بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުވެސް ގަބޫލުކުރަން، މި އިންތިޚާބަށްފަހުގައި އަދި ރާއްޖޭގެ ސަރުކާރާ އަޅުގަނޑުމެން ޙަވާލުވުމަށްފަހުގައި، ނައިފަރަށް އައުމުގައި ލަސްތަކެއް ވެއްޖެކަން. އެކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެން. އެހެން ނަމަވެސް، އަޅުގަނޑު ނައިފަރަށް އައުން ލަސްވީ، އޭގައި ސަބަބުތަކެއް ނެތިއެއް ނޫން. އަޅުގަނޑު އެއްވެސް ޙާލެއްގައި ބޭނުމެއްނުވި، ފާދިއްޕޮޅަށް އަންނައިރުގައި، އެއީ ނައިފަރަށާއި ހިންނަވަރަށް، ކުރެންދުއަށާއި އޮޅުވެލިފުށްޓަށް އަޅުގަނޑުމެން އަންނައިރުގައި މި ސަރުކާރު ހުސްއަތާ އަންނާކަށް. އަޅުގަނޑުމެން ބޭނުންވީ، މި ސަރުކާރުން ތިޔަބޭފުޅުންނާ ގުޅޭގޮތުން ކުރަން ހުރި ކަންކަމާބެހޭ ބައެއް ވާހަކަ ނުވަތަ ބައެއް މަޢްލޫމާތު، ތިޔަބޭފުޅުންނަށް އެރުވޭނެ ގޮތަކަށް އަޅުގަނޑުމެން ތައްޔާރުވެ، ނައިފަރަށް އައުން، އެއީއޭ ޙަޤީޤަތުގައި ނައިފަރު ރައްޔިތުން އެދޭނޭ ރަނގަޅު ދަތުރަކީ.

އަޅުގަނޑަށް ގަބޫލުކުރެވެނީ އެމަގު. އަޅުގަނޑު ބޭނުމެއް ނޫން، ހުސް ވާހަކަ ދައްކާކަށް. އަޅުގަނޑު މި ސަރުކާރުން އެދެނީ، ޢަމަލު ގިނަކުރަން.
އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މި ސަރުކާރު އުފެދިފައި މި އޮންނަނީ، ހަމަ އެންމެ ބޭނުމަކަށް. އެއީ، ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށް. ޚާއްޞަ ގޮތަކަށް ދަންނަވަނީނަމަ، އަޅުގަނޑުމެންގެ ސިޔާސަތުތައް، ވަޢުދުތައް ފުއްދުމަށްޓަކައި. އަޅުގަނޑުމެންގެ ވަޢުދުތައް ނުވަތަ އަޅުގަނޑުމެންގެ ސިޔާސަތުތައް، އިންތިޚާބުގެ ކުރީގައި އަޅުގަނޑުމެން ވާނީ ރައްޔިތުންނަށް ހުށަހަޅާފައި. ތިޔަބޭފުޅުން، އަޅުގަނޑުމެންގެ ސަރުކާރެއް އުފެއްދެވީ، އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް. ތިޔަބޭފުޅުން ދެއްވި އަޣްލަބިއްޔަތު ދެއްވީ، މިދަންނަވާ ސިޔާސަތުތަކަށް. އަޅުގަނޑުމެންނަށް މިއަދު ކުރަން ޖެހިފައިމިވާ މަސައްކަތަކީ، މި ސިޔާސަތުތައް ތަންފީޒު ކުރަމުންދާއިރުގައި، އޭގެ ތަފްޞީލުތަކާ ގުޅޭގޮތުން ތިޔަބޭފުޅުންގެ މަޝްވަރާ ހޯދުން. ތިޔަބޭފުޅުންގެ ވިސްނުން، ތަފްޞީލުތަކުގައި އެކުލަވާލުން.

ނައިފަރަކީ ބޮޑު ރަށެއް. މިރަށުގެ ފަޅާއި، މިރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި، މިރަށު ރައްޔިތުން ބޯ ފެނުގެ ސާފުތާހިރުކަމާއި، މިރަށުގެ ނަރުދަމާ އާއި، މިރަށުގެ މަގުތަކަކީ، ނުވަތަ މިރަށުގެ ޢާންމު އަސާސީ ޚިދްމަތްތަކަކީ، މިރަށަށް ކޮންމެހެންވެސް ލިބެންޖެހޭ ޚިދްމަތްތަކެއްކަމާމެދު، މިއަދު އަޅުގަނޑުމެން ކުޑަކޮށްވެސް ޝައްކެއް ނުކުރަން. އަޅުގަނޑުމެން މިގެންގުޅޭ ވިސްނުމަކީ، ކޮން މަގަކުން އަޅުގަނޑުމެން ކުރިއަށް ދިޔައީމަތޯ، މިއަހަރު ދުވަހުގެ ތެރޭގައި ނައިފަރުގައި ފެނާއި، ނަރުދަމާ އާއި، އަދި ގޭސް ހޮޅި ވަޅުލެވޭނެ ގޮތެއް، އެކަމުގެ އިންތިޒާމެއް ހަމަޖެހޭނީ. ތަފްޞީލަށް އަޅުގަނޑުމެން ބަލާއިރުގައި، އަޅުގަނޑުމެން ބަލަން އޮތީ، މި ތަފްޞީލަށް. ނައިފަރުގައި ފެނާއި، ނަރުދަމާ އާއި، ކަރަންޓުގެ ޚިދްމަތް، އަދި ގޭހުގެ ޚިދްމަތް ދިނުން އެއީ، އަޅުގަނޑުމެންގެ ފުރަތަމަ އަހަރުގެ އަމާޒެއް ކަމަށް ބަލައިގެން، އަޅުގަނޑުމެން މަސައްކަތް ކުރަން ފެށީ. މިއަދު އަޅުގަނޑަށް ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވެން އެބައޮތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ޖޫން، ޖުލައި ހިސާބުގައި، ތިޔަބޭފުޅުންގެ ރަށުގައި ފެނާއި ނަރުދަމާއާއި ކަރަންޓާއި ގޭހުގެ ޚިދްމަތް ދިނުމުގެ ޢަމަލީ މަސައްކަތް ފެށޭނެޔޭ.

