بســم اللّـه الرّحمـن الرّحيــم


ދެއްވަދޫގެ އެކުވެރި ލޮބުވެތި ރައްޔިތުން:


السّـلام عليـكم

އަޅުގަނޑުމެން މީގެ ދުވަސްކޮޅެއް ކުރީގައި ހަމަ ދެއްވަދުއަށްވެސް އަޅުގަނޑު އައިން. އަޅުގަނޑު ދެއްވަދޫ ރައްޔިތުންނަށް އެމް.ޑީ.ޕީ.ގެ ސަރުކާރެއް އުފެދިއްޖެނަމަ، އެ ސަރުކާރު ހިނގާނެ ގޮތުގެ ތަޞައްވުރެއް، މަންޒަރެއް، ކުރެހުމެއް، ސިޔާސަތެއް، މެނިފެސްޓޯއެއް، އަޅުގަނޑުމެން އެދުވަހު ހުށަހެޅިން. އޭގައި އަޅުގަނޑުމެން ފާހަގަކުރިން. މި ސަރުކާރުގައި ވަރަށް މުހިންމު ފަސްކަމެއް ކުރަން އެބަ ބޭނުންވެއޭ. ރައްޔިތުންގެ އަޑު ޕާޓީގެ ފަރާތުން އޭގެ ދޮޅުއަހަރެއްހާ ދުވަސް ވަންދެން ކުރީގައި އަޑުއަހަމުން ގެންދިޔައިން. ދެއްވަދޫގެ ވާހަކަތައްވެސް އަޑުއަހަމުން ދިޔައިން. ހުވަދުއަތޮޅު ހުރިހާ ރަށެއްގެ ވާހަކަވެސް، ރާއްޖޭގެ ހުރިހާ ރަށެއްގެ ވާހަކަވެސް. ރާއްޖޭގެ އެކިކަންކޮޅުތަކަށް އަޅުގަނޑުމެން ދަތުރުކޮށް، ރައްޔިތުންނާ ބައްދަލުކޮށް، އެ ރައްޔިތުންގެ ޙާލާއި، އެ ރައްޔިތުންނަށް ދިމާވެގެން އުޅޭ ކަންކަން އޮޅުންފިލުވައި ހަދަމުން ގެންދިޔައިން. އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަކުރެވެނީ، ތަރައްޤީއަކީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިވަގުތެއްގައި، ވަކިގޮތަކަށް ކުރީމާވާކަމެކޭ. އެކަންކަން އެގޮތަށް ކުރުމަށްޓަކައި، އަދި ހަމައެހެންމެ، އެއާއެކީގައި ރައްޔިތުން މިހާރުން މިހާރަށް ބޭނުންވާ މުހިންމު ކަންކަންވެސް ފުރިހަމަކޮށްދެވޭނެ ގޮތަކަށް ކަންތައްތަކެއް އެބަ ފާހަގަކުރަންޖެހެއޭ. މިއަދު އަޅުގަނޑުމެންނަށް އެބައޮތް، އެ ސިޔާސަތު މި ސަރުކާރުގެ ސިޔާސަތު ތަންފީޒުވެގެންދާއިރުގައި ދެއްވަދުއަށް ނުވަތަ ތިމަންނާއަށާއި ތިމަންނާގެ ޢާއިލާއަށާއި ތިމަންނާގެ ރަށަށް އޮތީ ކޯއްޗެއް ހެއްޔޭ؟ އެ ސުވާލުގެ ޖަވާބާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ވާހަކަ ދެކެވެން، ތިޔަބޭފުޅުންނަށް މަޢްލޫމާތު އެރުވެން.

އަޅުގަނޑުމެން އެންމެ ފުރަތަމަ ދުވަހުއްސުރެ ފަށައިގެން ދައްކަމުން އައި އެންމެ މުހިންމު ވާހަކައަކީ، އަޅުގަނޑުމެންނެއް ނޭދެމޭ ދިވެހި ރައްޔިތުންނަކީ ހާސްކަންމަތީގައި ހާލުގައި އުޅޭ ބަޔަކަށްވާކަށް. މި ސަރުކާރު ގަބޫލުކުރަނީ، ދިވެހިރާއްޖެއަކީ ޤުދްރަތީ ވަސީލަތްތައް ގިނަ، ތަރައްޤީގެ ފުރްޞަތުތައް ފަހިކުރެވޭނެ މުއްސަނދި ޤައުމެކޭ. އެހެންވީމާ، ރާއްޖޭގެ ރައްޔިތުންނަށް ޙައްޤީ މިއަދު މި ޙައްޤުވާ މިންވަރެއް ނޫނޭ. އެ ޙައްޤުވާ މިންވަރު ހޯދުމަށްޓަކައި އަޅުގަނޑުމެންގެ ސިޔާސަތުތައް އެކުލަވާލީ. މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި.

އަޅުގަނޑަށްވެސް އެނގޭ، މިދިޔަ ހަމަސް ދުވަސް މިވީ މާބޮޑު ކަމެއްނުވެ. މާބޮޑު ބަދަލެއް އައީކީއެއް ނޫން. އެހެންނަމަވެސް، މި ދެއްވަދޫގެ ބައެއް ކަންކަން އެބަ ކުޑަކޮށް އަޅުގަނޑުމެންގެ ޕްރޮގްރާމްގައި ކުރިއަށްދާތަން ފެނޭ. އެހެންނަމަވެސް އަދި އަޅުގަނޑުމެން މި ސަރުކާރުގެ ސިޔާސަތު ހިންގަމުންދާއިރުގައި، ދިމާވާ ނުވަތަ ނުކުންނާނެ މަސައްކަތްތަކާއި، އުފެދޭނެ މަސައްކަތްތަކުގެ ކަންކަމެއް ޢަމަލީ ގޮތަކުންނެއް މިރަށްރަށަކުން ފެންނާކަށެއް ނެތް.
އަޅުގަނޑަށްވެސް އިންތިޚާބާ ގާތްކޮށް، މިރަށު ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވާލުމަށްޓަކައި ކަންތައްތަކެއް ހިންގިދާނެ. އަޅުގަނޑަށްވެސް، އަޅުގަނޑުގެ ދެޅިޔަނަކާއި އެއްބަފާ ދެމީހަކު ލައްވައި، މިރަށްރަށަށް ގޮސް އެހެން ހަދާލާށޭ، މިހެން ހަދާލާށޭ ބުނެ، ކަންކަން ކޮށްލެވިދާނެ. ދަޅަ ދެއްކިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ، ރާއްޖެއަށް މިބޭނުންވާ ދެމެހެއްޓެނިވި ތަރައްޤީ މިއަދާ ހަމައަށްވެސް ރާއްޖެއަށް ލިބިފައި ނުވަނީ، މިދަންނަވާ އުޞޫލުން މިއަދާ ހަމައަށްވެސް ކަން ކުރަމުން އައީތީވެ. އިންތިޚާބު ގާތްވީމާ، ކޮންމެ ފަހަރަކު ސިޔާސީ ވެރިން ރަށްރަށަށް އައިސް، އެވެނި ކަމެއް، މިވެނި ކަމެއް ކޮށްދޭން ބުނެ ވަޢުދުވެ، އިންތިޚާބު ނިމުނީމާ، ދެން އަނެއް ފަސް އަހަރުވެސް އެކަންތައްތަކުގެ މަތިން ހަނދާން ނެތެނީ. ކޮށްދިނުމަށް ބުނާ ކަންކަން އެއީ، ރަނގަޅަށް ތަރުތީބުގައި ރޭވިގެން އެކަންކަން ފުރިހަމައަށް ހިންގޭނެ ގޮތްތައް ފަހިކޮށްގެން ކުރާ ކަންކަމަކަށްނުވޭ. މިސާލަކަށް، ދެންމެ އެ ކިޔާދެއްވީ، މިހާރުން މިހާރަށް ބޭނުންވާ ކަންތައް. އަޅުގަނޑު މިތާ ހުރެފައި ބުނަންވީ، ހުރިހާ ކަމަކަށްވެސް އާއެކޭ. އޭރުން އެހެދެނީ އަޅުގަނޑަށް ދޮގެއް. އަޅުގަނޑަކަށް އެވެނި ކަމެއް، މިވެނި ކަމެއް، އެހެންނަމަވެސް، ބައެއް ކަންކަމުގައި އާއެކޭ ދެންނެވެން އެބައޮތް. މިސާލަކަށް ކަނދުފަތި، ހަރުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެކަން އަޅުގަނޑުމެންވޭތޯ ބަލާނަން.

