بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ހަނދުމަފުޅު ހުންނާނެ! ރަކީދޫގެ ރައްޔިތުންނާ އަޅުގަނޑާ، މީގެ ދުވަސްކޮޅެއް ކުރީގައި ދިމާވީ. އަޅުގަނޑުމެން އެދުވަހު ތިޔަބޭފުޅުންނަށް ހުށަހެޅީމު. މި ސަރުކާރު، އެމް.ޑީ.ޕީ އިއްތިހާދުގެ ސަރުކާރެއް ޤާއިމު ކުރެވިއްޖެނަމަ، ޤާއިމުވީމާ، ދެން އަޅުގަނޑުމެންގެ ސިޔާސަތު އޮންނާނެ ގޮތުގެ ތަޞައްވުރެއް، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އެދުވަހު ހުށަހެޅީމު. އަޅުގަނޑުމެން ޢާންމުކޮށް ދައްކަމުން އައި މައިގަނޑު މުހިންމު ނުކުތާތަކެއް އެބަހުރި. އަޅުގަނޑުމެންނެއް ނޭދެމޭ، ރައްޔިތުންނަކީ ހާސްކަންމަތީގައި ހަދާނެ ގޮތެއް ނެތިފައި މާޔޫސްވެ، ބިކަހާލުގައި ޖެހިތިބި ބަޔަކަށްވާކަށް އަޅުގަނޑުމެނެއް ކުޑަކޮށްވެސް ނޭދެމޭ. އަޅުގަނޑުމެންގެ ނަޒަރުގައި ދިވެހިރާއްޖެއަކީ މުއްސަނދި ޤައުމެކޭ. ޤުދުރަތީ ވަސީލަތްތައް ގިނަ ޤައުމެކޭ. އެހެންވީމާ، ރާއްޖޭގެ ރައްޔިތުން މިޙާލުގައި އުޅޭކަށް ނުޖެހޭނެއޭ.

މިދެންނެވި ކަންކަން ބަދަލުކުރުމަށްޓަކައި އަޅުގަނޑުމެން އެކުލަވާލި ސިޔާސަތެއް އެދުވަހު ތިޔަބޭފުޅުންނަށް ހުށަހެޅިން. މިއަދު އަޅުގަނޑަށް އުފަލާއެކީގައި، ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވެން އެބައޮތް. އެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި، ރަކީދުއަށް އޮތީ ކޮންކަމެއްތޯ. ތިމަންނާއަށް ތިމަންނާގެ ގެއަށް، ތިމަންނާގެ ރަށަށް، ތިމަންނާގެ އަތޮޅަށް، އެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައިވާނީ ކިހިނެއްހޭ؟ އަޅުގަނޑު ހަމަ ވަންނައިރުގައިވެސް ވަރަށް ހިތްހަމަޖެހޭ. ތިޔަބޭފުޅުންގެ ޝުޢޫރުތައް. ތިޔަބޭފުޅުން ބޭނުންވާ ސުވާލުތައް. އަދި އެނގެން ބޭނުންވާ ކަންކަމާ ގުޅޭ ލިޔުން މިތާ އެބަހުރި. އަޅުގަނޑު އެތަކެތި ކިޔާލައިފިން. އަޅުގަނޑަށްވެސް ފެނުނީ ހަމަ ތިޔަބޭފުޅުންނަށްވެސް ޔަޤީން ކަމެއް. ދެން ހަދާނެ ގޮތަކީ ކޮބައިތޯ، ތިޔަބޭފުޅުންނަށްވެސް ނުވިސްނިގެން އުޅޭ ތަން. އެއްފަހަރު އެންމެ މައްޗަށް ވިދާޅުވަނީ، ބޮޑު މޮހޮރާގެ މަޝްރޫޢު ކޮބައިތޯ؟ އެ މަޝްރޫޢު ކޮބައިތޯއޭ އައްސަވައިފިއްޔާ، އޭގެ މާނައަކީ، ސްކޫލްގެ ވާހަކައާއި، ނަރުދަމާގެ ވާހަކައާއި، ފެނުގެ ވާހަކައާއި، ބޯޅަދަނޑުގެ ވާހަކައާއި ދެން ނެތް. އޭރުން އޮންނާނީ ބޮޑުމޮހޮރާގެ މަޝްރޫޢު.

އެހެންވީމާ، ފުރަތަމަ ކަމަކީ، އަޅުގަނޑަށް އެދުވަހުވެސް ގަބޫލެއް ނުކުރެވޭ، މީގެކުރީގައި އައި ދުވަހުވެސް އަޅުގަނޑަކަށެއް ނޭނގޭ، ސީދާ ތިޔަބޭފުޅުން ބޭނުންވެލައްވަނީ ކޮންގޮތެއް ކަމެއް. އަޅުގަނޑުމެންގެ ސިޔާސަތުގެ އެއްފަސްކުރުން އެއީ ރައްޔިތުންގެ ރުހުމާއި، ރައްޔިތުން އެދިގެން، ރައްޔިތުން ބޭނުންވީމާ ގޮސް ކުރާން އޮތް ކަމެއް. އެހެންވީމާ، އަޅުގަނޑަށް އަދި މި ސަރުކާރަށް ވަރަށް ބޮޑަށް ސާފުވާންޖެހޭ. ސީދާ ތިޔަބޭފުޅުން ބޭނުންވެލައްވަނީ ކޮންގޮތެއްކަން.

ބޮޑުމޮހޮރާގެ މަޝްރޫޢު ކޮބައިތޯ އައްސަވާއިރުގައި، ބޮޑުމޮހޮރާ އެބައޮތް. އެއަކު ނެތް ޝައްކެއް. އަޅުގަނޑު މިހެން އައިއިރުވެސް ދުށިން. އަދި މިއީ، އަޅުގަނޑު މީގެ ވިއްސަކަށް އަހަރު ކުރިއްސުރެ ފަށައިގެންވެސް މިއަތޮޅަށް އައިސް އުޅޭއިރު ހަމަ އަބަދުވެސް އެރަށް ދެކެން. ދެން އެރަށާ ގުޅޭ މަޝްރޫޢު ކޮބައިތޯ މިހާރު އަޅުގަނޑުމެން މިއަހަނީ. އެއީ، ގަނޑެއްގައި ކުރަހާފައި އޮތް މަންޒަރެއް. އެމަންޒަރުގެ ފަހަތް ނުވަތަ ޙަޤީޤަތަކަށްވުމަށް ބޭނުންވޭ އެބަ، އެއާގުޅޭ ފައިސާގެ ކަންކަން ހަމަޖެހެން. އެކަން ހަމަޖައްސާނެ ގޮތްތަކެއް ހޯދަން. މަންޒަރު އެބައޮތް. ބޮޑު މޮހުރާވެސް އެބައޮތް. ކުރެހި ކުރެހުންވެސް އެބައޮތް. ބޮޑު މޮހޮރާވެސް އެބައޮތް. އަޅުގަނޑު ހޯދާހޯދާ، ސަރުކާރުގެ އެއްވެސް ވުޒާރާއަކުންނެއް ނުފެނުނު، މިކަމުގެ ފައިސާއާގުޅޭ އެއްވެސް ވާހަކައެއް ދެކެވިފައި ހުރި ގޮތެއްވެސް، ދެކެވިފައި ހުރި ތަނެއްވެސް.

ކަމެއް ބަޔަކު މީހުން ކުރާއިރުގައި، އެންމެ ފުރަތަމައިނުން މިކުރަން މިޖެހޭ ކަމަކީ، އެކަމަކީ ކުރެވެން އޮތް ކަމެއްތޯ އެބަ ކަނޑައަޅަންޖެހޭ. ބޮޑު މޮހޮރާއަށް މިރަށު ރައްޔިތުން ބަދަލުކުރެވިދާނެ. އަދި އެތަން ތަރައްޤީވެސް ކުރެވިދާނެ. އެއީ ކުރެވިދާނެ ކަމެއް. އަޅުގަނޑުމެންގެ އެކަން ކުރުމުގެ ސިޔާސަތެއްވެސް އެބައޮތް، ތިޔަބޭފުޅުން ބޭނުންވެލައްވަންޏާ. އަޅުގަނޑުމެން ވަރަށް ފާޅުގައި އަޑު ހަރުކޮށް ވަޢުދުތަކެއް ރައްޔިތުންނަށް ވަމުން ގެންދިޔައީމު. އަޅުގަނޑުމެން ދެންނެވިން. ދިވެހި ރައްޔިތުންނަކީ، ބޭސް ސިޓީއަށް ސަލާންޖަހާ ބަޔަކަށްވެގެން ނުވާނެއޭ. ބޭސްފަރުވާގެ ކަންކަން ކޮންމެ ރައްޔިތަކަށްމެ ފަސޭހަކަމާއެކީގައި ވާން ޖެހޭނެއޭ. އަޅުގަނޑުމެން ވަޢުދުވަމުން މިއަންނަނީ އަދި މިހާރުވެސް އަޅުގަނޑުމެން ވަޢުދުވާނަން. ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން އެއީ، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ރައްޔިތުންނަށް ލިބެންޖެހޭނެ ޙައްޤެކޭ. އަޅުގަނޑުމެން ބުނަމުން މިއަންނަނީ، ޑްރަގްގެ ޝިކާރައަކަށް ވެފައިވާ ޒުވާނުން އެކަމުން ސަލާމަތް ކުރުމަށް، ޑްރަގަށް ހުޅުވާލެވިފައިވާ ދޮރުތައް އަޅުގަނޑުމެން ބަންދުކޮށްދޭނަމޭ. ތަކެތީގެ އަގު އަތްފޯރާފަށުގައި ބަހައްޓައިދޭނަމޭ. އަދި ހުރިހާ ކަމަކަށްވުރެ ބޮޑަށް އަޅުގަނޑު ހިތުން މިރަށުގައި ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް އަޅުގަނޑުމެން ގުޅައިދޭނަމޭ.

މިއަދު ހަމަ ތިޔަބޭފުޅުން ގޮތެއް ނިންމެވީމާ، ތިބޭނީތޯ، ދާނީތޯ. ދާނީ ކަމަށް ވަނީވިއްޔާ، ދާނީ ކޮންތާކަށްތޯއޭ. އަޅުގަނޑުމެން ރާއްޖޭގައި އެބައަޅަން ދިހަހާސް ގެ. މިއަހަރުގެ ތެރޭގައި ދިހަހާސް ގެ އެޅުމުގެ މަސައްކަތް ފެށޭނެ. އޭގެތެރޭގައި ގެދޮރު އަޅުގަނޑުމެން އެބައަޅަން މާފުށީގައިވެސް. ހުޅުމާލޭގައިވެސް. އަދި މާލެއަތޮޅު ކިތަންމެ ރަށެއްގައިވެސް. ދެކުނުބުރިވެސް. އުތުރުބުރިވެސް. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މ. އަތޮޅުގައިވެސް. ފ.އަތޮޅުގައިވެސް. އަދި ވ. އަތޮޅުގައިވެސް. އަދި އަޅުގަނޑުމެން ރަކީދޫގައިވެސް ގެ އަޅަން ބޭނުން. އަޅުގަނޑުމެން ގެ އަޅަންވެގެން، ދިހަހާސް ގެ އެޅުމަށް، އަޅުގަނޑު މިހެން ބުނާއިރުގައި، ހަމަ ދެންމެ އަޅުގަނޑު މިދެއްކި ވާހަކަ، އެކަމާ ގުޅޭގޮތުންވެސް ދެއްކޭނީ، ކޮބައިހެއްޔޭ އެކަން ކުރުމުގެ ފައިސާ ހޯދާ ގޮތަކީ. ކިހިނެއް ހެއްޔޭ؟ ސަރުކާރުން އެކަން ރާވާފައި އޮތީ. ބަޖެޓުގައި އެވާހަކަ ހިމަނާފައި އެބައޮތް ހެއްޔޭ؟ ބަޖެޓް މެދުވެރިކޮށްހެއްޔޭ؟ މި ދިހަހާސް ގެ އެޅުމަށް މިމަސައްކަތް ކުރަނީ.

އަޅުގަނޑުމެންގެ ވިސްނުމަކީ، އަޅުގަނޑުމެންގެ ރޭވުމަކީ، ރާއްޖޭގެ އެބައޮތް ވަރަށް އަގުބޮޑު، ވަރަށް އަގުހުރި މުދަލެއް. އެއީ ދިވެހި ބިން. ރާއްޖޭގެ ބިން. ބިމަކީ ދުނިޔޭގައި ވަރަށް އަގުހުރި އެއްޗެއް. އެއީ، ޚާއްޞަކޮށް ރާއްޖޭގެ ޤުދްރަތީ ރީތިކަމާ އެ ބިން ގުޅިފައި އޮތީމާ. ޓޫރިޒަމްގެ ބޭނުންތަކަށް ވަރަށް ފައިދާހުރި ގޮތުގައި، ބޭރުގެ އެކިއެކި ވިޔަފާރިވެރިންނާ ގުޅިގެން، އެމީހުން އެކަނިވެސް ބައެއް ފަހަރަށް އެމީހުންނާ ގުޅިގެން ދިވެހިންވެސް، އަނެއްބައިފަހަރަށް ދިވެހިން އެކަނިވެސް މިބިމުގެ ބޭނުން ކުރަމުން އެބަގެންދޭ.

މިކަން ފާހަގަކޮށް އަޅުގަނޑުމެން މިބުނާގޮތަކީ ދިހަހާސް ގެއާ ގުޅިފައިވަނީ، އެއްހާސް މަތީ ފެންވަރުގެ ބޭރު މީހުންނަށް ދިރިއުޅެވޭ ބާވަތުގެ ބޮޑެތި ގޯތި ގޯއްޗޭ. މިސާލަކަށް، އަޅުގަނޑުމެން ދެނީ ބޮޑު މޮހޮރާއިން 30 ބޮޑު ބިން، ބޭރު ފަރާތްތަކަކަށް ޓޫރިސްޓުންގެ ގޮތުގައި ނުވަތަ އެތަނުގައި ތިބެން، ގެ އަޅައިގެން އައިސް ތިބެން ބޭނުންވާނެ މީހުންނަށް ތިބުމަށް 30 ގެ. އެ 30 ގެ އާ ގުޅިފައި އޮންނާނީ، މިއަތޮޅުގައި އަޅާ 300 ފްލެޓާ. އެ ފްލެޓްތައް އަތޮޅުތެރޭގައި ބަހާލެވޭނީ. މިހާރު އަޅުގަނޑުމެން ވިސްނާފައި އޮތް ގޮތެއް އެބައޮތް. މިވެނި ރަށެއްގައި ކިހާ ފްލެޓެއްތޯ ބޭނުންވާނީ. އެކަމަކު ޙަޤީޤަތުގައި އެ ފްލެޓްތައް އަޅުގަނޑުމެން އަޅަން ފަށާ ބަހާލާނީ އެއަށް މީހުން ބޭނުންވާވަރު ނިންމާފައި.

ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން ގެދޮރު އެޅުމުގައި އުޅޭ ޙާލު، އަޅުގަނޑުމެން ވަރަށް ގާތުން ދެކިއްޖައިމު. ރިޒޯޓެއްގައި ނުވަތަ ކަންނެލި އޮޑިއެއްގައި ނުވަތަ ފާނަ ދޯންޏެއްގައި ދުވަސްކޮޅަކު އުޅެލާފައި، މީހަކާ އިނދެގެން އައިސް ގެވަޅެއް ނަގާފައި ގާކޮޅެއް އަޅާލަފާނެ. ދެން އަންނަ އަހަރު ފައުންޑޭޝަން ދަމާލަފާނެ. ދެން އޭގެ އަނެއް އަހަރު ފަހަރެއްގައި ފާރުތައް ރާނާލެވިދާނެ. ދެން އަންނަ ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. އަނެއް ރޯދައަށް ހިޔާކޮށްލެވިދާނެ. ދެން އަންނަ ރޯދައަށް ފާޚާނާއެއް ބަހައްޓާލެވިދާނެ. ގެއެއް އަޅާ ނިމޭއިރުގައި އަޅުގަނޑުމެން އާދައިގެ މީހެއްގެ ޢުމުރު ހުންނަނީ ދެބައިވެފައި. އަޅުގަނޑަށް ޔަޤީން، މިތަނުގައި ގެ އަޅުއްވާފައި ތިއްބެވި ކިތަންމެ ބޭފުޅުންނެއް ތިއްބަވާނެ. ބާރަ، ފަނަރަ އަހަރުގެ މިކޮޅުން އަދި އެގެއަކަށް މިލިއަނެއްހާ ރުފިޔާ ޚަރަދު ނުކޮށް ގެއެއް އަޅާފައި ހުރި މީހަކު ވަރަށް މަދުވާނެ. މިހެންވީމާ، ވަރަށްބޮޑު ގެއްލުން ހުރިހާ އެންމެންނަށްވެސް. ފުރަތަމަ ކަމަކަށް ގެއެއް އަޅައިގެން ރީތިކޮށް ގެއަކަށްވަދެ ދިރިއުޅެން ނުފެށެނީ. ދެވަނަ ކަމަކަށް، އަޅާ ގޭގެ އެހާ ދިގު މުއްދަތުގައި އަޅާތީވެ ޚަރަދު ބޮޑުވެގެންދަނީ. އެ ޖުމްލަ ޚަރަދަކީ ހަމަ ސީދާ މިދައުލަތުން ގެއްލޭ ޚަރަދެއް. މިފަހަރު ތިޔަބޭފުޅުންގެ ޖީބުން، އެ ޚަރަދު ގެއްލެމުންދަނީ. އެހެންނަމަވެސް، ޖުމްލަ ގޮތެއްގައި އެއީ، ދައުލަތަށް ގެއްލޭ އެއްޗެއް. ސަރުކާރަށް ގެއްލޭ އެއްޗެއް. މިޤައުމަށް ގެއްލޭ އެއްޗެއް.

އެހެންވީމާ، އަޅުގަނޑުމެން ފިކުރުކުރީ، ގެ އަޅާފައި ރައްޔިތުންނަށް ގެ ދޭނީއޭ. ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން އެ ގެ، އެމީހުންނަށް މިލްކުވާ ގޮތަކަށް. އަޅުގަނޑުމެން މިދުށީ، ގެއެއްގެ އާމްދަނީއަށް ކޮންމެ ސަތޭކައަކުން ވިހިރުފިޔާއަކުން ދިހަލާރިއަށްވުރެ ބޮޑު އެއްޗެއް، އެގެއެއްގެ މީހުން ގެދޮރަށް ޚަރަދުކުރަން ޖެހިގެން ނުވާނެ. އެއީ، އެހެން ތަންތަނުގައިވެސް މިޢަދަދުތައް ހުންނަގޮތް. ލިބޭ އެއްޗެއްގެ ވިހަ ޕަސެންޓަށްވުރެ ބޮޑު އެއްޗެއް ގެދޮރު އެޅުމަށް ޚަރަދު ކޮށްގެން ނުވާނެ. ތިޔަބޭފުޅުން މިހާރު ވަށާފާރު އެކަނި ރާނާލަންވެސް ދާނެ ތިރީސްހާސް ރުފިޔާ. ވަށާފާރު އެކަނި ރާނާލަންވިޔަސް އެއީ، ރަނގަޅަށް ތިޔަބޭފުޅުން ބެއްލެވީމާ، ހަތަރު ފަސް މަސް ދުވަހުގެ މުސާރައިން ކިރިޔާ ބާކީ ކުރެވޭވަރު. މިކަމެއް ތިޔަބޭފުޅުންނަކަށް މިގޮތަކަށެއް ނުވާނެ. އެއީ، އަދި ދެން އޮތް ކަމެއްގެ ގޮތުގައި ބަލައިގެން ސަރުކާރަކުންވެސް ތިބޭކަށެއް ނުވާނެ. އެހެންވީމާ، އަޅުގަނޑުމެން ނިންމީ، ދިހަހާސް ގެ ސަރުކާރުން އަޅާނީއޭ. އަޅާއިރުގައި އެގޭގެ ފައިސާ ހޯދާނީ މިހެންނޭ.

މި މަޝްރޫޢު މިގޮތަށް ހިންގުމަށްޓަކައި މިކަމަށް މިގޮތަށް މިކަން ހިންގުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ސަރުކާރުން މީގެ ދެމަސްދުވަސް ކުރީގައި އިޢްލާނު ކުރިން. ކުރީމާ އެކަމަށް ޝައުޤުވެރިވޭ އެބަ، އަޅުގަނޑު ހަނދާންވަނީ 14 ބޮޑެތި، ބައިނަލްއަޤްވާމީ ކުންފުނި. ރާއްޖޭގެ ބިމުގެ އަގު، އެއިން އަޅުގަނޑުމެންނަށް ފެންނަނީ. މިއިން ކޮންމެ ކުންފުންޏަކުންވެސް އެބަ ބޭނުންވޭ މިމަސައްކަތް ކުރަން. އެހެންވީމާ، މިހާރު ދެން ސަރުކާރަށް އޮތީ، މީގެތެރެއިން އެންމެ ކަމަށް ރަނގަޅު ކުންފުންޏަކީ ކޮބައިތޯ ބަލައި، އެކުންފުންޏަކާ އެމަސައްކަތް ޙަވާލުކުރުން. އެ ޙަވާލުކުރާއިރުގައި ރަކީދޫގައިވެސް ގެ އަޅާނެ އަދި ފުލިދޫގައިވެސް، ކެޔޮދޫގައިވެސް، މިދަންނަވާހެން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް. ރާއްޖޭގެ އެއްވެސް ރަށެއްގައި އަޅާ ގެއަކީ، އެރަށެއްގެ ގެއެއް ނޫން. އެއީ ދިވެހި ރައްޔިތުންގެ ގެ. ވަކި ރަށެއް ނެތް، ވަކި މީހަކު އައިސް އެއީ ތިމަންނާއަކަށް އަނެއް ރަށުގައި ހުންނަ ގެއެއް ނުލިބޭނެއޭ ބުނެވޭނެ އުޞޫލެއް. ތިޔަބޭފުޅުން މާފުށިން ގެ ބޭނުންވެލައްވަންޏާ، ތިޔަބޭފުޅުންނަށް މާފުށިން ގެ ލިބޭނެ. ތިޔަބޭފުޅުން ރަކީދޫން ގެ ބޭނުންވެލައްވަންޏާ، ތިޔަބޭފުޅުންނަށް ރަކީދޫން ގެ ލިބޭނެ.

އަޅުގަނޑުމެންގެ އެންމެބޮޑު އެންމެ މުހިންމު އެއްވިސްނުމަކީ، މި ދިވެހިރާއްޖެއަކީ ކޮބައިކަން ދެނެގަތުން، އެނގުން. މިއީ ޖަޒީރާ ޤައުމެއް. މިއީ މީސްކޮޅު މަދު، ކުދިކުދި ރަށްތަކެއްގައި ބަޔަކު މީހުން ފެތުރިގެން ދުރުދުރުގައި އުޅޭ ޤައުމެއް. އެއީ ޠަބީޢީ ގޮތުން މިޤައުމު، މި ދިވެހިރާއްޖެ. ފިޠުރަތުގެ އެ އުޞޫލަށް އަޅުގަނޑުމެން ޖަދަލުކުރާކަށް ނެތިން. ދިވެހިރާއްޖޭގެ ތާރީޚަށް، ނުވަތަ ކަން ހިނގާ ގޮސްފައިވާ ގޮތަށް އަޅުގަނޑުމެން ހަމަ ކުޑަކުޑަކޮށް ނަޒަރު ހިންގާލާނަން. ފުލިދޫގައި 1970ގެ ދުވަސްވަރު، ފުލިދޫ މީހުން ދިރިއުޅުމަށް، އަޅުގަނޑު ހަނދާންވަނީ، ކުޑަހުވަދޫގައި ގެ އެޅިއޭ ނުވަތަ ފ.އަތޮޅުގައި ގެ އެޅިއޭ. ރަނގަޅަށް ދަތުރު ބަދަލުނުވެ، ހުރިހާ އެންމެން އައިސް ތިބީ ފުލިދޫގައި. މީގައި ކޮން އަތަކަށް ކޮން ތަނަކުންތޯ ކޮން ރަށެއް، ޙަޤީޤަތުގައި ފަޅުކުރެވުނީ. އެތައް ސަތޭކަ އަހަރެއް އެއަށް ބޭނުންވޭ. ރަށެއްގެ ރައްޔިތުން ފަޅުވާންވެސް އަދި ރަށެއް އުފެދެންވެސް. ރަށްވެހިކަމަކީ، ހަމައެކަނި އަޅުގަނޑު ގެ އަޅާ ތަނަކުން، ސަރުކާރުން ގެ އަޅައިދޭ ތަނަކުން އުފެދޭ ކަމެއް ނޫން ރަށްވެހިކަމަކީ. ރަށްވެހިކަމަކީ، އެރަށެއްގެ ރައްޔިތުންނާއި އެ ރައްޔިތުންގެ ރޫޙާ، އެރައްޔިތުންނާ ގުޅޭ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ގޮތެއް ކިޔާކަށް ނެތިން. ތިޔައިގެ ތެރެއިން ތިއްބަވަން ބޭނުންވާ ބޭފުޅުން ތިއްބަވަންވީ. އެހެން ތަނަކަށް ދުރުވަން ބޭނުންވާ ބޭފުޅުން ދުރުވަންވީ.

ބޮޑުމޮހޮރާގެ މަޝްރޫޢަކީ ކޮބައިތޯ؟ މަޝްރޫޢު ކޮބައިތޯ؟ އެހެން ތިޔަބޭފުޅުން އެއްސެވީމާ، އޭގައި ޚާއްޞަވަނީ ވަކި މަޝްރޫޢެއް. ބޮޑުމޮހޮރާއަށް މަޝްރޫޢެއް އެބައޮތްތޯ؟ އެ ސުވާލު އެއްސެވިނަމަ، އަޅުގަނޑު ވަރަށް ބާރަށް ދެންނެވީމު، އާދޭހޭ ބޮޑުމޮހޮރާއަށް ވަރަށް ރަނގަޅު މަޝްރޫޢެއް އެބައޮތޭ. އެތަނުގައި ވަޒީފާވެސް އުފެދޭނެއޭ. އެއީ އެތަނުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިދަންނަވާ ބާވަތުގެ ވިލާ ތަރައްޤީ ކުރުމުގެ ފުރްޞަތު އެތަނުން ހުޅުވާލާނަން. އަދި އޭގެ އިތުރުން ަ މިހާރު އެ ހިނގަމުންދާ މެރިން ރިސަރޗް ސެންޓަރުވެސް ބޮޑުމޮހޮރާގައި ބޭނުންކުރާނެ.

ދެން ވ. އަތޮޅު ހުރިހާ ރައްޔިތުން، އެއް އަޑަކުން އެއްފަހަރާ ތިމަންމެން އެންމެން ބޭނުންވަނީ، ހުރިހާ އެންމެން އައިސް ބޮޑުމޮހޮރާގައި ތިބެހެރޭ، ބޮޑުމޮހޮރާ އެކީގައި ހިއްކަހަރޭ. އެވާހަކަ ނުވަތަ އެނުކުތާ އެގޮތަށް ފާހަގަކޮށްފިނަމަ، އަނެއްކާވެސް މި ސަރުކާރަކަށެއް ނެތް އިތުރުގޮތެއް އާއެކޭ ބުނުން ފިޔަވައި. މިއީ، ރައްޔިތުންގެ ސަރުކާރެއް. މި ސަރުކާރު ދެމި މި އޮންނަނީ ހަމަ އެންމެ ސަބަބަކަށްޓަކައި. އެއީ، އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށް. ތިޔަބޭފުޅުންނަށް ޚިދްމަތް ކޮށްދިނުމަށްޓަކައި.
އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައި އޮންނަ އެންމެ މުހިންމު އެންމެ ފާހަގަވާ ނުކުތާއަކީ، މި ދައުލަތަށް، މި ސަރުކާރަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ، ތިޔަބޭފުޅުންގެ ފައިސާއޭ. އަމާނާތެއްގެ ގޮތުގައި ބެލެހެއްޓުމަށް އަދި ހަމަހަމަ ގޮތުގައި ރައްޔިތުންނަށް އެ ޚަރަދު ކުރުމަށް ތިޔަބޭފުޅުން އަޅުގަނޑުމެންނާ ޙަވާލުކޮށްފައިވާ ފައިސާއެއް. އަޅުގަނޑުމެންނަކަށެއް ނެތް އެއަށް ޚިޔާނާތްތެރިވެވޭކަށް. ވެގެންވެސް ނުވާނެ. މި ސަރުކާރުގައި ކުޑަވެސް ޖާގައެއް އަޅުގަނޑުމެންނެއް ނުދޭނަން ޚިޔާނާތްތެރިންނަކަށް. ކޮރަޕްޝަނަކަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ރާއްޖޭގެ މުއްސަނދިކަން ތަނަވަސްގޮތުގައި ބޭނުންކުރެވޭނެ.

ތިޔަބޭފުޅުން އައްސަވާ! މިރަށުގެ ފެނުގެ ވާހަކައާއި ކަރަންޓްގެ ވާހަކައާއި ނަރުދަމާގެ ވާހަކަ. އަޅުގަނޑުމެން އެދުވަހު އަޅުގަނޑުމެންގެ ސިޔާސަތު ކިޔައިދިންއިރުގައި، އަޅުގަނޑުމެން ދެންނެވިން، އެކަން އަޅުގަނޑުމެން ކުރަން ރާވާފައިވަނީ، ޢާންމު ރައްޔިތުންނާ، އެއީ ވިޔަފާރިވެރިންނާއި ސަރުކާރު ޙިއްޞާވެ ގުޅިގެން އެ މަޝްރޫޢުތައް ހިންގާނީއޭ.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް މިސާލަކާ އެކީގައި މިވާހަކަ ކިޔާދޭނީ. މިއަތޮޅުގައި ދެރިޒޯޓު އޮވޭ. އެ ދެރިޒޯޓުގައި ފެނާއި ނަރުދަމާއާއި ކަރަންޓް ހަމަ ބަރާބަރަށް ރަނގަޅަށް ހިނގާ. އަޅުގަނޑަށް އެންމެ ރަނގަޅަށް އެނގެނީ އެކަން ހިނގާކަން. އެ ފެނާއި، ނަރުދަމާއާއި، ކަރަންޓް އަޅުގަނޑުމެން މިބުނަނީ އެ ރިޒޯޓުންވެސް ހިނގަހަރޭ އެއް ކުންފުނި ހަދަން. އެ ދެތަނުގެ ފެނާއި ނަރުދަމާއާއި ކަރަންޓާއި އަދި މިއަތޮޅުގެ ރަކީދުއާއި، ކެޔޮދުއާއި، ފުލިދުއާއި، ފެލިދުއާއި، ތިނަދުއާ މިރަށްރަށުގެވެސް ފެނާއި ނަރުދަމާއާއި ކަރަންޓް، އެކުންފުނީގެ ތެރެއަށްލައިގެން. އޭރުން ހުރިހާ ތަނެއްގައިވެސް ފައިދާވެ ދެކޮޅުޖެހޭނެ. އަލިމަތާ ދިއްގިރިއަށްވެސް ފައިދާވެ ދެކޮޅުޖެހޭނެ. އަދި މިތަންތަނަށްވެސް ފައިދާވެ ދެކޮޅުޖެހޭނެ. އެއް ކުންފުނީގެ ތެރެއިން އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އަޅުގަނޑުމެން މިހާރު މިދަނީ، އެކަމުގެ މަޝްވަރާތައް ހިންގަމުން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން މިރަށުގައި ފެނާއި ނަރުދަމާގެ ކަންތައް އެންމެ ރަނގަޅަށް، އަދި އިންޖީނުގޭގެ ކަންތައްވެސް އެންމެ ރަނގަޅަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފުރިހަމަކޮށްދޭނަން.

އަޅުގަނޑު ނޭދެން، ޙަޤީޤަތުގައި މިއަދު މިރަށަށް އަންނާކަށް. އެއީ ކޮންމެ ފަހަރަކު ސިޔާސީ ވެރިން، ދެން މިފަހަރު އަޅުގަނޑު، އިންތިޚާބު ގާތްކޮށްފައި ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އަޅުވަން، ތިޔަބޭފުޅުންނަށް ދަޅައެއް ދައްކާލަން، އަބަދުވެސް އަޅުގަނޑުމެން އަންނާނެ. އައިސް، ވެރިން، އެހެން ނޫނީ މަޖިލީހަށް ކުރިމަތިލާ ބޭފުޅުން ނުވަތަ ރައީސުލްޖުމްހޫރިއްޔާއިން ތިޔަބޭފުޅުންނަށް ވަޢުދުތައް ވަމުން ވަޑައިގެންފައިވަނީ މިދިޔަ ދިގު 30 އަހަރުވެސް.

އިންތިޚާބު ގާތްވީމާ، ކޮންމެވެސް ބޭފުޅަކު ވަޑައިގެން، ކޮންމެ ގެއަކަށް ރުފިޔާކޮޅެއް ނުވަތަ ކޮންމެވެސް އެވެނި ކަމަކަށް، މިވެނި ކަމަކަށް ފައިސާކޮޅެއް ޚަރަދުކޮށްލެވިދާނެ. ކޮށްލެވުނީމާ، ތިޔަބޭފުޅުން ހިތްހަމަޖެހޭނެ. އެކެއް އަނެކަކުގެ ގުޅުން، އެކެއް އަނެކަކަށް އެކަމުގެ ހެޔޮ ފާލާއި ހެޔޮ ފައިދާވީމާ، ދެން ތިޔަބޭފުޅުންނަށް ވަގުތީ ފައިދާއަކަށް އެކަން ބޭނުންކޮށްގެން ވަގުތީގޮތުން އެވަގުތަށް ލިބޭ އެއްޗެއްގެ ސަބަބުން، މިސާލަކަށް އެވޯޓް ދޫކޮށްލައްވަނީ.

މިއޮތްހާދުވަހު، އަޅުގަނޑު ދަންނަވާނީ، އެކަން ހިނގީ އެހެންނޭ. އަޅުގަނޑުގެ ދެލޮލުން ދުށިން. މިތަނުގައި ފުރަތަމަ ތިޔަބޭފުޅުންގެ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝާހިދު ނުހޮވުނު އަހަރު. ފަހުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކަށް ވަޑައިގެންނެވި އަހަރު، އެ އިންތިޚާބުއްސުރެން ފެށިގެން، އަދި އޭގެކުރީގައި، ވަކަރު މޫސާ މިތަނަށް ކުރިމަތިލައްވާއިރުގައިވެސް އަޅުގަނޑު އަންނަން. ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ފަހަރެއްގައި ހަނދާނުގައި ހުރެދާނެ. ދެން އަޅުގަނޑު އޭރުގައި އަންނަނީކީއެއް މާބޮޑު ކަންތައްތަކެއް ކުރާކަށް ނޫން. ހަމަ އަޅުގަނޑު ބޭނުންވަނީ ބަލާލަން ކިހިނެއްތޯ މިވަނީ. އަޅުގަނޑު އަޑުއަހަން ޖަހާ ހަޖޫވެސް، އެބޭފުޅުން. އަޅުގަނޑު އަޑުއަހަން، އެބޭފުޅުން ތިޔަބޭފުޅުންނާ މުޚާޠަބުކޮށް، މިހެން މިހެން ހަދާލީމާ އެހެންވާނެއޭ. މިހެން މިހެން ހަދާލީމާ، މިހެންވާނެއޭ ބުނާއަޑު. އަދި މިހާރުވެސް އަޅުގަނޑު ގާތުގައި މީހުން ބުނޭ، ދެން ތީ ތިހެން ކުރާ ކަމެއް ނޫނޭ. އަޅުގަނޑުގެވެސް އެބަހުއްޓެއް ނޫންހެއްޔޭ، ނުލާހިކު ރަނގަޅު ދެޅިޔަނަކާއި ދެތިން ޅިޔަނަކާއި، އެއްބަފާ ދެމީހުން. އެމީހުންގެ ދެފައިކޭޓަށް ލާރިކޮޅެއް ދީފައި ފޮނުވާލީމާ ރަނގަޅުވާނެއޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ”ދޭލިޔާ“ އަދި ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުގެ ރަށްޓެއްސެއްކަން ”މާރިޔޯ“. އެދެބޭފުޅުންގެ ޖީބަށް ފައިސާކޮޅެއްލާފައި ފޮނުވާލީމާ، މިކަން ވެދާނެއޭ. އެއީކީއެއް ދެމެހެއްޓެނިވި ތަރައްޤީ ގެނެވޭނެ ގޮތެއް ނޫން. އެއީ، އަޅުގަނޑުމެންގެ ރާއްޖެ ހަލާކު ކުރަމުން އައި ގޮތަކީ.

މިއަދު އަޅުގަނޑެއް ނެތިން އެކަން ކުރާކަށް. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، ތާއަބަދަށް ކަންކަން ދެމިހުންނާނެ ގޮތެއް ހޯދަން. އެގޮތް ހަދަން. އެހެންވީމާ، މިއަދު ތިޔަބޭފުޅުންނަށް ދަޅައެއް ދެއްކުމަށް، އަޅުގަނޑުމެން މަޖިލީހުގެ ގޮނޑި އިންތިހާއަށް ބޭނުން. އަދި އަޅުގަނޑުމެންގެ މިކެންޑިޑޭޓް ހޮވަންވެސް އަޅުގަނޑު އިންތިހާއަށް ބޭނުން. އެއީ ކީއްވެތޯ؟ މި ޤާނޫނުއަސާސީ ތަންފީޒުކޮށްގެން މެނުވީ، އަޅުގަނޑުމެން މިބޭނުންވާ ބަދަލެއް ނުގެނެވޭނެ. އަޅުގަނޑުމެން މިބޭނުންވާ ގޮތަށް ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމެއް ނުކުރެވޭނެ. އަޅުގަނޑުމެން މިބޭނުންވާ ގޮތަށް ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމެއް ނުކުރެވޭނެ. އަޅުގަނޑުމެން ބޭނުން، ރަކީދޫން ފުރައިގެން ކެޔޮދުއަށްވެސް، ފުލިދުއަށްވެސް، ތިނަދުއަށްވެސް އަދި މާލެއަތޮޅަށްވެސް އަދި ފ. އަތޮޅަށްވެސް، މ. އަތޮޅަށްވެސް، ކޮންމެ ދުވަހަކު ދެފަހަރު ދެވެން، ތިނަދޫން، ރަކީދޫން ފުރައިގެން. އަޅުގަނޑުމެންނަށް އެނގޭ، އެ ނިޒާމު ހަމަޖެހެން އޮތްކަން. އެކަމަށް ޝައުޤުވެރިވާ މީހުން ހޯދުމަށް އަޅުގަނޑުމެން އިޢްލާނު ކުރީމާ، އެކަމަށް އެބަތިބި 8 މީހުން. ދުނިޔޭގެ ބޮޑެތި 8 ކުންފުނިން ޝައުޤުވެރިވާކަން ހާމަކޮށްފައި. ސަރުކާރަށް މިހާރު މިއޮތީ އޭގެތެރެއިން އެންމެ ރަނގަޅު ކުންފުންޏެއް ހޯދާފައި އެކުންފުންޏަށް ދިނުން.

ބަޖެޓްގައި ކަންކަން ހިމަނާފައިވޭތޯ ތިޔަބޭފުޅުން އެބަ އައްސަވާ. އަޅުގަނޑުމެން ކަންކަން ކުރަން މިއުޅެނީ އެހެން އުޞޫލަކުން. އެއީ، އަޅުގަނޑުމެން މިކިޔަނީ ޕްރައިވެޓް ޕަބްލިކް ޕާޓްނަރޝިޕް. ޕްރައިވެޓް އެއީ، އަމިއްލަ ވިޔަފާރިވެރިން. ޕަބްލިކް، ސަރުކާރު. ޕާޓްނަރޝިޕް، ގުޅިގެން. މިގޮތަށޭ އަޅުގަނޑުމެން މިކަން ކުރަން ބޭނުންވަނީ.

އަޅުގަނޑު އަނެއްކާވެސް މިކަން މާދިގުކޮށް ނުދައްކައި ތިޔަބޭފުޅުންނަށް ސާފުވާނެ މިސާލެއް ދަންނަވާނަން. މީގެކުރީގައި، މިސާލަކަށް، ރިޒޯޓެއްގެ އޯނަރު، ވިޔަފާރިވެރިއެއް، ސަރުކާރުން ކަމެއް މަގުފަހިކުރަނީ. ކުރާއިރުގައި، އޭގެ ބަދަލެއްގެ ގޮތުގައި ހަދަންމިޖެހޭ ގޮތަކީ ކޮންމެވެސް ބޭފުޅެއްގެ ގެ 10 ބުރިއަށް އަޅައިދޭން މިޖެހެނީ. އޭގެ ބަދަލުގައި އަޅުގަނޑުމެން މިހާރު މިބުނަނީ، ހަމަ ހިނގަހަރޭ އަޅަން، ރިޒޯޓެއްގެ އޯނަރަކަށް ނުވަތަ ވިޔަފާރިވެރިއަކަށް މަގުފަހިކޮށްދޭނަމޭ. މަގުފަހިކޮށްދިނީމާ، ބަދަލު ލިބެންވީ، ރަކީދޫ ނަރުދަމާއާއި ފެނާއި، ކަރަންޓާއޭ. މާލޭގައި ހުންނަ ސަރުކާރުގެ ބޮޑު ބޭފުޅެއްގެ އެގްޒެކެޓިވް ކޮންމެވެސް މުހިންމު ބޭފުޅެއްގެ ގެއެއް ނޫނޭ 10 ބުރިއަށް ދާންވީއަކީއެއް. މިއީއޭ މިކަން ވާންވީ ގޮތަކީ. ބަދަލެއް ގެންނަނީކީއެއް ނޫން ޙަޤީޤަތުގައި އަޅުގަނޑުމެން. ހަމަ މިކަން ކޮށްދޭހިތުން، އެތައް ބައިވަރު ވިޔަފާރިވެރިންނެއް އެބަތިއްބަވާ. އަދި އެ ވިޔަފާރިވެރިންނަށްވެސް އޭގެ ވިޔަފާރީގެ ފައިދާވާތީ. ކާކުތޯ ބޮޑުމޮހޮރާއިން ތަންކޮޅެއް ބޭނުންނުވާނީ. ކާކުތޯ މިއޮތް ފޮއްތެޔޮމުލިން ތަންކޮޅެއް ބޭނުމެއް ނުވާނީ. މި ރާއްޖޭގެ ގޮނޑުދޮށަކީ އަޅުގަނޑުމެން ހީކުރީ ވައްލަބިސް އަޅަން އެކަނި ރަނގަޅު ތަންތަނޭ. އެކަމަކު ޙަޤީޤަތުގައި ހަމަ ރަންބިސް އަޅާ ކުކުޅު.

އެހެންވީމާ، އަޅުގަނޑުމެންނަށް އެބައޮތް މިދަންނަވާ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގައި، މީގެކުރީގައި އޭގެތެރެއަށް އެ ވަތް ކޮރަޕްޝަން ނުވައްދާ، އެއީ، އަމިއްލަ ބޭފުޅުންގެ ގެތައް 10 ބުރިއަށް އެޅުން. ސަރުކާރުގައި އާދައިގެ ވަޒީފާއެއްގައި ހުންނަވާ ބޭފުޅެއްގެ މުސާރައަށް މިލިބިވަޑައިގަންނަވަނީ ހަތްހާސް ރުފިޔާ. ނޭނގިހުއްޓާ އޭނާ 10 ބުރިއަށް ގެ އަޅާފައި، ދެކުދިން އިނގިރޭސިވިލާތުގައި ކިޔަވަން ބައިތިއްބާފައި އަދި ސިންގަޕޫރުން ފްލެޓަކާއި އިނގިރޭސިވިލާތުން ފްލެޓަކާ ބައްލަވައިގަނޭ. މިއީ މީގެ ހަ ރަށް ހަދާހާ ފައިސާ.

މި ސަރުކާރުގެ ސިޔާސަތު ހިންގުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެއް މި ސަރުކާރަށް ބޭނުންވޭ. މިހާރު މީގެކުރީގައި ދިވެހި ވެރިން، ރައީސުލްޖުމްހޫރިއްޔާއިން އައިސް އިންތިޚާބުގެ ވާހަކަ އަޅުގަނޑު މިދައްކާ ގޮތަކަށް ނުދައްކާ. އެއީ މީގެކުރީގައި މިއޮންނަނީ އެހެން ޤާނޫނުއަސާސީއެއް. މިހާރު ރާއްޖޭގައި އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށްގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އައިސްފައި ހުރި މީހެއް. އަޅުގަނޑުގެ މައްޗަށް ވާޖިބުވެފައިވަނީ، ލާޒިމީ ހުރިހާ ރައްޔިތުންގެ މައްޗަށް ހަމަހަމަކަމާއެކީގައި، މި ޕާޓީގެ ސިޔާސަތު ހިންގައިދިނުން. އެ ހިންގުމުގައި އެއްވެސް ނުހަމަ ކަމެއް އައިސްގެން ނުވާނެ. އެ ސިޔާސަތު ހިންގުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެއް ސަރުކާރަށް ބޭނުން. އެކަމަކާ އަޅުގަނޑު އިންކާރެއް ނުކުރަން. ދެން އެއަޣްލަބިއްޔަތު އަޅުގަނޑުމެން ހޯދާއިރުގައި، އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެދެނީ މި ސަރުކާރު އެދެނީ ކާކުތޯ؟ އަޅުގަނޑު ހަމަ އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެން އެދެނީ މުޙަންމަދު ޙަސަން. އެއްވެސް ޝައްކެއް އަޅުގަނޑުގެ ނެތް.

މިމަސައްކަތް އަޅުގަނޑުމެން ފަށައިގަތީއްސުރެން ފަށައިގެން، އެހެންވެގެން އަޅުގަނޑުމެން އަޅުގަނޑު، ތިޔަބޭފުޅުންގެ ކައުންސެލަރެއްގެ ގޮތުގައިވެސް، އެބޭފުޅާ އަތޮޅު ކައުންސެލަރެއްގެ ގޮތުގައިވެސް އެބޭފުޅާ ކަނޑައަޅާފައި އެވަނީ. ހެޔޮވެރިކަމަށް އަޅުގަނޑުމެން ވަކާލާތު ކުރަން ފެށީއްސުރެން ފަށައިގެން، މުޙަންމަދު ޙަސަންގެ މަސައްކަތް ދިޔައީ ދުވަހުން ދުވަހަށް ސާބިތުކަންމަތީގައި، ނުގުޑާފަދަ ޢަޒުމުގައި ހުރެގެން، އޭނާ އައީ މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ މި ސިޔާސަތު ތަންފީޒު ކުރަން، އަޅުގަނޑު ގާތުގައި ކާކުތޯ ބޭނުމީ އެއްސެވީމާ، ދެން އޭގެ ޖަވާބު ވަރަށް ފަސޭހަ. އޭގެ ޖަވާބަކީ، އަޅުގަނޑު ދަންނަ މީހާއޭ. އަޅުގަނޑަށް ހަމަ ވަރަށް އުނދަގޫ ގަބޫލުކުރަން. މިދިޔަ ދިގު 30 އަހަރު، މިހުރިހާ ޤާނޫނެއް އެކުލަވާލުމަށް ހުރަސްއެޅުއްވި ބޭފުޅުން މިއަދު ކުއްލިއަކަށް އަޅުގަނޑުމެން މިއެދޭ ހެޔޮވެރިކަމުގެ ނިޒާމަށް ވަޑައިގަންނަވަން އެދިވަޑައިގަންނަވާތީ. އެބޭފުޅުން އެދިވަޑައިގަތަސްވެސް، މާޒީ އޮތްގޮތުގެ ސަބަބުން، އެކަންވާކަށެއް ނެތް. ވަރަށްބޮޑު ހިތާމައެއް އެއީ. އޭގެތެރެއިން ގިނަ ބޭފުޅުންނަކީ، އަޅުގަނޑުގެވެސް ހަމަ މަދަރުސީ ދައުރުއްސުރެން ފަށައިގެން ގާތް ބޭފުޅުން. އެހެން ނަމަވެސް، އެބޭފުޅުންނަކަށެއް ނެތް، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓެއް ހަމަ ނެރޭ އެއްވެސް ދުވަހަކު ނުކުމެ އުޅެވޭކަށްވެސް. އޭގެ ރިޕޯޓެއް ޝަރީޢަތަކަށް ފޮނުވައިފިއްޔާ، ދެން ވާނެ ގޮތްވެސް ހަމަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.

މާޒީ އޮތީ އެހެން. ވަރަށް ދެރަ ކަމެއް އެއީ އިނގޭތޯ. އަޅުގަނޑެއް ބޭނުމެއް ނޫން. މީހެއްގެ މުދަލެއް އަދި މީހެއްގެ މިލްކިއްޔާތެއް އަދި މީހެއްގެ ޙައްޤެއް އަދި މީހަކަށް ކުޑަވެސް އަނިޔާއެއްދޭކަށް. ކުޑަވެސް ގެއްލުމެއްވާކަށް. އަޅުގަނޑު ކުޑަކޮށްވެސް ބޭނުމެއް ނޫން. އަޅުގަނޑުގެ ނަޒަރުގައި ހެޔޮވެރިކަމެއް ޤާއިމެއް ނުކުރެވޭނެ. މާޒީ ހާވަމުން، މާޒީ ފަހާ އަޅުގަނޑުމެން ދުވަން ފަށައިފިއްޔަކާ. އަޅުގަނޑުމެންގެ މުސްތަޤްބަލް އުޖާލާވީމާ، އަޅުގަނޑުމެންނަށް ހެޔޮވެރިކަމެއް ކުރަން ފަށައިގަނެވޭނީ. އެކަން ކުރުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް މިއީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. ތިޔަބޭފުޅުންނަށް އެބަ އަޅުގަނޑަށް ފުރައްސާރަވެސް ކުރެވެންޖެހޭ. މަލާމާތްވެސް ކުރެވެންޖެހޭ. އަޅުގަނޑުގެ ހަމަ ކުޑަވެސް މައްސަލައެއް ނެތް. ހަޖޫ ޖަހާ ހައްދަވަންވީ. އެހެން ނަމަވެސް، އެބަ ބިރުވެރިކަމަކާނުލާ ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ޚިޔާލު ފާޅުކުރެވެންޖެހޭ. ކޮންއިރަކުތޯ؟ މިހެން މި ތިޔަބޭފުޅުންނަށް ބުނެވެން އެބަޖެހޭ މިވާހަކަތައް. އެ ވެރިންގެ ކުރިމައްޗަށް ވާހަކަތައް ނެރެވެން އެބަޖެހޭ. ވެރިން ޖަވާބުދާރީ ކުރުވަން އެބަޖެހޭ. ވެރިން، އެސުވާލުތަކަށް ޖަވާބު އެބަދޭންޖެހޭ.

އަޅުގަނޑު މިހިނދު މިހާރު އެހެންވީމާ، ތިޔަބޭފުޅުންގެ ސުވާލުތަކަށް ޖަވާބުދޭން މިފަށަނީ. ރަކީދޫ ރައްޔިތުން އެދިފައިވާ ބޮޑުމޮހޮރާގެ މަޝްރޫޢު މިހާރު ގޮސްފައިވާ ހިސާބު ސާފުކޮށް ދެއްވުން އެދެން. މިދަންނަވާހެން އެ މަޝްރޫޢު އޮތީ. ގަނޑެއްގައި ކުރަހާފައި. ދެން ބޮޑުމޮހޮރާ އެބައޮތް، އިރާދަކުރެއްވިއްޔާ. ދެން އެނޫން ތަނެއްގައި، އެ މަޝްރޫޢު އޮތް ކަމަށް އަޅުގަނޑު ތިޔަބޭފުޅުންނަށް އެއްވެސް ވާހަކައެއް ދައްކައިފިނަމަ، އެ ވާނީ ދޮގު ވާހަކައަކަށް. އެ ހަމަ ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކައަކަށްވާނީ. ދެން އަޅުގަނޑު ގާތު ތިޔަބޭފުޅުން އައްސަވަންވީ ބޮޑުމޮހޮރާއިން އެހެން މަޝްރޫޢެއް، ނުވަތަ މަޝްރޫޢެއް އެކުލަވާލެވިދާނެހޭ؟ ރަކީދޫ މީހުންނަށް ތަންލިބޭނެ. އެހެން ނަމަވެސް، ހަމަ މިކަން ގޮސްފައި އޮތް ހިސާބުން ދޮގެއްވެސް ތަކުރާރު ކުރީމާ، ދެން އެއީ ތެދެއް ކަމަށް މީހުންނަށް ގަބޫލު ކުރެވެން ފަށާނެ. ތަކުރާރުކޮށް އެއް ވާހަކައެއް، އެއްދޮގު ހަދަމުން ގެންދިޔައީމާ އެކަން ގަބޫލު ކުރެވޭނެ.

އަޅުގަނޑު މީގެ އެންމެ ރަނގަޅު މިސާލެއްގެ ގޮތުގައި ދެކެނީ، ޓީ.ބީ ރާއްޖެއިން ނައްތާލީ 1980 ގައި. ހަމަ ރޭޑިއޯ އިން ލަވަކިޔާ ކިޔާ ކިޔާ. އަޑުއައްސަވާފައި ހުންނާނީ. ބައެއް ބޭފުޅުން ކެއްސާ ކެއްސާ ކަލޭ ތިހިރަ ނިމެނިއްޔޭ، ސެންޓަރު ގާތަށް ގޮސްގެން ބޭހެއް ހޯދާށޭ. ޓީ.ބީ ބަލި ފެތުރުން މަދުވީކީއެއް ނޫނޭ އެއްގޮތަކަށްވެސް. އެކަމު ރޭޑިޔޯއިން ކިޔާ، ކިޔާ، ކިޔާ، ކިޔާ، ކިޔާ، ކިޔާ، ކިޔާ އަޅުގަނޑުމެން އެންމެފަހުން ގަބޫލުކުރީ ޓީ.ބީ ރާއްޖެއިން ދިޔައީ ކަމަށް. ދެން ބޭސް ދިނުންވެސް ހުއްޓާލީ. މިހާރު އަނެއްކާ އަލުން އަނބުރާ އާ ޖަރާސީމެއް މިނުކުންނަނީ. ދެގުނަ ބާރުގަދަކޮށް. ކުރީ ބޭހަށްވެސް ނުގުޑާ.

އަޅުގަނޑުމެންނަށް މި ދޮގު ހަދަމުން ގެންދެވިދާނެ. އެކަމަކު އަޅުގަނޑުމެން މިއަދު މިއުޅެނީކީއެއް އެކަން ކުރާކަށެއް ނޫން. ތެދުފުޅެއް. ތެދުފުޅެއް. އަޅުގަނޑުވެސް ހަމަ ވޯޓް ބޭނުން. ތިޔަބޭފުޅުންގެ ރުހުމާއި، ތިޔަބޭފުޅުންގެ އިޙްތިރާމާއި، ތިޔަބޭފުޅުންގެ ޤަދަރާއި، ތިޔަބޭފުޅުންގެ ލޯބި އަޅުގަނޑު ބޭނުންވޭ. ކޮން ސިޔާސީ ވެރިއެއްތޯ ބޭނުންނުވާނީ. އަޅުގަނޑު ތިޔަބޭފުޅުން ދެކެ ރުޅިއެއްވެސް ނާންނާނެ. ހަމަ، ހަމަ އެއްގޮތަކަށްވެސް އަޅުގަނޑު މިތަނުން ދަނިކޮށް އަޅުގަނޑުގެ މައިންބަފައިންނަށް ގޮވިޔަސްވެސް، އަޅުގަނޑު ހަމަ ކުޑަކޮށްވެސް ތިޔަބޭފުޅުންނަކާ އަޅުގަނޑު ނުރުހުމެއް ނުވާނަން. އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް ވިސްނޭ، ދަތްފަޅާއިރު ތަދުވާނެކަން. ޑިމޮކްރަސީއަށް އުޅެން ފަށާއިރުގައި ކުޑަކޮށް ޙުދޫދުގެ ބޭރުވެވޭނެކަން. އެހެނަސް އަޅުގަނޑަށް އެކަން ހަޖަމު ކުރެވޭނެ. ބޮޑުމޮހޮރާގެ މަޝްރޫޢު އޮތް ގޮތަކީ އެއީ.

ރަކީދޫ މަދަރުސާ، އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ހުޅުވައިދޭނަން. ރަކީދޫ ބަނދަރު. ރަކީދޫ ބަނދަރު އަޅުގަނޑުމެންނަށް މިއަހަރުގެ ތެރޭގައި ދަތުރުފަތުރު ކުރުމުގެ ނިޒާމުން ގުޅާލެވޭއިރުގައި، އެ މަޝްރޫޢުގެ ތެރޭގައި. އަޅުގަނޑުމެން އޮތީ ރަކީދޫ ބަނދަރު ހަދަން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ރަކީދޫ ބަނދަރުގެ މަސައްކަތް ފެށްޓޭނެ. ރަކީދުއަށް ޑޮކްޓަރެއް ލިބިދާނެތޯ؟ އޭގައި އަޅުގަނޑު ޖެހޭނީ ބަލަން. އަޅުގަނޑު ޖެހޭނީ ޑޮކްޓަރ އާމިނަތު ޖަމީލާ ވާހަކަ ދައްކަން. އަޅުގަނޑު ޖެހޭނީ، އެއީ މިހާރު މިއޮތް ސިޔާސަތުގެ ތެރެއިން، ކަންކަމުގެ ތެރެއިން ހޯދިދާނެ، ކުރެވިދާނެ ކަމެއްތޯ؟ ދެން ތިޔަބޭފުޅުންގެ ވޯޓް ހޯދުމަށް ދޮގު ހަދާލަން ބޭނުންވަންޏާ، އަޅުގަނޑަށް ދެންނެވިދާނެ. އާއެކޭ! އެހެން ނަމަވެސް، އެހެން ދަންނަވާކަށް ބޭނުމެއް ނޫން. އެއީކީ ތެދެއް ނޫން. އަޅުގަނޑު ޖެހޭނީ، އާމިނަތު ޖަމީލާ އެވާހަކަ ދައްކަން.

މިރަށުގެ ރަށް ގިރާ މައްސަލަ ޙައްލު ކުރެވިދާނެތޯ؟ ތިޔަ އައްސަވަނީ ރިވެޓްމަންޓެއް ހަދާފައި ވާޓަރުލުން ކަމުގައިވަނީވިއްޔާ އެކަން ކުރެވިދާނެ. އެކަމަކު އެއީ ރަށްގިރާ މައްސަލަ ޙައްލު ކުރެވުނީކީއެއް ނޫން. ރަށްގިރާ މައްސަލަ، އަޅުގަނޑުމެން ޙައްލު ކުރުމަށްޓަކައި ޙަޤީޤަތުގައި އަޅުގަނޑުމެން ބޭނުންވަނީ، ބޮޑުމޮހޮރާގައި ހުރި ރިސާރޗް ސެންޓަރުވެސް، އަދި ފަހުން އިހަކަށްދުވަހު އަޅުގަނޑުމެން މަގޫދޫގައި މިހެދި ތަން، އިޓަލީގެ ޔުނިވަރސިޓީއަކާ ގުޅިގެން އަޅުގަނޑުމެން ހެދީ. ސަރުކާރުން އެތަން ޤާއިމުކުރީ. އެތަނުން އަޅުގަނޑުމެން ދަސްކުރަން، ބަލަން، އެނގެން ބޭނުންވަނީ ރަށްރަށަށްވަނީ ކިހިނެއްތޯ؟ ހަމަ ނުލާހިކު ރަނގަޅު ރަށްރަށުގައި ހަރު މީހުންވެސް، އަޅުގަނޑު ގާތުގައި ބުނަނީ، ކިތަންމެ ޒަމާނެއް ވެއްޖެއޭ އަޅުގަނޑު މިތަން ދެކޭތާ. މިދިމާލުގައި ބަނދަރު ހަދާލީމާ ރަނގަޅުވާނެއޭ. އެހެން ތޮށްޓެއްލާފައި، މިހެން ފައިކަށްޓެއް ނެރުނީމާ ރަނގަޅުވާނެއޭ. އަނެއް އަހަރު އަންނައިރު ބުނަނީ، ހުޅަނގުގެ ގަދައިގައި ހަމަ އެއްގޮތަކަށް މިބަނދަރުގައި ތިބެވޭވަރެއްނުވެއޭ. ފައިކަށި އެއަތަށް އަދި ދަމާލަންވިއްޔޭ. ތޮށި މިއަތަށް ދަމާލަންވިއްޔޭ. އަޅުގަނޑުމެން އެކަކަށްވެސް ނޭނގޭ، މިވެގެން މިއުޅޭ ގޮތެއް. ހަމަ އެހެން ހަދާލާށޭ، މިހެން ހަދާލާށޭ، ކިޔައިގެން ހަދަނީ. ޙަޤީޤަތުގައި މިވާއެއް ނުވާއެއްވެސް އެނގެނީއަކީއެއް ނޫން.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މިކަން ދެނެގަންނަން. ރަކީދޫގެ މިރަށުގެ ރަށްގިރުން ޙައްލު ކުރެވިދާނެތޯ؟ ވަރަށްބޮޑު ސުވާލެއް އެއީ. ވަރަށްބޮޑު ސުވާލެއް އެއީ. ދުނިޔޭގެ މާޙައުލަށް މިއަންނަ ބަދަލު، ބަދަލުކުރެވިދާނެތޯ؟ މި އޮޔާއި ވަޔާ، މި ކަނޑަށް މިއަންނަ ބަދަލު އަޅުގަނޑުމެންނަށް ބަދަލުކުރެވިދާނެތޯ؟ ދެން ހަމަ މިއޮތް ތަރައްޤީގެ ފިޔަވަޅުތައް އަޅަމުން، ރަށްވަށާ ރިވެޓްމަންޓެއް ހަދަންޖެހޭނީ. ހަމަ އެކީ އެކައްޗަކަށް ރަށް އަޅުގަނޑުމެން ޖެހޭނީ، އެއްގޮތަކަށް ވެއްޖިއްޔާ ހަމަ ބައްދާލަން. އެހެން ނޫނިއްޔާ، ވިސްނައިގެން ބަލައިގެން ބަނދަރު ހެދިދާނެތޯ އައްސަވާފައި ދެން ރަށްގިރުން ހުއްޓާލެވިދާނެތޯ؟ އެ ދެ ސުވާލު އެއްކަކު ނޭއްސެވޭނެ. ބޮޑުމޮހޮރާ ކިހިނެއްތޯ އައްސަވާފައި ދެން ސްކޫލްގެ ވާހަކައެއް ނޭއްސެވޭނެ.
ހަމަ މިހުރިހާ ވާހަކައެއް މިއީ. ރަކީދޫ ފުޓްބޯޅަ ދަނޑު، އިރާދަކުރެއްވިއްޔާ ހަދައިދޭނަން. ބޯޅަ ނުކުޅެ ހަމަ އެއްގޮތަކަށްވެސް ފަރަކުނުޖެހޭނެ. ހަމަ އެއްގޮތަކަށްވެސް ފަރަކުނުޖެހޭނެ. އެއީ އަޅުގަނޑަށް ހަމަ ވިސްނޭ. އަޅުގަނޑަށް އެނގޭ. ކުރަންޖެހޭނެ ކަމެއް. ހަމަ ފަސްވަގުތު ނަމާދުކޮށްފައި، ޒަކާތްދީފައި، ރޯދަ ހިފާފައި ދެން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ބޯޅަ ކުޅުން. އަޅުގަނޑު ބޮޑުކޮށްފައި ހުރީ އެގޮތަށް. އަޅުގަނޑަށްވެސް ހަމަ ވަރަށް ރަނގަޅަށް ވިސްނޭ. އަޅުގަނޑު، ފަސްވަގުތު ނަމާދުކޮށްފައި، ޒަކާތްދީފައި، ރޯދަ ހިފާފައި ދެން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ބޯޅަ ކުޅުން. އެހެންވީމާ، އެކަން އަޅުގަނޑަށް ހަމަ ތިޔަބޭފުޅުންނަށް މުހިންމުވާކަން ވަރަށް ސާފުކޮށް އެނގޭ.

ސާފު ބޯފެން ލިބޭނެގޮތް. އާދެ! ލިބޭނެ. އެއީ، އަޅުގަނޑުމެން މިދަންނަވާ ޔުޓިލިޓީ ކުންފުނިން ފެނާއި، ނަރުދަމާ އާއި، ކަރަންޓާ، މި ރިޒޯޓްތަކާ ގުޅިގެން މިހަދާ ބޮޑު ކުންފުންޏަށް އަޅުގަނޑުމެން މިދެނީ ލައިސަންސެއް. މިރަށުގެ ފެނާއި، ނަރުދަމާގެ މަސައްކަތްވެސް، ކަރަންޓްގެ މަސައްކަތްވެސް ހިންގުމަށް.މި 80 އިގެ ތެރޭގައި މިރަށުގެ ނަރުދަމާވެސް އެބަހުރި. 80 އިގެ ތެރޭގައި މިރަށަށް މީހަކު ޖަނަރޭޓަރެއްވެސް ދިނީ. ދީގެން، އެ ޖަނަރޭޓަރެއް ބަހައްޓައިގެން، އޭތި، ދެން، ރަށްކުރިއަރުވާ ކޮމިޓީއާއި، ރަށުގެ ރައްޔިތުންނާއި، އަންހެނުން ކުރިއަރުވާ ކޮމިޓީއާ ހުރިހާ އެންމެން، އެ ޖަނަރޭޓަރެއްގައި އޮޅުލާތާ މިހާރު 20 އަހަރުވެއްޖެ. ހަމަ އެއްވެސް ރަށެއްގައި މިއިން ޖަނަރޭޓަރެއް ބަރާބަރަށް ދެކޮޅުޖެހޭ ގޮތަކަށް ހިންގާފައެއް ނެތް. މިއަދާ ހަމައަށް އައިއިރުގައި ހުރިހާ ރަށެއްގެ އިންޖީނުގެ އޮތީ ދަރާފައި. ދެން ސަރުކާރުން ކޮންމެ އިންޖީނުގެއަކަށް ބޯލް ބެއަރރިންގެއް، އެހެން ނޫނިއްޔާ ކޮންމެވެސްކަހަލަ ގާސްކެޓެއް ކޮންމެވެސް އެއްޗެއް ދީދީ ތިބެނީ. ދެން ތެޔޮވެސް އަޅަނީ. ހަމަ ވާއެއް ނުވާއެއްވެސް ނޭނގޭ. އަޅުގަނޑުމެން އެއް ކުންފުންޏެއްގެ ދަށަށް އިރާދަކުރެއްވިއްޔާ ހުރިހާ އިންޖީނުގެތަކެއް ގެންނާނަން. ހުރިހާ ފެން ޕްލާންޓެއް ގެންނާނަން. ހުރިހާ ނަރުދަމާގެ ނިޒާމުތަކެއް ގެންނާނަން.ކުނި ނައްތާލުމުގެ ކަންތައް، އެ ކުންފުނީގެ ތެރެއިން އަޅުގަނޑުމެންނަށް ހަމަޖެއްސޭނެ.

އަޅުގަނޑުމެންގެ ސިޔާސަތު އަޅުގަނޑުމެން ރޭވީ، މި ބޯޑުތައް އަޅުގަނޑުމެން އަމިއްލައަށް ކިޔާފައި. ތިޔަބޭފުޅުން ހަނދުމަފުޅު ނެތުނީތޯ؟ އަޅުގަނޑުމެންކީ އެއްޗެއް އެއީ. އަޑު ނަގާފައި ތަންތަނުގައި އަޅުގަނޑުމެން ދެއްކި ވާހަކަ. ދެން ތިޔަބޭފުޅުންގެ ތެރެއިންވެސް، މިރަށުގެ ކުދިންގެ ތެރެއިން އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ކުދިން މަދެއް ނުވާނެ. އެކުދިންގެ އަޑުވެސް ގަދަވާނެ. އެކުދިންގެ އެންމެބޮޑު ޝައުޤުވެރިކަމެއް ހުންނާނީ، ހަމަ އެކުދިންގެ ރަށާ ގުޅޭގޮތުން އެމް.ޑީ.ޕީ.ގެ ސިޔާސަތަށް ކަމެއް ވެއްދުން. އަޅުގަނޑަށް އެބަފެނޭ އެކުދިން، އެކުދިންގެ ރަށާ ގުޅޭގޮތުން، އެމް.ޑީ.ޕީ.ގެ ސިޔާސަތަށް ކަމެއް ވެއްދުން. އެމް.ޑީ.ޕީ.ގެ ސިޔާސަތު އެކުލަވާލާފައި މިއޮތީ ގޮފިތަކުގެ ރައީސުންނާ އެކީގައި ކޮންގްރެސްގައި އިށީނދެ ތިބެ، މީހުންގެ އަޑު އަހައިގެން. އަދި ފަސް، ދިހަ އަހަރު ނަގާނެ. އަޅުގަނޑު ނިދާފައި އޮތަސް މިރަށް އޮޅެން. ތިޔަބޭފުޅުން އަޞްލު ބޭނުންވަނީ ކޯއްޗެއްތޯ އަޅުގަނޑަށް ނޭނގޭ. އަޅުގަނޑަށް އެނގޭ، އެހެންވީމާ، އިރާދަކުރެއްވިއްޔާ، ކުނި ނައްތާލުމުގެ ކަންތައްވެސް އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން.

އަޅުގަނޑުމެންގެ މުސްތަޤްބަލް އޮތީ ކިހިނެއްތޯއޭ. ހަމަ ގުލްޒާރެއް އެއީ. އަޅުގަނޑު ދަންނަވާނީ، ހަމަ ގުލްޒާރެއް އެއީ. ހަމަ ތިޔަބޭފުޅުންގެ މުސްތަޤްބަލް އޮތީ ”ގުލްޒާރުގައި ނަޔާމަގޭ، ނޫރާނީމާ ފޮޅޭނެޔޭ، ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެއޭ.“ ”އަނެއް ދިވެހިރާއްޖެ“ އަޅުގަނޑުމެންނަށް ފެނޭ، އެބަ އެތަން. އަޅުގަނޑުމެންގެ އެ ވިސްނުން އެބަހުރި. އަޅުގަނޑުމެންގެ އެ އަމާޒު، އެ މީޒާނަށް އަޅުގަނޑުމެންނަށް ދެވޭނެ. އަޅުގަނޑުމެންނެއް ނުގުޑާނެ. ރައްޔިތުންގެ މަޖިލީހުގެ އެންމެ ގޮނޑިއެއް ނުލިބުނަސްވެސް އަޅުގަނޑުގެ މުސާރައަކުން ހަތަރުއަނާއެއްވެސް މަދެއް ނުވާނެ. އެކަމަކު، އަޅުގަނޑުމެން ސަރުކާރު އޮތުމުގެ ބޭނުން ގެއްލިދާނެ. ސަރުކާރު އޮތުމުގެ ބޭނުމަކީ، ވަޢުދުތައް ފުއްދައިދިނުން.

އިހަކަށްދުވަހަކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، ލާމަރްކަޒީ އުޞޫލުން ރާއްޖެ ހިންގުމަށް. ދަންނަވަންތޯ. އެކަމާ އިންކާރު އަޅުގަނޑު ހިއެއްނުކުރަން އެކަކުވެސް ކުރާނެ ކަމަކަށް. ޤާނޫނުއަސާސީ ހެދުނުއިރުވެސް ކުރީއަކީއެއް ނޫން. އަދި ވިހިވިހީގެ ތަޞައްވުރާއި އަނެއް ތަޞައްވުރެއްގައި، ހުރިހާ ތަޞައްވުރެއްގައި ލިޔެފައި އޮތީ ލާ މަރްކަޒީއޭ. ހުރިހާ އެއްޗެއްގައި. އަޅުގަނޑުމެން ހީކުރީ، ފަތުއަޑު ކިޔާފައި ކުރަން އުޅޭ ކަމެއް ކަމަށް. ކިހިނެއްތޯވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީމާ. ޑީ.އާރު.ޕީ.ގެ އެންމެ މެންބަރެއްވެސް އެއަކަށް ވޯޓެއް ނުދެއްވި. އެންމެ ވޯޓަކުން ކިރިޔާ، އަޅުގަނޑުމެންނަށް ކިރިޔާ ނަޞީބަކުން އެ ބިލް ސަލާމަތް ކުރެވުނީ.

ދެން އަޅުގަނޑު ގަބޫލު ކުރަންވީތޯ؟ މާދަމާ އެބޭފުޅުން އަޅުގަނޑުމެންގެ ސިޔާސަތު ނުވަތަ ތިޔަބޭފުޅުން ތިޔަބޭފުޅުން އެދިލައްވާ ކަންތައް ކުރުމަށް ތައްޔާރަށް ތިބި ކަމުގައި. ނޫން، ނޫން. އަޅުގަނޑަށް އެ އޮޅުވާލުން އޮޅުވާލާނެ ކަމެއް ނެތް، އެއްވެސް ބޭފުޅަކު އެގޮތަށް އަޅުގަނޑާ ވާހަކަ ދައްކަވާ. އަޅުގަނޑަށް އެނގޭ. އަޅުގަނޑަށް މިހިރީ މިކަން ފިލާފައި. އަޅުގަނޑަށް މިހިރީ ފިސާރި ރަނގަޅަށް މިކަން ފިލާފައި. އޭގެ ވޭންވެސް އަޅައިގެން ގޮސް. އަޅުގަނޑެއް ނޭދެން. ތިޔަބޭފުޅުންނަށް މިކަން ފިލާކަށް ވޭން އަޅާކަށް. މިހާރު ތިޔަ ވިދާޅުވާ ބޭފުޅުން މަޖިލީހަށް ކުރިމަތިލައްވާފައި ކޮންމެހެންވެސް ގޮނޑި ހޯއްދަވަންޖެހެއޭ. މާޒީ ފޮހެލުމަށްޓަކައި. މާޒީ ފޮހެލުމަށްޓަކައި. ވަރަށް ބިރުވެރި މާޒީއެއް އޮންނަނީ. އަބަދުވެސް ފަހަތުން އައިސް ހިފާ ހިސާބުގައި ތިމާގެ އަމިއްލަ މާޒީ. އެހެންވީމާ، އޭގައި އޮބެހެއްޓޭނީ، އޮބި އެޅޭނީ، އަނެއްކާވެސް ގޮނޑީގައި އިނދެވިގެން. ތިޔަބޭފުޅުން ބޭނުންވެލައްވަނީ އެގޮތް ކަމަށްވަނީވިއްޔާ އަޅުގަނޑު މިއީ ކާކު؟ އަޅުގަނޑު މިއީ އެއްވެސް މީހެއް ނޫން، ތިޔަބޭފުޅުންނަށް ގޮތެއް ކިޔާކަށް. އަޅުގަނޑު އެދޭގޮތް އަޅުގަނޑު މިކިޔާދެނީ. އަދި އަޅުގަނޑެއް ނޫޅެން، ތިޔަބޭފުޅުންގެ ކަތީބުންނާއި މުދިމުންނާއި ޤާޟީންނާ މިބޭބޭފުޅުން ކޮޓަރި ކޮޓަރިއަށް ވައްދާފައި، ބިރު ދައްކައިގެން، މިހެން ވޯޓްދެހެރޭ، އެހެން ވޯޓް ދެހެރޭ، އެހެނެއްވެސް އަޅުގަނޑުމެން ކިޔާކަށް ނޫޅެން. ތިޔަބޭފުޅުން ހިތުން ރުހުމުން ލޯބިން ރުހިގެން އަޅުގަނޑުމެންނަށް ދެއްވި އެއްޗަކަށް އަޅުގަނޑުމެން ޝުކުރު ކުރާނަން. އެއައިގެން އަޅުގަނޑުމެން ބަލާނަން ދެން އޮތް ބައިވެސް ހެދޭތޯ. އަޅުގަނޑުމެން ތަންކޮޅެއް ޙިކްމަތްތެރިވާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް އަނެއްކާވެސް އަނެއް ފިޔަވަޅު އެޅޭނެ. މިހާތަނަށްވެސް އަޅުގަނޑުމެން އަޅަމުން މިގެންދަނީ. މިއީ ތަޤްދީރު ހުރިގޮތް. އެއްގޮތަކަށްވެސް އަޅުގަނޑު މާ މޮޅުވެގެން އުޅެނީއަކީއެއް ނޫން. އަދި މި ދިގު 30 އަހަރުގެ ވެރިކަން ބަދަލުކުރެވުނީވެސް ހަމަ ތަޤްދީރުން. ތަޤްދީރު ކުރަހާފައިވާ ޕްލޭން އެހެން އޮތީމާ. އަޅުގަނޑަކާ އެކަމަކާ ކުޑަވެސް ގުޅުމެއް ނެތް.

އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ރަކީދޫ ތަރައްޤީވާން. އަޅުގަނޑު ރަކީދޫ ދޫކޮށްލާކަށް ކުޑަކޮށްވެސް ނޭދެން. އަދި އަޅުގަނޑެއް ހަމަ މި ޒުވާން ކުދިން ބޭނުމެއް ނުވާނެ، އެމީހުންނަށް މުސްތަޤްބަލެއް ފެންނާން ނެތް ތަނެއްގައި ތިބޭކަށް. ބޭނުމެއް ނުވާނެ. ކީއްކުރަން. ތިބެންޏާ އެމީހުން ގޯސް. މުސްތަޤްބަލަކާ ދިމާއަށް ނޫން ގޮތަކަށް ޒުވާނަކު މިޞްރާބު ޖަހާނެ ކަމެއް ނެތް. އެހެންވީމާ، ސަރުކާރަށް މިތަނަށް މުސްތަޤްބަލެއް ނުދެއްކެންޏާ، އެމީހުން ބޭނުންވާނެ އެހެން ގޮތްގޮތް. އަޅުގަނޑުމެން، އިރާދަކުރެއްވިއްޔާ، އެ ދެކަންވެސް ކޮށްދޭނަން. ޒުވާނުން ނުވަތަ އަދި އަޅުގަނޑުމެންނަށް، އެކުދިންނަށް، އެމީހުންނަށް މިގޮތް މުޅިން ގަބޫލު ނުކުރެވިވަނީ. ރަކީދޫގައި ކޮންމެ ގޮތެއްވިޔަސް ބައިސްކޯފު ގެއެއްވެސް ނެތް. އަދި ބާރަށް ވޭވް ސައިކަލްވެސް ދުއްވައެއް ނުލެވޭނެ. އަދި ރަކީދޫގައި ނެތް ކިތަންމެ ކަމެއް އެބަހުރި. ކޮފީއެއްވެސް ނެތް ބޮވޭކަށް. ލަވާޒާއެއްވެސް ނެތް. ބައިސްކޯފް ގެއެއްވެސް ނެތް. ރަކީދޫގައި ކުރެވެން ނެތް ކިތަންމެ ކަމެއް އެބަވޭ މާލޭގައި. އެކަންކަން ބޭނުންވާނެ. އެކަންކަން ކުރެވެން ޖެހޭނެ. ދެން ވޭވް ސައިކަލް މިތާނގައި ބާރަށް ނުދުއްވުނަސްވެސް، އަޅުގަނޑުމެންނަށް އެހެން ކަންތައްތައް މިތަނުން ފުއްދޭނެ، އިރާދަކުރެއްވިއްޔާ، މި 5 އަހަރު ދުވަހުގެ ތެރޭގައި. އަޅުގަނޑަށް މިއަދު މާ ޔަޤީން، މިދިޔަ މި 6 މަސް ދުވަހުގެ ކުރިޔަށްވުރެން މިއަދު އަޅުގަނޑަށް މާ ޔަޤީން، އަޅުގަނޑުމެންނަށް މިކަން ކުރެވޭނެކަން.

މިދަންނަވާހެން ޝައުޤުވެރިކަން ހާމަކުރާ ފަރާތްތައް އެހާގިނަ. އަޅުގަނޑުމެން މިބުނާ އުޞޫލުގައި އެކަން ކުރުމަށް. އަޅުގަނޑުމެން މިބުނަނީ، ޕްރައިވެޓް ޕަބްލިކް ޕާޓްނަރޝިޕް އޭ. މީގެކުރީގައި އެކަމުގައި ވީގޮތަކީ، ޕަބްލިކް، ސަރުކާރު، އެއީ ތިމަންނާއޭ ވިދާޅުވި ބޭފުޅުން. އެހެންވީމާ، ތިމަންނާގެ ގެ 10 ބުރިއަށް އެރީމާ ރަނގަޅުވާނެ. ހަމަ، އެ ޕްރައިވެޓް ސެކްޓަރަށް ނުވަތަ ވިޔަފާރިވެރިޔާއަށް އޮންނަ އެތި ވިޔަފާރިވެރިޔާއަށް. ރައްޔިތުންނަށް އޮތް އެތި ތިމަންނާ ގެއަށް. އެ އުޞޫލު އަޅުގަނޑުމެން މިދޫކޮށްލީ. އަޅުގަނޑުމެން މިބުނަނީ، އަޅުގަނޑުގެ ގެ 10 ބުރިއަށް ނުނެންގެވިއަކަސް ހެވޭ. އަދި އަޅުގަނޑުމެން، ސަރުކާރުގައި އުޅޭ އެކެއްގެ ގެއެއްވެސް ނަގާނެ ކަމެއް ނެތް ބުރިބުރިއަކަށް. މި ރައްޔިތުންގެ ޚިދްމަތުގައި އަޅުގަނޑުމެން މިއުޅެނީ. ކޮންމެހެން މާމޮޅު ބަޔަކަށް ވެގެންނެއް އަޅުގަނޑުމެންގެ ވަޒީރުންނެއްވެސް އުޅޭނެ ކަމެއް ނެތް. އުޅުއްވާނެ ކަމެއް ނެތް. އަދި މާ ތަނަވަސް ބަޔަކަށް ވެގެނެއްވެސް އުޅުއްވާނެ ކަމެއް ނެތް. އާދައިގެ، ސީދާ ތިޔަބޭފުޅުންނާއެކީގައި ނޫޅެވެންޏާ ދުރުވަންވީ.

އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ރާއްޖެއަށް ތަރައްޤީއެއް ހޯދަން. އަޅުގަނޑުމެންނަށް އެނގެނީ، އަޅުގަނޑު އެކަނި ތަނަވަސްވެގެން، އަޅުގަނޑަކަށް ލިބޭ އުފަލެއް ނެތޭ. ޖެހިގެން ދޮރާށިދޮށަށް ނުނުކުމެވޭ. 6 ސިޓީ ހިފައިގެން އަންނާނެ. ހަމަ ބޭހަށް، ދަރިންގެ ކަންތައްތަކަށް، ނުހުރެވޭނެ މިހާރު މާލޭ ދޮރާށި ދޮށުގައި އެއްވެސް މީހަކަށް. ފައިސާވެރި އެއްވެސް މީހަކަށް ނުހުރެވޭނެ. އަޅުގަނޑުމެންގެ ރާއްޖޭގެ ފަޤީރުންނާއި ނިކަމެތިންގެ ތަފާތު އެހާ ބޮޑުވެއްޖެ. ވަރަށްބޮޑުތަން ބޮޑުވެއްޖެ. މާބޮޑަށް މީހުން އަޅައިގަންނަ ހިސާބަށް އެކަން ހިނގައްޖެ. އަޅުގަނޑުމެން އެބަޖެހޭ މިބަދަލު ގެންނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، މާދަމާ، އަޅުގަނޑުމެންނަށް މިފެންނަ މުސްތަޤްބަލް ޙަޤީޤަތަކަށް ވެގެންދިޔުން. މާދަމާ، އެއީ ރަކީދުއަށް މިއަދަށްވުރެ އަދި މާ ފާގަތި ދުވަހަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ، އާޚިރަތުގައާއި އަދު ދުނިޔޭގައި އަޅުގަނޑުމެންނަށް ހެޔޮގޮތްވުން. އަޅުގަނޑުމެންގެ ނަޒަރުގައި ގަދައަޅާ މަސައްކަތް ކޮށްފި އަޅަކަށް ކާމިޔާބުވާނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. ހަމަ މަދުވެގެން ދުވާލަކު 14 ގަޑިއިރު ނުހުއްޓި އަޅުގަނޑު މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަންކަންވާނެ.

والحمد للّـه، ވަރަށް ބޮޑަށް ޝުކުރިއްޔާ!
_______________________