بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުގެ ކާމިޔާބުގެ އެންމެބޮޑު އަސްލަކީ، އަޒުމް ނުގުޑުން. ފޯކަސް ނުގެއްލުން. ހަމަ ނާކާމިޔާބުވާ ކޮންމެފަހަރަކު، އަނެއްކާވެސް އަޅުގަނޑުމެން ހިތުލާފައި ހުންނަ ކަންކަން ކުރުމަށް، އަލުން އަނބުރާ ފެށުން. ބައެއްފަހަރަށް ކާމިޔާބުވޭ. ބައެއްފަހަރަށް ނާކާމިޔާބުވޭ. ބައެއްފަހަރަށް އެތައްކަމެއް ދިމާވެގެން، މަގުން ކައްސާވެސްލާ. އެހެންނަމަވެސް، އަބަދުވެސް އަލުން އަނބުރާ މަގަށްދިއުމަށާ، އެއަޅުގަނޑުމެންގެ އަޒުމް، އަމާޒު މީޒާން، ފޯކަސް ގެއްލުވާނުލައި، މަސައްކަތްކޮށްފިއްޔާ އަޅުގަނޑު ދަންނަވާނީ، ހަމަ އަޅުގަނޑަކަށް ނުފެނެޔޭ ކާމިޔާބު ނުވާނެ ވަކިކަމެއް. އިރާދަކުރެއްވިއްޔާ މަސައްކަތްކުރާ އަޅުންނަށް ކާމިޔާބުއޮތީ. މީގެ މުހިއްމުކަމަކީ، މަސައްކަތްކުރުން. އަޅުގަނޑަށްވެސްއެނގޭ، އަޅުގަނޑު ގަބޫލުކުރަން ހަމައެކަނި ތިޔަބޭފުޅުންގެ އިހުމާލުންނޫންކަން، ތިޔަބޭފުޅުން މިތާ ތިޔަ ތިއްބެވީ. އެތައް އެތައް ކަމެއް މިގޮތަށް ދިމާވެގެންއައިސް، އެންމެފަހުން އައިސް، މިކަން މިގޮތަށް ދިމާވެފައި މިއޮތީ.

ދެން ތިޔަބޭފުޅުންނަށް ރީތި، ރަނގަޅު ދިރިއުޅުމެއް ހޯދެން މިއަންނަނީވެސް ހަމައެކަނި ތިޔަބޭފުޅުންގެ މަސައްކަތަކުންނެއް ނޫން. އަޅުގަނޑުމެން އެންމެންވެސް އެކަމުގައި ވަރަށް ބޮޑަށް އެހީވެދިނީމާ. އަޅުގަނޑުމެން، ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ، ހަމަ ރަނގަޅު ދިރިއުޅުމެއް ތިޔަބޭފުޅުންނަށް ހޯދައިދިނުމަށް، ކުރަންހުރި ހުރިހާ މަސައްކަތެއްކުރުމުގައި. މިސަރުކާރުން، އަޅުގަނޑުމެންނަށް ވެވެންހުރި ހުރިހާކަމެއް ކޮށްދޭނަމޭ. އަޅުގަނޑުމެން ބޭނުން، ތިޔަބޭފުޅުންނަކީ އަޅުގަނޑުމެން ރާއްޖޭގެ ކުރިއަށްތިއްބެވި ބޭފުޅުންނަށްވާން. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންނަށް ވެވޭނެ ކަންވެސް. އެންމެ ބޮޑު ސަބަބަކީ، އަޅުގަނޑު ދެކޭގޮތުގައި ތިޔަބޭފުޅުން ރިސްކް ނެންގެވީ. އެހެންވީމާ، ތިޔަބޭފުޅުންނަށް އެހެން ރިސްކްތައްވެސް ނެންގެވޭނެ. އެހިތްވަރު ތިޔަބޭފުޅުންގެ ހުންނާނެ. އަދި ކޮންމެ ސަބަބަކާ ހުރެގެންނަމަވެސް ނޭނގުމުގެ ތެރެއަށްދާން، ދޫކޮށްލާ މީހާގެ ނަފްސުގެ ބާރު ހަޤީގަތުގައި ވަރުގަދަކަމަށް އަޅުގަނޑު ދެކެނީ. މުޅިން ޔަޤީންނުވާ ހިސާބަށް ދިއުން، އަލުން އަނބުރާ ނާދެވޭ ހިސާބަށްވެސް ދިއުމަށް އެއީވެސް ބާވަތެއްގެ ހިތްވަރެއް.

