بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ކުރެންދުއަށް އައިސް ކުރެންދޫ ރައްޔިތުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑަކީ މިރަށަށް އާ މޫނަކަށް ނުވާނެ. އަދި އަޅުގަނޑަށް ތިޔަބޭފުޅުންގެ މޫނަކީވެސް އާ މޫނަކަށް ނުވޭ. އަޅުގަނޑުމެންނަށް މިއަދު ތިޔަބޭފުޅުންގެ އަރިހަށް މި އާދެވެނީ، ވަރަށް ބޮޑެތި ގިނަ އުންމީދުތަކެއް އަޅުގަނޑުމެން އަދި ތިޔަބޭފުޅުންވެސް ކުރައްވަމުން ގެންދަވާ އިރެއްގައި.

އަޅުގަނޑަށް ކުރިއްސުރެ ފަށައިގެންވެސް ކުރެންދުއާ ގުޅޭގޮތުން ފާހަގަވާ ކަންތައްތަކެއް ހުރޭ. އަދި ތިޔަބޭފުޅުންވެސް އެކަމާ ކަންބޮޑުވާ ކަންތައްތަކެއް ހުރޭ. ކުރެންދޫ ރައްޔިތުންނަކީ، ތަޢްލީމަށް ވަރަށް އިސްކަމެއް ދެއްވާ ބަޔެއް. ތިޔަބޭފުޅުންގެ މަދަރުސާގައި ހަތަރުސަތޭކަ ހަތްދިހައެއްހާ ކުދިން، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އެބައުޅޭ. އަދި ތިޔަބޭފުޅުންގެ މަދަރުސާގައި ޓީޗަރުންގެ ގޮތުގައި، ވަރަށްގިނަ އަދަދަކަށް، އެހެން ރަށްރަށާ އަޅާބަލާއިރުގައި ބީރަށްޓެހި ކުދިންވެސް އެބަތިބި. އަދި އަނެއްހެން ޖުމްލަކޮށް ދެކޭއިރުގައި މި މަދަރުސާ ރަނގަޅަށް ނުހިންގޭންވީ އެއްވެސް ސަބަބެއްވެސް ނެތް.

އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން މަދަރުސާއާ ގުޅޭގޮތުން، ތިޔަބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންގެ ހަމަނުޖެހުމެއްވާކަން. އަޅުގަނޑު، ވަރަށް އިޚްލާޞްތެރިކަމާއެކީގައި، މިއަދު މި އެދެނީ، އެސިސްޓެންޓް ޕްރިންސިޕަލާ ވާހަކަ ދައްކަވައިގެން، އަދި އެސިސްޓެންޓް ޕްރިންސިޕަލްވެސް ތިޔަބޭފުޅުންނާ ވާހަކަ ދައްކަވައިގެން، ޙަސަދަވެރިކަމާއި ފިތުނަޔާ ނަފްރަތުން ސަލާމަތްވެ ޙަޤީޤީ ތަރައްޤީގެ މަސައްކަތަށް އަޅުގަނޑުމެންނަށް ދެވޭނެގޮތެއް ހޯއްދަވައިދެއްވުމަށް.

އަޅުގަނޑަށް އަދި ސަރުކާރަށް ލިބިގެންވާ ޤާނޫނީ ބާރު ބޭނުންކޮށްގެން، އެވެނިކަމެއް، މިވެނިކަމެއް، އެވެނި ގޮތަކަށް މިވެނި ގޮތަކަށް ކުރެވިދާނެ. އެހެން ނަމަވެސް، އޭގެވެސް ދާއިމީ ނަތީޖާއެއް ނުނެރެވޭނެ. ޙަޤީޤީ ރަނގަޅެއް ހޯދޭނީ ވާހަކަ ދައްކައިގެން ހޯދޭ ޙައްލުތަކުގެ ތެރޭގައި. ކަމެއްގެ ޙައްލެއްގެ ތެރެއަށް އެއްވެސް މިންވަރެއްގެ ބާރެއް، އެއްވެސް ބާވަތެއްގެ ބާރެއް، ޤާނޫނީ ބާރު ކަމަށްވިޔަސް، ގޮށްމުށުގެ ބާރު ކަމަށްވިޔަސް، އެއްވެސް ބާވަތެއްގެ ބާރެއް އަޅުގަނޑުމެން ބޭނުންކުރަން ފިކުރުކޮށްފިނަމަ، އޭގެ ސަބަބުން ނުކުންނާނީ ހަމަ ވަރަށް ވަގުތީ އުފާވެރި ކަމެއް ނުވަތަ ވަގުތީ ހިތްހަމަޖެހުމެއް. އެއީ އެހެން މީހަކަށް ގޮތެއް ހަދާލެވުނީތީވެ، ތިމާ ހިތްހަމަނުޖެހޭ މީހަކާ ދޭތެރޭގައި އެމީހާ ދެރަވާނެ ކަމެއް ކޮށްލެވުނީތީވެ ލިބޭ ހިތްހަމަޖެހުން. އިންސާނާއަކީ ބައެއްފަހަރަށް އުނި ސިފަތައް ވަރަށްގިނަ އުފެއްދުމެއް، ނުވަތަ އުނި ސިފަތައް ވަރަށްގިނަ މެޝިނެއް. އެހެންވީމާ، އަޅުގަނޑުމެންނަށް އަބަދުވެސް އެ އުނިކަމުގެ ތެރެއިން ސަލާމަތް ނުވެވި އަރައިނުގަނެވި މިދަނީ.

އަޅުގަނޑު، ކުރެންދޫ ރައްޔިތުންގެ ކިބައިން މިކަމަށް ވަރަށް ބޮޑަށް އެދެން. އަޅުގަނޑުމެން މިތިބީ، ސަރުކާރުން މިއޮތީ ޙަޤީޤަތުގައި ކުރެންދޫ ރައްޔިތުން ހަމަ އެދިވަޑައިގެންނެވި ހުރިހާ ކަމެއް، ވީ މިންވަރަކުން ކޮށްދިނުމަށް. ނަރުދަމާއެއް ވިޔަސް، ބަނދަރެއްވިޔަސް. އަޅުގަނޑަށް އެނގޭ ބަނދަރުވެސް މަރާމާތު ކުރަންވެފައިކަން އޮތީ. އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އެހެން ރަށްރަށުގައި ބަނދަރު މަރާމާތުކޮށް ހަދާ އުޅެންޏާ، ކުރެންދޫގައި ބަނދަރު ހަދާފައި އުޅޭނީ.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނާ ތިޔަބޭފުޅުންނާ ހުންނަ ގާތްކަމާއި، މިއީ ކިހިނެއް އުފެދިގެން އައި ސަރުކާރެއްކަމާއި، މި ސަރުކާރު އުފެދުމުގައި އަދި ދިވެހިރާއްޖޭގެ ގިނަ ޕާޓީ ވާދަކުރާ ސިޔާސީ މަސްރަޙެއް ގެނައުމުގައި ކުރެންދޫގެ ރައްޔިތުންނާއި، ޅ.އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި އަދި ޚާއްޞަ މަޖިލީހުގެ މެންބަރާ، އެބޭފުޅުން މިކަމުގައި ކުރެއްވިހާ މަސައްކަތް. އަދި ތިޔަބޭފުޅުންގެ ތެރެއިން މި ނުކުތް ޖޯޝާއި، އެ ނުކުތް ފޯރީގައި މި ޖޯޝްގައި އެންމެ ފުރަތަމަ އަޑުއުފުލަމުން އައި އެއްބަޔަކީ ކުރެންދޫ ރައްޔިތުން. މި ސަރުކާރަކުން އެކަމެއް ހަނދާން ނެތިގެނެއް ނުދާނެ. އެހެން ނަމަވެސް، އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް ޔަޤީން، ތިޔަ ހުރިހާ ބޭފުޅުންނަށް އިވިވަޑައިގަންނަވާނެކަން، އަޅުގަނޑު ކަންތައްތައް ކުރާގޮތް. އަޅުގަނޑު ހަމަ ވަރަށް ބޮޑަށް މި އެދެނީ، އަޅުގަނޑުވެސް ރުޅި އަންނަ ކިތަންމެ ބައެއް އުޅޭ. ހިތްހަމަނުޖެހޭވެސް އެތައް ބައެއް އުޅޭ. ނަމަވެސް ކަމަކަށް ދާއިމީ ޙައްލެއް ގެނައުމަށް އޮމާން ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެބަ އެދެން، ތިޔަބޭފުޅުން ވާހަކަ ދައްކަވައިގެން ޙައްލުތައް ހޯއްދެވުން. އިރާދަކުރެއްވިއްޔާ މިއަދު ތިޔަބޭފުޅުންނަށް އާ ޕްރިންސިޕަލެއް ލިބިވަޑައިގަންނަވާނެ. ބޭރު ޕްރިންސިޕަލެއް. އެސިސްޓެންޓް ޕްރިންސިޕަލް ދެންމެ ވިދާޅުވީ، އެކަމާ ގުޅިގެން މިހާރު މެސެޖް އައިސްފައޭ ވާނީ. އަދި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މާޗްމަހުގެ ތެރޭގައި މިތަނަށް އޮސްޓްރޭލިޔާ ޓީޗަރުން ހޯދައިދޭނަން. އެ ޓީޗަރުންނަށް މިކޮޅަށް އާދެވޭވަރުވާނެ ކަމަށް އަޅުގަނޑުމެންނަށް މިވަގުތު ލަފާކުރެވެނީ މާޗްމަހު.

ބަނދަރު ހެދުމާއި، ބަނދަރު މަރާމާތު ކުރުމުގެ ކަންތަކުގައި ވަރަށްބޮޑު އުނދަގުލެއް ދިމާވެގެން އަޅުގަނޑުމެން މިއުޅެނީ. މިހާތަނަށް ބަނދަރުތައް މަރާމާތު ކުރުމަށް ހަދާފައި ހުރި ބައެއް ސާމާނު، އެނގިވަޑައިގަންނަވާނެ، މިހާރު ވާޓަރު ހެދުމުގައި ބޭރުން ކޮންކްރީޓް ކޮށްގެން ގެންނަ ސްލަޑެއް ކަހަލަ އެއްޗެއް ގެނެސް ފައްތައިގެން މި ހަދަނީ. ވަރަށް ގިނަ އަދަދަކަށް ހަދާފައި ހުރި އޭގެ އެއްޗެތި ހުރީ ވަރަށް ދެރަ ފެންވަރެއްގައި. ހަމަ މަކަރުވެރި ގޮތަކަށް ހެދިފައި ހުރި އެއްޗެހިތަކެއް ހުރީ. އޭގެ ސަބަބުން ސަރުކާރަށް ވަރަށްބޮޑު ގެއްލުންވަނީ. މިހުރިހާ އެއްޗެއް ދޫކޮށްލާފައި، އަޅުގަނޑުމެންނެއް ނޭދެން މިތަނުގެ ބަނދަރު މަރާމާތުކޮށް ނިންމާފައި ގޮސް، މި ވެރިކަމުގެ ދައުރު ނުނިމެނީސް އަނެއްކާ ބަނދަރު މަރާމާތު ކުރަން އަންނާކަށް. އަޅުގަނޑުމެން ދެކެނީ، ބަނދަރެއް މަރާމާތު ކުރަންޏާ، ބަނދަރެއް ހަދަންޏާ، އެ ބަނދަރު ފަންސާހަކަށް އަހަރު ހުންނަންޖެހޭނެ ކަމަށް. އެހެން ނޫނިއްޔާ ސަރުކާރަށް ލިބޭ ގެއްލުން މާބޮޑު. އެހެންވީމާ، އަޅުގަނޑުމެން މި އުންމީދު ކޮށްގެން މިތިބީ ހަމަ ފުރަތަމައިނުންވެސް އަޅުގަނޑުމެންނަށް، ކުރެންދޫ ބަނދަރު ފަށައިގަނެވިދާނެ ކަމަށް. އެހެންނަމަވެސް، ތިޔަބޭފުޅުން ތިން ހަތަރު މަހެއް މިކަމުގައި މަޑުކުރައްވަން ޖެހިވަޑައިގެންފާނެ ކަމަށް މިހާރު ފެނޭ. މަދަރުސާގެ ކަންތައްވެސް އަޅުގަނޑު މިދެކެނީ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ޙައްލު ކުރެވޭނެ ކަމަށް. ދެން ޓީޗަރުންގެ އަދަދާއި ޓީޗަރުންގެ މިންވަރާ، އެކަންކަން އަޅުގަނޑުމެންނަށް އަޅުގަނޑުމެން ހިތްހަމަޖެހޭވަރުގެ މިނަކަށް ގެނެވޭނީ ޙަޤީޤަތުގައި މިއަހަރުގެ މެދެއްހާ ތާނގައި.

އޭގެއިތުރުން ކަރަންޓުގެ ކަންތައް. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންގެ އިންޖީނުގޭގެ ކަންތައްވެސް، ކަރަންޓުގެ ޙާލަތުވެސް ހަމަ ދަށްކަން. އިރާދަކުރެއްވިއްޔާ މިހާރު މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ޔުޓިލިޓީސް ކުންފުނި އުފައްދައި، އެ ކުންފުނީގެ ތެރެއަށް، އަޅުގަނޑުމެން މިދެކެނީ މިޕްރޮވިންސްގެ އެއީ، ނ. ރ. ބ. ޅ. ހިމެނޭ ޕްރޮވިންސްގެ ތެރެއަށް ހުރިހާ އިންޖީނުގެތަކެއް ގެނައުމަށް. މިހާރު ތިޔަބޭފުޅުން ތިޔަ ގެންގުޅުއްވަނީ، ރައްޔިތުންގެ އިންޖީނުގެއެއް ކަމަށްވަނީވިއްޔާ، އެހެން ގެނެވުނީމާ އަޅުގަނޑުމެންނަށް އެ އިންޖީނުގެތައް ހިންގަމުން ގެންދެވޭނެ. އެއީ އަޅުގަނޑުމެން މި އުފައްދާ ޔުޓިލިޓީސް ކުންފުނީގައި މިރަށު ރައްޔިތުންނަށްވެސް ޙިއްޞާވެވޭނެ. ނުވަތަ އެ ކުންފުނިން އެ އިންޖީނުގެ ގަތުމަށް އެދޭނެ. މިއިން ކޮންމެވެސް އެއްމަގަކުން ގޮސްގެންނަމަވެސް، އެއް އަގެއްގައި އެއް އުޞޫލަކުން އެއް ހަމައެއްގައި އެއްފެންވަރެއްގައި ހުރިހާ ރަށްރަށުގެ ރައްޔިތުންނަށް ކަރަންޓު ދޭނެ ގޮތެއް ހަމަޖެއްސުން އެއީ އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އޭގެ މަސައްކަތްވެސް އަޅުގަނޑުމެން މިދަނީ ވަރަށް ބާރަށް ކުރަމުން.

ދެން މަދިރީގެ މައްސަލަ. މަދިރި ހެފުން އެއީ، ބައެއްފަހަރަށް އަޅުގަނޑަށް މާބޮޑު ކަމެއްގެ ގޮތުގައެއް އެކަމެއް ނުފެނޭ. ބައެއް މީހުންނަށްވާ ކަމެއް. މަދިރި އަބަދުއަބަދު ހަފަމުން ދިޔާމަކާ އެއީކީ ފަސޭހަ ކަމަކަށްނުވޭ. އަޅުގަނޑު މިހާރު ބަލާނަން އަތޮޅު ކައުންސެލަރާ ވާހަކަ ދައްކައިގެން، އަދި މިތަނުގައި މިހުންނަ އަތޮޅު ހޮސްޕިޓަލާވެސް ވާހަކަ ދައްކައިގެން، އެކަމާގުޅޭ ބޭފުޅުންނާ ވާހަކަ ދައްކައިގެން، މަދިރި މެރުމުގެ ޕްރޮގްރާމެއް، ދުން ޖެހުމުގެ ޕްރޮގްރާމެއް މިތަނުގައިވެސް ކުރިޔަށް ގެންދެވޭތޯ. އަދި ދާއިމީ ގޮތަކަށް އެކަންކަން ކުރަމުން ގެންދެވޭނެ ގޮތެއްވޭތޯ ބަލާނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާގައި އެކަން ކުރެވޭތޯ އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ބަލާނަން. އެދޭތެރޭގައި ދުވާފަރު ދަންޑެހެލު ނިދާގޮތަށް ދެން ނިދިކުރެއްވޭނީ. އެހެންވީމާ، މިއަންނަ ހަފްތާއާ ހަމައަށް ތިޔަބޭފުޅުން އެގޮތަށް ގެންދަވަން ޖެހޭނީ.
އަޅުގަނޑު ޙަޤީޤަތުގައިވެސް ހަމަ ވަރަށް އުފަލުން މިހުރީ. އަޅުގަނޑު އެދެނީ، ތިޔަބޭފުޅުން އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކޮށްދެއްވާނެ ކަމަށް. ޑީ.އާރު.ޕީ. އާއި، އެމް.ޑީ.ޕީ އާ ދެ ޕާޓީއާ ހަމަ އެއްވަރަކަށް ތާއީދުކުރައްވާ ބޭފުޅުން މިރަށުގައި އުޅުއްވާކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، އަޅުގަނޑުމެން މިދެކެނީ، ޑީ.އާރު.ޕީ ބޭފުޅުންވެސް މިރަށުގެ ތަރައްޤީއަށާއި އަތޮޅުގެ ތަރައްޤީއަށް އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގަންނަވާނެކަމަށް. އެކަމަކަށް ހުރަހެއް ނާޅުއްވާނެއޭ. ދެން އެމަގުން އެބޭފުޅުން އުޅުއްވާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ޔަޤީން ކުރަން. އަޅުގަނޑު ޑީ.އާރު.ޕީ ބޭފުޅުންނަށް ވަރަށް ބޮޑަށް އިލްތިމާސް ކުރަން އަދި ދަންނަވަން ބޭނުންވޭ، އަޅުގަނޑުމެންނަކީ ރުޅިވެރިކަމުގައި މިކަން ކުރަން މިތަނަށް އައިސްއުޅޭ ބައެއް ނޫން. އަޅުގަނޑުމެންނަކީ އިޙްތިރާމާއި ޤަދަރާއި ލޯބިން ނޫން ގޮތަކަށް ރައްޔިތުންގެ ރުހުން ހޯދަން މަސައްކަތް ކުރާނެ ބައެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ބޭނުމެއް ނޫން، ޒުވާބެއްގެ ތެރެއަށްދާކަށް. ދެން އަޅުގަނޑު އުންމީދު ކުރަން، ކުރެންދޫ ރައްޔިތުންވެސް އެގޮތަށް ބޭނުންފުޅު ނުވާނެކަން.

އަޅުގަނޑުމެންގެ ކުރިމަތީގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެބައޮތް. ހަމަ ޙަޤީޤަތުގައިވެސް، މި ސަރުކާރުގެ ޕްރޮގްރާމްތައް އަޅުގަނޑުމެންނަށް ހިންގޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެއް ސަރުކާރަށް ލިބިގެން. އަޅުގަނޑު ބޭނުން އެ އަޣްލަބިއްޔަތު. މިހާރު ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ ގޮތުގައި އަޅުގަނޑު ހުއްޓި ހުންނައިރުގައި މިއީ އަޅުގަނޑަށް ހަމަ ޞައްޙަ ވާހަކައެއް. ރައްޔިތުންގެ މަޖިލީހުގެ ކަންތަކުގައި ތިޔަބޭފުޅުން ފުރިހަމައަށް ވިސްނަވައި، އެކަންތައްވެސް ރަނގަޅަށް އޮމާންކޮށް ގެންދެވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް ހަމަ އެދޭ ކަމެއް. ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ތިޔަބޭފުޅުން ވޯޓު ދެއްވާނީ. އެހެންނަމަވެސް، ރަށުގެ ތަރައްޤީއަށާއި، ރާއްޖޭގެ ތަރައްޤީއަށާއި، ރާއްޖެ ދެން ފަހަތަށް ނުޖެހޭނެ ވަރަށް ތިޔަބޭފުޅުންވެސް ވިސްނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!
ތިޔަބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން މިހާރުވީ ފެލިވަރުގައި. އެބޭފުޅުން މަޝްވަރާ ކުރައްވަމުން އެ ގެންދަވަނީ، ތަރައްޤީގެ މަޝްރޫޢުތައް ހިންގާނެ މައިގަނޑު އެންމެބޮޑު ތަރަހަ، ނުވަތަ މިހާރު އެ އިންތިޒާމު ކަނޑައެޅޭނެ ގޮތަކާ ބެހޭގޮތުން. އެ އިންތިޒާމު ކަނޑައެޅުނީމާ، އަޅުގަނޑުމެންނަށް ބާރަށް ދެވޭނީ. އަނެއްކާވެސް ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާ! އަދި ކިތަންމެފަހުން ނަމަވެސް، އާ އަހަރުގެ ހެޔޮއެދުންތައް ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ރައްދުކުރަން.

اَلحَمْـدُ لِلّـهِ.