بســم اللّـه الرّحمـن الرّحيــم

ފެލިދޫގެ އެކުވެރި ލޮބުވެތި ރައްޔިތުން،

السّـلام عليـكم

މީގެ ދުވަސްކޮޅެއް ކުރީގައި، އަޅުގަނޑުމެން ރިޔާސީ އިންތިޚާބަށް ވާދަކުރަމުން ދިޔައިރުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ފަރާތުން ރައްޔިތުންނަށް ހުށަހަޅަމުން ގެންދިޔަ ތަޞައްވަރެއް، ވިސްނުމެއް، ފިކުރެއް، އުންމީދެއް. އަޅުގަނޑުމެންގެ ނަޒަރުގައި އަދި އަޅުގަނޑުމެން މަސައްކަތްކުރާގޮތުގައި އަޅުގަނޑުމެންގެ ސަރުކާރެއް ހިނގާނެގޮތުގެ މަންޒަރެއް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އެދުވަހު ހުށަހެޅިން. އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުތަކެއް ވަމުން ގެންދިޔައިން. އަދި އެވަޢުދުތައް ފުއްދުމަށް އަޅުގަނޑު ރާވާފައިއޮތް ރޭވުމުގެ ތަފްޞީލުތައްވެސް އަޅުގަނޑުމެން ގެންދިޔައިން.

އަޅުގަނޑުވެސް ގަބޫލުކުރަން. އެދުވަހު ތިޔަބޭފުޅުންނަށް އެވާހަކަތަކަށް ބޮޑު ޝައުޤުވެރި ކަމެއް ދެވިފައި ނެތިދާނެ. އެއީ، އެދުވަހު ފަހަރުގައި ހީވެފައި ނެތިދާނެ، ރާއްޖެ މިތާ، މިރަށުގައި ތިޔަބޭފުޅުން ތިއްބަވާއިރު. ފެލިދޫގެ ގޮނޑުދޮށުން ބޭރުގައި ކަންކަން ހިނގަނީ ކިހިނެއްތޯ މުޅިން ހިތަށް މަންޒަރު ސިފަވެފައި ނެތިދާނެ. މިއަދު އަޅުގަނޑަށް މިލިބޭ އުފަލަކީ އަޅުގަނޑުމެންގެ ސިޔާސަތުތައް، މިސަރުކާރުގެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި ތިމަންނާއަށް، ތިޔައިން ކޮންމެ ބޭފުޅަކަށް އޮތީ ކޮންކަމެއްހެއްޔޭ؟ ތިމަންނާއަށް އޮތީ ކޮންކަމެއްހޭ، ތިމަންނާގެ ޢާއިލާއަށް، ގެއަށް، ތިމަންނާގެ ރަށަށް ވާނީ ކިހިނެއްހޭ؟ މިސުވާލުގެ ތަފްޞީލު އިރާދަކުރައްވައިގެން، އަޅުގަނޑުމެންނަށް މިއަދު ތިޔަބޭފުޅުންނަށް އެރުވެން އެބައޮތް. އަޅުގަނޑު ކުޑަތަންކޮޅެއް ފަހަތަށްޖެހެނީ މިދުވަސްވަރުގެ ސަބަބުން. ކުޑަކޮށްވެސް އަޅުގަނޑު ބޭނުމެއްނޫން، ތިޔަބޭފުޅުންގެ ލޮލުގައި ވޯޓަށްޓަކައި އަނދުނެއް އަޅުވާކަށް. ދަޅައެއް ދައްކާކަށް. އެންމެބޮޑަށް ސާފުވެފައިއޮތް އެއް ޙަޤީޤަތަކީ، މީގެ ދިގު ތިރީސްއަހަރުވެސް ކޮންމެ އިންތިޚާބަކާ ދިމާކޮށް، އެކިއެކި ވެރިން ތިޔަބޭފުޅުންނާ ބައްދަލުކޮށް، ރަންއިލޮށިން ކަދުރުކާންދޭނެ ކަމަށްވެސް ވަޢުދުވޭ. އަރިއަރިން ބިލެތްބަހާނެ ކަމަށްވެސް ވަޢުދުވޭ. އިންތިޚާބު ނިމުނީމާ އެ ހުރިހާ ވަޢުދަކަށްވީގޮތް އަޅުގަނޑުމެންނަށް މިއޮންނަނީ ރަނގަޅަށް ސާފުނުވެފައި. އެއިން އެއްވެސް ބޭފުޅަކާ ދެން ގާތުން ދިމާވަނީ އަނެއްކާ އަނެއް ފަސްއަހަރުފަހުން.

އަޅުގަނޑަށް މިއަދު ދިމާވެފައިވާ ދައްޗަކީ މިދެންނެވީ. އަޅުގަނޑު ކުޑަކޮށްވެސް ކުރަން ބޭނުންކަމެއްނޫން އެއީކީއެއް. އިންތިޚާބު އެއީ، އަޅުގަނޑުގެ އަމާޒަކަށް ހަދާ، އެ އިންތިޚާބާ ގުޅުވާ، ތިޔަބޭފުޅުންނަށް އަޅުގަނޑުމެންނަށް ސަރުކާރުން ކޮށްދެވެންހުރި މަސައްކަތްތަކުގެ، ކަންކަމުގެ ވާހަކަ ދެއްކުން. އަޅުގަނޑަށްވެސް ވަރަށް ފަސޭހަ. އަޅުގަނޑުގެ ގާތް ދެޅިޔަނަކާ، އެއްބަފާ ދެބޭބެއަކާ ދެތިންމީހަކު ހޯދާލާފައި މިރަށްރަށަށް އަރުވާ، އެމީހުންކައިރިގައި ކުޑަކޮށް ފައިސާ ބަހާލަދޭށޭ، މިވެނިތަނެއް ކަހާލަދޭށޭ، އަނެއްކަމެއް ކޮށްލަދޭށޭ، އެހެންހަދާލާފައި ދިޔާމާ ވޯޓުކޮޅެއް ލިބިދަނެއޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މިރަށަށްއައިސް، ދޭލިޔާކައިރީގައި މިރަށުމީހުން ދަންނާނެވެސްމެ، ގޭގެއަށްވަދެ ރުފިޔާ ބަހާލާށޭ، މިހެން ހަދާލާށޭ ބުނީމާ އެކަންވާނެ. އެހެންނަމަވެސް، އެއިން ނުކުންނާނެ ހަމަ އެއްވެސް ނަތީޖާއެއް ނޯންނާނެ، އަޅުގަނޑުމެން މިއަދާހަމައަށްވެސް ކުރަމުންއައި މަސައްކަތް ބޭކާރުވެ، ގެއްލިދާނީ.

އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، ދެމެހެއްޓެނިވި ތަރައްޤީ. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، އަބަދަށް އަޅުގަނޑުމެންގެ ދަރިންނާ ދަރިންގެދަރިންނަށް ހެޔޮގޮތެއް ހޯދޭނެގޮތެއް، މަގެއް ހޯދަން، އިންސާނީ ތަޖުރިބާ ދައްކާފައިއޮތް އެންމެ މުހިންމު އެއް ޙަޤީޤަތަކީ، ކަމެއްކުރާން ވެއްޖިއްޔާ، އެކަމެއްނޫނޭ ކުރަންވީ. އެހެންކަމެއްކޮށްގެން ކުރަމުން ކުރަމުންއައިސް އަޅުގަނޑުމެން ބޭނުންވާ ކަންތައްވީމާ ދެން އެވާކަންތައް ހުންނާނީ ތާއަބަދަށް ދެމިހުންނަ މަގަށޭ. ތަރުތީބެއް ކޮންމެކަމެއްގައިވެސް އެބަ އޮންނަންޖެހޭ. ތެދުފުޅެއް، މިހާރު ހަމަސްދުވަސްވެއްޖެ، ހަމަ ވީ އެއްވެސް ކަމެއްނެތް. ދަތުރުފަތުރުކުރުމުގެ ނިޒާމުވެސް ހަމަޖެހުނީކީއެއްނޫން. ހޮސްޕިޓަލެއް، ހެލްތްސެންޓަރަކަށްވެސް ބަދަލެއް އައީކީއެއްނޫން، މިރަށަށް ބޭންކެއްވެސް ލިބުނިއްޔަކީއެއް ނޫން، ބަނދަރުވެސް މަރާމާތު ވީއަކީއެއްނޫން. ނަރުދަމާއަށް ދެން ހެދޭނެގޮތެއް އެނގެނީކީއެއްވެސްނޫން. އަލަށް އުފެދޭ ގޭގެއަށް ނަރުދަމާ އިތުރުކޮށްދެވެން އޮތްކަމެއްވެސް އެނގެނީކީއެއްނޫން. ޕެނެލްބޯޑު ހޯދެންއޮތްކަމެއްވެސް އެނގެނީކީއެއްނޫން، ފެން ލިބޭނެކަމެއްވެސް އެނގެނީކީއެއްނޫން، މަދަރުސާއަށްވެސް ކަމެއްވަނީކީއެއްނޫން، ހަމައެއްވެސްކަމެއް ނެތް ވެފައެއް. މިދިޔަ ހަމަސްދުވަސް މިދިޔައީ. އަޅުގަނޑުމެންގެ ވެރިކަން ބަދަލުވެއްޖެ. ވީކަމެއް ހަމަނެތް.

އަޅުގަނޑުގެ ނަޒަރުގައި ކަމެއްކުރަން އުޅޭއިރުގައި ވަރަށްބޮޑަށް އެބަ ވިސްނަންޖެހޭ. އެބަ ރާވަންޖެހޭ. ފުރަތަމަ ހަފުތާގެތެރޭގައިވެސް އަޅުގަނޑަށް ލިބުނު އެންމެބޮޑު އެއް ފިލާވަޅަކީ، އަޅުގަނޑު ހިތަށްއެރީ، އަޅުގަނޑު މިއިންތިޚާބަށް ކުރިމަތިލީއިރުގައި މިދިޔަ ހަތަރު އަހަރު ތެރޭގައި، ރާއްޖޭގެ ކޮންމެރަށަކަށް މަދުވެގެން ދެފަހަރު، މިދިޔަ ހަތަރު އަހަރުދުވަހުގެތެރޭގައި އަޅުގަނޑަށް ދެވިފައި ހުންނާނެ. މިރަށަށް މިދިޔަ ހަތަރު އަހަރުދުވަހުގެތެރޭގައި އާދެވޭ، އަޅުގަނޑު ހަނދާންވަނީ މިއީ ތިންވަނަ ފަހަރޭ. އަޅުގަނޑަށް ފެނުނު އެންމެބޮޑު އެކައްޗަކީ، އެންމެބޮޑު، ދިމާވެފައިއޮތް އެއްމައްސަލައަކީ، ކުނިޖަމާވެފައިހުރި މިންވަރު. އަޅުގަނޑުހިތަށްއެރީ، މިހާރު މިހިރީއޭ، ހުރިހާ ލޮރީއާ، ހައިމާކާ، ކޮޅުވެއްޓިއާ. މިއެއްޗެހި ތަންތަނަށް ފޮނުވައިގެން، މިހުރިހާތަނަކުން އެއްކުރާކުނި އުކާލެވިދާނެއޭ. ދަންނަވަންތޯ ހަމަ ހިނގާ އެންމެ ހައިމާކެއްވެސްނެތް. ހިނގާ އެންމެ ލޮރީއެއްވެސް ނެތް، އެއެއްޗެހިތައް ގެންދާ ތަންތަނުން އެއަށްވުރެ އަވަހަށް އެއެއްޗެތި ހަލާކުވޭ. އެކަމެއްވެސް ހިންގޭކަށެއްނެތް. ސީދާ އެކަމެއް ކޮށްގެން އެކަން ދެމެހެއްޓެނިވިގޮތުގައި ހިންގޭނެގޮތަކަށް ކަމެއް ދިމާވެފައެއްނެތް. ކޮންމެކަމެއް ނަގާއިރަށް އެކަން މިއޮންނަނީ އޮޅުންބޮޅުންވެފައި. ހަރޯލު ކަންވާރަށްވުރެ އޭގައި އޮޅުން ގިނަ. ދެން އަޅުގަނޑުމެން ކޮޅު ފެނޭތޯ ކޮޅެއް މެދެއް ފެނޭތޯ ނިއުޅުވަނީ، ނިއުޅުވަނީ، ނިއުޅުވަނީ. އަޅުގަނޑުމެންނަށް ނެގި. މިވެރިކަން އަޅުގަނޑުމެންގެއަތަށް ހެޔޮވަރުވަންދެން މިކަންކުރުމަށް ދެތިންމަހެއް. އެއަށްފަހު އަޅުގަނޑަށް ޙަޤީޤަތުގައި އެނބުރިލެވެނީ އަޅުގަނޑުމެންގެ ސިޔާސަތު ހިންގާފަރާތަށް. އެ ތަންފީޒުކުރަން ފަށަން.

މިރަށުގައި އަޅުގަނޑަށް ހަމަ ވަރަށް އުފަލާއެކީގައި ދެންނެވެން އެބައޮތް، މިއަހަރުތެރޭގައި އަޅުގަނޑުމެންނަށް މިރަށުގައި ފެނާއި ނަރުދަމާއާއި ކަރަންޓުގެ މަސައްކަތް ބަރާބަރަށް ހިންގާ ނިންމޭނެއޭ. އިރާދަކުރެއްވިއްޔާ ހިންގަންފެށޭނެއޭ. އިރާދަކުރެއްވިއްޔާ މިއަހަރު އަޅުގަނޑުމެން މިރަށުގައި ފެނުގެ މަސައްކަތް ފަށާނަން. އަދި އިންޖީނުގެ ތިޔަބޭފުޅުން ތިޔަބޭނުންވެލައްވާ ވަރަށްވުރެ ރަނގަޅަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާދޭނަން.

ސުވާލަކީ، އަޅުގަނޑު އުންމީދުކުރަން އެ ސުވާލު ތިޔަބޭފުޅުން ކުރައްވާނެކަމަށް. ކިހިނެއްހެއްޔޭ އެކަންކުރަނީ؟ ކޮބައިހެއްޔޭ ފައިސާ؟ އަޅުގަނޑުމެން ދުށީ، މިރާއްޖޭގައި، މިސާލަކަށް މިއަތޮޅަށް ތިޔަބޭފުޅުން ބައްލަވައިފިއްޔާ، އެބައޮތް، ޔޫރަޕް ދެރަށް. އޮވެފައި، މިއޮންނަނީ، ތިންވަނަ ދުނިޔޭގެ ފަގީރު ފަސްރަށް. މިދެރަށާއި މިފަގީރު ފަސްރަށާ އެއްކުރެވިއްޖިއްޔާ އަޅުގަނޑުމެންނަށް ހަމަ ޔަޤީން، ހަތްރަށް މާރަނގަޅު އެއްހަމައެއްގައި ހުންނާނެކަން. ޚާއްޞަކޮށް، ފެނާއި ނަރުދަމާއާއި ކަރަންޓު ހިންގުމުގައި. އަޅުގަނޑު ވަރަށްރަނގަޅަށް ދަންނަ ވާހަކައެއް މިދައްކަނީ. އަޅުގަނޑުމެން މިދެކެނީ، މިސާލަކަށް އަލިމަތާ ދިއްގިރީގެ ފެނާއި ނަރުދަމާއާއި ކަރަންޓު ހިންގާ ކުންފުންޏެއްގެ ހިއްސާ، ހަމަ މީހުން މި ދިރިއުޅޭ ރަށްރަށުގެވެސް ފެނާއި ނަރުދަމާއާއި ކަރަންޓު ހިންގުމަށް އެއްކުންފުނި އުފައްދާފައި، އެކުންފުންޏަށް ސަރުކާރުން ދެވެންހުރި އެއްޗެއް ދިނީމާ މާރީތިކޮށް ވިޔަފާރީގެ އުޞޫލުން މިކަން ހަމަޖެހެން އެބައޮތް. އަޅުގަނޑުމެން މި މަސައްކަތްކުރަނީ. އެއަށް އަޅުގަނޑުމެން މިކިޔަނީ، ޕްރައިވެޓް ޕަބްލިކް ޕާރޓްނަރޝިޕް އޭ. ޕްރައިވެޓް، (ވިޔަފާރި ކުންފުނިތަކާ)، ޕަބްލިކް، (ސަރުކާރާ)، ޕާރޓްނަރޝިޕް (ގުޅިގެން) ހިންގާ މަސައްކަތެއް ހިންގުން. އެ އުޞޫލުން މިކަން ހިންގީމާ އަޅުގަނޑުމެންނަށް ވަރަށް ސާފު، މިކަން ވަރަށްފަސޭހައިން ވާން އެބައޮތްކަން.

ސަރުކާރުން މިގެންދަނީ، މިތަނުގެ، މިއަތޮޅުގެ ރިޒޯޓުފަހަރު ގެންގުޅޭ މީހުންނާ ވާހަކަދައްކަމުން. މިއުޞޫލުން އެބޭފުޅުން ހައްދަވަންވީގޮތަކީ އެބޭފުޅުންގެ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދްމަތްދިނުން، ސީދާ ރެޒޯޓުން ހުއްޓާލަނީ. ހުއްޓާލާފައި އެހެން ކުންފުންޏަކަށް އެބޭފުޅުން އެ ދޭންވީ. ހަމަ މިރަށްރަށްވެސް ދޭންވީ އެކުންފުންޏަށް. ދިނީމާ ހުރިހާ ރަށަކަށް މީގެފައިދާވާނެ. އެއީ، މުޅިދުނިޔެ ދަންނަ ޙަޤީޤަތެއް. މިއަދު އަޅުގަނޑުމެން އެކަމަކާ އޮޅިގެން އުޅޭނެކަމެއްނެތް. އިރާދަކުރެއްވިއްޔާ މިއުޞޫލުން އަޅުގަނޑުމެންނަށް މިކަންވާނެ. ތިޔަބޭފުޅުންގެ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދްމަތް، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ މިންވަރަށްވުރެ، އަސްލު ޙަޤީޤަތުގައި އަޅުގަނޑުމެންނަށް މާރަނގަޅަށް އިރާދަކުރެއްވިއްޔާ ކޮށްދެވޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޮށްދޭނަން.

މީގެކުރީގައި ރިޒޯޓުފަހަރުން ސަރުކާރަށް ހަމަ ލިބޭ، މިދަންނަވާ މަސައްކަތްކުރުމުގެ ފުރްޞަތުތައްވެސް. ރިޒޯޓެއްގެ ވެރިއެއް ކައިރީގައި ފެލިދޫ ނަރުދަމާ ހަދާދޭށޭ، ކަރަންޓު ނުވަތަ ފެން، އެމަސައްކަތުގައި ބައިވެރިވާށޭ، ހަމަބުނާއިރަށް ބައިވެރިވާނެ. އަދި ޚާއްޞަކޮށް އެ ރިޒޯޓުގެ ވެރިޔަކަށް އެއިންކޮންމެވެސް އިތުރު ފައިދާއެއް ލިބޭނެ ވިޔަފާރީގެ އުޞޫލެއް އޭގެތެރޭގައި ހިމަނާފައި އޮވެއްޖިއްޔާ. މީގެކުރީގައިވެސް އެކަންވޭ. މީގެކުރީގައި މިވާގޮތަކީ، ޕަބްލިކް ނުވަތަ ސަރުކާރަކީ ތިމަންނާއޭ ބައެއްބޭފުޅުން ވިދާޅުވަނީ. ސަރުކާރުގެ ވެރިއަކަށް، ކޮންމެވެސް ވެރިއަކަށް ހުންނަވާ ބޭފުޅާ މިވިދާޅުވަނީ، ތިމަންނާއޭ ސަރުކާރަކީ. އެހެންވީމާ، ތިޔަ ދެއްވާ ލާރިއަށް ތިމަންނާގެ ގެ ދިހަބުރިއަށް އަޅަން ހަމަވަރަށް ރަނގަޅުވާނެއޭ. ތިޔަ ދެއްވާ ފައިސާއަކުން ތިމަންނާގެ ދެކުދިންނަށް އިނގިރޭސިވިލާތުގައި ކިޔަވާދޭނީއޭ. ތިޔަ ދެއްވާ ފައިސާއަކުން ތިމަންނާ އިނގިރޭސިވިލާތުން ގެއެއް، އަދި ސިންގަޕޫރުންވެސް ފްލެޓެއް ގަންނާނީއޭ، އެހެންވީމާ، ތިޔަބޭފުޅުންގެ ނަރުދަމާއާއި، ތިޔަބޭފުޅުންގެ ފެނާއި، ތިޔަބޭފުޅުންގެ ކަރަންޓަށް އަތްލެވޭކަށެއްނެތް.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ބިންވަޅުނެގިފައި އޮންނަ އެންމެމުހިންމު އެއް ޙަޤީޤަތަކީ، މިދައުލަތަށް، މިސަރުކާރަށް ލިބޭ ކޮންމެ ފައިސާފޮއްޗަކީ ތިޔަބޭފުޅުންގެ ފައިސާއޭ. އެއީ، އަޅުގަނޑުމެންނަށް އަމާނާތެއްގެގޮތުގައި ޚިޔާނާތްތެރިނުވެ، ހަމަހަމަކަމުގައި ބޭނުންކުރުމަށް ތިޔަބޭފުޅުން ހަވާލުކުރައްވާފައިވާ ފައިސާ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، މި ސަރުކާރުގެ އެއްވެސް ވަޒީރަކަށްވެސް، ނާއިބަކަށްވިޔަސްވެސް، އެއްވެސް ބޭފުޅަކަށް ވިޔަސްވެސް، ނާޖާއިޒުފައިދާ، ކޮރަޕްޝަނުގެ ޢަމަލެއް ހިންގާފައި، އިރާދަކުރެއްވިއްޔާ ސަލާމަތްވިޔަކަ ނުދޭނަމޭ. މިރާއްޖޭގެ ތަރައްޤީއަށް އެޅިފައިއޮތް އެންމެބޮޑު ހުރަހަކީ މިދެންނެވީ. ޚިޔާނާތްތެރިކަން، އިޚްލާޞްތެރިކަމެއް ނެތްކަން، ދެން ތަންކޮޅެއް އާދައިގެ ބަހުންދަންނަވަންޏާ ހަމަ ކަނޑައެޅިގެން ވައްކަން. އަޅުގަނޑުމެންނަށް މިބަދުއަޚްލާޤީ ޢަމަލުން އަރައިގަނެވެންޖެހޭނެ. ރައްޔިތުންގެ ފައިސާ އަޅުގަނޑުމެން މިގެންގުޅެނީ. އެފައިސާއަށް އަޅުގަނޑުމެންނަށް ކަމޭނުހިތެންޏަކާއެއް އަޅުގަނޑުމެންނަކަށެއް ހެޔޮގޮތުގައި ވެރިކަމެއް ނުކުރެވޭނެ.

ހެޔޮވެރިކަމަށް އަދި ތަރައްޤީއަށް އަޅުގަނޑުމެންގެ ނަޒަރުގައި، ފެންނަފެނުމުގައި އެހެން ވަރަށް މުހިންމުކަމެއް އެބަ ބޭނުންވޭ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް ބިރުގަތުމެއްނެތި އަޅުގަނޑާދިމާއަށް އެއްޗެތި ބުނެވެން އެބަޖެހޭ. އަޅުގަނޑުގެ މައްސަލައެއްނެތް، ފުރައްސާރަކުރިޔަސް، ހަޖޫޖެހިޔަސް، މަލާމާތްކުރިޔަސް، ފާޑުކިޔަސް، އަޅުގަނޑުގެ ހިތަކަށް ގޮތެއްނުވާނެ. އަޅުގަނޑު ތިޔަބޭފުޅުންދެކެ ރުޅިއެއްވެސް ނާންނާނެ، އަޅުގަނޑުވާނީ ހަމަ ލޯބި. އަޅުގަނޑަށް އެބަ ވިސްނޭ. އަޅުގަނޑަށް އެބައެނގޭ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެންދާއިރުގައި ބައެއްފަހަރަށް ކުޑަކޮށް ޗާޓުން ބޭރަށްވެސްދާނެކަން. އޭގެ އިމުން ބޭރަށްދާނެކަން. އަޅުގަނޑުމެންނަށް ވިސްނޭ، ދަތްފަޅާއިރު ތަދުވާނެކަންވެސް. އެހެންވީމާ، މިވަގުތު ވަރަށް މުހިންމު ހެޔޮވިސްނޭ ސިޔާސީ ވެރިން، ކަންކަން ހަޖަމުކުރައްވަން. އަޅުގަނޑުމެންނަށް އެބައެނގޭ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މުހިންމުކަން. އަދި އެމިނިވަންކަން ލިބިގެން މެނުވީ، ތިޔަބޭފުޅުންނަށް ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ޙަޤީޤީ ތަރައްޤީއެއް ނުލިބޭނެ.

ނަގާގަތް ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެތެރޭގައި 432 މީހުން ގެންގޮސް ހިފާހައްޔަރުކުރި. ސިޔާސީ ކުށްކުރި. ދެން ކިހިނެއްތޯ ތިޔައިން ބޭފުޅަކަށް އެއްޗެއް، ޚިޔާލެއް ފާޅުކޮށްލާ، އިންކާރުކޮށް، ފާޑެއްކިޔާލާހެދޭނީ. ހިތުގެ ބިރުވެރިކަމުން އަދިވެސް ސަލާމަތް ނުވެވޭ. ސަރުކާރު ބައެއް މުވައްޒަފުންނަށް އަޅުގަނޑުމެންގެ ވެރިކަން ހަޖަމުކުރަން ދަތިވެދާނެ. އެކަންވެސް ހަމަ އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް، ފެށުނީއްސުރެ ފަށައިގެން، ފުރަތަމަދުވަހުއްސުރެ ފަށައިގެން، އަޅުގަނޑުމެން ބޭނުންވީ ސިވިލް ސަރވިސް ޤާނޫނެއް ހަދަން. އަޅުގަނޑުމެން އަޑުއުފުލީ ސިވިލް ސަރވިސްއަކާއެއް ސިޔާސީ ބޭފުޅުން ބެހިގެންނުވާނެއޭ. މިއަދު ކީއްކުރަންތޯ އަޅުގަނޑުމެން ބެހެންވީ. އަޅުގަނޑުމެންނަށް ލިބޭ ވޯޓެއް، ދެއްވާ ތާއީދެއް ތިޔަދެއްވަނީކީ އެއްވެސް ޙާލެއްގައި މީހަކު ބިރުދައްކައިގެންނެއްނޫން. އަދި މަޖުބޫރީ ޙާލަތަކަށް މީހަކުގެނެސްގެނެއްވެސްނޫން. ތިޔަބޭފުޅުން ހިތުން ރުހުމުން ދެއްވިއެއްޗެއް އަޅުގަނޑުމެން މިތިބީ ހިތުން ރުހުމުން ބަލައިގަންނަން. އަޅުގަނޑުމެން މިތިބީ ގަބޫލުކުރަން. އަޅުގަނޑުމެންނެއް ނުޖެހޭ، މިއަދު ނުކުމެ އަނެއްކާ އަލުން އަނބުރާ ބޭފުޅުން ބިރުގަންނަވައި، ބޭފުޅުންނަށް އަނިޔާކޮށް، ބޭފުޅުންނަށް ގެއްލުންދީ ހަދާކަށް. އިރާދަކުރެއްވިއްޔާ، މި ސަރުކާރަކުން އެބާވަތުގެ ހަމަ ކުޑަވެސް ޢަމަލެއް ނުހިނގާނެ. ތިޔަބޭފުޅުންނަށް ޚިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އަޅުގަނޑުމެން އަރުވާނަން.

މިރަށުގައި އަޅުގަނޑުމެންނަށް ހިންގޭ މަސައްކަތްތަކާ ގުޅޭގޮތުން ފިކުރު ހިންގަމުންދިޔައިރުގައި ފުރަތަމަ އެންމެބޮޑުކަމަކީ، ހަމަ މިދަންނަވާހެން އަސާސީ ޚިދްމަތްތައް. އެއީ، ފެނާއި ނަރުދަމާއާއި ކަރަންޓް. އެ ޚިދްމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންނަށް ވަކިވަކި މަޝްރޫޢުތަކެއް ހިންގާކަށް ނުޖެހޭ. ކުންފުންޏަކުން ހިންގާ އެއްކަމެއް ހިންގަނީ. ދެން ތިޔަބޭފުޅުންނަށް ހަމަ މިރަށު ވަރަށްގިނަ ބޭފުޅުންނަށް ވަރަށްބޮޑަށް ސާފުވާނެ. އަޅުގަނޑުމެންނަށް މިރަށުގެ އަދި ބަޔަކަށް މިރަށުގެ ފެނާއި ނަރުދަމާއާއި ކަރަންޓާއި ގެދޮރާ ހުރިހާކަމެއް ކޮށްނިންމާލެވިދާނެ. ބަނދަރާ ހުރިހާކަމެއް އަޅުގަނޑަށް ޔަޤީން ހަމަސްދުވަހުން. އެމަސައްކަތްކުރަން ރަނގަޅަށް ރާވާފައި އެއަށް ބޭނުންވާ ފައިސާއާއި ތަކެތި ލިބޭނެގޮތް ރަނގަޅަށް ހަމަޖައްސާފައި ފަށައިގަނެވުނީމާ. ތިޔަބޭފުޅުން ބައްލަވާ ތިޔަހަރަ ރިޒޯޓުފަހަރު. ހަމަސްދުވަހުން މިއަށްވުރެ މާބޮޑެތި ރަށްރަށް ހަދާ އެ ނިންމަނީ. ކަންކަން ބަރާބަރަށް ތަރުތީބުން ރޭވުނީމާ ދެން ހުއްޓުން އަންނާކަށް ނުޖެހޭނެ. އަޅުގަނޑުމެންނަށް ރަށެއް ރަނގަޅަށް ފުރިހަމައަށް މީހުންނަށް ދިރިއުޅެވޭގޮތަށް ހެދެންޖެހޭނެ ގިނަދުވަސްތަކެއްނުވެ. ޚާއްޞަކޮށް، މިކަންކަން މިހެން ވާންއެބަޖެހޭ.

އަޅުގަނޑު މިދަންނަވާ އުޞޫލުން ފެނާއި ކަރަންޓާއި ނަރުދަމާއާ މި ޚިދްމަތް ދިނުމަށް އެދޭފަރާތްތައް ހޯދުމަށް، ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް، ސަރުކާރުން އިޢްލާނު ކުރީމާ އެކަމަށް އަޅުގަނޑު ހަނދާންވަނީ 14 ފަރާތް، ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތައް ޝައުޤުވެރިކަން ހާމަކޮށްފައި އެބައޮތް. ސަރުކާރަށް މިއަދު މިޖެހެނީ އޭގެތެރެއިން އެންމެރަނގަޅުބަޔަކީ ކޮބައިތޯ ހޯދުން. އެ ހޯދާއިރުގައި އަޅުގަނޑުމެން ވަރަށްރަނގަޅު ތަރުތީބެއް ގެންގުޅެން ޖެހޭނެ. އަޅުގަނޑު ކުޑަކޮށްވެސް ނޭދެން، އަޅުގަނޑު ކަމެއްކޮށް ނިންމާލީމާ، އޮޑިޓަރ ޖެނެރަލް އަނެއްދުވަހު ނެރުއްވާ ރިޕޯޓުގައި އަޅުގަނޑުގެ ކެއުމާއި، ފަރިއްކޮޅާއި، އަޅުގަނޑުގެ ދަރިންގެ ފަރިއްކޮޅާ، އަނެއް ވާހަކައަކާ އަނެއް ވާހަކައަކާ، ދާ ޚަރަދާއި ކޮށްފައިހުރި ޚަރަދާ އަދި އެކޮންޓްރެކްޓް ދީފައި އޮތީ އަޅުގަނޑުގެ ޅިޔަނެއްކަމަށާއި، އަދި އަޅުގަނޑުގެ ބޭބެއަށްވެސް އޭގެ އެއްބައި ދީފައިއޮތްކަމަށާއި، އަދި އަޅުގަނޑުގެ ހަގުކޮއްކޮ އިނދެގެން އުޅޭ މީހާއަށްވެސް ބައެއް އަޅާފައިއޮތް ކަމަށް މިވާހަކަތައް ނުކުންނާކަށް އަޅުގަނޑު ބޭނުމެއްނޫން. އަޅުގަނޑުމެންގެ ސަރުކާރަކުން އެވާހަކަތަކެއް އިރާދަކުރެއްވިއްޔާ ނުނުކުންނާނެ. ނުކުމެއްޖެނަމަ އަޅުގަނޑުމެން އެކަމަށް ފިޔަވަޅު އަޅާނަން.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މިގެންދާ ތަރުތީބުން ގެންދަން. ފުރިހަމަ ތަރުތީބުން މިކަން ގެންދަން. ވ. އަތޮޅު. އަޅުގަނޑުމެން މިކަން ނުކުރާންވީ ހަމަ އެއްވެސް ސަބަބެއް، އަޅުގަނޑު އުންމީދުކުރަން ތިޔަބޭފުޅުންނަށްވެސް ވިސްނޭނެ. އެއް ރަށެއްގައި އެއް އަތޮޅެއްގައި އަޅުގަނޑު ދަންނަ އެންމެގިނަ މީހުން އުޅޭ އެއްއަތޮޅު މިއީ. މިއަތޮޅުގައި ކިތަންމެ މީހުންމަދަސް. އަޅުގަނޑުވެސް ހަމަ ވަރަށް ކުޑަކުޑައިރުއްސުރެފަށައިގެން އުޅެ ބޮޑުވިތަނެއް މިއީ. ތިޔަބޭފުޅުންނަކަށް ނުލިބޭނެ އެހެންވެރިއެއް، މިއަތޮޅަށް ކޮންމެހެނެއް މިއަތޮޅު އެނގިގެން މިއަތޮޅަށް ހިތުގައި ކުލުނެއް ހުރެގެން ކަމެއްކޮށްދޭނެ އެހެން ވެރިއެއް ވަރަށްފަހުން ލިބޭނީ. ވަރަށް އުނދަގޫވާނެ ހޯދަން. އަޅުގަނޑު ބޭނުން މިއަތޮޅު ތަރައްޤީކުރަން. އަޅުގަނޑުމެންނަށް އިރާދަކުރައްވައިގެން މިއޮތީ އެ ފުރްޞަތު ލިބިފައި.

އަޅުގަނޑު ހަމަ ދަންނަވައިފިން، އަޅުގަޑުމެންގެ އަނެއް ބޮޑު މަޝްރޫޢަކީ، ގެދޮރު އެޅުމޭ. އަޅުގަނޑުމެންނަށް ފެނުނީ ރާއްޖޭގެ ގިނަ މައްސަލަތައް، އިޖްތިމާޢީ މައްސަލަތައްވެސް އަދި އިޤްތިޞާދީ މައްސަލަތައްވެސް ފެށިގެން މިއަންނަނީ ގެދޮރާ ގުޅިގެން. މާލެ ތޮއްޖެހުން އެހެންނޫނިއްޔާ އެހެންތަނެއް ތޮއްޖެހުން. އަޅުގަނޑުމެން ވިސްނީ އެއްފަހަރާ ދިހަހާސްގެ ޢިމާރާތްކުރެވޭނެ ގޮތެއް ހޯދަން. އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް އެގޮތެއް ފެނޭ. ފެށުނީއްސުރެ ފަށައިގެންވެސް އަޅުގަނޑުމެންނަށް އެނގޭ މި ދިވެހިރާއްޖެއަކީ، ޤުދްރަތީ ވަސީލަތްތައް ގިނަ މުއްސަނދި ޤައުމެއްކަން. އަޅުގަނޑުމެންގެ ރާއްޖޭގެ ބިމަކީ އަގުބޮޑު އެއްޗެއްކަން. ބައެއްފަހަރަށް އަޅުގަނޑުމެންގެ ހިތުގައި އަޅުގަނޑުމެންނަކީ ޤުދްރަތީ ވަސީލަތްތައްމަދު، ނިކަމެތި، ފަޤީރު ބައެކޭ، އަޅުގަނޑުމެންގެ ރޭޑިޔޯތަކުން ކިޔާ ކިޔާ ކިޔާ ކިޔާ ކިޔާ އަޅުގަނޑުމެންގެ ހިތުގައި ބިންވަޅުނެގިފައި މިއޮންނަނީ ތިމަންނާއަކީ ފަޤީރެކޭ. ތިމަންނާމެންނަކީ ނިކަމެތިންނޭ. އެހެންވީމާ، ކުރެވޭނެކަމެއްނެތޭ، މިއޭ އަދުގެ ހާލަތަކީ. މިޙާލަތު ބަދަލު ކުރެވޭކަށްވެސް ނެތޭ. މިއޮތީ މާނުބައި ޤައުމަކަށޭ ވިހާފައި. މާފަގީރު ތަނަކަށޭ.

އެހެނެއްނޫން، އަޅުގަނޑުމެންނަށް ނުލާހިކުރަނގަޅަށް އެނގޭ، މިގޮނޑުދޮށްތަކަކީ ވައްލަބިސްއަޅަން އެކަނިހުރި ތަންތަން ނޫންކަން. މިއަދު ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އެބަ އެނގޭ. ސަރުކާރުން އިޢްލާނުކުރީ ދިހަހާސް ގެ. އެއާގުޅުވީ އެއްހާސް އަގުބޮޑު މުއްސަނދިންގެ ގެއާ. ބައިނަލްއަޤްވާމީ މާރުކޭޓަށް ސަރުކާރުން މިދެންނެވި ބާވަތުގެ އެއްހާސް ގެ ހުޅުވާލީ ދިގުމުއްދަތަށް ކުއްޔަށް އެމީހުންނަށް ދޭން. ކިހިނެއްތޯވީ؟ މިދަންނަވާހެން، ގެދޮރު ދިހަހާސް ގެ އަޅާދިނުމަށް އަނެއްކާވެސް އެތިބީ 12 ފަރާތް. ބިމުގެ ބޭނުމުގައި. އަގު ރަނގަޅުކަމުން. އަޅުގަނޑުމެންނަށް ޔަޤީން، އެމަސައްކަތްވެސް ކުރެވޭނެކަން. އަޅުގަނޑަށް ހަމަ ވަރަށްއުފަލާއެކީ ތިޔަބޭފުޅުންނަށް ދަންނަވަން ކެރިދާނެ، އިރާދަކުރެއްވިއްޔާ މިއަހަރުތެރޭގައި މިރަށުގައި އަޅުގަނޑުމެން ގެ ޢިމާރާތްކުރަން ފަށާނަމޭ.

އަޅުގަނޑު ދެކެމޭ ތިޔަބޭފުޅުން ގެ އަޅާތަން. އަދި ރާއްޖޭގެ ކަންކޮޅުތަކުގައި ގެ އަޅާތަން. އަލަތު ކައިވެންޏާއެކީގައި އޭރު ރިޒޯޓެއްގައި އުޅޭތާ ނުވަތަ ކަންނެލި ދޯންޏެއްގައި ނުވަތަ ފާނަ އޮޑިއެއްގައި އުޅޭތާ ދެއަހަރެއްވަރުވެދާނެ. ވީމާ، އެއްއަހަރު އައިސް ގާ އަޅާލަފާނެ. ދެން އަނެއް އަހަރު ފައުންޑޭޝަން ދަމާލެވިދާނެ. ދެން އަންނަ އަހަރު ހަތަރުފާރު ރާނާލެވިދާނެ. ދެންއަންނަ އަހަރު ރޯދައަށް މަތިވަޑާންގަނޑު ހަދާލަފާނެ. ދެންއަންނަ ރޯދައަށް އިރުމަތީބިތުގައި ސިމެންތިޖަހާލެވިދާނެ. އަނެއް ރޯދައަށް ފާޚާނާ ތައްޓެއް ބެހެއްޓިދާނެ. ގެއެއް ހަދާނިމޭއިރުގައި ރަނގަޅު ދިހަ ބާރަ އަހަރުވެފައި މިހުންނަނީ. އަޅުގަނޑަށް މިތަނުން ހަމަ އެންމެ އަޅުގަނޑަށް ޔަޤީން، ގިނަބޭފުޅުން ގެއެއް އަޅުއްވާފައިކަން ހުންނާނީ. އެކަމަކު އެގެ އަޅުއްވާފައި ހުންނާނީ ވަރަށްގިނަދުވަހުން. އަދި އެހާގިނަ ފައިސާ އެކަމަށް ޚަރަދުކޮށްގެން. ގެއެއް އަޅާނިމޭއިރުގައި މިލިއަނެއްހާ ރުފިޔާ އެބަ ޚަރަދުވޭ، އެހާ ދިގުމުއްދަތުގައި އަޅާތީ. ޙަޤީޤަތުގައި މީގެ ގެއެއްގެ އަގަކީ ފަސްލައްކަ ރުފިޔާ. ހަމަ އެފައިސާ އެގެއްލެނީ ދިވެހިދައުލަތުން. އަޅުގަނޑުމެންގެ އިޤްތިޞާދު އެއީކީއެއް މިކަންކުރަން ރަނގަޅުގޮތެއްނޫން.

ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކޮންމެ ދެމަފިރިއަކީ ކޮންސްޓްރަކްޝަން ކުންފުންޏެއްނޫން. އަމިއްލައަކަށް ގެއެއް ނޭޅޭނެ. އަޅުގަނޑުމެން ނިންމީ ގެ އަޅާ ނިންމާފައި، ދިގުމުއްދަތުގައި ފައިސާދައްކާ އުޞޫލުން ޚަލާޞްކުރާގޮތަށް، މިލްކުވާގޮތަށް ސަރުކާރުން ގެ ދޫކުރާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިރަށުގައި ފަށައިގަންނަން އޭގެ 50 ގެ މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަޅަން ފަށާނަން. އަޅުގަނޑުމެންނަށް އެމަސައްކަތް ހިންގޭނެ. އަޅުގަނޑުމެންގެ އަމާޒަކީ އެމަސައްކަތްހިންގުން. އަޅުގަނޑުމެން ނުކުމެ މިތިބީ. މި ސަރުކާރު ދެމި މިއޮންނަނީ ހަމައެކަނި އެބޭނުމަށްޓަކައި. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދު ފުއްދުމަށްޓަކައި. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޚިދްމަތްކުރުމަށްޓަކައި. އެނޫން އެހެންއެއްވެސް ބޭނުމެއްނެތް، އަޅުގަނޑުމެން ސަރުކާރު ދެމިއޮންނާކަށް. އަޅުގަނޑުމެންނަށް މިކަންކަން ކުރުމުގައި، ތިޔަބޭފުޅުންގެ އެހީތެރިކަން އަބަދުވެސް ބޭނުން. އަބަދުވެސް. މިއަދު އެކަންޏެއްނޫން.

އަޅުގަނޑުމެންނަށް އެނގޭ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުގައި މިއީ، އެންމެ މުހިންމު އެއްއަތޮޅުކަން. އަޅުގަނޑުމެން ވިސްނަނީ މި ކިހިނެއްތޯ މިފެލިދޫން ފުރައިގެން ކޮންމެދުވަހަކު އެއްފަހަރު މާލެއަށްވެސް ދެވޭނޭ އިންތިޒާމެއް، ގޮސްފައި އާދެވޭނޭ އިންތިޒާމެއް ހަމަޖެހޭނީ. އަތޮޅުތެރޭގެވެސް ކޮންމެ ރަށަކަށްވެސް ދެވޭނެ އިންތިޒާމެއް ހަމަޖެހޭނީ. އަދި ފ. އަތޮޅަށްވެސް، މ. އަތޮޅަށްވެސް ދެވޭނެ އިންތިޒާމެއް ހަމަޖެހޭނީ. ހަމަ އަނެއްކާވެސް އަޅުގަނޑުމެން ބޭނުންކުރީ އަޅުގަނޑުމެންގެ ރާއްޖޭގެ ބިން. އެއީ، އަޅުގަނޑުމެންގެ އޮތް މުއްސަނދިކަމަކީ. އެބިމުގެ ބޭނުމުގައި ހަމަ އަނެއްކާ މިދެންނެވި ކަމަށް ޝައުޤުވެރިވާފަރާތްތައް ހޯދުމަށް އަޅުގަނޑުމެން އިޢްލާނު ކުރީމާ 7 ފަރާތް އެބައޮތް އެކަމަށް ޝައުޤުވެރިކަން ހާމަކޮށްފައި. ދުނިޔޭގެ މަޝްހޫރު ބޮޑެތި، ދަތުރުފަތުރުކުރާ ކުންފުނި. އެހެންވީމާ، އަޅުގަނޑަށް ހަމަ ވަރަށްބޮޑަށް ޔަޤީން، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް މިއަންނަ އަހަރު ރޯދައަށް މާލޭގައި ބާޒާރުކޮށްގެން އަދި އަނބުރާ ރަށަށް އާދެވޭނެ. އަދި މިއަންނަ އަހަރު ރޯދާގައި އިރާދަކުރެއްވިއްޔާ ފިރިންނާއެކީގައި ތާސްކުޅެން ތިބެވޭނެ. އަޅުގަނޑުމެންނަށް، އަޅުގަނޑު ދަންނަ ޢާއިލާ، އަޅުގަނޑު ދަންނަ ގޮތުގައި ދަރިން ތަރުބިޔަތުކުރާގޮތަކީ އެއީ. އެންމެ މުހިންމު ގޮތަކީ. މައިންބަފައިން އެކީގައި ތިބުން. ދަރިފުޅު މައިންބަފައިންނާ އެކީގައި ބޮޑެތިވުން. އަޅުގަނޑަށް އެނގޭ، ގިނަބޭފުޅުން އުޅުއްވަނީ އަނބިންނާ ދުރުގައިކަން. އަނބިން އުޅުއްވަނީ ފިރިންނާ ދުރުގައިކަން. އެއީކީއެއް އަޅުގަނޑުމެން މިދަންނަ ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެގޮތެއްނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ އެބަދަލުކުރުން. އަޅުގަނޑުމެންނަށް ދަތުރުފަތުރުކުރުމުގެ ނިޒާމުން ވަޒީފާވެސް އުފެއްދޭނެ. އަދި އެހެންތަންތަނުގައިހުރި ވަޒީފަތަކަށް ތިޔަބޭފުޅުންނަށް އަތްފޯރާވަރުވެސް އަޅުގަނޑުމެންނަށް ކޮށްދެވޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އެކަންކޮށްދޭނަން.

ބޭންކެއްގެ ޚިދްމަތް މިރަށަށް ބޭނުން. މިކަންކަން ހިނގަމުންދާއިރުގައި ބޭންކެއްގެ ޚިދްމަތްނެތިއެއް ފަރަކު ނުޖެހޭނެ. އަދި އިޤްތިޞާދެއްވެސް ނުހިނގާނެ ކައިރީގައި ބޭންކެއް އަތުޖެހޭ ހިސާބުގައި ނެތީހެއް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެބަ މަސައްކަތްކުރަން. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ މިރަށުގައި ބޭންކެއްގެ ޚިދްމަތް ދެވޭނެ. އަޅުގަނޑު މި ވިސްނަނީ ބޭންކް އޮފް މޯލްޑިވްސްގެ ޚިދްމަތްތޯ ދޭނީ، ނުވަތަ އަޅުގަނޑުމެން އެބަވިސްނަން ޕޯސްޓްއޮފީހުން ބޭންކުގެ ޚިދްމަތް ތަޢާރަފްކުރަން. މިހާރު އަޅުގަނޑުމެން މިދެމުން އަންނަ 65 އަހަރުން މަތީ މިހުންނަށް ދޭ -/2000ރ. (ދެހާސް ރުފިޔާ)ވެސް އަޅުގަނޑު އެދެނީ ޕޯސްޓް އޮފީހުން އެ ބެހުމަށް. އެހެންނަމަވެސް، އެކަން ތަރުތީބުނުވާތީ އަޅުގަނޑު ބަލައިލިއިރު ދެމަހުގެ ފައިސާ ނުދެވި އެބަހުރި. އިރާދަކުރެއްވިއްޔާ މިހަފްތާ ތެރޭގައި ތިޔަބޭފުޅުންނަށް އެ ބާކީ ފައިސާއާ އެކީގައި އެފައިސާ ލިބިގެންދާނެ. އަޅުގަނޑުމެން ބޭނުންވެގެން ކުރާކަމެއް އެއީ. އެއީ ދޭންއުޅޭ ފައިސާއެއް. ބައެއްބޭފުޅުންނަށް ހީވޭ، އެއީ ނުދޭން އުޅޭ ފައިސާއެއްހެން. އެއީ ދޭން އަޅުގަނޑުމެންއުޅޭ ފައިސާއެއް. އަދި ވަރަށް މުހިންމު ބޭނުމަކަށްޓަކައި ދޭންއުޅޭ ފައިސާއެއް. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެމަސައްކަތް މިމަސް ނިމޭއިރުގައި ތިޔަބޭފުޅުންނަށް ފުރިހަމަވާގޮތަށް ހަމަޖައްސައިދޭނަން.

ސަރުކާރަކަށް ނޫނީ ދެމެހެއްޓެނިވި ގޮތުގައި ތަނެއްގައި ކަމެއް ނުކުރެވޭނެ. ހަމަ ވަރަށް ރަނގަޅަށް އަޅުގަނޑު މިދަންނަވަނީ، ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް ފެނިފައި ހުންނާނީ. އަޅުގަނޑަކީވެސް އަތްމަތި ނުތަނަވަސް މީހެއްނޫން. އެހެންނަމަވެސް، އަޅުގަނޑަށްވެސް އެނގޭ، އަދި ތިޔަބޭފުޅުންނަށް ހަމަ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، މިރަށްރަށަށް އަޅުގަނޑުމެން އެކިގޮތްގޮތުން ގުޅިފައި، ނުވަތަ ބެހެވިފައި ހުންނާނެ. އެހެންނަމަވެސް، އެއިން އެއްވެސްކަމެއް ދެމެހެއްޓެނިވިގޮތަކަށް ކުރެވޭނެތަނެއް އަޅުގަނޑަކަށެއް ނުފެނުނު. ވަރަށްބޮޑު އެއްސަބަބު އެއީ، އަޅުގަނޑު، ސަރުކާރު ހިންގުމާ ހަވާލުވާން އަޅުގަނޑުގެ ހިތުގައި ނިންމުނީ، މިކަންކަން، ޚާއްޞަކޮށް މިއަތޮޅުން މިކަންކަން ފެންނަވަރުން. މި ތުރާއިން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނެ. މިއިން އަޅުގަނޑުމެންނަށް މިންޖުވެވޭނެ. އަޅުގަނޑުމެންނަށް ރީތިގޮތުގައި ދިރި އުޅެވޭނެގޮތެއް ހޯދޭނެއޭ. އެގޮތް ހޯދަންވެގެންނޭ އަޅުގަނޑުމެން މިއުޅުނީ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިއަދު މިތިބީ އެގޮތް ފެނިފައި. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އިރާދަކުރެއްވިއްޔާ އަނެއް ދިވެހިރާއްޖެ ހަމަ ހޯދައިދޭނަން.

އަޅުގަނޑުމެން ބޭނުން ގޮނޑިތައް. އެއްގޮތަކަށްވެސް އެނޫންކަމަކަށް ދަންނަވަނީކީއެއް ނޫން. އަޅުގަނޑަކީ، ދިވެހިރާއްޖޭގައި ބޭއްވުނު އެންމެފުރަތަމަ ގިނަ ޕާޓީ ވާދަކުރާ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވެ، ތިޔަބޭފުޅުންގެ ތާއީދު ދެއްވީތީވެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިންތިޚާބުވެފައިހުރި މީހެއް. އަޅުގަނޑަށް ލާޒިމު މިޤާނޫނުއަސާސީ ހަމަހަމަގޮތުގައި ތަންފީޒުކުރަން. މި ޤާނޫނުއަސާސީގެ އެންމެމުހިންމު އެއްސިފައަކީ ސިޔާސީ ޕާޓީ. އެޕާޓީ ތަރައްޤީ ކުރަންޖެހޭނެ. ސިޔާސީޕާޓީގެ ނިޒާމު ތަރައްޤީ ކުރަންޖެހޭނެ. އެނިޒާމު ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެން ޕާޓީގެ ކެންޑިޑޭޓާ އަޅުގަނޑު އަޅާލަންޖެހޭނެ އަބަދުވެސް. އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އަޅުގަނޑު އަޅާލާނަން. ތިޔަބޭފުޅުން އެބޭފުޅާއަށް ވޯޓު ދެއްވުމަށް އަޅުގަނޑު އަބަދުވެސް އެދޭނަން. އަޅުގަނޑު އެކަން ސިއްރުކޮށްގެނެއް ނުހުންނާނަން.

މީގެކުރީގައި ފަހަރެއްގައި އެކަހަލަކަންކަމަކީ، ރައީސުލްޖުމްހޫރިއްޔާ ނުވަތަ އޭރުގައި ހުންނަވާ އެޓޯލްސް މިނިސްޓަރަކު ތިޔައިގެ ތެރެއިން ހައެއްކަ ބޭފުޅަކު ކޮޓަރިއަކަށް ވައްދާފައި، އިންޒާރުދީފައި ކުރާކަމަކަށް ވެދާނެ، ސިއްރިޔާތުގައި. އަޅުގަނޑު ނޫޅެން އެހެން ހަދާކަށް. ވަރަށް ސާފުކޮށް އަޅުގަނޑު މިދަންނަވަނީ، މި ސަރުކާރު ބޭނުމޭ ތިޔަބޭފުޅުންގެ ޤާނޫނީ ޙިއްސާ. ކީއްވެގެންތޯ؟ ޤާނޫނުއަސާސީ ތަންފީޒުކުރުމަށްޓަކައި އަދި އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށްޓަކައި 64 ޤާނޫނު އަޅުގަނޑުމެން އެބަ ބޭނުންވޭ. ދެންހަމަ އަޅުގަނޑު މިއަދު ގަބޫލުކުރަންވީތޯ މިދިޔަ ދިގު 30 އަހަރު އޭގެ އެއްވެސް ކަމެއްވިޔަނުދީ ހިފެހެއްޓި ބޭފުޅުންނޭ، މިއަދު އެންމެ ރަނގަޅުވާނީ ޤާނޫނުއަސާސީ އަނެއްކާ ތަންފީޒުކުރަން. އެހެނެއްނުވާނެއެއްނޫންތޯ އެކަމެއް. އެންމެރަނގަޅުވާނީ ހަމަ އިޞްލާޙަށްޓަކައި ފުރަތަމަދުވަހުއްސުރެ ފެށިގެން މަސައްކަތްކުރަމުންއައި މީހުން، އެމަސައްކަތުގައި، މިމަސައްކަތް 64 ޤާނޫނުހަދާ ނިންމުމަށް މިދައުރުގައި ރައްޔިތުންގެ މަޖިލިހުގައި ތިބުން.

މި ސަރުކާރުން ހިންގާ އެންމެ މުހިންމު އެއްކަމަކީ، ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުން. އެނގިވަޑައިގަންނަވާނެ، މިދިޔަ 1000 އަހަރުގެ މާލޭގެ، ރާއްޖޭގެ ތާރީޚަކީ ޙަޤީޤަތުގައި މާލެއަށް ބާރު އެއްކުރުން. މުޅި އެ ބާރު ލާމަރުކަޒީކުރުން، މަރުކަޒުން ދޫކޮށްލުން. މާލޭގެ ބާރު މަރުކަޒުކުރުން. އަޅުގަނޑުމެން ބޭނުންވަނީ މާލެއިން އެ ބާރު ބޭރުކުރަން. 2020 ގެ ތަޞައްވުރުގައިވެސް، ޤާނޫނު އަސާސީގައިވެސް އަދި މީގެކުރީގައިވެސް ނަގާގަތް ސަރުކާރުންވެސް ކީހާ ފަރިއްސަކާއި ޅެމަކާއި ލަވައެއްގައިވެސް ކީ ހަމަ އެވާހަކަ. ކިޔާފައި އޮއްވާ އަޅުގަނޑުމެން އެ ޤާނޫނު ރައްޔިތުންގެ މަޖިލީހަށް އިހަކަށްދުވަހު ހުށަހެޅީމާ ބައްލަވާ! އެއްވެސް ބޭފުޅެއް ވޯޓެއް ނުދެއްވި. ވާދަވެރި އެއްވެސް ސިޔާސީ ޕާޓީއަކުން އެޤާނޫނަކަށް ވޯޓެއް ނުދިން. އެމް.ޑީ.ޕީ އިއްތިހާދަށް ނިސްބަތްވާ މެންބަރުންކޮޅު ވޯޓުދެއްވީތީވެ، ކިރިޔާ އަޅުގަނޑުމެންނަށް އެބިލް އެތެރެކުރެވުނީ. އެވެސް އަޅުގަނޑު އަޅުގަނޑުމެންގެ މެންބަރުން ކައިރީގައި ރޮއިގެން. އަޅުގަނޑުމެންގެ މަޖިލީހުގެ މެންބަރުންގެ ކައިރީ ހަމަ ގާތްގަނޑަކަށް އަޅުގަނދު ދަންނަވާނީ ރޮއިގެންނޭ. ތިޔަހެން ހައްދަވައިގެން ނުވާނެއޭ، ތިޔަ އެތެރެކުރައްވަން ޖެހޭނެއޭ. ދެން މިއަދު އަޅުގަނޑުގެ މިއިން އެއްވެސްކަމެއް އެބޭފުޅުން މަޖިލީހުގައި ތިއްބަވައިގެން ވާނެކަމަކަށް އަޅުގަނޑެއް ހަމަގައިމުވެސް ލަފައެއް ނުކުރަން. މީގެކުރީގައި ވެފައި ހުރި ކަމަކީ، އެބޭފުޅުންގެގެތަށް 10 ބުރިއަށް އެރުމާއި، އެބޭފުޅުންނަށް އިތުރުތަންތަން އަދި ގެދޮރު ގަންނަން ލިބުމާއި، އެބޭފުޅުންގެ ދަރިން އިނގިރޭސިވިލާތަށް ކިޔަވަން ފޮނުވުމާ.

އަޅުގަނޑުމެން އެދަތުރަކަށް ދެން ދާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ މިރަށްރަށް ތަރައްޤީކުރަން. އަޅުގަނޑުމެން ބޭނުންވަނީ ޖުމްލަކޮށް ވިސްނާފައި މިކަންކަންކުރަން. އަޅުގަނޑުމެން އެކީގައި މިކަންކުރަން އުޅެއްޖިއްޔާ، އެކިގައި މިކަންކުރަން ނުކުތީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަންވާނެ. އަޅުގަނޑުމެން ނުކުމެ މިތިބީ މިކަންކުރުމަށްޓަކައި. އެހެންވީމާ، ތިޔަބޭފުޅުންގެ އެހީއާއެކީގައި މިކަންވާނެކަން އެއީ، އަޅުގަނޑު ހަމަ އެއްވެސް ޙާލެއްގައި ޝައްކުކުރާ ކަމެއްނޫން.

މިރަށުގެ ބޯޅަދަނޑު ދޭލިޔާ ލައްވައި ކަހާލެވިދާނެ މާދަމާވެސް. އަދި ހަމަ އެހެން، ކޮންމެވެސް ދަޅައެއްވެސް ދައްކާލެވިދާނެ. އެހެންކަމެއްވެސް އަޅުގަނޑަށް ކޮށްލެވިދާނެ. އެއީ، އަޅުގަނޑުގެ ނަޒަރުގައި ތިޔަބޭފުޅުންނަށްދޭ ގެއްލުމެއް. އޭގެ ނިޒާމެއް، އަޅުގަނޑުމެން ބޭނުން، ރާއްޖޭގެ ކޮންމެ ރަށެއްގައި، ގްރައުންޑްސްމަނެއް، ބޯޅަދަނޑު ބަލަހައްޓާ މީހަކު ބަހައްޓަން. އެއީ، އަޅުގަނޑުމެންގެ ތަރައްޤީގެ ތަޞައްވަރުގައި އަޅުގަނޑުމެންގެ ސިޔާސަތުގައި އަޅުގަނޑުމެން ސީދާ ކަނޑައަޅާފައިއޮތްކަމެއް. ބޯޅަދަނޑަށްވެސް މިވާގޮތަކީ، ކޮންމެ ފަހަރަކު ޢީދުގައި ރަށްރަށު ކުދިން އައިސް، އެމީހުން ކުޅެލާފައި ދަނީ. ދެން އެދަނޑު އޮންނަނީ. ދެން ރަށުގައިތިބޭ ކުދިންކޮޅުވެސް ބޯޅަޖަހާލަން ނުކުންނާނެ. ރަނގަޅަށް ހަމަޖެހިލައިގެން ރީތިކޮށް ދެމެހެއްޓެނިވި ގޮތުގައި ބޯޅަދަނޑު ބަލަހައްޓަމުން ކުޅެމުން ގެންދެވޭނެގޮތެއް އަޅުގަނޑުމެންނަކަށެއްނުވޭ. ދެންހަމަ އަމިއްލަ ފަރާތްތަކުން ކަންކަން ކޮށްދެއްވަނީ. އެހެންނަމަވެސް، ކުރައްވާ ކަންތައްތައް އެއީ، ތަރުތީބަކުން ކުރާ ކަންކަމަށް ވާންޖެހޭނެ. އޭގެ ރަނގަޅު ޙަޤީޤީ ނަތީޖާ ނުކުންނަންޖެހޭނެ. ވަގުތީ ބޭނުމަށް އެއްވެސް ކަމެއް ކުރުން އެއީ، ބުއްދިވެރިކަމެއްނޫން، އަޅުގަނޑު ނުޖެހޭނެ ތިޔަބޭފުޅުން އަރިހުގައި މިވާހަކަ ދައްކާކަށް. ހަމަ ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް މިވާހަކަތައް ސާފުވާނެ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނުކުމެ މިއުޅޭ ކަންތައްވާނެ.

އަޅުގަނޑުގެ މުސާރައިން، ދަންނަވަންތޯ ހަތަރު އަނާއެއްވެސް މަދުނުވެއޭ، އެންމެ ގޮނޑިއެއް ނުލިބުނަސްވެސް. އެހެންނަމަވެސް އަޅުގަނޑުމެން ކުރަން މިއުޅޭ ކަންތަކެއް ކުޑަކޮށްވެސްނުވޭ ގޮނޑި ނުލިބެންޏަކާ. ވައުދުތައް ފުއްދުން އެއީ، މިސަރުކާރު އޮތުމުގެ ބޭނުމަކީ. އެކަމަށްޓަކައި އަޅުގަނޑުމެން ބޭނުން، އަތޮޅުގެ ދަރިން މިކަމަށް ނުކުންނަން. މާލޭގެ މީހުންނަށް މާލޭގައި އެބައޮތް 11 ގޮނޑި. އެމީހުން އެތަނުގައި ތިބީމާ ރަނގަޅުވާނެ. އަޅުގަނޑުގެ އުންމީދަކީ ތިޔަބޭފުޅުން މިކަމުގައި ވިސްނަވާފައި، ސަރުކާރާއެކީގައި މިކަންކުރުމަށް. މިއީ، ދުރު ސަރުކާރެއްނޫން. މިއީ، ތިޔަބޭފުޅުންގެ ސަރުކާރެއް. އެންމެ ހިނދުކޮޅެއްވެސް ނުދާނެ ތިޔަބޭފުޅުންނަށް ޙަޤީޤަތުގައި ކޮންމެވެސް ގޮތަކުން އަޅުގަނޑުމެންނާ ގާތްނުވެވޭނެ. ތިޔައިން ގިނަ ބޭފުޅުން އަޅުގަނޑު ކައިރީގައި އެދުނީމަކާ އަޅުގަނޑަކަށް ނުވެސްކެރޭނެ ނޫނެކޭ ބުނާކަށްވެސް. ހަމަ ވަރަށް މަދު އަޅުގަނޑު އަނެއްހެން ނުދަންނަ މޫނެއް. ތިޔަބޭފުޅުންނަށް އަޅުގަނޑު ނޭނގޭކަމަށް ދެންނެވިޔަސްވެސް ވަރަށް އުނދަގޫވާނެ ނޫނެކޭ ބުނަންވެސް. އަޅުގަނޑުމެންނާ އެކީގައި މިކަންކުރެވޭނެ. އަޅުގަނޑަށް ޔަޤީން، އަދި އިންތިޚާބު ނިމުނީމާ އަޅުގަނޑު އިރާދަކުރެއްވިއްޔާ އަންނާނަން. މިގޯސް އައުމެއް މިއާދެވުނީވެސް. އަޅުގަނޑު ހިތަށްއެރީ ދެން އަދި އަޅުގަނޑުގެ ވިސްނުމާ އަޅުގަނޑު ހިތަށް އަރާއެއްޗެއްނޫނޭ ތިޔަބޭފުޅުން ހިތަށް އަރާނީކީ. ތިޔަބޭފުޅުންގެ ނަޒަރުގައި އިންތިޚާބުގެ ކުރީގައި ރައީސް ވަޑައެއްވެސްނުގަތޭ، މިއީ ކުޑަކުޑަ ރަށެއްވީމާ އަޅާނުލިއްޔޭ. މިއަތޮޅަކާ އަޅާލުމެއްނެތޭ. އެހެންވީމާ، އޭނައެއް ނާންނާނެއޭ. ދެން އަޅުގަނޑު އެބަޖެހޭ ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަން، މިއަދު މިހިރީ އައިހޭ. އެސަބަބަށްޓަކައި އަޅުގަނޑު މިއައީ. ހަމަ އަޅުގަނޑު އަންނާނެކަން ދަންނަން ޖެހޭނެ. އަޅުގަނޑަށް ފުރިހަމައަށް ތައްޔާރުވެލައިގެން އަޅުގަނޑުމެން މިހަދާ މޮޑެލްތައް، އަޅުގަނޑުމެން މިހަދާ މަޝްރޫޢުތައް ރާވާލައިގެން އަޅުގަނޑުމެންނަށް މިތަނަށް އާދެވުނުނަމަ، މި އަޅުގަނޑުމެން ދޭނަން، އޭރުން މިވެނިތަނެއްގައި ކޮންނަން ފަށަނީ މިވެނިދުވަހަކުއޭ. އޭނާ ކޮންނާނީ މިވެނި އެއްޗަކުންނޭ. ކޮނެ ނިމޭނީ މިވެނި ގަޑިއެއްގައޭ. އެ ކޮނެ ނިމޭއިރުގައި ދެންވާނީ އެވެނިކަމެކޭ، އެވެނިކަމެކޭ، މިވެނިކަމެކޭ. މިއީ، މިހާރު ދުނިޔޭގައި ހުރިހާ ބައެއްވެސް މިކަންކުރާގޮތް. ގަނޑުގައި މިކުރަހައިގެން މިކަންކުރަނީ. ހަމަތިބެފައި ކަންތައްތައް ކުރަންފެށީމާ އެދަނީ ފަނުފުލުން. އެ ނުވެއްހުރޭ. ނުވެއް ހިފެހެއްޓޭ. އެހެންވީމާ، އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ ދުޢާއަކީ، ދެމެހެއްޓެނިވި ތަރައްޤީއެއް އިރާދަކުރެއްވިއްޔާ މިރަށްރަށަށް އަޅުގަނޑުމެންނަށް ގެނެވޭނެއޭ.

ހަމަ އެއްވާހަކަ ދަންނަވާލަން ބޭނުން. މިހާރު ހަމަޖެހި ނިމިފައިއޮތް ކަމެއްވީމާ. ޔޫތު މިނިސްޓްރީއިން އަޅުގަނޑު ހިތުން މިރަށަށް އޮންނާނީ މިހާރު އެންގުމެއް، ސިޓީއެއް ކޮންމެވެސް އެއްޗެއް ފޮނުވާފައި އޮންނާނެ، އަޅުގަނޑުމެން ބޭނުން، މިކުދިން ތަމްރީނު ކޮށްފައި ހައެއްކަ މަސްދުވަހު ތަމްރީނުކޮށްފައި ވަޒީފާއަކަށް އެކުދިން ފޮނުވަން. އަޅުގަނޑު އަމާޒު ކޮށްގެން މިއުޅެނީ، މިއަހަރުގައި 5000 ޒުވާނުންނަށް މިފުރްޞަތު ދެވޭތޯ. އެއީ ހައެއްކަ މަސްދުވަހުގެ ތަމްރީނެއް. އެއީ ވެދާނެ ވަޑާންކުރަންވެސް، ވެދާނެ ހޮޓެލްގައި ކަންކަން ކަމަށްވެސް. ވެދާނެ ލޯންޗްދުއްވަން ކަމަށްވެސް. ވެދާނެ ވެލްޑް ކުރަން ކަމަށްވެސް. ވެދާނެ މަސްބާނަން ކަމަށްވެސް. ވެދާނެ އިސްތިރިކުރަން ކަމަށްވެސް. އަޅުގަނޑުމެން ސަރުކާރުން އެކުލަވާލާފައި މިހާރުއޮންނާނެ، ވޮކޭޝަނަލް ޓްރޭނިންގ ޕްރޮގްރާމެއް. އެޕްރޮގްރާމް މިރަށުގައި ހިންގައިދިނުމަށް އަޅުގަނޑުމެން ބޭނުންވޭ، މިރަށުގެ ޖަމްޢިއްޔާއެއް. ސަރުކާރުން ބޭނުންވޭ މިރަށުގެ ޖަމްޢިއްޔާއެއް. އެޖަމްޢިއްޔާ މެދުވެރިކޮށް، އަޅުގަނޑުމެން ބޭނުން މިޕްރޮގްރާމް މިރަށުގައި ހިންގަން. އެކަމުގައި ބައިވެރިވާކުދިންނަށްވެސް އިރާދަކުރެއްވިއްޔާ ކޮންމެވެސް އެއްޗެއް ދެވޭނެ، ކިޔަވަމުންދާއިރުގައިވެސް. ދީފައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކުދިން ވަޒީފާއަކަށް ފޮނުވޭތޯ އަޑުގަނޑުމެން ވަރަށްބޮޑަށް ބަލާނަން. ވަކިވަކިން ބަލައިގެން އެކަންކުރެވޭތޯ އަޅުގަނޑު މި މަސައްކަތްކުރަނީ. އެކަމާގުޅޭ ޕްރޮގްރާމެއް އެކުލަވާލައި ހިންގަވަމުން ގެންދަވަނީ މަރިޔަމް ނޫރައްދީން. ޔޫތް މިނިސްޓްރީގައި އެބޭފުޅާ ހުންނަވާނީ. އެހެންވީމާ، ތިޔަބޭފުޅުން މަރީއާ ގުޅުއްވީމާވެސް އެކަން ސާފުވެސް ވެލައްވާނެ. އަޅުގަނޑު ވަރަށްބޮޑަށް އެދެން މިކަމުގައި، މިތަނުން ކޮންމެވެސްބަޔަކު، މިތަނުން ޖަމްޢިއްޔާއަކުން އެކަމުގައި ޝާމިލްވެ، އެކަންކުރިއަށްގެންދިޔުން.

ދެން ކުނި ނައްތާލުމުގެ ކަންތައް ހަމަމިދަނީ ވަރަށްބޮޑަށް އުނދަގޫވަމުން. ވަރަށްބޮޑު ތުރާއަކަށްވަމުން. ކޮންމެވެސްގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ، މިހާރު މިއޮތްހާ ކުނި ފުރަތަމަ އިހަށް ނައްތާލެވޭނެ ގޮތެއް. ދެން އޭގައި އޮތްގޮތަކީ ގެންގޮސް ތިލަފުށްޓަށް އުކާލުންކަންނޭނގެ. އަޅުގަނޑަށް ހީވަނީ. އެހެންވީމާ، ކޮންމެވެސް ރޭވުމެއްގެ ތެރެއިން އަޅުގަނޑުމެން އެކަން ކޮށްފައި، ދެން ކުނި އުކާލުމާއި، އެ ޔުޓިލިޓީ ކުންފުނިން ފެނާއި ނަރުދަމާއާއި ކަރަންޓާ މިބާވަތުގެ ކަންކަމަށް ހަވާލުވާ ކުންފުނި މެދުވެރިކޮށްގެން، އަޅުގަނޑުމެންނަށް އެކަންކަން ކުރެވޭނެ. ޖުމްލަގޮތެއްގައި ދަންނަވަންޏާ، ގިނަކަންތަކަކީ ޙަޤީޤަތުގައި ފަސޭހައިން ކުރެވެން ހުރި ކަންކަން. ދެން ތިޔަބޭފުޅުން ކަންބޮޑުވެލައްވާ އެހެންކަންކަމަކީވެސް، ސަރުކާރުން މިކަމާ ކަމެއްކުރަންވެގެން ވިސްނައިގެން ރާވައިގެން ކުރަންއުޅެއްޖިއްޔާ ކުރެވޭނެކަންކަން.

އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުގެ ދުޢާއަކީ، މާދަމައަކީ އަދި މިއަށްވުރެ މާ ފާގަތި ދުވަހަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ ދެދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެންނަށް ލިބުން.

والحمد للّـه، والسّـلام عليـكم. ވަރަށް ބޮޑަށް ޝުކުރިއްޔާ!