ތަޢްލީމު ތަރުތީބެއްގެ މަގުން ދެވެން ފެށިތާ 25 އަހަރުވީ ދުވަސް. ނުވަތަ އެދުވަސް ފާހަގަކުރާ ދުވަސް. މިއަދަކީ، 1984 ގައި ބަޔަކު މީހުންގެ އުންމީދާއެކު ފެށުނު މަސައްކަތެއް މެދުކެނޑުމެއްނެތި 25 އަހަރު ހިނގައިފިކަން އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރާ ދުވަސް. މިއަދަކީ، މި މަދަރުސާގެ، ޅ. އަތޮޅު ތަޢްލީމީ މަރްކަޒުގެ ސިލްވަރ ޖުބްލީ ދުވަސް. މިއަދަކީ އުފާވެރި ދުވަހެއް. މިއަދަކީ، އަޅުގަނޑުމެން މިދުވަސް ފާހަގަކުރުން ޙައްޤު ދުވަހެއް. ހަމަކަށަވަރުންވެސް މިއަދަކީ އިއްޔެގެ ބަނޑުން ވިހޭ ދަރިއެއް. މިއަދު އަޅުގަނޑުމެން މި ފާހަގަ މިކުރަނީ، އިއްޔެވީ ކަންތައްތަކުގެ، އިއްޔެ ހިނގާދިޔަ ކަންތައްތަކުގެ ނަތީޖާ.

މިއަދު މިދުވަސް ފާހަގަކުރާއިރު، މިއަދާ ހަމައަށް މިރާއްޖޭގައި، މިރަށުގައި، ރައްޔިތުންނަށް އެކަށީގެންވާ ތަޢްލީމެއް ދެވިފައި އޮތްކަމަށް، އަޅުގަނޑުމެންގެ ހިތުގެ އެންމެއަޑިން އަޅުގަނޑުމެން ގަބޫލުކޮށް އަތް އުރާލައިގެން އަދި ތިބެވޭކަށެއް ނެތް. މިއީއަކީއެއް ނޫން އަޅުގަނޑުމެން މިއަދު މިރަށަށް ކުރާ އުންމީދަކީ. މިރަށަކީ ޤަދީމީ ރަށެއް. މިރަށަކީ ދިވެހިރާއްޖޭގައި ރައްޔިތުން ދިރިއުޅެން ފެށީއްސުރެ ރައްޔިތުން، އިންސާނުން، ދިރިއުޅެމުން އައި ރަށެއް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށްވުރެ ބޮޑަށް ތިޔައިގެ ތެރެއިން ގިނަ ބޭފުޅުން ހަނދުމަފުޅު ހުންނާނެ ނުވަތަ އެނގިވަޑައިގެންފައިވާނެ. އިބުނު ބަޠޫޠާ ސާދަސަތޭކައިގައި ރާއްޖެ ވަޑައިގެންނެވިއިރުގައި، ރާއްޖެ ވަޑައިގެންނެވީ ހިންނަވަރު މާލިމީއެއްގެ ވެރިކަމުގައި.

ޒަމާނުއްސުރެ ފަށައިގެން މިރަށުގެ ރައްޔިތުންނަކީ ޢިލްމަށާއި، ޙިލްމަށާއި ހުނަރަށް، މަސައްކަތްތެރިކަމަށް، ވިޔަފާރިއަށް، ރަށްވެހިކަމަށް ކުޅަދާނަ ބައެއް. ހިންނަވަރުގެ ރައްޔިތުންނަކީ، ޒަމާނުއްސުރެ ފަށައިގެން މުޅި ރާއްޖޭގެ ތަރައްޤީއަށް އެކިގޮތްގޮތުން އެހީވަމުން އެއްބާރުލަމުން އައިސްފައިވާ ރައްޔިތެއް. މި ރާއްޖޭގެ ތާރީޚުގެ ގިނަ ހިނދުކޮޅުތަކުގައި، މި ރާއްޖޭގެ ތާރީޚުގެ ގިނަ ވަގުތުގައި، ހިންނަވަރުގެ ރައްޔިތުން އަބަދުވެސް ތިބީ ސާބިތުކަމާއެކީގައި. މި ރާއްޖެ އެހެން ގޮތަކަށް ބައްޓަން ކުރުމަށް ބޭނުންވާ ކޮންމެ ހިނދެއްގައި، އެ ބޭނުންވާ ކޮންމެ ވަގުތެއްގައި އެކުރަންޖެހޭ ކޮންމެ މަސައްކަތެއް ކޮށްފައި. މިއަދަކީ މި ރާއްޖެ ބަދަލުވަމުންދާކަން ހިންނަވަރުގައި އެންމެ ސާފުކޮށް ފާހަގަކުރެވެމުންދާ ދުވަސް. މިއަދަކީ ހަމަގައިމުވެސް ޝައްކެއްނެތްގޮތުގައި އުފާވެރި ދުވަހެއް. ތިޔަބޭފުޅުންގެ މަދަރުސާއަށް 25 އަހަރު ފުރޭ ދުވަސް. އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މި މަދަރުސާގެ ހުރިހާ ޒުވާނުންނަށާއި، ޓީޗަރުންނަށާއި، މި މަދަރުސާއަށް އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ މުބާރަކްބާދީ ރައްދުކުރަން.

މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައިވާ ސުވާލު ކުޑައެއް ނޫން. އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް، ޅަކުދިންނަށް، ދަރިވަރުންނަށް ފުރިހަމަ ތަޢްލީމެއް ދިނުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯއާމެދު މިއަދު އަޅުގަނޑު ހިތުން ސުވާލު ކުރެވެން ޖެހޭނެ. މިއަދު އަޅުގަނޑު ހިތުން ބަޙުޘް ކުރެވެން ޖެހޭނެ. އެނގިވަޑައިގަންނަވާނެ، މިއަދު މި މަދަރުސާގައި ނުވަސަތޭކައެއްހާ ކުދިން އެބަ ތަޢްލީމު ޙާޞިލު ކުރަމުން ގެންދޭ. އަދި އެނގިވަޑައިގެންފައި ނެތް ނަމަވެސް، ރާއްޖޭގައި އުނގެނޭ ކޮންމެ ދަރިވަރަކަށް ސަރުކާރުން މަދުވެގެން މަހެއްގެ މައްޗަށް ސާދަސަތޭކައެއްހާ ރުފިޔާ ޚަރަދު ކުރޭ. އެއީ، ޓީޗަރުން ތަމްރީނު ކުރުމާއި، މިބާވަތުގެ ކަންކަމަށް ކުރެވޭ ޚަރަދުގެ އިތުރުން. އަޅުގަނޑުމެން ރައްޔިތުންނަށް މި ފައިސާއިން ކުރެވޭ ޚަރަދުގެ ރަނގަޅު ފައިދާ، ރަނގަޅު ނަތީޖާ އަޅުގަނޑުމެންނަށް ލިބޭތޯއާމެދު އަޅުގަނޑުމެން ކުރާ ސުވާލުތައް، ކުރާ ބަޙުޘްތައް ކުރުން އެންމެ އައުލާކަންބޮޑު ދުވަހަކީ މިއަދު.