ނައިފަރާ ގުޅޭގޮތުން، ތިޔައިން ބައެއް ބޭފުޅުންނަށް ކަންކަން އެނގިވަޑައިގަންނަވާ މިންވަރަށް އަޅުގަނޑަށް ފަހަރެއްގައި އެނގިފައި ނެތިދާނެ. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ނައިފަރުގައި ވަދެފައި ހުރި ގޭގެއެއް މަދެއް ނުވާނެ. އަޅުގަނޑަށް ނައިފަރަށް އައިސް އުޅެވޭވަރެއްވެސް މަދެއް ނުވާނެ. ނައިފަރުން އަޅުގަނޑު ދަންނަ މީހުންގެ އަދަދުވެސް މަދެއް ނުވާނެ. ގާތް ރަށްޓެހިންވެސް ނައިފަރުގައި މަދެއް ނުވާނެ. އަޅުގަނޑުމެންނަށްވެސް ހަމަ ވަރަށް ސާފުކޮށް ވިސްނޭ، މިއަދު މިވަގުތުވެސް ގެވަޅަށް އެދި ނައިފަރުގައި 300 ޢާއިލާ އެބަވާކަން. އަޅުގަނޑުމެން އެންމެންނަށްވެސް އެބަ ވިސްނޭ، ނައިފަރުގެ ބިމުގެ ދަތިކަމަކީ ވަރަށްބޮޑު ދަތިކަމެއްކަން. އަޅުގަނޑުމެން އެބަޖެހޭކަން މި ދަތިކަމުން އަރައިގަނެވި، އަދި ވީހާވެސް ގިނަ ބަޔަކަށް ރިވެތި ގޮތުގައި ދިރިއުޅެވޭނެ ބޯހިޔާވަހިކަމެއް ފޯރުކޮށްދެވޭނެ މަގެއް ހޯދަން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ މި މުއްދަތުގެ ތެރޭގައި، އަޅުގަނޑުމެންގެ ސަރުކާރުގެ 5 އަހަރު ދުވަހުގެ ތެރޭގައި، ނައިފަރުގައި މަދުވެގެން 600، 700 ފްލެޓް ނުވަތަ ބޯހިޔާވަހިކަން، ހައުސިންގ ޔުނިޓު ފޯރުކޮށްދިނުން. އެއީކީއެއް މުޅިއަކުން ފްލެޓެއް ނޫން. އަޅުގަނޑުމެން ކުރީގައިވެސް ހަމަ ވަކާލާތު ކުރަމުން އައި ފަދައިން، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން، ކުރިއަށް މިއޮތް އަޅުގަނޑުމެންގެ ދައުރުގެ ތެރޭގައި، ނައިފަރު ރައްޔިތުންނަށް މިބާވަތުގެ ބޯހިޔާވަހިކަމެއް، މަދުވެގެން 700 ހައުސިންގ ޔުނިޓު ނައިފަރަށް ފޯރުކޮށްދިނުން.

އަޅުގަނޑުމެންގެ އަމާޒު، އަޅުގަނޑުމެންގެ މަޤްޞަދު ޙާޞިލު ކުރުމަށް، އަޅުގަނޑުމެންގެ ޕްލޭނެއް ނުވަތަ ވިސްނުމެއް އެބަވޭ. އަދި އެގޮތަށް މިކަން ނުކުރެވޭނެ ކަމަކަށް އިޤްތިޞާދީ، އިޖްތިމާޢީ، އަދި ސިޔާސީ މާހިރުންނެއްވެސް ނުދެކޭ. އަޅުގަނޑަކަށް އެމަގަކަށް، ނުވަތަ އެހެން މަގަކަށްވެސް ލަފައެއް ނުމެ ލިބޭ. އަދި އަޅުގަނޑުމެންގެ އަމިއްލަ ވިސްނުމަށް، އަޅުގަނޑުމެން އެބަ ވަރަށް ބޮޑަށް އިތުބާރު ކުރަން. މިސާލަކަށް، އަޅުގަނޑެއް ނުދެކެން، މިކަންކަން ވަމުން މިދަނީކީވެސް އަޅުގަނޑަކަށްވެސް ނޭނގިހުރެގެން ކަމަކަށް. މިރަށުގައިވެސް މީހެއްގެ ގެދޮރު ނެތިއްޔާ އަޅުގަނޑަށްވެސް އެނގޭ، މީހުންގެ ގެދޮރު ނެތްކަން، މީހުންގެ ފަޤީރުކަމުގައި އަޅާލާނެ ގޮތެއް ނެތި އުޅޭ އުޅުން. އެގޮތަށް މީހުން ނޫޅޭކަން އަޅުގަނޑުމެންނަށް ހީވެގެންނެއް ނޫން މި ތިބެނީކީއެއް. ވަރަށްގިނަ ބަޔެއްގެ ޙާލަތު އަޅުގަނޑުމެންނަށް އެނގޭ.

އެހެންވީމާ، އެކަންކަން ފުރިހަމަކުރުމަށް އަޅުގަނޑުމެންނަށް ގެންގުޅެވޭ ވިސްނުންވެސް އެއީ އަޅުގަނޑުމެން ވަރަށް އިތުބާރާ އެކީގައި ކަނޑައަޅައިގެން އުޅޭ ވިސްނުމެއް. އަޅުގަނޑުމެން މިދެކެނީ، ސަރުކާރުގެ ޚާއްޞަ އިންތިޒާމުތަކެއްގެ ތެރެއިން، ސަރުކާރު ޙިއްޞާވާ ކުންފުނިތަކެއް މެދުވެރިކޮށްގެން، ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، އަދި ގެދޮރާއި ބޯހިޔާވަހިކަމުގެ ޚިދްމަތް، ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ، މިއަދު ދިވެހި ސަރުކާރަށް ކޮށްދެވިދާނެ ކަމެކޭ. ދުނިޔޭގައި އެހެން ތަންތަނުގައިވެސް އެކަން ކުރަމުން އަންނަ ގޮތަކީ އެއީ. ސަރުކާރުގެ ބަޖެޓުގައި ހިމަނައިގެން މިކަންކަން ކުރުމަކީ، އެއީ މިކަންކަން ކުރާ އުޞޫލެއް ނޫން.
މީގެކުރީގައި، ސަރުކާރުން ރައްޔިތުންނަށް އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހިންގާ ކަންކަން، އެހިންގި މިންވަރަކަށް ހިންގަމުން އައީ، ސަރުކާރުގެ ބަޖެޓުގައި އެމަޝްރޫޢު ހިމަނައިގެން. ތިޔަބޭފުޅުންނަށް ފާހަގަވެވަޑައިގެންފައިވާނެ. 2005 ވަނަ އަހަރު ނުވަތަ 2006 ވަނަ އަހަރުގެ ބަޖެޓު، ކުއްލިއަކަށް ވަރަށްބޮޑުތަން ބޮޑުވެގެންދިޔަ. އެތައް ބިލިޔަން ރުފިޔާއަކަށް އެ ބަޖެޓު އަރައިގެންދިޔަ. އަޅުގަނޑުމެންގެ ތެރޭގައި އޭރުގައި ޢާންމުނުވެ އޮތް ހިސާބު އަދަދެއް. އެހިސާބަށްވެސް ދިޔަ. އެއީ ބިލިޔަން. ޒަމާނުއްސުރެ ފަށައިގެން އެ އަދަދު އަޅުގަނޑުމެން ގުނަމުން އައީ ކުރޯޑުން. ކުރޯޑުން ގުނަމުން އައި އަދަދެއް ފަހަނަޅައި، މުޅިން އާ ހިސާބުގެ އަދަދެއްގެ ގޮތުގައި، 12 ބިލިޔަން އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފުވެގެން ދިޔައީ، މިދަންނަވާ ބަޖެޓަށް އައި ބަދަލާ ގުޅިގެން.

ސަރުކާރުގެ ބަޖެޓުގައި ހިމަނައިގެން، މިބާވަތުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަކީ، ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން. އެއީ، ދުނިޔޭގެ އެއްވެސް ތަނެއްގައި އެކަން ކުރާ ގޮތެއް ނޫން. ދިވެހި ސަރުކާރަކަށްވެސް ކޮށްދެވޭނެ ގޮތެއްވެސް ނޫން. އަދި ރައްޔިތުންނަށް ފައިދާހުރި ގޮތުގައި އެކަން ކުރަން ވެއްޖިއްޔާ، އެކަން ކުރަންވީ އުޞޫލެއްވެސް ނޫން. މިސާލަކަށް، އަޅުގަނޑުމެން މިދެކެނީ، މުޅި ރާއްޖޭގައި ދިހަހާސް ގެ ޢިމާރާތް ކުރުމަށް މިދަނީ ފައްސަތޭކަ މިލިޔަން ޑޮލަރު. އަޅުގަނޑުމެން އެ ފައްސަތޭކަ މިލިޔަން ޑޮލަރު އެއްފަހަރާ ސަރުކާރުގެ ބަޖެޓުގައި ހިމަނައިފިނަމަ، ސަރުކާރުން އެއަހަރަކު ދެން އެހެން ކަމެއް ނުކުރެވޭނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެބަ އެނގޭ، ރާއްޖޭގައި ގެދޮރު މަދުކަން. އަޅުގަނޑުމެން ދެން މި ގެންގުޅެންޖެހޭ އުޞޫލަކީ، ސަރުކާރު ޙިއްޞާވާ ކުންފުންޏެއް މެދުވެރިވެގެން، އެކުންފުނި ދިގު މުއްދަތުގައި ފައިސާ ދައްކާ ގޮތަށް، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނަގަންވީ. ނަގާފައި، ގެދޮރު އަޅައިދޭންވީ. އަޅާފައި، ވިޔަފާރީގެ އުޞޫލުން އެކުންފުނިން، ރައްޔިތުންނަށް ގެދޮރު ވިއްކަންވީ. އެހެން ވިއްކާއިރުގައި، އެ ކުންފުނިތަކުން ރައްޔިތުންނަށް ކިޔާ އަގު އެއީ، އަޅުގަނޑުމެން ނުދެކެން، މިވަގުތު ނައިފަރު ރައްޔިތުންނަށް ބަލައިގަނެވިދާނެ އަގެއް ކަމަކަށް.

އެހެންވީމާ، ސަރުކާރުން މި ނިންމާ ގޮތަކީ، އަޅުގަނޑުމެން، ސަރުކާރުން ސީދާ ޢާއިލާއަށް، ރައްޔިތު މީހާއަށް އެފައިސާ ދިނުމަށް. އެ ގެއަކަށް ދައްކަންޖެހޭ ފައިސާއެއް ދައްކައި ހަމަކުރުމަށް. ގެއެއް ލިބޭ ކޮންމެ މީހަކު މަހުން މަހަށް މި ކުންފުންޏަށް ފައިސާ ދައްކަން ޖެހޭނެ. އެފައިސާ އެއީ، އެމީހާ ދައްކާ ފައިސާއެއް. އަޅުގަނޑުމެން މި ހުށަހަޅަނީ، ޢާއިލާއެއްގެ އާމްދަނީގެ ވިހި ޕަސެންޓަށްވުރެ ބޮޑު އެއްޗެއް، އެއްވެސް ޢާއިލާއަކުން ބޯހިޔާވަހިކަމަށް ޚަރަދު ކުރަން ޖެހިގެން ނުވާނެއޭ. މިވަގުތު ތިޔަބޭފުޅުން އެބަ ޚަރަދުކުރައްވާ އަޅުގަނޑުމެން ލަފާކުރާގޮތުގައި، ގާތްގަނޑަކަށް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ އާމްދަނީގެ ފަސްދޮޅަސް ޕަސެންޓް، ތިޔަބޭފުޅުން ބޯހިޔާވަހިކަމަށް މިވަގުތު އެބަޚަރަދު ކުރައްވާ. އެއީ ގާ އަޅަން ކަމަށްވިޔަސް ވެސް، އަދި މާލެއިން ލަކުޑިތަކެއް ގެނެސް، ކޮންމެވެސް ތަނެއްގައި ބަހައްޓަން ޖެހުނު ކަމަށްވިޔަސް ވެސް، ޓިނު ގަންނަން ޖެހުނު ކަމަށްވިޔަސް ވެސް، މިހެންގޮސް އެކި ބާވަތް ބާވަތުގެ ގެދޮރާގުޅޭ މަސައްކަތަށް، ތިޔަބޭފުޅުންގެ އާމްދަނީގެ ވަރަށްބޮޑު ބައެއް ތިޔަބޭފުޅުން އެބަ ޚަރަދުކުރައްވާ. އަޅުގަނޑުމެން މިދެކެނީ، ނައިފަރުގެ ޢާއިލާއަކުން މަހަކު އެއްހާސް ރުފިޔާއަށްވުރެ ބޮޑު އެއްޗެއް، ގެދޮރަށް ޚަރަދު ކުރަން ޖެހިގެން ނުވާނެޔޭ. ޚަރަދު ކުރަން ޖެހެންޏާ، ޙަޤީޤަތުގައި އޮންނާނީ އެކަން ނުކުރެވިއޭ. އެހެންވީމާ، އެއްހާސް ރުފިޔާއަށްވުރެ މައްޗަށް މިދަންނަވާކަހަލަ، މިދަންނަވާ ބާވަތުގެ ކުންފުންޏަކުން ކިޔާ އަގު އެއީ، ސަރުކާރުން ރައްޔިތު މީހާއަށް ހިލޭ އެހީގެ ގޮތުގައި، ގްރާންޓްގެ ގޮތުގައި ފޯރުކޮށްދޭނެ އެއްޗެކޭ.

ފެންވެސް، ކަރަންޓްވެސް، ނަރުދަމާވެސް، ގޭސްވެސް، މިޚިދްމަތްތައް ޙަޤީޤަތުގައި އަޅުގަނޑުމެންގެ ސަރުކާރުން ހިންގާނީ މިދަންނަވާ އުޞޫލުން. ކުޅުދުއްފުއްޓަށް ފެން ދިނުމަށްޓަކައި އަޅުގަނޑުމެން ކުންފުންޏަކާ ގުޅައިގެން، ސަރުކާރުން ބެލި ބެލުމުގައި މި އެނގުނީ، ކުޅުދުއްފުއްޓަށް ކުރާ އިންވެސްޓްމަންޓެއް، ޚަރަދެއް، ފަސް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ލިބޭކަން. އަޅުގަނޑުމެންނަށް ނައިފަރުގެ ހިސާބުތައް އަދި މުޅިއަކުން ނުނިންމޭ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިހާރު މި ޔަޤީން ވަނީ، ފެންވެސް، ނަރުދަމާވިޔަސް ވެސް، ހަމަ ކުންފުންޏަކުން އެ މަސައްކަތް ކޮށްފައި، ރައްޔިތުންނަށް އެ ޚިދްމަތް ދިނުމަށް އަޅުގަނޑުމެން ފުރްޞަތުދީ، ހުޅުވާލައިފިނަމަ، ދެން ރައްޔިތުންގެ އާމްދަނީން އެކަމަށް ނުފުދޭ މިންވަރު، ސަރުކާރުން ރައްޔިތު މީހާއަށް ދެވިދާނެއޭ. އަޅުގަނޑުމެން ދޭން ބޭނުންވަނީ، ސީދާ މީހާއަށޭ. އަޅުގަނޑުމެން ބޭނުމެއް ނޫނޭ، ފެން ކުންފުންޏަށްދޭކަށް. އަޅުގަނޑުމެން ބޭނުމެއް ނޫނޭ، ސްޓެލްކޯއަށްދޭކަށް. އަޅުގަނޑުމެން ބޭނުމެއް ނޫނޭ، މިސާލަކަށް ފެލިވަރަށްދޭކަށް.

މިވަގުތު މިކަން މިހިނގާ ގޮތަކީ، ތިޔަބޭފުޅުންގެ ހުރިހާ ފައިސާއެއް، ޓެކްސްގެ ގޮތުގައި ސަރުކާރަށް ލިބުނީމާ، ސަރުކާރުން އެފައިސާ މިދެނީ ސްޓެލްކޯއަށް. އިންޖީނުގެއަށް ކަރަންޓްގެ ޚިދްމަތް ދިނުމަށްޓަކައި. ދިނީމާ، އެ ކުންފުނިން އެ ޚިދްމަތް ދެނީ. ދީފައި ވަކި އަގެއް ކިޔާފައި، އެ އަގަށް ފައިސާ ނަގަނީ. އެ ކުންފުންޏަކަށް ފައިދާއެއްނުވޭ. އެއީ ކަރަންޓްގެ އަގު، ހަމަ އަގުގައި ނުބެހެއްޓޭތީ ކަމަށް އެ ކުންފުނިން ބުނަނީ. އަޅުގަނޑުމެން މި ހުށަހަޅާ ގޮތަކީ، ކަރަންޓްދޭ ކުންފުނިން، ވިޔަފާރީގެ އަގެއް ކިޔާށޭ. އެ އަގު އެއީ ޢާންމު ރޭޓަކަށްވުރެ މަތީ އަގަކަށް ވަންޏާ، އެ އިތުރުވާ އަދަދު، ސީދާ ރައްޔިތު މީހާއަށް އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ. އެމީހާއޭ ތިޔަކުންފުންޏަށް ފައިސާދޭނީ. ސަރުކާރަކުން ނޫނޭ. މި ބަދަލު ގެނެވޭތޯ އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑުމެންގެ އަމާޒަކީ، ކުންފުނިތަކަށް ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު ފައިސާ ދީދީ، އަޅުގަނޑުމެން ނުތިބުން.

ޙަޤީޤަތުގައި ބޭނުންވެގެން މިއުޅެނީ ތިޔަބޭފުޅުންނަށް، ރައްޔިތުންނަށް ޚިދްމަތެއްދޭން. އެހެންވީމާ، އަޅުގަނޑުމެންނަށް މިފެންނަނީ، މީގައި ވިޔަފާރީގެ އުޞޫލު މާ ސާފޭ. ސީދާ ރައްޔިތު މީހާ ސަބްސިޑައިޒް ކުރަންޏާ، އެމީހާ ސަބްސިޑައިޒް ކުރީމާ. އަޅުގަނޑުމެން މިގެންނަން މިއުޅޭ ބަދަލަކީ މިދެންނެވީ. އަދި އޭރުން މިދަންނަވާ ދިހަހާސް ގެ ޢިމާރާތް ކުރީމާ، މިއަހަރު ސަރުކާރުގެ ބަޖެޓުން ޚަރަދުކުރަން މިޖެހެނީ، ގިނަވެގެން ދުއިސައްތަ މިލިޔަން ރުފިޔާ. 20 މިލިޔަން ޑޮލަރު. ސަރުކާރުގެ ބަޖެޓުގައި ފައްސަތޭކަ މިލިޔަން ޑޮލަރު އެއްފަހަރާ އެއްއަހަރުގެ ބަޖެޓުގައި ހިމަނާކަށް ނުޖެހޭ. ގެއަކީ އޭގެ ޢުމުރު ތިރީސް އަހަރަށް ދެމިގެންދާ ހަރު މުދަލެއް. އެ މުދަލުގެ އަގު، އެއްއަހަރަށް ކުރުކޮށްފައި ގެނެސް އެއްއަހަރުގެ ޚަރަދުގެ ގޮތުގައި ހިމެނީމާ، އެއީ ވިޔަފާރީގެ ހަމަ އުޞޫލަކަށްވެސް ނުވޭ. އަޅުގަނޑުމެންގެ ރާއްޖެއަށް އިޤްތިޞާދީ ގޮތުން ވާއެއް ނުވާއެއް، ދެނެގަނެވޭނެ ގޮތްވެސް މީގެ ސަބަބުން ނޭނގިގެންދަނީ.

އެހެންވީމާ، އަޅުގަނޑުމެންނަށް ވަރަށްބޮޑު އިތުބާރެއް އެބައޮތް. އަޅުގަނޑުމެން އެމް.ޑީ.ޕީ މިގެންނަ ވިސްނުމުގެ ބަދަލު، ސިޔާސަތުގެ ބަދަލު ކާމިޔާބު ވާނެކަން. ރައްޔިތުންގެ ފައިސާގައި ނުޖެހި، ބަޔަކު އިޚްލާޞްތެރިކަމާ އެކީގައި މަސައްކަތް ކުރަން ތިބިއްޔާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓީމު އެގޮތަށް މަސައްކަތް ކުރާނެ.

ވަޒީރު ބޭފުޅުން އެކުރައްވަނީ އެ ނޫން އެހެން ކަމެއް ނޫން. އަދި އެކިއެކި އެހެން ކައުންސިލަރުންނާއި، އަތޮޅު ކައުންސިލަރުންނާއި، ރަށު ކައުންސިލަރުންނާއި އަދި އެނޫންވެސް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މަސައްކަތުގެ ގަޑިއަކީ، ހަތްގަޑިބައިން ދެގަޑި ބައެއް ނޫން. މަސައްކަތުގެ ގަޑިއަކީ، 14 ގަޑިއިރު މަސައްކަތް ކުރުން. އަޅުގަނޑު މިހާރުވެސް ނުހުއްޓި ހަމަ ކޮންމެ ދުވަހަކުވެސް 14، 15 ގަޑިއިރު މަސައްކަތް ކުރަން. މަގާމުތަކުގައި ތިއްބެވި އެހެން ސިޔާސީ ބޭފުޅުންވެސް، އެ ވަރަށް މަސައްކަތް ނުކުރައްވަންވީ އެއްވެސް ސަބަބެއް ނެތް. އަދި އެބޭފުޅުން އުފަލާ އެކީގައި ކުރައްވަމުން ގެންދަވާތަން، އަޅުގަނޑަށް މިއަދުވެސް ފެންނަމުން މިދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަނެއްކާވެސް ދަންނަވާނީ، މިރަށުގެ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ގޭހުގެ މަސައްކަތުގެ ޢަމަލީ ކަންތައްތައް، ތިޔަބޭފުޅުންނަށް މިއަހަރުގެ މެދެއްހާ ތަނުގައި ފެނިވަޑައިގަންނަވަން ފަށާނެއޭ.

އަޅުގަނޑު އެހެން ވާހަކައެއް ދަންނަވާލަން ބޭނުން. މިއަދު އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ، ލާމެހިފައިވާ ދުނިޔެއެއްގައި. އަޅުގަނޑު މިތަނުގައި ހުރެގެން ކުރާ ކަމެއްގެ ސަބަބުން، ބުނާ އެއްޗެއްގެ ސަބަބުން، ހޯރަފުށީގައި ހުންނަ މީހަކަށް އެބަ އަސަރުކުރޭ، ގޮތްވޭ. އަޅުގަނޑުމެން ތިޔަބޭފުޅުން މިއަދު ކުރައްވާ ކަމަކުން، ވެއްލަވައްތާގައި ތިބޭ ބަޔަކަށް އެބަ އަސަރުކުރޭ. އެއްބަޔަކާއި އަނެއްބަޔަކާ އެކިއެކި މަގުން މިތިބެނީ ގުޅި ލާމެހިފައި. ތިޔަބޭފުޅުންގެ ޢާއިލާތައް ދެހިވެލާގަޔާއި ވެއްލަވައްތާގައި އުޅުއްވާ. ޓްރިވެންޑްރަމްގައި އުޅުއްވާ. އެއްބަޔަކު އެއްތަނެއްގައި ކުރާ ކަމެއްގެ ސަބަބުން، އަނެއް ތަނަކަށް އޭގެ އަސަރު އެބަ ފޯރާ. އަޅުގަނޑުމެން މިއުޅެނީ ލާމެހިފައިވާ ދުނިޔެއެއްގައި. އަޅުގަނޑަކަށެއް މިއަދަކު ނެތް އަޅުގަނޑަކީ މާލޭ މީހެކޭ، ގަލޮޅު މީހެކޭ، ހަނދުބަލާ ގޯތި މީހެކޭ، ނުވަތަ ދަނޑިކޮށީގޭ މީހެކޭ ކިޔައި ހުރެވޭކަށް. އަޅުގަނޑަށް މަޖުބޫރު އެ ބޯދާ ޤަބީލާގެ ވިސްނުން ދޫކޮށްލަން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ރަށްރަށުގެ ގޮނޑުދޮށުން، އަތޮޅު ދުނިން، އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އަޅުގަނޑުމެންގެ ވިސްނުން ހުޅުވާލަން. އެހެން ނޫނިއްޔާ، އަޅުގަނޑުމެންނަށް ޙަޤީޤީ ތަރައްޤީއެއް ނުހޯދޭނެ.