އެހެންވީމާ، އަލުންއަނބުރާ އާދެވޭނެ، އެކަމަކާމެދު އަޅުގަނޑެއް ޝައްކެތްނުކުރަން. ދެން އަދި އިންޓަރނޭޝަނަލް ސްޓެޓިސްޓިކްސް ރިލެކްސްވާ މިންވަރާ އެހުރިހާ އެއްޗެއް އަޅުގަނޑަށް ފެނޭ. އަޅުގަނޑު މިތާ އިނދެގެން، ބަލާލާއިރުވެސް އެބަފެނޭ، "ފޯލްޑައުން ސެވެން ޓައިމްސް އެންޑް ގެޓްއަޕް އެއިޓް ޓައިމްސް". ހަމަ ވެއްޓޭއިރަށް ތެދުވަންވީ. ވެއްޓޭއިރަށް ތެދުވަންވީ. ވެއްޓޭއިރަށް ތެދުވަންވީ. އޭރުން ކާމިޔާބުވާނެ. އަޅުގަނޑު މިތަނުގައި މާގިނަވާހަކައެއް މިއަދު ޙަޤީޤަތުގައި ދައްކާހިތެއް ނުވެސްނެތް. ތިޔަބޭފުޅުންގެ އިޙުސާސްތައް. އަޅުގަނޑު ހިތުން އަޅުގަނޑަށް އެނގޭ. އަޅުގަނޑު ބޭނުން އަދި މިރާއްޖޭގެ ގިނަ ރައްޔިތުން ބޭނުން، ތިޔަބޭފުޅުންނަށް ރަނގަޅުގޮތެއްވާން.

އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ޖަލުގައި ދެންތިބި އެހެންކުދިންވެސް، ރިކަވަރ ވެގެން، ރަނގަޅު ރައްޔިތުނަށްވެ، ޤައުމަށާ މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތަކެއް ނުކުރެވޭނެ ހަމައެކަކުވެސް، މިތާކުނެތް. އަޅުގަނޑަށް އެކަންވެސް ވަރަށް ސާފުކޮށް އެނގޭ. ހަމައެހެންމެ އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންގެ ގޭތެރޭގެ ކަންތައްތަކާ، އަދި މާލެ ދެވުނީމާ ދެންގޮސް ކަންކަން ހުންނާނެގޮތާ، އޭގެއިން އަރައިގަނެވޭނެތޯއާ، އަނބިދަރިންގެ ކަނަތައްތަކާ، ފިރިންނާ އަނބިންގެ ކަންތަކާ، މައިންބަފައިންގެ ކަންތަކާ، ވަޒީފާގެ ކަންތަކާ، އެހެންގޮސް ކިޔާނެކަމެއްނެތް. ހަމަ ސީދާ މިދަތުރުގައި އަޅުގަނޑު ނެތެއްކަމަކު، މިބާވަތުގެ އެތައްކަމެއްގައި އަޅުގަނޑުވެސް ވެއްޖައިމު. އެހެންވީމާ، އަޅުގަނޑު ހަމަ މިއުންމީދުކުރަނީ އަޅުގަނޑުމެން އަދި އެއްފަހަރު ހިފަން ހިނގާށޭ، އަދި އެއްފަހަރު މަސައްކަތް ކުރަން ހިނގާށޭ، އެންމެންވެގެން ހަމަ މިކަމުން އެކީއެކައްޗަކަށް އަޅުގަނޑުމެންނަށް ސަލާމަތް ވެވޭތޯ. ވެވޭނެ. ރިލެކްސެއް ނުވާނެ. ހިތްވަރު ހުރީމާނުވާނެ. މީގައި ބޭނުންވަނީ ހަމަ ހިތްވަރު. ތިޔަބޭފުޅުންގެ ގައިގައި ހުންނާނެ ހިތްވަރު. އަޅުގަނޑުވެސް މިހެން ދަންނަވާއިރުވެސް އެބައެނގޭ އިންޓަރނޭޝަނަލް ސްޓެޓިސްޓިކްސް ހުރިގޮތް. އެކަމަކުވެސް، ހަމަ އަޅުގަނޑުމިހިރީ، އަޅުގަނޑުވެސް މިއީ ސްޓެޓިސްޓިކްސްއިން ބޭރުގަހުރި މީހެއް. ތިޔައިން ކޮންމެ ބޭފުޅަކަށްވެސް ހަމަ ކެއަރރީ ސްޓެޓިސްޓިކްސުން ބޭރުގައި ހުރެވޭނެ. އާދަޔާ ޚިލާފު މީހާއަށް ވެވޭނެ. ޢާންމު މީހާއަށް ކޮންމެހެން ވާކަށް ނުޖެހޭނެ.

