بســم اللّـه الرّحمـن الرّحيــم

ގެމަނަފުށީގެ ލޮބުވެތި ރައްޔިތުން:

السّـلام عليـكم

އަޅުގަނޑުމެން މީގެ ހައެއްކަމަސް ކުރީގައި އަދި އެއަށްވުރެވެސް ތަންކޮޅެއް ކުރީލައި، ކުރިއަށް ޖެހިލައިފިނަމަ، މީގެ އަހަރެއްހާ ދުވަސް ކުރީގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.އިން ރާއްޖޭގެ ރައްޔިތުންނަށް ހުށަހަޅަމުން ގެންދިޔައިން މަންޒަރެއް، ވިސްނުމެއް، އުންމީދެއް، ކުރެހުމެއް، އަޅުގަނޑުމެންގެ ތަޞައްވުރެއް. އަޅުގަނޑުމެން އިންތިޚާބަށް ނުކުތްއިރު، އެ ތަޞައްވުރު އަޅުގަނޑުމެން ހުށަހެޅީ، އަނެއް ދިވެހިރާއްޖޭގެ ތަޞައްވުރުގެ ގޮތުގައި، އަޅުގަނޑުމެންގެ މެނިފެސްޓޯގެ ގޮތުގައި. އަޅުގަނޑުމެން ފާހަގަކުރީ، އަޅުގަނޑުމެންގެ ނަޒަރުގައި މިރާއްޖޭގެ ރައްޔިތުންނަށް ޙައްޤީ، މިއަދު މި ޙައްޤުވާ މިންވަރެއް ނޫނޭ. އަޅުގަނޑުމެން ދުށީ، ރާއްޖޭގެ ރައްޔިތުންނަށް މިނޫން ގޮތެއް ހޯދެންޖެހޭނެއޭ. މިނޫން މަގެއް ފެންނަން ޖެހޭނެއޭ.

ދެންމެ މިރަށުގެ ޝުޢޫރު ފާޅުކުރިއިރު، އޭގައި އެވާ ހުރިހާ ކަންކަމަކީ، މިއަދު އަޅުގަނޑުމެންގެ ކަންފަތަށް އަޑުއިވޭ ކަންކަމެއް ނޫން. އަޅުގަނޑުމެންނަށް އެނގޭ، މިސާލަކަށް، މިތަނުގެ ބަނދަރުގެ ފުޅާމިނާއި، އެ ބޮޑުކުރަންވީ މިނާއި، މީގެކުރީގައި އެ ރާވާފައި އޮތް ރޭވުމާއި، ދެން އެ ރޭވުން ބަދަލުކުރުމަށް، އެ އިންތިޒާމް ބަދަލުކޮށް، މިކަން ކުރިއަށް ގެންދަން ހަދަންވީ ގޮތަކީ ކޮބައިތޯ؟ އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީ، އެކަން ކުރުމުގެ ކުރީގައި، އެކަމާ ގުޅޭގޮތުން އަޅުގަނޑުމެން ރޭވުންތަކެއް ރާވައިގެން، އެކަން ކުރިއަށް ގެންދާނެ މަގަކާއި، ވިސްނުމަކާއި، ޙިކްމަތަކާއި، ޚިޔާލެއް ހޯދައިގެން.

މިރޭ އަޅުގަނޑަށް ހަމަ ވަރަށް އުފަލާ އެކީގައި ދެންނެވެން އެބައޮތް. މި ސަރުކާރުގެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި، ތިމަންނާއަށް، ތިޔައިން ކޮންމެ ރައްޔިތަކަށް، ގެމަނަފުށީ ކޮންމެ ރައްޔިތަކަށް، ތިމަންނާއަށް އަދި ތިމަންނާގެ ޢާއިލާއަށް، ތިމަންނާގެ ރަށަށް އޮތީ ކޮންގޮތެއްހޭ؟ ވާނީ ކޮންކަމެއްހޭ؟ އެމް.ޑީ.ޕީ.ގެ ސިޔާސަތު، މި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަމުންދާއިރުގައި، ވެގެންދާނީ ކިހިނެއްހޭ؟ ތިޔަބޭފުޅުން ދެން އައްސަވާނެ، މިސާލަކަށް އައްސަވާފާނެ ސުވާލަކީ، މިއަދާ ހަމައަށް މިދިޔަ ހަމަސްދުވަހުގެ ތެރޭގައި، އެއިން އެއްވެސް ކަމެއް ނުކުރެވި، މިއަދު އިންތިޚާބާ ގާތްވީމާ، އަޅުގަނޑުމެން އެވާހަކަ ދައްކާ މިއުޅެނީ ކީއްވެގެންތޯ؟ ފުރަތަމަ ކަމަކަށް އަޅުގަނޑަށްވެސް ހަމައެހެންޏާ ހަދާ އުޞޫލުން، މިދިޔަ ރިޔާސީ އިންތިޚާބުގައިވެސް އަދި އޭގެ ކުރީގެ އިންތިޚާބުތަކުގައިވެސް. ތިޔަބޭފުޅުންނަށް އޮޅުވާލައި، ދޮގުހަދައި، ތިޔަބޭފުޅުންނަށް ދަޅައެއް ދައްކައި، ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އެޅުވިދާނެ. އަޅުގަނޑަށް ވަރަށް ފަސޭހައިން ބުނެވިދާނެ އާދޭހޭ. ކަނދުފަތިވެސް ހަރުކުރާނަމޭ، ކަރަންޓްގެ ކަންތައްވެސް ހަމަޖައްސައިދޭނަމޭ. ނަރުދަމާގެ ކަންތައްވެސް ހަމަޖައްސައިދޭނަމޭ. ބަނދަރުވެސް ފުރިހަމަކޮށްދޭނަމޭ. ވަޒީފާގެ ފުރްޞަތުވެސް ހޯދައިދޭނަމޭ. ތަޢްލީމީ ކަންކަންވެސް ފުރިހަމަކޮށްދޭނަމޭ. އަޅުގަނޑަށް އާއެކޭ ބުނެވިދާނެ. އާއެކޭ ބުނީމާ ދެން ވާގޮތަކީ އަޅުގަނޑުމެން މިއެދޭ ދެމެހެއްޓެނިވި ތަރައްޤީ، އަބަދަށް ދެމިހުންނަ ތަރައްޤީ އަޅުގަނޑުމެންނަށް ނުލިބެނީ. ވިސްނާފައި ނޫން ގޮތަކަށް ކަމެއް ކުރީމާ، ދެން އެކަމުގެ ސަބަބުން ވަގުތީ އުފަލެއް ލިބުނު ކަމުގައިވިޔަސް، އަޅުގަނޑުމެން މިއެދޭ ދާއިމީ ޙައްލު، އެކަމުން ނުފެންނަނީ.

ދެންމެ މިދެންނެވީ ވަރަށްގިނަ ވާހަކަތަކެއް. މިސާލަކަށް، ދިޔަދޫ މީހުން ގެމަނަފުށްޓަށް ބަދަލުކުރަން މިތަނުގައި ގެ އަޅައި ނިމެނީ. ދެން އަޅުގަނޑުމެން ބަލައިލިއިރުގައި، އެ ކޮންޓްރެކްޓް އޮތީ ތަންކޮޅެއް މަޑުޖެހިފައި. އަޅުގަނޑު މިދެކެނީ، އަތޮޅު ކައުންސިލަރ މިހާރު އެވާހަކަތައް ދައްކައިގެން، އެ ކޮންޓްރެކްޓް ތަންކޮޅެއް ބާރުވާކަމަށް. އެއީއެއްނޫން މީގެ މުހިންމު ނުކުތާއަކީ. މިތަނަށް ދިޔަދޫ މީހުން ބަދަލުވީމާ، އެމީހުންގެ ދަރިން މަދަރުސާއަށް ހަމަ މިމަދަރުސާއަށް ނޫންތޯ ފޮނުވަންޖެހޭނީ. މިހާރުވެސް ގްރޭޑް 9 ގައި ދެކްލާސް އެއްފަހަރާ. ދެން އަޅުގަނޑު މިހިތަށްއަރާ އެއްޗަކީ، ކޮބައިބާވައޭ ދިޔަދޫ މީހުން ބަދަލުވުމާ ގުޅިގެން، ރާވަންޖެހޭ ރޭވުންތައް މިރަށުގައި ރާވާފައެއްނެތޭ. ދިޔަދޫ މީހުން ބަދަލުވީމާ އިންޖީނު އަދި ވަކިން ބޮޑަށް ލޯޑު ބޮޑުވެގެންދާނެ. ދިޔަދޫ މީހުން ބަދަލުވީމާ، ބަނދަރުގެ ކަންތައް އަދި ވަކިން ބޮޑަށް ތޮއްޖެހިގެންދާނެ. ދިޔަދޫ މީހުން ބަދަލުވީމާ، ހަމަގައިމުވެސް މަދަރުސާގައި މިހުރި ކްލާސްރޫމްތަކަށް، މިހާރުވެސް މިއޮތީ ނުވެފައި. ދެން އަދި ޢަމްދުން ނުވާނެ. ދެން އަޅުގަނޑު މިހިތަށްއަރާ އެއްޗަކީ، ކާކުގެ މޮޅު ވިސްނުމެއްބާއޭ އެއީ، ދިޔަދޫ މީހުން މިތަނަށް މާދަމާ ބަދަލުކުރަން ރާވާފައި، އަދި އެކަމަށް ޚަރަދުކޮށްމެ، އެއާ ގުޅުންހުރި އެހެން އެއްވެސް ކަމަކާ އަޅާނުލާ ދޫކޮށްލާފައި މިއޮތީ، ކަނޑައެޅިގެން ގެމަނަފުށްޓަށް ގެއްލުމެއްދޭން ނޫން ކަމަކަށް އަޅުގަނޑަކަށެއް ނުވިސްނޭ. ހަމަ އެއްގޮތަކަށްވެސް އަޅުގަނޑަކަށެއް ނުވިސްނޭ.

އަޅުގަނޑުމެންގެ އެބައޮތް ޚިޔާލެއް. މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަމަ ޙަވާލުވުމާ ގުޅިގެން، އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒު ކުރުމުގެ ބޭނުމުގައި، ހުވަދުއަތޮޅުގައި އެއީ ގއ. ގދ. ގައި އަޅުގަނޑުމެން އުފައްދައިފިން ޔުޓިލިޓީ ކުންފުންޏެއް. އެއީ ފެނާއި ނަރުދަމާ އާއި ކަރަންޓްގެ ޚިދްމަތް ދިނުމަށްޓަކައި އުފެއްދި ސަރުކާރު ޙިއްޞާވާ ކުންފުންޏެއް. މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ކުންފުންޏަށް، މިއަތޮޅުގައި ހުރި ސްޓެލްކޯގެ ހުރިހާ އިންޖީނުގެތަކެއް ސަރުކާރުންވަނީ ބަދަލުކޮށްފައި. ދެން އަޅުގަނޑުމެން މިމަސައްކަތް ފަށަނީ، އަތޮޅުގައި ހުރި އެހެން ހުރިހާ އިންޖީނުގެއެއް އެ ކުންފުންޏަށް ބަދަލުކުރަން. އޭގެތެރޭގައި، ގެމަނަފުށީ އިންޖީނުގެވެސް އެކުންފުންޏަށް ބަދަލުކުރުމަށް އަޅުގަނޑުމެން އެދެނީ. އެކުންފުނިން އެ އިންޖީނުގެ ހިންގައިދޭނެ. އޭރުން އެކުންފުނިން އެ އިންޖީނުގޭގެ ލޯޑް ބަލަހައްޓައިދޭނެ. އަދި އިތުރަށް އިރާދަކުރެއްވިއްޔާ އެކުންފުނިން ޕްލޭންވެސް ކުރާނެ. ދެން ވާނެގޮތަކަށްވެސް އެކުންފުނިން ވިސްނާނެ. އަޅުގަނޑަށް ހަމަ އެހެންވީމާ، އުފަލާ އެކީގައި ތިޔަބޭފުޅުންނަށް ދެންނެވެން އެބައޮތް. އިރާދަކުރެއްވިއްޔާ، އަދިވެސް ދިޔަދޫ މީހުން ގެމަނަފުށްޓަށް އަންނަންވާއިރަށް، މިރަށުގެ ކަރަންޓްގެ ކެޕޭސިޓީ ބޮޑުކޮށްދެވޭނެއޭ. އަޅުގަނޑުމެން އެކަން ކުރަން ޖެހޭނެއޭ. އެކަން ނުކޮށް، މިތަނަށް ދިޔަދޫ މީހުން ގެންނާކަށްނުވާނެއޭ. އެހެންވީމާ، ތިޔަބޭފުޅުންނަށް އަޅުގަނޑުމެންނަށް ދެންނެވެން އެބައޮތް. ކުރިއަށް އޮތް ދޮޅުމަސް ނުވަތަ ދެމަސް ދުވަހުގެ ތެރޭގައި، މިރަށްރަށުގެ އިންޖީނުގެތައް، މިބުނާ ކުންޏަށް ބަދަލުކުރުމުގެ މަސައްކަތް ހިނގައިގަންނާނެ.

ހަމައެއާއެކީގައި، ސަރުކާރުން ދެން ވާހަކަ ދައްކަމުން މިދަނީ، މިހާރު މިއަތޮޅުގައި އެބަ އުފެދޭ 6 ރިޒޯޓް. 3 އެއަރޕޯޓް. ސަރުކާރުން ވާހަކަ ދައްކަމުން މިދަނީ، އެ ރިޒޯޓްތަކުގެވެސް ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް، މިކުންފުންޏަށް ބަދަލުކޮށްދިނުމަށް. އެކުންފުންޏަށް އެވިޔަފާރި ދިނުމުން، އަދި އެކުންފުނިން އިންވެސްޓްވެސް ކުރުމަށް، އެރިޒޯޓުތަކުގައިވެސް ނަރުދަމާވެސް އެޅުމަށް. ފެން ޕްލާންޓްވެސް ބެހެއްޓުމަށް. އިންޖީނުގެވެސް ހެދުމަށް. ހަމަ މިރަށުގައިވެސް ނަރުދަމާވެސް އެޅުމަށް. ފެން ޕްލާންޓްވެސް ބެހެއްޓުމަށް. އިންޖީނުގެވެސް އެޅުމަށް. އިންޖީނުވެސް ބެހެއްޓުމަށް. އެކުންފުނިން އެމަސައްކަތް ކޮށްދިނުމަށް އަޅުގަނޑުމެން މި ރާވަނީ. މިހެން ހެދީމާ، ބޭރުގެ ބައިނަލްއަޤްވާމީ ބޮޑެތި ހަކަތަ އުފައްދާ ޔުޓިލިޓީ ކުންފުނިތަކަށް، މި ކުންފުންޏަކީ ވިޔަފާރީގެ ގޮތުން ދެކޮޅުޖެހޭ ކުންފުންޏެއްގެ ގޮތުގައި ފެނޭ. ހުވަދުއަތޮޅުގެ ހުރިހާ ރަށްތަކާއި، އަދި މިތަނުގެ ޞިނާޢީ ހުރިހާ މަސައްކަތަކާ އެކީގައި، އެއް ކުންފުންޏަކަށް ދިނީމާ، އެ ކުންފުންޏަށް ވިޔަފާރީގެ ގޮތުން ހަމަ ރަނގަޅު އެކަށީގެންވާ ގޮތެއްގައި ހިންގައި، މާލޭގެ އަގުގައި ނުވަތަ އެއަށްވުރެ ހެޔޮ އަގުގައި މިތަނުގައި ކަރަންޓްގެ ޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ.

އެހެންވީމާ، އަޅުގަނޑަށް ހަމަ ވަރަށް އުފަލާއެކީގައި ދެންނެވެން އެބައޮތް. އަޅުގަނޑުމެންގެ މި ސިޔާސަތު ތަންފީޒު ކުރަމުންދާއިރުގައި، ގެމަނަފުށީގައި ކަރަންޓް ހުންނާނެއޭ. ސްވިޗް ޖެއްސީމާ ބޮކި ދިއްލޭނެއޭ. އަދި ތިމަންނާއަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި އެކަމަށް ޚަރަދު ކުރާކަށް ނުޖެހޭނެއޭ. ދޮންނަ މެޝިނެއް ގޭގައި ބެހެއްޓޭނެއޭ. ކަރަންޓް އިސްތިރިން ކަރަންޓުން އިސްތިރި ކުރެވޭނެއޭ. ކަރަންޓް އުނދުނުން ކެއްކޭނެއޭ. އަވަން ޖެއްސޭނެއޭ. ގެމަނަފުށީގެ ރައްޔިތުންނަށް އަވަން ނުޖެއްސި، ދޮންނަ މެޝިން ބޭނުންނުކުރެވި، ކަރަންޓް އިސްތިރިން އިސްތިރި ނުކުރެވި ތިބެންވީ އެއްވެސް ސަބަބެއް ނެތް، މާލޭގައި އެކަންވާނެ ކަމަށްވަނީވިއްޔާ. އަދި އޭގެއިތުރުން، އަޅުގަނޑުމެން އަބަދުވެސް ވިސްނަންޖެހޭނެ، ފާހަގަކުރަންޖެހޭނެ، ކަރަންޓަކީ ޞިނާޢީ މަސައްކަތަށް، ތަރައްޤީއަށް އެންމެ ބޭނުން އެއް ވަސީލަތް. ހެޔޮއަގުގައި ކަރަންޓް ނުލިބޭކަމަށްވަނީވިއްޔާ، އަޅުގަނޑުމެންނަކަށް ތަރައްޤީގެ ވަރަށްކުޑަ މަސައްކަތެއް ނޫނީ ނުކުރެވޭނެ. ސަތާރަ ރުފިޔާ، ފަނަރަ ރުފިޔާއަށް ނުވަތަ ހަރުފިޔާ، ހަތްރުފިޔާއަށްވެސް ކަރަންޓް ދޫކުރީމާ، ދެން ސަރުކާރުން އެތަނަށްދޭ ބަޖެޓް އެކީގައި އެދަނީ ކަރަންޓަށޭ އިނގޭތޯ. ހޮސްޕިޓަލަށް ނުވަތަ މަދަރުސާއަށްވެސް ކަރަންޓް ދޫކުރަނީ، ދިހަރުފިޔާއަށް ޔުނިޓެއް ކަމަށްވަނީވިއްޔާ، އެއީ ހަމަ ސީދާ ކަނޑައެޅިގެން ދަރިވަރުންނަށް ކުރަން އޮތް ޚަރަދެއް. އެ އަތުލަނީ. އެހެންވީމާ، އަޅުގަނޑުމެން ބޭނުން، ކަރަންޓްގެ ޚަރަދު ހުރިހާ އެންމެންނަށް އެއްއަގެއްގައި، އެއްހަމައެއްގައި، ވީހާވެސް ހެޔޮކޮށް ދޫކުރެވޭނެ އިންތިޒާމެއް، އަޅުގަނޑުމެން މި ސަރުކާރުން ހަމަޖައްސަނީ. އިހުނަށްވުރެ އަޅުގަނޑުމެންނަށް ޔަޤީން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް މިމަސައްކަތް ފަށައިގަނެވޭނެ. ޚާއްޞަކޮށް، މިތަނުގެ އިންޖީނުގެއާ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ޙަވާލުވެވޭނެ.

އަޅުގަނޑުމެންގެ ވިސްނުމުގައި، އަޅުގަނޑުމެންނަށް ފެނުނު ފެނުމުގައި ރާއްޖޭގެ ރައްޔިތުންނަށް އަދި މުޅި ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު އެއްމައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ. އަޅުގަނޑުމެންގެ ލޮލަށް އެބަފެނޭ، މި ގެމަނަފުށީ ރައްޔިތުންނަށް މީގެތެރެއިން ގިނަ ބޭފުޅުން ތިއްބަވާނީ އަޅުގަނޑު މިދަންނަވަން މިއުޅޭ ދަތުރުގައި.

އަޅުގަނޑުމެންގެ ސިޔާސަތު އެމް.ޑީ.ޕީ އިން އެކުލަވާލީ، ރާއްޖޭގެ ރައްޔިތުންގެ އަޑުއަހާފައި. އުޅޭގޮތްވެސް ދެކިފައި. ފެނިފައި. އަތުން ހިފައި ލޮލުން ދެކިފައި. ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު އެއްދައްޗަކީ، އެއްތާށްޓަކީ ގެދޮރުގެ މައްސަލަ. މީގެތެރެއިން ގެއެއް އަޅައި، އެޅޭ އަދި ގެވަޅެއް ލިބިގެން، އެއީ ރަށުގައި ބިން އޮވެގެން. ގެވަޅެއް ކަނޑާފައި ދެވޭ ރަށްރަށުގައި ގެވަޅެއް ލިބިގެން އެކަން ކުރާއިރުގައި، ފަހަރެއްގައި އަލަތު ކައިވެންޏާ އެކީގައި ކަންނެލި އޮޑިއެއްގައި ނުވަތަ ރިޒޯޓެއްގައި ދެއަހަރު ތިންއަހަރު މަސައްކަތް ކުރަން އުޅެފައި އައިސް ގާފޮޅު އަޅާލަފާނެ ފުރަތަމަފަހަރު. ދެން އަންނަ އަހަރު ފައުންޑޭޝަން ދަމާލަފާނެ. ދެން އަންނަ އަހަރު ހަތަރުފާރު ރާނާލެވިދާނެ. އަނެއް ރޯދައަށް މަތިވަޑާންގަނޑު އަޅައި ހިޔާކޮށްފާނެ. ދެން އަންނަ ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާފާނެ. އަނެއް ރޯދައަށް ފަހަރެއްގައި އެތެރެ ކޮޓަރި ފާޚާނާ ބަހައްޓަފާނެ. ގެއެއް އަޅައި ނިމޭއިރުގައި، އަޅުގަނޑުމެންގެ އާދައިގެ މީހެއްގެ ޢުމުރު މިހުންނަނީ ދެބައިވެފައި. އަދި ދިގު މުއްދަތުން އެކަން ކުރަން ޖެހޭތީވެ، އޭގެ އަގު މިހުންނަނީ ފަސްލައްކަ ރުފިޔާއަށް އެޅޭ ގެއެއް ރަނގަޅަށް މިލިއަނެއް ދޮޅުމިލިއަން ރުފިޔާއަށް ގޮސްފައި.

