بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ކަތީބު މާގިނައިން ފަރިއްކޮޅުގެ ވާހަކަ ދެއްކެވީމާ، އަޅުގަނޑުމެން މިތިބީ. އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެ. އިރު މިހިރީ، މެންދުރަށްވުރެ ބޮޑުވެފައި.

މިއީ، އަޅުގަނޑު އޮޅުވެލިފުށްޓަށް އައި ފުރަތަމަ ފަހަރެއްވެސް ނޫން. 2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ އިންތިޚާބަށް އަޅުގަނޑުމެން ތައްޔާރުވެގެން އައިއިރުގައި، އަޅުގަނޑަށް ނަޞީބު ލިބުނު، އޮޅުވެލިފުށީ ހުރިހާ ގެއަކަށް ވަންނަން. އަދި އޭގެފަހުން، އަޅުގަނޑުމެންގެ ރިޔާސީ އިންތިޚާބުގެ ދެބުރުގައިވެސް އަޅުގަނޑު އޮޅުވެލިފުށްޓަށް އައިސް، އޮޅުވެލިފުށީގެ ރައްޔިތުންނާ އަޅުގަނޑު ވާހަކަ ދައްކައި ހެދިން. ތިޔަބޭފުޅުންގެ އިޙްސާސްތަކާއި ތިޔަބޭފުޅުންގެ އުންމީދުތައް އަޅުގަނޑުމެންނަށް ވަރަށް ސާފު.

އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށޭ. އެއީ، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށޭ. ތިޔަބޭފުޅުންގެ ބޭނުންތައް ފުއްދުމަށޭ. އަޅުގަނޑުމެން ރެއާ ދުވާލުވެސް ކުރަމުން ގެންދާނީ މިދެންނެވި މަސައްކަތް. އެ އިންތިޚާބުގައި އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް، އަޅުގަނޑުމެންނަށް ފުއްދައިދެވޭނެ ގޮތްތަކަށް، ތަފްޞީލީ މަސައްކަތްތަކާއި މަޝްރޫޢުތައް ހިންގަން ފެށުން.

އަޅުގަނޑު މިއަދު މިތަނަށް އައިއިރުގައި، އޮޅުވެލިފުށީގެ ބަނދަރު ހެދެމުންދާތީވެ، އެކަމާ އަޅުގަނޑު ހިތްހަމަޖެހޭ. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އެދުންތަކާއި ތިޔަބޭފުޅުންގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ބަނދަރު ފުރިހަމަވެގެންދާނެ. ދެންމެ ކުޑަކުޑަކޮށް ބަލާލީމާ އަޅުގަނޑަށް އެނގުނު އެއްޗަކީ، ބަނދަރުގެ މަސައްކަތް ކުޑަކޮށް ލަސްވެފައިވާކަން. އަދި ފަހަރެއްގައި އެ ކޮންޓްރެކްޓް އޮތްގޮތެއް މިރަށަށް ނޭނގި އޮވެދާނެ. އެހެންވީމާ، އެކަން އޮތް ގޮތެއް ސީދާ ހޯދުމަށް ތިޔަބޭފުޅުން މަސައްކަތް ކުރައްވަން އަޅުގަނޑަށް ފެނޭ. އަތޮޅު ކައުންސިލަރާއި އަދި އަޅުގަނޑުމެންގެ ރައީސް އޮފީހުންވެސް އެކަމަށް މަސައްކަތް ކޮށްދޭނަން. އެއީ، މި ކޮންޓްރެކްޓްގައި އޮތްގޮތެއް، ސީދާ މިރަށު މީހުންނަށް އެންގުމަށްޓަކައި. އަޅުގަނޑަށް ލަފާކުރެވިފައި އޮންނަ ގޮތުގައި މިބާވަތުގެ ބަނދަރަކީ، ނޭޝަނަލް ހާބަރ ޕްރޮގްރާމުގެ ބަނދަރެއް ނޫން. މިއީ އެކްސެސް ޕްރޮގްރާމުގެ ބަނދަރެއް. މިބާވަތުގެ ބަނދަރުގައި، އޭރުގެ ސަރުކާރުން ބަހައްޓަވަމުން ގެންދެވި ފުންމިނަކީ ތިން މީޓަރު ނުވަތަ ނުވަ ފޫޓް. އެހެންވީމާ، އެވަރު ހަމަވޭތޯ، ނުވޭތޯ ނުވަތަ ކަންތައްތައް ހިނގަމުންދަނީ ކިހިނެއްތޯއާއި، ހަމަކުރަން އޮތީ ކިހާވަރެއްތޯއާއި، މިބާވަތުގެ މަޢްލޫމާތު ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައި އޮތުން އެއީ، ބުއްދިވެރި ކަމެއްގެ ގޮތުގައި އަޅުގަނޑުވެސް ދެކެން. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުންނަށް އެ މަޢްލޫމާތު ލިބިވަޑައިގަންނަވާނެ ކަމަށް.

އަޅުގަނޑުމެން ވަމުންދިޔަ ވަޢުދެއް، ޢުމުރުން 65 އަހަރުގެ ކޮންމެ ދިވެހި ރައްޔިތަކަށް އަންހެނަކަސް، ފިރިހެނަކަސް، ދެހާސް ރުފިޔާ ނުލިބޭ ކޮންމެ ބޭފުޅަކަށް ސަރުކާރުން ކޮންމެ މަހަކު ދެހާސް ރުފިޔާގެ ޕެންޝަނެއް އަރުވާނަން. އިރާދަކުރެއްވިއްޔާ، މި މަސް ނިމޭއިރުގައި، މިރަށުގެ 65 އަހަރުން މަތީގެ ބޭފުޅުންނަށް މިދަންނަވާ ޕެންޝަން ލިބިވަޑައިގަންނަވަން ފަށްޓަވާނެ. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުންގެ ދިރިއުޅުއްވުމާއި ތިޔަބޭފުޅުންގެ ޢާންމުޙާލަތު، މިކަމުގެ ސަބަބުން މިހާރަށްވުރެ ރަނގަޅު ވެގެންދާނެ ކަމަށް.
އަޅުގަނޑުމެން ފޯރުކޮށްދޭ ނެޝަނަލް ހެލްތް އިންޝުއަރެންސް، ބޭސްފަރުވާ ކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ޢަމަލީ މަސައްކަތްތައް މިހާރު މިވަނީ ފެށިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި އެކަންވެސް ހިނގައިގަންނާނެ. ހިނގައިގަތީމާ އަޅުގަނޑުމެން އުންމީދު ކުރާނީ، ބޭސްފަރުވާގެ ކަންތައް މާބޮޑު ތަކުލީފަކާ ނުލައި، މީހުން ކައިރީގައި އާދޭސް ކުރަން ނުޖެހި، އެކަން ހަމަޖެހިގެންދާނެ އުޞޫލެއް މެދުވެރިވާނެ ކަމަށް.

އަޅުގަނޑަށްވެސް އެނގޭ، މިތާ ކައިރީގައި މިއޮތް ރިޒޯޓް ހުދުފުށި، އެތަން ރިޒޯޓަކަށް ހަދައި، އޭގެ ފައިދާ މިރަށަށާއި މިއަތޮޅަށާއި އަދި މި ރާއްޖެއަށް ލިބުމަކީ ވަރަށް މުހިންމު ކަމެއް. އެކަން ކުރުމަށް، އެ ފައިދާ ހޯދުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ އެ ރިޒޯޓުގެ މަސައްކަތް ކުރިއަށް ގެންދަން. ހުއްޓިފައި ހުރި ރިޒޯޓުތަކާ ގުޅޭގޮތުން ނުވަތަ މަސައްކަތް ނުހިނގާ އަދި ހުޅުވަންޖެހޭ ތާރީޚު ފަހަނަޅައި ގޮސްފައި ހުރި ތަންތަނާ ގުޅޭގޮތުން ސަރުކާރުން ޢަމަލު ކުރާނެ އެއް އުޞޫލެއް ދެނެގަތުމަށް އަޅުގަނޑުމެން މިހާރު ވާނީ ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލާފައި. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެކޮމިޓީގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ރަށްތައް ހެދުމުގެ ކަންތައް ބާރަށް ހިނގައިގަންނާނެ. އަޅުގަނޑު އުންމީދު ކުރަނީ، ހުދުފުށި ހިންގުމުގެ ޢަމަލީ މަސައްކަތް ދާދި އަވަހަށް ފެށޭނެ ކަހަލަ ގޮތަކަށް އެރަށާ ގުޅޭގޮތުން ވާހަކަ ދައްކަން އަޅުގަނޑުމެންނަށް ފެށޭނެއޭ. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން އޮތް ވާހަކައަކީ، ހުދުފުށި، ރިޒޯޓަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ މިހާރު މިއޮތް ހިސާބު ހޯދާފައި، ދެން ކުރިއަށް އޮތް ތަނުގައި އެކަން ކުރެވޭނެ މަގެއް ހޯދަމުންނޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އެކަން ކޮށްދޭނަމޭ.

މިއީ، މިރަށުގައި އަޅުގަނޑު ހިތުން ގްރޭޑް 10 އަކަށް ކިޔަވާ ފުރަތަމަ އަހަރު. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ރަށު މަދަރުސާގައި އިސްލާމް ޓީޗަރަކާއި ދިވެހި ޓީޗަރެއް މަދު. ބޭރު ޓީޗަރުން އަޅުގަނޑަށް ހަމަ ވަރަށް އެބަ ފެނޭ. ބޭރުން އަޅުގަނޑުމެންނަށް ޓީޗަރުން ގެނެވޭނެ. އެހެން ނަމަވެސް، ދިވެއްސާއި އިސްލާމާ ކިޔަވައިދޭނެ މީހަކު ތައްޔާރު ނުކުރާ ކަމަށްވަނީވިއްޔާ، ދިވެއްސާއި އިސްލާމާވެސް ކިޔަވައިދޭނެ މީހުން ބޭރުން ގެނައުމުގެ ވިސްނުމަށް އަޅުގަނޑުމެންނަކަށެއް ނޭނބުރެވޭނެ.

އަޅުގަނޑުމެން ބޭނުންވާ ހުރިހާ ކަމެއް ބޭރުން ހޯދުން އެއީ، އަޅުގަނޑުމެންނަށް ކަންކަން ކުރިއަށް ގެންދެވޭނެ ގޮތެއް ނޫން. މިހާރު ހަމަ ގައިމުވެސް އަޅުގަނޑުމެންގެ ރާއްޖެއަކު މިއަހަރަކު ނެތް، ދިވެހި ކިޔަވައިދޭނެ ޓީޗަރުންނެއް. ދިވެހިބަސް، އަޅުގަނޑުމެންގެ މާދަރީބަސް، އަޅުގަނޑުމެންގެ ދަރިންނަށް އަންގައިދެވޭނެ ވަރަށް އަޅުގަނޑުމެންގެ ތެރެއަކު، އެކަމަށް ބޭނުންވާ މުދައްރިސުންނެއް އުފެއްދިފައެއް ނެތް. އެހެންވީމާ، މިވަގުތު އަޅުގަނޑުމެންނަށް މިޖެހެނީ އިއްޔެ މަދަރުސާއިން ނިންމި ކުއްޖެއް، ހަމަ އޭނާއާ އެއް ޢުމުރުގެ ކުއްޖަކަށް ކިޔަވައިދިނުމަށް މަދަރުސާގެ ޓީޗަރެއް ކަމަށް ބުނެ، މަދަރުސާގައި ބަހައްޓަން. ދެން އޭނާއަށް ތަމްރީނެއް ދީގެން ނުވަތަ ކޮންމެވެސް އެއްޗެއް އޮޅުންފިލާތޯ ބަލައިގެން އޭނާއަށް އެއްޗެއް ކިޔައިދީފައި، އެ މަދަރުސާގައި ޓީޗަރަކު ހުރިކަމަށް އަޅުގަނޑުމެން ދެކިގެން ތިބެވޭކަށެއް ނެތް. އަޅުގަނޑުމެން އެބަޖެހޭ، ޓީޗަރުންގެ ފެންވަރުވެސް ރަނގަޅު ކުރަން. ޓީޗަރުންގެ ޢަދަދުވެސް އިތުރުކުރަން. އިރާދަކުރެއްވިއްޔާ، މިކަންކަން ކުރުމަށް އަޅުގަނޑުމެންނަށް ދުވަސްކޮޅެއް ލިބުނީމާ، އަޅުގަނޑުމެންނަށް ބާރަށް އެކަން ފަށައިގަނެވޭނެ. އެހެން ނަމަވެސް، ރާއްޖެއަށް ބޭނުންވާ މިންވަރަށް ދިވެހި ޓީޗަރުންނާއި އިސްލާމް ޓީޗަރުން ހޯދުމަށް އަޅުގަނޑު އަމިއްލައަށް ވިސްނާއިރުގައި އަދި މިކަމާބެހޭ މާހިރުންނާ އަޅުގަނޑު ވާހަކަ ދައްކާއިރުގައި، އެބަ ނަގާ 3 އަހަރު. އަޅުގަނޑުމެން ބަލާނަން ވީހާވެސް އަވަހަކަށް ތިޔަބޭފުޅުންގެ ދަރިންނަށް ދިވެއްސާއި އިސްލާމް ކިޔަވައިދެވޭނެ ގޮތެއް ރަނގަޅު ގޮތެއް ހޯދޭތޯ. އެހެން ނަމަވެސް، ދިވެހި ޓީޗަރުންނަކީ، ދިވެހިބަސް އެނގޭ މީހުންނަކީ، ދިވެހިބަސް އަންގައިދޭ މީހުންނަކީ، ރާއްޖޭގައި މިހާރު މަދުބައެއް. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ބަސް، އަޅުގަނޑުމެންގެ ދަރިންނަށް އަންގައިދެވޭނެ ގޮތެއް، މިއަދާ ޖެހުނުއިރުގައި އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހިފައި ނެތްކަން، އެއަށްވުރެ ވަކިން ބޮޑު ދެރައެއް އަޅުގަނޑުމެންނާ ދިމައެއްނުވެއޭ.

އަޅުގަނޑުމެންނަށްވީ މިންވަރަކުން މަސައްކަތް ކުރަމުން އަޅުގަނޑުމެން ގެންދާނަން. އަޅުގަނޑުމެން އެންމެ އިރުކޮޅަކުވެސް މަޑުޖެހިގެނެއް ނުތިބޭނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ހަމަގައިމުވެސް ރެޔާ ދުވާލު 15 ގަޑިއިރު މަސައްކަތް ކުރާނަން. ސަރުކާރުގެ މަސައްކަތް ނޫން މަސައްކަތެއް އަޅުގަނޑަކަށް ނުވެސް އޮންނާނެ. އަޅުގަނޑު ހުސްވަގުތު މިވަގުތު ހަމައެކަނި ކުރާ ކަމަކީ ކަސްރަތު ކުރުން. އެނޫން ކަމެއް އަޅުގަނޑަކަށެއް ނުކުރެވޭ. އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެންގެ އެހެން ސިޔާސީ މުވައްޒަފުން، ކައުންސިލަރުންނާއި، އަތޮޅު ކައުންސިލަރުންނާއި، ނާއިބުންނާއި، ވަޒީރުންނާ، މިބޭބޭފުޅުންނަކީވެސް ހަމަ މިދަންނަވާހެން ގިނައިރު މަސައްކަތްކުރައްވާ ބޭފުޅުންނަށް ވާންޖެހޭނެޔޭ. އަޅުގަނޑުމެން މިތާ މިތިބީ ހަމަ އެންމެ ބޭނުމަކަށްޓަކައި. މިދަންނަވާހެން ތިޔަބޭފުޅުންގެ ކަންކަން އަޅުގަނޑުމެންނަށްވީ އެންމެ ރަނގަޅު މިންވަރަކަށް ފުއްދައިދެވޭތޯ، ހަމަޖައްސައިދެވޭތޯ މަސައްކަތް ކުރުމަށްޓަކައި.

ނިންމާލުމުގެ ކުރިންވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ އޮޅުވެލިފުށްޓަކީ ހަމަގައިމުވެސް އަޅުގަނޑަކަށް ހަނދާން ނެތިގެންދާނެ ރަށެއް ނޫނޭ. އަދި އަޅުގަނޑުމެން ރާއްޖޭގެ އެހެން ރަށަކަށްވެސް ކުރާ ކަމެއް ވެއްޖިއްޔާ، މިރަށަށްވެސް ކުރުމަށް އަޅުގަނޑުމެން އިންތިޒާމުތައް ރާވާނަމޭ. އެކަންކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަމޭ. އަޅުގަނޑުމެންގެ މި 5 ވަޢުދާ ގުޅޭ ކަންތައްތައް، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން އޮޅުވެލިފުށްޓާއި އަދި ކުރެންދުއާއި މާފިލާފުށްޓާއި، ހިންނަވަރާއި، ނައިފަރާ އަދި އެހެން ރިޒޯޓުތަކާވެސް ގުޅާލުމަކީ، އަޅުގަނޑުމެންގެ އަމާޒެއް. އެހެންވީމާ، އެމަސައްކަތް މިއަތޮޅުތެރޭގައިވެސް އިރާދަކުރެއްވިއްޔާ މިއަހަރު ދުވަހުގެ ތެރޭގައި، ފެނިގެންދާނެ. އެކަންކަން ހިނގައިގަންނާނެ.

އަޅުގަނޑު ދެކޭނީ، އަޅުގަނޑުމެން އުންމީދު މިކުރަނީ، ތިޔަބޭފުޅުންނަކީވެސް މިއަތޮޅުގެ އެހެން ރަށްރަށާ ލާމެހިގުޅިފައި ތިބި ބަޔަކަށްވާން ޖެހޭނެޔޭ. ހަމައެކަނި އޮޅުވެލިފުށީގެ ގޮނޑުދޮށާ ހިސާބުގައި އަޅުގަނޑުމެންގެ ވިސްނުން ބެހެއްޓޭކަށެއް ނެތޭ. އަޅުގަނޑުމެން އެބަޖެހެޔޭ އަޅުގަނޑުމެންގެ ވިސްނުން ރަށުގެ ގޮނޑުދޮށުން، އަތޮޅު ދުނިން އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދަން. ތިމަންނާއަކީ އޮޅުވެލިފުށީ މީހެކޭ ބުނެ، އެހެން ރަށަކާ ނުލައި، އޮޅުވެލިފުށީގެ ތަރައްޤީ، އޮޅުވެލިފުށީގެ ކުރިއެރުން ވިސްނޭނެ ގޮތެއް އަޅުގަނޑަކަށް ހަމަގައިމުވެސް ނުފެނޭ. އޮޅުވެލިފުށި އެކަންޏެއް ނޫން. ހިންނަވަރަކަސް، ނައިފަރަކަސް، ކުރެންދުއަކަސްވެސް ނެތް، ތިމަންނާމެން ހިންނަވަރު މީހުން، ތިމަންނާމެން ނައިފަރު މީހުންނަށް، ނައިފަރު އެއީ ނުވަތަ ހިންނަވަރު އެއީ މައި ތަނެއްގެ ގޮތުގައި ހަމައެކަނި ބަލައިގެން، އެރަށުގެ ތަރައްޤީއަކަށް ވިސްނޭކަށެއް. އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ، ލާމެހިފައި ތިބި ބަޔެއްގެ ގޮތުގައި. އެއްބަޔަކާ އަނެއް ބަޔަކާ ދެމެދުގައި އޮންނަ އެތައް އެތައް ގުޅުންތަކެއް އެބަހުރޭ. އަޅުގަނޑުމެންނަށް ތަރައްޤީ މި ލިބެނީ، އެ ގުޅުންތަކުގެ ސަބަބުން. އެހެންވީމާ، އަޅުގަނޑުމެން ތަރައްޤީ ބާރަށް ގެންދަން، ތަނަވަސްކަން ބޮޑަށް ބޭނުމިއްޔާ ގުޅުންތައް ބާރުކޮށް ބޮޑަށް ހިންގުން އެއީ މުހިންމު ކަމެއް.

އަޅުގަނޑު މާގިނައިރެއް ނުނަގާނަން. އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ކެއުން އެބައޮތް. އަޅުގަނޑަށް އޮޅިގެނެއް ނޫން އޮޅުވެލިފުށްޓަށް ކާން އައީކީ. ތިޔަބޭފުޅުންނަކީ، މީރުކޮށް ކައްކަވާކަން އަޅުގަނޑަށްވެސް އެނގިގެން. އަޅުގަނޑުމެން ބޭނުންވީ، މިތަނަށް އަންނައިރު، މިރަށުން ކައިގެން ދާން. އަޅުގަނޑު މިރަށަށް ނާންނަ ގޮތަކަށެއް ނޫން އަޅުގަނޑު ހުރީ. އެހެން ނަމަވެސް، އޭރު އަޅުގަނޑުމެން ފުރިއިރު ހަމަޖެހިފައި އޮތީ މާލޭގައި 2 ޖަހާއިރު، އަޅުގަނޑު މީހަކާ ބައްދަލުކުރަންޖެހޭ ކަމަށް. ޒިޔާދު އެބަހުންނެވި. އަޅުގަނޑުމެން އޮފީހުން ކޮންމެ މިނެޓަކުން މިނެޓަކުން ކިހިނެއްތޯވަނީ އެބަ ބައްލަވާ. އެމީހަކާ، އަޅުގަނޑަކަށް ބައްދަލުވެވޭކަށެއް ނެތް. އަޅުގަނޑަށް މިވަގުތު މާ މުހިންމު ތިޔަބޭފުޅުންނާ ބައްދަލުކުރަން. އެހެންވީމާ، އަޅުގަނޑު މިރަށަށް މިއައީ. އިރާދަކުރެއްވިއްޔާ، ދެން ހަމަ ކައިގެން އަޅުގަނޑުމެން އިރުކޮޅަކުން ފުރައިގެންދާނީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ! اَلحَمْـدُ لِلّـهِ.