بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ތިޔަބޭފުޅުންނަށް ވަރަށް ސާފު، ތިޔަބޭފުޅުންގެ އިޙްސާސްތައް. އަޅުގަނޑުވެސް ހިތުގެ އަޑިން ގަބޫލުކުރާ އެތައް ވާހަކައެއް ތިޔަބޭފުޅުން ވިދާޅުވަމުން ތިޔަގެންދަވަނީ. އަޅުގަނޑަށް ފެންނަނީ. އަޅުގަނޑުމެން އެކީގައި ވާހަކަދައްކައި މިއަޑު އަހާލައި، މިރަށަށް ކުރެވެންހުރި ކަންކަން އަޅުގަނޑުމެން ކުޑަކޮށް އޮޅުންފިލުވާލަން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިތާ އަދި މިވީ 4 މަސް ދުވަސް. މި 4 މަސް ދުވަހުގެ ތެރޭގައި މިރަށާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ހިންގެން ހުރި މަސައްކަތްތަކަކީ ކޮބައިތޯ ދެނެގަނެވި، އެކަންކަން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ތިޔަބޭފުޅުންނާއެކީގައި މިކަން ކުރުމަށް އަޅުގަނޑުމެން މިއައީ. އެހެންވީމާ، ތިޔަބޭފުޅުން އަޅުގަނޑުމެންނާއެކީގައި މިކަން ކުރައްވަން، މިރަށުގެ ތަރައްޤީގެ މަސައްކަތްތައް ކުރައްވަން ތިއްބަވާކަމަށްވަނީވިއްޔާ އަޅުގަނޑުމެން މިތިބީ ހަމަގައިމުވެސް ތިޔަބޭފުޅުންނާ އެކީގައި މިރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދަން. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ހަމަ ޔަޤީން، ކަށަވަރު. އަޅުގަނޑު މިކަމުގައި ކުޑަކޮށްވެސް ޝައްކެއް ނުހިންގަން. އަޅުގަނޑުމެންނަށްވުރެ ބޮޑަށް ތިޔަބޭފުޅުންނަށް މިރަށަށް ހެޑްމާސްޓަރެއް ބޭނުންވާކަމަށް އަޅުގަނޑެއް ނުދެކެން. އަޅުގަނޑު މާބޮޑަށް ބޭނުންވޭ، މިރަށުގައި ރަނގަޅު ހެޑްމާސްޓަރެއް ބަހައްޓާފައި، މިރަށުގެ މަދަރުސާ ރަނގަޅަށް ކުރިއަށް ގެންދަން. އަޅުގަނޑުމެން މިތިބީ އެކަން ހިންގުމަށްޓަކައި. އަޅުގަނޑުމެން މިއަދު މިރަށަށް މިއައީ، މިކަންކަން ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން ރާވާފައިވާ ރޭވުން، އަޅުގަނޑުމެން އިންތިޒާމު ކޮށްފައިވާ އިންތިޒާމުތަކާ ގުޅޭގޮތުން، ތިޔަބޭފުޅުންނާ ވާހަކަ ދައްކާލަން.

އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ. މިދިޔަ 30 އަހަރުދުވަހު ރައްޔިތުންނަށް، ތިޔަބޭފުޅުންނަށް ސަރުކާރުން ހައްތަހާވެސް ހަދާފައިހުރީ ދޮގު. އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ، އަޅުގަނޑަށް ހަމަ ވަރަށް ރަނގަޅަށް ވިސްނޭ. އެހެންވީމާ، އަޅުގަނޑުމެން މިތަނުގައި ބުނާ ވާހަކައެއްގެ ސަބަބުން، ތިޔަބޭފުޅުންނަށް ކަންކަން ދެނެވަޑައިގަންނަވަން އުނދަގޫވާނެ.

އަޅުގަނޑުމެންނަށް ފީއަލީ ރައްޔިތުންނާއެކީގައި ކަމެއް ކުރެވޭނީ ތިޔަބޭފުޅުން މަޑުޖައްސަވާ، އަޅުގަނޑުމެންނާއެކީގައި މިވާހަކަ ދައްކަވަން ތައްޔާރަށް ތިއްބެވިއްޔާ. އަޅުގަނޑުމެންގެ ދޮގުތައް ހަދަން އަޅުގަނޑުމެން މިނަގަނީ 4 މަސް ދުވަސް. އަޅުގަނޑުމެން، ތިޔަބޭފުޅުންނާއެކީގައި މިވާހަކަތައް ދައްކައިގެން ނޫނިއްޔަކާއެއް، އަޅުގަނޑަށް ޔަޤީން ތިޔަބޭފުޅުންނަކަށް މިކަންކަން ވާކަށްނެތް. ދެން އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީގައި އެދެން، ފީއަލީ ގިނަ ރައްޔިތުންނަށް ވާން އޮތް ރަނގަޅެއް، އަޑުގަދަ ދެތިންބޭފުޅަކާހުރެ ގެއްލި ގޮސްގެނެއްނުވާނެ. އެހެން މިކަން ވިޔަނުދެއްވާ.

ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑަކީ މިރަށްރަށް ނުދަންނަ މީހެއްނޫން. އަޅުގަނޑަކީ މިރަށްރަށަށް ނާންނަ މީހެއްނޫން. އަޅުގަނޑަށް ތިޔައިން ކޮންމެ ބޭފުޅެއްގެ މޫނުވެސް ހަމަ ވަރަށް ސާފުކޮށް އެނގޭ. އެހެންވީމާ، ދެތިން ބޭފުޅެއްގެ އަމިއްލަ ބޭނުންފުޅުތަކަށް މިތަނުގައި އަޑުގަދަ ކުރެއްވީމާ، ދެން މިރަށަށް ލިބެން ހުރި ހުރިހާ ރަނގަޅެއް، މިރަށަށް ލިބެން ހުރި ހުރިހާ އެއްޗެއް ގެއްލި ދިޔުމަކީ، އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންވެސް، މިރަށުގެ ގިނަ ރައްޔިތުންވެސް ދެކެވަޑައިގަންނަވާނެގޮތެއްނޫން. އަދި މުޅި ރާއްޖޭގެ ރައްޔިތުންވެސް، ސަރުކާރުވެސް އެދޭނެ ގޮތެއްނޫން. އަޅުގަނޑުމެން މިރަށަށް މިއައީ، ތިޔަބޭފުޅުންނާއެކީގައި ވާހަކަދައްކައިގެން މިކަން ޙައްލުކުރެވޭނެ ގޮތެއް ހޯދަން. އެހެންނަމަވެސް، ތިޔަބޭފުޅުން މިހާ ރުޅިގަދަވެފައި ތިއްބަވަނިކޮށް އަޅުގަނޑުމެންނަކަށެއް ނެތް، ތިޔަބޭފުޅުންނާ މިވާހަކަދައްކައިގެނެއް މިކަން ގޮތަކަށް ޙައްލުކުރެވޭކަށް. އެއްގޮތަކަށްވެސް ތިޔަހެން ނުބުނުއްވާ. އެއްވެސް މީހަކު ބާލަންވެސް، ދުރުކުރަންވެސް، ހަޅޭއްލަވަންވެސް ނުހައްދަވާ. މިތާ ހަމަޖެހިލައިގެން، ވާހަކަދައްކައިގެން، މަޑުކޮށްގެން ތިބެގެން އަޅުގަނޑުމެންނަށް މިކަންވާނެ.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން ދެތިންކަމެއް އެބައޮތް. އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ، މިތަނުގެ މަދަރުސާއަށް ޓީޗަރުން ބޭނުންވާކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ އެކަން ކޮށްދެވޭނެގޮތެއް ހޯދައިގެން މިތަނަށް އައިސް. އެކަމާ ތިޔަބޭފުޅުން ވާހަކަ ދެއްކެވީމާ، އަޅުގަނޑުމެންނަށް މަދަރުސާގެ ހެޑްމާސްޓަރެއް ހޯދައިދެވޭނެ. މިތަނުގެ މަދަރުސާއަށް ރަނގަޅު ހެޑްމާސްޓަރެއްގެ އިތުރުން، އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުން ބޭނުންފުޅުވަނީ ރަނގަޅު އިނގިރޭސި ޓީޗަރެއްކަން. އަދި އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންނަށް ބޭނުންފުޅުވާނެކަން ރަނގަޅު ހިސާބު ޓީޗަރުންވެސް. މިރަށުގައި 10އާ ހަމައަށް ރަނގަޅަށް ކިޔަވައިދީ، މިރަށަކީ ރަނގަޅު ދަރިވަރުން ނުކުންނަ ރަށަކަށް ހެދޭނެ.

އަޅުގަނޑަކަށެއް ނުފެނޭ ހަމްޒާވެސް ބާލާކަށް. އަޅުގަނޑަކަށެއް ނުފެނޭ ތިޔައިން އެއްވެސް ކަމެއް ކުރާކަށް. މަޑުކޮށްލައްވާ އަޅުގަނޑުމެންނާ ވާހަކަ ދައްކަވާލައްވަން. ތިޔަބޭފުޅުންނަށް މީގެކުރިއަކުން ސަރުކާރަކާއެއް ވާހަކައެއް ނުދެއްކެވޭ. އަދި ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތްގޮތަށް ސަރުކާރުން ކަންތައްތައް ކޮށްދެވިފައިނުވަނީ، މިދެންނެވި ސަބަބުތަކަށްޓަކައި. އަޅުގަނޑު ހަމަ ވަރަށްބޮޑަށް ތިޔަބޭފުޅުންގެ ކިބައިން އެދެން އަޅުގަނޑުމެންނާއެކީގައި މިކަމާ ވާހަކަދައްކަވައިގެން ގޮތެއް ހޯއްދަވަން. ޙަޤީޤަތުގައި މިހާރު ހިނގަމުންމިދަނީ ވަރަށް ހިތާމަވެރި ގޮތެއް. އެންމެބޮޑު ހިތާމައަކީ، ރަށުގެ ވަރށްގިނަ އަދަދެއްގެ ރައްޔިތުން އެއްފަރާތެއްގައި އެބަތިއްބެވި. އެބޭފުޅުން އެބަ ބޭނުންފުޅުވޭ، ސަރުކާރާ ވާހަކަދައްކަވައިގެން ސަރުކާރުން ކޮށްދެވެން ހުރި ކަންތައްތައް އޮޅުންފިލުއްވައިގެން، ހޯއްދަވައިގެން ކަންކަން ކުރިއަށް ގެންދަވަން. އަޅުގަނޑުމެން އެބަ ބޭނުންވޭ މިރަށަށް ކަންތައްތައް ކޮށްދޭން.

އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި ދެތިން ވާހަކައެއް ދައްކަން މިއުޅެނީ. އެއްކަމަކީ ބަނދަރު. ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ކިތަންމެ ރުޅިއައިސްގެން ހަޅޭއްލެވިޔަސްވެސް، އަޅުގަނޑުމެން ހަމަ މާލެ ދިޔައީމާ، ދެން އަޅުގަނޑުމެންނަކަށް އެ އަޑެއް ނީވޭނެ. ހަޅޭއްލަވަންޏަކާ މިވާހަކައެއް ނުދެކެވޭނެ. އަޑުއަހަންތިބިބަޔަކާއެކީގައި އަޅުގަނޑުމެން މިކަން ކުރަންޖެހޭނީ. އެކަމު މިއަށްވުރެ ރަނގަޅު ގޮތަކީ، ބުއްދިވެރި ގޮތަކީ، އަޅުގަނޑަކަށް ނުފެނޭ ޕާޓީ ސިޔާސަތު މީގެތެރެއަށް ވައްދައިގެން ތިޔަބޭފުޅުންގެ ރަށުގެ ތަރައްޤީއާގުޅޭ ކަންކަމުން މުޅިރަށް މަޙްރޫމް ކުރާކަށް. އެއީ، އަޅުގަނޑު ހިތުން ވަރަށް ދެރަ ކަމަކަށްވާނީ. އެކަން އެހެންވެގެން ނުވާނެ.

އަޅުގަނޑުމެން ބޭނުން މިރަށުގެ ބަނދަރު ބޮޑުކޮށްދޭން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިހާރު މިތިބީ އެ ބަނދަރު ބޮޑުކުރުމުގެ ފައިސާ ބަޖެޓަށް ހޯދޭނެގޮތް ހޯދައިގެން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި، މިރަށުގައި ހެދުމަށް ނިންމާފައިއޮތީ 200 ފޫޓް 300 ފޫޓްގެ އެކްސެސް ޕްރޮގްރާމްގެ ބަނދަރެއް. އެނގިވަޑައިގަންނަވާނެ، "ބަނދަރު ގޮފި" ކިޔާފައި އެންމެ ފުރަތަމަ އެމް.ޑީ.ޕީ. ގޮތްޕެއް މިރަށުގައި އުފެދުނީވެސް މިބަނދަރު ބޮޑު ކުރުމުގެ ނިޔަތުގައި. އޭގެ ބޭނުމުގައި. ޙަޤީޤަތުގައި އެ ސަރުކާރު އުފެދިފައި މިއޮތީ، ފީއަލީ ބަނދަރު ގޮފީގެ މަޤްޞަދު ހާސިލުކުރުމަށްޓަކައި. އެނޫން އެއްވެސް ކަމެއް ކުރާކަށްނޫން. އެހެންވީމާ، އަޅުގަނޑު މިއަދު ފީއަލީ ރައްޔިތުންނަށް، ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މިރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް މިއޮތް ދެމަސް ދުވަހުގެ ތެރޭގައި ތިޔަބޭފުޅުން، ތިޔަބޭނުންފުޅުވާ ގޮތަށް ބޮޑު ބަނދަރެއްގެ ގޮތުގައި އަޅުގަނޑުމެން ބަދަލުކޮށްދޭނަމޭ. އެކަމަށްވާ ފައިސާ އަޅުގަނޑު މިއަދު މިތަނަށް މިއައީ ބަޖެޓް ކޮށްގެން.

އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ މިތަނަށް ނަރުދަމާއެއް ލައިދިނުމަށާއި، ބަނދަރު ބޮޑުކޮށްދިނުމަށާއި، މަދަރުސާ ރަނގަޅު ކުރަން. އަޅުގަނޑުމެންނަށް، ސަރުކާރުން މިހާރު ކޮށްދެވެން އޮތް ތިންކަމަކީ މިއީ. މި ތިންކަންތައް ކޮށްދިނުމަށް އަޅުގަނޑުމެން މިއައީ ބަޖެޓް ކޮށްގެން، އަޅުގަނޑުމެން މިއައީ އެކަމަށް ޕްރޮގްރާމް ކޮށްގެން. އެހެންވީމާ، ތިޔަބޭފުޅުން އަޅުގަނޑުމެންނާއެކީގައި އަދި އިތުރު މަޝްވަރާއަށް ވަޑައިގަންނަވަން ބޭނުންވޭ. ހަމަ މުޅި ރަށު ރައްޔިތުންނާއެކީގައި އަޅުގަނޑުމެން ވާހަކަ ދައްކަން ބޭނުންވޭ. ބަނދަރު ބޮޑުކުރަންވީ މިނާއި، ބަނދަރު ބޮޑުކުރަންވީ ގޮތާއި، އަދި ބަނދަރުގެ ކަންތައް ކުރިއަށްގެންދަންވީ ގޮތް، (އަޅުގަނޑުމެން ސާފުކުރަން ބޭނުންވޭ). އަޅުގަނޑުމެންނެއް ބޭނުމެއްނޫން، ސަރުކާރުން އެކަނި ގޮތެއް ނިންމާފައި އެގޮތަށް ބާރަށް ކުރިއަށްގެންދާކަށް.

ދެން އަޅުގަނޑުމެންނަށް މިއަހަރުގެ ތެރޭގައި ކޮށްދެވެން އޮތްކަމަކީ، ރަނގަޅު ދެތިން ޓީޗަރުން، ތިން ޓީޗަރުން ފީއަލީ މަދަރުސާއަށް ފޮނުވައިދިނުން. އަޅުގަނޑު މިއަދު މިތަނަށް މިއައީ އެކަމާވެސް ޑޮކްޓަރ ލުޠުފީއާ ވާހަކަދައްކައިގެން. އަޅުގަނޑުމެންނަށް އެކަން ހަމަޖއްސައިދެވެން އޮތީތީވެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންވެސް ތިޔަބޭފުޅުންނަށް ހަމަޖައްސައިދޭނަން.

ނަރުދަމާގެ ވާހަކަ، ކަނދުފައްޗޭ ތިޔަހެން ވިދާޅުވީމާ އިނގޭތޯ. ތިޔަބޭފުޅުންނަށް އަޅުގަނޑު މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ކަނދުފައްޗާ އެއްޗެހި ނެތިގެން މިއުޅެނީ ކީއްވެގެންކަން އަޅުގަނޑުމެން އެނެމެންނަށްވެސް ވަރަށްސާފުކޮށް އެނގޭނެ. މިދިޔަ 30 އަހަރުދުވަސް މި ރާއްޖޭގައި މި ދިޔައީ އަޅުގަނޑުމެންނެއް ނޫން. މިތަނުގައި ވެރިކަމުގައި ތިބީކީއެއް ފީއަލީ ރައްޔިތުންނަށް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ.

އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ މި ތިން ކަންތައް. ދެން އަޅުގަނޑު މިތާ ހުރެގެން ތިޔަބޭފުޅުންނާ ކޮންމެހެން ރައްދުދީ ވާހަކަދައްކާކަށެއް ގަސްދެއް ނުކުރަން. އަޅުގަނޑުމެން ބޭނުން އެހެންނަމަވެސް ރަށުގެ ރައްޔިތުންނާއެކީގައި، އަޅުގަނޑުމެންނާ ވާހަކަ ދައްކަން ބޭނުންވާ މީހުންނާ އެކީގައި ވާހަކަދައްކައިގެން މިކަންކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން.

އެހެންވީމާ، އަޅުގަނޑު މިހާރު މިތަނުން މެދުކަނޑާލަނީ، އަޅުގަނޑުމެން ވާހަކަދައްކައިގެން މިރަށުގެ ކަންކަމާ ގުޅޭގޮތުން ސީދާ ކުރިއަށް ގެންދަންވީ ކަންކަން ހޯދަން. އަޅުގަނޑަށްވެސް އެނގޭ ރ.ކ ކޮމިޓީ އެބައޮތްކަން. ރ.ކ ކޮމިޓީއާއެކީގައި އަޅުގަނޑުމެން ވާހަކަދައްކަން ބޭނުންވަނީ. ސަރުކާރުން ރ.ކ ކޮމިޓިއާ ވާހަކަދައްކައިގެން މިރަށުގެ ކަންކަން ޙައްލުކުރުމާ ގުޅޭގޮތުން އަޅުގަނޑުމެން ކަންކަން ކުރިއަށްގެންދާނެ ޕްރޮގްރާމެއް ތިޔަބޭފުޅުންނާއެކީގައި އަޅުގަނޑު ރާވަން ބޭނުން.

އަޅުގަނޑު ފީއަލީ ހުރިހާ ބޭފުޅުންނަށްވެސް ޔަޤީންކޮށް އަރުވަން ބޭނުންވަނީ ދެކަމެއް. އެއްކަމަކީ މި ރާއްޖެއަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ، ރައްޔިތުންގެ ފައިސާކަން އަޅުގަނޑުމެން ހިތުގެ އަޑިން ޤަބޫލު ކުރަން ޖެހޭނެއޭ. އަޅުގަނޑުމެން އެ ފައިސާއަށް ޚިޔާނާތެއް ނުވާނަން. ޚިޔާނާތްތެރިވެގެނެއް ނުވާނެ. އަޅުގަނޑުމެން ދެކެން އެއީ، ތިޔަބޭފުޅުންގެ އަމާނާތެއްކަމަށް. އެ އަމާނާތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހެޔޮގޮތުގައި ބަލަހައްޓައިދޭނަން. އަޅުގަނޑުމެން ބޭނުންވަނީ މިތަރައްޤީގެ މަޝްރޫޢުތައް ތިޔަބޭފުޅުންނަށް ހިނގާއިރުގައިވެސް އަޅުގަނޑުމެން އެފައިސާއަށް އިޙްތިރާމް ކުރަމުން އެފައިސާގެ ހެޔޮ ބޭނުންކުރަމުން ކަންކަން ކުރުން.

ހަމައެއާއެކީގައި އަޅުގަނޑުމެން އެބަ ބޭނުންވޭ. އަޅުގަނޑުމެންނަށް ފާހަގވެފައިއޮތީ މިރަށުގެ ޖެޓީ، ފާލަން މަރާމާތު ކުރުމުގެ މަސައްކަތް އެހެންވީމާ، ފާލަން މަރާމާތު ކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މިހާރު ހިނގައިގަންނާނެ. އެކަމަށް ބޭނުންވާ ބަޖެޓްވެސް އަޅުގަނޑުމެން އަތުގައި އެބަހުރި. ސަރުކާރުގައި އެބަހުރި. އެހެންވީމާ، އެކަންކަންވެސް އިރާދަކުރެއްވިއްޔާ ކުރިއަށްގެންދެވޭނެ.

އެހެންވީމާ، އަޅުގަނޑު ދެން މާގިނަ ވާހަކައެއް ދައްކާކަށެއް ނެތިން. މިތަން ފުދޭވަރަށް ހޫނުވެސްމެ. އަޅުގަނޑަށް ރަށުތެރޭގައި ހިނގާލާފައި އަޅުގަނޑުމެން ތިޔަބޭފުޅުންނާ ވާހަކަދައްކާލާފައި އަޅުގަނޑުމެން އަނެއްކާ ދާނީ. އެހެންނަމަވެސް، ހަނދުމަފުޅުކޮށް ބަހައްޓަވާތި އަޅުގަނޑުމެން މިއައީ މިކަންކަން ފީއަށްޔަށް ކޮށްދިނުމަށް. މިރަށުގެ ގިނަ ރައްޔިތުން އެދެނީ، އަޅުގަނޑުމެންނަށް އެނގޭ މި ސަރުކާރާ ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަންކަން. އެހެންވީމާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަންކަން ރަނގަޅަށް ކުރިއަށް ގެންދާނަން.

الحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ.