بســم اللّـه الرّحمـن الرّحيــم

ތިނަދޫގެ އެކުވެރި ލޮބުވެތި ރައްޔިތުން

السّـلام عليـكم

މީގެ ދުވަސްކޮޅެއް ކުރީގައި ހަމަ މިކަހަލަ ވަގުތެއްގައި އަޅުގަނޑު މިރަށަށް އައިމު. ހައެއްކަމަސް ކުރީގައި. އެއީ، އަޅުގަނޑުމެން އިންތިޚާބަށް ވާދަކުރަމުން ދިޔައިރުގައި. އެކެމްޕޭނުގެ ތެރޭގައި، އެމަސައްކަތް ކުރަމުން އައިސް އެދުވަހު އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހުށަހެޅިން އަޅުގަނޑުމެންގެ ސަރުކާރެއްގައި ކަންކަން ހިނގަމުންދާނެ ގޮތުގެ ތަޞައްވުރެއް. އަޅުގަނޑުމެން ދެންނެވިން މިރަށް މިއީ، އަޅުގަނޑުމެން ބަލައިގަންނާނެ ރަށެކޭ. އަޅުގަނޑުމެން މިރަށެއް ދޫކޮށްފައެއް ނުދާނެއޭ. އަޅުގަނޑުމެންގެ ސިޔާސަތުތައް އެކުލެވިފައި އޮންނާނީ، ތިނަދޫއާއި އަދި މިބާވަތުގެ ކުދި ރަށްރަށަށް، މީސްކޮޅު މަދު ރަށްރަށަށްވެސް، ތަރައްޤީގެ އެކިއެކި ކަންކަން އެމީހުންނަށް ލިބޭނެ، އަދި އޭގެ އުފާ ލިބޭނެ އުޞޫލެއްގެ މަތިންނޭ.

އަޅުގަނޑަށް މިއަދު ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވެން އެބައޮތް، އަޅުގަނޑުމެންގެ މަސައްކަތުގައި، އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒު ވަމުންދާއިރުގައި، ތިޔަބޭފުޅުންނަށް ސީދާ ގޮތުގައި ލިބެން ނުވަތަ ފަހިވާންހުރި ކަންކަމަކީ ކޮބައިކަން. ޚާއްޞަ ގޮތެއްގައި ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމުކުރުން، އަޅުގަނޑުމެންގެ ނަޒަރުގައި މިރަށަށް ވަރަށް މުހިންމު. އިރާދަކުރެއްވިއްޔާ، މާގިނަދުވަސްތަކެއްނުވެ ޙަޤީޤަތުގައި މިއަހަރު އޯގަސްޓްމަހު ހިސާބުގައި މިދަންނަވާ ދަތުރުފަތުރުކުރުމުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިގަނެވޭނެ. އަޅުގަނޑު މި އުންމީދު ކުރަނީ މިއަންނަ އަހަރު ވާއިރުގައި މިރަށު ރައްޔިތުންނަށް ފަސޭހަކަމާއެކީގައި ކޮންމެ ދުވަހަކުވެސް މާލެއަށްވެސް ގޮސް އައިސް އުޅެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް. އިރާދަކުރެއްވިއްޔާ އެމަގުން ތިޔަބޭފުޅުންނަށް ދަތުރު ކުރެވޭނޭ ދަތުރުފަތުރުކުރުމުގެ ނިޒާމެއް އަޅުގަނޑުމެން ޤާއިމުކޮށްދޭނަން.

އަޅުގަނޑުމެންނަށް އެބައެނގޭ، ތިޔަބޭފުޅުން މިހާރުން މިހާރަށް ބޭނުންވާ ކަންތައްތަކެއްވެސް އެބަހުރިކަން. އޭގެތެރޭގައި، ތިޔަބޭފުޅުން މެހެމާންދާރީ އަދާކުރަން އެބަބޭނުންވޭ ބޭރު ޤައުމުތަކުގެ މީހުންނަށް، ޓޫރިސްޓުންނަށް. އެހެންވީމާ، އަޅުގަނޑަށް އޮތީ ޚަބަރުވެފައި ހަމަ އިތުރަށް އެކަން ފުޅާކުރުމަށް ފުރުސަތު ތިޔަބޭފުޅުން އެދިލައްވާކަން. އަޅުގަނޑު، އަޅުގަނޑުމެންގެ ތިޔަބޭފުޅުންގެ ޕްރޮވިންސް މިނިސްޓަރ ނަޢީމު އަރިހުގައި އަޅުގަނޑު ދަންނަވާފައި އޮންނާނެ އެކަމާ ގުޅޭގޮތުން އަވަހަށް ބައްލަވާފައި ވީހާވެސް އަވަހަކަށް އެކަން ތިޔަބޭފުޅުންނަށް ތިޔަބޭފުޅުން އެދޭ ގޮތަކަށް ނިންމަވާދެއްވާށޭ. އިރާދަކުރެއްވިއްޔާ އެކަން ލަސްތަކެއްނުވެ ނަޢީމު ނިންމަވާދެއްވާނެ.

އަޅުގަނޑުމެންގެ ކިތަންމެ ކިތަންމެ ޕްރޮގްރާމެއް ނުވަތަ ކިތަންމެ ކިތަންމެ މަސައްކަތްތަކެއް އެބަހުރި. އެމަސައްކަތްތައް އަޅުގަނޑުމެން ކުރަން ނިންމާފައިހުރި ތަރުތީބެއްވެސް އެބަވޭ. އޭގެތެރޭގައި ޚާއްޞަކޮށް އަޅުގަނޑުމެން، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުން. އެއީ، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމާއި، އަދި އަތްފޯރާ ފަށުގައި ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން، ގެދޮރު ބިނާކުރެވޭނޭ ގޮތެއް ނުވަތަ ގެދޮރު ބިނާކޮށް ރައްޔިތުންނަށް ލިބޭނޭ އިންތިޒާމެއް ހަމަޖެއްސުން އެއީ، އަޅުގަނޑުމެން ވަރަށް މުހިންމުކޮށް ކުރަން އަމާޒުކޮށްފައިވާ ކަމެއް. ސަރުކާރުން ގަސްދުކޮށްފައިމިވަނީ ދިހަހާސްގެ އެއްފަހަރާ ޢިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް. އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް އަޅުގަނޑުމެންނަށް އޯގަސްޓް މަހުގެ ތެރޭގައި ފަށައިގަނެވޭނެ. އަދި އެމަސައްކަތުގެ ތެރޭގައި މިރަށުގައިވެސް، އަޅާ ނިންމާފައި ހުރި ގެ ރައްޔިތުންނަށް ލިބޭނޭ މަގެއް، ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކޮށް، އެ ގެ މިލްކުވާނެ ގޮތެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ފަހިކޮށްދޭނަން. ފުރިހަމަ ކޮށްދޭނަން.

މިސާލަކަށް މިރޭ އަޅުގަނޑު މިތަނަށް މިއައީ، އަޅުގަނޑަށްވެސް އެނގޭ އިންތިޚާބު ގާތްވީމާ އަބަދުވެސް ތިޔަބޭފުޅުންވެސް ހިތަށްއަރާނެ، ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އަޅުވަން، ތިޔަބޭފުޅުންނަށް ދަޅައެއް ދެއްކުމަށް އަޅުގަނޑުމެން މިތަނަށް އައިސް ތިޔަބޭފުޅުން ގާތުގައި، އެހެން ހަދާނަމޭ، މިހެން ހަދާނަމޭ، އަޅުގަނޑުމެން ބުނަނީ ކަމަށް. އަޅުގަނޑެއް ކުޑަކޮށްވެސް ބޭނުމެއްނޫން، ތިޔަބޭފުޅުންނަށް ދޮގެއް ހަދާކަށް. އެއްގޮތަކަށްވެސް މި ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން އެއީކީ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެބަހުރި އަޅުގަނޑުމެން ހިންގާ މަޝްރޫޢުތައް މި ހިންގާ ގޮތަށް ހިންގަމުން ގެންދިޔައިމާ، އެތަރުތީބުން އެކަން ކުރީމާ، އެކަންކަން ފުރިހަމަވާނޭ ގޮތެއް. އަޅުގަނޑުމެން ބަލަމުންމިދަނީ އެގޮތް. މިކަމުގައި ވަރަށް ސާފު. މިސާލަކަށް، ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމު ކުރުމަށްޓަކައި އަޅުގަނޑުމެން މިބުނަނީ، މިރަށުގައިވެސް އެ ނިޒާމު ޤާއިމުކުރާ ފަރާތަކަށް ގެސްޓްހައުސް ހެދުމުގެ ފުރުސަތު ލިބޭނެއޭ. އަޅުގަނޑުމެން މިބުނަނީ އެ ނިޒާމު ޤާއިމުކުރާ ފަރާތަކަށް ކޮންމެ ރަށެއްގައިވެސް ނުވަތަ އެމީހުން ބޭނުން އެހެން ރަށެއްގައިވެސް ސަރުކާރުން ބިން އެމީހުންނަށް ދޫކުރާނެއޭ، އެމީހުން ބޭނުންވާ މަސައްކަތެއް ހިންގުމަށް. އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، ރާއްޖޭގެ ބިމަކީ ވަރަށް އަގުބޮޑު ބިމެއްކަން. އެހެންވީމާ، އެބިމުގެ ބޭނުމުގައި ރާއްޖޭގައި އެކިއެކި ޞިނާޢީ މަސައްކަތްތައް ހިންގުމަށް ދުނިޔޭގެ ކިތަންމެ ކިތަންމެ ކުންފުންޏަކުން ޝައުޤުވެރިކަން ހާމަކުރޭ. މިދަންނަވާ މަސައްކަތަށް، ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމު ކުރުމަށް އަޅުގަނޑުމެން އިޢުލާނު ކުރީމާ، ސަރުކާރުން އިޢުލާނު ކުރީމާ އެކަމަށް ޝައުޤުވެރިކަން ހާމަކުރީ، އަޅުގަނޑު ހަނދާންވަނީ 8 ފަރާތަކުން. ސަރުކާރަށް މިހާރު އޮތީ އޭގެތެރެއިން އެންމެ އެކަށީގެންވާ ބައެއް ހޯދާ އެބަޔަކާ މަސައްކަތް ހަވާލުކުރުން. އެކަން ކުރުމަށް އަދި ސަރުކާރުން މަހެއްހާ ދުވަސް ނަގާނެ. އެކަން ކުރުމަށްފަހުގައި ދެން ސަރުކާރުން އޮތީ އެކަން އެބަޔަކާ ކޮންޓްރެކްޓްކޮށް ހަވާލުކުރުން. އެހެންވީމާ، އަޅުގަނޑުމެންނަށް މިކަން ހިންގޭނެ ކަމުގެ ވަރަށްބޮޑު އިތުބާރެއް މިހާރު އެބައޮތް. މީގެކުރީގައި އެކަމަށް އަޅުގަނޑުމެންނަށް އޮތް އިތުބާރަށްވުރެ މިހާރު މާ އިތުބާރު ބޮޑު. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ތިޔަބޭފުޅުން އަޅުގަނޑުމެން މިބުނާހެން ރަށުބަންދުން ސަލާމަތް ކޮށްދޭނަން.

ހަމައެހެންމެ، ބޯހިޔާވަހިކަން، ގެދޮރު އެޅުންވެސް އަޅުގަނޑުމެން ގުޅުވާފައިމިވަނީ ހަމަ ރާއްޖޭގެ ބިން އޭގެ ބަދަލުގައި މުއްސަނދި ފަރާތްތަކަށް، ޔޫރަޕްގެ ނުވަތަ ބޭރު ޤައުމުތަކުގެ މުއްސަނދި ފަރާތްތަކަށް ގިނަދުވަހަށް ދިގުމުއްދަތަށް ކުއްޔަށްދޭ ބިން އެމީހުންނަށް ދިނުމަށް. ދިނީމާ އޭގެ ބަދަލުގައި އެމީހުން އަޅާދޭންޖެހޭ، އެހެންދޭ ކޮންމެ ތިރީސްހާސް އަކަފޫޓަކަށް އަޅައިދޭން އެބަޖެހޭ 10 ގެ. އެ އުޞޫލުން އަޅުގަނޑުމެން ދިހަހާސް ގެ އެޅުމުގެ މަސައްކަތް މި ހިންގަނީ. އެ އުޞޫލުން އަޅުގަނޑުމެން ހިންގީމާ، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޔަޤީން ފަސޭހަކަމާއެކީގައި ދިހަހާސްގެ އެޅެން އޮތްކަން. އެކަމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އަޅުގަނޑުމެން އިޢުލާނު ކުރުމުން ސަތާރަ ފަރާތަކުން ހުށަހަޅާފައި އެބަވޭ. ހަމަ ބޮޑެތި ބައިނަލްއަޤްވާމީ ކުންފުނިތަކުން. ސަރުކާރަށް މިހާރު މިވަގުތު ކުރާން އޮތް ކަމަކީ، އޭގެތެރެއިން، ކަމަށް އެންމެ އެކަށީގެންވާ ބައެއް ހޯދާފައި އެބަޔަކާ އެކަން ހަވާލުކުރުން.

ނަރުދަމާއާއި ފެނާއި ކަރަންޓުގެ ޚިދްމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި ސަރުކާރުން ރާވާ އިންތިޒާމުކުރާ މަޝްރޫޢަކީ، މިއަތޮޅުގައި މިސާލަކަށް މިހާރު އެބަވޭ ދެ ރިޒޯޓު. އެ ދެރިޒޯޓުގެ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓުގެ ނިޒާމާ އަދި މި 5 ރަށުގެ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ނިޒާމު އެއްކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔައިމާ، އެކުންފުންޏަށް އެކަން ފަސޭހަގޮތުގައި ވާނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑުމެންނަށް އެބައޮތް. އެކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ސަރުކާރުން އިޢުލާނު ކުރުމުން އެކަމަށްވެސް ހަމަ އެދިފައި އެބަވޭ 8 ފަރާތް 9 ފަރާތް. އަޅުގަނޑުމެންނަށް މިހާރު އޮތީ އޭގެތެރެއިން، ކަމަށް އެންމެ އެކަށީގެންވާ ފަރާތަކާ މަސައްކަތް ހަވާލުކުރުން. އެމަސައްކަތް ހަވާލުކުރުމުގައި ސަރުކާރުން ބަލަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އެހެންވީމާ، އެކަންތައްތައް ބެލުމަށްފަހު އަޅުގަނޑުމެން އެފަރާތްތަކާ އެކަންކަން ހަވާލުކުރާނީ.

އަޅުގަނޑުމެން އަބަދުވެސް ދެކެމުން އައި އެންމެ މުހިންމު ޙަޤީޤަތަކީ، މި ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެކޭ. މި ދިވެހިރާއްޖޭގައިވަނީ މީސްކޮޅު މަދު، ކުދިކުދި ރަށްރަށާއި އަދި މީހުން ގިނަ ބޮޑެތި ރަށްރަށާއި އަދި މީހުން މަދު ބޮޑެތި ރަށްރަށާ. މިއީ، މި ރާއްޖޭގެ އެންމެ މުހިންމު އެއް ސިފައަކީ. އެހެންވީމާ، އެ ސިފަ ނަގާލާކަށް އަޅުގަނޑުމެން ކުޑަކޮށްވެސް ގަސްދެއް ނުކުރަން. ޤުދްރަތީގޮތުން ރާއްޖެ އެކުލެވިފައި އޮތް ގޮތް އެއީ، ވަރަށް މުހިންމު ޙަޤީޤަތެއް. އެ ޙަޤީޤަތް އަޅުގަނޑުމެން ބަލައިގަންނަން. އަދި ހަމައެހެންމެ އަޅުގަނޑުމެން ދެނެގަންނަން ރަށްވެހިކަމަކީ ފަސޭހައިން ބިނާވާ ކަމެއްނޫނޭ. ރަށްވެހިކަމަކީ، ރަށްރަށުގެ އާބާދީއާއި އެ ފަސްގަނޑާ ގުޅިފައި ހުންނަ ކަންކަމޭ. މިރަށުގެ ރަށްވެހިކަން އަލުން އަނބުރާ ތަރައްޤީކުރުން އެއީ، އަޅުގަނޑުމެންގެ އަމާޒެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ އަލުން އަނބުރާ މިރަށުގެ އުޖާލާ ޒަމާން އަޅުގަނޑުމެންގެ 5 އަހަރު ދުވަހުގެ ތެރޭގައި މިރަށަށް ގެނެސް ދޭނަން. އެއީ، އަޅުގަނޑުމެންގެ އަމާޒެއް. އަޅުގަނޑުމެންގެ މަޤްޞަދެއް.

އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ ހަމައެކަނި މިދެންނެވި ބޭނުމަށްޓަކައި. އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި. ރައްޔިތުންނަށް ޚިދްމަތް ކުރުމަށް. އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކުރަނީ މި ދައުލަތަށް، މި ސަރުކާރަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ ތިޔަބޭފުޅުންގެ ފައިސާއޭ. އެފައިސާ ޚަރަދު ކުރުމުގައި އަދި އެފައިސާ ބެލެހެއްޓުމުގައި އަޅުގަނޑުމެންނަށް ޚިޔާނާތްތެރިވުން އެއީކީއެއް ވެވެން އޮތްކަމެއް ނޫނޭ. އަޅުގަނޑުމެން އެކަން ކުރަންޖެހޭނީ ބަލައިގެން އަމާނާތެއްގެ ގޮތުގައި ދެކިގެން ޚިޔާނާތްތެރި ނުވެއޭ. އަޅުގަނޑުމެން އެކަން ކުރަންޖެހޭނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން އަޅުގަނޑުމެންގެ ސަރުކާރުގައި ނާޖާއިޒު ފައިދާއެއް ނެގުން އެއީ، އެއްވެސް މީހަކަށް ކުރެވިގެންވާނެ ކަމެއްނޫން. ކޮށްފިނަމަ އެމީހަކު ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް، އެމީހަކަށް ދޭންޖެހޭ ޙައްޤު އަދަބު އަޅުގަނޑުމެން ދޭނަން.

ރާއްޖޭގެ ތަރައްޤީއަށް ޙަޤީޤަތުގައި އެޅިފައި އޮތް އެންމެބޮޑު އެއް ހުރަހަކީ މިދެންނެވި ކޮރަޕްޝަން. ހިނގާ ކޮންމެ މަޝްރޫޢެއްގައި ސަރުކާރުގެ އެކިއެކި ވެރިން ނާޖާއިޒު ފައިދާ ބޭނުންވެގެން އެފައިދާ ނެގުމަށް އުޅުއްވަން ފެށްޓެވީމާ، ދެން ބޭރުން އަންނަ އިންވެސްޓަރުން ޚަރަދުކުރާ މީހުން އަވަހަށްދަނީ. އެމީހުންނަށް ވިސްނެނީ މިއީކީ އަދި މިކަމެއް ކުރެވެން އޮތްތަނެއް ނޫނޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ވަރަށް މުހިންމު އެމަސައްކަތް ކުރުން. ކޮރަޕްޝަންގެ އެއްވެސް ކަމެއް މި ސަރުކާރުގެ ތެރެއަށް ނުވަދެ ހިފެހެއްޓޭތޯ މަސައްކަތް ކުރުން. އަޅުގަނޑު މިހުރީ އެމަސައްކަތް ކުރަން. އިރާދަކުރެއްވިއްޔާ ހަމަ އެއްވެސް ވެރިއެއް ފައިސާގައި ޖެހިއްޖެނަމަ، އެކަމެއް ޝަރީޢަތުން ބަލައި، އެމީހަކަށް ޙައްޤު އަދަބު ޝަރީޢަތުން ދެވޭނެ.

އަޅުގަނޑުމެން މިގޮނޑިތައް ވަރަށް ބޭނުން. ހަމަ ވަރަށް ބޭނުން. މިހިންގަން މިއުޅޭ މަޝްރޫޢުތައް ހިންގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އެކުލަވާލާ ޤާނޫނީ އޮނިގަނޑެއް އަޅުގަނޑުމެންނަށް ކޮންމެހެން ބޭނުން. އެނގިވަޑައިގަންނަވާނެ އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަންފީޒު ކުރުމަށްޓަކައި މަދުވެގެން އެބަ ބޭނުންވޭ 64 ޤާނޫނު. މިޤާނޫނުތައް ހެދުމަށް އެބަޖެހޭ އިޞްލާޙީ ޚިޔާލަށް މަޖިލީހުގައި އަޣްލަބިއްޔަތެއް އޮންނަން. އަޅުގަނޑަށް ހަމަ ވަރަށް އުނދަގުލީ ގަބޫލުކުރަން މިދިޔަ ދިގު 30 އަހަރު މިކަންކަމަށް ހުރަސްއެޅުއްވި ބޭފުޅުންނަށް އަލުން އަނބުރާ މިކަންކަން ރަނގަޅު ކުރައްވަން އެބޭފުޅުން ކުރައްވާނެ އެއްވެސް މަސައްކަތެއް އޮންނާނެ ކަމަށް. ނޯންނާނެ. ދާދިފަހުން އަޅުގަނޑުމެންނަށް އެކަމުގެ ވަރަށް ރަނގަޅު ދަލީލެއް ފެނިގެންދިޔަ. ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުން އެއީ، ޤާނޫނުއަސާސީގެ 8 ވަނަ ބާބު ލާޒިމުކުރާ ކަމެއް. އަދި އެނގިވަޑައިގަންނަވާނެ 2020ގެ ތަޞައްވުރާ އަދި އެނޫންވެސް ކީހާ ޅެމަކާ ފަރިއްސެއް ލަވައެއް އޮތީ. އެއީ، ލާމަރުކަޒީ ކުރުން އެއީ، ކޮންމެ ބައެއްގެވެސް ސިޔާސަތެއް ކަމަށް ވިދާޅުވެ ދައްކަވާފައި ހުރި ހުރިހާ ވާހަކަ. އެންމެފަހުން އައިސް އެބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ހިނދު، ކަންވެގެން ދިޔައީ މުޅިން އެހެން ގޮތަކަށް. ވާދަވެރި އެއްވެސް ސިޔާސީ ޕާޓީއަކުން އެބިލަކަށް ވޯޓެއް ނުދިން. އަޅުގަނޑުމެންނަށް އެބިލު މަޖިލީހަށް އެތެރެ ކުރެވުނީ އެމް.ޑީ.ޕީ. އިއްތިޙާދުގެ ބޭފުޅުން އެބިލަށް ވޯޓު ދެއްވީތީވެ. ހަމަކިރިޔާ. އެހެންވީމާ، އަޅުގަނޑަށް ހަމަ ވަރަށް އުނދަގޫ ގަބޫލުކުރަން، ރަނގަޅު ހެޔޮކަމެއް ހިނގައިދާނެ ކަމަށް، އެމް.ޑީ.ޕީ.އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އަޣްލަބިއްޔަތެއް ނެތި.

ދުނިޔޭގައި ޑިމޮކްރަސީއެއް ނުހިނގާ، އެ ވެރިކަން ކުރާ ސަރުކާރަކުން ހިންގާ ޕާޓީއަކަށް މަޖިލީހުގެ، ޕާލަމެންޓްގެ އަޣްލަބިއްޔަތެއް ނެތި. އެއީ، ވަރަށް އުނދަގޫ ކަމެއް. ޖަޕާނުގައި އެއްފަހަރަކު އެހެންވި. ވީމާ، އެކަމެއް ނުހިނގި، ސަރުކާރެއްވެސް ނުހިނގި. ސަރުކާރު ހުއްޓިފައި އޮތީ. އިޓަލީގައި އެއްފަހަރަކު އެކަން ހިނގި. ހިނގީމާ ސަރުކާރު ހުއްޓިފައި ހުރީ. ވެރިޔަކު ބަދަލެއް ނުކުރެވޭ އެއިރަކު. އެންމެ ގޮނޑިއެއް ނުލިބުނަސް، އަޅުގަނޑުގެ މުސާރައިން ހަތަރުއަނާއެއްވެސް މަދެއްނުވޭ. އެހެންނަމަވެސް، އަޅުގަނޑުމެން ކުރަން މިއުޅޭ މަސައްކަތެއް އޭރަކުން އަޅުގަނޑުމެންނަކަށް ނުކުރެވޭނެ. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން މިކަންކަމާމެދު ވިސްނަވާނެ ކަމަށް. އަދި އަޅުގަނޑަށް އެންމެ ބޮޑަށް އެނގެނީ އެއްވެސް ބަޔަކަށް މިއަދު ރާއްޖޭގެ ރައްޔިތުންނަށް ދޮގެއް ހަދަން ވަރަށް އުނދަގޫވާނެކަން. ދަޅައެއް ނުދެއްކޭނެކަން. އަޅުގަނޑުމެން އެހެންވީމާ، ނޫޅެން ދަޅައެއް ދައްކާކަށް. އަޅުގަނޑަށްވެސް ހަމަ ވަރަށް ފަސޭހަ، އަޅުގަނޑުގެ ޅިޔަނެއް ކައިރީގައި މިރަށަށް އައިސް ހަމަ ތިޔަބޭފުޅުންނަށް ފައިސާކޮޅެއް ބަހާލާށޭ. އޭރުން ތިޔަބޭފުޅުން ވޯޓު ދެއްވަފާނެއޭ. އެހެން ގަބޫލުކޮށްގެން އެކަން ކުރިއަށް ގެންދެވިދާނެ. ދޭލިޔާ ކައިރީ އަޅުގަނޑަށް ބުނެވިދާނެ ދޭލިޔާ މިހެން ހަދާލަދީ ބަލާށޭ. ހަމަ ވަރަށް ފަސޭހައިން އެކަން ކުރާނެ އޭނަ. އަދި އަޅުގަނޑަށް އަޅުގަނޑުގެ ބޮޑުބޭބެ އަބުޖީ ކައިރީވެސް ބުނެވިދާނެ މިހާރު މިކަން ކޮށްލަދީބަލާށޭ. ހަމަ ވަރަށް ފަސޭހައިން އޭނަވެސް އެކަން ކުރަން ނުކުންނާނެ. އެހެންނަމަވެސް، މިއީ އެދުވަހެއް ނޫން. އަޅުގަނޑުމެން ރާއްޖޭގައި ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީ ނުލިބިގެން ރައްޔިތުން މިހާލުގައި މިއުޅޭން މިޖެހެނީ ތާއަބަދު ތަކުރާރުކޮށް އެމަގަށް އަޅުގަނޑުމެން ކަންތައް ކުރަމުން ގެންދާތީ.

އަޅުގަނޑުމެންނަށް ދެއްވާ ވޯޓެއް ތިޔަދެއްވަނީ ހިތުން ރުހުމުން. ރުހުނީމާ އިޚްލާޞްތެރިކަމާއެކު އެވޯޓު އަޅުގަނޑުމެން ބޭނުމީ. އަދި އެއީ، ހެޔޮ ރުހުމަކީ. އެ ރުހުން ލިބުނީމާ އަޅުގަނޑުމެން މިއެދޭ ތަރައްޤީގެ މައްސަލަތައް ކުރިއަށްގެންދެވޭނީ. އަޅުގަނޑު ވަރަށް ބޮޑަށް ދަންނަ އަތޮޅެއް މިއީ. އަޅުގަނޑުވެސް ހަމަ ކުޑައިރުއްސުރެ ފަށައިގެން އުޅެ ބޮޑުވި އަތޮޅެއް މިއީ. އަޅުގަނޑު މިއައި ދެރަށުގައިވެސް އެވާހަކަ ފާހަގަކޮށްފައި މިއޮތީ. ތިޔަބޭފުޅުންނަކަށް، ވ. އަތޮޅު ރައްޔިތުންނަކަށް ނުލިބޭނެ، ދިވެހިރާއްޖޭގެ ރައީސެއް އަޅުގަނޑާ އެއްވަރަށް މިއަތޮޅުގައި ވަގުތު ހޭދަކޮށްފައިހުރި. އަޅުގަނޑު މިހާރު މިހުރި ރަށަކީ ޢަޒީގެ ރަށް. އެއީ، މަދަރުސީ ދަރުރުއްސުރެ ފަށައިގެން އަޅުގަނޑުމެން އުޅުނީ އެކުގައި. އަދި އަޅުގަނޑުމެންގެ ކޮންމެ މަސައްކަތެއް ސިޔާސީ ޕާޓި ހެދިޔަސް، އަޅުގަނޑު މާލެއަށް ކުރިމަތިލިޔަސް، އަދި އެހެން ކަމެއް އަޅުގަނޑުމެން ކުރިޔަސް، އޭނާއަކީ އަޅުގަނޑުގެ ވަރަށްބޮޑު ބައިވެރިއެއް. އެހެންވީމާ، އަޅުގަނޑަށް މިރަށް އަޅުގަނޑުގެ ހިތުން ކައްސާލަން ވަރަށް އުނދަގޫވާނެ. ޢަބްދުލްޢަޒީޒަކީ އަބަދުވެސް، ޙަޤީޤަތުގައި އަޅުގަނޑަކަށް ނޭނގެ އަޅުގަނޑު މިވާހަކަތައް މިހެން ދައްކަންވީ ސަބަބެއްވެސް. އިރާދަކުރައްވައިގެން އަޅުގަނޑަކީ ކޮންމެހެން ގެއަށް މީހުން އެއްޗެހި ފޮނުވަން ޖެހޭ މީހެއްނޫން. އެހެންނަމަވެސް، ޢަޒީ އަބަދުވެސް ފޮނުވާނެ އަނބުފޮށި ގަނޑެއް. އަބަދުވެސް އަޅުގަނޑާ އަޅާލާނެ. އަޅުގަނޑަށް ކިރިޔާ ކަމެއްވާ ދުވަހަކު. އަޅުގަނޑަށް އެނގޭ ޢަޒީ މިރަށާ އަޅާލަން ބޭނުންވާ މިންވަރު. އަޅުގަނޑަށް އެއްވެސް ހާލެއްގައި އޮޅިފައެއްނޯވޭ. އެހެންވީމާ، އަޅުގަނޑަށް، އަޅުގަނޑުމެންނަށް ކަމެއްވާ ދުވަހު، ކަމެއް ކޮށްދެވެން އޮތް ދުވަހު، އަޅުގަނޑުމެން ނުތިބޭނަން މިރަށާ އަޅާ ނުލައެއް. އަޅުގަނޑުމެންނެއް އިރާދަކުރެއްވިއްޔާ މިރަށެއް މި ސަރުކާރަކުން ދުލެއް ނުކޮށްލާނަން. އެއަށްވުރެ މާބޮޑަށް މި ސަރުކާރު އުފެދުމުގައި ކިތަންމެ މީސްކޮޅު މަދުވިޔަސްވެސް މާބޮޑަށް ގުޅިފައި އޮތް ރަށެއްމީ.

