بســم اللّـه الرّحمـن الرّحيــم


މާމެންދޫގެ އެކުވެރި ލޮބުވެތި ރައްޔިތުން:

السّـلام عليـكم

ތިޔަބޭފުޅުންނާ މިއަދު ބައްދަލުކުރަން ލިބޭއިރުގައި ވަރަށް ހަވީރުވެސް ވެއްޖެ. ވިލާވެސް ބޯވެއްޖެ. އަޅުގަނޑު ހަނދާންވަނީ މީގެ ހައެއްކަ މަސްދުވަސް ކުރީގައި އަޅުގަނޑު މިރަށަށް އައިން. އެދުވަހު ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ހުށަހެޅިން، އެމް.ޑީ.ޕީ.ގެ ސަރުކާރެއް ހިނގަމުންދާއިރުގައި ކަންތައްތައް ހިނގާނެ ގޮތުގެ ތަޞައްވުރެއް. ކަންތައްތައް ހިނގާނެ ގޮތުގެ ވިސްނުމެއް. އަޅުގަނޑުމެން ހުށަހެޅިން މަންޒަރެއް. އަޅުގަނޑުމެން ދެންނެވިން، މިއީ، އަޅުގަނޑުމެންގެ މެނިފެސްޓޯއޭ. އެމް.ޑީ.ޕީ. ސަރުކާރު ހިނގަމުންދާއިރުގައި ކަންކަން ހިނގަމުންދާނީ މީގައި އަޅުގަނޑުމެން މިހުށަހަޅާ ގޮތަށޭ. މާތްރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑުމެންނަށް މިއަދު މިވަނީ ސަރުކާރު ހިންގުމާ ޙަވާލުވެފައި. މިއަދު އަޅުގަނޑަށް އުފަލާއެކުގައި ތިޔަބޭފުޅުންނަށް ދަންނަވާލެވިދާނެ. އެ ސިޔާސަތު ހިންގަމުންދާއިރުގައި މާމެންދުއަށްވާނީ ކިހިނެއްހޭ. މާމެންދުއަށް އޮތީ ކޮންކަމެއްހެއްޔޭ؟ ޙަޤީޤަތުގައި ކުރާންވީ ސުވާލަކީ ތިމަންނާއަށް އޮތީ ކޮންގޮތެއްހެއްޔޭ؟ ތިމަންނާގެ ޢާއިލާއަށް، ތިމަންނާގެ ރަށަށްވާނީ ކިހިނެއްހޭ؟

އަޅުގަނޑުމެން ފާހަގަކުރީ، ބޭނުމެއްނެތޭ ރާއްޖޭގެ ރައްޔިތުންނަކީ ބިކަހާލުގައި ޖެހި، ހާސްކަންމަތީގައި ދިރިއުޅޭ ބަޔަކަށްވާކަށް. ރައްޔިތުންނަކީ ބޭސް ސިޓީއަށް ސަލާންޖަހައި، ފޮތް ލިސްޓަށް އާދޭސްކޮށް، ބޯހިޔާވަހިކަމެއްނެތި އުޅޭ ބަޔަކަށްވާކަށް އަޅުގަނޑުމެން ބޭނުމެއް ނޫނޭ. ބޭނުމީ ކޮންމެ ރައްޔިތަކީވެސް އެ ރައްޔިތުގެ އަމިއްލަ ދެފައިމައްޗަށް ތެދުވެ ހުރެ، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ މީހެކޭ، ތިމަންނާއޭ ތިމަންނާގެ ޙަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިން ބަލަހައްޓަނީ. ތިމަންނާއަކީ ޝަޚްޞިއްޔަތެކޭ، ރައްޔިތެކޭ، އެހެން ބުނެވޭ ދިވެހި ރައްޔިތުން އުފައްދާށޭ. އަޅުގަނޑުމެންގެ ވިސްނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިއަދު ތިޔަބޭފުޅުންގެ ޖީބަށް ވަންނަ އެތި މާދަމާ އިތުރުކޮށްދިނުން. މިންވަރު ގިނަކުރުން. އަޅުގަނޑުމެން ފާހަގަކުރިން. ދިވެހި ރައްޔިތުންނަށް ޙައްޤީ މިއަދު މި ޙައްޤު އަޅުގަނޑުމެންނަށް ލިބިދޭ މިންވަރެއް ނޫނޭ. ރާއްޖޭގެ ރައްޔިތުންނަކީ މިއަށްވުރެ މާ ތަނަވަސްކަމުގައި ދިރިއުޅެވެން އޮތް ބައެކޭ. ދިވެހިރާއްޖެއަކީ ޤުދްރަތީ ވަސީލަތްތައް ގިނަ މުއްސަނދި ޤައުމެކޭ. މިކަންކަން އަޅުގަނޑުމެންނަށް ވާންޖެހޭނެއޭ.

މިހާރު އަޅުގަނޑަށްވެސް އެނގޭ ހަމަސްދުވަސް ވެއްޖެ ސަރުކާރު ބަދަލުވިތާ. އަޅުގަނޑުމެން ސަރުކާރު ހިންގަން ފެށިތާ. ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ބުނުއްވަފާނެ ކީއްހޭވީ. އެއްވެސް ކަމެއް ނުވެއޭ. ހެލްތް ސެންޓަރަކުވެސް ވަކި އިތުރު ކަމެއްވީކީނޫނޭ. ބަނދަރަށްވެސް އިތުރު ގޮތެއް ހެދުނީކީއެއްނޫނޭ. ބޯހިޔާވަހިކަމެއްވެސް ލިބުނީކީ ނޫނޭ. ބޭސް ފިހާރަ ހުޅުވުނީކީއެއްވެސް ނޫނޭ. ފެނާއި ނަރުދަމާ ޤާއިމު ކުރެވުނީކީއެއްވެސް ނޫނޭ. ހަމަވީ އެއްވެސް ކަމެއް ނެތޭ. ތެދުފުޅެއް. އަޅުގަނޑަށްވެސް ތިޔަބޭފުޅުންގެ ލޮލުގައި އިންތިޚާބަށްޓަކައި އަނދުނެއް އަޅުވާލަން އަޅުގަނޑުގެ ދެޅިޔަނަކާއި ދެބޭބެއިން މިރަށް ފޮނުވައި، ކުޑަކުޑަކޮށް ތަންތަނުގައި ނަންބޯޑު ހަރުކޮށްލައި، ތިޔަބޭފުޅުންނަށް ފައިސާކޮޅު ބަހައި ހެދިދާނެ. އެހެންނަމަވެސް، އެއީ އަޅުގަނޑުމެން މިއެދޭ ދެމެހެއްޓެނިވި ތަރައްޤީ މިރާއްޖެއަށް ލިބޭނެގޮތެއް ނޫން. އަޅުގަނޑުމެން ކުރާ ކަމެއް ކުރަން މިބޭނުންވަނީ ދިގުދެމިގެންވާ ގޮތުގައި އެކަމެއް ވޭވޭ ހުންނާނެ އުޞޫލަކުން. ދިގުދެމިގެންދާ ގޮތެއްގައި. ވަގުތީ ކަމެއްގެ ގޮތުގައި ނޫން ގޮތަކަށް ކަމެއް ހަރުލުމަށްޓަކައި ކަމެއް ކުރަންވީމާ ކުރަން މިޖެހެނީ ސީދާ އެބޭނުންވާ ކަންތަކެއް ނޫން. އެހެން ކަމެއް. އެ އަނެއް ކަންތައްކޮށް، އެކަންތައް ވަމުން ވަމުން އައިސް، އަޅުގަނޑުމެން ބޭނުންވާ ކަންތައްވީމާ، ދެން އެބޭނުންވާ ކަންތައް ވޭވެ ހުންނާނީ ދެމެހެއްޓެނިވި ގޮތުގައި، ތަރުތީބުން. އެއީ ކަމެއް ރަނގަޅު ކުރުމުގައި، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ވަރަށް ބޭނުންތެރި ކަމެއް. ވަރަށް މުހިންމު ކަމެއް. ރަނގަޅަށް ބަލައިގެން، ވިސްނައިގެން، ޙިކްމަތްތެރިކަމާއެކީގައި ނޫނިއްޔާ، ކެތްތެރިކަމާއެކީ ނޫނީ ކަންތައް ކުރީމާ، އަޅުގަނޑުމެންނަށް ފެނުނީ މިދިޔަ ދިގު ތިރީސް އަހަރު މިރާއްޖެއަށް ވެފައި މިއޮތް ގޮތް. މިއީ، މިރާއްޖެ އޮންނަންވީ ގޮތެއް ނޫން. މިއީ، މި ރާއްޖޭގެ ރައްޔިތުން މި ރާއްޖެއަށް މިދިޔަ ދިގު ތިރީސް އަހަރު ކުރި ޚަރަދަށް ބަލާއިރުވެސް މިރާއްޖެ އޮންނަންވީ ގޮތެއް ނޫން. ޙަޤީޤަތުގައި މިގޮތަށް އޮތުމުގެ އެންމެބޮޑު އެއްސަބަބަކީ، ރޭވުންތެރިކަމެއްނެތި ބޮޑު މަންޒަރަށް ނުބަލައި، ވަގުތީ ފައިދާއަށް، ކުރު މުއްދަތުގެ ކަންކަން އަބަދުވެސް ކުރަމުން ގެންދިޔައީތީ.

އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި ތިޔަބޭފުޅުންނަށް ކޮށްދިނުމަށް ހުށަހަޅަނީ، މުހިންމު ކަމަށް އަޅުގަނޑުމެން މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ތިޔަބޭފުޅުންގެ އަޑުއެހިއިރުގައި އިވުނު އަޑުތައް. ކުރެވުނު އިޙްސާސް. ތިޔަބޭފުޅުންގެ ވިންދުގެ ގޮތުގައި އަޅުގަނޑުމެންގެ ހިތުގައި ޖެހި ވިންދު. އެއީ އަޅުގަނޑުމެން މިއަދު ކޮށްދެވޭތޯ މިކުރާ މަސައްކަތަކީ. މިސާލަކަށް، އަޅުގަނޑުމެންނަށް އެނގޭ، މިރަށު ބަނދަރު މަރާމާތުކުރަންވާކަން. އާ ބަނދަރު ހަދަންޖެހޭކަން. އަޅުގަނޑުމެންނަށް އެނގޭ، މިފަހަރުގެ ބަޖެޓުގައި މިރަށުގެ ބަނދަރު ހެދުމަށް ހިމެނިފައިނުވާކަން. އެހެންނަމަވެސް، އަޅުގަނޑުމެން ބޭނުން މިރަށުގެ ބަނދަރު ހަދަން. އެހެންވީމާ، މިހާރު ސަރުކާރުން ގަސްދުކުރާ ގޮތަކީ، ބަނދަރު ހެދުން އެއީ، ޕީ.އެސް.އައި.ޕީ.ގައި ޖަހައިގެން، ބަޖެޓުގައި ޖަހައިގެން ކުރާ ކަމެއްގެ ގޮތުގައި އެކަން ކުރުމުގެ ބަދަލުގައި، ސަރުކާރު މި ޙިއްޞާވަނީ ބައިނަލްއަޤްވާމީ ކުންފުންޏަކާ. އެއީ ބަނދަރު ހަދާ ކުންފުންޏެއް. އެ ކުންފުނީގައި މިއެދެނީ، މިވެނި ޢަދަދަކަށް ބަނދަރު ހަދައިދިނުމަށް. ސަރުކާރުން ދިގު މުއްދަތުގައި އެކުންފުންޏަށް އެފައިސާ ދައްކައި ޚަލާޞް ކުރާނީއޭ. މިހާރުނަމަ، ބަނދަރެއް ހަދަންވީމާ، ސަރުކާރަށް މިޖެހެނީ ސާޅީސް މިލިއަން ރުފިޔާ އެއްފަހަރާ ސަރުކާރުގެ ބަޖެޓުގައި ޖަހަން. އެއްފަހަރާ އެފައިސާ ހޯދަން. އޭގެ ބަދަލުގައި އަޅުގަނޑުމެން މިބުނަނީ ދޭނަމޭ ސާޅީސް ބަނދަރު ހަދަން. އަދި މިއިން ކޮންމެ ބަނދަރަކަށް ސާޅީސް މިލިއަން ރުފިޔާދެއޭ. އަޅުގަނޑުމެންނަށް އެފައިސާ އަނބުރާ ދެއްކޭނީ ސާޅީސް އަހަރުންނޭ. މި ދިގު މުއްދަތަށް ދެމިގެންވާގޮތަށް ބަނދަރުގެ މަސައްކަތް ކުންފުނިތަކާ ޙަވާލުކޮށްގެން އަޅުގަނޑުމެންނަށް ކުރެވެން އެބައޮތް. އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް މިއަހަރުގެ ތެރޭގައި މާމެންދޫގެ ބަނދަރު ތިޔަބޭފުޅުންނަށް ހަދައިދެވޭނެއޭ. އެއީއޭ އަޅުގަނޑުމެންގެ އަމާޒަކީ.

ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް އެއީ އަސާސީ ޚިދްމަތެއް. އެއީ އަސާސީ ޚިދްމަތެއްގެ ގޮތުގައި އަޅުގަނޑުމެން ދެކޭތީވެ، އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގައި ރައްޔިތުންގެ ޙައްޤެއްގެ ގޮތުގައި، އަސާސީ ޙައްޤެއްގެ ގޮތުގައި އެމާއްދާ ހިމެނުމަށް އަޅުގަނޑުމެން ވަކާލާތު ކުރީ. މި ސަރުކާރަށް ފެންނަ ފެނުމުގައި، ރާއްޖޭގެ މައިބަދައަކަށްވާން ޖެހޭނީ، ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުމަށް އަޅާލެވިފައި ހުންނަ ނަރުތައް، ހޮޅިތައް. އެ ނަރުތަކާއި ހޮޅިތައް މެދުވެރިކޮށްގެން ނޫނީ، ރާއްޖެއަށް ޙަޤީޤަތުގައި އެއްވެސް ތަރައްޤީއެއް ގެނެވެން އޮތް ކަމަކަށް އަޅުގަނޑުމެންނަކަށެއް ނުފެނޭ. ކަރަންޓަކީ އިޤްތިޞާދީ ޙަރަކާތަށް އެންމެ މުހިންމު އެއް ވަސީލަތް. ކަރަންޓްގެ ޚަރަދު، ކަރަންޓްގެ އަގު މިހާރު މިހުރި ހިސާބުގައި ހުރެ، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް އަމިއްލަ ފަރާތްތަކަށް ހިންގަން ވަރަށް އުނދަގޫވާނެ. އިސްތިރި ކުރުމާއި، ދޮވުމާއި، ޓީ.ވީ ބެލުމާއި، އައިސް އަލަމާރި ދޫކޮށްފައިވެސް. އަޅުގަނޑުމެން ބޭނުން ތަނަވަސް ދިރިއުޅުމެއް ރައްޔިތުންނަށް ލިބެން. އަޅުގަނޑުމެންގެ ނަޒަރުގައި މިހާރު މި ކަރަންޓްގެ ޚިދްމަތް ދެމުން އަންނަ ގޮތަކަށް މިކަމެއް ކޮށްގެނެއް ދެކޮޅުޖެހޭނެ ގޮތެއް ނުފެންނާނެ. އެހެންވީމާ، ސަރުކާރުން އުފެއްދީ، ޔުޓިލިޓީ ކުންފުނިތަކުގެ ނަމުގައި 7 ޔުޓިލިޓީ ކުންފުނި. ހުވަދުއަތޮޅުގައިވެސް އޮންނާނީ މިދެއަތޮޅުވާގޮތަށް، ހުވަދޫ ދެބުރިވާގޮތަށް އެއްކުންފުނި އުފައްދާފައި.

ސަރުކާރުން ވާހަކަ ދައްކަމުން މިއަންނަނީ، މިއަތޮޅުގައި ތަރައްޤީކުރާ 6 ރިޒޯޓުގައި ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުން އެކުންފުންޏާ ޙަވާލުކުރާނީ. މި މެއި މަހު 1 ވަނަ ދުވަހު އެކުންފުންޏާ ވަނީ ސްޓެލްކޯގެ ހުރިހާ އިންޖީނުގެތަކެއް ޙަވާލުކޮށްފައި. ދެން ބާކީހުރި ކުދި ރަށްރަށުގެ މާމެންދޫގެވެސް މިހުރި އިންޖީނުގެ، އެކުންފުންޏާ ޙަވާލުވުމަށް އެ ކުންފުނިން ކުރިއަށް މިއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ތިޔަބޭފުޅުންނާ ވާހަކަ ދައްކައި ގޮތެއް ނިންމޭތޯ ބަލާނެ. ތިޔަބޭފުޅުންނާ ވާހަކަ ދައްކައިގެން ނޫނީ، ތިޔަބޭފުޅުންގެ މުދަލެއް މިކުންފުނީގެ މައްޗަށް ބަދަލުކުރެވޭކަށެއް ނޯންނާނެ. އެހެންވީމާ، އެމަސައްކަތް ވަރަށް އަވަހަށް މިކުންފުނިން ހިންގަން ފަށާނެ. ހުރިހާ އިންޖީނުގެތަކެއް އެކުންފުނީގެ ދަށަށް ދިޔައީމާ، ދެން ބައިނަލްއަޤްވާމީ ކުންފުނިތަކަށް، މި ކުންފުނީގެ ފައިދާ ނުވަތަ ވިޔަފާރީގެ ގޮތުން އެކަން ކުރުމުގެ ފައިދާ ފެނިގެންދޭ. ޚާއްޞަ ގޮތެއްގައި ރިޒޯޓްތަކުގެ އިންޖީނުގެތައް އޭގެތެރޭގައި، ފެނުގެ ޚިދްމަތާއި ނަރުދަމާގެ ޚިދްމަތް މީގެތެރޭގައި ހިމެނުމަށް. މިއުޞޫލުން މިކަން ކޮށްފައި ސަރުކާރުން އިޢްލާނު ކުރަނީ، މި އުޞޫލުން މިކަން ކުރުމަށް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކުގެ ޝައުޤުވެރިކަން ދިވެހި ސަރުކާރަށް ހާމަކުރާށޭ. އަޅުގަނޑުމެން އެހެން އިޢްލާނު ކުރީމާ 14 ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނި އެޚިދްމަތް ދިނުމަށްވަނީ ޝައުޤުވެރިކަން ހާމަކޮށްފައި. އެހެންވީމާ، އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ޔަޤީން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ތިޔަބޭފުޅުންނަށް ފެނާއި ނަރުދަމާއާއި އަދި ކަރަންޓްގެ ކަންތައް ބަރާބަރަށް ފުރިހަމަވާނޭ އިންތިޒާމެއް ސަރުކާރުން ހަމަޖައްސައިދޭނެ.

އަޅުގަނޑުމެންގެ އަނެއް މުހިންމު ވަޢުދަކީ، ބޯހިޔާވަހިކަން. އަޅުގަނޑުމެން ވަޢުދުވަމުން މިއައީ، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ގޯތިގެދޮރު، ގެދޮރު ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދޭނަމޭ. ސަރުކާރުން ނިންމީ ދިހަހާސް ގެ މިއަހަރުގެ ތެރޭގައި އަޅަން ފެށުމަށް. ރާއްޖޭގެ އެކިކަންކޮޅުތަކުގައި. އޭގެތެރެއިން މިރަށުގައި ފަށާއިރު 50 ގެ އެޅޭނެ. އެހެންވީމާ، ތިޔަބޭފުޅުންނަށް އެގޭގެ ޚިދްމަތް އަޅުގަނޑުމެން މިދެކެނީ، މިއަންނަ އަހަރު ލިބެން ފަށާނެ ކަމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެފުރްޞަތު މިރަށު ރައްޔިތުންނަށް މިއަހަރުގެ ތެރޭގައި ހުޅުވާލެވިގެންދާނެ. އެމަސައްކަތްވެސް އަޅުގަނޑުމެން މިކުރަނީ، ހަމަ މިދަންނަވާ އުޞޫލުން. އެއީ، ސަރުކާރުން އިޢްލާނު ކުރީ، އެއްހާސް، ދިހަހާސް ގެ އެޅުމާ ގުޅިފައި އޮތީ، އެއްހާސް ބޮޑެތި ތިރީސްހާސް އަކަފޫޓްގެ ބިން ބޭރު މީހުންނަށް ދިގު މުއްދަތަށް ކުއްޔަށް ދިނުމާ. މިދަންނަވާ ދިހަހާސް ބިމުގެ ބޭނުމުގައި، އެ އެއްހާސް ބިމުގެ ބޭނުމުގައި ދިހަހާސް ގެ އަޅައިދޭން 7 ކުންފުންޏަކުން ބައިނަލްއަޤްވާމީ ބޮޑެތި ނަންހުރި ކުންފުނިން ޝައުޤުވެރިކަން ހާމަކޮށްފައި އެބަވޭ. އެހެންވީމާ، އަޅުގަނޑަށް ޔަޤީން، އިރާދަކުރެއްވިއްޔާ، މިމަސައްކަތްވެސް މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭނެ. އަޅުގަނޑުމެން މިބުނާ މަގަށް ތިޔަބޭފުޅުންނަށް ގޯތިގެދޮރު އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ އިރާދަކުރެއްވިއްޔާ.

ސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއް އެއީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން މި ރާއްޖޭގެ ރަށްތައް ޚާއްޞަކޮށް މި ހުވަދުއަތޮޅުގެ ރަށްތައް އެއީ، ލާމެހި ގުޅިފައިވާ ރަށްތަކަކަށް ހެދުން. ސަރުކާރުން ބޭނުންވަނީ، މާމެންދޫ ރައްޔިތުންނަށްވެސް ކޮންމެ ދުވަހަކުވެސް މިރަށުން ފުރައިގެން ވިލިނގިއްޔަށްވެސް، ކޮލަމާފުށްޓަށްވެސް އަދި ތިނަދުއަށްވެސް، ކާޑެއްދުއަށްވެސް އަދި ކައިރީގައި ޖެހިގެން މިއޮންނަ ރަށްރަށަށްވެސް ގޮސްފައި، އަދި މިއަދު ހަމަ އާދެވެން ޖެހޭނެ. އެ ދަތުރުފަތުރު ކުރުމުގެ ނިޒާމު ރާއްޖޭގައި ޤާއިމު ކުރުމަށްވެސް ސަރުކާރުންވަނީ އިޢްލާނު ކޮށްފައި. އެ އިޢްލާނަށްވެސްވަނީ އެތައް ބައެއް، އަޅުގަނޑު ހަނދާންވަނީ 6 ފަރާތަކުން އެ އިޢްލާނަށްވެސްވަނީ ޝައުޤުވެރިކަން ހާމަކޮށްފައޭ. އެ އިޢްލާނާވެސް ހަމަ ގުޅިފައިވަނީ ޓަރމިނަލް ނުވަތަ ބަނދަރު ހެދިފައި ހުންނަ ކޮންމެ ތަނެއްގައި ގެސްޓް ހައުސް ހިންގުމުގެ ފުރްޞަތު އެކުންފުންޏަށް ދިނީމާ، އޭގެ ބޭނުމުގައި، އެ ކުންފުންޏަށް ފެނެއޭ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުން އެއީ، ވިޔަފާރީގެ ގޮތުން އެމީހުންނަށް ފައިދާ ކުރެވިދާނެ ކަމެއް ކަމަށް. ސަރުކާރުން މިބުނަނީ، ވިހި ފަންސަވީސް ރުފިޔާއަށްވުރެ މީގެ ޓިކެޓްގެ ޚަރަދު ބޮޑުވެގެން ނުވާނެއޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ދަންނަވާނީ ހަމަ މިއަހަރުގެ ތެރޭގައި މީގެވެސް ޢަމަލީ މަސައްކަތް ފެށިގެންދާނެއޭ.

އަޅުގަނޑުމެން ކުރާންހުރި މަސައްކަތް އަދި ކުރުމަށް ވިސްނައި ރާވަމުން ގެންދާ މަސައްކަތް ގިނަ. ހަމައެއާއެކީގައި އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މިއިން އެއްވެސް ކަމެއް އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގެ ރޫޙަށާއި އަދި މި ސަރުކާރު ބޭނުންވާ ގޮތަށް ބަލާއިރުގައި، މިއިން އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށެއް ކުރެވޭކަށެއް ނެތް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށްގެން ނޫނިއްޔަކާއެއް. މަޖިލީހުގެ ރުހުން އެބަ އަޅުގަނޑުމެން ބޭނުންވޭ. އަޅުގަނޑު ވަރަށް ބޮޑަށް ގޮނޑިތައް ބޭނުން. އަޅުގަނޑު ބޭނުމެއް ނޫން، ގޮނޑިއެއް ހޯދުމުގެ ނަމުގައި ތިޔަބޭފުޅުންނަށް ދޮގު ވާހަކައެއް ދައްކާކަށް. އަދި ދަޅައެއް ދައްކާކަށް، އަނދުނެއް އަޅުވާކަށް އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑު ވަރަށް ސާފު ބަހުން މިދަންނަވަނީ، މި ސަރުކާރަށް، މި ސަރުކާރުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، މަޖިލީހުގެ އަޣްލަބިއްޔަތެއް ވަރަށް ބޮޑަށް ބޭނުމޭ. ބޭނުންވާ ސަބަބު އަޅުގަނޑު ދަންނަވާނަން. މިދިޔަ ވިއްސަކަށް އަހަރަށްވުރެ ގިނަދުވަހު ތާއަބަދު އަޅުގަނޑުމެން އެންމެންމެ ކިޔަމުން އައީ، ރާއްޖެ ތަރައްޤީ ކުރެވޭނީ، ލާމަރްކަޒީ އުޞޫލުން ވެރިކަން ހިންގީމައޭ. އިދާރީ ހިންގުން ރޭވީމައޭ. ލާމަރްކަޒީ އުޞޫލުން ހިންގާ ވާހަކަ ވިހިވިހީގެ ތަޞައްވުރުގައިވެސް ލިޔެފައި އޮތީ. އަދި ފަހުން އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައިވެސް ދިގުކޮށް ލިޔެވިފައި އޮތީ ހަމަ އެވާހަކަ. އެންމެންމެ ހިތުގެ އަޑިން ގަބޫލުކޮށްގެން މިތިބެނީވެސް އެވާހަކަ. އެހެން ނަމަވެސް، ކިހިނެއްތޯވީ. އަޅުގަނޑުމެން އެބިލް މަޖިލިހަށް ހުށަހަޅައި ޤާނޫނަކަށް ހަދަން ހުށަހެޅީމާ، ނަގައިގަތް ސަރުކާރުގެ ބޭފުޅުން އެއަކަށް ވޯޓެއް ނުދެއްވި. ކިރިޔާ އަޅުގަނޑުމެންނަށް އެ ބިލް މަޖިލީހަށް ވެއްދުނީ. އަޅުގަނޑުމެން މިއަދު ގަބޫލުކުރަންވީތޯ މިދިޔަ ދިގު ތިރީސް އަހަރު އެއްވެސް ޤާނޫނެއް ހެދިޔަނުދީ، އަދި އިޞްލާޙީ އެއްވެސް ޤާނޫނެއް ހެދިޔަނުދީ، އިޞްލާޙީ ޤާނޫނެއް ހަދަން އުޅުނު ބަޔަކަށްވެސް ގެއްލުމާއި ހުރަސް އެޅުން ނޫން ކަމެއް ނުކުރި ބައެއް ދެން މިހާރު އަނެއްކާ މާދަމާ އަޅުގަނޑުމެންގެ އިޞްލާޙީ ޤާނޫނުތައް ހަދަން ނުކުންނާނެ ކަމަށް. އަޅުގަނޑަށް ގަބޫލުކުރަން ވަރަށްދަތި.

އަޅުގަނޑު ދަންނަ މީހެއް ރިޔާޒް އެއީ. ވަރަށް ރަނގަޅަށް އަޅުގަނޑު ދަންނަ މީހެއް. އަޅުގަނޑުމެންގެ މިމަސައްކަތް އެންމެ ފުރަތަމަ ދުވަހު ކުރަން ފެށީއްސުރެ ފަށައިގެން، ސާބިތުކަންމަތީގައި ނުގުޑާ އެ ކުޑަ ގުޑުމެއްވެސް އޭނާއަށް ނައިސް މިމަސައްކަތުގައި ދެމިހުރި މީހެއް. ޙަޤީޤަތުގައި ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައިވެސް ނޯވެދާނެ. ހުވަދުއަތޮޅު ދަރިއެއް، ދިވެހިރާއްޖޭގެ ތާރީޚު ބަދަލުކުރަން އެހާ މަސައްކަތް ކޮށްފައިވާކަމަށް. ތިޔަބޭފުޅުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޔައުމިއްޔާއާއި ދިވެހި ތާރީޚު ފަހުން ލިޔާއިރުގައި ލިޔާނެ، އެމަޖިލިސް ބަދަލުވެގެންދިޔައީ، އެ މަޖިލީހުގައި އެއްދުވަހަކު ކުރެވުނު ބަޙުޘެއްގައި އޭރުގައި ދ.އަތޮޅުގެ ޢިއްޒަތްތެރި މެންބަރުގެ ގޮތުގައި އިންނެވި ބޭފުޅަކު ވަރަށް އަޑުހަރުކޮށް ދެއްކި ވާހަކައެއްގެ ސަބަބުންނޭ. މުޅި މަޖިލިސް އެނބުރިގެން ދިޔައީ، ރިޔާޒާއި، ޝަފީޤާއި، އަޅުގަނޑު ހަމަ އުފަލާއެކީ ފާހަގަކުރާނަން، ޢަދުނާނާއި ރީކޯ މޫސާއާއި، އަދިވެސް ކިތަންމެ ކިތަންމެ މެންބަރުންނެއް އެބަތިބި، މި ރާއްޖޭގެ ބަރުލަމާނީ ތާރީޚުގައި އެމީހުންގެ ނަން ރަން އަކުރުން ފެވިގެންދާނެ. މިއަދު އަޅުގަނޑަށް ތިޔަބޭފުޅުން ވޯޓު ދެއްވާފައި، އެހެން ބޭފުޅަކު އަޅުގަނޑު ކައިރިއަށް މާމެންދޫގެ ތަރައްޤީގެ ވާހަކަ ދައްކަން ފޮނުވީމާ، އަޅުގަނޑު ފުރަތަމަ ހިތަށްއަރާނީ، މީނަގެ ބޭންކް އެކައުންޓަށް ކިހާވަރެއްބާއޭ ލާންވެގެން މިއުޅެނީ. ރިޔާޒް އައިމަކާ އަޅުގަނޑު ހިތަކަށް ނާރާނެ. މިދިޔަ ހަމަސްދުވަސް އޭނައަށް ކޮންމެ ދުވަހަކު އަޅުގަނޑާ ގުޅޭނެ. އޭނަ އަޅުގަނޑާ ގުޅާ. ދުވަހަކުވެސް ލޯ ލާރިއެއްގެ ވާހަކަވެސް އޭނަ ދައްކާފައެއް ނޯންނާނެ. އޭނަ އަޅުގަނޑަށް އުނދަގޫކުރޭ، މާމެންދޫގެ ބަނދަރު ޕީ.އެސް.ޕީ.އައި.ގައި ނުހިމަނައިގެން. އޭނާ އަޅުގަނޑަށް އުނދަގޫކުރޭ މިތާ ދަނޑުވެރިކަން ކުރާ ސަރަޙައްދަށް ކަރަންޓް ފޯރުކޮށްނުދީގެން. އޭނާ އުނދަގޫކުރޭ އަޅުގަނޑަށް މިތަނުގެ ޖަނަރޭޓަރުތައް މަރާމާތު ނުވެގެން. އަޅުގަނޑަށް އެނގޭ އޭނާ އައީމާ، އެ އަންނަނީ އިޚްލާޞްތެރިކަމާއެކީގައިކަން.


އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ބިންވަޅު ނަގާފައިވާނެ އެއް ޙަޤީޤަތަކީ، މިރާއްޖެއަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީވެސް ތިޔަބޭފުޅުންގެ ފައިސާއޭ. އަޅުގަނޑުމެންނަކަށެއް ނެތޭ އެއަށް ޚިޔާނާތްތެރިވެވޭކަށް. ސަރުކާރާ އަޅުގަނޑާ ތިޔަބޭފުޅުން އެފައިސާ ޙަވާލުކޮށްފައި އެވަނީ، އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކީގައި، ހަމަހަމަކަމާއެކީގައި އެފައިސާ ޚަރަދު ކުރުމަށޭ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، މި ސަރުކާރުގައި ވަޒީރެއްވިޔަސް، އަދި ނައިބެއްވިޔަސް، އެހެން ބޭފުޅެއްވިޔަސް، ކޮރަޕްޝަންގެ އެއްވެސް ޢަމަލަކަށް ކުޑަވެސް ޖާގައެއް ނުލިބޭނެ، އެ ތަޙުޤީޤު ކުރެވޭނެ. ޙައްޤު އަދަބު ދެވޭނެ.

އަޅުގަނޑަށް ޔަޤީން. އަޅުގަނޑު އިތުރަކަށް ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާކަށް ނުޖެހޭނެ. މި ރާއްޖޭގެ ސިޔާސީ މަޞްރަޙަށް ވަމުންދާގޮތް، އަޅުގަނޑާ އެއްވަރަށް ހަމަ އަޅުގަނޑު ދެކެނީ ތިޔަބޭފުޅުންނަށް ސާފުވެލައްވާނެއޭ. ޓީ.ވީ އާއި ރޭޑިޔޯއާއި ނޫސްތަކާއި އަދި ނުވާތަނަކަށް ގޭގޭގެ ތާޅަފިލިތަކާ އަދި ދޭދޭ މީހުންގެ ބަޙުޘްތަކާ، މިހުރިހާ އެއްޗަކުންމެ ހަމަ އަޑުހަރުކޮށް ގޮވަމުން މިދަނީ އެއްކަމެއްގެ ވާހަކަ. އެއްބަޔަކު މިއުޅެނީ މާޒީ ފޮރުވަން. އެއީ، ނަގައިގަތް މީހުން. އަނެއްބަޔަކު، އަޅުގަނޑުމެން މިއުޅެނީ މުސްތަޤްބަލަށް ދެވޭތޯ. މާޒީ ފޮރުވަން އުޅޭއިރުގައި، ނުފޮރުވާ ވާކަށްވެސް ނެތް. އެއީ، ކެޔޮކޭވަރު އިނގޭނެ ނޫންތޯ ފަންގި ނަގައިފިއްޔާ. އެހެންވީމާ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ކޮންމެހެންވެސް އެބަ އެބޭފުޅުންގެ ބޭފުޅުން ހޮވަން އެބޭފުޅުން މަސައްކަތް ކުރައްވަންޖެހޭ. އަތުގައި ހުރި ހުރިހާ ފައިސާއެއްވެސް އެކަމަށް ހޭދަކުރާނެ. އަޅުގަނޑު ހަމައެކަނި ތިޔަބޭފުޅުންނަށް ދަންނަވަން އޮތް ވާހަކައަކީ، ވިސްނަވައްޗޭ، ބައްލަވައްޗޭ، މިދިޔަ ވޭތުވެދިޔަހާ ދުވަހުވެސް ކަންކަންވެދިޔަގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު ދެކެ ރުޅިއާދެވިދާނެ. އެއީކީ ހަމަ އެއްވެސް މައްސަލައެއް ނޫން. އަޅުގަނޑަށް ފާޑުވެސް ކިޔުއްވަންވީ. ފުރައްސާރަވެސް ކުރައްވަންވީ. މަލާމާތްވެސް ކުރައްވަންވީ. ހަޖޫވެސް ޖައްސަވަންވީ. ޣީބަވެސް ބުނަންވީ. ނެތިވެސް މޮށެންވީ. އަޅުގަނޑު ހަމަ ކުޑަކޮށްވެސް ރުޅިއެއް ނާންނާނެ. އަޅުގަނޑަށް ވިސްނޭ ވަމުންދާގޮތް. އަޅުގަނޑަށް އެނގޭ، ޑިމޮކްރަސީއަކީ ދަތްފަޅާއިރު ތަދުވާ އުޞޫލުން މިހާރު ތަދުވާނެ ކަމެއްކަން. އަޅުގަނޑުމެންނަށް ޖެހޭނެ އެކަންކަން ހަޖަމު ކުރެވެން. އަޅުގަނޑަށް އެކަންކަން އިރާދަކުރެއްވިއްޔާ ހަޖަމު ކުރެވޭނެ.

އެހެންނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުން އަރިހުގައި ހަމަ އިޚްލާޞްތެރިކަމާއެކުގައި މިދަންނަވާ ވާހަކައަކީ، ދެން މަގުން ކައްސާނުލައްޗޭ. މިމަގަށް ތިޔަބޭފުޅުންގެ ދިރިއުޅުމާއި، މި ރާއްޖެ އަޅުގަނޑުމެންނަށް އެޅިފައި މިހުރީ ވަރަށްގިނަ ބައެއްގެ ވަރަށްބުރަ މަސައްކަތުން. މިކަން ގެންގޮސް އަޅުގަނޑުމެންނަށް ކޮޅެއްގައި ޖެހޭނީ، އިޞްލާޙަށް އެދޭ ބަޔަކު މަޖިލީހުގައި، އެބައެއްގެ އަޣްލަބިއްޔަތު ހޯދައިގެން. އަޅުގަނޑު މިހުރީ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި. މަޖިލީހަށް ރިޔާޒް ނުހޮވުނަސް، އަޅުގަނޑުގެ މުސާރައިން ހަތަރުއަނާއެއްވެސް މަދެއްނުވޭ. އެހެންނަމަވެސް، އަޅުގަނޑުމެން ކުރަން އައި މަސައްކަތް. މި ސަރުކާރު މި ދެމިއޮންނަނީ ހަމަ އެންމެ ސަބަބަކަށްޓަކައި. އެއީ، އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި. ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށްޓަކައި. އެ މަސައްކަތްތައް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ، އަޅުގަނޑުމެންގެ ފިކުރުގެ މެންބަރުންނާއެކީގައި ނޫނިއްޔަކާއެއް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން. މާމެންދޫ ރައްޔިތުން މިކަމުގައި ފުންކޮށް ވިސްނާނެ ކަމަށް. އަދި އަޅުގަނޑު ހިތުން އިތުރަށް ކަމެއް ސާފުކޮށް އޮޅުންފިލުވަން ބޭނުންވަންޏާ، ތިޔަބޭފުޅުންނަށް ހަމަ އެކަން ކުރެއްވޭނެ. އަޅުގަނޑުމެންގެ ޕާޓީގެ ކުދިންވެސް، އަދި ރިޔާޒްވެސް އަދި އަޅުގަނޑުމެންވެސް މިތިބެނީ ތިޔަބޭފުޅުން އަތްފޯރާ ހިސާބުގައި. އަޅުގަނޑު ނޫޅެން ދުރަށް ޖެހޭކަށް. އަޅުގަނޑުމެން ނޫޅެން ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ހަމަ ކިތަންމެ އަޅުގަނޑަށް އެނގޭ ތިޔައިގެ ތެރެއިން ގިނަ ބޭފުޅުން އަޞްލުގައި ހިތުގެ އަޑިން އަޅުގަނޑުމެންނާ ހަމަ ހިތާހިތާ ގުޅިފައި އޮންނާނެކަން. އަޅުގަނޑަށް ޔަޤީންވޭ އެކަން. އެހެންވީމާ، އަޅުގަނޑަށް އެނގޭ، އަޅުގަނޑު ބޭނުންހާ ވާހަކައެއް ދައްކަން ތިޔަބޭފުޅުން ދޫކޮށްފައި ތިއްބަވަނީކަން. އަޅުގަނޑަށް ހަމަ ވިސްނޭ. އަޅުގަނޑު ވަރަށް އުފާވޭ.

އަޅުގަނޑުގެ މައްސަލައެއް ނެތް އިނގޭތޯ. ހަމަ ދަނިކޮށް ކުޑަކޮށް އަންނި އިސްތިޢުފާއޭ ގޮވާލިޔަސް. އަޅުގަނޑު ނުދޭނަން އިސްތިޢުފާއެއް. އަދި ދަންނަވަންތޯ ވާހަކައެއް. މި ޤާނޫނީ ގޮތުން އަޅުގަނޑެއް ހުވާކުރިއިރުގައެއް، އެއްވެސް ކަމެއް ކުރިއިރުގައެއް، ޤާނޫނާ ޚިލާފު ކުޑަ ފިޔަވަޅެއްވެސް އަޅާފައެއް ނޯންނާނެ. ކުރިއަށް އޮތް ތަނުގައި އަޅާކަށް ގަސްދެއްވެސް ނުކުރަން. މި ވެރިކަމެއް އަޅުގަނޑުމެންގެ އަތަކުންނެއް ލޮޅުވައެއް ނުލެވޭނެ، ފޮޅުވައެއް ނުލެވޭނެ. މި ފަސްއަހަރު މި ވެރިކަމުގައި ތިބޭނީ އަޅުގަނޑުމެން. އެކަން ގަބޫލުކުރޭ. އަޅުގަނޑުމެންވެސް މިތިބެނީ، ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އަޅުގަނޑުމެންނާ ނުރުހިދާނެކަން ހަޖަމުކޮށްގެން، ގަބޫލުކޮށްގެން. މި ވެރިކަމެއް ނުގުޑާނެ. އެއަށްވުރެ އަޅުގަނޑުމެންނަކީ ކޮންބައެއްތޯ؟ ކުރީދުވަހު ރޭޑިޔޯއިން ގޮވީ ވަރަށް ގޯސް ގޮތަކަށް. އެއީވެސް މިހެން ދިގުކޮށް ދައްކަމުންދިޔަ ވާހަކައެއްގެ ތެރޭގައި، އަޅުގަނޑު ބުނި ވާހަކައެއް. އެހެންވީމާ، އެހިސާބަށް އަޅުގަނޑު ހުއްޓާލާނަން.

އެހެންނަމަވެސް، ބައްލަވާ. އަޅުގަނޑުމެން މިމަގާމަށް، މިތަނަށް ހުއްޓި މިތިބީކީއެއް ނިދާފައި ތިބެގެނެއް ނޫން. އަދި ބޮލުގައި ތެތްކަމެއް ނެތީމަކާއެއްވެސް ނޫން. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ އަތުން މިކަން ނެގޭނެވަރުގެ ސިޔާސީ ޙިކްމަތެއް، އަނެއް ވާދަވެރި ސިޔާސީ ޕާޓީއެއްގައި ހުރި ކަމަކަށް ހަމަ ކުޑަކޮށްވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑު މިއަދުވެސް ބޭރަށް ބޯޅައެއް ޖަހާއިރަށް، މިވާގޮތަކީ މިއިން ކޮންމެ އިންތިޚާބެއްގައި އިނގޭތޯ، އަޅުގަނޑުމެން ހުރެފައި ޖަހަނީ ބޭރަށް ބޯޅައެއް. ޖެހީމާ އެބޯޅަ ފަހާ ދުއްވައިގަންނާނެ. ދެން އަޅުގަނޑުމެން ހަމަ އަޅުގަނޑުމެންގެ ވާހަކަ ކިޔައިދޭންވީ ތިޔަބޭފުޅުންނަށް. މުޅި ދަނޑު އަޅުގަނޑުމެންނަށް އޭރުން އޮންނަނީ ކުޅެން. މިދޭތެރެއަކުން އަލިފުށީގައިވެސްވީ އެހެން. ބޭރަށް ހަމަ ބޯޅައެއްޖެހީ، އެއާ ދިމާއަށް ދިޔައީ. ދެން އަޅުގަނޑުމެންގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ. އަޅުގަނޑުމެންނަކަށެއް ނުއެއް އޮޅޭ އަޅުގަނޑުމެންގެ އަމާޒެއް. އަޅުގަނޑުމެން ކުރަން އޮތް ކަމެއް. އަޅުގަނޑުމެންނެއް ނެތް ފޮރުވަން އޮތް އެއްޗެއް. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ ތިޔަބޭފުޅުންގެ ތަރައްޤީ. އަޅުގަނޑުމެންގެ ތަރައްޤީ. އަޅުގަނޑުގެވެސް ދަރިންނާއި، އަޅުގަނޑުގެ ދަރިންގެ ދަރިންގެ ކުރިއެރުން. އަޅުގަނޑުމެން އެންމެންގެ ކުރިއެރުން. އަޅުގަނޑުމެން ބޭނުންވަނީ، އަނެއް ދިވެހިރާއްޖެ. އަޅުގަނޑުމެން ހަމަ އަދިވެސް މިދެކެނީ، ހަމަ އެ ގުލްޒާރު. އަޅުގަނޑުމެންނަށް ޔަޤީން، އިރާދަކުރެއްވިއްޔާ އެ ގުލްޒާރު ޙަޤީޤަތަކަށް ހަދައިދެވޭނެކަން. އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދެނީ، ރިޔާޒްގެ އިތުރުން، އަޅުގަނޑާއެކީގައި މި އުންމީދު ތިޔަބޭފުޅުން ކުރެއްވުން. އުންމީދު ނަގާނުލެއްވުމަށް. އެބަހުއްޓޭ ކަންކަން ތަރުތީބުން މިއޮއްދަނީ. ބަރާބަރަށް ރީތިކޮށް އަޅުގަނޑުމެންނަށް އެބަ ފެނޭ. އޭގެ ނަތީޖާ ނުކުންނާނެކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އަނެއް ދިވެހިރާއްޖެ އިސާހިތަކު ލިބޭނެ.

އަޅުގަނޑުގެ ދުޢާއަކީ، މާމެންދުއަށާއި، އަޅުގަނޑުމެންގެ ރާއްޖެއަށް މިއަދަށްވުރެ ފާގަތި މާދަމައެއް ދެއްކެވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم. ވަރަށް ބޮޑަށް ޝުކުރިއްޔާ!