ޖެހިގެން މިއޮތް މަޑިވަރާ، އެއާ ޖެހިގެން މިއޮތް ފެލިވަރާ އަދި އެއާ ޖެހިގެން އޮތް ގާވެރިފަޅާއި، އަދި އެއާ ޖެހިގެން އޮތް ހިންނަވަރާއި، އަދި މިއަތޮޅު ކުރެންދުއާއި، އޮޅުވެލިފުށްޓާއި، މާފިލާފުށްޓާ ނުލައި މިރަށުގެ ތަރައްޤީ ދެކެން އަޅުގަނޑަށް ވަރަށް އުނދަގޫ. މިނަން، އަޅުގަނޑަށް ވަރަށް އުނދަގޫ. އަދި މިރަށުގެ ފަސްހާސް މީހުންގެ މަސައްކަތުން ހަމައެކަނި ކުރާ އަސަރަކީ، މިކުޑަކުޑަ ސަރަޙައްދަށް ކުރާ އަސަރެއް ކަމަކަށްވެސް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އެހެން އަޅުގަނޑުމެން ގަބޫލުކޮށް، ކަންކަން ރާވައިފިނަމަ، އެއީ ވާނީ ވަރަށްބޮޑު ދޮގަކަށް. އަޞްލަކަށެއް ނުވާނެ. އޭރުން އަޅުގަނޑުމެންގެ ރޭވުންތައް ކުރިއަށްދާނީ، ވަރަށް ނުބައިކޮށް. ނައިފަރުގެ ބިމުގެ ކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެން ވިސްނާއިރުގައި، މަޑިވަރު ނުލައި އަޅުގަނޑުމެންނަކަށް ނުވިސްނޭނެ. ނައިފަރާއި މަޑިވަރާ ދޭތެރޭގައި ހުރި ގާތްކަމާއި، އެދޭތެރޭގައި، އަދި ނުހިއްކިއެއްކަމަކު މަގުން ގުޅުވާލުމުގެ ވިސްނުމެއް ނުގެންގުޅޭ. އަދި މަޑިވަރާއި ފެލިވަރާވެސް، އަދި ފެލިވަރާއި އެއާ ޖެހިގެން އެއޮތް ގާވެރިފަޅުވެސް. އަދި އެރަށާ ޖެހިގެން އެއޮތް ހިންނަވަރާ. މި މުޅި މަންޒަރު ނުދެކި، އަޅުގަނޑުމެންނަކަށް ނައިފަރުގެ ތަރައްޤީއެއްވެސް، ހިންނަވަރުގެ ތަރައްޤީއެއްވެސް، ފާދިއްޕޮޅުގެ ތަރައްޤީއެއްވެސް، ރާއްޖޭގެ ތަރައްޤީއެއްވެސް ނުވިސްނޭނެ. އެ ބޯދާ ވިސްނުމަކުން އަޅުގަނޑުމެންނަކަށެއް ނޫޅެވޭނެ. އުޅެގެނެއް އަޅުގަނޑުމެން މި އެދޭ ތަރައްޤީއެއް، ކުރިއެރުމެއް، އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ދުރު ވިސްނުން، ފުޅާ ވިސްނުން، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހުށަހަޅާނަން، އަޅުގަނޑުމެން މިދަނީ އެކަންކަން ތިޔަބޭފުޅުންނަށް ހުށަހެޅޭ މިންވަރަށް، މޭޒު ކައިރީގައި ތިބެގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން. އެއީ އަޅުގަނޑުމެންވެސް ހުށަހަޅާކަށް ބޭނުމެއް ނޫން، މިތަނާ މަޑިވަރާ ދޭތެރޭގައި އަޅާ ބްރިޖަކީ އެތައް އެތައް މިލިޔަން، ބިލިޔަން ޑޮލަރަށް އަރައިގެންދާ އެއްޗަކަށްވާއިރުގައި، އެއީ ކުރެވިދާނެ ކަމެއްގެ ގޮތުގައި ތިޔަބޭފުޅުންނަށް ހުށަހަޅާކަށް. އެހެން ނަމަވެސް، އެއީ އާދައިގެ މަގެއް ހެދުންފަދަ ޚަރަދުދާ ކަމަކަށްވެފައި، ނުވަތަ ބިން ހިއްކުމުގެ ދެބައިކުޅަ އެއްބައި ކަހަލަ ކަމަކަށްވެފައި އޮތްއިރުގައި، އެ މަޢްލޫމާތު އަޅުގަނޑުމެންނަށްވެސް ލިބި، އަދި ތިޔަބޭފުޅުންނަށްވެސް ލިބިވަޑައިގެންފައި އޮންނަންޖެހޭނެކަން އަޅުގަނޑަށް ޔަޤީން. ހަމަ އަޅުގަނޑުމެން އެންމެންނަށްވެސް އެ ވިސްނުން ވިސްނޭނެ.

އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު މިދެންނެވި، ނަރުދަމާއާއި، ފެނާއި، ކަރަންޓާއި، ގޭހާ، އަދި ޚާއްޞަކޮށް ކަރަންޓު ދޭން ބޭނުންވާ ކުންފުނިތަކުން، އަޅުގަނޑުމެން ބޭނުންވަނީ މިދަންނަވާ ސަރަޙައްދަށް އެކީގައި އެއް އިންޖީނުގެއިން ކަރަންޓުދޭން. އޭރުން ފައިދާވޭ. މިއިން ވަކި ރަށެއްގެ ޔުނިޓަކީ، ވިޔަފާރީގެ ފައިދާ ނުކުންނަ ޔުނިޓަކަށްނުވޭ. އެއަށްވުރެ ކުޑަ. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުގެ ރަށް އެއީ ދުނިޔޭގެ މެދު. އަދި އެންމެ ބޮޑު އެންމެ މުހިންމު ތަން. އެތަނުން އަޅުގަނޑުގެ ނަޒަރުގައި މުޅި ދުނިޔެވެސް ފަޅާ އުފެދިފައި މިއޮތީ. އެ ވިސްނުމުގައި އަޅުގަނޑުމެން މިތިބެވެނީ. އެކަން އެނގޭ. އެހެންނަމަވެސް، އަޅުގަނޑުމެން އިންސާނާއަކީ، އަދި މީހާއަކީ ވަރަށް ކުޑަކުޑަ އެއްޗެއްކަމާއި، އަޅުގަނޑުމެން އެއްވެސް މީހަކީ އެއްވެސް ބާރެއް ހުރި ބަޔެއް ނޫންކަމާއި، އަދި އަޅުގަނޑުމެން މިއަދު ވަކިން ކުރާ ކަމެއްގެ ސަބަބުން، ހަމަ ނުކުންނަ އެއްވެސް ނަތީޖާއެއް ނެތްކަން. އަދި ނުވަތަ ނުކުންނަ ނަތީޖާ ކުޑަ މިންވަރު، އަޅުގަނޑުމެން އެންމެންނަށްވެސް ވިސްނޭ. އެހެން ނަމަވެސް، ލާމެހިފައި، ގުޅިގެންވާ ވިސްނުން، އެ ވިސްނުމަށް ދިޔައީމާ، އަޅުގަނޑުމެންނަށް އެބަ ފެނޭ، ބޮޑު ޖާގަ. އަޅުގަނޑުމެންނަށް އެބަ ފެނޭ، ބޮޑު ފައިދާ. އަޅުގަނޑުމެންނަށް އެބަ ފެނޭ، ތަނަވަސް ދިރިއުޅުމާއި، އަނެއް ދިވެހިރާއްޖެ.

އިރާދަކުރެއްވިއްޔާ މި މަސައްކަތްތަކުގައި އަޅުގަނޑުމެންނެއް ކުޑަ މިންވަރަކަށްވެސް ހުއްޓާލައިގެންނެއް ނުތިބޭނެ. ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެން ވެފައިމިވާ ވަޢުދުތައް ފުއްދުމުގައި ބާރަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން. އެހެންނަމަވެސް، ހަމަ މިއާ އެކީގައި އަޅުގަނޑަށް ޔަޤީން، ތިޔަ އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މިއަދުގެ ރާއްޖޭގެ ސިޔާސީ ޙަޤީޤަތް. މި ސަރުކާރު ދެމިއޮންނާނެ. އެހެން ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެއް މި ސަރުކާރަށް ނެތިއްޖެނަމަ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޕްރޮގްރާމު ހިންގަން. ވަރަށް އުނދަގޫވާނެ. ބާރުތައް ވަކިކުރެވިފައިވާ، މި ޤާނޫނުއަސާސީގައި މަޖިލީހުގެ މުހިންމުކަން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ.

އެހެންވީމާ، ހަމަ ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާނީ، ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، އަދި ދުރު ވިސްނުމާއި އަދި ފުޅާ ވިސްނުމާއި، އަދި ގެދޮރާ، މިތަކެތި ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާނަމަ، އަޅުގަނޑުމެންނަށް އަޣްލަބިއްޔަތެއްވެސް ހޯއްދަވައިދެއްވާށޭ! އަޅުގަނޑު ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ ގޮތުގައި ކުރިމަތިލައިގެން، މި ސިޔާސީ ޕާޓީއެއްގެ ވިސްނުން، އެ ޕާޓީގެ ސިޔާސަތު ދިވެހިރާއްޖެއަށް ހުށަހެޅުމަށްޓަކައި، ރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް އަޣްލަބިއްޔަތެއް ދެއްވީ. އަލުން އަނބުރާ އަޅުގަނޑު ހަމަ އެ ރައްޔިތުންގެ ކިބައިން މި އެދެނީ. އަޅުގަނޑަށް ތިޔަ ދެއްވި، ރިޔާސަތަށް ދެއްވި އަޣްލަބިއްޔަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ! އަޅުގަނޑު އެމަސައްކަތް ކުރަމުންނޭ މިގެންދަނީ. ހަމަ ތިޔަބޭފުޅުންނަށް އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ، އަޅުގަނޑަށް މި އޮޑިދޭއިރުގައި އެކަން ކުރެވޭނެ ގޮތަކަށޭ، ދެން ހުރި އެހެން ކަންކަންވެސް އިންތިޒާމު ކޮށްދެއްވަންޖެހޭނީ.

އަޅުގަނޑު މި ބައްދަލުވުން މި ނިންމާލަނީ، ނައިފަރު ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމުން. މިވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް މި އައި ސިޔާސީ ބަދަލުތަކުގެ ތެރޭގައި، ނައިފަރުގެ ޒުވާނުން ސާބިތުކަންމަތީގައި ތިއްބަވާ، އަޅުގަނޑުމެންނަށް މުސްތަޤްބަލެއް ގެނެސްދޭނޭ ނިޒާމަކީ، ވެރިކަމުގެ ނިޒާމަކީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ކަމުގެ ފިކުރު ގަބޫލު ކުރައްވައި، އެގޮތުގެ މަތީގައި އަބަދުމެ މަސައްކަތް ކޮށްދެއްވަމުން ވަޑައިގެންނެވި، އަންހެން ބޭފުޅުންނަށާއި، އަދި ހަމަ ހުރިހާ ފިރިހެން ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

السّـلام عليـكم. اَلحَمْـدُ لِلّـهِ.