އަޅުގަނޑަށް ހަމަ ޔަޤީން، މިރަށުގައި މި މަދަރުސާގައި ދަރިވަރުންނަށް ސަރުކާރުން ކުރެވިފައިވާ ހޭދައަށްވުރެ މާބޮޑު ނަތީޖާއެއް މިރަށުގެ ދަރިވަރުން ނެރެފި. އަބަދުވެސް މިރަށުގެ މަދަރުސާ ފާހަގަވެގެން އައީ، އަބަދުމެ ރަނގަޅު ނަތީޖާ ހޯދައި، ކޮންމެ އަހަރަކުމެ އެ ހިފަހައްޓާ މިންވަރެއްގައި ފުރިހަމައަށް ހިފަހައްޓައި، އެ ނަތީޖާތައް ނެރެމުންދާ މަދަރުސާއެއްގެ ގޮތުގައި. މިމަދަރުސާއަކީ މިއަހަރު ނަތީޖާ ރަނގަޅުވެފައި، މިއަންނަ އަހަރު ނަތީޖާ ޙައްދުން ނައްޓައިގެންދާވަރަށް ގޯސްވާ މަދަރުސާއެއް ނޫން. މި މަދަރުސާގެ ނަތީޖާ އަބަދުވެސް ހިފަހައްޓާފައި ހުރީ އެއްހަމައެއްގައި، އެއްމިނެއްގައި. އަބަދުވެސް މި މަދަރުސާގެ ނަތީޖާ ދިޔައީ، އަހަރުން އަހަރަށް ރަނގަޅުވަމުން.

މި މަދަރުސާގެ ނަތީޖާ ރަނގަޅުވަމުންދިޔަ ކަމުގެ ކިތަންމެ ސިއްރެއް، އަޅުގަނޑުމެންގެ ކުރިމަތީގައި މިއަދު ހަމަ ވަރަށް ސާފުކޮށް ފެންނާން މިވަނީ. މިއަދުގެ ތަޢްލީމީ ވަޒީރު އެއީ، މި މަދަރުސާގެ ކުރީގެ ޕްރިންސިޕަލެއް. މިއަދުގެ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އެއީ، މި މަދަރުސާގެ ކުރީގެ ޕްރިންސިޕަލެއް. މި ރާއްޖެ ބަދަލުކުރުމުގައި، މި ރާއްޖެއަށް ޒަމާނީ ހަމަތަކަކާއި، ޑިމޮކްރަސީގެ ރިވެތި އުޞޫލުތައް ތަޢާރުފު ކުރުމުގައި، ކުރީ ސަފުގައި މަސައްކަތް ކުރައްވަމުން، ވަޑައިގެންފައިވާ ބޭފުޅުން ތިއްބެވީ މި މަދަރުސާ، މަދަރުސާއަކަށް ހެއްދެވުމުގައިވެސް މަސައްކަތް ކުރައްވާފައި. އެހެންވީމާ، އަޅުގަނޑު ޢަޖައިބެއްނުވޭ. މިމަދަރުސާ މިއަދު މިހާ ކުލަގަދަ ގޮތެއްގައި ފުރިހަމަ މަދަރުސާއަކަށްވެގެންދާކަމީ، އަޅުގަނޑުމެން އެންމެންނަށްވެސް އަބަދުމެ މިކަން މިހެންވާނެކަން އެނގިފައި އޮތް ކަމެއް.

އަޅުގަނޑު ވަރަށް އުފަލާއެކީގައި މިއަދު މިތާ މިހުރީ. ކަންދިމާކުރިގޮތުން އަޅުގަނޑުމެން މިއަދު މިފާހަގަކުރާ ދުވަސް، 10 މާޗް 1984 ވަނަ ދުވަހު އަޅުގަނޑަށްވެސް މިރަށުގައި ހުރެވުނު. އަދި އަޅުގަނޑުމެންވެސް މި މަދަރުސާ ބިނާކުރުމުގައި، މިރަށުގެ ރައްޔިތުން ޙަރަކާތްތެރިވަމުންދިޔައިރު، އެކަމުގައި އެކިގޮތްގޮތަށް އަޅުގަނޑުމެންނަށް ބައިވެރިވެވުނު. އެ އުފާ މިއަދު އަޅުގަނޑަށްވެސް ލިބޭ. އަދި ހަމަ އަޅުގަނޑާއެކުގައި އަޅުގަނޑަށް މިއަދު މިތަނުން ފެންނަ ކިތަންމެ މޫނެއް، ޚާއްޞަކޮށް، ޅ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙާއި، މުޙަންމަދު އިބްރާހީމާއި، އަދި އެހެންވެސް ކިތަންމެ ކިތަންމެ ބޭފުޅުންނެއް އެބަތިއްބެވި. މިތަނުގައި ނަންތައް އަޅުގަނޑަށް ދެންނެވޭކަށްވެސް ޙަޤީޤަތުގައި ނެތް. ނަންތައް ވަރަށްގިނަ. އަޅުގަނޑުމެން އެންމެންނަށްވެސް އޮތީ އެކިއެކި ގޮތުން، އެކިއެކި ސިފައިގައި މި މަދަރުސާ، މަދަރުސާއަކަށް ހެދުމުގައި ބައިވެރިވެވިފައި. އެއީ، އަޅުގަނޑުމެން މިއަދު ވަރަށް އުފާކުރާ ކަމެއް. ވަރަށް އުފާކުރާ ސަބަބެއް. އެކަމަށްޓަކައި އަޅުގަނޑުމެން ހިންނަވަރު ރައްޔިތުންނަށް ޝުކުރު ދަންނަވަން ބޭނުން.

ރާއްޖޭގެ ސިޔާސަތު ސަރުކާރާ އެކީގައި ބަދަލުވެގެން މިއަންނަ އައުމުގައި، ވަރަށްގިނަ ބޭފުޅުން، ރައްޔިތުން އެބަ ވިދާޅުވޭ، މާބޮޑަކަށް ސާފެއްނުވެއޭ ސަރުކާރުގެ ބައެއް ބައެއް ސިޔާސަތު. މާބޮޑަކަށް ސާފެއްނުވެއޭ ސަރުކާރުގެ ތަޢްލީމީ ސިޔާސަތު، އޭގެ ތަފްޞީލުގައި ބިނާވެފައި އޮތް ގޮތެއް. މާބޮޑަކަށް ސާފެއް ނުވެއޭ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު، އޭގެ ފަހު އަކުރަށްދާއިރުގައި ރޭވިފައި އޮތް އުޞޫލެއް. އެހެންވީމާ، އަޅުގަނޑުމެންނަށް މިއަދު ފުރްޞަތެއްގެ ގޮތުގައި މި ލިބެނީ، އަޅުގަނޑުމެންގެ ތަޢްލީމީ ސިޔާސަތު އަނެއްކާވެސް އަލުން އަނބުރާ ތިޔަބޭފުޅުންނަށް ވީހާވެސް ތަފްޞީލަކާއެކުގައި ހާމަކޮށްދިނުމަށް. އެއްގޮތަކަށްވެސް ބިރުފުޅުގަންނާނެ ކަމެއް ނެތް. އަޅުގަނޑު މިތާ އަބަދަކު ހުންނާކަށް ނެތީމު. މާ ތަފްޞީލަކަށް އަޅުގަނޑު ނުދާނަން. ތިޔަބޭފުޅުން ފޫހިފުޅުވާން ފެށީމާ އަޅުގަނޑަށް އެނގޭނެ. އަޅުގަނޑު އަވަހަށް އޭރުން މިތަނުން ފައިބާނަން.

