بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ޙަޤީޤަތުގައި މިހާރު ބަހުސް ނިމިއްޖެ. ރައްޔިތުންނަށް އެންމެ ރަނގަޅަށް ތަރައްޤީ ލިބޭނީ، އޭގެ ފައިދާ ރައްޔިތުންނަށް އެންމެ ރަނގަޅަށް ކުރާނީ، ވެރިކަމުގެ އެންމެހާ ކަންކަމާއި އިޤްތިޞާދީ އެންމެހާ ކަންކަން، މާލޭގައި މަރުކަޒުކޮށްގެންތޯ، ނުވަތަ ރައްޔިތުންގެ ކަންކަން ރައްޔިތުންނާ ވީހާވެސް ގާތުން ނިންމޭނެ އުޞޫލެއް، އިންތިޒާމެއް މަގެއް ހޯދުނީމާތޯ.

މިދެންނެވި ދެ އަތަށް އޮތް ބަހުސްގެ އިތުރު ހޯދުމެއް، ނުވަތަ އިތުރު ވިސްނުމެއް ދިވެހިންގެ ތެރޭގައި މިހާރު އޮތްކަމަކަށް އަޅުގަނޑު ނުދެކޭނަން. ރާއްޖޭގެ ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ތަރައްޤީ ހޯދަންވެއްޖެނަމަ މީގައި ބުއްދިވެރިގޮތަކީ، މާލޭގައި ހުރިހާ ކަމެއް ކުރުމެއް ނޫނޭ، ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންގެ ކަންކަން ނިންމޭނެ އުޞޫލެއް، މަގެއް ހޯދުމޭ. މާލޭގެ އަހުލުވެރިންނަށްވެސް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް މިކަން ވަރަށް ސާފު. އެބަހުސްގައި ދުވަސްތަކެއްވަންދެން، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަށް އުޅެވިއްޖެ.

މިދިޔަ އެއްހާސް އަހަރުގައި ދިވެހިރާއްޖޭގެ ތާރީޚު މިޞްރާބު ޖަހަމުން މިއައީ، ރާއްޖޭގެ އެންމެހާ ކަންކަން މާލެއަށް ދިޔަދޮވިވެ، މާލެއަށް ހުރިހާ ބާރެއް ޖަމާވެ، މަރުކަޒުވާނެ ގޮތްތައް މެދުވެރިކުރުމުގައި. ދިވެހި ސަރުކާރުން އެކިއެކި އިރުއިރުގައި އެ ބާރު މާލެއިން ދޫކޮށްލައި އަތޮޅުތަކަށް ނުވަތަ ރަށްރަށުގެ ތެރެއަށް ބަހާލުމުގެ ވިސްނުން ގެންގުޅުއްވާ. އެހެންނަމަވެސް، ފަށައިގަނެވޭއިރަށްވުރެ އަވަހަށް ފަހަތަށް އަޅާ ފިޔަވަޅު ބޮޑުވެފައި އޮންނަ ތަން ވަރަށް ގިނައިން ފެނޭ.

ހަނދުމަފުޅު ހުންނާނެ، މިއަތޮޅު މާފިލާފުށްޓަކީ ލާ މަރުކަޒީ އުސޫލުން ތަރައްޤީ ކުރުމަށްޓަކައި ކަނޑައެޅުނު ރަށެއް. މިއަދާ ހަމައަށް އައިއިރުގައި އެއިން އެންމެ އެދެވޭ ނަތީޖާ ލިބުނުކަމަކަށް އަޅުގަނޑުމެންނަކަށް ދެކެވޭކަށެއް ނެތް. މިއަދުގެ ސަރުކާރުން މިކަން ދޫކުރާކަށެއް ގަސްތެއް ނުކުރޭ. އަޅުގަނޑުމެން ބޭނުންވަނީ، މި އުޞޫލުން ރައްޔިތުންނާ ގާތުން ރައްޔިތުންގެ ކަންކަން ނިންމޭނެ ގޮތަކަށް ވެރިކަން އިންތިޒާމުކުރަން. އެކަން ކުރުމުގައި އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން މިސަރުކާރު އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެކަން.

އަޅުގަނޑުމެންނަށް އެތައް ދައްޗެއް ކުރިމަތިވޭ. ފުރަތަމަ ކަމަކީ އަދި އެންމެ މުހިންމުކަމަކީ، އަޅުގަނޑުމެން މިކުރާ އެއްވެސް ކަމެއްގައި ޤާނޫނީ ހަމަ ނެތިގޮސްގެނެއް ނުވާނެ. ޤާނޫނީ ހަމައެއް ހޯދާންޖެހުމުން އެއިން ލިބޭ ނުވަތަ އެއިން ދިމާވާ ތަކުލީފަކީ، އުނދަގުލަކީ، ނުވަތަ ދިމާވާ ކަންކަމަކީ އުނދަގުލެއްކަމަށް، ތަކުލީފެއްކަމަށް ދެކިގެނެއް ނުވާނެ. އަޅުގަނޑުމެން ތިބެން ޖެހޭނީ ޤާނޫނީ ހަމައިގައި. މި ލާމަރުކަޒީ ނުވަތަ ސަރަޙައްދީ ތަރައްޤީ ކުރިޔަށް ގެންދެވޭނީ އަޅުގަނޑު މިދަންނަވާހެން ޤާނޫނީ އިމުގެ ތެރޭގައި.

ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ހިންގުމާ ގުޅޭގޮތުން އުފައްދަންޖެހޭ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތައް އުފައްދަން ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތީ ޤާނޫނެއް މެދުވެރިކޮށް. އެހެންވީމާ، ޤާނޫނެއް މެދުވެރިނުކޮށް އަޅުގަނޑުމެން އެކަން ކޮށްގެނެއް ނުވާނެ. މިވަގުތު އަޅުގަނޑުމެން މިކުރާ ކަމަކީ، ސަރަޙައްދީ ތަރައްޤީގައި ކުރިޔަށް ދިޔުމަށްޓަކައި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން މާލޭގައި ހިންގަމުން ގެންދިޔަ އިދާރީ މަސައްކަތްތައް ރާއްޖޭގެ ހަތް ސަރަޙައްދެއްގައި ކުރަމުން ގެންދިޔުން. އަދި ސަރުކާރު މިހާރު އެކުލެވިފައިމިވާ ސާދަ މިނިސްޓްރީގެ ތެރެއިން ރައްޔިތުންނާ ގުޅުންހުރި ހުރިހާ މިނިސްޓްރީއެއްގެ މަސައްކަތްތައްވެސް، ޚިދްމަތްތައްވެސް މިދަންނަވާ ހަތް ސަރަޙައްދުގައި ލިބެންހުންނާނެ ގޮތް ރޭވުން، އިންތިޒާމު ރޭވުން. އެއީ، އަޅުގަނޑުމެން ކުރަން މިއުޅޭ މަސައްކަތަކީ. ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ހިންގުމެއް ނޫން. އެކަން އަޅުގަނޑުމެންނަށް ކުރެވޭނީ އެކަމާ ގުޅޭ ޤާނޫނު އެކުލަވާލެވި، އެ ޤާނޫނުގެ ދަށުން އިންތިޚާބުވާންޖެހޭ ކައުންސެލަރުންނާއި އަދި އެހެނިހެން މަގާމުތައް އިންތިޚާބުވެގެންދިޔައިމާ.

މިދަންނަވާ ހިސާބަށް މިކަން އަޅުގަނޑުމެންނަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލިހެއް އޮވެގެން. އެމަޖިލިސް ބައްދަލުވެގެން. އެ މަޖިލީހުން ޤާނޫނޫތައް ހެއްދެވީމާ. މިވަގުތު އެބޭފުޅުން އެއުޅުއްވަނީ ޗުއްޓީގައި. އަޅުގަނޑުމެން އުންމީދުކުރަނީ ކޮންމެވެސް އިރަކުން އެބޭފުޅުން ވަޑައިގަންނަވާނެކަމަށް. އަދި އަޅުގަނޑުމެން އުންމީދު ކުރަނީ މި ޤާނޫނުތައް ހެއްދެވުމުގެ މަސައްކަތް އެބޭފުޅުން ހީވާގީކަމާއެކީގައި ގެންދަވާނެކަމަށް. ރައްޔިތުންގެ މަޖިލިހުގެ އެންމެހާ މެންބަރުންނަކީ، އެބޭފުޅުންގެ ޒިންމާ އަދާނުކުރައްވާނެ ބޭފުޅުންކަމަކަށް އަދި އެބޭފުޅުންގެ ވާޖިބުތައް ފުރިހަމައަށް އަދާނުކުރައްވާނެ ބޭފުޅުން ކަމަކަށް އަޅުގަނޑު ނުދެކެން.

މިދަންނަވާ އުޞޫލުތަކަށް މިކަންކަން ކުރުމަށްޓަކައި ކުރިޔަށް އުފެދޭނެ ރައްޔިތުންގެ މަޖިލީހެއްގެވެސް ވިސްނުން މިމަގަށް ހުރުން އެއީ، އަޅުގަނޑުގެ ނަޒަރުގައި ވަރަށް މުހިންމުކަމެއް. ރާއްޖޭގެ ވެރިކަން މިހިނގަނީ ސިޔާސީ ޕާޓީތަކުގެ ވާދަވެރި ނިޒާމުގެ ތެރޭގައި. ލާމަރުކަޒީ އުޞޫލު ޤާނޫނެއްގެ ގޮތުގައި އަޅުގަނޑުމެންނާ ހަމައަށް އަންނަން މިސްރާބު ޖަހާއިރުގައި އަޅުގަނޑު އުންމީދުކުރަން އެވިސްނުމަށް ނުލެނބޭ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓު ނުދެއްވާނެކަމަށް. އަތޮޅުތަކުގެ ރައްޔިތުން ވޯޓު ދެއްވާނީ، ތިޔަބޭފުޅުންގެ އަތޮޅުތަކުގައި ލާމަރުކަޒީ އުޞޫލު މިބާރު ގެންދެވުމަށް އެއްބަސްވެވަޑައިގަންނަވާ ކެންޑިޑޭޓުންނަށް ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ހަނދުމަފުޅު ބަހައްޓަވާތި! އަޅުގަނޑަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް. އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި މި ހުންނަނީ ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވެގެން، ޕާޓީގެ ނިޒާމުގެ ތެރެއިން. އަޅުގަނޑު ތިޔަބޭފުޅުންނަށް މި ހުށަހަޅައިދެނީ އަޅުގަނޑުމެންގެ ޕާޓީގެ ވިސްނުން. އެއީ ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްރަށް ހިންގުން. ރައްޔިތުންނަށް ބާރުދިނުން. އަޅުގަނޑު، ތިޔަބޭފުޅުންގެ ކިބައިން މިއެދެނީ، ރައްޔިތުން އެބާރު ލިބިގަންނަން. އެބާރު ހޯއްދެވުމަށް ޤާނޫނީ ހަމަތަކާއި، އަޅުގަނޑުމެންގެ ތެރޭގައި މިވާ ހުރިހާ މުއައްސަސާތަކެއްގެ ބޭނުން ކުރެއްވުމަށް.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ ދަތުރުގޮސް ނިމޭއިރުގައި، ޖޫން ޖުލައިގައި، މިކަމާގުޅޭ ޤާނޫނުތަކެއް ލިބި، އަދި އިންތިޤާލީ ބާބުގައިވާ ގޮތުގެމަތިން، ރަށު ކައުންސިލްތަކުގެ އިންތިޚާބު އަޅުގަނޑުމެންނަށް ބޭއްވޭނެ. އަތޮޅު ކައުންސިލްތަކުގެ އިންތިޚާބު އަޅުގަނޑުމެންނަށް ބޭއްވޭނެ. އެހެންވީމާ، ސީދާ ޤާނޫނީ ފުރިހަމަ އިމުގެ ތެރޭގައި، ޤާނޫނުއަސާސީގެ އަށްވަނަ ބާބު އެބުނާ ގޮތަށް ލާމަރުކަޒީ އުޞޫލުން މިކަންކަން ކުރިއަށް ގެންދެވޭނެ.

މިއަދު އަޅުގަނޑުމެން މިފަށައިގަންނަ މަސައްކަތަކީ، އެމަގަށް ދާއިރުގައި އަޅުގަނޑުމެން އަހުލުވެރިވުމަށާއި، ސަރުކާރު އަހުލުވެރިވުމަށާއި، އަދި ރައްޔިތުންވެސް މިކަމަށް ފަރިތަވުމަށްޓަކައި ހަމަ މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރަން ފެށުން. ސަރުކާރުގެ އަމާޒަކީ، ޖޫން ޖުލައި އަންނައިރަށް، ފާށަނާ ބިލްޑިންގ ތަޅާލުން. އެއީ، މިދަންނަވާހެން އަޅުގަނޑުގެ މީޒާނަކީ. ފާށަނާ ބިލްޑިންގގައި އެހުންނަނީ ކުރީގައި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ގޮތުގައި އެހެންނޫނިއްޔާ ޕްރޮވިންޝަނަލް މިނިސްޓްރީގެ ގޮތުގައި ހިނގަމުން އައި އިދާރާ. ސަރުކާރުގެ އަދި އަޅުގަނޑުގެ އަމާޒަކީ އެޓޮލްސް މިނިސްޓްރީގެ އިދާރީ ހިންގުން މި ސަރަޙައްދުތަކަށް ބަދަލުކޮށް، ޖޫން ޖުލައިމަހަށް އެބިން ސާފުކޮށް، އެތަނުގައި ރަށްރަށުން ވަޑައިގަންނަވާ ބޭފުޅުން މަޑުކޮށްލައްވައިގެން ތިއްބަވާނެ ކަހަލަ ޕާކެއް ކަހަލަތަނެއް ހެދޭނެ ގޮތްވުން.