އެހެންވީމާ، އަޅުގަނޑު ދަންނަވާނީ ހިތްވަރުކުރާށޭ. މަސައްކަތް ކުރާށޭ! ސަރުކާރުމިއޮތީ، އަޅުގަނޑުމެންނަށް ވީމަސައްކަތެއް ތިޔަބޭފުޅުންނަށް ކޮށްދޭށޭ. އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަމުގެ ވަރަށްބޮޑު އުއްމީދެއް އެބައޮތް. މީގެ ކުރީގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުގައި މިތަންއޮތީ. އަދި އޭރު މިތަންއޮންނަނީ، ޖަލާއެކީގައި، އެކުވެފައި. އަޅުގަނޑުމެންގެ ސިޔާސަތަކަށްވީ، ފެމެލީ އެންޑް ވެލްފެއަރގެ ދަށުގައި، އާމިނަތު ޖަމީލް، ހެލްތު މިނިސްޓަރު މިތަން ބައްލަވާގޮތަށް އޮތީމައޭ އަސްލުގައި، އިންސާނީ ގޮތަކަށް މިކަންކަން ކުރިއަށްގެންދެވޭނީ، ހޯމް އެފެއާޒްގެ ދަށުން މިކަން ކުރިއަށް ގެންދިއުމަށްވުރެ. އަޅުގަނޑުމެން މިދެކެނީ މިއީ ޞިއްޙީ މައްސަލައެއްކަމަށް. އަޅުގަނޑުމެން ޖިނާއީ މައްސަލައެއްގެ ގޮތުގައެއްނޫން، މިސަރުކާރުން މުޅިން މިމައްސަލަ ދެކެނީކީއެއް. ހަމައެކަނި ޖިނާއީ މައްސަލައެއްނޫން. ތެދުފުޅެއް، ތިޔަބޭފުޅުން ކުރައްވާކަންތައް، އެހެންނޫނީ ކުރެއްވިކަންތައް އެއީ ޖިނާއީ ކުށެއް. އެހެންނަމަވެސް ދެން އެކުށުގެ އިތުރުން އެބަވޭ، އިޖުތިމާއީ މައްސަލަތަކެއްވެސް. ހަމައެކަނި ޖިނާއީ މައްސަލައެއްގެ ގޮތުގައި، ޖިނާއީ ކުށެއްގެގޮތުގައި ބަލައިގެނެއް އަޅުގަނޑުމެންނަކަށް ކާމިޔާބެއް ނުވާނެ.

އެހެންވީމާ، އަޅުގަނޑު އިތުރަކަށް ވާހަކައެއް ނުދައްކާނަން. އަޅުގަނޑު ބޭނުން، މިތަން ބަލައިލާން. އަޅުގަނޑު ބޭނުން، ތިޔަބޭފުޅުންނާ އެކީ އިރުކޮޅެއްވެލަން. އަޅުގަނޑު މިތާ ހުރެގެން ތަޤްރީރުތަކެއް ކުރުމަށްވުރެ، އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން އަޅުގަނޑު ދައްކާ ވާހަކަ އަޑުއައްސަވާފައި އޮންނާނީ، އެކިގޮތްގޮތަށް. އެހެންވީމާ، މިއަދު އަދި މާބޮޑު ތަޤްރީރެއް ދޭގޮތަކަށެއްނޫން އަޅުގަނޑު މިހުރީކީއެއް. ހަމައެކަނި އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ ހަމަ ތެދުވެވޭނެއޭ، ޔަޤީނޭ އެކަން ވާނެކަން. ނުވާނެވަރުގެ ކަމެއްގައެއްނޫން، ތިޔަބޭފުޅުން ހިތްޕަވައިގެން ތިޔައުޅުއްވަނީކީއެއް. އެއްވެސް ކަމެއްނޫން އިރަދަކުރެއްވިއްޔާ. ހިތްވަރު ހަމަ ކުރަންވީ. ނިދާއިރުވެސް، ހޭލާ ހުންނައިރުގައިވެސް، އަބަދުވެސް ވިސްނުމަށް ގެންނަންވީ މޮޅުވާނެގޮތް. އޭރުން މޮޅުވުމުގެ މަންޒަރު ސިފަކުރީމާ، މޮޅުވެވޭނީ. މޮޅުވެގެން އޮންނަ މަންޒަރު އެއީ ހަމަ ނިކަމެތި ޙާލުގައި އިންނައިރު ސިފަކުރާ މަންޒަރެއް. އެއުންމީދީ މަންޒަރު. އެމަންޒަރު ސިފަވީމާ އެމަންޒަރަށް ދެވޭނެ. އެމަންޒަރު ހޯދޭނެ. އެމަންޒަރު ޙަޤީޤަތަކަށް ހެދޭނެ. ގަބޫލުކުރައްވާ، އަޅުގަނޑަކީވެސް ކޮންމެވެސް މިންވަރަކަށް، ތެރަޕިސްޓެއްވެސް ނޫން، ރިކަވަރިންގް އެޑިކްޓެއްވެސް ނޫން. އެހެންނަމަވެސް އަޅުގަނޑަކީ ތިޔަބޭފުޅުން ވަރަށް ދަންނަ މީހެއް. އަދި ވަރަށް ގާތުން، ވަރަށް ގޮތްގޮތުން ތިއައިން އެކިބޭފުޅުން އަޅުގަނޑު ދަންނަން. އަދި ތިޔަ ޙާލަތުވެސް އަޅުގަނޑު ދަންނަން.

އަޅުގަނޑުގެ އިލްތިމާސަކީ، ތެދުވެވޭނެއޭ. އަބަދުވެސް އެއުންމީދީ މަންޒަރު ނަގާނުލާށޭ! ހިތާމަވެރި ކިތަންމެ ކަމެއް އެބައޮތް. ކިތަންމެ ކަމެއް އެބައޮތް. ދަރިން ނުފެނުނީމާވެސް ދެރަވޭ، ހަމަ ދެރަވޭ ދަރިން ނުފެނުނީމަވެސް، އަނބިމީހާވެސް، ފިރިމީހާ ނުފެނުނީމަވެސް، ޢާއިލާ، ކައިވެނި ރޫޅިގެން ދިޔައިމާވެސް، މައިންބަފައިން ރުޅިއައިމާވެސް ދެރަވޭ. ގެދޮރު ގެއްލި ދިޔައިމާވެސް ދެރަވޭ. އެހެންނަމަވެސް އެނިމުނީކީއެއްނޫން. ނުކުމެވޭނެ، އާދެވޭނެ، ހަމަ ހިތްވަރުކުރަންވީ. އަޅުގަނޑަށް ޔަޤީން، އެކަން ތިޔަބޭފުޅުންނަށްވާނެ. ހަމަ ޔަޤީން ވާނެ، ވާނެ އިނގޭތޯ! މިއަދު މިއީ ޢީދު ދުވަސް. ޢީދުދުވަހު ހުންނާކަށް، އަޅުގަނޑަށް މިއަށްވުރެ ވަކި އުފާވެރި ތަނެއްނެތް. އެހެންވީމާ، ދެން އެހެން ދާންއޮތް ދެތިންތަނެއް ދޫކޮށްލާފައި އަޅުގަނޑު ހިތަށްއެރީ މިއަދު މިތަނަށޭ އަންނާނީ. މިއީ އަޅުގަނޑުމެންގެ މެނިފެސްޓޯގައިވެސް، އަޅުގަނޑުމެންގެ ސިޔާސަތުގައިވެސް، އަދި އަޅުގަނޑުމެން އިންތިޚާބުގައި ވާދަކުރަމުން އައިއިރުގައިވެސް، އަޅުގަނޑުމެން އަޅާލާނެ ކަމަށް ބުނި ކަމެއް. އަޅުގަނޑުމެންގެ ވަޢުދެއް. ތިޔަބޭފުޅުންނަށް އެކަނި ވާ ވަޢުދެއްނޫން. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދެއް. އެވަޢުދު ފުއްދުމަށްޓަކައި، ރައްޔިތުން އަޅުގަނޑުމެން ވެރިކަމަށް އިސްކޮށްފައި މިތިބީ. އެހެން ކަމެއްކުރާކަށެއް، އިތުރު ކަމެއްކުރާކަށެއް ނޫން. ވަޢުދު ފުއްދުމަށް. އަޅުގަނޑުމެން ވެރިކަމުގައި މިތިބެނީކީ ހަމައެކަނި ވެރިކަމުގައި ތިބުމުގެ ނިޔަތަކުއެއްނޫން. އަޅުގަނޑުމެން ވެރިކަމުގައި މިތިބެނީ ހަމައެކަނި އަޅުގަނޑުމެންވީ ވަޢުދުތައް ފުއްދުމަށްޓަކައި. އަޅުގަނޑުމެންވީ ވަޢުދެއް އެއީ، ތިޔަބޭފުޅުންނަށް އަޅާލުން. އޯގާތެރިކަމާ އެކީގައި މިކަންބެލުން. އަދި ހާޑް ޑްރަގްސް ރާއްޖޭގައި ބޭނުންކުރާ އަދަދު ދަށްކުރުން. އަޅުގަނޑުމެންގެ އަމާޒަކީ އެއީ. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ މަސައްކަތާ، އެހީތެރިކަމާއެކީގައި އަޅުގަނޑުމެންނަށް އެކަންވާނެ.

މިއީ ހަމަ އުފާވެރި ޢީދުދުވަހެއް. އެހެންވީމާ، އަޅުގަނޑު އެދެނީ، ތިޔަބޭފުޅުން، ހުރިހާ ބޭފުޅުންވެސް އުފަލާއެކީގައި މި ޢީދު ދުވަސް ހޭދަކުރަން. ގޭމީހުންނަށްވެސް ގުޅާފައި ބުނަން، ހަމަ ރަގަނޅުވާނެއޭ. ފަހުން އެމީހުންވެސް ގަބޫލުކުރާނެ. އަޅުގަނޑަށް އެނގޭ އެކަންވެސް. އަދި މިއަދު ބުންޏަސްވެސް ގަބޫލެއް ނުވެސް ކުރެވޭނެ. އެހެންނަމަވެސް، އެއީވެސް ދެން މާޔޫސްވާންވީ ވަރު ކަމެއްނޫން. އެމީހުން ގަބޫލުނުކުރިޔަސް އަޅުގަނޑު ގަބޫލުކުރަން. އެމީހުންނާ ނުގުޅުނަސް، އަދި ކޮންމެރެއަކު ފޯނުކުރާ ގަޑީގައި އަޅުގަނޑަށް ނުގުޅުނެއްކަމަކު، ހަމަ އަޅުގަނޑު ގަބޫލުކުރަން ތިޔަބޭފުޅުންނަށް ތިކަންވާނެ. މިތަނުން ނިކުމެވޭނެ. ހަރުދަނާ ރައްޔިތުންނަށް ވެވޭނެ. ރިކަވަރީ އަކީ ނުހެދޭނެ، ނުކުރެވޭނެ ކަމެއްނޫން. އިންސާނާ އެއަށްވުރެ މާ ވަރުގަދަ. އެހެންވީމާ، ޙަޤީޤީ އިންސާނާގެ ބާރު އަސްލުގައި އެއީ، އަނެއްހެން ސައިންޓިފިކަލީ މިނޭނެ އެއްޗެއްނޫން. އެހެންވީމާ، އެއްގޮތަކަށްވެސް ހީނުކުރައްވާ، ރަގަނޅު ނުކުރެވޭނެ ކަމަކަށް.

ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑު ހަމަ މިދަންނަވާހެން އިތުރުވާހަކައެއް ނުދައްކާނަން. އަނެއްކާވެސް ހުރިހާ ބޭފުޅުންނަށް ޢީދު މުބާރިކް!