އަޅުގަނޑުމެންގެ އަމާޒަކަށްވީ، އަޅުގަނޑުމެން އަބަދުވެސް ދެކިގެން ތިބީ، ކޮންމެ ދިވެހި ރައްޔިތަކީ، އެމީހާގެ އަމިއްލަ ފައިމައްޗަށް ތެދުވެ، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ، ތިމަންނާއަކީ، ތިމަންނާގެ އަމިއްލަ މީހާއޭ ބުނެވޭ، އަމިއްލަ ދެފައިމައްޗަށް ތެދުވެ ކޮޅަށްހުރެވި، ތިމަންނާއަކީ ރައްޔިތެކޭ ބުނެވޭނޭ މީހަކަށް، ކޮންމެ ދިވެހި ރައްޔިތު މީހާވުން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ތަޢްލީމީ ސިޔާސަތުވެސް، އިޤްތިޞާދީ ސިޔާސަތުވެސް، އިޖްތިމާޢީ ސިޔާސަތުވެސް ބިނާވެފައި މިވަނީ، މި މައިގަނޑު ކަންތައް، މި މައިގަނޑު އުޞޫލު އަޅުގަނޑުމެންގެ ތެރޭގައި އަށަގެންނެވުމަށް. އެއީ ރައްޔިތެއް، މިނިވަން ރައްޔިތެއް އުފެއްދުން. އަޅުވެތިކަމުން، ގެންގުޅޭ މީހެއްގެ ގޮތުން ސަލާމަތްވެ، އެހެން މީހަކަށް ނޯކިރީކަން ކުރުމުގައި، އޭނާގެ ގެންގުޅޭ މީހެއްގެ ގޮތުގައި ވިސްނަންޖެހޭ ވިސްނުމުން އެއްކިބާވެ، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ މީހާއޭ، ތިމަންނާއޭ ތިމަންނާގެ ޚަރަދުތައް ބަލަހައްޓާނީ، ތިމަންނާގެ އަނބިދަރިންނާއި ތިމަންނާގެ ކަންތައްތައް ނިންމާނީ، ތިމަންނާ މަސައްކަތް ކޮށްގެން ހޯދާ ޙަލާލު ފައިސާއިންނޭ. އެހެން ބުނެވޭނެ ރައްޔިތަކު އުފެއްދުން.

އަޅުގަނޑުމެންގެ އަމާޒަކީ މިދެންނެވީ. އެ އަމާޒަށް ވާސިލުވުމަށްޓަކައި ވަށާޖެހިފައިވާ ފުރިހަމަ ތަޢްލީމެއް ދަރިވަރުންނަށް ދިނުމަކީ ވަރަށް މުހިންމު ކަމެއް. ދަރިވަރުންނަށް ރަނގަޅު ފަށައިގަންނަ ތަޢްލީމަކާއި އަދި ހަމަ މެދު މަދަރުސީ ތަޢްލީމަކާއި، މަތީ ތަޢްލީމެއްވެސް ހޯދައިދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އެކަން އެހެން ކުރުމުގައި، އަޅުގަނޑުމެން ވިސްނާ ވިސްނުމުގައި، މަދަރުސާއަކީ އެކުއްޖާގެ ދަރިވަރުގެ މުޅި ޙަޔާތް އެތަނާ ގުޅިފައި ހުންނަ ތަނަކަށް މަދަރުސާވާންޖެހޭނެ. މަދަރުސާއަކީ ހެނދުނު މަދަރުސާއަށް އައިސްފައި، މެންދުރު ގެއަށް ދިޔައީމާ، އެތަނާ ދަރިވަރާ ގުޅުން ކެނޑޭ ގޮތަށް ކަންކަން ރޭވިފައި އޮންނަ ތަނަކަށް ވެގެނެއް ނުވާނެ. އަޅުގަނޑުމެންގެ ބޭނުމަކަށްވީ، ރާއްޖޭގެ ކޮންމެ މަދަރުސާއަކީވެސް އެއްދަންފަޅިއަށް ކިޔަވައިދޭ މަދަރުސާއަކަށް ހެދުން. އަޅުގަނޑުމެންގެ ބޭނުމަކީ، ދަރިވަރު ހެނދުނު މަދަރުސާއަށް އައިސް މެންދުރާ ހަމައަށް ނުވަތަ މެންދުރުފަސް ވަންދެން ކިޔަވާފައި، ހަމަ މަދަރުސާގައި މެންދުރުފަހު އުޅެ، އިރުއޮއްސުނީމާ ގެއަށް ދެވޭއިރުގައި ކުއްޖާ ވަރުބަލިވެފައި ހުރުން. އިތުރު ކަމެއް ނުކޮށް އޭނާ އަށްގަޑިބައި ނުވަގަޑިބައިވާންވާއިރަށް ނިދަންދާވަރަށް މަދަރުސާގައި ކަންކަން ހިންގޭނެ ތަންތަން އުފެއްދުން.

މަދަރުސާއަކީ ހަމައެކަނި ކިޔަވާ ތަނެއް ނޫން. މަދަރުސާއަކީ ދަރިވަރުގެ މުޅި ޙަޔާތް، މުޅި ދިރިއުޅުން، އެތަނުގެ އެތެރޭގައި ބިނާވަމުން އަންނަ ތަން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ މަޤްޞަދަކީ، މަދަރުސާ އެއްދަންފަޅިއަށް ހަދައި، އެ މަދަރުސާގައި ދަރިވަރުންނަށް ތަޢްލީމުގެ އިތުރުން، ކުޅިވަރާއި، މުނިފޫހިފިލުވުމާއި، އަދި އެހެންވެސް ހުރިހާ ކަމެއް ފުރިހަމަވާގޮތަށް މަދަރުސާ އޮތުން، މަދަރުސާ ބޭއްވުން.
މިއަދު އަޅުގަނޑުމެން އެންމެ އުފާވާ އެއްކަމަކީ، ހިތްހަމަޖެހުން ލިބޭ އެއްކަމަކީ، މި މަދަރުސާ، ޅ. އަތޮޅު ތަޢްލީމީ މަރްކަޒު، އެއްދަންފަޅިއަށް ކިޔަވައިދޭ މަދަރުސާއަކަށް ހެދުމުގެ ބިންގާ، އަޅުގަނޑުމެންނަށް އެޅިއްޖެކަން. މިމަދަރުސާގައި އިތުރު 8 ކްލާސް ރޫމް ބިނާކޮށް، އޭގެ ސަބަބުން، މި މަދަރުސާއަކީ އެއްދަންފަޅިއަށް ކިޔަވައިދޭ މަދަރުސާއަކަށް، މިއަންނަ އަހަރުއްސުރެ ފެށިގެން ވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.

މި މަދަރުސާގައި އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުމުން، މިދަންނަވާހެން މަދަރުސާގެ ދަރިވަރުންނަށް އަޅުގަނޑުމެން ދެކޭގޮތުގައި މިހާރަށްވުރެ މާ ރަނގަޅު ތަރުބިއްޔަތެއް، މިހާރަށްވުރެ މާރަނގަޅު ތަޢްލީމެއް ފޯރުކޮށްދެވޭނެ. މަދަރުސާގައި ކިޔެވުމުގެ އިތުރުން އެކިއެކި ޙަރަކާތްތަކުގައި ދަރިވަރުންނަށް ބައިވެރިވެ އުޅެވޭނެ. އުޅުމުގެ ފުރްޞަތު ދަރިވަރުންނަށް ލިބިގެންދާނެ. މިރަށަކީ މިހާރު ދުއިސައްތައެއްހާ ކުދިން ގްރޭޑް 10 އަށް ކިޔަވާ ރަށެއް. އޭގެތެރެއިން ވަރަށްގިނަ ޢަދަދެއްގެ ކުދިން ނޫން ނަމަވެސް، ފަންސާހަކަށް ކުދިން ގްރޭޑް 12 އާ ހަމައަށް ކިޔަވާ ރަށެއް.