އަޅުގަނޑުމެން ދެކޭގޮތުގައި އަދި ދުނިޔޭގެ އެއްވެސް ބަޔަކު ހަމަ ބުއްދިން ވިސްނާފައި ދެކޭއިރުގައި ނުދެކޭނެ، އެއްވެސް ދެމަފިރިއަކީ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަކަށް. ކޮންމެ ދެމަފިރިއަކަށް ގެއެއް އަޅައިގެން އެގެއަށް ވަދެވިދާނެ ކަމަކަށް މި ސަރުކާރަކުން ނުދެކޭ. އަދި ދުނިޔޭގައެއް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ ހަމަ ބުއްދިން ވިސްނާ އެއްވެސް ބަޔަކު އެމަގަށް ވިސްނާނެ ކަމަކަށް. ދެމަފިރިއަކަށް ގެއެއް އަޅައިގެން، އަމިއްލައަށް ގެއެއް އަޅައިގެން އެތަނަށް ވަދެވިދާނެ ކަމަށް. ސަރުކާރުން ވިސްނީ، ސަރުކާރުން ގެ އަޅާފައި، ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން ދިހަހާސް ގެ މިއަހަރު ރާއްޖޭގައި އަޅާނެއޭ. އެގޮތުން އަޅުގަނޑުމެން ގެމަނަފުށީގައިވެސް ގެ އަޅާނެ. މިގެތައް އެޅުމަށް، މިފްލެޓްތައް އެޅުމަށް، ގެތައް އެޅުމަށް ލާރި ހޯދޭނީ ކިހިނެއްތޯ ތިޔަބޭފުޅުން ފަހަރެއްގައި ސުވާލު ކުރެއްވުން ހަމަ ރަނގަޅު. އެކަށީގެންވޭ. ކުރައްވަންވެސް ޖެހިލައްވާނެ.

އަޅުގަނޑުމެންނަށް ވަރަށް ސާފު. ސަރުކާރުން އިޢްލާނު ކުރީ، ދިހަހާސް ފްލެޓް ގެއާ ގުޅިފައިވަނީ އެއްހާސް ލަގްޒަރީވިލާއޭ. ނުވަތަ ބޮޑު ތިރީސްހާސް އަކަފޫޓްގެ އެއްހާސް ބިން މި ދޫކުރަނީ ޓޫރިޒަމްގެ އުޞޫލުން ބޭރު މުއްސަނދިންނަށް ރާއްޖޭގައި އެމީހުންނަށް ދިގު މުއްދަތުގައި އެ ބިން ބޭނުންކުރެވޭ އުޞޫލަކުން ގެ އަޅައިގެން އެމީހުން އައިސް ތިބޭނެ އަހަރެއްގެ ދެމަހު ނުވަތަ ތިންމަހު. ތިބެފައި ދެން ދާނީ. ދެވަނަ ގެއެއްގެ ގޮތުގައި ދުނިޔޭގެ އެކިތަންތަނުގައި މިމަސައްކަތް، މި ވިޔަފާރި އެކިޤައުމުތަކުން ކުރޭ. ޚާއްޞަކޮށް ސީޝޭލްސްގައި އަދި މިހާރު ވަރަށް ފުޅާކޮށް ކުރަމުން އަންނަނީ. މި އެއްހާސް ލަގްޒަރީ ގެ، މުއްސަނދިންގެ ގޭގެ ބޭނުމުގައި، ދިހަހާސް ފްލެޓް އެޅުމަށް ސަރުކާރުން ޝައުޤުވެރިކަން ހާމަކުރުމަށް އިޢްލާނު ކުރީމާ، ދުނިޔޭގެ އެތައް މިތަނުން 14 ކުންފުނިން ޝައުޤުވެރިކަން ހާމަކޮށްފައި އެބައޮތް. މި 14 ކުންފުންޏަކީވެސް ކަމަށް ވަރަށް އެކަށީގެންވާ 14 ކުންފުނި. ސަރުކާރަށް މިހާރު އޮތީ، އޭގެތެރެއިން ކޮންބަޔަކާތޯ މަސައްކަތް ޙަވާލުކުރާނީ ނިންމާފައި، އެބަޔަކާ މަސައްކަތް ޙަވާލުކުރުން.

އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންގެ މަސައްކަތް ލަސްވެގެންދަނީ، މިދަންނަވާ ސަބަބުތަކަށްޓަކައޭ. އިޢްލާނު ކުރަންޖެހޭ. ޝައުޤުވެރިވާ ބައެއް ހޯދަންޖެހޭ. އެބައެއްގެ އަތުން އަޅުގަނޑުމެން މި ސީދާ ދެފުށް ފެންނަ ކޮރަޕްޝަން މީގެތެރެއަށް ނުވަންނަ އުޞޫލަކުން ގެންގޮސް ކަންކަން އަޅުގަނޑުމެން އެބަ ކޮޅެއްގައި ޖައްސަންޖެހޭ. އެހެން ނޫނިއްޔާ، އެކަން ހުންނަނީ ގޯސްކޮށް ކުރެވިފައި. އެހެން ނޫނިއްޔާ ކަންކަން ރަނގަޅަށް ހިނގާ ނުދަނީ. އަޅުގަނޑުމެންގެ ހިތުގައި ބިންވަޅު ނަގާފައި އަބަދުވެސް ބާއްވާ އެންމެބޮޑު އެއް ޙަޤީޤަތަކީ، އެންމެ ވަރުގަދަ އެއް ނުކުތާއަކީ، މިރާއްޖެއަށް، މި ދައުލަތަށް، މި ސަރުކާރަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ ތިޔަބޭފުޅުންގެ ފައިސާއޭ. އަޅުގަނޑުމެންނާ ޙަވާލުކޮށްފައި މިވަނީ އަމާނާތްތެރިކަމާއެކީގައި، އެފައިސާ ބަލަހައްޓަން. ހަމަހަމަ ގޮތުގައި އެފައިސާ ބަހަން. ނުވަތަ ތަރައްޤީގެ ރައްޔިތުންގެ ފައިދާއަށް ހަމަހަމަ ގޮތުގައި އެފައިސާ ބޭނުންކުރުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މިސަރުކާރަކުންނެއް އަޅުގަނޑުމެންގެ ވަޒީރަކަސް، ނައިބަކަސް، ކޮންމެ މީހަކަސް، އެންމެ ފައިސާ ފޮއްޗެއްގައި ޖެހުނަސްވެސް އޭގެ ތަޙުޤީޤު ކުރެވޭނެ. އެފަރާތަކަށް ޙައްޤު އަދަބު ދެވޭނެ. ޝަރީޢަތް ހިންގޭނެ. އަޅުގަނޑުމެންނެއް ތިޔަބޭފުޅުންގެ ފައިސާއަކު އިރާދަކުރެއްވިއްޔާ ނުޖެހޭނަން.

އަޅުގަނޑުމެންނަށް މި ގެދޮރުގެ މަސައްކަތް ނިންމައި ތިޔަބޭފުޅުންނަށް ގެތައް ޙަވާލުކުރުމުގެ މުއްދަތަކީ ކޮބައިތޯ ތިޔަބޭފުޅުން އައްސަވައިފިނަމަ، މިހާރު މިދާ ހަމައިގައި އަޅުގަނޑުމެންނަށް ދެވުނީމާ، އިރާދަކުރެއްވިއްޔާ އޯގަސްޓް މަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް މީގެ ޢަމަލީ މަސައްކަތް ފަށައިގަނެވޭނެ. އެހެންވީމާ، ދެން ކަން ނިންމަން އޭގެފަހުން 9 މަސްދުވަސް ނެގީމާ ރަނގަޅުވާނެ. އަޅުގަނޑުމެން މިކުރާ މަސައްކަތްތައް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވޭނެ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން ބޯހިޔާވަހިކަން ފޯރުކޮށްދޭނަން.

އޭގެއިތުރުން، އަޅުގަނޑުމެންގެ ސިޔާސަތު ހިނގަމުން އަންނައިރުގައި، ދަތުރުފަތުރު ކުރުމުގެ ނިޒާމަކީ މުހިންމު ނިޒާމެއް. އެ ނިޒާމު ތިޔަބޭފުޅުންނަށް ފޯރުކޮށްދިނުމަށްޓަކައި އަނެއްކާވެސް ސަރުކާރުން ވަނީ އިޢްލާނު ކޮށްފައި. ބައިނަލްއަޤްވާމީ ފަރާތްތަކަށް، މި މަޝްރޫޢު ރާއްޖޭގައި ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން އެ އިޢްލާނު ކުރީމާ، 7 ފަރާތެއް އެބައޮތް އެކަމަށް ކުރިމަތިލާފައި. ސަރުކާރުން މިހާރު މިކަމާ ގުޅިގެންވެސް އޮތީ، މިކަން ބަލައި ހޯދައި، ކަމަށް އެކަށީގެންވާ ބަޔަކާ ކަން ޙަވާލުކުރުމުގެ މަސައްކަތް. އެމަސައްކަތް މިދަނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަމުން.

އަޅުގަނޑުމެން އަބަދުވެސް ދައްކަމުން އައި އެންމެ މުހިންމު އެއް ވާހަކައަކީ، މަހުގެ އަގު އެކަށީގެންވާ އަގެއްގައި ބަހައްޓަން ޖެހޭނެއޭ. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން ފާޅުކުރަމުންދިޔަ ފިކުރަކީ، ހުޅުވާލެވިފައި އޮތް މާޙައުލެއް، މާރުކޭޓުތަކަށް ދިވެހި މަސް ދޫކޮށްލަން ޖެހޭނެއޭ. ބޭރުގެ ކުންފުނިތަކަށް ރާއްޖެ އައިސް، ރާއްޖޭގެ މަސްވެރިންގެ އަތުން މަސް ގަނެވެން ޖެހޭނެއޭ. މިހާރު މިގަންނަނީ މިފްކޯ އެކަނި. އަޅުގަނޑުމެން މިހާރު ހުޅުވާލަމުން މިދަނީ، ރާއްޖެއަށް ބޭރުގެ ކުންފުނިތަކުން އައިސް، މަސް ގަތުމުގެ ފުރްޞަތު ހުޅުވާލުން. އޭރުން އެކުންފުނިތަކުގެ ވާދަވެރިކަމުގައި މަހުގެ އަގު މައްޗަށް އަރައިގެންދާނެ. ތިޔަބޭފުޅުންނަށް ބައިނަލްއަޤްވާމީ މާރުކޭޓުގައި މަހަށް ލިބޭ އަގު، އިރާދަކުރެއްވިއްޔާ ލިބިގެންދާނެ. ލަސްތަކެއްނުވެ އެކަންވެސް އަޅުގަނޑުމެން މިގެންދަނީ އިންތިޒާމު ކުރަމުން، ހަމަޖައްސަމުން.

އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ކުރަންހުރި އެއްވެސް ކަމެއް ކުރުމަށް އެބަ ބޭނުންވޭ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު. އެ މަސައްކަތް މިއަދު އަޅުގަނޑުމެން ކުރަމުންދާއިރުގައި، އެކަމާ އަޅުގަނޑުމެން ވިސްނާއިރުގައި، މި އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަންފީޒު ކުރުމަށްޓަކައި އަދި އަޅުގަނޑުމެންގެ ޕްރޮގްރާމް ނުވަތަ އަޅުގަނޑުމެންގެ މަޝްރޫޢުތައް ހިންގުމަށްޓަކައި މިހާރުން މިހާރަށް 64 ޤާނޫނު އެބަ ބޭނުންވޭ. ދެން އަޅުގަނޑު ކިހިނެއްތޯ ގަބޫލު ކުރާނީ، މިދިޔަ ދިގު ތިރީސް އަހަރު މިއިން އެއްވެސް ޤާނޫނެއް ހެދިޔަނުދީ އަދި ހަދަން އުޅުނު ބަޔަކަށް އަނިޔާކޮށް، އެބައިމީހުން ހިފާ ހައްޔަރުކުރި ބަޔަކު މިއަދު މި އިޞްލާޙީ ޤާނޫނުތައް ހެދުމުގައި އަޅުގަނޑުމެންނާއެކީގައި ތިބެދާނެ ކަމަކަށް. ގަބޫލެއް ނުކުރެވޭނެ އަޅުގަނޑުމެންނަކަށެއް. އަޅުގަނޑަށް އެހެނެއް ކަމަކު ޔަޤީން ޝަރީފް. އަޅުގަނޑަށް ވަރަށް ބޮޑަށް ޔަޤީން ޝަރީފް. މީނާއަކީ ޝަރީފަކީ އަޅުގަނޑުމެންނާއެކީގައި އެންމެ ފުރަތަމަ ދުވަހުއްސުރެ ފެށިގެން މިމަސައްކަތުގައި ސާބިތުކަންމަތީގައި ހުރި މީހެއް. އަޅުގަނޑަށް ގެމަނަފުށީގެ ކަމެއް ރަނގަޅު ކުރުމާ ގުޅޭގޮތުން އައިސް، މީހަކު ވާހަކަ ދެއްކީމާ، މިސާލަކަށް، ޝަރީފް ނޫން މެންބަރަކު އައިސް ވާހަކަ ދެއްކީމާ، އަޅުގަނޑު ފުރަތަމަ ހިތަށްއަރާނީ، އޭނާ ބޭންކް އެކައުންޓަށް ކިހާވަރެއްބާއޭ ލާން މިއުޅެނީ. އަޅުގަނޑު އެންމެ ފުރަތަމަވެސް ހިތަށްއަރާނީ ހަމަ އެހެން. އެއީކީއެއް އަޅުގަނޑު ނުދެކެން، މީހަކަށް ބޭއިންޞާފުވާކަށް އަޅުގަނޑު ހިތަށްއަރާ އެއްޗެއް ކަމަކަށް. ކަން ހިނގާފައި އޮތީ އެގޮތަށް. މިއަދު އަޅުގަނޑަށް އެންމެ ބޮޑަށް އެނގޭނީ، ކާކު އެކައުންޓެއްގައި ކިހާވަރެއްތޯ ޖަމާވެފައި ހުރީވެސް. އެހެންވީމާ، އަޅުގަނޑު ކައިރިއަށް މީހަކު އަންނައިރަށް، އަޅުގަނޑަށް ފުރަތަމަވެސް ބެލޭނީ، އޭނާ އެއުޅެނީ ކޮން ނިޔަތެއްގައިތޯ؟ ތިޔަބޭފުޅުންގެ ފަރާތްޕުޅުން މި ސަރުކާރު ހެޔޮނިޔަތުން ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންތައް ކުރުމަށް ރަނގަޅު ވަކީލަކު ފޮނުއްވާ. އަޅުގަނޑުމެން ބޭނުމޭ ތިޔަބޭފުޅުންގެ ޤާނޫނީ ޙިއްޞާ. އަޅުގަނޑުމެން އަބަދުވެސް ގޮނޑި ބޭނުންވާނެ އިނގޭތޯ. ސިޔާސީ ވެރިން އަބަދުވެސް ރައްޔިތުންގެ ރުހުން، ރައްޔިތުންގެ ތާއީދު ބޭނުންވާނެ. ރައްޔިތުންގެ ތާއީދު ރަމްޒުކޮށްދޭ އެއްޗަކީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި. އެހެންވީމާ، އަޅުގަނޑު މިނޫން ކަމެއް ކުރާކަށެއް ނޯންނާނެ މިދުވަސްވަރު. މިއީ އަޅުގަނޑުގެ ވާޖިބަކީ.

އަޅުގަނޑަކީ ގިނަ ޕާޓީ ވާދަކުރާ ރިޔާސީ ނިޒާމުގައި، އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށްގެން، ރައްޔިތުން އަޅުގަނޑަށް އަޣްލަބިއްޔަތު ވޯޓް ދެއްވީތީވެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުރި މީހެއް. އެހެންވީމާ، އަޅުގަނޑަށްވުރެ ޙައްޤު މީހެއް، އަޅުގަނޑަށްވުރެ އަދި ލާޒިމް މީހެއްވެސް ނެތް އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓް ޕްރޮމޯޓް ކުރަން، ކުރިއަރުވަން. އެމެރިކާގެ ރައީސްގެ އަރިހު ނުވަތަ އިންޑިއާގެ ރައީސްގެ އަރިހު ނުވަތަ އިނގިރޭސި ބޮޑުވަޒީރު އަރިހު މީހަކު ތިއުޅެނީ ގޮނޑި ހޯދަންހޭ ސުވާލުކޮށްފިއްޔާ، އޭނާ ޙައިރާންވާނެ. އޭނާ ހިނި އަންނާނެ. އޭނާގެ މުޅި ޙަޔާތް ހުއްޓިފައި ހުންނަން ޖެހޭނީ ގޮނޑި ހޯދުމަށް. އެހެންވީމާ، އެއްގޮތަކަށްވެސް އޮޅިވަޑައިނުގަންނަވާ. އަޅުގަނޑުމެންނަކަށް އެއްވެސް ނާޖާއިޒު ފައިދާއެއް ބޭނުމެއް ނުކުރެވޭނެ. އެއްވެސް މީހަކަށް ބިރެއްވެސް ނުދެއްކޭނެ. އަޅުގަނޑުމެން ބޭނުމެއް ނޫން ބިރު ދައްކާކަށްވެސް. ޚާއްޞަކޮށް، ސިވިލް ސަރވިސްގެ އެއްވެސް ބޭފުޅަކަށް އަޅުގަނޑުމެންނެއް ދެރަގޮތެއް ހަދާކަށް ކުޑަކޮށްވެސް ބޭނުމެއް ނޫން. އަޅުގަނޑުމެންނަށް ލިބިފައި ހުރި ވޯޓެއް، އަޅުގަނޑުމެންނަށް ލިބިފައިވާ ތާއީދެއް މިއަދާ ހަމައަށްވެސް ލިބިފައި މިއޮތީ، ރައްޔިތުން ހިތުން ރުހުމުން އެކަން ކުރީތީވެ. އަޅުގަނޑު ނޯންނާނެ މީހަކަށް ރުފިޔާއެއް ދީފައެއް. އަޅުގަނޑު ނޯންނާނެ މީހަކަށް އަނިޔާއެއްވެސް ކޮށްފައެއް. އަޅުގަނޑުމެންނަށް އަބަދުވެސް ލިބޭ ތާއީދެއް، ދޭ ތާއީދެއް ލިބެނީ ރާއްޖޭގެ ރައްޔިތުން ހަމަ ވިސްނުން ވިސްނާފައި، އަޅުގަނޑުމެން މިދައްކާ ވާހަކައާއި، އަޅުގަނޑުމެން މިކުރަން އުޅޭ މަސައްކަތަކީ ބުއްދިވެރި، ރަނގަޅު މަސައްކަތެއް ކަމަށް ފެނިގެން، ހެޔޮހިތުން އަޅުގަނޑުމެންނަށްދޭ ވޯޓް. ގެމަނަފުށިން ދެންވެސް މިރަށުން އަޅުގަނޑުމެން ބޭނުމީ، އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އެ ވޯޓް. އެ ނޫން ވޯޓެއް އަޅުގަނޑުމެން ހޯދާކަށް ނުވެސް އުޅެން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަޤީން. ތިޔަބޭފުޅުންނަށް ހެޔޮ ވިސްނިވަޑައިގަންނަވާނެކަން. އަދި ތިޔަބޭފުޅުން އަޅުގަނޑުމެންނަށް މި ވޯޓް ދެއްވާނެކަން.

އަޅުގަނޑުމެންނަށް އެނގޭ ވަރަށް ރަނގަޅަށް ވަރަށް ސާފުކޮށް އިނގޭތޯ ދަތްފަޅާއިރު ތަދުވާނެކަން. ޑިމޮކްރަސީ ރާއްޖޭގައި ހިންގުމަކީ ވަރަށް މުހިންމު ކަމެއް. ތިޔަބޭފުޅުން އަޅުގަނޑާ ދިމާއަށް ފުރައްސާރަވެސް ކުރަންވީ. އަޅުގަނޑަށް މަލާމާތްވެސް ކުރަންވީ. ހަޖޫވެސް ޖަހަންވީ. ޣީބަވެސް ބުނަންވީ. ނެތިވެސް މޮށެންވީ. ބޭނުން އެއްޗެއް ކިޔުއްވަންވީ. އަޅުގަނޑެއް ރުޅިއެއް ނާންނާނެ. ހަމަ އެއްގޮތަކަށްވެސް ކުޑަކޮށްވެސް އަޅުގަނޑެއް ރުޅިއެއް ނާންނާނެ. އަޅުގަނޑަށް ހަޖަމު ކުރެވޭނެ. އަދި އެއްގޮތަކަށްވެސް ދެރަވެނުލައްވާ، އަޅުގަނޑަށް އެނގޭ މިއީ ވަރަށް ގިނައިން ބައެއްފަހަރަށް ރަށްރަށުގައިވާ ކަމެއް. މިހާރު އަޅުގަނޑުމެން މިއަދު މިއައީ ފަސްރަށަށް އަރާފައި. މިއީ ހަވަނަ ރަށް. ކޮންމެ ރަށެއްގައި އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޮޑަށް ތާއީދުކޮށް، އެއްވެސް ބޭފުޅަކު އިދިކޮޅަށްވެސް އަޅުގަނޑުމެންނާ ދިމާއަށް އެއްވެސް އެއްޗެއް ނުބުނޭ. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންނަށް އެކަން އެނގިވަޑައިގަންނަވާނެކަންވެސް. ދެން އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން މިއަދު ހިތްޕުޅަށްއަރާނެކަން، އަޅުގަނޑުމެން ހިތްހަމައެއްނުޖެހޭނެއޭ ގެމަނަފުށީގައި މިހެންވީމާ. ނޫން އެހެނެއް ނުވާނެ. އަޅުގަނޑުމެންގެ ހިތަކަށް ތިޔަބޭފުޅުންނާ ދޭތެރޭގައި ކުޑަވެސް ކިލަނބުކަމެއް، ކުޑަވެސް ބަދަލެއް ނާންނާނެ. އަޅުގަނޑުމެންނަށް މިކަން ހަޖަމު ކުރެވޭނެތީވެ، އަޅުގަނޑުމެން މިކަންކަމާ ޙަވާލުވެ މިތިބީ. އަޅުގަނޑަށް އެނގޭ، އަޅުގަނޑު ގައިގައި ޖެހިޔަސްވެސް ނުޖަހާނަން. ހަމަކަށަވަރު ނުޖަހާނަންކަން. ހަމަކަށަވަރު އެމީހަކަށް ގޮތެއްވެސް ނުހަދާނަންކަން. އަޅުގަނޑުމެންނެއް ނޫޅެން މި ރާއްޖެއަށް ވަމުންދާގޮތް ނޭނގިގެނެއް. އަދި ރާއްޖޭގެ ރަށްރަށުގައި ތިބޭ ކުދިންނަށް އެކިއެކި ފަރާތްތަކުން ކުރާ ޕްރެޝަރާއި، ލައިދޭ ނަޞޭޙަތާއި، މިކަންކަން ނޭނގިގެނެއްވެސް އަޅުގަނޑުމެންނެއް ނޫޅެން. ކީއްކުރަންތޯ އަޅުގަނޑުމެން ގެމަނަފުށީ ކުދިންކޮޅަކާ ރުޅިއައިސްގެން އުޅެންވީ. އަޅުގަނޑަށް ޔަޤީން. މި ސަރުކާރު ވައްޓާލެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެކަން. ހަމަ އެއްގޮތެއްވެސް ނޯންނާނެކަން. ކޮންބައެއްތޯ އެނގިވަޑައިގަންނަވާތޯ އަޅުގަނޑުމެން. ފަހަރެއްގައި ގެމަނަފުށީ ރައްޔިތުންނަށް އަޅުގަނޑުމެން ސާފުނުވެދާނެ.

މިދިޔަ ދިގު ތިރީސް އަހަރުގެ ވެރިކަން، މިވެރިކަމެއް ބަދަލެއް ނުކުރެވޭނެއޭ އަޅުގަނޑު ކައިރީގައި ނުބުނާ ހަމަ އެކަކުވެސް މަދުވާނެ. ޚާއްޞަކޮށް، އަޅުގަނޑުގެ ގާތްތިމާގެ މީހުންނާއި، ޢާއިލާ މީހުން ބުނަމުންދިޔައީ ތިޔަ ލިބެނީ އަމިއްލައަށް ލިބޭ ގެއްލުމޭ، އަނިޔާއޭ، ތިޔަކަމުގައި އުޅޭނެ ކަމެއްނެތޭ. އަޅުގަނޑަކީ އަތްމަތި ތަނަވަސް މީހެއް. އަޅުގަނޑަކީ ކިޔަވައިގެން ހުރި މީހެއް. އަޅުގަނޑަކީ އަޅުގަނޑު ބޭނުން ވަޒީފާއެއް އަޅުގަނޑަށް ލިބޭނެ މީހެއް. އެމީހުން އަބަދު އާދޭސްކުރޭ ތިޔަކަމެއް ނުވާނެއޭ ހުއްޓާލާށޭ. އެކަމަކު އަޅުގަނޑުމެންގެ އެބައޮތޭ ވިސްނުމެއް، ޙިކްމަތެއް، ހިތްވަރެއް. އަޅުގަނޑުމެންނަށް އެ ވެރިކަން ބަދަލުކުރެވޭނެ. އަޅުގަނޑުމެން މިތިބީ ކޮށްގެން. ދެން އެބޭފުޅުންގެއެއް ނެތް ސިޔާސީ ޙިކްމަތެއްވެސް. ފެންވަރެއްވެސް. އަޅުގަނޑުމެން ކައިރީގައި ފަތިގަނޑު ފިރުކާލެވޭވަރުވެސް އެބޭފުޅުންގެއެއް ނެތް. އަޅުގަނޑެއް ކުޑަކޮށްވެސް ކަންބޮޑެއްނުވޭ. އަޅުގަނޑުމެންނަކާ ފައިހަމައެއް އެބޭފުޅުންނަކަށް ދެނެއް ނުކުރެއްވޭނެ. ހަމަ ވަރަށް ރަނގަޅަށް މިދަންނަވަނީ އިނގޭތޯ.

ދެން މީގެކުރީގައިވެސް ތިޔަބޭފުޅުން މިސާލަކަށް ހަމަ އޮޅިވަޑައިގެންފައި ތިއްބަވާފާނެ. ފުރަތަމަ ރިޔާސީ އިންތިޚާބު އަޅުގަނޑުމެންނަށް ނުލިބޭނެ ކަމަށް. އަޅުގަނޑު ވަރަށް ސާފުބަހުން މިދަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމް.ޑީ.ޕީ 50 ގޮނޑި ކާމިޔާބު ކުރާނެ. ހަމަ ކުރާނެ. އެންމެބޮޑު ޢަޖާއިބަކަށްވަނީ ހަމަ ގެމަނަފުށީގެ ބޮޑު އަޣްލަބިއްޔަތު ވޯޓް އެމް.ޑީ.ޕީ އިރާދަކުރެއްވިއްޔާ ނަގާނެ. ހަމަ ނަގާނެ އިނގޭތޯ. ގެމަނަފުށީ ތިޔަބޭފުޅުން ވަކިވަކިން ތިއްބަވައިގެން ހިތްޕުޅަށްއަރާފާނެ. ނޫނެކޭ މިރަށުގައި އަދިވެސް ތާއީދު ބޮޑީ ނަގައިގަތް ސަރުކާރަށޭ. އެހެނެއް ނޫން އެކަން ވަނީކީ. އިންސާނުންނަކީ ވަރަށް ހެޔޮވިސްނޭ ބައެއް. އާދަޔާ ޚިލާފު ޖަނަވާރެއް އެއީ. އިންސާނާ. އެ ޖަނަވާރަކަށް އޮޅުވައެއްވެސް ނުލެވޭނެ. އިންސާނާއަކީ ބުއްދީގެ ބާރު މާތްރަސްކަލާނގެ ދެއްވާފައި ހުރި ޖަނަވާރެއް. އިންސާނާއަކަށް އޮޅުވައެއްނުލެވޭނެ. އެ އިންސާނާ ފުރިހަމަގޮތް ހޯދާނެ. އެ ހޯދާ ފުރިހަމަގޮތުގެ ތެރޭގައި، ގެމަނަފުށީ މީހާއަށް ވިސްނޭނެ. އެ އިތުބާރު ރައްޔިތު މީހާއަށް އަޅުގަނޑުމެން ނުދޭހާ ހިނދަކު އަޅުގަނޑުމެންނަކަށް ތާއީދެއް ނުލިބޭނެ. އަދި އަޅުގަނޑުމެންނަކަށް ކާމިޔާބެއްވެސް ނުވާނެ. އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދެނީ ހަމަ އެންމެ ކަމަކަށް. އަޅުގަނޑާ އެކީގައި އުންމީދު ކުރައްވާށޭ. އުންމީދު ނަގާނުލައްވާށޭ. އަޅުގަނޑުމެންނަށް ޔަޤީނޭ، މިކަންކަން އަޅުގަނޑުމެންނަށް ކުރެވޭނެކަން. އަދި މީހަކު އެއްޗެއް ގޮވިޔަސްވެސް އަޅާނުލާ. މީހުން އެއްޗެހި ކިޔައެއް ނޫންތޯ ކަމެއް ކުރަން އުޅޭ މީހަކާ ދިމާއަށް ވެއްޖިއްޔާ. އިންސާނީ ތާރީޚު ދައްކާފައި އޮތީ އެމަގަށް. އެކަމަކާއެއް ދެން އަޅުގަނޑުމެން ހިފިނުހުރެވިގެން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެންނަށް މިކަންވާނެ. އަޅުގަނޑުމެން ކަންބޮޑުވާނެ ކަމެއްވެސް ނެތް.
އަނެއް ވާހަކައަކީ މިއީ އިނގޭތޯ. ޝަރީފް ނުހޮވުނަސް، އަޅުގަނޑުގެ މުސާރައިން ހަތަރުއަނާއެއްވެސް މަދެއްނުވޭ. އެކަމަކު އަޅުގަނޑުމެން ކުރަން މިއުޅޭ މަސައްކަތެއް ނުކުރެވޭނެ. އަޅުގަނޑުމެން ކުރަން މިއުޅޭ މަސައްކަތަކީ، ރާއްޖޭގައި ހެޔޮވެރިކަމުގެ ރަނގަޅު ނިޒާމެއް ޤާއިމު ކުރުން. މިސާލަކަށް އިނގޭތޯ. މިދިޔަ ސަރުކާރުނަމަ، މި ކުދިންކޮޅު މިހާރު ހަމަ އެކީގައި ގެންގޮސް ހުރިހާ ކުދިން ފުރަގަހަށް ބިޑިއަޅައި ގެންގޮސް އޮޑިހަރުގެއަށް ލައިފީސް. ހަމަ އޭގައި އެއްވެސް ޝައްކެއްނެތް. އިރާދަކުރެއްވިއްޔާ މި ސަރުކާރުގައި އެއިން ކުއްޖަކަށް ޖޫސްތަށްޓެއް ދިނުން ނޫންކަމެއް އަޅުގަނޑު ނުކުރާނަން. އަޅުގަނޑެއް ހަމަގައިމުވެސް، އަޅުގަނޑުމެންނަށް ވިސްނޭ އިނގޭތޯ. އަޅުގަނޑުމެންނެއް އެހެނެއް އުޅޭނެ ކަމެއްނެތް. އަދި އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑަށް ޔަޤީން. ގެމަނަފުށީ ގިނަ ރައްޔިތުންނަކީ ހެޔޮވިސްނޭ މީހުންނަށްވާނެ.
ދެން އަޅުގަނޑު މިރޭ މިހުރިހާ ވާހަކައިގެ އިތުރުން ތިޔަބޭފުޅުންނަށް ދަންނަވަން އައި ވާހަކައަކީ، އިރާދަކުރެއްވިއްޔާ ބަނދަރު މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ހަދައިދޭނަމޭ އިނގޭތޯ. އިރާދަކުރެއްވިއްޔާ، ފެނާއި ނަރުދަމާގެ ކަންތައް އަޅުގަނޑުމެން ކޮށްދޭނަން. އިންޖީނުގެއާ އަޅުގަނޑުމެން ޙަވާލުވާނަމޭ. މި މަދަރުސާގައި ކިޔެވޭގޮތެއް އަޅުގަނޑުމެން ހަދައިދޭނަމޭ. އަދި ގޮތެއްފޮތެއް ނެތިގެން، އަޅުގަނޑު މިރޭ ވަރަށް ރުޅިއަތުވެއްޖެ. ދިޔަދޫން މިރަށަށް މީހުން ގެންނަން ރާވާފައި އޮތްއިރު، އަޅުގަނޑު ހީކުރީ މީހަކު ވިސްނާލަންޖެހޭނެ ނޫންތޯ. އެ އަންނަ މީހުންވެސް ކަރަންޓް ބޭނުންކުރާނެ. އެ އަންނަ މީހުންގެ ދަރިންވެސް ތިބޭނީ މިތާ. އެމީހުންވެސް ވައްދަން ޖެހޭނެ. ނަޞީބެއް ނޫންތޯ މިރަށުގައި ބިންކޮޅެއް އޮތްކަން، ގެނައުމުގެ ކުރީގައި. މިރަށް ހައިޖާނެއްގެ ތެރެއަށް ވެއްދުން ނޫން ކަމެއް ނުވާނެ. އެހެންވީމާ، ދިޔަދޫން މީހުންނަށް އާދެވޭނީ، މިތަން ތައްޔާރުވީމާ. އެހެން ނޫނިއްޔަކާ ނާދެވޭނެ. އެހެން ނޫނަސް އަޅުގަނޑެއް ނޫޅެން މި ރަށް ޚަރާބު ކޮށްލާކަށް. މިހާރު މިއޮތްވަރުގައި އަޅުގަނޑު ބޭނުން އެންމެ ކުޑަމިނުން ބާއްވަން. ދިޔަދޫއިން މިރަށަށް ގެދޮރު އަޅާ ނިމުނަސްވެސް އާދެވޭނީ މަދަރުސާގައިވެސް ޖާގަ ހުރީމަ. އިންޖީނުގޭގައިވެސް ޖާގަ ހުރީމާ. ނަރުދަމާގައިވެސް ޖާގަ އޮތީމާ. ބަނދަރުގައިވެސް ޖާގަ އޮތީމަ. އަދި ދަނޑުތަކުގައިވެސް ޖާގަ އޮތީމާ. މަސްއޮޑިފަހަރުގައިވެސް ޖާގަ އޮތީމާ. އެހެން ނޫނިއްޔަކާއެއް އަޅުގަނޑުމެންނަކަށް ދުރު ވިސްނުމަކުން ބޮޑު މަންޒަރަކުން ބަލައިގެންނެއް ތަރައްޤީއެއް ނުކުރެވޭނެ. އިންތިޚާބާ ގާތްވީމާ ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވަނީ، މާދަމާ ދިޔަދޫ މީހުން މިތަނަށް އަންނާށޭ އަޅުގަނޑު ބުނެފައި، އެމީހުން އަވަހަށް މިތަނަށް ގެންނަން. އެ ވޯޓުކޮޅު ހޯދަން. އެހެނެއް އަޅުގަނޑުމެންގެ ރާއްޖެއެއް ތަރައްޤީއެއް ނުވާނެ. އެއީކީއެއް ނޫން. ރައްޔިތުންނަށް އޮޅުވައެއްނުލެވޭނެ. ތިޔަބޭފުޅުންނަށް ދަޅައެއް ނުދެއްކޭނެ. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުން އެއަށްވުރެ، އަޅުގަނޑު އެދެނީ ހަމަގައިމުވެސް ތިޔަބޭފުޅުންނަކީ ބުއްދިވެރި ބަޔަކަށްވުމަށް. ވިސްނުންތެރި ބަޔަކަށްވުމަށް. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންނަކީ ވިސްނުންތެރި ބައެއްކަން.

ދެން އަދި ހަމަ ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑު ވަރަށް އުފަލުން މިހުރީ މިރޭ. އެއްގޮތަކަށްވެސް ދެރަވެފައެއް ނޫން. ހަމަ ކުޑަކޮށްވެސް. ތިޔަބޭފުޅުންވެސް އެއްގޮތަކަށްވެސް ހިތްބަރު ކުރައްވައިގެން ނުވާނެ. އަޅުގަނޑެއް ހަމަގައިމުވެސް ހިތްބަރުކުރާނީކީއެއް ނޫން. އަޅުގަނޑު އަދި ގެމަނަފުށްޓަށް ލަސްތަކެއްނުވެ އަންނާނަން. އެ އަންނައިރު އަޅުގަނޑު އުންމީދު ކުރަނީ، ޖަނަރޭޓަރާއި ހަމަގައިމުވެސް އިރާދަކުރެއްވިއްޔާ، އާ އިންޖީނުގެ މިތަނުގައި އުފައްދައި، ސަރުކާރުގެ އިންޖީނުގެ ހުޅުވުމަށް އަޅުގަނޑު ނުވަތަ އަސްލަމް ކޮންމެވެސް އެއްބޭފުޅަކު، އަދި މިތާ އެބަތިއްބެވި ވަރަށްގިނަ އެހެން ވަޒީރުންވެސް އިނގޭތޯ. އެހެންނަމަވެސް، އަޅުގަނޑުމެން ކޮންމެވެސް އެކަކު މިތަނަށް އަންނާނަން. އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މިއުންމީދުކުރާ އަނެއް ދިވެހިރާއްޖެ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ހޯދައިދެވޭނެ. އަޅުގަނޑު ހަމަ ވަރަށްވޭ ފްލެޓް ދޮންބެއަށްވާހިތް. އެމީހާއަށް އަޅުގަނޑު ވާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑު އަޑުއަހަމުންދިޔައިރުގައި އެއީ ވަރަށް ފައްކާ ނަމެއް. އަޅުގަނޑު ވިސްނާލިއިރުގައި އެއީކީއެއް ގޯސް ނަމެއް ނޫން އެއްގޮތަކަށްވެސް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ ވަނަންވެސް އަޅުގަނޑު ލިބިގަންނަން ބޭނުން. ދެން އެކަމަކު ކޮންމެވެސް މިންވަރަކަށްތާ ދޮއެއްތޯ. ހިތުހުރި މިންވަރަކަށެއް ނުލިބޭނެ. އަޅުގަނޑުވެސް ބޭނުންހާ އެއްޗެއް އެކުދިންނެއް ނުގޮވާނެ އަޅުގަނޑު ބުނާއިރަކަށް.

އަޅުގަނޑުގެ އުންމީދަކީ، މިރަށާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މާދަމައަކީ މިއަދަށްވުރެ ފާގަތި ދުވަހަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްކެވުން.

والحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ! والســّلام عليــكم.