ގިނަ ފަހަރަށް ވަރަށްގިނަ ކަންކަން އެއީ ސީދާ ލޮލުން ނުފެންނަ ކަންކަން. އެހެންނަމަވެސް، އެބާވަތުގެ އެތައް ކަމެއް މެދުވެރިވެގެންގޮސް ކަމެއް މި ހިނގަނީ. ޙަޤީޤަތެއް މިހާމަވަނީ. އެހެންވީމާ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، އަޅުގަނޑުމެންނެއް ތިޔަބޭފުޅުން ދޫކޮށްލާފައި ހަނދާން ނައްތާލާފައި މީސްކޮޅު މަދުވީމަކާއެއް ނުދާނަމޭ. ވޯޓެއް ހޯދަން ރިޔާސީ އިންތިޚާބަށް އަޅުގަނޑު އުޅުނުއިރުގައި، އަޅުގަނޑު ގޭ މަގުންވެސް ލިބޭނެ މިހާ ވޯޓު އިނގޭތޯ. މިރަށުގެހާ ވޯޓު. އެހެންނަމަވެސް، އަޅުގަނޑު އައިން ރިޔާސީ އިންތިޚާބުގައި ދެފަހަރަށް. ހަމަ އަޅުގަނޑުގެ ނަޒަރުގައި އަދަދެއްނޫން މުހިންމީކީއެއް. އެއަށްވުރެ މާ މުހިންމު، މީހާ ހިތުގެ އަޑިން ގަބޫލުކުރާ ކަންކަން، ފަލްސަފާ، އުޞޫލު. އެހެންވެގެން އަޅުގަނޑު މިރަށަށް އަންނަނީ. އެހެންވެގެން އަނެއްކާވެސް އަޅުގަނޑު މިއައީ މިރަށަށް. އަޅުގަނޑު ހަމަ ވަރަށްބޮޑަށް އެދެން، ތިޔަބޭފުޅުންގެ ހަމަ ހުރިހާ ބޭފުޅުންވެސް އަޅުގަނޑުމެންގެ ކެންޑިޑޭޓަށް މިވޯޓު މިފަހަރު ދެއްވުމަށް. މިކަން ރަނގަޅަށް އަޅުގަނޑުމެންނަށް ގެންގޮސް ނިންމޭނީ، ވ. އަތޮޅުގެ ދެގޮނޑި އަޅުގަނޑުމެން ބޭނުން. އެގޮނޑި ދޫކޮށްލާފައެއް އަޅުގަނޑު ހުންނާކަށެއް ބޭނުމެއްނޫން.

އަޅުގަނޑަށްވެސް އެނގޭ، މި ސަރުކާރަކާ ގުޅުމެއް ނެތްކަން ގޮނޑިތަކަކާ. އެހެންނަމަވެސް ގަބޫލުފުޅު ކުރައްވާ، އަޅުގަނޑަކީ ދިވެހިރާއްޖޭގައި ޤާނޫނުއަސާސީގައި ފުރަތަމަ، ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގެ ތެރެއިން އިންތިޚާބުވި ރައީސުލްޖުމްހޫރިއްޔާއޭ. އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ބައިވެރިވެގެން ތިޔަބޭފުޅުން އަޅުގަނޑަށް ވޯޓު ދެއްވީތީވެ އަޣްލަބިއްޔަތަކާއެކު އިންތިޚާބުވެފައިހުރި ރައީސެއް. އަޅުގަނޑަށް ޙައްޤު މިވާހަކަ ދެއްކުން. މި ޤާނޫނުއަސާސީ އަޅުގަނޑަށް ވަރަށް ފުރިހަމައަށް ޖާގަދޭ، ގޮނޑީގެ ވާހަކަ. މިސާލަކަށް ތިޔަބޭފުޅުން އެމެރިކާގެ ރައީސް އަރިހު ނުވަތަ އިނގިރޭސިވިލާތު ބޮޑުވަޒީރު އަރިހު، މިހާރު ތިޔައުޅުއްވަނީ ގޮނޑި ހޯއްދަވަންހޭ؟ ނޫސްވެރިޔަކު އަހައިފިއްޔާ، އެވާނީ ބޮޑު މަލާމާތަކަށް. ވާނީ ބޮޑު ހެއްވާ ކަމަކަށް. އަޅުގަނޑުމެންގެ މަސައްކަތަކީ، ރައްޔިތުންގެ ރުހުން ހޯދުން. އެ ހޯދަނީކީއެއް އޮޅުވާލައިގެނެއްނޫން. ވަގުތީ ބޭނުމަކަށް ނޫން. ދާއިމީކޮށް ތިޔަބޭފުޅުންނަށް ކަންކަން ވާނެގޮތް އަޅުގަނޑުމެން މަގުފަހިކޮށްދީގެން. އަޅުގަނޑުމެން ވިސްނަމުން މިގެންދަނީ އެމަގުތައް ފަހިކުރަން. އަޅުގަނޑު ވަރަށްބޮޑަށް އިތުބާރު ކުރަން އަޅުގަނޑުމެންގެ ކެންޑިޑޭޓް ޝިފާނާއަށް. އެބޭފުޅާއަކީ، މިކަމުގެ ޤާބިލު ބޭފުޅެއް. އެބޭފުޅާއަކީ، ހަމަ ތިޔަބޭފުޅުންގެ ތެރެއިން ވަރަށް ތަޢްލީމީ ހީވާގި ހުނަރުވެރި ބޭފުޅެއް. އަޅުގަނޑުމެންގެ ވިސްނުމުގައި ހުންނެވި ބޭފުޅެއް. އަޅުގަނޑަށް އެބޭފުޅާއާ އެކީގައި މަސައްކަތް ކުރެވޭނެ ކަމުގެ އިތުބާރު ވަރަށްބޮޑު.

މީގެކުރީގައި ފަހަރެއްގައި ވެދާނެ ސިޔާސީވެރިން ތިޔަބޭފުޅުންނާ މިވާހަކަ ދައްކަވަނީ ތިޔައިގެ ތެރެއިން ހައެއްކަ ބޭފުޅަކު އެއްކައިރި ކޮށްލާފައި ކޮޓަރިއަކަށް ވައްދާފައި އެހެންކަމަށް. އެހެން މިއަދު އަޅުގަނޑުމެން އުޅޭކަށް ނުޖެހޭ. ސާފުކޮށް ދެފުށް ފެންނަ ގޮތަށް އަޅުގަނޑުގެ ހިތުގައި އޮތް އެއްޗެއް އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި މިދަންނަވަނީ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ކޮށްދޭ ކަމެއް އެ ކޮށްދެނީ ތިޔަބޭފުޅުންނާއެކީގައި މިކަންކަން ކުރުމުގެ ނިޔަތުގައި. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިކަންކަން ކުރެވޭނެ. ތިޔަބޭފުޅުންގެ ރަށް ތިނަދޫ އަޅުގަނޑު ހަމަ ދެކޭނީ، އަޅުގަނޑުމެން މިދެކޭ އަނެއް ދިވެހިރާއްޖޭގެ ކުރީކޮޅުގައި އެންމެ ފުރަތަމައިނުން ބަދަލުވެގެންދާ ރަށްތަކުގެ ތެރެއިން ރަށަކަށްވާނެ ކަމަށް.

ދާދި އަވަހަށް އަޅުގަނޑުމެންނަށް މިރަށުގައި ފެނާއި ނަރުދަމާއާއި ކަރަންޓުގެ މަސައްކަތް އެއްކުންފުނީގެ ދަށުން ހިންގާއިރުގައި ހިންގަންފެށޭނެ. އެހެންވީމާ، އެމަސައްކަތްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލަސްތަކެއްނުވެ މިރަށުގައި ކުރިއަށް ގެންދާނަން. އަދި ހަމަ އެހެންމެ، އަޅުގަނޑުމެން މިރަށުގައި މިރަށުގެ ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދްމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށްގެންދާނަން. އެއީކީ އަޅުގަނޑުމެން ހުއްޓާލާނޭ ކަމެއްނޫން. އަޅުގަނޑުމެންނެއް ނުދެކެން މިއީ އަޅާނުލާ ބާއްވަންވީ ރަށެއް ކަމަކަށް. އަޅުގަނޑުމެން ދެކެނީ މިއީއޭ ދިވެހިރާއްޖޭގެ ސިފައަކީ. މިއީއޭ ޙަޤީޤަތުގައި ދިވެހިރާއްޖެއަކީ. އެހެންވީމާ، މި ފިޠުރަތީ ގޮތާ އިދިކޮޅަށް އަޅުގަނޑުމެން މަސައްކަތް ކުރާކަށެއް ނޫޅޭނަން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން އެންމެން އެކުގައި މިމަސައްކަތުގައި އުޅުނީމާ، އަޅުގަނޑުމެން އެންމެންނަށްވެސް ކާމިޔާބު ލިބޭނެ. އަޅުގަނޑަށް ލިބިފައިހުރި ކާމިޔާބެއްގެ މާނައެއްނެތް، މިރަށްރަށަކަށް އަޅުގަނޑުމެންނަށް ކަމެއް ނުކޮށްދެވެންޏަކާ. އިރާދަކުރެއްވިއްޔާ އެމަސައްކަތް ކުރުމުގައި އަޅުގަނޑުމެން މިތިބީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، މާދަމައަކީ އަދި މިއަށްވުރެ މާ އުޖާލާ ދުވަހަކަށްވުން. އަޅުގަނޑު އެދެނީ އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން.

واَلحَمْـدُ لِلّـهِ. ވަރަށްބޮޑަށް ޝުކުރިއްޔާ.