ސިޔާސީ އެހެން ފިކުރުތަކުގައި ތިޔަބޭފުޅުން، އަޅުގަނޑާ ކިތަންމެ ނުރުހުންވެވަޑައިގެންނެވި ކަމުގައިވިޔަސް އަދި ޚިޔާލު ތަފާތުވީކަމުގައިވިޔަސްވެސް، އަޅުގަނޑު ގަބޫލުކުރަނީ މިވަގުތު މިތާ ތިއްބެވި ޑީ.އާރު.ޕީގެ ހުރިހާ ބޭފުޅުންވެސް އަދި އެހެން ޕާޓީތަކުގެ ހުރިހާ މަންދޫބުންވެސް މި ވިސްނުމުގައި އަޅުގަނޑާ އެއްބަސްވެވަޑައިގަންނަވާނެކަމަށް. އެހެންނޫނީ، ތިޔަބޭފުޅުން ޙަޤީޤަތުގައި ތިޔަބޭފުޅުންގެ ރައްޔިތުންނަށް އިޚްލާޞްތެރިވެވަޑައެއްނުގަންނަވާ. ރައްޔިތުންގެ އަތްމައްޗަށް ބާރުދިޔުމަކަށް ތިޔަބޭފުޅުން އެދިވަޑައެއްނުގަންނަވާ. ތިޔަބޭފުޅުން އެހެންނޫނިއްޔާ ހަމަބޭނުންފުޅުވަނީ ހުރިހާ ބާރެއް މާލޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި އޮވެގެން، މި ރާއްޖޭގައި ޚުދުމުޚުތާރު ވެރިކަމެއް ހިންގުން. އެމަގަށް ރާއްޖޭގެ ވެރިކަންދާކަށް ތިޔަބޭފުޅުން ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަކަށް އަޅުގަނޑެއް ނުދެކެން.

އެހެންވީމާ، އަޅުގަނޑު މިއުންމީދު ކުރަނީ، އަޅުގަނޑުމެންގެ ކުރިމަތީގައި ޙަޤީގަތުގައި މާއުނދަގޫ ދަތިތަކެއް ނެތްކަމަށް. އަތޮޅުތަކަށް އަޅުގަނޑުމެން ބަދަލުކުރަން މިއުޅެނީ، ހަމައެކަނި އިދާރީ ހިންގުމެއް ނޫން، ހަމައެކަނި ސިޔާސީ ނިންމުންތަކެއް ނޫން. ކޮންމެ ސަރަޙައްދެއްގައި އަޅުގަނޑުމެން އެބަ އުފުއްދަން ޔުޓިލިޓީޒް ކުންފުންޏެއް. އެއީ، ފެނާއި، ނަރުދަމާއާއި، ކަރަންޓާ، ގޭހުގެ ޚިދްމަތް އެސަރަޙައްދަކަށް ދިނުމަށް އުފައްދާ ކުންފުންޏެއް. އެމަގުން ހުވަދުއަތޮޅުގެ ނުވަތަ އަޕަރ ސަދަން ރީޖަންގެ ޕްރޮވިންސްގެ ޔުޓިލިޓީޒް ކުންފުނި އަޅުގަނޑުމެން މިހާރުވާނީ އުފައްދާފައި. މިހަފްތާތެރޭގައި ނުވަތަ މިއަންނަ ހަފްތާގެ ތެރޭގައި، ނ،ރ،ބ،ޅ ހިމެނޭ މިޕްރޮވިންސްގެ ކުންފުނިވެސް އަޅުގަނޑުމެން އުފައްދާނަން. އެކުންފުނީގެ މަޤްޞަދަކީ ނ،ރ،ބ،ޅ މިހަތަރު އަތޮޅުގެ ވީހާވެސް ގިނަ ރަށެއްގައި ފެނާ ނަރުދަމާއާއި ކަރަންޓާއި ގޭހުގެ ޚިދްމަތްދިނުމާއި މަގުތައް ހެދުން.