ހަމައެހެންމެ، މިރަށަކީ ވަރަށްގިނަ ޢަދަދެއްގެ ޒުވާނުން، ހިތާމައަކާއެކީ ދަންނަވަންޖެހެނީ، ވަރަށްގިނަ ޢަދަދެއްގެ ޒުވާނުން މާޔޫސްވެ، ކުރާނެ ކަމެއްނެތި ޑްރަގްގެ ޝިކާރައަކަށްވަމުންދާ ޒުވާނުންތަކެއް ގިނަވަމުން އަންނަ ރަށެއް. އަޅުގަނޑުމެން އެބަޖެހޭ މިމަދަރުސާއާ ގުޅުވައި، މިރަށުގެ ޒުވާނުންގެ އެންމެހާ އިޖްތިމާޢީ ކަންކަން ޙައްލުކުރަން. އަޅުގަނޑަށް މިއަދު އުފަލާއެކީ ތިޔަބޭފުޅުންނަށް ދަންނަވަން ކެރިދާނެ އިތުރު ދެވާހަކައެއް. އެއްވާހަކައަކީ، މިތަނުގައި މިއަތޮޅުގެ ޕާމްބީޗް ރިޒޯޓުގެ އެހީއާއެކުގައި، އެއްދަންފަޅިއަށް މަދަރުސާ ހެދުނީމާ، މެންދުރުފަހު ދަރިވަރުން ކުޅެން ބޭނުންވާ ބޯޅަދަނޑު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ހަދައިދެވޭނެ. ތިޔަބޭފުޅުންނަށް ޒަމާނީ ބައިނަލްއަޤްވާމީ ބޯޅަދަނޑެއް ހިންނަވަރުގައި ލިބޭނެ. މިމަސައްކަތުގައި ޕާމްބީޗް ރިޒޯޓުގެ ބޭފުޅުން އުޅެދެއްވިކަމަށްޓަކައި، އެބޭފުޅުންނަށް އަޅުގަނޑުމެން ނިހާޔަތަށް ޝުކުރުވެރިވަން. އަޅުގަނޑު ހަނދާންވާގޮތުގައި ޕާމްބީޗް ރިޒޯޓޭ އަޅުގަނޑުމެން މިހާރު މިކިޔަނީ މަދިރި ގުރައިދުއަށް.

މިރަށްތައް އަޅުގަނޑުމެން މީގެކުރީގައި ދެކިއުޅުނީ، އެއީ ހަމައެކަނި ވައްލަ ބިސްއަޅަން ރަނގަޅު ތަންތަނޭ. އެތަންތަނުން ހަމަ ވާނެ އެއްކަމެއްވެސް ނޯންނާނެއޭ. ބިމުގައި ޖެހޭ ކާށި އެއީ، އެރަށްރަށުގެ އަގޭ. އަޅުގަނޑުމެން ދުށީ، އަޅުގަނޑުމެންގެ ރާއްޖެއަކީ، ޤުދްރަތީ ވަސީލަތްތައް މަދު، ނިކަމެތި، ފަޤީރު، މިސްކީނުންތަކެއް އުޅޭ ޤައުމަކަށްވެސް ނުބެލޭ، އިންޑިއާ ކަނޑަށް އުކާލެވިފައި އޮތް ޖަޒީރާތަކެއްގެ ގޮތުގައި. ޙަޤީޤަތަކީ އެ އެއް ނޫން. ޙަޤީޤަތް ވެގެންދިޔައީ، ޔޫރަޕްގެ މާރުކޭޓްތަކާއި، އެ ވައްލަ ބިސްއަޅާ ގޮނޑުދޮށްތަކާ ގުޅުވާލެވުނީމާ، އެތަންތަން ބަދަލުވެގެންދިޔައީ ރަންބިސް އަޅާ ކުކުޅަށް. އަޅުގަނޑުމެން ބަލަމުން އައީ، މިއަދާ ހަމައަށްވެސް އަޅުގަނޑުމެން ދެކެމުން މިއައީ، މި ތަރައްޤީ، އެ ރިޒޯޓުތަކުގެ އާމްދަނީ، އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްރަށަށް ނުލިބެނީ ކަމުގައިވަނީނަމަ، މި ރާއްޖޭގެ ތަރައްޤީ އަބަދުވެސް ދާނީ ވަރަށް ނުހަމަކޮށޭ.

އަޅުގަނޑުމެންނަށް ފެނުނު ފެނުމުގައި ޖެހިގެން އޮތީ ކޮމަންޑޫ. އެއީ ޔޫރަޕް ރަށެއް. ހަމަ އެއާ ޖެހިގެން މި އޮންނަނީ ހިންނަވަރު. އެއީ، ތިންވަނަ ދުނިޔޭގެ އެންމެ ފަޤީރު ރަށޭ. މި ޤައުމުގެ ތެރޭގައި، ދެޤައުމު އެބައޮތް. އަޅުގަނޑުމެންގެ ވިސްނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިދެންނެވި ދެޤައުމު ގުޅުވާލުން. މިދެންނެވި ދެޤައުމު ގުޅުވާލެވުނީމާ، އަޅުގަނޑުމެންނަށް މި ތިންވަނަ ދުނިޔޭގެ ފަޤީރު ނިކަމެތި ހިންނަވަރަށްވެސް، ނައިފަރަށްވެސް، ކުރެންދުއަށްވެސް، އޮޅުވެލިފުށްޓަށްވެސް އިތުރު ޚިދްމަތްތަކާއި، ތަރައްޤީގެ ފުރްޞަތުތައް ފަހިވެގެންދޭ. އަޅުގަނޑުމެން މިދެކެނީ، މިތަނުގައި އުފައްދަން އަދި ޤާއިމުކުރަން ތަޢްލީމުގެ އިތުރު ފުރްޞަތުތައް. އޭގެތެރޭގައި، ޚާއްޞަކޮށް، މަތީ ތަޢްލީމު ދެވޭނެ ގޮތް މިރަށުގައި ޤާއިމު ކުރަން. އަޅުގަނޑަށް މިއަދު އެއުފާވެސް ލިބިއްޖެ. މިރަށުގައި 11، 12 އާއި އަދި ޑިޕްލޮމާއަށް ކިޔަވައިދޭ މަދަރުސާއެއް ބިނާކުރެވިއްޖެ. އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރުގައި މިރަށު ރައްޔިތުންނަށް އެ މަދަރުސާގެ ޚިދްމަތް ލިބޭނެ.

މިދެންނެވި މަދަރުސާގެ ޚިދްމަތް ފޯރުކޮށްދިނުމުގައި، އަޅުގަނޑުމެންގެ ތަޢްލީމީ ސިޔާސަތު ދެނެގަތުން ވަރަށް މުހިންމު. އަޅުގަނޑުމެން ދެކެނީ، ސަރުކާރަކަށް އެކަނި ހުރިހާ ކަމެއް އަބަދަކު ނުވާނެއޭ. ސަރުކާރަކުން ޤައުމެއްގެ ހުރިހާ ކަންތައް ކުރުމުގެ ފަލްސަފާގައި، ދުނިޔޭގެ ކިތަންމެ ޤައުމެއް ތަރައްޤީގެ މަސައްކަތުގައި އުޅެފި. އުޅެ އެޤައުމުތައް ނާކާމިޔާބުވެއްޖެ. ޚާއްޞަ ގޮތެއްގައި ބައްލަވާލައްވާ. ސަރުކާރުގެ މުވައްޒަފުން މަދަރުސާތައްވެސް ހިންގާ. ހޮސްޕިޓަލްތައްވެސް ހިންގާ. ފެކްޓްރީތައްވެސް ހިންގާ. އަދި އެނޫންވެސް އެހެން ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދިޔައީމާ، ރައްޔިތުންނަށް އޭގެ ސަބަބުން ލިބިފައި އޮތީ ކޮން ފައިދާއެއްތޯ؟ ނުވަތަ ތަރައްޤީއަށް އޭގެ ސަބަބުން ލިބިފައި އޮތީ ކޮން ފައިދާއެއްތޯ؟ އިންސާނީ ތަޖުރިބާ ދައްކާފައި އޮތް އެންމެބޮޑު އެއް ޙަޤީޤަތަކީ، މިދެންނެވި ސަރުކާރުގެ މުވައްޒަފުން ކަންކަން ހިންގަމުން ގެންދިޔައިމާ، ޢަމުދަކުން ނުމެއޮވެޔޭ ރައްޔިތުންނަށް ފައިދާވެފައެއް.

މިސާލަކަށް، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ރަޝިޔާގައި ސަރުކާރުގެ މުވައްޒަފުން ފިޔަވައި، އެހެން އެއްވެސް ބައެއް، އެއްވެސް ކަމެއް އެރަށުގައި ކުރަމުން ގޮސްފައެއް ނުވޭ. އޭގެ ސަބަބުން، ރައްޔިތުންނަށްވީ ފައިދާއެއް ނޫން. އޭގެ ސަބަބުން އެޤައުމުގެ މުއްސަނދިކަން، އެޤައުމުގެ ރައްޔިތުންނަށް ނުހޯދުނީ. އަޅުގަނޑުމެން ރާއްޖޭގައި މިއަދާ ހަމައަށް އައިއިރުގައި މިއައީ މިދެންނެވި އުޞޫލުން އެކަންވަމުން. ސަރުކާރު މުވައްޒަފުންގެ ޢަދަދު، ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުން. ސަރުކާރު މުވައްޒަފުން ދިޔައީ، އެކިކަންކަން އެމުވައްޒަފުން ކުރަމުން. މަދަރުސާތައް ހިންގަމުން. ހޮސްޕިޓަލްތައް ހިންގަމުން. އަދި އެނޫންވެސް ކަންކަން ސަރުކާރު މުވައްޒަފުން ދިޔައީ ހިންގަމުން.

މިދެންނެވި ހިންގުމުގެ ސަބަބުން، ރައްޔިތުންނަށް ފައިދާވުމުގެ ބަދަލުގައި، ވެގެންދިޔަ ގޮތަކީ، ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުން ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ހިމެނިގެންދިޔައީ. މިހާރު އަޅުގަނޑުމެން ސަރުކާރުގައި ޖުމްލަ ސާޅީސްހާހަށްވުރެ ގިނަ މީހުން އެބަތިބި. ރާއްޖެއަށް ލިބެނީ އަހަރެއްގެ މައްޗަށް ހަތް ބިލިއަން ރުފިޔާ. ލިބޭއިރުގައި، މިދެންނެވި މުވައްޒަފުންގެ މުސާރަ ދިނުމަށްޓަކައި ހަތަރު ބިލިއަން ރުފިޔާ އެބަ ޚަރަދުކުރޭ. ދެން މިވާ ތިން ބިލިއަން ރުފިޔާ އެއީ އިދާރީ ހިންގުމަށް. ނެގީމާ ދެނެއް ސަރުކާރަކު ނެތް ތަރައްޤީއަށް ޚަރަދުކުރާނެ އެއްވެސް ފައިސާއެއް. ތަރައްޤީއަށް ޚަރަދު ކުރުމަށްޓަކައި ސަރުކާރަށް މިޖެހެނީ، ދަރަންޏަށް ފައިސާ ނަގަން. މިއަދާ ހަމައަށްވެސް އަޅުގަނޑުމެން މިއައީ ދަރަންޏަށް ފައިސާ ނަގަމުން. ދަރަންޏަށް ފައިސާ ނަގަމުން އައިސް، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރު، ކަން މިހުރި ގޮތަކީ، ސަރުކާރުގެ ނުވަތަ މި ރާއްޖޭގެ އުފެއްދުންތެރިކަމާއި، މި ރާއްޖޭގެ މުއްސަނދިކަމާއި، ނެގިފައި އޮތް ދަރަންޏާ އަޅާ ބަލާއިރުގައި، ދަރަނި ބޮޑުވެފައި ހުރި މިންވަރުން އަޅުގަނޑުމެންނަށް ދެނެއް އިތުރަކަށް ސަރުކާރުގެ ނަމުގައި ދަރަނިވެރިވެވޭނޭެ ފުރްޞަތެއް ޙަޤީޤަތުގައެއް ނެތް.

އެހެންވީމާ، އަޅުގަނޑުމެންނަކަށެއް ނެތް ދަރަންޏަށް ފައިސާ ނަގައިގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގޭކަށްވެސް. އަޅުގަނޑުމެންނަކަށެއް ނެތް އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ބާކީކޮށްގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގޭކަށްވެސް. އެހެންނަމަވެސް، ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެން އެބަޖެހޭ ތަރައްޤީގެ މަސައްކަތްތައް ހިންގަން. އަޅުގަނޑުމެންނަށް މަޖުބޫރު މިރަށުގެ ރައްޔިތުންނަށްވެސް މަތީ ތަޢްލީމެއް ލިބޭނެ މަގު ފަހިކޮށްދިނުން. އަޅުގަނޑުމެން އެބަޖެހޭ މިރަށުގެ 11، 12 ނިންމާ ކުދިންނަށް، މިރަށުގައި ތިބެގެން އަދި އިތުރު ތަޢްލީމެއް ލިބޭނެގޮތް ހޯދައިދޭން. އެކަން ކުރުމުގައި، ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާ އިތުރު ސްކޫލެއް ޢިމާރާތް ކޮށްގެނެއް އަޅުގަނޑު ނުދަންނަވާނަން، ދެމެހެއްޓެނިވި ގޮތުގައި އަޅުގަނޑުމެންނަށް މިކަން ކުރެވިދާނެ ކަމަކަށް. އެހެންވީމާ، އަޅުގަނޑުމެން ހޯދަން މިޖެހެނީ، ސަރުކާރު ފިޔަވައި އެހެން ފަރާތްތައް ބައިވެރިވެގެން ތަޢްލީމީ ނިޒާމު ހިންގޭނޭ އުސޫލެއް.

އަޅުގަނޑުމެން މިވާހަކަ ދައްކާ ކޮންމެ ފަހަރަކު ނުވަތަ އަޅުގަނޑުމެން މިސުރުޚީ އަޅާ ކޮންމެ ފަހަރަކުމެ ވަރަށްގިނަ ބަޔަކަށް ހީވެފައި އޮންނަނީ، މި ސަރުކާރުގެ ބޭނުމަކީ، މަދަރުސާތައް ސަރުކާރުގެ ބޮލުން ނައްޓާލުމޭ. މި ސަރުކާރުގެ ބޭނުމަކީ، ސަރުކާރުން މަދަރުސާތައް ނުހިންގުމޭ. ޙަޤީޤަތަކީ އެއްވެސް ޙާލެއްގައި އެއީއަކީއެއް ނޫން. ސަރުކާރުގެ ބޭނުމަކީ، މި މަދަރުސާތައް ދެމެހެއްޓެނިވި ގޮތުގައި، ދަރިވަރުންނަށް ރަނގަޅު ޚިދްމަތްތަކެއްދޭ ތަންތަނުގެ ގޮތުގައި ބެހެއްޓުން. ރަނގަޅު ޚިދްމަތްތަކެއްދޭ ތަންތަނުގެ ގޮތުގައި ހިންގަމުން ގެންދެވޭނެ އުޞޫލެއް ހޯދުން. އެގޮތުން، އަޅުގަނޑުމެން މިރަށުގައި ހިންނަވަރުގައި ފަށާ މަތީ ތަޢްލީމުދޭ ފުރަތަމަ މަދަރުސާ އެއީ 11އާއި 12 އަދި އޭގެއިތުރަށް ޑިޕްލޯމާއަށް ކިޔަވައިދޭ މަދަރުސާ. އެ މަދަރުސާ ހިންގުމަށް ސަރުކާރުން ނިންމާފައިވާ ގޮތަކީ، ވިޔަފާރީގެ އުޞޫލުން އެކަން ކުރުމަށް ޝައުޤުވެރިވާ ބައެއް ހޯދައި، އެބަޔަކާ ޙަވާލުކޮށް، އެ މަދަރުސާ ހިންގުން. ހިންގަމުންދާއިރުގައި ސަރުކާރުން އެހީތެރިވެދޭނީ ދަރިވަރަށް. މަދަރުސާއަކަށެއް ނޫން. މިހާރު އަޅުގަނޑު މިދެންނެވި ފަނަރަސަތޭކަ ރުފިޔާ، އަޅުގަނޑުމެން މިއަދާ ހަމައަށްވެސް ދެމުން މިއަންނަނީ، ސީދާ މަދަރުސާއަށް. ދަރިވަރަކަށެއް ނޫން. މަދަރުސާއަށް ދިނީމާ، އެ މަދަރުސާ، އެފައިސާ ބޭނުންކޮށްގެން، އެ މަދަރުސާ ހިންގަމުން މިއަންނަނީ. ދަރިވަރުންނަށް ތަޢްލީމު ދެމުން މިއަންނަނީ. އޭގެ ބަދަލުގައި މިދެންނެވި އަނެއް މަދަރުސާ ހިންގުމުގައި، އަޅުގަނޑުމެން ގެންގުޅެން ބޭނުންވާ އުޞޫލަކީ، އެ ފައިސާ ސީދާ ދަރިވަރަށް އަޅުގަނޑުމެން ދިނުން. ދިނީމާ ދަރިވަރު، ކިޔަވާކުއްޖާ ނިންމާނީ، އެ ފައިސާ ޚަރަދުކުރާނީ ކޮން މަދަރުސާއަކަށްތޯ. އަޅުގަނޑުމެން މިދެކެނީ، މިރަށުގައި ހުންނަ މަދަރުސާއަށް ޚަރަދު ކުރުމަށްޓަކައި އެ ދަރިވަރަށް އެ ފައިސާ ބޭނުންކުރެވޭނެކަމަށް. އަދި އޭގެއިތުރުން، ދަރިވަރުންނަށް މަދަރުސާގެ ފީ ދެއްކުމަށްޓަކައި ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ފަހިވާ ލޯން، އަޅުގަނޑުމެން ފަހިކޮށްދޭނަން. އެ ލޯނުތައް ބޭނުންކޮށްގެން، ދަރިވަރުންނަށް މިރަށުގައި ތިބެގެން މަތީ ތަޢްލީމެއް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ފަހުކޮޅުއްސުރެ ފެށިގެން ލިބެން ފަށާނެ.

އަޅުގަނޑުމެންނަށް އެނގޭ މިތަނުގައި މަތީ ތަޢްލީމުދޭ 11، 12 އާއި އަދި އިންޖިނިއަރިންގެ ބައެއް ބާވަތްތައް ކިޔަވައިދޭ މަތީ ތަޢްލީމު ލިބެން ހުންނަ މަދަރުސާއެއް ޤާއިމުކޮށްފިނަމަ، އެ މަދަރުސާގައިވެސް ކިޔަވާނެ ތިންސަތޭކައެއްހާ ކުދިން، ހަމަ މިރަށުން ނުކުންނާނެ. މިރަށުގައި ކިޔަވާ ކުދިންގެ ޢަދަދު ކޮންމެވެސް ވަރަކަށް މަދުވަމުން އެބައާދޭ. އެއީ ކުދިން ވިހަމުން އައި މިންވަރު، އަށްޑިހައިގެ މެދެއްހާ ތަނުގައި މަދުވެގެން ދިޔުމުގެ ސަބަބުން، މިއަދު މިވަނީ ކުދިން މަދަރުސާއަށް ވަންނަ މިންވަރު، ކުރިއާ އަޅާ ބަލައި ތަންކޮޅެއް މަދުވެފައި. އެހެންނަމަވެސް، އަޅުގަނޑުމެން މިދެކެނީ، އަޅުގަނޑުމެންގެ ލާމަރްކަޒީ އުޞޫލާއި ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން، މިއަތޮޅަށް، މިރަށަށް، މިރަށުގެ އެތައް ރައްޔިތުންނެއް، އެހެން ރަށްރަށުގައި ދިރިއުޅޭ އެތައް ރައްޔިތުންނެއް އެނބުރި އަންނާނެއޭ. މިރަށުގައި އެމަދަރުސާތަކުގައި އެބޭބޭފުޅުންގެ ދަރިން ޚިދްމަތް ހޯދަމުން ގެންދާނެ. އެހެންވީމާ، މަތީ ތަޢްލީމު ޙާޞިލުކުރާ މަދަރުސާއެއްގައި ތިންސަތޭކައެއްހާ ކުދިން އުޅެފާނެ ކަމަށް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެނޭ. ފެންނައިރުގައި އެ ތިންސަތޭކަ ކުދިންގެ މަދަރުސާގައި ތަޢްލީމު ލިބެމުން، ހޯދަމުންދާނީ، ފީ ދައްކައިގެން. އެ ފީ އެކުދިންނަށް ދައްކާނީ، އެއްއަތުން ސަރުކާރުން، އަނެއް އަތުން އެކުދިން އަމިއްލައަށް. އެކުދިން އަމިއްލައަށް އެ ފީ ދެއްކުމަށްޓަކައި، އެކުދިންނަށް ސަރުކާރުން ލުއި ލޯނު ފަހިކޮށްދޭނެ. އެ ލޯނުތައް ވެގެންދާނެ ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ލިބޭ ލޯނަކަށް.

އެހެންވީމާ، ދަރިވަރުން ކިޔަވާ ނިމި، އަދި މަސައްކަތް ކުރަން ފެށުމުން، އެ ދަރިވަރުންނަށް އެ ދަރިވަރުންގެ ކިޔެވުމަށް ކުރި ޚަރަދުގެ ކޮންމެވެސް ބައެއް އަލުން އަނބުރާ ދެއްކޭނެ. އެ ދެއްކޭނެ އުޞޫލަކުން އަޅުގަނޑުމެން މި މަދަރުސާ ހިންގުމުގެ ކަންކަން ތަރުތީބު ކުރަމުން މިގެންދަނީ. އަޅުގަނޑު އުންމީދު ކުރަނީ، މިރަށުގައި މިދެންނެވި އުޞޫލުން އަޅުގަނޑުމެން ފަށާ ފުރަތަމަ މަދަރުސާ ފެށުނީމާ، މިރަށުގެ ޒުވާނުންނަށް މަތީ ތަޢްލީމުގެ ފުރްޞަތު މިހާރަށްވުރެ މާބޮޑަށް ފަހިވެގެންދާނެކަމަށް. އިރާދަކުރެއްވިއްޔާ، އިންޖިނިއަރިންގެ ދާއިރާއިން މިރަށުން ރަނގަޅަށް ތަޢްލީމު ލިބިފައިވާ އެތައް ކުދިންނެއް، މުސްތަޤްބަލުގައި ނުކުމެ މި ރާއްޖޭގެ އެކިއެކި ޞިނާޢަތްތަކުގައި ޚިދްމަތް ކުރަމުން ގެންދާނެ.

މިރަށުގައި މަތީ ތަޢްލީމު ދިނުމުގެ ކިތަންމެ އެހެން ބޭނުމެއް އެބަވޭ. ހަމައެކަނި ބޭނުންވަނީ، ރިޒޯޓުފަހަރުގެ އަދި ބޯޓުފަހަރުގެ، ދޯނިފަހަރުގެ ނުވަތަ ވާރކްޝޮޕްތަކުގެ އިންޖީނުތައް ހިންގާކަށެއް ނޫން. ފެން ޕްލާންޓްތައް ހިންގުމެއް ނޫން. އެއީ، ވަރަށްބޮޑު ބޭނުމެއް. އެކަމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުން އުފައްދަން. މަސައްކަތްތެރިން އުފައްދަން. އެ އުފެއްދުމުގައި، އަޅުގަނޑަށް ޔަޤީން. މިމަދަރުސާ ވަރަށްބޮޑު ދައުރެއް ކުޅެމުންދާނެ. އަދި އެއަށްވުރެ ބޮޑު ދައުރެއް އަޅުގަނޑުގެ ނަޒަރުގައި އެމަދަރުސާ ކުޅޭނެ އެހެން ކަމެއް އެބައޮތް.

ހިތާމައަކީ، މިރަށަކީ މި ރާއްޖޭގައި ޑްރަގްގެ ޝިކާރައިގައި ޖެހިފައިވާ ޒުވާނުން ވަރަށްގިނަ ރަށެއް. އެކަން އަޅުގަނޑުމެން އެބަޖެހޭ ދެނެގަނެ، އެކަން އަޅުގަނޑުމެން އެބަޖެހޭ ހުއްޓުވަން. އިރާދަކުރެއްވިއްޔާ، މިރަށުގައި ޑްރަގްގެ ވިޔަފާރި އެ ހިންގަމުން އަންނަ މިންވަރު މަދުކުރުމުގެ ޕްލޭނެއް، އަޅުގަނޑުމެންގެ އެބައޮތް. އަދި ތިޔަބޭފުޅުންނަށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މިރަށުގައި ޑްރަގްގެ ވިޔަފާރި ކުރަމުން އަންނަ ތަން މަދުވެގެންދާތަންވެސް ފެނިވަޑައިގަންނަވާނެ. އަޅުގަނޑެއް ނުދަންނަވާނަން، ކުރިއަށް އޮތް ތިންމަސްދުވަހުގެ ތެރޭގައި، މި ރާއްޖެއިން ޑްރަގްސް އަޅުގަނޑުމެން ފިލުމާލާނަމެކޭ. އެއީ، އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަމެއް ނޫން. އަދި ކުރިއަށް އޮތް ތިންމަސް ކީއްކުރަންތޯ ތިން އަހަރުވެސް އަޅުގަނޑުމެންނަކަށް އެކަމެއް ނުވާނެ، ކުރިއަށް އޮތް ފަސްއަހަރުވެސް އަޅުގަނޑުމެން ވަރަށް ގަދައަށް މަސައްކަތް ކުރިއްޔާ ނޫނިއްޔާ، މި ރާއްޖޭގައި ޑްރަގްގެ ވަބާއެއް، ޑްރަގްގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް ހަމަ ދިރިއުޅުމެއް ހޯދައިދެވޭނެ ގޮތެއް ނުވާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން މަސައްކަތް މިކުރަނީ އަޅުގަނޑުމެންނަށް ވީ މިންވަރަކުން މިރަށުގެ ޑްރަގްގެ ވިޔަފާރިއަށް ހުއްޓުމެއް ގެނެވޭތޯ. މިކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރާނެ. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.
އަޅުގަނޑުމެންގެ ސަރުކާރުން، މިއަދުގެ ސަރުކާރުން ފާދިއްޕޮޅު ދެކެނީ ކުރީގައި ރާއްޖޭގައި ފާދިއްޕޮޅު ދުށް ގޮތަކަށެއް ނޫން. މި ސަރުކާރަކުން ހިންނަވަރެއް ނުދެކޭ، ހިންނަވަރުގެ ގޮނޑުދޮށާ ހިސާބުން ހުއްޓޭ ރަށެއްގެ ގޮތުގައެއް. މި ސަރުކާރުން ނައިފަރެއް ނުދެކޭ، ނައިފަރަކީ ނައިފަރުގެ ގޮނޑުދޮށާ ހިސާބުން ހުއްޓޭ ރަށެއްގެ ގޮތުގައެއް. އަޅުގަނޑުމެން މިދެކެނީ، ހިންނަވަރާއި، މަޑިވަރާއި، ފެލިވަރާއި، ގާވެލިފަރާއި، ނައިފަރާއި އަދި ކޮމަންޑޫއާ އެއީ، އެއްރަށެއްގެ ގޮތުގައި ބެލިދާނެ ރަށްތަކެއް ކަމަށް. އަޅުގަނޑުމެން މިދެކެނީ، ނައިފަރުއްސުރެ ފެށިގެން ކޮމަންޑުއަށް ކަރަންޓް ނަރެއް އަޅައިފިނަމަ، އޭގެ ސަބަބުން މި ރަށްތަކުގެ ހުރިހާ އެންމެންނަށް ކަރަންޓްގެ ޚިދްމަތް ވަރަށްކުޑަ އަގެއްގައި ލިބިދާނެ ކަމަށް. އަޅުގަނޑުމެންނަށް އެހިސާބު އެބަފެނޭ. އަޅުގަނޑުމެންނަށް އެބަފެނޭ، ނައިފަރުއްސުރެ ފެށިގެން ކޮމަންޑުއަށް ފެންހޮޅިއެއް އަޅައިފިނަމަ، ފެނުގެ ޚިދްމަތް ހުރިހާ ރަށަކަށް ހެޔޮ އަގުގައި ދެވިދާނެއޭ. ރައްޔިތުންގެ ޖީބާއި ރައްޔިތުންގެ އަތްފޯރާފަށުގައި ފެނާއި ކަރަންޓްގެ ޚިދްމަތް، މިރަށްތަކަށް ދެވިދާނެއޭ.

އަޅުގަނޑުމެންގެ އެބައޮތް ތިންކަމެއް. އަޅުގަނޑުމެންގެ އެބައޮތް މަންޒަރެއް. އަޅުގަނޑުމެންގެ އެބައޮތް އުންމީދެއް. އަޅުގަނޑުމެން ނުކުމެ މިތިބީ، ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީ، މިދެންނެވި މަންޒަރު ޙަޤީޤަތަކަށް ހެދުމަށް. މި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވިހިނދުވެސް ވަރަށް ރަނގަޅަށް ވަރަށް ސާފުކޮށް އެނގޭ މި ރާއްޖޭގެ މައްސަލަތައް އެބަހުރިކަން. ސަރުކާރުވަނީ ނިހާޔަތަށް ދަރަނިވެރިވެފައިކަން. ރައްޔިތުންވަނީ ނިހާޔަތަށް މާޔޫސްވެފައިކަން. އަދި ސަރުކާރަކުން ދައްކާ ވާހަކަ ރައްޔިތުން އަޑުއެހުން މިވަނީ ވަރަށް ކުޑަވެފައިކަން. އަބަދާއި އަބަދު ސަރުކާރުން ރައްޔިތުންގެ ކަންފަތް ދޮށުގައި ރައްޔިތުންނަށް ދޮގުހަދަމުން ގެންދިޔައީތީވެ، މިއަދު އަޅުގަނޑުމެންގެ ތަޞައްވުރު، އަޅުގަނޑުމެންގެ މަންޒަރު ތިޔަބޭފުޅުންނަށް ގަބޫލުކުރައްވަން ދަތިވަނީ. ގަބޫލު ކުރުމުގައި ފަސްޖެހެނީ.

އަޅުގަނޑު ވަރަށް ކުރިއްސުރެ ފަށައިގެން މިރަށް ދަންނަމު. 1983 ވަނަ އަހަރު އަޅުގަނޑު އައިއިރު، އެފަހަރުގެ ރިޔާސީ އިންތިޚާބަށް މިރަށުގެ ފަޅުތެރޭގައި ހުރީ ކަޑަތަކެއް ޖަހާފައި. އެއިންތިޚާބުގައި އެ ކަޑަތައް ބައްލަވައިގެން ވޯޓު ދެއްވީ ސަތޭކައިން ސަތޭކަ. ދެން އައި އަހަރުގައި އަޅުގަނޑު އައިއިރުގައި އޮތީ ގަނޑެއްގައި މިރަށް ކުރަހާފައި، ހިއްކީމާ އޮންނަގޮތް. އެއަހަރު އެ ފޮޓޯއަށް ބައްލަވައިގެން ތިޔަބޭފުޅުން ވޯޓު ދެއްވީ. ދެން ފަސް އަހަރުކޮށްފައި އަޅުގަނޑު އައިއިރުގައި އޮތީ ކުލަޖައްސާފައި އެ ގަނޑުގައި ބޮޑުކޮށް. ހަމަ ވަރަށް އުފަލުން އެއަހަރު އަނެއްކާވެސް ތިޔަބޭފުޅުން ވަޑައިގެން ވޯޓުދެއްވީ. އަޅުގަނޑު އެންމެފަހުން އައިފަހަރު، ހުރީ މުޅި ރަށް ކަރުދާހުން ހަދާފައި. އެކީ އެކައްޗަކަށް ހިއްކީމާ އޮންނާނެގޮތާއި، މަލަމަތި ހަމަ މުޅި ރަށް ކަރުދާހުން ހަދާފައި. އެފަހަރު އަދި މާއުފާވި. އެ މޮޑެލަށް ބަލަހައްޓަވައިގެން ތިއްބަވައި ތިޔަބޭފުޅުން ވަޑައިގެން ވޯޓު ދެއްވީ.

ދެން އަޅުގަނޑު މިއަދު ނައިފަރުން ކޮމަންޑުއަށް ކަރަންޓް ނަރެއް އަޅަނީއޭ ބުނީމާ، ތިޔަބޭފުޅުންނަށް ޝައްކު އުފެދޭނެ. އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު ގަބޫލުކުރަން ތިޔަބޭފުޅުންނަށް ޝައްކު އުފެދޭނެ ކަމަށް. އެހެންވީމާ، އަޅުގަނޑުމެން ހަމަ އެނަރު އަޅާނީ. ހަމަ އަޅާނީ އަޅުގަނޑުމެން. އަޅުގަނޑުމެންނެއް މިފަހަރަކު އެނަރު ކުރަހާފައެއް ނުދައްކާނަން. އަޅުގަނޑުމެންނެއް އެ ނަރު އަޅަންދާ އަގެއްވެސް ނުބުނާނަން. ނަރުގެ ފަލަމިނެއްވެސް ނުކިޔާނަން. ފެންހޮޅީގެ ފަލަމިނެއްވެސް، ފެނުގެ މީރުކަމެއްވެސް ނުބުނާނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ހަމަ މިކަންކަން ކުރާނީ.

އަޅުގަނޑު ހިންނަވަރަށް އައިސް، އަޅުގަނޑު ނުދެކެން ވޯޓު ހޯދަން ވާހަކަ ދައްކަން ޖެހޭނެ ކަމަކަށް. އެހެންވީމާ، އަޅުގަނޑަކަށް ނުޖެހޭ ތިޔަބޭފުޅުން ގާތުގައި ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދައްކާކަށް. އަޅުގަނޑުގެ ވިސްނުން ފަހަރެއްގައި މާ ރަނގަޅު ވިސްނުމަކަށް ނުވެދާނެ. މިރަށު ރައްޔިތުން، އަޣްލަބިއްޔަތު ރައްޔިތުން އަޅުގަނޑުމެން ދެއަތް އުރާލައިގެން ތިއްބާވެސް ވޯޓުދޭނެ. އަޅުގަނޑުމެން މިއުޅެނީކީއެއް ވޯޓު ހޯދާކަށެއް ނޫން. އަޅުގަނޑުމެން މިއުޅެނީ މި ރާއްޖެ ބަދަލުކުރަން. އަޅުގަނޑުމެން މިއުޅެނީ، އަޅުގަނޑުމެން އުންމީދުކުރާ އަނެއް ދިވެހިރާއްޖެ ހޯދަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ވަޢުދުތައް، މި ސަރުކާރު ދެމި މިއޮންނަނީ އެއްބޭނުމަކަށް، އެންމެ ސަބަބަކަށްޓަކައި. އެއީ، ތިޔަބޭފުޅުންނަށް އަޅުގަނޑުމެންވީ ވަޢުދުތައް ފުއްދުމަށްޓަކައި. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށް. އަޅުގަނޑުމެންގެ ހިތުން އެންމެ ހިނދުކޮޅަކަށްވެސް ކެހިގެނެއް ނުދާނެ، މި ސަރުކާރުގައި ހިމެނޭ ކޮންމެ ފައިސާ ފޮއްޗަކީ، ތިޔަބޭފުޅުންގެ ފައިސާކަން. އަޅުގަނޑުމެންގެ ވާޖިބެއް އެއީ، އެއަށް ޚިޔާނާތްތެރިނުވުން. އަމާނާތްތެރިކަމާއެކީގައި ރާއްޖޭގެ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ޙިކުމަތާއި އަޅުގަނޑުމެންގެ ހިތްވަރާ އެކީގައި އެކަން އިރާދަކުރެއްވިއްޔާ ކުރާނެ.

އަޅުގަނޑުމެން ފުރަންޖެހޭތީއާ އެކީގައި، އަޅުގަނޑު މިތަނުން ފޭބުމަށް ވަރަށް ބޮޑަށް އެބަ އިޝާރާތްވޭ. އެހެންވީމައާ އެކީގައި ދެން އަދި އިތުރަށް ތިޔަބޭފުޅުން މިތާނގައި ފޫހިކުރަން ނުބޭތިއްބުމުގެ ބޭނުންވެސް އެބައޮތް.

އަނެއްކާވެސް ހަމަ މިއަދަކީ އުފާވެރި ދުވަހެކޭ. މި އުފާވެރި ދުވަހުގެ ހުރިހާ ތަހުނިޔާއެއް، ހުރިހާ މުބާރަކްބާދީއެއް، ހުރިހާ ކުލައެއްގެ ހުރިހާ މާފައްޗެއްގެ ޙައްޤަކީ ހަމަ ތިޔަބޭފުޅުން. ހިންނަވަރު ރައްޔިތުން. އިރާދަކުރެއްވިއްޔާ މާދަމާ ވެގެންދާނީ، މިއަދަށްވުރެ އަދި މާ ފާގަތި، މާ ފެހި ދުވަހަކަށް.

السّـلام عليـكم .ވަރަށް ބޮޑަށް ޝުކުރިއްޔާ!