އެހެން ނަމަވެސް، މިސާލުގެ ގޮތުން އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ވަރަށް ފަސޭހައޭ، މިހިރީއޭ އަޅުގަނޑާ މައިކާ ދެމެދުގައި ހަމަ އެއްވެސް ޖާގައެއްވެސް ގާތްގަނޑަކަށް ނެތް. އަޅުގަނޑު ހަމަ ހުރިހާ ކަމަކަށް، އެވެނި ކަމަކާއި މިވެނި ކަމެކޭ ތަރުތީބުން އައިސް މާދަމާ ކޮށްދޭނަމޭ، އޭގެ އަނެއް ދުވަހުން ކޮށްދޭނަމޭ ބުނެ އަދި އެކޮށްދިނުމުގެ ދަޅަ، މިތަނަށް ދެމީހަކު ފޮނުވާލައި، އަނެއް މީހަކު އައިސް ސަރވޭއެއްކޮށްލައި، ދިދަ ދަނޑިއަށް ދަނޑިއެއް ޖަހާލައި، ކަޑައެއް ޖަހާލާ ހަދާލެވިދާނެ. އެއީ، އަޅުގަނޑުމެން ނުދެކެން، ދެމެހެއްޓެނިވި ތަރައްޤީ ރާއްޖެއަށް ލިބިދާނެ ގޮތެއް ކަމަކަށް. ކަމެއް ކުރަންވީމާ، ޙަޤީޤަތުގައި ކުރަން މިޖެހެނީ އެކަމެއް ނޫން. އެހެން ކަމެއް. އަނެއްކަން ކުރަމުން ކުރަމުން އައިސް އަޅުގަނޑުމެން ބޭނުންވާ ކަންތައްވީމާ، ދެން އެބޭނުންވާ ކަންތައް އަބަދަށް ދެމިދެމި ހުންނަ ގޮތުގައި ވޭވެ މިހުންނަނީ. ތަރުތީބު މީގައި ވަރަށް މުހިންމު. އަޅުގަނޑުމެންގެ ބޭނުމަކީ، ދެމެހެއްޓެނިވި ގޮތުގައި ކަންކަން ކުރުން. ފަށާ ކޮންމެ ކަމެއްވެސް އަބަދަށް ފައިދާ ހުންނާނެ ގޮތުގައި ކުރުން. ބަނދަރު މަރާމާތު ކުރަންޏާވެސް، ހަދަންޏާވެސް ސަތޭކަ އަހަރަށް ބަނދަރު ހުންނަންޖެހޭނެ. އެހެން ނޫނިއްޔާ އެއީ، ރައްޔިތުންނަށާއި ސަރުކާރަށް ލިބޭ ވަރަށްބޮޑު ގެއްލުމެއް.

އަޅުގަނޑުމެންގެ އެންމެބޮޑު އެއްއަމާޒަކީ، މިރަށުގެވެސް އަދި އެހެން ރަށްރަށުގެވެސް ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދްމަތް ލުއިގޮތެއްގައި، ފަސޭހަ ގޮތެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުން. އެގޮތުން އަޅުގަނޑަށް ދެންނެވެން އެބައޮތް، އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް އަޅުގަނޑުމެން ފަށައިދޭނަމޭ. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކޮށްދެވޭނެ. ސަރުކާރުން މިހާރުވާނީ ޔުޓިލިޓީ ކުންފުންޏެއް ހުވަދުއަތޮޅަށް އުފައްދާފައި. އެއީ، އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގެ ގޮތުގައި އުފެއްދި ކުންފުންޏެއް. ސަރުކާރުން މިހާރު ވާހަކަ ދައްކަމުން މިގެންދަނީ، އެ ކުންފުނީގައި ބައިވެރިވާނެ ބައިނަލްއަޤްވާމީ ވިޔަފާރި ޖަމާޢަތެއް ހޯދުމަށްޓަކައި. އެ ޖަމާޢަތް ހޯދުމަށްޓަކައި، އެ ވިޔަފާރި ޖަމާޢަތަށް ފެންނަން މިޖެހެނީ، މިބާވަތުގެ ކުންފުންޏަކުން ވެދާނެ ވިޔަފާރީގެ ފައިދާ. އެ މަންޒަރު ދެއްކުމަށްޓަކައި ނުވަތަ އެ ޙަޤީޤަތަކަށް، އެ ވިޔަފާރީގެ ފައިދާ މިބާވަތުގެ ކުންފުންޏަކުން ނެރުމަށްޓަކައި ސަރުކާރުން އެބަ ހިންގާ އަދި އިތުރު ދެކަމެއް. އެއްކަމަކީ، މިދަންނަވާ ޔުޓިލިޓީ ކުންފުންޏަށް އިތުރު ބިމެއް ނުވަތަ މުއްސަނދިކަމެއް ދިނުން. މިކުންފުންޏަށް ބިމެއް ދިނީމާ، އެ ބިމަކީ ވިޔަފާރީގެ ފައިދާ ނެގޭ ބިމަކަށްވާތީވެ، އެ ފައިދާގެ ބޭނުމުގައި ބައިނަލްއަޤްވާމީ ކުންފުނިތައް، މި ކުންފުންޏާ ޙިއްޞާވުން ގާތް. އެއީ، އަޅުގަނޑުމެން މިހާރު މިދަނީ އެމަގަށް އެ ކުންފުންފުނިތަކާ ވާހަކަ ދައްކަމުން. ކުންފުންޏަށް މިބޭނުންވަނީ ވިޔަފާރީގެ އުޞޫލުން ނުވަތަ ޓޫރިޒަމްގެ މަސައްކަތް ހިންގުމަށް ފަހިވާނެ ގޮތަކަށް އޮންނަ ބިމެއް، އެކުންފުންޏަށް ލިބުނީމާ، އެ ޓޫރިޒަމް މަސައްކަތުގެ ފައިދާ ބައިނަލްއަޤްވާމީ ކުންފުނިތަކަށް ފެންނާތީވެ، އެފައިދާއަށްޓަކައި ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތުގެ ކުންފުނީގައި ކުންފުނިތައް ބައިވެރިވަނީ. އެއީ، ސަރުކާރުން ކުރާ އެއްކަންތައް. އެކަންތައް އެހެން ކުރީމާ، މިހާރު މި ޔުޓިލިޓީ ކުންފުނީގެ އަގު ނުވަތަ އޭގެ ރައުސްމާލު އެތައް ގުނައަކުން ބޮޑުވެގެންދަނީ.

ހަމައެއާއެކީގައި ސަރުކާރުން ދެން ކުރަންޖެހޭ ކަމަކީ، މިހާރު މިއަތޮޅުގައި މިސާލަކަށް، އެބައޮތް ހަ ރިޒޯޓު. ސަރުކާރުން މިދަނީ އެ ހަފަރާތާވެސް ވާހަކަ ދައްކަމުން. އެ ރިޒޯޓުތަކުގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުންވެސް ކުންފުންޏާ ޙަވާލުކުރާނީ. އެމީހުން އެމަސައްކަތް ނުކުރަހަނީ. އެހެންވީމާ، އެ ހަ ރިޒޯޓުގެ އަސާސީ ޚިދްމަތްތަކާއި، މިރަށްރަށުގެ އަސާސީ ޚިދްމަތްތަކާ އެއްކޮށް، އެމަސައްކަތް ކުރީމާ، އަދި ކުންފުނީގެ އަގު، ރައުސްމާލު ބޮޑުކުރީމާ، އެކުންފުންޏާ ޙިއްޞާވާނެ ބައިނަލްއަޤްވާމީ ބައިވެރިން ސަރުކާރަށް ފަސޭހައިން ލިބޭނެ. އަޅުގަނޑުމެން އެ އިޢްލާނު ކުރީ ބަޔަކު ހޯދަން މީގެ ދެމަސް ދުވަސް ކުރީގައި. މިހާރު އެކަމަށް އެދި 14 ފަރާތް އެބަތިބި. ސަރުކާރަށް މިހާރު އޮތީ އޭގެތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޯދާފައި މަސައްކަތް ޙަވާލު ކުރުމުގެ ކަންތައް ކުރިއަށް ގެންދިއުން. އެހެންވީމާ އަޅުގަނޑަށް ހަމަ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް. އިރާދަކުރެއްވިއްޔާ މިރަށުގެ އިންޖީނުގެވެސް ކުރިއަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، އެ ކުންފުނީގެ ދަށަށް ގެނެވޭނެ. އެއީ، މިހާރު އިންޖީނު ހިންގާ ނުވަތަ ޙަވާލުވެ ތިބޭ ބަޔަކާ ވާހަކަ ދައްކައި، އެބައެއްގެ ރުހުމާ އެކީގައި ބަދަލުދޭން ހުރި ބަޔަކަށް ބަދަލުދީފައި، ނުވަތަ މިރަށު ދެއްވަދޫ މީހުން މި އިންޖީނުގެ، އެ ބޮޑު ކުންފުނީގައި ޙިއްޞާވާން ބޭނުންވަންޏާ، އެމީހުން އެދޭ ޙިއްޞާގެ އަދަދަށް ބަލައި، އެމީހުންނަށް ޙިއްޞާ ދޫކުރާގޮތަށް އެކަންވެސް ހިންގެންވެސް އެބައޮތް. މިއިން ކޮންމެ ގޮތަކަށްވެސް ހިންގުމަށްޓަކައި ކުރިއަށް މިއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ގެންދާނީ މި އަމިއްލަ އިންޖީނުގެތަކާ ވާހަކަ ދައްކަމުން.