ހަމައެއާއެކީގައި، ހައުސިންގ، ގެދޮރު ޢިމާރާތް ކުރުމުގެ ކުންފުންޏެއްވެސް އުފެދިގެންދާނެ. އެކުންފުނީގެ އަމާޒަކަށްވާނީ، އެންމެ މަދުވެގެން މިއަހަރު ދުވަހުގެ ތެރޭގައި ކޮންމެ ޕްރޮވިންސެއްގައި އެއްހާސް ގެ އިމާރާތްކޮށްފައި، ދިގު މުއްދަތުގައި ފައިސާދައްކާ ޚަލާޞްކުރާ އުޞޫލުން ރައްޔިތުންނަށް ދޫކުރުމަށް މަސައްކަތްކުރުން. އިރާދަކުރެއްވިއްޔާ، ޖޫން ޖުލައިއަށް މިދަންނަވާ މަސައްކަތުގެ ޢަމަލީ ކަންކަންވެސް އަޅުގަނޑުމެންނަށްފެށްޓޭނެ. މިކަންކަމަށް މިހާރު މާބޮޑު ހުރަސްތަކެއް ހުރިކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ. ފައިސާގެ ކަންތައް އަޅުގަނޑުމެން މިދެކެނީ ޙައްލުވާނެކަމަށް. އެއީ، ބޭރުގެ ވަރަށް ގިނަ ކުންފުނިތަކުގެ ޝައުގުވެރިކަން އެބަހުރި ރާއްޖޭގައި އެކި ގޮތްގޮތަށް އިންވެސްޓްކޮށްގެން މަސައްކަތްތައް ކުރިޔަށް ގެންދަން. އަޅުގަނޑުމެން މިއަހަރު ޢިމާރާތްކުރަން މިއުންމީދުކުރާ ދިހަހާސް ގެ، އެއީ ކޮންމެ ޕްރޮވިންސެއްގައި އަޅުގަނޑުމެން ބޭނުންވޭ އެއްހާސް ޔުނިޓް ޢިމާރާތްކުރަން. ރައްޔިތުންގެ މަޖިލިހުގެ ރުހުން އަޅުގަނޑުމެންނަށް ލިބެނީނަމަ، މިއަހަރުގެ ތެރޭގައި އެކަންކަން ކުރުމަކަށް އަޅުގަނޑުގެ ނަޒަރުގައި ދެން އިތުރު ހުރަހެއް ނެތް.

ނަރުދަމާއާއި، ފެނާއި، ކަރަންޓާ، ގޭހުގެ ޚިދްމަތްދޭ ކުންފުނި ހަމަ ފަށައިގަތުމާއެކުގައި ހުރިހާ އިންޖީނުގެއެއް މި ކުންފުނީގެ ދަށަށް ގެނެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރާނަން. ރަށްރަށުގައި ހުންނަ އަމިއްލަ ބޭފުޅުންގެ އިންޖީނުގެތައް އެބޭފުޅުން ބޭނުންފުޅުވާނަމަ، މި ކުންފުނީގައި ޙިއްޞާވާ ގޮތަށް ދެއްވޭނެ. ނުވަތަ މި ކުންފުންޏަށް އަޅުގަނޑުމެންނަށް ވިއްކޭނެ. އަދި ސްޓެލްކޯގެ ހުރިހާ އިންޖީނުގެތައްވެސް މި ކުންފުންޏަށް ބަދަލުވާނެ. ރައްޔިތުންގެ އެކައުންޓްތަކުން ހިންގާ އިންޖީނުގެތައްވެސް މިކުންފުނީގައި ޙިއްޞާވުމަށް ރައްޔިތުން ބޭނުންވާނަމަ އެހެން އެކަން ކުރެވޭނެ.

އަޅުގަނޑުމެންގެ އަމާޒަކީ، އެއްއަގެއްގައި މުޅި ޕްރޮވިންސަށް އެކީގައި ކަރަންޓު ދެވޭތޯ މަސައްކަތްކުރުން. އެކަން އެންމެ ފުރިހަމައަށް ކުރުމަށްޓަކައި ވަރަށް ބޮޑު އަދަދުގެ އިންވެސްޓްމަންޓް، ކަރަންޓުގެ ޚިދްމަތް ދިނުމަށް އަދި އެބަ ތަޢާރުފްވާން ޖެހޭކަމަށް އަޅުގަނޑަށް މަޝްވަރާ ލިބެނީ. އޭގެތެރޭގައި، އެއް އިންޖީނުގެއަކުން ގިނަ ރަށްރަށަށް ކަރަންޓުދިނުމާއި އަދި ކަރަންޓް އުފެއްދުމުގައި ތަފާތު އެކިއެކި ޓެކްނޮލޮޖީ ބޭނުންކުރުން ހިމެނޭ. އެހެންނަމަވެސް، މިދަންނަވާހެން އެއްއިންޖީނުގެއަކުން ނުވަތަ އެއް އަގެއްގައި އެއްއުޞޫލަކުން ކަރަންޓުދިނުމުގެ ކަންތައް އަޅުގަނޑުމެން މިދެކެނީ، ޖޫން ޖުލައިގައި ފަށައިގަނެވިދާނެކަމަށް. މިހާރު އަޅުގަނޑުމެންނަށް އަޑުއިވެނީ، ގޭހަކީ، މިވަގުތުވެސް ހޮޅި އަޅައިފިއްޔާ ގިނަ ރަށްރަށުގައި ފައިދާވާނެ ކަމެއްކަމަށް. އަދި ރަށްރަށުގައި ހޮޅި އަޅައިފިނަމަ، ރައްޔިތުންނަށް މިހާރު ގޭސް ލިބޭ އަގަށްވުރެ މާ ހެޔޮ އަގެއްގައި ގޭސް ފޯރުކޮށްދެވޭނެކަމަށް، އެހެންވީމާ، ނަރުދަމާއާއި ފެނާއި ކަރަންޓަށް ކޮނެވޭއިރު، އަޅުގަނޑުމެންނަކީ ބުއްދިވެރިބައެއް ކަމަށް ފަހުން އަންނަ މީހުންނެއް ނުބުނާނެ، މިވަގުތު އަޅުގަނޑުމެން ގޭސް ހޮޅިއެއް ނާޅައިފިނަމަ. އިރާދަކުރެއްވިއްޔާ މިދަންނަވާ، ޔުޓިލިޓީޒް ކުންފުނީގެ މަސައްކަތް ބާރަށް ހިނގަން ފެށީމާ މިދެންނެވި ގޭސްހޮޅިވެސް އެޅިގެންދާނެ.

މިހުރިހާކަމެއް ހިންގުމުގައި އަޅުގަނޑު އިތުރަށް ތިޔަބޭފުޅުންގެ ކިބައިން، ރައްޔިތުންގެ ކިބައިން ބޭނުންވާ ކަންތައްތަކެއް ހުންނާނެ. އޭގެތެރިން އެއްކަމަކީ ކޮން އަތޮޅެއްގެ ކޮންރަށެއްގައިތޯ މި މަރުކަޒު ގާއިމުކުރާނީ. އެކަން ނިންމުން. ދެންހަމަ ކޮންމެ ބޭފުޅަކަށްވެސް ތިމަންނާގެ ރަށްވަރެއް ނެތް. އެންމެ އެކަށިގެންވަނީ ތިމަންނާގެ ރަށް. އެކަމަކު އެހެންނަމަވެސް، އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް އޮވޭ. އަޅުގަނޑަކަށެއް ނެތޭ މާލޭ މީހަކަށްވެގެން، ގަލޮޅުމީހަކަށްވެގެން، ހަނދުބަލާ ގޯތި މީހަކަށްވެގެން، އެހަނި ޖާގައިގާ ހުރެވޭކަށް. އަޅުގަނޑުމެން މިއެދެނީ، ތިޔަބޭފުޅުންގެ ވިސްނުން ރަށުގެ ގޮޑުދޮށުން، އަތޮޅު ދުނިން، ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދަވާށޭ! ބޯދާ ޤަބީލާ ވިސްނުމުގައި ނޫޅުއްވާށޭ! އެއްރަށާ އަނެއްރަށާ ދެމެދުގައި ހުރި ތަފާތެއް ޙަޤީގަތުގައި ފެނިގެން ނުވާނެ. އެހެންނަމަވެސް، އަޅުގަނޑަށް ދެންނެވޭނީ މިހެން. އަޅުގަނޑު ހިންދިރުވާލާއިރުގައި ތިޔަބޭފުޅުން އެކަން އަދި މުޅިއަކުން ގަބޫލެއް ނުކުރައްވާނެ. ޒަމާންތަކެއް ނަގާނެ.

އެހެންނަމަވެސް، އަޅުގަނޑު އުންމީދުކުރަނީ، ހަމަގައިމުވެސް ޒުވާން ވިސްނުމުގައި ބޯދާ ގަބީލާ ގޮތް ހުރެގެން ނުވާނެއޭ. އެއްރަށާ އަނެއްރަށުގެ ޒުވާބު އޮވެގެން ނުވާނެއޭ. އެކަން އެހެން އޮތްކަމަށްވަނީވިއްޔާ، އެކަން އެހެން ކުރިޔަށްދާކަމަށްވަންޏާ، އެކަކު އަނެކަކާ، އެއްރަށާ އަނެއް ރަށާ، އެއް އަތޮޅާ އަނެއް އަތޮޅާ ޖައްސާފައި، ސިޔާސީ ވެރިންނަށް ވަރަށް ފަސޭހަވާނެ ވެރިކަމުގައި ތިބެން. އެހެންވީމާ، އެފުރުޞަތު މިހާރުގެ ވެރިންނަށް ނާރުވާނެކަމަށް އަޅުގަނޑު އުންމީދުކުރަން. އެ ފުރުޞަތު އަޅުގަނޑަށް ނުދެއްވާނެކަމަށް އަޅުގަނޑު އުންމީދުކުރަން. އަޅުގަނޑުމެންނަކީވެސް، ހަމަ ސިޔާސީ މީހުން. އެހެން ހުރިހާ ސިޔާސީ ތާށި އެހެން ހުންނައިރު، ލިބޭ ފުރުޞަތެއްގެ ބޭނުން ނުކޮށް ދޫކޮށްލަން ވަރަށް އުނދަގޫ. އެހެންވީމާ، އެހާ ފޮނި ކާއެއްޗެއް އަޅުގަނޑުމެންގެ ކުރިމަތީގައި ތިޔަބޭފުޅުން ނުބަހައްޓަވާނެކަމަށް އަޅުގަނޑު އުންމީދުކުރަން. މިކަމާ ގުޅޭގޮތުން ތިޔަބޭފުޅުން ރަނގަޅަށް ވިސްނަވާފައި، ބުއްދިވެރި ގޮތެއް ނިންމަވާނެކަމަށް އަޅުގަނޑު ދެކެން. ކުރަން މިއުޅޭ ކަމަކީ ކުޑަ ކަމެއް ނޫން. މިއީ، ދޭދޭ ދެރަށެއްގެ ދެމެދުގައި، ދެއަތޮޅެއްގެ ދެމެދުގައި ޚިޔާލު ތަފާތުވެގެން އަޅުގަނޑުމެންނަށް ހުއްޓާލެވެން އޮތްކަމެއް ނޫން. ލަސްކުރެވެންވެސް އޮތްކަމެއްނޫން.

މިއަދު އަޅުގަނޑަށް އަދި އެމް.ޑީ.ޕީ.އަށް މާލޭ މީހެއްގެ ގޮތުގައި ހުރެ މިހުރިހާ ވާހަކަ ދެއްކިދާނެ. އަޅުގަނޑު ނުދެކެން މީގެ ހައެއްކަ މަސްފަހުންވެސް އެ ފުރުޞަތު އޮންނާނެކަމަކަށް. އެރަށު މީހުންވެސް، މާލޭ މީހުންވެސް ދުވަސްކޮޅެއްވާއިރަށް އަޅުގަނޑުމެންނާ ދޭތެރޭގައި ފުންކޮށް ވިސްނަންފަށާނެ. އަދި އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ، ހަމަ ވަރަށް ބޮޑަށް ގަބޫލުފުޅުކުރައްވާތި، ފަސޭހަކަމެއް ނޫން. މާލޭގައި އޮތް ބާރެއް، މާލޭގައި އޮތް ވެރިކަމެއް، މާލެއިން ނެރުން އެއީކީއެއް، ކިތަންމެ ތަހުޒީބު ވިޔަސްވެސް ވަކި އެމީހުންނަކަށްވެސް ފަސޭހަކަމަކަށްނުވާނެ. ފަސޭހަ ވިސްނުމަކަށްނުވާނެ. އެހެންވީމާ، ތިޔަބޭފުޅުންގެ އެއްގެއާއި އަނެއް ގެއާއި ދެމެދުގައި، އެއް އާއިލާއާ އަނެއް އާއިލާއާ، އެއް އަވަށާއި އަނެއް އަވަށާ، އެއް ރަށާއި އަނެއް ރަށާއި، އެއް އަތޮޅާއި އަނެއް އަތޮޅާ ދެމެދު އޮންނަ ޚިލާފުތަކެއްގެ ސަބަބުން އަޅުގަނޑު ދަންނަވާނީ، މިފުރުޞަތު ނަންގަވާނުލައްވައްޗޭ. އެފުރުޞަތު ނަންގަވާލައްވައިފިނަމަ، ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ދަރިންނަށާއި، ދަރިންގެ ދަރިންނަށް އެކުރެއްވުނީ ވަރަށް ބޮޑު ބޭއިންސާފެއް. އަޅުގަނޑު އުންމީދުކުރަން މިއަދު ނިމޭއިރުގައި ތިޔަބޭފުޅުންގެ ވިސްނުމުގެ މައިގަނޑު މަގަކަށް، މައިގަނޑު ތަރަހައަކަށް ވާންޖެހޭނީ ކޮންތަނެއްގައިތޯ އިމާރާތްހުރީ، އެންމެ ޚަރަދުކުޑަކޮށް މިކަން ކުރެވޭނީ ކިހިނެއްތޯ. ދަތުރުފަތުރުގެ ގޮތުން އެންމެ ރަނގަޅީ ކޮންތަނެއްތޯ. ބަނދަރު އެންމެ ރަނގަޅަށް ބޭނުންކުރެވެންއޮތީ ކޮން ތަނެއްގައިތޯ. ބޮޑުކުރެވެންއޮތް ރަށަކީ ކޮބައިތޯ. އިޤްތިޞާދީ ވިސްނުން، ތަހުޒީބީ ވިސްނުމުގައި، މިކަން ނިންމަވާނެކަމަށް. ތިމަންނާގެ ބޮޑުބޭބެއަށް ވާނެގޮތެއްގެ މައްޗަށް ނުވިސްނަވާ، ތިމަންނާގެ ގެވަޅާ، ރުއްގަހާ، މިތަކެއްޗަށް ނުވިސްނަވާ، ދުރުވިސްނުމެއްގައި މިކަން ތިޔަބޭފުޅުން ކުރިޔަށް ގެންދަވާނެކަމަށް އަޅުގަނޑު އުންމީދުކުރަން.

ހަމައެއާއެކީގައި ދެވަނަކަމެއް އެބަ ބޭނުންވޭ، އެއީ މިދަންނަވާހެން މި ވިސްނުމަށް ރައްޔިތުންގެ މަޖިލީސްގެ ރުހުން ތިޔަބޭފުޅުން ހޯއްދަވައިދެއްވަންޖެހޭނެ. މިއީ، ތިޔަބޭފުޅުން ބޭނުންފުޅުވާކަމެއްކަމަށް ވަނީވިއްޔާ، ކަރަންޓުގެ ޚިދްމަތް އެއްއަގެއްގައި ބަހައްޓަވަން ބޭނުންފުޅުވަންޏާ، ނަރުދަމާޔާ، ފެނާ، ގޭހުގެ ޚިދްމަތް އެކަށީގެންވާ އަގެއްގައި އަވަސް މުއްދަތެއްގެ ތެރޭގައި ބޭނުންފުޅުވަންޏާ، ގެދޮރު އަޅުއްވަން ބޭނުންފުޅުވަންޏާ، މަގުތައް ހައްދަވަން ބޭނުންފުޅުވަންޏާ އަދި ސަރުކާރު ހިންގުން ތިޔަބޭފުޅުންނާ ގާތުގައި ކުރިޔަށް ގެންދާ ގޮތަކަށް ކަންކަން ރާއްވަވަން ތިޔަބޭފުޅުން ބޭނުންފުޅުވަންޏާ، އެކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ސަރުކާރަށް ހޯއްދަވައިދެއްވީމާ ނޫނިއްޔަކާއެއް ސަރުކާރުން މިކަންކަމެއް ކުރިއަކަށް ނުގެންދެވޭނެ. ސަރުކާރަށް މިކަންކަން ކުރިއަށް ނުގެންދެވުނަސްވެސް ސަރުކާރު އޮންނާނެ. ރައީސުލްޖުމްހޫރިއްޔާ ހުންނަވާނެ. ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގެއްލުމެއް ނުވެސް ނެތް. މީގެ ހަމަ ހުރިހާވެސް ގެއްލުމެއް ލިބެން އޮތީ އަޅުގަނޑުމެން ޢާންމު ރައްޔިތުންނަށް.

އަޅުގަނޑު ހިތުން މިހާރުވެސް މާ ގިނައިރު އަޅުގަނޑަށް ހުރެވިއްޖެ. އަޅުގަނޑު އުންމީދުކުރަނީ، މިއަދު މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ބައިވެރިންވެސް، އެކިއެކި ސިޔާސީ ޕާޓީތަކުގެ ބައިވެރިންވެސް، ޙަޤީގަތުގައި ސިވިލް ސަރވިސްގެ ވަރަށް ގިނަ އަދަދެއްގެ ބޭފުޅުންވެސް އެބަ ބައިވެރިވެވަޑައިގަންނަވާ. ދެން އެބޭފުޅުންނަކީ ޙަޤީގަތުގައި ސިޔާސީ ޕާޓީތަކުގެ މަންދޫބުންނަށް ޓެކްނިކަލްގޮތުން އެއްޗެހި ވިދާޅުވަން ތިއްބަވާ ބޭފުޅުން. ޙަޤީޤީ ބައިވެރިންނަކީ ސިޔާސީ ބައިވެރިން. އެހެންވީމާ، ސިޔާސީ ވިސްނުން ގެންގުޅުއްވާނެކަމަށް އަޅުގަނޑު އުންމީދުކުރަން.

އަޅުގަނޑު އެދެނީ، މިއަދަށްވުރެ ފަހި މާދަމާއެއް މިޕްރޮވިންސަށް ލިބިގެންދާނެކަމަށް. ހަތް ޕްރޮވިންސްގައި ދިވެހިރާއްޖެ އެތުރިފައި އޮންނައިރު، އަނެއް ދިވެހިރާއްޖެ ދެކެން ފަސޭހަވާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަކީ ފާގަތި މުސްތަޤުބަލެއް އޮތް ދިވެހީންތަކަކަށް ވެގެންދާނެ.

اَلحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ!