بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިފަހުން މިއީ، ތިޔަބޭފުޅުންނާ ބައްދަލުވާ ފުރަތަމަ ފަހަރު. ތިޔަބޭފުޅުންގެ ހީވާގި މަސައްކަތަށް ތިޔަބޭފުޅުންގެ ޤާބިލުކަމަށް އަޅުގަނޑު އެންމެ ފުރަތަމައިނުންވެސް ނިހާޔަތަށް ޝުކުރުވެރިވާން ބޭނުންވޭ. މިރަށު ރައްޔިތުން ދިވެހިރާއްޖޭގައި ހެޔޮވެރިކަމެއް ޤާއިމުކުރުމަށް ކުރި މަސައްކަތަކީ، އަޅުގަނޑު ހިތުން އެއްވެސް ދިވެއްސަކަށް އޮޅިފައިވާނޭ ކަމެއްނޫން. އެހެންވީމާ، ތިޔަބޭފުޅުންނަށް މަރްޙަބާއާއި މުބާރަކްބާދީ އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އަރިސްކުރަން.

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ މަޤްޞަދަކީ، މި ސަރުކާރު ދެމިއޮތުމުގެ ހަމައެކަނި ސަބަބަކީ، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރުން. އަދި ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމުގައި އަޅުގަނޑުމެން ދެމިތިބުން. އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރަންޖެހޭނެ އަދި އަޅުގަނޑުގެ ހިތުން އެންމެ ހިނދުކޮޅަކަށްވެސް ކެހިގެނެއް ނުދާނެ، އަޅުގަނޑުމެން މިރާއްޖެއަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީވެސް ތިޔަބޭފުޅުންގެ ފައިސާކަން. އެފައިސާއަށް އަޅުގަނޑުމެން ޚިޔާނާތްތެރިވެގެން ނުވާނެ. އަޅުގަނޑުމެންނާ ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އަމާނާތެއްކަން އަޅުގަނޑުމެން ރަނގަޅަށް ދެނެގަންނަން ޖެހޭނެ. އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ އެއްވެސް މުވައްޒަފަކު، މި ސަރުކާރުގެ އެއްވެސް ވެރިޔަކު، މިދެންނެވި އަސްލު، މިދެންނެވި ޙަޤީޤަތް ހަނދާންނެތިގެނެއް ނުދާނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން ތިޔަބޭފުޅުންގެ މަސައްކަތުގައި އަޅުގަނޑު ހަމަގައިމުވެސް މަދުވެގެން ކޮންމެ ދުވަހަކު 12 ގަޑިއިރު 13 ގަޑިއިރު މަސައްކަތް ކުރާނަން. އަދި އަޅުގަނޑަށް އެނގޭ އަޅުގަނޑުމެންނާއެކީގައި މަސައްކަތްކުރައްވާ ގިނަބޭފުޅުން ހަމަހީވާގިކަމާއެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާކަން.

އަޅުގަނޑުމެން މިރަށަށް މިއައީ އަލަކަށެއްނޫން. އަޅުގަނޑުމެން އިންތިޚާބުގައިވެސް އަދި އިންތިޚާބަށް އަޅުގަނޑުމެން ނުކުތްއިރުވެސް، އަޅުގަނޑުމެންވާނެ އަޅުގަނޑުމެންގެ ސަރުކާރަކުން މިރަށަށް ކޮށްދޭނެ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކާފައި. އޭގެތެރޭގައި އަޅުގަނޑު ވަރަށް ރަނގަޅަށް ހަމަ ހަނދާން އެބަހުރި މިރަށުގެ ނަރުދަމާގެ ވާހަކަ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވި ފުރަތަމަ ދުވަހުއްސުރެ ފެށިގެން މަސައްކަތް ކުރަމުން މިއައީ، މިރަށުގެ ރައްޔިތުންނަށް ނަރުދަމާގެ ކަންތައް ފޯރުކޮށްދެވޭނެ ގޮތެއް ހޯދަމުން. އަޅުގަނޑަށް މިއަދު ތިޔަބޭފުޅުންނަށް އުފަލާއެކު ދަންނަވަން ކެރޭ، ދެންނެވެން އެބައޮތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ތިޔަބޭފުޅުންގެ ނަރުދަމާގެ ޢަމަލީ މަސައްކަތް މިރަށުގައި ފެށިގެންދާނެ.

އަޅުގަނޑުމެންނަށް އޭރުވެސް އަދި މިހާރުވެސް މިރަށު ބަނދަރު ފެނޭ އަދި ތިޔަބޭފުޅުން އެބަނދަރުގެ ބޭރު ތޮށްޓަށް އިތުރުކުރައްވަން ބޭނުންވާ މިންވަރު އަޅުގަނޑުމެންނަށް އޮތީ ސާފުވެފައި. ކުރީގައިވެސް ވަރަށްބޮޑު ޚަރަދެއް ކޮށްގެން މިހާރު އެހުރި މިންވަރަށް ބަނދަރު ހެދިފައި އެހުރީ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން ކުރާ ކަމެއްވެއްޖިއްޔާ ރަނގަޅަށް ކުރަން. ރައްޔިތުންގެ ރުހުމާއި ރައްޔިތުންގެ އެދުމާއި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރެވޭނޭ ގޮތެއް ހޯދަން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި، މިބަނދަރުގެ ބާކީއޮތްބައި، މަރާމާތާއެކީގައި ކޮށް ނިންމާދޭނަން. އަދި އެކަން އަޅުގަނޑުމެން ނިންމާއިރުގައި ނިންމާނީ އެންމެޒަމާނީކޮށް އެންމެ ވަރުގަދަކޮށް ދެމިހުންނާނެ ގޮތަކަށް.

ދުވަސްތަކެއްވެއްޖެ މިރަށުގެ އޮފީސް، ރައްޔިތުންގެ ޢިމާރާތެއްގައި ހިންގަމުން އަންނަތާ. މިގޮތަށް ހިންގުމަކީ، ޙަޤީޤަތުގައި ސަރުކާރަށްވެސް ފައިދާހުރި ގޮތެއްނޫން. އަދި އަޅުގަނޑަށް ލަފާކުރެވިފައި އަޅުގަނޑަށް މަޢްލޫމާތު ލިބިފައިހުރި ގޮތުގައި ތިޔަބޭފުޅުންވެސް އެދިވަޑައިގަންނަވާގޮތެއްނޫން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިރަށުގެ ރަށުއޮފީސް، ކުރީގެ މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަޅުއްވާފައި ބިންގާގެ މައްޗަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބިނާކޮށް މިރަށުގައި އެ އޮފީސް ހަދައިދޭނަން. އަޅުގަނޑު ހަނދާން އެބަހުރި އަޅުގަނޑަކަށް ނޭނގެ (ތިޔަބޭފުޅުން ހަނދުމަފުޅު ހުރިކަމެއް). 1997 ވަނަ އަހަރު ޙަމީދު ބިންގާ އެޅުއްވިއިރު އެހަނދާން އަޅުގަނޑު އެބަހުރި. އިރާދަކުރެއްވިއްޔާ މިފަހަރު އަޅުގަނޑުމެންގެ އެބިންގާގެ މައްޗަށް ބިނާކޮށް މިރަށުގައި އެ އޮފީސް އެ ޢިމާރާތް މިއަހަރު ދުވަހުގެ ތެރޭގައި އެޅުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭނެ. ދާދިއަވަހަށް އޭގެ ކުރެހުންތަކާ އެއްޗެހިތައް ނިންމުމަށް އަޅުގަނޑު ބާރުއަޅާދޭނަން.

އަޅުގަނޑުމެން ބޭނުން ތިޔަބޭފުޅުންނާއެކީގައި ތިޔަބޭފުޅުންނާ މަޝްވަރާކޮށްގެން ތިޔަބޭފުޅުންގެ ރަށަށާއި ތިޔަބޭފުޅުންގެ ޢާއިލާތަކަށް ފައިދާހުރި ކަންކަން، ބާރު މަގުގައި އަވަސް ގޮތުގައި ކުރެވޭނެ ގޮތްތައް ހޯދަން. އަޅުގަނޑުމެން އަބަދުވެސް ބުނަމުންއައި އިތުރު ދެވާހަކައެއް އެބަވޭ. ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލަދޭނަމޭ އަޅުގަނޑުމެން. އިރާދަކުރައްވައިގެން އަޅުގަނޑަށް ދެންނެވެން އެބައޮތް، އެކަމަށްޓަކައި ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ސަރުކާރުން ކުރި ޢިއުލާނުގައި މިއަދާ ހަމައަށް މުޅި ޖުމްލަ 7 ފަރާތަކުން އެކަން ކުރުމަށް އެބައޮތް ޝައުޤުވެރިކަން ހާމަކޮށްފައި. އޭގެތެރެއިން ކޮންމެ ފަރާތެއްވެސް ހަމަ އެދެނީ މުޅި ރާއްޖޭގައިވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގައި އެމީހުން ޙަރަކާތްތެރިވުމަށް، އެމީހުން އެވިޔަފާރީގައި ބައިވެރިވުމަށް. ސަރުކާރަށް އެބައޮތް ވިޔަފާރީގެ އުޞޫލުން މިކަން ހިންގޭނެގޮތް. ސަރުކާރަށް އެބައޮތް އަތްފޯރާފަށުގައި އެކަށީގެންވާ އަގެއްގައި އެއްތަނުން އަނެއްތަނަށް ފަސޭހަ ގޮތެއްގައި މިރަށު ރައްޔިތުންނަށް ގޮސް އައިސް އުޅެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެވެން. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެން ހަމަ ކަނޑައަޅާފައި މިހުރި ގަޑިތަކުގައި ނުވަތަ މުއްދަތުތަކުގައި އަޅުގަނޑުމެންނަށް އެމަސައްކަތްތައް ނިންމޭނެ. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމު ކުރުމަކީ ކުރުމުއްދަތުގައި އަޅުގަނޑުމެން ޤާއިމުކުރަން ނިންމާފައި އޮތް ކަމެއް. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ނުވަތަ އަޅުގަނޑުމެން އިންތިޚާބަށް ނުކުތްއިރުގައި ތިޔަބޭފުޅުންނަށް ކުރުމުއްދަތުގައި އަޅުގަނޑުމެން ކުރަން ނިންމާފައިހުރި ކަންކަމާ އަދި ދިގުމުއްދަތުގަޔާއި މެދުމުއްދަތުގައި ކުރަން ނިންމާފައިހުރި ކަންކަން އަޅުގަނޑުމެން ފާހަގކޮށްފައިވާނެ. އަޅުގަނޑަށް މިހާރު ފެންނަނީ ދަތުރުފަތުރު ކުރުމުގެ ނިޒާމު އަޅުގަނޑުމެން ކުރީގައި އަންދާޒާކުރި މިންވަރަށްވުރެ މާއަވަހަށް އިރާދަކުރެއްވިއްޔާ ޤާއިމުކުރެވިދާނެ ކަމަށް.

އަޅުގަނޑަށް ނަރުދަމާގެ ކަންތައްތައްވެސް އިރާދަކުރެއްވިއްޔާ މިހާރު މިފެންނަނީ ހަމަމިގޮތަށް. އޭގެއިތުރުން، އަޅުގަނޑުމެން ދެންނެވިން މިރަށުގައިވެސް ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން ލިބޭނޭ ގެދޮރު ސަރުކާރުން އަޅައިދެވޭނެކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިރަށުގައި އަޅުގަނޑުމެންނަށް ކަނޑައެޅިފައި އެބައޮތް 50 ގެ އަޅަން. އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި އެ 50 ގޭގެ މަސައްކަތްވެސް މިރަށުގައި ފަށައިގަނެވޭނެ.