މިއަދާ ހަމައަށް އަޅުގަނޑުމެންނަށް މިވީކަމަކީ ސަރުކާރުގެ ސްޓެލްކޯގެ މުދާ، މިއަތޮޅު ތެރޭގައި ހުރި ސްޓެލްކޯގެ އިންޖީނުގެތަކުގެ އަގާއި، އޭގެ މިންވަރާއި، އޭގެ ޢަދަދާއި މިކަންކަން ފާހަގަކުރެވުނީ. ފާހަގަކޮށް، އެ ޢަދަދާއި މިންވަރު މިހާރު މިވަނީ އަނެއް ކުންފުންޏަށް ބަދަލުކުރެވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިރަށުގެ ކަރަންޓްގެ މައްސަލަ ދެނެއް އަޅުގަނޑުމެންނެއް ނުދެކޭނަން އެއީ، މައްސަލައެއްގެ ގޮތުގައި ރަށު މީހުންނަށް ފާހަގަވެފައި އޮންނާނެ ކަމަކަށް. މި ސަރުކާރުގެ ނަޒަރުގައި ހެޔޮއަގުގައި ރަނގަޅަށް ކަރަންޓް ނުދެވޭނަމަ، އެހެން ހުރިހާ އެއްޗެއްވެސް އަގުބޮޑުވެގެންދޭ. ގޭތެރޭ ޢާންމު ދިރިއުޅުންވެސް އަގުބޮޑުވެގެންދަނީ. އެހެން ކުރާ މަސައްކަތްތައްވެސް އަގުބޮޑުވެގެންދަނީ. ފެން އުފައްދަން ފަށައިފިނަމަ، ފެނުގެ އަގުވެސް އިންތިހާއަށް ބޮޑުވެގެންދާނެ. އެހެންވީމާ، ކަރަންޓްގެ އަގުހެޔޮކޮށްފައި ބެހެއްޓުމަކީ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއް. އެކަން ނުވެ ތަރައްޤީއެއް ނުވެވޭނެ. ކަރަންޓްގެ އަގު ހެޔޮކުރުން އެއީ، އަޅުގަނޑުމެންގެ އެންމެ މުހިންމު އަމާޒު. އެކަން ކުރުމަށް އަޅުގަނޑު މިމަސައްކަތް ކުރަނީ. އަޅުގަނޑުމެން މިދަންނަވާ ތަރުތީބުގެ ވާހަކައަކީ މިދެންނެވީ. ކަރަންޓްގެ އަގު ހެޔޮނުކޮށް، މިތަނުގައި ވަޑާންގެ އަޅަން އަޅުގަނޑުމެން އުޅުނަސްވެސް ވަޑާންގެއެއް ނޭޅޭނެ. ވަޑާންގެއެއް ނުހިނގާނެ. ކަރަންޓްގެ އަގު ހެޔޮނުކޮށް މިތަނުގައި ވެލްޑިންގ ކުރާ ވާރކްޝޮޕެއް ހަދަން އުޅެގެނެއް އެކަމެއް ނުވާނެ. ވެލްޑް ކުރުމުގެ އަގު ބޮޑުވާނެ. އެއީކީއެއް ވިޔަފާރީގެ އުޞޫލުން ފައިދާޖެހޭ ކަމަކަށެއް ނުވާނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ތަރުތީބު އަޅުގަނޑުމެންނަށް ވަރަށް މުހިންމު. ފުރަތަމައިނުން އަޅުގަނޑުމެން މިއަމާޒު މިކުރަނީ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުމަށް. އެއީ، މި ސަރުކާރުގެ ނަޒަރުގައި ޤައުމުގެ މައި ބަދަ. އެ ބަދަ އަތުރާލެވިގެން ނޫނިއްޔަކާއެއް މި ޤައުމަކަށް އަރައިގަނެގެނެއް ނުދެވޭނެ. އަޅުގަނޑުމެންގެ ނަޞީބު ގަދަކަމުން، އެހެން އަތޮޅުތަކަށްވުރެ އަވަހަށް މިކަން ކުރެވޭނެ މަގު ހުވަދުއަތޮޅަށް ފަހިވެގެންދަނީ. އެއީ، އެންމެ ފުރަތަމައިނުން އަޅުގަނޑުމެންނަށް މިކަން ފަށައިގަނެވުނީވެސް ހުވަދުއަތޮޅުގައި ކަމަށްވާތީވެ. އެންމެ ފުރަތަމައިނުން ސިޔާސީ ޕާޓީގެ ރޫޙު ފަށައިގަނެވުނީވެސް ހުވަދުއަތޮޅުގައި ކަމަށްވާތީވެ. އަދި އެންމެ ޖޯޝާއެކީގައި މި ވެރިކަން ހިންގަން، ނަގަހައްޓަން، ދަމަހައްޓަން، މަސައްކަތް ކުރަނީ ހުވަދުއަތޮޅު މީހުންނަށްވެސްވާތީވެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއެދޭ، އަޅުގަނޑުމެން މިބުނާ ބަދަލު އަޅުގަނޑުމެންނަށް ގެނެވޭނެ.

ސަރުކާރުން ހިންގާ ދެވަނަ އެންމެ މުހިންމު މަޝްރޫޢަކީ ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުން. ސަރުކާރަށް އަޅުގަނޑުމެންނަށް މިދިޔަ ތިން ހަތަރެއްގެ ތެރޭގައި އަދި މިދިޔަ ދިހަ ފަނަރަ އަހަރު ވިހިއަހަރުގެ ތެރޭގައި، އަޅުގަނޑަށް ފާހަގަވެފައި އޮތް ކަމަކީ، މީހަކު އަލަތު ކައިވެންޏާއެކީގައި ރިޒޯޓެއްގައި މަސައްކަތް ކުރަން އުޅެފައި، ނުވަތަ ކަންނެލި އޮޑިއެއްގައި އުޅެފައި ރަށަށް އައިސް، އެއްއަހަރަކު ގާ އަޅާލެވިދާނެ. ދެން އަންނަ އަހަރު ފައުންޑޭޝަން ދަމާލަފާނެ. ދެން އަންނަ އަހަރު ހަތަރު ފާރު ރާނާލެވިދާނެ. އަނެއް ރޯދައަށް ހިޔާކޮށްލެވިދާނެ. ދެން އަންނަ ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. އަނެއް ރޯދައަށް ފަހަރެއްގައި ފާޚާނާއެއް ބެހެއްޓިދާނެ. ގެއެއް އެޅޭއިރުގައި އަޅުގަނޑުމެން އާދައިގެ މީހެއްގެ ޢުމުރުގެ ދެބައިކުޅަ އެއްބައި މިހުންނަނީ ގޮސްފައި. އަދި އެއަށްވުރެ ބޮޑަށް ސީދާ ފަސްލައްކަ ރުފިޔާއިން އެޅެން އޮތް ގެ މިހާ ދިގު މުއްދަތަށް ދެމިގެން ދިޔައީމާ، ދޮޅު މިލިއަން ރުފިޔާ ރީތިކޮށް އެގެއަށް ޚަރަދުވޭ. މި ދިހަ އަހަރުގެ ތެރޭގައި، ދިވެހި ދައުލަތުން އެ ގެއްލެނީ އަޅާފައި ހުންނަ ކޮންމެ ގެއަކަށް އެއްމިލިއަން ރުފިޔާ. އެއީ، އަޅުގަނޑުމެންގެ ހުރިހާ ގެ ޙަޤީޤަތުގައި އަޅާނެހާ ލާރި.

ދުނިޔޭގެ އެއްވެސް ތަނެއްގައި ކޮންމެ ދެމަފިރިއަކީ ކޮންސްޓްރަކްޝަން ކުންފުންޏެއް ނޫން. އެމީހުންނަކަށް ގެދޮރެއް ނޭޅޭނެ. ގެދޮރަކީ ވަކި އުޞޫލަކުން އަޅާފައި ހެޔޮގޮތުގައި މަސައްކަތްކުރާ މީހުންނަށް ދިގު މުއްދަތުގައި ފައިސާ ދައްކައިގެން، އަމިއްލައަށް މިލްކުވާ ގޮތަށް އެމީހުންނަށް ލިބެން ހުންނަންޖެހޭ އެއްޗެއް. އެއީކީއެއް ޙަޤީޤަތުގައި އަމިއްލައަށް އެކަން ކުރެވޭވަރުގެ ކަމެއް ނޫން. ސަރުކާރުން ގަސްދުކުރީ ދިހަހާސް ގެ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެޅުމަށް. އެކަން ކުރުމަށްޓަކައިވެސް ހަމަ މިގެންގުޅެނީ އެއް ފަލްސަފާއެއް. އެއް ވިސްނުމެއް. އެއް ފިކުރެއް. އެއީ، ސަރުކާރުން ނިންމީ، ދިހަހާސް ގެ އެޅުމަށް ޚާއްޞަ ކުރަން މިޖެހެނީ، އެއްހާސް ބޮޑެތި ގެ، ނުވަތަ ބިން އެއީ ތިރީހަކަސްހާސް އަކަފޫޓްގެ. ބޭރުގެ މުއްސަނދިން ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް އައިސް، ދެމަސް ތިންމަސް ހޭދަކުރާނެ ބާވަތުގެ ގެތަކެއް ސަރުކާރުން މިދޫކުރަނީ އެކަންކުރާ ކުންފުނިތަކަށް. އެހެންވީމާ، މި އެއްހާސް ގޭގެ ބޭނުމުގައި ދިހަހާސް ގެ އަޅައިދިނުމަށް މިއަދު 12 ފަރާތުން ޝައުޤުވެރިކަން ހާމަކޮށްފައި އެބައޮތް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިގެތައް އެޅޭނެ. އަދި އަޅުގަނޑަށް ހަމަ އުފަލާއެކީގައި ދެންނެވެން އޮތް ވާހަކައަކީ، އިރާދަކުރެއްވިއްޔާ އޯގަސްޓް މަހުގެ ތެރޭގައި މިގެ އަޅަން ފެށޭއިރުގައި، މިރަށުގައި ދެއްވަދޫގައި މީގެތެރެއިން މަދުވެގެން 50 ގެ ފުރަތަމަ ފަށާއިރުގައިވެސް އަޅުގަނޑުމެންނަށް އަޅަން ފެށޭނެއޭ. ބޭނުންވާ ގޭގެ ޢަދަދު އިތުރުނަމަ، އިތުރަށް ބޭނުންވާނަމަ، އެގެތައް އިތުރަށް އެޅޭގޮތަށް ހަމަޖެހިފައި އޮންނާނީ. އެއީކީއެއް ސަރުކާރަކުންނެއް ފައިސާގެ ތާށިކަމުން ނުކުރެވޭގޮތަށް އިންތިޒާމު ކޮށްފައި އޮތް ކަމެއް ނޫން. ރީތި ޙަލާލު ފައިދާ ވިޔަފާރިއެއްގެ ތެރެއިން ފަސޭހަކަމާއެކީގައި ކުރެވޭގޮތަށް އަޅުގަނޑުމެން ރާވާފައި އޮތް ރޭވުމެއް. އަޅުގަނޑަށް ހަމަ ޔަޤީން. އިއްޔެއަށްވުރެ ބޮޑަށް މިއަދު މިއީ އަޅުގަނޑުމެންނަށް ފަސޭހަކަމާއެކީގައި ކުރެވޭނެ ކަމެކޭ. އިރާދަކުރެއްވިއްޔާ، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ގެދޮރު ފޯރުކޮށްދޭނަން.

ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، އަޅުގަނޑުމެން މިދެކެނީ، އެއްތަނުން އަނެއް ތަނަށް މުދަލާއި ފަސިންޖަރުން ދަތުރު ނުކުރެވޭހާ ހިނދަކު، ބަދަލުނުކުރެވޭހާ ހިނދަކު ވިޔަފާރިއެއް ނުހިނގާނެއޭ، ވިޔަފާރި ނުހިންގަންޏާ ތަރައްޤީއެއް ނުލިބޭނެއޭ. އެހެންވީމާ، ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ހަމަ އެހާމެ މުހިންމޭ. ރާއްޖޭގެ ރަށްތައް، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅާލަދޭނެ ކަމުގެ ވަޢުދު އަޅުގަނޑުމެން މިދަނީ ވަމުން. އެކަންވެސް އެކަމަށް އެމަސައްކަތް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޝައުޤުވެރިކަން ހާމަކުރަން އަޅުގަނޑުމެން ގޮވީ. ގޮވިއިރުގައި ކޮންމެ ރަށެއްގައި އޮންނަ ބަނދަރަކާ ގުޅިގެން އެބަޔަކަށް ގެސްޓްހައުސް ހެދުމުގެ ފުރްޞަތު އަޅުގަނޑުމެން ދޭން ބުނީ. ސަރުކާރުން ހުޅުވާލީ އެގޮތަށް ގޮވާފައި. އެހެން ހުޅުވާލީމާ، އެކަމަށްވެސް ޝައުޤުވެރިކަން ހާމަކޮށްފައި އެބައޮތް 8 ފަރާތަށްވުރެ ގިނައިން. ސަރުކާރަށް އޮތީ އޭގެތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޯދައި، އެފަރާތަކަށް އެމަސައްކަތް ޙަވާލުކުރުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިކަންވެސް މިއަހަރުގެ ތެރޭގައި ފަށައިގަނެވޭނެ.

ސަރުކާރުގެ އަނެއް ވަޢުދަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މަދަރުސާ ނިންމާ ކުދިންގެ ތެރެއިން ފަސްދޮޅަސް ޕަސެންޓް ކުދިންނަކީ "ސީ" ފާހަށްވުރެ މަތިން ފާސްވާ ކުދިންނަށްވުން. މިއަދު ދެއްވަދޫގައި އެ ޢަދަދު ވަރަށްމަދު. އަޅުގަނޑު ހަނދާންވާ ގޮތުގައި އެ ޢަދަދު ވިހަ ޕަސެންޓަށްވެސް ނާރާ. "ސީ" ފާހަށްވުރެ މަތިން ލިބޭ ކުދިން. އެ ފަސްދޮޅަސް ޕަސެންޓަށް ގެންދިޔުމަށްޓަކައި ސަރުކާރަށް ފެންނަނީ މައިގަނޑު އަނެއްކާވެސް ދެކަމެއް ކުރުމަށް. ފުރަތަމަ ކަމަކީ، އެއްދަންފަޅިއަށް ރަނގަޅަށް ހިނގާ މަދަރުސާއެއް އުފެއްދުން. އެ މަދަރުސާ އުފެއްދުމަށްޓަކައި އެކަމަށް ބޭނުންވާ ކްލާސްރޫމް ޢިމާރާތް ކުރުމަށް ސަރުކާރުން މިހާރު މިވަނީ މަގުފަހިކޮށްދީފައި. އެގޮތުން، މިއަދު އަޅުގަނޑު މިޖެހެނީ އެއިން ކްލާސްރޫމެއްގެ ބިންގާ އަޅަން. އެ ބިންގާ އެޅުމަށްޓަކައި އަޅުގަނޑުމެންނަށް މިއަދު މިތަނުގައި އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށް ޚަބަރު ލިބިފައި އެބައޮތް. ދެން އެހެންވީމާ، އަޅުގަނޑު ތައްޔާރުވެގެނެއް ނޫން އައީކީއެއް.

އެންމެ މުހިންމު ކަމަކީ އިނގޭތޯ. ބިންގާއެއް އަޅާއިރުގައި، ރަނުން ރަނަށްފަހު، އެންމެފަހު ހަތަރުއަނާއަށް ދަންދެން އެނގިފައި އޮންނަން ޖެހޭނީ. ލާރި ނެތްކަމެއްގައި ހުސް ސޮއެއް ކުރާކަށް، ހުސް ބިންގާއެއް އަޅާކަށް އެއީ، އަޅުގަނޑު ވަރަށް ނުކުރާނެ ކަމެއް. މިހާރު ދެން ވަރަށްދެރަ ކަމެއް. ތިޔަބޭފުޅުން ތިޔައަޅަނީ. އަޅުގަނޑު މިއައީ ބަލަމުން. އެކަމަކު އަޅުގަނޑަށް އެބަ އެނގޭ، މިމަސައްކަތްތައް ހިނގަމުންކަން މިއަންނަނީ. ދެން އަޅުގަނޑު ޖެހޭނީ، އަޅުގަނޑުގެ އަމިއްލަ ޖީބުން ނަމަވެސް މިއަޅަން. އެހެން ނުހައްދަވާތި ގިނައިން. މިހާރު ރިނބުދޫގައި އެބާވަތުގެ ކަމެއް ހިނގައިފި. ވަރަށް ދެރަކޮށް ރިނބުދޫގައިވެސް ދިޔައީ. މިހާރު އަޅުގަނޑު ވަރަށް ދެރަވޭ އެކަމާ އިނގޭތޯ. އެހެން ހައްދަވައިގެން ނުވާނެ. އަޅުގަނޑު ލައްވާ ކުރުވާ ކަމެއް އަޅުގަނޑަށް އޮންނަންޖެހޭނީ ރަނގަޅަށް އެނގިފައި. އަޅުގަނޑަކީ އަޅުގަނޑަށް ނޭނގޭ ކަންތަކުގެ ތެރެއަށް ވަންނަ މީހެއް ނޫން. އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހު ދެންނެވިން. 11 ނޮވެމްބަރ 2008ވާ އަންގާރަ ދުވަހު މިރާއްޖޭގެ ވެރިކަމާ އިރާދަކުރެއްވިއްޔާ އަޅުގަނޑު ޙަވާލުވާނަމޭ. އެއީ. އެކަން އަޅުގަނޑަށް އެނގޭތީ އެވާހަކަ ދެއްކީ. އަޅުގަނޑަށް މިހާރު ވަދެ މިހުރީ އަޅުގަނޑަށް ފިސާރި އެނގޭ ކަމެއްގެ ތެރެއަށް. މިކަން އަޅުގަނޑުމެންގެ އަތުން ފިރުކާލެވޭނެ ގޮތެއް ނޯންނާނެ މި ފަސް އަހަރު ދުވަހުގެ ތެރެއަކު. އެއްވެސް ޙާލެއްގައި އެއްވެސް ބޭފުޅަކު އެހެން ހިތަށް އަރާނެ ކަމެއް ނެތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަދު މި ބިންގާ އަޅައިދޭނަން.

ބިންގާ އަޅައި ޖާގަ އިތުރު ކުރުން އެއީ އެއްކަންތައް. ޖާގަ އިތުރުކޮށްގެން މަދަރުސާގެ ރަނގަޅު މަދަރުސާއެއް އުފެއްދުން އެއީ އެއްކަންތައް. އެއަށްވުރެން މާ މުހިންމު ރަނގަޅު ޓީޗަރުން އުފެއްދުން. މިހާރު އަޅުގަނޑުމެންނަށް އަޑުއިވެމުން މިދަނީ، އެނގެމުން މިދަނީ، ދިވެއްސާއި އިސްލާމް ކިޔަވައިދޭ ޓީޗަރުން ރާއްޖޭގައި ނެތޭ. ދެން އެމީހުންނެއް ނުގެނެވޭނެ ބަންގްލަދޭޝަކުންނެއްވެސް. ދިވެހި ކިޔަވައިދޭ ޓީޗަރުން. އެމީހުންނެއް ނުގެނެވޭނެ އިންޑިޔާއަކުންވެސް. އިންޑިޔާއިން ނުގެނެވޭ އެތި އަޅުގަނޑުމެންގެ އަތުގައި ނެތީ ނުއުފެއްދުނީމާ. އެއީ، ދިވެހި ޓީޗަރުން. މިދިޔަ 30 އަހަރު ބޭރުން ނުގެނެވޭ ނުލިބޭ މުދާ، ނުލިބޭ ޚިދްމަތް އަޅުގަނޑުމެންނަށް ނުއުފެއްދުނީ. ނެތުނީ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ރަނގަޅު ޓީޗަރުން ހޯދަން. އަޅުގަނޑު މިދަންނަވާ ރަނގަޅު ޓީޗަރުންނަކީ، ޔުނިވަރސިޓީ ޑިގްރީއެއް އޮންނަންޖެހޭނެ ޓީޗަރެއް ވެއްޖިއްޔާ. ކުދިންގެ ކުރިމައްޗަށް ނުކުންނައިރުގައި، ސާބިތުކަމާއެކީގައި ނުކުމެވެން ޖެހޭނީ. އެހެންވީމާ، އަޅުގަނޑުމެން އެބަ ބޭނުންވޭ، ތިނަދޫގައި ނަމަވެސް، މިހިސާބުގައި ޑިގްރީ ނަގާފައި ތިބޭ ގިނަ ޢަދަދެއްގެ ދަރިވަރުންތަކެއް އުފައްދަން. އެއީ މި ފަސް އަހަރު ދުވަހުގެ ތެރޭގައި، މި ސަރުކާރުން އިރާދަކުރެއްވިއްޔާ ހިންގާނެ ކަމެއް. އަޅުގަނޑުމެން މިތަނަށް ރަނގަޅު ޓީޗަރުން ފޯރުކޮށްދޭނަން. އެކަން އަޅުގަނޑުމެންނަށް ވަންދެން އަޅުގަނޑުމެން ބޭރުން މޮޅު ރަނގަޅު ޓީޗަރުން ގެނެސްދޭނަން. އިނގިރޭސިވިލާތުންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޓީޗަރުން ގެނެސްދޭނަން. ރަނގަޅަށް ކިޔަވައިދޭން އެނގޭ، ރަނގަޅު ޓީޗަރުން އަޅުގަނޑުމެން މިތަނުގައި ބައިތިއްބަދޭނަން.

އަޅުގަނޑުމެން އަބަދުވެސް ދައްކަމުން އައި އަނެއް ވާހަކައަކީ، މަހުގެ އަގު ކުޑަވަމުންދާ ވާހަކަ. ދަށްވާހަކަ. މިހާރުވެސް ދަށް ވާހަކަ. ބައިނަލްއަޤްވާމީ މާރުކޭޓުގައި މަހުގެ އަގު ހުރި މިންވަރާއި ރާއްޖެއިން މަސްވެރިންނަށް ލިބޭ މިންވަރާ ވަރަށް ތަފާތޭ. އެކަން މިހެން މިވަނީ މިފްކޯއަށް އެމަސައްކަތް އެކަނި ދޫކޮށްލެވިފައި އޮންނާތީ. އަޅުގަނޑުމެން އަބަދުވެސް ދައްކަމުން އައި ވާހަކައަކީ، މިތާ ބޭރުގައިވެސް ސައުތު ކޮރެއާ ބޯޓަކާއި އަދި ޖަޕާނު ބޯޓަކާއި ތިނަދޫ ބޭރުގައި މަސް ގަންނަން ނުވަތަ ދެއްވަދޫ ބޭރުގައި އަދި މިއަތޮޅުގައި މަސް ގަންނަން އެބޯޓުފަހަރު އޮތީމާ، އެ އުފެދޭ ވާދަވެރިކަމުގެ ތެރޭގައި، މި މިފްކޯއަށްވުރެ ރަނގަޅު އަގުގައި މަސް ގަންނާނެއޭ. މިހާރު އަޅުގަނޑުމެންނަށް އެކަން ހިންގުމަށް ދިމާވެފައި އޮތް ހުރަހަކީ ރައްޔިތުންގެ މަޖިލިސް. ކޮންޓްރެކްޓެއް ހަދާފައި އެބައޮތް މިފްކޯއާ އެކީގައި. އެއީ، މި ސަރަޙައްދުން މަސް ގަނެވޭނީ ހަމައެކަނި އެފަރާތަށޭ ބުނާ. އަޅުގަނޑުމެން މިހާރު އެބަޖެހޭ އެ ކޮންޓްރެކްޓް ބަދަލުކުރަން، އުވާލަން. އެ ކޮންޓްރެކްޓް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް ދެތިން މަހެއްގެ ތެރޭގައި އަލުން އަނބުރާ އެހެން ގޮތަކަށް ބަދަލުކުރެވޭނެ. ބަދަލުކުރެވި، އަދި މިތަނުގައި މަސްގަތުމަށް ބޭރުގެ އެހެން ފަރާތްތަކަށް ހުޅުވާލެވޭނެ. ހުވަދުއަތޮޅުން މަސް ގަންނަން އަންނާނެ މީހުން ދުނިޔޭގައި ބައިވަރު. އަޅުގަނޑު ދާދި އިހަކަށްދުވަހު އިނގިރޭސިވިލާތަށް ދިޔައިރުގައި އިނގިރޭސި ދެކުންފުނިން އެވާހަކަ ދައްކަމުން، ހަމަ އަޅުގަނޑު ދަންނަވާނީ ގާތްގަނޑަކަށް އަޅުގަނޑު ފަހަތުން ދުވިއޭ. އޭނާ އަޅުގަނޑު ކައިރީގައި ބުނި މިހާރު އަޅުގަނޑުމެންގެ މަސް މިވިއްކަނީ ތައިލެންޑަށޭ. ވިއްކީމާ ތައިލެންޑް މީހުންނޭ ތިމަންނާގެ ފިހާރައަށް އެމަސް ގެންނަނީ. ކިހިނެއްހެއްޔޭ ވާނީ ކަލޭމެން ސީދާ އެމަސް ތިމަންނާމެންނަށް ދިނުން. ދެން އަޅުގަނޑު ދެންނެވިން، އާއެކޭ ރަނގަޅު ބުއްދިވެރި ކަމަކަށްވެދާނޭ. އެހެންވީމާ، ތިޔަކަން އަޅުގަނޑުމެން ބަލާނަމޭ. އަޅުގަނޑުމެން މިދަނީ ހަމަ މިމަސައްކަތް ވަރަށް ބޮޑަށް ކުރަމުން. އަނެއްކާވެސް ދަންނަވާނީ، މީގެ ތަރުތީބު އޮޅުވާލައިގެން އެމަސައްކަތް ކޮށްފިއްޔާ، އަޅުގަނޑުމެންނަށް ދެވޭނީ، ހަތަރު ދުވަސް. އެހެންވީމާ، ދެތިންމަސް ވަންދެން މަހުގެ އަގު ޓްރެޜަރީން ލާރި ހުސްވީމާ، ދެނެއް ނުދެވޭނެ -/8 ރުފިޔާއެއް. ސަބްސިޑައިޒް ކޮށްގެން ނުވަތަ އެހެން މީހެއްގެ އަތުން އަތުލާފައި މިފްކޯގެ މަސް، ބޮޑުއަގުގައި މިފްކޯއަށް މަސް ގަންނަންޏާ، މިފްކޯގެ ފައިދާއަކުން ނޫން ގޮތަކަށް ބޮޑުއަގުގައި މަސް ގަންނަންޏާ، އެއީ ޖެހިގެންހުރި މީހާގެ ދަތްއުނގުޅާ ބޭސްފުޅިން ނަގާ ޑިއުޓީއިން ލާރި ނަގާފައި މަސްވެރިޔާއަށް ދެވެނީ. އެހެންވީމާ، ކޮންމެވެސް އެހެން މީހަކަށް މަދުވާނެ. މިހާރު ކުރީގައިނަމަ އަޅުގަނޑުމެންނަށް ބުނެވިދާނެ މަދުކުރަން. ދެނެއް ނެތް އަޅުގަނޑަށް މަދުކުރާނެ އިތުރު ތަނެއް. ފައްސަތޭކަ މިލިއަން ރުފިޔާ، މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާއަށް ޚަރަދުވޭ. މިއަހަރު ތިރީސް މިލިއަން ރުފިޔާ މުޅި ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ކަމަކަށް ޚަރަދުވާނީ. އަޅުގަނޑުމެންނަށް މިއިން އެއްވެސް ކަމެއް ހިންގޭނީ ރައްޔިތުންގެ މަޖިލިސް މެދުވެރިވެގެން.

ރާއްޖޭގައި މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައި. އަޅުގަނޑު މިދަންނަވާހެން މީގެ ހަމަސްދުވަސް ކުރީގައި މިރަށަށް އައިސް އަޅުގަނޑު ދެންނެވިން. މި ރާއްޖެ މިދަނީ ބަދަލުވުމަށޭ. ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި ވެރިކަން ކުރަމުން އައިގޮތާއި، އަދި އެ ވެރިކަމުގައި މިދިޔަ ދިގު ތިރީސް އަހަރު ތިބި މީހުން މިދަނީ ބަދަލުވުމަށޭ. އެ ބަދަލު އެއީކީއެއް ނޮވެމްބަރު 11 ވަނަ ދުވަހު އެކަނި ރައީސުލްޖުމްހޫރިއްޔާއެއް އިންތިޚާބުވީމާ، ޢައްޔަން ކުރެވުނީމާ، ހުވާ ކުރެވުނީމާ އެބަދަލު ނިމުނީކީއެއް ނޫން. ބަދަލުގެ އެންމެ މުހިންމު އެއްބަޔަކީ މަޖިލިސް. މި ޤާނޫނުއަސާސީ ތަންފީޒު ކުރުމަށްޓަކައި، އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަންފީޒު ކުރުމަށާއި، އެމް.ޑީ.ޕީ.ގެ ސިޔާސަތުތައް ދެމެހެއްޓުމަށްޓަކައި، ތަންފީޒު ކުރުމަށްޓަކައި އެބަ ބޭނުންވޭ މުޅި ޖުމްލަ ފަސްދޮޅަސް ހަތަރު ޤާނޫނު. އަޅުގަނޑަށް ވަރަށް އުނދަގުލޭ އިނގޭތޯ ގަބޫލުކުރަން. މިދިޔަ ތިރީސް އަހަރު މިއިން އެއްވެސް ޤާނޫނެއް ހެދިޔަނުދީ ހުރިހާ ކަމަކަށް ހުރަސްއެޅި ފަރާތްތައް މިއަދު އަނެއްކާ އަރުވާޖަހާފައި މިޤާނޫނުތައް ހަދަން އަޅުގަނޑުމެންނާ އެކީގައި އުޅެދާނެ ކަމަށް ގަބޫލުކުރަން ވަރަށްދެރަ. ވަރަށް އުނދަގޫ. ނުވެސް ނެތްވާކަށް. އެބޭފުޅުން ބޭނުންފުޅުވިނަމަވެސް، އެކަންވާކަށް ނެތް. އެއީ، މާޒީގައި އަތް އަޅަންޖެހޭތީ. މާޒީގައި އަތް އަޅަންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެއްއަޑަކުން މިގޮވަނީ، މާޒީގައި ވެދިޔަ ގޮސްފައިވާ ބޭއިންޞާފުތައް ބަލަން ބޭނުމޭ. ކަންވެ ހިނގާފައި އޮތްގޮތް އޮޅުންފިލުވަން ބޭނުމޭ. އަޅުގަނޑު މިބުނަނީ މާޒީ ފަހާ ދުވެގެނެއް މުސްތަޤްބަލެއް އަތެއްނުވާނެއޭ. ކޮންމެއަކަސް މަޖިލީހުން ކުރާ ކަމަކަށް ރައީސުލްޖުމްހޫރިއްޔާއަކަށް ހިންގޭނެ ބާރެއް ނެތް. އެހެންވީމާ، މަޖިލީހަށް އެބޭފުޅުން ގެންނެވުން އެބޭފުޅުންނަށް ކިތަންމެހާވެސް މުހިންމު. އެމަސައްކަތްތައް އިންޞާފު ޤާއިމު ކުރުމަށް މަޖިލީހުގައި އެއުޅޭ އުޅުމަށް ހުރަސް އެޅުވުމާއި، މިދިޔަ ދިގު ތިރީސް އަހަރުވެސް އެ މަޖިލީހުގަޔާއި އަދި އެހެން މަޖިލިސްތަކުގައި އަޅުގަނޑުމެންގެ ތަރައްޤީއަށް ކަނޑައެޅިގެން އަޅުގަނޑު ދަންނަވާނީ ހުރަސް އެޅުމުގައި އުޅުއްވި ބޭފުޅުން އަނެއްކާވެސް ވެދެލައްވާށޭ އެއުޅުއްވަނީ. އެ ފުރްޞަތު ތިޔަބޭފުޅުން އެބޭފުޅުންނަށް ދެއްވައިފިނަމަ، އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.

ބައްލަވާ، ލާމަރްކަޒީ އުޞޫލުން ކަންކަން ކުރުމަށް ސަރުކާރުން ބިލެއް ހުށަހެޅި އިހަކަށްދުވަހަކު. ލާމަރްކަޒީ އުޞޫލުން ކަންކުރުމަކީ، މިދިޔަ ވިހި އަހަރު ހަމަ އެއްވާނަކަށް އެއް އަޑަކަށް ދައްކަމުން އައި ވާހަކައެއް. ވިހިވިހީގެ ތަޞައްވުރުގައިވެސް އެވާހަކަ ލިޔެފައި އޮތް. އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގެ ބާބެއް އެކީ ފުރާ، ހުރިހާ އެންމެން އެދިގެން މިވާހަކަ ލިޔެއްޖެ. އެހެންނަމަވެސް، އަޅުގަނޑުމެން އެކަން ކުރުމަށް ޤާނޫނެއް މަޖިލީހަށް ހުށަހެޅީމާ، ބައްލަވާ، ވާދަވެރި ސިޔާސީ ޕާޓީތަކަކުން އެއްގޮތަކަށްވެސް ތާއީދެއް ނުކުރިއޭ. ކިރިޔާ އެންމެ ވޯޓަކުން އަޅުގަނޑުމެންނަށް އެބިލް މަޖިލީހަށް އެތެރެކުރެވުނީ. އެންމެ ވޯޓަކުން ކިރިޔާ. އެހެންވީމާ، މިއަދު އަޅުގަނޑަށް ވަރަށް އުނދަގޫ ގަބޫލުކުރަން އަނެއްކާވެސް އެބޭފުޅުން ތިއްބަވައިގެން އަޅުގަނޑުމެން އެމް.ޑީ.ޕީ.ގެ ވަޢުދު ފުއްދުމަށް ޑީ.އާރު.ޕީ.ގެ މެންބަރެއް ކަމަކުނުދާނެ. އެކަމަށް ހަމަ ރަނގަޅުވާނީ ޝަރީފް. އަޅުގަނޑު އެންމެ ފުރަތަމައިނުންވެސް އެންމެ ފުރަތަމަ ދުވަހުއްސުރެ ފެށިގެންވެސް އަޅުގަނޑުމެންނާއެކީގައި މިމަސައްކަތުގައި ތިބި މީހުންނަށް، ތިބި ބޭފުޅުންނަށް ހަމަ ކުޑަކޮށްވެސް އެނގިލައްވާނީވެސް އަޅުގަނޑުމެން ކުރަން މިއުޅޭ ކަމެއްވެސް. މިކަން ކުރާނެ ގޮތަކީ ކޮބައިތޯ. އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީގައި މިދަންނަވަނީ، އަޅުގަނޑަށް ވަރަށް އުނދަގޫވާނެ، އެހެން ބޭފުޅުންނާއެކީގައި އަޅުގަނޑުމެން އަމާޒުކޮށްގެން މިއުޅޭ މަސައްކަތްތައް ބާރަށް ގެންގޮސް ކުރިއަށް ގެންދަން. އަޅުގަނޑުމެންނަށް އުނދަގޫވާނެ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ އާދޭހާ އެކީގައި މިރަށު ރައްޔިތުންގެ ކިބައިން އެދެން ވިސްނަވާށޭ. މިކަން ހިނގާދިޔަގޮތްވެސް ބައްލަވާށޭ. ވަކި ފަރުދަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކޮށްގެން، ކިހިނެއްތޯ ދެއްވަދޫގެ މައްސަލަތައް ޙައްލުކުރެވޭނެތޯ ދެއްވަދޫ މެންބަރު އެކަނި ވޯޓު ދެއްވައިގެން. 76 މެންބަރުންގެ ތަނެއްގައި. ނޫން އެއީ މަޖިލީހެއް. އެތަނުގެ އަޣްލަބިއްޔަތު ލިބުނީމާ ކަންކަންވާނީ.

އެހެންވީމާ، މިތަނުން އަދި ވަކި ފަރުދެއް، މާ މިނިވަން ބޭފުޅަކު އިންތިޚާބުވިޔަކަސްވެސް އެބޭފުޅަކަށް ރައްޔިތުންގެ ޙައްޤު ދެމެހެއްޓޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ. އެކަން ކުރެވޭނީ، އަޣްލަބިއްޔަތު އޮތް ބަޔަކަށް. ކުރިއަށް މިއޮތް މަޖިލީހުގައިވެސް އިރާދަކުރެއްވިއްޔާ އަޣްލަބިއްޔަތު ލިބޭނީ އަޅުގަނޑުމެންނަށް. ދެން ތިޔަހެނެއް ތިޔަކަމެއް ނުވާނޭ ބުނުއްވައި ބޯހަރުކޮށް އުޅުއްވައިފިއްޔާ ދިމާވާނީ މި ނޮވެމްބަރު 11 ގައިވެސް ނަޝީދުއޭ ތިޔަކަމެއް ތިޔަހެނެއް ނުވާނެއޭ، ކާމިޔާބެއް ނުވާނެއޭ، ތިޔައީ ބޭކާރު ކަމެކޭ، ހުއްޓާލާށޭ، މިއޮއްބޮޑު ވެރިކަމޭ، އެހުރިހާ ވާހަކައެއް ދެއްކެވި ބޭފުޅުން މިހާރު ތިއްބަވަނީ ކުޑަކޮށް ލަދުން. އެހެންވީމާ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ނަޞޭޙަތްތެރިވަން. ދެން މުސްތަޤްބަލްގައި ކުރިއަށް އޮތް ތަނުގައި ލަދުގަންނާކަށް އުޅުއްވާނެ ކަމެއްނެތް.

އަޅުގަނޑުމެންގެ މަޝްރޫޢުތައްވެސް، ބޯހިޔާވަހިކަންވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފޯރުކޮށްދޭނަން. މަހުގެ އަގުވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މައްޗަށް ޖައްސައިދޭނަން. އަޅުގަނޑުމެން މިބުނާ ޑްރަގްގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގޮތެއް ހޯދައިދޭނަން. ރާއްޖެއަށް ޑްރަގަށް ހުޅުވިފައިމިވާ ދޮރުތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބަންދު ކުރާނަން.

މިއަދު މިއީ ފަހަރެއްގައި ނުދައްކާންވާ ވާހަކައަކަށްވެސް ވެދާނެ. މިއަދު އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ، ރާއްޖޭގައި ޑްރަގްގެ ވިޔަފާރި ކުރަނީ ބޮޑު 6 މީހުންކަން. މިތަނުން ޕެކެޓެއް ހިފައިގެން އުޅޭ ކުއްޖަކު ނުވަތަ މިތަނުން ޑްރަގް ނަގަން އުޅޭ ކުއްޖަކު ގެންގޮސް އިދިފުށަށް ބިޑި އެޅުވިޔަކަސް، އެއެއް ނުހުއްޓޭނެ. މިދަންނަވާ 6 މީހުން ހުއްޓުވީމާ ނިމުނީ. އޭރުން މިތާ ހުންނަ ކުއްޖާ އަތަކު ނޯންނާނެ އެ އެތިކޮޅެއް. އޭރުން ސަރުކާރަކަށެއް ނުޖެހޭނެ ހަތްހާސް، އެއްހާސް، ދެހާސް ކުދިން ގެންގޮސް ޖަލުގައި ބައިތިއްބައިގެން އެމީހުންނަށް ކައްކާ ކާންދީގެން އެމީހުންގެ ކަންތައް ބަލަހައްޓާކަށް. މި 6 މީހުންނަށް ކައްކާ ކާންދީގެން އެމީހުންގެ ކަންތައް ބެލެހެއްޓީމާ، މިކަމުން އަޅުގަނޑުމެންނަށް މާ ލުއި ސަލާމަތެއް ލިބޭނެ. މިހާރު ދިމާވާ މައްސަލައަކީ، މިވަގުތު އެ 6 މީހުން ގެންގޮއްސިއްޔާ، ބައެއް ބޭފުޅުން ވިދާޅުވާނެ، އިންތިޚާބަށް ނުފޫޒު ފޯރުވަން ބައެއް ވިޔަފާރިވެރިން އަޅުގަނޑުމެންނަށް ތާއީދު ނުކުރާ ބައެއް ވިޔަފާރިވެރިން އަޅުގަނޑުމެން ހައްޔަރު ކުރީއޭ. އެކަމަކު ވަރަށްބޮޑު ހިތާމައެއް. އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށްވެސް އިނގޭތޯ ޝަރީފަކަށްވެސް އަދި އެހެން ކެންޑިޑޭޓުންނަކަށްވެސް ނުއެއް އެނގޭ މޫނު ބަލާލީމާ، މީނާއަކީ ޑްރަގް ވިއްކާ މީހެއް ކަމެއް. އަޅުގަނޑުމެން ހީކުރަނީ، ޑްރަގް ވިއްކާ މީހުން އެއީ، ދެމިޔަކަނުން ސޮނި ވެއްޓިފައި މަގުމަތީގައި ލައްވެފައި ފާރުގައި އެތިބެނީ ކަމަށް. ނޫން ނޫން އެއީ އޭގެ ވަރަށް އާދައިގެ ބައެއް. އެއީއެއް ނޫން. އަޞްލު މީހުން ތިބެނީ އިނގޭތޯ ހަމަ ވަރަށް ރަނގަޅަށް ޓައީ އަޅާފައި. ވަރަށް ރީތިކޮށް ތުނބުޅި ބާލާފައި. ވަރަށް އޮފްކޮށް ބޫޓަށް އަރާފައި. ހަމަ ވަރަށް ރީތިކޮށް ކާރުގައި. އެހެންވީމާ، އެއިން މީހެއް އައިސް ކެމްޕޭނަށް ޚަރަދު ކުރަނީ. އެހީވެދެނީ. އަޅުގަނޑަށް އެނގޭ ކެމްޕޭނަކަށް އެހީވެދިނީމާ ފަހުން އައިސް ގޮވާލީމާ ދެންވާ ގޮތާއި ހަދަންޖެހޭ އެތި. މިއަދު އަޅުގަނޑުމެންނަކަށެއް ނޭނގޭ އޭނާއަކީ ކާކުކަމެއް. އަޅުގަނޑަކަށެއް ނެތް ބުނެދެވޭކަށްވެސް ޝަރީފް ކައިރިއަކު. އެކަމަކު އޭނާ އެލާރި ދިނީމާ، މާދަމާ ދެން އަޅުގަނޑަކަށެއް ނޭނގެ އޭނާ ޝަރީފަށް ލާރިދޭކަމެއް. އެހެންނަމަވެސް، ކެންޑިޑޭޓުންނަށް އެހީތެރިވާނެ މިއަދު. ކެންޑިޑޭޓުންނަށް އެހީތެރިވެދޭނެ. ދެން އަޅުގަނޑުމެންގެ ޕާޓީގެ ކެންޑިޑޭޓުންނަށް އެހީތެރިވިޔަނުދީ ހިފަހައްޓާފައި އެހެރީ. ވާ އެހީއެއް އަޅުގަނޑުމެން މިބުނަނީ ވާށޭ ޕާޓީއަށް. ވީމާ، އެފައިސާ ދޮވެފައި، އޭގެ ކުލަ ބަލާފައި، އޭގައި ދުވާ ވަހެއް އޮޅުންފިލުވާފައި، ދެން އަޅުގަނޑުމެން އެފައިސާ ދޭން ވެގެން މިއުޅެނީ. ހަމަ ދޭހާ އެއްޗެއް ހިފާ ގޮތަކަށެއް ނޫން އެމް.ޑީ.ޕީ ކެންޑިޑޭޓުން ތިބެން ޖެހޭނީކީ. ޚާއްޞަކޮށް ފައިސާއަށް ބަލާއިރު. އެއީ، މިފައިސާގެ ތެރޭގައި ޑްރަގްގެ ފައިސާ ވަރަށްގިނަކަމުން. މި އިންތިޚާބުގެ ތެރޭގައި ނުކުންނަ ފައިސާގެ ބޮޑުބައެއް އެއީ، ޑްރަގްގެ ފައިސާ. އަޅުގަނޑުމެން ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ކެންޑިޑޭޓުން އެ ފައިސާއިން ތަޣައްޔަރުވާކަށް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މިއަދާ ހަމައަށްވެސް މިދިޔަ ތިރީސް އަހަރު ނުވަތަ މިދިޔަ ފަސް އަހަރު ހަމަގައިމުވެސް ހިފި ޑްރަގްގެ ޢަދަދަށްވުރެ ގިނަވާނެ މިދިޔަ ފަސް މަސްދުވަހު ހިފި ޑްރަގްގެ ޢަދަދު. ހިފޭނެ އަޅުގަނޑުމެންނަށް. ހުއްޓުވޭނެ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން ބިރެއްވެސްނުގަންނާނެ. އަދި ގާތެއްވެސް ހަމަ ނުވެވޭނެ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިކަންވާނެ. އަޅުގަނޑުމެން ރާއްޖޭގެ ޒުވާން ޖީލު އިރާދަކުރެއްވިއްޔާ ސަލާމަތް ކޮށްދޭނަން.

އަޅުގަނޑު ހަމަ ތަކުރާރުކޮށްވެސް ދަންނަވަން އޮތީ، މިވަގުތުގެ މުހިންމުކަން. މިދަނޑިވަޅުގެ މުހިންމުކަން. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންނަށްވެސް އޭގެ މުހިންމުކަން ހަމަ ރަނގަޅަށް ވިސްނިވަޑައިގެން ތިޔަ ތިއްބެވީ. މީގައި އޮޅުމެއް އަރާނެ ކަމެއްނެތް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ އުންމީދަކީ، މާދަމާއަކީ ދެއްވަދޫއަށް މިއަދަށްވުރެ ފަހި ދުވަހަކަށްވުން. މިރަށަކީ މީގެ ތާރީޚީ ފިލާވަޅުތައް ވަރަށް ފުންކޮށް، ވަރަށް ސާފުކޮށް، ވަރަށް ޞަރީޙަކޮށް މުޅި ރާއްޖެއަށް ދައްކައިދީފައިވާ ރަށެއް. މިރަށުގެ މިސާލާއި، މިރަށުގެ ގޮތާއި، މިރަށުގެ ފޮތް ރާއްޖޭގެ ރައްޔިތުން މިގެންގުޅެނީ. ދެއްވަދޫ ރަސްގެފާނަކީ ކުރު މުއްދަތެއްގެ ތެރޭގައި ސާޅީސް ދެމިސްކިތް ބިނާކުރެއްވި ރަސްގެފާނެއް. މާލޭގައިވެސް ވަރަށްގިނަ މިސްކިތްތައް. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމިސްކިތްތައް މިހާރުވެސް ބައެއް މިސްކިތްތައް އެބަހުރި. ދެއްވަދޫން ނުއުފެދޭ ގޯސްކަމެއް. ވީމާ، ދެންވެސް ދެއްވަދޫން އުފެދޭނީ ރަނގަޅު ކަންކަން އަޅުގަނޑަށް ހަމަ ޔަޤީން.

ވަރަށްބޮޑަށް ޝުކުރިއްޔާ! واَلحَمْـدُ لِلّـهِ. والســّلام عليــكم.