بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިފަހުން ފ. އަތޮޅަށް އަޅުގަނޑުމެންނަށް ކުރެވޭ ފުރަތަމަދަތުރު މިއީ. އެހެންނަމަވެސް، އަޅުގަނޑަށް ޔަޤީން ހަމަ ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަކީ މިއަތޮޅަށް އާބައެއްނޫން. ހަމަގައިމުވެސް، އަޅުގަނޑަކަށް މިރަށަކީ އާރަށެއްނޫން. އަޅުގަނޑަށް މިތާ އެތެރެއިން ފެންނަ ހުރިހާ މޫނަކީވެސް، ހަމަ އަޅުގަނޑު ވަރަށް ދެނެފަރިތަ މޫނުތަކެއް. މާފުކުރައްވާ، އަޅުގަނޑުމެންނަށް މިއަށްވުރެ އަވަހަށް މިރަށަށް ނާދެވުނީތީ. އެހެންނަމަވެސް، އަޅުގަނޑުމެން މިދަތުރުތައް ރާވަމުން މިއަންނަނީ، އަޅުގަނޑުމެންނަށް އެކަން ކުރަމުން ގެންދަން ފެންނަ ތަރުތީބެއްގެ ތެރޭގައި.

ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން ބޭނުންވަނީ، ރަށްރަށަށް އަޅުގަނޑުމެން އަންނައިރުގައި އަޅުގަނޑުމެންނަށް އެބަވިސްނެންޖެހޭ ނުވަތަ އެބައެނގެންޖެހޭ، ހުޅުވާލެވިފައި އޮންނާންޖެހޭ، އަޅުގަނޑުމެން މި ސަރުކާރުގެ ސިޔާސަތު ހިންގަމުންދާއިރުގައި މިއަތޮޅަށްވާނީ ކިހިނެއްހޭ؟ މިރަށަށްވާނީ ކިހިނެއްހޭ؟ ކޮންމެ ރަށެއްވެސް، ކޮންމެ ރައްޔިތެއްވެސް އެބަ ބޭނުންވޭ، ސަރުކާރުގެ ސިޔާސަތު ހިންގަމުން ދިޔައީމާ، ކިހިނެއްތޯ ތިމަންނާއަށްވާނީ؟ މީގައި ތިމަންނާއަށް ކިހިނެއްތޯވާނީ، ތިމަންނާގެ ޢާއިލާއަށް ކިހިނެއްތޯވާނީ، ތިމަންނާގެ ރަށަށް، ތިމަންނާގެ އަތޮޅަށް، ތިމަންނާގެ ރާއްޖެއަށް ކިހިނެއްތޯވާނީ! އަޅުގަނޑުމެންނަށް ވީ މިންވަރަކުން އަޅުގަނޑުމެންގެ ތަޞައްވުރު، އަޅުގަނޑުމެންގެ މަންޒަރު ތިޔަބޭފުޅުންނަށް އަޅުގަނޑުމެން އެބަހުށަހަޅަން. އަދި އެމަންޒަރުތައް ޙަޤީޤަތަކަށް ހެދުމަށް، އަޅުގަނޑުމެން ތަރުތީބު ކޮށްފައިހުރި ކަންކަން އަޅުގަނޑުމެން ތިޔަބޭފުޅުން ގާތުގައި އެބަ ހާމަކުރަން.

މިއަދު އެހެންނަމަވެސް މިތަނުގައި އަޅުގަނޑުމެން މިތިބީ، މަގޫދުއަށް މި ސަރުކާރުން ކޮށްދޭ ކަންކަމުގެ ވާހަކަތައް މަގޫދޫ ރައްޔިތުންގެ ކައިރީގައި ދެއްކުމުގެ ބޭނުމަކު ނޫން. އެއަށްވުރެ މާ މުހިންމު ކަމެއްގައި އަޅުގަނޑުމެން އެއްވެ މިތިބީ. ޒަމާނުއްސުރެ ފަށައިގެން މިރާއްޖޭގެ ވެރިކަން، މަރުކަޒުވެފައި، ޖަމާވެފައި މިއޮންނަނީ މާލޭގައި. ރާއްޖޭގެ ވެރިކަން އޮންނަނީ މާލޭގައިތިބޭ ބަޔަކު އެއިރެއްގައި ބޭނުންވާގޮތަކަށް ރާއްޖޭގެ ރަށްތަކުގެ މައްޗަށް ހޮވާލެވިފައި. ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ އިޙްސާސްތައް ދެނެގަނެގެން، ރައްޔިތުންގެ ވެރިކަމެއްކުރާ އުޞޫލުން ކުރާކަމެއްގެ ގޮތުގައެއްނޫން.

ޚާއްޞަކޮށް، މިދިޔަ 4 އަހަރު ދުވަހުގެތެރޭގައި އަޅުގަނޑުމެން ރައްޔިތުންގެ ތެރޭގައި ވަރަށްވެސް ވަރުގަދަ ރޫޙެއް، ޖޯޝެއް އުފެދިގެންދިޔަ. ރައްޔިތުން ބޭނުންވަނީ، ރައްޔިތުން ވަކާލާތުކުރަމުންއައީ، ހުށަހަޅަމުންއައީ، އަޑުއުފުލަމުންއައީ، ރައްޔިތުން ބޭނުމީ ސީދާ ރައްޔިތުންގެވެރިކަމެކޭ. އެގޮތަށް މަސައްކަތް ކުރުމަށްޓަކައި، އޭރުގައިއޮތް ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ފަށައިގަނެވުނު. އެމަސައްކަތުގެ ތެރޭގައި ހަމަގައިމުވެސް އަޅުގަނޑު ދަންނަވާނީ، އެމަސައްކަތް ފަށައިގެންއިރުގައި އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔަކު ކުޑަކޮށްވެސް ދެކެފައިނުވާ އެތައްކަމެއް އެ މަސައްކަތުގެ ތެރެއިން ޙަޤީޤަތަކަށްވެގެން ދިޔައްޔޭ. އަޅުގަނޑުމެންގެ ރާއްޖޭގެ ވެރިކަން، އަދި ވެރިކަން ކުރާގޮތާ، އެވެރިކަމުގައި ތިއްބެވި ބޭފުޅުން، އަޅުގަނޑުމެން އެކަކުވެސް ނުދެކޭހާ ގޮތަށް، އަދި ޚިޔާލުކޮށްފައިވެސް ނެތްހާ ބޮޑަށް ބަދަލުވެގެން ހިނގައްޖެ. އަޅުގަނޑުމެން މިހާރު މިބޭނުންވަނީ މިބަދަލު ރަނގަޅަށް ބަނދަރުކުރަން. ހައްޔަރުކުރަން. މިބަދަލު މިއީ، އޭގެ މައިގަނޑު އަސާސްތައް ގެއްލިގެންނުދާނެފަދަ ބަދަލަކަށް އަޅުގަނޑުމެން ހެދުން. އަޅުގަނޑުމެން ބޭނުންވަނީ މައިކެއް. އަޅުގަނޑުމެން އަބަދުވެސް އަޑުއުފުލަމުންއައީ އަޅުގަނޑުމެން ބޭނުމީ ސީދާ ރައްޔިތުންގެ ވެރިކަމެކޭ. އަޅުގަނޑުމެން ބޭނުމީ، އަޅުގަނޑުމެންގެ ޖީބަށް މިއަދު ވަންނަނީ ކިހާވަރެއްތޯ އެނގޭށޭ. ސިޔާސަތު ބިނާކުރަން މިބޭނުންވަނީ، މިއަދު މިލިބޭ އަދަދަށްވުރެ ބޮޑުއަދަދެއް މާދަމާލިބޭނޭ ސިޔާސަތެއް ހޯދައި، އެސިޔާސަތު އެކުލަވާލަން.

ރައްޔިތުންގެ ތަނަވަސްކަމާއި ތަރައްޤީއަށް ރާއްޖޭގައި އެޅިފައިހުރި މައިގަނޑު ހުރަސްތަކެއް އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު. އޭގެތެރޭގައި ޒަމާނުއްސުރެ ފަށައިގެން އެންމެބޮޑަށް ފާހަގަވަމުންއައީ މިދެންނެވި މައްސަލަ. މާލޭގައި ވެރިކަމުގެ އެންމެހާ ބާރުތައް ހައްޔަރުވެފައި ހުރިހުރުން. ހުއްޓިފައި ހުރިހުރުން. މާލޭގައި އަޅުގަނޑުމެން ތިބެގެން، ރަށްރަށުގެ މައްޗަށް ވެރިކަންކުރާއިރު އެރަށްރަށުގައި ކަންހިނގާގޮތް، އެރަށްރަށުގެ ރައްޔިތުން ކަންކަމާގުޅޭގޮތުން ދެކެން ބޭނުންވާ ޙަޤީޤަތްތައް އަޅުގަނޑުމެންނަށް މިއޮންނަނީ އަޞްލަކަށް ހަދާނުދެވިފައި. ކޮންމެފަހަރަކު ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރު ބޭފުޅަކު އެބައެއްގެ ރަށަށް ވަޑައިގެންނެވީމާ، ރައްޔިތުން އެވެނިކަމެކޭ، މިރަށުގައި މަދީ މިވެނިކަމެކޭ ބުނީމާ، އެ ވަޑައިގަންނަވާ ވަޒީރު ބޭފުޅަކު އާދޭހޭ، މާދަމާ އެކަމޭ، ނުވަތަ އަޅުގަނޑުމެން މިބަލަނީއޭ، ތިޔަކަން ވަރަށްއަވަހަށް ކޮށްދެވޭނެޔޭ، މިއަންނައަހަރުގެ ބަޖެޓުގައި ތިޔަމައްސަލަ ހިމެނޭނެއޭ، މިބާވަތުގެ ހުއްޖަތްތަކެއް، ވާހަކަތަކެއް ދެކެވެމުންއައީ. ކަންކަން ނިންމުމުގައި ސީދާ ރައްޔިތުންގެ ބާރު، ރައްޔިތުންގެ ބައިވެރިވުން ހިމެނިފައެއްނެތް.

ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުމަކީ، ލާމަރުކަޒީ އުޞޫލުން ކަންކަން ކުރުމަކީ، ސީދާ ރައްޔިތުންނާގާތުން ރައްޔިތުންގެކަންކަން ކުރިއަށްގެންދިޔުން. ރައްޔިތުން ބައިވެރިކޮށްގެން ރައްޔިތުންގެ ނިންމުންތައް ނިންމަމުން ކުރިއަށް ދިޔުން. ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ތެރޭގައި، އެ އަސާސީގެ 8 ވަނަ ބާބުގައި ވަރަށްސާފުބަހުން ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިއޮތީ، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ހިންގާނެގޮތް، އެކަން ކުރިއަށް ގެންދާނެ ސިފަ. އޭގެ އުޞޫލުތައް އޭގެ މައިގަނޑު. ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި އެބަ ބޭނުންވޭ އިތުރު ޤާނޫނެއް. ޤާނޫނުއަސާސީގައި އެވާހަކަ ވަރަށް ޞަރީޙަ ޢިބާރާތުން އެބައޮތް.

ހަމައެހެންމެ، ޤާނޫނުއަސާސީގައި ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައި އެބައޮތް. އެ އަސާސްގައި ކަނޑައެޅިފައިއޮތް ޙައްޤެއް ނުލިބުމުގައި ޤާނޫނެއްނެތުން އެއީކީއެއް ޢުޒުރެއްނޫނޭ. ޤާނޫނުއަސާސީގައި ކަނޑައެޅިގެން ރައްޔިތުންނަށް ލިބިދޭން މަޖުބޫރުކުރާ ޙައްޤެއް ލިބިނުދީ، ޤާނޫނެއްނެތުން އެއީ، ސަރުކާރަށް ޙުއްޖަތެއްގެ ގޮތުގައި ދައްކައިގެން ތިބެވެންނެތްކަން، މަޑުނުކުރެވޭނެކަން، ޤާނޫނުއަސާސީ އަނެއްކާވެސް ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާންކުރޭ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިއިރު އަޅުގަނޑުމެންގެ ކުރިމަތީގައި އެހެންވީމާ އޮތީ މިދެންނެވި ސުވާލު. ޤާނޫނެއް ހެދެންދެން އަޅުގަނޑުމެން މީގައި މަޑުކޮށްގެން ތިބުންތޯ ލާޒިމީ ނުވަތަ ޤާނޫނުއަސާސީ އެބުނާ ޙައްޤުތައް ރައްޔިތުންނަށް މިހާރުން މިހާރަށް އަޅުގަނޑުމެން ފޯރުކޮށްދިނުންތޯ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެފައިއޮތް ކަމަކީ. ޤާނޫނުއަސާސީ ވަރަށްސާފު. ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤެއް ލިބިނުދީ، ހުރަހެއްގެ ގޮތުގައި ޤާނޫނެއްނެތުން އެއީ، ޙުއްޖަތެއްގެ ގޮތުގައި އަޅުގަނޑުމެންނަށްބުނެ، މަޑުކުރެވޭކަށެއްނެތް.

އެހެންވީމާ، ސަރުކާރުން ނިންމީ، އެންމެފުރަތަމަ ދުވަހުން ފެށިގެންވެސް މިހާރުން މިހާރަށް ލާމަރުކަޒީ އުޞޫލުން ކުރެވެންހުރި ކަންކަން ކުރުމުގައި އަވަސްވެގަތުމަށް. އޭގެތެރޭގައި، ޚާއްޞަކޮށް ޒަމާނުއްސުރެ ފަށައިގެން، އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ގޮތުގައި ހިންގަމުން އައި ވުޒާރާ، އެވުޒާރާގެ މަސައްކަތް އަޅުގަނޑުމެންނަށް އޮތް، ހަމަ ފުރަތަމަ ދުވަހުވެސް ލާމަރުކަޒީ އުޞޫލުން ހިންގެން.

ލާމަރުކަޒީ އުޞޫލުން އަޅުގަނޑުމެން ހިންގަން ބަލާއިރުގައި، ރާއްޖޭގައި އަތޮޅުތައް އެކިއިރުގައި އަތޮޅޭ ބުނާބަހުގެމާނަ ނަގާފައިހުރީ، ބޭނުންކޮށްފައިހުރީ އެކިގޮތަށް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިހާރު މިތިބީ އެއްއިރެއްގައި ދާދި މިދާކަށްދުވަހު، މީދޫ އެއީ މިއަތޮޅާ މިރަށާއެކީގައިއޮތް އަތޮޅުގައި އުފެދިފައި އޮތްރަށެއް. ދެން މަގޫދޫއަކީ، މީދޫއަކީ މިއަތޮޅުން ހިންގަމުން ދިޔަ ރަށެއް. ނުވަތަ މި ފ.އަތޮޅުގެ ނިލަންދެއަތޮޅުގެ ދެބުރި، މިހާރު މިއޮތްގޮތަށް ބަހާލެވުނީވެސް ދާދިފަހުން. ކޮންމެއަކަސް، އަޅުގަނޑުމެންނަށް ފާހަގަވާ އެއްޗަކީ، އަތޮޅަކީ މާ ކުޑަ މުއައްސަސާއެކޭ. މާ ކުޑަ ޔުނިޓެކޭ. ވަކި އިދާރީ ހިންގުމެއް، ލާމަރުކަޒީ އުޞޫލުން ސީދާ އޭގެ ފުރިހަމަ މާނައިގައި ހިންގާ އިދާރީ ހިންގުމަށް، ކަންކަންފަހިވުމަށް، ތަރައްޤީއަށް މަގުފަހިކޮށްދިނުމަށް އަތޮޅަކީ މާ ކުޑަ މިންވަރެކޭ.

އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ، އެބަޖެހޭ، މިކަމުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި، އަތޮޅުތައް އެކުވާ އެހެން މުއައްސަސާއެއް، އަތޮޅުތައް އެކުވާ އެހެން އިސްމެއް އަދި އުފެދެން. އަޅުގަނޑުމެން މިފަހަރު އެއަށް މިކީ ޕްރޮވިންސް، ސަރަޙައްދު. މިބެލީ އިދާރީ ހިންގުމުގައި ކުނިނޭޅޭ އަދަދަށް ރައްޔިތުން ޖަމާކުރެވޭ އެއް ސަރަޙައްދެއް ނުވަތަ އެކިއެކި ސަރަޙައްދުތަކެއް އެކުލަވާލުން. އެކަންކުރުމުގައި ސަރުކާރުން ގެންގުޅުނު އުޞޫލަކީ، 7 ޕްރޮވިންސަކަށް ރާއްޖެ ބަހާލުން.

މިއަދު އަޅުގަނޑުމެން މި މަސައްކަތް މި ހިންގާ ފ، މ، ދ، މިތިންއަތޮޅު ހިމެނޭ މި ސަރަޙައްދު، މެދު ސަރަޙައްދު، މިޕްރޮވިންސްގެ ހުރިހާ ރަށްތަކެއް އެކިއެކި ގިންތީގެ އެކިއެކި ދާއިރާގެ ބޭފުޅުން މިތާ މި ތިއްބެވީ. އޭގެތެރޭގައި އަޅުގަނޑު އެންމެއުފާވާ އެއްކަމަކީ، ވަކިޕާޓީއަކަށް ނިސްބަތްވެ، ނުވެ، ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވެ، ނުވުން އެއީ މިކަމުގައި ބައިވެރިވުމާއި ނުވުމާދެމެދު އޮތް ހުރަހެއްނޫން. ނުވަތަ ވަކި ބޭފުޅަކަށް، ވަކި ޢާއިލާއަކަށް ހަމްދަރުދީވުން، އިޙްތިރާމްކުރުން، ޤަދަރުކުރުން، ލޯބިވުން، މިއީވެސް އަޅުގަނޑުމެންގެ މިބައްދަލުވުމުގައި ބައިވެރިވުމާއި ނުވުމާދެމެދު ހުރި ޙުއްޖަތެއްނޫނޭ، ހުރަހެއްނޫނޭ. އަދި ނޫންނަމަ މިދިޔަ ދުވަސްތަކުގައި އޭރުގެ ސަރުކާރުގެ އެކިއެކި ބޭފުޅުންނާ ގުޅޭގޮތުން އެކި ބާވަތްބާވަތުގެ ވާހަކަދެކެވިފައިވިނަމަވެސް އަދި ކުޑައިމީސްކޮށްހަދައި، ޤަދަރު ގެއްލޭގޮތައް ކަންކަން ކުރެވިފައިވީނަމަވެސް، އެއީވެސް އަޅުގަނޑުމެންނަށް އެއްވުމަށް، އެއްތަނެއްގައި އިށީނދެލުމަށްއޮތް ހުރަހެއްނޫނޭ. ސަޕޯޓުކޮށްއުޅެފައި، އަޅުގަނޑުމެން ބަޔަކާ ވާހަކަނުދައްކާނެ އެއްވެސް ސަބަބެއް އިރާދަކުރެއްވިއްޔާ ނޯންނާނެ. މި ސަރުކާރު ބޭނުންވަނީ ވާހަކަދައްކައިގެން، މަޝްވަރާކޮށްގެން ކަންކަން ނިންމަން. އަޅުގަނޑުމެންނެއް ބޭނުމެއްނޫން، ހަމައެކަނި އަޅުގަނޑުމެންނާ ރުހޭމީހުންނާ އެކަނި ވާހަކަދައްކާލައިގެން ކަންކަން ނިންމާކަށް.

މި މަޝްވަރާ ބައްދަލުވުންތައް މުހިންމުވަނީ، މިދެންނެވި ސަބަބަށްޓަކައި ކަމަށްވެފައި، އަޅުގަނޑުމެން ބޭނުން، ހުރިހާބޭފުޅުންވެސް މިތަނުގައި އެއްވެ ތިއްބަވައި ކަންކަމާގުޅޭގޮތުން ޚިޔާލު ފާޅުކުރައްވަން. ހަމަ އޭގެ އެންމެ އުންމީދުގައި އެންމެ ޖޯޝާއެކީގައި. ހިތުގެ އަޑީން ގަބޫލު ކުރައްވާ މިއަދުގެ ސަރުކާރަށް ފާޑު ކިޔައިގެން، އަދި އެ ސަރުކާރާގުޅޭގޮތުން ހިތްނުރުހިގެން ތިޔައިން އެއްވެސް ބޭފުޅަކަށް ޒައްރެއްގެ މިންވަރަށްވެސް އުނިކަމެއް ނާންނާނެ. ވަޒީފާއަކަށްވެސް ހުއްޓުމެއް ނާންނާނެ. ކުރިއެރުމަކަށްވެސް ހުރަހެއް ނޯންނާނެ. އަޅުގަނޑުމެން ބޭނުންވަނީ، ކޮންމެބޭފުޅެއްގެވެސް ޚިޔާލު. ކޮންމެބޭފުޅެއްގެވެސް ފިކުރު.

އިންތިޚާބުތަކަށް އަޅުގަނޑުމެން ކުރިމަތިލާނެ. އިންތިޚާބުތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނެ. އަޅުގަނޑުމެން މީގެ ކުރީގައިވެސް އިންތިޚާބުތައް ކާމިޔާބުކުރީ ސަރުކާރުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެންނެއްނޫން. ވެރިކަމުގެ އާރާއި ބާރުގެ ބިރު ރައްޔިތުންގެ މައްޗަށް ފަތުރައިގެނެއްވެސްނޫން. ފައިސާގެ ހުތުރު ރިޝްވަތު ރައްޔިތުންނަށް ބަހައިގެނެއްވެސް ނޫން. މިއަދު އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވެ ތިބޭއިރު، މިބާވަތުގެ ކަމެއް ކުރާންވީ އެއްވެސް ސަބަބެއް ޢަމުދުންވެސްނެތް. އަދި މި ސަރުކާރު ޢަމްދުން އެބާވަތުގެ އެއްވެސްކަމެއް އިރާދަކުރެއްވިއްޔަކާއެއް ނުކުރާނެ. އަޅުގަނޑުމެން ހޯދާ ތާއީދެއް، އަޅުގަނޑުމެން ހޯދާނީ، އަޅުގަނޑުމެންނަށް ރައްޔިތުންނަށް ކޮށްދެވޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް.

ލާމަރުކަޒީ އުޞޫލުގެ އެންމެބޮޑު ބޭނުމަކީ، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ކަންކަން ހިންގޭނޭ ނިޒާމެއް، އިންތިޒާމެއް ހަމަޖެއްސުން. އަޅުގަނޑުމެންގެ އަމާޒަކީ، މާލޭގައި އެހުރި ފާށަނާ ބިލްޑިންގ ބަންދުކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރީގައި ދެކިގެންހުރީ، މި މާޗްމަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެ ޢިމާރާތް ބަންދުކުރެވޭނެކަމަށް. ޙަޤީޤަތުގައި މިހާރު ޝަފީޤުވެސް، ޙުސައިން އާދަމްވެސް، މުޖްތަބާވެސް ހުރިހާ ބޭފުޅުންވެސް އެވިދާޅުވަނީ، އަޅުގަނޑު ބޭނުމިއްޔާ މާދަމާވެސް އެތަން ބަންދުކުރެވިދާނެއޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މިހާރު މިވަނީ ހުރިހާ ޕްރޮވިންސެއްގެވެސް އޮފީސްތައް ޤާއިމު ކުރެވިފައި. ޤާނޫނީ މުއައްސަސާތަކުގެގޮތުގައި އެތަންތަން ކަނޑައެޅިފައި. އެހެންވީމާ، އަޅުގަނޑުމެންނަށް އެއޮފީސްތައް ބަންދުކުރެވިދާނެ. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ، ކުރިޔަށްއޮތް ތިންހަތަރު ހަފްތާއެއްގެ ތެރޭގައި އަޅުގަނޑުމެން އެ ފާށަނާ ބިލްޑިންގ ބަންދުކުރާނަން.

ސަރުކާރުގެ ބައެއް މުވައްޒަފުން އެބަވިދާޅުވޭ، މިކަމާގުޅިގެން އަޅުގަނޑުމެން އެއުޅެނީ ސަރުކާރުން އެތައް ބައިވަރު މުވައްޒަފުންނެއް ވަކިކުރާށޭ. އަޅުގަނޑުމެންނެއް ނޫޅެން ސަރުކާރު މުވައްޒަފުންނެއް ވަކިކުރާކަށް. އަޅުގަނޑުމެން މިއުޅެނީ މާލޭގައިހުރި ހުރިހާ ވަޒީފާތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ބެހޭނޭގޮތެއް ހޯދަން. އަޅުގަނޑުމެން މާލެއިން ޑިރެކްޓަރެއްގެ ވަޒީފާ އުވާލައިފިނަމަ، ހަމަ ޑިރެކްޓަރެއްގެ ވަޒީފާ އަތޮޅަކުން އުފައްދާނެ. މާލޭގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ ވަޒީފާ އުވާލައިފިނަމަ، ޕްރޮވިންސެއްގައި އެސިސްޓެންޓް ޑިރެކްޓަރެއްގެ ވަޒީފާ އުފައްދާނެ. ސެކްރެޓެރީއަކަށްވިއްޔާ ސެކްރެޓެރީއެއް، ކާތިބަކަށްވިއްޔާ ކާތިބެއް، ޕިޔޯނަކަށްވިއްޔާ ޕިޔޯނެއް. މާލެއިން އުނިވާ ކޮންމެވަޒީފާއެއް އަޅުގަނޑުމެން ބޭނުންވަނީ މި އަތޮޅުތަކުގައި ގާއިމުކުރަން.

ދެން ޝަކުވާއަކީ، އަޅުގަނޑުގެ ވަޒީފާ އަޅުގަނޑު އަދާކުރަން ބޭނުންވަނީ މިވެނިތަނެއްގައޭ. ނޫން އެހެން ހަދައިދެވޭކަށް އަޅުގަނޑުމެންނަކަށް ނެތް. ރާއްޖޭގެ ރައްޔިތުންގެ ފައިސާ މިއީ. މިފައިސާއަށް ޚިޔާނާތްތެރިވެވޭކަށެއް އަޅުގަނޑުމެންނަކަށެއްނެތް. އަޅުގަނޑުމެންގެ ހިތުގެއަޑިން އަބަދުވެސް ގަބޫލުކުރަންޖެހޭނެ، މި ދައުލަތަށް ލިބޭ ކޮންމެ ފައިސާފޮއްޗަކީ ދިވެހި ރައްޔިތުންގެ ފައިސާއޭ. އަޅުގަނޑުމެންނަކަށެއްނެތް އެއަށް އަރައިގަނެވޭކަށް. އަޅުގަނޑުމެންނަކަށެއްނެތް އެއަށް ޚިޔާނާތްތެރިވެވޭކަށް. އެކަމަކު އަޅުގަނޑުމެންނަކަށެއްނެތް، ސަރުކާރު މުވައްޒަފުން ބޭނުންވެލައްވާކަހަލަ ތަނެއްގައި، ބޭނުންވެލައްވާހާ ހިނދެއްވަންދެން، ބޭނުންވެލައްވާގޮތަކަށް ވަޒީފާތައް ތަރުތީބުކޮށްފައި ބެހެއްޓޭކަށް. ވަޒީފާގެ ބޭނުމަކީ ރައްޔިތުންނަށް ޚިދްމަތްދިނުން. އެއްވެސް ޙާލެއްގައި، ވަޒީފާގެ ބޭނުމަކީ ވަޒީފާއެއްނޫން. އެވަޒީފާގެ ބޭނުމަކީ، ވަޒީފާއެއް އުފެދެނީ، ވަޒީފާގެ އަޞްލަކީ ރައްޔިތުންނަށް ޚިދްމަތެއްކުރުން މަޖުބޫރުވުން. ޤާނޫނީ ދައުލަތް އެގޮތަށް ހިންގަންޖެހޭނެ. އެހެންވީމާ، އެވަޒީފާއެއް އޮންނާނީ އެރައްޔިތަކު ޚިދްމަތް ބޭނުންވާ ތަނަކުން.

އަޅުގަނޑާ ވަރަށްގިނަފަހަރު، އަޅުގަނޑުމެން، ޚާއްޞަކޮށް އަޅުގަނޑު އުފަން ނިސްބަތްވާ ޕާޓީގެ މެންބަރުން އަޅުގަނޑުކައިރީގައި ބުނޭ، މިވެނި ކަތީބެއްގެ ކަންތަކާހުރެ ސަރުކާރުގެ ސިޔާސަތު ހިންގޭކަށް ނެތޭ. މިވެނިއެވެނި މުޢާވިނެއްގެ ކަންތަކާހުރެ ސަރުކާރުގެކަންކަން ހިންގޭކަށް ނެތޭ، އެކަންވާކަށްނެތޭ. މިވެނިއެވެނި ކަންތަކާހުރެ މިކަން ވާކަށްނެތޭ. އަޅުގަނޑުދަންނަވާ ވާހަކައަކީ، ހަމަ އެހުރިހާ މުޢާވިނުންނާއި، ކަތީބުންނާއި، މުދިމުންނާއި، މުރީދުންނާ އެ ހުރިހާބޭފުޅުން ތިއްބާ ނޫންތޯއޭ، އަޅުގަނޑުމެން މި މަގާމަށްއައީވެސް. މިއަދު އަޅުގަނޑުމެންގެ އަތުގައި ބާރުއޮތިއްޔޭ ކިޔާފައި އެބޭފުޅުންނަށް ދެރަގޮތެއް ހަދަން އަޅުގަނޑުމެން އުޅުން އެއީ، އަޅުގަނޑުމެން އެއަށްވުރެ ވަކި ދަށްބައެއްގެ ގޮތުގައި އެކުލެވޭނެ ކަމެއް. އެއްގޮތަކަށްވެސް ދަނޑިވަޅެއް ނެތުނީމާ ނޫނިއްޔަކާއެއް ސަރުކާރުން އެފަދަކަމެއްނުކުރާނެ. އިރާދަކުރެއްވިއްޔާ ހުރިހާބޭފުޅުންގެ ވަޒީފާވެސް އަޅުގަނޑުމެން ސަލާމަތްކޮށްދޭނަން. އިރާދަކުރެއްވިއްޔާ އެބޭފުޅުންނަށް އެބޭފުޅުންގެ ވަޒީފާ މީގެކުރީގައިވެސް ހަމައަދާކުރައްވަމުން އެގެންދެވިގޮތަށް، އެގެންދެވި އުޞޫލުން އަދާކުރައްވަމުން ގެންދެވޭނެ.

އަޅުގަނޑު މިހެން ދަންނަވާއިރު ހުރިހާބޭފުޅުންވެސް ހަނދުމަފުޅުކޮށް ބަހައްޓަވަންޖެހޭނެ، މިސަރުކާރުން އެބައޮތް ތާވަލެއް، މިސަރުކާރުގައި އެބައޮތް މަންޒަރެއް، ވިސްނުމެއް، އަޅުގަނޑުމެން ބޭނުން ކަންކަންކުރަން. އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ރައްޔިތުން ދޭންވީ އަޣްލަބިއްޔަތެއް ދެއްވަންވީ. ރައްޔިތުންގެ ރުހުން އަޅުގަނޑުމެންނަށް ދެއްވަންވީ. އެހެންވީމާ، އެކަންތައް އަޅުގަނޑުމެން ކުރާނަން. އެކަންކަމަށް ހުރަސްވެސް އަޅުއްވައިގެން ނުވާނެ. އެހެން އަޅުއްވާކަމަށްވަނީވިއްޔާ އަޅުގަނޑުމެންނަށްވެސް ސަރުކާރަށްވެސް އެކަމާ ކުރެވޭނެ ކަންތައް ހުންނާނެ. އަޅުގަނޑުމެންނެއް ޤާނޫނީ ހަމައަކުންނެއް ކައްސައެއްނުލާނެ. އެހެންނަމަވެސް، ޤާނޫނީ އިމުގެ ތެރޭގައި އަޅުގަނޑުމެންނަށް އެޅެންހުރި ފިޔަވަޅެއް، ސަރުކާރުގެ ސިޔާސަތަށް، ރައްޔިތުންގެ އެދުމަށް ސަރުކާރުގެ އެއްވެސް މުވައްޒަފަކު ހުރަސްއަޅަނީނަމަ އަޅުގަނޑުމެން އެކަންބަލާނެ. އަޅުގަނޑުމެން ރައްޔިތުންގެ އެދުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނެ.

މިރަށުގައި އަޅުގަނޑުމެން އެބަ އުންމީދުކުރަން، މިސަރަޙައްދަށް އަދި މިރާއްޖެއަށް އަދި މިދުނިޔެއަށް ވަރަށް މުހިންމު މަސައްކަތެއްކުރަން. އެއީ ދުނިޔެ ދެމިއޮތުން ނުވަތަ މިހާރު އަޅުގަނޑުމެން މިދުނިޔެދެކޭގޮތަށް ދުނިޔެ ސަލާމަތުން އޮތުމުގެ އެންމެބޮޑު އެއްސިއްރެއްކަމަށް މިހާރު ސައިންސްވެރިން ބުނަމުން ގެންދަނީ، ހުރަހަކީ އަޅުގަނޑުމެން މި ދިވެހިރާއްޖެއޭ. އެހެންވީމާ، މިރާއްޖެއަށްވާގޮތެއް، ރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ، ތިމާވެށީގެ ސައިންޓިސްޓުން މިހާރުނުދެކޭ ދެން ދުނިޔެމަތި ސަލާމަތްކުރެވިދާނެކަމަކަށް. ދުނިޔޭގެ ރައްކާތެރިކަން ވަކި ހޯދިދާނެ ކަމަކަށް. އަޅުގަނޑުމެން ބަލަމުންއައީ، ފަރުފަރާ، ފަޅުފަޅާ، ގޮނޑުދޮށާ، ރަށްރަށާ، ރުއްގަހާ އެއީ، ޤުދްރަތީ ނިޢްމަތް ރޭވިފައިއޮތް ފިޠުރަތުގެގޮތްކަމަށް. އަޅުގަނޑުމެން އެކަން ނިންމީ ޚިޔާލުތަކަކަށްނޫން. ތަޤްރީރުތަކުން ފުންކޮށް ދެނެގަންނަން ޖެހޭނެ. އެކަންކުރުމަށްޓަކައި މި ދެންނެވި ޔުނިވަރސިޓީއާ ސަރުކާރުން ވާހަކަދެއްކީ. ދެން އިރާދަކުރައްވައިގެން އެބޭފުޅުން އެބަ ވަޑައިގަންނަވާ ރާއްޖެ. އެބޭފުޅުންނަށް އަޅުގަނޑުމެން މިހާރު ކަނޑައަޅާފައިވާ އެއްމަރުކަޒަކީ މި މަގޫދޫ. މަގޫދޫގައި ހިމެނޭ މި ޢިމާރާތުގައި އެ މަސައްކަތް ފަށައިގަތުމަށް، އަޅުގަނޑުމެން އެބޭފުޅުންނަށް ހުށަހަޅާފައިވާނެ. އެހެންވީމާ، އެބޭފުޅުން އެކަންތައް ބައްލަވާނެ. އިރާދަކުރެއްވިއްޔާ މިމަހުގެފަހުކޮޅުގައި އަޅުގަނޑަށް އެނގިފައިއޮތްގޮތުގައި ވެއްޖިއްޔާ އެބޭފުޅުން މިރަށަށް ވަޑައިގަންނަވާނެ. ވަޑައިގެން ތަންތަން ބައްލަވާނެ. ބައްލަވާފައި އެ ތަންފީޒުތައް ފަށައިގަނެވޭނެ.

އެ މަދަރުސާ ވެގެންދާނީ ހަމައެކަނި ތަމްރީނުކުރާ ތަނަކަށެއްނޫން، ދަރިވަރުންނަށް އުނގަންނައިދޭ ތަނަކަށްވެސް އެމަދަރުސާ ވެގެންދާނެ. އެހެންވީމާ، އޭގެތެރޭގައި 11، 12އާ އަދި މިހާރު މިރަށުން ނުލިބޭ އެތައް ތަޢްލީމެއް ލިބިގެންދާނެ. އަދި ސަރަޙައްދަށް ލިބޭ އެތައް ކުރިއެރުމެއް މިކަމުން ލިބެމުންދާނެ.

އެނގިވަޑައިގަންނަވާނެ، މި ސަރަޙައްދުގެ ވެރިކަންކުރާރަށް، އަޅުގަނޑުމެން އެރަށެއްގެގޮތުގައި ކަނޑައަޅާފައި މިވަނީ ކުޑަހުވަދޫ. ކުޑަހުވަދޫގައި އަޅުގަނޑުމެން މިރޭގެ ޖަލްސާ އޮންނާނެ. އަޅުގަނޑު އުންމީދުކުރަނީ، އަޅުގަނޑުމެން މިހާރު މި އާ ޢަޒުމަކާއެކީގައި ފަށައިގަނެވޭ މި ލާމަރުކަޒީ އުޞޫލުގެ ހިންގުން އިރާދަކުރެއްވިއްޔާ މިހާރަށްވުރެ އަދި މާ ބާރަށް ތިޔަބޭފުޅުންގެ ބައިވެރިވެވަޑައިގަތުމާއި، އެއްބާރުލެއްވުމާއި، ރުހުމާއެކީގައި ހިނގައިގަންނާނެކަމަށް.

އަޅުގަނޑަށްވެސް އެނގޭ، މެންދުރު އަޅުގަނޑުމެން މި ކޭވަރަށް ކައިފައި ދެން މިތަނުގައި ޖެއްސީމާ ހަމަ ނިދިޖެހޭގޮތްވާނެ. އަޅުގަނޑަށްވެސް ކުޑަކޮށް އިސްޖެހޭގޮތްވެ، ކޮން އިރަކުންބާއޭ އަޅުގަނޑަށް ކޮޅަށް ތެދުވާނެ ފުރްޞަތެއް ލިބޭގޮތްވާނީ ހިތާ އިންދާ، ޙަޤީޤަތުގައި ދެން ތަންކޮޅެއް ކުރީބައިގައި އަޅުގަނޑަށް އާދެވިފައި މިހުރީ. އަޅުގަނޑަށް ފެނޭ އެހެންބޭފުޅުންވެސް ހަމަ ކުޑަކުޑަކޮށް އެގޮތްވާތަން. އެހެންވީމާ، އަޅުގަނޑު އިތުރުކުރާކަށް ވަގުތު ކޮންމެހެނެއް ދިގުކުރާކަށް ނެތިން. އަޅުގަނޑުމެންނަކީ މައިކެއް ލިބުނީމާ އެއިން ދުރަށް ނުޖެހެވޭ ބައެއް. އަޅުގަނޑުމެންނަކީ ސިޔާސީ ޖަނަވާރުން ގޮތުގައި ބައެއްބޭފުޅުން ދެކެމުން އަންނަބައެއް. އެހެންވީމާ، އަޅުގަނޑުމެންނަށް މައިކެއް ހަމަ ލިބޭއިރަށް ހައްތާވެސް ވާހަކަ އިތުރުކުރެވޭގޮތްވާނީ. އެކަމަކު އެހެން އެވަނީ، ތިޔަބޭފުޅުން އަޑުއައްސަވަންޏާ. ހުރިހާބޭފުޅުން އަވަހާރަފުޅުލެއްޕެވީމާ ދެން އަޅުގަނޑުވެސް އެހާބޮޑު ޝައުޤުވެރިކަމެއް ނޯންނާނެ މާގިނަ ވާހަކަތަކެއް ދައްކަން. ތިޔަބޭފުޅުން އަޅުގަނޑުމެންގެ ވާހަކަތައް އަޑުއައްސަވަމުން ތިޔަގެންދަވަނީ. މިގައި އިތުރުވާހަކައެއް އޮތިއްޔަކީ ނޫން. ހަމަ އަނެއްކާވެސް އަނެއްދުވަހު އަޅުގަނޑުމެން އެހެން ދާއިރެއްގައި އަދި މާ ބާރަށް އެ ވާހަކަދައްކަމުން އަންނަނީ.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށްއަރުވަނީ، ހަމަގައިމުވެސް އެންމެދުވަހެއްވެސް އަޅުގަނޑެއް ދުއްވައެއް ނުލާނަމޭ، އެދުވަހުގެ އެ 18 ގަޑިއިރު ތިޔަބޭފުޅުންގެ ޚިދުމަތުގައި މަސައްކަތްނުކޮށް. އަދި މި ސަރުކާރު މި ދެމިއޮންނަނީ އެންމެ ބޭނުމަކަށް. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް. ވަރަށްބޮޑަށް ޝުކުރިއްޔާ!

الحمد للّـه، السّـلام عليـكم.