އަޅުގަނޑުމެން ކޮންމެ މަސައްކަތެއްވެސް ހިންގަނީ އެމަސައްކަތަށް ތަރުތީބެއް ބިނާކޮށްގެން. އަދި އެމަސައްކަތަކީ ދެފުށް ފެންނަ ގޮތުގައި ކުރެވޭ މަސައްކަތަކަށް ވާންޖެހޭނެ. ކޮންބަޔަކަށްތޯ ކޮންޓްރެކްޓް ދެވެނީ، ކޮންބަޔަކަށްތޯ މަސައްކަތް ހަވާލުކުރެވެނީ، މިކަންކަން އަޅުގަނޑުމެންނަށް ފުރިހަމައަށް ތަރުތީބުވެގެންނޫނިއްޔަކާއެއް އަޅުގަނޑުމެން ސަރުކާރަކުން މަސައްކަތްތައް ކުރިއަށްގެންދާކަށެއް ނޭދެން. އަޅުގަނޑަށް ޔަޤީން ތިޔަބޭފުޅުންވެސް ހިތް ރުހޭގޮތަކަށެއް ނުވާނެ އަޅުގަނޑުގެ އެންމެގާތް މީހަކަށް، އަޅުގަނޑުގެ ޅިޔަނަކަށް، އަޅުގަނޑުގެ ގާތްތިމާގެ މީހަކަށް އޮތް އެންމެބޮޑު ކޮންޓްރެކްޓް ދިނީމާ އެމީހާ ބޭނުންހާ ގޮތަކަށް އެކަމަށް ކުރީމާ ދެން ރައްޔިތުންނަށް ގެއްލުންވެގެންދާއިރުގައި އެކަމާގުޅޭގޮތުން ސަރުކާރަށް ކުރެވޭނެކަމެއް ނޯވޭ. އެއީ، އަޅުގަނޑުމެން ތިބެން ބޭނުންވާ ހާލަތެއްނޫން. ސަރުކާރު އެދޭނެގޮތެއްނޫން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ދެފުށް ފެންނަ ސާފު ގޮތުގައި މަޢްލޫމާތު އޮޅުންފިލާ އުޞޫލުން އަޅުގަނޑުމެން އެކަން ކުރާނަން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ދެން ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑުމެން ބޭނުމޭ ތިޔަބޭފުޅުން އިށީނދެވަޑައިގެން ތިއްބަވައިގެން މަޝްވަރާ ކުރައްވައިގެން ތިޔަބޭފުޅުން، ޚާއްޞަކޮށް އަންހެން ބޭފުޅުން، ކަންތައްތަކެއް ފާހަގަކުރައްވަން. ތިޔަބޭފުޅުންގެ ނަޒަރުގައި މިރަށުގެ އިޤްތިޞާދީ ތަރައްޤީއަށް، މަސައްކަތްތެރިކަމަށް އެހީތެރިވެދޭނޭ ދެތިންކަމެއް. އެކަންކަން ތިޔަބޭފުޅުން ފާހަގަކުރެއްވީމާ، ސަރުކާރުން އެކަންކަން ކުރުމަށް، ކޮށްދިނުމަށް މަސައްކަތް ކުރާނެ. އިރާދަކުރެއްވިއްޔާ ސަރުކާރުން އަޅުގަނޑުމެންނަށް އެކަންކަން ކުރެވޭނެ. އަޅުގަނޑު މިހާރު ނުދެކެން މި ސަރުކާރަށް ފައިސާގެ ދަތިކަމުން ކޮންމެހެނެއް ގިނަދުވަސްތަކެއްގައި ތާށިވެތިބެ ކަންކަންނުވެއެއް އަޅުގަނޑުމެން ތިބޭކަށް އިރާދަކުރެއްވިއްޔަކާ ނުޖެހޭނެ. އަޅުގަނޑުމެންނަށް އެބަފެނޭ، ވިސްނުން އެބަހުރި މިކަން ކުރިއަށްގެންދެވޭނެ ގޮތެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް، އަޅުގަނޑުމެންގެ ވަޢުދު އަޅުގަނޑުމެން ފުއްދަމުން ގެންދާނަން.

އަޅުގަނޑުމެން ދެންމެ މިއައީ ފީއަލިން. ބިލެތްދޫއިން އަޅުގަނޑުމެންދާނީ މަގޫދުއަށް. އެހެންވީމާ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް އަނެއްކާވެސް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން ބޭނުން ވަރަށް އުފަލާއެކީގައި އަޅުގަނޑު މިއަދު މިރަށުގައި މިހުރީ. އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެންމެފަހުން މިރަށަށް އައިދުވަސް ތަންކޮޅެއް ވިއްސާރަދުވަހަކާ ދިމާވީ. އެހެންނަމަވެސް، މިއީ އަޅުގަނޑަށް މިރަށަށް މިފަހުން އާދެވޭ ތިންވަނަ ފަހަރު. އިރާދަކުރެއްވިއްޔާ އަދިވެސް މުސްތަޤްބަލްގައި ކުރިއަށްއޮތްތަނުގައިވެސް އަޅުގަނޑަށް ތިޔަބޭފުޅުންނާ ބައްދަލުވާނެ.

الحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ.